بســم اللّـه الرّحمـن الرّحيــم
الحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيِّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.
އަޅުގަނޑު މިރޭ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ މި ބައްދަލުކޮށްލީ، މިއަދު ރާއްޖެއަށް މި ކުރިމަތިވި ހިތާމަވެރި ހާދިސާއާ ބެހޭގޮތުން ބައެއް ވާހަކަ ދަންނަވާލުމަށްޓަކައި.
އާދެ، އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިއީ ޤައުމީ ކާރިސާއެކޭ. މުޅިޤައުމަށް ދިމާވި ވަރަށްބޮޑު ހިތާމައެކޭ. މިކަމުގައި އިސްތިސްނާވާ ހަމަ އެންމެ މީހަކުވެސް ނެތް. އެންމެ ރަށެއްވެސް ނެތް. އެހެންވީމާ، އަޅުގަނޑުމެން އެންމެން ދެކެންޖެހޭނީ، މިއީ މުޅިޤައުމަށް ދިމާވި ވަރަށްބޮޑު ހިތާމަވެރި ޙާލަތެއްގެ ގޮތުގައި.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއީ މުޅިޤައުމުގެ ކަމެކޭ. މިއަދު ދިވެހިރާއްޖެއަށް މި ކުރިމަތިވި ނުރައްކާތެރި އަދި ބިރުވެރި ހިތާމަވެރި ޙާލަތުން އަޅުގަނޑުމެން ސަލާމަތްވުމަށްޓަކައި އަދި ޙާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވެދީ، އަޅުގަނޑުމެންނަށް މި ލިބުނު ގެއްލުންތައް ވީހާވެސް ކުޑަކުރެވޭތޯ ބެލުމުގެ މަސައްކަތަކީ، ހަމަ އެންމެން ގުޅިގެން ކުރަންޖެހޭނެ މަސައްކަތްތަކެއް. މިއީ ހަމައެކަނި ސަރުކާރުގެ ކަމެއްނޫން. މުޅިޤައުމުގެ ކަމެއް. ޤައުމުގެ ރައްޔިތުންގެ އެންމެންގެ ކަމެއް.
އާދެ، މިއަދު މި ދިމާވި ހާދިސާއަކީ ޙަޤީޤަތުގައި މުޅި ސަރަހައްދަށް ދިމާވި ހާދިސާއެއް. ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފައި އޮންނާނެ ފަދައިން، މި ސަރަހައްދުގެ ވަރަށްގިނަ ޤައުމުތަކަށް، ރާއްޖެއަށްވުރެ މާބޮޑެތި ގެއްލުންތައް ވަނީ ލިބިފައި. މާގިނަ އަދަދެއްގެ މީހުން މަރުވެ، ގެއްލި، މިކަހަލަ ކަންތައްތައް ވަނީ ވެފައި. އެހެންނަމަވެސް، ރާއްޖެއަށް މީގެކުރިން މިފަދަ ނުރައްކާތެރި، ބިރުވެރި، ގެއްލުންހުރި ހާދިސާއެއް މިއިންޒަމާނަކު ދިމާވެފައެއް ނެތްކަންނޭނގެ. އެހެންވީމާ، އަޅުގަނޑުމެން ވަރަށް ޚާއްޞަގޮތެއްގައި އެންމެން އަތުގުޅާލައިގެން، ސަރުކާރާއި، އަމިއްލަ ފަރާތްތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، ޢާންމު ރައްޔިތުންނާ އެންމެން އަތުގުޅާލައިގެން މަސައްކަތްކުރަން މިހާރު މިވަނީ އަޅުގަނޑުމެންނަށް މަޖުބޫރުވެފައި.
