بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ހޮޅުދޫގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، މުއައްސަސާތަކުގެ ވެރިން، ސްކޫލް ދަރިވަރުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަޅުގަނޑާ އެކީގައި މި ވަފްދުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުން، މި ޖަލްސާ އަޑުއައްސަވާ އަދި ބައްލަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދުގެ ހަވީރު ވަގުތު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު ތިޔަބޭފުޅުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ހޮޅުދޫގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

މި ރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވާނެ ވަރަށްގިނަ ކަންތައްތަކެއްގެ ވާހަކަ ދަންނަވާފައި. ވަޢުދުތަކެއް ވެފައި. އެ މަސައްކަތްތައް ކުރުމުގައި އެކިކަހަލަ ކަންތައްތައް ފުރިހަމަކުރުމުގައި އަޅުގަނޑުމެން މިދިޔަ ދުވަސްތަކުގައި ވަނީ މަސައްކަތްކޮށްފައި. އަދި ބައެއް ކަންކަން ފެށި، ހާސިލު ކުރެވިފައިވެސްވޭ.

އާދެ، މި ރަށުގެ ތަރައްޤީއަށްޓަކައި ވަރަށްގިނަ އުންމީދުތަކެއް ރައްޔިތުން ކުރޭ. އެކަންކަމުގައި ކުލަޖައްސައިދިނުމަކީ އަޅުގަނޑަށް ލިބޭނެ ފަޚުރެއް. އަޅުގަނޑުމެން މި ސަރުކާރުން މަސައްކަތް ކުރަނީ، އަދި ކުރާނީވެސް ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކޮށްދިނުމަށް.

އާދެ، އެގޮތުން ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާތީ، މި ރަށުގެ ބައެއް ގޮތުގައި ހޮޅުމީދޫ ހަމަޖައްސައިދީ، އަދި މިހާރު އެވަނީ ލޭންޑް ޔޫސް ޕްލޭން ހަދައި ނިމިފައި. އެއީ، މެދުރާސްތާގެ މުސްތަޤްބަލަށް ކޮންމެހެންވެސް ބޭނުންޖެހޭ ކަމެއް ކަމުގައިވާތީ، އެކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ، އަޅުގަނޑު އެ ވަޢުދުވެ، އެކަންތައް ފަށާފައި އެވަނީ. ނަމަވެސް، އަދި އެތަން އެކަށީގެންވާ ގޮތެއްގައި ބޭނުންކުރަން ފެށުމަށްޓަކައި މުހިންމު ވަސީލަތްތަކެއް ޤާއިމްކުރަންޖެހޭ. އެހެންވީމާ، އެކަމަށްވެސް އަޅުގަނޑު ވަޢުދުވީން. އެ ރަށުގައި އިންފްރާސްޓްރަކްޗަރ، ޢުމްރާނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރީމަ، ބޯހިޔާވަހިކަމާއި އަދި އާބާދުވެގެންދިޔުމަށް މަގުފަހިވެގެންދާނީ. ފެނާއި، ނަރުދަމާ، މަގުހެދުން މިފަދަ ކަންތައްތައް ކުރެވެންޖެހޭނެ. ބޭސިކް އިންފްރާސްޓްރަކްޗަރ ޤާއިމުކުރެވެންޖެހޭނެ. މި އަހަރުގެ ބަޖެޓުގެ ތެރެއިން އެއީ ބޮޑު މަޝްރޫޢެއް ކަމުގައިވާތީ، އެހެން ކަންކަމަށް އިސްކަންދިނުމުގެ ގޮތުން މި މަޝްރޫޢު ކުރިއަށްގެންދާކަށް އަޅުގަނޑުމެން ޕްލޭންކޮށްފައެއް ނުއެއްވޭ. އެއީ، މިހާރު މި އަހަރުގެ ތެރޭގައި މި ރަށުގައި ކުރަންހުރި އެހެން ވަރަށްގިނަ ކަންތައްތައް ފަށައި، އަދި ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި.

އެހެންވީމާ، މި އަންނަ އަހަރަށް އަޅުގަނޑު ނިންމާފައި ވާނީ، މި އަންނަ އަހަރުގެ ތެރޭގައި އަލަށް ފަށާ އެންމެ މުހިންމު ބޮޑު މަޝްރޫޢެއް ގޮތުގައި، މި ދެންނެވި ގޮތަށް ހޮޅުމީދޫގެ ލޭންޑް ޔޫސް ޕްލޭންގައި އެވާ އިންފްރާސްޓްރަކްޗަރ ނެޓްވަރކް. ފެނާއި ނަރުދަމާ، މަގުތައް ހެދުމުގެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން އަޅުގަނޑުމެން އަހަރުގެ ކުރީކޮޅު ފަށައިދޭނަން. އަދި އެ މަޝްރޫޢު ގެންގޮސް ފުރިހަމަކަމާއެކީގައި ނިންމައިދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން ތިޔަބޭފުޅުންނަށް. މިއީ އެ ރަށުގެ ބޭނުންހިފުމަށް ތިޔަބޭފުޅުންނަށް އަސާސީގޮތުން ކުރަންޖެހޭ ކަމެއް. ދެން އެއާއެކީގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށާއި، ޢުމްރާނީ އަދި އިޤްތިޞާދީ މަސައްކަތްތަކަށާއި، އެހެން ކަންކަމަށް މަގުފަހިވެގެންދާނެ.

