بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ކުޑަރިކިލުގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، މުއައްސަސާތަކުގެ ވެރިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ ބައްލަވަމުން ގެންދަވާ އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މި ރަށަށް އަޅުގަނޑުމެންނަށް އާދެވުނު ވަގުތު، އެ ގަދަ ހޫނުގައިވެސް ކުޑަރިކިލު ލޮބުވެތި ހުރިހާ ރައްޔިތުން ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑަށް މީގެ ކުރިން މި ރަށަށް އާދެވުނީ ރިޔާސީ އިންތިޚާބުގެ ތެރޭގައި. އޭރުގައި ތިޔަބޭފުޅުންނަށް ބޭނުންވެފައިވާ އެކި ކަންކަމުގައި ވާނީ ވަޢުދުތަކެއްވެފައި. އާދެ، އެ އިންތިޚާބުގައި މި ރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ކުރެއްވި އިތުބާރަށްޓަކައި، ތިޔަބޭފުޅުންނާ މިގޮތަށް ބައްދަލުވާ ބައްދަލުވުމުގެތެރެއިން، އަޅުގަނޑު އެންމެ ފުރަތަމަވެސް ބޭނުން، އަޅުގަނޑަށް ކުރެއްވި ތާއީދާއި އިތުބާރަށް، ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.
އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ، އަޅުގަނޑަށް ކުރެއްވި އިތުބާރުގެ ނަތީޖާ އިރާދަކުރެއްވިއްޔާ، ދައްކައިދޭނަމޭ. މިހާރު އަޅުގަނޑުމެންނަށް ކަންތައްތައް ތަރުތީބު ކުރެވިފައިވާ ހިސާބުން، މިދިޔަ ދުވަސްތަކުގައި މި ރަށުގެ އަދި މިގޮތަށް ހުރި ގިނަ ރަށްތަކެއްގެ މަސައްކަތްތައް ފެށުމަށްޓަކައި ވާންޖެހޭ ހުރިހާ ކަމެއް، ތައްޔާރީތަކެއް ކުރެވިފައިވަނީ.
އެހެންވީމާ، މި ދަތުރުގައި އަޅުގަނޑު ތިޔަބޭފުޅުންނަށް ދޭން ބޭނުންވާ އެންމެ ބޮޑު ޔަޤީންކަމަކީ، އަޅުގަނޑުމެންނަށް ދިމާވި އެކިއެކި ދަތިތަކުން އަރައިގަނެވި، އެކިއެކި ރަށްރަށުގައި، މި ރަށް ހިމެނޭހެން، ކުރަންޖެހިފައި ހުރި ކަންކަމުގައި، ކުރިއަށްދެވޭނެ މަގު އަޅުގަނޑުމެން މިހާރު ފަހިކޮށްދެވިފައިވާތީ އެ ޔަޤީންކަން. އެހެންވީމާ، މި ރަށުގެ ކަންކަމުގައިވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ވީ ވަޢުދުތައް ފުރިހަމައަށް، ފުރިހަމަކަމާ އެކީގައި، އިރާދަކުރެއްވިއްޔާ އަދާކޮށްދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.
އާދެ، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި، އެންމެ ދަތިވެފައި މިއޮތީ ފެނާއި ނަރުދަމާގެ ދަތިކަމުގެ މައްސަލަ. ހުއްޓިފައިވާ މި މުހިންމު މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އޭރުގައި، އެކި ސަބަބުތަކާހެދި އެކަން ހުއްޓިފައި އޮތްއޮތުން ނިމުމަކަށްގެނެސް، އަޅުގަނޑުމެން ކުރިއަށް ގެންދިޔުމަށްޓަކައި، ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައި މިހާރު މިވަނީ. އެ މަސައްކަތް ފެށުމުގެ މަރުޙަލާ މިހާރު މިވަނީ އަޅުގަނޑުމެންނަށް ހާސިލުކުރެވިފައި.
އެހެންވީމާ، މި މަހުގެ ތެރޭގައި، އެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ނުހުއްޓި ގެންގޮސް ނިންމޭގޮތަށް، މަސައްކަތްތައް ފެށިގެންދާނެ. މި މަހުގެ ތެރޭގައި ފެށި، ދެން އަންނަ މަހުން ފެށިގެން، ސެޕްޓެންބަރު މަހުން ފެށިގެން ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، ފެނާއި ނަރުދަމާގެ މަސައްކަތް އެކީގައި ނިންމައިދޭނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދެން.
