بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މަގޫދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ އެންމެހައި މުއައްސަސާތަކުގެ އިސް ވެރިން، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ސްކޫލް ދަރިވަރުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ދުރާއިގާތުން މި ޙަފްލާ ބައްލަވަމުން ގެންދަވާ، އަދި އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިރަށަށް އަޅުގަނޑުމެންނަށް އާދެވުނު ވަގުތު ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަޅުގަނޑު ރިޔާސީ އިންތިޚާބުގައި މި ރަށަށް ވަޢުދުތަކެއްވިން. މިހާރު ތިޔަބޭފުޅުންނާ ބައްދަލުކުރާ ސަބަބަކީ، މިކަންކަން ކުރިއަށްދާގޮތާއި، ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ގޮތް، ޙިއްޞާކޮށްލުން.
މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން އެކިކަހަލަ މަސައްކަތްތައް ކުރީ، އަޅުގަނޑުމެންގެ ރަށްރަށުގައި މިހިރަ މަސައްކަތްތައް ކުރެވޭނެ ގޮތަށް، ކަންކަން ތަރުތީބުކުރުމަށްޓަކައި. އަދި ވަރަށް ގިނަ ކަންކަން ރަށްރަށުގައި ފެށިއްޖެ. އެކިއެކި މަޝްރޫޢުތައް ހުއްޓިފައި ހުއްޓާ، އެ މަސައްކަތްތައް ކުރެވޭނެގޮތް އަޅުގަނޑުމެން ހޯދައި، އެކަންކަން ކުރުމަށް، އަލުން އެކިއެކި ކުންފުނިތަކާ ހަވާލުކޮށްފިން.
ދެން އަލަށް ފަށަންހުރި މަސައްކަތްތައް ކުރެވޭނެ މަގު އަޅުގަނޑުމެން މި ކޮށީ. މިހާރު މި ފެށެނީ، އަދި ފެށިގެން މިދަނީ، ޢަމަލީގޮތުން މި ކުރެވުނު ހުރިހާ މަސައްކަތެއްގެ ނަތީޖާ ފެނިގެންދިޔުމުގެ މަރުޙަލާ. ކުރިން މިދިޔައީ ފަރުދާގެ ފުރަގަހުގައި ކުރެވުނު މަސައްކަތް. ބިހައިންޑް ދަ ސީން. ދެން އިރާދަކުރެއްވިއްޔާ، ޢަމަލީ މައިދާނުގެ މަސައްކަތް މިހާރު ދެން ފެނިގެން މިދަނީ. މި މަހަށްވުރެ ދެންއޮތް މަހު، އަދި ދެން އަންނަ މަހަށްވުރެ ސެޕްޓެންބަރު މަހު، މިހެންގޮސް އިރާދަކުރެއްވިއްޔާ ރަށްރަށުގައި މަސައްކަތްތައް ފެންނަލެއް ގިނަވާނެ.
މި ރަށަށް ބަލައިލާއިރު، މި ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް އޮތީ، ކުރިން ދެންނެވި ގޮތަށް، ހުއްޓިފައި އޮތް ކެޓަގަރީގައި. ނުހިނގާ އޮތް ކެޓަގަރީގައި. މިހާރު އަޅުގަނޑުމެން ވަނީ އެމް.ޑަބްލިޔޫ.އެސް.ސީ.އާ ދެ މަޝްރޫޢުވެސް ހަވާލުކޮށްފައި. އަޅުގަނޑުމެން މަސައްކަތްތައް މިގެންދަނީ، ސަރުކާރުގެ އެއް ކުންފުނި އަނެއް ކުންފުންޏަށް މިކަމުގައި އެހީތެރިކަންދޭ މަރުޙަލާއެއްގެ ގޮތުގައި ރާވައިގެން. އެހެންވީމާ، މިހާރު އެމް.ޑަބްލިޔޫ.އެސް.ސީ.އިން ތަކެތި ހޯދައިގެން، ފެނަކައިގެ މުވައްޒަފުން، ފެނަކައިން، އެ މަސައްކަތުގައި ޢަމަލީގޮތުން ފެނަކައިގެ މުވައްޒަފުން ބައިވެރިކޮށްގެން، މި މަސައްކަތްތައް ކުރިއަށް ގެންދާނެ. ފެނާއި ނަރުދަމާގެ މަސައްކަތް އެއީ، މި ދެންނެވި ގޮތަށް ކުރިއަށްދާނެ ކަންތައްތައް.
