بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ފޮއްދޫގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސް، އަދި މުއައްސަސާތަކުގެ ވެރިން، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، މި ޖަލްސާ، ދުރާއި ގާތުން ބައްލަވާ އަދި އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އަޅުގަނޑުމެންނަށް މި ރަށަށް މިއަދުގެ ހެނދުނުގެ ވަގުތު އާދެވުނުއިރު، ތިޔަބޭފުޅުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ފޮއްދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

އާދެ، ސަރުކާރުގެ ސިޔާސަތަކީ، ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ހަމަހަމަގޮތެއްގައި ޚިދުމަތް ކުރުން. ރައްޔިތުން އެދޭ ކަންކަން ފުރިހަމަކޮށްދިނުން. އަޅުގަނޑު ރައްޔިތުންނަށް ވަޢުދެއްވެފައި ވާނަމަ، ވީހާވެސް ސަމާލުކަންދީގެން، އެ ވަޢުދެއް ރަނގަޅަށް ފުއްދައިދިނުން. ބޮޑެތި އެހެން ރަށްރަށަށްވުރެ މި ރަށުގެ އާބާދީ، އެތައް ތަނަކުން ކުޑަވިޔަސް، ކުރިން މި ދެންނެވި ގޮތަށް، އަޅުގަނޑުގެ ސިޔާސަތު އޮތީ. އެހެންވީމާ، މި ރަށުގައި މިއަދު އަޅުގަނޑުމެން މި ފެށީ، މި ދެންނެވި ގޮތަށް، މި ރަށަށް ބޭނުންވާ، ވަރަށް ގިނަ މަސައްކަތްތަކެއް. އެންމެ މުހިންމު ކަމަކީ ހަމަ ޔަޤީނުންވެސް، ލަފާ ފުރުމަށް ތިޔަބޭފުޅުން ތަޙައްމަލް ކުރައްވަމުން ގެންދެވި ދިގު މާޒީގައި، އެ ތަޙައްމަލު ކުރެއްވި ކުރެއްވުމަށް ޙައްލެއްގެނެސް ދިނުމަށް ބަނދަރު ހަދައިދިނުންކަން އެއީ، ޝައްކެއްނެތް ކަމެއް.

އެހެންވީމާ، މިއަދު ތިޔަބޭފުޅުން އެދިވަޑައިގެންނެވި އެންމެ މުހިންމު ކަންތައް، އަދި އަޅުގަނޑު ވަޢުދުވީ އެންމެ މުހިންމު ވަޢުދު، އިރާދަކުރެއްވީތީ ފުއްދުމުގެ މަސައްކަތް، ޢަމަލީގޮތުން މި ފެށުނީ. މިއަދު މި ފެށުނު މަޝްރޫޢު އަޅުގަނޑުމެން ވަރަށް ބާރުމިނުގައި ކުރިޔަށް ގެންގޮސް ނިންމައިދޭނަން. އޭގެ ސަބަބުން، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް މިދިޔަ ހުރިހާ ދުވަހެއްގައި، 40 އަހަރޭ ވިދާޅުވީ، އެ ދެން ވީ ޒަމާނެއްގައި، ތިޔަބޭފުޅުން ވަރަށް ހިތާމަވެރި ހާދިސާތައްވެސް ދިމާވެފައި އެބަހުރި މި ރަށުގައި. އެ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ މާޒީއަށް ދާނެ. ތިޔަބޭފުޅުންގެ އުންމީދުތައް، އިގުތިސާދީގޮތުން ރަށް ތަރައްޤީކުރުމަށްވެސް، އަދި ފަރުދީގޮތުން ކުރިއެރުން ރަށަށް ހޯދައިދިނުމަށް، އަދި ފަރުދީ ކުރިއެރުން ހޯދުމަށްވެސް އޮތް އެންމެ ބޮޑު ހުރަސް އިރާދަކުރެއްވިއްޔާ ނެތިގެންދާނެ. އެހެންވީމާ، އެ މަޝްރޫޢު މިއަދު މި ފެށުނީ.

ދެން، މި ފެށުނު ކަންކަމަށް ބަލައިލާއިރުގައި، ޞިއްޙީ ޚިދުމަތް. އަޅުގަނޑު އެންމެ މުހިންމު އެއްކަމެއް ދޭ، ސަމާލުކަމެއްދޭ ކަމަކީ، ޞިއްޙީ ދާއިރާ ވަރުގަދަކުރުން. ރަށްރަށުގައި ވަރަށް ހާލު ދަށްކޮށް ޞިއްޙީ ދާއިރާ އޮތީ، މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރިން އަޅުގަނޑުމެން ކަންކަން ފަށައިގެންއިރުގައި. ގިނަ ރަށްތަކުގައި ނެތް، ލެބުތަކުގައި އާދައިގެ ޓެސްޓުތައްވެސް ހެދެން. އަދި މިހެންގޮސް ވަރަށް ގިނަ ކަންކަން ގޯސްކޮށް ހުރި. އެހެންނަމަވެސް، ޚާއްޞަކޮށް މި އަހަރުގެ ބަޖެޓުގެ ތެރެއިން ފެށިގެންމިދާ ކަންކަން، އަދި މި އަންނަ އަހަރު ކުރިޔަށްދާނެ ވަރަށް ގިނަ ރަށްތަކުގައި. ޞިއްޙީ ދާއިރާގައި ރަށްރަށުގައި ހުރި ލެބޯރެޓަރީ ޚިދުމަތްތައް ރަނގަޅުކުރުމާއި، ވަސީލަތްތައް ފުރިހަމަ ކުރުން، ޢުމްރާނީ ގޮތުން ޖާގަ އިތުރުކުރުމާއި، މުވައްޒަފުން އިތުރުކުރުމާ އެކީގައި ވަށާޖެހޭގޮތަށް ޚިދުމަތް އިތުރުކުރުން، ރަނގަޅު ކުރުމުގެ ސިޔާސަތު ތަންފީޒު ކުރަނީ. ކުރަން ފެށިފައި މިއޮތީ. އެގޮތުން މި ރަށުގައި މިއަދު އަޅުގަނޑުމެން މި ބިންގާއެޅީ، ހެލްތް ސެންޓަރަށް، ޞިއްޙީ މަރުކަޒަށް އިތުރު އިމާރާތެއް އެޅުމަށްޓަކައި. އެ އިމާރާތަކީ، ލެބޯރެޓަރީގެ ޚިދުމަތް މިހާރަށްވުރެ އެތައް ތަނަކުން، އަޅުގަނޑު ވަޢުދުވީ ގޮތަށް، އިތުރުކުރެވިގެންދާ ގޮތަށް، ލެބް ފެސިލިޓީޒްވެސް ހިމެނޭގޮތަށް އެޅޭ އިމާރާތެއް.

އެހެންވީމާ، އެ އިމާރާތް އެޅިގެންދިޔައީމަ، ހަމަ ޔަޤީނުންވެސް ތިޔަބޭފުޅުންނަށް ވަރަށް ފަސޭހަވާނެ. ކައިރި ތަންކޮޅެއް ބޮޑެތި ރަށްރަށުގެ ހޮސްޕިޓަލްތަކަށް ދާންޖެހޭ އަދަދު ޔަޤީނުންވެސް މަދުވެގެންދާނެ. އަދި، ދާންޖެހޭ ފަހަރަކު، ހަމަ ޔަޤީނުންވެސް މިހާރު ދިމާވާ ދަތިތައްވެސް ބަނދަރު ނިމުނީމާ ދިމައެއްނުވާނެ. ދެން، ކޮންމެއަކަސް އެ އިމާރާތް ނިމެންދެންވެސް، ޕްރޮޖެކްޓް ނިމެންދެންވެސް، މިހާރުގެ ޚިދުމަތްތައް ރަނގަޅުކުރަންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރާނަން.