ހަމައެއާއެކީގައި، އަޅުގަނޑުވީ ވަޢުދެއް މަގުހެދުން. އެހެންވީމާ، މަގުހެދުމުގެ މަސައްކަތް ކުރުމަށް މިހާރު ވާނީ އާރު.ޑީ.ސީ.އާ ހަވާލުކޮށްފައި. ފެނާއި ނަރުދަމާއަކީ މަގުހެދުމަށްޓަކައި ނިންމަންޖެހޭ ކަމެއް. އެހެންވީމާ، މި ދެ ކަންތައް ގުޅިލާމެހޭގޮތަށް، ކުރިއަށް ގެންދިޔުމުގެ ކަންތައްތައް މިހާރު މިވަނީ، ހަމަޖެހިފައި. އެހެންވީމާ، ފެނާއި ނަރުދަމާއާއި، މަގުހެދުމާއި، މި ދެ ކަންތައް، މި ތިން މަޝްރޫޢު، އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދިޔުމަށް މިހާރު މިވަނީ ހަމަޖެހިފައި. އެހެންވީމާ، މަގު ހެދުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، ފެނާއި ނަރުދަމާގެ މަސައްކަތް ނިމެމުންދާވަރަކަށް ފެށުމަށްޓަކައި، އަޅުގަނޑުމެން މިވަނީ ނިންމާފައި. އެހެންވީމާ، އެ ޔަޤީންކަންވެސް، މަގު ހެދުމުގެ މަޝްރޫޢުގެ ޔަޤީންކަންވެސް ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
ހަމައެއާއެކީގައި، ތަޢުލީމީ ނިޒާމު ވަރުގަދަ ކުރުމަށް އަޅުގަނޑުވީ ވަޢުދުގެ ތެރެއިން، މިހާރު ތިޔަބޭފުޅުންނަށް އެންމެ މުހިންމުވެފައި ވާނީ، ފެށިފައި، ކުރިއަށް ނުގޮސްހުރި ސްކޫލް މަޝްރޫޢު ނިންމުމަށް. އެކަންތައްވެސް ކުރުމަށް، ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެހުރީ ނިމިފައި. އެހެންވީމާ، ޢަމަލީ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ދެން ފެށިގެންދާނެ. ފެށި، އެ މަސައްކަތް ނިމި، އެ ކްލާސްރޫމް މަޝްރޫޢު ނިމި، ތިޔަބޭފުޅުންނަށް ވަރަށް މުހިންމު، މަލްޓިޕަރޕަސް ހޯލެއް އެޅުން. އެކަމަށްޓަކައި ބޭނުންވާ ޖާގަ އުފެއްދެން އޮތީ، އެ މަޝްރޫޢު ނިމިގެން ކަމުގައިވާތީ. އެ މަޝްރޫޢު ބާރު ސްޕީޑްގައި ގެންގޮސް ނިންމައިދިނުމާ އެކީގައި، މަލްޓިޕަރޕަސް ހޯލެއް އެޅުމުގެ ކަންކަންވެސް ތިޔަބޭފުޅުންނަށް، މި ސްކޫލްގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވަން.
ހަމައެފަދައިން، ޞިއްޙީ ނިޒާމު ހަރުދަނާކޮށްދިނުމަކީވެސް އަޅުގަނޑު ވެފައިވާ ވަޢުދެއް. މި ދަތުރުގެ ތެރެއިން އެކަން ކުރުމަށް އަޅުގަނޑުމެން މިވަނީ ކަނޑައަޅާފައި. އަދި ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށްވެސް، ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް، ތަރައްޤީކުރުމަށްޓަކައި އަޅުގަނޑުވީ ވަޢުދުގެ މަސައްކަތްވެސް ފެށިގެން މިދަނީ. އެހެންވީމާ، އެ މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ ރަނގަޅަށް ކުރިއަށް ގެންދެވޭނެ.