އާދެ، ޝައްކެއްނެތް، އަޅުގަނޑުމެން ކޮންމެ މީހަކުވެސް މި ހިތާމަވެރި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ހަމްދަރުދީވެ، އަޅުގަނޑުމެންގެ ހިތުގެ އެންމެއަޑީގެ ޝުޢޫރުތައް ވަނީ އެމީހުންނާ އެކީގައި. ގެއްލުން ލިބުނު މީހުންނަށާއި، އެ މީހުންގެ ޢާއިލާތަކަށާއި އަދި އަތޮޅުތަކަށާއި، ރަށްރަށަށް، އަޅުގަނޑުމެން އެންމެންގެ ވަރަށް އިޚްލާޞްތެރި ހަމްދަރުދީގެ ޝުޢޫރު އަޅުގަނޑުމެންގެ ހިތުގައި ވަރަށްބޮޑަށް އެބައޮތް. އަޅުގަނޑުމެން އެދެނީ، މާތް ﷲ އެބައިމީހުންނަށް އެ ލިބުނު، އަޅުގަނޑުމެންގެ ޢިއްޒަތްތެރި އަޚުންނާއި އުޚުތުންތަކަކަށް މި ލިބުނު ހިތާމަ، ވީއެންމެ އަވަސް މަގަކުން ފިލުއްވައިދެއްވައި، އަޅުގަނޑުމެންނަށް ހެޔޮތައުފީޤު ދެއްވައި، މިކަމުން ސަލާމަތްވުމުގެ މަތިވެރި ތައުފީޤު މާތް ﷲ އަޅުގަނޑުމެންނަށް މިންވަރުކުރެއްވުން.
އާދެ، އަޅުގަނޑަށް އެނގޭ، މިއަދު މި ދިމާވި ހާދިސާގެ ސަބަބުން ވަރަށް ގިނަބަޔަކު ތިބޭނީ ހިތްދަތިކަން ލިބިފައިކަން. އަދި މަޢުލޫމާތު އޮޅުންނުފިލައިގެން ވަރަށްގިނަ މީހުން އެކަމާ ދެރަވެ، އެކަމުގެ ހިތާމައިގައި އުޅޭކަން. އާދެ، އަޅުގަނޑުމެން މަސައްކަތްކުރަމުން މިގެންދަނީ، ލިބުނު ހުރިހާ މަޢުލޫމާތެއް ރައްޔިތުންނަށް އެރުވުމަށް. މިކަމުގައި ސަރުކާރުން ވަރަށްބޮޑަށް މަސައްކަތްކުރަމުން އެބަގެންދޭ. އެހެންނަމަވެސް، ކަންދިމާވިގޮތުން، ރާއްޖޭގެ އަތޮޅުތަކާއި މާލެއާ ހުރި ގުޅުން ވަނީ މުޅިންހެން ކެނޑިފައި، ހެނދުނުއްސުރެ. އެކަމަކު މިހާރު އަޅުގަނޑަށް އެނގިފައިވާގޮތުގައި، ކޮންމެވެސްވަރަކަށް އުތުރުގެ އަތޮޅުތަކާ މި ގުޅުން ޤާއިމްކުރެވިއްޖެ. މަސައްކަތްކުރަމުން މިހާރު އެގެންދަނީ ކަމާބެހޭ ހުރިހާ ފަރާތްތަކަކުންވެސް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށްވެސް މި ގުޅުން ޤާއިމްކުރެވޭތޯ. ގުޅުން ޤާއިމްވީމާ އަޅުގަނޑުމެންނަށް އެނގޭނީ ޙަޤީޤީ ގެއްލުމުގެ ބާވަތާއި، އަދަދާއި، މިންވަރާއި، ގެއްލުން ލިބުނު މީހުންގެ އަދަދުވެސް. އެހެންވީމާ، ލިބޭ މަޢުލޫމާތު ވަރަށްބޮޑަށް ބަލައި، އެއީ ޞައްޙަ މަޢުލޫމާތެއްތޯ ބަލާފައި ނޫނީ، ދިނުމަކީ ރަނގަޅުކަމަކަށް ނުވާނެ. އޭރުން އެއްފަހަރަކު ދޭ މަޢުލޫމާތު ބަދަލުކޮށްލަން ޖެހިއްޖިއްޔާ އެއީ، ވަރަށް ގިނަބަޔަކު ހިތްހަމަނުޖެހޭ ކަމަކަށްވާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް ލިބޭ ހުރިހާ މަޢުލޫމާތެއް ވެވުނު އެންމެ އަވަހަކަށް ބަލައި، އެ ޞައްޙަތޯ ބެލުމަށްފަހުގައި މަޢުލޫމާތު ދޫކުރަމުން މިގެންދަނީ. ކުރިއަށްއޮތްތާނގައިވެސް އިރާދަކުރެއްވިއްޔާ، ހަމަ ލިބޭ ކޮންމެ މަޢުލޫމާތެއްވެސް، މި ދެންނެވި އުސޫލުން ބަލައި، ޞައްޙަތޯ ޔަޤީންކުރުމަށްފަހުގައި، ވަރަށް އަވަހަށް އެންމެންނަށް، ޢާންމު ރައްޔިތުންގެ އެންމެންނަށް އެ މަޢުލޫމާތު ދޫކުރެވޭނެ.