އެއްކަމަކީ، ޑޮކްޓަރުގެ ފެންވަރު ދަށްވުން، ނޫނީވިއްޔާ ޑޮކްޓަރުގެ ޚިދުމަތުގައި މައްސަލަތަކެއް ހުރިކަން ތިޔަބޭފުޅުން ފާހަގަކުރައްވާތީ، އަޅުގަނޑު މިނިސްޓަރަށް ދަންނަވައިފިން، ރަނގަޅު ފެންވަރުގެ ޑޮކްޓަރެއް މި ރަށަށް ފޮނުވައިދިނުމަށް. އަދި މިހާރު ދޭ ލެބޯރެޓަރީ ޚިދުމަތަށް، މިވަގުތަށް އިތުރުކުރެވޭނެ ކަމަކީ ކޮބައިތޯ ބަލައި، މި އިމާރަތް ނިމެންދެންވެސް، އެކަމެއް ރަނގަޅުކުރުމަށް ކުރެވެންހުރި ކަންކަންވެސް ކުރަން ދަންނަވައިފިން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިނިސްޓަރ އެ މަސައްކަތް ކުރައްވާނެ.

ދެން، އަޅުގަނޑުމެން މި ފެށީ، ފުލުހުންގެ ޚިދުމަތް. މި ރަށުގައި ނެތް މީގެކުރިއަކުން އެ ޚިދުމަތެއް ގާއިމުކުރެވިފައެއް. އަޅުގަނޑުގެ ސިޔާސަތަކީ، ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރުން. ފުލުހުންގެ ޚިދުމަތް، ރަށުގައި ތިބެގެން ދެވޭގޮތަށް ގާއިމުކުރުން. ކުޑަ ރަށެއްވިޔަސް އަދި އެންމެ ބޮޑު ރަށެއްވިޔަސް، ތަފާތުނުކޮށް. އަދި އެ ޚިދުމަތް މި އަހަރުގެ ތެރޭގައި، ހުރިހާ ރަށެއްގައި ގާއިމުކުރުން.

އެހެންވީމާ، މިއަދު މި ރަށުގައި މި ފެށުނީ ޕޮލިސް ޕޯސްޓުގެ ޢަމަލީ މަސައްކަތް. އޭގެ ނަތީޖާއަކަށް ވާނީ، ހަމަޔަޤީނުންވެސް އަމާން މުޖުތަމަޢެއް ގާއިމުކުރުމަށްޓަކައި، ފުލުހުންގެ ފަރާތުން، އެބޭފުޅުންގެ ޒިންމާ އަދާކުރެވިގެން ދިއުމަށް މަގުފަހިވެ، ތިޔަބޭފުޅުންނަށް ހިތްހަމަޖެހުން ލިބިގެންދިޔުން.

ދެން އޮތް މަޝްރޫޢަކީ، އަޅުގަނޑުމެން މިފެށީ، ކުޅިވަރާއި ފިޓްނަސްއަށް، ނޫނީވިއްޔާ އަޅުގަނޑުމެންގެ ސިއްޙަތު ރަނގަޅުގޮތުގައި ބެހެއްޓުމަށްޓަކައި އެކިކަހަލަ ކަންކަން ކުރުމަށް ބޭނުންވާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް އެޅުމުގެ މަސައްކަތް. އެއީވެސް އަޅުގަނޑުމެން ހުރިހާ ރަށެއްގައި ގާއިމުކުރާ މަރުކަޒެއް. އެއީ، މި އަހަރާއި މި އަންނަ އަހަރާ ބަހާލައިގެން، ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ގާއިމުކުރާ މަރުކަޒުތަކެއް، އެ ޕްރޮގްރާމްގެ ތެރެއިން. އެހެންވީމާ، މިއަދު މި ރަށުގައި މި ފެށުނީ.

މި ހަތަރު މަޝްރޫޢު މިއަދު އިރާދަކުރެއްވީތީ ފެށިގެން ދިޔައީ. މި މުނާސަބަތުގައި ތިޔަބޭފުޅުންނަށް އަޅުގަނޑު ވަރަށް ހޫނު މަރްޙަބާއެއް ދަންނަވަން.

ސްކޫލްވެސް ނިމި، އެހެންނަމަވެސް، ސްކޫލް އެކީގައި އަދި ހޭންޑްއޯވަރ ކުރުމުގައި، ކުދިކުދި ކަންކަން ރަނގަޅުކޮށްލަން ހުރި ވާހަކަ މިނިސްޓަރ ވިދާޅުވި. ދެން އެހެންނަމަވެސް، ކޮންމެވެސްވަރަކަށް ބޭނުންވެސް ކުރަން ފަށައިފި. އެހެންވީމާ، އިރާދަކުރެއްވީތީ ސްކޫލް ގާތްގަނޑަކަށް ނިމިފައި އެހެރީ. ދެން އިރާދަކުރެއްވިއްޔާ ވަށާފާރު ރޭނުމުގެ މަސައްކަތްތަކެއް ކުރިއަށްދާނެ. އެހެންވީމާ، ސްކޫލްގެ ޚިދުމަތްވެސް ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް، ގާއިމުވެގެން މި ދަނީ.

އާދެ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުންނަށް ވަޢުދުވިން، މިތާ ކައިރީ އޮންނަ ފަޅެއް، ހިމާޔަތްކުރެވިފައި އޮންނަ ފަޅެއް އެއީ. އެ ފަޅުގެ ނަފާ ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ ގޮތަކަށް ކަންކަން ހަމަޖައްސައިދޭނެ ކަމަށް. ފޮއްދިއްޕަރު ފަޅު ކިޔާ ފަޅެއް. ދެން އެއީ، އެންވަޔަރަންމަންޓް މިނިސްޓްރީން ހިމާޔަތްކޮށްފައި އޮންނަ، ވަރަށް މުހިންމު ފަޅެއް. އެހެންވީމާ، އެންވަޔަރަންމަންޓް މިނިސްޓްރީގެ މިންގަނޑުތަކުގެ ތެރެއިން، މެނޭޖްމަންޓް ޕްލޭނެއް ހައްދަވާނެ. ތިޔަބޭފުޅުންނާ، ކައުންސިލާއި، މިނިސްޓްރީއާ ގުޅިގެން، އެ ފަޅު ބެލެހެއްޓޭނެ. އަދި އެއިން ކައުންސިލަށް އާމްދަނީ ލިބޭނެކަހަލަ ނިޒާމެއް، އެގްރިމެންޓެއްގެ ތެރެއިން މިނިސްޓްރީން ގާއިމުކުރާނެ. އޭރުން އިރާދަކުރެއްވިއްޔާ ކައުންސިލަށް އެ ފަޅުން ނަފާ ލިބިގެންދާނެ. އެކަން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން.

އާދެ، ދެން ލަފާފުރުމުގެ ވާހަކަ ދައްކާއިރުގައި، އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް އެއީ އެއަރޕޯޓުތައް ގާއިމުކުރުން. އަޅުގަނޑު ރޭގައި ހޮޅުދޫގައި އޮތް ޖަލްސާގައި އިޢުލާނުކުރިން، ވެލިދޫ ކައިރީގައި މި އޮންނަ ވިހަފަރު ފަޅު، ތިޔަބޭފުޅުންނަށްވެސް އެއިން ފައިދާވާނެ، އެ ފަޅުގައި އަޅުގަނޑުމެން އެއަރޕޯޓް އަޅަން ފެށީމަ. މި އަންނަ އަހަރުގެ ކުރީކޮޅު، އެ އެއަރޕޯޓު އަޅަން ފަށާނަން. އެ މަޝްރޫޢު ކޮންމެގޮތެއްވިޔަސް ނިމެންނަގާނެ ދުވަސްކޮޅެއް. ދޮޅު އަހަރެއްހާ ދުވަސް.

އެހެންވީމާ، އެ މަޝްރޫޢު ނިމުނީމާ މި ސަރަޙައްދަށް، މި ސަރަޙައްދުގެ ރައްޔިތުންނަށް ވަރަށް ފަސޭހަވާނެ. މިއީ ގިނަ ރިޒޯޓުތަކާއި، އެކިކަހަލަ އިންވެސްޓްމަންޓްތައް އަންނަ ހިސާބެއް. އެހެންވީމާ، މި އަތޮޅަށް ޖުމްލަކޮށް، އަދި މި ސަރަޙައްދަށް ޚާއްޞަކޮށް، އޭގެ ފައިދާވާނެ މަޝްރޫޢެއް އެއީ. އެހެންވީމާ، އަޅުގަނޑުމެންގެ މަޝްރޫޢުތައް ރޭވިފައި މިހިރީ މިގޮތަށް. ރައްޔިތުން ތިބި ކޮންމެ ތަނެއްގައި، އެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކަން ކުރުން. އަޅުގަނޑުމެން މި ހުރިހާ މަޝްރޫޢުތަކެއް މި ގެންދަނީ، ރައްޔިތުންނަށް ވީހާވެސް ފުރިހަމައަށް ޚިދުމަތްތައް ދިނުމަށްޓަކައި.

އާދެ، މި މަޝްރޫޢުތައް މިހެން ގެންދާއިރު، އަޅުގަނޑުމެންނަށް ކައުންސިލްގެ ރައީސްގެ ފަރާތުން، ކައުންސިލުން ލިބޭ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެހެންނަމަވެސް، ޙަޤީޤަތް ހާމަކުރުމުގެ ގޮތުން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރުގެ އެހީތެރިކަމެއް ނުލިބޭކަން. ނުލިބޭ ތަނުގައި، ކަންކަމަށް ހުރަސްއެޅުމަށް މަސައްކަތް ކުރަމުންދާކަން އަޅުގަނޑު ހިތާމައާއެކީގައި ފާހަގަކުރަން.

އަޅުގަނޑު ގަބޫލުކުރަނީ، ރައްޔިތުން އިންތިޚާބުކޮށްފައި ހުންނަ މަންދޫބެއް ކަމުގައިވާނަމަ، ސިޔާސީ ޚިޔާލު ތަފާތުވުން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ކުރިމައްޗަށް އެއްވެސް ވަރަކަށް ގެނެސްގެން ނުވާނެކަން. އެއަށްވުރެ ޒިންމާދާރުކަމާއެކީ، ޕްރޮފެޝަނަލްކޮށް ހުރިހާ އެންމެންވެސް މަސައްކަތް ކުރަންޖެހޭނެކަން. ޙަޤީޤަތުގައި އެމް.ޑީ.ޕީ.ގެ އެމް.ޕީ.ޒުން އެއްވެސް ވަރަކަށް ކަންކަމާ ނުބެހޭ. އެއްގޮތަކުން ދަންނަވަންޏާ، މާ ރަނގަޅު ސަރުކާރަށް. އެ ބޭފުޅުންގެ ދާއިރާގެ ކަމެއްގައި އަދި މިއަދާ ހަމައަށް އައިއިރުގައި، އަޅުގަނޑާ ހަމައަކަށް ނާދޭ އެއްވެސް ކަމެއްގައެއް. އެހެންވީމާ، މާފަސޭހަ ކަންކަން ކުރަން. އެހެންނަމަވެސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރުގެ ކިބައިން، ކަންކަމުގައި އެހީތެރިކަން ނުދޭ ތާނގައި، ހުރަސްތައް ކުރިމަތިކުރާކަމީ، އެއީ، ހަމަ ދެރަކަމެއް.

އެހެންނަމަވެސް، މިއަދުގެ މި ދަތުރުންވެސް ފެންނާނެ، އަޅުގަނޑުމެން އެއިން އެއްވެސް ކަމަކަށް މާބޮޑު ކަންބޮޑުވުމެއް ނެތްކަން. ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އަޅުގަނޑުމެން ދާނީ، ސީދާ ރައްޔިތުންނާ އެކީގައި ކުރިއަށްކަން. އަޅުގަނޑުމެންނަށް އެއީކީ އެއްވެސް މައްސަލައެއް ނޫން. އެކަމުގައި ކައުންސިލްގެ ރައީސަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ދެއްވާ އެއްބާރުލެއްވުމަށް.

އާދެ، އަޅުގަނޑު ދެން އަންނަން ގަސްދުކުރަނީ، މިއަދު މި ފެށުނު މަޝްރޫޢުތައް ނިމިގެން، އެ ކަންކަމުގައި ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވާން. އެ އުންމީދުގައި ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.