بسـم اللّه الرّحـمٰـن الـرّحيـم
الحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيِّدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް! ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން!
السّــلام عليــكم ورحـمــة اللّـه وبـركاتـه،
ދެންމެ ރައްޔިތުންގެ މަޖިލީހުގެ މި ޖަލްސާ ފަށްޓަވައިދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަޅުގަނޑަށް މިތާނގައި ވާހަކަދެއްކުމަށް ދަޢުވަތު ދެއްވިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މިއަދު އަޅުގަނޑު ތިޔަ ޢިއްޒަތްތެރި މަޖިލީހަށް މިއައީ، މި އޮގަސްޓު މަހުގެ 12 ވަނަ ދުވަހުގެ ރެޔާއި، 13 ވަނަ ދުވަހު ބަޔަކު ޖުމްހޫރީ މައިދާނަށް އެއްވެ ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިންގުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހަށް އެކަމާބެހޭ މަޢުލޫމާތު އެރުވުމަށްޓަކައި. އަދި އެކަމާ ގުޅިގެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ބައެއް ވާހަކަ ދަންނަވާލުމަށްޓަކައި.
އޮގަސްޓު މަހުގެ 12 ވަނަ ދުވަހުގެ ރެޔާއި، 13 ވަނަ ދުވަހު ގިނަ ޢަދަދެއްގެ ބަޔަކު ޖުމްހޫރީ މައިދާނުގައި ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިންގައި، ޢާންމު މަޞްލަޙަތާއި އަމަންއަމާންކަން ގެއްލޭ ހިސާބަށް ކަންތައްތައް ގެންދިޔަ. އެކަން އެހިސާބަށް ދިޔުމުން، ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގައި ބުނާފަދަ ޙާލަތަކަށް ކަންތައްތައް ހިނގައްޖެ ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވިގެން، އެ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ މަތިން، ކުއްލި ނުރައްކަލުގެ ޙާލަތު މިވަނީ، މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އިޢުލާނު ކޮށްފައި.
އާދެ! ޤާނޫނުއަސާސީގައި، މީހުން އެއްވެއުޅުމުގެ މިނިވަންކަން ލިބިދީފައި އޮންނައިރު، އެ މިނިވަންކަން ބޭނުންކުރަންޖެހޭ ވަކި ޙުދޫދެއް ކަނޑައެޅިފައި އޮވޭ. އެއީ، ޞުލްޙަވެރިކަމާއެކު، ޤާނޫނާ ޚިލާފުނުވާ ގޮތުގެ މަތިން އެއްވެއުޅުން. މިމަހުގެ 12 ވަނަ ދުވަހުގެ ރެޔާއި، 13 ވަނަ ދުވަހު ޖުމްހޫރީ މައިދާނަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވި އެއްވުމަކީ، މިފަދަ އެއްވުމެއް ކަމަށް ބަލާނެ އެއްވެސް ތަނެއް ނެތް.
12 ވަނަ ދުވަހުގެރޭ އެތަނަށް އެއްވި މީހުން ފުރަތަމަ އެދުނީ، ބަންދުގައި ތިބި ބަޔަކު ދޫކޮށްލަން. މަޞްލަޙަތަށް ވިސްނައި، އެ އެދުނު ގޮތަށް ސަރުކާރުން ކަންތައްތައް ކޮށްދިނިން. އެއަށްފަހު، އެބަޔަކު އެދި ގޮވަމުންދިޔަ ކަންތައްތަކަކީ، ޤާނޫނީގޮތުން އިންތިޚާބު ކުރެވިފައިވާ ސަރުކާރަކުން އެފަދަ ބަޔެއްގެ ގޮވާލުމަކަށް ކޮށްދެވޭނެ ކަންތައްތަކެއް ނޫން. އެމީހުން މަސައްކަތް ކުރަމުން ގެންދިޔައީ، ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރާ ދެކޮޅުހަދައި، ސަރުކާރަށް މަޖުބޫރު ކުރުވައިގެން ކަންތައްތަކެއް ކުރުވުމަށް.
މިގޮތުން، މަޞްލަޙަތު ގެއްލޭފަދަ ކަންތައްތަކެއް ދިމާވާން ފެށުމުން، އެ އެއްވުމަށް އައިސްތިބި މީހުން އެތަނުން އެނބުރިދިޔުމަށް ތަކުރާރުކޮށް ނަސޭހަތްދީ، އަދި ނަސޭހަތް ޤަބޫލު ނުކުރުމުން ތަކުރާރުކޮށް އިންޒާރުވެސް ދެވުނު.
އާދެ! 12 ވަނަ ދުވަހުގެރޭގެ މެންދަމުން ފެށިގެން 13 ވަނަ ދުވަހުގެ މެންދުރުފަހާ ދެމެދު އެ އެއްވެތިބި މީހުން، އެމީހުން އެ ހިންގަމުން ގެންދިޔަ، ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމުގައި ދެމިތިބި. ސަރުކާރުން ދެމުން ގެންދިޔަ ނަސޭހަތްތަކާއި އިންޒާރުތަކަށް އެއްވެސް އިޖާބައެއް ނުދިން.
އާދެ! އެ ނަސޭހަތްތަކާއި އިންޒާރުތަކަށް އެމީހުން އެއްވެސް އިޖާބައެއްނުދީ، ސިފައިންގެ ތެރެއިން ބަޔަކަށް، ތޫނު ހަތިޔާރުން ޙަމަލަދީ، ވަރަށް ބޮޑަށް ޒަޚަމްކޮށްލި.
- އަދި ސަރުކާރުގެ އިމާރާތެއްގައި ރޯކޮށްލި.
- އަދި ގަދަކަމުން ޕޮލީސް ހެޑްކްއޯޓަރޒަށް ވަންނަން ދިމާކުރި.
އެމީހުން މިހިސާބަށް ކަންތައްތައް ގެންދިޔުމުން، ސަރުކާރަށް މަޖްބޫރުވީ، އެ އެއްވުން ރޫޅާލުމަށް. އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، އެ އެއްވުމުގައި ބައިވެރިވެ އިންތިޒާމުކުރި މީސްމީހުން ބަންދުކުރުމަށް.
