بســم اللّـه الرّحمـن الرّحيــم

الحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين؛ سيِّدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިރެޔަކީ ވަރަށް އުފާވެރި ރެއެއް. ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ވަރަށް ޚާއްޞަ މުނާސަބަތެއް ފާހަގަވެގެންދާ ރެއެއް. އާދެ، އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް އުފަންވިތާ 25 އަހަރު ފުރުން ފާހަގަކުރުމުގެ އިޙްތިފާލުތައް ނިމުމަކަށް އަންނަ ރޭ. އެހެންކަމުން، މިއުފާވެރި އަދި ތާރީޚީ މުނާސަބަތުގައި، އީ.ޕީ.އެސް. ސްކޫލްގެ ޢިއްޒަތްތެރި ޕްރިންސިޕަލް އަލްފާޟިލް ޙަސަން މާހިރަށާއި އަދި އެ ސްކޫލްގެ މުއައްސިސުން ނުވަތަ ފައުންޑަރުން ކަމުގައިވާ އެންމެހާ ބޭފުޅުންނަށް، އާދެ، އެ ބޭފުޅުންގެ ތެރޭގައި، އަލްފާޟިލް މުޙައްމަދު މުޞްޠަފާ ޙުސައިން، އަލްފާޟިލް އަޙްމަދު މުޖްތަބާ، އަލްފާޟިލް މުޙައްމަދު ޝަރީފް، އަލްފާޟިލް ޝަހީމް ރާޒީ، އަލްފާޟިލް ގަދަގޭ ތުއްތުމަނިކު، މި ބޭބޭފުޅުން ހިމެނޭކަން ވަރަށް އުފަލާއެކު ފާހަގަކުރަމުން، އެބޭފުޅުންނަށާއި އަދި އީ.ޕީ.އެސް. ސްކޫލުގެ އިޚްލާޞްތެރި ޚިދުމަތްތެރި ހިންގުންތެރިންނަށާއި، އޯގާވެރި މުދައްރިސުންނަށާއި، އީ.ޕީ.އެސް. ސްކޫލުގެ ލޮބުވެތި ޠާލިބާއިންނަށާއި ޠާލިބުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މުބާރަކްބާދީއާއި ތަހުނިޔާ އަދާކުރަން. ހަމައެހެންމެ، މިރޭގެ މިއުފާވެރި ޖަލްސާއަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި އީ.ޕީ.އެސް. ސްކޫލުގެ ޕްރިންސިޕަލަށާއި ވެރިންނަށް ޝުކުރު ދަންނަވަން.

އާދެ، މި ޖަލްސާ އެންމެ ފުރަތަމަ ބޭއްވުމަށް ރޭވިފައި އޮތީ، އަޅުގަނޑު ހިތުން މީގެ ސާދަވަރަކަށް ދުވަސް ކުރިން. އީ.ޕީ.އެސް. ސްކޫލަށް 25 އަހަރު ފުރޭ ދުވަހަކީ ނުވަތަ ފުރުނު ދުވަހަކީ، މިވޭތުވެދިޔަ ޖޫންމަހުގެ 21 ވަނަ ދުވަސް. އޭރު އެ ސްކޫލުން ޤަޞްދުކުރައްވާފައި ވަނީ އެދުވަހާ މުނާސިބުވާ ގޮތެއްގައި މި ޖަލްސާ ބޭއްވެވުމަށް. އެހެންނަމަވެސް، އަޅުގަނޑުގެ މަސައްކަތްތައް ހުރިގޮތުން، އެދުވަސްވަރު މިކަހަލަ ޖަލްސާއަކަށް އައުން މާފަސޭހަނޫންކަން، އީ.ޕީ.އެސް. ސްކޫލުގެ ވެރިންނަށް އެނގިވަޑައިގަތުމާ އެކީގައި، ވަރަށް ހިތްޕުޅުހެޔޮކަމާ އެކީގައި، އަޅުގަނޑަށް ފަސޭހަ ވަގުތަކަށް މި ޖަލްސާ އެ ބޭފުޅުން ފަސްކޮށްދެއްވީ. އެހެންކަމުން، އެކަމަށްޓަކައިވެސް އީ.ޕީ.އެސް. ސްކޫލުގެ ޕްރިންސިޕަލަށާއި ހިންގުންތެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

