"މިއަދު" ނޫސް:

"މިއަދު" ނޫހުން ޖަމީލް އިނގޭތޯ.
އަޅުގަނޑު ދަންނަވާލަން ބޭނުންވާ ސުވާލަކީ، ރާއްޖޭގައި މިހާރު މަސްތުވާތަކެތީގެ ޙާލަތު އޮތް މިންވަރާމެދު ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ؟


ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު ހިތުން ރާއްޖޭގައި މިހާރު މަސްތުވާތަކެތި ބޭނުންކުރުމުގެ ކަންތައް މިއޮތީ، އަޅުގަނޑުމެން އެންމެންވެސް ވަރަށްބޮޑަށް ކަންބޮޑުވާ ހިސާބަށް ގޮސްފައި. އެހެންވީމާ، އަޅުގަނޑު ޤައުމީ މަސައްކަތެއްގެ ގޮތުގައި މިކަން ފެށުމަށް ގޮވާލައި، އެ މަސައްކަތް މިހާރު ފަށައިގެން އިރާދަކުރެއްވިއްޔާ ހިންގަމުން މިގެންދަނީ. އަޅުގަނޑަށް ޔަޤީންކުރެވޭގޮތުގައި، ރާއްޖޭގެ އެންމެން އެއްބާރުލައިގެން މަސައްކަތް ކޮށްފިއްޔާ، އަޅުގަނޑުމެންގެ ރާއްޖެއިން މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާ ފިލުވައިލުމަކީ އެއްގޮތަކަށްވެސް ދަތިކަމަކަށް ނުވާނެ. މާތްﷲ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެކަލާނގެ މަދަދާއި ތައުފީޤު ދެއްވާނެ.

ނޫސްވެރިއެއް:

ދެން މިކަމަށް އެއްބާރުލާ ފަރާތްތަކަށް މަނިކުފާނު ދެއްވަން ބޭނުންފުޅުވާ މެސެޖަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ، ހަމަ ޝުކުރުގެ މެސެޖެއް، މިއަދުގެ ހުރިހާ ކަންތައްތަކެއް އިންތިޒާމު ކުރައްވައި ހިންގެވި ހުރިހާ ފަރާތްތަކަކަށް އަދި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަކަށް. އޭގެތެރޭގައި، ސަރުކާރުގެ ފަރާތްތަކާއި، އަމިއްލަ ވަރަށްގިނަ ފަރާތްތައް ހިމެނޭ. އަދި އަމިއްލަ އަފްރާދުންވެސް ހިމެނޭ. އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު ހިތުން، އަޅުގަނޑުމެން އެންމެން ހަމަ ގުޅިގެން މިގޮތަށް މަސައްކަތް ކޮށްފީވިއްޔާ، މާލަހެއްނުވެ އަޅުގަނޑުމެންނަށް މި ވަބާއިން ސަލާމަތްވެވިދާނެ.

ނޫސްވެރިއެއް:

މިފަދަ ކެމްޕެއިނެއް ހިންގަވާއިރު، އެންމެބޮޑަށް އެއްބާރުލުން ބޭނުންވަނީ ކޮންބައެއްގެ ފަރާތުންތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އެންމެންގެ ފަރާތުން. ވަކި މިވެނި މީހެކޭ، ވަކި ފަރާތެކޭ ބުނާކަށް ނެތް. ހަމަ އެންމެންގެ ފަރާތުން އަޅުގަނޑު ބޭނުން. މައިންބަފައިންގެ ފަރާތުން، ސްކޫލްތަކުން، ޓީޗަރުން، ސަރުކާރުގެ އޮފީސްތަކުން، ޢާންމު އަފުރާދުން، ކްލަބް ޖަމްޢިއްޔާތަކުން އަދި ޒުވާނުންގެ ހަމަ މިކަމުގެތެރޭގައި އުޅޭ މީހުންނާއި އަދި މިކަމާ ކަންބޮޑުވާ އެންމެންނާ، އެހެންގޮސް ހަމަ ރާއްޖޭގެ ހުރިހާ ފަރާތްތަކުން މިކަމުގައި ބައިވެރިވުމަކީ އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެއް. އެގޮތަށް ބައިވެރިވެގެން މަސައްކަތްކޮށްފިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތް ކާމިޔާބުވާނެ.

ނޫސްވެރިއެއް:

އަޅުގަނޑުމެންނަށް މިހާރު އެނގިފައި އެބައޮތް، ރާއްޖޭގައި ދަތުރުކުރާ ބައެއް ސީމަނުންގެ ފަރާތުންވެސް މަސްތުވާތަކެތީގެ ބައެއް މައްސަލަތައް ދިމާވާކަމަށް. އެފަދަ މައްސަލަތަކާމެދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ؟ ރާއްޖެ ބަދުނާމުވާފަދަ މައްސަލަތައް ދިމާވޭ އެބަ. ކީކޭތޯ ވިދާޅުވާނީ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ދެން ވަކިފަރާތެއް އަޅުގަނޑު ބުނާކަށްނެތިން އިނގޭތޯ. އެއީ، ރާއްޖޭގައި މިކަން މި ކުރަނީކީ ވަކިފަރާތަކުންނޭ، އެހެން ބުނެވޭކަށް ނުވެސް އޮންނާނެކަންނޭނގެ. ވަރަށްގިނަ މީގައި މި ވިޔަފާރީގައި އެއުޅޭ ފަރާތްތައްކަންނޭނގެ. މިދެންނެވީ، މިކަމުގެ ވިޔަފާރިކުރަން. ބޭރުގެ ފަރާތްތަކާއި، ދެން ރާއްޖޭގެ މީހުންވެސް މީގެތެރޭގައި އުޅޭނެ. އެއީ މީގެ އެންމެބޮޑު ގޯހަކީ. މިއީ ވިޔަފާރިއަކަށް ހަދައިގެން، މީގެ ސަބަބުން އެތައްބަޔަކު ހަލާކުވެގެންދިޔަޔަސް، ބަޔަކު މުއްސަނދިވާން މަސައްކަތްކުރާތީ. މުޅި ދުނިޔޭގައިވެސް އެކަންއޮތީ އެހެން. ރާއްޖޭގައިވެސް ހަމަ ކީކޭތޯ ދަންނަވާނީ! ހަމަ އެކަހަލަ ގޮތަކަށް ކަންތައް ވަމުންއެދިޔައީ. އެހެންވީމާ، އެ ހުރިހާ ކަމެއްވެސް ހުއްޓުވިދާނެ. އަޅުގަނޑުމެން މަސައްކަތް ކޮށްފިއްޔާ.

ނޫސްވެރިން:

ވަރަށްބޮޑަށް ޝުކުރިއްޔާ އިނގޭތޯ!

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ވަރަށްބޮޑަށް ޝުކުރިއްޔާ!