އެދުވަހުން ފެށިގެން މައްސަލަ މިގެންދަނީ ތަޙްޤީޤު ކުރަމުން. އަޅުގަނޑު ޤަޞްދުކުރަނީ، ތިން ވަޒީރަކު ހިމެނިވަޑައިގަންނަވާ، ތަޙްޤީޤާބެހޭ އިސްކޮމިޓީއެއް ޢައްޔަންކުރުމަށް. އެބޭފުޅުންގެ މަސައްކަތްޕުޅަކަށް ވާނީ، ތަޙްޤީޤު ހިނގަމުންދަނީ، ޢަދްލު އިންޞާފުގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިންތޯ ބައްލަވަމުން ގެންދެވުން.
އާދެ! ބަޔަކުމީހުން މިފަދަ ޙާލަތަކަށް އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމު ގެންދިޔަކަމީ، އަޅުގަނޑުމެން އެންމެންނަށް އެކަމުން ވަރަށް ފުން އަސަރެއް ކޮށްފައިވާ ކަމެއް. އަދި މިފަދަ ކަމެއް މީގެފަހުން ތަކުރާރުވިޔަ ނުދިނުމަށް އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަންޖެހޭފަދަ ކަމެއް.
މި ހާދިސާއާ ގުޅިގެން ހައްޔަރުކުރެވުނީ، ޖުމްލަ 196 މީހުން. އޭގެތެރޭގައި، ޢުމުރުން 18 އަހަރު ނުފުރޭ 25 ކުއްޖަކު ހިމެނޭ. މިހާރު އެ 25 ކުދިން ވަނީ ދޫކޮށްލާފައި. މީގެއިތުރުން، 97 މީހަކުވެސްވަނީ ދޫކޮށްލާފައި.
މިހާރު ބަންދުގައި ތިބީ 74 މީހުން. އޭގެތެރޭގައި، ތިޔަ ޢިއްޒަތްތެރި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ދެ މެންބަރަކާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ފަސް މެންބަރަކު ހިމެނޭކަމީ، އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް. އެހެންނަމަވެސް، ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ، ހަމަހަމަވެގެންވާ ބަޔެއް.
މިބޭފުޅުންގެ ޙާލު ބަލައިލުމަށްޓަކައި އަޅުގަނޑު ދެ ވަޒީރަކު، މި މަހުގެ 17 ވަނަ ދުވަހު އެ ބޭފުޅުން ބަންދުކޮށްފައި ތިބި ތަނަށް ފޮނުވިން. އެ ބޭފުޅުންނާ ދޭތެރޭގައިވެސް އަދި ހައްޔަރުކުރެވިފައި ތިބި އެހެން މީހުންނާ ދޭތެރޭގައިވެސް ކަންތައްތައް ކުރަމުން ގެންދަނީ، އިޙްސާންތެރިކަމާ އެކީގައި. ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން. ރާއްޖެ އައި، އީ.ޔޫ.ގެ، ޙަޤީޤަތް ހޯދުމާބެހޭ ވަފްދުގެ ބޭފުޅުންވެސް ވަޑައިގެން، އެ ބޭފުޅުންގެ ޙާލު ބެއްލެވި. އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ބޭފުޅުންވެސް އެތަނަށް ޒިޔާރަތްކުރައްވައި، ބަންދުގައި ތިބި މީހުންނާ ދޭތެރޭގައި ޢަމަލުކުރެވެމުންދާގޮތް ބެއްލެވި.
މި ފުރުޞަތުގައި މާލޭގައި ހިނގައި މިދިޔަ ކަންތައްތައް ހަމަޖެއްސެވުމުގައި، އަޅުގަނޑުގެ އެންގުމަށް، ރާއްޖޭގެ ސިފައިންނާއި ފުލުހުންގެ ހުރިހާ އޮފިސަރުންނާއި، ސިފައިންނާއި ފުލުހުން އެ ދުވަހު ދިވެހި ޤައުމަށްޓަކައި ކޮށްދެއްވި އިޚްލާޞްތެރި ޚިދްމަތްތަކަށްޓަކައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް ޢަންބަރީ ޢަބްދުއްސައްތާރަށާއި، ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރަށާއި، ކޮމިޝަނަރ އޮފް ޕޮލީސް މޭޖަރ ޖެނެރަލް އާދަމް ޒާހިރަށާއި، ސިފައިންނާއި ފުލުހުންގެ އޮފިސަރުންނަށާއި، ހުރިހާ ސިފައިންނަށާއި ފުލުހުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން.
ސިފައިންނާއި ފުލުހުންނަކީ، އަބަދުވެސް ރައްޔިތުންގެ ސަލާމަތާއި، ރާއްޖޭގެ އަމަންއަމާންކަމާއި ހަމަޖެހުން ރައްކާތެރިކުރުމުގައި، އެމީހުންގެ ވާޖިބު ވަރަށް ފުރިހަމައަށް އަދާކުރަމުން ގެންދާ ބަޔެއްކަން އެ ދުވަހުވެސް ހުރިހާ ސިފައިންނާއި ފުލުހުން ސާބިތުކޮށްދިން.
މި ހިނގި ކަންތަކާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތައް އެޅުމުގައި މި މަހުގެ 13 ވަނަ ދުވަހު އަޅުގަނޑަށް އެހީތެރިވެދެއްވި ވަޒީރުންގެ ކޮމިޓީގެ ބޭފުޅުންނަށްވެސް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެ ބޭފުޅުން، އަޅުގަނޑުގެ ދެންނެވުމަކަށް، އެ ދުވަހު ޑިފެންސް މިނިސްޓްރީއަށް ވަޑައިގެން، އެތާނގައި ތިއްބަވައިގެން އަޅުގަނޑަށް މަޢުލޫމާތު ދެއްވައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަޅުގަނޑަށް ވަރަށް ބޮޑަށް އެހީތެރިވެދެއްވި. ހަމަ އެފަދައިން، މި ފުރުޞަތުގައި މާލެއާއި އަތޮޅުތަކުގެ ހުރިހާ ރައްޔިތުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ! 12 ވަނަ ދުވަހުގެ ރެޔާއި، 13 ވަނަ ދުވަހު އެކަންތައްތައް ހިނގަމުން ދިޔައިރު މާލޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކާއި އަދި އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ތީމުގެއަށް ފޯނުކޮށް، އެމީހުންގެ ފުރިހަމަ ތާއީދު ސަރުކާރާ އެކީގައިވާކަމަށް ބަޔާންކޮށްފައިވޭ. އަދި، ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކަށް މަރުޙަބާ ކިޔާނެކަމަށް ބުނެފައިވެސްވޭ.