އާދެ، އެކަން މި އަންނަ އަހަރަށް އަޅުގަނޑުމެން ވަނީ ކުރިއަށް ގެންދަން ދެންމެ މި ދެންނެވި ގޮތަށް ނިންމާފައި. މިހާރު ކުރިއަށްދާ ކަންކަމުގެ ތެރެއިން ދެންމެ ކައުންސިލްގެ ރައީސްވެސް ފާހަގަކުރެއްވި، ހިނގަމުންދާ އެންމެ އުނދަގޫވެފައިވާ މައްސަލަ، ފެނުގެ ނިޒާމުގެ މައްސަލަ. އެކަން ނިމުމަށް ވަރަށްގިނަ ދުވަސްތަކެއް ނަގައިފި. ދެން އެކަމުގައި ދިމާވި އެކިކަހަލަ ދަތިކަން ޙައްލުވެސް ކޮށްދީފިން. ކުންފުނިން ހުށަހަޅާފައިވާ ބިލްތަކަށް އަޅުގަނޑުމެން މިހާރުވާނީ ފައިސާވެސް ދީފައި. އެންމެފަހުން އަޅުގަނޑުމެންނަށް ލިބުނު ޔަޤީންކަމަކީ، ދެންމެ ކައުންސިލްގެ ރައީސް އެ ވިދާޅުވީ، އަޅުގަނޑުމެން މީގެކުރިން އޮތް ބައްދަލުވުމުގައި ޙިއްޞާކުރި މަޢުލޫމާތުގެ ވާހަކަ. ކޮންސްޓްރަކްޝަން މިނިސްޓްރީން ވަރަށްގާތުން އެކަން އެބަ ބަލާ. ދެމަހެއްހާ ދުވަސްތެރޭގައި އެންމެ ގިނަވެގެން އެ މަސައްކަތް ނިންމާލަދޭނެ ކަމުގެ ޔަޤީންކަން ދީފައިވާތީ، އަޅުގަނޑުމެން ވަރަށްގާތުން އެކަން ބަލާނަން. ޔަޤީންކުރުވާނަން އިރާދަކުރެއްވިއްޔާ އެ މަސައްކަތް ދެން ލަސްނުކޮށް، މި ދެންނެވި ޕީރިއަޑް ތެރޭގައި، ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމެވުމަށް. އެއީ، ތިޔަބޭފުޅުންނަށް އެންމެ މުހިންމު، އުނދަގޫވާ އެންމެބޮޑު މައްސަލަ.

ދެން އެއާއެކީގައި، މަގުހެދުމުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ގެންދިޔުން. މަގުހެދުމުގެ މަސައްކަތްތައް ކުރިއަށްދާއިރުގައި، ރައްޔިތުން އެދޭ އަދި އިތުރު ކަންކަން އެބަހުރި، މަގުހެދުމުގެ މަޝްރޫޢަށް އިތުރުކުރަން އެދޭ. ވަށައިގެން ރިންގް ރޯޑެއް ގޮތުގައި ބޭނުންކުރުމަށް މަގެއް ހަދަން ބޭނުންވޭ. މިއީ، ވަރަށް މުހިންމު ކަމެއް. ރަށުގައި އެކިކަހަލަ ކަންތައްތައް ކުރުމުގައި، އެއްތަނުން އަނެއްތަނަށް ދިޔުމަށް ބަލާއިރުގައި. މިހާރު ސޮއިކުރެވިފައި އޮތް، ހިނގާ މަޝްރޫޢުގެ ތެރޭގައި އެ ސްކޯޕްގައެއް ނުހިމެނޭނެ މި މަޝްރޫޢެއް. މި މަގު ހެދުމެއް. މިއީ، އޭގެ ނިސްބަތުން، މިހާރު ހިނގާ މަޝްރޫޢުގެ ސްކޯޕަށްލާން ބަލާއިރުގައި، ފުދޭވަރެއްގެ ބޮޑު ޢަދަދެއް، ނޫނީވިއްޔާ ސްކޯޕް ބޮޑު މަޝްރޫޢެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެވަނަ ފިޔަވައްސެއް ގޮތުގައި، އިތުރު ފިޔަވައްސެއް ގޮތުގައި، އެ މަޝްރޫޢު ކުރިޔަށް ގެންގޮސްދޭނަން. މާނައަކީ، މަގު ހެދުމުގެ މަޝްރޫޢު އެކީގައި ނިމޭއިރުގައި، ވަށާ ރިންގް ރޯޑެއް ގޮތުގައިވެސް މަގެއް ހެދިގެންދާނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދެން. އެހެންވީމާ، މަގު ހެދުމުގެ މަޝްރޫޢު ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް އަޅުގަނޑުމެން ނިންމައިދޭނަން.

ހަމައެއާއެކީގައި، އެކިކަހަލަ ދަތިތައް ބަނދަރަށް ކުރިމަތިވަމުންދާތީ، ބަނދަރު ބޭނުންކުރުމުގައި އެކިކަހަލަ ދަތިތަކެއް ކުރިމަތިވަމުންދާތީ، ކުރިޔަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ދެން އެންމެ މުހިންމު ކަމެއްދޭ އެއް މަޝްރޫޢެއް ގޮތުގައި، ބަނދަރުގައި މިހިރަ އެކިކަހަލަ މައްސަލަތައް ޙައްލުކުރުމާއެކީގައި، ހިއްކެން އޮތް ޖާގައެއް ހިއްކުމާއެކީގައި އެއީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައިވެސް ވަޢުދުވީގޮތް. ބަނދަރުގައި ހުރި އެކިކަހަލަ ދަތިތައް ޙައްލުކޮށްދިނުމުގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ހިންގުމާއި، އެއާއެކީގައި، ބިންހިއްކުމުގައި ކުރެވެން އޮތް އެންމެ ބޮޑު ސްކޭލެއްގައި މަސައްކަތް ކޮށްދޭނެ ކަމަށް. އެހެންވީމާ، މިކަމަށްޓަކައި ބައެއް ފަންނީ މަސައްކަތްތައް ކުރަންޖެހޭ. ކައުންސިލާ އެކީގައި އެ ސްކޯޕް ފައިނަލް ކުރަންވެސްޖެހޭ. އަދި ބަޖެޓުގެ ތެރެއިން އެކަން ކުރިޔަށް ގެންދެވޭނެ މަގުވެސް ފަހިކުރަންޖެހޭ. އެހެންނަމަވެސް، މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށުމަށް އަޅުގަނޑުމެން ނިންމާފައި ވާނެ. ކުރިޔަށް އޮތް ދެތިން މަސް ތެރޭގައި، އަޅުގަނޑުމެން ދެން ސޮއިކުރާ ބެޗުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކުގެ ތެރޭގައި، އެ މަޝްރޫޢު ހިމަނާނަން. ހިމަނައި، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް މި ދެންނެވި ގޮތަށް، ބަނދަރުގައި މިހިރަ އެކިކަހަލަ މައްސަލަތަކާއެކީގައި، ބިންހިއްކުމުގެ މަޝްރޫޢު ހިމެނޭހެން ފަށައިދޭނެ ކަމަށް، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އާދެ، ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ ތެރެއިން، މި ދެންނެވި ކަންކަން ކުރިޔަށް ގެންދިޔުމަށް އަޅުގަނޑުމެން މިވަނީ ނިންމާފައި.

އާދެ އޭގެއިތުރަށް، ތަޢުލީމީ ދާއިރާއަށް ބަލާއިރު، ދެންމެ އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢަކީ، އެންމެ މުހިންމު މަޝްރޫޢު. މި ފަޚުރުވެރި ތަޢުލީމީ ބިނާއަށް ކޮންމެހެން އިތުރުކުރަންޖެހޭ މަސައްކަތެއް އެއީ. ނޫނީވިއްޔާ، ވަސީލަތެއް އެއީ. މި އާ އިމާރާތް ހެދުމުގެ މަސައްކަތް، ޑިޒައިން އެންޑް ބިލްޑް އުޞޫލުން އަޅުގަނޑުމެން އެމް.ޓީ.ސީ.އާ މި ހަވާލުކުރީ. ކުރިޔަށް އޮތް ދެތިންމަސް ތެރޭގައި، ތިޔަބޭފުޅުން ބޭނުންފުޅުވާ ކޮންސެޕްޓްގައި ޑީޓެއިލް ކުރެވި، ޢަމަލީގޮތުން މަސައްކަތްތައް ފެށޭ ހިސާބަށް، ގާތްގަނޑަކަށް ސެޕްޓެންބަރު ނިމޭ، އޮކްޓޫބަރު ފެށޭ ހިސާބުގައި، ޢަމަލީ މަސައްކަތް ފެށޭވަރަށް ހުރިހާ ކަމެއް ނިމޭނެ. އެހެންވީމާ މިއީ، ތަޢުލީމީ ދާއިރާއަށް މި ރަށަށް އަޅުގަނޑު ވަޢުދުވީ ކަންތައް ފުއްދުމުގެ ގޮތުން ހިންގާ، ތިޔަބޭފުޅުންނަށް އެންމެ މުހިންމު، ތަޢުލީމީ ދާއިރާއަށް އެންމެ މުހިންމު މަޝްރޫޢު. އިރާދަކުރެއްވިއްޔާ، މި ސޮއިކުރެވުނު މަޝްރޫޢު ވަރަށް ކާމިޔާބުކަމާއެކީގައި އަޅުގަނޑުމެން ކުރިޔަށް ގެންދާނަން.

ދެން، ޞިއްޙީ ދާއިރާއަށް ބަލަމާ. ޞިއްޙީ ދާއިރާއަށް ބަލައިލާއިރުގައި، ދެންމެ، ކައުންސިލް ރައީސް އެ އެކްނޮލެޖް ކުރެއްވީ، މިހާރު ޤާއިމުކުރެވިފައިވާ ކަންތައްތައް. ދެ ދާއިރާއަކުން، މުހިންމު ޑޮކްޓަރުން މިހާރު މިތާނގައި އެބަ މަސައްކަތް ކުރޭ. އޭގެއިތުރަށްވެސް، އަޅުގަނޑުމެން މަސައްކަތް ކޮށްދޭނަން އިރާދަކުރެއްވިއްޔާ، ދެން ސޮއިކުރާ ބެޗުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކުގެ ތެރޭގައި ހިމަނައިދޭން. މި ޞިއްޙީ ދާއިރާގައި، ހެލްތް ސެންޓަރުގެ ޖާގަ، ނޫނީވިއްޔާ ގޯތިތެރެއިން ޖާގަ ލިބެންއޮތްވަރެއް ބަލައި، އިމާރާތުގެ ގޮތުން، އެކްސްޕޭންޝަނެއް ގެނެވޭނެ ގޮތެއް ހަދައިދޭން. އެއީ، އިންފްރާސްޓްރަކްޗަރގެ ގޮތުން ބަލާއިރުގައިވެސް ޖާގަ އިތުރުކުރަންޖެހޭނެ، ހެލްތް ސެންޓަރުން މިހާރަށްވުރެ ރަނގަޅަށް ޚިދުމަތްދޭ ކަމަށްވަންޏާ. އެހެންވީމާ، ޞިއްޙީ މަރުކަޒަށް އެކްސްޕޭންޝަން ޕްރޮޖެކްޓެއް، އިރާދަކުރެއްވިއްޔާ ލޭބަރރޫމް ހިމެނޭގޮތަށް، އެކްސްޕޭންޝަން މަޝްރޫޢެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އަހަރު ތެރޭގައި ފަށައިދޭނެކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާގެ ކަންތައްތައް އަޅުގަނޑުމެން ކުރިޔަށް ގެންދާނެ ގޮތް މި ދެންނެވީ. ދެން، މިސްކިތް އެޅުން. މި ރަށުގައި އަދި އަޅުގަނޑުމެން މި އަހަރުގެ ބަޖެޓުގެ ތެރޭގައި ހިމަނައިގެން، އާ މިސްކިތެއް ޢިމާރާތް ކުރާގޮތަކަށް ނެތް، މަޝްރޫޢެއް ހިންގާގޮތަކަށް ހަމަޖެހިފައެއް. އެހެންނަމަވެސް، ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް އޮތް. އަދި ކޮންމެހެންވެސް، މި ރަށުގައި އާ އިތުރު މިސްކިތެއް އަޅަންޖެހޭ. އެހެންވީމާ، މި އަންނަ އަހަރުގެ ތެރޭގައި މި ރަށުގައި ހިންގާ، އާ މަޝްރޫޢުތަކުގެ ތެރޭގައި، ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ތެރެއިން ހިންގާ މަޝްރޫޢުތަކުގެ ތެރޭގައި ހިމަނައިގެން، މި ރަށުގައި އިސްލާމީ މަރުކަޒެއް، އިސްލާމިކް ސެންޓަރެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމުކޮށްދޭނަން.

އާދެ، ފުލުހުންގެ އާ މަރުކަޒެއް ޤާއިމުކުރުމަށް މިހާރު ސޮއިކުރުމަށް ތައްޔާރުވެފައި ވަނީ. އެހެންވީމާ، އެކަންވެސް ކުރިޔަށްދާނެ.

ދެން، އޭގެއިތުރަށް ބަލާއިރުގައި، ކުޅިވަރުގެ ދާއިރާއިން އަޅުގަނޑުމެން ކުރިޔަށް ގެންގޮސްދޭނެ އާ މަޝްރޫޢަކަށް ވާނީ، ފުޓްސަލްއާއި ހޭންޑްބޯލްއާ ދެ ކުޅިވަރު ކުޅެވޭގޮތަށް ދަނޑެއް އަޅައިދިނުމުގެ މަޝްރޫޢު. އެ މަސައްކަތް އިރާދަކުރެއްވިއްޔާ، ކުރިޔަށް އޮތް ދެތިންމަސް ތެރޭގައި އަޅުގަނޑުމެން ދެން ސޮއިކުރާ ބެޗުގައި ހިމެނޭނެ. ބެޗުގެ ވާހަކަ މި ދައްކަނީ، އަޅުގަނޑުމެން މިހާރު މަސައްކަތް މި ކުރަނީ، ބެޗް ބެޗަށް ބަހައިގެން ކަމަށްވާތީ. މިހާރު ހަ ބެޗަށް މަޝްރޫޢުތައް އަޅުގަނޑުމެން ސޮއިކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްތައް ފަށައިގެން މި ގެންދަނީ. އެހެންވީމާ، ހަތްވަނަ ބެޗުގެ ތެރޭގައި އެއީ، ސެޕްޓެންބަރު މަހުގެ ތެރޭގައި އަޅުގަނޑުމެން ސޮއިކުރާ މަޝްރޫޢުތައް އެއީ. ސެޕްޓެންބަރުގެ ތެރޭގައި ސޮއިކުރާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނިގެން، އިރާދަކުރެއްވިއްޔާ މި ރަށުގައި ފުޓްސަލް އަދި ހޭންޑްބޯލް ކުޅޭ ދަނޑެއް އަޅައިދިނުމުގެ މަސައްކަތް ފަށާނަން. ޢަމަލީ މަސައްކަތް ފެށޭނީ ނޮވެންބަރު، ޑިސެންބަރު ހިސާބުގައި އިރާދަކުރެއްވިއްޔާ. އެހެންވީމާ، މި އަހަރު ތެރޭގައި، މި ދެންނެވި ގޮތަށް ދަނޑެއް ހެދުމުގެ މަސައްކަތް މި ރަށުގައި ކުރިޔަށް ގެންގޮސްދޭނެ ކަމަށް، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަމާއެކީ ދަންނަވަން.

އާދެ އެހެންވީމާ، މައިގަނޑު ގޮތެއްގައި، އަޅުގަނޑު ވީ ވަޢުދުތަކުގައި ހުރި ކަންކަން މި ދަންނަވާލެވުނީ. އަދި ކުރިޔަށް ގެންދަން ރާވައިފައިވާ ގޮތްވެސް އަޅުގަނޑު މި ފާހަގަކޮށްލައިދިނީ.

މީގެއިތުރަށް ބަލާއިރުގައި، ދަތުރުފަތުރުކުރުމުގެ ދާއިރާއަށް ވިސްނާލާއިރުގައި، މި އަތޮޅުގައި އެބައޮތް އިންޓަރނޭޝަނަލް އެއަރޕޯޓެއް. އަދި އެ އެއަރޕޯޓް އިތުރަށް ތަރައްޤީކުރާނެ ގޮތްވެސް، ކުރާނެކަންވެސް އަޅުގަނޑު މާފަރުގައި ޖަލްސާގައި ދެންނެވިން. އެއީ، މި އަތޮޅަކީ، ޓޫރިޒަމްގެ ދާއިރާއިން ބަލާއިރުގައި، އިރާދަކުރެއްވީތީ ވަރަށް ކާމިޔާބުކަމާއެކީގައި ޓޫރިޒަމް ފުޅާވެފައިވާ، އަދި ފުޅާކުރެވޭނެ އަތޮޅެއް. އެހެންވީމާ، މާފަރުގެ އެއަރޕޯޓުގެ ޓަރމިނަލްއާއި، އިތުރު ވަސީލަތްތައް ޤާއިމުކޮށްދީ، އެ އެއަރޕޯޓަކީ ހަމަ ހަޤީޤަތުގައިވެސް ވަރަށް ފެންވަރުމަތީ، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހެދުމުގެ ކަންތައް ކުރިޔަށްދާނެ. އެ ތަނުގައި ހޮޓަލެއް ޤާއިމުކުރުމާއި، ދެންހުރި އިތުރު ކަންތައްތައް. އެއީ އަޅުގަނޑުމެން ޕްލޭންގައި އޮތް، އަޅުގަނޑު ކުރީދުވަހު އިޢުލާނުކުރި ކަންތައް.

އެއާއެކީގައި، މި އަތޮޅަށް އިތުރު އެއަރޕޯޓެއް، ހޮޅުދޫ، ވެލިދޫ، ފޮއްދޫ، މި ސަރަޙައްދަށް އެބަ ބޭނުންވޭ. އަޅުގަނޑުމެންގެ ސްޓޭންޑަރޑްގައިވެސް އިތުރު އެއަރޕޯޓެއް ޑޮމެސްޓިކް އެއަރޕޯޓެއް އޮންނާނެ. އެއީ، ގާތްގަނޑަކަށް 30 މިނިޓުން ދަތުރުކުރެވޭ ހިސާބުގައި، އަޅުގަނޑުމެންގެ ސިޔާސަތަކީ އެއަރޕޯޓުތައް ޤާއިމުކުރެވިގެން ދިޔުން.

އެހެންވީމާ، ވެލިދޫ ކައިރީގައި އޮންނަ ވިހަފަރުގައި އެއަރޕޯޓެއް އެޅުމުގެ ޢަމަލީ މަސައްކަތް، މި އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް، އަޅުގަނޑު ނިންމާފައިވާކަން، އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ފަށާނެކަން، މި ޖަލްސާގައި އަޅުގަނޑު އިޢުލާނު ކުރަން. އޭގެ ފައިދާ، މި ރަށާއި، މިތާ ކައިރި، މި ދެންނެވިހެން، ޚާއްޞަކޮށް، ވެލިދުއާ އެންމެ ކައިރި ދެން ފޮއްދޫ، ދެން މިތާ ކައިރީ ގިނަ ރިޒޯޓުތައްވެސް އެބަހުރި. އެހެންވީމާ، އޭގެ ފައިދާ އިޤްތިޞާދީ ގޮތުން ލިބި، ވަރަށް ގިނަ ކަންކަން ފަހިވެގެންދާނެ ކަމެއް އެއީ.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މެދު ދުރުރާސްތާއަށް ބަލާއިރުގައި، މި އަތޮޅުގެ ޓޫރިޒަމް ކުރިއެރުވުމާއި، އަދި މި އަތޮޅުގައި އަޅުގަނޑުމެން ކުރިޔަށްގެންދަން ނިންމާފައި ހުރި ވަރަށް ގިނަ އެހެން މަޝްރޫޢުތައް އެބަހުރި. އަޅުގަނޑުމެން މިހާރު ވާނެ، އެސް.އީ.ޒެޑް. ޕާރމިޓަށްވެސް ދިނުމަށް ނިންމައި ހަވާލުކޮށްފައި، ޓައުންޝިޕް ޕްރޮޖެކްޓަކަށްވެސް. އެހެންވީމާ މިހެންގޮސް، ވަރަށް ގިނަ ކަންކަން އެބަހުރި.

އެހެންވީމާ، ޓޫރިޒަމް ދާއިރާ އަދި ޑައިވަރސިފައި ކުރެވިގެން މިދާ އިޤްތިޞާދީ ދާއިރާތަކުގައި އެއްއަތޮޅެއްގައި ކޮންމެހެންވެސް މި ދެންނެވި އެއަރޕޯޓް ޤާއިމުކުރަންޖެހޭ. އެއީ، ތިޔަބޭފުޅުންނަށްވެސް އަދި މުޅި އަތޮޅަށްވެސް އޭގެ ފައިދާ އަދި ޖުމްލަކޮށް ރާއްޖެއަށްވެސް ފައިދާވާނެ ކަމެއް.

އެހެންވީމާ، މި ދެންނެވިހެން އަހަރުގެ ކުރީކޮޅު، 2026ގެ ކުރީކޮޅު މި މަސައްކަތް އަޅުގަނޑުމެން ޢަމަލީގޮތުން ފަށާނަން. ފަށައި އިރާދަކުރެއްވިއްޔާ، އެ ސްކޭލްގައި ގެންގޮސް ނިންމާލުމަށް ނަގާނެ ވަގުތެއް ނަގާނީ. ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، ނޫނީ އެންމެ ގިނަވެގެން، ދެ އަހަރުގެ ތެރޭގައި އެއަރޕޯޓް ނިމޭނެ. އެހެންވީމާ، އެއީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަންކަން ގެންދަން ނިންމާފައިވާ ގޮތް.

އާދެ، އެހެންވީމާ ކުރިއަށް މިއޮތީ، ވަރަށް ގިނަ މަސައްކަތްތަކެއް ހިނގާނެ ދުވަސްތައް. މި ދެންނެވި ގޮތަށް މިކަންކަން ހިނގާނެ. އެކަން އަޅުގަނޑު ޔަޤީންކުރާނަން އިރާދަކުރެއްވިއްޔާ. ސަރުކާރުގެ ހުރިހާ އަމާޒެއްވެސް މިހިރީ، ރައްޔިތުންނަށް ކަންކަން ފުރިހަމަކޮށްދިނުމަށް. އަޅުގަނޑުމެންނަށް ކަންކަން ހަވާލުވިއިރު، މީގެ ދޮޅުއަހަރު ކުރިން ހަވާލުވިއިރުގައި، ރާއްޖެ އޮތް ހާލަތު އަޅުގަނޑު ހިތުން ނުޖެހޭނެ އެއްވެސް މީހަކަށް މިހާރު އަލުން ކިޔައިދޭކަށް. އިޤްތިޞާދީ ގޮތުން ވައްޓާލާފައި އޮތް އަނދަވަޅުން ނަގައި، ޤައުމު ދަރަނިވެރިނުވެ، ފައިސާ ޗާޕުނުކޮށް، ހުރިހާ ކަމެއް ރައްޔިތުންނަށް ކޮށްދިނުމުގެ ސިޔާސަތު އަޅުގަނޑުމެން ތަންފީޒު މި ކުރަނީ. އެއްވެސް ބަޔަކަށް އަޅުގަނޑުމެން އަޅުދާސްތުވާން ނުޖެހި، ދިވެހިރާއްޖޭގެ ފަޚުރުވެރިކަން، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދަމަހައްޓައި، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން، އަބަދުމެ ޔަޤީންކަމާއެކީގައި އިހްސާސްވާ، ފަޚުރުވެރި ދިވެހި ޤައުމެއްގެ ގޮތުގައި، ކުރިއަށް ގެންގޮސް، އަޅުގަނޑުމެން ބޭނުންވާގޮތަށް، ފަރުދީގޮތުންނާއި، މުޖުތަމަޢެއްގެ ގޮތުގައި، ޤައުމެއްގެ ގޮތުގައި، މުއްސަނދިކަމާއި ތަރައްޤީ ގެނެސްދިނުމުގެ ސިޔާސަތެއް މި ތަންފީޒު ކުރަނީ.

އަޅުގަނޑުމެންގެ ތަރައްޤީއަކީ، ހަމައެކަނި ލޮލުން ފެންނަ، މިހެން ހުންނަ ޢިމާރާތްތައް ނޫންކަމާއި، ސިކުނޑީގެ ތަރައްޤީ، ވިސްނުމުގެ ތަރައްޤީއާއި، އަޅުގަނޑުމެންގެ އުޅުންތަކާއި، ގުޅުންތަކަށް އަންނަންޖެހޭނެ ތަރައްޤީ. އަޅުގަނޑުމެންނަކީ ކޮންބައެއްކަން އަޅުގަނޑުމެން އަބަދުވެސް ހަނދާން ކުރަންޖެހޭ އިސްލާމުން ކަމުގައިވާތީ. މާތްވެގެންވާ އިސްލާމްދީނުގައި ވަރުގަދައަށް ފައިތިލަ ސާބިތުކޮށްގެން ތިބި، އެ ދީނުގެ ހަމަތަކާއި ގޮތްތައް، އަޅުގަނޑުމެން ފުރިހަމައަށް ޢަމަލާއި ބަހުން، ރެޔާއި ދުވާލު ދައްކައިދޭ ބައެއްގެ ގޮތުގައި، ވަށައިޖެހޭ ތަރައްޤީއެއް ހާސިލުވެފައި އޮތް ޤައުމަކަށް ހެދުމުގެ ސިޔާސަތު ތަންފީޒު މި ކުރަނީ.

އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ޞިއްޙަތު ސަލާމަތުން ހުރުމަކީ، ޙަޤީޤަތުގައި މީގެ ކުރީގައި، އެހާބޮޑަށް ސަރުކާރުތަކުން، ސީރިޔަސް މާނައެއްގައި އަޅައިނުލައި އޮތް ކަމެއްކަން އެއީ އަޅުގަނޑުމެން އެންމެންނަށްވެސް ފެންނަން އޮތް ކަމެއް. އަޅުގަނޑަށް އެކަން ގަބޫލުނުކުރެވޭތީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި، ވަޢުދުވީ އަދި މެނިފެސްޓޯގައިވެސް ލިޔެފައި، ޢަމަލީގޮތުން ތަންފީޒު ކުރަމުން މިދަނީ، ވަށައިޖެހޭ ޞިއްޙީ ސިޔާސަތެއް.

އަޅުގަނޑު ވަޢުދުވީ، ބަލިތަކުން ދުރުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް، ޕްރިވެންޓިވް ހެލްތު ކެއަރއަށް، މީގެ ކުރީގެ އެއްވެސް ޒަމާނެއްގައި، ނުދޭވަރުގެ ސަމާލުކަމެއް، އިސްކަމެއް ދޭނެކަމަށް އެއޮތީ ލިޔެވިފައި. ޕްލޭން ކުރެވިފައި. އެހެންވީމާ، އެ ސިޔާސަތުގެ ތެރެއިން، ރާއްޖޭގައި ވޭޕް ބޭނުންކުރުންވެސް، ބޭންކުރުން، ބޭނުންކުރުން މަނާކުރީ. ބޭންކުރީ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމުން މުޅި މުޖުތަމަޢު ދުރުކުރުވުމަށް އެކިކަހަލަ ފިޔަވަޅުތައް އަޅަންފަށައި، ވަކި ޢުމުރަކަށްވުރެ ހަގު މީހުންނަށް، ނޫނީ 2007 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ން ފެށިގެން އުފަންވި، އަދި އުފަންވާނެ ހުރިހާ އެންމެންނަށް ޖެނެރޭޝަނަލް ބޭންއެއް ދުންފަތުގެ އިސްތިޢުމާލު ކުރުމުން މި އެޅީ ޤާނޫނީގޮތުން.

މި ހުރިހާ ކަމެއް މި ކުރަނީ، ވަށައިޖެހޭ ޙަޤީޤީ ތަރައްޤީއެއް ރައްޔިތުންނަށް ގެނެސްދިނުމަށް. އިޚްލާޞްތެރިކަމާ އެކީގައި ރައްޔިތުންނަށް ޚިދުމަތްކުރަންޏާ، އަޅުގަނޑު ގަބޫލުކުރަނީ އެއީ، އެކަން ކުރަންޖެހޭ ގޮތޭ. ކިތަންމެ އުސް ޢިމާރާތްތަކެއް އެޅިޔަސް، މި ތަނުގައި އެކިކަހަލަ ބަލިތައް ޖެހިފައިވާ، އަދި ޖެހުމުގެ ފުރުޞަތު ގިނަ މުޖުތަމަޢެއް އޮތުމަކީ އަޅުގަނޑު ހިތުން ޒިންމާދާރުކަމާ އެކީގައި ސަރުކާރަކުން ކަންކަން ކުރާނަމަ، ދޫކޮށްލައިގެންވާނެ ކަމެއްނޫން. އެހެންވީމާ، އަޅުގަނޑު އެކަންތައް އެގޮތަށް ކުރަން ފަށާފައި މިވަނީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި. ކޮންމެ ދިވެހި ރައްޔިތަކީ އަޅުގަނޑަށް ވަރަށް މުހިންމު ރައްޔިތެއް. ކޮންމެ ދިވެހި ރައްޔިތަކު، ކޮންމެ ސިޔާސީ ފިކުރެއްގައި ހުއްޓަސް، އެ ދިވެހި ރައްޔިތެއް، އެ ބޭފުޅަކު ވިދާޅުވާ ބަހެއް، ކުރައްވާ ކަމެއް، ވިސްނަވާގޮތެއް، އަޅުގަނޑަށް މުހިންމު. އެ ރައްޔިތެއްގެ ޞިއްޙަތު އަޅުގަނޑަށް މުހިންމު.

އެހެންވީމާ، ކިތަންމެ ކުޑަ ރަށެއްގައި ހުއްޓަސް، ކިތަންމެ ބޮޑު ސިޓީއެއްގައި ހުއްޓަސް، އެ ރައްޔިތަކަށް ހަމަހަމަކަމާއެކީގައި، ޚިދުމަތް ދިނުމުގެ ސިޔާސަތެއް ތަންފީޒުކުރެވޭތޯ މި ބަލަނީ. އެގޮތުގައި މިދިޔަ ދޮޅުއަހަރެއްހާ ދުވަސް، އަޅުގަނޑުމެން މި މަސައްކަތްކުރީ. ވިސްނާލައިފި ކޮންމެ ބޭފުޅަކަށްވެސް މިކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ.

އަޅުގަނޑު ވަރަށް ފަޚުރުވެރިވޭ، އަޅުގަނޑުމެންނަށް މިގޮތަށް ކަންކަން ތަންފީޒު ކުރުމުގައި، ރައްޔިތުން އެ އެއްބާރުލުން ދެއްވަމުން ގެންދަވާތީ. އެ ގޮތަށް އެ މަސައްކަތް ކުރެވޭތީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، މިކަންކަމުގެ ފޮނިމީރުކަން އަޅުގަނޑުމެންނަށް އިޙްސާސްވާނެ. އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެން ތަރައްޤީ މި ކުރަނީ، ކުރިއަށް އޮތް ދުވަސްތަކުގައި، މި ރާސްތާގައި، އަޅުގަނޑުމެން ގެންގޮސް، އަޅުގަނޑު އިޢުލާނުކުރި ގޮތަށް، މީގެ ވިއްސަކަށް އަހަރު ފަހުން، ނޫނީވިއްޔާ، 2040 އާ ހަމައަށްދާއިރުގައި، އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި، ޑިވެލޮޕްޑް ނޭޝަނެއްގެ ގޮތުގައި، އަޅުގަނޑުމެން ފަޚުރުވެރިކަމާ އެކީގައި ބުނެވޭ ފެންވަރަށް، ހުރިހާ ކަމެއްވެސް ތަރައްޤީކުރުމަށްޓަކައި.

މިއީ، އަޅުގަނޑުމެން އެންމެން މިއަދު ވަރަށް މުހިންމު ނިންމުންތަކެއް ނިންމައިގެން، އެއް ވިސްނުމަކަށް އައިސްގެން ނޫނީވިއްޔާ ނުކުރެވޭނެ ކަމެއް. މިފަދަ ރަށްރަށުގައި، މިފަދަ މުހިންމު މަޝްރޫޢުތައް ހިންގައި، މުޅި ރާއްޖޭގެ ރައްޔިތުންވެސް، އެއް ވިސްނުމެއްގައި، އަޅުގަނޑުމެންގެ މުސްތަޤްބަލަށްޓަކައި، އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްދިޔައިމާ ހާސިލުވާން ހުރި ކަންކަން. އެހެންވީމާ، މިކަންކަން ކުރުމުގައި، އަޅުގަނޑަށް ވަރަށް މުހިންމު، އަޅުގަނޑުމެންގެ ޤައުމުގައި ހަމަޖެހުން އޮތުން. މިއަދު އެއްވެސް ދިވެހި ރައްޔިތަކަށް ވިދާޅެއްނުވެވޭނެ، މި ޤައުމުގައި ސިޔާސީ ބަދަލުހިފުމުގެ ރޫޙެއް އޮތްކަމަކަށެއް.

މިދިޔަ ދޮޅުއަހަރެއްހާ ދުވަސް ދިޔައިރުގައި، ކޮންމެ ސިޔާސީ ފިކުރެއްގައި ހުރި ބޭފުޅަކަށްވެސް، އެއްބަސްވެވޭނެ ޙަޤީޤަތެއް، މި ޤައުމުގައި މި ސަރުކާރުން، ސިޔާސީގޮތުން އެއްވެސް މީހަކާ ދޭތެރޭގައި ފިޔަވަޅެއް ނާޅާކަން. އޭގެކުރީގައި، ކޮންމެ ޒަމާނެއްގައިވެސް ފެނިފައި ވަނީ، އަވަސްއަރުވާލައިގެން އެންމެ ފުރަތަމަ ކުރާ ކަމަކަށް، އެ ސަރުކާރަކާ އިދިކޮޅު ސިޔާސީ މީހުންނަށް އެކިކަހަލަ އަދަބުތައްދީ، ޖަލަށްލައި، ކަންތައްތައް ކުރުން. އަބަދުވެސް ވިހަ ސިޔާސީ އޮއިވަރެއްގައި ޤައުމު ޖައްސާފައި އޮތީ. މިއަދަކު އެ ކަމެއް ނެތް. ވިހަކުރަން މަސައްކަތް ކުރިޔަސް، އަޅުގަނޑެއް އެ ފުރުޞަތެއް ނުދެން. ނުދިނީމާ ވިހައެއްނުކުރެވޭ.

އަޅުގަނޑުމެންގެ ރައްޔިތުން، އެންމެންގެ ވިސްނުމަކަށްވާންވީ، މި ހަމަޖެހުން މި ޤައުމުގައި ބާއްވައިގެން، އަޅުގަނޑުމެންގެ މިޞްރާބު އެއްދިމާއެއްގައި ބަހައްޓައިގެން، ވަށައިޖެހޭ، ޙަޤީޤީ މާނައިގައި މި ޤައުމަށް ތަރައްޤީ ގެނައުމުގައި ކުރިއަށްދިޔުމަށް. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެންނަށް ހާސިލުކުރެވޭނެ.

އާދެ، ކުރިއަށް އޮތް ދުވަސްތަކުގައި މި ދެންނެވިފަދައިން، މި ރަށުގައިވެސް، އަދި ކޮންމެ ރަށެއްގައިވެސް، މިދިޔަ ދުވަސްތަކަށްވުރެ ބާރު ސްޕީޑްގައި، ޢަމަލީ އެތައް މަސައްކަތްތަކެއް ހިނގަމުންދާނެ ތަން ފެންނާނެ. މިއިން ކޮންމެ ރަށެއްގައި އަޅުގަނޑުމެން މިދަނީ މަސައްކަތްތައް ފަށަމުން. ނިމޭ މަސައްކަތްތައް ފާހަގަވެސް ކުރަމުން. މި މަހަށްވުރެ ގިނައިން، ޖުލައި މަހަށްވުރެ ގިނަ މަސައްކަތް އޮގަސްޓުމަހު ފެށޭނެ. އަދި އެ މަހަށްވުރެ ގިނަ މަސައްކަތް ސެޕްޓެންބަރުމަހު ފެށޭނެ. ހުރިހާ ކަމެއް އަޅުގަނޑުމެން މިހިރީ ޕްލޭންކޮށްފައި. އެކަން ކުރާނެގޮތް ރާވާފައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް ޔަޤީންކަމާއެކީގައި، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކީގައި ކަންތައްތައް ކުރަމުން މިދަނީ. ކުރަމުންދާނީވެސް.

އާދެ، އަދިވެސް އެއްފަހަރު، ހޮޅުދޫގެ ލޮބުވެތި ރައްޔިތުން ތިޔަ ދެއްވާ އެއްބާރުލެއްވުމަށާއި، ތާއީދަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. މާ ލަސްތަކެއްނުވެ ތިޔަބޭފުޅުންގެ ގާތަށް އައުމުގެ އުންމީދުގައި އަޅުގަނޑު ވަކިވެލަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވެވުން. އަޅުގަނޑުމެންގެ މި ފަޚުރުވެރި ޤައުމަކީ، މިނިވަންކަންމަތީގައި ދެމިއޮންނަ، ތަރައްޤީގެ މަގުގައި ފައިތިލަ ސާބިތުކޮށް، ކާމިޔާބީތައް ހޯދާ ޤައުމެއްގެ ގޮތުގައި މިންވަރުކުރެއްވުން. ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި އަޅުގަނޑުމެން ލެއްވެވުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.