بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކުޑަފަރީގެ ލޮބުވެތި ރައްޔިތުން، ރަށުގެ އިސް ރަށްވެހިން، މުއައްސަސާތަކުގެ ވެރިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ ދުރާއި ގާތުން އަޑުއައްސަވާ، ބައްލަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މި ރަށުގެ ރައްޔިތުން، އަޅުގަނޑުމެން މި ރަށަށް އައުމުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ތިޔަބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

އަޅުގަނޑުމެންގެ ތަރައްޤީގެ ސިޔާސަތަކީ، ހުރިހާ ރަށަކަށްވެސް ހަމަހަމަކަމާއެކީގައި، ތަރައްޤީ ޔަޤީންކޮށްދިނުން. އަޅުގަނޑު ވެފައިހުރި ވަޢުދުތައް ފުއްދައިދިނުން. އަދި ރައްޔިތުން އެދޭ ކަންކަން، ރައްޔިތުންނާ ގާތުން ބަލައި، އެދޭގޮތަށް ކޮށްދިނުން. އެގޮތުން، މަސައްކަތް ކުރުމަށްޓަކައި، އަޅުގަނޑު މި ރަށްރަށަށް ދަތުރުކުރަނީވެސް. ރައްޔިތުންގެ ގާތަށް އައިސް، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހަނީ އެހެންވެގެން. އަޅުގަނޑާ އެކީގައި، ކަމާބެހޭ އެކިއެކި މުއައްސަސާތަކުގެ ވެރިންވެސް ބައިވެރިކޮށްގެން ގެންދަނީ، ތިޔަބޭފުޅުންނާ ގާތުން މަސައްކަތް ކުރުމަށްޓަކައި.

މި ރަށަށް ބަލާއިރުގައި، ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަމުގެ ތެރޭގައި، ވަރަށް މުހިންމު ކަމެއްކަމަށް ފާހަގަކުރެވޭ، ރައްޔިތުން އެދޭ ކަމަކަށް މިއޮތީ، ގޮނޑުދޮށް ޙިމާޔަތްކުރުން، ގިރާ ސަރަޙައްދު، ނޫނީވިއްޔާ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތްކުރާއިރުގައި، މި ރަށަށް އިޤްތިޞާދީ ގޮތުންވެސް ނަފާ ލިބޭނެގޮތަށް، ލޭންޑް ޔޫސް ޕްލޭންގައި ރައްޔިތުން އެދޭގޮތަށް ކަނޑައަޅާފައިވާހެން، މަސައްކަތް ކުރިޔަށް ގެންދިޔުން. އެއީ، ރައްޔިތުން އެދޭގޮތް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ މަސައްކަތް އަޅުގަނޑުމެން ކުރިޔަށް ގެންދާނީ، ރައްޔިތުން އެދޭގޮތަށް ބައްޓަންކޮށްގެންކަމުގެ ޔަޤީންކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

ހަމައެއާއެކީގައި، ޞިއްޙީ ދާއިރާއަށް ބަލާއިރުގައި، މިހާރު އަޅުގަނޑުމެން ވާނީ، ޞިއްޙީ މަރުކަޒުގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްފައި. ހެލްތް ސެންޓަރުގެ މަސައްކަތް އަޕްގްރޭޑް ކުރުން، ނޫނީވިއްޔާ ހެލްތް ސެންޓަރުގެ މަސައްކަތް ދާދިއަވަހަށް ޢަމަލީގޮތުން ކުރެވިގެންދާނެ. ޞިއްޙީ ދާއިރާއަކީ، އަޅުގަނޑުމެން ކޮންމެ ރަށެއްގައިވެސް ވަރަށް ސަމާލުކަންދޭ ދާއިރާއެއް. ޞިއްޙީގޮތުން ފެންވަރުމަތީ ޚިދުމަތް، ރަށެއްގެ އާބާދީއާ އެއްވަރުވާގޮތަށް، އެ ނިސްބަތަކުން ހަމަޖެއްސުމަކީ، އަޅުގަނޑުގެ ވަރަށް މުހިންމު ސިޔާސަތެއް. އެހެންވީމާ، އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، އެގޮތަށް އަޅުގަނޑުމެން ކުރިޔަށް ގެންދާނެކަމުގެ ޔަޤީންކަން، ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

އާދެ، ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ބަލާއިރުގައި، އަޅުގަނޑު ވަރަށް ގިނަ ރަށްރަށުގައިވެސް ދަންނަވާފައި އޮންނާނެ، ރަށްރަށުގައި އުމްރާނީގޮތުން ޒުވާނުންނަށް، ކުޅިވަރު ކުޅޭ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދޭނެ ކަމަށް. މި ރަށުގައި އަޅުގަނޑުމެން ހަދަން ނިންމާފައިވާ މަރުކަޒު އެއީ، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ހެދުމަށް. އަދި ފެށޭ ހިސާބަކަށް މި ރަށުގައި ކަންކަން ފަހިވެފައެއްނުވޭ. އަޅުގަނޑުމެން އުންމީދުކުރަނީ، އެ މަރުކަޒު އަޅާނެ ބިމެއް ކައުންސިލުން ހަމަޖައްސައިދެއްވާނެ ކަމަށް. އަޅުގަނޑުމެން މި ބޭނުންވާ، ރައްޔިތުންނަށް، ޒުވާނުންނަށް، ފިޓްނަސް ރިކްރިއޭޝަން ކަންތައްތައް އެންމެ ފުރިހަމައަށް ޤާއިމުކުރެވޭނެ ގޮތަށް، ބޭނުންވާވަރުގެ ޖާގައެއް ހަމަޖެހިގެންދިޔުމަކީ، އެކަމަށް ޚާއްޞަ ބިމެއް ހަމަޖެހިގެންދިޔުމަކީ، ރައްޔިތުންނަށް އެންމެ އިންޞާފުވެރި ގޮތުގައި އެކަން ކުރެވޭނެ ގޮތަކީ.

އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން، ކައުންސިލުން އެކަން ފަހިކޮށްދެއްވާނެ ކަމަށް. އިރާދަކުރެއްވިއްޔާ އެކަންވާނެ. އަޅުގަނޑުގެ އުންމީދަކީ، އަދި ޔަޤީންކުރަނީ، އެގޮތަށް ރައްޔިތުންނަށްޓަކައި، ސަރުކާރުން ކުރަން ބޭނުންވާ މި މަސައްކަތަށް މަގުފަހިކޮށްދެއްވާނެ ކަމަށް. އިރާދަކުރެއްވިއްޔާ ދެންހުރި ކަންކަމުގައިވެސް ހަމަ މި ދެންނެވި ގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން. މި ރަށުގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ކަމެއްގައި، ސަރުކާރުން ފުރިހަމަ އެއްބާރުލުން ތަފާތުކުރުމެއްނެތި، ދެމުން ގެންދާނަން.

އަޅުގަނޑުމެން ބޭނުންވަނީ، ރަށުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީ ލިބޭނެ ހުރިހާ މަގަކުން ސަރުކާރުން ކަންތައްތައް ފަހިކޮށްދޭން. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން މަސައްކަތްތައް ގެންދާނަން. މިހާރު ހުރި އިންޖީނުގޭގެ ޙާލަތު ވަރަށްދަށް. އަޅުގަނޑުމެން އެ އިންޖީނުގެ ހުރި ތަނުގައި، އެންމެ ޒަމާނީ ފެންވަރުގައި އިރާދަކުރެއްވިއްޔާ، އަޑު ބޭރަށް ނުދާގޮތަށް ވީވަރަކުން، ބެލެހެއްޓޭކަހަލަ އާ އިންޖީނުގެއެއް ޤާއިމުކުރުމަށް މިވަނީ ނިންމާފައި. އެކަންވެސް އެގޮތަށް ގެންދިޔުމަށް އަޅުގަނޑު ވާނީ މިހާރު ފެނަކައަށް ދަންނަވާފައި.

އެހެންވީމާ، މިހެންހުރި ގިނަ ކަންތައްތަކެއް، ކުރިއަށް އޮތް ދުވަސްތަކުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ރަށުގައި ފަހިކޮށްދޭނަން. ކުޑަފަރީގެ ތަރައްޤީއަށްޓަކައި، ސަރުކާރުން ވަރަށް އިސްކަންދީގެން ސީދާ ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުން ގެންދާނަން.

އަޅުގަނޑުމެންގެ ސިޔާސަތަކީ، އެއްވެސްގޮތަކަށް ސިޔާސީގޮތުން، ހުންނަ އެއްވެސް ޚިޔާލު ތަފާތުވުމަކީ، ރައްޔިތުންނަށް ސަރުކާރުން ޚިދުމަތް ދިނުމުގައި ޚިޔާލު ތަފާތުވެގެން ހުރަހަކަށްވާކަހަލަ ކަމަކަށްވިޔަނުދީ، ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްކުރުން. އެއްވެސް ރަށެއްގައި އޮންނަ ކައުންސިލެއް، ނޫނީވިއްޔާ އެހެންބަޔަކުވިޔަސް، ޚިޔާލުތަފާތުވެގެން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ސަރުކާރަށް އެއްވެސް ކަމެއްގައި އެއްބާރުލުން ނުދިނުމަކީ، ނޫނީވިއްޔާ ލަސްތައް ކުރިމަތިކުރުވުމަކީ، ހުރަސް ކުރިމަތިކުރުވުމަކީ، އަޅުގަނޑުމެން އެކަމަކާ މާބޮޑަށް ކަންބޮޑުވާ ކަމަކަށް ނުވާނެ. އަޅުގަނޑުމެންނަށް މުހިންމީ ސީދާ ރައްޔިތުންނާ ގާތަށްއައިސް، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައިގެން، ރައްޔިތުންނަށް ކަންކަން ކޮށްދިނުން. އެހެންވެ މި އަންނަނީ ރައްޔިތުންގެ ގާތަށް. ސީދާ ރައްޔިތުން ބޭނުންވާގޮތް އަޑުއަހަންވެގެން. ސީދާ ރައްޔިތުންނާ ބައްދަލުކުރަންވެގެން. އަޅުގަނޑަށް މުހިންމީ ސީދާ ރައްޔިތުންނާ ބައްދަލުވުން.

