بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربِّ العـالمـين، والصّـلاة والسّـلام علٰـى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

މިއަދު، މި އުފާވެރި އަދި މުހިންމު އަދި ތާރީޚީ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، މިއަދު ފުލުހުންގެ ހުވާކުރި ހުރިހާ ކުދިންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުން. ތިޔަ ކުދިންނަކީ ނުވަތަ ފުލުހުންގެ ތިޔަ ބޭކަލުންނާއި ބޭކަނބަލުންނަކީ، ޕޮލިސް ޓްރޭނިންގ ކޯސް ފުރިހަމަކުރައްވައި، އާދެ، އޭގެ އަސާސީ 5 ވަނަ އަދި 6 ވަނަ ތަމްރީނު ކޯސް ފުރިހަމަކުރައްވައި، ފުލުހުންގެ ތެރެއަށް ވެންނެވި ބޭކަލުންނާއި، ބޭކަނބަލުން. މިއަދަކީ ތިޔަ ހުރިހާ ބޭކަލުންނާއި، ބޭކަނބަލުންގެ ޙަޔާތުގައި ވަރަށް ތާރީޚީ، ވަރަށް މުހިންމު ދުވަހެއް.

ޝައްކެއްނެތް، ފުލުހުންގެ ޚިދުމަތަކީ ވަރަށް މުހިންމު ޤައުމީ ޚިދުމަތެއް. އެއީ ވަރަށް މަތިވެރި، ޝަރަފުވެރި ޚިދުމަތެއް. ދެންމެ އިވިގެންދިޔަ ހުވާގައި އެވާފަދައިން، ފުލުހުންގެ ވާޖިބަކީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތައް ޙިމާޔަތްކުރުން. ހަމައެހެންމެ، ދިވެހި ދައުލަތާއި، ވެރިންނާއި، ރައްޔިތުންނާއި، މުދާ ރައްކާތެރިކޮށް ޙިމާޔަތްކުރުން. ހަމައެހެންމެ، ރާއްޖޭގެ އަމަންއަމާންކަމާއި، ޞުލްޙަ މަސަލަސްކަން ރައްކާތެރިކުރުން. ޝައްކެއްނެތް، މި ދެންނެވި ކަންތައްތަކަކީ، ވަރަށް ބޮޑެތި ކަންތައްތަކެއް. ވަރަށް މުހިންމު ކަންތައްތަކެއް. ކޮންމެ ޤައުމެއްގައިވެސް، އެ ޤައުމެއްގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރްމަތްތެރިކޮށްހިތުމަކީ، މުޅި ޤައުމުގެ ސަލާމަތާއި، އަމަންއަމާންކަމާއި، ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމާއި، އަދި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ވަރަށް މުހިންމު ބައެއް އަދާކުރާ ކަމެއް. ކޮންމެ ތަނެއްގައިވެސް ޤާނޫނުތަކެއް ހަމަޖެހިފައި އޮންނަނީ، އެތަނެއްގެ މަޞްލަޙަތު ރައްކާތެރިކުރުމަށްޓަކައި. އެންމެންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިދިނުމަށްޓަކައި. އެންމެންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި. އެހެންވީމާ، އެ ވާޖިބު އަދާކުރުމަކީ، ވަރަށް މުހިންމު ޤައުމީ މަސްއޫލިއްތެއްކަން، އެކަމާމެދު ވިސްނައިލި ކޮންމެ މީހަކަށްވެސް ޝައްކެއްނެތި އެނގޭނެ.

އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެކަން އޮތީ އެހެން. ރާއްޖޭގައި މިހާރު އަޅުގަނޑުމެން މި ކުރިމަތިލާ، އިޞްލާޙީ ބަދަލުތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތާއި، ފުލުހުންގެ ޚިދުމަތް ވަކިކުރުން ހިމެނިފައިވޭ. އެގޮތުގެމަތިން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ދިވެހިރާއްޖޭގެ ސިފައިންނާއި، ފުލުހުންނަކީ، ސަރުކާރުގެ ދެ މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާ ދެބައި ކަމުގައި މިހާރުވަނީ ހަމަޖެހިފައި. އާދެ، އެއީ ވަރަށް މުހިންމު ސިޔާސީ އަދި އިދާރީ ބަދަލެއް. ދުނިޔޭގެ ގިނަ ޤައުމުތަކުގައިވެސް އެކަން އޮންނަނީ އެހެން. އެހެންވީމާ، ރާއްޖޭގައިވެސް ޒަމާނާ އެއްގޮތަށް ކަންތައްތައް އިޞްލާޙުކޮށް، ބަދަލުކުރަމުންދާ ދިޔުމުގައި މިކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފެނިގެން، ސަރުކާރުން އެގޮތަށް މި ބަދަލު ގެނެސްފައި މިވަނީ. އާދެ، މި ބަދަލު މިހެން ގެނައިކަމުގައިވިޔަސް، ދިވެހި ސިފައިންނާއި، ދިވެހި ފުލުހުންނަކީ އަބަދުވެސް އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭނެ ބައެއް. އާދެ، އެ ދެބައިމީހުންގެ ދޭތެރޭގައި އޮންނަންޖެހޭނީ، ވަރަށް ވަރުގަދަ އެއްބާރުލުމުގެ ގުޅުމެއް. ރާއްޖޭގައި މިވީހާތަނަށް، ސިފައިންނާއި ފުލުހުންނަކީ، އެއްބައެއްގެ ގޮތުގައި ދެމިތިބިއިރުވެސް، އެބައިމީހުންގެ މެދުގައި އެ އޮތް ގުޅުން، މިހާރު ދެ މިނިސްޓްރީއެއްގެ ދަށަށް ބަދަލުވެގެންދިޔަ ކަމުގައިވިޔަސް، ހަމަ އެގޮތަށް އޮންނަންޖެހޭނެ. ރާއްޖެކަހަލަ ކުޑަ ޤައުމެއްގައި، ޤައުމުގެ ސަލާމަތާއި، އަމަންއަމާންކަމާއި، ޞުލްޙަމަޞްލަޙަތު ދެމެހެއްޓޭނީ، މި ދެބައިގެ ގުޅުން ވަރުގަދަވެގެން. އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެގެން. އެއްބަޔަކު އަނެއްބަޔަކު ކުރާ މަސައްކަތްތަކުގައި އެހީތެރިކަމަށް ބޭނުންވާ ކޮންމެ ވަގުތެއްގައި، ވަގުތުން އެ އެހީތެރިކަން ފޯރުވައިދީގެން. އަދި ހުރިހާ ކަމެއްގައިވެސް މަޝްވަރާކުރުމާއި، އެއްބާރުލުމާއި، އުޚުއްވަތްތެރިކަމުގެ ރޫޙެއް އޮވެގެން. އެހެންވީމާ، އަޅުގަނޑު މީގެކުރިންވެސް މިކަހަލަ އެހެން މުނާސަބަތުތަކުގައި ބުނަމުން އައި ފަދައިން، ދިވެހި ސިފައިންނާއި ފުލުހުންނާ ދެބައިމީހުންނަކީ، ޤައުމުގެ މަޞްލަޙަތަށްޓަކައި، ރައްޔިތުންގެ ސަލާމަތަށްޓަކައި، ރާއްޖޭގެ ސިޔާސީ އަދި އިޖްތިމާޢީ ހަމަޖެހުމަށްޓަކައި، އެއްބަޔަކާއި އަނެއްބަޔަކު ގުޅިގެން ވަރަށް އެކުވެރި ޖައްވެއްގައި މަސައްކަތް ކުރަމުން ގެންދަންޖެހޭނެ ދެބައެއް.

އާދެ، މިއަދަކީ ތާރީޚީ ދުވަހެއް. އެއީ މި ޢިމާރާތުގައި، އާދެ، ފުލުހުންގެ ބައި ވަކިވެ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށަށް ދިޔުމަށްފަހުގައި، މިފަދަ ރަސްމިއްޔާތެއް ބޭއްވޭ ފުރަތަމަ ދުވަހަކީ މިއަދު ކަމަށްވާތީ. އެހެންކަމުން، މި މުނާސަބަތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް ޢުމަރު ޒާހިރަށް އަޅުގަނޑު ތަހުނިޔާ ދަންނަވަން. ހަމައެއާއެކީގައި، ޕޮލިސް ކޮމިޝަނަރ އާދަމް ޒާހިރަށާއި، ފުލުހުންގެ އެހެން އިސް އޮފިސަރުންނަށާއި، ވެރިންނަށް، އަދި ފުލުހުންގެ އެންމެންނަށް އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވުން. އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި އަބަދުމެ، ނުގުޑާފަދަ ޢަޒުމަކާ އެކުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި ލެއްވުން. ހަމައެހެންމެ، ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، އަމަންއަމާންކަމާއި، ޞުލްޙަމަޞްލަޙަތާއި، ދައުލަތާއި، ވެރިންނާއި، ރައްޔިތުންނާއި އަދި ދައުލަތުގެ މުދަލާއި، ރައްޔިތުންގެ މުދާ ސަލާމަތްކޮށް، ރައްކާތެރިކުރުމުގައި މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ތައުފީޤު ދެއްވުން. އަދި ތަރައްޤީގެ މަގުގައި ރާއްޖެ ކުރިއަށް އަޅަމުންމިދާ ފިޔަވަޅުތައް އިތުރަށް ހަލުއިވާނެ މަގު ތަނަވަސްކޮށްދެއްވައި، ދިވެހި ރައްޔިތުންނަށް ކުރިއެރުމާއި ބާއްޖަވެރިކަމާއި ތަރައްޤީ، މާތްﷲ މިންވަރު ކުރެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.