بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މަނަދޫގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ މުއައްސަސާތަކުގެ ވެރިން، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި މި ޖަލްސާ ދުރާއި ގާތުން އަޑުއައްސަވަމުން، ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިއަދު އަޅުގަނޑު މި އަތޮޅަށް މި ފެށި ދަތުރުގައި، މިރޭގެ ވަގުތެއްގައި އަޅުގަނޑުމެންނަށް މި ރަށަށް މި އާދެވުނީ. ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، ދެވަނަފަހަރަށް މި އާދެވުނީ. އާދެ، އަޅުގަނޑު އަބަދުވެސް ހަނދާންހުރޭ އަދި ސަރުކާރުން ވަރަށް ސަމާލުކަންވެސް ދެން ތިޔަބޭފުޅުންނަށް އަޅުގަނޑު ވެފައިހުރި ވަޢުދުތައް ފުއްދައިދިނުމުގައި މަސައްކަތްކުރުމަށް. މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި، ހުރިހާ ރަށެއްގައި، މިގޮތަށް ހުރި މަސައްކަތްތައް ކުރުމަށް ކުރަންޖެހޭ ކަންކަމަށް އަޅުގަނޑުމެން މިދިޔައީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން. އިރާދަކުރެއްވީތީ މިހާރު މީގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތައް، ކުރީގައި ހުއްޓިފައި ހުރި މަސައްކަތްތަކާއި، ލަސްމިނެއްގައި ހިނގަމުންދިޔަ މަސައްކަތްތަކާއި، މިހެންހުރި ކަންކަން ފަށައިގަނެވި، ކުރިއަށްދާން ފަށައިފި. ވަރަށް ގިނަ ގޮންޖެހުންތައް، އިޤްތިޞާދީ ގޮތުން ހުރި ގޮންޖެހުންތައް ގިރާކުރަމުން މިއަދާ ހަމައަށް އަޅުގަނޑުމެން މިއައީ.
މި ރަށުގައިވެސް މިގޮތަށް ހަމަ ގިނަ ކަންތައްތައްތަކެއް އަޅުގަނޑުމެން ކުރަން ފަށަންވެފައި ހުރި މަސައްކަތް ހުރި. އަދި ރިޔާސީ އިންތިޚާބުގައި އަޅުގަނޑުވީ ގިނަ ވަޢުދުތަކެއް ފުއްދުމުގެ މަސައްކަތްތައްވެސް ކުރަންޖެހިފައި ހުރީ.
އާދެ، އެންމެދަތިވާ ކަމަކަށް މި ރަށުގައި މިއޮތީ، ނަރުދަމާގެ އުނދަގޫވެފައި އޮތް މައްސަލަ. މި މައްސަލަ ޙައްލުކުރުމަށްޓަކައި މިއީ ވަރަށް މުހިންމު ކަމެއް ދޭންޖެހޭ ކަމެއް. އެހެންވީމާ، ރިޔާސީ އިންތިޚާބުގައިވެސް އަޅުގަނޑު ވާނީ އެ ވަޢުދުވެފައި. މި މައްސަލަތައް މި ރަށުގައި ރައްޔިތުން ތަޙައްމަލު ކުރަމުންދާތާ ދިހަވަރަކަށް އަހަރުދުވަސް ވެފައި މިވަނީ. ވަރަށް ގިނަ ދުވަސް.
އެހެންވީމާ، މި ކަމަށް ދާއިމީގޮތެއްގައި ޙައްލު އަންނަންޖެހޭ. ދާއިމީ ޙައްލަކީ މުޅި ނިޒާމު އެކީގައި އަލުން ބަދަލުކޮށް، ގްރެވިޓީ ފްލޯރ ނިޒާމެއްގެ ތެރެއިން، މުޅިން އެކީގައި، އާ މަޝްރޫޢެއްގެ ގޮތުގައި ހިންގުން. އެއީ، މިކަމުގައި އޮތް ހަމައެކަނި ޙައްލަކީ. އެއީ، ފުދޭވަރެއްގެ ޚަރަދުތަކެއް ހިނގާނެ ކަމެއް ކަމުގައިވާތީ، މިދިޔަ ދުވަސްތަކުގައި، އަޅުގަނޑުމެން މި ދެންނެވި ގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މި ސްކޭލްގައި ހިންގަންޖެހޭ، މި ބޮޑުމިނުގެ މަޝްރޫޢުތަކަށް ބޭނުންވާ ކަންކަމަށް މިއައީ ތަރުތީބުތަކެއް ކުރަމުން.
