بســم اللّـه الرّحمـن الرّحيــم
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި، ސަލާމް ލެއްވުން އެދި ދުޢާކުރަން.
އާދެ، އެއަށްފަހުގައި، ފްރެޝް އެންޑް ގްރީންގެ ފަރާތުން، އާދެ، އަލްފާޟިލް ޝަބްނަމީގޭ ޙުސައިން މުޙަންމަދުދީދީ އިންތިޒާމު ކުރައްވައިގެން މި ބާއްވަވާ ސެމިނާރަށް، އަޅުގަނޑަށާއި ނަސްރީނާއަށް ދަޢުވަތު ދެއްވިކަމަށްޓަކައި، އަލްފާޟިލް ޙުސައިން މުޙަންމަދުދީދީއަށާއި، ފްރެޝް އެންޑް ގްރީންގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
މިރޭ މި ސެމިނާރަށް ހާޒިރުވުމަކީ އަޅުގަނޑުމެން ދެ މީހުންނަށް ލިބުނު ވަރަށްބޮޑު އުފަލެއް. އަޅުގަނޑުމެން މިއައީކީ ކޮންމެހެން މިތާނގައި ވާހަކަ ދައްކައި، މަޢުލޫމާތު ދޭކަށެއްނޫން. ޙަޤީޤަތުގައި އަޅުގަނޑަކީ ގަސްއިންދުމުގެ ފަންނުގެ އެއްވެސްކަހަލަ މަޢުލޫމާތެއް ލިބިފައިވާ މީހެއްނޫން. އާދެ، އަލްފާޟިލް ޢަބްދުﷲ ޖަމީލް ވިދާޅުވިފަދައިން، އަޅުގަނޑަކީވެސް ގަހަށް ލޯބިކުރާ މީހެއް. ގަސް ހައްދާހިތްވާ މީހެއް. އަދި އެ ގަސްތަކުން ލިބޭ ހިތްގައިމުކަމާއި، އުފަލާއި އަރާމުވެސް ހޯދަން ޝައުޤުވެރިވާ މީހެއް. އެހެންނަމަވެސް، އެ ފަންނުގައި އަޅުގަނޑަށް މާގިނަ މަޢުލޫމާތުތަކެއް ލިބިފައެއްނުވޭ. އެކަން އެހެން އޮތް ނަމަވެސް، މިކަހަލަ ސެމިނާރަކަށް އައިސް، ސެމިނާރުގެ ބައިވެރިން ނުވަތަ މަޢުލޫމާތު ދެއްވާ ބޭފުޅުން އެ ދެއްވާ މަޢުލޫމާތު އަޑުއަހާލުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް. އެ ފުރުޞަތަކީ އަޅުގަނޑު ހިތުން އަޅުގަނޑަށްވެސް ވަރަށް ފައިދާކުރާނެ ފުރުޞަތަކަށްވާނެ. އެހެންވީމާ، އަޅުގަނޑު މިތަނަށް މިރޭ މިއައީ.
ކޮންމެއަކަސް، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަލްފާޟިލް ޙުސައިން މުޙަންމަދުދީދީއަކީ، ގަސްއިންދުމާއި، ގަސްހެއްދުމާއި އަދި މިބާވަތުގެ ހުރިހާ ކަމެއް ކުރެއްވުމުގައި، ވަރަށް އިސް ދައުރެއް އަދާކުރައްވާ ބޭފުޅެއް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި މަސައްކަތް އޭނާ ކުރައްވާތާ 30 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ. އަދި މިހާރުވެސް ހަމަ ފެށްޓެވިއިރު އެހުރި ޝައުޤުވެރިކަމާ އެކީގައި، އަދި އެއަށްވުރެވެސް ބޮޑު ޝައުޤުވެރިކަމަކާ އެކީގައި ވަރަށް އިޚްލާޞްތެރިކަމާއި، ހިންމަތާއެކީގައި، އެ މަސައްކަތް އޭނާ އެބަ ކުރިއަށް ގެންގޮސްދެއްވާ. އާދެ، އޭގެތެރޭގައި، ސަރުކާރުގައި އޭނާ ހިމެނިވަޑައިގަންނަވާ މަގާމުގެ ގޮތުން ކޮށްދެއްވާ މަސައްކަތްޕުޅުތަކާއި އަދި އަމިއްލަފުޅުގޮތުން މިކަމަށް ޝައުޤުވެރިކަން ހުންނަ، މިކަމުގެ މާހިރެއްގެ ޙައިޘިއްޔަތުން ކޮށްދެއްވާ ކަންތައްތައްވެސް ވަރަށްގިނަ.
އާދެ، އޭނާ ސަރުކާރުގައި ހުންނަވާ މަގާމުގެ ގޮތުން ތީމުގޭ ގަސްތައް ބަލަހައްޓަވައިދެއްވައި އަދި އާރަށުގެ ގަސްތައް ބަލަހައްޓަވައިދެއްވައި، ވަރަށްގިނަ ތަފާތު އާ ވައްތަރުތައް ތަޢާރުފުކޮށްދެއްވާ. އެ މަސައްކަތް ކާމިޔާބުކަމާއެކީގައި ކުރިޔަށް ގެންގޮސްދެއްވައި އަދި ވަރަށްގިނަ މީހުންނަށް އެ ފަންނު ދަސްކޮށްދެއްވަމުން ގެންދަވާ. ހަމައެހެންމެ، ރައީސް އޮފީހުން ހިންގާ ނާސަރީ ހިނގަނީވެސް ޙުސައިން މުޙަންމަދުދީދީގެ ބެއްލެވުމާއި އިރުޝާދުގެ ދަށުން. ރައީސް އޮފީހަށް ބޭނުންވާ ގަސްގަހާއި އަދި މާމެލާމެލި ހޯއްދަވައިދެއްވާ. އަދި ރާއްޖެއަށް މިފަދަ ކަމެއް، ޚާއްޞަގޮތެއްގައި ބޭނުންވާ ކޮންމެފަހަރަކު، މިސާލަކަށް ރާއްޖޭގައި ސަރަޙައްދީ ނުވަތަ ބައިނަލްއަޤްވާމީ ބޮޑު ޖަލްސާއެއް ބާއްވަންޖެހޭ ފަހަރަކުނަމަ، ނުވަތަ ޢިއްޒަތްތެރިޔަކު މާލެ ވަޑައިގަންނަވަން ދިމާވެފައި އޮންނަ ފުރުޞަތެއްނަމަ، ޙުސައިންދީ ރާއްޖެއިން ބޭރަށް ވަޑައިގެން، ބޭނުންވާ ގަސްގަހާއި މާމެލާމެއްޔާ، އެ ހުރިހާ އެއްޗެހި ހޯއްދަވައިގެން ގެނެސްދެއްވާ. އަދި މީގެއިތުރުން، މާލޭގެ ވަރަށްގިނަ ތަންތާނގައިވެސް އޭނާ އެ މަސައްކަތް ކުރައްވާ. އަމިއްލަފުޅު ގޭގައި ވަރަށް ރަނގަޅަށް ކުރައްވާ. އަޅުގަނޑަށްވެސް ޙުސައިންދީގެ ގެޔަށް ޒިޔާރަތްކުރުމުގެ އުފާ ވަނީ ލިބިފައި. ކުރައްވާ މަސައްކަތްޕުޅުތައް އޮތީ ފެނިފައި. އެހެންވީމާ، މި ދާއިރާގައި ޙުސައިން މުޙަންމަދުދީދީ އެ ކުރައްވާ މަސައްކަތްޕުޅުތަކުގެ އަގު އަޅުގަނޑުމެން އެންމެން ވަޒަންކުރަންވާނެ. އެކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑު ޙުސައިންދީއަށް ޝުކުރު ދަންނަވަން.
އާދެ، މިކަހަލަ ސެމިނާރެއް ބާއްވަވާކަން އެއީވެސް އަޅުގަނޑު ހިތުން ޙުސައިންދީ އަޅުގަނޑުމެންގެ ޖަމާޢަތަށް ކޮށްދެއްވާ، ވަރަށްބޮޑު ޚިދުމަތެއް. އެއީ އޭނާއަށް، މިކަން ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެ. އޭނާ މިހާރުވެސް އެ ކުރައްވާ މަސައްކަތް ކުރައްވަމުން ގެންދެވިދާނެ. ކުރައްވަމުން ގެންދަވާވެސްމެ. އެހެންނަމަވެސް، ހަމަ އޭނާ ބޭނުންފުޅުވީ، އޭނާގެ އެ މަޢުލޫމާތާއި ތަޖުރިބާ، މިކަމަށް ޝައުޤުވެރިވާ މީހުންނާ ޙިއްޞާކޮށްލެއްވުމަށް. ހަމައެހެންމެ، އޭނާގެ އިތުރުން، ގަސްހެއްދުމާއި، ދަނޑުވެރިކަމާ މި ކަންތައްތަކުގެ މަޢުލޫމާތު ލިބިވަޑައިގެންފައި، ރާއްޖޭގައި ތިއްބެވި، އެކަމުގެ ޢިލްމުވެރި ބޭފުޅުން، މާހިރުން ގެންނަވައިގެން، އެބޭފުޅުންގެ ފަރާތްޕުޅުންވެސް، މިކަމަށް ޝައުޤުވެރިވާ މީހުންނަށް މަޢުލޫމާތު ދެއްވުމަށް، ޙުސައިންދީ ބޭނުންފުޅުވީ. އެހެންވީމާ، އެކަމަށްޓަކައި އަލްފާޟިލް ޙުސައިން މުޙަންމަދުދީދީއަށާއި އަދި މި ސެމިނާރ މިފަހަރު މި އިންތިޒާމުކުރެއްވި އަދި ކުރީފަހަރުވެސް އިންތިޒާމުކުރެއްވި، އާދެ، 2001 ވަނަ އަހަރު ހިންގެވި ފެހިގޯތި ސެމިނާރާއި، މި ސެމިނާރ އިންތިޒާމުކުރެއްވި ފްރެޝް އެންޑް ގްރީނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މި ސެމިނާރަކީ ވަރަށް ކާމިޔާބު އަދި މި ސެމިނާރުގެ ފައިދާ ހޯއްދެވުމަށް ވަޑައިގެން ތިޔަ ތިއްބެވި ހުރިހާ ބޭފުޅުންނަށް ވަރަށް ފައިދާކުރާނެ ސެމިނާރެއް ކަމުގައިވުން، އަޅުގަނޑު ވަރަށްބޮޑަށް އެދޭ ވާހަކަވެސް ދަންނަވާލަން.
އާދެ، ގަސްގަހާގެހީގެ ވާހަކަ އަލްފާޟިލް އަޙްމަދު ޝަކީބްގެ ވާހަކަފުޅުގައިވެސް ވިދާޅުވެދެއްވައިފި. އަދި އަލްފާޟިލް ޢަބްދުﷲ ޖަމީލްވެސް އިޝާރާތެއް ކޮށްލެއްވި. އަޅުގަނޑުވެސް ދެން ކޮންމެވެސް އެއްޗެއް ބުނާނަމޭ ހިތައްއަރާ، ގަހާ ބެހޭގޮތުން. އާދެ، ޙަޤީޤަތުގައި ބިމުން ގަސްފަޅައި، ގަސްހެދި މާއަޅައި، މޭވާއަޅައި މިކަންކަން ވަމުންދާ ގޮތަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ކުރިމަތީގައި ފެނިގެންދާ، ވަރަށްބޮޑު އަޖައިބެއް. މާތްﷲގެ ކުޅަދުންވަންތަކަން ފެނިގެންދާ ތަފާތު ހެކިތަކާއި، ދަލީލުތައް އަޅުގަނޑުމެންނަށް ފެންނަމުންދޭ. ގަސްގަހާގެހީގެ މި ދެންނެވި އަޖައިބަކީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށް ވަރަށް ކައިރިން ފެންނަ އަޖައިބެއް. އަޅުގަނޑުމެން ނުވެސް ދެނެހުރެތިއްބާ ހަމަ ގަހެއް ފަޅާފާނެ. ފަޅައިގެން ހަމަ ބަލަބަލާތިއްބާ ހެދިބޮޑުވަމުންދަނީ. ބައިވަރު ގޮފި އެއިން ހެދިގެންދާނެ. މޭވާއަޅާފާނެ، މާ އަޅާނެ އަދި އޭގެ އެހެން ފައިދާތައްވެސް އަޅުގަނޑުމެންނަށް އެބަ ލިބިދޭ. އަދި ކުޑަ ދުވަސްކޮޅެއްފަހުން ދިމާވާ ސަބަބަކާހުރެ ނުވަތަ އޭގެ ޙަޔާތުގެ ދައުރު ނިޔާކުރާގޮތުން، ގަސް އަނަރޫފަވެ، ހިކި، މަރުވެގެންވެސް ހިނގައިދާނެ. މިކަންކަން ވަމުން މިދާގޮތް މިއީ ވަރަށްބޮޑު އަޖައިބެއް.
