بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ ދުރާއި ގާތުން ބައްލަވާ އަދި އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އަޅުގަނޑުމެންގެ މި ފަޚުރުވެރި ޤައުމުގެ ފަޚުރުވެރި 60 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ، ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސްކުރަން.
އާދެ، މިއަދުގެ މި އުފާވެރި ޖަލްސާގައި، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބާއި، ޚާރިޖީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ލަޤަބް ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަރުޙަބާ ދަންނަވަން.
އާދެ، މިނިވަންކަމަކީ ވަރަށް ގިނަ ބައެއްގެ މިންނެތް އިޚްލާޞްތެރި، ބުރަ، ޤައުމީ މަސައްކަތުން ޙިމާޔަތް ކުރެވިގެން މިއަދާ ހަމަޔަށް ދިވެހި ރައްޔިތުންނަށް ލިބިފައިވާ އެއްޗެއް. އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެން އެންމެންގެވެސް ފަރުދީ ޒިންމާއެކޭ، މި ދެންނެވި ހުރިހާ ބޭފުޅުން މި ކުރެއްވި ޤައުމީ ބުރަ މަސައްކަތް، އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކީގައި ފޯރުކޮށްދިނުމަކީ. އެކަން ކުރާނީ ވަކި އެވެނި މީހެކޭ، މިވެނި މީހެކޭ އަޅުގަނޑުމެން އެކަކަށްވެސް ނުދެންނެވޭނެ. ތިމަންނަ ކުރަންޖެހޭ ކަމެއް މީގައި އެބައޮތޭ. ތިމަންނަގެ ޒިންމާ ފުރިހަމައަށް އެބައޮތޭ. މި ޤައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގަޔާއި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި، ތިމަންނަ މަސައްކަތް ކޮށްފިއްޔާ އެކަންޏޭ އެކަންވާނީ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކު އެއްވެސް ޝައްކެއްނެތި މިއަދު ޔަޤީންކަމާއެކީގައި ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ. އެނޫން އެއްވެސްގޮތަކަށް އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުނުކޮށްދެވޭނެ. އަޅުގަނޑު ރޭގައި ދެންނެވިން، ހަމަ މި މޭރުމުން ޤައުމީ ލޯބި އިސްކުރުމަށް. ޤައުމީ ލޯބި އިސްކުރެވޭނީވެސް ފަރުދީގޮތުން ތިމަންނަ މަސައްކަތް ކޮށްފިއްޔާކަން، ޤައުމުގެ މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރިކޮށް ފޯރުކޮށްދެވޭނީ ގަބޫލުކުރީމާކަން.
އެހެންވީމާ، މިއަދު އަޅުގަނޑުގެ މައިގަނޑު މެސެޖަކީ އަދި އިލްތިމާސަކީ އަދި ދަންނަވަން އޮތް ވާހަކައަކީ މިއީ. ސަރުކާރުތަކަށް މަސައްކަތް ކުރެވޭނީ. ރައްޔިތުން ސަރުކާރުތައް ހޮވަނީ. އެކި ދުވަސްވަރު އެކި ސަރުކާރުތައް، އެކި ވެރިން އެ ކުރައްވާ މަސައްކަތް ކުރައްވާނެ. އެހެންނަމަވެސް، ފަރުދީ ޒިންމާ އަދާކުރަންޖެހޭނެ. އަޅުގަނޑުމެންނާ ވެރިކަން ހަވާލުވެ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުވެސް މަސައްކަތް ކުރަމުން މިއައީ މިގޮތުގައި. އަޅުގަނޑުގެ މައިގަނޑު ސިޔާސަތަކަށްވީ އަދި ވާނީވެސް ދިވެހިން އިސްކުރުން. ދިވެހިންގެ ކަންކަމުގައި އެހެން މީހުންގެ އެހީތެރިކަން ހޯދިދާނެ. އެހެންނަމަވެސް، ކަން ކުރާނީ ދިވެހިންކަމުގެ ސިޔާސަތު. ދިވެހިރާއްޖޭގެ އިމުގެ ތެރޭގައި ކުރަންޖެހޭ ކަންކަން ދިވެހިންގެ އަތުން ކުރުން. ދިވެހިރާއްޖެއަށް ފައިދާވާ ކޮންމެ ކަމެއްގައި، އެހެން ހުރިހާ ޤައުމުތަކާވެސް ރަޙްމަތްތެރި ގާތް ގުޅުން ބޭއްވުން. އެއީ، އަޅުގަނޑުގެ ސިޔާސަތަކީ. އެންމެ ފުރަތަމަ ދުވަހުވެސް ދެންނެވި، މިއަދުވެސް ދަންނަވަން އޮތް އަދި މާދަމާގެ ސިޔާސަތަކީ މިއީ. މިކަންވެސް ކުރިއަށް ގެންދެވޭނީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާ އަޅުގަނޑުމެން އަދާކުރަން ޢަޒުމް ކަނޑައަޅައިގެން. އެކިމީހުން އެކި ދިމާގައި، އެކި ވިސްނުމުގައި ގޮސްގެން ޤައުމެއް ނޯންނާނެ. އެންމެން އެއް މިޞްރާބެއްގައި ޤައުމީ ލޯބީގައި، މި ދެންނެވި ވިސްނުމުގައި ކުރިއަށްދާހިނދު އެކަނި ޤައުމެއް، ޤައުމެއްގެ ގޮތުގައި އޮންނާނީ. އެހެންވީމާ، މިގޮތުގައި މި ޢަޒުމް ކަނޑައަޅަން އަޅުގަނޑު އިލްތިމާސް ކުރަން. ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް.
އަޅުގަނޑު މާގިނަ ވާހަކައެއް ޙަޤީޤަތުގައިވެސް މިއަދު ދަންނަވާކަށް ނެތިން. މި ވާހަކަ އެންމެ މުހިންމީ. ސަރުކާރުން މަސައްކަތް ކުރަމުންދާނަން، ޤައުމުގެ ތަރައްޤީ ކުރިއަށް ގެންދިޔުމުގައި. އަޅުގަނޑު ވެފައިހުރި ވަޢުދުތައް ފުއްދުމުގައި އިޚްލާޞްތެރިކަމާއެކީގައި ބުރަ މަސައްކަތް ކުރުމުގައި، ހުރިހާ ވަޒީރުންނާއި، ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން، ކުންފުނިތަކުގެ ވެރިން، ރައްޔިތުންގެ މަޖިލީހުގެ އަޅުގަނޑުމެންގެ ޢިއްޒަތްތެރި މެންބަރުން، މިހެންގޮސް މުޅި ސަރުކާރުން، މުޅި ދައުލަތުން މަސައްކަތް ކުރަމުންގެންދާނެ. މިކަންކަން ކުރުމުގައި އަޅުގަނޑުމެން ވަރަށް ހީވާގިކަމާއެކީގައި ރެޔާއިދުވާލު މަސައްކަތް ކުރާނަން. ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދަމުން، ވަރުގަދަ ޢަޒުމެއްގައި އަޅުގަނޑުމެންދާނީ ކުރިއަށް.
މިދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށްވުރެ ގިނަ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ހަމަ ޕްލޭނާ އެއްގޮތަށް ކުރެވިގެންދާނެ. ތަފްޞީލަށް މާބޮޑު ދާކަށްނެތިން. ހުރިހާ ދާއިރާއަކުންވެސް. އެއީ، އަޅުގަނޑުގެ އެންމެ މުހިންމު ދާއިރާ، ބޯހިޔާވަހިކަން ކަމުގައިވިޔަސް، އެ ދާއިރާއަށް ބެލިނަމަވެސް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގައި، މި ދަންނަވަނީ އަހަރުތަކެއް ނޫން. ހަފްތާތަކާއި މަސްތަކުގައި ފެނިގެންދާނެ. އިރާދަކުރެއްވީތީ މިދިޔަ ގިނަ ދުވަސްތަކުގައި އަޅުގަނޑުމެން މި ތައްޔާރުވަމުން އައި ކަންތައްތައް ޢަމަލީގޮތުން ފެނިގެންދާތަން ފެނިވަޑައިގަންނަވާނެ.
އިރާދަކުރެއްވީތީ ރާއްޖޭގެ ކޮންމެ ރަށެއްގައި، މާލޭގައި ހުރިހާ ކަންކޮޅެއްގައި މިހާރު ޢަމަލީގޮތުން ފެނިގެން އެދަނީ މިހެން. އަދި އިރާދަކުރެއްވިއްޔާ ފެންނަމުންދާނީވެސް ތަރައްޤީގެ ކަންތައްތައް ހާސިލުވަމުންދާތަން. ތަރައްޤީ އެހެންނަމަވެސް ހާސިލުވާނީ، ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެން އަމިއްލަ ނަފްސު އިޞްލާޙުކުރަން، މި ދެންނެވި ވިސްނުމުން ކުރިއަށްދާން ނިންމައިގެން. ނަފްސު ތަރައްޤީކޮށް، ސިކުނޑި ތަރައްޤީކުރަން ނިންމައިގެން. އެއީ، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ޒިންމާއަކީ. އަޅުގަނޑުމެންނަކީ ކޮންބައެއްކަން، ދިވެހިންނަށްވީތީ ފަޚުރުވެރިވާން، އަޅުގަނޑުމެންގެ އަބްޠާލުން ކުރެއްވި މަތިވެރި ޖިހާދު އެއީ، އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވޭނެ، ލޯމަރާލެވޭނެ ކަމެއްނޫންކަން ގަބޫލުކޮށްގެން. އަޅުގަނޑުމެންނަކީ ދިވެހިންކަން، ދިވެހިބަހަށް، އިސްލާމްދީނަށް، ޤައުމިއްޔަތަށް އިސްކަންދޭން އަޅުގަނޑުމެން ކޮންމެ މީހަކު ނިންމައިގެންކަން. ކިތަންމެ ގިނަ މަޝްރޫޢެއް ހިންގިޔަސް، އެނޫންގޮތަކަށް ޤައުމު ތަރައްޤީކުރުމަށް ކުރިއަށް ގެންދިޔުމުގެ އެއްވެސް މާނައެއް ނޯންނާނެކަން.
މި ވާހަކަ ދަންނަވާލަން އަޅުގަނޑު މިއަދު ހަމަ ޤަޞްދުކުރީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވާނެ. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެން ކަމުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރުކުރެއްވުން. އަޅުގަނޑުމެންގެ މި މަތިވެރި، ފަޚުރުވެރި ޤައުމުގެ މިނިވަންކަން ތާއަބަދަށް ދެމިގެންދިޔުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.