بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މާފަރުގެ ލޮބުވެތި ރައްޔިތުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، ދުވަސްކޮޅަކަށްފަހު އަނެއްކާވެސް އަޅުގަނޑު ރަށްރަށަށް ދަތުރުތައް މި ފެށީ. ނުދެވި ބާކީހުރި ރަށްރަށަށާއި އަދި ކުރިންވެސް ދެވުނު މާފަރު ކަހަލަ ބައެއް ރަށްރަށަށް، ދެވަނަ ފަހަރަށްވެސް މި ދަތުރުތައް މި ކުރަނީ. ރައްޔިތުންނާ ގާތަށް އައިސް، ރައްޔިތުން ބޭނުންވާ ކަންކަމުގައި ވީހާވެސް އަވަހަކަށް ކަންތައްތައް ކުރެވޭނެގޮތް ހަމަޖެއްސުމަށްޓަކައި.

އާދެ، މި ރަށަށް އައުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އަޑިން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، ދެންމެ މި ތަނުގައި މި އިފްތިތާޙް ކުރެވުނު މަޝްރޫޢާ އެކީގައި، އަދި ރަށުގައި ހިނގަމުންދާ ގިނަ މަޝްރޫޢުތަކެއްވެސް އަދި ކުރިއަށްގެންދަން ހުރި މަޝްރޫޢުތަކެއްވެސް އެބަހުރި. އާދެ، އަޅުގަނޑު ހަމަ ޔަޤީންކަމާއެކު ދަންނަވާލަން ބޭނުންވަނީ، މާފަރުގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި، އިރާދަކުރެއްވިއްޔާ ސަރުކާރުން ވަރަށް އިސްކަމެއްދީގެން، ކުރަންހުރި މަސައްކަތްތައް ކުރާނެކަމުގެ ވާހަކަ.

އާދެ، އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ހަމަ ފާހަގަކޮށްލާނީ، ހެލްތު ދާއިރާ. ޞިއްޙީ ދާއިރާ. އާދެ، ޞިއްޙީ ދާއިރާގައި ރޭގައި ސޮއިކުރެވުނު މަޝްރޫޢުގައި، އިތުރު ކަންތައްތަކެއް ރަނގަޅުކުރަން ހުރިކަން އަޅުގަނޑަށް މިއަދު މަޢުލޫމާތު މި ލިބުނީ.

އާދެ، އެހެންވީމާ، އަޅުގަނޑު ދަންނަވާފައި ވާނެ މިހާރު، މި ހަފްތާ ނިމުމުގެ ކުރީގައި، އެ މަޝްރޫޢުގެ ރައްޔިތުން ބޭނުންވާ ސްކޯޕްގައި، ނޫނީވިއްޔާ އެ ބޭނުންވާގޮތަށް ބަދަލުކޮށް، މަދުވެގެން އަދި އިތުރު 15 އެނދު ހިމެނޭގޮތަށް ބަދަލުކޮށް، ރަނގަޅު ފެންވަރުގެ ޞިއްޙީ މަރުކަޒެއްގެ ގޮތުގައި އެގްރިމެންޓް ހަދައި، އަލުން ސޮއިކޮށްގެން އެ މަސައްކަތް ފަށަން.

އާދެ، މަޢުލޫމާތުގެ ކޮންމެވެސް ކަހަލަ ކުށެއް، އޭގައި އުޅޭތީހެން އަޅުގަނޑަށް ހީވަނީ އޭގައި އެގޮތަށް އެއޮތީ ރޭގައި ސޮއިކުރެވިފައި. އެކަން ރަނގަޅު ކުރުވާނަން، އަޅުގަނޑު މި ދެންނެވި ގޮތަށް، ބުރާސްފަތި ދުވަހާ ހަމައަށް ދާންވާއިރަށް. އަޅުގަނޑު މިހާރުވާނީ ކަމާބެހޭ ވަޒީރުންނަށް އެކަން ދަންނަވާފައި.

