بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ލަންދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލް މެންބަރުން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިން، ރަށުގެ އިސްރަށްވެހިން، ސްކޫލް ދަރިވަރުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ރަށުގެ ކުދި ބޮޑު އެންމެހައި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވީ ވަޢުދުތައް ފުއްދުމުގެ މަސައްކަތް، އިރާދަކުރެއްވީތީ ފަށައިގެން މިއުޅެނީ. އޭގެތެރެއިން، ބައެއް ކަންކަން މިހާރު ޢަމަލީގޮތުން ކުރިޔަށް ގެންދަން ފެށިފައިވޭ. އަޅުގަނޑު ވީ އެއް ވަޢުދު، ޞިއްޙީ މަރުކަޒާ ބެހޭގޮތުން، 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލުކުރުން. އަދި އެތަނަށް ބޭނުންވާ، އެގޮތަށް ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސައިދިނުން. އިރާދަކުރެއްވިއްޔާ، އެކަމަށް ބޭނުންވާ ހުރިހާ ކަމެއް އަޅުގަނޑުމެން ވާނީ މިހާރު ހަމަޖައްސައިދީފައި. މުވައްޒަފުން ހަމަކުރުމުގެ މަސައްކަތްވެސް އެބަ ކުރިޔަށްދޭ. އަޅުގަނޑު އުންމީދުކުރަނީ، އެ ވަޢުދު ފުރިހަމަގޮތެއްގައި ހަމަޖެހިގެންދާނެ ކަމަށް. އަދި ޞިއްޙީ ދާއިރާއަށް އިތުރަށް ބޭނުންވާ ކަންކަމުގައިވެސް، ސަރުކާރުން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނަން.

ހަމައެއާއެކީގައި، އަޅުގަނޑު ވަޢުދުވެފައި ވާނެ، ފިޓްނަސް އެންޑް ރިކްރިއޭޝަން، ނޫނީވިއްޔާ ޔޫތު ސެންޓަރެއް ތަރައްޤީކުރުމަށް. އެ މަސައްކަތް އިރާދަކުރެއްވީތީ، ޢަމަލީގޮތުން ފެށިގެން ގޮސްފައި މިވަނީ.

ދެން ހަމައެއާއެކީގައި، ކުޅިވަރު ކުޅުން، ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރުމާ، މިފަދަ ކަންތައްތައްވެސް އިރާދަކުރެއްވިއްޔާ، މިހާރު ފުރިހަމަކުރުމަށް ކުރަންޖެހޭ ކަންތައްތައް ދާދި އަވަހަށް ފެށިގެންދާނެ. ފެންސް ޖެހުން، ލައިޓް ޖެހުން، މިފަދަ ކަންތައްތައްވެސް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ކުޅިވަރުގެ ދާއިރާއިންވެސް އަޅުގަނޑު ވީ ވަޢުދުތަކަށް ވަރަށް ސަމާލުކަންދީގެން، މި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ފުރިހަމަވެގެންދާނެ. އެކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އަޅުގަނޑު ހަމައެއާއެކީގައި، ވަޢުދުވިން، ގިރާ ސަރަޙައްދު ޙިމާޔަތްކުރުމާއި، މޫދަށްއެރޭ ސަރަޙައްދެއް ހަދައިދިނުމަށްވެސް. އެކަން އަދި އަޅުގަނޑުމެންނަކަށް އެއްވެސް ފަރާތަކާ ޢަމަލީ މަސައްކަތްކުރަން ހަވާލެއްނުކުރެވޭ. އެހެންނަމަވެސް، ކުރިޔަށް އޮތް ދުވަސްތަކުގައި، މި ދެންނެވީ، މިހާރު އަޅުގަނޑުމެން މަސައްކަތްތައް ބަހާލައިގެން، ބެޗްބެޗަށް ބަހާލައިގެން، ކުންފުނިތަކާ ހަވާލުކުރުމުގެ މަސައްކަތް މި ކުރަނީ. މިހާރު ހަ ބެޗަކަށް ބަހައިގެން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ހަފަހަރެއްގެ މައްޗަށް ބަހާލައިގެން، ކުންފުނިތަކާ މިދަނީ މަޝްރޫޢުތައް ހަވާލުކުރަމުން. މިހާރު ދެން، ހަތްވަނައަށް ފަށަން އޮންނަ ބެޗްގައި އިރާދަކުރެއްވިއްޔާ އެ މަސައްކަތްތައް ހިމަނާނަން. އެއީ، މި އަހަރުގެ ސެޕްޓެންބަރު ހިސާބުގައި ސޮއިކުރުމާ ހަމައަށް ގެންދެވޭނީ ހަތްވަނަ ބެޗުގެ މަޝްރޫޢުތައް. އަދި ނޮވެންބަރު، ޑިސެންބަރު ހިސާބުގައި ޢަމަލީ މަސައްކަތް ފެށޭނީ، ހަތްވަނަ ބެޗުގެ މަޝްރޫޢުތައް. މާނައަކީ، މި އަހަރު ފެށޭނެއޭ.

އެހެންވީމާ، އޭގެތެރޭގައި، ޝޯ ޕްރޮޓެކްޝަން، ނޫނީވިއްޔާ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމާ އެކީގައި، މަޝްރޫޢުގެ ތެރޭގައި ހިމަނައިގެން، މޫދަށް އެރޭ ސަރަޙައްދު، ދެ ވަޢުދު އެކީގައި ފުއްދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، ޢަމަލީގޮތުން ފަށައިދޭނެ ކަމަށް ދަންނަވަން.

އާދެ، މިހާރު ހިނގަމުންދާ މަސައްކަތްތަކަށް ބަލާއިރު، މި ސްކޫލަށް ބޭނުންވާ އިމާރާތުގެ މަސައްކަތް އެބަ ހިނގަމުންދޭ ތަންކޮޅެއް ލަސްކޮށްވިޔަސް. އެހެންނަމަވެސް، އެ މަސައްކަތަށް ބޭނުންވާ ހުރިހާ ސަޕޯޓެއް ސަރުކާރުގެ ތެރެއިން ހަމަޖައްސައިދެމުން މިދަނީ. ޕެންޑިންގ އެއްވެސް ބިލެއް އޮތިއްޔާ، ފުރިހަމައަށް އަދާކުރަމުން މިދަނީ. އަދި އިތުރު ކަންތައްތައްވެސް ކައުންސިލުން، ރައްޔިތުން ބޭނުންވޭ. ސްކޫލުން ބޭނުންވޭ. ސްކޫލުން މިއަދުގެ ބައްދަލުވުމުގައިވެސް އެކަން ފާހަގަކުރެއްވި. ޢިމާރާތުގެ ޖާގައިގެ ތެރޭގައި އިތުރުކުރެވޭނެ ޖާގަ އެބަހުރި. އެހެންވީމާ، އެކަން ހިމެނޭގޮތަށް، އިތުރު މަޝްރޫޢެއް ގޮތަށް ނަމަވެސް، އަޅުގަނޑުމެން ކުރިއަށް ގެންދަން ގަސްދުކުރަން. އަދި ހަމައެއާއެކީގައި، ސްކޫލްގެ ސްޓާފުންނަށް ބޭނުންވާ، މިހާރު ބޭނުންކުރާ ސްޓާފްރޫމް ފަދަ ތަންތަންވެސް އިތުރަށް މަރާމާތުކުރުމާއި، މިފަދަ ކަންތައްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

އަދި ހަމައެއާއެކީގައި، ދެންވެސް އިތުރަށް ތަޢުލީމީގޮތުން އިންފްރާސްޓްރަކްޗަރ ވައިސް، މި ސްކޫލަށް ބޭނުންވާ ކަންތައްތައް ފުރިހަމަކޮށްދިނުމުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދީގެން މަސައްކަތްކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.