އަޅުގަނޑު ދަންނަވާލާނަން، އަޅުގަނޑަށާއި ނަސްރީނާއަށް ކުރެވިފައިވާ ތަޖުރިބާއެއް. އެއީ، އަޅުގަނޑުމެން އެއްދުވަސްވަރެއްގައި ނައިޖީރިއާގައި ތިބީމު. ދެ އަހަރެއްހާ ދުވަސްވަންދެން، އަޅުގަނޑު އެތާހުރިން. ނައިޖީރިއާގައި އަޅުގަނޑުމެން ތިބި ސަރަޙައްދަކީ، އުތުރު ނައިޖީރިޔާގެ ކާނޫކިޔާ ސަރަޙައްދު. އެތަނަކީ، ހޫނު މޫސުމުގައި ވަރަށް ހޫނުގަދަ، ވަރަށްހޫނު ވައި އަންނަ ތަނެއް. ވަރަށްގިނަދުވަސް ވަންދެން ވާރޭނުވެހި ހިނގައިދާނެ. ހޫނުގަދަވެފައި، ވާރޭނުވެހި ގިނަދުވަސްވީމާ ގަސްތައްދަނީ މަރުވެގެން. ބިމުގައި ހުންނަ ވިނަތައްވެސް ދަނީ މަރުވެގެން. އަދި ހުންނަނީ ހަމަ ކަޅުކުލައިގައި. ހަމަ އަނދާފައި. އަނދައިގެންގޮސް ހުސްވަނީ. ދެން ދުވަސްކޮޅެއްވާއިރު، އެ އަނދާފައި ހުރި އަޅިތައްވެސް ގޮސް އަވަދިވެ، ހަމަ ހަނަފަސް ބިން ފެންނަން އޮންނާނެ. އެހެން އޮއްވާ، ވިއްސާރަ މޫސުން އައިމާ، އެންމެ ދުވަހެއްގެ ވާރެއިންވެސް ބިންގަނޑު ހަމަ މުޅިން ބަދަލުވެގެންދަނީ. ހަނަފަސް ބިން، ހަމަ ފެހިކުލައިގެ ދޫލައަކަށް، 24 ގަޑިއިރުތެރޭގައި ބަދަލުވެގެންދާ ތަން އަޅުގަނޑުމެން މިތިބީ ދެކެފައި. ވަރަށްބޮޑު އަޖައިބެއް. ހަމަ އެއާއެކީގައި، އެހެން ގަސްތައްވެސް ފަޅައި، ގަސްތަކުން މާ އައިސް، މޭވާއަޅައި، މޭވާލިބި، މި ހުރިހާ ކަމެއް، ވަރަށް ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެގެންދާތަން އަޅުގަނޑުމެން މިތިބީ ދެކެފައި. އެހެންވީމާ، މިދެންނެވީ އެއީ ވަރަށްބޮޑު އަޖައިބެކޭ. އާދެ، އެއީ އަޅުގަނޑުމެންނަށް ކީރިތި ޤުރްއާނުންވެސް ފެންނަން އޮތް އަޖައިބެއް.
ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި މާތްﷲގެ ކުޅަދުންވަންތަކަން ބަޔާންކޮށްދެއްވުމުގެ ތެރޭގައި، ގަސްގަހާގެހީގެ ވާހަކަ ގެންނަވާފައިވޭ. ހަނަފަސް ބިމަކުން ގަސްފަޅާގޮތާއި، ގަހުން، މާތްﷲގެ ހެޔޮ ރަޙްމަތެއްގެ ގޮތުގައި މީސްތަކުންނަށް ދެއްވާ ކާނާގެ ވާހަކައާއި، މޭވާގެ ވާހަކައާއި، އެއިން ލިބޭ އަރާމާއި، ހިތްގައިމުކަމުގެ ވާހަކަ ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ބަޔާންކުރައްވާފައިވޭ. الرّعد سورة ގެ 3 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވޭ، "وَهُوَ ٱلَّذِى مَدَّ ٱلْأَرْضَ وَجَعَلَ فِيهَا رَوَاسِىَ وَأَنْهَـٰرًا ۖ ." "އަދި އެކަނލާނގެއީ، ބިން ފެތުރުއްވި ރަސްކަލާނގެއެވެ. އަދި އެ ބިމުގައި ހަރުލައި ހުންނަ ފަރުބަދަތަކާއި، ކޯރުތައް ލެއްވި ރަސްކަލާނގެއެވެ." "وَمِن كُلِّ ٱلثَّمَرَاتِ جَعَلَ فِيهَا زَوْجَيْنِ ٱثْنَيْنِ ۖ ." "އަދި ހުރިހާ ބާވަތެއްގެ މޭވާއިން ކޮންމެ ވައްތަރަކުން، ކޮންމެ ބާވަތަކުން ދެވައްތަރު ލެއްވިއެވެ." "يُغْشِى ٱلَّيْلَ ٱلنَّهَارَ ۚ." "އެކަލާނގެ ރޭގަނޑުގެ އަނދިރިކަމުން ދުވާލުގެ އަލިކަން ނިވާކުރައްވައެވެ." "إِنَّ فِي ذَالِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ." "ހަމަކަށަވަރުން މިކަމުގައި ވިސްނާބަޔަކަށް ﷲގެ ކުޅަދުންވަންތަކަމުގެ ދަލީލުތަކެއް ވާކަން ކަށަވަރެވެ." އެއާ ޖެހިގެން އަންނަ އާޔަތުގައި (الرّعد سورة ގެ 4 ވަނަ އާޔަތުގައި) ވަޙީކުރައްވާ، "وَفِى ٱلْأَرْضِ قِطَعٌ مُّتَجَـٰوِرَٰتٌ." "އަދި ކައިރިކައިރީގައިވާ ތަފާތު ބައިތައް، އެ ބިމުގައި ވެއެވެ." "وَجَنَّـٰتٌ مِّنْ أَعْنَـٰبٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ يُسْقَىٰ بِمَآءٍ وَٰحِدٍ." "އަދި އެ ބިމުގައި މާތްﷲ ލައްވާފައިވެއޭ މޭބިސްކަދުރުގެ ބަގީޗާތަކެއް. އަދި ކަދުރުރުކާއި ގޮވާމުގެ ބާވަތްތައް. އޭގެތެރެއިން އެއްތަނޑަކަށް ހެދޭ ގަސްގަހާގެއްސާއި، އެއްތަނޑަކަށް ނުހުންނަ ގަސްގަހާގެހިވެސްވެއެވެ. އެ ހުރިހާ އެއްޗިއްސަށް ފެން ލިބެނީ އެއްފެނެކެވެ. އެ ހުރިހާ އެއްޗަކަށް ފެން ދެވެނީ އެއްފެނަކުންނެވެ." "وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍ فِى ٱلْأُكُلِ ۚ." "އެހެންނަމަވެސް، އޭގެތެރެއިން އެއްބާވަތެއް، ކެއުމުގެ ގޮތުން އަނެއްބާވަތެއްގެ މައްޗަށް ތިމަންރަސްކަލާނގެ މޮޅުކުރައްވަމެވެ." "إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ." "ހަމަކަށަވަރުން މިކަމުގައި ވިސްނައި ފިކުރުކުރާ ބަޔަކަށް ކުޅަދުންވަންތަކަމުގެ ދަލީލުތަކެއްވާކަން ކަށަވަރެވެ." އެހެންވީމާ، މި ދެ އާޔަތުގައިވެސް އަޅުގަނޑުމެންނަށް މި އަންގަވައިދެއްވަނީ، މި ގަސްފެޅުމާއި، ގަހުން މޭވާލިބުމާއި އަދި އެކިވައްތަރުގެ މޭވާ ލިބުމާއި، އެކި ރަހަދޭ މޭވާ، އެކި ރަހައިގެ، އެކިކަހަލަ ފައިދާ ލިބޭ، މިއީ ﷲގެ ކުޅަދުންވަންތަކަމުގެ ތެރެއިން ވާކަމެކޭ.
އާދެ، އަޅުގަނޑުމެންނަށްވެސް ފެނޭކަންނޭނގެ. ހަމަ ކައިރިކައިރީގައި ހުރެދާނެ، ދެވައްތަރެއްގެ ގަސް ހެދިފައި، ހަމަ އެއްތަނެއްގައި. އެހެންނަމަވެސް، އެ ދެވައްތަރުގެ ގަހުން އަޅުގަނޑުމެންނަށް ލިބެނީ ދެ ވައްތަރެއްގެ މޭވާއެއް. ނުވަތަ ދެވައްތަރެއްގެ ކާނާއެއް. އެއްރަހައެއް ނޫން ލަނީކީ. ތަފާތު ރަހަ. އަދި ފައިދާގެ ގޮތުން ބެއްޔަސް، އޭގެ ފައިދާ އެބަ ތަފާތުވޭ. އެއްބައި ބާވަތުގެ އެއްޗެތީގައި ވަރަށް ފައިދާ ބޮޑު. އަނެއްބައި ބާވަތުގެ އެއްޗެތީގައި އެހާ ފައިދާނެތިވެސް ހިނގައިދާނެ. ކޮންމެގޮތެއްގައިވެސް، އެ ހުރިހާ އެއްޗަކަށް މި ދެވެނީ އެއްފެނެއް. މި ފަޅަނީ އެއްފަސްގަނޑަކުން. އެކަމަކު އޭގައި މި ދެންނެވި ކަހަލަ ތަފާތުތަކެއް އެބަހުރި. އެހެންވީމާ، މި އާޔަތުގައި އެ އަންގަވަނީ، އެއްތަނަކުން ފަޅާ ގަސްތަކެއް ކަމުގައިވިޔަސް، އެއް ބިންގަނޑަކުން ފަޅާ ގަސްތަކެއް ކަމުގައިވިޔަސް، އަދި އެއްފެނަކުން ފެން ލިބޭ ގަސްތަކެއް ކަމުގައިވިޔަސް، އޭގެ އެތެރޭގައި މާތްﷲ ތަފާތު ލައްވައޭ. އެހެންވީމާ، މިހިރީ ހައްތާވެސް އަޅުގަނޑުމެންގެ ވަށައިގެން ފެންނަން ހުންނަ ކަންތަކުން އަޅުގަނޑުމެންނަށް ފެންނަންހުރި، ވަރަށްބޮޑެތި އަޖައިބުތަކެއް. اللهُ سُبْحَانَهُ وَتَعَالَى ގެ ކުޅަދުންވަންތަކަން އަޅުގަނޑުމެންނަށް ހާމަވެގެންދާ ކަންތައްތަކެއް.
އާދެ، ގަސްގަހާގެހީގެ ފައިދާއަކީ، އެއްގޮތަކަށްވެސް އަޅުގަނޑު އޭގެ ތަފްޞީލަށް ދާން ބޭނުންވާ ކަމެއްނޫން. އެއަށްވުރެ އަޅުގަނޑުގެ މަޢުލޫމާތު މާ އުނި. އެހެންނަމަވެސް، ދަންނަވާލަންޖެހެނީ ބައެއް ބޭފުޅުން ވިދާޅުވިހެން، އޭގެ އެންމެ ބޮޑު އެއްފައިދާއަކީ، އިންސާނުންނަށް ލިބޭ ކާނާއޭ. ގޮވާމާއި، ތަރުކާރީއާއި، މޭވާއާއި، ފަތްޕިލާވެއްޔާ، މިހިރީ އިންސާނުންނަށް ވަރަށް ފައިދާހުރި ކާނާކަމުގައި އެންމެންވެސް ގަބޫލުކުރޭ. ހަމައެހެންމެ، ބޭސްފަރުވާގެ ގޮތުންވެސް ވަރަށްގިނަ ފަތްޕިލާވެއްޔާއި އަދި ގަސްގަހުން ލިބޭ ތަކެތި ބޭނުންކުރެވޭ. އޭގެއިތުރުން، އެއީ އަޅުގަނޑުމެންނަށް ވަރަށްބޮޑު އަރާމެއް، އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ ކަމެއް. ލޯތަކަށް ވަރަށް ރީތި މަންޒަރުތަކެއް ދައްކައިދޭ އެއްޗެއް ގަހަކީ، އަދި މަލަކީ. އަޅުގަނޑުމެންގެ މާޙައުލު ރީތިކޮށްދޭ ކަމެއް. ހަމައެހެންމެ، ތާޒާވައި ލިބުމަށް، ވައި ސާފުކުރުމަށްވެސް ގަހުގެ ބޭނުންތެރިކަން ވަރަށް ބޮޑު. މި ހުރިހާ ގޮތަކުން ވިސްނާއިރު ގަހަކީ، އެއާނުލައި އަޅުގަނޑުމެންނަށް ދިރިއުޅެވެން އޮތް އެއްޗެއް ނޫން.
އެހެންވީމާ، ގަހަށް ދޭންޖެހޭ އަހަންމިއްޔަތު ދިނުމާއި، ގަސް ބެލެހެއްޓުމާއި، ގަސް ހެއްދުމާއި، ގަހުން ލިބޭ ފައިދާ ޙާޞިލްކުރުމާ، މިކަންކަން ކުރަންވާނީ، ކަމުގެ މަޢުލޫމާތާއި ތަޖުރިބާގެ އަލީގައި. ކޮންމެ ކަމަކީވެސް ދަސްކުރެވޭނެ ކަމެއް. ކޮންމެ ކަމެއްވެސް އެކަށީގެންވާ ގޮތެއްގައި ކާމިޔާބުކަމާއެކީގައި ކުރިޔަށް ގެންދެވޭނީ، އެކަމެއް ކުރަންވީގޮތް ދަސްކޮށްގެން.
އެހެންވީމާ، މިބާވަތުގެ ސެމިނާރުތަކަކީ، އަޅުގަނޑު ދެކޭގޮތުގައި، ވަރަށް ބޭނުންތެރި، ވަރަށް މުހިންމު، ވަރަށް ފައިދާކުރާނެ ސެމިނާރުތަކެއް. އެކަމަށްޓަކައި އަދިވެސް އެއްފަހަރު، އަލްފާޟިލް ޙުސައިން މުޙަންމަދުދީދީއަށާއި އަދި ފްރެޝް އެންޑް ގްރީނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އަޅުގަނޑުމެންނަށް މި ސެމިނާރުގައި ބައިވެރިވެ، މި ސެމިނާރުގެ ފައިދާ ކޮންމެވެސްވަރަކަށް ޙާޞިލްވުމުގެ ފުރުޞަތު ދެއްވި ކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ، މި ސެމިނާރަކީ ވަރަށް ފައިދާހުރި، ވަރަށް މަންފާކުރަނިވި، އަދި ކާމިޔާބު ސެމިނާރަކަށްވުން.
والسّلام عليكم ورحمـة اللّـه وبركاته.