بســم اللّـه الرّحمـن الرّحيــم
މިއަދު ހަނިމާދޫގައި މި ހުޅުވުނު ވައިގެ ބަނދަރު ހުޅުވުމުގެ މުނާސަބަތުގައި ހަނިމާދުއަށް ޒިޔާރަތްކޮށް، ހަނިމާދޫގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެއް. އެނގިވަޑައިގަންނަވާނެ ފަދައިން، މީގެކުރިން އަޅުގަނޑު ވަނީ މިރަށަށް އައިސްފައި. އަދި މިރަށުގެ ރައްޔިތުންނާ ބައްދަލުކުރުމުގެ އުފާވެސް ލިބިގެންފައި.
އެންމެ ކުރިން އަޅުގަނޑު ރާއްޖެތެރެއަށް ދަތުރެއް ފެށީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، 1979 ވަނަ އަހަރު. މި ދެންނެވީ ރައީސްކަމާ ޙަވާލުވިފަހުން، ރާއްޖޭގެ ރައީސްގެ މަޤާމުގައި ހުރެގެން، އެންމެ ފުރަތަމަ ރާއްޖެތެރެއަށް އަޅުގަނޑު ދަތުރެއް ފެށީ، 1979 ވަނަ އަހަރުގެ ތެރޭގައި. އެންމެ ފުރަތަމަ ކުރި ދަތުރަކީ، ތިލަދުންމަތީގެ ދެބުރިއަށް ކުރި ދަތުރެއް. ތިލަދުންމަތީ އުތުރުބުރިއަށާއި، ތިލަދުންމަތީ ދެކުނުބުރިއަށް. އާދެ، ހއ. އަތޮޅަށާއި، ހދ. އަތޮޅަށް.
ކޮންމެއަކަސް، ހދ. އަތޮޅަށް ޒިޔާރަތްކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަދި ޚާއްޞަކޮށް، މި ދަތުރުގައި މިއަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނާއި، އިސްބޭފުޅުންނާ ބައްދަލުކޮށްލުމަށް މި ލިބުނު ފުރުޞަތަކީވެސް ވަރަށް އުފާވެރި ފުރުޞަތެއް.
ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިއަދު ހަނިމާދޫގައި ފާހަގަވެގެން މިދަނީ ވަރަށް މުހިންމު މުނާސަބަތެއް. މިރަށުގައި އެއަރޕޯޓެއް ހުޅުވުމުގެ މުނާސަބަތު. އެއަރޕޯޓަކީ ނުވަތަ ވައިގެ ބަނދަރަކީ، ދަތުރުފަތުރުކުރުމަށް ވަރަށް ބޭނުންތެރި ޚިދުމަތަކަށް މިހާރުވަނީ ވެފައި. މިއަދުގެ ދުނިޔޭގައި އެންމެ ފަސޭހައިން، އެންމެ ހަލުވިކަމާއެކު ދަތުރުކުރެވެނީ ވައިގެމަގުން ކަމަށްވާތީ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ވައިގެ ބަނދަރު އުފެއްދުމަށާއި، އެތަންތަނުގެ ޚިދުމަތް ރައްޔިތުންނަށް ލިބިދިނުމަށް ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަމުންގެންދޭ.
އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މި މަސައްކަތް ފަށައިގެން ކުރިއަށްގެންދާތާ ދުވަސްތަކެއް ވެއްޖެ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް އެއީ، ސަރުކާރުން ބޭރުގެ އެހީ ހޯދައިގެން ހިންގި، ވަރަށް މުހިންމު، ވަރަށްބޮޑު ޕްރޮޖެކްޓެއް. އެ މަޝްރޫޢު ނިމުނީ، 1981 ވަނަ އަހަރު. އެ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވުނީ. އޭގެކުރިން، އިނގިރޭސިން ގަމުގައި ތިބިއިރު، ގަމުގައި އެއަރޕޯޓެއް އޮތީ ހަދާފައި.
އެހެންވީމާ، އެއީވެސް ރާއްޖޭގައި އޮތް އެއަރޕޯޓެއް. ގަމުގެ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްތަކެއް މިހާރުވެސް ސަރުކާރުން އެބަކުރޭ. އެ ކުރަނީ އޮސްޓްރޭލިޔާގެ އެހީގައި. މިހާރުވެސް އޮސްޓްރޭލިޔާގެ ފަރާތުން ގަމަށް އައިސް ތިބި ދެ މާހިރުން އެބަތިބި. އެހެންވީމާ، އެމީހުން އެކުރާ މަސައްކަތުންނާއި، އޮސްޓްރޭލިޔާގެ އެހީން ސަރުކާރުން މިކުރާ މަސައްކަތުން ކުރިޔަށް އޮތް ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި، އެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ނިމޭނެ. ނިމުނީމާ އައްޑުއަތޮޅު ގަމުގެ އެއަރޕޯޓަކީވެސް ވަރަށް ބޭނުންތެރި އެއަރޕޯޓަކަށް ވާނެ.