އާދެ، މިފަދަ ބޮޑުކަމެއް ދިމާވީމާ، ސަރުކާރާއި އަދި މުޅި ރައްޔިތުން ގުޅިގެން، ޙާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ޕްރޮގްރާމްތަކެއް ހިންގަންޖެހޭނެ. މިހާރު އެ ޕްރޮގްރާމް ފެށިގެން ހިނގަމުން މިދަނީ. ސަރުކާރުން ވަރަށްގިނަ މަސައްކަތް މިއަދު ކޮށްފި. ވަރަށްގިނަ ތަންތަނަށް އެއްޗެހި ފޮނުވުމުގެ މަގުތަނަވަސްކޮށް، އެކަން މިހާރު ހިނގައިގެންފި. މި ޕްރޮގްރާމްގައި، ހުރިހާ ފަރާތެއްގެ އެއްބާރުލެއްވުން ވަރަށްބޮޑަށް ބޭނުން. މުޅި ދިވެހި ޤައުމުގެ އެއްބާރުލެއްވުން ބޭނުން. އެންމެންގެ އެއްބާރުލުން، އެންމެ އާދައިގެ މީހާގެ އެއްބާރުލުންވެސް، އަމިއްލަ ޖަމާޢަތްތަކާއި، އަމިއްލަ މީސްމީހުންނާއި، ވިޔަފާރިވެރިންނާއި، އެހެންގޮސް އަޅުގަނޑުމެންގެ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ދިވެހިންގެ އެއްބާރުލެއްވުން މިކަމުގައި ވަރަށްބޮޑަށް ބޭނުން. މިއީ، އަޅުގަނޑު ދަންނަވާނީ ޤައުމީ ވަޙްދަތުގެ ދަނޑިވަޅެކޭ. އެންމެން އެކަތިގަނޑަކަށްވެ، އެއްބާރުލުމުގެ ވަގުތެކޭ. އަޅުގަނޑުމެންގެ މެދުގައި ބައެއް ކަންކަމުގައި ހިސާބަކަށް ޚިޔާލުތަފާތުވުން ހުރިކަމުގައިވިޔަސް، މިވަގުތު އަޅުގަނޑުމެންވީ އެ ކަންތައްތައް ހަނދާންނައްތާލާށޭ. ހަނދާންނައްތާލާފައި، އެންމެން އެކުވެގެން ގުޅިގެން މަސައްކަތް ކުރަންވީ. އާދެ، ޙާލުގައި ޖެހިފައި އެތިބީވެސް، ގެއްލުން ލިބުނީވެސް ހަމަ އަޅުގަނޑުމެންގެ އަޚުންތަކަކަށް. އަޅުގަނޑުމެންގެ އެއްބަނޑުއެއްބަފާ ބަޔަކަށް. އެހެންވީމާ، އެމީހުންނަށް އެހީ ފޯރުވައިދިނުމަކީ މުޅިޤައުމުގެ ކަމެއް. އެއީ ވަކިމީހެއްގެ، ވަކިޖަމާޢަތެއްގެ، ވަކިނިޒާމެއްގެ ކަމެއްނޫން.
