بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّـلام على خاتم الأنبياء وسـيِّد المرسـلين، سيِّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، މިރޭގެ މި ބަރަކާތްތެރި އިޙްތިފާލުގައި އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، މިރޭ އަޅުގަނޑުމެން އިޙްތިފާލު ކުރަމުން މިގެންދާ މުނާސަބަތުގައި އާދެ، އަލްމައުލިދުއްނަބަވިއްޔުއްޝަރީފުގެ މަތިވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން. ހަމަ އެހެންމެ، މިރޭގެ މި ބަރަކާތްތެރި އިޙްތިފާލުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް މި މުނާސަބަތުގެ ތަހުނިޔާއާއި، ހެޔޮއެދުންތައް ރައްދުކުރުން.

އާދެ، ދެންމެ އަޅުގަނޑުމެންނަށް ފެނިގެން އެދިޔައީ، ޤުރްއާން ކިޔެވުމުގެ 19 ވަނަ ޤައުމީ މުބާރާތުގެ ސްކޫލް މަދަރުސާތަކުގެ ގޮފިން އެކި ޢުމުރުފުރާތަކުން 1 ވަނަ ހާސިލުކުރި ކުދިންނަށް އިނާމު ލިބުނު މަންޒަރު. އާދެ، އޭގެތެރޭގައި ސްކޫލްތަކުގެ ފަރާތުން ބައިވެރިވި ކުދިންނާއި، އަމިއްލަގޮތުން ބައިވެރިވި ކުދިންނާއި މީހުންގެ ތެރެއިން، އެކި ޢުމުރުފުރާތަކުން 1 ވަނަ ހާސިލުކުރި ކުދިންނަށާއި މީހުންނަށް އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. ހަމަ އެފަދައިން، މި މުބާރާތުގައި ސްކޫލް މަދަރުސާތަކުން އެކި ގޮފިތަކުން 1 ވަނަ ހޯދި ސްކޫލްތަކަށާއި، ޤުރްއާން ކްލާސްތަކުގެބައިން ތިންގޮފިން 1 ވަނަ ހޯދި "އިޔާރު" ޤުރްއާން ކްލާހަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. މީގެއިތުރުން، މުބާރާތުގައި ކުދިން ބައިވެރިކުރެއްވި ސްކޫލް މަދަރުސާތަކަށާއި، ޤުރްއާން ކްލާސްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، އެ ސްކޫލްތަކާއި ކްލާސްތަކުގެ ފަރާތުން ކީރިތި ޤުރްއާނަށް ބަހައްޓަވާ ޚާއްޞަ ލޯތްބާއި ޝައުޤުވެރިކަމާއި އަހަންމިއްޔަތުގެ ސަބަބުން، އެ ސްކޫލްތަކާއި އަދި ކްލާސްތަކުގެ ދަރިވަރުން، މިފަދަ މަތިވެރި އިނާމުތަކެއް ހާސިލުކުރިކަން އެއީ، ޝައްކެއްނެތްގޮތުގައި، އެބޭފުޅުން އެކުރައްވާ ޚިދުމަތް އަޅުގަނޑުމެންނަށް ފެނިގެންދާ ކަމެއް. ހަމަ އެއާއެކީގައި، ދީނީ މަޒުމޫނު ލިޔުމާއި، ދީނީ ޅެން ހެދުމުގެ 9 ވަނަ މުބާރާތުން 1 ވަނަ ހާސިލުކުރި ދަރިވަރުންނަށާއި، ސްކޫލް މަދަރުސާތަކަށާއި، އަމިއްލަ މީހުންގެ ތެރެއިން 1 ވަނަ ހާސިލުކުރި މީހުންނަށާއި، މި ދެ މުބާރާތުގެ އެހެނިހެން ވަނަތައް ހާސިލުކުރި ދަރިވަރުންނަށާއި، ސްކޫލް މަދަރުސާތަކަށާއި، މީހުންނަށްވެސް އަޅުގަނޑު ތަހުނިޔާ އަދާކުރަން.

އާދެ، މިރޭގެ މިޖަލްސާގައި، އިނާމު މި ޙަވާލުކުރެވުނީ އެކި ޢުމުރުފުރާތަކުން އެކިގޮފިން 1 ވަނައަށް އައި ކުދިންނަށާއި މީހުންނަށް ކަމަށްވިޔަސް، މީގެ ކުރީގެ ޖަލްސާއެއްގައި އާދެ، ކީރިތި ޤުރްއާނުގެ 19 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ޖަލްސާގައި މި މުބާރާތުން އެހެން ވަނަތައް ހާސިލުކުރި ކުދިންނަށާއި ސްކޫލްތަކަށް ވަނީ އިނާމު ދެވިފައި. އެހެންވީމާ، މި މުނާސަބަތުގައި އެހުރިހާ ކުދިންނަށާއި، ސްކޫލްތަކަށާއި، ކްލާސްތަކަށްވެސް އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

މިރޭގެ މި އިޙްތިފާލުގައި މި ވޭތުވެދިޔަ އަހަރުދުވަހުގެ ތެރޭގައި ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، ސަނަދާއި އިނާމު ހާސިލުކުރައްވާ ފަރާތްތަކުގެ ނަންތައް އިޢުލާނުވެގެން ހިނގައްޖެ. އާދެ، އެ މަތިވެރި ޝަރަފް ހާސިލުކުރެއްވި ހަތަރު ބޭފުޅުންގެތެރެއިން އެއްބޭފުޅަކު މިރޭ އިނާމުވެސް ގެންދަވައިފި. އާދެ، އެހެންވީމާ، އެބޭފުޅަކަށާއި އަދި ކަންދިމާވިގޮތުން، މިރޭގެ ޖަލްސާއަށް ވަޑައިނުގެންނެވުނު އަނެއް ތިން ބޭފުޅުންނަށްވެސް އަޅުގަނޑު މުބާރަކްބާދީ ދަންނަވައި، ތަހުނިޔާ އަދާކުރަން.

