بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.
އާދެ! އަޅުގަނޑަށް މިފަހަރު ހަނިމާދުއަށް މިއާދެވުނީ، ބަރަކާތްތެރި ފިޠުރުޢީދު ދުވަހު. އަދި މިރަށުގައި ފިޠުރުޢީދުގެ ޗުއްޓީ ދުވަސްތައް ހޭދަކޮށްލުމުގެ ފުރްޞަތު މިވަނީ އަޅުގަނޑަށާއި އަޅުގަނޑުގެ އަންހެނުންނަށާއި އަދި ޢާއިލާގެ ބައެއް ކުދިންނަށް ލިބިފައި.
އެންމެ ފުރަތަމަވެސް ދަންނަވާލަން ބޭނުންވަނީ އެއީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެކޭ. އަޅުގަނޑުމެން ހަނިމާދުއަށް އައިސް، އަދި ރަސްމީގޮތުން ނަމަވެސް، ނުރަސްމީގޮތުން ނަމަވެސް ހޭދަކުރާ ދުވަސްތަކަކީ، އަޅުގަނޑުމެންނަށް ވަރަށް ހިތްފަސޭހަ، ވަރަށް އުފާވެރި ދުވަސްތަކެކޭ. އެކަން އެހެންއޮތުމާ އެކީގައި. އަދި އަޅުގަނޑުމެން މިއަދު މި ނިންމީ، ބަރަކާތްތެރި ފިޠުރުޢީދުގެ ޗުއްޓީ ކަމަށްވާތީ، މިއުފާވެރި މުނާސަބަތުގައި، އާދެ! ބަރަކާތްތެރި ފިޠުރުޢީދުގެ މުނާސަބަތުގައި، އަދިވެސް އެއްފަހަރު، ހަނިމާދޫގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.
އަދިވެސް އެއްފަހަރުއޭ މިދެންނެވީ، ހަނދުމަފުޅު ހުންނާނެ ފަދައިން، އިއްޔެ އަޅުގަނޑު މިރަށުގައި ހުކުރުނަމާދު އިމާމުވެ ކުރިއިރު، އަޅުގަނޑު ޚުޠުބާގައި، ހަނިމާދޫ ރައްޔިތުންނަށާއި، މިއަތޮޅުގެ ރައްޔިތުންނަށާއި، އަދި ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ފިޠުރުޢީދުގެ ތަހުނިޔާ އަދާކޮށްފައިވާތީ.
އާދެ! ދެންމެ ކަތީބުގެ ވާހަކަފުޅުގައި، ވިދާޅުވެއްޖެ، އަޅުގަނޑު ރަސްމީގޮތުންނާއި، ނުރަސްމީގޮތުން މިރަށަށް އެތައްފަހަރަކު ޒިޔާރަތްކޮށްފިއޭ. އެއީ ހަމަ ތެދުފުޅެއް. އަޅުގަނޑު އެކަމަކު ސުވާލެއް ކޮށްލާހިތްވޭ. އެއީ، ތިޔައިގެ ތެރެއިން އެއްވެސް ބޭފުޅަކަށް އެނގިވަޑައިގަންނަވާތޯއޭ، އަޅުގަނޑު ހަނިމާދުއަށް އައީ ކިތައްފަހަރުކަން. އަޅުގަނޑު ކުޑަކުޑަ އިޝާރާތެއް ކޮށްލަފާނަން.
އެންމެ ފުރަތަމަ އަޅުގަނޑު ހަނިމާދުއަށް އައީ، 1979 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި. އެއީ، މީގެ 26 އަހަރު ކުރި. އެހެންވީމާ، މިވޭތުވެދިޔަ 26 އަހަރު ދުވަހުގެ ތެރޭގައި، ކިތައްފަހަރު އަޅުގަނޑު ހަނިމާދުއަށް ޒިޔާރަތް ކޮށްފިންތޯ؟ މިއީ އަޅުގަނޑު މިހާރު މި ހުށަހަޅާލާ ސުވާލަކީ. ރަނގަޅު ޖަވާބެއް ދެއްވި ބޭފުޅަކަށް ކޮންމެވެސް އިނާމެއް އަރުވާނަން.
ކިތައްފަހަރުތޯ؟ އެންމެ ފަހަރަކު؟ ޖަވާބު ރަނގަޅެއް ނޫން ދޮގެއްތޯ؟ ހައެއް؟ ރަނގަޅެއްނޫން. ނޫން. ނުވައެއްވެސް ރަނގަޅެއްނޫން. ވަރަށް ކައިރިވޭ އެބަ އިނގޭތޯ. ފަނަރަވެސް ރަނގަޅެއްނޫން އަދިއެއް. ނޫން. ދެން، އަޅުގަނޑު ޖަވާބު ދަންނަވަންތޯ؟ މިއީ، މާތްﷲގެ ވާގިފުޅާއެކީގައި، އަޅުގަނޑު ހަނިމާދުއަށް އަންނަ ސަތާރަވަނަ ފަހަރު. މިއީ ސަތާރަވަނަ ދަތުރު. އާދެ! ހުރިހާ ތާރީޚުތައް އަޅުގަނޑު އަތުގައި އެބަހުރި.
ދެން ކޮންމެއަކަސް، އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން އަޅުގަނޑު ޒިޔާރަތްކުރި އެއްރަށަކަށް މިރަށްވެޔޭ.
އަނެއް ސުވާލަކީ ހަމަ ސަތާރަފަހަރު އަޅުގަނޑު ޒިޔާރަތްކުރި އެހެން ރަށެއް ރާއްޖޭގައި އެބައޮތޭ. އެއީ ކޮން ރަށެއްތޯއޭ؟ ނޫން. އެވެސް ދެން ކަންދިމާވިގޮތުން، މިއަތޮޅުގެ ރަށަކަށް މިވަނީ އިނގޭތޯ. އެއީ، ކުޅުދުއްފުށި. ކުޅުދުއްފުށްޓަށްވެސް މިހާރު ސަތާރަ ދަތުރު އަޅުގަނޑަށް ކުރެވިއްޖެ. މިރަށަށްވެސް ސަތާރަފަހަރު މިއާދެވުނީ. ދެން ކޮންމެއަކަސް އެއީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑަށް ކުރެވިފައިވާ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އޭގެ ސަބަބުން އަޅުގަނޑަށްވެސް އަދި އަޅުގަނޑުގެ ޢާއިލާއަށްވެސް ވަރަށް ބޮޑެތި އުފާ ލިބެމުން މިދަނީ. މި ސަތާރަފަހަރަކީ މުޅިއަކުން ރަސްމީ ދަތުރުތަކެއްވެސް ނޫން. އެ ދެބައި އެއްކޮށްލީމަ ވާވަރު. ރަސްމީ ދަތުރުތަކާއި އަދި ޗުއްޓީ ދަތުރުތަކާ އެއްކޮށްލީމަ ވާވަރު، ސަތާރަ އިނގޭތޯ.
އާދެ! ދެން ކޮންމެއަކަސް އަޅުގަނޑު އެވާހަކަ މިދަންނަވާލީ، އެއީ، ކަތީބު އެވިދާޅުވި އެއްޗަކަށް. ތަންކޮޅެއް ގިނަފަހަރު، ގައިމުވެސް ރާއްޖޭގެ އެހެން ރަށްރަށަށް ޒިޔާރަތްކުރި ޢަދަދަށް ބަލާއިރު، ވަރަށްގިނަފަހަރު މިރަށަށް އާދެވިއްޖެ ކަމަށް ދަންނަވާލަން ވެގެން. ދެން ކަތީބުގެ ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި އޭނާ އެފާޅުކުރެއްވި ޝުޢޫރަކީ، ތިޔަބޭފުޅުންގެ އާދެ! ހަނިމާދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތްޕުޅުން ފާޅުކުރެއްވި ޝުޢޫރުތަކަކަށްވާތީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިރޭ އަޅުގަނޑު މިތަނަށް އައުމުން، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރްޙަބާއާއި އަދި ބެހެއްޓެވި ގާތްކަމަށްޓަކައި، ހަނިމާދޫގެ ވެރިންނަށާއި ރައްޔިތުންނަށް އަޅުގަނޑު ހިތުގެ އެންމެ އަޑިން ޝުކުރު ދަންނަވަން.
އާދެ! އަޅުގަނޑު ވާހަކައެއް ދަންނަވާލަން ބޭނުންވޭ. ފަހަރެއްގައި ތަންކޮޅެއް ދިގުވެސް ވެދާނެކަންނޭނގެ. އެހެންނަމަވެސް، ދަންނަވާލުމަކީ ނެތް ކަމެއް ނޫންކަންނޭނގެ.