އެހެންވީމާ، މިއަދު އަޅުގަނޑުމެން އެންމެން އެކުވެރިވާންވީ، އެކަތިގަނޑަކަށްވާންވީ، ހުރިހާ އެންމެންވެސް އަތުގުޅާލައިގެން މަސައްކަތްކުރަންވީ، މި ފުންވަޅުގަނޑުން ދިވެހިރާއްޖެ ސަލާމަތްވޭތޯ. މާތް ﷲގެ ވާގިފުޅާއެކީގައި އަޅުގަނޑުމެންނަށް ލިބުނު ގެއްލުންތައް ފޫބެއްދޭތޯ. ގެއްލުންތައް ވީހާ ކުޑަކުރެވޭތޯ. އަދި އެންމެންނަށް އެހީވުމުގެގޮތުން ކުރެވެންހުރި ހުރިހާ ކަމެއް ވީއެންމެ އަވަހަކަށް ކުރެވޭތޯ.
އާދެ، މިހާރުވެސް އެހީގެ ވަރަށްގިނަ ކަންތައްތައް ހަމަޖެހިގެން ހިނގަމުން މިދަނީ. އަދި އަޅުގަނޑު ދަންނަވާލާހިތް އެބައޮތް، ބޭރުގެ އެކުވެރި ޤައުމުތަކުންވެސް އަޅުގަނޑުމެންނަށް އެހީވެދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި. އަޅުގަނޑު މިއަދު މެންދުރުފަހާއި، ހަވީރާއި، މިރޭ އިރާކޮޅު ކުރި މަސައްކަތަކީ ހަމަ މުޅިން އެއީ. ބޭރުގެ ފަރާތްތަކާ ގުޅައިގެން، އެހީ ލިބުމުގެ މަގު ތަނަވަސްވޭތޯ ބެލީ. މިގޮތުން، މިހާރު އެކުވެރި ބައެއް ޤައުމުތަކުން އެހީވެދެއްވާނެ ކަމަށް އޮތީ ވިދާޅުވެފައި. މާދަމާވެސް އެ ޤައުމުތަކުގެ އެހީ ރާއްޖެއަށް ލިބެންފަށާނެކަމުގެ ޔަޤީންކަން އޮތީ އެ ޤައުމުތަކުގެ ސަރުކާރުތަކުން ދެއްވާފައި. އަޅުގަނޑު ބައެއް ޤައުމުތަކުގެ އެންމެ އިސްވެރިންނާވެސް މިއަދު، މިރޭ ފޯނުން ވާހަކަދައްކައި، އެކަން މިހާރު ހަމަޖެހިގެން، އިރާދަކުރެއްވިއްޔާ މާދަމާ ހިނގަން ފަށާނެ.
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެ މަސައްކަތްތައްވެސް ވަރަށްބާރަށް އެބަ ކުރެވެޔޭ. ރައްޔިތުން ކެތްތެރިވެވަޑައިގެން ތިއްބަވައިގެން، ހަމްދަރުދީވެވަޑައިގެން ތިއްބަވައިގެން، އެންމެން އެކުގައި އަތުގުޅާލައިގެން މަސައްކަތް ކުރަމާތޯއޭ، މި ހިތާމަވެރި ކަންތަކުން ރާއްޖެ ސަލާމަތްވޭތޯ. އަޅުގަނޑު މިހެން ދަންނަވާއިރު، ރާއްޖޭގެ ވަރަށްގިނަ ފަރާތްތަކަކުން މިހާރުވެސް އެހީވެދެއްވަމުން ގެންދަވާކަން އަޅުގަނޑު ޝުކުރުވެރިކަމާއެކު ހަނދާންކުރަން. ބައެއް ފަރާތްތަކުން ތަކެތީގެ އެހީ މިހާރުވެސް ވަނީ ވެދެއްވާފައި. އަނެއްބައި ފަރާތްތަކުން ނަގުދުގެ އެހީވެސް ވަނީ ވެދެއްވާފައި. އާދެ، މި ހުރިހާ އެހީއަކީ، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު އެކަމަށް ޝުކުރު އަދާކުރާ އެހީތަކެއް. އެހެންވީމާ، މި އެހީތައް