بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّـلام علٰـى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلــه وأصحـابه أجمعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، މި ލޮބުވެތި ވަޠަން، ޤައުމީ މިނިވަންކަމުގެ ފުރިހަމަ ނިޢްމަތުގައި، އަމާންކަމާއި ޞުލްޙަމަސަލަސްކަމާ އެކީގައި ދެމިއޮތުމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދެންނެވުން.

އެއަށްފަހު، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

މިނިވަން ދުވަހުގެ އިޙްތިފާލުތައް، އަޅުގަނޑުމެން ބާއްވަމުން ގެންދާއިރު، ރާއްޖެ ދެކެމުންމިދާ ޤައުމީ މިނިވަންކަމުގެ ފަޚުރުވެރި ބިންގާ އަޅުއްވައިދެއްވި އަދި އެ ފަޚުރުވެރި ބިންގާ ރައްކާތެރި ކުރައްވައި ޙިމާޔަތް ކުރެއްވުމަށް ޖިހާދު ކުރެއްވި އަޅުގަނޑުމެންގެ ކާބަފައިންނަށާއި، ޤައުމީ އަބްޠާލުންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި، މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ޤައުމީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެން ޤައުމެއްގެ ގޮތުގައިވެސް، އަދި ވަކިވަކި ފަރުދުންގެ ގޮތުގައިވެސް އަބަދުވެސް މަސައްކަތްކުރަން ޖެހޭނެ. މިގޮތުން، އަޅުގަނޑުމެން އިސްކަންދޭންޖެހޭނެ ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި.

އެއްކަމަކީ، މާތްވެގެންވާ އިސްލާމްދީނާމެދު އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދިފައިވާ ޤަދަރާއި ލޯބި އިތުރުކުރުން. އެ މާތް ދީނުގެ ތެދުމަގުގައި ދިވެހިން އަބަދުމެ ސާބިތުވެ ތިބުން.

އަނެއްކަމަކީ، ރާއްޖޭގެ ޤައުމީ ޝަޚްޞިއްޔަތު ރައްކާތެރިކޮށް ދެމެހެއްޓުން. މިގޮތުން، އަޅުގަނޑުމެންގެ މާދަރީ ބަސް ދިރުވައި ކުރިއެރުވުމަށާއި، ދިވެހި ޘަޤާފަތާއި ދިވެހިވަންތަކަން ރައްކާތެރިކޮށް ބަދަހިކުރުމަށް މަސައްކަތްކުރަން ޖެހޭނެ.

އަނެއްކަމަކީ، އަޅުގަނޑުމެންގެ މެދުގައި މިއޮތް ޤައުމީ އެކުވެރިކަމާއި، ޤައުމީ އެއްބައިވަންތަކަން، އަބަދުވެސް ސާބިތުކަންމަތީގައި އޮތުން.

ޝައްކެއްނެތް، މާތްﷲގެ ވާގިފުޅާއެކު، ރާއްޖެ ތަރައްޤީގެ މަގުގައި މިއަދު ހުރިހާ ރޮނގަކުންވެސް ކުރިއަށްމިދާ ދިޔުމުގެ އެންމެބޮޑު ސިއްރަކީ، ޞުލްޙަމަސަލަސްކަމާއި ހަމަޖެހުމާއެކު، ސަރުކާރާއި ރައްޔިތުން ކުރަމުން މިގެންދާ މިންނެތް މަސައްކަތް.

މިގޮތުގެ މަތިން މަސައްކަތްކުރުމާއި، މި ރޮނގުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ލިބިފައިވާ ޤަދަރާއި ރީތި ނަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ، ދިވެހި ކޮންމެ ރައްޔިތެއްގެ ވާޖިބެއްކަން ކަށަވަރު.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

އަޅުގަނޑުމެންގެ ތަރައްޤީ މިޞްރާބު ޖަހާފައި މިވަނީ، ވިހިވިހީގެ ތަޞައްވުރުގައިވާ އަމާޒުތަކަށް. އެ އަމާޒުތަކަށް ވާޞިލްވުމަށްޓަކައި ކުރަންޖެހޭ ވަރަށްގިނަ މަސައްކަތްތަކެއް އެބަހުރި. އޭގެތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގެ ސިޔާސީ ނިޒާމު އިތުރަށް ހަރުދަނާކުރުން.