ދަންނަވާލަން މިއުޅެނީ، އަޅުގަނޑުމެންގެ ސިޔާސީ މަޞްރަޙަށް ބަދަލުތަކެއް އެބައާދެޔޭ. އެއީ، އެކަންވާންވެސްވާނެގޮތް. ދުނިޔޭގެ ހުރިހާ ތަނަކަށްވެސް ބަދަލުއާދޭ. އެހެންނަމަވެސް، އެބަދަލު ވާންއެބަޖެހޭ ހެޔޮބަދަލަކަށް. ހަމަ ބަދަލު ގެނައުމުގެ ނަމުގައި، ބަދަލު ގެނައުމުގެ ބޭނުމުގައި، ކޮންމެ ކޮންމެ ބަދަލެއް ގެނައުމަކީ ފައިދާހުރި ކަމެއްނޫން. ބަދަލު، ވެދާނެ ރަނގަޅު ބަދަލަކަށްވެސް، ވެދާނެ ގޯސް ބަދަލަކަށްވެސް. ބުއްދިވެރިންނަކީ، އެބަޔަކު އެބަޔެއްގެ ޙަޔާތަށް، އެބަޔެއްގެ ޤައުމުގެ ކަންތައްތަކަށް ގެންނަ ބަދަލަކީ، ހެޔޮ ބަދަލަކަށް ހަދާ މީހުން. ޤައުމަށް ފައިދާހުރި، ރައްޔިތުންނަށް ފައިދާހުރި އަދި ޤައުމުގެ ތަރައްޤީއަށް ކުރިއެރުން ލިބޭ، ބަދަލު ގެންނަ ބަޔަކަށް އެބަޔަކުވާންޖެހޭ.
އާދެ! ރާއްޖޭގެ ސިޔާސީ މަސްރަޙަށް މިއަންނަ ބަދަލުތަކުގެ ތެރޭގައި، މިހާރު އައިސްފައިވާ އެއްބަދަލަކީ، ރާއްޖޭގައި ސިޔާސީ ޕާޓީގެ ނިޒާމު ތަޢާރުފްވުން. މިއީ އަޅުގަނޑުމެންނަށް މުޅިން އާކަމެއް. އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ސިޔާސީ ޕާޓީތައް ޙަރަކާތްތެރިވަނީ އަދި ވާންޖެހެނީ ކިހިނެއްކަމެއް ނޭނގެ. އެކަން އަޅުގަނޑުމެން ޖެހޭނީ ދަސްކުރަން.
ދެން ބައެއް ބޭފުޅުންގެ ހިތްޕުޅުގައި އުފެދޭނެ ސުވާލެއް. ރާއްޖެއަށް ސިޔާސީ ޕާޓީތަކުގެ ނިޒާމު މިތަޢާރުފްކުރީ ކީއްވެތޯ؟ އެއީ ވަރަށް މުހިންމު ސުވާލެއް. އޭގެ ޖަވާބުގައި ދަންނަވަންޖެހެނީ، ދުނިޔޭގެ އެހެން ތަންތާނގައިވެސް ޕާޓީ ސިސްޓަމް މިއޮންނަނީ، ރައްޔިތުންގެ ކުރިމަތީގައި، ތަފާތު އިޚްތިޔާރުތަކެއް އޮތުމަށްޓަކައޭ. ވެރިކަންވެސް، ރައްޔިތުން ބޭނުންވާ ބަޔަކު ކުރާގޮތަށް ހަމަޖެއްސުމަށްޓަކައޭ. ތަފާތު އުޞޫލުތައް ގެންގުޅޭ ޖަމާޢަތްތައް އުފެދިގެން، ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބޭނުންވަނީ، އެތަނުން ކޮންގޮތަކަށްތޯ ޤައުމުގެ ކަންތައްތައް ކުރިއަށް ގެންދަން. އެގޮތް އޮޅުންފިލުވުމުގެ ގޮތުން. މިކަން އޮޅުންފިލަނީ ކިހިނެއްތޯ؟ މިކަން އޮޅުންފިލަނީ އިންތިޚާބުން. ދީމުޤްރާޠީ ނިޒާމު. އާދެ! ޑިމޮކްރެޓިކް ސިސްޓަމުން.
ދީމުޤްރާޠީ ނިޒާމުގެ މާނަޔަކީ، ރައްޔިތުން އިޚްތިޔާރުކުރާ ބަޔަކު ވެރިކަމުގައި ތިބުން. އެއީ މިސާލަކަށް، އެއާ އިދިކޮޅު ވާހަކައެއް ދަންނަވަންޏާ، ބައެއް ޤައުމުތަކުގައި އެބަހުރޭ ވިރާސީ ރަސްކަން. ވިރާސީ ރަސްކަމުގައިވެސް ދެބާވަތެއް އެބައޮތް އިނގޭތޯ. އެއްބާވަތަކީ، އެ ރަސްކަމުގައި ހުންނަވާ ބޭފުޅަކު، ރަސްކަލަކު އޭނާގެ ފުރިހަމަ އިޚްތިޔާރުގައި ވެރިކަން އޮތުން. އޭނާ ބޭނުންފުޅުވާ ގޮތަށް ކަންތައްތައް ކުރައްވަމުން ގެންދެވުން. ރާއްޖޭގައިވެސް އެގޮތަށް ވިރާސީ ރަސްކަމެއް އޮވެއްޖެ ވަރަށްކުރިން، 1932 ވަނަ އަހަރާ ޖެހެންދެން. ރާއްޖޭގައި ޤާނޫނުއަސާސީއެއް ފުރަތަމަ އިޢުލާނުކުރެވުނީ 1932 ވަނަ އަހަރު. އޭގެކުރިން އޮތީ ވިރާސީ ރަސްކަމެއް. މާނަޔަކީ، ރަސްކަލަކަށް ހުންނަވާ ބޭފުޅަކު އަވަހާރަވުމުން ނުވަތަ މަގާމު ދޫކޮށްލެއްވުމުން، އޭނާގެ ކޮންމެވެސް އެހެން ބޭފުޅަކު ވެރިކަން ކުރެއްވުން. ޢާއިލީގޮތުން ދާނީ. އެބޭފުޅުން ބޭނުންފުޅުވާ ގޮތަށް ވެރިކަން ހިންގަވަނީ. އެއީކީ ދީމުޤްރާޠީ ނިޒާމެއް ނޫން.
އާދެ! އަޅުގަނޑުމެން ކުރިން ބުނަމުން އައީ، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައިވެސް އަދި ދުނިޔޭގެ އެހެން ތަންތާނގައިވެސް އެކަހަލަ ހަމަނުޖެހުންތައް ހިނގަމުންދާތަން އަޅުގަނޑުމެންނަށް ޓީ.ވީ. ޚަބަރުން ފެނުނީމާ، ނުވަތަ ދިވެހިރާއްޖޭގެ އަޑުން ފޮނުވާ ޚަބަރުން އެކަން އެނގުނީމާ ނުވަތަ ނޫސްތަކުން އެކަން އެނގުނީމާ، އަޅުގަނޑުމެން މިބުނަނީ، ދިވެހިރާއްޖޭގެ ނަސީބު ހާދަ ރަނގަޅޭ. ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކަހަލަ ތަޅާފޮޅުމެއް، އެކަހަލަ ލޭއޮހޮރުވުމެއް، އެކަހަލަ ހަރުކަށި ޙަރަކާތްތަކެއް، އެކަހަލަ ފިތުނަވެރިކަމެއް ނެތޭ. މާތްﷲގެ ރަޙްމަތްފުޅު ދިވެހިރާއްޖެއަށް ކިތަންމެހާވެސް ބޮޑޭ. ރާއްޖެއަކު އެކަހަލަ ކަމެއް ނުހިނގަޔޭ. އަހަރެމެންގެ ނަޞީބު ވަރަށް ރަނގަޅޭ. އެހެން، މިހާތަނަށް އަޅުގަނޑުމެން ކިޔަމުން މިއައީ. އެހެން އައިސްފައި މިހާރު މިވަނީ ކިހިނެއްތޯ؟
މިއީ އަޅުގަނޑުމެން ވިސްނަންވެއްޖެ ކަމެއް. މިހާރުމިވާގޮތް އެއީ، އަޅުގަނޑުމެން ރުހޭގޮތެއްތޯ؟ މިސާލަކަށް، ހުޅުދުއްފާރުގައި ރެޔާއި މިއަދު އެހިނގި ކަންތައްތައް. ތިޔަބޭފުޅުން އޭގެ މަންޒަރުތައް ޓީ.ވީ.އިން ދެކެވަޑައިގަންނަވާނެކަންނޭނގެ. ބަޔަކު ދީފައިހުރި ގެއްލުންތައް. ޢިމާރާތްތަކަށް، ގެދޮރަށް، ސަރުކާރުގެ އޮފީސްތަކަށް. އަދި މީހުންނަށްވީ ގެއްލުން. އެތައް ބަޔަކަށް ހާނީއްކަވެ. މިއީތޯ އަޅުގަނޑުމެން ބޭނުންވާ ގޮތަކީ. މިއީތޯ ޕާޓީ ސިސްޓަމަކީ. މިއީތޯ ދީމުޤްރާޠީ ނިޒާމަކީ. މިއީތޯ ރައްޔިތުންނަށް ފައިދާހުރި ގޮތަކީ.
އަޅުގަނޑު ހިތުން ޤައުމުދެކެ ލޯބިވާ އެކަކުވެސް، ޤައުމަށް ފައިދާހުރި ގޮތަކީ މިއީއެކޭ ނުބުނާނެ. އެ ވީ ގެއްލުންތައް އަނބުރާ ކުރީގެ ޙާލަތަށް ގެނައުމަށްޓަކައި ބައިވަރު ޚަރަދުކުރަން އެބަޖެހޭ، ހަލާކުވި ޢިމާރާތްތައް އަލުން ހަދަން. ގެއްލުން ލިބުނު މީހުންނަށް ބޭސްފަރުވާ ކުރަން. އަދި އޭގެއިތުރުން، މީހުންގެ ހިތްތަކަށް ވަން ބިރުވެރިކަން. ޢާންމު ރައްޔިތުންގެ އެތައް ބަޔަކު ބިރުން ރޭގައި ތިބީ އެތާނގައި، ހަމަ ހަދާނެގޮތެއް ނޭނގިފައި. އަންހެނުންނާއި ކުޑަކުދިންނާއި އެންމެންވެސް. އަދި ބައެއްމީހުން ބިރުން ޚަބަރު ހުސްވިކަމަށްވެސް ބުނޭ، އެމީހުންނަށް އެކުރި އަސަރުގެ ބޮޑުކަމުން، ކަންބޮޑުވިލެއް ބޮޑުކަމުން. މިއިން އަޅުގަނޑުމެންގެ ޅަކުދިންނަށް ކުރާނީ ކޮންއަސަރެއްތޯ؟ ތުއްތުކުދިން، އެމީހުން ބޮޑުވާއިރު ކިހިނެއްތޯ އެމީހުންގެ ހިތުތެރޭގައި މިކަންތައްތައް އޮންނާނީ.
މިއީ އަޅުގަނޑުމެން ވިސްނަންވީ ކަމަކީ. މިއީކީ ދީމުޤްރާޠީ ނިޒާމެއް ނޫނޭ. މިއީކީ މިކަން އޮންނަންވީ ގޮތެއް ނޫނޭ. މިއީކީ ބަޔަކު އަދި ކަމަކާ ހިތްހަމަނުޖެހިގެން ޢަމަލުކުރަންވީ ގޮތެއްވެސް ނޫނޭ.
ހިތްހަމަނުޖެހޭ ކަންތައްތައް ހުންނާނެ، ދުނިޔޭގައި ކޮންމެ ތަނެއްގައިވެސް. ރާއްޖޭގައިވެސް ހުންނާނެ. އަޅުގަނޑުމެންނަކީ އިންސާނުން. އިންސާނުން ކަންތައް ކުރާގޮތާ ދޭތެރޭގައި ހިތްހަމަޖެހޭ ބަޔަކާއި، ހިތްހަމަނުޖެހޭ ބަޔަކު ތިބޭނެ. އަދި ހަމަ ޙައްޤު ޝަކުވާތަކެއްވެސް ހުންނާނެ. ދުނިޔޭގެ ކޮންތަނެއްގައިތޯ ނެތީ. އެކަމަކު އެޝަކުވާތައް ހުށަހަޅާނެ މަގުވެސް އޮންނާނެ. އެޝަކުވާތަކަށް ޙައްލުހޯދޭނެ ގޮތްވެސް އޮންނާނެ. އެއީކީ މަގުމައްޗަށް ނުކުމެ، މީހުން އެއްކޮށް ހަޅޭއްފަޅޭއްލަވައި، ތަންތަނަށް ގާއުކައި، ތަންތަން ހަލާކުރުމެއްނޫން. މީހުންނަށް ގެއްލުން ދިނުމެއްނޫން. އެއީ، އިންސާނުން، އާދެ! ތަހުޒީބުވެފައިވާ އިންސާނުން ކަންތައް ކުރަންވީގޮތެއް ނޫން.
އަޅުގަނޑުގެ ބިރަކީ ނުވަތަ އެންމެ ކަންބޮޑުވާކަމަކީ، ކުރިން ދެންނެވިހެން އަޅުގަނޑުމެން މިބުނަނީ، މާތްﷲގެ ރަޙްމަތްފުޅުން ރާއްޖޭގައި މިކަހަލަ ކަންތައްތަކެއް ވަމަކުންނުދެޔޭ. ރާއްޖޭގެ ރައްޔިތުންގެ ނަސީބު ކިހާބޮޑުހޭ. އެހެން ކިޔައިގެން ތިއްބާ، މިކަންތައް މިވާންފެށީ. ރެޔާ އެއްވަރަށް ނޫނަސް، މިދޭތެރެއިން އެބަހުރި، ރާއްޖޭގެ ބައެއް ރަށްތަކުގައި މިކަހަލަ ކަންތައްތައް ހިނގާފައި. މާލޭގައިވެސް ހިނގާފައި އެބަހުރި.
އަޅުގަނޑު ކަންބޮޑުވާ ކަމަކީ މިއީ އަޅުގަނޑުމެން އާދަވާ ކަމަކަށްވެދާނެތީ. މި ދެން ކޮންމެ ދުވަހަކުވާ ކަމެއްވީމާ، ދެން ކަންބޮޑުވާނެ ކަމެއްވެސް ނެތްކަމަށް ބައެއް މީހުން ހިތަށްއަރާފާނެ. އެކަމަކު އެއީތޯ އަޅުގަނޑުމެން ބޭނުންވާ ގޮތަކީ. އެޔެއްނޫން އަޅުގަނޑުމެން ބޭނުންވާ ގޮތަކީ.
މިހާރު ބައެއް ރަށްރަށުގައި ތިބޭ ކަތީބުންނާ ދޭތެރޭގައި ރަށުގެ ބައެއް މީހުން ހިތްހަމަނުޖެހުން އެކަށީގެންވޭ. އެއީ، އިންސާނީ ޠަބީޢަތު ނިޔާކުރާގޮތުން ވާކަމެއް. އެއީ، ކިތަންމެ ރަނގަޅު ކަތީބަކު ހުއްޓަސް، އޭނާދެކެ ރުހޭ ބަޔަކާއި، އޭނާދެކެ ނުރުހޭ ބަޔަކު ތިބޭނެ. ރުހޭމީހުން ގިނައްޔާ އެންމެ ރަނގަޅު. ގިނަމީހުން ރުހޭ މީހަކު ހުރުން ރަނގަޅު. އެކަމަކު އެ ނުރުހޭ މަދުބަޔަކު ނުކުމެ ކަންތައްތަކެއް ހިންގަން ފަށައިފިއްޔާ، މުޅި ތަނުގެ މަޞްލަޙަތު ގެއްލިގެންދިޔައީ. މިސާލަކަށް، 500 މީހުން ދިރިއުޅޭ ރަށެއްގައި، 400 މީހުން ނުވަތަ 450 މީހުން ރުހޭ ކަތީބަކު ހުރެފައި، އަނެއް 50 މީހުން ނުވަތަ 100 މީހުން އެކަތީބުދެކެ ނުރުހެންޏާ، އެމީހުން ނުކުމެ އަދި މަޞްލަޙަތު ނަގާލާ ކަންތައްތައް ކުރަންޏާ، އެއީ ދެން ވަރަށްދެރަ ކަމެއް. އެޔެއްނޫން ދީމުޤްރާޠީ ނިޒާމަކީ.
އަޣްލަބިއްޔަތު، ތަނުގެ ގިނަމީހުން ރުހޭ ނުވަތަ އެމީހުންގެ ކުރިމަތީގައި ކަމުދާ މީހަކު ވެރިކަމުގައި ހުރުން. މިސާލަކަށް، އެއީ ކިތަންމެ ކުޑަކުޑަ އަޣްލަބިއްޔަތެއްވިޔަސް، އެ އަޣްލަބިއްޔަތަށް ޖެހޭނެ ބޯލަނބަން. އެއީ ދީމުޤްރާޠީ އުޞޫލަކީ.
މިސާލެއް ދަންނަވަންޏާ، އެމެރިކާގެ ރައީސް، މިހާރު މިހުންނެވި ރައީސް ޖޯޖް ބުޝް. މިފަހަރު، އެންމެފަހުފަހަރު އިންތިޚާބުވެވަޑައިގަތީ، ރައްޔިތުންގެ ވޯޓުގެ ކިތައް އިންސައްތައިންތޯ؟ ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެކަންނޭނގެ، 51 އިންސައްތަ. ހަމަ ކިރިޔާ. 51 އިންސައްތައިން ހޮވިވަޑައިގަންނަވައިގެން މިހާރު އެމެރިކާގެ ރައީސްކަން އޭނަ އެކުރައްވަނީ. އެކަމަކު ހޮވިވަޑައިގަތުމަށްފަހުގައި، ހުރިހާ ކަމެއް ނިމުނީ އިނގޭތޯ. އޭގެކުރިން ވަރަށްބޮޑު ވާދަވެރިކަމެއް އޭނައާ އަދި ދެން ނުހޮވުނު ރައީސާ ދޭތެރޭގައި، އެ ކުރިމަތިލައްވައިގެން ހުންނެވި އެހެން ބޭފުޅަކާ ދޭތެރޭގައި ވަރަށްބޮޑު ވާދަވެރިކަމެއް އޮތް. ތަޅާފޮޅުމެއް ނެތް. ވާދަވެރިކަން، ވާހަކަ ދެއްކުމުގައި ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ޕްރޮގްރާމް ހުށަހެޅުއްވުމުގައި ނުވަތަ ދެޕާޓީ ދޭތެރޭގައި އެކަހަލަ ކަންތައް ހިނގި. އެއްވެސްކަހަލަ ހަމަނުޖެހުމެއް ނުއުފެދޭ. އެއްވެސް ތަޅާފޮޅުމެއް ނުހިނގާ. އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ. އެއްވެސް ޢިމާރާތަކަށް ގެއްލުމެއް ނުލިބޭ. ވަރަށް އޮމާންކޮށް އިންތިޚާބު ނިމިގެންދިޔައީ. އިންތިޚާބު ނިމުނުއިރު، 51 އިންސައްތައިން އެއްބޭފުޅަކު ރައީސްކަމަށް ހޮވުނީ. އަނެކަކަށް ލިބުނީ 49 އިންސައްތަ.
އެހެންވީމާ، ރައީސަކަށް ހޮވުނު ބޭފުޅަކަށް އެންމެން އިޙްތިރާމް އަދާކުރީ އޭގެފަހުން. މިހާރު އެމެރިކާގެ ރައީސަކީ އެންމެން އިޙްތިރާމްކުރާ، އެންމެން އޭނައަށް ކިޔަމަންވާ ރައީސް. އެކަމަކު ލިބިވަޑައިގަތީ ރައްޔިތުންގެ 51 އިންސައްތައިގެ ވޯޓު.
އެހެރީ ދުނިޔޭގެ ތަޞައްރުފް ފުދިފައިވާ ޤައުމުތަކުގެ މީހުން ކަންތައް ކުރާގޮތަކީ. ޚިލާފު މިއޮންނަނީ ވޯޓަކާ ހަމައަށް ދަންދެން. ވޯޓަށް ގޮސްގެން، ވޯޓުން އެއްކޮޅު މޮޅުވީމާ، އެހިސާބުން ޚިލާފު ނިމުނީ. ދެން އެންމެންވީ އެގޮތް ޤަބޫލުކުރަން. ރައްޔިތުންގެ މަޖިލިސްތަކުގައިވެސް، ޤާނޫނު ހެދުމުގައިވެސް މިއޮންނަނީ މިގޮތް. ފުރަތަމަ މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުން އޮންނާނެ، ޤާނޫނަކާ ބެހޭގޮތުން ނުވަތަ އެ ހުށަހެޅިފައިވާ މައްސަލައަކާ ބެހޭގޮތުން. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުރިހާ މެންބަރުންނަށް އެބައޮތް. ޚިޔާލު ތަފާތުވެސްވާނެ. އެކަމަކާ ބެހޭގޮތުން މަޖިލީހަށް ހުށަހެޅިދާނެ ދެގޮތް ނުވަތަ ތިންގޮތް ނުވަތަ ހަތަރުގޮތް، ކިތަންމެ ގޮތެއްވެސް ހުށަހެޅިދާނެ. އެއީ، ހަމަ އެންމެންނަށްވެސް މިނިވަންކަން އޮތް ކަމެއް.
އެހެންނަމަވެސް، ވަކިގޮތެއް ފާސްވީމާ، ވަކިގޮތަކަށް އެމަޖިލީހުގެ އަޣްލަބިއްޔަތު ލިބިގެން ފާސްވީމާ، އެހިސާބުން އެކަންތައް އެނިމުނީ. ދެން އެންމެން ޖެހޭނެ، އެނިމުނު ގޮތަށް އިޙްތިރާމް ކުރަން.
މިދެންނެވީ، އޭގެ އެންމެ އާދަޔާ ޚިލާފު މިސާލެއް ދަންނަވަންޏާ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް. އަޅުގަނޑު ދެންނެވިހެން އޭގައި ތިއްބަވަނީ 50 މެންބަރުން. މިސާލަކަށް، ހުށަހެޅުނު މައްސަލައެއް ފާސްވީ، 26 މެންބަރުންގެ ވޯޓުން ކަމަށްވިޔަސް، އެހިސާބުން އެކަން އެނިމުނީ. ދީމުޤްރާޠީ އުޞޫލަކީ، ދެން ތިއްބެވި 24 މެންބަރުން އޭގެފަހުން އެވާހަކަ ދައްކަވައިގެން ނުވާނެ. 26 މެންބަރުންގެކޮޅު މޮޅުވީ. އެމީހުން އެބުނިގޮތް ފާސްވީ. އެހިސާބުން ދީމުޤްރާޠީ ނިޒާމު ބުނަނީ، މައްސަލަ ނިމުނީޔޭ. ދެން އަނެއްމީހުން އެގޮތްވީ ދޫކޮށްލާށޭ.
އެއީ، ދުނިޔޭގައި ސިޔާސީގޮތުން ތަޞައްރުފް ފުދިފައިވާ ޤައުމުތަކުގައި ކަންތައް ކުރަމުންދާގޮތަކީ. އެކަމަކު އަޅުގަނޑުމެންގެ ރާއްޖޭގައި އަދި މިއުޅެނީ އެހެން ނުވެގެން. އަޅުގަނޑުމެންނަށް އަދި ދަސްނުވަނީ. އަޅުގަނޑުމެންގެ ތަޞައްރުފް ފުދުން އަދި އެހިސާބަށް ނުދަނީ. އެހެންވީމާ، މިވާގޮތަކީ ގިނަ މެންބަރުން ބޭނުންވާގޮތަށް ކަމެއް ފާސްވިޔަސް، ދެން ތިއްބެވި މެންބަރުން އަދިވެސް އެވާހަކަ ދައްކަވަނީ. މިސާލަކަށް، ހަމަ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ފާސްވާ ބައެއް ކަންތައްތައް، އޭގައި 113 މެންބަރުން ތިއްބެވީމާ، 70 ވޯޓުން ނުވަތަ 73، 75 ވޯޓުން އެބަ ފާސްވޭ ބައެއް ކަންތައްތައް. މާނަޔަކީ ވަރަށްބޮޑު އަޣްލަބިއްޔަތެއް ލިބުނީ. އެންމެ ކުޑަކުޑަ އަޣްލަބިއްޔަތެއްވެސް ނޫން. ދެން ތިއްބެވި ތިރީހަކަށް، ސާޅީހަކަށް ބޭފުޅުން އެވީ އެގޮތް ދޫކޮށްލައްވަން. އެކަމަކު އެހެނެއް ނެހެއްދެވޭ. އަދިވެސް މައްސަލަ ޖައްސަވައި ހައްދަވަނީ. އެހެންވީމާ، އެއީކީ ދީމުޤްރާޠީ ނިޒާމު ތަންދޭގޮތެއް ނޫން. އެއޮތީ އޮޅިފައި. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މިކަންތައް ދަސްކުރަން.
ދެން ހަނދުމަފުޅު ހުންނާނެކަންނޭނގެ، އިއްޔެގެ ހުކުރު ޚުޠުބާގައި އަޅުގަނޑު ދެއްކި ވާހަކައިގައި، އިސްލާމްދީނުގައި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އެއްބައިވަންތަކަން ދަމަހައްޓަން އަންގަވާފައިވާ މިންވަރުގެ ތެރެއިން ކުޑަކުޑަ މިންވަރެއް ނަމަވެސް ހާމަކޮށްލެވޭތޯ އަޅުގަނޑު ބެލިން. މާތްﷲ އަންގަވާފައިވާ އާޔަތެއް "وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ" (آل عمران 103) "ތިޔަބައިމީހުން އެކަތިގަނޑަކަށް ވެގެން ތިބެގެން ﷲގެ ދީނުގައި ހިފަހައްޓާށޭ. އަދި ތިޔަބައިމީހުން ވަކިވަކިވެނުގަންނާށޭ." އަދި އެއާޔަތުގައި އަންގަވާފައިވާ ކަމަށް އަޅުގަނޑު ދެންނެވިން. ކުރީގެ މިސާލު، "ތިޔަބައިމީހުން ޢަދުއްވުންތަކެއްގެ ގޮތުގައި ވަނިކޮށް މާތްﷲގެ ނިޢުމަތުން ތިޔަބައިމީހުންގެ ހިތްތައް އެކުވެރިކޮށްދެއްވީޔޭ."
އެއީ، ކުރިން، އެނގިވަޑައިގަންނަވާނެ ފަދައިން، ޖާހިލިއްޔަ ޒަމާނުގައި ޢަރަބިންގެ މެދުގައި އޮތީ، ޤަބީލާތަކުގެ މެދުގައި އޮތީ ވަރަށްބޮޑެތި ހަމަނުޖެހުންތައް. ވަރަށް ކުދިކުދި ކަންތަކާ ހަނގުރާމަ ކުރުން، ލޭއޮހޮރުވުން ހިނގަމުންދިޔަ. އެހެން އެކަން އޮއްވާ، އިސްލާމްދީން އައިސް ކީރިތި ރަސޫލާ صـلّى الله علـيـه وسـلّم ވަޑައިގެން މީސްތަކުންގެ ހިތްތައް އެކުވެރިކުރެއްވި. އެންމެންނަކީ އަޚުންތަކެއް ކަމުގައި ހެއްދެވި. ހެއްދެވީމާ، އެހިސާބުން އެކަންތައްދިޔައީ، އެއްކަލަ ހަނގުރާމަތައް ދިޔައީ. ހުރިހާ ކަމެއް ހަމަޖެހިގެންދިޔައީ. އަދި سورة الحجراتގެ 10ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ، "إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ." "މުއުމިނުންވާކަން ކަށަވަރީ އަޚުންތަކެއް ކަމުގައޭ." "فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ ۚ ." "ފަހެ ތިޔަބައިމީހުން ދޭދޭ މުސްލިމް އަޚުންގެ ދެމެދުގައި ޞުލްޙަކުރާށޭ." ދެމީހެއްގެ ދޭތެރޭގައި މައްސަލައެއް އުފެދިއްޖިއްޔާ އެންމެންވެގެން އެކަމެއް ހަމަޖައްސާށޭ. އެހެންވީމާ، މިސާލަކަށް ހަނިމާދޫގެ ކޮންމެވެސް ދެމީހެއްގެ ދޭތެރޭގައި ކަމެއް އުފެދުނަސް، އެންމެން ވެގެންވީ އެކަމެއް ހަމަޖައްސާށޭ، އެންމެންވީ މަސައްކަތް ކުރަން، އެމައްސަލަ ބޮޑު މައްސަލައަކަށް ނުވޭތޯ. އެމީހުން ރުހޭގޮތަކަށް ޙައްލެއް ގެނެވޭތޯ. ޢާއިލާގެ ތެރޭގައި ދިމާވާ ކަންތައްވެސް، މުޖްތަމަޢުގައި ދިމާވާ ކަންތަކުގައިވެސް އޮތީ މިގޮތް. އެއީ، ތަޤްވާވެރިވުމަކީ. "وَٱتَّقُوا۟ ٱللَّهَ." "އަދި ތިޔަބައިމީހުން މާތްﷲ އަށް ތަޤްވާވެރިވާށޭ." "لَعَلَّكُمْ تُرْحَمُونَ." އެއީ ތިޔަބައިމީހުންނަށް މާތްﷲގެ ރަޙްމަތް ލިބިގަތުމަށްޓަކައެވެ." މިއާޔަތުން އެނގޭ ގޮތުގައި، މާތްﷲގެ ރަޙްމަތް މިލިބެނީ، ތަޤްވާވެރިވެގެންނާއި، އަޅުގަނޑުމެންގެ މެދުގައި ޞުލްޙަކޮށްގެން. އަދި ހުރިހާ މުއުމިނުންނަކީ އަޚުންތަކެއް ކަމަށްވެގެން، ﷲގެ ރަޙްމަތްފުޅު މިލިބެނީ. ޞަރީޙަކޮށް ޤުރްއާނުގައި މިއޮތީ. ބައިވަރު އާޔަތްތައް. ބައިވަރު ޙަދީޘްތައް. މިހިރީ އަޅުގަނޑުމެންނަށް އަންގަވާފައި. ތިޔަބައިމީހުން ބައިބައިނުވާށޭ. "وَلَا تَنَـٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ" (سورة الأنفال 46) ކީރިތި ޤުރްއާނުގައި މާތްﷲ އަންގަވަނީ "ތިޔަބައިމީހުން އަރާރުންނުވާށޭ، އެއްބަޔަކު އަނެއްބަޔަކާ އަރާރުންނުވާށޭ ދެކޮޅުވެރިނުވާށޭ. އެހެންވެއްޖެއްޔާ ތިޔަބައިމީހުން ނާކާމިޔާބުވާނެއޭ. އަދި ތިޔަބައިމީހުންގެ ބާރު ކެނޑިގެން ހިނގައިދާނެއޭ."
ކިތަންމެ ބާރުގަދަ ޤައުމެއް ނަމަވެސް، އެޤައުމެއްގެ ތެރޭގައި ހަމަނުޖެހުން އުފެދި، ބައިބައިވުން އުފެދިއްޖެއްޔާ އެމީހުންގެ ބާރު ކެނޑިގެންދާނެ. އަޅުގަނޑުމެންނަށް ކިތައް މިސާލުތޯ ދުނިޔެއިން މިފެންނަނީ، އެތަން މިތާނގައި. އަވަށްޓެރި ޤައުމުތަކާއި އަދި އަވަށްޓެރި ނޫން ޤައުމުތަކުގައިވެސް. ބޮޑެތިސިންގާ ބިޔަ ބާރުގަދަ ޤައުމުތައް.
އެހެންނަމަވެސް، އެތާނގެ އެތެރޭގައި ދާޚިލީ ހަމަނުޖެހުން އުފެދިގެން، އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކޮށް، އެއްބަޔަކު އަނެއްބަޔަކު މަރައި، ލޭއޮހޮރުވައި، ތަންތަނަށް ގެއްލުންދީ، މިހެން ހެދުމުގެ ސަބަބުން، މުޅި ޤައުމު ސުންނާފަތިވެގެންދަނީ. ޤައުމުގެ ބާރު ކެނޑިގެންދަނީ.
އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއް، ވަރަށް ކައިރީގައި އޮންނަ ޤައުމެއް، އޮޅުދޫކަރަ. 1984 އާ ޖެހެންދެން ވަރަށް ބާރަށް ކުރިއަށްދިޔައީ. ވަރަށް މުއްސަނދި ޤައުމެއް އިނގޭތޯ. އެތާނގެ ބިންގަނޑުވެސް އެހާމޮޅު. އެމީހުންނަކީ ވަރަށްގިނައިން ސައިފަތް ހައްދާ ބައެއް. ވަރަށްގިނަ ސައިފަތް އެކްސްޕޯޓް ކުރޭ. ރަބަރު އެކްސްޕޯޓް ކުރޭ. އަދި އެމީހުންގެ އަތުގައި ވަރަށްގިނަ ވައްތަރުގެ ޖަވާހިރު ބިމުއަޑީގައި ހުރޭ. ވަރަށްމޮޅު ވިޔަފާރިވެރިން، ކިޔަވައިގެން ތިބި މޮޅުމީހުން ތިބި ތަނެއް އެއީ.
އެހެންވީމާ، އިޤްތިޞާދީ ގޮތުން ވަރަށްބާރަށް ކުރިއަށްދިޔަ. ގޮސްފައި، 1984އާ ހަމައަށް ގޮސްފައި ހުއްޓިއްޖެ. މިދިޔަ 21 އަހަރު އެމީހުންނަކަށް މާބޮޑު ކުރިއެރުމެއް ނުލިބޭ. އެއީ ކީއްވެގެންތޯ؟ އެއީ އެތާނގައި ހަނގުރާމަ ފެށުން. ތަމަޅައިންނާއި ސިންގަޅައިންނާ ހަނގުރާމަ ފެށިގެން ވަރަށް ބޮޑެތި ގެއްލުންތައް މުޅި ޤައުމަށް ލިބިގެންދިޔައީ. މިހާރުވެސް މައްސަލައަކަށް ޙައްލެއް ނުގެނެވޭ. އެކަމަކު ކުރިން ހަނގުރާމަ ހިނގި ފެންވަރަކަށް މިހާރަކު ހަނގުރާމައެއް ނުހިނގާ. އެކަން ހުއްޓިއްޖެ.
އެހެންވީމާ، ދޭތެރެދޭތެރެއިން ތަންތާނގައި ބޮން ގޮއްވާލައި އެތައްބަޔަކު މަރުވެ އެހެންވޭމެ. އެކަމަކު ކުރިން ހިނގި ފެންވަރަކަށްނޫން މިހާރު ހަނގުރާމަ ހިނގަނީކީ. އެހެންނަމަވެސް، ތަނުގެ ހަމަޖެހުން ގެއްލުނީ. ޞުލްޙަމަސަލަސްކަން ދިޔައީ. އެއްކަލަ ކުރިން އައިހާ ގިނަ ޢަދަދަކަށް ފަތުރުވެރިންނެއްވެސް ނާދޭ. އެކަމަކު މިހާރު ކުޑަތަންކޮޅެއް ހަމަޖެހިލީމާ، މިހާރު އެބައާދޭކަންނޭނގެ. އެކަމަކު މިދޭތެރެއިން ވަރަށްގިނަ އަހަރުތަކެއް ވަންދެން އެމީހުންނެއް ނާދޭ. ނުވަތަ އައި މީހުންގެ ޢަދަދު ވަރަށްމަދު. މުޅި ޤައުމު އިޤްތިޞާދީ ގޮތުން އިނދަޖެހުނީ.
އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިހާރު އަޅުގަނޑުމެން ވަރަށް ފަޚްރުވެރިވެފައި މިބުނަނީ، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ހަމަހިމޭން ތަނެކޭ. ވަރަށް ރީތި ތަނެކޭ. ވަރަށް ގިނަ ޢަދަދަކަށް ފަތުރުވެރިން އެބައާދެޔޭ. އައީމަ އަޅުގަނޑުމެންނަށް އޭގެ ސަބަބުން ވަރަށްގިނަ ފައިދާތައް އެބަކުރެޔޭ. އާމްދަނީ އިތުރުވެ، ވަރަށް ބޮޑެތި ކަންތައްތައް އަޅުގަނޑުމެންނަށް އެބަކުރެވެއޭ.
އެކަމަކު އަޅުގަނޑުމެންނަށް މިހާރު މިފެށިގެން އެކިދިމަދިމާގައި ފެންނަ ކަހަލަ ކަންތައްތައް، މާލޭގައި ނުވަތަ އެކިރަށްރަށުގައި. މިކަންތައްތައް މިހެން ހިނގަން ފަށައިފީވިއްޔާ، ދެން ކާކުތޯ ރާއްޖެ އަންނާނީ؟ ކޮން ފަތުރުވެރިއެއްތޯ، މިކަހަލަ ޖައްވެއްގެ ތެރެއަށް އަންނާނީ؟ އޭނަގެ އަމިއްލަ ސަލާމަތަށް އޭނަ ބަލާނެ، އޭނައާއި އޭނާގެ ޢާއިލާގެ ސަލާމަތަށް. އަންނައިރު މިކަހަލަ ކަމެއްގައި އެއިން މީހަކަށް ގެއްލުމެއް ވެއްޖިއްޔާ ނިމުނީ ކަންތައް.
އެހެންވީމާ، މިހިރީ އަޅުގަނޑުމެން ވިސްނަންހުރި ކަންތައްތައް. އަޅުގަނޑުމެން، އިރާދަކުރެއްވީތީ މާތްﷲގެ ވާގިފުޅާއެކީގައި، މިވޭތުވެދިޔަ އަހަރުތަކުގައި މިކަހަލަ ކަމެއް ނުހިނގާތީ، ރާއްޖެ މިދިޔައީ އިޤްތިޞާދީ ގޮތުން ވަރަށްބާރަށް ކުރިއަށް. ދުނިޔޭގެ އެހެން ޤައުމުތައް ޙަސަދަވެރިވާވަރަށް، ބާރަށްދިޔައީ. އަޅުގަނޑުމެންގެ ބޮލަކަށްޖެހޭ މިންވަރުވެސް އެތައް ގުނައެއް، ހަތްގުނަ، އަށްގުނަ މިދިޔައީ، މިދިޔަ 25 އަހަރުގެ ތެރޭގައި ކުރިއަށް. ކިޔަވާކުދިންގެ ޢަދަދު އެހާ މައްޗަށް ހިނގައްޖެ. ޚިދްމަތްތައް، އަތޮޅުތަކާއި ހުރިހާ ތަނެއްގައި، ކުރިންހުރި ވަރަށްވުރެ މާމައްޗަށް ހިނގައްޖެ. ދުނިޔޭގެ އެހެން ޤައުމުތަކުން، އަޅުގަނޑުމެން މިއީ ނަމޫނާއެއް ކަމުގައި ބަލާ ޤައުމަކަށް އޮތީ ވެފައި. އޮއްވާ ޤުދުރަތީ ޙާދިޘާއެއް ދިމާވެގެން އަޅުގަނޑުމެންނަށް ދެރަގޮތެއް ދިމާވީ.
އެއީ ސުނާމީ ކާރިސާ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު. ހަނިމާދުއަށްވެސް އޭގެ އަސަރު ކުރި. މިއަތޮޅުގެ ބައެއް ރަށްރަށަށްވެސް ކުރި. އެކަމަކު ބޮޑަށްކުރީ މެދުރާއްޖެތެރެއާއި، މާލެއަތޮޅާއި، މާލެއިން ދެކުނުގެ އަތޮޅުތަކާއި، ރަށްރަށަށް. އޭގެ ސަބަބުން، އަޅުގަނޑުމެންގެ ޤައުމަށް މިވަނީ ވަރަށް ބޮޑެތި އިޤްތިޞާދީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައި. އެއީ، އަޅުގަނޑުމެން މިއޮތްހާ ޒަމާނު ކުރި މަސައްކަތުގެ ވަރަށްބޮޑު ބަޔެއް ގެއްލިގެންދިޔައީ އެއްފަހަރާ. ޢިމާރާތްތަކާއި، އިންޖީނުގެތަކާއި، މީހުންގެ ގެދޮރާއި، މިހުރިހާ ކަމެއް، ހަމަ ކުޑައިރުކޮޅެއްގެ ތެރޭގައި ދިޔައީ.
އެކަމާ ދޭތެރޭގައި އަޅުގަނޑުމެންގެ ޝަކުވާއެއްނެތް. اللّـه سبحـانـه وتعـالٰى މިންވަރު ކުރެއްވިގޮތް. މިންވަރުފުޅަށް އަޅުގަނޑުމެން މުސްލިމުން އީމާންވަން. އެކަމަކު އަޅުގަނޑުމެން އެބަ ފަށައިގަންނަންޖެހޭ އެމަސައްކަތް އަލުން ކުރަން.
ދެން ދިމާވި ކަމަކީ އެހެންވީމާ، ލިބުނު ގެއްލުންތައް ފޫބައްދަން ދަތިވި ޒަމާނުގައި، ފަތުރުވެރިން އައުންވެސް މަދުވީ. އެމީހުންވެސް ބިރުގަތީ. އެހެންވާނެނޫންތޯ؟ ބިރުގަންނާނެ އަންނަން. އަނެއްކާވެސް އެކަހަލަ ކަމެއް ދިމާވެއްޖިއްޔާ އެތައް ބަޔެއްގެ ފުރާނަ ހިނގައިދާނެ ކަމަށް ބިރުގަންނާނެ. އެމީހުން އައުން ހުއްޓުނީ. ނުވަތަ ވަރަށްބޮޑުތަން މަދުވެގެންދިޔައީ. އެހެންވީމާ، ރާއްޖެއަށް ލިބޭ އާމްދަނީ ވަރަށްބޮޑުތަން ދަށްވެގެންދިޔަ.
އެކަން އެހެން ވެފައި ވަނިކޮށް، ރިހޭ ފައިމައްޗަށް ފޮއި ވެއްޓެއޭ ބުނާ އުޞޫލުން ތެލުގެ އަގު މިދިޔައީ އެތައް ގުނައަކަށް މައްޗަށް. އަޅުގަނޑުމެންގެ ރާއްޖޭގައި އިޤްތިޞާދީ ވަރަށްގިނަ ކަންތައްތައް ބިނާވެފައި މިއޮންނަނީ ތެލުގެ މައްޗަށް. އެންމެ ކުޑަވެގެން އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވެނީވެސް ދޯންޏެއްގައި، އިންޖީނު ދޯންޏެއްގައި ތެޔޮ އަންދައިގެން. މަސްވެރިކަން ކުރެވެނީވެސް ތެޔޮ އަންދައިގެން. ސަފާރީ ދޯނިފަހަރު މިދުއްވެނީ ތެޔޮ އަންދައިގެން. ހުރިހާ ކަމެއް، ކަރަންޓް މި އުފައްދަނީ ތެޔޮ އަންދައިގެން. މި ތެލުގެ އަގު އެހާބޮޑުތަން މައްޗަށް ދިޔައިމާ، ވަރަށްބޮޑު ގެއްލުން ރާއްޖެއަށް. އެއީ، ރާއްޖެއަކީ ތެޔޮ އުފައްދާ ތަނެއް ނޫން. ރާއްޖެއަކު ތެލެއް ނެތް. ނުއުފައްދަން. އަޅުގަނޑުމެން ތެޔޮ މި އެތެރެކުރަނީ ބޭރު ޤައުމުތަކުން. އަގު އެހާމައްޗަށް ދިޔައިމާ، އަޅުގަނޑުމެން ބޭރަށް އެ ދައްކަންޖެހޭ ފައިސާ ބޮޑުވެގެން ދިޔައިމާ ބަޖެޓުގައި އެވަރަކަށް ފައިސާއެއް ނުހުންނާނެ.
ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކާއި، ތެލުގެ އަގު މައްޗަށް ދިޔުމާއި ފަތުރުވެރިން އައުން މަދުވުމާއި، މިހުރިހާ ކަމެއް އެއްފަހަރާ ދިމާވެގެން، އަޅުގަނޑުމެން މިވަނީ އިޤްތިޞާދީ ގޮތުން ވަރަށް ދެރަވަރު ހިސާބަކަށް ގޮސްފައި. މިދިޔަ 27 އަހަރު ނުދާ މިންވަރަށް ދަށަށް ގޮސްފައި މިވަނީ. އެއިން އަރައިގަންނަން މަސައްކަތްކުރާ ވަގުތު، މި ޖެހެނީ ކޮންކަމެއްތޯ؟ ތަޅާފޮޅުމާއި، ހަމަނުޖެހުމާއި، ޢިމާރާތްތައް ރޯކުރުމާއި، ތަންތަން ހަލާކުކުރުމާ. އެހެންވީމާ، އަޅުގަނޑުމެންނަށް ޤުދުރަތީގޮތުން ލިބުނު މުޞީބާތަކުން ސަލާމަތްނުވެ ތިއްބާ، އަމިއްލަ އަތުން އަނެއްކާ އިތުރު ގޯސްތައް ހަދަން ފެށީ. މިއީކީ އެކަންވާންވީ ގޮތެއްނޫން.
އެހެންވީމާ، ސިޔާސީ ޕާޓީ އުފައްދަނީކީ، މިކަހަލަ ކަންތައްތައް ކުރާކަށެއް ނޫން. ސިޔާސީ ޕާޓީގެ ބޭނުމަކީ، ކުރިންވެސް ދެންނެވިހެން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ އަލީގައި ވެރިކަން ކުރުން. ރައްޔިތުން ބޭނުންވާ ބަޔަކު ވެރިކަމަށް އައުން. ރައްޔިތުން ބޭނުންވާ ގޮތަކަށް ކަންތައްތައް ކުރުން. އެކަމަށް މަގުފަހިކޮށްދިނުން.
ސިޔާސީ ޕާޓީ ނަޔަސް، އެކަހަލަ ގޮތަކަށް ރާއްޖޭގައި މިއޮތީ. އެއީ، ރާއްޖޭގައި މިއޮތީ އިންތިޚާބީ ވެރިކަމެއް. މާނައަކީ، ފަސްއަހަރުން އެއްފަހަރު ރައީސަކަށް ހުންނަ މީހެއްގެ އިންތިޚާބު އެބައާދޭ. ރައްޔިތުން އިންތިޚާބު ކުރެއްވިއްޔާތާ، އެމީހަކަށް ހުރެވޭނީ. ރައްޔިތުން އިންތިޚާބު ނުކުރަންޏާ އެމީހަކަށް ނުހުރެވޭނެ. އަޅުގަނޑު اللّـه سبحـانـه وتعـالٰى އަށް ޙަމްދާއި ޝުކުރު ކުރަން. އަދި ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެއީ، ރައްޔިތުން އަޅުގަނޑު ހޮއްވަވާފައި މިހުރީ. މިދިޔަ ކޮންމެ ފަހަރަކުވެސް ރައްޔިތުން ހޮއްވަވާފައިވަނީ، އިރާދަކުރެއްވީތީ ވަރަށްމަތީ އަޣްލަބިއްޔަތަކުން.
އެހެންވީމާ، ﷲގެ ފަޟްލުވަންތަވެރިކަން ކިތަންމެހާވެސް ބޮޑު، އަޅުގަނޑަށް. ހަމައެހެންމެ، ދިވެހި ރައްޔިތުންގެ ލޯތްބާއި ތާއީދު އަޅުގަނޑަށް ލިބުނު މިންވަރުވެސް ވަރަށްބޮޑު. އެކަމަށްޓަކައި އެންމެ ފުރަތަމަ ހުރިހާ ނިޢުމަތްތަކެއްގެ ވެރި اللّـه سبحـانـه وتعـالٰى އަށް ޙަމްދާއި ޝުކުރު ދަންނަވަން. އެއަށްފަހުގައި، ދިވެހި ރައްޔިތުން އެކުރައްވާ ތާއީދަށްޓަކައި، ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑު މިތާ މިހުރީ ރައްޔިތުން އިންތިޚާބު ކުރެއްވީމައޭ. އަޅުގަނޑަކީ އޭގެކުރިން އެއްވެސް އާރެއް ބާރެއް އޮތް މީހެއް ނޫން، ސިޔާސީގޮތުން ބަލަންޏާ. އާދައިގެ ޢާއިލާއެއްގެ މީހެއް. ބައެއް ތަންތާނގައި ސިފައިންގެ މަތީ އޮފިސަރުން އެގޮތްމިގޮތުން ވެރިކަން ހޯދާ. އަޅުގަނޑަކީ ސިފައިންގެ މީހެއްވެސް ނޫން. ސިފައިންގެ ތެރޭގައި އުޅުނު މީހެއްވެސް ނޫން. ހަމަ އާދައިގެ ދިވެހި ރައްޔިތެއް. ރައްޔިތުން އަޅުގަނޑު އިންތިޚާބު ކުރެއްވީ.
އެހެންނަމަވެސް، މިހާރު ޕާޓީ ސިސްޓަމް އުފެދުނީމާ، ހަމަ ޙަޤީޤަތާ ޚިލާފު، ވަރަށްގިނަ ވާހަކަ ހަދައިގެން ދައްކަނީ. މާލޭގައިވެސް، އަތޮޅުތަކުގައިވެސް ހަމަ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަ. އަޅުގަނޑާ ބެހޭގޮތުންވެސް، އަޅުގަނޑުގެ ޢާއިލާއާ ބެހޭގޮތުންވެސް، ސަރުކާރާ ބެހޭގޮތުންވެސް. ރާއްޖެއިން ބޭރުގައިވެސް ހަމަ އެވަރަށް އެވާހަކަތައް އެހެން ދައްކާ ފަތުރާ. އެކިއެކި ވެބްސައިޓްތަކުގައި ޖަހާ މިހަދަނީ ހަމަ ކަނޑައެޅިގެން ދޮގު މަޢުލޫމާތު.
ކުރީފަހަރަކު، މިދިޔަ އަހަރު ޢީދުގައި، އާދެ! މިދިޔަފަހަރުވެސް ފިޠުރުޢީދުގައި މިރަށަށް އައިން ދޮގެއްތޯ. އެއީ، ޢީދު ސަލާންކުރުން އޮތީ ކުޅުދުއްފުށީގައި. މިރަށުގައި އަޅުގަނޑު ހުރީ. އޭރު އައިމަވެސް، ޖަހާފައި އޮތެއް ނޫންތޯ. މިތަނަށް މިއައީ، އަވަހަށް އިންޑިޔާއަށް ފުރަން ފަސޭހަވާނެތީއޭ ކިޔައިގެން. އިންޑިޔާ ކައިރިއަށް އައީއޭ، ބިރުން. ކަމެއް ދިމާވެއްޖިއްޔާ ފުރައިގެން އިންޑިޔާއަށް ދާނެއޭ. މިކަހަލަ ހެއްވާ ވާހަކަ. އަދި އެހެންނޫނަސް، ހަމަ ކިތަންމެ ކުޑަކުޑަ ކަމެއް ކޮށްލިޔަސް، އޮޅުވާލައިގެން އެވާހަކަ އެބަޖަހާ. މީހުންނަށް އޮޅުވާލަން، ޙަޤީޤަތް އޮޅުވާލަން، އަގު ވައްޓާލަން.
އެއެއްނޫން ޕާޓީ ސިސްޓަމަކީ. ޕާޓީ ސިސްޓަމްގައި އޮންނަނީ ޙަޤީޤަތް. އަޅުގަނޑުމެންގެ ޕާޓީންވެސް، މިދެންނެވީ ދިވެހި ރައްޔިތުންގެ ޕާޓީންވެސް އަޅުގަނޑުމެން މިއުޅެނީ ޙަޤީޤަތް ހާމަކުރެވޭތޯ. ރައްޔިތުންނަށް ފައިދާހުރި ކަންތައް ކުރެވޭތޯ. އެހެން ޕާޓީތަކުންވެސް އެހެން އުޅުއްވަންޖެހޭނީ. އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ކިތަންމެފަހަރަކު އަޅުގަނޑު ބުނެފިން، ޕާޓީގެ ޖަލްސާތަކުގައި. އަޅުގަނޑު ބޭނުންވަނީ ހުރިހާ ޕާޓީތައް ގުޅިގެން މަސައްކަތް ކުރާށޭ. އަޅުގަނޑު ޒައިތޫނިފަތްކޯޅިއެއް އެބަ އެބޭފުޅުންނަށް އަރުވަން. އެއީ، ދުނިޔޭގެ އެހެން ތަންތާނގައި ބުނާގޮތުންވިއްޔާ، ޞުލްޙަވެރިކަމުގެ ނިޝާނެއް. އަޅުގަނޑު ބޭނުމެއްނޫނޭ، ޕާޓީތަކުގެ މެދުގައި ހަމަނުޖެހުން އުފެދޭކަށް. ރާއްޖޭގައި މިހާރު ތިން ޕާޓީ އެބައޮތް. އަޅުގަނޑު ބޭނުމީ ޕާޓީތައް ގުޅިގެން މަސައްކަތް ކުރާށޭ. އެވާހަކަ އެތައްފަހަރަކު ބުނެފިން. އެކަމަކު އެއްވެސް ޕާޓީއަކުން އިޖާބައެއް ނުދޭ.
