ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބިނާކުރަނިވި ޚިދުމަތްތަކެއް ކުރެއްވުމުގައްޔާއި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރާއްވަވައި ހިންގެވުމުގައި މުހިންމު ދައުރެއް އަދާކޮށްދެއްވި އަދި ރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަ ކުރެއްވުމަށް ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވާ ގަލޮޅު ފިޔާތޮށިގޭ ޙަސަން ޞާބިރު، މިއަދު ހެނދުނުގެ ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. 

އެ މަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން 3 ދުވަސް ވަންދެން
(29 ޖުލައި 2025 ވާ އަންގާރަ ދުވަހުން ފެށިގެން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ
.