ކުއްލި ނުރައްކަލުގެ އިޢުލާނު ދެމިއޮންނަ މުއްދަތުގެ ތެރޭގައި، ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު ރައްކާތެރިކުރުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމާއި، ކުރަންޖެހޭ އަމުރެއް ކުރުމުގެ ބާރު، ޤާނޫނުއަސާސީގެ 145 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވޭ. އަދި ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ އަސާސީ ޙައްޤުތަކުގެ ތެރެއިން، އެ ހިނދަކަށް ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ، ބައެއް ޙައްޤުތައް ހިފެހެއްޓުމުގެ ބާރުވެސް، އެ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވޭ. އެހެންކަމުން، ޖުމްހޫރީ މައިދާނުގައި ހިނގި ހާދިސާއާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ބައެއް ޙައްޤުތައް، މިހިނދަށް ވަގުތީގޮތުންވަނީ ހިފެހެއްޓިފައި.
މިގޮތުން، މިހިނދަށް ވަގުތީގޮތުން ހިފެހެއްޓިފައިވާ ޙައްޤުތަކުގެ ތެރޭގައި:
(1) ޤާނޫނުއަސާސީގެ 15 ވަނަ މާއްދާގެ (1)ގެ (ށ) ގައި ބުނެފައިވާ، 24 ގަޑިއިރަށްވުރެ ދިގު މުއްދަތެއްގައި މީހަކު ބަންދުކޮށް ނުވަތަ ހައްޔަރުކޮށްފައި ބަހައްޓާނަމަ، އެކަމުގެ ސަބަބު އެމީހަކަށް އެނގުމުގެ ޙައްޤު ވަގުތީގޮތުން ހިފެހެއްޓުން.
(2) ޤާނޫނުއަސާސީގެ 15 ވަނަ މާއްދާގެ (1)ގެ (ރ) ގައި ބުނެފައިވާ، ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން 7 ދުވަހަށްވުރެ ގިނަދުވަހަށް ބަންދުކޮށްފައި ބޭތިއްބުމުގައި، އެމާއްދާގައި ބުނާގޮތަށް ޢަމަލުކުރެވުމުގެ ޙައްޤު ވަގުތީގޮތުން ހިފެހެއްޓުން.
(3) ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (2) ގައި ބުނެފައިވާ، ޤާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤުގެ ތެރެއިން، ތަޙުޤީޤުގެ މަރްޙަލާގައި ޤާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ވަގުތީގޮތުން ހިފެހެއްޓުން.
(4) ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނެފައިވާ، ސިޓީއާއި މެސެޖްފަދަ ލިޔުމާއި، ތެލިފޯނުފަދަ ވަސީލަތްތަކުން ދައްކާ ވާހަކަ ދައުލަތުގެ ބޭނުމަށް ބަލައި، އަހައި، ނަގައި، ފާޅުކުރުމުގައި، ޤާނޫނުގައި ކަނޑައެޅިގެންވާ ގޮތެއްގެ މަތިން މެނުވީ އެކަންކަން ނުކުރެވުމުގެ ޙައްޤު ވަގުތީގޮތުން ހިފެހެއްޓުން.
(5) ޤާނޫނު ނަންބަރު 5/78 "7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤާނޫނު" އަށް ވަގުތީގޮތުން ޢަމަލުކުރުން ހިފެހެއްޓުން.
(6) ޤާނޫނު ނަންބަރު 9/91 "ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު"ގެ 9 ވަނަ މާއްދާއާއި، "ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި، ތަޙުޤީޤުކޮށް، އިންޞާފުކޮށް އަދަބު ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާއަށް ވަގުތީގޮތުން ޢަމަލުނުކޮށް ހިފެހެއްޓުން.
މިކަންތައްތައް ހިމެނޭ.
އެހެންނަމަވެސް، ވަގުތީގޮތުން މިދެންނެވި ޙައްޤުތައް ހިފެހެއްޓިފައިވަނީ ހަމައެކަނި 12 ވަނަ ދުވަހުގެ ރެޔާއި، 13 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ޤާނޫނާ ޚިލާފަށް އެއްވެ، ސަރުކާރާ ދެކޮޅު ޢަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްސަލަ ބެލުމުގައި އެކަނި.
މިދެންނެވި ޙައްޤުތައް، ވަގުތީގޮތުން ނަމަވެސް ހިފަހައްޓަން ޖެހުނު ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރަން. އެކަމަކު، މައްސަލައިގެ ބޮޑުކަމާއި، އެކަމުން ޤައުމަށް ދިމާވެދާނެ ނުރައްކާތެރިކަމަށްޓަކައި، މައްސަލައިގެ ޙަޤީޤަތް ހޯދުމަށްޓަކައި، މި ޙައްޤުތައް، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ވަގުތީގޮތުން ހިފަހައްޓަން ޖެހުނީ.
އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، ކުއްލި ނުރައްކަލުގެ ޙާލަތު ވީހާވެސް އަވަހަކަށް ނިމުމަކަށް ގެނެވޭތޯ.
އޯގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ރެޔާއި 13 ވަނަ ދުވަހު އެއްވި ޣައިރު ޤާނޫނީ އެއްވުން ރޫޅާލައި، އެ އެއްވުން އިންތިޒާމުކޮށް، އެކަމުގައި ބައިވެރިވި މީސްމީހުންނާމެދު ސަރުކާރުން ފިޔަވަޅުއެޅުން ލަސްވިކަމުގައި ވަރަށްގިނަ މީހުން ދެކޭކަން އަޅުގަނޑަށްވަނީ އެނގިފައި.
އާދެ، ކުރީ ރެއިން ފެށިގެން 13 ވަނަ ދުވަހުގެ މެންދުރުފަހާ ހަމަޔަށް ގަވައިދުން ފިޔަވަޅެއް ނާޅައި ލަސްކުރި އެއްސަބަބަކީ، ކެތްތެރިކަމާއެކު ނަސޭހަތްތެރިވެ، ޞުލްޙަވެރިކަމާއެކު މިކަންތައް ނިމުމަކަށް ގެނެވޭތޯ ސަރުކާރުން މަސައްކަތްކުރަން ބޭނުންވިކަން. ސަރުކާރުގެ ސިޔާސަތަކީ، ކޮންމެ ކަމެއްވެސް މީހުންނަށް ވިސްނައިދީގެން، ވީހާވެސް ޞުލްޙަމަސަލަސްކަމާއެކު ކަންތައްތައް ޙައްލުކުރެވޭތޯ ބެލުން.