ޤައުމުގެ މަޞްލަޙަތު ނިޔާކުރާގޮތަކީ، އެންމެން ވާހަކަ ދައްކައިގެން ކަންތައް ކުރުން. ގިނަބަޔަކަށް ފެންނަގޮތަށް ކަންތައް ކުރުން. ފަހަރެއްގައިވެސް މަގުމައްޗަށް ނުކުމެ ހަޅޭއްފަޅޭއްލަވައި، ތަންތަން ހަލާކުކޮށް، އެހެން ހަދައިގެން ކަންތައް ކުރުމެއްނޫން. އެއީ، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، އެއީކީ ދީމުޤްރާޠީ ނިޒާމެއް ނޫން.
އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، އަޅުގަނޑުމެން މިކަންތައްތަކާ ދޭތެރޭގައި ވިސްނަންވެއްޖެއޭ، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން. އަޅުގަނޑުމެންނަކީ މާތްﷲ ސިކުނޑީގެ ނިޢުމަތް ދެއްވާފައިވާ ބަޔެއް. އަޅުގަނޑުމެންގެ އަމިއްލަ ސިކުނޑިއަށް ވަކިކުރެވެންވާނެ، ކޮބައިތޯ ތެދަކީ، ކޮބައިތޯ ދޮގަކީ. ކޮބައިތޯ ހެޔޮމަގަކީ، ކޮބައިތޯ ނުބައި މަގަކީ. ކޮބައިތޯ ޤައުމުގެ މަޞްލަޙަތު އޮތްގޮތަކީ. ކޮބައިތޯ ޤައުމަށް ގެއްލުންހުރި ގޮތަކީ. މިކަން އަމިއްލަ ވިސްނުމަށް ގެނެސްގެން، ގޮތެއް ނިންމުމުގެ ޤާބިލިއްޔަތު، މާތްﷲ އަޅުގަނޑުމެންނަށް ވަނީ ދެއްވާފައި. އެއީ، އަޅުގަނޑުމެންގެ ސިކުނޑި. އަޅުގަނޑުމެންގެ ވިސްނުން. އޭގެ ބޭނުންކޮށްގެން، ޤައުމުގެ މަޞްލަޙަތު ރައްކާތެރިކޮށް، ރައްޔިތުންނަށް އަމަންއަމާންކަން ގެނެސްދީ، ރައްޔިތުން ބިރުވެރިކަމުން ސަލާމަތްކޮށްދީ، ރައްޔިތުން އެދޭގޮތަކީ ކޮބައިތޯ ބަލައި، އެމީހުންނަށް ޚިދްމަތްތައް ދިނުން. އެއީ، ބުއްދިވެރިން ކަންތައް ކުރަންވީ ގޮތަކީ.
އާދެ! އަޅުގަނޑުގެ ވާހަކަ ވަރަށް ދިގުވެސްވެއްޖެ. އެހެންނަމަވެސް، މިކަންތައްތައް ހިނގާދިޔަގޮތުން، އަޅުގަނޑު ހިތަށްއެރީ މިވާހަކަ ދަންނަވާލާނަމޭ. މީގެކުރިން އައިފަހަރު ފަހަރު މިތާނގައި ތިޔަބޭފުޅުންނާ މިގޮތަށް ބައްދަލުކޮށްލެވިފައެއް ނެތް. އެކަމަށްޓަކައި ވަރަށް ހިތާމަކުރަން. އެހެންނަމަވެސް، މިފަހަރު އައުމާއެކީގައި ކަތީބު ވިދާޅުވި، ރައްޔިތުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވައޭ. އެހެންވީމާ، އަޅުގަނޑު ދެންނެވިން، މައްސަލައެއް ނެތޭ، ހަމަ ބައްދަލުކުރާނަމޭ. ބައްދަލުކޮށްފައި ހަމަ އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކަ ރައްޔިތުންނަށް ދަންނަވާފައި، ރައްޔިތުން ވިދާޅުވާ އެއްޗެއް އަޅުގަނޑުވެސް އަޑުއަހާނަމޭ. އެހެންވީމާ، އިރާދަކުރެއްވީތީ އެގޮތަށް މިކަންތައް މިގެންދިޔައީ.
ހަނިމާދުއަކީ މިހާރުވެސް ވަރަށް މަސައްކަތްތެރި، ހީވާގި އަދި އިޚްލާޞްތެރި ރައްޔިތަކު ދިރިއުޅޭ ރަށެއް. އެހެންވީމާ، އަޅުގަނޑު އެދެނީ، އެގޮތުގެމަތީގައި ތިޔަބޭފުޅުން ތިއްބެވުން. ދެންމެ ކަތީބު ވިދާޅުވިހެން، ހަނިމާދޫ ރައްޔިތުންނަކީ، ސަރުކާރަށް އިޚްލާޞްތެރި، ވެރިންނަށް ކިޔަމަންތެރި ބަޔެއް. މިރަށުގައި އެއްވެސްކަހަލަ ހަމަނުޖެހުމެއް ނެތް. އެގޮތުގައި ތިއްބެވުން އެއީ، އަޅުގަނޑު އެދޭގޮތަކީ. އެއީ، އަޅުގަނޑުމެންނަށް ކާމިޔާބުކުރެވޭނެ ގޮތަކީ. އަދި ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަންތައްތައް ހުންނާނެ. އެކަންތައްތައްވެސް އެދިވަޑައިގަންނަވާ ގޮތަށް ކުރެވޭތޯ ސަރުކާރުން ބަލާނެ. އެހެންނަމަވެސް، ސަރުކާރުން ކަންތައް މިކުރެވެނީ ވަކިއުޞޫލަކުން، ވަކިގަވާއިދަކުން. ވަކިވަރަކަށް އަޅުގަނޑުމެންގެ އަތުގައި ފައިސާ ހުންނަނީ. ވަކިވަރަކަށް ބަޖެޓް އޮންނަނީ. މިކަހަލަ ކަންތައްތައް. އަދި ރާއްޖޭގައި އެންމެ ރަށެއް، ދެރަށެއް ނޫން އޮތީކީ. މީހުންއުޅޭވެސް 199 ރަށް އެބައޮތް. އެހުރިހާ ރަށަކަށް ބޭނުންވާ ކަންތައްތައްވެސް ހަމަ ސަރުކާރުން ކޮށްދޭންޖެހެނީ.
އެހެންވީމާ، މިކަހަލަ ކަންތައްތައް، މިދަތިތައް މިހެން ހުރުމާއެކީގައި، އެއްވެސް ރަށެއްގެ ރައްޔިތުން ބޭނުންވާހާ އަވަހަކަށް، ބޭނުންވާ ހުރިހާ ކަމެއް ނުކުރެވޭނެކަން އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަންޖެހޭނެ. އެހެންނަމަވެސް، އިޚްލާޞްތެރިކަމާ އެކީގައި ސަރުކާރުން މަސައްކަތް މިކުރަނީ އެކަންތައް ކޮށްދެވޭތޯ. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، މިވާހަކަވެސް ދަންނަވާލާނަމޭ. އަދި ތިޔަބޭފުޅުން އަޅުގަނޑުގެ ވާހަކަ އެއްސެވިކަމަށްޓަކައި ވަރަށްބޮޑަށް ޝުކުރު ދަންނަވަން. ތަންކޮޅެއް ދިގުވީތީ އެކަމާ ހިތާމަކުރަން. އެހެންނަމަވެސް، މިއަދުގެ މައުޟޫޢުގެ ބާވަތުން ތަންކޮޅެއް ދިގުކޮށް ވާހަކަ ދައްކަންޖެހުނީ.
އަޅުގަނޑު އެދެނީ، ހަނިމާދުއަށާއި، އަދި މުޅި ރާއްޖެއަށް މާތްﷲ ހެޔޮގޮތްތައް މިންވަރުކުރެއްވުން. މާތްﷲގެ ރަޙްމަތްފުޅު އަޅުގަނޑުމެންނަށް އަބަދާއި އަބަދު އޮތުން. އެކަލާނގެ ދެއްވާ ހިދާޔަތާއި އިލްހާމްގެ ތެރެއިން އަޅުގަނޑުމެންނަށް ހެވާއި ނުބައި ވަކިކުރުމުގެ ވިސްނުމާއި، ޤާބިލިއްޔަތު ދެއްވުން. އަދި އަޅުގަނޑުމެންނަކީ އަބަދުވެސް މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެންނަށް ދުނިޔެއާއި އާޚިރަތުގެ ސަލާމަތްކަމާއި، ބާއްޖަވެރިކަމާއި ދަރުމަ، އެކަލާނގެ މިންވަރުކުރެއްވުން.
والسّلام عليكم ورحمـة اللّـه وبركاته.