އެހެންވީމާ، މިހާރު މިއޮތީ އިރާދަކުރެއްވީތީ ޢަމަލީގޮތުން މިކަހަލަ މަޝްރޫޢުތައް ހިންގަންޖެހޭ ރަށްރަށުގައި ހިންގުމަށް އަޅުގަނޑުމެންނަށް ކަންތައްތައް ފަހިކުރެވިފައި. އެހެންވީމާ، މި ރަށުގެ ނަރުދަމާގެ ނިޒާމު އެކީގައި ބަދަލުކޮށް، މުޅި ރަށުގެ ނަރުދަމާ އާކޮށް، ގްރެވިޓީ ނިޒާމެއްގެ ދަށުން، ނަރުދަމާ އޮޕަރޭޓް ކުރާގޮތަށް، އާ ނަރުދަމާގެ ނިޒާމެއް ޤާއިމުކުރުމަށް އިރާދަކުރެއްވިއްޔާ މިފެށޭ މަހު، އޮގަސްޓު މަހުގެ ތެރޭގައި، އަޅުގަނޑުމެން އާރު.ޑީ.ސީ.އާ އެކީގައި މަސައްކަތް ފެށުމަށް މިހާރު މިވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ ކުރިން ހަވާލުކުރެވިފައި އޮތް މަގުހެދުމުގެ މަޝްރޫޢުވެސް ނަރުދަމާއާ އެކީގައި ދާންޖެހޭ ކަމެއް. ނަރުދަމާ އެޅިގެންނޫނީ ނުވާނެކަމެއް.
އެހެންވީމާ، މި ދެންނެވި ގޮތަށް، ނަރުދަމާގެ ނިޒާމު އެކީގައި ބަދަލުކުރުމުގެ މަޝްރޫޢާ އެކީގައި މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް މި އަންނަ މަހު ފެށުމަށް ނިންމިފައިވާ ވާހަކަ ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން.
ދެން ގާތްގަނޑަކަށް ދޮޅުއަހަރު ދުވަސް ނަގާނެ، މިވަރުގެ މަސައްކަތެއް ނިންމަން. އެހެންވީމާ، މިހާރު މިއޮތް ނިޒާމުވެސް ކޮންމެވެސްގޮތަކަށް ވަގުތީގޮތުންވިޔަސް، ލުއިތަކެއް އަންނާނެގޮތް ހަދަންޖެހޭ. އެހެންވީމާ، ފެނަކައިގެ ފަރާތުން އެކަން ކުރެވޭނެގޮތަށް ބޭނުންވާ ބައެއް މަސައްކަތްތައް ރާވާލަން އަޅުގަނޑު ވާނީ ދަންނަވާފައި.
އެހެންވީމާ، ފެނަކައިގެ ފަރާތުން އެބަ މަސައްކަތްތަކެއް ތަރުތީބު ކުރައްވާ، މި މަސައްކަތް މި އަންނަ މަހު އާރު.ޑީ.ސީ.އިން ފަށައިގެން ނިމެންދެންވެސް ހަމަ އިމީޑިއަޓްލީ، ނޫނީ ވީހާވެސް އަވަހަކަށް ކޮންމެވެސްވަރެއްގެ ލުއިކަމެއް ލިބޭގޮތަށް ވަގުތީ ކަންތައްތަކެއްވެސް ކުރުމަށް. އެހެންވީމާ، އެކަންކަންވެސް އިރާދަކުރެއްވިއްޔާ ފެނަކަ މެދުވެރިކޮށް ކުރެވިގެންދާނެ. އެހެންނަމަވެސް، ދާއިމީ ޙައްލު ގެނައުމަށް މި އަންނަ މަހު ހަވާލުކުރެވިގެން މަސައްކަތް ފެށެނީ.
ދެން އެހެންވީމާ، ނަތީޖާއަކަށްވާނީ އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ނިމެންވާއިރު، ދޮޅު އަހަރެއްހާ ދުވަސްކަމަށް މި ބަލަނީ. އިރާދަކުރެއްވިއްޔާ ހަމަ އެކީގައި ނިޒާމު ބަދަލުކުރެވި، އަދި މަގުތައް ހެދުމުގެ މަސައްކަތުގައިވެސް ފުދޭވަރެއްގެ ޕްރޮގްރެސްއެއް ހާސިލުކުރެވިގެންދާނެ. މަގުހެދުމާ އެކީގައި ނިމޭނީ. އަދި ދެން އަންނަ އަހަރަކަށް، އެއީ، 2027 ގެ ތެރޭގައި މި ޕްރެކްޓިކަލީ އަޅުގަނޑުމެން އަދަދުތައް މި ކިޔަންޖެހެނީ. އެހެންވީމާ، ނަރުދަމާއަށް ދޮޅުއަހަރެއްހާ ދުވަސް. ދެން ހަމަ މަގުހަދަމުން ދާން ފެށޭނެ، ނަރުދަމާ ނިމޭ މަގުތަކުގައި. އެހެންވީމާ، އެގޮތަށް ކުރިއަށް ގެންދާނަން. އާދެ، އެއީ އެންމެ މުހިންމު މައްސަލަ. އެންމެ ބޮޑު މައްސަލައަކަށް މިއޮތީ.
ދެން ޞިއްޙީ ނިޒާމާ ބެހޭގޮތުންވެސް އަޅުގަނޑު ވާނީ ހަމަ ވަޢުދުވެފައި. ދެން ހޮސްޕިޓަލްގެ މަސައްކަތް މިހާރު ޢަމަލީގޮތުން ފެށިގެން ގޮސްފައިވާއިރުގައި، މި މަސައްކަތަށްވެސް ދުވަސްކޮޅެއް ނަގާނެ. ބޮޑު ސްކޭލެއްގެ މަސައްކަތަކަށްވާތީ. އެހެންވީމާ، އެ މަސައްކަތް ނިމެންދެންވެސް މިހާރުގެ ހެލްތު ނިޒާމަށް އިތުރު ކުރިއެރުންތައް ގެނެސްދިނުމަކީވެސް ހަމަ އަޅުގަނޑުގެ ވަޢުދެއް. އެހެންވީމާ، އޭގެތެރެއިން އަޅުގަނޑުމެން ހޯދަންޖެހޭ އެކިކަހަލަ ދާއިރާތަކުން ފަންނީ ބޭފުޅުން ހޯދަންޖެހޭ.
އެހެންވީމާ، އެ މަސައްކަތްތައް އެބަ ހިނގަމުންދޭ. ފިޒިއޮތެރަޕީގެ ޚިދުމަތް ދިނުމަށްޓަކައިވެސް ޓެކްނިކަލް ފަންނީ ބޭފުޅުން ބޭނުންވާނެ. އަދި ނިޒާމުގެ ތެރެއިން، ބައެއް ކަންކަން ހަމަޖައްސަންޖެހޭ. މެންޓަލް ހެލްތުގެ ދާއިރާއަކީވެސް އަޅުގަނޑުމެން ކުރަން ނިންމާފައި އޮތް މަސައްކަތެއް. ސްޕީޗް ތެރަޕީގެ ދާއިރާއަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ އެކިކަހަލަ ކަންކަމަށާއި، ބޭނުންވާ ސްޕެޝަލިސްޓް، ނޫނީވިއްޔާ ފަންނީ ބޭފުޅުން އެބަ ބޭނުންވޭ. މިއީ، ކުއްލިއަކަށް ކުރެވޭ ކަންކަމެއް ނޫން. އެކަމާބެހޭ ޓްރެއިންޑް މީހުން ހޯދަންޖެހޭ. އަޅުގަނޑުމެން ވަޢުދުވެފައި އޮންނާނެ، ހުރިހާ އަތޮޅެއްގައި، އެ އަތޮޅެއްގެ ނިސްބަތުން ހަމަ މިކަހަލަ ސްޕެޝަލިސްޓުން ހަމަޖައްސައި، ޚިދުމަތްދޭން ފެށުމަށް.
އަޅުގަނޑުމެން މި ބަލަނީ އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި މިއިން ގިނަ ކަންތައްތަކަށް ބޭނުންވާ މަސައްކަތްތައް މި ރަށުގައި ޤާއިމުކުރަން. އެހެންވީމާ، އެކަމަށް މަސައްކަތްތަކެއް ކުރާނަން. ދެން އައި.ސީ.ޔޫ.ގެ މަސައްކަތްތައްވެސް އެހެރީ ކުރެވިފައި. ދެން ވީގޮތަކީ، އަޅުގަނޑުމެން މި ވިއްސާރައިގެ ތެރޭގައި ޑިލޭތަކެއް މިއައީ. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ، އެކަންވެސް ހަމަޖެހިގެންދާނެ.
އެހެންވީމާ، ޖުމްލަކޮށް ޞިއްޙީ ދާއިރާއަށް ވަރަށް ސަމާލުކަމެއް އަޅުގަނޑުމެން ދޭނަން. މި ދެންނެވިހެން، މެންޓަލް ހެލްތް، ސްޕީޗް ތެރަޕީ، ފިޒިއޮތެރަޕީ، މިކަހަލަ ކަންކަމަށް ބޭނުންވާ މީހުން ހޯދައިދިނުމާއި، އެކިކަހަލަ ވަސީލަތްތައް ޤާއިމުކުރުމަށް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާނަމޭ.
ޖުމްލަކޮށް ޞިއްޙީ ދާއިރާއަކީ، ޢުމްރާނީ ތަރައްޤީގެ މި ހިނގާ ބޮޑެތި މަޝްރޫޢުތަކާ ތަފާތުކޮށް، ކޮންމެ ރަށެއްގައިވެސް، ކޮންމެ ރައްޔިތަކަށްވެސް ވަރަށް މުހިންމު ދާއިރާއަކަށްވާތީ، އަޅުގަނޑުމެން ވަރަށް އިސްކަމެއް ދެން، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަގޮތެއްގައި، ޞިއްޙީ ޚިދުމަތް ޤާއިމުކޮށްދިނުމަށް. ވަށާޖެހޭ ޞިއްޙީ ޚިދުމަތް. އެއީ، ޕްރިވެންޓިވް ހެލްތް ކެއަރއާއި، ދެން ބަލިވީމާ ބޭސްކުރުން. ކިއުރެޓިވް ހެލްތް ކެއަރ. ދެބައި އެކީގައި، ވަށާޖެހޭގޮތަކަށް އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާގެ ސިޔާސަތު ބައްޓަންކުރެވިފައި ވަނީ.
އެހެންވީމާ، ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރަން. މިދިޔަ ދޮޅުއަހަރެއްހާ ދުވަހު ކުރެވިފައިވެސް އެބަވޭ، މުޅި ރާއްޖޭގައި ޞިއްޙީ ނިޒާމު ވަރުގަދަކުރަން. ވަރަށް ގިނަ ކަންތައްތަކެއް ނިމެމުންވެސް އެބަދޭ. މި މަހުގެ ތެރޭގައިވެސް ބައެއް ކަންތައްތައް، ބައެއް ހިސާބުތަކުގައި ނިމި ހުޅުވިގެންވެސް ދާނެ. އަދި ކުރިއަށް އޮތް މަސްތަކުގައިވެސް އެކަހަލަ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާނެ. އެހެންވީމާ، ޞިއްޙީ ދާއިރާ ވަރުގަދަކުރުމަކީ، އަޅުގަނޑުމެން ވަރަށް އިސްކަމެއްދޭ ކަމެއް.
އެގޮތުގެ މަތިން، މި އަތޮޅުގެ އެންމެ މުހިންމު ޞިއްޙީ މަރުކަޒަކީ، ނޫނީވިއްޔާ ސެންޓަރަކީ މިއީ. އެހެންވީމާ، މި ތަނުގައި ޞިއްޙީ ޚިދުމަތް ވަރުގަދަކުރުމަކީ، އަޅުގަނޑުމެންގެ ސިޔާސަތު. ދެމެހެއްޓެނިވި ގޮތެއްގައި، ޞިއްޙީ ނިޒާމު ވަރުގަދަކުރުމުގެ ވިސްނުމުގައިވެސް އަޅުގަނޑުމެން ކުރަން ނިންމާފައި އޮތް ކަމެއް. އެހެންވީމާ، އެކަން އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
ދެން ހަމަ އެއާއެކީގައި، ކުޅިވަރުގެ ދާއިރާއަށް ބަލައިލާއިރުގައި، ކުޅިވަރުގެ ދާއިރާގެ ކަންކަމަކީވެސް އަޅުގަނޑު އެކި ކަންކަމަށް އިޝާރާތްކޮށްފައިވާ އެކިކަހަލަ ވަޢުދުތައް ވެފައި ހުރި ކަންކަން. އޭގެތެރެއިން، ފިޓްނަސް ރިކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުމާއި، ދެން މިހެންގޮސް، އައުޓްޑޯރ ޖިމް އަދި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމާ، މިކަހަލަ ގިނަ ކަންތައްތަކެއް މިހިރީ. ދެން މީގެތެރެއިން، މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް މިއީ ބޭރުގެ ފަންޑަކާ ގުޅިފައިވާ ކަމަކަށްވާތީ، އެ ފަންޑުގެ ކަންކަމުގައި ބައެއް ކަންކަން ލަސްވެގެންދިޔަ. އެހެންނަމަވެސް މިހާރު، މިދިޔަ ހަފްތާގައި އެއާބެހޭ، ހުރި ދަތިތައް، ނޫނީވިއްޔާ މައްސަލަތައް ވަނީ ޚާރިޖީ ވުޒާރާގެ ތެރެއިން ހަމަޖެހިގެން ގޮސްފައި ކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވޭ.
އެހެންވީމާ ދެން، އެ ފަންޑުގެ ތެރެއިން ރާއްޖޭގައި ހިންގަން ހުރި މި ރަށުގެ މަޝްރޫޢު ގޮތަށް، ހުރިހާ ދިމާއެއްގެ މަސައްކަތް ހިނގައިގަންނާނެ. ދެން އެކަމަށް މަޑުނުކޮށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ރަށުގައި ކުރާނެ ބައެއް މަސައްކަތް ހުންނާނެ. މިސާލަކަށް، ވޮލީ ކޯޓެއް ޤާއިމުކޮށްދިނުމަކީ، އަޅުގަނޑުމެން އެ މަޝްރޫޢަށް މަޑުނުކޮށް، ވަކިން ހިންގާނެ މަޝްރޫޢެއް. އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި، ވޮލީކޯޓެއް މި ރަށުގައި އެޅުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިދޭނަން.
ހަމައެއާއެކީގައި، ދެންވެސް ހުރި އެކިކަހަލަ ކުޅިވަރުގެ ކަންތައްތައް އެބަހުރި، މި ރަށުގައި ކުރިޔަށް ގެންދަން. ފުޓްބޯޅަ ދަނޑާ ގުޅޭ ކަންކަމާ، މިހެންގޮސް ވަރަށްގިނަ ކަންތައް. ލައިޓް ޖެހުން، މިކަހަލަ ކަންތައްތައް. އެހެންވީމާ، މިކަންކަން މިއީ ވަޢުދުވެފައި ހުރި ކަންކަން. ސްޕޯޓްސް މިނިސްޓްރީގެ ތެރެއިން އެގެންދަނީ، އެކަންކަމަށްޓަކައި ތައްޔާރީތައް ވަމުން. އެހެންވީމާ، ކުޅިވަރު ކުޅޭ ފަރާތްތަކަށް އަޅުގަނޑު މި އުފާވެރިކަން، މި ޔަޤީންކަމާއެކީގައި މިދެނީ، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ޢަމަލީގޮތުން އެކަންކަން ތިޔަބޭފުޅުންނަށް ފެނިގެންދާނެތީވެ.
ހަމަ އެގޮތަށް، ތަޢުލީމީ ދާއިރާއަށްވެސް ވަރަށް އިސްކަމެއް އަޅުގަނޑުމެން ދެން. މި ރަށުގައި ޔުނިވަރސިޓީގެ ކެމްޕަސްއެއް. ދެ ޔުނިވަރސިޓީ ހުންނައިރުގައި، އޭގެތެރެއިން ކޮންމެވެސް އެއް ޔުނިވަރސިޓީ ކެމްޕަސް ޤާއިމުކުރުމަށް. ކެމްޕަހެއް ޤާއިމުކޮށްދިނުމަކީ އަޅުގަނޑު ވަޢުދުވީ ކަމެއް. އެގޮތުން މިހާރު، އިސްލާމިކް ޔުނިވަރސިޓީން ކެމްޕަސް ޤާއިމުކުރުމުގެ އިދާރީ މަސައްކަތް އެވަނީ ފެށިފައި. ބިން ހަމަޖެހި، ދެން އޮތް މަރުޙަލާއަށް ދާނީ. އެހެންވީމާ، އެ މަސައްކަތްތައްވެސް ހިނގަމުންދާނެ.
މި ރަށަކީ ތަޢުލީމީ ރަށެއް. ތަޢުލީމީ ބަޔަކު، ވަރަށް ގިނަ ބޭފުޅުން އުފެދިފައިވާ ރަށެއް. މިހާރުވެސް މަތީ ތަޢުލީމުގެ ދެ ޔުނިވަރސިޓީގައި، އެންމެ އިސް ލެވެލްގައިވެސް މަސައްކަތް ކުރައްވަނީ މި ރަށުގެ ބޭފުޅުން. އެހެންވީމާ، ތަޢުލީމީ ގޮތުން އަޅުގަނޑުމެން މި ރަށުގައި މި ދެންނެވި ގޮތަށް، މަތީ ތަޢުލީމީ ކެމްޕަސް ޤާއިމުކުރުމަކީ ކަނޑައެޅިފައި އޮތް ކަމެއް. އެކަންވެސް ހަމަ އެގޮތަށް ހިނގަމުންދާނެ ކަމެއް.
