ޓެލެވިޜަން މޯލްޑިވްސް:

މިއަދު ހެނދުނު ބިންހެލުމެއް އައިކަމަށް އެނގިފައި އޮތީ. އޭގެ ކުޑަވަގުތުކޮޅެއް، ދެން އިރުކޮޅެއްފަހުން ނަމަވެސް، މި ޙާދިޘާ މި ހިނގީ. އެހެންވީމާ، މިކަމާ ދޭތެރޭގައި މަނިކުފާނު ވިދާޅުވާނީ ކީކޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، އަޅުގަނޑަށްވެސް ހަމަ ބިންހެލުން އިޙްސާސްވި އިނގޭތޯ. ހެނދުނު 6:28 އެހާކަންހާއިރު، ވަރަށް ބޮޑަށް އެ އިޙްސާސްވި. ދެން މާލޭގެ ވަރަށްގިނަ މީހުންނަށްވެސް އެކަން އިޙްސާސްވި.

ދެން އަޅުގަނޑު ބެލިއިރު، ސުމާޓްރާގެ ހުޅަނގު އުތުރުން، ކަނޑުއަޑިން ބިންހެލުމެއް އައިސްފައި އެބައޮތް، މާލޭ ގަޑިން 5:59 އެހާކަންހާއިރު ދޮގެއްތޯ. އަޅުގަނޑަށް އެ ފީލްވީ، އޭގެ ގާތްގަނޑަކަށް 27، 28، 29 މިނިޓް ފަހުން. އެހެންވީމާ، މިކަހަލަ ކަނޑުއަޑީގެ ބިންހެލުންތައް އުފެދުނީމާ، އޭގެ ސަބަބުން ރާޅު، ބޮޑުރާޅު (އެއަށް މިކިޔަނީ ސުނާމީ) ސުނާމީ އުފެދުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ، އަޅުގަނޑަށް ލަފާކުރެވެނީ އެހެންވީ ކަމެއްކަމަށް މިއީ. އެހެންވީމާ، ދެން މިއީ އަޅުގަނޑުމެންގެ އިރުންވީކަމެއް، އިރުމަތީ ފަރާތުން. ވީމާ، ދެން އެއްވެސްކަހަލަ ބައްރެއް ނެތް ރާއްޖެއާ ހަމަޔަކަށް. އެހިސާބުން މުޅިން ކަނޑުއޮތީ. އެހެންވީމާ، ކަނޑުގައި އެ ރާޅު އުފެދިގެން އައި އައުމެއް ކަމަށް އަޅުގަނޑަށް މިހާރު ލަފާކުރެވެނީ.

ދެން އަޅުގަނޑުމެން ބޭރުގެ ފަރާތްތަކާވެސް ގުޅައިގެން މަޢުލޫމާތު އޮޅުންފިލުވަމުން މިގެންދަނީ. ރާއްޖޭގެ ރަށްރަށާވެސް ގުޅައިގެން، ކިހިނެއްތޯ ވަމުންދަނީ ބަލަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ މާތްﷲ ދެން އަޅުގަނޑުމެންނަށް ހެޔޮގޮތްތައް މިންވަރުކޮށްދެއްވާނެ.

ޓެލެވިޜަން މޯލްޑިވްސް:

ދެން މިކަހަލަ ޙާދިޘާއެއް ހަމަ ހިނގާފާނެ ކަމަށް ކުޑަކޮށްވެސް ހަމަ ހީފުޅުކުރައްވާފައިއޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ނޫން. މިހާރު އާރތުކުއޭކް އަކީ، ނުވަތަ ބިންހެލުން އެއީ ހަމަ އެއްވެސް މީހަކަށް ނޭނގި އަންނަ، ވަކިހިސާބަކަށް އަންނަ އެއްޗެއް ނޫންތޯ؟ އެހެން އަންނަ ބައެއްފަހަރު ތަންކޮޅެއް ކައިރިން ބިންހެލުމެއް އަތުވެއްޖައީވިއްޔާ ނުވަތަ މި ދެންނެވީ، މިކަހަލަގޮތަކަށް އަތުވެއްޖައީވިއްޔާ، މިކަހަލަ ކަންތައް ދިމާވެދާނެ. ރާއްޖެއަށް މިދިޔަ އަހަރުވެސް އައި. ޖުލައި މަހުގެ 15 ވަނަ ދުވަހުގެރޭ (ވަރަށްގިނަ މީހުންނަށް އިޙްސާސް ނުވާނެކަންނޭނގެ) ވަރަށް ކުޑަކުޑަކޮށް އައި. އަދި އޭގެކުރިން، 2002 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުވެސް އައިސްފައި އެބައޮތް. އެބައާދޭ ދޭތެރެދޭތެރެއިން. ދެން މިއީ ހަމަ ޤުދްރަތީ ކަންތައްތައް. އަޅުގަނޑުމެންނަކަށް ނޭނގޭނެ ކުރިން ބުނާކަށެއް.

ޓެލެވިޜަން މޯލްޑިވްސް:

އަޅުގަނޑުމެން ރައްޔިތުންނަށް ހަމަ ޝޮކެއް ޖެހިގެންދިޔަ ކަމެއް އިނގޭތޯ މިކަމަކީ. އެހެންވީމާ، މަނިކުފާނު ދެން ރައްޔިތުންނަށް އެއްވެސްކަހަލަ އިލްތިމާސެއް އެއްޗެއް ކޮށްލައްވަން އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ރައްޔިތުންނަށް ދަންނަވަން އޮތީ، ހަމަ ހުރިހާ ބޭފުޅުންވެސް ހަމަ މިކަމުގައި ބައިވެރިވެވަޑައިގެން ދެއްވާށޭ! ސަރުކާރާއި ރައްޔިތުންނާ ގުޅިގެން، މިހާރު މިވީ ގެއްލުންތައް ބަލައި، އެ ގެއްލުންތައް ފޫބެއްދުމަށް ކުރަންޖެހޭނީ ކޮންކަހަލަ ކަންތައްތަކެއްތޯ ބަލައި، ދެން ހަމަ އެގޮތަށް މަސައްކަތް ކޮށްދެއްވާށޭ. ދެން އެއްވެސްކަހަލަ ކަމެއް ދިމާވަންޏާ އަންގަވާށޭ! އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭނީ. ދެން ހުރިހާ އެންމެންވެސް ﷲ އަށް ދުޢާކުރާށޭ. މިކަހަލަ ކަންތައްތައް ދިމާނުވޭތޯ އަދި ދިމާވާ ކަންތައްތަކުންވެސް ރާއްޖެ ސަލާމަތް ކުރައްވާތޯ.

ޓެލެވިޜަން މޯލްޑިވްސް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ!