ހީނާ ވަލީދު - ޓެލެވިޜަން މޯލްޑިވްސް:
ރާއްޖޭގެ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ މެސެޖަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ތަހުނިޔާއާއި ހެޔޮއެދުމުގެ މެސެޖެއް. މި އުފާވެރި މުނާސަބަތުގައި، ޓީ.ވީ. ބައްލަވާ ބޭފުޅުންނަށާއި އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އަޅުގަނޑު އެދެނީ، މި އުފާވެރި ޖުމްހޫރީ ދުވަހަކީ އަދި އޭގެފަހުން މި އަންނަ ދުވަސްތަކަކީ، މާތްﷲ ދިވެހިރާއްޖެއަށް ހުރިހާވެސް ހެޔޮގޮތްތަކެއް މިންވަރުކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް އުފާފާގަތި ދުވަސްވަރެއް ކަމުގައި ލެއްވުން.
ހީނާ ވަލީދު - ޓެލެވިޜަން މޯލްޑިވްސް:
މަނިކުފާނު އިޢުލާނުކުރެއްވި އިޞްލާޙީ އެޖެންޑާ، ބޭނުންފުޅުވާ ހަލުވިމިނުގައި ކުރިއަށްދޭތޯ؟
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:
އަޅުގަނޑަށް ހީވަނީ، ގިނަބަޔަކު އެދޭހާ ހަލުވިމިނެއްގައި، އެ އިޞްލާޙީ އެޖެންޑާ ކުރިއަކަށް ނުދާހެން. އެހެންވީމާ، މިހާރު އަޅުގަނޑުމެން މިވަނީ އެ އިޞްލާޙީ އެޖެންޑާގެ މަސައްކަތް ހަލުވިކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިފައި. މިގޮތުން، މި އުފާވެރި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑު ދަޢުވަތު މި އަރުވަނީ، ރާއްޖޭގައި ހިނގަމުންދާ ހުރިހާ ސިޔާސީ ޕާޓީތަކެއް ގުޅިގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް. މި މަޝްވަރާ ބައްދަލުވުންތަކުގެ ބޭނުމަކީ، ރާއްޖޭގެ ސިޔާސީ މަސްރަޙު ހަރުދަނާކޮށް އަދި އަޅުގަނޑު ހުށަހަޅާފައިވާ އިޞްލާޙީ އެޖެންޑާ ކުރިއަށްގެންދާނެ ގޮތަކާ ބެހޭގޮތުން ގިނަބަޔަކު އެއްބަސްވާ މަގުޗާޓެއް ތައްޔާރުކުރުން. އެއީ އޭރުން އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ޙާޞިލްވުމަށް މަގުފަހިވެގެންދާނެ ކަމަށް އަޅުގަނޑަށް ފެންނާތީ. އަޅުގަނޑު ދެކޭގޮތުގައި، މިކަމުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް. އަޅުގަނޑު ޔަޤީންކުރަނީ، އަޅުގަނޑު މިއަދު މިދޭ ދަޢުވަތު، ޤައުމުގެ އެންމެމަތީ މަޞްލަޙަތު ނިޔާކުރާގޮތުގެ މަތިން، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން ޤަބޫލުކުރައްވައި، މި މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ދެއްވާނެ ކަމަށް.
ހީނާ ވަލީދު - ޓެލެވިޜަން މޯލްޑިވްސް:
ރާއްޖެއަށް އިޞްލާޙީ ބަދަލުތަކެއް އަންނަ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެންމެ ބޮޑަށް ސަމާލުވާންޖެހޭ ކަންތައްތަކަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:
މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން އެންމެ ބޮޑަށް ސަމާލުވާންޖެހޭ ކަމަކީ، ރާއްޖޭގައި ޒަމާނުއްސުރެ މި އޮތް އެކުވެރިކަމާއި ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުން. އަދި އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ހަމަނުޖެހުމަކަށް ތަން ނުދިނުން. އަޅުގަނޑުމެންގެ ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ ބިނާވެފައި މިވަނީ، ޤައުމުގައި އޮންނަ ހަމަޖެހުމާއި އަމަންއަމާންކަމުގެ މައްޗަށް. އެހެންވީމާ، މިކަމަކީ އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުން މިކަހަލަ ދަނޑިވަޅެއްގައި ވަރަށްބޮޑު ސަމާލުކަމެއް ދެއްވަންޖެހޭނެ ކަމެއް.
ހީނާ ވަލީދު - ޓެލެވިޜަން މޯލްޑިވްސް:
ކުރިއަށް މިއޮތީ 13 ވަނަ ސާރކް ސަމިޓް. މިފަހަރުގެ މި ސަމިޓާމެދު ކުރެވޭ އުންމީދުތަކަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:
މިފަހަރުގެ މި ސަމިޓަކީ، ވަރަށް މުހިންމު ސަމިޓެއް. އެއީ، މީގެކުރިން އެއްބަސްވެވިފައި އޮތީ، މި ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި މިނިވަން ވިޔަފާރީގެ ބާޒާރެއް ނުވަތަ މާކެޓެއް އުފެއްދުމަށް. މި މާކެޓް އުފެއްދުމުގެ ކަންތައް، ނުވަތަ ފްރީ ޓްރޭޑް އޭރިއާ، ސައުތު އޭޝިއަން ފްރީ ޓްރޭޑް އޭރިއާ އުފެއްދުމުގެ ކަންތައް މިހާރުވަނީ ހަމަޖެހިފައި، މި އަންނަ އަހަރުން ފެށިގެން ކުރިއަށްދާ ގޮތަށް. މިކަމާ ބެހޭގޮތުން އިތުރަށް މަޝްވަރާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް މި ސަމިޓްގައި އެޅޭނެކަމަށް އަޅުގަނޑު އުންމީދު ކުރަން.
ހަމަ އެއާއެކީގައި، އަޅުގަނޑުމެންގެ މި ޤައުމުތަކަށް ކުރިމަތިވާ އެކިއެކި ޤުދުރަތީ ޙާދިޘާތަކުން ސަލާމަތްވުމުގެ މަގުވެސް ތަނަވަސްކުރުމަށްޓަކައި، ޤައުމުތަކުގެ މެދުގައި އިތުރަށް އެއްބާރުލުން އުފެއްދުމާއި އަދި ދޫނިރޯގާ ކަހަލަ މި ސަރަޙައްދަށްވެސް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދި އަޅުގަނޑުމެންގެ މި ސަރަޙައްދުގައި އިންސާނީ ޙައްޤުތައް މިނިވަންގޮތެއްގައި ރައްކާތެރިކޮށްދޭނެ ޖަމާޢަތެއް އުފެއްދުމާ ބެހޭގޮތުން ވާހަކަ ދެއްކުމާ، މިބާވަތުގެ ވަރަށް މުހިންމު ކަންތައްތަކެއް މި ޖަލްސާގައި ކުރިއަށްދާނެ. އެހެންވީމާ، އަޅުގަނޑު ހިތުން މި ޖަލްސާ މިއީ ކާމިޔާބު ޖަލްސާއަކަށްވުމަށް ވަރަށްގިނަ ބަޔަކު އުންމީދުކުރާނެ.