އާދެ، އީ.ޕީ.އެސް. ސްކޫލުގެ ތަޖުރިބާއަކީ ވަރަށް މުއްސަނދި ތަޖުރިބާއެއް. އީ.ޕީ.އެސް. ސްކޫލް ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގައި، 25 އަހަރުގެ ދިގު މުއްދަތުގައި މި ކުރަމުން އައި ޖިހާދަކީ ވަރަށް މަތިވެރި ޖިހާދެއް. އަޅުގަނޑުމެންގެ އަމިއްލަ މަދަރުސާތަކަށް އީ.ޕީ.އެސް. ސްކޫލް ދައްކައިދީފައި ވަނީ، ވަރަށް އަލިގަދަ މަގެކޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. ޝައްކެއްނެތް، އިންސާނީ ކޮންމެ މަސައްކަތަކީ، އެ މަސައްކަތަކަށް ތަފާތު ހުރަސްތަކެއް މެދުވެރިވެގެންދާނެ މަސައްކަތެއް. ކާމިޔާބީއާއި ނާކާމިޔާބީ އެކުލެވިގެންވާނެ މަސައްކަތެއް. އީ.ޕީ.އެސް. ސްކޫލުގެ ތަޖުރިބާއިން އަޅުގަނޑުމެންނަށް މިއީ ޙަޤީޤަތެއްކަން ދޭހަވޭ. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން އިޝާރާތް ކުރެއްވި ފަދައިން، އީ.ޕީ.އެސް. ސްކޫލް ފެށިގެން އައީ ވަރަށް ކުޑަކުޑަގޮތެއްގައި. އީ.ޕީ.އެސް. ސްކޫލުގެ ބާނީންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ގޭގައި، ވަރަށް ކުޑަކުޑަ ކުލާހެއްގެ ގޮތުގައި އެންމެ ފުރަތަމަ އުފެދުނީ. ދޮޅުއަހަރެއްހާ ދުވަސް ވަންދެން ބޮޑުފެންވަޅުގޭގައި އެ ސްކޫލް ނުވަތަ އެ ކުލާސް ހިނގަމުން އައުމަށްފަހުގައި، އެހެން ޢިމާރާތަކަށް ބަދަލުވި. މާފަންނުއާގެއަށް. އެތާނގައި ފަސްއަހަރެއްހާ ދުވަސް ހޭދަކުރުމަށްފަހުގައި، މިހާރު އީ.ޕީ.އެސް. ސްކޫލް ހިނގަމުންދާ ޢިމާރާތަށް، އާދެ، ޗާނދަނީގޭގެ ޢިމާރާތަށް ބަދަލުވެގެންދިޔައީ. މިކަމުންވެސް ދައްކައިދެނީ، އީ.ޕީ.އެސް. ސްކޫލަށް އެ ސްކޫލުގެ ޙަޔާތުގެ އެންމެ ކުރީކޮޅުގައި ދިމާވި ބޮޑެތި ދަތިތައް. އަދި މިހާރުވެސް އެދަތިތައް އެ ސްކޫލަށް ޖެހެނީ އިޙްސާސްކުރަން. އާދެ، މިހާރު އެ ސްކޫލް ހިނގަމުންދަނީ ސަރުކާރުން އެ ސްކޫލް ހިންގުމަށް ހިލޭ ދޫކޮށްފައިވާ ޢިމާރާތެއްގައި ކަމަށްވިޔަސް، އެހިސާބުން އަދި އެ ސްކޫލަކަށް އެކަމުގެ ޙައްލެއް ފެނިފައި އޮތެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ. އެހެންނަމަވެސް، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، މި އަންނަ އަހަރުގެ ތެރޭގައި، މިހާރު އީ.ޕީ.އެސް. ސްކޫލް ހިންގުމަށްޓަކައި ސަރުކާރުން ޢިމާރާތްކޮށްދެމުން މިގެންދާ ޢިމާރާތް ނިމުމުން، އީ.ޕީ.އެސް. ސްކޫލުގެ ޢިމާރާތުގެ މައްސަލައަށް އިރާދަކުރެއްވިއްޔާ މިވަގުތަށް އެކަށީގެންވާ ޙައްލެއް އޮންނާނީ ފެނިފައި.

އާދެ، މިނޫންވެސް ވަރަށްގިނަ ދަތިތަކާ އީ.ޕީ.އެސް. ސްކޫލް ކުރިމަތިލާން ޖެހުނު. އޭގެތެރޭގައި ފީގެ ގޮތުގައި ނެގޭ ފައިސާއިން ސްކޫލުގެ ޚަރަދުތައް ހަމަޖައްސަން ދަތިވުމާއި، ޓީޗަރުން ހޯދަން ދަތިވުމާއި އަދި ކިޔަވައިދިނުމަށްޓަކައި ބޭނުންވާ ތަފާތު ވަސީލަތްތައް ހޯދަން ދަތިވުމާ، މިކަހަލަ ވަރަށްގިނަ ކަންތައްތައް ސްކޫލަށް އޮތީ ކުރިމަތިވެފައި. އެހެންނަމަވެސް، އެހުރިހާ ދަތިތަކެއް ވަރަށް ވަރުގަދަ ޢަޒުމަކާއި ހިތްވަރަކާ އެކީގައި ޙައްލުކުރައްވައި، 25 އަހަރުގެ ދިގު ރާސްތާ، ވަރަށް ކާމިޔާބު ގޮތެއްގައި މި ސްކޫލް ހޭދަކޮށްފައިވާކަން އެއީ، މިއަދު އަޅުގަނޑުމެން ވަރަށް ފަޚުރުވެރިކަމާއެކީގައި ފާހަގަކުރަންޖެހޭ ޙަޤީޤަތެއް.