އެހެންވީމާ، މެދުވެރިންގެ ގޮތުގައި، ބައެއްފަހަރު އެބަތިބޭ، ރައްޔިތުން އިންތިޚާބުކޮށްފައި، އެކި ސަބަބުތަކާ ހެދި ސަރުކާރާ ޚިޔާލު ތަފާތުވާ މީހުން. އެބައެއްގެ ޚިޔާލު ތަފާތުވުން އެ ބަޔަކަށް ދޫކޮށްލާފައި، އަޅުގަނޑު ދާނީ ރައްޔިތުންނާއެކީގައި ކުރިއަށް. އެއީ، އަޅުގަނޑުގެ ސިޔާސަތަކީ.

އެހެންވީމާ، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި އަޅުގަނޑު މިދެންނެވި ގޮތަށް ބައްޓަންކޮށްގެން، ރަށުގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނަން.

މިހާރު ތަޢުލީމީ ދާއިރާއަށް ބަލާއިރުގައިވެސް، ނިމިފައިވާ، ނޫނީ ގާތްގަނޑަކަށް ނިމުމަކާ ހަމަޔަށް ގޮސްފައިވާ އިމާރާތުގެ އިތުރަށްވެސް، މި ރަށުގައި ދާއިމީ ގޮތެއްގައި އޭ ލެވެލް ކިޔެވުމަށްޓަކައި، ސައިންސް ލެބަކާ އެކީގައި، އިތުރު ހަ ކްލާސްރޫމް އެޅުމަކީވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮށްދޭނެ ކަމެއް. އެކަންވެސް އަޅުގަނޑުމެން ކޮށްދޭނަން. އެކަމަކު މި އަންނަ އަހަރުގެ ބަޖެޓުން އަޅުގަނޑުމެންނަށް އެކަންވާނީ.

އެހެންވީމާ، މި ދެންނެވި ގޮތަށް އަޅުގަނޑުމެން ކަންތައްތައް ބައްޓަންކޮށްދޭނަމޭ. ސީދާ ރައްޔިތުންނަށް ބޭނުންވާ ކަންކަން، ރައްޔިތުންގެ ގާތުން އަޑުއިވެނީ، ބެލެނީ، ސާފުވެގެންދަނީ، ގިނަފަހަރު ހަމަ މިގޮތަށް ބައްދަލުވެގެން. ނޫނީ ބައްދަލުވާގޮތްވީމާ.

އެހެންވީމާ، ކުޑަފަރީގެ ރައްޔިތުންނަށް އަޅުގަނޑު ދޭ ޔަޤީންކަމަކީ، މި ސަރުކާރުން ތިޔަބޭފުޅުންނާ އެކީގައި ކުރިއަށްދާނީ. މިއީ ތިޔައިން ކޮންމެ ރައްޔިތެއްގެވެސް ރަށް. މިއީ ކުޑަފަރީގެ ކޮންމެ ރައްޔިތެއްގެވެސް ރަށް. މި ރަށަކީ ވަކި އެންމެ މީހެއްގެ ރަށެއްނޫންކަން އަޅުގަނޑަށް އެނގޭތީ، އަޅުގަނޑު ތިޔަބޭފުޅުންގެ ގާތަށް މިއައީ.

ސަރުކާރުން މިކަންކަން ކޮށްދިނުމުގައި، އަޅުގަނޑުމެން އެންމެން އެއްބާރުލުން ލައިގެން، އެއްބާރުލުންދީގެން، އެކުގައި ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރަން. ރައްޔިތުން އެދޭގޮތަށް، ރައްޔިތުންގެ އަމާޒަށް މި ރަށުގެ ކަންކަން ސަރުކާރުން ފަހިކޮށްދިނުމުގައި، ފުރިހަމަ އެއްބާރުލުން ތިޔައިން ކޮންމެ ބޭފުޅަކުވެސް ދެއްވާނެ ކަމަށް، އަޅުގަނޑުމެން މިތިބީ މި ރަށުގެ ރައްޔިތުންނާ އެކީގައި ކުރިއަށްދިޔުމުގައި ވަރަށް ވަރުގަދަ ޢަޒުމެއްގައި.

އަދިވެސް އެއްފަހަރު، ތިޔަ ދެއްވާ އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ ގިނަ ކަންތައްތަކެއް ކުރެވި، އަދި އެކަންކަން ނިމިގެން އަޅުގަނޑު އަނެއްކާވެސް ތިޔަބޭފުޅުންގެ ގާތަށް އަންނަން އުންމީދުކުރަން. މާލަސްތަކެއްނުވެ އެ ދުވަހަކަށްޓަކައި އުންމީދުކުރާ ހާލު އަޅުގަނޑު ތިޔަބޭފުޅުންނާ މިއަދު ވަކިވެލާނަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.