بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މާޅެންދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، މުއައްސަސާތަކުގެ ވެރިން، އަދި އަޅުގަނޑާއެކީ ވަފްދުގައި ވަޑައިގެންނެވި، މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން، މި ޖަލްސާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އަޅުގަނޑުމެންނަށް މިއަދު މި ރަށަށް އާދެވުނު ވަގުތު، ތިޔަބޭފުޅުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ!

އާދެ، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ގިނަ މަސައްކަތްތަކެއް، އިރާދަކުރެއްވިއްޔާ ސަރުކާރުން މިގެންދަނީ ކޮށްދިނުމުގެ މަސައްކަތް ކުރަމުން. ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވެފައިވާ ގިނަ ވަޢުދުތަކެއް ފުއްދުމުގައި، ވަރަށް ސަމާލުކަންދީގެން މަސައްކަތް އެބަ ކުރަން. އެކި ސަބަބުތަކާ ހެދި، ބައެއް ކަންތައްތައް ފެށޭގޮތްނުވެ ލަސްތަކެއްވި. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ އެންމެ މުހިންމު މަސައްކަތްތައް މިހާރު ހިނގައިގަންނަ ގޮތަށް އަޅުގަނޑުމެންނަށް ކަންކަން ތަރުތީބު ކުރެވިފައި މިވަނީ.

އާދެ، އެންމެ ދަތިވާ، އެންމެ މުހިންމު ކަމަކީ، ހުޅަނގުފަރާތުން ލަފާފުރުމުގެ ދަތިކަން ޙައްލުކުރުން. ޖެޓީގެ މަސައްކަތް. ކައުންސިލާއި މިނިސްޓްރީއާ ދޭތެރޭގައި ޑިޒައިން ފައިނަލް ކުރެވި، އީ.އައި.އޭ.ގެ ފަހު މަރުޙަލާ ނިމުމާ ހަމައަށް މިހާރު އެވަނީ ގޮސްފައި. އިރާދަކުރެއްވިއްޔާ، ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް ގެންނަ ހިލަވެސް، ދާދިއަވަހަށް އެމް.ޓީ.ސީ.ސީ.އިން އެބަ ގެނޭ. އެހެންވީމާ، ހުޅަނގުފަރާތުގެ މި ދެންނެވި ޖެޓީގެ މަސައްކަތާއި، ގިރާ ސަރަޙައްދުގެ މި ދެ މަސައްކަތްވެސް މި އަންނަ މަސް، އޮގަސްޓު މަސް ނިމުމުގެ ކުރީގައި، އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން ފެށިގެންދާނެ ކަމަށް އަޅުގަނޑު ދަންނަވަން. އާދެ، އިރާދަކުރެއްވިއްޔާ ނުނިމި ކުރިޔަށްދާނެ. ގޮސް އެކީގައި ނިމެންދެން، ހުއްޓުމެއްނެތި އިރާދަކުރެއްވިއްޔާ ގެންގޮސްދޭނަން. 

އާދެ، ހަމައެއާއެކީ، ރަށުގެ ބިމުގެ ޖާގައިގައި ހުރި ދަތިކަން ޙައްލުކުރުމަކީވެސް ރައްޔިތުން ވަރަށް އެދޭ ކަމެއް. އަދި އިންތިޚާބުގެ ވަޢުދުތަކުގެ ތެރޭގައިވެސް އަޅުގަނޑުވީ ވަޢުދެއް. އިޤްތިޞާދީ މަސައްކަތް ކުރަން، ފައިބަރު މަސައްކަތް އަދި އެހެންކަހަލަ މަސައްކަތްތަކަށްވެސް ޖާގަ ބޭނުންވޭ. އަދި ގެދޮރުވެރިކަމާއި، އެކި މަސައްކަތްތަކަށްވެސް. އެކި ކަންކަމަށްވެސް.