އަނެއް ސަބަބަކީ، ޢާންމުންގެ ގިނަބަޔަކު ކުޅިބަލަން އެތަނަށް އެއްވެ ތިބިކަން. މިކަހަލަ ދަނޑިވަޅެއްގައި ކުޅިބެލުމަށް މީހުން އެއްވުމަކީ، އެފަދަ ކަންތައްތައް ކުރާ މީހުންނަށް ވަރަށްބޮޑު ނިވަލެއް ލިބޭ ކަމެއް. އަދި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހުރަސްއެޅޭ ކަމެއްވެސްމެ.
މި ދިމާވި ކަންތައްތަކުގެ ޙަޤީޤަތްތައް މުޅިން އެނގޭނީ، ތަޙުޤީޤު ނިމުމުން. މިކަމުގައި ބައިވެރިވި މީހުންނާއި، އެމީހުންގެ މަޤްޞަދުތަކާއި ރޭވުންތައް އޭރުން، އިރާދަކުރެއްވިއްޔާ ހާމަވެގެންދާނެ. އެހެންނަމަވެސް، މިހާރުން މިހާރަށްވެސް އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އެބަހުރި.
އެއްކަމަކީ، މި އެއްވުމަކީ، މި ޤައުމުގެ ގިނަބަޔަކު އެދޭގޮތާ ޚިލާފަށް މަސައްކަތް ކުރަމުންގެންދިޔަ ދެތިންބަޔެއް ގުޅިގެން ރާވާފައިވާ އެއްވުމެއް ކަމުގެ ހެކިތައް ފެންނަން ހުރިކަން. މިދެންނެވި ބައިތަކުގެ ތެރޭގައި، ހިމެނޭ އެއްބަޔަކީ، އެ ބަޔެއްގެ އަމިއްލަ ސިޔާސީ ބޭނުންތަކެއް، ޤާނޫނާ ޚިލާފަށް ޙާޞިލްކުރުމަށް ރާވަމުން މަސައްކަތް ކުރަމުންގެންދިޔަ ބަޔެއް.
އަނެއްބަޔަކީ، ދީނީގޮތުން ވަކިކަހަލަ ޚިޔާލުތަކެއް ގެންގުޅޭ، ޤައުމުގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް ޖެހިލުމެއްނުވާ ބަޔެއް.
ތިންވަނަ ބަޔަކީ، ތަކުރާރުކޮށް އެކިއެކި ބޮޑެތި ކުށްތައްކޮށް، އެކަންކަމުގެ ޙުކުމް އައުމުން، ސަރުކާރާމެދު ނަފްރަތުވެފައިވާ ބަޔެއް. މިއިން އެއްބަޔަކީވެސް، ރައްޔިތުންގެ ގިނަ ބައެއްގެ ރުހުމާއި ތާއީދު އެބަޔަކަށް ލިބިގެންވާ ބަޔެއް ނޫން.
އެދުވަހު ޖުމްހޫރީ މައިދާނަށް އެއްވި މީހުންގެ ތެރެއިން ބަޔަކު އަންގައިގެން، މާފުށީ ޖަލުގައި އެކި ކުށްކުށުގެ އަދަބުގައި ބަންދުކޮށްފައި ތިބި 58 މީހަކު ގަވާއިދާ ޚިލާފަށް ޖަލުން ނުކުމެ، ދޯންޏެއްގައި މާލެ އަންނަން ދަތުރުފެށި. އެމީހުންގެ އަތުގައި އެކިވަރުވަރުގެ ދަގަނޑުބުރިބުރިއާއި، ލަކުޑިބުރިތައް ފަދަ، ޙަމަލާދޭން ބޭނުންކުރެވިދާނެ ފަދަ ތަކެތި ހުރިކަމަށްވޭ. އެބައިމީހުން މާލެއެރިޔަ ނުދިނުމަށްޓަކައި ކޯސްޓްގާޑުން ކަނޑުމަތިން އެދޯންޏާ ބައްދަލުކޮށް، އެއެންމެން ހިފައި ހައްޔަރުކޮށް އަނބުރާ މާފުށްޓަށް ގެންދިޔަ. މާލޭގައި ގޭގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިންވެސް ބައެއްމީހުން އަމިއްލައަށް ގެއިން ނުކުމެގެން ޖުމްހޫރީ މައިދާނަށް ގޮސްފައިވޭ.
ކަންތައްތައް ހިނގަމުންދިޔަގޮތަށް ބަލާއިރު، މިކަން ރާވައި ހިންގި ބަޔެއްގެ މަޤްޞަދަކީ، ޖޫންމަހު 9 ވަނަ ދުވަހު އަޅުގަނޑު ހުށަހެޅި އިޞްލާޙީ އެޖެންޑާއަށް ހުރަސްއެޅުން ކަމަށް ޤަބޫލުކުރަންޖެހޭ.
ބޭރުގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ބުނާގޮތުގައި، މިމަހުގެ 12 ވަނަ ދުވަހުގެ ރެޔާއި 13 ވަނަ ދުވަހު ޖުމްހޫރީ މައިދާނަށް އެއްވެ ތިބި ބަޔަކީ ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށް މަސައްކަތް ކުރަމުންގެންދިޔަ ބައެއް. އެކަމަކު އެއީ ޙަޤީޤަތެއް ނޫން. އެހެން މިދަންނަވަނީ، ފުރިހަމަ ޑިމޮކްރަސީއެއް ރާއްޖެއަށް ގެންނަން އެދޭ ބަޔަކު ތޫނު ހަތިޔާރު ހިފައިގެން ތަނަކަށް އެއްވެއެއް ނޫޅޭނެ. އަމަން ބަލަހައްޓަން ތިބި ބަޔަކަށް ޙަމަލަދީ ޒަޚަމްކޮށެއް ނަހަދާނެ. ސަރުކާރުގެ ޢިމާރާތެއްގައި އަލިފާން ރޮލެއްނުކުރާނެ. ސަރުކާރުގެ އޮފީހަކަށް ގަދަކަމުން ވަންނާކަށް މަސައްކަތެއް ނުކުރާނެ. އަދި ޖަލުގައި އެކި ކުށްކުށުގައި އަދަބުގައި ބަންދުކޮށްފައި ތިބި ބަޔަކަށް އަންގައިގެން، އެކިކަހަލަ ހަތިޔާރު ހިފައިގެން މާލެއަރާކަށް މަސައްކަތެއް ނުކުރާނެ. އެކި ކުށްކުށުގެ އަދަބުގައި ގޭގައި ބަންދުކޮށްފައި ތިބި ބަޔަކު ނުކުމެ އެތަނަށް ގޮސް ސަރުކާރާ ދެކޮޅަށް ހަޅޭއްލަވައެއް ނަހަދާނެ. މިކަންކަމަކީ ޑިމޮކްރަސީއެއް ތަނަކަށް ގެންނަން އުޅޭ ބަޔަކު ކުރާނެ ކަންތައްތަކެއް ނޫން.
