بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربِّ العـالمـين، والصّـلاة والسّـلام علَى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلــه وأصحـابه أجمعـين.
އާދެ، ރާއްޖޭގެ މިއަހަރުގެ އުފާވެރި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އިސްވާޖިބަކީ، ތިޔަ ޢިއްޒަތްތެރި އުޚުތުންނާއި އަޚުންނަށް، ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން. ހަމައެއާއެކުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، މި ޖަލްސާ ހިނގަމުންދާ ގޮތް ބައްލަވައި ނުވަތަ އޭގެ އަޑުއައްސަވާ ހުރިހާ ބޭފުޅުންނަށްވެސް މި އުފާވެރި މުނާސަބަތުގައި މުބާރަކްބާދީއާއި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން. ވަކިން ޚާއްޞަކޮށް، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް ޢުމަރު ޒާހިރު މި ޖަލްސާގައި ވަޑައިގެން ނެތުމުން، އެކަމުގެ އުނިކަން އަޅުގަނޑުމެން އެންމެން އިޙްސާސް ކުރަމުންދާއިރު، އެ މަނިކުފާނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން. އަދި އެ މަނިކުފާނަށް މާތްﷲ އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރަން.
އާދެ، ދެންމެ މި ޖަލްސާގައި އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކެވި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ރަޝީދު ދެންމެ އެ ދެއްކެވި ވާހަކަފުޅުގައި، އޭނާ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި އޭނާއަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެހެންމެ، މަރުޙަބާ ވިދާޅުވުމުގެ ގޮތުން ވިދާޅުވި ބަސްފުޅުތަކަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، އަލްފާޟިލް އިބްރާހީމް ރަޝީދުގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، ޖުމްހޫރީ ދުވަހުގެ ޖަލްސާއަކީ، ކޮންމެ އަހަރަކުވެސް ސަރުކާރުން ދޭ ޢާންމު ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމާއި، ހިތްވަރު ދިނުމުގެ އިނާމު ދޭ ޖަލްސާ. އާދެ، މި އަހަރުގެ ޖަލްސާ ކުޑަތަންކޮޅެއް ލަސްވެފައިވިޔަސް، އެ ޖަލްސާގައި ކުރުމަށް ހަމަޖެހިފައިވާ ހުރިހާ ކަމެއްވެސް، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން މިވަނީ ހަމަޖައްސަވައި ދެއްވާފައި.
އާދެ، މި އަހަރު ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގަންނަވާ ފަސްބޭފުޅުންގެ ތެރެއިން ދެބޭފުޅަކު މިހާރުވަނީ އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައި. އާދެ، މާތްﷲގެ މިންވަރުފުޅު ނިޔާކުރާ ގޮތުގެމަތިން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައި. އެހެންވީމާ، އެ ދެބޭފުޅުންގެ ހަނދާނަށް މިރޭ މި އެރުވޭ ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގަތުމުގެ މުނާސަބަތުގައި، މާތްﷲ އެ ދެބޭފުޅުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އަޅުގަނޑު ދުޢާކުރަން.
މިރޭ، ޢާންމު ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމާއި، ހިތްވަރު ދިނުމުގެ އިނާމާއި، ރާއްޖެއަށް ރީތިނަން ހޯދައިދިނުމުގެ އިނާމާއި، ކުޑަކުދިންނަށް ޚާއްޞަ ފޮތް ލިޔުމުގެ އިނާމު ލިބިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އެއިން ކޮންމެ ބޭފުޅަކުވެސް ޤައުމަށް އެ ކުރައްވާފައިވަނީ، ވަރަށް މަތިވެރި ޚިދުމަތެއް. އެބޭފުޅެއްގެ ރޮނގުގައި ޢާންމު ޚިދުމަތުގެ ގޮތުން ކޮށްދެއްވާފައިވާ ކަންތައްތަކުގެ އަގު ސަރުކާރުން ވަޒަންކޮށް، އެބޭފުޅުންނަށް މި އިނާމު އެރުވުމަކީ، ސަރުކާރަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި އަޅުގަނޑު ދަންނަވަން.
އާދެ، މިރޭގެ މި ޖަލްސާއަކީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ކަމަށްވާތީ، މި ފުރުޞަތުގައި އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެބަހުރި. އެކަންކަމުގެ މައްޗަށް ކުޑަކޮށް އެއްޗެއް ދަންނަވާލުމަކީ، މިރޭ އަޅުގަނޑަށް ލިބޭ އުފަލެއް.
އާދެ، ރާއްޖޭގައި ޖުމްހޫރީ ނިޒާމު ޤާއިމުކޮށްފައި މިވަނީ، ޤައުމީ ތަރައްޤީގެ މަސައްކަތް ކުރުމަށް އާ ބާބެއް ހުޅުވުމަށްޓަކައި. ޤައުމީ ތަރައްޤީގެ މަސައްކަތަށް މަގުފަހިވާގޮތަށް ނިޒާމެއް ހަމަޖެއްސުމަށްޓަކައި. މި ނިޒާމު، ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް މިވޭތުވެދިޔަ 36 އަހަރު ދުވަހުގެ ތެރޭގައި ހޯދައިދީފައިވާ މަންފާތަކަކީ، ވަރަށްފާޅުކަން ބޮޑު ގޮތެއްގައި އަޅުގަނޑުމެންނަށް ފެންނަންހުރި މަންފާތަކެއް. އެހެންކަމުން، ރާއްޖެ މިއަދު މިއޮތީ ތަރައްޤީގެ އާ މަރުޙަލާއަކަށް ތައްޔާރުވެފައި.
އާދެ، ތިޔަބޭފުޅުން ޚަބަރުންވެސް އައްސަވާނެ ފަދައިން، ފާއިތުވި އަހަރުތަކުގެ ތެރޭގައި، ރާއްޖެ ހޯދާފައިވާ ކުރިއެރުމާއި ތަރައްޤީއާއި ކާމިޔާބީގެ ސަބަބުން، އ.ދ. މަޖިލީހުގައި ހިމެނޭ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ މިހާރުވަނީ އުނިކުރުމަށް އެ މަޖިލީހުން ފާސްކޮށްފައި. އާދެ، އިއްޔެނޫން އިހަށްދުވަހު އޮތް އ.ދ. މަޖިލީހުގެ ޢާންމު ޖަލްސާގައި މި ޤަރާރު ވަނީ ފާސްކޮށްފައި.
ޝައްކެއްނެތް، ދުނިޔޭގައި އޮތް ޤައުމުތަކުގެ ތެރެއިން އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވުން އެއީ، ރާއްޖެއަށް ލިބޭ ވަރަށްބޮޑު ފަޚުރެއް. ރާއްޖެއަށް ލިބޭ ވަރަށްބޮޑު ކާމިޔާބީއެއް. އެ ޝަރަފާއި ކާމިޔާބީ ރާއްޖެ މިއަދު ޙާޞިލްކޮށްފައި މިވަނީ، ދިވެހިންގެ ހިންމަތްތެރިކަމުން. ދިވެހިން ތަރައްޤީއަށް ދޭ އަހަންމިއްޔަތުގެ ބޮޑުކަމުން. އަދި ރާއްޖޭގައި މިއޮތް ދާޚިލީ ހަމަޖެހުމާއި، ރައްޔިތުންގެ އެއްބައިވަންތަކަން ބޮޑުކަމުން. އެހެންކަމުން، މި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަން.
އާދެ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ ވަކިވުމަކީ، ޝަރަފެއް ކަމަށްވިޔަސް، އެކަމާ ގުޅިގެން އަންނަ ގޮންޖެހުންތަކެއް އެބަހުރިކަންވެސް އަޅުގަނޑުމެން ގަބޫލުކުރަންވާނެ. އާދެ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް، އ.ދ. މަޖިލީހުގެ ނިޒާމުގެ ދަށުން ދުނިޔޭގައި ތަފާތު ޢިނާޔަތްތައް ލިބިދެމުންގެންދޭ. އޭގެތެރޭގައި، ހިލޭ އެހީއާއި، ލުއި ލޯނުގެ އެހީއާއި، މިކަހަލަ ވަރަށްގިނަ ޢިނާޔަތްތަކެއް ހިމެނިފައިވޭ. އާދެ، އެއް ޙާލަތަކުން އަނެއް ޙާލަތަކަށް ބަދަލުވުމަށްޓަކައި މި ޤަރާރުގައި އ.ދ. އިން ރާއްޖެއަށް ދީފައި އޮތް ތިން އަހަރުގެ ފަހުން އަޅުގަނޑުމެންގެ ރާއްޖެއިން މި ދެންނެވި ޢިނާޔަތްތަކުން ވަރަށްބޮޑު ބައެއް އުނިވެގެންދާނެ. އެކަމަށް އަޅުގަނޑުމެން ޖެހޭނެ ތައްޔާރުވާން. އެއީ، ވަރަށްބޮޑު ގޮންޖެހުމެއް. އަޅުގަނޑުމެން ހުރިހާ ރައްޔިތުންވެސް އެކަމަށް ސަމާލުވެ، އަޅުގަނޑުމެންގެ ރާއްޖެއަށް މީގެ ތިން އަހަރު ފަހުން ލިބިދާނެ އުނިކަމަކަށްޓަކައި އަޅުގަނޑުމެން އާ ޢަޒުމަކާއި، އާ ހިތްވަރަކާއެކީގައި ތަރައްޤީގެ މަސައްކަތްތައް ކުރަމުން ގެންދަންޖެހޭނެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ އިޤްތިޞާދީ ވަރަށްބޮޑެތި އަސަރުތަކެއް ހުރުމާއެކު، އެ އަސަރުތަކުން ސަލާމަތްވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުން، އަޅުގަނޑުމެން އަވަސްކުރަންޖެހޭނެ. މިގޮތުން، ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންނާއި އަދި ރާއްޖޭގައި އިޤްތިޞާދީ މަސައްކަތް ކުރައްވާ އަމިއްލަ ފަރާތްތަކުންނާއި، ދިވެހި ރައްޔިތުންނާ އެންމެން ގުޅިގެން، އ.ދ. މަޖިލީހުގެ ޤަރާރުގައި ބުނެފައިވާ ފަދަ، އަޅުގަނޑުމެން އެއް ޙާލަތަކުން އަނެއް ޙާލަތަކަށް ބަދަލުވުމަށްޓަކައި، އެ ބަދަލުވާ ބަދަލުވުމަކީ، ރާއްޖެއަށް އޭގެ ސަބަބުން އެއްވެސްކަހަލަ ދަތިކަމެއް، އުނދަގުލެއް ދިމާނުވާނެ ކަމެއްކަމަށް ހެދުމަށްޓަކައި ތައްޔާރުކުރަންޖެހޭ ނިޒާމެއް ވަރަށް އަވަހަށް އަޅުގަނޑުމެން ތައްޔާރުކުރަންޖެހޭނެ. އެހެންވީމާ، މިހާރުން ފެށިގެން އެފަދަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް، ދިވެހި ސަރުކާރުގެ ފަރާތުން ކުރަމުން ގެންދަންޖެހޭނެކަން އަޅުގަނޑު މި ފުރުޞަތުގައި ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން. އަދި މި މަސައްކަތުގައި، ރާއްޖޭގައި އިޤްތިޞާދީ މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަކުންނާއި، އެކިއެކި އަމިއްލަ ފަރާތްތަކުންނާއި، ޖަމްޢިއްޔާތަކުންނާއި، މުޅި ދިވެހި ރައްޔިތުންގެ އެއްބާރުލެއްވުންވެސް ބޭނުންވާ ކަމަށް އަޅުގަނޑު ދަންނަވާލަން.
އާދެ، އަޅުގަނޑުމެންގެ ރާއްޖެ މިހާރު ކުރިމަތިލާފައި މިވަނީ، ކުރިއަށް އޮތް މަރުޙަލާއަށް ބޭނުންވާ އިޞްލާޙީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތަށް. އިޞްލާޙީ ބަދަލުތަކުގެ ވާހަކަ ދައްކާއިރު، މިވޭތުވެދިޔަ ތާނގައިވެސް ރާއްޖެއަށް ވަރަށް ބޮޑެތި އިޞްލާޙީ ބަދަލުތަކެއް އައިސްފައިވާކަން އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެ. އާދެ، އިޞްލާޙީ ބަދަލުތަކެއްގެ ވާހަކަ ދައްކާއިރު، ބައެއް މީހުންނަށް ހީވެފައި އޮންނަނީ، މިއީ ކުއްލިއަކަށް ކުރަންޖެހިގެން އުޅޭ ކަންތައްތަކެކޭ. ކުއްލިއަކަށް ކުރަން ސަރުކާރުން ނިންމާ ކަންތައްތަކެކޭ. އެކަން އޮތީ އެހެނެއްނޫން. އަޅުގަނޑުމެންގެ މިވޭތުވެދިޔަ މިނިވަންކަމުގެ މުއްދަތަށް ބަލާއިރު، 1965 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކުރަމުން އައި މަސައްކަތްތަކަށް ބަލާއިރު، އަޅުގަނޑުމެންގެ ރާއްޖެވެސް މިވަނީ، ވަރަށް ބޮޑެތި އިޞްލާޙުތަކެއް ދެކެފައިކަން އަޅުގަނޑުމެންނަށް ގަބޫލުކުރަންޖެހޭ.
އިޞްލާޙަކީ މެދުކެނޑުމެއްނެތި އަބަދުވެސް އަންނަންޖެހޭނެ އެއްޗެއް. އަންނަމުންދާނެ އެއްޗެއް. އެހެންވީމާ، މިވޭތުވެދިޔަ ގިނަ އަހަރުތަކުގެ ތެރޭގައިވެސް ރާއްޖެއަށް ވަރަށް ބޮޑެތި އިޞްލާޙުތައް އައިސްފައި އެބަހުރި. އޭގެތެރޭގައި، ސިޔާސީ އިޞްލާޙުތަކާއި، އިޤްތިޞާދީ އިޞްލާޙުތަކާއި، އިޖުތިމާޢީ އިޞްލާޙުތަކާއި، މިބާވަތުގެ ވަރަށްގިނަ ރޮނގުރޮނގުން ރާއްޖެއަށް ވަނީ އިޞްލާޙު އައިސްފައި. އެހެންވީމާ، އަޅުގަނޑުމެން މި ކުރިމަތިލަނީކީ އާ މަސައްކަތަކާ ނޫން. މިއީ، ކުރަމުން އަންނަ މަސައްކަތެއްގެ އިތުރު މަރުޙަލާއެއް އަޅުގަނޑުމެންނާ ކުރިމަތިވާތީ، އެ މަސައްކަތް ކުރަމުން މިގެންދަނީ.
ކުޑަކުޑަ މިސާލެއް ދަންނަވާލިޔަދެއްވާ! 1978 ވަނަ އަހަރުގެ ފަހުކޮޅު، އެ އަހަރުގެ ޑިސެމްބަރުމަހު އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް، ދިވެހި ދައުލަތުގެ ބަޖެޓް، އޭގައި ސަރުކާރުގެ އަމިއްލަ ވަސީލަތްތަކުން ޚަރަދުކުރާ ފައިސާއާއި ބޭރުގެ އެހީއާ ދެބައި ހިމަނައިގެން ވަނީ، ސާޅީސް ނުވައެއް ޕޮއިންޓް ކޮންމެވެސްވަރެއް މިލިޔަން ރުފިޔާ. ފަންސާސް މިލިޔަންވެސް ހަމަނުވޭ. އިއްޔެ، 2005 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން އެ ފާސްކޮށްދެއްވި ބަޖެޓުގައި އެވަނީ ގާތްގަނޑަކަށް ފަސްހާސް މިލިޔަން ރުފިޔާ. އެހެންވީމާ، ފަންސާސް މިލިޔަން ރުފިޔާއިން ފަސްހާސް މިލިޔަން ރުފިޔާއަށް، މިވޭތުވެދިޔަ 26 އަހަރު ދުވަހުގެ ތެރޭގައި، ދައުލަތުގެ ބަޖެޓް ބަދަލުވެގެންދިޔަކަމުން އެކަނިވެސް، އަޅުގަނޑުމެންގެ ރާއްޖެ މި ހޯދާފައިވާ ތަރައްޤީ އަޅުގަނޑުމެންނަށް ވަޒަންކުރެވޭނެ. ކުރިއަރާފައިވާ ކުރިއެރުން، އަޅުގަނޑުމެންނަށް މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއި ވާގިފުޅުން ލިބިފައިވާ ނިސްބީ މުއްސަނދިކަން. މިކަން މިހެން ދިމާވެފައި މިވަނީ ޝައްކެއްނެތްގޮތުގައި، ރާއްޖެއަށް އިޞްލާޙުތަކެއް އައިސްގެން. ރާއްޖެ ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް، ހަމަޖެހުމާއި އޮމާންކަމާއި އަމަންއަމާންކަމާއެކީގައި އަޅައިގެން. އެހެންވީމާ، އިޞްލާޙީ ބަދަލުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ރައްޔިތުންގެ މަސައްކަތާއި، ރައްޔިތުންގެ ހިންމަތުން މިހާތަނަށް އަޅުގަނޑުމެން ހޯދާފައިވާ ކާމިޔާބީތަކާއި އަދި ރާއްޖެއަށް ގެނެވިފައިވާ އިޞްލާޙުތަކުގެ މަތިން އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެ.
އާދެ، އިޞްލާޙީ ބަދަލުގެ ވާހަކަ ދައްކާއިރު އަދި އަޅުގަނޑުމެން އެންމެންވެސް ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްހިތުމުގެ މުހިންމުކަންވެސް ގަބޫލުކުރަންވާނެ. ކޮންމެ ޤައުމެއްގައިވެސް ޤާނޫނުތަކަކާއި ގަވާއިދުތަކެއް ހަމަޖެހިފައި އޮވޭ. އެއީ، އަޅުގަނޑުމެން ހުރިހާ ރައްޔިތުން ވަރަށް ބޮޑަށް އަބަދުވެސް ހަނދާންކޮށް، އެއާ އެއްގޮތަށް ޢަމަލުކުރަންޖެހޭނެ ކަމެއް. އެއްވެސް ކަމެއް ޤާނޫނާ ޚިލާފަށް ކޮށްގެން، އެއަކުން އެދެވޭ ނަތީޖާއެއް ނުނިކުންނާނެ. އެހެންވީމާ، މިއީ އަޅުގަނޑުމެން މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި ކަންތައްތައް ހުންނަގޮތުން އަދި ވަކިމީހެއްގެ ނުވަތަ ވަކިބައެއްގެ ހިތްހަމަނުޖެހުމެއް، ޝަކުވާއެއް އޮތްކަމުގައިވިޔަސް، އެކަމެއް ރަނގަޅުކުރުމަށްޓަކައި އެބައޮތް ޤާނޫނީ މަގެއް ހުޅުވިފައި. އެމީހަކުވެސް ނުވަތަ އެބަޔަކުވެސް ޤާނޫނީމަގުން ހިނގަމުންދާ ކަމުގައިވަނީނަމަ، އެއްވެސް މައްސަލައެއް ނޯންނާނެ. އެކަމެއް އޮމާންކަމާއި އަމާންކަމާއެކީގައި ޙައްލުވެގެންދާނެ. އެއާޚިލާފަށް، ޤާނޫނު އަޅުގަނޑުމެންގެ އަތްމައްޗަށް ނަގައިގެން، ޤާނޫނަކީ އެމީހެއްގެ އަމިއްލަ އަތުގައި އޮންނަ ހަތިޔާރަކަށް ހަދައިގެން، މަގުމައްޗަށް ނުކުމެ، މީހުން އެއްވެ، ނުވަތަ ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް ކަންތައްކުރުމަކީ، އެއްގޮތަކަށްވެސް ތަނުގެ އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތަށް ބަލާއިރު، ކޮށްގެންވާނެ ކަމެއްނޫން. އެއީ، ރާއްޖެއަކު އެކަންޏެއް ނޫން. ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައިވެސް އެކަން އެހެންނެއް ނުކުރާނެ. ކޮށްފިއްޔާ، ކަމާބެހޭގޮތުން ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތަކެއް އަޅާނެ. އެހެންވީމާ، މި މަރުޙަލާގައިވެސް ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކަންތައް ގެންދިޔުމަކީ، އަޅުގަނޑުމެން ދިވެހި ރައްޔިތުންކުރެ ހަމަ ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތެއް ކަމުގައި އެމީހަކު ބަލަންވާނެ.
އާދެ، ރާއްޖޭގެ ޤާނޫނީ އަދި ސިޔާސީ އޮނިގަނޑު ހަރުދަނާކުރާ ފަދައިން، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާގެ އިޞްލާޙުތަކަށްވެސް ސަމާލުކަން ދޭންވާނެ. އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީ މިވަނީ އަޅުގަނޑުމެންނަށް ލިބޭ އެއްޗެއްވެސް އިތުރުވެގެން. އަޅުގަނޑުމެން ކުރާ މަސައްކަތުގެ ފައިދާ އަޅުގަނޑުމެންނަށް ލިބެމުންދާތީ. އެހެންވީމާ، ވަކިކަހަލަ އިޞްލާޙުތަކެއް އައުމުގެ މާނައަކީ، އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް ނުކޮށް ތިބުންކަމަކަށް އަޅުގަނޑުމެން ދެކިގެނެއްނުވާނެ. ހަމައެއާއެކުއެކީގައި، އިޖުތިމާޢީ ތަރައްޤީއާއި، އިޤްތިޞާދީ ތަރައްޤީގެ މަސައްކަތްތައްވެސް ކުރެވެމުންދާންވާނެ.
ހަމައެއާއެކީގައި، އަޅުގަނޑުމެން ވިސްނާލަންޖެހޭ، އަޅުގަނޑުމެންގެ ރާއްޖޭގައި އަޅުގަނޑުމެން އެދޭ މިންވަރަށްވުރެ މާ ކުށްކުރުން ގިނަކަން. އަދި ކުށްކުރާ މީހުންގެ ތެރޭގައި، ވަރަށް ޅަކުދިންނާއި ޒުވާނުން ހިމެނޭކަން. މިއީ އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ވަރަށްބޮޑަށް ކަންބޮޑުވާނެ ކަމެއް. ވަރަށްބޮޑަށް ފިކުރުކުރާނެ ކަމެއް. އެހެންވީމާ، ރާއްޖޭގައި ކުށްކުރުމާއި އަދި ކުށްކުރުމުގެ އެންމެބޮޑު އެއް ވަސީލަތަކަށް މިހާރު ވެފައި އޮންނަ، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ޤައުމު ޙިމާޔަތްކުރުމާއި އަދި ޝާމިލްގޮތެއްގައި ތަރައްޤީގެ މަންފާ އެންމެންނަށް ލިބުން އިތުރުކުރުމަށްވެސް އަޅުގަނޑުމެން މިފަދަ ދަނޑިވަޅެއްގައި ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭނެ.
އާދެ، ޤައުމުގެ ކަންތައްތައް އިޞްލާޙުކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ މުހިންމު އެހެން ކަންތައްތަކެއްވެސް އެބަހުރި. އާދެ، އޭގެތެރެއިން އެއްކަމަކީ، އަޅުގަނޑުމެން މިހާރު ކަނޑައަޅާފައި މިވާ ވިހިވިހީގެ ތަޞައްވުރު ޙާޞިލްކުރުމަށްޓަކައި އެކަށައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަކީ ވަރަށް މުހިންމު ކަމެއްކަން ދެނެގަތުން. އެގޮތުގެމަތިން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔުން. ވިހިވިހީގެ ތަޞައްވުރުގެ ފުރަތަމަ ފަސް އަހަރުގެ ޕްލޭންގެ ގޮތުގައި ހިންގަމުންގެންދާ ޤައުމީ ތަރައްޤީގެ 6 ވަނަ މަޝްރޫޢު، އަންނަ އަހަރު ނިމޭނެ. އެހެންވީމާ، މި އަންނަ އަހަރަކީ، ވިހިވިހީގެ ތަޞައްވުރުގެ ދެވަނަ ފަސް އަހަރުގެ އާ ޕްލޭންގެ ގޮތުގައި ޤައުމީ ތަރައްޤީގެ 7 ވަނަ މަޝްރޫޢުގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ކުރެވޭނެ އަހަރު. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން މިހާރުއްސުރެ ސަމާލުވެ، ތައްޔާރުވެ، އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީގެ 7 ވަނަ މަޝްރޫޢު ކާމިޔާބުގޮތެއްގައި ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދަންވާނެ.
އާދެ، އަނެއްކަމަކީ މިދެންނެވި މަޝްރޫޢުތައް އެކުލަވައިލުމުގައި، އަޅުގަނޑުމެންގެ ސިޔާސީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާމެދު ޚިޔާލުކުރަންޖެހޭނެ. ހަމައެހެންމެ، ޤައުމު ބިނާކުރުމުގައި ރާއްޖޭގައި ތިބި ތަޢުލީމީ ޒުވާނުންގެ ޚިޔާލާއި ވިސްނުމުގެ ބޭނުންކޮށްގެން ކުރިމަގު ބައްޓަންކުރަމުން ގެންދިޔުން އެއީ، ވަރަށް މުހިންމު ކަމެއް. ޝައްކެއްނެތް، އަޅުގަނޑުމެންގެ ރާއްޖޭގައި މިވަގުތު މިވަނީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ތަޢުލީމީ ޒުވާނުން ވަރަށްބޮޑަށް އިތުރުވެފައި. މިރޭގެ މިޖަލްސާގައިވެސް ބޭރުގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގައި ތަޢުލީމު ޙާޞިލްކޮށްގެން، ދިވެހި ދަރިވަރުން ހޯދާފައިވާ ރީތިނަމުގެ ވާހަކަ އަޅުގަނޑުމެން އަދި އިރާދަކުރެއްވިއްޔާ އަހާނަމު. އަދި އެ ރީތިނަން ހޯދައިދިން ފަރާތްތަކަށް އިނާމުވެސް ލިބޭނެ. ރާއްޖޭގެ ކިޔަވާކުދިންނަކީ ބޭރު ޤައުމުތަކުގައިވެސް ވަރަށް މަތިވެރި ކާމިޔާބީތަކެއް ޙާޞިލްކުރަމުންދާ ބައެއް. އެއީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ފަޚްރެއް. ވަރަށްބޮޑު ރީތިނަމެއް. ރާއްޖޭގައި އެއްދުވަހުން އަނެއްދުވަހަށް ކިޔަވައިގެން ތިބި ޒުވާނުން އިތުރުވާކަމީ، ރާއްޖެއަށް ލިބޭ ކުރިއެރުމުގެ ވަރަށްބޮޑު ވަސީލަތެއް. އެހެންވީމާ، ތަޢުލީމީ ޒުވާނުންގެ ޚިޔާލާއި، އެމީހުންގެ ތަޞައްވުރު އެއީ، މުޅި ޤައުމު ބަލައިގަންނަ އެއްޗަކަށް ވާންޖެހޭނެ. އަދި އޭގެ ބޭނުންކޮށްގެން އަޅުގަނޑުމެންގެ ކުރިމަގު ބައްޓަންކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑަށް ދަންނަވާލަންޖެހޭ.
ހަމައެހެންމެ، ކޮންމެ ޤައުމެއްވެސް އެކުލެވިގެން މިވަނީ، އަންހެނުންނާއި ފިރިހެނުންގެ މައްޗަށް. އެހެންވީމާ، ރާއްޖޭގައިވެސް ޤައުމު ބިނާކުރުމުގައި އަންހެނުން ކުޅޭ ދައުރު އެތައްގުނައަކަށް އިތުރުވާން އެބަޖެހޭ. އަންހެނުންގެ ބައިވެރިވުން، އަންހެނުންގެ ޙިއްޞާކުރުން މިހާރަށްވުރެ މާބޮޑުވާންޖެހޭ. އެހެންވީމާ، މި މަސައްކަތް ކުރަމުން ގެންދާއިރު، އަޅުގަނޑުމެން އަންހެނުންގެ ޙިއްޞާ އިތުރުކުރުމަށް ވަރަށް ބޮޑަށް ބާރުއަޅަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން.
އާދެ، ދުނިޔޭގެ އެހެން ތަންތާނގައިވެސް ކަންތައްތައް ހިނގަމުންދާގޮތާއި، މިއަދު ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ބަލާފައި، ރާއްޖޭގައި ދައުލަތް ހިންގުމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އިތުރުކޮށްގެން، ގެންނަންޖެހޭ ހެޔޮބަދަލުތައް ގެނައުމަށް އެންމެން އެއްބާރުލައިގެން މަސައްކަތް ކުރުމަކީވެސް މި ދަނޑިވަޅުގައި ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އާދެ، އެންމެންގެ އެއްބާރުލުން މިކަމުގައި ވަރަށް ބޮޑަށް ބޭނުން. އެންމެންގެ ޚިޔާލާއި މަޝްވަރާ ބޭނުން. ސަރުކާރުން އަބަދުވެސް ކަންތައްތައް ކުރަމުން މިގެންދަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި، ރައްޔިތުންގެ ޝުޢޫރުތަކަށް ކަމޭހިތައިގެން. ކުރިއަށް އޮތް ތާނގައި އަދި މިހާރަށްވުރެވެސް ބޮޑަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ބޭނުންވާނެކަމާމެދަކު ޝައްކެއްނެތް.
ރާއްޖޭގެ ދުސްތޫރީ އަދި ސިޔާސީ ނިޒާމަށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތަކަކީ، އަމާންކަމާއި އޮމާންކަމާއި ހަމަޖެހުމާއި އަދި އަޅުގަނޑުމެންގެ ދީނާއި، ޘަޤާފަތާއި، މާޙައުލާ ގުޅޭ އަދި ރައްޔިތުންނަށާއި ޤައުމަށް އެންމެ ފައިދާހުރި ގޮތެއްގައި ގެންނަ ބަދަލުތަކަކަށްވުން އެއީވެސް ހަމަ ލާޒިމުކަމެއް. އާދެ، ބަދަލު އަންނައިރު އަންނަންޖެހޭނީ އަމާންކަމާއެކީގައި، އޮމާންކަމާއެކީގައި. އަދި އެއީ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވާތީ، އަޅުގަނޑުމެންގެ ދީނީ ޢަޤީދާއާއި، ދީނީ އުސޫލުތަކާ ތަޢާރުޒު ނުވާ ގޮތެއްގެ މަތިން. އަދި އަޅުގަނޑުމެންނަކީ ވަރަށް މުއްސަނދި ޘަޤާފަތެއްގެ އަހުލުވެރިން ކަމަށްވާތީ، އަޅުގަނޑުމެންގެ ޘަޤާފަތާވެސް ގުޅޭ ގޮތެއްގެ މަތިން. ހަމައެހެންމެ، ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގެ މަތިން. މިއީ ބަދަލު ގެންނައިރު އަޅުގަނޑުމެން ވިސްނަންޖެހޭނެ، ވަރަށް މުހިންމު ކަންތައްތަކެއް.
މި އަހަރުގެ ޖުމްހޫރީ ދުވަސް އަޅުގަނޑުމެންނާ މި ބައްދަލުކުރީ، މި ދެންނެވި ބަދަލުތައް ގެނައުމަށާއި އަދި ރާއްޖޭގެ ދީމުޤްރާޠީ ނިޒާމާއި، ޤާނޫނީ އޮނިގަނޑު އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ފެށިފައިވާ ވަގުތެއްގައި. ހަނދުމަފުޅު ހުންނާނެ ފަދައިން، މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އިޞްލާޙީ ވަރަށްގިނަ ބަދަލުތަކެއް ވަނީ ގެނެވިފައި. މިގޮތުން، ގެނެވިފައިވާ ބައެއް އިޞްލާޙުތައް، ތިޔަބޭފުޅުންގެ އިޒުނައާ އެކީގައި އަޅުގަނޑު ދަންނަވާލާނަން.