އާދެ، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން ކޮންމެ އަހަރަކުވެސް ބާއްވަވަމުން މި ގެންދަވާ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ވަރަށް މަތިވެރި މަޤްޞަދެއްގައި ބާއްވަވަމުން ގެންދަވާ މުބާރާތެއް. ކީރިތި ޤުރްއާނަކީ، އަޅުގަނޑުމެން އެންމެން އެންމެބޮޑަށް އިޙްތިރާމްކުރަންޖެހޭ ޤާނޫނު. އަޅުގަނޑުމެން މި އުންމަތުގެ މުޤައްދަސްފޮތް. އެފޮތަށް ލޯބިކުރުމާއި، އެފޮތަށް ޙުރްމަތްތެރިކޮށްހިތުމާއި، އެފޮތް ރަނގަޅަށް ކިޔަވަން ދަސްކުރުމާއި، އަދި އެމީހަކަށް ކުޅަދާނަވި މިންވަރަކުން އެފޮތުން އެކި ބައިބައި ހިތުންދަސްކުރުމާއި، ނަމާދުކުރުމުގައި ޤުރްއާން ކިޔެވުމާއި، އަދި އެނޫން މުނާސަބަތުތަކުގައިވެސް، ހުސްވަގުތުގައިވެސް ޤުރްއާން ކިޔެވުމާ، މިކަންތައްތަކަކީ، މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތަކެއް. އަޅުގަނޑުމެން ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދޭންޖެހޭ ކަންތައްތަކެއް. އެހެންވީމާ، މިކަން މިގޮތަށް އޮތުމާއެކީގައި، ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް އިތުރަށް ލޯބިޖެއްސުމުގެ ބޭނުމުގައި އަދި ޤުރްއާން ރީތިކޮށް ކިޔެވުމުގެ ޝައުޤުވެރިކަން ދިވެހިންނަށް އިތުރަށް އަންގައިދިނުމުގެ ގޮތުން ނުވަތަ އެކަމަށް ދިވެހިންގެ ހިތްތައް އިތުރަށް ހުޅުވައިދިނުމުގެ ގޮތުން، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން މިމުބާރާތް ކޮންމެ އަހަރަކުވެސް ބާއްވަވަމުން އެ ގެންދަވަނީ. އެހެންވީމާ، އެ މަޖިލީހުން އެކުރައްވާ މަތިވެރި ޚިދުމަތަށްޓަކައި، މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ފަޟީލަތުލް އުސްތާދުއްޝައިޚް މުޙަންމަދު ރަޝީދު އިބްރާހީމަށާއި، އެ މަޖިލީހުގެ ނާއިބު ރައީސް ފަޟީލަތުއްޝައިޚް އަޙްމަދު ފާރޫޤު މުޙަންމަދަށާއި، އެހެން ވެރިންނަށާއި، ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިރޭގެ މިޖަލްސާގައި މަރުޙަބާ ވިދާޅުވުމުގެ ގޮތުން، ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙަންމަދު ރަޝީދު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި އިޚްލާޞްތެރި ބަސްފުޅުތަކަށްޓަކައި، އެމަނިކުފާނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. ހަމައެހެންމެ، އެމަނިކުފާނުގެ ޢިލްމުވެރި ބަސްފުޅުތަކުން އަޅުގަނޑުމެންނަށް ވަރަށް މަތިވެރި ފިލާވަޅުތަކެއް ލިބިގެން ހިނގައްޖެ ކަމުގައި ދަންނަވަން. އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް، ހެޔޮބަސް ޤަބޫލުކުރަންޖެހޭނެ. ހެއްކާއި ސާބިތު ދަލީލު ދައްކަވައިގެން، އެ ޢިލްމުވެރިން ދައްކަވާ ވާހަކަފުޅު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ. އެގޮތުން މިރޭ އެމަނިކުފާނު އެދެއްކެވި ވާހަކަފުޅުތަކަކީ، ޢިލްމީގޮތުން ބަލާއިރު، ވަރަށް އޮށްޓަރުހުރި، ވަރަށްމޮޅު ވާހަކަފުޅުތަކެއް. އެހެންވީމާ، އެ ވާހަކަފުޅުތަކުގައި އެ ވިދާޅުވެފައިވާ ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން ޚިޔާލުކުރަންޖެހޭނެ. ވިސްނަންޖެހޭނެ. އޭނާގެ ނަޞޭޙަތްޕުޅު އަޅުގަނޑުމެން ހެޔޮހިތުން ޤަބޫލުކުރަންޖެހޭނެ. އަދި އެފަދަ ޢިބްރަތްތެރި އަދި ޢިލްމުވެރި ވާހަކަފުޅުތަކެއް ދައްކަވައިދެއްވިކަމަށްޓަކައި، އަޅުގަނޑު ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙަންމަދު ރަޝީދު އިބްރާހީމަށް ޝުކުރު ދަންނަވަން.

މިރެޔަކީ، އަލްމައުލިދުއްނަބަވިއްޔުއްޝަރީފުގެ ޛިކްރާ، މުޅި އިސްލާމީ އުންމަތުގައި އާކޮށް އާލާކުރަމުންދާ ރޭ. ހުރިހާ މުސްލިމުންވެސް ވަރަށް ޚާއްޞަގޮތެއްގައި ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގެ މައްޗަށް ނަޒަރުހިންގައި، އެކަލޭގެފާނުގެ މާތް ސީރަތުން ފިލާވަޅުތަކެއް ލިބިގަންނަ ރެއެއް. މުނާސަބަތެއް. ޙަޤީޤަތުގައި ކީރިތި ރަސޫލާގެ ވަސްމީރު ސީރަތުން އަޅުގަނޑުމެން ފިލާވަޅު ލިބިގަންނަންވީ ނުވަތަ ޢިބްރަތް ހާސިލުކުރަންވީ، ވަކި ޚާއްޞަ މުނާސަބަތެއްގައެއް ނޫން. ހަމައެކަނި މިރެޔަކު ނުވަތަ މާދަމައަކު ނޫން. އަޅުގަނޑުމެންގެ މުޅި ޙަޔާތުގައި. އެހެންނަމަވެސް، މިފަދަ މުނާސަބަތެއް އައުމުން، އެ މުނާސަބަތަކީ އަޅުގަނޑުމެން އެކަންތައްތަކުގެ މަތިން އިތުރަށް ހަނދާންކޮށް، އަޅުގަނޑުމެންގެ ހިތްތަކުގައިވާ އީމާންކަމާއި ތަޤްވާވެރިކަން އިތުރަށް ވަރުގަދަކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތަކަށްވާނެ. އެގޮތުން، އަޅުގަނޑުމެން މިރޭގެ އިޙްތިފާލު މިކުރަނީ އަދި އިސްލާމީ ހުރިހާ ޤައުމެއްގައިވެސް މި އިޙްތިފާލު މިގޮތަށް ކުރަމުންގެންދަނީ، މީސްތަކުންނަށް ކަންތައްތައް ހަނދާންކޮށްދިނުމަށްޓަކައި. وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ (الذّاريَات:55) މާތްﷲ ކީރިތި ޤުރްއާނުގައި އަންގަވާފައިވަނީ، "ކަލޭގެފާނު މީސްތަކުންނަށް ހަނދާންކޮށްދެއްވާށޭ. ފަހެ، ހަނދާންކޮށްދެއްވުމަކީ، މުއުމިންތަކުންނަށް ފައިދާކުރަނިވިކަމެކޭ." އެހެންވީމާ، ތަކުރާރުކޮށް އެކިއެކި މުނާސަބަތުތަކުގައި އެވާހަކަތައް ދެއްކުމަކީ، ހަމަ ވަރަށް މުހިންމު ކަމެއް. އިންސާނުންނަކީ، ވަރަށް ފަސޭހައިން ކަންތައްތަކުގެ މަތިން ހަނދާންނެތިގެންދާ ބައެއް. އެހެންވީމާ، އިންސާނުންނަށް ހަނދާންކޮށްދިނުން މިވަނީ އަބަދު ތަކުރާރުކުރަންޖެހޭ ކަމަކަށްވެފައި. އެގޮތުން މިރޭގެ މި އިޙްތިފާލު އަޅުގަނޑުމެން މި ބާއްވަނީ. އަދި އެހެނިހެން އިސްލާމީ ޤައުމުތަކުގައިވެސް މިރޭ ނުވަތަ މާދަމާ ނުވަތަ މި މުނާސަބަތާ ގުޅިގެން މިފަދަ އިޙްތިފާލުތައް ބާއްވަމުން އެ ގެންދަނީވެސް ހަމަ އެސަބަބަށްޓަކައި.

އާދެ، އެހެންވީމާ، މިރޭގެ މިބަރަކާތްތެރި އިޙްތިފާލުގައި، ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން ވަރަށް މުހިންމު ފިލާވަޅެއް އަޅުގަނޑުމެންނަށް ލިބިގެންދާ ކަމެއްގެ ވާހަކަ ދަންނަވާލަން އަޅުގަނޑު ބޭނުންވޭ. އާދެ، ދެންމެ ފަޟީލަތުއްޝައިޚުލް އުސްތާޛު މުޙަންމަދު ރަޝީދު އިބްރާހީމްގެ ވާހަކަފުޅުގައި، ޙައްޖަތުލް ވަދާޢުގެ ވާހަކަ ވިދާޅުވެއްޖެ. ކީރިތި ރަސޫލާ ވެވަޑައިގަތީ، އެންމެ ޙައްޖެއް. އެއީ، ހިޖްރީގޮތުން 10 ވަނަ އަހަރު އެކަލޭގެފާނު ވެވަޑައިގެންނެވި ޙައްޖު. އެއަށް މިކިޔަނީ ޙައްޖަތުލްވަދާޢު. އެއީ، އެ ޙައްޖަށްފަހުގައި މާގިނަދުވަސްތަކެއްނުވެ، އެކަލޭގެފާނު މިދުނިޔެ ދޫކުރައްވައި ސުވަރުގެ ވަޑައިގަތްކަމަށްވާތީ. އާދެ، ވިދިގެންއައި އަހަރުގެ ރަބީޢުލްއައްވަލް މަހު. މި ޙައްޖުގައި ނުވަތަ ޙައްޖަތުލް ވަދާޢުގައި ކީރިތި ރަސޫލާ ވަރަށް މުހިންމު ތަޤްރީރެއް ކުރެއްވި. އެއަށް މިކިޔަނީ، ޚުޠުބަތުލްވަދާޢު. ކީރިތި ރަސޫލާ އަލްވަދާޢު ވިދާޅުވުމުގެގޮތުން ވިދާޅުވި ޚުޠުބާ.

އާދެ، ހިޖްރީގޮތުން 10 ވަނަ އަހަރު އައިއިރު އިސްލާމްދީން ވަނީ މުޅި ޢަރަބިކަރައަށް ފެތުރިފައި. ޝިރުކުގެ ހުރިހާ ކަމެއް ވަނީ ޢަރަބިކަރައިން ނެތިގޮސްފައި. އިސްލާމީ ދައުލަތް ވަނީ، ވަރަށް ވަރުގަދަ ނަޞްރުތަކަކާއި ކާމިޔާބީތަކެއް ހާސިލުކޮށްފައި. މުޅި ޢަރަބިކަރައިގައި ވަނީ ހަމަޖެހުން އުފެދިފައި. އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ޤާއިމްވެފައި. އެކަން އެހެން އޮތް ވަގުތެއްގައި، ކީރިތި ރަސޫލާގެ ހިތްޕުޅަށް ވަނތް ޝުޢޫރެއް އާދެ، އެކަލޭގެފާނާ މާތްﷲ ޙަވާލުކުރެއްވި އަމާނާތް އަދާކުރައްވައި ނިންމަވައިލެވިއްޖެކަމުގެ ޝުޢޫރު. އެހެންވީމާ، އެއަހަރު ޙައްޖަށް ވަޑައިގަތުމަށް ގަސްތުކުރައްވައި، އެކަން އިޢުލާން ކުރެއްވުމުން، ވަރަށް ގިނަ މީސްތަކުން އެއަހަރު ޙައްޖަށްދިޔަ. އެ ޙައްޖުގައި އެތައްހާސް ބަޔަކު އެއްވެތިބި މަންޒަރު އެކަލޭގެފާނު ދެކެވަޑައިގެން، އެކަލޭގެފާނުގެ ހިތްޕުޅަށް ވަރަށްބޮޑު ހަމަޖެހުމެއް ލިބިވަޑައިގެން، ވަރަށްބޮޑަށް އުފާކުރެއްވި. އަދި އިސްލާމްދީނުގެ އަޞްލު އުޞޫލުތަކުގެ ވާހަކަ އެއްވެތިބި މީހުންނަށް، އެކަލޭގެފާނަށް ލިބިވަޑައިގެންނެވި މި ފުރުޞަތުގައި ވިދާޅުވެދެއްވަން ގަސްތުކުރެއްވި.