ދެން އަލަށް ފަށަންހުރި މަސައްކަތްތަކަށް ބަލާއިރު، އަޅުގަނޑު ވަޢުދުވެފައި ހުރި މަސައްކަތްތައް، ވަޢުދުތަކަށް ބަލާއިރުގައި، ދެ ދާއިރާއަކަށް ބަލާއިރުގައި، ޞިއްޙީ ދާއިރާ، އަދި ތަޢުލީމީ ދާއިރާގެ ތެރެއިން، އަޅުގަނޑު ވާނެ ބައެއް ކަންކަމަށް ވަޢުދުވެފައި. ޞިއްޙީ ދާއިރާއިން އަޅުގަނޑު ވާނެ، ހެލްތް ސެންޓަރުގެ ޢިމާރާތެއް އެޅުން، ނޫނީވިއްޔާ އެކްސްޓެންޝަން ޢިމާރާތެއްގެ މަސައްކަތް ކުރާނެ ކަމަށް ދަންނަވާފައި. މިހާރު އަޅުގަނޑުމެން ޓެންޑަރ މަރުޙަލާގައި އިޢުލާނު ކުރެވި، ބިޑުތައް ބަލައިގަނެފައި ވާނެ. މިހާރު ހިނގަނީ އިވެއުލޭޝަން ސްޓޭޖް. އެކަން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ނިމޭނެ. ނިމިގެން އަޅުގަނޑުމެން ބަޔަކާ އެކީގައި ކޮންޓްރެކްޓް ހަދާނަން.
އެހެންވީމާ، އެއީ މިހާރު ކުރިއަށްދާ، ގާތްގަނޑަކަށް ފައިނަލްވެފައި އޮތް މަރުޙަލާއެއް. އަޅުގަނޑަށް އަންދާޒާ ކުރެވެނީ، ބަޔަކާ ހަވާލުކުރެވޭނެއޭ، އިވެއުލޭޝަން ނިންމާފައި، ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި. ހަވާލުކުރެވުނީމާ ދެން، ޢަމަލީގޮތުން އެ ފަރާތުން ރަށަށްއައިސް، ކޮންސްޓްރަކްޝަން މަސައްކަތް ފަށާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން ޢަމަލީގޮތުން މާލަހެއްނުވެ ފެންނާނެ.
ދެން، އޭގެކުރިންވެސް އަޅުގަނޑުމެން މިހާރު ޚިދުމަތްދޭ މަރުކަޒުގައި މުވައްޒަފުންގެ ދަތިކަން ހުރުމާއެކީގައި، އަޅުގަނޑުމެން މިއަދު މި ބައްދަލުވުމުގައިވެސް އެކަން ފާހަގަކުރެވިގެންދިޔަ. އަޅުގަނޑުމެން މާލެގޮސް، އިރާދަކުރެއްވިއްޔާ ހެލްތް މިނިސްޓްރީން ފިނޭންސް މިނިސްޓްރީއާ އެކީގައި މަސައްކަތްތަކެއް ކުރާނެ. މިހާރު ބޭނުންވޭ އެބަ ދެ މުވައްޒަފަކު ހޯދަން. ނަރުހަކާއި މަސައްކަތު މީހަކާ. އަޅުގަނޑު އިރާދަކުރެއްވިއްޔާ އެކަން ހަމަޖެއްސުމުގެ ކަންތައްތައް ކުރިޔަށް ގެންދާނަން. އެހެންވީމާ، ޖުމްލަކޮށް ޞިއްޙީ ދާއިރާއަށް، ލެބޯރެޓަރީ ޚިދުމަތްތަކާ، މި ހުރިހާ ކަމެއް ހިމެނޭހެން، މި ރަށުގެ ޞިއްޙީ ޚިދުމަތް، އަޅުގަނޑު ވަޢުދުވީގޮތަށް ފުއްދުމުގެ ޢަމަލީ މަސައްކަތް، ކުރިއަށް މިއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އަޅުގަނޑު ހަމަ ޔަޤީންކަމާއެކީ ދަންނަވަން.
ދެން، ސްކޫލްގެ މަސައްކަތް. ސްކޫލަށް ބަލައިލާއިރު، ސްކޫލްގައި ޖާގަދަތި. ވަރަށް ދަތިކަން އެބަހުރި ހަމަ ހުރިހާ ގޮތަކުންވެސް. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވަޢުދުވިން، މިކަމަށްވެސް ޙައްލެއް ގެންނާނެ ކަމަށް. އަޅުގަނޑުމެން ދެން ފަށާ، ނޫނީވިއްޔާ ދެން ސޮއިކުރުމަށް ފަށާ މަރުޙަލާގައި ހުރި މަޝްރޫޢުތަކުގެ ތެރޭގައި، ދެ މަހެއްހާ ދުވަހުގެ ތެރޭގައި. ސެޕްޓެންބަރު މަހު ހިސާބުގައި އަޅުގަނޑުމެން ސޮއިކުރަން ރެޑީކުރާ މަޝްރޫޢުތަކުގެ ލިސްޓުގައި، މި ރަށުގެ ސްކޫލް ޕްރޮޖެކްޓް ހިމަނާފައި އޮންނާނީ. އޭގެތެރޭގައި، އިތުރު ކްލާސްރޫމްތަކާއި، ސްޓާފުންގެ އެކި ކަންކަމަށް ބޭނުންވާ ޖާގައާއި، ލައިބްރަރީއާ، މިހެންގޮސް ހުރިހާ ކަމަކަށް އެކަށީގެންވާ ގޮތަށް ހޯލް ހިމެނޭގޮތަށް، މި ދެންނެވި ހުރިހާ ވަސީލަތްތަކަށް އެކަށޭނަވަރުގެ އިމާރާތެއް އެޅުން ހިމެނޭނެ. އެހެންވީމާ، މި ދެންނެވިހެން، ސެޕްޓެންބަރު މަސް ހިސާބުގައި އަޅުގަނޑުމެން ސޮއިކުރަން ރެޑީކުރާއިރު، ރާއްޖޭގައި ވަރަށް ގިނަ ރަށްތަކުގައި ވަރަށް ގިނަ މަޝްރޫޢުތައް އެ ބެޗުގައި ހިމަނައިގެން، އިރާދަކުރެއްވިއްޔާ ސްކޫލް މަޝްރޫޢުވެސް ކުރިއަށް ގެންދާނަން.