އާދެ، އެ ދަތިތައް ޙައްލުކޮށް، އެ ހުރަސްތައް ގިރާކޮށް މިއަދު އީ.ޕީ.އެސް. ސްކޫލް ހޯދާފައި އެވާ މަތިވެރި މަގާމު އެ ސްކޫލަށް ލިބިފައި އެވަނީ ވަރަށްގިނަ ފަރާތްތަކެއްގެ އިޚްލާޞްތެރި މަސައްކަތާއި އެއްބާރުލެއްވުން އެ މަސައްކަތުގައި ހިމެނިގެން. އޭގެތެރެއިން އެންމެ ޚާއްޞަ އެއްފަރާތަކީ، އެ ސްކޫލް ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތަކާ ވަރަށްގިނަ ދުވަސް ވަންދެން ޙަވާލުވެވަޑައިގެން ހުންނެވި އަދި މިހާރުވެސް މެދުނުކެނޑި 16 އަހަރުގެ ދިގު މުއްދަތުގައި އެ ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމު ނުހަނު ހީވާގިކަމާއި މުރާލިކަމާއި ކާމިޔާބާއެކުގައި އަދާކުރައްވަމުން ގެންދަވާ އަލްފާޟިލް ޙަސަން މާހިރު. ދެފަހަރެއްގެ މަތިން، 18 އަހަރުގެ ދިގު މުއްދަތެއްގައި އޭނާވަނީ ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަސްއޫލިއްޔަތު އަދާކޮށްދެއްވާފައި. އަދި މިހާރުވެސް އެ ބުރަ މަސްއޫލިއްޔަތު އުފުއްލަވަމުން އެ ގެންދަވަނީ އޭނާ. އޭނާއަށް އެހީތެރިވެދެއްވުމުގެ ގޮތުން ސްކޫލުގެ ފައުންޑަރުންނާއި، ސްކޫލަށް ހެޔޮއެދޭ އެހެން ފަރާތްތަކުންވެސް ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން މި ފުރުޞަތުގައި އަޅުގަނޑުގެ ހަނދާނަށް ގެންނަން. ހަމަ އެއާއެކީގައި، ސްކޫލުގެ ހީވާގި ޓީޗަރުން ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަކީ ފަހަރެއްގައިވެސް އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ހަނދާންނައްތާލާނެ ނުވަތަ އެމީހެއްގެ ހަނދާނުން އެކަން ކެހިގެންދާނެ ޚިދުމަތްތަކެއް ނޫން. އޭގެތެރެއިން ވަރަށް ޚާއްޞަ ގޮތެއްގައި، މިސްޓަރ އީ.އެލް.ކޭ. ފެނާންޑޯގެ ނަންފުޅު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. އޭނާއަކީ މިހާރުގެ ޕްރިންސިޕަލްގެ ނާއިބު. އެންމެ އިސްއެހީތެރިޔާ. އަދި ވަރަށްގިނަ ދުވަސް ވަންދެން އީ.ޕީ.އެސް. ސްކޫލް ހިންގުމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް. އެހެންކަމުން، އޭނާއަށާއި އަދި އީ.ޕީ.އެސް. ސްކޫލުގެ އެހެން ޓީޗަރުންނަށާއި، އީ.ޕީ.އެސް. ސްކޫލުގެ ހީވާގި އަދި މުރާލި އަދި ކިޔަވާހިތްވާ ދަރިވަރުންނަށް މި މުނާސަބަތުގައި ވަރަށް އިޚްލާޞްތެރި މުބާރަކްބާދީއެއް އަދާކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް.

ރާއްޖޭގެ ތަޢުލީމީ ޗާޓުގައި، 1968އާ 1993އާ އެދޭތެރޭގައި ވަރަށްބޮޑު ތަފާތެއްވާކަން، އެ ޗާޓަށް ބަލައިލި ކޮންމެ މީހަކަށް ފާހަގަވެގެންދާނެ. 1968 ވަނަ އަހަރު އީ.ޕީ.އެސް. ސްކޫލް ހުޅުވުނުއިރު، އިނގިރޭސިބަހުން ކިޔަވައިދޭ ހުރީ ހަމައެކަނި މާލޭގައި ހުރި ސަރުކާރުގެ ދެ މަދަރުސާ. މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލް. އެކަން އެހެންއޮއްވާ، އީ.ޕީ.އެސް. ސްކޫލް ދުނިޔޭގެ އަލިކަން ދުށުމުން، އިނގިރޭސިބަހުން ތަޢުލީމު ޙާޞިލްކޮށްދޭ އަމިއްލަ މަދަރުސާއެއް އުފެދުނީ. އެވަގުތު އިނގިރޭސި ތަޢުލީމަށް ބޭނުންވެފައިވާ، ވަރަށްގިނަ ކުދިންތަކެއް ތިބީ، އެ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތުން މަޙްރޫމުވެފައި. އެހެންތިއްބާ، އީ.ޕީ.އެސް.ގެ ދޮރުތައް އެ ކުދިންނަށް ހުޅުވިގެންދިޔުމުން، އެ ކުދިންނަށް ލިބިފައި އެވަނީ ވަރަށްވެސް މަތިވެރި ފުރުޞަތެއް. އެ ފުރުޞަތުގެ ބޭނުންކޮށްގެން، ރާއްޖޭގެ ލޮބުވެތި ދަރިވަރުންގެ ތެރެއިން ވަރަށްގިނަ ޢަދަދެއްގެ ކުދިބަޔަކުވަނީ އެކަށީގެންވާ ތަޢުލީމެއް، މިދިޔަ 25 އަހަރު ދުވަހުގެ ދިގު ރާސްތާގައި ޙާޞިލްކޮށްފައި.

އާދެ، އީ.ޕީ.އެސް. ސްކޫލުގެ ދަރިވަރުންގެ ތެރެއިން، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް ވިދާޅުވި ފަދައިން، ވަރަށްގިނަ ކުދިންނަކީ ނުވަތަ ތަޢުލީމު ޙާޞިލްކޮށްގެން ނުކުމެފައިވާ މީހުންނަކީ، ސަރުކާރުގެ ތަފާތު ދާއިރާތަކުގައިވެސް އަދި އަޅުގަނޑުމެންގެ ޤައުމީ ޙަޔާތުގެ އެހެން ދާއިރާތަކުގައިވެސް ވަރަށް ހަރުދަނާގޮތެއްގައި އެކަށީގެންވާ ޚިދުމަތްތަކެއް މިހާރު ކޮށްދެމުންގެންދާ ބައެއް. އެހެންކަމުން، އީ.ޕީ.އެސް. ސްކޫލުގެ ފަރާތުން ދިވެހި މުޖްތަމަޢަށް، ދިވެހި ޤައުމަށް، ދިވެހި ކިޔަވާ ކުދިންނަށް ލިބިފައިވާ ކުރިއެރުމާއި ތަރައްޤީއަކީ، މިފަދަ މުނާސަބަތެއްގައި ފާހަގަކުރުން ވަރަށް ޙައްޤު ޚިދުމަތަކާއި، ކުރިއެރުމަކާއި، ތަރައްޤީއެއް ކަމުގައި އަޅުގަނޑު ދެކެން.

އީ.ޕީ.އެސް. ސްކޫލަކީ، ބޭރުގެ އިމްތިޙާނުތަކުގައި ކުދިން ބައިވެރިކުރި އެންމެ ފުރަތަމަ އަމިއްލަ މަދަރުސާ. އަދި އީ.ޕީ.އެސް. ސްކޫލުގައި މިހާރު ޖީ.ސީ.އީ. އޯ ލެވެލްއާއި އޭ ލެވެލްއަށް ކިޔަވައިދެމުން ގެންދާކަން މި ފުރުޞަތުގައި އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. މިހާތަނަށް އޯ ލެވެލްގައި 600 އަށްވުރެ ގިނަ ކުދިން ބައިވެރިކޮށްފައިވާކަމާއި، އޭގެތެރެއިން ވަރަށްގިނަ ޢަދަދެއްގެ ކުދިންވަނީ އިމްތިޙާނުން ފާސްވެފައިކަމާއި އަދި 1989 ވަނަ އަހަރުގެ ޖީ.ސީ.އީ. އޯ ލެވެލް އިމްތިޙާނުގައި އެންމެމަތީ ވަނަތައް ހޯދި ދަރިވަރަކީ، އީ.ޕީ.އެސް. ސްކޫލުގެ ދަރިވަރެއްކަން އަޅުގަނޑު ވަރަށް އުފަލާއެކު މިރޭ ފާހަގަކުރަން.

ތަޢުލީމީ ދާއިރާގެ އިތުރަށް، މަދަރުސާތަކުގައި ހިންގޭ އެކިއެކި ޙަރަކާތްތަކުގައިވެސް އީ.ޕީ.އެސް ސްކޫލުގެ ފަރާތުން ވަރަށް އެކަށީގެންވާ ގޮތެއްގައި ވަނީ ފައިތިލަ ސާބިތުކޮށްފައި. އާދެ، އެކިއެކި އަދަބީ މުބާރާތްތަކާއި، ޘަޤާފީ މުބާރާތްތަކާއި، ކުޅިވަރު މުބާރާތްތަކާ، މިނޫންވެސް ސްކޫލްތަކުގެ މެދުގައި ބޭއްވޭ މުބާރާތްތަކުގައި ވަރަށް ކުލަގަދަ ކާމިޔާބީތަކެއް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އީ.ޕީ.އެސް. ސްކޫލް ޙާޞިލްކޮށްފައިވާކަން އެއީ، އަޅުގަނޑުމެން އެންމެންވެސް ދަންނަ ކަމެއް. އެހެންކަމުން، ތަޢުލީމަކީ ހަމައެކަނި ފޮތުން ކިޔަވާ ކިޔެވުމެއް ކަމުގައި ނުވާތީ، އެއީ ކިޔަވާ ޢުމުރުގެ ކުދިންނަށް ލިބޭ ތަފާތު ތަޖުރިބާތަކުގެ މައްޗަށް އެކުލެވޭ އެއްޗަކަށްވާތީ، މިރޮނގުންވެސް އީ.ޕީ.އެސް. ސްކޫލުން ކުރަމުންގެންދާ ޚިދުމަތަކީ މިފަދަ މުހިންމު މުނާސަބަތެއްގައި އަޅުގަނޑުމެން ފާހަގަކުރަންޖެހޭނެ ކަމެއް.

އާދެ، ސަރުކާރުން ތަޢުލީމަށްދޭ އަހަންމިއްޔަތަކީ، ތިޔައިގެ ތެރެއިން އެއްވެސް ބޭފުޅަކަށް ވަންހަނާވެގެންވާނެ ކަމެއްނޫން. ތަޢުލީމަކީ އަޅުގަނޑުމެންގެ ޤައުމީ ޙަޔާތުގެ ވަރަށް މުހިންމު ބައެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ކިޔަވާކުދިންގެ ޢަދަދަކީ މުޅި އާބާދީގެ ނިސްބަތުގައި ވަރަށްގިނަ ބައެއް. އަދި މީގެ ވިއްސަކަށް އަހަރު ކުރިން، ރާއްޖޭގެ ތަޢުލީމީ ކަންތައްތައް ހުރިގޮތާއި އަދި އެކަމުގެ ސަބަބުން ތަޢުލީމަށް ސަރުކާރުން ދޭންޖެހިފައިވާ އަހަންމިއްޔަތާއި، ކުރަންޖެހިފައިވާ ހޭދައަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ވިސްނޭނެ ކަންތައްތަކެއް. މިހާރުވެސް ސަރުކާރުގެ ބަޖެޓަށް ވިސްނާލާއިރުވެސް ތަޢުލީމަށް ކުރާ ޚަރަދަކީ، އެހެން ހުރިހާ ކަމަކަށް ކުރާ ޚަރަދަށްވުރެ މާބޮޑު ޚަރަދެއް ކަމުގައި ދަންނަވާލަންޖެހޭ.