އާދެ، 23 އަހަރުގެ ދިގު މުއްދަތުގައި، އިސްލާމްދީނުގެ އެކިއެކި ޢަޤީދާތަކާއި، އުޞޫލުތަކާއި، ޙުކުމްތައް ކީރިތި ރަސޫލާ އޮތީ މީސްތަކުންނަށް ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވާފައި، އެކަލޭގެފާނުގެ ބަސްފުޅުތަކުންނާއި، ޢަމަލުފުޅުތަކުންނާއި، އަޚުލާޤުން. އެހެންނަމަވެސް، މިފުރުޞަތަކީ، ދެން ލިބިވަޑައިނުގެންފާނެ ފުރުޞަތެއް ކަމަށް ދެކެވަޑައިގެން، އެ ފުރުޞަތުގެ ބޭނުންހިއްޕެވީ، އެ އުޞޫލުތަކުގެ ތެރެއިން ވަރަށް މުހިންމު ކަންތައްތަކެއްގެ ވާހަކަ އެންމެފަހުފަހަރުނަމަވެސް މީސްތަކުންނަށް ހަނދާންކޮށްދެއްވުމަށްޓަކައި. އެކަލޭގެފާނުގެ ވާހަކަފުޅު ފަށްޓަވަމުން ޙަދީޡްކުރެއްވި ކަމަށް އޮވޭ، ފަހަރެއްގައި މީގެފަހުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ މިކަހަލަ ފުރުޞަތެއްގައި ބައްދަލުވެވަޑައިނުގެންފާނޭ. އެހެންވީމާ، ތިމަންކަލޭގެފާނު މި ވިދާޅުވާ ބަސްފުޅުތަކަށް ރަނގަޅަށް ކަނުލައި އަޑުއަހާށޭ. އަދި އެއާ އެއްގޮތަށް ތިޔަބައިމީހުން ޢަމަލުކުރާށޭ. މިފަދަ ގޮތަކަށް ވާހަކަފުޅު ފަށްޓަވާފައި، އިސްލާމީ ޖަމާޢަތުގެ އަފްރާދުންނާއި، ޖަމާޢަތުގެ ޙައްޤުތަކާ ބެހޭގޮތުން ވަރަށް މުހިންމު ވާހަކަފުޅުތަކެއް ދެއްކެވި. ދީނުގައި ކުރިއްސުރެ ކަނޑައެޅިފައިވާ އުޞޫލުތައް އިތުރަށް ބަޔާންކޮށްދެއްވި. އެކަލޭގެފާނު ޙަދީޘްކުރެއްވި، ތިޔަބައިމީހުންގެ ލެޔާއި، ތިޔަބައިމީހުންގެ މުދާތަކަކީ، ޙުރަމަތްތެރިވެގެންވާ ތަކެއްޗޭ. އެއީ، ތިޔަބައިމީހުންގެ މި ރަށް އާދެ، މައްކާއަށް ލިބިގެންވާ ޙުރްމަތްތެރިކަންފަދަ ޙުރްމަތްތެރިކަމެކޭ. އަދި ތިޔަބައިމީހުން މިއަދު ތިޔަ ހޭދަކުރާ ދުވަހަށް ލިބިގެންވާ ޙުރްމަތްތެރިކަންފަދަ ޙުރްމަތްތެރިކަމެކޭ. އެހެންވީމާ، ކޮންމެ މީހެއްގެވެސް ޙައްޤު ބަޔާންކޮށްދެއްވި. ކޮންމެ މީހެއްގެ ފުރާނައަކީވެސް ޙުރްމަތްތެރިކަންވާ އެއްޗެއްކަން، ކޮންމެ މީހެއްގެ މުދަލަކީވެސް ޙުރްމަތްތެރިކަން ލިބިގެންވާ އެއްޗެއްކަން. އަދި އެމީހެއްގެ ކިބައިގައި އެހެން މީހެއްގެ އަމާނާތެއްވާނަމަ، އެ އަމާނާތެއް ރައްދުކުރާށޭ! މިއީވެސް އަނެއް މީހާގެ ޙައްޤު. އަދި ރިބާއަކީ، މާތްﷲ ޙަރާމްކުރެއްވި އެއްޗެކޭ. އެހެންވީމާ، ރިބާއަކީ، އެއްގޮތަކަށްވެސް މުސްލިމުން ޢަމަލުކޮށްގެންވާނެ ކަމެއްނޫނޭ. ހަމައެހެންމެ، ޝަރީޢަތުގެ ޙުކުމެއްގެ މައްޗަށް ބިނާވެގެންނޫނީ، މަރަށްމަރުހިފުމަކީ، ހުއްދަކަމެއް ނޫނޭ. އަޅުގަނޑުމެންގެ (މިސާލަކަށް) ޢާއިލާއިން މީހަކު މަރުވީތީ، އެ މަރާލި މީހާއާ ދިމާއަށް އަޅުގަނޑުމެންގޮސް އޭނާ މަރާލައިގެންނުވާނެ. މިއީ ޝަރީޢަތުގެ ޙުކުމެއްގެ މައްޗަށް ބިނާވެގެން ނޫނީ ޤިޞާޞް ހިފުމެއް އާދެ، މަރަށްމަރުހިފުމެއް ނޯންނާނެ. އަދި ހުރިހާ މުސްލިމުންނަކީ އަޚުންތަކެކޭ. އެއްބަނޑުއެއްބަފާ ބައެކޭ. ކޮންމެ މުސްލިމަކުވެސް އެހެން މުސްލިމުންގެ ޙައްޤުތަކަށް ރައްކާތެރިވާށޭ! އަދި ޚާއްޞަކޮށް، އަންހެނުންނާ ބެހޭގޮތުންވެސް ވަރަށް ހެޔޮ ވަޞިއްޔަތްތަކެއް ކުރެއްވި. އަންހެނުންނަށް ކަމޭހިތާށޭ. އެމީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭށޭ. އަދި ތިމަންކަލޭގެފާނު ދުނިޔެ ދޫކުރައްވައިމި ވަޑައިގަންނަވަނީ ތިޔަބައިމީހުންގެ އަތްމައްޗަށް، އެ ދެއެއްޗެއްގައި ތިޔަބައިމީހުން ހިފަހައްޓައިފިހާހިނދަކު ތިޔަބައިމީހުން މަގުފުރެދިގެން ނުދާނެ ދެއެއްޗެއް ދޫކުރައްވާފައޭ. އެއީ މާތްﷲގެ ފޮތާއި، އެކަލާނގެ ނަބިއްޔާގެ ސުންނަތޭ.

އާދެ، މިއިން ކޮންމެ ވާހަކައެއް ވިދާޅުވެފައި އެކަލޭގެފާނު މި ވިދާޅުވަނީ، މާތްﷲ ތިމަންނަޔާ ޙަވާލުކުރެއްވި މި ރިސާލަތު ތިޔަބައިމީހުންނާ ހަމައަށް ތިމަންކަލޭގެފާނު ގެނެސްދެއްވައިފީންހޭ. اَلاَ هَلْ بَلَّغْتُ މާތްﷲ މިއެންގެވި އެންގެވުން ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަވައިދެއްވައިފީންހޭ. އެބައިމީހުން ދެންނެވީ އާދޭހޭ. މިކަމުން އެނގުނު އެއްޗަކީ، މާތްﷲ ކީރިތި ރަސޫލާއާ ޙަވާލުކުރެއްވި ރިސާލަތު، އެ އަމާނާތް އޭގެ އެންމެ ފުރިހަމަގޮތުގައި މީސްތަކުންނާ ހަމައަށް އެކަލޭގެފާނު ގެނެސްދެއްވައިފިކަން. އެންމެފަހު ފުރުޞަތުގައިވެސް އެކަލޭގެފާނު ޔަޤީންކުރައްވަން ބޭނުންފުޅުވީ، މި އަމާނާތް ރައްދުކޮށްދެއްވިއްޖެތޯ. اَلاَ هَلْ بَلَّغْتُ، اَللَّهُمَّ فَاشْهَدْ ތިމަންކަލޭގެފާނާ މި ޙަވާލުކުރެއްވުނު، މިޒަމާނުގެ ޢިބާރާތުން ދަންނަވަންޏާ، މެސެޖް ތިޔަބައިމީހުންނަށް ގެނެސްދެއްވިއްޖެތޯއޭ. އެބައިމީހުން ދެންނެވީ އާދޭހޭ. އާދެ، އެހެންވީމާ، މިއިން މިއެނގޭ އެއްޗަކީ، ރަސޫލާގެ މަޤްޞަދަކީ، ރިސާލަތެއް ގެނެސްދެއްވުންކަން. އިންސާނުންނަށް މާތްﷲ ފޮނުއްވި މެސެޖެއް، އެމީހުންނާ ޙަވާލުކުރެއްވުންކަން. އެ ޙަވާލުކުރައްވައި ނިމުނީމާ، އެކަލޭގެފާނުގެ ވާޖިބުއަދާވެ ނިމުނީ.

އާދެ، އެހެން މިދެންނެވީ، ކުރިންވެސް ދެންނެވިހެން، ހިޖުރީގޮތުން 10 ވަނަ އަހަރު އައިއިރު ޢަރަބިކަރަ ވަނީ އިސްލާމީ ކަރަޔަކަށް ވެފައި. މުސްލިމުންނޫން އެހެންބަޔަކު ޢަރަބިކަރަޔަކު ދިރިއެއްނޫޅޭ. އަމަންއަމާންކަން އޮތީ ހަމަޖެހިފައި. އިސްލާމީ ދައުލަތެއްވަނީ ޤާއިމްކުރެވިފައި. އެދައުލަތުގެ އެންމެމަތީ ވެރިޔަކަށް، ނުވަތަ ޤާއިދަކަށްވަނީ ކީރިތި ރަސޫލާ އެންމެން ޤަބޫލުކޮށްފައި. އެހެންވީމާ، އެކަލޭގެފާނު ބޭނުންފުޅުވިނަމަ، އެދުވަހު ބޭނުންފުޅު ހުރިހާ ކަމެއް ކުރެއްވުނީސް. ދުނިޔޭގެ މާއްދީ ބޭނުންތައްވެސް ބޭނުންފުޅުނަމަ، ބޭނުންފުޅުވަރަކަށް ހޯއްދެވުނީސް. އެކަލޭގެފާނުގެ ބޭނުންފުޅަކީ، އެކަލޭގެފާނުގެ ނަންފުޅު މަޝްހޫރުވުން ކަމުގައިވަންޏާ ނުވަތަ މުދާ ހޯއްދަވައި ފައިސާވެރިޔަކަށް ވެވަޑައިގަތުންކަމަށްވަނީނަމަ، އެކަންވެސް އެއޮތީ ހަމަޖެހޭގޮތަށް. އެހެންނަމަވެސް، އެކަމެއް ނުކުރައްވާ. 63 އަހަރު ދުނިޔޭގައި ހޭދަކުރެއްވުމަށްފަހު، އެކަލޭގެފާނު ދުނިޔެއިން ވަކިވެވަޑައިގަތީވެސް، ވަރަށް އާދައިގެ ސާދާ އިންސާނެއްގެ ގޮތުގައި. ފައިސާވެރިއެއްގެ ގޮތަކު ނޫން. މުދާވެރިއެއްގެ ގޮތުގައެއް ނޫން.

އެހެންވީމާ، މިއިން މި އެނގެނީ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް، ޚާއްޞަކޮށް، ކުރާ ކޮންމެ ހެޔޮކަމަކާއި، އަދާކުރާ ކޮންމެ ވާޖިބެއް އަދާކުރަންޖެހޭނީ ހަމަ އެކަމަށްޓަކައިކަން. އެ ހެޔޮކަމެއް ކޮށްގެން، ތިމާޔަށް މަޝްހޫރުކަމެއް ލިބިގަތުމަކަށްޓަކައި ނޫންކަން. ތިމާޔަށް މާއްދީ ފައިދާތަކެއް ހޯދުމަކަށްޓަކައި ނޫންކަން. އަޅުގަނޑުމެން ކުރާ ކޮންމެ ހެޔޮކަމެއްވެސް ކުރަންޖެހޭނީ އެކަމަކަށްޓަކައި، އެކަމެއް ކުރަން އަޅުގަނޑުމެންގެ ހިތުގައި އޮންނަ ލޯތްބަކާއި، ޝައުޤުވެރިކަމެއްގެ ސަބަބުން. އެވާޖިބެއް އަދާކުރުމަކީ، އަޅުގަނޑުމެންގެ އަމިއްލަ ވާޖިބެއްކަން ހިތުން އަޅުގަނޑުމެންނަށް ޤަބޫލުކުރެވިގެން. އޭގެ ބަދަލުގައި އެހެންކަމެއް ބޭނުންވެގެނެއްނޫން. އަޅުގަނޑުމެން ދީނީގޮތުންވެސް އަދާކުރަންޖެހޭ ވާޖިބުތަކެއް އެބަހުރި. އެ ވާޖިބުތައް އަދާކުރަންޖެހޭނީ އެއީ އަޅުގަނޑުމެން އަދާކުރަންޖެހޭ ވާޖިބުތަކެއް ކަމަށްވާތީ. އިތުރު އެއްވެސް ބޭނުމަކުނޫން. ތިމާއަކީ، ދީންވެރިއެއްކަން މީހުންނަށް ދެއްކުމަކަށް ނޫން. ނުވަތަ އެނޫންވެސް، ތިމާއަށް ލިބިދާނެ ފައިދާއަކަށްޓަކައެއް ނޫން. މީހުންނަށް އެހީވާ އެހީވުން، މީހުންނަށް ކަމޭހިތާކަމޭހިތުން، އެންމެންނަށް އިޚްލާޞްތެރިކަމާއި ހިތްހެޔޮކަމާއެކީގައި މުޢާމަލާތުކުރުން، ތެދުބުނުން، އަމާނާތްތެރިވުން، މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުން، މިކަންތައްތައްވެސް ކުރަން މިޖެހެނީ އެކަންތައްތަކަށްޓަކައި އެކަނި. ތެދުބުނެގެން ތިމާއަށް ލިބޭނެ ފައިސާތަކެއް އޮވެގެނެއްނޫން. އަމާނާތްތެރިވެގެން ތިމާއަށް ލިބޭނެ މަޝްހޫރުކަމަކަށްޓަކައެއް ނޫން. މީހުންނަށް އިޙްސާންތެރިވެގެންވެސް ލިބޭނެ މާއްދީ ފައިދާއަކަށް ނޫން. ގާތްމީހުންނާއި، ދުރުމީހުންނާއި، ދަންނަ މީހުންނާއި، ނުދަންނަ މީހުންނާއި އެންމެންނާ އެއްގޮތަކަށް މުޢާމަލާތު ކުރަންޖެހޭނީ. ހިތްހެޔޮކަމާއެކީގައި، އިޙްސާންތެރިކަމާ އެކީގައި. އެކަމަށްޓަކައި، އެ ކަމަށް ތިމާގެ ހިތުގައި އޮންނަ ލޯތްބެއްގެ ސަބަބުން. އެހެން މީހެއްގެ ފަރާތުން ޝުކުރެއް، ތަޢުރީފެއް ބޭނުންވެގެނެއްނޫން. އެހެން މީހެއްގެ ފަރާތުން އެހީއެއް، ފައިސާއެއް ބޭނުންވެގެނެއްނޫން. އެއީ ރަސޫލާ އަޅުގަނޑުމެންނަށް ދެއްކެވި މިސާލަކީ. ޚުޠުބަތުލްވަދާޢުން އަޅުގަނޑުމެން ލިބިގަންނަންވީ ފިލާވަޅަކީ އެއީ. ކީރިތި ޤުރްއާން ދަސްކުރުމާއި، ޤުރްއާން ރީތިކޮށް ކިޔެވުމާ، މިކަންކަމަކީވެސް ހަމަ މިދެންނެވި ގޮތަށް ކުރަންޖެހޭނެ ކަންތައްތައް. ކީރިތި ޤުރްއާނަށް އަޅުގަނޑުމެން ޙުރްމަތްތެރިކޮށްހިތަންވީ އެއީ، އަޅުގަނޑުމެންގެ މުޤައްދަސްފޮތް ކަމަށްވާތީ. މާތްﷲގެ ކަލާމްފުޅު ކަމަށްވާތީ. އެފޮތުން އެމީހަކަށް ދަސްކުރެވުނު މިންވަރަކުން ދަސްކުރަން މިޖެހެނީވެސް އެކަމަށްޓަކައި. ކޮންމެހެން އެކަމުން މަޝްހޫރުވާކަށް ނޫން. ރީތިކޮށް ޤުރްއާން ކިޔަވަން ދަސްކުރަންޖެހެނީވެސް، ޤުރްއާނަށް އޮންނަ ލޯތްބެއްގެ ސަބަބުން. އެއީ، މާރީތިކޮށް ކިޔަވާ މީހެއް ކަމުގައި މަޝްހޫރުވާންވެގެންނެއް ނޫން. ނުވަތަ އެކަމުގެ ސަބަބުން އޭނާއަށް ލިބޭނެ ފައިސާތަކަކަށްޓަކައެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ކުރަންވީ، އެކަމެއްގެ މަޤްޞަދު ހާސިލުވާގޮތަށް. އެކަމަށްޓަކައި އެކަނި. އެކަމުން ލިބޭނެ އެހެން ފައިދާއަކަށް ނުވަތަ އެހެން އެއްވެސް ކަމަކަށް ވިސްނުމެއް ނުބަހައްޓާ.

އާދެ، މިއީ ކީރިތި ރަސޫލާގެ އެ މަޝްހޫރު ޚުޠުބަތުލްވަދާޢުން އަޅުގަނޑުމެންނަށް ލިބޭ މަތިވެރި ފިލާވަޅަކީ. މިފަދަ މުނާސަބަތުތަކުގައި މިކަންކަމުގެ މަތިން އަޅުގަނޑުމެން ހަނދާންކޮށް، ކީރިތި ރަސޫލާ އެ ދެއްކެވި މިސާލު އަޅުގަނޑުމެން ބަލައިގަތުމަކީ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އެކަލޭގެފާނަކީ، އަޅުގަނޑުމެންނަށް މާތްﷲ ފޮނުއްވާފައިވާ އެންމެ ރިވެތި ނަމޫނާ. އެނަމޫނާއާ އެއްގޮތަށް އަޅުގަނޑުމެން މުސްލިމުން ކަންތައްތައް ކުރަމުންދާ ކަމުގައިވަނީނަމަ، ޝައްކެއްނެތްގޮތުގައި މުސްލިމުން ވާނީ، ވަރަށް އަބުރުވެރި، ޢިއްޒަތްތެރި، މީހުން ޤަދަރުކުރާ، ނަޞްރުވެރި ބަޔަކަށް.

އެހެންވީމާ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މިފަދަ ކޮންމެ މުނާސަބަތެއްގައިވެސް އަޅުގަނޑުމެން، مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ މާތް ރަސޫލާ ގެނެސްދެއްވި، ހިދާޔަތުގައިވާ ކަންތައްތައް ދަސްކޮށް، އުނގެނިގަނެ، އެކަލޭގެފާނުގެ ސީރަތުންނާއި، އަޚްލާޤުންނާއި، ކަންތައްތައް ކުރެއްވިގޮތުން ޢިބްރަތްތެރި ފިލާވަޅުތަކެއް ލިބިގަނެ، އަޅުގަނޑުމެންގެ ދިރިއުޅުން އެގޮތަށް ބައްޓަންކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދިޔުން.

އެއްވެސް ކަމެއް އިޞްލާޙުކުރުމަކީ، ވަކި ދުވަހަކަށްފަހު ނުކުރެވޭނެ ކަމެއްނޫން. އަބަދުވެސް އިޞްލާޙަށް ވަގުތު އެބައޮތް. އެއީ، މިހާރު މިހާދުވަސްވެއްޖޭ، ދެން ތިމަންނަ ކަމެއް އިޞްލާޙުކުރާކަށް ނެތޭ. އެހެން ބުނަންޖެހޭކަހަލަ ކަމެއްނޫން. މީހާ ދުނިޔޭގައި ހުންނަ އެންމެފަހު ދުވަހުވެސް އިޞްލާޙުވެވިދާނެ. އެކަމަކު އެދުވަހަށް އިޞްލާޙުވުން ލަސްކުރަންވީކީނޫން. އެހެންވީމާ، ކޮންމެ މީހަކުވެސް ހަމަ މިއަދުން މިއަދަށްވެސް އިޞްލާޙުވާންވީ. އިޞްލާޙުވާކަށް ވަކި ވަގުތެއް ނެތް. އަޅުގަނޑުމެން އެންމެންވެސް ކީރިތި ރަސޫލާގެ އަލްމައުލިދުއްނަބަވިއްޔުއްޝަރީފުގެ އިޙްތިފާލު ކުރާއިރު ނުވަތަ އެކަލޭގެފާނު ދެއްކެވި ނަމޫނާ އަޅުގަނޑުމެންގެ ހިތްމައްޗަށް ގެންނައިރު، އެނަމޫނާއާ އެއްގޮތަށް އަޅުގަނޑުމެންގެ ހިތާއި، ރޫޙާއި، ޢަމަލުތައް ބައްޓަންކުރުމަކީ، މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެންގެ ވަރަށްބޮޑު ވާޖިބެއް. އެހެންވީމާ، އެ ވާޖިބު އަދާކުރުމުގައި اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ތައުފީޤު ދެއްވުން އެދި އަޅުގަނޑު އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.