މިގޮތުން، ދައުލަތް ހިންގުމުގެ ދީމުޤްރާޠީ ނިޒާމު އިތުރަށް ވަރުގަދަކުރުމަކީ، ރާއްޖެ މިއަދު ދެކެމުންމިދާ ތަރައްޤީއާއި ހަލުވި ކުރިއެރުމާ ފައިހަމަވާ ގޮތެއްގައި ކުރަންޖެހޭނެ ކަމެއް.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށްޓަކައި، ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކޮށްފައި މިވަނީ، މި މުހިންމު މަޤްޞަދު ޙާޞިލްކުރުމަށްޓަކައި. ޤާނޫނުއަސާސީއަށް ގެންނަން އަޅުގަނޑަށް ފެންނަ އުޞޫލީ އިޞްލާޙުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމުގައި، ރައްޔިތުންނަށް އޮންނަ އިޚްތިޔާރު މިހާރަށްވުރެ ފުޅާކުރުމާއި، ދައުލަތް ހިންގުމުގެ ތިންބާރު، މިހާރަށްވުރެ ބޮޑަށް ވަކިކުރުން ހިމެނޭ. އަދި ޒަމާނީ ދީމުޤްރާޠީ ނިޒާމުތަކާ ވީހާވެސް އެއްގޮތަކަށް ރާއްޖޭގެ ސިޔާސީ ނިޒާމު ބައްޓަންކުރުން ހިމެނޭ.

އަޅުގަނޑު ބޭނުންވަނީ، ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުމާއެކު، ވީ އެންމެ ރަނގަޅަކަށް ގެންގޮސް، ވީ އެންމެ އަވަހަކަށް ނިންމާލުމަށް.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ރާއްޖޭގެ ތަރައްޤީގައި ތަޢުލީމީ ޒުވާނުން އަދާކުރަމުންގެންދާ ދައުރަކީ، ވަރަށް މުހިންމު ދައުރެއް. އެހެންކަމުން، ރާއްޖޭގެ ޒުވާނުންނަށް ތަޢުލީމީ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމާއި، ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަކީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންގެންދާ ކަމެއް.

މިގޮތުން، ރާއްޖޭގައި މީހުން ތަމްރީނުކުރުމަށާއި، މަތީ ތަޢުލީމު ޙާޞިލްކުރުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންނަށް، އެ ފުރުޞަތު އިތުރަށް ތަނަވަސްކޮށްދިނުމަށްޓަކައި އުފައްދަން ޤަޞްދުކުރާ، ތަމްރީނުދިނުމާއި، ހުނަރުވެރިކަން ތަރައްޤީކުރުމަށް އެހީވެދޭ ޤައުމީ ފަންޑާބެހޭ އިދާރީ ކަންތައްތައް މިހާރުވަނީ ހަމަޖައްސައި ނިމިފައި.

އިރާދަކުރެއްވިއްޔާ، "މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް އެހީވެދޭ ޤައުމީ ފަންޑު"ގެ ނަމުގައި މި ފަންޑު، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޤާއިމްކުރެވޭނެ.

ވަޒީފާ ބޭނުންވާ ދިވެހިންނަށް ވަޒީފާ ހޯދައިދިނުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި، ގިނަ ބައެއްގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް، ޤައުމީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވުމުގެ މުހިންމުކަން ވަރަށްބޮޑު. އެހެންކަމުން، މިފަދަ ޤައުމީ ބައްދަލުވުމަކަށް ތައްޔާރުވުމުގެ ގޮތުން، އެންމެ ފުރަތަމަ ރަށު ފެންވަރުގަޔާއި، އަތޮޅު ފެންވަރުގައި ބައްދަލުވުންތަކެއް، އިރާދަކުރެއްވިއްޔާ، ކުރިޔަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ބާއްވަން ފެށޭނެ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ރާއްޖޭގެ އިޤްތިޞާދަށް އިތުރު ދިރުމެއް ގެނައުމަށްޓަކައި، ފަތުރުވެރިކަން މިހާތަނަށް ތަޢާރުފްކުރެވިފައި ނުވާ އަތޮޅުތަކަށް، ފަތުރުވެރިކަން ތަޢާރުފްކުރުމުގެ މަސައްކަތްތައް ފެށިގެން ހިނގަމުން އެބަދޭ. މިގޮތުން އިޢުލާނުކުރި 11 ރަށަށް ހުށަހެޅުނު ބީލަންތަކުން ހޮވޭ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ. މިކަން ސަރުކާރުން ކުރަމުންގެންދާނީ، އިރާދަކުރެއްވިއްޔާ، ވަރަށް ހުޅުވާލެވިފައިވާ، ވަރަށް އިންޞާފުވެރި ގޮތަކަށް. މި 11 ރަށުގައި ފަތުރުވެރިކަން ތަރައްޤީކުރެވުމުން، ރާއްޖޭގެ އިޤްތިޞާދަށް، މާތްﷲގެ ވާގިފުޅާއެކު، ހަލުވި ކުރިއެރުންތަކެއް ލިބިގެންދާނެ. އަދި ވަރަށްގިނަ ޢަދަދެއްގެ ބަޔަކަށް ވަޒީފާ ލިބުމުގެ މަގުވެސް ހުޅުވިގެންދާނެ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ލަފާ ފުރުމުގެ ދަތިކަން އިޙްސާސްކުރަން ޖެހިފައިވާ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، މި މައްސަލަ ޙައްލުކޮށްދިނުމަށް މަސައްކަތްކުރާނެ ވާހަކަ، އަޅުގަނޑު ވާނީ، މީގެކުރިން ދަންނަވާފައި.

ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ކުރެވޭ މި މަސައްކަތް ހިންގަމުން ގެންދިޔުމަށް ޤަޞްދުކޮށްފައި ވަނީ، ސަރަޙައްދީ ތަރައްޤީގެ ފަސް ސަރަޙައްދެއްގެ މައްޗަށް ބިނާކޮށްގެން، ފިޔަވަހިތަކަކަށް ބަހާލައިގެން. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވަނީ، މި މަހުގެ 22 ވަނަ ދުވަހު މުލަކަތޮޅުގައި ފެށިފައި.

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ، ހުރިހާ ކަމެއްގައިވެސް ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދެވޭތޯ. ރައްޔިތުންނަށް ކުރިމަތިލާންޖެހޭ ދަތިތައް ޙައްލުކޮށްދެވޭތޯ. ބައެއް ކަންކަމަކީ، ވަރަށް ބޮޑެތި، އަދި ޤައުމީ ފެންވަރެއްގައި ވިސްނައި، ގޮތްތަކެއް ހޯދަންޖެހޭ ކަންކަން.

އެހެންނަމަވެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، އަޅުގަނޑުމެންގެ ވަސީލަތްތައް ތަންދިން އެންމެ ފުރިހަމަ ގޮތެއްގައި ކުރިމަގުގައި ދެމުން ގެންދިޔުމަށް، މާތްﷲގެ ވާގިފުޅާއެކު، މަސައްކަތް ކުރާނެ ވާހަކަ މި ފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން.

މާތްﷲ، ދިވެހިރާއްޖޭގެ މިނިވަންކަން ރައްކާތެރިކުރައްވައި، ޙިމާޔަތް ކުރައްވާށި! އަޅުގަނޑުމެން އެންމެންނަކީ، އިސްލާމީ އުޞޫލުތަކަށާއި، މުޖުތަމަޢުގެ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރާ ބަޔަކުކަމުގައި ލައްވާށި! ދިވެހި ރައްޔިތުންނަށް ހުރިހާ ރޮނގަކުންވެސް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން މިންވަރު ކުރައްވާށި! އާމީން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.