އާދެ، ވޭތުވެދިޔަ އަހަރުގެ، ސަރުކާރުގެ ޚަރަދަށް ބަލާއިރުވެސް ތަޢުލީމީ ކަންތައްތަކަށް ސަރުކާރުން 219 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަން އެނގުމުން، އަޅުގަނޑު ހިތުން ސަރުކާރުން ތަޢުލީމަށްދޭ އަހަންމިއްޔަތު ކިތަންމެ ރަނގަޅަކަށްވެސް ހާމަވެގެންދާނެ. އެއީ، ސަރުކާރުގެ ބަޖެޓުގެ 16.5 ޕަސެންޓް. ސަތޭކައަކުން 16.5 ޚަރަދުވެފައިވަނީ ތަޢުލީމަށް. މިއަހަރުވެސް ވަރަށްގިނަ ޚަރަދުތަކެއް ސަރުކާރުން ތަޢުލީމު ކުރިއަށް ގެންދިޔުމަށްޓަކައި ކުރަމުން އެބަގެންދޭ. އޭގެތެރޭގައި ސަރުކާރުން ހިންގާ ސްކޫލްތަކަށް ކުރާ ޚަރަދާއި، މާލޭގައި ހިންގާ ސްކޫލްތަކާއި، ރާއްޖެތެރޭގައި ސަރުކާރުން ހިންގާ ސްކޫލްތަކަށް ސަރުކާރުން ކުރަމުންގެންދާ ޚަރަދުގެ އިތުރަށް، އަމިއްލަ މަދަރުސާތަކަށް ސަރުކާރުން ވެދޭ އެހީއާ، މިހުރިހާ ކަމެއް ހިމެނޭ. އާދެ، އަމިއްލަ މަދަރުސާތަކަށް ސަރުކާރުން ވެދޭ އެހީތަކުގެ ތެރޭގައި، ޓީޗަރުންގެ މުސާރަ ހަމަޖައްސައިދިނުމާއި، ޢިމާރާތުގެ އެހީ ވެދިނުމާއި އަދި ސްކޫލްތަކަށް ބޭނުންވާ، އެނޫން ވަސީލަތްތައް ހޯދައިދިނުމަށްޓަކައި ކުރާ ހޭދަތައްވެސް ހިމެނޭ. އާދެ، މި ހުރިހާ ކަމެއް މިހެން ކުރަންޖެހޭ ސަބަބަކީ، ތަޢުލީމަކީ އެއާނުލާ އެއްވެސް ޤައުމަކަށް ކުރިއަށްނުދެވޭނެ ވަސީލަތަކަށްވާތީ، ރާއްޖޭގައި އެކަށީގެންވާ ފެންވަރަކަށް ރާއްޖޭގެ ދަރިންނަށް ތަޢުލީމު ޙާޞިލްކުރެވޭނެ ފުރުޞަތު ހޯދައިދިނުންކަން ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެ.

އާދެ، ތަޢުލީމު ޙާޞިލްކުރާ ކުދިބަޔަކު، އެކުދިން ސްކޫލުން ވަކިވެގެން ދިޔުމަށްފަހުގައި ކުރިމަތިލާނީ ޢަމަލީ ޙަޔާތާ. އެހެންކަމުން، އެއީވެސް މިއަދުގެ އީ.ޕީ.އެސް. ސްކޫލުގެ ދަރިވަރުންވެސް އަދި ރާއްޖޭގައި ތަޢުލީމު ޙާޞިލްކުރާ ހުރިހާ މަދަރުސާތަކެއްގެ، ސްކޫލްތަކެއްގެ، އަދި ކުލާސްތަކެއްގެ ދަރިވަރުންވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ނުކުތާއެއް. ކޮންމެ ކުއްޖަކުވެސް ތަޢުލީމު ޙާޞިލްކޮށް ނިމިގެން ނުކުމެފައި، ކޮންމެވެސް ފައިދާހުރި މަސައްކަތެއް ކުރުމުގެ މުހިންމުކަން މިހާރުވެސް އެކުދިން ވަޒަންކުރަންޖެހޭނެ.

ތަޢުލީމަކީ ވަރަށްބޮޑު މަސައްކަތަކުން، ވަރަށްބޮޑު ހޭދައަކުން ޙާޞިލްވާ އެއްޗެއް. ތިޔަކުދިންގެ މައިންބަފައިން ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން، ތިޔަކުދިންނަށް ތަޢުލީމު ޙާޞިލްކޮށްދެމުން ގެންދަނީ. ހަމައެފަދައިން، ސަރުކާރުންވެސް ކުރިން މި އިޝާރާތްކުރި ފަދައިން، ވަރަށް ބޮޑެތި ހޭދަތަކެއް ތިޔަކުދިންނަށްޓަކައި ކުރަމުންގެންދޭ. މި ހުރިހާ ކަމެއްގެ އަގު ތިޔަކުދިން ވަޒަންކޮށް، ތިޔަކުދިން ޢަމަލީ ޙަޔާތަށް ނުކުތުމަށްފަހުގައި، ތިޔަކުދިންނަކީ ޤައުމަށް ފައިދާހުރި، މުޖްތަމަޢަށް ތެދުވެރި، ޤައުމުދެކެ ލޯބިވާ ބަޔަކު ކަމުގައި ވާންޖެހޭނެކަމާމެދަކު ޝައްކެއްނެތް.

އާދެ، އަޅުގަނޑު މި ވާހަކަ ދަންނަވާއިރު، މިހާރު ރާއްޖޭގައި ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން ނިމޭ ކުދިންގެ ޢަދަދާއި އަދި އެ ކުދިންގެ ތެރެއިން އެކިއެކި މަސައްކަތުގައި އުޅޭ ކުދިންނާއި، އެއްވެސް ކަމެއް ނުކޮށް ތިބޭ ކުދިންނާ، މިކަމާ ދޭތެރޭގައިވެސް އެއްޗެއް ބުނެލަން އެބަޖެހޭ.