އާދެ! އަޅުގަނޑުގެ ނަޒަރުގައި ދިވެހިންގެ ގިނަމީހުން އެދެނީ، ވަކިބަޔެއްގެ އަމިއްލަ އެދުމަށް ތަންދޭކަށެއް ނޫން. އެއާޚިލާފަށް، ގިނަމީހުން ބޭނުންވަނީ، ޤައުމުގެ މަޞްލަޙަތާއި ފުރިހަމަ ހަމަޖެހުމާއެކު، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއާ އެކުއެކީގައި، ދީމުޤްރާޠީ ހެޔޮބަދަލުތައްވެސް، ވިސްނުންތެރިކަމާއި ހަމަޖެހުމާއެކު ގެނައުމަށް.
އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ އަނެއްކަމަކީ، އޯގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ރެޔާއި، 13 ވަނަ ދުވަހު މިއެއްވި އެއްވުމާ ގުޅިފައިވާ ބޭރުގެ ނުފޫޒުތަކެއް ހުރިކަމުގެ ނިޝާންތައް ފެންނަން ހުރިކަން. މިއީ، އަޅުގަނޑުމެން ވަރަށް ބޮޑަށް ހޭލުންތެރިވެ ސަމާލުވާން ޖެހޭނެ ކަމެއް. އާދެ! ރާއްޖޭގެ ތާރީޚަށް ބަލާއިރު، ދިވެހިންގެ މަދުބަޔަކާއި ބޭރުގެ ނުފޫޒުތަކަކާ ގުޅިގެން ވަރަށް ބޮޑެތި ގެއްލުންތައް ދިވެހިރާއްޖެއަށް ގެނެސްފައި އެބަހުރި. ބައެއްފަހަރަށް ރާއްޖޭގެ މިނިވަންކަންވެސް ގެއްލިފައި އެބަހުރި.
މިގޮތުން މިހާރުވެސް ރާއްޖޭގެ ރީތިނަން ކިލަނބުކޮށް، ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުކޮށްލުމަށް، ދިވެހިންގެ މަދުބަޔަކު، ބޭރުގެ ބައެއް ނުފޫޒުތަކާ ގުޅިގެން ފާޅުގައި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. ކަމެއް ހަލާކުކޮށްލުމަކީ، ވަރަށްފަސޭހަ ކަމެއް.
ދިވެހިރާއްޖޭގެ އިޤްތިޞާދު ހަލާކުކޮށްލަން މަސައްކަތްކުރުމަކީ، ދިވެހި ރައްޔިތުން ފަޤީރުކޮށް، ނިކަމެތިކޮށްލުމަށް މަސައްކަތްކުރުން. މި ޖީލުގެ ދިވެހި ކުޑަކުދިންނާއި ޒުވާނުންގެ ކުރިމަގަށް ހުރަސްއެޅުން. އެއީ، ހަމަގައިމުވެސް ޤައުމުދެކެ ލޯބިވާ، ދިވެހި ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކު ކުރާނެ، އަދި ކުރަން ޚިޔާލުކުރާނެ ކަމެއްވެސް ނޫން.
އަޅުގަނޑުމެން ފިކުރުކުރަންޖެހޭ އަނެއްކަމަކީ، ދިވެހިންގެ ބަޔަކު އިންޓަރނެޓްގެ ޛަރީޢާއިން ރާއްޖެއާ ބެހޭގޮތުން ދޮގު މަޢުލޫމާތު ފަތުރަމުންގެންދާކަން. މިއީވެސް، ޤައުމަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއްނޫން. އެމީހުން އެކަން އެކުރަނީ، ރައްޔިތުންނާ ސަރުކާރާ ޖެއްސުމުގެ މަޤްޞަދުގައި. އަދި ރާއްޖޭގެ އުފެއްދުންތެރިކަމަށް ގެއްލުން ދިނުމުގެ މަޤްޞަދުގައި.
ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭކަހަލަ އީމެއިލްތަކާއި ޚަބަރުތައްވެސް އެމީހުން އެގެންދަނީ ފަތުރަމުން. އެކަމެއްގައި ޤައުމުގެ ހަލާކު ހިމެނޭ މިފަދަ ނޭދެވޭ ޢަމަލުތައް ކުރަމުންދާ ބަޔަކަށް، އެއްވެސް ދިވެއްސަކު ހެއްލިގެން ނުދިޔުމަށް އަޅުގަނޑު މި ފުރުޞަތުގައި އިލްތިމާސް ކުރަން.
ރާއްޖެއަކީ، ކިތަންމެކުޑަޔަސް، އަދި ކިތަންމެ މީސްކޮޅުމަދަސް، ދުނިޔޭގެ ނުފޫޒުތަކަށް ހުޅުވިފައިވާ ޤައުމެއް. އެހެންކަމުން، ރާއްޖޭގެ އެތެރޭގެ ކޮންމެ ހަމަނުޖެހުމަކީ، ދިވެހި ޤައުމަށް ޙަސަދަވެރިވެފައި ތިބި ބަޔަކަށް، އޭގެ ނާޖާއިޒު ފައިދާ ވަރަށް ފަސޭހައިން ނެގިދާނެ ކަމެއް.
އަޅުގަނޑުމެންގެ ތާރީޚުން ލިބިދޭ އެއްފިލާވަޅަކީ، ދާޚިލީ ހަމަނުޖެހުންތަކުގެ ނާޖާއިޒު ފައިދާ އަޅުގަނޑުމެންގެ ދުޝްމަނުން ނަގާފައިވާކަން. މިއަދުގެ ރާއްޖެއަކީ، ކުރިއަށްވުރެ މާބޮޑަށް ބޭރަށްހުޅުވި، ބޭރުދުނިޔެއާ ގުޅިފައިވާ ޤައުމަކަށްވާތީ، މިކަމަކީ، ރާއްޖެދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިޔަކު ވިސްނައި ފިކުރުކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ އިޤްތިޞާދީ ކުރިއެރުން ދެކެފައި، އާދެ! ދިވެހިންގެ ހިތްވަރާއި މިންނަތުން ހޯދާފައިވާ ކާމިޔާބީ ފެނިފައި، ޙަސަދަވެރިކަމުގެ ލޮލަކުން ބަލަމުންގެންދާ ބަޔަކު ތިބުމަކީ، ވަރަށް އެކަށީގެންވާ ކަމެއް.
އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުމެއް އުފެދޭ ކޮންމެ ދަނޑިވަޅަކީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ކުރިއެރުމަށް ޙަސަދަވެރިވާ ބަޔަކަށް ލިބޭ ރަނުގެ ފުރުޞަތަކަށް ވެގެންދާނެ.
މީގެއިތުރުން، ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވެފައި، ރައްޔިތުންގެ އުޚުއްވަތްތެރިކަމާއި، ދާޚިލީ ހަމަޖެހުން ފެނިފައި، ދިވެހިންގެ ޢަޤީދާއަށް ބުރޫއަރުވައި، ޞުލްޙަވެރިކަން ނަގާލުމަށް އެދޭ ބަޔަކުވެސް ތިބެދާނެކަމަށް އަޅުގަނޑުމެން ވިސްނަންވާނެ.
ޝައްކެއްނެތް، ދިވެހިންގެ ޢަޤީދާ ބަދަލުކޮށްލަން ބޭރުގެ ބައެއް ފަރާތްތަކުން މީގެ އަހަރުތަކެއް ކުރިން ނާކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވޭ. އެފަދަ ފަރާތްތަކުންވެސް، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ހަމަޖެހުމާއި، ދީނީ ވަޙްދަތު ނަގާލުމަށް، އަދިވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އަޅުގަނޑުމެން ބަލަންވާނެ. އަދި އެފަދަ ފަރާތްތަކާމެދު މިފަދަ ވަގުތެއްގައި ތިބެންޖެހޭނީ، ވަރަށް ރަނގަޅަށް ހުޝިޔާރުވެގެން.
ބޭރުގެ ޤައުމުތަކާއި ބޭރުގެ މީހުންނާ އެކުވެރިކަން ބަދަހިކުރަމުން ގެންދިޔުމަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ކަމެއް. އެހެންކަމުން، މަދުބަޔަކު ނަމަވެސް، ރާއްޖެއާއި ބޭރުގެ ދުނިޔެއާ ދެމެދު މިއޮތް އެކުވެރިކަމުގެ ގުޅުން ހީނަރުކޮށްލުމަށް މަސައްކަތް ކުރަމުންގެންދާކަމީ، އަޅުގަނޑުމެން ވަރަށް ހިތާމަކުރަންޖެހޭ ކަމެއް.
އެހެންނަމަވެސް، ޒަމާނުއްސުރެ ދިވެހިންނާ އެކުވެރިކަން ބަދަހިކުރަމުން ގެންގޮސްފައިވާ ޤައުމުތަކުން، ކަމުގެ ޙަޤީޤަތަށް ރިޢާޔަތް ނުކޮށް، ރާއްޖެއާ އޮންނަ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނުގެންނާނެ ކަމުގެ ޔަޤީންކަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެބައޮތް.
އާދެ އަޅުގަނޑުގެ ފަރާތުން އަޅުގަނޑުމެންނާ އެކުވެރި ބައެއް ޤައުމުތަކަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ޚާއްޞަ މަންދޫބުން އެ ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއަށް މި ދިމާވި ކަންތައްތަކުގެ ޙަޤީޤަތް އޮޅުންފިލުއްވައިދެއްވުމުން، އެ ޤައުމުތަކުގެ ސަރުކާރުތަކުން ދިވެހި ސަރުކާރަށް ތާއީދުކުރައްވާކަން ވަނީ ހާމަކުރައްވާފައި. ދިވެހި ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާކަން ވަނީ ހާމަކުރައްވާފައި. އަދި ރާއްޖެ ކުރިމަތިލަމުންމިދާ އިޞްލާޙީ ފިޔަވަޅުތަކަށް ވަރަށްބޮޑަށް ތަރުޙީބުދެއްވައި، އެކަންކަން ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އެ ބޭފުޅުންގެ ހިތްޕުޅުގައި އޮތް ވާހަކަ ވަނީ ވިދާޅުވެފައި. މިކަމަށްޓަކައި އަޅުގަނޑުމެންނާ ރަޙްމަތްތެރިކަން ގެންގުޅުއްވާ ހުރިހާ ޤައުމުތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.
ދިވެހިންނާއި ބޭރު ޤައުމުތަކުގެ މީހުންނާ ގުޅުން ބަދަހިކޮށް، ދިވެހިރާއްޖެއަށް ރީތިނަން ހޯދައިދިނުމުގެ ފުރްޞަތު ލިބިފައިވާ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އަޅުގަނޑު މިދަންނަވަނީ، ރާއްޖެއިން ބޭރުގައި ދިރިއުޅެމުންގެންދާ ދިވެހިންގެ ވާހަކަ. އަދި ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާޞިލް ކުރަމުންގެންދާ ދިވެހި ޒުވާނުންގެ ވާހަކަ.
އާދެ! ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ޒުވާނުންނާއި، ބޮޑެތި މީހުންގެ ފަރާތުން އަޅުގަނޑު އެދެނީ، ޤައުމީ ލޯބި ކުރިއަށްނެރެ، ޤައުމުގައި ހިނގާ ކަންތައްތަކުގެ ތެދު މަޢުލޫމާތު ހޯދައި، ރާއްޖޭގެ ރީތިނަމާއި ޝަރަފު ހިފެހެއްޓުމަށް މަސައްކަތް ކޮށްދިނުމަށް. އެއީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ކޮންމެ ދިވެހި ފަރުދެއްގެވެސް ޤައުމީ ވާޖިބެއްކަމުގައި އަޅުގަނޑު ދެކެން.
މި އޯގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ރެޔާއި، 13 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ހިނގާދިޔަ ހާދިސާއަކީ، ދިވެހި ކޮންމެ މަންމައަކާއި ބައްޕައެއް، އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތެރެއިން ހަރުމީހުން ވަރަށް ބޮޑަށް ކަންބޮޑުވާނެ ހާދިސާއެއް. ދިވެހި އާދަކާދައާއި، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ، މަޝްވަރާކޮށްގެން ކަންކަން ނިންމާ އުޞޫލަށް ލޯބިކުރާ މީހުންނަށް ވަރަށްފުން އަސަރެއް ކުރާނެ ހާދިސާއެއް.