އާދެ، އެހެންވީމާ، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ފެންވަރުގައިވެސް، މި ތަނުގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮތުމާއި، އަދި ރަށުގެ ޕޮޓެންޝަލް މުސްތަޤްބަލުގައި ކުރިއެރުމުގައިވެސް ހުރުމާއެކީގައި، މި ދެންނެވި ފެންވަރުގައި ހުރިހާ ޚިދުމަތެއް، އެވަރުގެ ފެންވަރުގެ މަރުކަޒެއްގައި ހުންނަންވާގޮތަށް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ.

އާދެ، އެއާއެކީގައި، ތަޢުލީމީ ދާއިރާގައިވެސް މިހާރު މި ކުރެވޭ މަސައްކަތް، މިހާރު ނިމުމަކާ ހަމައަށް މިދާ މަޝްރޫޢުގެ ތެރޭގައި، މާގިނަ ބަދަލުތަކެއް ނުގެނެސް، ފިޒިކަލް ކޮންސްޓްރަކްޝަން މަސައްކަތުގެ ތެރެއިން، މާގިނަ އިތުރު ކަންތައްތަކެއް ނުކޮށް، ހަތަރު ކުލާސްރޫމް އިތުރުކުރެވެން ހުރުމާ އެކީގައި، އެ މަޝްރޫޢަށް އެ ހަތަރު ކުލާސްރޫމް އިތުރުކުރުމުގެ ކަންތައްވެސް ހަމަޖައްސައިދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދެން.

އެޑިޔުކޭޝަން މިނިސްޓަރުވެސް ވަޑައިގެން އެބަ އިންނެވި. އެހެންވީމާ، އަޅުގަނޑުމެން އެގޮތަށް އެ މަޝްރޫޢަށް ގެންނަންޖެހޭ ވޭރިއޭޝަން، އިތުރުކުރަންޖެހޭ ބައި، ހަމަ މި ދެންނެވި ގޮތަށް ގެންދާނަން.

އާދެ، ދެންހުރި ހުރިހާ ކަމަކަށް ބަލާއިރު، ކުޅިވަރުގެ ދާއިރާއަށް ބަލާއިރުގައި، ފުޓްސަލް ދަނޑެއްގެ މަސައްކަތް އޮތީ ނުކުރެވި. ދެން އޭގައިވެސް ކޮންމެވެސްވަރަކަށް ޕޭމަންޓް ޑިލޭތަކެއް އައިސްފައި އޮތް. ދެން އެކަންވެސް ހަމަޖެހިގެންދާނެ. ހަމަޖެހި، އިރާދަކުރެއްވިއްޔާ ޒުވާނުންނަށް، ކުޅިވަރު ކުޅޭ ފަރާތްތަކަށް، ފުޓްސަލް ދަނޑުގެ މަސައްކަތް، އަދި ދެންވެސް ހުރި ކުޅިވަރުގެ ވަސީލަތްތައް ކުރިއަށް ގެންދެވޭނެ.

އެހެންވީމާ، ޖުމްލަކޮށް، ކުޅިވަރުގެ ދާއިރާއަށްވެސް، މި ރަށަށް އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް، ފުޓްބޯޅަ ދަނޑަށް ގެންނަންވާ ތަރައްޤީއާ އެކީގައި ޖުމްލަކޮށް، ކުޅިވަރުގެ ދާއިރާއަށްވެސް އިރާދަކުރެއްވިއްޔާ ހަމަ ކަންތައްތައް ދާދި އަވަހަށް ހަމަޖެހިގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

އާދެ، ދެންއޮތީ އިންފްރާސްޓްރަކްޗަރގެ ބޮޑެތި މަސައްކަތްތައް. މަގުހެދުން ކަހަލަ ކަންތައްތައް. މަގުހެދުމަކީ އަޅުގަނޑު ވެފައި އޮތް ވަޢުދެއް. ޖުމްލަކޮށް ހަމަ ހުރިހާ ރަށެއްގައި. މި ރަށްވެސް ހިމެނޭގޮތަށް.

މިއަހަރުގެ ފަހުކޮޅަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތާވަލުކޮށްގެން މިއުޅެނީ މި މަސައްކަތް ފެށުމަށް. އެއީ، މުޅި ރާއްޖޭގައިވެސް މަގު ހެދުމުގެ މަޝްރޫޢު މި އަހަރު ފަހުކޮޅު އަދި ފެށިގެންގޮސް މިއަންނަ އަހަރު ތެރޭގައި ގިނަ ރަށްރަށުގެ މަގުހެދުމުގެ މަސައްކަތްތައް ކުރަން މިއޮތީ ކަނޑައެޅިފައި. އެހެންވީމާ، އެގޮތަށް ދެންހުރި ބޮޑެތި މަސައްކަތްތައް އިރާދަކުރެއްވިއްޔާ ކުރިޔަށްދާނެ.