ދެން، އަޅުގަނޑު ފާހަގަކޮށްލަން، ސްކޫލްގެ މަސައްކަތް، ތިޔަ ލަސްވެފައި އޮތް މަޝްރޫޢު. ފަސް އަހަރުވީ ވާހަކަ ތިޔަ ވިދާޅުވީ އެ މަސައްކަތަށް. މިހާރު އެ މަޝްރޫޢުގެ 70 ކޮންމެވެސް ޕަސެންޓެއް، 75 ވަރަކަށް ޕަސެންޓް ނިމިފައި އޮތީ. އެހެންނަމަވެސް، ނުނިމޭ ވަރަށްގިނަ މަސައްކަތްތައް ހަމަ ލަސްލަހުން އެ ހިނގަނީ. ދެން، ބައެއްމީހުން ސުވާލުކޮށްފާނެ، ފައިސާ ނުދޭތީއޭ. ނޫން، ކުންފުންޏަށް ދޭންހުރި ފައިސާވެސް، ހުރިހާ ފައިސާއެއް ހަމަޖެހިފައި، ދީ ނިމިފައި ހުރި މަޝްރޫޢެއް. އެހެންވީމާ، ހަމަ ލަހީ މަސައްކަތް ކުރާލެއް. އެހެންވީމާ، ދެން އަޅުގަނޑުމެން އިތުރު ފުރުޞަތުތަކެއް ނުދީ، އެންމެފަހު ފުރުޞަތު ކުންފުންޏަށް ދީފައި، ނުކޮށްފިއްޔާ ދެން އޮންނާނެ ގޮތަކީ މަސައްކަތް ވަކިކުރުން. ވަކިކޮށްގެން، ކޮންމެވެސް އެހެން އުޞޫލަކުން، ހަމަޖެހޭ ގަވާއިދުގެ ތެރެއިން އޮންނަ ގޮތަކަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވީހާވެސް އަވަހަކަށް މަސައްކަތް ނިންމާނަން. އެހެންވީމާ، އެކަމަށްވެސް އަޅުގަނޑުމެން ވަރަށް އެބަ މަސައްކަތްތަކެއް ކުރަން.
އާދެ، އެންމެ ބޮޑު ކަމަކަށް މިއޮތީ ހަމަ މި ރަށުގައިވެސް، މުޅި ރާއްޖޭގައިވެސް އެންމެ ބޮޑުކަމަކީ، ގެދޮރުގެ މައްސަލަ ޙައްލުކުރުން. މީގައި އެބައޮތް ދެތިންކަމެއް. އަޅުގަނޑު ވަޢުދުވީ، އެކަށީގެންވާވަރުގެ، ފުދޭވަރެއްގެ ބޮޑު މަޝްރޫޢެއް ހިންގައިދޭނެ ވާހަކަ. ނޫނީވިއްޔާ، ގެދޮރުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ގެނެސްދޭނެ ކަމަށް. ދެން، އެއްވެސް ރަށެއްގައި އަޅުގަނޑުމެންނަށް އެއްފަހަރާ، އެ ރަށެއްގެ ރިކްއަރމަންޓާ އެއްވަރަކަށެއް ހައުސިންގ މަޝްރޫޢެއް ނުހިންގޭނެ، އެއް އަހަރަކުންނެއް. އެހެންވީމާ، މި އަހަރަށް އަޅުގަނޑުމެން، ނިއު ޕޮލިސީ އިނީޝިއޭޓިވް، ނޫނީވިއްޔާ އަލަށް ފަށާ މަޝްރޫޢުތަކުގައި ހިމެނީ 50 ހައުސިންގ ޔުނިޓު. އެއީ، ކުރިން ފަށާފައި ހުރި މަޝްރޫޢުގެ އިތުރަށް، އެއީ 40 ޔުނިޓު. އިތުރަށް 50 ޔުނިޓު.
ދެން، މި އަންނަ އަހަރަށްވެސް އަޅުގަނޑުމެން އިތުރު މަޝްރޫޢުތަކަށް އަނެއްކާވެސް ބަޖެޓުގައި އެއް ބިލިއަން ރުފިޔާ، އެއްހާސް މިލިއަން ރުފިޔާ އެބަޖަހަން، އިތުރު ހައުސިންގ މަޝްރޫޢުތައް ހިންގަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކި އަހަރުތަކަށް ބަހާލައިގެން، މި ރަށަށްވެސް ބޭނުންވާވަރަށް އަޅުގަނޑުމެން ހައުސިންގ ޔުނިޓު ގާއިމުކުރުން، އަޅުގަނޑުގެ ސިޔާސަތަކީ. އެހެންވީމާ، އެއްފަހަރުން މި ރަށަށް ހަމައެކަނި 50 ކަނޑައަޅާފައި ނިންމާލީކީ ނޫން. އަޅުގަނޑު ވަޢުދުވީގޮތަށް ސަމާލުކަންދީގެން އެކަންވެސް ކުރިޔަށް ގެންދާނަމޭ.