އާދެ، 1991 ވަނަ އަހަރާއި، 1992 ވަނަ އަހަރާއި، 1993 ވަނަ އަހަރާ، މި ތިން އަހަރަށް ޖުމްލަކޮށް ބަލާއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި، ޖީ.ސީ.އީ އިމްތިޙާނުގައި ބައިވެރިވި ކުދިންގެ ޢަދަދަކީ 2197، ވަރަށްގިނަ ޢަދަދެއް. އޭގެތެރެއިން މަތީ ތަޢުލީމު ޙާޞިލްކުރަން މިހާރު މަސައްކަތްކުރާ ކުދިންނާއި އަދި ސަރުކާރުގެ ވަޒީފާގައި އުޅޭ ކުދިންނާއި ނުވަތަ އަމިއްލަ ވަޒީފާތަކުގައި އުޅޭ ކުދިންނާ، މި ހުރިހާ ކުދިންގެ ޢަދަދު ކެނޑީމާ، ސަރުކާރަށް އެނގޭގޮތުގައި، އެއްވެސްކަހަލަ ފައިދާހުރި މަސައްކަތެއް ނުކޮށް، 644 ކުދިން މިހާރުވެސް އެބަތިބި. އަޅުގަނޑު ހިތުން މިއީ ވަރަށް ބޮޑަށް އަޅުގަނޑުމެން ވިސްނަންވެއްޖެ ނުކުތާއެއް. ވަކިވަރަކަށް ތަޢުލީމު ޙާޞިލްކޮށްގެން ތިބޭ ކުދިންގެ ތެރެއިން އެހާގިނަ ޢަދަދެއްގެ ކުދިބަޔަކު އެއްވެސް ފައިދާހުރި މަސައްކަތެއް ނުކޮށް، ބޭކާރުގޮތުގައި އެ ކުދިންގެ ވަގުތުތައް ނަގާލަމުންގެންދާ ކުދިބަޔަކު ނުވަތަ ޒުވާނުންގެ ބަޔަކު ރާއްޖޭގައި ތިބުމަކީ ކޮންކަހަލަ ކަމެއްތޯ އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑުމެންގެ ވާޖިބަކަށްވާނީ، އެ ކުދިންނަށް މަގުދައްކައިދިނުން. އަދި އެ ކުދިންނަށް، އެ ކުދިންގެ ބޭނުންތެރިކަމާ ދޭތެރޭގައި ކަންތައްތައް ރަނގަޅަށް އޮޅުންފިލުވައިދިނުން. އެ ކުދިންނަކީ، އެ ކުދިންގެ ޤައުމަށް ދަރާފައިވާ، ވަރަށްބޮޑު ދަރަންޏެއް، އެ ކުދިންގެ ބޮލުގައި އެޅިފައިވާ ކުދިބައެއްކަން ހަނދާންކޮށްދީ، އެ ކުދިންގެ ފަރާތުން ކޮންމެވެސްކަހަލަ ފައިދާއެއް ޤައުމަށް ވާންޖެހޭނެކަން އެ ކުދިންނަށް ހަނދާންކޮށްދިނުމަކީ، އަޅުގަނޑު ހިތުން ސްކޫލްތަކުގެ ވެރިންނާއި، ޓީޗަރުންނާއި އަދި މައިންބަފައިންނާއި ބެލެނިވެރިންގެވެސް ވަރަށްބޮޑު ވާޖިބެއް.

އާދެ، އަޅުގަނޑުމެން ޤައުމާއިގެން ކުރިއަށްދާން ބޭނުންވާއިރު، އެންމެ ބޮޑަށް ބޭނުންވާ ކަމަކީ، އަޅުގަނޑުމެންގެ ތެރޭގައިވާ އިންސާނީ މުއްސަނދިކަން، އޭގެ ބޭނުން ފުރިހަމަގޮތުގައި ކުރުން. އަޅުގަނޑުމެންގެ އިންސާނީ މުއްސަނދިކަން ބިނާކުރުމަށްޓަކައި ތަޢުލީމުގެ ވަސީލަތްތައް ހަމަޖައްސައި، އެވަސީލަތްތަކުގެ ޚިދުމަތް އަޅުގަނޑުމެންގެ ޅަކުދިންނަށާއި ޒުވާނުންނަށް ދެމުން މިގެންދަނީ. ބޭނުމަކީ ފައިދާހުރި އިންސާނުންތަކެއް ބިނާކުރުން. ހަރުދަނާ ޝަޚްޞިއްޔަތެއް ލިބިގެންވާ، މަތިވެރި އަޚްލާޤަކާއި، ރީތި އުޅުމެއް ލިބިގެންވާ، ޤައުމަށް ތެދުވެރި، ވަފާތެރި ޒުވާނުންތަކެއް މުޖްތަމަޢަށް ނެރުން. އެއީ ތަޢުލީމުގެ ބޭނުމަކީ. ފަހަރެއްގައިވެސް ތަޢުލީމުގެ ބޭނުމަކީ ހަމައެކަނި މަޢުލޫމާތުތަކެއް، އެ ކުދިންގެ ސިކުނޑިތަކަށް ވައްދައިދިނުމެއް ނޫން. ތަޢުލީމުގެ ބޭނުމަކީ އެއީކަމަށްވަންޏާ، އަޅުގަނޑުމެންނަށް ގޭގައި ތިބެގެންވެސް ތަޢުލީމު ޙާޞިލްކުރެވިދާނެ. އަޅުގަނޑުމެން ބޭނުންވާ ފޮތްތައް ބަލައިގެން، އެއިން އެ މަޢުލޫމާތުތައް ހޯދިދާނެ. އެހެންނަމަވެސް، ތަޢުލީމުގެ ބޭނުމަކީ އެއީ ކަމަށްނުވާތީ، ތަޢުލީމުގެ ބޭނުމަކީ، ކުއްޖާގެ ޝަޚްޞިއްޔަތު ބިނާކުރުން ކަމަށްވާތީ، ކުއްޖާގެ ވިސްނުމަށާއި، އުޅުމަށާއި، އަޚްލާޤަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށްވާތީ، މަދަރުސާތައް ހިންގަންޖެހެނީ. ޓީޗަރުން ތިބެންޖެހެނީ. ކުދިން މަދަރުސާއަށް ގޮސްގެން ތަޢުލީމީ ހަރުދަނާ އުފާވެރި މާޙައުލެއްގައި އެ ކުދިން ތަރުބިޔަތުވާންޖެހެނީ.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، މިފަދަ މުނާސަބަތުތަކުގައި، އަޅުގަނޑުމެންގެ ތެރެއިން ވަކިފެންވަރަކަށް ތަޢުލީމު ޙާޞިލްކޮށްގެން މި ނުކުންނަ ކުދިންނާ ދޭތެރޭގައި އަޅުގަނޑުމެން އެންމެންވެސް ވިސްނައި، އެ ކުދިންނަށް މަގުދައްކައިދީ، އެ ކުދިންގެ ބޭނުން ހެޔޮގޮތުގައި ޤައުމަށް ކުރެވޭނެ ގޮތްތަކެއް ރޭވުން.

