بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މި ތާރީޚީ ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، މި ޙަފްލާ، ދުރާއި ގާތުން ބައްލަވާ، އަޑުއައްސަވާ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިއަދަކީ ވަރަށްވެސް ތާރީޚީ ދުވަހެއް. މިރެޔަކީ ވަރަށްވެސް ތާރީޚީ ރެއެއް. މިއަދަކީ އަޅުގަނޑުމެންގެ ފަޚުރުވެރި 60 ވަނަ މިނިވަންދުވަސް. މި އުފާވެރި މުނާސަބަތުގައި، ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މިނިވަންދުވަހުގެ ތަހުނިޔާ އަރިސްކުރަން. އަދި މިރޭގެ މި އުފާވެރި އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން.
އާދެ، ކާމިޔާބީއަކީ ވަރަށްބުރަ މަސައްކަތުން ހާސިލުވާ އެއްޗެއް. ވަރަށްގިނަ ބައެއްގެ މަސައްކަތުން ހާސިލުވެގެންދާ އެއްޗެއް.
މިރޭ އަޅުގަނޑުމެން މި އިޙްތިފާލް ކުރަނީ މިފަދަ ވަރަށްބޮޑު ކަމެއްގެ ނިމުން ފާހަގަކުރުން. އަޅުގަނޑުމެންގެ ފަޚުރުވެރި އެއަރޕޯޓުގެ ޓަރމިނަލް ނިމި، އެތަން ހުޅުވުމުގެ އުފާވެރިކަން މިރޭ މި ފާހަގަކުރަނީ.
އާދެ، އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، މިކަމުގައި އަޅުގަނޑުމެންނަށް އެހީތެރިކަން ދެއްވި ބޭރުގެ ފަރާތްތަކާ މުޚާޠަބުކޮށް އެއްޗެއް ދަންނަވާލާފައި އަޅުގަނޑު ކުރިއަށްދާނަން.
The inauguration of the new terminal at Velana International Airport tonight marks a landmark achievement in the Maldives’ development journey—a bold step forward in modernizing our gateway to the world. This transformative project has been made possible through the steadfast support of our international development partners, whose contributions have been instrumental in shaping this national asset.
We are deeply grateful to the Saudi Fund for Development, the Kuwait Fund, the Abu Dhabi Fund for development and the OPEC Fund for their generous financial assistance.
We are also deeply grateful to the respective leaders of the countries to which these funds belong to. Their support, extended through highly concessional loans, has enabled the construction of a state-of-the-art terminal that reflects our national ambition.
The new terminal will not only enhance the travel experience for millions of passengers but also catalyze economic growth by enabling the Maldives to meet the demands of a growing tourism sector. It is a symbol of what can be achieved through collaborative development and a shared commitment to progress.
As we officially open the terminal tonight, we honour the trust and friendship of our partners who believed in this vision. Their contributions have laid the foundation for a more connected, resilient, and prosperous Maldives.
އާދެ، މިއަދުގެ މި އުފާވެރިކަން އަޅުގަނޑުމެން ފާހަގަކުރާއިރު، އަޅުގަނޑު އިސްކުރާނީ، މިގޮތަށް ޝުކުރުގެ ބަސްކޮޅެއް ފުރަތަމަވެސް ދަންނަވަން. މި ދެންނެވި ފަރާތްތަކުން އަޅުގަނޑުމެންގެ މި ޓަރމިނަލް ހުޅުވުމަށްޓަކައި އެހީތެރިކަން ދެއްވި. ދިވެހި ސަރުކާރުގެ ބަޖެޓުން ކުރެވުނު ހޭދައިގެ އިތުރަށް ބޭނުންވި ހުރިހާ އެހީތެރިކަމެއް ދެއްވީ، މި ދެންނެވި ހަތަރު ފަންޑުން.
އާދެ، މިއީ ދެންމެ ރިޕޯޓުންނާއި، އަދި އެމް.ޑީ.ގެ ވާހަކަފުޅުންވެސް ފާހަގަވިގޮތުގައި، ގާތްގަނޑަކަށް ދިހަވަރަކަށް އަހަރުދުވަސް ހޭދަވި މަސައްކަތެއް. ވަރަށްވެސް ގިނަ ފަރާތްތަކުގެ މިންނެތް ބުރަ މަސައްކަތް މީގައި ހިމެނޭ ކަމެއް. ދެ ސަރުކާރެއްގެ ބުރަ މަސައްކަތް މީގައި ހިމެނޭ. މިއަދާ ހަމަޔަށް، އަޅުގަނޑުމެންނާ ހަމަޔަށް މަސައްކަތް ހަވާލުވީއިރުގައި، އެހިސާބަށް ގެނައުމުގައި.
އެހެންވީމާ، މިގޮތުން މި ދެންނެވި ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. ޚާއްޞަކޮށް، މި މަސައްކަތް ފެށިގެން އައީ، ރައީސް ޔާމީންގެ ވެރިކަމުގައި ކަމުގައިވާތީ، އެ މަނިކުފާނަށާއި، ދެން އެއަށްފަހު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ކަމަށްވާތީ، މި ދެ ރައީސުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަޅުގަނޑާ މަސައްކަތް، އަޅުގަނޑުމެންގެ ސަރުކާރާ ހަވާލުވިއިރު އޮތް ހިސާބު އަޅުގަނޑު ތަކުރާރުނުކޮށް، ތަފްޞީލުކޮށެއް ނުދަންނަވާނަން. ވަރަށް ތަފްޞީލުކޮށް ދެންމެ ބަޔާންކުރެވިއްޖެ. އެހިސާބުން މިއަދާ ހަމަޔަށް މި ނިންމުމަށް މި ކުރެވުނު ހުރިހާ މަސައްކަތެއް ކުރުމުގައި ރެޔާއިދުވާލު ބުރަ މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުން، ސަރުކާރުގެ ވަޒީރުންނާއި، ކުންފުނީގެ، އެމް.އޭ.ސީ.އެލް.ގެ ހުރިހާ ވެރިންނާއި، ހުރިހާ މުވައްޒަފުން އެ ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް، މި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، މި މަސައްކަތް މިހާ ބުރަކޮށް، ހުރިހާ އެންމެން ގުޅިގެން ނުކުރިނަމަ، އަދިވެސް އިތުރު ދޮޅުއަހަރެއްހާ ދުވަސް ދާނެކަން އެއީ، އަޅުގަނޑުމެންނަށް އޭރުގައި ފެންނަން އޮތް ޙަޤީޤަތް. 2027ގެ ފަހުކޮޅު ނިމޭ ހިސާބުގައި މަސައްކަތުގެ ސްޕީޑާއި، އެކި ކަންކަން ހުރީ. އެހެންވީމާ، އަދިވެސް އެއްފަހަރު، މިކަމުގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، މިއަދު މި ހުޅުވިގެންދަނީ ވަރަށްވެސް މުހިންމު ދޮރާށްޓެއް. ފަޚްރުވެރި މިނިވަންދުވަހު އަޅުގަނޑު މިތަން ހުޅުވަން ބޭނުންވީ ހަމަ ޤަޞްދުގައި. ވަރަށް ޚާއްޞަ ސަބަބަކަށްޓަކައި. އެއީ، އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓުމުގައި، އިޤްތިޞާދީ މިނިވަންކަމަކީ ވަރަށް ޚާއްޞަ ކަމަކަށްވާތީ. އިޤްތިޞާދީ މިނިވަންކަމުގެ އެންމެ މުހިންމު ކަމަކީ، މި އެއަރޕޯޓް ކަމުގައިވާތީ. މި އެއަރޕޯޓުގެ އެންމެ މުހިންމު ބިނާއަކީ، މި ޓަރމިނަލް ކަމުގައިވާތީ. އެހެންވީމާ، މިރޭ ހުޅުވަން ބޭނުންވީ.
މި ޓަރމިނަލް މިރޭ ހުޅުވުމަށް މި ތަނަށް އައިސް، މިކަން ހާސިލުކުރުމަށް އެހީތެރިވި އެންމެންނަށް އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަމުގެ އުފާފާގަތިކަން، ހިތްހަމަޖެހުން ލިބިގެންދާނެ. އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކޮށް، ކުރިއަށް ގެންދިޔުމުގައި ޚާއްޞަކޮށް، ޓޫރިޒަމް ދާއިރާ، އަދިވެސް ޖުމްލަކޮށް އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންގެ ރާއްޖެ ކުރިއެރުމުގައި އިރާދަކުރެއްވިއްޔާ މި ވެގެންދާނީ ވަރަށް މުހިންމު މަސައްކަތަކަށް. އާދެ، އަޅުގަނޑު ހަމަ ކުޑަ ވާހަކައެއް ދަންނަވާލާފައި ވަކިވެލާނަން.
އަޅުގަނޑުމެން މިފަދަ ވަގުތެއްގައި ޢަޒުމް ކަނޑައަޅަންވީ، ޤައުމު އިސްކުރުމުގައި. އަޅުގަނޑުމެންގެ މިފަދަ ކޮންމެ ހިނދުކޮޅެއްގައި، ވަގުތެއްގައި އަޅުގަނޑުމެން ގަބޫލުކުރަންވީ، ހަނދާނަށް ގެންނަންވީ އަޅުގަނޑުމެންނަކީ އެއްބައެއްކަން. އެއްބަހަކުން ވާހަކަދައްކާ، އެއްދީނަކަށް ނިސްބަތްވާ، އެއް މާޒީއެއް އޮތް، އެއްބައެއްވަންތަ ބައެއްކަން. މިއީ ދިވެހިން. ފަޚުރުވެރި ދިވެހިން. ފަޚްރުވެރި މާޒީއެއް އޮތް ދިވެހިރާއްޖެ. އެހެންވީމާ، އަޅުގަނޑުމެންގެ ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމު. އަޅުގަނޑުމެންގެ އަމިއްލަ މަޞްލަޙަތާއި، އަޅުގަނޑުމެންގެ ޒާތީ ތަޢައްޞުބާއި، އަޅުގަނޑުމެންގެ ހުރި ކޮންމެ ކަމަކަށްވުރެވެސް އިސްވާންވީ ދިވެހި ޤައުމު. ދިވެހި ޤައުމު އިސްކޮށް، އެންމެން އެކަތިގަނޑަކަށްވެ، މި ޤައުމު ކުރިއެރުމުގައި، މި ޤައުމަށް ހެވާއި ލާބަ ހޯދައިދިނުމުގައި އަޅުގަނޑުމެން ކިޔަންވީ އެކައްޗެއް. އެއް ލަވައެއް. އެއްބަހަކުން، އެއް ރާގެއްގައި، އެއްވާނެއްގައި ވާހަކަ ދައްކަންވީ. އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ޤައުމަށް އެންމެ ހެޔޮ ކަންތައްތައް ކޮށްދެވޭނީ. އަންނަން އޮތް ޖީލުތަކަށް މި ޤައުމު އުފާފާގަތިކަމުގައި ވާޞިލްކޮށްދެވޭނީ. އެއީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް. އަޅުގަނޑުމެން ކޮންމެ މީހެއްގެ މަސްއޫލިއްޔަތެއް އެއީ. އަޅުގަނޑުމެން އެކަކަށްވެސް ރެކިގެން ދުރަށްނުދެވޭނެ ޙަޤީޤަތެއް އެއީ.
އެހެންވީމާ، މިއަދު އަޅުގަނޑުމެން އެންމެން ޢަޒުމް ކަނޑައަޅަންވީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ހުރި ކޮންމެ ކަމަކަށްވުރެ އިސްކުރަންވީ ދިވެހި ޤައުމުކަން. އެންމެން އެކުގައި އަތުކުރި އޮޅާލައިގެން ކުރިއަށްދިޔުމުގައި ޢަޒުމް ކަނޑައަޅަންވީ.
މިއީ އަޅުގަނޑު ހަމައެކަނި މިރޭ ދަންނަވަން ބޭނުންވި ވާހަކައަކީ. އެގޮތަށް އަޅުގަނޑުމެން ކުރިއަށް ހިނގައްޖެ ކަމަށްވަނީވިއްޔާ މިފަދަ އެތައް ތަރައްޤީގެ ކަންކަން އަޅުގަނޑުމެންނަށް ހާސިލުވާނެ. ބިނާތައް ހެދި، އަދި މާނަވީގޮތުންވެސް ޤައުމު ތަރައްޤީ ވެގެންދާނެ. އަޅުގަނޑުމެންގެ ސިކުނޑި ތަރައްޤީ ވެގެންދާނެ. އަޅުގަނޑު އަބަދުވެސް ދަންނަވާ، ވަށާޖެހޭ ތަރައްޤީ އަޅުގަނޑުމެންނަށް ދާދި ފަސޭހައިން ހާސިލުވާނެ. ސިކުނޑީގެ ތަރައްޤީއާއި، ޢުމްރާނީ ތަރައްޤީ އެކުއެކީގައި ހާސިލުވެގެންދާނެ. އެއީ، އަޅުގަނޑުމެން ކޮންމެ މީހަކުވެސް މިއަދު ކުރަންވީ ކަމަކީ.
އާދެ، އަދިވެސް އެއްފަހަރު، މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެން އެންމެން ބައިވެރިވެ، މިކަމުގައި އުފާފާޅުކުރުމުގައި، އަޅުގަނޑު ވަރަށް ބޮޑަށް ތިޔަބޭފުޅުންނަށް މަރުޙަބާ ދަންނަވަން. އިރާދަކުރެއްވިއްޔާ މިއީ ވަރަށް މުހިންމު ފެށުމެއް. މި ފެށުން ވެގެންދާނީ، އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެ އެތައް ހަރުފަތެއް ކުރިއަށް ގެންގޮސްދޭނެ ފެށުމަކަށް.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި ލައްވާށި! މި ޤައުމު މިނިވަންކަންމަތީ ތާއަބަދު ލަހައްޓަވާށި! އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.