އެހެންވީމާ، ދެ ދާއިރާ، ޞިއްޙީ ދާއިރާއާއި، އެޑިޔުކޭޝަން ދާއިރާއިން އަޅުގަނޑު ވަޢުދުވީ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް، ކުރިޔަށް އޮތް ދެތިންމަސް ތެރޭގައި، ރަށުގައި ފެށިގެންދާނެ.
އާދެ ދެން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ގިރާ ސަރަޙައްދު ޙިމާޔަތްކުރުން، ނޫނީވިއްޔާ ޝޯރ ޕްރޮޓެކްޝަންގެ މަޝްރޫޢުގެ މަސައްކަތުގައިވެސް މި އަންނަ މަހުގެ ތެރޭގައި ސޮއިކުރެވިގެންދާނެ ވާހަކަ. ސޮއިކުރާއިރުގައި، އަޅުގަނޑުމެން އެކަން ކުރިއަށް ގެންދާނީ، މޫދަށްއެރޭ ސަރަޙައްދެއްވެސް ޑިޒައިން ކުރެވިގެން، އޭގައި ހިމެނޭގޮތަށް، އިރާދަކުރެއްވިއްޔާ ދެ ކަންތައް ހިމެނޭ ކޮންސެޕްޓެއްގައި އެ މަސައްކަތްވެސް، މި އަންނަ މަސް ނިމެންވާއިރަށް ހަވާލުކުރެވޭނެ. ދެން، ޢަމަލީގޮތުން މާ ލަސްތަކެއްނުވެ ރަށުގައި މޮބިލައިޒް ކުރެވިގެން ފެށޭނެ.
އެހެންވީމާ، ޖުމްލަކޮށް މި ހުރިހާ މަސައްކަތެއްވެސް މި ރަށުގައި މާ ލަހެއްނުވެ ފެށޭނެ. ސެޕްޓެންބަރު ހިސާބުގައި ސޮއިކުރެވޭ ބެޗުގައި ހިމެނޭނެ އަދި ކުޅިވަރުގެ ދާއިރާގެ މަޝްރޫޢެއްވެސް. އެއީ، ފުޓްބޯޅަ ދަނޑުގެ މަސައްކަތް. ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް. އެވެސް އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވެފައި އޮތް ވަޢުދެއް. ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްޤީ ކޮށްދިނުން.
އެހެންވީމާ، ސެޕްޓެންބަރު ހިސާބުގައި މި ސޮއިކުރާ ބެޗުގައި ހިމެނޭނެ، މި ރަށަށް ތިން މަޝްރޫޢެއް. އެއީ، ފުޓްބޯޅަ ދަނޑު، ސްކޫލްގެ އެކްސްޓެންޝަން އިމާރާތް، ހެލްތް އެކްސްޓެންޝަން އިމާރާތް. ތިން މަޝްރޫޢު. އަދި މި އަންނަ މަހުގެ ތެރޭގައި، ޝޯރ ޕްރޮޓެކްޝަން މަސައްކަތް، މޫދަށްއެރޭ ސަރަޙައްދާ އެކީގައި ފެށޭނެ.
އާދެ އެހެންވީމާ، ޖުމްލަކޮށް އޭރުން އަޅުގަނޑު ވަޢުދުވީ ހުރިހާ ކަމެއްގެ ޢަމަލީ މަސައްކަތް ފެށުނީ. އެގޮތަށް އިރާދަކުރެއްވިއްޔާ، މި ރަށުގެ ކަންތައްތައް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދޭން މިއައީ.
އިރާދަކުރެއްވިއްޔާ، ދެން އަންނާނީ މި ކަންކަން ނިންމާލާފައި، ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވާން. އެ އުންމީދުގައި އަޅުގަނޑު ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ދިވެހިރާއްޖެއަށް އުފާ ފާގަތިކަން މިންވަރުކުރެއްވުން. އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.