އާދެ، ކުޅިވަރުގެ ދާއިރާގައި އަދި އެއްކަމެއް ފާހަގަކޮށްލާފައި އަޅުގަނޑު ކުރިއަށްދާނީ. އާދެ، ޚާއްޞަކޮށް އަންހެން ބޭފުޅުން ވަރަށް ޝައުޤުވެރިކަން ހުންނަ ކުޅިވަރެއް ހޭންޑްބޯލް ކުޅުމަކީ. ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގައި މިކަން އޮތީ މިހެން. އަޅުގަނޑުމެން މިހާރު ޕްލޭންކޮށްފައި އޮތީ، މިގޮތަށް ވަރަށް ގިނަ ރަށްތަކުގައި ހޭންޑްބޯލް ކުޅުމަށް ބޭނުންވާތީ، އަދި އަޅުގަނޑުމެން ކުރިއަރުވަން ބޭނުންވާ ކުޅިވަރަކަށް ކަނޑައަޅާފައި އޮތް މަޝްރޫޢެއްގެ ގޮތުގައި ކަމަށްވާތީ، މި މަޝްރޫޢަކީ، ވަރަށް ގިނަ ރަށްތަކުގައި ހިންގަންޖެހޭ މަޝްރޫޢެއްވީމާ، މި އަންނަ އަހަރަށް އަޅުގަނޑުމެން ހަދާ ބަޖެޓުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ހޭންޑްބޯލް ކޯޓު ހަދަންޖެހޭ ރަށްރަށުގައި ހެދުމުގެ ވަކި ޕްރޮގްރާމެއް ކަނޑައަޅައި، ނިއު ޕޮލިސީ އިނީޝިއޭޓިވް، ނޫނީވިއްޔާ އަލަށް ފަށާ މަޝްރޫޢުތަކުގެ ލިސްޓަށްލައިގެން، ރާއްޖޭގެ ހުރިހާ ރަށެއްނޫން، ހޭންޑްބޯލް ކޯޓު ހަދަންޖެހޭ ރަށްތަކުގައި ހެދުމުގެ މަޝްރޫއެއް ގެންދިޔުން. މާނައަކީ، އޭގެތެރޭގައި މި ރަށް ހިމަނައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޭންޑްބޯލް ކޯޓެއް މި ރަށުގައި ހަދައިދޭނަމޭ.

އާދެ، ދެން މި ރަށުގައި، އައިސް ޕްލާންޓެއްގެ މަސައްކަތް ފެށިފައި އޮތް މަޝްރޫޢެއް އެބައޮތް. އެއީ، ތިމާވެށީގެ ދާއިރާއިން ލިބިފައި އޮތް ފަންޑެއްގެ ތެރެއިން ކުރިއަށްދާ މަޝްރޫޢެއްވީމާ، އޭގައި ނަގަންޖެހޭ ބައެއް ހުއްދަތަކަށް ވަގުތުތަކެއް ނެގި. އެހެންނަމަވެސް، މިހާރު އެ ހުއްދަތައް ލިބިއްޖެ. އެހެންވީމާ، ދެން އޮތް ދުވަސްތަކުގައި ޢަމަލީ މަސައްކަތް ކުރެވި، އަޅުގަނޑުމެން އުންމީދުކުރަނީ، މި އަހަރު ނިމެންވާއިރަށް އެ އައިސް ޕްލާންޓުގެ މަސައްކަތްވެސް ނިމޭނެކަމަށް.

މިހާރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ފެނުގެ ނިޒާމަށް ބޭނުންވާ މަސައްކަތް ކުރަން ބޭނުންވާ ތަކެތި ރަށަށް އެހެރީ އައިސްފައި ބަނދަރުގައި. ދެން ބޭނުންވާ މުވައްޒަފުންވެސް މިހާރު އެމް.ޑަބްލިޔޫ.އެސް.ސީ. އިން ވަނީ ހަމަޖައްސާފައި. އެހެންވީމާ، އެ މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ ހަމަ ރަނގަޅަށް ކުރިއަށްދާނެ.

އާދެ، ޖުމްލަކޮށް އަޅުގަނޑުވީ ހުރިހާ ވަޢުދެއް، ގާތްގަނޑަކަށް އޭރުން އެ ކަވަރުވީ. އަދި އިތުރު ކަންތައްތައްވެސް ހުންނާނެ. އެހެންވީމާ، ސަރުކާރުން އިރާދަކުރެއްވިއްޔާ، ލަންދޫގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ވަރަށް ސަމާލުކަންދީގެން، ވަރަށް ރަނގަޅަށް އެކަންކަން ކޮށްދިނުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދެން. ދެން އަޅުގަނޑު މި ރަށަށް އަންނައިރު، އަޅުގަނޑު ބޭނުންވަނީ މި ދެންނެވި ކަންކަން ނިމިގެން، އެކަންކަން ނިމުން ފާހަގަކުރުމަށް ތިޔަބޭފުޅުންގެ ގާތަށް އަންނަން.

އެހެންވީމާ، އެ އުންމީދުގައި އަޅުގަނޑު ތިޔަބޭފުޅުންނާ މިއަދު ވަކިވެލާނަން. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.