بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ، ފަޚުރުވެރި ދިވެހި ސިފައިންނާއި، ފުލުހުންނަށް އަރިސްކުރަން. އާދެ، މި ތާރީޚީ ބައްދަލުވުމަކީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިއަދު ބާއްވަންޖެހޭ އެންމެ މުހިންމު ބައްދަލުވުން. ތާރީޚީގޮތުން މިފަދަ ބައްދަލުވުމެއް ބޭއްވޭ ފުރަތަމަ ފަހަރު.

އާދެ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ދިވެހިރާއްޖޭގެ މިނިވަންކަން ޙިމާޔަތްކޮށް، ދިފާއުކޮށް، އަދި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ އެންމެ މަތިވެރި ޒިންމާ އަދާކުރައްވާ ފަރާތްތަކަކީ، ސިފައިން އަދި ފުލުހުން. އަޅުގަނޑުމެންގެ މާޒީގައި އަޅުގަނޑުމެންނަކީ، ފަޚުރުވެރިކަމާއެކީގައި ދެންނެވޭނީ، ވަރަށް ދިގު މާޒީއެއް، މިނިވަންކަންމަތީގައި ހޭދަކުރި ޤައުމެކޭ. ނަމަވެސް، މި މިނިވަންކަން ގެއްލިގެންދިޔަ މަދު ފަހަރުތަކުގައި، އެ މަތިވެރި ޖިހާދުކުރެއްވި އަބްޠާލުން ކުރެއްވި ޖިހާދާއެކީ، އަޅުގަނޑުމެންގެ ޤައުމު މިނިވަންކަންމަތީ މިއަދާ ހަމަޔަށް މިއައީ، އެކިފަހަރުމަތިން، އެކި ސިފަސިފައިގައި އަޅުގަނޑުމެންގެ ޤައުމުގައި އޮތް ޢަސްކަރީ ބާރުން ކުރެއްވި މަސައްކަތުން. އަދި ދިފާޢީ ބާރުން، ސަލާމަތީ ޚިދުމަތްތަކުން ކުރައްވަމުން ގެންދެވި މަސައްކަތްތަކުން. އަޅުގަނޑުމެންގެ ހަނދާނަށް އެންމެފަހުން އައި ހާދިސާ، ނޮވެންބަރު 3ގެ ހާދިސާ ވަރަށް ސާފުކޮށް މިކަން ބުނެދޭ.

އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ، ސަރުކާރުގެ އެންމެ އިސް އެއް ވާޖިބަކަށް ވާންޖެހޭނީ، ސިފައިންނަށާއި ފުލުހުންނަށް، އެ ދެ މުއައްސަސާ ކުރިއެރުވުމަށްޓަކައި، އެ ދެ މުއައްސަސާގައި ޚިދުމަތްކުރާ ޚިދުމަތްތެރިންނަށާއި، ތިޔަ ލޮބުވެތި ސިފައިންނަށާއި، ފުލުހުންނަށް ބޭނުންވާ ކަންކަމުގައި، ސަރުކާރުން ކޮށްދޭންޖެހޭ ކަންކަމަށް އިސްކަންދިނުން. މި ސަރުކާރުގެ ސިޔާސަތަކީ އެއީ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން، އަޅުގަނޑު މަސައްކަތް ކުރަމުން މި އަންނަނީ އެގޮތުގައި. އެއީ، އަޅުގަނޑަށް ލިބޭ ފަޚުރެއްކަމުގައި އަޅުގަނޑު ދެކެން. އަދި އަޅުގަނޑުގެ ޒިންމާއެއް ގޮތުގައި އަޅުގަނޑު ދެކެން.

މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ފުންމިނެއްގައި، އެންމެ ފުޅާމިނެއްގައި އިރާދަކުރެއްވީތީ މަސައްކަތްކޮށްފައި ވާނީ، ތިޔަ ދެ މުއައްސަސާއަށް ކަންތައްތައް ފުރިހަމަކޮށްދިނުމުގައި. މިދިޔަ ގިނަ އަހަރުތަކެއްގައި، އަޅައިނުލެވި އޮތް އޮތުމަށް ނިމުންގެނެސް، ސިފައިންނަށާއި ފުލުހުންނަށް ބޭނުންވާ ކަންކަމުގައި ކުރިއެރުން ހޯދައިދިނުމަށް. އިރާދަކުރެއްވިއްޔާ، މިދިޔަ ދޮޅު އަހަރަށްވުރެ ރަނގަޅަށް، ފުރިހަމައަށް ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ދާނީ މަސައްކަތް ކުރަމުން.

ދިވެހި ސިފައިންނަށް ބަލާނަމަ، އަޅުގަނޑުމެން ވައިގެ ބާރު، ކަނޑުގެ ބާރު އަދި އެއްގަމުގެ ބާރު ޤާއިމުކުރުމުގައި، ފުރިހަމަކުރުމަށް މިކުރާ ކަންތައްތައް މިދަނީ، އެގޮތުގެ މަތިން ކުރިއަށް ގެންދަމުން.

ދިވެހި ފުލުހުންނަށް ބަލާނަމަ، ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އެކިއެކި ކަންކަން ފުރިހަމަކުރުމުގައި، ރާއްޖޭގެ އެތައް ރަށެއްގައި ފުލުހުންގެ ޚިދުމަތް އެއްވެސްވަރަކަށް ނެތި، މިއޮއްހާ ދުވަހު މިދިޔަ ދިޔުން ނިމުމަކަށް ގެނައުމަށާއި، އަދި ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އެކިއެކި ކަންތައްތައް، ވަސީލަތްތައް ފުރިހަމަކުރުމާއި އަދި ދެ މުއައްސަސާގެވެސް ކޮންމެ ޚިދުމަތްތެރިޔަކަށް ބޭނުންވާ ތަމްރީނާއި ފުރުޞަތުތައް ހޯދައިދިނުމުގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިހާރަށްވުރެ ފުރިހަމައަށް އިސްކަންދީގެން، މަސައްކަތްކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އަރުވަން.

އާދެ، ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި، އެއީ، ކާރިސާއެއް ދިމާވިޔަސް، މާ ބޯކޮށް ވާރޭވެހުނަސް، ކަރަންޓް ކެނޑުނަސް، އެހެން ކަމެއް ދިމާވިޔަސް، ކޮންމެ ކަމެއް ދިމާވިޔަސް، އެންމެ ފުރަތަމަ ސަފަށް ނުކުންނަވަނީ ތިޔަބޭފުޅުން. އުފަލާއެކީގައި، ފަޚުރުވެރިކަމާއެކީގައި، ލޯތްބާއި ކުލުނާއެކީގައި ނުކުމެވަޑައިގެން، ރައްޔިތުންނަށް ތިޔަ ކުރައްވަނީ ވަރުގަދަ، އަގުހުރި ޚިދުމަތްތަކެއް. އަޅުގަނޑު ވަރަށް އުފަލާއެކީގައި އެކަން ބަލައިގަންނަން. ތިޔަބޭފުޅުން ތިޔަ ވެވަޑައިގަންނަވަނީ މަތިވެރި ޤުރުބާނީއެއް، ކޮންމެ ދުވަހަކު. ކޮންމެ ދުވަހަކު މަތިވެރި ޤުރުބާނީ ވަމުންދަނީ. އެ ޤުރުބާނީގައި، ތިޔަބޭފުޅުންގެ ޢާއިލާ، ކޮންމެ ބޭފުޅެއްގެ ޢާއިލާވެސް ވަރަށް ބޮޑު ޤުރުބާނީއެއް ވަމުންދޭ.