އާދެ، ހަމައެފަދައިން، އަޅުގަނޑުމެންގެ ތެރެއިން ތަޢުލީމު ޙާޞިލްކޮށްގެން ނުކުންނަ ޒުވާނުން، އެ މީހުން ޖަމާޢަތުގައި އުޅޭނެގޮތްވެސް ވާނެ ދަސްކުރަން. އާދެ، މިހެން ދެންނެވީމާ، ފަހަރެއްގައި އަޅުގަނޑު މި ބުނަންއުޅެނީ ކީކޭބާވައޭ ހިތްޕުޅަށް އެރުން އެކަށީގެންވޭ. އާދެ، ޖަމާޢަތެއްގައި އުޅުމަކީ މާފަސޭހަ ކަމެއްނޫން. ޖަމާޢަތުގައި ތަފާތު އަފްރާދުން ދިރިއުޅޭ. ތިމާގެ އަމިއްލަ ބޭނުންތަކާއި، ޖަމާޢަތުގެ ބޭނުންތަކާ ފުށުއަރާ ކިތަންމެ ކަމެއް ދިމާވޭ. ތިމާގެ ކަންތައްތަކުން ކޮންމެވެސް ބައެއް މުޖުތަމަޢަށްޓަކައި ދޫކޮށްލަންޖެހޭ ކިތަންމެ ކަމެއް ދިމާވޭ. އެއީ، ތިމާގެ އަމިއްލަ ޢާއިލީ ޙަޔާތުގައި ދިރިއުޅޭއިރުވެސް ނުވަތަ ތިމާ ބޭރުގައި ވަޒީފާގެ ދާއިރާގައި އުޅޭއިރުވެސް ނުވަތަ ޤައުމުގެ ފުޅާ މުޖުތަމަޢުގެ ތެރޭގައި އުޅޭއިރުވެސް، މި ދެންނެވި ގޮތްތައް ދިމާވޭ. އެހެންކަމުން، މުޖުތަމަޢެއްގައި، ޖަމާޢަތެއްގައި އުޅޭއިރު، ތިމާ ވާންޖެހޭނެ ޤުރްބާނީއާއި، ތިމާ ތަބާވާންޖެހޭނެ އުޞޫލުތަކާއި، ޙުރްމަތްތެރިކޮށްހިތަންޖެހޭނެ ކަންތައްތަކާ، މި ހުރިހާ ކަމެއް ރަނގަޅަށް ދަސްކޮށްގެން، އެގޮތަށް ޢަމަލުކުރާ ކަމުގައިނުވަންޏާ، ތިމާއަކީ ޢަމަލީ ޙަޔާތުގައި ކާމިޔާބުވާނެ އިންސާނަކަށް ނުވާނެ. އޮފީހުގެ ދާއިރާއަށް ވިސްނާލިޔަސް، އޮފީހަށް ނުކުމެއުޅުމުގައި، ވަކިކަހަލަ އުޞޫލުތަކެއްގައި އަޅުގަނޑުމެން ހިފަހައްޓަންޖެހޭ. ވަކިކަހަލަ އަޚްލާޤެއް އަޅުގަނޑުމެންގައި ހުންނަންޖެހޭ. އެހެން މީހުންނާ ދޭތެރޭގައި ވަކިކަހަލަގޮތަކަށް ޢަމަލުކުރަން ދަސްކުރަންޖެހޭ. ވިޔަފާރީގެ ދާއިރާގައި އުޅޭއިރުވެސް އަދި ޙަޔާތުގެ އެހެން، ކޮންމެ އުފެއްދުންތެރި ދާއިރާއެއްގައި އުޅޭއިރުވެސް އަދި ޢާއިލާގެ ތެރޭގައި އުޅޭއިރުވެސް ތިމާގެ އަމިއްލަ މިނިވަންކަމާއި، އަމިއްލަ ފައިދާއާއި، މުޖުތަމަޢުގެ މިނިވަންކަމާއި، މުޖުތަމަޢުގެ ފައިދާއާއި ހެވާ، މިދޭތެރޭގައި އޮންނަންޖެހޭ ރޮނގު ވަރަށް ރަނގަޅަށް ތިމާ އެކަމާ ދޭތެރޭގައި ވިސްނައި، އެ ރޮނގު އަޅަން އެބަޖެހޭ.