ދެން، އޭގެއިތުރަށް، މުޅި ރާއްޖެއަށް ހުޅުވާލެވިފައި މިއޮތް ލޯން ސްކީމް. ފަސް ޕަސެންޓް އިންޓްރެސްޓް ލޯން ސްކީމްގެ ތެރެއިންވެސް، މި ރަށުގެ ރައްޔިތުންވެސް އަޅުގަނޑަށް ޔަޤީން، އެޕްލައި ކޮށްފައިވާނެ. އެހެންވީމާ، އޭގައިވެސް އަޅުގަނޑުމެން މި ރަށަށްވެސް ހަމަ ނިސްބަތުން، މި އަހަރު މި ހުޅުވާލި ފުރުޞަތުގައި ދެވެންއޮތްވަރަށް ހަމަޖެހޭނެ. އަދި މި އަންނަ އަހަރު އަނެއްކާ އާ ބުރެއް ހުޅުވާލާނެ. ކޮންމެ އަހަރަކު އާ ބުރެއް ހުޅުވާލާނެ. އެހެންވީމާ، އޭގެތެރެއިންވެސް އިރާދަކުރެއްވިއްޔާ، އެ މީހެއްގެ ގޯތީގައި ގެ އެޅުމުގައި އަދި ކުރިން މި ދެންނެވި 50 ޔުނިޓުގެ މަޝްރޫޢުގެ ތެރެއިންވެސް، އެ މީހެއްގެ ގޯތީގައި ގެ އެޅުމުގެ ފުރުޞަތު ލިބޭނެ. އެހެންވީމާ، މި މަރުޙަލާތައް އެބަ ކުރިޔަށްދޭ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ހައުސިންގ، ގެދޮރުގެ މައްސަލައަށްވެސް ވަރަށް ސަމާލުކަންދީގެން، ޙައްލުތަކެއް ގެނައުމަށް އަޅުގަނޑު މަސައްކަތް ކުރާނަން. ދެން، މި މައްސަލައަކީ، ހަމަ ކޮންމެ ރަށެއްގައިވެސް އޮތް މައްސަލައެއް، އެ ރަށެއްގެ ނިސްބަތުން.
އެހެންވީމާ، އަޅުގަނޑު ދެންމެ މި ދަންނަވާލި ކަންތައް، ހުރިހާ ރައްޔިތުންނަށްވެސް ޝާމިލްވާ ކަމެއް މިއީ. 58 ރަށެއްގައި ހައުސިންގ ޔުނިޓު ޤާއިމުކުރުމަށް މިހާރު އިޢުލާނުކުރެވި، ޕްރޮޕޯޒަލްތައް ލިބިފައިވަނީ. 58 ރަށެއްގައި. އަޅުގަނޑު ވަޢުދުވީ 58 ރަށެއް އޮންނާނެ. އޭގެތެރެއިން، މި ރަށްވެސް މި ހިމެނެނީ. އެ އިވެލުއޭޝަން ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ހައުސިންގ މިނިސްޓްރީން އެ ކުރިޔަށް ގެންދަނީ. ދެން ނިމުނީމާ ހަވާލުކުރެވޭނެ. ހަވާލުކުރެވިގެން، ޢަމަލީ މަސައްކަތް ފެށޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ކުރިޔަށްގެންދާނަން.
އާދެ، މި އަތޮޅުގައި އާރު.ޓީ.އެލް.ގެ ޚިދުމަތް ޤާއިމުކުރެވިފައި ވަނީ މިހާރު. އަދި ދެންހުރި އަތޮޅުތަކުގައިވެސް ޤާއިމުކުރުމުގެ މަސައްކަތް، އަޅުގަނޑު ވަޢުދުވީގޮތަށް އެބަ ކުރިޔަށްދޭ. ދެން، މި އަތޮޅުގެ ވަރަށް ގިނަ ރައްޔިތުން ދާންޖެހޭ، ޑޮކްޓަރަށް ދެއްކުމުގެ ކަންތަކުގައި ރ. އަތޮޅަށް، އުނގޫފާރަށް. އަޅުގަނޑުމެން މަސައްކަތް މިކުރަނީ، މި ރަށުން އުނގޫފާރަށް ޑައިރެކްޓްކޮށް، އާރު.ޓީ.އެލް.ގެ ފެރީއެއް ބޭއްވޭނެގޮތެއް ހަމަޖެއްސޭތޯ. އެއީ، ވަރަށްގިނަފަހަރު ރިފަރކުރާތީވެ. އުނގޫފާރުގައި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ކަނޑައެޅި އަދި މަސައްކަތްތައް ފެށިފައި އެވަނީ، ޓާރޝަރީ ހޮސްޕިޓަލެއް ހަދަން. އެހެންވީމާ، މުޅި ޒޯނަށް، މުޅި ސަރަޙައްދަށް އަންނަ ޓާރޝަރީ ހޮސްޕިޓަލް އެއީ. އެހެންވީމާ، އެކަމަށް އެބަ ބޭނުންވޭ ޑައިރެކްޓް ފެރީ ލިންކެއް. މިއީ މަސައްކަތްތަކެއް ކުރެވިގެން ހަމަޖެހޭނެ ކަމެއް، ދެމެހެއްޓެނިވި ގޮތެއްގައި.
ދެން، އަޅުގަނޑު އެކަމުގައި ދަންނަވާލަން ބޭނުންވަނީ، މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި، ދެމެހެއްޓެނިވި ގޮތެއްގައި، ޑައިރެކްޓް ފެރީ ލިންކެއް މި ރަށުން އުނގޫފާރަށް، އުނގޫފާރުން މި ރަށަށް ދުއްވޭގޮތަށް، ފްރިކްއެންޓްކޮށް ހަމަ ދުއްވޭގޮތަށް، އާރު.ޓީ.އެލް. ޤާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިޔަށް ގެންދާނަމޭ. އިރާދަކުރެއްވިއްޔާ ނޮވެންބަރު މަހުގެ ތެރޭގައި އެކަން ފެށިގެންދާނެ.
އާދެ، އަޅުގަނޑަށް ހަމަ ވަރަށް ގިނަ ވާހަކަތައް އެއްކޮށްލާފައި ދެންނެވިއްޖެ. ނަރުދަމާ ނިޒާމުގެ ވާހަކައާއި، މަގު ހެދުމާއި، ކުޅިވަރުގެ ނިޒާމާއި، ޞިއްޙީ ނިޒާމާއި، ތަޢުލީމީ ނިޒާމާ، މިހެން ޖުމްލަކޮށް ހުރި ވަރަށްގިނަ ކަންތައްތައް. އިރާދަކުރެއްވިއްޔާ. މި ހުރިހާ މަސައްކަތްތަކެއްވެސް އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން، ތިޔަބޭފުޅުންގެ އުންމީދުތަކުގައި ކުލަޖައްސައިދީ، އަޅުގަނޑުގެ ވަޢުދުތައް ފުއްދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.
އަޅުގަނޑުމެން ހަމަ ޕްލޭންކޮށްފައި އޮތްގޮތަށް މިގެންދަނީ، މި އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް، އަދި، މި އަންނަ އަހަރު ދެންހުރި ގިނަ މަސައްކަތްތައް، ދެ އަހަރަށް ބަހާލައިގެން، ރައްޔިތުންނަށް އަޅުގަނޑު ވެފައިހުރި ހުރިހާ ވަޢުދެއްގެ މަސައްކަތް ފަށާނަން. ފަށާ، އިރާދަކުރެއްވިއްޔާ ނިމެމުންދާނެ. އެއަކު އެއްވެސް ޝައްކެއްއޮތް ކަމެއް ނޫން، އިރާދަކުރެއްވިއްޔާ. އަޅުގަނޑު ރައްޔިތުންނަށްވީ ހުރިހާ ވަޢުދެއްގެ މަސައްކަތް ދެ އަހަރު ތެރޭގައި ފަށާނަން. މި އަހަރު އެއްބައި، މި އަންނަ އަހަރަށް އަނެއްބައި. އެހެންވީމާ، އެގޮތަށް ހުރިހާ ކަމެއް ދާނީ.
ދެން، މިކަން މި ކުރަނީ، ފައިސާ ޗާޕުނުކޮށް، ބޭރަށް ދައްކަންޖެހޭ ދަރަނިތައް ދައްކާ، ހުރިހާ ކަމެއްވެސް ކުރަމުން. ދެން، އެބަހުރި ރައްޔިތުންގެ އެކި ކުންފުނިތައް، އަމިއްލަ ކުންފުނިތަކުން ކޮށްފައި ހުރި މަސައްކަތްތަކަށް ފައިސާދިނުންވެސް. އެވެސް އެކިމަހު، އެކި ހަފްތާގައި، އެކިވަރަށް ދޫކުރަމުން މިދަނީ. އެހެންވީމާ، ހުރިހާ ކަމެއް އެއްކޮށް މެނޭޖް ކުރެވިގެން، އިރާދަކުރެއްވިއްޔާ ދުވަސްކޮޅެއްގެ ތެރޭގައި، މިހާރަށްވުރެ ރަނގަޅަށް ފައިސާ ދޫކުރެވޭނެ. އެ ހުރިހާ ކަމެއް އެބަ ގެންދެވޭ.
އެހެންވީމާ، އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވާލަން. ތިޔަބޭފުޅުން ވަޑައިގެން ތިއްބެވިކަމަށްޓަކައި. އަދި، ތިޔަ ދެއްވާ ތަރުޙީބަށްޓަކައި. އިރާދަކުރެއްވިއްޔާ މަނަދޫގެ ރައްޔިތުންގެ މިހުރި ހުރިހާ ކަމެއްގައި، ކުލަޖައްސައިދީ، އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަކީ، އަޅުގަނޑުމެން ކުރާނެ ކަމެއް. ކުރިޔަށް އޮތް ތަނުގައި، ޢަމަލީގޮތުން ދެންމެ މި ދެންނެވި ހުރިހާ ކަމެއް ފެނިގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން، އިރާދަކުރެއްވީތީ އަނެއްކާވެސް ދެން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންނަށް އުފާފާގަތިކަން މިންވަރުކުރެއްވުން. އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.