ވަމުންގެންގޮސްދެއްވާށޭ، އަދި ޚާއްޞަކޮށް، އަޅުގަނޑުމެން އަތޮޅުތަކަށް ފޮނުވަންވާ އެހީ ފޯރުވުމުގައި ބޭނުންވާ ވަސީލަތްތައް ހޯދުމުގައިވެސް ހުރިހާ ބޭފުޅުން އެއްބާރުލައްވައިދެއްވާށޭ، އަޅުގަނޑު ދަންނަވަން ބޭނުން. އެއީ، ވަރަށްގިނަ އަދަދަކަށް އޮޑިދޯނިފަހަރާއި ދުއްވާއެއްޗެތިވެސް ބޭނުންވޭ. މި ހުރިހާ ކަމެއް އެއްކޮށްލައިގެން، މިފަދަ ޤައުމީ ކާރިސާގެ ޙާލަތު އިޢުލާނުކުރެވިފައިވާ ދަނޑިވަޅެއްގައި، އެ ހުރިހާ ތަކެއްޗެއް އެއްކޮށްގެން މަސައްކަތްކޮށްގެން އަޅުގަނޑުމެންނަށް، މާތް ﷲގެ ވާގިފުޅާއެކު މިކަމުން ސަލާމަތްވެވެންއޮތީ.
އެހެންވީމާ، އަޅުގަނޑު އެވާހަކަ ހަމަ ދަންނަވާލަން ބޭނުންވީ. އަދި ދިވެހިރާއްޖޭގެ ރައްޔިތުން މިކަމަށް ދެއްވި އަހަންމިއްޔަތާއި، ބެހެއްޓެވި ޝައުޤުވެރިކަމާއި، ސަރުކާރަށް މިހާރުވެސް ވެދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި، ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ މާތް ﷲ އަޅުގަނޑުމެންނަށް ރަޙްމަތް ލައްވާނެ. އަޅުގަނޑުމެންނަށް ވާގިދެއްވާނެ. މި ހިތާމަވެރި ހާދިސާއިން ސަލާމަތްވުމުގެ މަގުފަހިކޮށްދެއްވާނެ. އަދި އިރާދަކުރެއްވިއްޔާ މުސްތަޤްބަލް، ރާއްޖޭގެ މިފަދަ ނުރައްކާތަކުން މާތް ﷲ ސަލާމަތް ކުރައްވާނެ.
އަޅުގަނޑު ނިންމާލަމުންވެސް ދަންނަވާލަން އޮތީ، އަޅުގަނޑުމެން އެންމެން اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުތޯއޭ، ދިވެހި ޤައުމު މިފަދަ ނުރައްކާތަކުން ސަލާމަތްކޮށްދެއްވައި، ދިވެހި ޤައުމަށް ލިބޭ ހިތާމަތައް އަވަސްމަގަކުން ފިލުއްވައިދެއްވައި، ދިވެހި ރައްޔިތުންނަށް ހުރިހާ ރޮނގަކުންވެސް އުފާވެރިކަމާއި ބާއްޖަވެރިކަން މިންވަރުކޮށްދެއްވާތޯ. ޝައްކެއްނެތް، اللهُ سُبْحَانَهُ وَتَعَالَى އަކީ ކުޅަދުންވަންތަ، އަދި އެކަލާނގެއަށް އީމާންވާ، އެކަލާނގެ މަގުގައި ފައިތިލަތައް ސާބިތުކޮށްގެން ތިބޭ ބަޔަކަށް ހެޔޮތައުފީޤު ދެއްވާ މާތްރަސްކަލާނގެ.
އާދެ، ހުރިހާ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މި ކުރަމުންގެންދާ މަސައްކަތްތައް ވަރަށްބާރަށް ކުރިޔަށް ގެންދާނަން. ރާއްޖޭގެ ރައްޔިތުންނަށް މާތް ﷲ ރަޙްމަތްލައްވައި، އިރާދަކުރެއްވިއްޔާ ހެޔޮގޮތްތައް މެދުވެރިކުރައްވާނެ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.