بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ހެނބަދޫގެ އެންމެހައި ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ އިސް ރަށްވެހިން، މުއައްސަސާތަކުގެ ވެރިން، ސްކޫލް ދަރިވަރުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަޅުގަނޑާ އެކީގައި ދަތުރުކުރަމުންދާ ވަފްދުގެ ހުރިހާ ޢިއްޒަތްތެރިން، އަދި މި ޙަފްލާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
ވަރަށްވެސް ބޯކޮށް ވާރޭވެހެނިކޮށް މި ރަށަށް އާދެވުނީ. އެހެންނަމަވެސް، ތިޔަބޭފުޅުން ވާރެޔާ ތެމިފޯވެގެން ނުކުމެވަޑައިގެން، ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވި. އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މި ރަށުގެ ރައްޔިތުންނަށް އަޅުގަނޑު ވާނެ، ރިޔާސީ އިންތިޚާބުގައި ބައެއް ކަންކަމުގައި ވަޢުދުތަކެއްވެފައި. އެކަންކަން ފުރިހަމަކޮށްދިނުމަކީ، އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމެއް. މި ރަށަށް އައިސް ތިޔަބޭފުޅުންނާ މި ބައްދަލުކުރާ ބޭނުމަކީވެސް އެކަމުގައި ތިޔަބޭފުޅުންނަށް ބައެއް ކަންކަން ދަންނަވާލުމަށް. އާންމު އުޞޫލުން ކޮންމެ ރަށެއްގައިވެސް ރަށުގެ މުއައްސަސާތަކާ އަޅުގަނޑު ބައްދަލުކުރަން. އެގޮތުން، މި ރަށުގެވެސް ކައުންސިލާއި މުއައްސަސާތަކާ ވާހަކަތައް ދެކެވުނު.
އެންމެ މުހިންމު ކަމަކީ، އޭރުގައިވެސް އަޅުގަނޑު ވަޢުދުވީ ގޮތަށް، ރަށުގެ ފަޅުތެރެއިން މިހާރު ޖާގަ އޮތްވަރުން އެންމެ ބޮޑަށް ހިއްކެންއޮތްވަރަކަށް ބިން ހިއްކައިދިނުމުގެ ވަޢުދު. އާދެ، މިހާރު މިކަން ކުރަން އަޅުގަނޑު ގަސްދުކޮށްފައި އޮތްގޮތަކީ، ދެން، އެންމެ އަވަހަށް އަޅުގަނޑުމެން ކޮންޓްރެކްޓް ކުރަން ހުޅުވާލާ މަޝްރޫޢުތަކުގެ ތެރޭގައި، މި ރަށުގެ ބިންހިއްކުންވެސް ހިމަނައިގެން ގެންދިޔުން.
އަޅުގަނޑުމެން މި އަހަރު މަޝްރޫޢުތައް މިގެންދަނީ، އެކިއެކި ބައިބަޔަށް ބަހާލައިގެން. މިހާރު 6 ވަނަ ބެޗްގެ މަޝްރޫޢުތަކުގައި ސޮއިކުރެވެމުން އެދަނީ. މި ދަތުރުތަކުގައި ފެށިގެން މިދަނީ، އޭގެތެރެއިން ބައެއް މަޝްރޫޢުތައް. ދެން 7 ވަނަ ބެޗެއްގެ ގޮތުގައި މިއޮތީ، ދެންހުރި ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، މި އަހަރު ފަށަންހުރި މަޝްރޫޢުތައް. މި އަންނަ އަހަރަށްވެސް ބައެއް ރަށްރަށުގެ މަޝްރޫޢުތައް ހުންނާނެ ބަހައްޓާފައި. ދެ އަހަރަކަށް. އަޅުގަނޑު ވަރަށް ގިނަ ރަށްރަށުގައި އެ ވާހަކަ ދައްކާފައި ވާނެ. 2025، 2026 މި ދެ އަހަރަކީ، ޢުމްރާނީ ތަރައްޤީގެ ހުރިހާ ވަޢުދެއްގެ ޢަމަލީ މަސައްކަތް ބަހާލައިގެން ފަށާ ދެ އަހަރުގެ ގޮތުގައި.