އެހެންކަމުން، އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެންގެ ތެރެއިން ތަޢުލީމު ޙާޞިލުކޮށްގެން މުޖުތަމަޢަށް ނުކުންނަ ކޮންމެ ކުއްޖަކުވެސް، ކޮންމެ ޒުވާނަކުވެސް މި ނުކުތާއާ ދޭތެރޭގައި ވަރަށް ބޮޑަށް ފިކުރުކޮށް، އެ ކުއްޖަކަށް އެ ލިބިފައިވާ ތަޢުލީމުގެ ބޭނުންކޮށްގެން އެ ކުއްޖަކަށް ލިބިފައިވާ ހެޔޮ ވިސްނުމުގެ ބޭނުންކޮށްގެން، އެ ކުއްޖާގެ ފަރާތުން އެހެން މީހުންނަށް އުފަލެއް، އެހެން މީހުންނަށް ފަސޭހައެއް ވާނެގޮތަކަށް ކަންތައްތައް ކުރަމުން ގެންދިޔުން. އެގޮތަށް ކަންތައް ކުރަން އަޅުގަނޑުމެން އާދަކޮށްފިއްޔާ ޝައްކެއްނެތް، މުޖުތަމަޢުގައި އޮންނާނީ ހަމަޖެހުމާއި އެއްބައިވަންތަކަމާއި އުފެއްދުންތެރިކަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ދެން މާދިގުކުރާކަށް ނެތިން. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދި އެއްވާހަކައެއް ދަންނަވަން އެބަ ބޭނުންވޭ.

އާދެ، އެއީ، ސަރުކާރުން އަމިއްލަ މަދަރުސާތަކަށްދޭ އެހީގެ ވާހަކަ ކޮންމެވެސްވަރަކަށް އަޅުގަނޑަށް ދަންނަވާލެވިއްޖެ. މެދުނުކެނޑި 5 އަހަރު ވަންދެން ނުވަތަ 10 އަހަރު ވަންދެން ނުވަތަ 20 އަހަރު ވަންދެން ނުވަތަ 30 އަހަރު ވަންދެން ހިންގާފައިވާ ތަފާތު މަދަރުސާތަކަށާއި ސްކޫލްތަކަށް ވަކިވަރެއްގެ ފައިސާގެ އެހީތަކެއް ސަރުކާރުން މިގެންދަނީ ވަމުން. އެހެންނަމަވެސް، މިހާރު ކަންތައްތައް ހުރިގޮތުގެ މައްޗަށް ބަލާއިރު، ކުރިން އެ ވަމުން އައި އެހީތައް އެއީ، މިހާރަށް މާ ކަމުދާ އެއްޗެއްހެން ހީނުވާތީ، ސަރުކާރުން މިހާރު ޤަޞްދުކުރަނީ އިރާދަކުރެއްވިއްޔާ މި އަހަރުން ފެށިގެން އެ އެހީތައް އެކަށީގެންވާ އެއްޗަކަށް ހެދުމަށްޓަކައި އިތުރުކުރަން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވުން. ޢިލްމުގެ ނޫރުން ފައިދާ ލިބިގަނެގެން، ޤައުމާއި މުޖުތަމަޢަށް ފައިދާހުރި ކަންތައްތައް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން މިންވަރުކުރެއްވުން. އަދި އީ.ޕީ.އެސް. ސްކޫލަށް ކުރިއަށް އޮތް 25 އަހަރަކީ، މިވޭތުވެދިޔަ 25 އަހަރަށްވުރެ ހުރިހާގޮތަކުންވެސް އުފާވެރި، ތަރައްޤީވެފައިވާ އަދި ހުރިހާގޮތަކުންވެސް ކުރިއެރުން ލިބެނިވި 25 އަހަރު ކަމުގައި ލެއްވުން. އާދެ، ހަމައެކަނި 25 އަހަރެއް ނޫން. އީ.ޕީ.އެސް. ސްކޫލުގެ ޙަޔާތުގައި ކުރިއަށް އޮތް 50 އަހަރުވެސް، 100 އަހަރުވެސް އަދި އެއަށްވުރެ ދިގު މުއްދަތެއްވެސް އަޅުގަނޑު އެދެނީ، އެއީ ވަރަށް އުފާވެރި ބާއްޖަވެރި، ހުރިހާގޮތަކުންވެސް އެ ސްކޫލަށާއި، ސްކޫލުގެ ހިންގުންތެރިންނަށާއި ދަރިވަރުންނަށް ކާމިޔާބީއާއި ނަޞްރާއި ފަތަޙަ ލިބެމުންދާނެ މުއްދަތެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى ލެއްވުން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމަށްފަހުގައި، އަދާކުރަންޖެހޭ އެހެން އުފާވެރި ވާޖިބެއްވެސް އެބައޮތް. އާދެ، އެއީ އީ.ޕީ.އެސް. ސްކޫލަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އާދެ، އީ.ޕީ.އެސް ސްކޫލުގެ ރިހި ޔޫބީލްގެ މި އުފާވެރި ތާރީޚީ މުނާސަބަތުގައި، ސަރުކާރުގެ ފަރާތުން އީ.ޕީ.އެސް ސްކޫލަށް ދޭ ޚާއްޞަ އެހީއެއް ރައްދުކުރުން. އެހެންވީމާ، އެ އެހީ ލިބިވަޑައިގަތުމަށްޓަކައި ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ޙަސަން މާހިރު ވަޑައިގެންދެއްވުން އެދެން.