އެހެންވީމާ، މިއީ، ޙަޤީޤަތުގައި ދިވެހި ރައްޔިތުން ފަޚުރުވެރިވާންޖެހޭ ކަމެއް. އަޅުގަނޑު ވަރަށް ފުރިހަމައަށް ގަބޫލުކުރަނީ، ސިފައިންނަށާއި ފުލުހުންނަށް ކޮށްދޭ ކޮންމެ ކަމެއް އެއީ، ދިވެހި ކޮންމެ ރައްޔިތަކަށްޓަކައި އަޅުގަނޑުމެން ކޮށްދޭ ކަމެއް ގޮތުގައި. ތިޔަ ދެ ލޮބުވެތި މުއައްސަސާ ކުރިއެރުވުމަށްޓަކައި ކުރެވޭ ކޮންމެ ކަމަކީ، ދިވެހި ކޮންމެ ރައްޔިތަކަށްޓަކައި، މުޅި ޤައުމަށްޓަކައި ކޮށްދެވޭ ކަމެއް. އެއީ، އެކަން ހަމަ ޙަޤީޤަތުގައިވެސް އޮތްގޮތަކީ. އޮންނަންޖެހޭނެ ގޮތަކީވެސް. އިރާދަކުރެއްވިއްޔާ، މިގޮތަށް އަޅުގަނޑުމެން ކަންތައްތައް ކުރިއަށް ގެންދާނަން.

އަޅުގަނޑުމެން އަލަށް ފެށުމަށް މިހާރު ތައްޔާރުވެ، ގާތްގަނޑަކަށް ފެށުމާ ހަމައަށް ގޮސްފައިވާ، ނެޝަނަލް ސަރވިސް ޕްރޮގްރާމަކީވެސް، ތިޔަ ދެ މުއައްސަސާއަށް އިރާދަކުރެއްވިއްޔާ، އޭގެ ނަފާ ވަރަށް ފުރިހަމައަށް ލިބޭނެ ކަމަކަށްވާނެ. އެތައްހާސް ޒުވާނުންނެއް މަގުމަތިވެފައި، ނޫނީވިއްޔާ، ކުރިއަށްދާނެ ގޮތެއް ނެތިފައި ތިއްބައި، ރަނގަޅު ޒުވާނުންނަށް ހަދައިދީ، އަޚްލާޤު ރަނގަޅު، ޤައުމުދެކެ ލޯބިވާ، ދީންދެކެ ލޯބިވާ، އަދި ބޭނުންތެރި ބަޔަކަށް ހަދައިދިނުމުގެ އިތުރަށް، ތިޔަ ދެ މުއައްސަސާއަށް އޭގެތެރެއިން ގިނަ ޒުވާނުންތަކެއް ލިބި، ދެ މުއައްސަސާ އިތުރަށް ވަރުގަދަކުރުމުގެ ފުރުޞަތު އެބަ ލިބޭ.

ދިވެހި ސަރުކާރުގެ ބަޖެޓުން، މި އަހަރުވެސް، އަދި ކުރިއަށް އޮތް ކޮންމެ އަހަރަކު، އިރާދަކުރެއްވިއްޔާ މުހިންމު އަދަދެއް، އެކަށީގެންވާ އަދަދެއް މި ކަނޑައަޅަނީ، މި ބޭނުމަށް މިކަން ފުރިހަމަކުރުމަށްޓަކައި. އޭރުން ވަރަށް ވަރުގަދަ، ނިކަން ޒުވާން ލޭހުރި ޒުވާނުންތަކެއް ތިޔަބޭފުޅުންނަށް ތަމްރީނުވެގެން، ލިބިގެންދާނެ. އެއިންވެސް ދިވެހި ޤައުމަށް ކުރާނީ ފައިދާ. ތިޔަބޭފުޅުންނަށް އެއިން ލިބޭނީ ކުރިއެރުން.

އާދެ، ވަސީލަތްތަކުގެ ގޮތުންވެސް އިރާދަކުރެއްވީތީ، މިއަހަރު އަޅުގަނޑުމެންނަށް މި ކުރެވުނު ކަންތައްތައް، އަދި މި އަހަރުގެ ބާކީ މި އޮތް ހައެއްކަ މަސްދުވަހު ކުރެވެންހުރި ކަންކަމުގެ އިތުރަށް، މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓް ހަދާއިރުގައި، ދެ މުއައްސަސާއަށްވެސް ބޭނުންވާ މުހިންމު ކަންތައްތައް ހިމަނަން އަޅުގަނޑު ވާނީ ކަނޑައަޅާފައި.