އެހެންވީމާ، މީގެތެރެއިން ދެ ކަމެއް ތިޔަބޭފުޅުން އެދިވަޑައިގަންނަވާ. އަދި އަޅުގަނޑު ވަޢުދުވެފައި ވާނެ، ބިންހިއްކުމުގެ މަސައްކަތް ކުރަން. އާދެ، މި ރަށުގައި ވަރަށް ނެޗްރަލް، ޤުދުރަތީ ރީތިކަން އެބައޮތް. ހިމާޔަތްކުރަންޖެހޭއިރު ހިމާޔަތްކުރެވިފައި އޮތީ. އެކަން ނުގެއްލޭ ގޮތަށް. އެއީ، މި ރަށުގެ އެސެޓެއް. ރަށަށް އެއިން އާމްދަނީ ލިބޭ، ހޯދޭނެ ކަމެއް، ވަސީލަތެއް. އެކަން ހަލާކުނުވާނެ ގޮތަށް، ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިޔަށް ގެންދަންވާނީ.

އެހެންވީމާ، ކައުންސިލާއި، ދެ މިނިސްޓްރީ، ކޮންސްޓްރަކްޝަނާއި އަދި އެންވަޔަރަންމަންޓާ، ތިންބައިމީހުން ވެގެން، މަސައްކަތްކޮށް އެބަޖެހޭ، މި ދެންނެވި ކަންތައް ޔަޤީންވާ ގޮތަށް، ބިން ހިއްކުމުގެ މަޝްރޫޢު ގެންދާނެ ގޮތެއް ފައިނަލް ކުރައްވަން. އެކަން ތިޔަބޭފުޅުން ކައުންސިލާއި ރައްޔިތުންގެ ޚިޔާލާ އެކީގައި ނިމުނުހާ އަވަހަކަށް، އަޅުގަނޑުމެން އެ މަޝްރޫޢުގެ ކަންތައްތައް ފުރިހަމަކުރުމުގެ މަސައްކަތް ފަށާނަން. އޭގައި ހަދަންޖެހޭ އީ.އައި.އޭ.ތަކާއި، މިހެންހުރި ކަންކަން.

އެހެންވީމާ، އަޅުގަނޑު ވަޢުދުވީ ގޮތަށް އެ މަސައްކަތް ކުރެވޭނެ. އެ މަސައްކަތް އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރަށް އަޅުގަނޑުމެން ހަދާ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން ކުރާނީ. އެހެންނަމަވެސް، މި ދެންނެވި ގޮތަށް، ރައްޔިތުންގެ ޚިޔާލާ އެކީގައި ޑިޒައިން ފައިނަލް ކުރެވިގެން، ނިމިގެން އަންނަންޖެހޭނެ. ދެން މިއޮތީ، ބިންހިއްކުމުގެ މަޝްރޫޢު. މި ދެންނެވިހެން އަޅުގަނޑުމެން ކުރިޔަށް ގެންގޮސްދޭނަން. އެންމެ ލަސްވެގެން، މި އަންނަ އަހަރުގެ ކުރީކޮޅު ފަށަން އަޅުގަނޑުމެން މަސައްކަތް ކުރާނަން.

ދެން، މި ރަށުގެ ބައެއްގެ ގޮތުގައި ތޮޅެންދޫ ހަމަޖައްސައިދިނުމަކީ، އަޅުގަނޑު ނިންމާފައި އޮތް ކަމެއް. އެކަން ކުރުމަށް ބަލާއިރުގައި، ކުޑަ ތާށިކަމެއް ދިމާވެގެން މިއުޅެނީ. ކޯޓު މަރުޙަލާގައި މައްސަލައެއް އެބައޮތް. ދެން، އަޅުގަނޑު މީގައި ތަފްޞީލު މި ބަލައިލީ. އަޅުގަނޑު ބޭނުންވީ، މީގެ މާކުރިންވެސް، ދެތިންހަތަރު މަސް ކުރިންވެސް ބެލިން، މި ރަށުގެ ބައެއް ގޮތުގައި ހަމަޖައްސަން. އެހެންނަމަވެސް، އޭރުގައިވެސް އޮތީ، މި ދެންނެވި ގޮތަށް. ދެން، މި ދަތުރަށް އައުމުގެ ކުރިންވެސް އަޅުގަނޑު ބެލިއިރުގައިވެސް ކޯޓުގައި އޮތީ. އަމުރެއް އެބައޮތް. ދެން، މިކަން ވެފައި އޮތްގޮތް ބަލައިފިން. ބެލިއިރުގައި މިވާގޮތަކީ، މި އަތޮޅުގެ އަތޮޅު ކައުންސިލުން މައްސަލަ ހުށަހަޅައިގެން މިއުޅެނީ. އަތޮޅު ކައުންސިލުން މައްސަލަ ހުށަހަޅައިގެން، އަމުރެއް ނެރުއްވާފައި ކޯޓުގައި މި އޮންނަނީ. ދެން، އަތޮޅު ކައުންސިލުން ކޯޓަކަށް ހާޒިރެއްނުވޭ. ހާޒިރުނުވީމާ، މައްސަލަ ނުހިނގައިގެން މިއުޅެނީ.