ދެން، އަޅުގަނޑުވީ ވަޢުދަކީ، މިސްކިތެއް އަޅައިދިނުމުގެ ވަޢުދު. މިސްކިތެއް އަޅައިދިނުމަށްޓަކައި އެކަމަށް އެކަށީގެންވާ ބިމެއް، ޖާގައެއް ހަމަޖެހުނުހާ އަވަހަކަށް، ކައުންސިލާއި މިނިސްޓްރީއާ މިހާރު އެ ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެކަން ހަމަޖެހުނުހާ އަވަހަކަށް، އަޅުގަނޑުމެން އެ މަސައްކަތް ކުރަންވެސް ވަނީ ނިންމާފައި. މިސްކިތް އެޅުމަށްޓަކައި މިހާރު އަޅުގަނޑުމެން ވާނީ ކޮންޓްރެކްޓްގައި ސޮއިކޮށްފައި. އެހެންވީމާ، ބިން ހަމަޖެހުނުހާ އަވަހަކަށް، އިރާދަކުރެއްވިއްޔާ އެކަންވެސް ފެށިގެންދާނެ. އެ ޔަޤީންކަންވެސް ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
ހަމައެއާއެކީގައި، ކުޅިވަރުގެ ދާއިރާއިން، ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްޤީކުރުމަށްޓަކައި، ފުޓްބޯޅަ ދަނޑަށް ބޭނުންވާ ހުރިހާ ތަރައްޤީއެއް ކުރިއަށް ގެންދިޔުމަށްވެސް، މިހާރު މި މަހުގެ ތެރޭގައި، އަޅުގަނޑުމެން ބަޔަކާ ހަވާލުކުރާނަން. އެއީ، ދަނޑުގެ ހުރިހާ މަސައްކަތެއް. ޓަރފްއާއި، ވަށާފާރު، ފެންސު، މިހެންގޮސް ލައިޓް. ހުރިހާ ކަމެއް ހިމެނޭހެން ކުރިއަށްގެންދާ މަޝްރޫޢެއް. ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ހަދައިދިނުމުގެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން ވާނެ ނިންމާފައި. އަދި ހޭންޑްބޯލް ކޯޓެއް އެޅުމަށްވެސް އަޅުގަނޑުމެން ނިންމާފައި ވާނެ. އެހެންވީމާ، މި ތިން މަޝްރޫޢު، ކުޅިވަރުގެ މި ތިން މަޝްރޫޢު ކުރިއަށް ގެންދަން ވަނީ ނިންމާފައި. މީގެތެރޭގައި، ބައެއް ކަންކަމަކީ، ބިމާ ގުޅިފައި ހުރި ކަންކަން. އެ ކަންކަން ހަމަޖެހުނުހާ އަވަހަކަށް މަސައްކަތްތައް ފެށޭނެ. އެހެންވީމާ، ކުޅިވަރާ ގުޅިފައިވާ، މި ތިން މަޝްރޫޢުވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމާއި އަދި އެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
އާދެ، ޖުމްލަކޮށް މި ދެންނެވި ހުރިހާ މަސައްކަތްތަކެއް ވަރަށް ރަނގަޅަށް، ވަރަށް ގާތުން ބެލިގެން، ވަރަށް ބާރު ސްޕީޑްގައި އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން. އަޅުގަނޑު މި ދަތުރުގައި އެންމެ ބޮޑަށް މި ބޭނުންވީ ތިޔަބޭފުޅުންނަށް މި ޔަޤީންކަން އަރުވައިދޭން.
އެހެންވީމާ، އެންމެ މުހިންމު، ފެނާއި ނަރުދަމާގެ މަޝްރޫޢުން ފެށިގެން، މަގު ހެދުމާއި، ސްކޫލް، ހެލްތް ދާއިރާ އަދި ކުޅިވަރާ ގުޅިފައިވާ މަސައްކަތްތައް، އަޅުގަނޑު މި ދެންނެވި ގޮތަށް، ވަރަށް ފުރިހަމަކަމާއެކީގައި ކުރިއަށް ގެންގޮސްދޭނެކަމުގެ ޔަޤީންކަން، ތިޔަބޭފުޅުންނަށް އަދިވެސް އެއްފަހަރު އަރުވަން.
އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަދި ރައްޔިތުންގެ ތަރައްޤީއަށްޓަކައި މި ކުރެވޭ މަސައްކަތްތަކުގައި ކާމިޔާބު މިންވަރުކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.