އެހެންވީމާ، މި އަހަރަށް ކުރިއަށް ގެންދަން ދެން ކަނޑައަޅާފައި އޮތް ބެޗުގެ ތެރޭގައި، މި ރަށުގެ ބިންހިއްކުން ހިމެނުން އަޅުގަނޑު ވާނީ ހިމަނާފައި. އެހެންވީމާ، އަޅުގަނޑުމެން މި ރަށުގެ ކައުންސިލާވެސް ގުޅިގެން އަޅުގަނޑުމެން އެބަޖެހޭ ބައެއް ކަންކަން ފައިނަލްކޮށްލަން. އެއީ، ކަނޑާ ވަރަށް ބޮޑަށް ކައިރިވާނެ، ބިންހިއްކައި ނިމޭއިރު ތޮށިލާންޖެހޭ ސަރަޙައްދު. އެހެންވީމާ، ޑީޓެއިލްޑް ޑިޒައިނެއް ހެދެންޖެހޭ، އިންޖިނިއަރިންގ ގޮތުން ބަލާއިރު. އެހެންވީމާ، މަޝްވަރާތަކެއް ކުރެވި، ފައިނަލް ޑިޒައިން ނިމުނީމާ، އަޅުގަނޑުމެން ބަޔަކާ ހަވާލުކުރާނަން. އަމާޒަކީ، ސެޕްޓެންބަރު މަހާ ހިސާބަށްދާއިރަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކޮންޓްރެކްޓްގައި ސޮއިކުރެވޭ ބަޔަކު ހަމަޖެހިގެންދިޔުން.
ދެން، އޭގެ ދެ މަހެއްހާދުވަސް ތެރޭގައި، މާނައަކީ، ނޮވެންބަރު ހިސާބުގައި އަޅުގަނޑުމެންގެ އަމާޒު، ޕްލޭން އޮތްގޮތް މި ދަންނަވަނީ. އިރާދަކުރެއްވިއްޔާ، ނޮވެންބަރު ހިސާބުގައި އަޅުގަނޑުމެން މި ދެންނެވިހެން 7 ވަނަ ބެޗްގައި ހިމެނޭ މަޝްރޫޢުތައް ފަށަނީ. ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ، އަދި އަޅުގަނޑުގެ އަމާޒަކީ، ގާތްގަނޑަކަށް ނޮވެންބަރު ހިސާބުގައި މި ރަށުގެ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ކޮށްދޭން މަސައްކަތް ކުރާނަން.
އެހެންވީމާ، މިނިސްޓްރީއާއި ކައުންސިލާ ގުޅިގެން މަސައްކަތްތަކެއް ހިނގާނެ. މި ދެންނެވިހެން ފައިނަލް ކުރަންޖެހޭ ބައެއް ކަންކަން ނިންމާލަން. ދެން ގާތްގަނޑަކަށް ހައެއްކަ ހެކްޓަރު އެންމެ ގިނަވެގެންވެސް ހިއްކެން މިއޮތީ. އެހެންވިޔަސް، ރަށަށް ވަރަށް މުހިންމު ޖާގައެއް އެ އިތުރުވަނީ. ވަރަށް މުހިންމު ޖާގައެއް. އޭގެތެރެއިން ގޯތި، ނޫނީވިއްޔާ ހައިސިންގއަށް ބޭނުންކުރެވޭނެ ޖާގަވެސް، ލިބެންއޮތް އެންމެ ބޮޑުމިނަކަށް އިތުރުވާނެ. ލޭންޑްޔޫސް ޕްލޭން، ތިޔަބޭފުޅުން ނިންމަވާއިރުގައި އޮންނަވަރަކަށް ޖާގަ ހަމަޖެހޭނެ. ކުޅިވަރު ކުޅުމާ، މިފަދަ ކަންކަމަށްވެސް، އެ ޖާގައިން ދެން ތިޔަބޭފުޅުން ކަނޑައަޅުއްވާގޮތަކަށް ބޭނުންހިފޭނެ.
މިގޮތުން ބަލާއިރުގައި، އަޅުގަނޑު ވީ އެއް ވަޢުދު، ފުޓްބޯޅަ ދަނޑު، ނޫނީ ބޯޅަދަނޑު ތަރައްޤީކުރުމަކީ. ދެން މިހާރު އޮތް ޖާގައިން، ފުލް ސައިޒް ޕިޗެއް ހަމަޖައްސަން ދަތިތަކެއް ހުރީމާ، ރީއޮރިއެންޓް ކުރާއިރުގައި، އެބަ ދިމާވޭ ޖާގައިގެ މައްސަލަ. ހިމާޔަތްކުރަންޖެހޭ، ނޫނީ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން، ކަންތައްތައް ހަމަޖެހެންޖެހޭ.
މިހާރު މި 7 ވަނަ ބެޗްގެ ތެރޭގައި ކުރިއަށް ގެންދަން ކަނޑައަޅާފައި އޮންނާނެ، މި ދެންނެވި ބޯޅަދަނޑުގެ މަސައްކަތްވެސް. އެހެންވީމާ، ބިން ހިއްކުމާއި ތޮށިލުމާ ގުޅިގެންދާގޮތަށް، އެ ސަރަޙައްދު ޙިމާޔަތްވާގޮތަށް، އޮރިއެންޓޭޝަން ބަދަލުވެ، ބޮޑުސައިޒްގެ ފުލް ސައިޒް ދަނޑެއް އެޅޭގޮތަށް ކުރިއަށްގެންދަން އަޅުގަނޑު ގަސްދުކުރަނީ. އެހެންވީމާ، ބަލަމާހިނގާ ދޮގެއްތޯ، މި ދެންނެވި ގޮތަށް އިރާދަކުރެއްވިއްޔާ ގެންދެވޭނެ ކަމަށް. އަޅުގަނޑުގެ ވަރަށްބޮޑު ޔަޤީންކަން މިކަމުގައި އޮތީމާ، މި ވާހަކަ ދަންނަވާލަން މިއައީވެސް. މި ދެންނެވި ގޮތަށް، ސެޕްޓެންބަރު ހިސާބުގައި އިރާދަކުރެއްވިއްޔާ ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކުރެވޭއިރުގައި، މި ދެންނެވި ދަނޑުގެ މަޝްރޫޢާއެކީގައި ކުރިއަށްދާނީ. އެހެންވީމާ، މި އަހަރުގެ ތެރޭގައި ނޮވެންބަރު ހިސާބުގައި އިރާދަކުރެއްވިއްޔާ މަސައްކަތްތައް ފެށިގެންދާއިރުގައި، މި ދެ ކަންތައްވެސް ގެންދިޔުމަކީ، އަޅުގަނޑުގެ އުންމީދަކީ. އެގޮތަށް މަސައްކަތް ކޮށްދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.
އަޅުގަނޑު ވީ ވަޢުދެއް، މިސްކިތެއް އަޅައިދިނުން. އިރާދަކުރެއްވީތީ މިއަދު ޢަމަލީގޮތުން މި ބިންގާ އެޅުނީ. ދެން އިރާދަކުރެއްވިއްޔާ ދެން އޮތް މަރުޙަލާތަކުގެ ޢަމަލީ މަސައްކަތްތަކަށް ދާނީ. އިރާދަކުރެއްވިއްޔާ މެދުނުކެނޑި ހަމަ މަސައްކަތްތައް ދާނެ.
ހަމައެޔާއެކީގައި، ކުނި މެނޭޖްކުރުމަށް މަސައްކަތްތައް ކުރާނެ ކަމަށްވެސް ވަޢުދުވެފައި ވާނެ. އެ މަސައްކަތްވެސް ވާނީ އަޅުގަނޑުމެން މިހާރު ފެނަކައާ ހަވާލުކޮށްފައި. ދެންހުރި ކަންކަމަށް ބަލާއިރުގައިވެސް، މޫދަށްއެރޭ ސަރަޙައްދު ހެދުމާއި، މިކަންކަމަކީވެސް، ބިންހިއްކުމުގެ މަޝްރޫޢާ ގުޅިގެން، ޑިޒައިންވެގެން ދާންޖެހޭނެ ކަންތައްތައް. މިހިރީ ވަރަށް ބޮޑަށް ގުޅިފައި. އެހެންވީމާ، ތިޔަބޭފުޅުންނަށް އަޅުގަނޑު ވީ ވަރަށްގިނަ ވަޢުދުތައް މިހިރީ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ކަންކަން ފަހިވާގޮތަށް. އެހެންވީމާ، އެއީ މައިގަނޑު ގޮތެއްގައި ވީ ބައެއް ވަޢުދުތައް.
ދެން ޞިއްޙީ ދާއިރާއަށް އަޅުގަނޑު ވަޢުދުވިން، ޞިއްޙީ މަރުކަޒަށް ގެންނަންޖެހޭ އެކިކަހަލަ ތަރައްޤީތައް ގެނެސްދީ، ޚިދުމަތްދޭ ގަޑި އިތުރުކޮށްދޭނެ ކަމަށް. މިހާރު ގްރޭޑް 1ގެ ލެވެލްގެ މަރުކަޒެއް ކަމުގައިވިޔަސް، ޢިމާރާތުގެ ގޮތުންނާއި، ވަސީލަތުގެ ގޮތުން، އިތުރުކުރަންޖެހޭ. އަޅުގަނޑު ވަޢުދުވީގޮތް އެއީ. އަދި މުވައްޒަފުންވެސް އިތުރުކުރަންޖެހޭނެ. އެ މަސައްކަތްތައް އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި މިވަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މަދުވެގެން 16 ގަޑިއިރަށް ޚިދުމަތް ދެވޭވަރަށް ކުރަންޖެހޭ ހުރިހާ ކަމެއް، އަޅުގަނޑުމެން މި އަހަރުގެ ތެރޭގައި ކޮށްދޭނެ ކަމުގައި ދަންނަވަން.
ދެންހުރި ކަންކަމަށް ބަލާއިރުގައި، ކުޑަކުދިންގެ ޕާކެއް ހެދުމާއި، މިފަދަ ކަންތައްތައް މިހިރީ. އެހެންވީމާ، މައިގަނޑު ގޮތެއްގައި މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ގިނަ ކަންކަމަކީ، އަޅުގަނޑު މި ދަންނަވާލި ގޮތަށް، ބިންހިއްކުމުގެ މަޝްރޫޢާ ގުޅިފައި ހުރި ކަންކަން. އިރާދަކުރެއްވިއްޔާ އެގޮތަށް އަޅުގަނޑުމެން ކުރިއަށްގެންދާނަން. ބޯޅަދަނޑުވެސް، މޫދަށްއެރޭ ސަރަޙައްދުވެސް، މި ހުރިހާ ކަމެއް މިހިރީ ގުޅިފައި.
އެހެންވީމާ، ކަމާބެހޭ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާ އެކީގައި، އަޅުގަނޑު މިއައީ ތިޔަބޭފުޅުންގެ ގާތަށް. ތިޔަބޭފުޅުންނަށް އަޅުގަނޑު ކުރިން ދެންނެވި ގޮތަށް، މުއައްސަސާތަކަކާ އެކީގައި ބޭއްވި ބައްދަލުވުމުގައި، މި ހުރިހާ ކަމަކާ ގުޅޭގޮތުން ވާނީ ވާހަކަ ދެކެވިފައި. ހުރިހާ މަޝްރޫޢުތަކުގައި ހުރި އެކިކަހަލަ ކަންކަންވާނީ ޙިއްޞާކުރެވިފައި. އޭގެ ކުރު ޚުލާޞާއެއް ރައްޔިތުންނަށް އަޅުގަނޑު މި ޙިއްޞާކޮށްލީ.
އަޅުގަނޑު ބޭނުންވަނީ، މިގޮތަށް ރައްޔިތުންގެ ގާތުން މަސައްކަތް ކުރަން. ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި، ރައްޔިތުންގެ ގާތަށް އައިސް ޚިދުމަތްކުރަން. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ތިޔަބޭފުޅުން ބޭނުންވާގޮތަށް ފެނިގެންދާނެ.
އާދެ، އަދިވެސް އެއްފަހަރު، އަޅުގަނޑު ރައްޔިތުންނަށް، މި ރަށުގެ ރައްޔިތުންނަށް ދޭން އޮތް ޔަޤީންކަމަކީ، ދެންމެ މި ދެންނެވި ގޮތަށް، މި ރަށުގެ ރައްޔިތުންގެ މުހިންމު މަޝްރޫޢު، ބިން ހިއްކުމުގެ މަޝްރޫޢުގެ ކަންތައް، އަދި ދެންހުރި މަޝްރޫޢުތައްވެސް އިރާދަކުރެއްވިއްޔާ ގެންގޮސްދޭނެކަމުގެ ޔަޤީންކަން.
އަދިވެސް އެއްފަހަރު، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ވަރަށް އުންމީދުކުރަން އަނެއްކާވެސް މި ރަށަށް އަންނަން. އެކަމަކު އަޅުގަނޑު ބޭނުންވަނީ މިކަންކަން ނިންމާލާފައި އަންނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ އުންމީދާ އެކީގައި އަޅުގަނޑު ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.