بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربِّ العـالمـين، والصّـلاة والسّـلام علٰـى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.
އާދެ، މިރޭގެ މި އުފާވެރި ޙަފްލާގައި، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ އިދާރާއާއި، ޝަރީޢަތާއި ޤާނޫނުގެ ޑިޕްލޮމާ ކޯހުގެ ދަރިވަރުންގެ ފަރާތުން މިރޭ އަޅުގަނޑަށް ތިޔަ ހަދިޔާކުރެއްވި ހަނދާނީ ފިލައަށްޓަކައި، މި ކުއްލިއްޔާގެ ޢަމީދު އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށާއި، ކޯހުގެ ދަސްވެނިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، ދެންމެ ޢަމީދުގެ ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮބަސްފުޅުތަކަށްޓަކައި، އޭނާއަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. އާދެ، އޭނާގެ ވާހަކަފުޅުގައި، އަޅުގަނޑަށް ޙައްޤުނުވާފަދަ ވަރަށް ގިނަ ޢިބާރާތްތަކާއި ޝުޢޫރުތައް ހިމެނިގެންދިޔަ ކަމަށް އަޅުގަނޑު ދެކެން. އެހެންނަމަވެސް، އޭނާ އެ ޝުޢޫރުތައް އެ ފާޅުކުރެއްވީ، އޭނާގެ ހިތްޕުޅުގައިވާ އިޚްލާޞްތެރިކަމާއެކީގައި ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީ، އެ ރޫޙުގައި އަޅުގަނޑު އޭނާގެ ބަސްފުޅުތައް ބަލައިގަންނަން.
އާދެ، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާއިން ހިންގަވަމުން ގެންދަވާ ޝަރީޢަތާއި ޑިޕްލޮމާ ކޯހުގެ 3 ވަނަ ބުރު ފުރިހަމަކޮށް، މިރޭގެ މި އުފާވެރި އިޙްތިފާލުގައި ސަނަދު ޙާޞިލްކުރާ ހުރިހާ ދަސްވެނިންނަށާއި އަދި މި ކޯހުން 1 ވަނަ، 2 ވަނަ، 3 ވަނަ ޙާޞިލްކުރާ ދަސްވެނިންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މުބާރަކުބާދީ އަދާކުރަން. ޝައްކެއްނެތްގޮތުގައި، މިރޭ އެ ދަސްވެނިން އެ ޙާޞިލްކުރަނީ، އެ ކުދިން އެ ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ. އާދެ، ހިންމަތާއެކު މަސައްކަތްކުރާ މީހަކަށް، މާތްﷲގެ ވާގިފުޅާއެކު ދަތިކަމެއް ނެތްކަން އަޅުގަނޑުމެން ޤަބޫލުކުރަން. އެގޮތުން، މި ކޯހަކީ ވަރަށް ޚާއްޞަގޮތަކަށް ފަރުމާކުރެވިގެން، ރާއްޖޭގައި އަލަށް ހިންގަމުންގެންދާ ކޯހަކަށްވާތީ، މި ކޯހުގެ ދަރިވަރުން، އަޅުގަނޑު ހިތުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންގެންދަން ޖެހިފައި އޮވޭ. އެ މަސައްކަތްތައް ފުރިހަމަކޮށް، ކޯސް ނިންމާ ކުދިންނަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންގެ ތަހުނިޔާއާއި މުބާރަކުބާދީ ޙައްޤުވާ ބައެއް.
އާދެ، މި ވޭތުވެދިޔަ ތިން ބުރުގައިވެސް މި ކޯހުގައި ކިޔަވައިދިނުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. އެހެންކަމުން، އެ އުފާ އަޅުގަނޑަށް ލިބުނީތީ اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. އެއަށްފަހުގައި، މި ފުރުސަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި، ކުރީގެ މަޢްހަދުގެ މުދީރުޢާންމު އަދި ޢަމީދު އަދި މިހާރު މި ކުއްލިއްޔާގެ ޢަމީދު އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށާއި، ކުއްލިއްޔާގެ މަސްއޫލުވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެހެންމެ، މި ކޯސްތަކުގައި ކިޔަވައިދެއްވި ހުރިހާ އުސްތާޛުން އެ ކޮށްދެއްވި ބުރަ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، މިކޯހުގައި އަޅުގަނޑަށް ކިޔަވައިދޭންޖެހުނު އަދި މިހާރުވެސް ކިޔަވައިދެމުންގެންދާ މާއްދާއަކީ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ރާއްޖޭގައި ފުރަތަމަފަހަރަށް ކިޔަވައިދެވޭ މާއްދާއެއް. އެއީ އުޞޫލުލް ފިޤްހު. އެ މާއްދާއާބެހޭ ފޮތެއް ދިވެހިބަހަކުން ލިޔެވިފައެއް ނެތް. އެހެންކަމުން، މި ފުރުޞަތުގެ ބޭނުން އަޅުގަނޑު ކުރެވޭތޯ މި ބަލަނީ، އެ މާއްދާއާ ބެހޭ މުޙާޟަރާތައް ނުވަތަ ލެކްޗަރުތައް ތައްޔާރުކުރުމުގައި، އަޅުގަނޑު ކުރާ ނޯޓުތަކަކީ، ފޮތެއްގެ ސިފައިގައި ނެރެވޭ އެއްޗަކަށް ހެދުމަށް. އެ މަސައްކަތް ކުރުމުގައި، އަޅުގަނޑަށް އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް މި ފުރުޞަތުގައި ޝުކުރު ދަންނަވާލަން ބޭނުންވޭ. އާދެ، ޚާއްޞަކޮށް، އަޅުގަނޑުގެ ރަސްމީ އޮފީހުގެ ލެޖިސްލެޓިވް އެފެއާޒް ޑިޕާޓްމަންޓްގެ ނުވަތަ ސެކްޝަންގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙަންމަދު ޞާދިޤު ވަރަށް ބުރަ މަސައްކަތްތަކެއް ވަނީ އަޅުގަނޑަށް ކޮށްދެއްވާފައި. އަޅުގަނޑު މި ކޯހުގެ ހުރިހާ ފިލާވަޅުތަކެއް ކިޔައިދިނީމާ، އޭނާ ލިޔުއްވަނީ. ލިޔުއްވައިގެން ގެންދަވައި، އޭނާގެ ސެކްޝަނުން ޓައިޕްކުރުވައި، ކުށްފިލުވައި އަދި ކުދިންނަށް އެ ނޯޓުތައް ވާޞިލްކޮށްދެއްވުމުގައި ވަރަށް ހީވާގި މަސައްކަތްތަކެއް އޭނާވަނީ މި ވޭތުވެދިޔަ 8 އަހަރުގެ ތެރޭގައި ކޮށްދެއްވާފައި. އެހެންވީމާ، އޭނާއަށާއި، އޭނާގެ ބެއްލެވުމުގެ ދަށުން އެ މަސައްކަތް ކުރެއްވި ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެޔާއެކު ދަންނަވާލަންޖެހެނީ، އަލްފާޟިލް މުޙަންމަދު ޞާދިޤަކީ، މި ކޯހުގެ ހަމަގައިމުވެސް އަޅުގަނޑު ކިޔަވައިދޭ މާއްދާގެ ދާއިމީ ދަރިވަރެކޭ. އެހެން މި ދެންނެވީ، މި ވޭތުވެދިޔަ ތިން ބުރުގައިވެސް ހަމަ އަޅުގަނޑު ކިޔަވައިދިން ކޮންމެ ދުވަހަކު އޭނާ ކްލާހަށް ހާޒިރުވެވަޑައިގަންނަވާނެ. އަޅުގަނޑު ދައްކާ ހުރިހާ ވާހަކައެއް ނޯޓުކުރައްވާނެ. އަދި ހުރިހާ ދަރިވަރުންނާ އެކީގައި އެވަގުތު ހޭދަކުރައްވާނެ. އެހެންވީމާ، މި ކޯހުގައި މި ކިޔަވައިދޭ މާއްދާ ތިންފަހަރުމަތިން މިހާރުވާނީ އޭނާއަށް އޭގެ ހުރިހާ މަޢުލޫމާތެއް އެނގިވަޑައިގެންފައި. އެހެންނަމަވެސް، އަދިވެސް އެއްވެސް ފޫހިކަމެއްނެތި ހަމަ ކޮންމެ ކްލާހަކަށް ވަޑައިގެން، ކޮންމެ ޕީރިއަޑަކަށް ވަޑައިގެން، އެތާ އިންނަވައިގެން އަދިވެސް ހަމަ މިހާރުވެސް ނޯޓުކުރައްވަމުން ގެންދަވާ. އެހެންވީމާ، އެ ކުރައްވާ ބުރަ މަސައްކަތަށްޓަކައި، މި ކޯހުގެ ދާއިމީ ދަރިވަރަށް އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، މިއީ މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާ، ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއަކަށް ބަދަލުވިފަހުން، އަޅުގަނޑު މި ކުއްލިއްޔާގެ އިޙްތިފާލެއްގައި ބައިވެރިވާ ފުރަތަމަފަހަރު. އެހެންވީމާ، މި މުނާސަބަތުގައި މަޢްހަދު، ކުއްލިއްޔާއަކަށް ބަދަލުވުމާ ގުޅިގެން، މި ކުއްލިއްޔާގެ ޢަމީދަށާއި، ހީވާގި ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ތަހުނިޔާ ދަންނަވަން. އަދި މި ކުއްލިއްޔާއިން ދަރިވަރުވަމުންދާ ހުރިހާ ދަރިވަރުންނަށްވެސް މި މުނާސަބަތުގެ ތަހުނިޔާ އަދާކުރަން.
އާދެ، މި ކުއްލިއްޔާ ސަރުކާރުން އުފައްދާފައި މިވަނީ ވަރަށް މުހިންމު، ވަރަށް މާތް މަޤްޞަދެއްގައި. އެއީ، ދީނީ އެއްބައިވަންތަކަމާއި، ޤައުމީ ވަޙްދަތުގެ ގިއުގަނޑުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ރައްކާތެރިކުރުމާއި، އެ ޝަޚްޞިއްޔަތު ދެމެހެއްޓުމާއި، ޤައުމުގެ ތަރައްޤީއަށާއި ހޭލުންތެރިކަމަށް ބޭނުންވާ އިސްލާމީ ތަޢުލީމުގެ ރޮނގުތަކުން ތަޢުލީމާއި ތަމްރީނު ލިބިފައިވާ ޒިންމާދާރު ދިވެހި ދަރިންތަކެއް ބިނާކުރުން. ޝައްކެއްނެތް، މިއީ ވަރަށް މުހިންމު، ވަރަށް މާތް މަޤްޞަދެއް. މި މަޤްޞަދު ޙާޞިލްކުރުމުގައި، ކުރިން މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާގެ ފަރާތުން އަދި މިހާރު ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ފަރާތުން ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. އެކަމަށްޓަކައި މި ކުއްލިއްޔާގެ ޢަމީދު އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށާއި، ކުއްލިއްޔާގައި ކިޔަވައިދެއްވާ ހުރިހާ އުސްތާޛުންނަށާއި، މުދައްރިސުންނަށާއި، މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.
ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ޢަރަބި އިސްލާމީ ތަޢުލީމު ވަނީ، ވޭތުވެދިޔަ ތާނގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައި. އަޅުގަނޑު ދެކޭގޮތުގައި، އެ ދައުރަކީ، މިހާރުވެސް އަދި މުސްތަޤްބަލުގައިވެސް، ވަރަށް ހަރުދަނާގޮތެއްގައި އަދާކުރަމުން ގެންދަންޖެހޭނެ ދައުރެއް. ރާއްޖެފަދަ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ދައުރެއް. އެހެންވީމާ، ރާއްޖޭގައި މި ދެވޭ ޢަރަބި އިސްލާމީ ތަޢުލީމު ހަރުދަނާކޮށް ފުޅާކުރުމުގައި، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާއިން ކުރިމަގުގައި މަރްކަޒީ ދައުރެއް އަދާކުރަމުން ގެންދިޔުމަކީ، އަޅުގަނޑު ހިތުން ވަރަށް ބޭނުންތެރި ކަމެއް. އަދި މުޅި ޤައުމަށް ފައިދާކުރާނެ ކަމެއް.
މި ކުއްލިއްޔާއިން ހިންގަވާ މަތީ ތަޢުލީމުގެ ކޯސްތައް ފަރުމާކުރައްވަމުން ގެންދަވާއިރު، ރާއްޖެއާ ގުޅުންހުރި އިސްލާމީ ޤައުމުތަކުގެ މަތީ ތަޢުލީމުދޭ މަރްކަޒުތަކާ ގުޅިގެން އެ މަސައްކަތް ހިންގަވަމުން ގެންދެވުމަކީވެސް އަޅުގަނޑު ހިތުން ހަމަ ކޮންމެހެން ކުރައްވަންޖެހޭނެ ކަމެއް. މިހެން މި ދެންނެވީ، ބޭރުގެ މިފަދަ ޔުނިވަރސިޓީތަކާ ގުޅިގެން ކޯސް ފަރުމާކުރައްވައި ފުޅާކުރައްވަމުން ގެންދެވީމާ، މި ކުއްލިއްޔާއަށް ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ލިބޭ މަޤްބޫލުކަން އިތުރުވެގެންދާނެ. އަދި އެކަމުގެ ފައިދާ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ވަރަށްބޮޑަށް ކުރަމުންދާނެ. މިކަން މިހެން އޮތުމާއެކު، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މީހުން ތަމްރީނުކުރެއްވުމަށް މި ކުއްލިއްޔާއިން އެކުރައްވާ މަސައްކަތަކީވެސް އަޅުގަނޑުމެންގެ ރާއްޖެއަށް މިވަގުތު ވަރަށް ބޭނުންވެފައިވާ މަސައްކަތެއް ކަމުގައި ދަންނަވާލަންޖެހޭ.
އާދެ، މިރޭ މި ސަނަދު ޙާޞިލްކުރާ ހުރިހާ ދަސްވެނިންވެސް ރާއްޖޭގެ ޝަރްޢީ އަދި ޤާނޫނީ ދާއިރާއަށް ފައިދާހުރި ޚިދުމަތްތަކެއް ކޮށްދިނުމަކީ، އަޅުގަނޑު ވަރަށްބޮޑަށް އެދޭ ކަމެއް. އާދެ، މިވަގުތަކީ، ރާއްޖޭގައި ޤާނޫނީ ވަކީލުންގެ ދައުރު ފުޅާވަމުންދާ ވަގުތެއް. މިކަމަކީ، އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ކުޑަކޮށް ހުއްޓިލައި، ވިސްނާލަންޖެހޭ ކަމެއް. އާދެ، މިވަގުތު ރާއްޖެއަށް މި އަންނަމުންދާ ކުރިއެރުންތަކުގެ ތެރޭގައި، ރާއްޖޭގެ ޝަރްޢީ އަދި ޤާނޫނީ ނިޒާމަށް ވަރަށްބޮޑެތި އިޞްލާޙުތަކެއް މިދަނީ އަންނަމުން. އޭގެތެރޭގައި، އެކި ކުށްކުށުގައި ބަންދުކުރެވޭ މީހުންގެ ތަޙްޤީޤު ކުރިޔަށް ގެންދިއުމުގަޔާއި އަދި އެމީހުންގެ މައްސަލަތައް ޝަރީޢަތަށް ހުށަހެޅުމުން، ޝަރީޢަތުގެ މަޖިލީހުގައި ޤާނޫނީ ވަކީލުންގެ ބޭނުންކުރެވޭގޮތަށް މިހާރު މިއޮތީ ހަމަޖެހިފައި. މިކަމަކީ، ޝައްކެއްނެތްގޮތުގައި، އެކިއެކި ކުށްކުށުގައި ތުހުމަތުކުރެވޭ މީހުންނަށާއި، އެމީހުންގެ ޢާއިލާތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ހަމައެޔާއެކީގައި، މިކަމަކީ ރާއްޖެއަށް އާ ކަމަކަށްވާތީ، ބައެއް މީހުންގެ ހިތުގައި ހިސާބަކަށްނަމަވެސް، ސުވާލު އުފެދޭ ކަމަކަށްވެސް ވެދާނެ. އާދެ، ބައެއް މީހުންގެ ހިތަށްއަރާފާނެ، މީގެ ބޭނުމަކީ ކޮބައިބާވައޭ؟ އެއީ، ކުށްވެރިން ސަލާމަތްކޮށްދިނުންބާއޭ. އެކަމަކު ޙަޤީޤަތަކީ އެއީއެއްނޫން. އާދެ، އަޅުގަނޑުވެސް ޤަބޫލުކުރަން، ރާއްޖޭގައި ކުށްކުރާ މީހުންގެ ޢަދަދު، ހިތާމަޔާއެކު އަޅުގަނޑުމެން ފާހަގަކުރަންޖެހެނީ، އެއީ ވަރަށްގިނަ ބައެއްގެ ގޮތުގައި. ވަރަށްގިނަ މީހުން ކުށްކުރަމުން ގެންދޭ. އަދި ރާއްޖޭގައި ކުރެވޭ ކުށްތަކުގެ ތެރޭގައި، ވަރަށްބޮޑެތި ކުށްތައްވެސް ހިމެނޭ. އާދެ، މީހުން މެރުން، ބޮޑެތި ވައްކަންކުރުން، ބޮޑެތި މާރާމާރީ ހިންގުން، އަންހެންކުދިންގެ ޢިއްފަތްތެރިކަން ނަގާލުން، ކުޑަކުދިންނާ ބެހުން، މަސްތުވާތަކެތީގެ ވިޔަފާރިކުރުން. މިހެންގޮސް ވަރަށްބޮޑެތި ކުށްތައްވެސް ރާއްޖޭގައި ކުރެވެމުންދޭ. ބަޔަކު ކުރަމުންގެންދޭ. އެފަދަ ކުށްކުރުން ހުއްޓުވުމަކީ ޝައްކެއްނެތް، މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމާއި، ހަމަޖެހުމާއި، ބާއްޖަވެރިކަމަށްޓަކައި ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. އެހެންނަމަވެސް، އިސްލާމީ ޝަރީޢަތަކީ، ހަމަޔާއި އިންޞާފުގެ މައްޗަށް ބިނާވެފައިވާ ޝަރީޢަތެއް. އެހެންވީމާ، ކުށެއްކުރިކަމުގެ ތުހުމަތުގައި މީހަކު ޝަރީޢަތަށް ހުށަހެޅުނު ނަމަވެސް، އެމީހެއްގެ ދިފާޢުގައި، އެމީހަކު ވާހަކަ ދެއްކުމުގެ ފުރުޞަތު އެމީހަކަށް ލިބިދޭންޖެހޭނެ. މިއީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އެކަން އޮންނަގޮތް. އިސްލާމީ ޤައުމުތަކުގައިވެސް އެކަން އޮތްގޮތް. މިޞްރުފަދަ، މެލޭޝިޔާ، ޕާކިސްތާން، އިންޑޮނޭޝިޔާފަދަ ބޮޑެތި އިސްލާމީ ޤައުމުތަކުގައިވެސް، ދިފާޢުގެ ވަކީލުންގެ ދައުރެއް އޮވޭ. ތަޙްޤީޤުގެ މަރުޙަލާގައިވެސް އަދި ޝަރީޢަތުގެ މަރުޙަލާގައިވެސް. އެއީ، ބައެއްފަހަރަށް ކަންދިމާވާގޮތުން، ކުށެއްނުކުރާ މީހެއްގެ މައްޗަށްވެސް ހެތްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް، ކުށެއް ސާބިތުވެދާނެ. އެ މީހެއްގެ ބަދުނަޞީބު ދިމާކުރާގޮތުން ނުވަތަ ތަޙްޤީޤުގެ މަރުޙަލާގައި، ކަން ހިނގާފައިވާ ގޮތަކުންނަމަވެސް.
އެހެންވީމާ، ކުށުގެ ތުހުމަތުގައިވާ މީހުން، އެމީހުންގެ ދިފާޢުގައި މަސައްކަތްކުރާއިރު، ޤާނޫނީ ވަކީލުންގެ އެހީއަށް ބޭނުންވާ ބޭނުންވުމަކީ، ހަމަ ޙަޤީޤީ ބޭނުމެއް. އާދައިގެ މީހުންނަށް، ޝަރީޢަތާއި ޤާނޫނު ރަނގަޅަށް އޮޅުންފިލާފައެއް ނޯންނާނެ. އެކަމުގެ މަޢުލޫމާތާއި ތަޖުރިބާހުރި ބަޔަކު އެމީހުންނަށް އެހީވެދިނުމަކީ، އިންޞާފު ޤާއިމުކުރުމަށް އެޅޭ، ވަރަށްބޮޑު ބާރަކަށްވާނެ.
އާދެ، އިސްލާމީ ޝަރީޢަތަކި، ހަމަޔާއި އިންޞާފުގެ މައްޗަށް ބިނާވެފައިވާ އެއްޗެއް. ފަހަރެއްގައިވެސް ކުށްނުކުރާ މީހަކު ކުށްވެރިކުރުމަކީ، އިސްލާމީ އުޞޫލެއް ނޫން. ހަމައެހެންމެ، ކުށެއް ކޮށްފައިވާ މީހަކު، ޙައްޤުގޮތުގައި ލިބެންޖެހޭ އަދަބު އެމީހަކަށް ނުދީ ދޫކޮށްލުމަކީވެސް އިސްލާމީ އުޞޫލެއް ނޫން. މިކަން މިހެން އޮތުމާއެކުގައި، ދެފަރާތުގެ ޙައްޤުތައް ރައްކާތެރިކޮށްދޭން އެބަޖެހޭ. ކުށުގެ ތުހުމަތުގައިވާ މީހާގެ ޙައްޤުތައްވެސް ރައްކާތެރިކޮށްދޭންޖެހޭ. ހަމައެހެންމެ، މުޅި މުޖުތަމަޢުގެ ޙައްޤުތައްވެސް ރައްކާތެރިކޮށްދޭންޖެހޭ. މުޖުތަމަޢަކީ، ރައްކާތެރިކަމާއި ސަލާމަތްކަން ލިބިގެންވާ މުޖުތަމަޢެއް ކަމުގައި ހެދުމަށް ބޭނުންވާ ހުރިހާ ވަސީލަތެއްވެސް، ކަމާބެހޭ ފަރާތްތަކުން ޤާއިމުކޮށްދޭންޖެހޭ. އެހެންވީމާ، އެފަދަ މުހިންމު ދައުރެއް އަދާކުރުމަށްޓަކައި މިހާރު ރާއްޖޭގެ ޝަރްޢީ އަދި ޤާނޫނީ ނިޒާމަށް މިއަންނަ އިޞްލާޙުތައް ގެނެވެމުން މި ގެންދެވެނީ.
އާދެ، ކުށްކުރުން ގިނަވާ ސަބަބުތަކާ ދޭތެރޭގައި. މާގިނަ ވާހަކަތަކެއް ދައްކާކަށް އަޅުގަނޑު ގަސްތެއްނުކުރަން. އެއީ، ވަރަށްގިނަ ބައިވަރު ބައިވަރު ސަބަބު ހުރޭ، ކުށްކުރުމަށް ދިމާވާ. އާދެ، ޢާއިލާރޫޅުން ނުވަތަ ކުޑަކުދިންނަށް، އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައި ދޭންޖެހޭ ސަމާލުކަން ނުދެވުން. ހަމައެހެންމެ، ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި އަދި ނިކަމެތިކަން. އޭގެއިތުރުން، ބޭރުގެ އެކި ތަންތަނުން ފެންނަ މަންޒަރުތަކާއި، އިވޭ އަޑުތައް. ޚަބަރުފަތުރާ ވަސީލަތްތަކުންވެސް ލިބޭ މަޢުލޫމާތާއި، އިވޭ ވާހަކަތައް. ބައެއްކަހަލަ ފިލްމުތަކުގައި ހުންނަ މަންޒަރުތައް. މިހެންގޮސް ވަރަށްގިނަ ސަބަބުތަކަށްޓަކައި ކުށްކުރުން ގިނަވަމުންދަނީ. އެ ކުށްކުރަން ދިމާވާ ސަބަބުތައް ދެނެގަނެ، އެ ސަބަބުތައް ނައްތާލުމަށް މަސައްކަތްކުރުމަކީ، އަޅުގަނޑުހިތުން އަޅުގަނޑުމެން އެންމެން ކުރަންޖެހޭނެ ކަމެއް. ސަރުކާރުން އެ މަސައްކަތް ކުރެވޭތޯ ވަރަށް ބޮޑަށް ބަލަމުން އެބަ ގެންދަމު. އޭގެއިތުރަށް، ޤައުމުގެ އެހެން ފަރާތްތަކުން، އާދެ، ސަރުކާރުގެ ފަރާތްތައް ނޫނަސް، އަމިއްލަ ފަރާތްތަކުންނާއި އަދި އަމިއްލަ އަފްރާދުންވެސް މިކަމުގައި ޙިއްޞާ އަދާކުރައްވަންޖެހޭ. މައިންބަފައިން، އެބޭފުޅުންގެ ވާޖިބު އަދާކުރައްވަންޖެހޭ. ކުޑަކުދިން ތަރުބިއްޔަތުކުރުމުގައި. ސްކޫލްތަކުގެ ދާއިރާގައި މުދައްރިސުން، އެދުރުން، އެބޭފުޅުންގެ ވާޖިބު އަދާކުރައްވަންޖެހޭ. މުޖުތަމަޢުގެ އެހެން ފަރާތްތަކުންވެސް، އެބައިމީހުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަންޖެހޭ. މި ހުރިހާ ކަމެއް، މަސައްކަތެއް އެކުލެވިގެން، އަޅުގަނޑުމެންނަށް ކުށްކުރުން މަދު މުޖުތަމަޢެއް ޤާއިމުކުރެވޭނީ.
އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ޤާނޫނީ ވަކީލުންގެ ދައުރު މިހާރު ފުޅާވެފައިވާއިރު، އެ ޤާނޫނީ ވަކީލުކަން ކުރައްވާ ބޭފުޅުން، އިސްލާމީ ޝަރީޢަތުގެ އިންޞާފުވެރި ހަމަތަކާއި، މާތް އުޞޫލުތަކުގެ މަތިން، އެބޭފުޅުންގެ މަސައްކަތްޕުޅުތައް ގެންދެވުން ވަރަށް މުހިންމޭ. އާދެ، ބޭނުމަކީ ހަމައެކަނި ވަކި މަޤްޞަދެއްގައި ކުރާ ކަމަކަށްވުމުގެ އިތުރަށް، އިންޞާފު ޤާއިމުކުރުން ކަމުގައި އެބޭފުޅުންވެސް ދެކެވަޑައިގަންނަވަންވާނެ. ސަރުކާރުންވެސް އެކަން ދެކެންޖެހޭނީ އެގޮތުގައި. އަދި ވަކީލުންވެސް ދެކެވަޑައިގަންނަވަންޖެހޭނީ އެގޮތުގައި. ޝަރީޢަތް ހިންގަވާ ފަރާތްތަކުންވެސް އެކަން ދެކެވަޑައިގަންނަވަންޖެހޭނީ އެގޮތުގައި.
ޙައްޤުތައް ގެއްލިފައިވާ މީހެއްގެ ޙައްޤުތައް ހޯދައިދިނުމަކީ، ސަރުކާރާއި އަދި ޝަރީޢަތުންވެސް ކުރަންޖެހޭނެ ކަމެއް. ބައެއްކަހަލަ މުޢާމަލާތުތަކުގައި، އާދެ، އެކިއެކި ކޮންޓްރެކްޓްތަކުގައި ނުވަތަ ވިޔަފާރީގެ މުޢާމަލާތްތަކުގައި، ކޮންމެވެސް އެއްފަރާތަކުން އަނެއްފަރާތެއްގެ ޙައްޤަކަށް އަރައިގެންފާނެ. އެކަން އެހެން ދިމާވެގެން، އެކަމުގައި އެ ގެއްލުން ލިބޭ ފަރާތުން މައްސަލަ ޝަރީޢަތަށް ހުށަހެޅީމާ، އެ މައްސަލައިގެވެސް ޙަޤީޤަތް ބެލެންވާނެ. އެ މައްސަލައިގެ އިންޞާފު ޤާއިމުކުރެވެންވާނެ. އެ ޙައްޤު ލިބިދޭންޖެހެނީ، ނިކަމެތި މީހަކަށް، ބާރުހުރި ފަރާތަކުން ކަމަށްވިޔަސް، އެކަން އެގޮތަށްވާންޖެހޭނެ. މުޖުތަމަޢުގައި ޢަދްލު އިންޞާފު ޤާއިމުކުރުމަކީ، މިހާ މުހިންމު ކަމެއް.
އެހެންވީމާ، މިރޭ ޝަރީޢަތާއި ޤާނޫނުގެ ޑިޕްލޮމާ ކޯހުގެ ދަސްވެނީން އެ ޙާޞިލްކުރާ ސަނަދުގެ ބޭނުން ހެޔޮގޮތުގައި އެކުދިން ހިފުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. ހަމައެހެންމެ، ރާއްޖޭގެ ޝަރްޢީ އަދި ޤާނޫނީ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް ޢަދްލު އިންޞާފު ޤާއިމުކުރުމަށާއި، ޙައްޤު އޭގެ އަހުލުވެރިންނަށް ލިބިދިނުމަށާއި، ކުށްކުރުން މަދުކުރުމަށާއި އަދި މުޖުތަމަޢު ސަލާމަތްކުރުމަށް، ކޮންމެ ފަރާތަކުންވެސް ކުރައްވަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދެވުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ރާއްޖޭގެ ހަމަޖެހުމަށާއި ތަރައްޤީއަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ކަމެއް.
އާދެ، އަޅުގަނޑުމެންގެ ރާއްޖެ މިދަނީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ކުރިއަރަމުން، ތަރައްޤީވަމުން. ހުރިހާ ދާއިރާއެއްގައިވެސް ފެންނަނީ ކުރިއެރުމުގެ، ތަރައްޤީވުމުގެ ނިޝާންތައް. އެއީ، އަޅުގަނޑު ހިތުން، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް އުފާކުރާނެ ކަމެއް. އެހެންނަމަވެސް، ކުރިއެރުމަކީ ހަމައެކަނި މާއްދީ ކުރިއެރުމެއް ނޫންކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ. ކުރިއެރުމަކީ، ހުރިހާ ރޮނގަކުންވެސް ކުރިއެރުން. ރޫޙާނީގޮތުންވެސް ކުރިއެރުން. އަޅުގަނޑުމެންނަކީ މުސްލިމުން. ރާއްޖެއަކީ، ސައްތައިންސައްތަ މުސްލިމް ޤައުމެއް. އެހެންވީމާ، މާތްވެގެންވާ އިސްލާމްދީނުގެ ރީތި ހަމަތަކާއި އުޞޫލުތަކާއި ޢަޤީދާތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް ހުންނަންޖެހޭނީ. ބައްޓަން ކުރަންޖެހޭނީ. އަޅުގަނޑުމެންނަކީ، މާތްﷲ މި ދުނިޔެމައްޗަށް ފޮނުއްވި އެންމެ މާތް ދީނުގެ އަހުލުވެރިން ކަމުގައި ސާބިތުވެ ތިބެގެން، ދީނުގައި އަންގަވާފައިވާ ހަރުދަނާ އުޞޫލުގެމަތިން އަޅުގަނޑުމެންގެ ޙަޔާތުގެ ކަންތައްތައް ބައްޓަންކުރަމުން ގެންދިޔުމަކީ، ވަރަށް މުހިންމު ކަމެއް. ހަމައެކަނި މާއްދީ ކުރިއެރުމަށް ހެއްލުންތެރިނުވެ، މާއްދީ ކުރިއެރުމުގެ ފައިދާވެސް އަޅުގަނޑުމެން ބޭނުންކުރަންޖެހޭނީ، އަޅުގަނޑުމެންގެ ރޫޙާނީ ކުރިއެރުމަށް މަގުފައިވާނެ ކަމެއްގެ ގޮތުގައި.
އާދެ، މިވާހަކަ ދަންނަވަލާފައި، އަޅުގަނޑުގެ ވާހަކަ މިހާރުވެސް ތަންކޮޅެއް ދިގުވެއްޖެކަމަށް ހީވާތީ، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލަން.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް އެކަލާނގެ ފޮނުއްވި މާތް ދީނުގައި ވަރުގަދަ ޢަޒުމަކާއި، ހިތްވަރަކާ އެކީގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު ދެއްވުން. ރާއްޖެއަށް ހުރިހާ ރޮނގަކުންވެސް ކުރިއެރުމާއި ތަރައްޤީ އެކަލާނގެ މިންވަރުކުރެއްވުން. އަދި ރާއްޖޭގައި ހިންގާ ތަޢުލީމު ދިނުމުގެ އެކިއެކި މަރްކަޒުތަކުގައި، އެ ހިންގާ ތަޢުލީމީ ޙަރަކާތްތަކަށް އިތުރު ފަހިކަމާއި ފާގަތިކަން އެކަލާނގެ މިންވަރުކުރެއްވުން. ރާއްޖޭގެ ދަރިންނަކީ، ތަޢުލީމު ލިބިފައިވާ، މަސްއޫލިއްޔަތު އުފުލާ، ދީނަށް ޙުރްމަތްތެރިކޮށްހިތާ އަދި ޤައުމަށް ވަފާތެރި ބަޔަކު ކަމުގައި މާތްﷲ ލެއްވުން.
والسّلام عليكم ورحمـة اللّـه وبركاته.