އާދެ! އަޅުގަނޑުމެންގެ ދަރިންނަށް ދަސްކޮށްދޭންވީ، އެކުވެރިކަންމަތީ މަޝްވަރާކޮށްގެން ކަންކަން ނިންމުމުގެ އުޞޫލު. އަޅުގަނޑުމެންގެ ޒުވާނުންގެ ކިބައިން އަޅުގަނޑުމެން އެދެންވީ، ޚިޔާލު ތަފާތުވާހިނދުގައިވެސް ކެތްތެރިކަމާއި، ހެޔޮވިސްނުމާއެކު، ޤައުމުގެ މަޞްލަޙަތު ކުރިއަށްނެރުމަށް.
އޯގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ރެޔާއި، 13 ވަނަ ދުވަހުގެ ހާދިސާއިން އަޅުގަނޑުމެންގެ ޒުވާނުންނަށް ފެނިގެން މިދިޔައީ، މިދެންނެވި ސިފަތަކެއް ނޫން. ކެތްތެރިކަމެއް ނޫން. ޤައުމުގެ މަޞްލަޙަތު ކުރިއަށްނެރެވުނު ތަނެއްވެސް ނޫން. މަޝްވަރާ ކުރުމެއްވެސް ނޫން. ޙަޤީޤަތުގައި އެތަނުން ފެނިގެންދިޔައީ، އަޅުގަނޑުމެންގެ ކުޑަކުދިންނާއި ޒުވާނުންނަށް ފެންނަން ބޭނުންނުވާނެ މަންޒަރުތަކެއް.
އާދެ! މާތްﷲގެ އިރާދަފުޅުން ދިވެހިންގެ އެއްބާރުލުމާއެކު، މިފަދަ ކަމެއް އަޅުގަނޑުމެންގެ މިލޮބުވެތި ފަސްގަނޑުގައި އިތުރަށް ވެގެން ނުދިޔުމަކީ، އަޅުގަނޑުމެންގެ ހިތްތަކުގެ ނިދާ.
މިދަނޑިވަޅުގައި އަޅުގަނޑުމެންގެ ޢަޒުމަކަށްވާންވީ، ޤާނޫނުއަސާސީއަށް ގެންނަން ފެންނަ ކަމަށް، ޖޫން މަހުގެ 9 ވަނަ ދުވަހު އަޅުގަނޑު ދެންނެވި އިޞްލާޙުތަކާއި، ރާއްޖޭގެ ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މަޑުޖެހުމެއްނެތި ކުރިއަށް ގެންދިޔުން.
އަދި މިގޮތުން، އަޅުގަނޑު ކުރަންޖެހޭ ކަންތައްތައްކޮށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންނަށް ބޭނުންފުޅުވާނެ ކަމަށް ފެންނަ މަޢުލޫމާތު ކަރުދާސްތައްވެސް، ދެފޮތެއްގެ ސިފައިގައި ޗާޕުކޮށް، މިހާރުވާނީ ޚާއްޞަ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ފޮނުވާފައި.
ޖޫންމަހު 9 ވަނަ ދުވަހު އަޅުގަނޑު ދެއްކި ވާހަކައިގައި، ރާއްޖޭގައި ސިޔާސީ ޕާޓީގެ ނިޒާމަކަށް ތަންދޭގޮތަށް ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ހުށަހަޅާނެ ވާހަކަވެސް ވާނީ ދަންނަވާފައި.
ސިޔާސީ ޕާޓީގެ ނިޒާމަކީ، ރާއްޖެއަށް މުޅިން އާ ނިޒާމަކަށްވާތީ، ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައި ހިންގާނެ ގޮތަކާ ބެހޭގޮތުން، ކަމާބެހޭ ފަންނީ ތަޖުރިބާކާރުންގެ އެހީ ބޭނުންވާތީ، މިކަމުގައި އެމެރިކާގެ ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް ފޮރ އިންޓަރނޭޝަނަލް އެފެއާޒްގެ އެހީ ހޯދުމަށް މިގެންދަނީ މަސައްކަތް ކުރަމުން.
އާދެ! މަދުބަޔެއްގެ ނޭދެވޭ ޢަމަލުތަކެއްގެ ސަބަބުން، ޤައުމުގެ އިޞްލާޙީ އެޖެންޑާ މަޑުޖެހިގެންދިޔަ ނުދިނުމުގައި، ތިޔަ ހުރިހާ ޢިއްޒަތްތެރި މެންބަރުންގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން ދެއްވުމަށް އަޅުގަނޑު އެދެން. އަދި ދިވެހި ޒުވާނުންގެ އެއްބާރުލުންވެސް އަޅުގަނޑު ބޭނުން. ދިވެހިރާއްޖޭގައި އެކިއެކި ރޮނގުތަކުން ތަޢުލީމު ޙާޞިލު ކުރައްވައިގެން ތިއްބެވި ބޭބޭފުޅުންގެ އެހީތެރިކަންވެސް ބޭނުން. ވިޔަފާރިވެރިންނާއި، އެކިފެންވަރުގެ ޖަމާޢަތްތަކާއި، ޢާންމުކޮށް، ޤައުމުގެ އެންމެހާ އަފްރާދުންގެ އެއްބާރުލެއްވުން އަޅުގަނޑު ބޭނުން.
މާތްﷲގެ އިރާދަފުޅާއެކު، ޤައުމަށް ގެންނަންޖެހޭ އިޞްލާޙުތައް، ތިޔަ އެންމެހާ ބޭފުޅުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.
މިހިނގާ ރިޔާސީ ފަސްއަހަރު ސަރުކާރުން އިސްކަންދޭ މައިގަނޑު ފަސް ދާއިރާއިން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތައް މިގެންދަނީ ކުރަމުން.
މިއިޞްލާޙީ ބަދަލުތަކުގެ ތެރޭގައި، ރާއްޖޭގެ ޢަދްލު އިންޞާފުގެ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން، ކުށުގެ މައްސަލަތައް ތަޙްޤީޤު ކުރުމާއި، ކުށުގެ މައްސަލަތައް ސާބިތުކުރުމާބެހޭ މިންގަނޑުތައް، މިޒަމާނުގެ އުސޫލުތަކާ ގުޅޭގޮތަށް އިޞްލާޙުކޮށް، މި އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން، އެ މިންގަނޑުތަކަށް މިގެންދަނީ ޢަމަލުކުރަމުން.
މީގެއިތުރުން، މީހުން ހައްޔަރުކުރެވޭ ބާވަތުގެ ކުށާއި، ހައްޔަރު ނުކުރެވޭ ބާވަތުގެ ކުށުގެ ގަވާއިދު އެކުލަވާލައި، މިގަވާއިދަށްވެސް މިގެންދަނީ ޢަމަލުކުރަމުން.
ރާއްޖޭގެ ފުލުހުންނަކީ، މަދަނީ ބަޔެއްގެ ގޮތުގައި ހަމަޖައްސައި، ސިފައިންނާއި ފުލުހުންނަކީ، ދެ މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާ ވަކި ދެބަޔެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ، މިއަންނަ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު ހަމަޖެހޭނެ.
ރާއްޖޭގެ ޤައުމީ އަދި ސިޔާސީ ޙަޔާތުގައި ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ ދައުރު އިތުރަށް ވަރުގަދަކުރުމަށްޓަކައި ކުރަމުންގެންދާ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ ޤާނޫނުއަސާސީގައި ބުނެފައިވާ، ރައްޔިތުންގެ މަޖިލީހުން ވަޒީރުންނާ ސުވާލު ކުރެއްވުމުގެ ނިޒާމު އިތުރަށް ފުރިހަމަކުރުމުގެ ގޮތުން، އެކަމާބެހޭ ޤާނޫނެއްގެ ބިލެއް މިހާރުވާނީ ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ފޮނުވާފައި.
މިބިލް މިހުށަހެޅީ، ވަޒީރުންނާ ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރެވިދާނެ ކަމަށް ޤާނޫނުއަސާސީގައި އޮތް ނަމަވެސް، އެކަމާބެހޭ އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައި ނުވާތީ، ޤާނޫނުއަސާސީގެ މިމަޤްޞަދު ފުރިހަމައަށް ޙާޞިލު ކުރުމަށް މަގުފަހިކުރުމަށްޓަކައި.
އަދި ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ކުންފުނިތައް ރެގިއުލޭޓްކުރާ ފަރާތާއި، ހިންގާ ފަރާތް ތަފާތުކުރުމުގެ ގޮތުން، ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް، ޗެއަރމަނުންނާއި މެންބަރުން، އަލުންވަނީ ޢައްޔަންކޮށްފައި.
ޤައުމުގެ ކަންތައްތަކަށް އަޅުގަނޑު ގެންނަމުން މިދާ ބަދަލުތަކުގައި، ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވާ ވާހަކަ މިފުރުޞަތުގައި ދަންނަވަން.
މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެން އެންމެން ތިބެންވާނީ، އެކަތިގަނޑަކަށްވެގެން. ލޯތައް ހުޅުވާލައިގެން. ވިސްނުންތެރިކަންމަތީގައި.
އަދި ހަމައެއާއެކު، ޢާންމު ދިރިއުޅުމުގައި ކުރާ މަސައްކަތްތައް މަޑުޖެހުމެއްނެތި ކުރިއަށް ގެންދަންވީ. އިޤްތިޞާދަށް އެއްވެސް ހީނަރުކަމެއް އަޔަނުދިނުމަށް އަމިއްލަ ފަރާތްތަކާއި، ސަރުކާރުން ކުރާ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންދަންވީ.
ޤައުމީ ފެންވަރުގައި ތަރައްޤީއަށް ކުރެވޭ މަސައްކަތްތައްވެސް، އާ ރޫޙެއްގައި ކުރިއަށް ގެންދަންވީ. ދަރިން ތަރުބިޔަތު ކުރުމާއި، ތަޢުލީމު ދިނުމަށް ކުރާ މަސައްކަތްތަކަށްވެސް، އާ ހިތްވަރެއްލާންވީ. ޢާއިލާގެ ގުޅުން ބަދަހިކޮށް، ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދަންވީ. އަދި ޤައުމުގެ މަސަލަސްކަމާއި، ތަރައްޤީއާއި އުފާވެރިކަން ދަމަހައްޓަވާތޯ، އަޅުގަނޑުމެން ތަޤްވާވެރިކަންމަތީ ދެމިތިބެ، މާތްﷲގެ ޙަޟްރަތަށް ދުޢާ ދަންނަވަންވީ. އެއީ، ދިވެހިންގެ ގޮތަކީ.
މިމަހުގެ 12 ވަނަ ދުވަހުގެ ރެޔާއި، 13 ވަނަ ދުވަހު ހިނގިފަދަ ކަންތައްތަކުން، ޢާންމު ރައްޔިތުން ދުރުހެލިވެ ތިބުމަކީ، ހަމަ ކޮންމެހެން ބޭނުންކަމެއް. އަދި މިފަދަ ޣައިރު ޤާނޫނީ ޙަރަކާތްތައް ހިންގާ ފަރާތްތަކުން އެ ހިންގާ ކަންތައްތަކަށް ތަރުޙީބުނުދީ، އެކަންކަމުގައި ބައިވެރިނުވެ، ކޮންމެ މީހަކީވެސް ޒިންމާދާރު ރައްޔިތަކަށްވެ، ޤައުމަށާއި ރައްޔިތުންނަށް ފައިދާހުރި ގޮތެއްގެ މަތިން ހުރިހާ ކަމެއްގައިވެސް ޢަމަލުކުރަމުން ގެންދިޔުމަކީ، ވަރަށް މުހިންމު ކަމެއް.
އަޅުގަނޑުގެ މި ވާހަކަކޮޅު ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުން އަޑުއެއްސެވި ކަމަށްޓަކައި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މާތްﷲ، އަޅުގަނޑުމެންނަށް ދުރުވިސްނުމާއި ޙިކްމަތްތެރިކަން ދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުކަމާއެކު ދެމިތިބެ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، އަމަންއަމާންކަމާއި، ހަމަޖެހުމާއި، ކުރިއެރުމާއި، ބާއްޖަވެރިކަމަށް މަސައްކަތް ކުރަމުން ގެންދިޔުމުގެ ހެޔޮ ތައުފީޤު މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ދެއްވުން.
والسّـلام عليــكم ورحـمــة اللّـه وبـركاتـه.