بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربِّ العـالمـين، والصّـلاة والسّـلام على أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.
އާދެ، މިރޭގެ މި އުފާވެރި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަލްފާޟިލް އަޙްމަދު ޒާހިރަށާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަލްފާޟިލް ޢައްބާސް އިބްރާހީމަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދިއެ ދެ މަޖިލީހުގެ ދެ ނާއިބު ރައީސުންނަށްވެސް އާދެ، އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަށާއި، އަލްއުސްތާޛު ޝާހީން ޙަމީދަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، މަޖިލީހުގެ ކަންތައްތައް ހިންގަވައިދެއްވާ އަމީންޢާންމު އަލްއުސްތާޛު މުޙަންމަދު ނަޝީދަށްވެސް އަދި އޭނާގެ ބެއްލެވުމުގެ ދަށުން ދެ މަޖިލީހުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން މި ޖެހެނީ، އެތައް ސަބަބަކާހުރެ. އެއްސަބަބަކީ، މި އުފާވެރި ބައްދަލުވުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަން. އެއީ، އަޅުގަނޑު ވަރަށް އުފާކުރާކަމެއް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް އަބަދުވެސް ލިބޭ ވަރަށްބޮޑު އުފަލެއް. އާދެ، ދެވަނަ ސަބަބަކީ، މި އުފާވެރި ބައްދަލުވުން ބޭއްވެވުމަށް، އަޅުގަނޑަށް ފަސޭހަ ދުވަހެއް، ފަސޭހަ ވަގުތެއް ބައްލަވައިލެއްވީތީ. އަޅުގަނޑަށް ފަސޭހަ ދުވަހެއް، ފަސޭހަ ވަގުތެއް ބައްލަވައިލެއްވީމާ، ފަހަރެއްގައި ތިޔަބޭފުޅުންނަށް އެނޫންގޮތަކަށް ދިމާވެދާނެކަންނޭނގެ. ރޭގަނޑެއްގެ މިވަގުތު އެއީ ބައެއް ބޭފުޅުންނަށް މާ ފަސޭހަފުޅުނޫން ވަގުތަކަށްވެސް ވެދާނެ. އެހެންނަމަވެސް، އެބޭފުޅުން އެކަން އެކުރެއްވީ، ވަރަށް އިޚްލާޞްތެރިކަމާއެކީގައި ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީ، އެކަމަށްޓަކައިވެސް ޝުކުރު ދަންނަވަން. ތިންވަނަ ސަބަބަކީ، މިރޭ އަޅުގަނޑު މިތަނަށް އައުމުން، މަރްޙަބާގެ ގޮތުން އެބޭފުޅުން ވިދާޅުވި ހެޔޮބަސްފުޅުތައް. އެކަމަށްޓަކައިވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އާދެ، އެބޭފުޅުންގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، މިރޭގެ މި ބައްދަލުވުމަކީ، ބަރަކާތްތެރި ރަމަޟާންމަހުގެ ތެރޭގައި އަޅުގަނޑުމެން އާދަކާދައިގެގޮތުން ކުރަމުންގެންދާ ކަމެއް ހިމެނޭ ބައްދަލުވުމެއް. އާދެ، އެއީ އަޅުގަނޑުމެން މިކިޔާ ތަރާވީސް. ތަރާވީޙަކީ ޙަޤީޤަތުގައި މިކަހަލަ ބައްދަލުވުމެއް ނޫންކަންނޭނގެ. އެއީ، އިސްލާމްދީނުގައި ނަމާދަކަށް ކިޔާ ނަމެއް. އެހެންނަމަވެސް، އެ ނަމާދު ކުރުމަށްފަހުގައި، ދެން އަޅުގަނޑުމެން ދިވެހިން ބައްދަލުވެލާ، މިކަހަލަ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ ވަގުތަށްވެސް މިކިޔަނީ ތަރާވީސް. އެހެންވީމާ، އެއަކު ދެން މައްސަލައެއް އޮތީކީނޫން. އެހެންވީމާ، މި އުފާވެރި ބައްދަލުވުން މިގޮތަށް ބޭއްވެވިކަމަށްޓަކައިވެސް ރައްޔިތުންގެ މަޖިލީހަށާއި، ޚާއްޞަ މަޖިލީހަށް އަޅުގަނޑު ޝުކުރު ދަންނަވަން.
ތެދުފުޅެއް، ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކުވެސް ރަމަޟާންމަހު މި ކަހަލަ ބައްދަލުވުމެއް ބާއްވަވާ. އެކަމަކު ރައްޔިތުންގެ ޚާއްޞަ މަޖިލީހަކީ އަބަދު ހިނގަމުންދާ މަޖިލީހަކަށް ނުވާތީ، އެކަން އެހެން ދިމާވެފައެއް ނޯންނާނެ. މިފަހަރު ރައްޔިތުންގެ މަޖިލީހާއި، ޚާއްޞަ މަޖިލީހާ ދެ މަޖިލިސްވެސް ހިނގަމުންދާ ދުވަސްވަރަކަށް ރަމަޟާންމަސް ދިމާވީމާ، މިގޮތަށް އެ ދެ މަޖިލިސް ގުޅިވަޑައިގަންނަވައިގެން މިކަން ބޭއްވެވީ. އަޅުގަނޑު ދެކޭގޮތުގައި، އެއީ ވަރަށް ރަނގަޅު ކަމެއް. ޙަޤީޤަތުގައި، ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހާ އެއީ، ވަރަށްބޮޑަށް ގުޅިފައި އޮންނަ ދެ މަޖިލިސް. އެ ދެ މަޖިލީހުގެ މަސައްކަތްތަކަކީވެސް ވަރަށްބޮޑަށް ގުޅިފައި، އެއް މަޖިލީހެއްގެ އެހީތެރިކަމާއި އެއްބާރުލެއްވުން އަނެއް މަޖިލީހަކަށް ބޭނުންވާގޮތެއްގައި ހިނގަމުންދާ މަސައްކަތްތަކެއް. އެހެންވީމާ، އެއްބައްދަލުވުމަކުން މިކަން ހަމަޖެއްސެވިކަން އެއީ، އަޅުގަނޑު ހިތުން މި މާނަ ރަމްޒުކޮށްދޭ ކަމެއް.
އާދެ، އަޅުގަނޑުވެސް މާ ދިގު ވާހަކަތަކެއް ދައްކާކަށްނެތިން. އެހެންނަމަވެސް، ހަމަ ދަންނަވާލަން ބޭނުންވާ އެއް ވާހަކައެއް އެބައޮތް. އާދެ، އެއީ މިހާރު ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފަށްޓަވާފައިވަނީ، ވަރަށް މުހިންމު ޤައުމީ މަސައްކަތެކޭ ދަންނަވާލުން. އާދެ، ރާއްޖޭގެ ދީމުޤްރާޠީ ނިޒާމަށް އެކަށީގެންވާ ހެޔޮބަދަލުތަކެއް ގެނައުމަކީ، ވަރަށް ބޭނުންތެރިކަމެއް. އަދި އެ ބަދަލުތައް ގެނައުމަށް މަގުފަހިކުރެވޭތޯ ސަރުކާރުން މިއައީ ބަލަމުން، މަސައްކަތް ކުރަމުން. އެކަމަށް ބޭނުންވާ އެކިއެކި ކަންތައްތައް ހަމަޖައްސަމުން.
އާދެ، ރައްޔިތުންގެ ޚާއްޞަ މަޖިލިސް އިންތިޚާބުކުރުން، އެއީ އެންމެ މުހިންމުއެއް މަރުޙަލާ. ޚާއްޞަ މަޖިލިސް އިންތިޚާބުކުރުމަށްފަހުގައި، އެ މަޖިލީހުގެ ޖަލްސާތައް ބޭއްވުން، އާދެ، މިހާރު ޖަލްސާތައް ބޭއްވެމުން އެދަނީ. އަދި މަޖިލީހުގެ މެންބަރުން، މަޖިލީހުގެ މަސައްކަތް ގެންދަވާނެގޮތުގެ ގަވާއިދެއް މިހާރު ގެންދަވަނީ އެކުލަވައިލައްވަމުން. އެ މަސައްކަތަކީ ޝައްކެއްނެތް، ވަރަށް މުހިންމު މަސައްކަތެއް. އޭރުން ކުރިޔަށްއޮތްތާނގައި، މަޖިލީހުގެ މަސައްކަތް ގެންދަވާނެގޮތެއް ކަނޑައެޅުން ފަސޭހަވާނީ، އެފަދަ ގަވާއިދެއް އޮވެގެން.
އާދެ، އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑު އެދެނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސައްކަތް، ވަރަށް ރަނގަޅަށް، ވަރަށް އެކަށީގެންވާ ގޮތެއްގައި، އެކަށީގެންވާ ހަލުއިމިނެއްގައި، މުޅި ޤައުމަށާއި، ރައްޔިތުންނަށާއި، މުޖުތަމަޢަށް ފައިދާހުރި ގޮތެއްގައި ކުރައްވަމުން ގެންދެވުމޭ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އެ މަސައްކަތް ކުރައްވަމުން ގެންދަވާނީ އެގޮތަށްކަމާމެދަކު އަޅުގަނޑު އެއްވެސް ޝައްކެއްނުކުރަން. އެހެންނަމަވެސް، ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައިވެސް އޮތް ޝުޢޫރެއް އަޅުގަނޑުވެސް ފާޅުކޮށްލާހިތްވީ. ކޮންމެ ދިވެހި ރައްޔިތަކުވެސް އެދެނީ، ޤައުމަށް އެކަށީގެންވާ ރަނގަޅު، ދިވެހިރާއްޖެއާ ގުޅޭ، އަޅުގަނޑުމެންގެ ދީނާއި، އަޅުގަނޑުމެންގެ ޘަޤާފަތާއި، އަޅުގަނޑުމެންގެ މާޙައުލާއި، އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް ހުންނަގޮތާއި، މި ހުރިހާ ކަމަކާ ގުޅޭ، ރަނގަޅު އިޞްލާޙީ ބަދަލުތަކެއް އައުން. އެފަދަ ބަދަލުތަކެއް އައުމަކީ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ޤައުމަށް ލިބޭނެ ކުރިއެރުމަކާއި ތަރައްޤީއަކަށް ވެގެންދާނެ. އެހެންވީމާ، އެ މަސައްކަތް ވަރަށް އެކަށީގެންވާ، އަދި ވަރަށް ހަލުވިކަމާއެކު، ޤައުމަށް ފައިދާހުރިގޮތުގައި ކުރިއަށް ގެންދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުގެ ހިތުގައި އޮތަތީވެ، އެ ވާހަކަ ދަންނަވާލީ.
އާދެ، އަޅުގަނޑު އެދެނީ، ހުރިހާ ބޭފުޅުންނަށްވެސް މި ބަރަކާތްތެރި ރަމަޟާންމަހުގެ ދަރުމައާއި، ޘަވާބާއި، ރަޙްމަތް މާތްﷲ މިންވަރުކުރެއްވުން. އަދި ތިޔަބޭފުޅުން މި ބަރަކާތްތެރި މައްސަރުގައި، ތިޔަ ހިއްޕަވާ ރޯދައާއި، ތިޔަ ކުރައްވާ އެކިއެކި ހެޔޮ ޢަމަލުތަކުގެ ޘަވާބު އެކަލާނގެ ތިޔަބޭފުޅުންނަށް މިންވަރުކޮށްދެއްވުން. ހަމައެޔާއެކީގައި، އަޅުގަނޑުމެންނާ ވަރަށް އަވަހަށް ކުރިމަތިވަމުން މި އަންނަ ބަރަކާތްތެރި ފިޠުރުޢީދުގެ ތަހުނިޔާވެސް، ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން. ފިޠުރުޢީދަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބާއްޖަވެރި، ވަރަށް އުފާވެރި، ވަރަށް ހިތްޕުޅުހަމަޖެހޭ ޢީދެއްކަމުގައި މާތްﷲ ލެއްވުން އެދި އަޅުގަނޑު ދުޢާކުރަން.
والسّلام عليكم ورحمـة اللّـه وبركاته.