އެހެންވީމާ، މާޅެންދޫ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އަދި އަޅުގަނޑު ވަޢުދުވެފައި މިވާގޮތަށް، މާޅެންދޫގެ ބައެއް ގޮތުގައި ތޮޅެންދޫ ހަމަޖެއްސުމަށް ހުރަސްކުރިމަތިކުރުވާފައި މިއޮތީ އަތޮޅު ކައުންސިލުން. އެހެންވީމާ، އަތޮޅު ކައުންސިލުން ހާޒިރުނުވެގެން، މައްސަލަ ނުހިނގައިގެން އޮތީމާ، އަޅުގަނޑު އެޓަރނީ ޖެނެރަލަށް ދަންނަވައިފިން، ޤާނޫނީ އިޖުރާތްތައް އޮންނަގޮތުގެ ތެރެއިން މަގެއް ހޯދަން. ސަރުކާރުގެ ތެރެއިން މިކަމުގައި، ރައްޔިތުންނަށްޓަކައި މި ރަށް، މި ދެންނެވި މަރުޙަލާއިން ސަލާމަތްކޮށް، ތިޔަބޭފުޅުންނާ ހަވާލުކުރެވޭނެ ގޮތެއް ފެނޭތޯ ބަލަން.

އެހެންވީމާ، އެޓަރނީ ޖެނެރަލް އެ މަސައްކަތް ކުރައްވާނެ. އަތޮޅު ކައުންސިލުން މިކަމަށް ހުރަސްއަޅަމުން މިދަނީ. އަޅުގަނޑު އަބަދުވެސް މިއީ، ކަންކަން އޮންނަ ގޮތް ދަންނަވާ މީހެއް. އެއްވެސް މީހަކާ ދެކޮޅަށް ދުވަހަކުވެސް ވާހަކަ ދައްކާ މީހެއް ނޫން. ބަޔަކާ ދެކޮޅަށް. އެހެންނަމަވެސް، ކަން އޮންނަ ގޮތް ބަޔާންކުރުމުގެ ގޮތުން މި ދަންނަވާލީ. އެހެންނޫންނަމަ، މިހާރު އޮންނާނީ ތިޔަބޭފުޅުންނާ އެ ރަށް ހަވާލުކޮށްފައި. އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނަން. އޭރުން ތިޔަބޭފުޅުންނަށް ބައެއް މަސައްކަތްތައް އެތާނގައި ކުރެވޭގޮތަށް ކަންކަން ރޭވޭނީ.

އާދެ އެހެންވީމާ، މައިގަނޑުކޮށް މި ދެންނެވީ، ހުޅަނގު ފަރާތުގެ ޖެޓީއާއި، ގިރާ ސަރަޙައްދުގެ މަސައްކަތް މި އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ ވާހަކަ. އަދި މިހާރު ހިނގަމުންދާ ސްކޫލް މަޝްރޫޢާއި، ދެން، މިއަދު މި ފެށުނު ފިޓްނަސް ރިކްރިއޭޝަން ސެންޓަރާ، ދެން މިހެންހުރި ކަންކަން އިރާދަކުރެއްވިއްޔާ އެއްވެސްކަހަލަ މަޑުޖެހުމެއްނެތި، ބާރަށް ކުރިޔަށް ގެންދެވޭނެ.

ބިންހިއްކުމުގެ މަޝްރޫޢު މި ދެންނެވިހެން، ތިޔަބޭފުޅުންގެ ޤުދުރަތީ ރީތިކަން ޙިމާޔަތްވާ ގޮތަށް، ޕްލޭން ކުރައްވާފައި ނިންމެވީމާ، އަޅުގަނޑުމެން މި އަންނަ އަހަރުގެ ކުރީކޮޅު، ޢަމަލީ މަސައްކަތް ފަށަން މަސައްކަތް ކުރާނަން.

ދެން، ތޮޅެންދޫގެ މަސައްކަތް. ތޮޅެންދޫ ހަވާލުކުރުން، މި ދެންނެވިހެން، އެ ހުރަސް ނެތުނުހާ އަވަހަކަށް އަޅުގަނޑުމެން ހަވާލުކުރާނަން. ހަމަ ނިމުނުހާ އަވަހަކަށް ހަވާލުކޮށްދޭނަން. އެހެންވީމާ، އަޅުގަނޑުމެންގެ ބާރު ނުހިނގާކަމެއްވީމާ، އެއީ ޤާނޫނީގޮތުން ޙައްލެއް ހޯދަންޖެހެނީ. މި އަތޮޅު ކައުންސިލުން އެކަމަށް ހުރަސްއަޅަމުންދާ ކަމެއްވީމާ.

އެހެންވީމާ، އަޅުގަނޑު މި ދެންނެވި ކަންކަން ވަކިން މި ފާހަގަކޮށްލީ. ދެންހުރި ހުރިހާ ކަމެއް، ތަޢުލީމީ ދާއިރާއިންވެސް، ޞިއްޙީ ދާއިރާއިންވެސް މިދަނީ ކޮށްދެމުން. ޞިއްޙީ ދާއިރާ ވަރުގަދަކުރުމަށް، އަޅުގަނޑުމެން މި ލެބޯރެޓަރީ ވަރުގަދަކުރުމަށް، ވަސީލަތްތައް ގެނެވިފައި އެވަނީ. ދެން، އެކަމުގައި ކުރަންޖެހޭ ވަރަށްގިނަ ބައެއް ކަންކަން އެބަހުރި. ތަމްރީނު ދިނުމާއި އަދި ފިޒިކަލީ ޖާގަ ހަމަޖެއްސުމަށް ކުރާ މަސައްކަތް އެބަ ހިނގާ. އެހެންވީމާ، ޞިއްޙީ މަރުކަޒު ވަރުގަދަކުރުމަށް، ޚިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތްވެސް އެދަނީ ރަނގަޅަށް ހިނގަމުން. އަދި، ކުޅިވަރުގެ ދާއިރާއިންވެސް މި ދެންނެވިހެން މަސައްކަތްތައް ދާނެ.

ދެން، މި އަންނަ އަހަރު ތެރޭގައި، އަޅުގަނޑު ކުރިންވެސް ދަންނަވާފައި ވާނެ، އަޅުގަނޑުގެ ވަރަށް މުހިންމު ވަޢުދެއް، ރަށްރަށުގައި މަގުހެދުމަކީ. ދެން އަމުދުން، ފެނާއި ނަރުދަމާގެ ކަންކަން ކުރެވިފައި ހުންނަ މިކަހަލަ ރަށްރަށުގައި އެކަން ހިނގާނީ. އެހެންވީމާ، މި އަންނަ އަހަރަށް އަޅުގަނޑު ބޮޑަށް ޕްލޭންކޮށްފައި އޮތް ކަމެއް އެއީ. މުޅި ރާއްޖޭގައި، އެކި ކަންކޮޅުތަކުގައި މަގު ހެދުމުގެ ޕްރޮގްރާމެއް ފެށުން. އޭގެތެރޭގައި، އިރާދަކުރެއްވިއްޔާ މި ރަށްވެސް ހިމަނާނަން. އެހެންވީމާ، އެކަން ކުރިޔަށްދާނެ.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ދެންނެވި ގޮތަށް، ކަންކަން ކުރިޔަށް ގެންދާނަމޭ. މި ރަށުގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި، ސަރުކާރުން ހުރިހާ ކަމެއްގައިވެސް ވަރަށް އިސްކަންދީގެން، އިރާދަކުރެއްވިއްޔާ މަސައްކަތް ކޮށްދޭނެކަމުގެ ޔަޤީންކަން ދެމުން، އަދިވެސް އެއްފަހަރު، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.