އެއަރޕޯޓުގެ މަސައްކަތަށް ބަލާއިރުގައި، މިހާރު އެކަށީގެންވާ ފެންވަރުގެ ރަންވޭއަކާ އެކީގައި ހުޅުވިގެން ގޮސްފައިވޭ. އެހެންނަމަވެސް، އެ ފެންވަރުގެ ރަންވޭއެއްގެ އެއަރޕޯޓަކަށް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބޭނުންވާ ގިނަ އެހެން ކަންކަން އަދި އެބަހުރި. އެންމެ މުހިންމު ކަމަކީ، ޓަރމިނަލްގެ މަސައްކަތް. އެކަށީގެންވާ ފެންވަރުގެ ޓަރމިނަލެއްގެ މަސައްކަތް ކުރެވިގެންދިޔުން. އަދިވެސް އިތުރު ކަންކަން އެބަހުރި. ޙަޤީޤަތުގައި، މި ތަނުގައި، މި އަތޮޅުގައި ވަރަށް ގިނަ ރިޒޯޓުތައް، ވަރަށް ގިނަ އެނދުތައް ހުރުމާއި އަދި އިތުރުވުމުގެ މަރުޙަލާގައި އުޅުމާއެކީގައި، އެބައޮތް ވަރަށް ބޮޑު ޕޮޓެންޝަލްއެއް.

އެހެންވީމާ، މިތަނުގައި ހުންނަންޖެހޭ އެހެން ކަންތައްތައްވެސް އެބަހުރި. އެއަރޕޯޓުގައި، މިސާލަކަށް ހޮޓަލެއް. ޓޫރިސްޓުން އައިސް ފުރުމާ ދޭތެރޭގައި މަޑުކުރަން، ނޫނީވިއްޔާ މަޑުކޮށްލަން ވަގުތީގޮތުން ބޭނުންތަކަށް ހުންނަ ހޮޓަލެއް ހުރުމާ، މިކަހަލަ ކަންތައްތަކެއް އަޅުގަނޑުމެންގެ ޕްލޭންގައި އެބައޮތް. އެހެންވީމާ، ޖުމްލަކޮށް އެއަރޕޯޓުގެ ތަރައްޤީއަށް ވަރަށް ގިނަ ކަންކަން އަޅުގަނޑުމެން ޕްލޭންކުރަމުން މިދަނީ. މިހާރު އޮތް މަސައްކަތްތައް އެ ކުރި ފަރާތް، އެ ފަރާތާވެސް މިދަނީ ވާހަކަދައްކަމުން. އެ ބޭފުޅުންގެވެސް ޝައުޤުވެރިކަން ހުރި ކަމެއްގެ ވާހަކަ މި ދަންނަވަނީ. އެ ބޭފުޅުންވެސް ގެންދަވަނީ އެކަމުގައި ދިރާސާތައް ހައްދަވަމުން.

އެހެންވީމާ، ކޮންމެވެސް އެއްގޮތަކުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި ދެންނެވި ގޮތަށް، އެއަރޕޯޓަށް ގެންނަން ބޭނުންވާ، ވަށާޖެހިފައިވާ ފުރިހަމަ އެއަރޕޯޓަކަށް ހެދުމަށް، މި ދެންނެވި ކަންކަމަށް ރިޢާޔަތްކުރެވިގެން، ޓަރމިނަލްއާއި އަދި ދެންވެސް މިހިރަ ކަންކަން ކުރުމުގެ ވިސްނުމުގައޭ އަޅުގަނޑުމެން މި ކުރިޔަށްދަނީ. އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ މި އެއަރޕޯޓުގައި، މި ދެންނެވިހެން ޓަރމިނަލް ހިމެނޭހެން، ދެންހުރި ކަންކަން ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދިނުމުގެ ގޮތުން ދަންނަވާލަން.

އާދެ، އެހެންވީމާ، ޖުމްލަކޮށް، ރަށުގެ ތަރައްޤީއަށް ކުރަންހުރި ގިނަ ކަންކަން މިހުރީ މި ދެންނެވި ގޮތަށް ކުރަން ސަރުކާރުން ނިންމާފައި. ހުރިހާ ރައްޔިތުންނަށް އެންމެ މުހިންމު ކޮމަން އެއްކަމަކީ، ގެދޮރުގެ މައްސަލަ، ބޯހިޔާވަހިކަން. އެހެންވީމާ، އެއީވެސް އަޅުގަނޑުމެން ހަމަ މި ރަށަށްވެސް ވަރަށް އިސްކަންދޭ ކަމެއް. މި އަންނަ އަހަރަށް އަޅުގަނޑުމެން ޕްލޭން ކޮށްގެން މިއުޅެނީ، މި ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގަން ކަނޑައަޅައިގެން.

އެހެންވީމާ، އިރާދަކުރެއްވިއްޔާ 2026ގެ ތެރޭގައި، ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ތެރޭގައި، ބޯހިޔާވަހިކަމަށް، މި އަންނަ އަހަރަށްވެސް ކަނޑައަޅާނެ، އެއް ބިލިއަން ރުފިޔާ. އޭގެތެރޭގައި، ބޯހިޔާވަހިކަމުގެ އާ މަޝްރޫޢުތައް ފެށިގެންދާ ރަށެއްގެ ގޮތުގައި މި ރަށް އަޅުގަނޑުމެން ކަނޑައަޅާފައި އޮންނާނީ. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން ކުރިޔަށްގެންދާނަން.

އެހެންވީމާ، ޖުމްލަކޮށް ރަށުގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ދާއިރާއަކުން، އަޅުގަނޑުމެން ގެންދާނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުން. ރައްޔިތުން ބޭނުންވާގޮތަށް، ކަންކަން ފަހިކޮށްދެމުން. މިސާލަކަށް، އެންމެ ބޮޑަށް ދަތިވެފައިވާ މި ކަރަންޓުގެ މައްސަލަ. ވަރަށް އަވަހަށް ތަކެތި ގެނައުމުގެ މަރުޙަލާގައި މިހާރު މިއުޅެނީ. ކުރަންހުރި ކުދިކުދި ކަންކަން ހުރި. އެ ކަންކަންވެސް ވަރަށް އަވަހަށް ހަމަޖެހިގެން އެބަދޭ.

އެހެންވީމާ، ޖުމްލަކޮށް މިހެންހުރި ގިނަ ކަންކަމަށް އަޅުގަނޑުމެން ސަމާލުކަންދީގެން، ވަރަށް ރަނގަޅަށް އިރާދަކުރެއްވިއްޔާ ކުރިޔަށްގެންދާނެ ކަމުގެ ޔަޤީންކަން، މާފަރުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން. މި ރަށަށް މިއައި މައިގަނޑު ބޭނުމަކީވެސް ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންނަށް އެ ޔަޤީންކަން ދިނުމަށާއި، ކަންކަން ދާގޮތް ރައްޔިތުންނަށް ބަޔާންކޮށްދިނުމަށް.

މިއަދު މި ބައްދަލުވުމުގެ ކުރިން، އަޅުގަނޑު ޢާންމުކޮށް ކުރާގޮތަށް، އެ އުޞޫލުން މުއައްސަސާތަކާ ބައްދަލުކުރިން. އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ޙިއްޞާކުރެއްވި. އަދި އެކަންކަމަށް އަޅުގަނޑުމެން ވާނީ، އެންމެ މުހިންމުކަމަށް ފާހަގަކުރި ކަންކަން ކުރާނެގޮތާ ބެހޭގޮތުން ވާހަކަ ދެކެވިފައި. ދެން އަޅުގަނޑު ތިޔަބޭފުޅުންނާ މި ޙިއްޞާކޮށްލީ އެކަންކަން ކުރަން އަޅުގަނޑު ނިންމާފައިވާ ގޮތް.

އެހެންވީމާ، މި ދެންނެވި ގޮތަށް، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިޔަށް ގެންދާނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ.