بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މިލަދޫގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ މުއައްސަސާތަކުގެ އިސް ވެރިން، ރަށުގެ އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ޖަލްސާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިރަށަށް އާދެވުނު ވަގުތު ތިޔަބޭފުޅުން ވަޑައިގެން ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މި ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، އަނެއްކާވެސް މި ރަށަށް މިއާދެވުނީ. ވަރަށްވެސް އުފާވޭ، ހަމަ ކޮންމެ ފަހަރަކުވެސް ތިޔަބޭފުޅުން ތިޔަ ބަހައްޓަވާ ގާތްކަމަށްޓަކައި.

އާދެ، ރިޔާސީ އިންތިޚާބުގައި ވީ ވަޢުދުތައް ފުއްދުމުގެ މަސައްކަތުގައި، ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި، ކުންފުނިތަކުން އެ ގެންދަވަނީ، މަސައްކަތްތައް ކުރައްވަމުން. މި މަސައްކަތްތަކުގެ ތެރެއިން، މި ރަށުގައިވެސް ކުރަންހުރި ކަންތައްތައް އިރާދަކުރެއްވީތީ، ވަރަށް އިސްކަންދީގެން، ސަމާލުކަންދީގެން، އަޅުގަނޑުމެން ކުރަމުން މިގެންދަނީ. އަދި ކުރަމުން ގެންދާނަން. މިގޮތުން ބަލާއިރުގައި، އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް އަޅުގަނޑު ވަޢުދުވިން. އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތްތައް އެދަނީ ކުރެވެމުން.

އާދެ، ކުރިއަށް އޮތް ކުޑަދުވަސްކޮޅަށް ބަލާއިރުގައި، އެންމެ އަވަހަށް އަޅުގަނޑުމެން މަސައްކަތް ފެށުމަށް، ސޮއިކުރުމަށް ތައްޔާރުވާ ދެ މަޝްރޫޢަކީ، ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް، ނޫނީވިއްޔާ ޝޯރ ޕްރޮޓެކްޝަން މަސައްކަތްކުރުމަށް، އެމް.ޓީ.ސީ.ސީ.އާ އަޅުގަނޑުމެން ހަވާލުކުރާ މަޝްރޫޢާއި، މަގު ހެދުމުގެ މަސައްކަތް ކުރުމަށް، އާރު.ޑީ.ސީ.އާ ހަވާލުކުރުމަށް ނިންމާފައިވާ މަޝްރޫޢު. މި އަންނަ މަސް ނިމުމުގެ ކުރީގައި، މި ދެ މަޝްރޫޢުގެ މަސައްކަތްކުރުމުގެ އެގްރިމެންޓްގައި އެ ދެ ކުންފުންޏާ އެކީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސޮއިކުރާނަން.

ދެން، ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ސްކޯޕް ފައިނަލް ކުރެވިގެންދާއިރު، ކައުންސިލާ އެކީގައި، ދެ މަޝްރޫޢުގެވެސް ސްކޯޕް ފައިނަލްކުރަނީ. ސްކޯޕް ފައިނަލް ކުރެވިގެންދާއިރުގައި، ރަށުގެ ރައްޔިތުން، ޚާއްޞަކޮށް އިސްރަށްވެހިން، އަދި ޖުމްލަކޮށް، ހުރިހާ ބޭފުޅުންވެސް ވަރަށް ބޭނުންފުޅުވޭ، މޫދަށް އެރެވޭނެގޮތަށް ސަރަޙައްދެއް ހެދެން. އެހެންވީމާ، ޝޯރ ޕްރޮޓަކްޝަން، ނޫނީވިއްޔާ ގިރާ ސަރަޙައްދުގެ މަޝްރޫޢު ކުރިއަށްގެންދަން، އަޅުގަނޑުމެން ނިންމާނީ، މި ދެންނެވި ގޮތަށް މޫދަށް އެރޭ ސަރަޙައްދެއްވެސް ހެދޭގޮތަށް. ދެ ކަންތައްވެސް ވާނެ.

އެހެންވީމާ، އަޅުގަނޑުގެ ވަޢުދުގެ ތެރެއިން، އޭރުން ތިން ވަޢުދެއް ފުރިހަމަކުރުމުގެ މަސައްކަތް ފެށެނީ. ދެން އެއާއެކީގައި، ކުރިއަށް ގެންދެވޭނެ މަސައްކަތްތަކުގެ ތެރޭގައި، ދެން މިހާރު ނިމެމުންދާ، ނޫނީ ހިނގަމުންދާ މަސައްކަތް ނިންމުމުގެ މަސައްކަތްވެސް ހަމަ ކުރިއަށްދާނެ. އެގޮތުން، ފެނުގެ ނިޒާމުގެ މަސައްކަތް ނިންމުމަށް އެމް.ޑަބްލިޔޫ.އެސް.ސީ. އިން އެދަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ އެކަން ނިމުމަކާ ހަމައަށްދާނެ.

ޞިއްޙީ ދާއިރާއިން ކުރަމުންދާ މަސައްކަތް ކަމަށްވާ ހެލްތް ސެންޓަރުގެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އެދަނީ. އެކަންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެގޮތަށް ގެންގޮސް ބާރަށް ނިންމާލާނަން. އެހެންނަމަވެސް، 16 ގަޑިއިރުގެ ޚިދުމަތްދޭ މަރުކަޒެއްގައި، އިންސާނީ ވަސީލަތް ހުންނަންވާވަރަށްވުރެ ތަންކޮޅެއް މަދުން މި ރަށުގެ މަރުކަޒުގައި ހުރީ. ޚާއްޞަކޮށް، ނަރުހުންގެ އަދަދު ތަންކޮޅެއް މަދު.

އެހެންވީމާ، އަޅުގަނޑުމެން މިހާރު މި ދަތުރަށްފަހު، މިނިސްޓްރީން މަސައްކަތް ކުރައްވާނެ، މިރަށަށް އިތުރު ޓެކްނިކަލް ސްޓާފުން ޚާއްޞަކޮށް، ނާރސިންގ ދާއިރާއިން ދެ މުވައްޒަފުން، ނޫނީވިއްޔާ ތިން މުވައްޒަފުން، މަދުވެގެން ދެ މުވައްޒަފުން ހަމަޖެހޭނެ ގޮތެއް ބަލަން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކޮށްދޭނަން.

އޭރުން ޞިއްޙީ ދާއިރާއިން މި ރަށުގެ ހެލްތް ސެންޓަރުގެ މަސައްކަތް ވަރަށް ރަނގަޅުވާނެ. ދެން، މިހާރު ލެބްގެ މަސައްކަތް. އަޅުގަނޑު މުޅި ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒުތަކެއްގެ ފެންވަރު މަތިކުރުމަށް ވީ ވަޢުދުގެ ތެރޭގައި އެކަންވެސް އެއޮތީ. ލެބޯރެޓަރީ ސަރވިސަސް، ރަށުގެ އާބާދީގެ ނިސްބަތުން، ރަށުގައި ތިބެގެން ކުރެވޭނެ ކަންތައްތައް ވީހާވެސް ފުރިހަމައަކަށް ކުރުމުގެ ވަޢުދު އެއީ.

އާދެ ހަމައެއާއެކީގައި، އަޅުގަނޑުމެން މިހާރު އިޢުލާނުކޮށްފައި އޮތް ބޯހިޔާވަހިކަމުގެ ހައުސިންގ މަޝްރޫޢުގެ ތެރޭގައި، މި ރަށްވެސް ވާނީ ހިމަނާފައި. މި ރަށުގައި 50 ހައުސިންގ ޔުނިޓު ޤާއިމުކުރުމަށް އިޢުލާނުކުރެވިފައި، އެ ބިޑިންގ ޕްރޮސެސްގައިވީ. ދެން، އެ މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި، ކައުންސިލުން މިނިސްޓްރީއާ އެކީގައި މަސައްކަތް ކުރައްވާނެ. މި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތެއް އޭގައި ނިންމަން. މި ދެންނެވީ، ވަކި ސަރަޙައްދެއްގައި، މިސާލަކަށް، ލޭންޑް ޔޫސް ޕްލޭންގައި، ގެދޮރުއަޅަން ކަނޑައަޅާފައި އޮތް، ހައުސިންގ ޕްރޮޖެކްޓް ހިންގަން ކަނޑައަޅާފައި އޮތް ސަރަޙައްދުގައި، ހުރިހާ ޔުނިޓުތަކެއް ހަދާނީތޯ، ނޫނީވިއްޔާ އަމިއްލަ މީހުންގެ ގޯތީގައި، ވަކިވަކި ޔުނިޓު ހަދާނީތޯ. އެއީ، ރައްޔިތުން ނިންމަންޖެހޭ ކަމެއް، ކޮންމެ ރަށެއްގައިވެސް. އެއީ، މަޝްރޫޢުގައި ހިމެނޭނެ 58 ރަށެއް. އެ 58 ރަށަށް އަޅުގަނޑުމެން ފުރުޞަތު ދިނިން. އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތެއް ޚިޔާރުކުރަން. މީހުންގެ އަމިއްލަ ގޯތީގައިތޯ އަޅާނީ، ނޫނީވިއްޔާ ވަކި ސަރަޙައްދެއްގައި ޕްރޮޖެކްޓެއް ހިންގާނީތޯ. އެހެންވީމާ، ކޮންމެގޮތެއްވިޔަސް ރައްޔިތުން ނިންމަވާ ގޮތަކަށް، ހައުސިންގ މިނިސްޓްރީން މި ދެންނެވި ޓެންޑަރިންގ ޕްރޮސެސްގެ ތެރެއިން، ބަޔަކާ މަސައްކަތް ހަވާލުކުރާނީ. އެކަންވެސް އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ މަޝްރޫޢުވެސް އޮތީ ކުރިއަށް.

ދެން، ކުޅިވަރުގެ ދާއިރާއިން ބަލާއިރުގައި، އަޅުގަނޑުމެންގެ މަސައްކަތްތައްވެސް ހަމަ އެގޮތަށް ކުރިއަށް ގެންދެވޭނެ. އެއީ، ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު، މި އަހަރާއި މި އަންނަ އަހަރު ތެރެއަށް ބަހާލައިގެން އެޅުމަށް އަޅުގަނޑު ވާނީ ނިންމާފައި. މި އަހަރުގެ ތެރޭގައި މި ރަށުގައި، ކުރިއަށް އޮތް ދެމަހެއްހާ ދުވަހު ތެރޭގައި، އަޅުގަނޑުމެން އެ މަސައްކަތް ހަވާލުކުރާނަން. އެ މަސައްކަތް ފަށާނެ. މި ރަށުގައި ފިޓްނަސް ރިކްރިއޭޝަން ސެންޓަރެއް އެޅުމުގެ މަސައްކަތަކީ، ކުރިއަށް ގެންދަން ނިންމާފައި އޮތް ކަމެއް. އޭގެއިތުރަށްވެސް، އައުޓްޑޯރ ޖިމްގެ މަސައްކަތާއި، އަދި މިހާރު ފުޓްބޯޅަ ދަނޑުގެ ވަރަށް ގިނަ ކަންތައް ނިމިފައި ވަނީ. އެތަނުގައި ލައިޓްޖެހުމާ، މިފަދަ ގިނަ ކަންތައްތަކެއް، ކުޅިވަރުގެ ދާއިރާއިންވެސް ކުރިއަށްދާނެ. އެހެންވީމާ، ޖުމްލަކޮށް ދަންނަވާނަމަ، ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް އޮތީ ހަމަ މި ދެންނެވި ގޮތަށް ރަނގަޅަށް ކުރިއަށްދާގޮތަށް.

އާދެ، ހަމަ އެގޮތަށް، ސްކޫލްގެ މަސައްކަތް އެބަދޭ، ތަންކޮޅެއް ލަސް ސްޕީޑެއްގައި. އެހެންނަމަވެސް، އެކަންވެސް ނިމުމަކަށް ގެނައުމަށް އަޅުގަނޑުމެން ވަރަށް ސަމާލުކަން ދެން. ކުންފުންޏަށް ދޭންޖެހޭ ފައިސާއެއް މިހާރަކު ނުއެއްއޮންނާނެ. އަޅުގަނޑުމެން ޕޭމަންޓްސްތައް ބަރާބަރަށް ހަދަމުން ދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ މަސައްކަތްވެސް، ވަށާފާރެއްވެސް ލެވިގެންދާގޮތަށް، އަޅުގަނޑުމެން ނިންމާނަން. ސްކޫލް މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ ހަމަ މި ދެންނެވި ގޮތަށް ރަނގަޅަށް ކުރިއަށްދާނެ.

އާދެ، ޖުމްލަކޮށް މި ދަންނަވާލެވުނު ހުރިހާ ކަންތައްތަކެއް ހުރީ، އަޅުގަނޑު މި ދެންނެވި ގޮތަށް ގެންދަން ނިންމާފައި. އެހެންވީމާ، ކުރިއަށް އޮތް ދެތިންހަތަރު މަހެއްގެ ތެރޭގައި، ނޫނީ މި އަހަރުގެ ބާކީ ބައިގައި، މި ދެންނެވި ހުރިހާ މަސައްކަތްތަކެއްގައި ޢަމަލީ ސިފަޖެހި، ނޫނީވިއްޔާ ކުރިޔަށްދާގޮތް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އޭގެ ނަތީޖާއަކަށް ވާނީ، މި އަހަރުގެ ތެރޭގައި އެ މަޝްރޫޢުތައް ފެށުން. މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ މަގު ހެދުންވެސް ފެށި އަދި ގޮނޑުދޮށް ޙިމާޔަތްކުރުން، މޫދަށް އެރޭ ސަރަޙައްދު، މިކަހަލަ ބޮޑެތި މަސައްކަތްވެސް ފެށޭނެ.

އެހެންވީމާ، މި އަހަރާއި މި އަންނަ އަހަރުގެ ތެރޭގައި ހުރިހާ މަސައްކަތެއް އެކީގައި ނިންމާލުން އަޅުގަނޑުމެންގެ އަމާޒަކީ. މިހާރު ނިމެމުންދާ ކުދިކުދި މަސައްކަތްތައް، ބާކީހުރި މަސައްކަތްތައް ހަމަ ވަރަށް އަވަހަށް ނިންމުން. ދެން، އަލަށް ފެށޭ މަސައްކަތްތައް މި އަންނަ އަހަރާ އެކީގައި ނިމިގެން ދިޔުން. އެގޮތަށް ކުރިއަށްދާނީ.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މިލަދޫގެ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދެވުމުގެ ފުރިހަމަ ޔަޤީންކަން، ތިޔަބޭފުޅުންނަށް އަޅުގަނޑު މި ދެނީ. އަޅުގަނޑު ވީ ހުރިހާ ވަޢުދެއް ފުއްދައިދޭނަން. އިރާދަކުރެއްވިއްޔާ އެންމެ ވަޢުދެއްވެސް ނުފުއްދައެއް ދުލެއްނުކުރާނަން. ތިޔަބޭފުޅުންނަށް ވަޢުދުތައް ފުއްދައިދިނުމަކީ، އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފާ.

އެހެންވީމާ، ހަތަރުވަނަ ފަހަރު ތިޔަބޭފުޅުންގެ ގާތަށް އައުމުގެ އުންމީދުގައި އަޅުގަނޑު ވަކިވެލާނަން. ދެން އަންނައިރުގައި، މި ދެންނެވި މަޝްރޫޢުތައް ނިމިގެން، އެކަންކަމުގެ އުފަލުގައި ބައިވެރިވާން އައުމަށް އުންމީދު ކުރަމުން، އަޅުގަނޑު ވަކިވެލަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.