އަޅުގަނޑާ ބައެއް މީހުން ސުވާލުކުރޭ ހަމަ ޙަޤީޤަތުގައިވެސް، ތިޔަބޭފުޅުން ކޮން ވިސްނުމަކުންހޭ، ތިހާ އިސްކަމެއް ތިދެނީ ސިފައިންނަށް އަދި ފުލުހުންނަށް. ހަނގުރާމައެއް ކުރަން، މި ރާއްޖެއިން ތައްޔާރުވަނީހެއްޔޭ؟ ދާދި އިހަށްދުވަހުވެސް އަޅުގަނޑާ ނޫސްވެރިޔަކު ކުރި ސުވާލެއްގައި، އެ ސުވާލު އައި.

އަޅުގަނޑުމެންގެ ޤައުމު އޮންނަންޖެހޭނީ، އަޅުގަނޑުމެންގެ ޤައުމުގެ ދިވެހި ރައްޔިތުން ޙިމާޔަތްކުރުމަށް އަބަދުވެސް ތައްޔާރަށް. އަޅުގަނޑުމެންނަކީ، ފަޚުރުވެރި، މިނިވަން ޤައުމެއް. ފަޚުރުވެރި މިނިވަން ޤައުމެއް. އަޅުގަނޑުމެންގެ ކަންކަން ބަލަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް. އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑު ވަރަށް ބޮޑު. ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު، ނިސްބަތުން އެންމެ ބޮޑު އެއް ޤައުމަށް ދިވެހިރާއްޖެވޭ. އަދި ޚާއްޞަކޮށް، އިންޑިޔާ ކަނޑުގައި. އީ.އީ.ޒެޑު. އެންމެ ބޮޑު ދެ ތިން ހަތަރު ޤައުމެއްގެ ތެރޭގައި، ރާއްޖެ ހިމެނޭ. މިހާބޮޑު ކަނޑުގެ ސަރަޙައްދެއް އޮވެފައި، މިހާބޮޑު ސަރަޙައްދަކަށް، ފެތުރިފައިވާ ރަށްތަކާއި، އަތޮޅުތައް އޮތް ޤައުމަކަށްވާއިރުގައި، އަޅުގަނޑުމެންގެ މީސްތަކުންގެ އަދަދު އަދި މިލިއަނުން ގުނައިލަން ނުޖެހުނަސް، އަޅުގަނޑުމެންނަކީ ފަޚުރުވެރި، މިނިވަން ޤައުމެއް. މި ފަޚުރުވެރި، މިނިވަން ޤައުމުގެ ކޮންމެ އަކަ އިންޗިއެއް ބަލަހައްޓާނީ، އަޅުގަނޑުމެން އަމިއްލައަށް. އެއީ، އަޅުގަނޑު ގަބޫލުކުރާ ހަމައަކީ.

އެހެންވީމާ، ސިފައިންނަށް އެހާބޮޑަށް އަޅުގަނޑުމެން އިންވެސްޓް ކުރަނީ. ފުލުހުންނަށް ބޭނުންވާ ކަންކަމުގައި އަޅުގަނޑުމެން އެހާބޮޑަށް ސަމާލުކަންދެނީ. އެހެން މީހުންގެ އެހީތެރިކަން ނުހޯދާށެކޭ ނޫން. އެހީތެރިކަން ހޯދަންޖެހޭނެ. އެހީތެރިކަން ފަންނީގޮތުން ހޯދަންޖެހޭނެ. ތަކެތީގެ ގޮތުން ހޯދަންވީ. އަދި އެހެން ހުރިހާގޮތަކުންވެސް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، މި ސަރުކާރުގެ ސިޔާސަތު އޮންނާނީ، ހުރިހާ ޤައުމަކާ އެކީގައި. އެހެންނަމަވެސް، އެހެން ބަޔަކު އައިސް، އަޅުގަނޑުމެންގެ ކަންކަމާ ހަވާލުވެގެން ކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން.

އެހެންވީމާ، ސިފައިންނަށާއި ފުލުހުންނަށް، ދިވެހި ސަރުކާރުން، މި ސަރުކާރުން، އެހާ އިސްކަމެއްދީގެން ކަންކަން މިކުރަނީ. މިއީ، ފަހަރެއްގައި ހިތުގައި، މިނިވަންކަމުގެ ލޯބި، ޖޯޝް، ޤައުމީ ލޯބި ނެތް ބަޔަކަށް، އެހާބޮޑަށް ފަހުމްނުވެދާނެ ކަމެއް.

އެހެންނަމަވެސް، އަޅުގަނޑު ގަބޫލުކުރަނީ، ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައި، މި ޤައުމީ ލޯތްބާއި ޖޯޝް ހުންނާނެއޭ. އަޅުގަނޑުމެން ކޮންމެ މީހަކީ، މައްދިވެއްސެއް. އަޅުގަނޑުމެން ކޮންމެ މީހަކު ނޭވާލާ ކޮންމެ ދުވަހަކު ޝުކުރު އަދާކުރަން އެބަޖެހޭ، އަޅުގަނޑުމެންގެ އަބްޠާލުން މި ޤައުމަށްވީ ޤުރުބާނީއަށް. ކުރެއްވި މަތިވެރި ޖިހާދަށް. އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެއް، އަންނަން އޮތް ޖީލުތަކަށް، މި ޤައުމު މިނިވަންކަންމަތީގައި، ސަލާމަތްތެރިކަމާއެކީގައި ފޯރުކޮށްދިނުން. އަދި އަޅުގަނޑުމެންގެ ވެށްޓަކީ އަމާން، ޞުލްޙަވެރި ވެށްޓަކަށް ހެދުން. މިކަން ކޮށްދޭން ތިބީ ތިޔަބޭފުޅުން. ކުރައްވަނީ ތިޔަބޭފުޅުން. ކުރަންވެސް ތިއްބަވާނީ ތިޔަބޭފުޅުން.

އެހެންވީމާ، އަޅުގަނޑުގެ ކުރިމަތީގައި، އެއްވެސް ސުވާލެއް އޮތް ކަމެއްނޫން މިއީކީއެއް. ފަޚުރުވެރިކަމާ އެކީގައި، ތިޔަބޭފުޅުންނާއެކީގައި، ތިޔަބޭފުޅުންނަށް ކުރައްވަންޖެހޭ ކޮންމެ ކަމެއްގައި އަޅުގަނޑު އެންމެ އިސްކަމެއްދީގެން ކުރާނަން.

ކުރިއަށް އޮތް ދުވަސްތަކަކީ، ފަޚުރުވެރި ދިވެހި ސިފައިންނާއި، ފަޚުރުވެރި ދިވެހި ފުލުހުންގެ ކޮންމެ ބޭފުޅަކަށް، އެ ބޭފުޅަކު އެ ކުރައްވާ މަސައްކަތުގައި، އަޅުގަނޑުމެން އިތުރު ކަންކަން ފުރިހަމަކޮށްދީ، ތިޔަބޭފުޅުންގެ މަސައްކަތަށް ފަސޭހަކަން ގެނެސްދީ، އިތުރު ހިތްވަރާއެކީގައި، މަސައްކަތްކުރެވޭނެ ގޮތް ފަހިކޮށްދިނުމުގައި، ކުރިއަށްދާން އޮތް ދުވަސްތަކެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ ވާނެ.

އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުރާ މަސައްކަތްތަކުގައި އިރާދަކުރެއްވިއްޔާ، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މި މަތިވެރި ޤައުމު، މިނިވަންކަންމަތީ، ފަޚުރުވެރިކަމާއެކީގައި ދާއިމަށް، ތާއަބަދަށް ދެމިގެންދިޔުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.