އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން މުޅި ޣައްޒާ ހިފާ، ކޮންޓްރޯލް ނެގުމަށް ރާވާފައިވާ ރޭވުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެފަދަ އެއްވެސް އަމަލަކީ އިންސާނިއްޔަތުކަމާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށާއި، ހަމަ އެހެންމެ، އެއީ، ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް "ރައިޓް ޓު ސެލްފް-ޑިޓަރމިނޭޝަން" ނުވަތަ މިނިވަންކަމާއެކު ސިޔާސީ ދަރަޖަ ދެނެގަނެ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ކުރިއެރުމަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޙައްޤަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.

މިކަމުގެ ސަބަބުން، ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅުމަށް އޮތް ތަކުލީފުތައް އިތުރަށް ބޮޑުވެ، ދެމެހެއްޓެނިވި ޞުލްޙައާއި ސަރަޙައްދީ ހަމަޖެހުމަށްވެސް ނުރައްކާވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނުގެ ރައްޔިތުންނަށް އަބަދުވެސް ދިވެހިރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޣައްޒާއަށް ވެރިވެގަތުމަށް، ނުވަތަ ފަލަސްޠީނުގެ ބާރުވެރިކަމާއި އިސްތިޤްލާލަށް އުނިކަން ގެނައުމަށް ކުރާ މަސައްކަތްތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އިޒްރޭލުގެ ރޭވުންތައް ތަންފީޒުވިޔަނުދީ އެކަން ހުއްޓުވައި، ފަލަސްޠީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަމަށް ނިމުން ގެނެސް، ހިފާފައިވާ ފަލަސްޠީނުގެ ސަރަހައްދުތަކުގައި ހިންގާ ހުރިހާ ނުބައި ޢަމަލުތަކަށް ޖަވާބުދާރީކުރުވުން ކަށަވަރުކުރުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢުން ހަރުދަނާ، އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން އިލްތިމާސްކުރާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ހާމަކުރައްވާފައިވެއެވެ.