އޭގެތެރެއިން އެއްކަމަކީ، ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ހަމަޖައްސައި، ފުލުހުންގެ އިދާރާ، ދާޚިލީ ވުޒާރާއަށް މިހާރުވަނީ ބަދަލުކޮށްފައި. އަނެއްކަމަކީ، ކުށުގެ މައްސަލަތައް ތަޙުޤީޤުކުރުމާއި، ކުށުގެ މައްސަލަތައް ސާބިތުކުރުމާބެހޭ މިންގަނޑުތައް، މިޒަމާނުގެ އުޞޫލުތަކާ ގުޅޭގޮތަށް ވަނީ މިހާރު އިޞްލާޙުކޮށް ނިމިފައި. އަނެއްކަމަކީ، މީހުން ހައްޔަރުކުރެވޭ ބާވަތުގެ ކުށާއި، ހައްޔަރުނުކުރެވޭ ބާވަތުގެ ކުށުގެ ގަވާއިދު އެކުލަވާލައި، މި ގަވާއިދަށްވެސް މިހާރުވަނީ ޢަމަލުކުރަން ފަށާފައި. ހަމައެހެންމެ، ރާއްޖޭގައި އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނެއް މިހާރުވަނީ އުފައްދާފައި. މީގެއިތުރުން، ދޭތެރެދޭތެރެއިން ޖަލަށް ޒިޔާރަތްކޮށް، ޖަލުގެ ކަންތައްތައް ހަމަޖެހިފައިވާ ގޮތާއި، ހިނގަމުންދާގޮތް ބަލައި، ޤާޟީންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮމިޓީއެއް ވަނީ އުފެއްދިފައި. އަދި އެ ކޮމިޓީން އެ މަސައްކަތް ކުރައްވަމުން ގެންދަވާ. ދޭތެރެދޭތެރެއިން ޖަލަށް ޒިޔާރަތްކުރައްވައި، ޖަލުގައި ގަވާއިދުތައް ހަމަޖެހިފައިވަނީ ކިހިނެއްތޯ ބައްލަވައި، ޖަލުގައި ހައްޔަރުކުރެވިފައި ތިބޭ މީހުންނާ ދޭތެރޭގައި ކުރެވޭ މުޢާމަލާތު ކުރެވެނީ ރަނގަޅަށްތޯ، ކަންތައްތައް ހިނގާނުހިނގާ ގޮތް ބައްލަވާފައި، ރިޕޯޓެއް އެބޭފުޅުން ހުށަހަޅުއްވަމުން ގެންދަވާ. މީގެއިތުރުން، ސަރުކާރުން ހިންގާ ވިޔަފާރީގެ ދާއިރާގައިވެސް އެބަހުރި އިޞްލާޙުތަކެއް ގެނެވިފައި. އޭގެތެރެއިން އެއްކަމަކީ، ސަރުކާރު ކުންފުނިތައް ހިންގާ ބޯޑުތަކަށް އެކަށީގެންވާ ބަދަލުތަކެއް ގެނައުން.
އޭގެއިތުރުން، އަޅުގަނޑުމެންގެ ޤައުމީ ޙަޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރަށް ފުޅާކޮށް ހަރުދަނާކުރުމުގެ ގޮތުންވެސް މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ވަނީ މަސައްކަތްތަކެއް ކުރެވިފައި. އޭގެތެރެއިން އެއްކަމަކީ، ސަރުކާރުގެ ކުންފުނިތަކުގެ އަހަރީ ހިސާބުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވާގޮތަށް ހަމަޖެއްސުން. ރައްޔިތުންގެ މަޖިލީހުން އެ ހިސާބުތައް ބައްލަވާފައި، މަޖިލީހަށް ފެނިވަޑައިގަންނަވާ ސުވާލެއް އޮތް ކަމަށްވަންޏާ، އެ ކުންފުނިތަކާ ކުރައްވާނެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން، ސަރުކާރުގެ އިދާރާތަކާ ގުޅުއްވައިގެން ބޭނުންފުޅުވާ މަޢުލޫމާތު ހޯއްދަވާގޮތަށްވެސް ވަނީ ހަމަޖެހިފައި. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހަކީ ޤައުމުގެ ސިޔާސީ ޙަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ މަޖިލީހަކަށްވާތީ، ރައްޔިތުންގެ މަޖިލީހުން ވަޒީރުންނާ ސުވާލުކުރުމަކީވެސް ހަމަ އޮންނަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި އެކަން އޮތީ އެގޮތަށް ހަމަޖެހިފައި. އެހެންވީމާ، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުން ވަޒީރުންނާ ސުވާލުކުރެއްވުމުގެ ނިޒާމު އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އެކަމާބެހޭ ޤާނޫނެއްގެ ބިލެއް މިހާރު ވަނީ ސަރުކާރުން ޑްރާފްޓްކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި.
މި ދެންނެވި ބަދަލުތަކާއި، މިނޫންވެސް ވަރަށްގިނަ ބަދަލުތައް މިހާރުވެސް ވަނީ އަޅުގަނޑުމެންގެ މި ސިޔާސީ އޮނިގަނޑަށް ގެނެވިފައި. އޭގެއިތުރުން، ރައްޔިތުންގެ ޚާއްޞަ މަޖިލިސް މިހާރު ވަނީ އެއްކުރެވިފައި. އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގެ ޤާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ގެނެވޭނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އެ ބަދަލެއް ފާސްކުރައްވައިގެން. ރައީސުލްޖުމްހޫރިއްޔާ ބޭނުންވާހާ ބަދަލެއް ނުގެނެވޭނެ ނުވަތަ އެނޫންވެސް، ސަރުކާރުގެ ފަރާތަކުންވިޔަސް އަދި އަމިއްލަ ފަރާތަކުންވެސް ބޭނުންވާ ބަދަލެއް ޤާނޫނުއަސާސީއަކަށް ނުގެނެވޭނެ. ޤާނޫނުއަސާސީއަށް ބަދަލުގެނެވޭނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އެކަމެއް ފާސްކުރައްވައިގެން. އެހެންވީމާ، އެކަމަށް ބޭނުންވާ، ރައްޔިތުންގެ ޚާއްޞަ މަޖިލިސް މިހާރު ވަނީ އެއްކުރެވިފައި. މި އަހަރުގެ ކުރީކޮޅު ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް މެންބަރުން އިންތިޚާބުކޮށް، އެބޭފުޅުންގެ ޤާނޫނީ ހުވާކުރައްވައި، މަޖިލީހުގެ ގޮނޑި ވަނީ ފުރުއްވަން ފަށްޓަވާފައި. އަދި އެއާއެކީގައި މަޖިލީހުގެ ޖަލްސާތައްވެސް ކުރައްވަން ވަނީ ފަށްޓަވާފައި. އެހެންވީމާ، މި މަސައްކަތް އިރާދަކުރެއްވީތީ ޤާނޫނުގައިވާ ގޮތުގެމަތިން ވަރަށް ރީތިކޮށް ހިނގަމުން އެބަދޭ.
ހަނދުމަފުޅު ހުންނާނެ ފަދައިން، ކުރިއަށް އޮތް ތަނަށް، އަޅުގަނޑަށް ފެންނަ އިޞްލާޙީ ޚިޔާލުތަކެއް މި އަހަރުގެ ޖޫންމަހު 9 ވަނަ ދުވަހު އަޅުގަނޑު ވާނީ ރައްޔިތުންނާ ޙިއްޞާކޮށްފައި. އެ ޙިއްޞާކުރި ޚިޔާލުތަކާބެހޭ ލިޔުމެއް، އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ގަވާއިދު ނިމި، މަޖިލީހުގެ ޖަލްސާތައް، ޤާނޫނުއަސާސީ އިޞްލާޙުކުރުމާބެހޭ ޖަލްސާތައް ފަށްޓަވަންވާއިރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު އެ މަޖިލީހަށް ފޮނުވާނަން.
މި ފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. އެއީ، ޤާނޫނުއަސާސީ އިޞްލާޙުކުރެއްވުމުގެ މަސައްކަތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ވަރަށްބާރަށް ކުރިއަށް ގެންގޮސްދެއްވަން އަޅުގަނޑު އެދޭ ވާހަކަ. އަދި ވެވަޑައިގެންނެވި އެންމެ އަވަހަކަށް، ޤާނޫނުއަސާސީއަށް އަންނަންވީ އިޞްލާޙުތައް ނިންމަވައިދެއްވުމަކީ، އަޅުގަނޑު ވަރަށްބޮޑަށް އެދޭ ކަމެއް ކަމުގައި މިރޭގެ މި ޖަލްސާގައި އަޅުގަނޑު ދަންނަވާލަން.
ނިމިގެންމިދާ 2004 ވަނަ އަހަރަކީ، މާތްﷲގެ ވާގިފުޅާއެކު، ރާއްޖޭގެ އިޤްތިޞާދު ވަރަށްބޮޑު ކުރިއެރުމެއް ހޯދި އަހަރެއް. އާދެ، މިއީ އަޅުގަނޑުމެން އުފަލާއެކު މިއަދު ހަނދާންކޮށްލަން ބޭނުންވާ ކަމެއް. މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ވަނީ ވަރަށްބޮޑުތަން، ކުރީ އަހަރުތަކަށްވުރެ އިތުރުވެފައި. މިހާރު ހަލައްކަވަނަ ފަތުރުވެރިޔާ މިއަހަރު ރާއްޖެއަށް ޒިޔާރަތްކޮށް، އެކަމާ ގުޅިގެން ކަމާބެހޭ މިނިސްޓްރީން ކުރެއްވި ކަންތައްތައް ތިޔަބޭފުޅުން ވާނީ ޓީ.ވީ.ގެ ޛަރީޢާއިން ދެކިވަޑައިގެންފައިކަންނޭނގެ. ކޮންމެއަކަސް، އަޅުގަނޑުމެންގެ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވުމަކީ، ރާއްޖެއަށް ލިބޭ ވަރަށްބޮޑު އިޤްތިޞާދީ ކުރިއެރުމެއް. އަދި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު، މިއަހަރު އަޅުގަނޑުމެން ކުރިން ލަފާކުރިވަރަށްވުރެ މާބޮޑުތަން ކުރިއަށްދާނެ ކަމަށް މިހާރުގެ ހިސާބުތަކުން ދައްކާ. އާދެ، 8.8 އިންސައްތަ މިއަހަރު ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ކުރިއަށްދާނެ ކަމަށް މިހާރު އަޅުގަނޑުމެންނަށް އެބަ ލަފާކުރެވޭ. ޝައްކެއްނެތް، މިއީވެސް މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް. އަދި އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހާމަވެގެންދިޔަ ފަދައިން، މިއަހަރުގެ ބަޖެޓްވެސް، އަހަރު ނިމޭއިރު އަރަނިވެފައިވާނެ ކަމަށް މިހާރު ހިސާބުތަކުން ދައްކާ. އެހެންވީމާ، އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން ޚަރަދު ފޫބެއްދޭ. އަދި ބައެއްފަހަރަށް އިތުރުވެގެންދާގޮތްވެސް އެބަ ދިމާވޭ. ޝައްކެއްނެތް، މިއީ ރާއްޖޭގެ އިޤްތިޞާދު މިވަގުތު ރަނގަޅުކޮށް ކުރިއަށްދާތީ އަޅުގަނޑުމެންނަށް ލިބިފައިވާ ނުވަތަ ލިބެމުންދާ ރަނގަޅު ނަތީޖާއެއް. މީގެއިތުރުން، ރާއްޖޭގެ ރަސްމީ ރިޒަރވް ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު، މިއަހަރު ވަރަށްބޮޑުތަން އިތުރުވެފައި.
އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ދިވެހި ރައްޔިތުންގެ ހިންމަތާއި މިންނަތުން އަދި ދިވެހި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރަމުން މިގެންދާ ތަރައްޤީގެ މަސައްކަތްތަކުގެ ސަބަބުން، މާތްﷲގެ ވާގިފުޅާއެކީގައި ރާއްޖެއަށް ލިބެމުންމިދާ ކުރިއެރުންތަކުގެ ބޭނުން އަޅުގަނޑުމެން ކުރަންޖެހޭނީ ހެޔޮގޮތުގައޭ. މިއީ، އަޅުގަނޑުމެން އިތުރަށް ކުރިއަށްދާން މަގުފަހިކޮށްދޭނެ ކަމެއް ކަމުގައި ބަލައިގެން، އަޅުގަނޑުމެން ތަރައްޤީގެ ފިޔަވަޅުތައް ކުރިއަށް އަޅަމުން ގެންދަންވީ. ފަހަރެއްގައިވެސް ލިބޭ އެއްޗަކީ ވަގުތުން ވަގުތަށް ޚަރަދުކޮށްލައިގެން ހުސްކޮށްލާ އެއްޗަކަށް ނަހަދައި، މުސްތަޤްބަލަށް ރާވައިގެން، އޭގެވެސް އެންމެބޮޑު ފައިދާ އަޅުގަނޑުމެންނަށާއި، އަޅުގަނޑުމެންގެ ކުރިއަށް އޮތް ޖީލުތަކަށް ލިބޭނެ ގޮތެއްގެ މަތިން މަސައްކަތް ކުރަމުން ގެންދިޔުމަކީ ވަރަށް މުހިންމު ކަމެކޭ ދަންނަވާލުން އެއީ، އަޅުގަނޑުގެ ބޭނުމަކީ.
އާދެ، މިގޮތުން ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރުކޮށް ތަރައްޤީކުރުމަކީ، އަބަދުވެސް ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެމުން އަންނަ ކަމެއް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ފަތުރުވެރިކަން މުޅިރާއްޖެއަށް ތަޢާރުފްކުރުމަށްޓަކައި، 11 ރިޒޯޓް ތަރައްޤީކޮށް ހިންގުމަށް ހުށަހެޅުނު ބީލަންތައް މިހާރު ވަނީ ސަރުކާރަށް ލިބިފައި. އަދި އެ ބީލަންތައް ދިރާސާކުރުމަށްޓަކައި ވަނީ ތައްޔާރުކުރަންޖެހޭ ކަންތައްތައް ތައްޔާރުކުރެވިފައި. ދެން، މީގައި ދިމާވާ ދައްޗެއްގެ ވާހަކަ ދަންނަވާލުންވެސް ރަނގަޅުކަންނޭނގެ. އާދެ، އެއީ ބީލަންތައް ދިރާސާކުރުމުގައި ވަރަށް ބޮޑަށް ބަލަން އެބަޖެހޭ. ވަރަށް އިންޞާފުވެރި ގޮތެއްގައި ބީލަން ދިރާސާކުރެވި، އޭގެ ނަތީޖާ ނުކުންނަންޖެހޭ އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ނުނެގޭގޮތަށް. އަޅުގަނޑުމެންގެ ވަސީލަތްތައް މަދުކަމާއެކީގައި، އަޅުގަނޑުމެންގެ ރާއްޖޭގައި ތިއްބެވި، ކަމާބެހޭ ތަޖުރިބާއާއި މަޢުލޫމާތުހުރި ބޭފުޅުންވެސް މާގިނައެއްނޫން. ބީލަން ދިރާސާކުރާ ކޮމިޓީތަކަށް އެބޭފުޅުން ހޮވުމުގައި ދިމާވާ ދައްޗަކީ، އެކިއެކި ރޮނގުރޮނގުން މަތީ ތަޢުލީމު ޙާޞިލްކުރައްވައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން ވަރަށްގިނަ ބޭފުޅުންނަކީ، މި ބީލަންތައް ތައްޔާރުކުރެއްވުމުގައި އެކިގޮތްގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅުން ނުވަތަ އެބޭފުޅުންނާ ގުޅުންހުރި ބަޔަކު ހުށަހަޅާ ބީލަންތަކެއް. އެހެންވީމާ، ޙަޤީޤަތުގައި މިނިވަން، ވަކިފަރާތަކަށް ނުޖެހޭ ބައެއްގެ މައްޗަށް އެކުލަވައިލެވޭ ކޮމިޓީއެއް އަޅުގަނޑުމެންގެ ދިވެހިންގެ ތަޢުލީމީ ޒުވާނުންގެ ތެރެއިން މިހާރު ހޯދުން މިވަނީ ދަތިކަމަކަށްވެފައި. ކިތަންމެފަހަރަކު ބައެއް ބޭފުޅުންނަށް ދަންނަވާލީމާ ވިދާޅުވާނެ، ތިމަންނަ އޮންނާނީ މިވެނިކަހަލަ ބީލަމެއްގައި މިވެނި މަސައްކަތެއް ކޮށްދީފައޭ. މިވެނިގޮތަކަށް ބައިވެރިވެވިފައޭ. އެހެންވީމާ، ތިމަންނާއަކަށް ތިޔަ ކޮމިޓީއަކު މަސައްކަތެއް ނުކުރެވޭނެއޭ. އެބޭފުޅުންގެ އަމާނަތްތެރިކަން ހުރިގޮތުން އެހެން ވިދާޅުވީމާ، އެއީ ވަރަށްބޮޑު އުފަލެއް އަޅުގަނޑަށްވެސް ލިބޭ ކަމެއް. އެއްވެސް ގުޅުންހުރި ބޭފުޅަކު އެކަހަލަ ކޮމިޓީއެއްގައި ބައިވެރިވެވަޑައިނުގަތުމަކީ، އެ ކޮމިޓީން ނިންމާ ނިންމުމަކީ އިންޞާފުވެރި ނިންމުމަކަށް ހެދުމަށްޓަކައި އަދި އެ ނިންމާ ނިންމުމަކީ އިންޞާފުވެރި ނިންމުމެއްކަން ރައްޔިތުންނަށް ޤަބޫލުކުރެއްވުމަށްޓަކައި ވަރަށް މުހިންމު ކަމެއް. އެހެންވީމާ، މިވާގޮތަކީ 11 ރަށުގެ ބީލަން އައިސްފައި މިއޮތީ. 11 ރަށުގެ ބީލަން ދިރާސާކުރަން ކޮމިޓީތަކެއް ހޮވާއިރު، މިދަތި ވަރަށްބޮޑަށް ކުރިމަތިވެފައިވޭ. ހަމައެހެންމެ، އަޅުގަނޑުމެންގެ މުޖްތަމަޢު ކުޑަކުޑަކަމާއެކީގައި، ކިތަންމެ ރަނގަޅަކަށް، ބީލަން ދިރާސާކުރައްވާ ކޮމިޓީން އެކަން ނިންމެވިޔަސް، ކިތަންމެ އިންޞާފުވެރި ގޮތަކަށް ނިންމެވިޔަސް، އެކި ވައްތަރުވައްތަރުގެ އަޑުއަޑު މީހުން ފަތުރާ. އެ ކޮމިޓީގެ ބޭފުޅުންނަށް ނިސްބަތްވާގޮތަށްވެސް އެކިއެކި ވާހަކަދައްކާ. އެހެންވީމާ، ބައެއް ބޭފުޅުންނަށް ދަތިފުޅުވަނީ އެކަހަލަ ކޮމިޓީއެއްގައި ޚިދުމަތްކުރައްވަން. އެއީ، ކިތަންމެ ރަނގަޅަކަށް ޚިދުމަތްކުރެއްވިޔަސް، ނިމޭގޮތަކުން މީހުން ފަހުން ފާޑުކިޔައި، އެ ބޭފުޅަކަށް ކޮންމެވެސްކަހަލަ ބޭނުންނޫން ވާހަކަތަކެއް އިއްވާ، މިހެން ހަދާފާނެތީ. މިކަންތައްތައް މިހެން ހުރުމާއެކީގައި، މިހާރު ސަރުކާރަށް މަޖުބޫރުވެގެން މިއުޅެނީ، ބީލަން ދިރާސާކުރަން ބޭރުން މީހުން ގެނައުމަށް. މިގޮތުން، ބޭރުގެ ކުންފުންޏެއް މެދުވެރިކޮށް، މިހާރު ކުރިއަށް އޮތް، މި ދެންނެވި 11 ރަށުގެ ބީލަން ދިރާސާކުރާގޮތަށް ވަނީ ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސަވާފައި. އާދެ، އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި، މި 11 ރަށް ތަރައްޤީކޮށް ނިމުނީމަ، އެއީ ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ވަރަށްބޮޑު ކުރިއެރުމަކަށް ވެގެންދާނެ.
އޭގެއިތުރުން، ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމުގެ ދިރާސާތަކެއް މިހާރު ވަނީ ކުރެވިފައި. އެފަދަ ބަނދަރެއް ރާއްޖޭގައި ޤާއިމުކުރެވިއްޖެނަމަވެސް، އެއިންވެސް ވަރަށްބޮޑެތި ފައިދާތަކެއް ރާއްޖެއަށް ކުރާނެކަމާމެދަކު ޝައްކެއްނެތް.
ހަމައެހެންމެ، ގަމުގެ ވައިގެ ބަނދަރު، ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ އަންނަ އަހަރު ނިމޭނެ. އަދި އައްޑުއަތޮޅު ހިތަދުއާއި ހދ. ކުޅުދުއްފުށީގައި ހަދާ ސަރަޙައްދީ ބަނދަރުގެ މަސައްކަތްވެސް އަންނަ އަހަރު ނިމޭނެކަމަށް ލަފާކުރެވޭ. މިކަންތައްތައް މާތްﷲގެ ވާގިފުޅާއެކީގައި މިގޮތަށް ކުރެވިއްޖިއްޔާ، އޭގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށް ބޮޑެތި އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުންތަކެއް ލިބޭނެކަމާމެދަކު ޝައްކެއްނެތް.
މީގެއިތުރުން، ކުދި ވިޔަފާރިތަކާއި، މެދުފެންވަރުގެ ވިޔަފާރިތައް ތަރައްޤީކުރުމަށް ދިގު މުއްދަތުގެ ލޯނުއެހީ ދިނުމުގެ ނިޒާމެއް، އަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ޤާއިމުކުރެވޭނެ. މިކަންވެސް ވަނީ ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފައި ކަމަށް އަޅުގަނޑު ދެކެން. އެއީ، އިހަކަށްދުވަހަކު، ބޭންކް އޮފް މޯލްޑިވްސްގައި ބޭއްވި ޖަލްސާއެއްގައިވެސް ވާހަކަ ދައްކަމުން އަޅުގަނޑުވެސް އިޝާރާތްކުރިން. އަދި އިއްޔެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް މުޙައްމަދު ޖަލީލް، ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައިވެސް މިވާހަކަ ވަނީ ވިދާޅުވެފައި.
އަޅުގަނޑު މިދެންނެވި ކަންކަމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުޞަތު، އިރާދަކުރެއްވިއްޔާ އިތުރުވެގެންދާނެ. އަދި އެކިއެކި ފަރުދުންގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށްވެސް ވަރަށްބޮޑަށް އުންމީދުކުރެވޭ. އެހެންވީމާ، އަޅުގަނޑުމެން މި ކުރިމަތިލާ މަރުޙަލާއަކީ، އިރާދަކުރެއްވިއްޔާ ވަރަށް ޝައުޤުވެރިކަމާއެކީގައި، ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ އަދި އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީ މާތްﷲގެ ވާގިފުޅާއެކު ލިބިގެންދާނެ މަރުޙަލާއެއް.
އާދެ، ދެން އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެންގެ ރާއްޖޭގައި، ރާއްޖޭގެ ޤާނޫނުއަސާސީ ބުނާގޮތުގެ މަތިން ހިނގަމުންދާ ކަމެއް، ހަމަ ކުރިއަށް އޮތް ތާނގައިވެސް މިހާރު ހިނގާނެތީ، އެވާހަކަ ދަންނަވާލުން. އާދެ، އެއީ އެނގިވަޑައިގަންނަވާނެ ފަދައިން، ކޮންމެ ފަސްއަހަރަކުން އެއްއަހަރު ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރަންޖެހޭ. މިއަހަރަކީ އެގޮތުގެމަތިން، ޤާނޫނުއަސާސީ ބުނާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރަންޖެހޭ އަހަރެއް. އެހެންވީމާ، އެކަމަށް ބޭއްވޭ ޢާންމު އިންތިޚާބު އިރާދަކުރެއްވިއްޔާ، މިމަހުގެ 31 ވަނަ ދުވަހު މުޅިރާއްޖޭގައި ބޭއްވޭނެ. މި އިންތިޚާބަކީ މިނިވަން، އިންޞާފުވެރި، ޞުލްޙަވެރި އިންތިޚާބަކަށް ހެދުމަށް ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް މިހާރު މިދަނީ ކުރަމުން. މި އިންތިޚާބުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެއްލެވުމަށްޓަކައި، ރާއްޖެއިން ބޭރުން ވަރަށްގިނަ ޓީމުތައް ރާއްޖެއަށް ޒިޔާރަތްކުރައްވާ ގޮތަށް މިހާރުވަނީ ހަމަޖެހިފައި. އާދެ، އެއީވެސް އިންތިޚާބުގެ މިނިވަންކަމާއި އިންޞާފުވެރިކަން އިތުރަށް ފެނިގެންދާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. މީގެކުރީގެ އިންތިޚާބުތަކުގައިވެސް މިކަން މިހެން ހިނގާފައި އެބައޮތް. ހަނދުމަފުޅު ހުންނާނޭ ފަދައިން، ރިޔާސީ އިންތިޚާބާއި އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، މީގެކުރިންވެސް އިންތިޚާބުގެ ކަންތައްތައް ހިނގަމުންދިޔަ ދުވަސްވަރު އެކަން ބެއްލެވުމަށްޓަކައި ސާރކް ޤައުމުތަކުގެ ޢިއްޒަތްތެރިންގެ ޓީމެއް ވަނީ ވަޑައިގެންފައި، ބައްލަވާފައި. އަދި އެ ބޭފުޅުންނަށް ފެނިވަޑައިގެންނެވި ކަންތައްތަކުގެ ރިޕޯޓުވެސް ވަނީ ހުށަހަޅުއްވާފައި. އިންތިޚާބުގެ ކަންތައްތައް ގޮސްފައި ވަނީ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް، އެ ބޭފުޅުން ވަނީ ވިދާޅުވެފައި. މިފަހަރު ސާރކް ޤައުމުތަކުގެ ގްރޫޕްގެ އިތުރަށް، ބައެއް އެހެން ފަރާތްތަކުންވެސް ވަޑައިގަންނަވާނެ. އޭގެތެރެއިން އެއްފަރާތަކީ ކޮމަންވެލްތު. ކޮމަންވެލްތު ޤައުމުތަކުން ވަޑައިގަންނަވާ ބޭފުޅުން، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި މާލެ ވަޑައިގަންނަވާނެ. އަޅުގަނޑަށް ހީވަނީ 24 ވަނަ ދުވަހުހެން. މި މަހުގެ 24 ވަނަ ދުވަހު އެބޭފުޅުން މާލެ ވަޑައިގަންނަވާނެ. އެއީ، އިންތިޚާބުގެ ކުރިން ކަންތައްތައް ހަމަޖެހިފައި ހުރިގޮތް ބައްލަވައި އަދި އިންތިޚާބު ހިނގަމުންދާއިރުވެސް މާލެއާއި އަތޮޅުތަކަށް ޒިޔާރަތްކުރައްވައި، ކަންތައްތައް ހިނގަމުންދާގޮތް ބައްލަވާފައި ރިޕޯޓެއްވެސް ހުށަހަޅުއްވާނެ. އަދި އަޅުގަނޑުމެން ވަނީ ޔޫރަޕިއަން ޔޫނިއަނަށްވެސް ދަޢުވަތުދީފައި. ޔޫރަޕިއަން ޔޫނިއަނުންވެސް އިންތިޚާބުގެ ކަންތައްތައް ހިނގަމުންދާގޮތް ބައްލަވަން ބޭނުންފުޅިއްޔާ، ޓީމެއް ފޮނުއްވާށޭ މިހާރުވާނީ ދަންނަވައި، އެބޭފުޅުންނަށް ދަޢުވަތުއަރުވާފައި. އެބޭފުޅުން ވަޑައިގަންނަވާނެކަމެއް ނުވަތަ ނޫންކަމެއް އަދި އަޅުގަނޑަކަށް ނޭނގެ. މީގެއިތުރުން، ރާއްޖޭގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނުންވެސް އެ މަސައްކަތް ކުރެއްވުމަށް ވަނީ ގަސްތުކުރައްވާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަންނަ އިންތިޚާބަކީ ހުރިހާގޮތަކުން ބަލާއިރުވެސް ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަދި މިނިވަން އިންޞާފުވެރި އަދި ޞުލްޙަވެރިގޮތަކަށް ހިނގައި ނިމިގެންދާނެ އިންތިޚާބެއް ކަމުގައި އަޅުގަނޑު ދެކެން.
އާދެ، މި ފުރުޞަތުގައި އަޅުގަނޑުމެން ހަނދާންކޮށްލަންވީ، ރައްޔިތުންނަށް ލިބިފައިވާ ވޯޓުދިނުމުގެ ޙައްޤަކީ، ކޮންމެ ރައްޔިތެއްގެވެސް ކޮނޑުގައި އެޅިފައިވާ ވަރަށްބޮޑު އަމާނާތެއްކަން. ވޯޓަކީ އަމާނާތެއް. އެހެންވީމާ، އެ އަމާނާތް އަޅުގަނޑުމެން އަދާކުރަންޖެހޭނީ، ޤައުމަށް އެންމެ ފައިދާހުރި ގޮތެއްގެ މަތިން. އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެންގެ މަންދޫބުންގެ ގޮތުގައި ހޮވަންޖެހޭނީ، އަޅުގަނޑުމެން އެބޭފުޅުންގެ ޤާބިލިއްޔަތަށް ނުވަތަ އެބޭފުޅުންގެ އަޚްލާޤާއި، އެބޭފުޅުންގެ ޚިދުމަތާ، މިކަންކަމަށް ބަލާފައި، އެންމެ އެކަށީގެންވާ ކަމަށް އަޅުގަނޑުމެންނަށް ފެންނަ ބޭފުޅުން. އެހެންވީމާ، ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ މި ޙައްޤު އެ ރައްޔިތަކު ބޭނުންކުރަންޖެހޭނީ، އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަމާއެކީގައި. އަދި އެ ރައްޔިތަކަށް ޤަބޫލުކުރެވޭ ގޮތުގައި، ޤައުމަށް އެންމެ ފައިދާހުރި ގޮތެއްގެމަތިންކަމަށް ހަމަ އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަން އެބަޖެހޭ.
އަޅުގަނޑު އެދެނީ، ކުރިއަށް އޮތް ޢާންމު އިންތިޚާބަކީވެސް، މީގެކުރީ އިންތިޚާބުތައް ފަދައިން، ހަމަ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބޭއްވޭ، މިނިވަން، އިންޞާފުވެރި އަދި ޞުލްޙަވެރި އިންތިޚާބަކަށް ހެއްދެވުމަށްޓަކައި ކަމާބެހޭ ހުރިހާ ފަރާތްތަކަކުންނާއި، ކެންޑިޑޭޓުންނާއި، އެބޭފުޅުންނަށް ތާއީދުކުރައްވާ ފަރާތްތަކުންނާއި އަދި ޢާންމު ރައްޔިތުން އެއްބާރުލައްވައި ދެއްވުން. އާދެ، އަޅުގަނޑު މި ޞުލްޙަވެރި އެތަންކޮޅުގައިވެސް އެބަ ހިސާބަކަށް އޭގެ ތިރީގައި ރޮނގެއް އެބަ ދަމާލަން. އެއީ، އިންތިޚާބު ވާންޖެހޭނެ މިނިވަން އިންތިޚާބަކަށް، އިންޞާފުވެރި އިންތިޚާބަކަށް. ހަމައެހެންމެ، ޞުލްޙަވެރި އިންތިޚާބަކަށް ވާންޖެހޭނެ. ވަރަށް އޮމާންކޮށް، ރީތިކޮށް ހިނގަމުންދާ އިންތިޚާބަކަށް ވާންޖެހޭނެ. ބައެއް ތަންތާނގައި، އެތެރެވަރީގެ ޤައުމުތަކުގައި މިނޫން ގޮތްގޮތަށް ކަންތައްތައް ވަމުންދާތަން އަޅުގަނޑުމެންނަށް ފެންނަނީ މަދެއްކޮށެއްނޫން. އިންތިޚާބާ ގުޅިގެން ހިނގާ ހަމަނުޖެހުންތަކާއި، ތަޅާފޮޅުމާއި، ލޭއޮހޮރުވުމާ، މިކަހަލަ ބައިވަރު ކަންތައްތައް، ބައެއް ޤައުމުތަކުގައި ހިނގާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އެއީ، ފަހަރެއްގައިވެސް އެއްވެސް ދިވެހި ރައްޔިތަކު، ރާއްޖޭގައި ހިނގަން އެދޭނެ ކަމެއްނޫން. އަޅުގަނޑުމެންގެ ރާއްޖެއަކީ، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ވަރަށް ހަމަޖެހޭ، އޮމާން ދިރިއުޅުމެއް ރައްޔިތުން އުޅެމުންދާ ޤައުމެއް. އަޅުގަނޑުމެންގެ ރާއްޖޭގައި، ދުނިޔޭގެ އެހެން ބައެއް ތަންތާނގައި އެ ފެންނަ ފަދައިން މިކަހަލަ ނުރައްކާތެރި، މިދެންނެވީ އަޅުގަނޑު ދެންމެ މި އިޝާރާތްކުރިކަހަލަ ނުރައްކާތެރި ނުވަތަ ބިރުވެރި ކަންތައްތަކެއް ނުހިނގާ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ނުވެސް ހިނގާނެ. އެކަމަކު މިކަމަށް އަޅުގަނޑުމެން ސަމާލުވާން އެބަޖެހޭ. މިކަމަށް ސަމާލުވެގެން، ކުރިއަށް އޮތް އިންތިޚާބަކީ، މިނިވަން އިންޞާފުވެރި އަދި ޞުލްޙަވެރި އިންތިޚާބަކަށް ހެދޭތޯ ސަރުކާރުންވެސް އަދި އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންވެސް އަދި ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ހުރިހާ ފަރާތްތަކުންވެސް އަދި ޢާންމު ރައްޔިތުންވެސް އެގޮތަށް އެކަންތައް ގެންދެވޭތޯ ބައްލަވަންވާނެ.
އާދެ، ދެން އަޅުގަނޑު ދަންނަވާލަން އޮތީ، ފަހަކަށްއައިސް އަޅުގަނޑުމެންނަށް ކުރިމަތިވަމުން އައިސްފައިވާ، ވަރަށްބޮޑު މައްސަލައެއްގެ ވާހަކަ. އާދެ، އެއީ އަޅުގަނޑުމެންގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ބޭރުގެ ނުފޫޒުތައް ވަނުމުގެ މައްސަލަ. މިޒަމާނަކީ މުޅިދުނިޔެ ހުޅުވާލެވިފައިވާ ޒަމާނެއް. އެއްޤައުމެއްގައިވާ ކަންތައްތައް އަނެއް ޤައުމަކަށް ފެންނަ، އެއްޤައުމެއްގައި ހިނގާ ކަންތައްތަކުގެ އަސަރު އަނެއް ޤައުމަކަށް ކުރާ ޒަމާނެއް. އެހެންވީމާ، މިފަދަ ޒަމާނެއްގައި، ލިބޭ ވަރަށް ރަނގަޅު ފުރުޞަތުތަކެއްވެސް ހުންނާނެ. ހަމައެއާއެކީގައި، ކުރިމަތިވާ ދަތިތަކެއްވެސް ހުންނާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް ޖެހޭނީ، ލިބޭ ރަނގަޅު ފުރުޞަތުތައް މުޅިޤައުމުގެ މަންފާއަށްޓަކައި ބޭނުންކުރަން. ލިބޭ ރަނގަޅު ފުރުޞަތުތަކުގެ ބޭނުންކުރަންޖެހޭނީ، މުޅިޤައުމާއި ރައޔިތުންގެ ފައިދާއަށްޓަކައި. ހަމައެހެންމެ، ކުރިމަތިވާ ދަތިތަކުން ސަލާމަތްވޭތޯވެސް މަސައްކަތް ކުރަންޖެހޭނެ. އެކިކަހަލަ ނޭދެވޭ ނުފޫޒުތައް އަޅުގަނޑުމެންގެ ޤައުމަށް ކުރާކަމަށްވަންޏާ، އެ ނުފޫޒުތަކުގެ އަސަރު ރާއްޖެއަށް ނުކުރާނެ ގޮތެއްގެމަތިން ވިސްނައި، އެގޮތަށް އަޅުގަނޑުމެން ޢަމަލުކުރަންޖެހޭނެ.
އާދެ، މިވާހަކަ މިހެން މިދަންނަވަނީ، އެއީ ބޭރުގެ ބައެއް ފަރާތްތަކުން ރާއްޖޭގެ ކަންތައްތަކާ ބެހެމުންދާތީ. ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަމުންދާތީ. އެކަން އެހެން އެވަނީ، ރާއްޖޭގެ މަދުބަޔަކު ބޭރުގެ ފަރާތްތަކާ ގުޅިގެން، ނޭދެވޭ ޙަރަކާތްތަކެއް ހިންގާތީ. ރާއްޖެއާބެހޭ ނުރަނގަޅު ޚަބަރުތައް އާދެ، ޙަޤީޤަތާ ޚިލާފު ޚަބަރުތަކެއް ނުވަތަ ވާހަކަތަކެއް ބޭރުގެ ފަރާތްތަކަށް ދީގެން، މިބައެއްގެ އަމިއްލަ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި މިކަހަލަ ކަންތައްތައް މިހާރު ކުރަމުން އަންނަލެއް ވަރަށްގިނަ. ރާއްޖެއާބެހޭ، ޙަޤީޤަތާ ޚިލާފު މަޢުލޫމާތު، ބޭރުގެ ފަރާތްތަކަށް ދީގެން، ކަމުގެ ޙަޤީޤަތް އޮޅުވާލައިގެން، ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ދާޚިލިއްޔަތާ ބެހުމުގެ ދޮރު އެބައިމީހުން އެ ތަނަވަސްކޮށްދެނީ. ޝައްކެއްނެތް، އެއީ ވަރަށް ނުރައްކާތެރި ކަމެއް. އެއީ، މިހާރު އެކަން އެކުރާ ބަޔަކު އެކަން އެކުރަނީ އެބައެއްގެ އަމިއްލަ މަޤްޞަދު ޙާޞިލްކުރަން ކަމުގައިވިޔަސް، ބޭރުގެ ބަޔަކުގެ ނުފޫޒުތަކަކުން ރާއްޖެއަށް އައިސް، އެބައިމީހުންގެ ވަކިތައް ރާއްޖޭގައި ހިއްޕާލައިފީވިއްޔާ، ދެން އެކަން ކުރަން އެ މެދުވެރިވި ފަރާތްތަކަކަށްވެސް ދެންވާނީ ގެއްލުން. އަޅުގަނޑުމެންގެ ރާއްޖެއަށް ދެންވާނީ ގެއްލުން. އެމީހުން ހީކުރާނެކަންނޭނގެ، އެމީހުންނަށް ރަނގަޅު ގޮތެއްވާނެއޭ. އެކަމަކު އެހެނެއްނޫން ދެންވާނީ. އަޅުގަނޑުމެންގެ މިނިވަންކަން ގެއްލޭނީ. އަޅުގަނޑުމެންގެ ސިޔާދަތު ގެއްލޭނީ. އަޅުގަނޑުމެން ބޭނުންވާގޮތަށް ދިރިއުޅުމުގެ މަގުތައް ދާނީ ބަންދުވެގެން. އެހެންވީމާ، އެއްވެސް ސަބަބަކަށްޓަކައި އަޅުގަނޑުމެން ބޭރުގެ މިދެންނެވި ކަހަލަ ނުފޫޒުތަކަކަށް ތަންދީގެނެއް ނުވާނެ.
އާދެ، ބޭރުގެ ނުފޫޒުތަކުގެ ތެރެއިންވެސް ރަނގަޅު ނުފޫޒު ހުރޭ. އެއީ އަޅުގަނޑުމެންނަށް އެކިއެކި ޢިލްމާއި، ޓެކްނޯލޮޖީއާއި، މަޢުލޫމާތުގެ ގޮތުން ލިބޭ ރަނގަޅު ކަންތައްތައް، ފުރުޞަތުތައް. އަޅުގަނޑުމެންގެ ދަރިންނަށް ލިބޭ މަތީ ތަޢުލީމު. އަޅުގަނޑުމެންނަށް ދަސްވާ ރީތި ގޮތްތައް. މަސައްކަތްތެރިކަމާއި ހުނަރުވެރިކަމާ މިކަންކަން މިއީ އަޅުގަނޑުމެން ބޭރުދުނިޔެއިން ދަސްކުރަންވީ ކަންތައްތަކެއް. އެއީ، އަޅުގަނޑުމެން އެ ވީ އެތެރެކޮށްގެން އެއާއެއްގޮތަށް ކަންތައްކޮށްގެން އަޅުގަނޑުމެންވެސް ތަރައްޤީވާން. އެހެންވީމާ، ބޭރުގެ ނުފޫޒުތަކުގެ ތެރެއިންވެސް އެބަހުރޭ ރަނގަޅު ނުފޫޒު. ވަރަށް ރަނގަޅު ނުފޫޒު އެބަހުރޭ. އެ ނުފޫޒުތަކުގެ ބޭނުން އަޅުގަނޑުމެން ކުރަންޖެހޭނެ.
އަޅުގަނޑުމެން ސަމާލުވާންވީ، މިއާއެކީގައި ނޭދެވޭ ނުފޫޒު އަޅުގަނޑުމެންގެ ތެރެއަށް އަންނަކަމަށްވަންޏާ، އެ އަޔަނުދޭން. އަޅުގަނޑުމެން އެންމެން އެއްބާރުލައިގެން މަސައްކަތް ކުރަންޖެހޭނެ. އެއީ އަޅުގަނޑުމެންގެ ރާއްޖެއަކީ، ވަކިގޮތަކަށް އޮތް ރާއްޖެއެއް. އަޅުގަނޑުމެން އެންމެންނަކީ، ސައްތައިން ސައްތަ މުސްލިމް ބައެއް. އިސްލާމީ ޢަޤީދާ ނޫން އެހެން ޢަޤީދާއެއް ރާއްޖެއަކު ނެތް. އަޅުގަނޑުމެން ބޭނުންވަނީ އެގޮތަށް ރާއްޖެ ބާއްވަން. ރާއްޖެއަކީ، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮތުމަކީ، ޝައްކެއްނެތް، މިހާރުގެ ދިވެހިންވެސް އަދި އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގެ ދިވެހިންވެސް ހަމަ އެދޭނެގޮތް. އެހެންވީމާ، އެގޮތުގައި ބޭއްވުމަށްޓަކައި، ބޭރުގެ ބައެއްކަހަލަ ނުފޫޒުތައް އަޔަނުދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރަން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި މިއޮތް ޤައުމީ އެއްބައިވަންތަކަން ވަރުގަދަކޮށް ދެމެހެއްޓުމަށް އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ސަމާލުވާންޖެހޭނެ. އެގޮތަށް މަސައްކަތް ކުރަންޖެހޭނެ. އަދި ޤައުމީ އެއްބައިވަންތަކަމަށް ކިލަނބުކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ޖާގަދީގެނެއް ނުވާނެ.
އާދެ، ޚިޔާލު ތަފާތުވުމަކީ ވެދާނެ ކަމެއް. ވާންޖެހޭނެވެސް ކަމެއް. އިންސާނުންގެ މެދުގައި ޚިޔާލު ތަފާތުވާނެ. އެއީކީ މައްސަލައެއް ނޫން. އެހެންނަމަވެސް، ޚިޔާލު ތަފާތުވާއިރުވެސް އަޅުގަނޑުމެން އިސްކަންދޭންވާނީ، އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން ނުއުފެދޭފަދަ ގޮތެއްގައި، އެމީހަކަށް ފެންނަ ޚިޔާލެއް ފާޅުކުރުމުގެ މައްޗަށް. އަދި ތިމާޔާ ޚިޔާލު ތަފާތުވާ މީހުންގެ ޚިޔާލަށް ޙުރްމަތްތެރިކޮށްހިތުމުގެ މައްޗަށް. ޚިޔާލު ތަފާތުވިޔަސް، ކޮންމެ މީހަކުވެސް އަނެކާގެ ޚިޔާލަށް ޙުރްމަތްތެރިކޮށްހިތަންޖެހޭނެ. ކަމޭހިތަންޖެހޭނެ. އަޅުގަނޑު ޚިޔާލުފާޅުކުރާ ފަދައިން، އެހެން މީހަކުވެސް ޚިޔާލުފާޅުކުރުމަށް ފުރުޞަތު ދޭންވާނެ. އެއީ، އަޅުގަނޑުމެން ދަސްކުރަންވީ ކަމެއް. އަދި ޚިޔާލު ތަފާތުވިޔަސް، މިއީ އެއްޤައުމެއްގެ އެއްބައެއްކަން އަބަދުވެސް އަޅުގަނޑުމެންގެ ހިތުގައި ބާއްވަންޖެހޭނެ. އަޅުގަނޑުމެންނަކީ އެއްޤައުމެއްގެ އެއްބައެއްކަން، ޚިޔާލު ތަފާތުވިޔަސް. އެހެންވީމާ، މި ޤައުމަށް ހެޔޮއެދިގެން، މި ޤައުމުގެ ތަރައްޤީއާއި މި ޤައުމުގެ މަޞްލަޙަތު ނިޔާކުރާގޮތެއްގެ މަތިން، އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކަންތައް ކުރަމުން ގެންދަންޖެހޭނީ.
އާދެ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން އަދި އެއްވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އެ ވާހަކައަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް އޮންނާނީ، އެތަނެއްގެ ޘަޤާފަތާއި މާޙައުލާ ގުޅޭގޮތަކަށްކަން. މިއީ ވަރަށްބޮޑު ޙަޤީޤަތެއް. ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް މިކަން އޮންނަނީ މިހެން. އެއީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނައިރުވެސް، އެކަން ވަކި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި، އެތަންތާނގައިވެސް ޤާނޫނުތަކާއި ގަވާއިދުތަކެއް ހަދާފައި ހުރޭ. މިސާލަކަށް، އަބުރާ ބެހުމުގެ ކުށް ބަޔާންކުރާ ޤާނޫނު އޮންނާނެ. އެއީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައިވެސް، އެހެން މީހެއްގެ އަބުރަކާ ނުބެހެވޭނެ. ބެހުމަކީ ކުށެއް. އެކަން ބަލައި ތަޙުޤީޤުކޮށް، ޤާނޫނީގޮތުން ފިޔަވަޅު އެޅެންޖެހޭ ކަމެއް އެއީ. އެހެންވީމާ، ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ލައިބަލް ލޯޒް ނުވަތަ އަބުރާ ބެހުމުގެ ކުށް ބަޔާންކުރާ، އެއަށް އަދަބުދޭ ޤާނޫނެއް އޮވޭ. ހަމައެހެންމެ، ޢާންމު މަޞްލަޙަތު ގެއްލޭފަދަ ކަންކަން ބަޔާންކުރާ ޤާނޫނުވެސް ހުރޭ. ޕަބްލިކް އޯޑަރ (ޢާންމު މަޞްލަޙަތު) އެއަށް ގެއްލުންދެނިވި ކަންތައްތައް ކުރުމަކީ ކުށެއްކަން ބަޔާންކޮށް، އެ ކުށްކުރާ މީހުންނާ ދޭތެރޭގައި ޢަމަލުކުރާގޮތުގެ ޤާނޫނެއްވެސް އޮވޭ. ހަމައެހެންމެ، ހަރުކަށި ޢަމަލުތައް ހިންގުމަށް ގޮވާލުން މަނާކުރާ ޤާނޫނު (ވަޔަރލެންސް) ހަރުކަށި ޢަމަލުތައް ހިންގަން ގޮވާލުން އެއީ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުށެއް. ހަރުކަށި ޢަމަލު ހިންގުމަށް، ވަޔަރލެންސް ހިންގުމަށް ގޮވާލާ މީހުން ކުށްވެރިކުރާ ޤާނޫނު އެހެން ތަންތާނގައިވެސް ހުރޭ. އެހެންވީމާ، މިއިން އެނގޭތާ! ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ހަމަ އެމީހަކު ބޭނުންހާގޮތަކަށް އޮތް އެއްޗެއް ނޫންކަން. ކޮންމެ ތަނެއްގައިވެސް އެތަނެއްގެ މާޙައުލާއި ޘަޤާފަތާ ގުޅޭގޮތަކަށް މިކަން އޮންނަނީ ވަކި މިންގަނޑުތަކެއްގެ ތެރޭގައި ހިފެހެއްޓިފައި.
ދެން ބަލައިލަމާ ހިންގަވާ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންނަކީވެސް އިސްލާމީ ޤައުމެއް. އިސްލާމްދީނުގެ މައިގަނޑު ޢަޤީދާތަކެއް އެބަހުރި. މައިގަނޑު އުސޫލުތަކެއް އެބަހުރި. އެ މައިގަނޑު ޢަޤީދާތަކާއި އުސޫލުތަކާ ޚިލާފަށް އަޅުގަނޑުމެންނަށް ރާއްޖޭގައި ޚިޔާލު ފާޅުކުރެވިދާނެތޯ؟ ކުރެވިގެނެއްނުވާނެ. އެހެންވީމާ، އަޅުގަނޑުމެން އެބަހުރި އަޅުގަނޑުމެން ރައްކާތެރިވާންޖެހޭ މިންގަނޑުތަކެއް. އެ މިންގަނޑުތަކަށް ރައްކާތެރިވުމާއެކީގައި އަޅުގަނޑުމެންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނީ. އަދި ކުޑަކުޑަ މިސާލެއް ދަންނަވާލިޔަދެއްވާ! އެއީ ހަމަ މިމަހުގެ ތެރޭގައި ބޭރުގެ ނޫހެއްގައި ޖަހާފައިވާ ޚަބަރެއް. އެ ޚަބަރުގައި މި އޮންނަނީ، ހުޅަނގުގެ ކޮންމެވެސް ޤައުމެއްގައި، ކޮންމެހެން އެޤައުމުގެ ނަން ދަންނަވާކަށް އަޅުގަނޑު ބޭނުމެއްނޫން. ހުޅަނގުގެ ކޮންމެވެސް ޤައުމެއްގައި އެމީހުން ހިންގާ ސެޓެލައިޓް ސްޓޭޝަނެއް. އެމީހުން ހިންގާ ސެޓެލައިޓެއް. އޭގެ ޛަރީޢާއިން ޓެލެވިޜަން ޕްރޮގްރާމްތައް، ދުނިޔޭގެ އެއްތަނުން އަނެއްތަނަށް ފޮނުވާ ސެޓެލައިޓެއް ހިންގާ ތަނެއް. އެތަނުން މި ނިންމީ، ޢަރަބި ނިއުސް އެޖެންސީއަކަށް އެ ސެޓެލައިޓް ބޭނުންކުރުން އެއީ މަނާކަމެއްކަމުގައި. 48 ގަޑިއިރުގެ ތެރޭގައި އެކަން ހުއްޓާލަން މަޖުބޫރުކުރީ. ސަބަބަކީ ކޮބައިތޯ؟ ސަބަބަކީ، އެ ޢަރަބި ސެޓެލައިޓް ސްޓޭޝަނުން މެދުއިރުމަތީގެ ޤައުމެއްގައި ހިނގާ ހަރުކަށި ޢަމަލުތަކާބެހޭ ވާހަކަތަކެއް ޝާއިޢުކުރަނީ. މުސްލިމުންނާ ދެކޮޅަށް، ޢަރަބިންނާ ދެކޮޅަށް ޢަމަލުކުރާ ޤައުމެއްގެ ވާހަކަ. އެމީހުން މިވެނިކަމެއް ކުރަނީ މިވެނިހެންނޭ ކިޔައިގެން، އެވާހަކަ އެ ޓީ.ވީ. ސްޓޭޝަނުން އެ ސެޓެލައިޓް މެދުވެރިކޮށް އެވާހަކަ ދައްކާތީ، އެއީ މިދެންނެވި ޤައުމުގެ ޤާނޫނާޚިލާފު ކަމެކޭ ކިޔާފައި މަނާކުރީ. އެހެންވީމާ، އެމީހުންވެސް ޤާނޫނު އެބަ މަނާކުރޭ ބައެއް ކަންތައްތައް. ބައެއްކަހަލަ ވާހަކަ ދެއްކުން، އެމީހުންގެ ޤާނޫނު އެއޮއް މަނާކުރަނީ. އެހެންވީމާ، މިދެންނެވީ. އަޅުގަނޑު މިދެންނެވި ޤައުމާ ބެހޭގޮތުން، އެކަށީގެންނުވާ ވާހަކައެއް ދެއްކުން އެއީ މަނާކަމެއް. އެކަމަކު އިސްލާމްދީނާ ބެހޭގޮތުން ކޮންމެކަހަލަ ވާހަކައެއްވެސް އެމީހުންނަށް ދެއްކިދާނެ. ދައްކާފާނެ. އެއީކީ އެމީހުންނަށް މަނާކަމެއްނޫން. މުސްލިމުންނާ ބެހޭގޮތުން ބޭނުން އެއްޗެއް ބުނަންވީ. މިކަހަލަ ގޮތަކަށް މިކަންތައްތައް މި ހުންނަނީ.
އެހެންވީމާ، އަޅުގަނޑުމެން މިކަމުގެ ޙަޤީޤަތް ރަނގަޅަށް ދަންނަންޖެހޭނެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ބޭނުން. އޮންނަންވެސްޖެހޭނެ. އެކަމަކު އަޅުގަނޑުމެންގެ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި، އަޅުގަނޑުމެންގެ ދީނާއި، އަޅުގަނޑުމެންގެ ޤާނޫނުތަކާއި، އަޅުގަނޑުމެންގެ ޘަޤާފަތާ ގުޅޭގޮތަކަށް، އެކަން އޮތުން އެއީ ހަމަ ކޮންމެހެން މުހިންމު ކަމެއް. އެހެންނޫނީވިއްޔާ، މި ކުޑަކުޑަ ޤައުމު ކިހިނެއްތޯ ވާނީ؟ އަޅުގަނޑުމެން އެންމެންނަކީ، އެންމެން، އެންމެން ދަންނަ ބައެއް. ވަރަށްގިނަ މީހުންނަކީ ތިމާގެމީހުން. އެއްވެސްކަހަލަ މިންގަނޑެއްނެތި، ވަކިކަހަލަ ހަމަތަކެއްނެތި އަޅުގަނޑުމެން ބޭނުންވާހާ އެއްޗެއް ކިޔަމުން ގެންދަނީ ކަމުގައިވަނީނަމަ، އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ހަމަޖެހުމެއް ނޯންނާނެ. މިއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން ޖެހޭނެ، މިއިން ކޮންމެ ކަމެއްވެސް، އޭގެ މާޙައުލު ރަނގަޅަށް ދެނެގަންނަން. ދެނެގެންފައި، އަޅުގަނޑުމެންނަށް އެކަމުގައި އެންމެ ފައިދާހުރި ގޮތަކަށް އެކަން ކުރުން އެއީ، ހަމަ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުކަމެއް. އެނޫންގޮތަކަށް ކޮށްފީވިއްޔާ، އަޅުގަނޑުމެން ހީވެސްނުކުރާކަހަލަ ގެއްލުންތައް ޤައުމަށް ލިބިގެންދާނެކަމާމެދަކު ޝައްކެއްނެތް.
އާދެ، އަޅުގަނޑުގެ ވާހަކަ ތަންކޮޅެއް ދިގުވެސްވެއްޖެ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ހުރި ބައެއް ކަންތައްތައް އެއީ، ވަރަށް މުހިންމު ކަންތައްތަކެއް ކަމަށް އަޅުގަނޑު ދެކޭތީ، ތަންކޮޅެއް ދިގުވެގެންދިޔައީ.
އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮވިސްނުން ދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮތައުފީޤު ދެއްވުން. އަދި އަޅުގަނޑުމެން ދިވެހިންނަކީ ހިންމަތްތެރި އަދި ޞުލްޙަވެރި، ޤައުމަށް ހެޔޮއެދޭ، ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރާ ބަޔަކު ކަމުގައި އެކަލާނގެ ލެއްވުން. އަދި އަޅުގަނޑުމެން ކުރާ ހުރިހާ ހެޔޮކަމެއްގައި މާތްﷲ ބަރަކާތް ލައްވައި، ދިވެހި ޤައުމަށް އަބަދުވެސް ތަނަވަސްކަމާއި ފޯރުންތެރިކަމާއި ތަރައްޤީ އެކަލާނގެ މިންވަރުކުރެއްވުން.
والسّلام عليكم ورحمـة اللّـه وبركاته.