بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ވެލިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، އެކިއެކި މުއައްސަސާތަކުގެ އިސްވެރިން، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ސްކޫލް ދަރިވަރުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަޅުގަނޑާއެކީ މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން، ދުރާއިގާތުން މި ޖަލްސާ ބައްލަވަމުން ގެންދަވާ، އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދުގެ ހަވީރުގެ ވަގުތު މި ރަށަށް އާދެވުމުން، ވެލިދޫގެ ލޮބުވެތި ރައްޔިތުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ތިޔަބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މީގެކުރިންވެސް މި އަތޮޅަށް، މިދިޔަ އަހަރުގެ ކުރީކޮޅު ބައެއް ރަށްރަށަށް އަޅުގަނޑަށް ދަތުރެއް ކުރެވުނު. ނަމަވެސް، އެފަހަރު ރާއްޖޭގެ ރަށްރަށަށް އަޅުގަނޑު ކުރި ދަތުރުތަކުގައި، ކޮންމެ އަތޮޅެއްގެ ހުރިހާ ރަށަކަށް ދާކަށް އަޅުގަނޑަކަށް ވަގުތެއް ނުލިބުނު. އެހެންވީމާ، އެފަހަރު ދިމާވި އެކި ސަބަބުތަކާ ހެދި، ވަގުތުގެ ތާށިކަން ދިމާވެގެން އަޅުގަނޑަށް ނާދެވުނީ. ނަމަވެސް މިފަހަރު، ތިޔަބޭފުޅުންނާ ގާތަށް މިގޮތަށްއައިސް، ބައްދަލުކޮށްލަން ފުރުޞަތު ލިބި، މިވަގުތު ހޭދަކުރެވޭތީ ވަރަށް ބޮޑަށް އުފާކުރަން. އެފަހަރު އަޅުގަނޑަށް ނުދެވޭ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ދަޢުވަތު ދިނިން ބައްދަލުކުރަން، އަޅުގަނޑާ އެންމެ ކައިރިން ބައްދަލުވެވޭނެ ރަށަކަށް ވަޑައިގެންދެއްވުމަށް. ދެން، އެގޮތުން ގާތްގަނޑަކަށް ހުރިހާ ރަށެއްގެ ކައުންސިލްތަކާ އަޅުގަނޑާ އޭރު ބައްދަލުކޮށް ނިންމުނު. ދެ ރަށެއްގެ ކައުންސިލާ ބައްދަލުނުވީ. މި ރަށުގެ ކައުންސިލާއި އަދި އެހެން ރަށެއްގެ ކައުންސިލް. ދެން އޭރުގައި، ކައުންސިލުގެ ނިމުމަކަށްވީ، އަޅުގަނޑު މި ރަށަށް ނާންނަނަމަ، ބައްދަލުކުރަން ތިމަންނަމެން ނުދާނަމޭ. ދެން، އަޅުގަނޑު ވަރަށް ހިތާމަކުރި ކަމެއް އެއީ. އެހެންނަމަވެސް، އަޅުގަނޑު އިޙްތިރާމްކުރިން އެ ނިންމުމަށް. އެއީ، ހަމަ ކައުންސިލްގެ ނިންމުމެއްވީމާ، އަޅުގަނޑު އިޙްތިރާމްކުރަން. ދެން އެހެންނަމަވެސް، މިފަހަރު މިއޮތީ ބައްދަލުވެފައި.

އެހެންވީމާ، މިއަދުގެ ބައްދަލުވުން، ކައުންސިލްގެ ރައީސާއި އަދި މުއައްސަސާތަކުގެ ވެރިންނާ އެކީގައި ބައްދަލުވީމާ، އަޅުގަނޑަށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ، ހުރިހާ ކައުންސިލްތަކާ ބައްދަލުވެ އެ ނިމުނީ. ރަށްރަށަށް ގޮސް މި ބައްދަލުކުރަނީ. އަޅުގަނޑު ގާތަށް މާލެއަކަށް ނުގެންނަން ކައުންސިލްތަކެއް. އަޅުގަނޑު ބޭނުންވަނީ، ރައްޔިތުން ގާތަށް ގޮސް، ރައްޔިތުންގެ ކައިރީގައި ހުރެގެން، ކަންކަމުގައި މަޝްވަރާ ކުރެވި، ކަންކަން އަޑުއަހާ، ކަންކަން ކުރަން. އެހެންވީމާ، މިއަދު މިކަން މި ހާސިލުވީ. ހުރިހާ ރަށެއްގެ ހުރިހާ ކައުންސިލަކާ އަޅުގަނޑާ ބައްދަލުވީ. އަދި ހުރިހާ ރަށަކަށް ނުދެވޭ. ހުރިހާ ރަށަކަށް ދިޔުމުގެ ޝެޑިއުލްގެ ތެރެއިން މިދަނީ. ދެން، މިނިވަންދުވަހުގެ ކަންތައްތަކާއި، ބައެއް ސްޓޭޓް ވިޒިޓްތައް ކުރިޔަށް އެބަހުރި. އެކަންކަމަށްފަހު، ސްކޫލް ބަންދަށްފަހު، ދެން ހުޅުވޭއިރުގައި، އަނެއްކާވެސް އަޅުގަނޑުގެ ޝެޑިއުލްގެ ތެރެއިން، އިރާދަކުރެއްވިއްޔާ ހުރިހާ ރަށަކަށް ދިޔުމުގެ މަސައްކަތް ފަށާނަން.

އާދެ، މިއަދު ތިޔަބޭފުޅުންނާ ބައްދަލުވީމާ، އަޅުގަނޑު ދެތިން ކަމެއް ދަންނަވާލަން ބޭނުން. ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ބައެއް ވަޢުދު މި ރަށަށް ވެފައިވާނެ. އަދި ވަޢުދުތަކުގެ ތެރެއިން ނުހިމެނޭ އެތައް ކަމެއްވެސް، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ލިސްޓުކޮށްގެން، ކުރަން ފަށައިގެން މިއުޅެނީ. މިއަދު އަޅުގަނޑުމެން އިރާދަކުރެއްވީތީ، ހަތަރު މަޝްރޫޢެއްގެ މަސައްކަތް މި ފެށީ. އޭގެތެރޭގައި، އަޅުގަނޑު ވަޢުދުވީ ބައެއް ކަންކަންވެސް ހިމެނޭ. ފައިބަރު ދޯނި މަސައްކަތާއި، އަދި މިހެންގޮސް އެ ޒާތުގެ އެކިކަހަލަ އޮޑިދޯނިފަހަރާ ބެހޭ ކަންކަމަށް، ވަކިން ސަރަޙައްދެއް ހިއްކުމަކީ، އަޅުގަނޑު ވީ ވަޢުދެއް ރިޔާސީ އިންތިޚާބުގައި. އިރާދަކުރެއްވީތީ މިއަދު އެ މަސައްކަތް ފެށިގެން އެދިޔައީ. އެކަން ނުހުއްޓި، މިތާ ޖައްރާފާ އޮވެގެން، ގެންގޮސް، ބާރު ސްޕީޑްގައި އިރާދަކުރެއްވިއްޔާ ނިންމާލައިދޭނަން މާލަސްތަކެއްނުވެ. އެހެންވީމާ، އެކަމުގައި، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުންވަނީ، މިއަދު މި ފެށުނު މަސައްކަތް އިރާދަކުރެއްވިއްޔާ، ހަމަ މާލަސްތަކެއްނުވެ، ހަމަ ބާރު ސްޕީޑްގައި ގޮސް، ނިންމައި ހަވާލުކުރާނަމޭ.

ދެން ހަމައެއާއެކީގައި، ދެތިން މަޝްރޫޢު އަދި ފެށިގެންދިޔަ. އޭގެތެރޭގައި، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ކޮމިޔުނިޓީ ބޭސްޑް ރީހެބިލިޓޭޝަން މަރުކަޒުތައް ޤާއިމުކުރަން އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވަޢުދުވީ، ތިން ރަށުގެ ތެރެއިން އެއްރަށް މިއީ. އެ މަސައްކަތް ރަސްމީކޮށް މިއަދު މި ފެށުނީ. ކުޑަ ދުވަސްކޮޅެއް ވެއްޖެ، ޢަމަލީގޮތުން ފެށިގެން ހިނގާތާ. އެއީ، އޭގެ އަނެއް މަޝްރޫޢު.

ދެން ޕޮލިސް، ނޫނީވިއްޔާ ފުލުހުންގެ ރަނގަޅު ފެންވަރުގެ، ޚިދުމަތް ދެވޭ ފެންވަރުގެ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް މިއަދު މި ފެށުނީ. އެއިން ނުކުންނާނެ ނަތީޖާއަކީ، މި ރަށުގައި އަމާން ވެށްޓެއް ޤާއިމުކުރުމުގައި، ޤާނޫނުތަކަށް ތަބާވާ މުޖުތަމަޢެއް ޤާއިމުކުރުމުގައި ތިޔަބޭފުޅުންނަށް ހިތްހަމަޖެހުން ލިބުން. އިރާދަކުރެއްވިއްޔާ ހާސިލުވާނެ. އެއީ، ދެން ފެށޭ މަޝްރޫޢަކީ.

ދެން، މި ފެށުނީ ހޮސްޕިޓަލްގެ މަސައްކަތް. އެއީ، އަޅުގަނޑު ވީ ވަޢުދެއް. ޞިއްޙީ ދާއިރާ ތަރައްޤީކުރުމަކީ، މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް، އެ ރަށެއްގެ އާބާދީއާއި، އަދި އެ އާބާދީގެ ނިސްބަތުން ކުރިޔަށްދިޔުމުގައި ޕޮޓެންޝަލް އޮތް، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމާ، މިހެންގޮސް، އިޤްތިޞާދީ ޕޮޓެންޝަލް، މި ހުރިހާ ކަމަކަށް ބަލައިގެން، ހަމަހަމަގޮތެއްގައި، ޞިއްޙީ ދާއިރާ ތަރައްޤީކުރަން، އަޅުގަނޑު މެނިފެސްޓޯގައި ބަޔާންކޮށް، ވަޢުދުވިން. އެހެންވީމާ، އޭގެތެރެއިން،މި ރަށުގައި ހޮސްޕިޓަލްގެ މަސައްކަތް މި ކުރިޔަށްދަނީ. ހޮސްޕިޓަލްގެ މަސައްކަތް ނިމެން ދުވަސްކޮޅެއް ނަގާނެ. ކޮންމެގޮތެއްވިޔަސް. މަސައްކަތް ފެށިގެން އެދަނީ. މިހާރުވެސް، މި ރަށުގެ ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމަށް، އެކިކަހަލަ މަސައްކަތްތައް، އެކިކަހަލަ ކަންކަން އަޅުގަނޑު އިތުރުކުރަމުން އެބަދަން. ކުރިޔަށް އޮތްތާވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާނީ އެގޮތަށް ރަނގަޅުކުރަމުން. އެހެންވީމާ، އެ މަސައްކަތްތައް އެވަނީ ފެށިފައި.

ފެށިފައިހުރި މަސައްކަތްތަކުގެ ތެރެއިން، މަގު ހެދުމުގެ މަޝްރޫޢު ދެންއޮތީ، ތާރުގެ ފޭސްއަށް ގޮސްފައި. ދެން، އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ، އަޅުގަނޑުމެން އެކަން ކުރިޔަށް ގެންދާނަން. އެއީ، ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމަން. އެހެންވީމާ، މަގު ހެދުމުގެ މަޝްރޫޢަކީ، ޢަމަލީގޮތުން ފަށައި، ތާރުއެޅުމުގެ މަރުޙަލާ އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ފެށޭނެ މަޝްރޫޢަކަށް ވާނެ.

އާދެ، އަޅުގަނޑު ހަމަ ބައެއް ކަންކަން މި ދަންނަވާލަނީ. މި ރަށަށް އެންމެ ދަތިވާ އެއްކަމަކީ، ބަނދަރުގެ މައްސަލަ. ދެންމެ އަޅުގަނޑު އަތަށް ދެއްވި ޕެޓިޝަން، އަޙްމަދު މޫސާ ދެއްވި ޕެޓިޝަނަކީ، ރަށުގެ ހަސަތޭކައެއްހާ ރައްޔިތުން ސޮއިކޮށްފައި އޮތް ލިޔުމެއް. އަދި ރައްޔިތުންގެ އުދާސްތައް، ނޫނީވިއްޔާ ކަންބޮޑުވުން މިދިޔަ ދުވަސްތަކުގައި މި ބަނދަރުގެ ތެރެއިން ލިބިފައި ހުރި ދަތިކަން ޙިއްޞާކުރައްވާފައި. ކުރިން މި ހެދުނު ބަނދަރު ހެދުނީވެސް ރައްޔިތުންނާ މަޝްވަރާ ކުރެވިގެން، ނޫނީވިއްޔާ ކައުންސިލްގެ ފަރާތުން އޭރުގައި އެ ދެއްވުނު، ނޫނީވިއްޔާ ކަނޑައެޅި ގޮތަކަށް މަޝްވަރާ ކުރެވިގެން. އެއީ، ދެން ހަމަ އަބަދުވެސް އެކަން ކުރާގޮތް. މީގެ ކުރީގައިވެސް ހުންނާނެ، އަޅުގަނޑު އޭރުގައި، އެކަމާ ބެހޭ މިނިސްޓްރީ ހިންގަން ހުރި ޒަމާނުގައިވެސް. ވަރަށް ގިނަ ރަށްރަށުގައި ރައްޔިތުން ބުނާގޮތަށް، ކައުންސިލުން އެ ބޭނުންވާ ހުރިހާ ކަމެއް ހިމަނައިގެން ބަނދަރު ނިންމާފައި، ހުޅުވާފައި، ދުވަސްކޮޅެއް ވެގެން، ރައްޔިތުން ބުނެގެން އަނެއްކާވެސް، ނެރު އޮތްތަން އެހެންތާކަށް ބަދަލުކޮށް، ނެރުފައިކަށި ކުޑަކޮށް ދިގުކޮށްލައި، މިކަހަލަ ގިނަ ބަދަލު ގެންނަން. އެއީ، އެކަން ކުރަންޖެހޭ ގޮތް. ރައްޔިތުން އެދޭގޮތަށް ސަރުކާރުތަކުން މަސައްކަތް ކުރަންޖެހޭނީ. އެހެންވީމާ، މިހާރު މިއޮތީ އަނެއްކާވެސް، މި ބަނދަރަށް ބަދަލުތަކެއް ގެނައުމުގެ މަރުޙަލާ އައިސްފައި. އަޅުގަނޑަށް ލިބުނު ޕެޓިޝަން، އަޅުގަނޑުމެން ތަފްޞީލުކޮށް ބަލާނަން. ކަމާބެހޭ ވުޒާރާއާ އަޅުގަނޑު ހަވާލުކުރާނަން.
އެ ބޭފުޅުން އެކަމުގައި ފަންނީގޮތުން އެ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ފަރާތުން ލިބުނު އެއްޗެއް ކަމުގައިވާތީ، ވަރަށް ސީރީއަސް ގޮތެއްގައި ގެނައުމަށްޓަކައި، އެ ބަދަލުތައް ގެނައުމަށް، އެ ބަނދަރުގެ އުފާވެރިކަން، ނޫނީވިއްޔާ ބޭނުންތެރިކަން ހިތްހަމަޖެހުމާއެކީގައި ލިބޭނެގޮތް ހެދުމަށްޓަކައި، ގެންނަންޖެހޭ ހުރިހާ ބަދަލެއް ގެނައުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން. ދެން، ކިހާތާކުތޯ ޢަމަލީ މަސައްކަތަށް ދާނީ. މިހާރު، މި އަހަރުގެ ބަޖެޓުގެ ތެރެއިން، އަޅުގަނޑުމެން އެކަމަށް ޖާގަ ހޯދަންޏާ، ކުރަންޖެހޭ މަސައްކަތްވެސް ހުންނާނެ.

އެހެންވީމާ، އަޅުގަނޑު މަސައްކަތް ކުރާނީ، މި އަހަރުގެ ތެރޭގައި އެންމެ އަވަހަށް އެކަން ކުރެވޭނެ ގޮތެއްވޭތޯ. މި އަހަރު ތެރޭގައި ފެށޭތޯ. އެކަމުގައި އެއްވެސް ސަބަބަކާހުރެ އަޅުގަނޑުމެންނަށް އެ ޖާގަ ބަޖެޓުގެ ތެރެއިން، މި އަހަރު ތެރޭގައި ނުހޯދެންޏާ، އެންމެ ލަސްވެގެންވެސް މި އަންނަ އަހަރަށް ބަޖެޓް ފާސްވެގެން، ޖަނަވަރީ މަހުގެ ތެރޭގައި ޢަމަލީގޮތުން އެ ގެންނަން ހުރި ހުރިހާ ބަދަލެއް، ރައްޔިތުން އެދޭގޮތަށް ގެނެސްދޭން ފަށާނެ ކަމުގެ ވާހަކަ، ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ، އެހެންވީމާ، ބަނދަރުގެ ދަތިކަން، ނޫނީވިއްޔާ ބަނދަރުން ލިބެންޖެހޭ ފަސޭހަކަން ހޯދުމުގައި ހުރި މައްސަލަތައް މި ދެންނެވި ގޮތަށް ޙައްލުކުރުން، އެންމެ ލަސްވެގެން ޖަނަވަރީ މަހު ފެށޭނެ. ދެން ހަމައެއާއެކީގައި، ވަރަށް ގިނަ އެހެން މަސައްކަތްތައްވެސް މި ރަށުގައި ކުރަން އެބަހުރި. ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމަކީވެސް ކުރިޔަށް ގެންދަން އޮތް މަޝްރޫޢެއް. އެކަމަށްވެސް އަޅުގަނޑުމެން ދާދި އަވަހަށް މަސައްކަތްތައް ފަށާނަން.

އާދެ، ކުޅިވަރުގެ ދާއިރާއަށް ބަލާއިރު، ކުޅިވަރު ކުޅުމަށްޓަކައި، މި ރަށުގައި އަދި އެކަށީގެންވާ މިންވަރަކަށް ނެތް، ވަސީލަތްތައް ޤާއިމުކުރެވިފައެއް. އެކިކަހަލަ ކުޅިވަރު ކުޅޭ އެކި ފަރާތްތައް އުޅޭ. ވޮލީބޯލް، ހޭންޑްބޯލް، ފުޓްސަލް، މިހެންގޮސް އެކިޒާތުގެ ކުޅިވަރުތައް.

އެހެންވީމާ، އަޅުގަނޑުމެން މި ރަށުގައި ދެ މަޝްރޫޢެއް އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތާނގައި، މި އަހަރު ތެރޭގައި، ގާތްގަނޑަކަށް ސެޕްޓެންބަރު ހިސާބުގައި ސޮއިކުރާނަން. އަދި ސޮއިކޮށް ނޮވެންބަރު، ނޫނީވިއްޔާ ޑިސެންބަރު ހިސާބުގައި ޢަމަލީ މަސައްކަތް ކުރިޔަށް ގެންދާނަން. އެއީ، މަލްޓި ޕާރޕަސް އެކިކަހަލަ ކުޅިވަރު ކުޅެވޭ ކޯޓަކާއި، ވަކިން ފުޓްސަލް ދަނޑަކާ. ދެ މަޝްރޫޢު އިރާދަކުރެއްވިއްޔާ މި އަހަރު ފަށައިދޭނަން.

އާދެ ހަމައެއާއެކީގައި، ތަޢުލީމީ ދާއިރާއަށް ބަލާއިރުގައި، 8 ކްލާސްރޫމާއި، އެކިކަހަލަ ވަސީލަތްތަކަށް، އޭގެތެރޭގައި، ލައިބްރަރީ ފެސިލިޓީއާއި، ސްކޫލަށް ބޭނުންވާ އެކިކަހަލަ ކަންކަން އެބަހުރި، ރަށުގައި ކުރަން ބޭނުންވާ. ތަޢުލީމީގޮތުން އިތުރު ކުރިއެރުންތައް ހޯދުމަށްޓަކައި، ޢުމްރާނީ ތަރައްޤީގެ ގޮތުން ހިންގަންޖެހޭ މަޝްރޫޢެއް އެއީ. އެ މަޝްރޫޢު ފެށުމަށްޓަކައި އެންމެ ލަސްވެގެން، މި އަންނަ އަހަރަށް ފާސްކުރާ ބަޖެޓުގެ ތެރެއިން، ޖަނަވަރީ މަހު އެ މަސައްކަތް ފެށުމަށް އަޅުގަނޑުމެން ކަނޑައަޅައި، އެންމެ ލަސްވެގެން، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ކުރީކޮޅު އަޅުގަނޑުމެން އެ މަޝްރޫޢު ފަށާނަން.

އާދެ އެހެންވީމާ، މައިގަނޑު ގޮތެއްގައި، މި ރަށުގެ ތަރައްޤީއަށް ހުރި ހުރިހާ ދިމާއަކަށް އަޅުގަނޑުމެންގެ ވަރަށް އިސްކަމެއްދީގެން، ކަންކަން ރޭވިފައި މިހިރީ. ތަޢުލީމީ ދާއިރާ، ޞިއްޙީ ދާއިރާ، ކުޅިވަރުގެ ދާއިރާ، ޢުމްރާނީ ތަރައްޤީގެ މިހެން ހުރި ބޮޑެތި ހުރިހާ މަޝްރޫޢުތަކެއް. މިކަންކަން މިހެން މިހިރީ.

ދެން އޮތީ ހަމަ އެހާމެ މުހިންމު ކަމެއް. ގެދޮރުވެރިކަން، ހައުސިންގ. ހައުސިންގ މަޝްރޫޢެއް ހިންގުމަށްޓަކައި، މި އަންނަ އަހަރަށް އަޅުގަނޑުމެން ފާސްކުރާ ބަޖެޓުގައިވެސް މުޅި ރާއްޖޭގެ އެކި ކަންކޮޅުގައި، ހައުސިންގ މަޝްރޫޢު ހިންގުމަށް އިތުރު އެއް ބިލިއަން، އެއްހާސް މިލިއަން ރުފިޔާ ހިމަނަށް އެބަ. މި އަހަރަށްވެސް ހިމެނިން. މި އަންނަ އަހަރަށް ހިމަނާ އެއްބިލިއަން ރުފިޔާގެ ތެރޭގައި، މި ރަށުގައި ހައުސިންގ މަޝްރޫޢެއް ހިންގުމަށް އަޅުގަނޑުމެން ކަނޑައަޅާފައި އޮންނާނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު، މި ރަށުގައި ހައުސިންގ މަޝްރޫޢެއްގެ މަސައްކަތް ޢަމަލީގޮތުން އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން.

އާދެ، އެއަރޕޯޓުގެ އުންމީދު އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށް ހަދައިދޭނަން. އެއީ އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވީ ވަޢުދެއް. ވިހަފަރުގައި ޤާއިމުކުރާ އެއާރޕޯޓުގެ ޢަމަލީ މަސައްކަތް، މި އަންނަ އަހަރުގެ އެންމެ ކުރީކޮޅު ފަށައި، ބާރު ސްޕީޑްގައި ގެންގޮސް، ފުރިހަމަކަމާއެކީގައި ވަރަށް ރަނގަޅަށް އަޅުގަނޑުމެން ނިންމާނަން. އެ އެއަރޕޯޓް ވެގެންދާނީ، މި ރަށާއި މި ސަރަޙައްދުގައި ހިމެނޭ ހުރިހާ ރަށަކަށް، އަދި ޓޫރިޒަމް ޑިވެލޮޕްމަންޓް ދާއިރާގައި އިންވެސްޓްކުރާ ފަރާތްތަކަށް، ޖުމްލަކޮށް މި އަތޮޅަށް ވަރަށް ފައިދާވާނެ، ފީޒިބަލް، ދެކޮޅުޖެހޭނެ އެއަރޕޯޓަކަށް.

ދެން، އެ އެއަރޕޯޓް ޤާއިމުކުރެވެންދެކަށްވަސް، އަދި ފަހުންވެސް ބޭނުންވަންޏާ ބޭނުންކުރުމަށްޓަކައި، އަޅުގަނޑުމެން މި ރަށަށް ޚާއްޞަކޮށްގެން، ސީޕްލޭން ޕްލެޓްފޯމެއް، މި އަންނަ އަހަރުގެ ޖަނަވަރީމަހު ޤާއިމުކޮށްދީ، ރެގިއުލަރ ސީޕްލޭން އޮޕަރޭޝަން ފަށައިދޭނަން. އަދި ހަމަ އެގޮތަށް، މި އަންނަ އަހަރު ޖަނަވަރީ މަހަށް، މި ރަށަށް ޚާއްޞަކޮށް، މި ރަށުގައި ސްޓޭޝަންކޮށްފައި ބާއްވާ، ސީ އެމްބިއުލެންސެއް ޤާއިމުކޮށްދޭނަން.

ވަރަށްގިނަ ކަންކަން ދެންނެވިއްޖެ. ތިޔަބޭފުޅުންވެސް ނޯޓު ކުރައްވާނެ. އަޅުގަނޑުމެން މިއޮތީ ނޯޓުކޮށްފައި. މި މަސައްކަތްތައް މި ދެންނެވި ގޮތަށް ބަރާބަރަށް ހިނގާނެ. އެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެން.

އާދެ، އަދިވެސް ހަމަ ވަރަށްގިނަ ކަންކަން އެބަހުރި. ކަރަންޓުގެ މައްސަލަ ވަރަށް ބޮޑު. ދެން މިހެންގޮސް ކަރަންޓާ ގުޅިފައި ހުރި ވަރަށްގިނަ ކަންކަން އެބަހުރި. އެހެންވީމާ، ދެންމެ މި ދެންނެވި ކަންކަމުގެ ހުރިހާ ތަފްޞީލަކަށް އަޅުގަނޑެއް ނުދަން. މިއިން ކޮންމެ ކަމަކަށްވެސް އަޅުގަނޑުމެން ސީރިއަސްކަމާ އެކީގައި އެޓެންޑްވާނަން. ޖޫނިއަރ ކޮލެޖެއް ޤާއިމުކުރެވިގެންދަނީވެސް ކޮލެޖް ހަދަންޖެހޭތާކު ނޫން. އެހެންވީމާ، އެބަހުރި ޙައްލުކުރަންޖެހޭ ގިނަ ކަންތައްތައް.

އެހެންވީމާ، މިހެންގޮސް ވަރަށް ގިނަ ކަންތައްތައް އަދި އަޅުގަނޑު ލިސްޓުގެ ތެރޭގައި ނުހިމަނާވެސް، ރަށަށް މުހިންމު ވަރަށްގިނަ ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. މި ދަތުރުގައިވެސް އަޅުގަނޑާ އެކީގައި، ވަރަށް ގިނަ ވަޒީރުންނާއި، ވަރަށް ގިނަ ކުންފުނިތަކުގެ އެމް.ޑީން އެބަ ބައިވެރިވެވަޑައިގަންނަވާ. އަޅުގަނޑުމެން ދަތުރުތަކުގައި، މި ގޮތަށް ވަފްދު ކަނޑައަޅައިގެން ރައްޔިތުންގެ ގާތަށް މި އަންނަނީ، ވީހާވެސް ގާތުން ރައްޔިތުން ބޭނުންވާ ކަންކަމުގައި، ޙައްލުތައް ގެންނަން. އެ ބޭފުޅުންނަށް ސީދާ ރައްޔިތުންނާ ބައްދަލުވީމާ، އެ ކަންތައްތައް ކުރުމުގައި އެ ލިބޭ ފަސޭހަކަން ވަރަށް ބޮޑު. ވަރަށް ތަފާތު.

އާންމުކޮށް ރަށްރަށުގައި ހިންގާ މަޝްރޫޢުތަކާ ގުޅިފައިވާ ބޭފުޅުން އަޅުގަނޑުގެ ވަފްދުތަކުގައި ވަޑައިގަންނަވާނެ. އެކި ދަތުރުތަކުގައި ބައެއް ތަފާތުތައްވެސް ހުންނާނެ. އެ ރަށެއްގައި، ނޫނީވިއްޔާ އެ އަތޮޅުގައި، އެންމެ ގިނަ މަޝްރޫޢުތައް ހިންގާ ވަޒީރުން، އަދި ކުންފުނިތަކުގެ ވެރިން އަޅުގަނޑު އެބަ ގެންނަން.

މި ރަށަށް ބޭނުންވާ އަދި ދެންމެ އަޅުގަނޑު ނުދަންނަވާ ބައެއް ކަންކަންވެސް ހުންނާނެ. އެހެންވީމާ، ޖުމްލަކޮށް، ރަށުގެ ތަރައްޤީއަށްޓަކައި، ރަށުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި، ހިތްހަމަޖެހުމާއި، ކުރިއެރުމާއި، އުފާފާގަތިކަމާއި، އަމާންކަމާއި، ރައްކާތެރިކަމަށް ބޭނުންވާ ކަންކަމުގައި، އަޅުގަނޑުމެން ހުރިހާ ކަމަކަށް ވަރަށް ސަމާލުކަންދީގެން، މަސައްކަތް ކުރިއަށްގެންދާނަން. އެއީ، އަޅުގަނޑުމެންގެ ސިޔާސަތަކީ. އެންމެ އާބާދީ ކުޑަ ރަށަށްވެސް އޮތީ ހަމަ މި ގޮތް. އެންމެ އާބާދީ ބޮޑު ރަށަށްވެސް އޮތީ އެ ގޮތް. އެކަން މި ދަތުރުންވެސް، މި ދެތިން ދުވަހު މި ކުރާ ދަތުރުންވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެންނާނެ.

300 މީހުން، 400 މީހުން އުޅޭ ރަށްރަށްވެސް މި އަތޮޅުގައި އެބަހުރި. އެ ރަށްރަށުގައިވެސް ކުރަންހުރި ހުރިހާ މަސައްކަތްތަކެއް މިދަނީ ފަށަމުން. ފަށައިދީފިން. އަދި ނުހުއްޓި ހިނގާނެ. މިއީ އެންމެ އާބާދީ ބޮޑު ރަށް މި އަތޮޅުގެ. މި ރަށުގައި ކުރަންހުރި ހުރިހާ ކަމެއްވެސް އިރާދަކުރެއްވީތީ، ހިނގަމުންދާ ކަންކަން ނިންމުމާއި، އަލަށް ފަށާ މަސައްކަތްތައް ފެށުމާއި، އަދި ފަށަން ހުރި ކަންކަންވެސް ދެންމެ ބަޔާން މިކުރީ. އެހެންވީމާ، މިގޮތަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރިއަށް ގެންދާނަން، ރާއްޖޭގެ ރައްޔިތުންގެ ކަންކަން. ތަރައްޤީގެ ކަންކަން ފުރިހަމަކުރުން.

މިކަންކަން މި ކުރަނީ، އަޅުގަނޑުމެންގެ މިނިވަންކަން ހިމާޔަތްކޮށްގެން. އަޅުގަނޑުމެންގެ އިޤްތިޞާދު ނަގާ ކޮޅަށްޖަހަމުން. އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ޔަޤީންކޮށްގެން. އަޅުގަނޑުމެންނަކީ ކޮންބައެއްކަން، އަޅުގަނޑުމެންގެ އައިޑެންޓިޓީ، އަޅުގަނޑުމެން އަބަދުވެސް ރައްކާތެރިކޮށްގެން. އެއްވެސްވަރަކަށް އަޅުގަނޑުމެންގެ މި ދެންނެވި އަސާސްތައް ވިއްކާނުލައި، ރައްކާތެރިކަމާއެކީ ހިމާޔަތްކޮށްގެން. އަޅުގަނޑުމެންގެ މުޖުތަމަޢުގައި އޮންނަންޖެހޭ ހަމަޖެހުމާއި، އުޅުންތަކާއި ގުޅުންތައް އޮންނަންވާގޮތަށް، އަލުން އިއާދަކޮށްދިނުމުގެ މަސައްކަތްތަކެއް ކުރަމުން.

އާދެ، އެހެންވީމާ، އެގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ރަށުގެ ތަރައްޤީގެ ކަންކަންވެސް ކުރިއަށް މި ގެންދަނީ. މިކަންކަން ކުރިއަށް ގެންދިޔުމުގައި، ކޮންމެގޮތެއްވިޔަސް، ރައްޔިތުންގެ ފަރާތުން އިންތިޚާބުކޮށްފައި ތިއްބަވާ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާނެ. އެހީތެރިކަން ލިބުމާއި ނުލިބުމުގެ ތަފާތުހުރޭ. އަޅުގަނޑު ޙަޤީޤަތް ދަންނަވަންވެގެން، މަޢުލޫމާތު ސާފުކޮށްދިނުމުގެ ގޮތުން މި ދަންނަވަނީ. ހިތާމައަކީ، މި ދާއިރާއަށް ތިޔަބޭފުޅުން، މި ދާއިރާގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުގެ ކިބައިން އެ އެހީތެރިކަމެއް ނުލިބޭ. އެއްބާރުލުމެއް ނުލިބޭ ސަރުކާރަކަށް. އަދި ނުލިބޭ ތާނގައި، ކަންކަމަށް ހުރަސްއެޅުމާއި، ކަންކަމުގައި ކަންކަން މަޑުޖެއްސުމަށް އެކިކަހަލަ މަސައްކަތް ކުރަމުންދާކަން އަޅުގަނޑު ހިތާމައާއެކީ ފާހަގަކުރަން.

އަޅުގަނޑު އެދެނީ، ޒިންމާދާރުކަމާ އެކީގައި، ހުރިހާ ޢިއްޒަތްތެރި މަޖިލިސް މެންބަރުންވެސް، ޚިޔާލު ތަފާތުވިޔަސް މަސައްކަތް ކުރެއްވުން. ރައްޔިތުން ހޮވުމަށްފަހު، ކޮންމެ ޕާޓީއަކުން ހޮވުނަސް، ދެން ޚިދުމަތް ކުރަންޖެހޭނީ ހުރިހާ ރައްޔިތުންނަށް. އޭރަކު ހޮވިފައި އޮންނަ ސަރުކާރަކީ، ތިމަންނަ ނިސްބަތްވާ ސަރުކާރަށް ނުވަންޏާ، ނޫނީވިއްޔާ ޚިޔާލު ތަފާތުވަންޏާ، އެއީ ރައްޔިތުންނަށް ޒިންމާ އަދާކުރުމުގައި، އެއްވެސްކަހަލަ ހުރަހަކަށް ވާންޖެހޭ ކަމަކަށް ނުވާނެ.

އެހެންވީމާ، އެކަމުގައި ދަތިތަކެއް ހުއްޓަސް، އަޅުގަނޑުމެން މިދަނީ މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމުގައި އެންމެ ތަންކޮޅެއްވެސް ދޫނުދީ، ވަރަށް ބޮޑު ސަމާލުކަމެއްދީގެން، ވެލިދޫގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމުގައި، ތިޔަ ލޮބުވެތި ރައްޔިތުންނާ އެކީގައި ކުރިއަށް. އެކަން މިއަދުގެ ޖަލްސާއިންވެސް، މިއަދުގެ ދަތުރުންވެސް ފެންނާނެ.

ހަތަރު މަޝްރޫޢެއް ފެށިގެން މިދިޔައީ. ކުރިއަށް އޮތް ތަނުގައި ކުރަންހުރި ކަންކަންވެސް އަޅުގަނޑު މި ދެންނެވީ. ޢިއްޒަތްތެރި މެންބަރު އެހީތެރިކަން ނުދެއްވިޔަސް، އަޅުގަނޑުމެން ދާނީ ރައްޔިތުންނާއެކީ ކުރިއަށް. އަޅުގަނޑުމެންނަށް މެންބަރުންނާއި، ކައުންސިލަރުން އެހީތެރިކަންދޭނަމަ އަދި މާގިނަ ކަންކަމުގައި ފަސޭހަވާނެ ކޮންމެގޮތެއްވިޔަސް. އަޅުގަނޑުމެން ވާންޖެހޭނެ ތަޞައްރުފް ފުދިފައިތިބި ބަޔަކަށް.

އާދެ، އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަން އަޅުގަނޑު މި ދެންނެވި ގޮތަށް، ވަރަށް ރަނގަޅަށް ކުރިއަށް ގެންދާނަން. އަޅުގަނޑު އެދެނީ، އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ އަމިއްލަ ކަންކަމަށްވުރެ ބޮޑަށް، ޒާތީ ކަންކަމަށްވުރެ ބޮޑަށް، ޤައުމު އިސްކުރާ ބަޔަކަށްވާން. މިނިވަންދުވަސް އެބައާދޭ ވަރަށް އަވަހަށް. އެ މިނިވަންކަން އަޅުގަނޑުމެންނަށް ދޭހަކޮށްދެނީ ކޮންކަމެއްކަން އަޅުގަނޑުމެން ހަނދާނަށް ގެންނަންޖެހޭ. މިނިވަންކަން އަޅުގަނޑުމެންގެ ހިތުގައި ބިންވަޅުނެގެންޖެހޭ. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށްވުރެ، ޤައުމު އިސްކުރާ ބަޔަކަށްވެގެން، އެ އިޙްސާސް، މިނިވަންކަމުގެ އިޙްސާސް އަޅުގަނޑުމެންނަށް ވާނީ. އަދި އެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް، ޒިންމާދާރުކަމާ އެކީގައި ފޯރުވެސްކޮށްދެވޭނީ އޭރުން. އަމިއްލަ މަސްލަޙަތަށްވުރެ، ޤައުމު އިސްކޮށްގެން. އެ ޤައުމީ ލޯތްބާއި، އެ ޤައުމީ ވާޖިބު އަދާކުރުމުގެ އިޙްސާސް، އަދި އެ ޢަޒުމް އަޅުގަނޑުމެންގެ ހިތުގައި އަށަގަތް މިންވަރަކުން، އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެންގެ އަންނާން އޮތް ޖީލުތަކަށް، އަޅުގަނޑުމެންގެ ޅަދަރިންނަށް، އަދި އެ ދަރިންގެ ދަރިންނަށް، ރަނގަޅުގޮތުގައި ރައްކާތެރިކަމާއެކީގައި ފޯރުކޮށްދެވޭނީ.

ކިތަންމެ ގިނަ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކާއި، މަޝްރޫޢުތައް ހިންގިދާނެ. އެހެންނަމަވެސް، ސިކުނޑި، އަޅުގަނޑުމެންގެ ވިސްނުން މި ދެންނެވި ގޮތަށް ތަރައްޤީނުކުރަންޏާ، ކޮބައިތޯ އޭގެ ބޭނުމަކީ. އަޅުގަނޑުމެން އެބަޖެހޭ ވިސްނަން. ވަށައިޖެހޭ ތަރައްޤީއެއް އަންނާނީ، އެ ތަރައްޤީ އަމިއްލަ ނަފްސާ ހިސާބުން ގެންނަން ފަށައިގެން. އެ އަމިއްލަ ނަފްސަށް ގެންނަ ތަރައްޤީއަކީ، ސަރުކާރުން ހިންގާ މަޝްރޫޢަކުން ގެނެވޭނެ ތަރައްޤީއެއް ނޫން. އެއީ، އަމިއްލައަށް އެ ނިންމުން ނިންމައިގެން އަންނަ ތަރައްޤީއެއް. އަޅުގަނޑަށް ކުރެވޭނެ ކަމަކީ، ސަރުކާރަށް ކުރެވޭނެ ކަމަކީ، މިކަމަށް ގޮވާލުން. އެކަމަށް ބާރުއެޅުން. 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ހަވީރު މަގާމާ ހަވާލުވެ، ހުވާކޮށް، ފުރަތަމަ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަދެއްކި ދުވަހު، އެ ދެއްކި ވާހަކައިގައިވެސް އަޅުގަނޑު މި ވާހަކަ ގެނައިން. އެ ހިސާބުން ފެށިގެން، އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން މި އަންނަނީ، މި ވާހަކަ ދަންނަވަމުން. އަޅުގަނޑުމެން ވާން އެބަޖެހެއޭ އަޅުގަނޑުމެންގެ ސިކުނޑިތައް ތަރައްޤީކުރާ ބަޔަކަށް. ސިކުނޑިތައް ތަރައްޤީކުރާ ބަޔަކަށް ވާން އެބަޖެހެއޭ. އަޅުގަނޑުމެންގެ ޒިންމާ އަދާކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެ. އެހެންނޫނިއްޔާ، އަޅުގަނޑުމެންގެ ޤައުމަކީ މިނިވަން ޤައުމެކޭ ބުނުމުގެ މާނައެއް ނެތް. މިނިވަންކަމަކީ އަޅުގަނޑުމެން އެއަށްވުރެ ބޮޑަށް ފުޅާކޮށް ވިސްނަންޖެހޭ ކަމެއް.

މިތާނގައި ސްކޫލް ދަރިވަރުން އެބަތިބި. އެ ކުދިންނަކީ ޤައުމުގެ މުސްތަޤްބަލް. އެ ކުދިންނަށް އަޅުގަނޑުމެން، މައިންބަފައިން ވިސްނައިދޭންޖެހޭނެ، ކޮބައިކަން ޤައުމުދެކެ ލޯބިވުމަކީ. ޤައުމެއްގެ މިނިވަންކަން، މީގެކުރިން މި ޤައުމުގެ މިނިވަންކަން މިއަދާ ހަމައަށް ގެނެސްދިނުމަށް، ޤުރްބާންވި، އަބްޠާލުން އެވީ ކޮން ޤުރްބާނީއެއްކަން، އޭގެ ފުރިހަމަ މާނައިގައި އަޅުގަނޑުމެން އެބަޖެހޭ ޅަދަރިންނަށް ކިޔައިދެން. މިކަން ކުރަން ތިބީ އަޅުގަނޑުމެން. އަޅުގަނޑުމެންގެ އަމިއްލަ ކަންކަމަށްވުރެ ޤައުމު އިސްކުރި ދުވަހަކުން އެކަން ކުރެވޭނީ. ސިޔާސީ އޮއިވަރު މިއީ އެއްވެސް މާނައެއްހުރި އެއްޗެއްނޫން، ޤައުމީ ލޯބީގެ ކުރިމަތީގައި. އެއްވެސް މާނައެއް ހުރި އެއްޗެއްނޫން. އަޅުގަނޑުމެން އިސްކުރަންވީ ޤައުމު. މިއީ ދިވެހިން. މައްދިވެހިން، ދިވެހިން އިސްކުރަންޖެހޭނީ ދިވެހިވަންތަކަން، އިސްލާމްދީން، ދިވެހިބަސް، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން، ޤައުމިއްޔަތު. އެކަން އިސްކޮށްގެން ނޫނީވިއްޔާ، ކިތަންމެ އެއަރޕޯޓެއް ހެދިޔަސް، ކިތަންމެ ބަނދަރެއް ހެދިޔަސް، ކިތަންމެ މަގެއް ހެދިޔަސް، ސްކޫލެއް ހެދިޔަސް، ހޮސްޕިޓަލެއް އެޅިޔަސް، ޙަޤީޤީ ތަރައްޤީއެއް ނާންނާނެ. ސިކުނޑިން ޙަޤީޤީ ތަރައްޤީ އަންނަން އޮތީ. އެކަން ކުރާނީ އަމިއްލައަށް ސިކުނޑިން. އަމިއްލައަށް އެކަން ކުރުމަށް ޢަޒުމް ކަނޑައެޅި ދުވަހަކުން ނޫނީވިއްޔާ، އަޅުގަނޑުމެންނަކަށް ނެތް، އުފާފާގަތިކަމެއް، ޙަޤީޤީ މާނައިގައި.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލެއްވެވުން. އަޅުގަނޑުމެންގެ މި ޤައުމު ފަޚުރުވެރިކަމާ އެކީގައި، ކުރިއަށް އޮތް މުސްތަޤްބަލަށް، ތާއަބަދަށް މިނިވަންކަމާ އެކީގައި، ރައްދުކޮށްދިނުމުގައި، ޒިންމާއަދާކުރާ ބައަކު ކަމުގައި ލެއްވެވުން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.