ދެންއޮތީ، ކައްދޫ އެއަރޕޯޓް. އެ އެއަރޕޯޓް ހުޅުވުނީ، 1986 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު. އާދެ، ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު. އެދުވަސް އެކަމަށް ޚާއްޞަކުރެވުނީ، ރާއްޖެތެރޭގައި މި ހަދާ ސަރަޙައްދީ ވައިގެ ބަނދަރުތައް ހެދުމަކީ، މަސްވެރިކަމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީ. އެއީ މަސްވެރިކަމަކީ، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން އެންމެ މުހިންމުކަންދޭ އިޤްތިޞާދީ މަސައްކަތް. ބޭރުގެ ބޯޓުފަހަރު، ރާއްޖޭގެ ސަރަޙައްދުން މަސްވެރިކަން ކުރީމާ އެމަސައްކަތަށް ހުރަސްއެޅޭ. އެހެންވީމާ، ބޭރުގެ ބޯޓުފަހަރު، ރާއްޖޭގެ ސަރަޙައްދުން މަސްވެރިކަން ކުރޭތޯ ބަލައި، އެކަންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި، ވަރަށް ބޮޑަށް ބޭނުންކުރެވޭނެ ތަނެއް އެއަރޕޯޓަކީ. އެއީ، އަޅުގަނޑުމެންގެ ވައިގެ ދަތުރުފަތުރު ކުރުމުން، މަތިންދާބޯޓުފަހަރުން ގޮސް، އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދު ބެލޭނެ. އެހެންވީމާ، އޭގެ ސަބަބުން އަޅުގަނޑުމެންގެ މަސްވެރިކަމަށްވެސް ވަރަށްބޮޑު ދިރުމެއް އަންނާނެތީ، 1986 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ކައްދޫގެ އެއަރޕޯޓް ހުޅުވީ.
އާދެ، މިއަދު ހަނިމާދޫގެ އެއަރޕޯޓް ހުޅުވުމުން، މި ދެންނެވި ޚިދުމަތްވެސް އިތުރަށް ކުރިޔަށްދާނެ. އަދި އޭގެ އިތުރުން، މިހިސާބުގަނޑަށް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެކަމަށްވެސް އަޅުގަނޑު ދެކެން. މާލެއަށް ދާން ބޭނުންވާ މީހުންނަށް، ފަސޭހަ މަގަކުން ދެވޭނެގޮތް މެދުވެރިވާނެ. ހަމައެފަދައިން، އެކިއެކި ބަލިމީހުންނަށް އަވަސްގޮތެއްގައި މާލެއަށް ދާންޖެހިއްޖެ ނަމަވެސް، ވައިގެ މަގުން ދެވޭނެގޮތް އޮންނާނީ ތަނަވަސްވެފައި. އަޅުގަނޑަށްވެސް އެނގޭ، މިއަތޮޅު ކުޅުދުއްފުށީގައި ސަރަޙައްދީ ހަސްފަތާލެއް އެބަހުރިކަން. އެހެންނަމަވެސް، އެ ހަސްފަތާލު އެހުރީކީ އަދި އެންމެ އެދެވޭ ފެންވަރެއްގައެއް ނޫން. އެހެންވީމާ، ވަރަށްގިނަ ބަލިމީހުން އަދިވެސް ދާންޖެހެނީ މާލެއަށް. އެމަގުވެސް އިރާދަކުރެއްވިއްޔާ، މި ވައިގެ ބަނދަރު ހުޅުވުމުން، ކުރިޔަށްވުރެ މާބޮޑުތަން ފަސޭހަވެގެންދާނެ.
ދެން އެކިއެކި ބޮޑެތި އިޤްތިޞާދީ މަސައްކަތްތައް ކުރާ ފަރާތްތަކަށްވެސް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެ. އެއީ، ބޭނުންވާ ތަކެތި މިތަނަށް ގެނައުމާއި، މީހުން ގެންދިޔުމާއި، ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކު ގެންދިޔުމުގެ ވަސީލަތްތައް އޭރުން ފަހިވެފައި އޮންނާނެތީ. އެހެންވީމާ، ކޮންމެ ގޮތަކުން ބެލިކަމުގައިވިޔަސް، ވައިގެ ބަނދަރެއް ހުޅުވުމަކީ، ވަރަށްބޮޑު ކުރިއެރުމެއް.
އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، ހަނިމާދޫގައި މި ހުޅުވުނު ވައިގެ ބަނދަރުގެ ސަބަބުން މިއަތޮޅަށް ވަރަށްބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް. މިއަތޮޅު އެކަންޏެއް ނޫން. މިއަތޮޅަށާއި، ތިލަދުންމަތީ އުތުރުބުރިއަށާއި، ހއ. އަތޮޅަށާއި އަދި މިހިސާބުގަނޑުގެ އެހެން އަތޮޅުތަކަށްވެސް، މިއަތޮޅުގައި މި ހުޅުވުނު ވައިގެ ބަނދަރުގެ ސަބަބުން ވަރަށްބޮޑު ތަރައްޤީއެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.
އާދެ، އަޅުގަނޑު އެ އެއަރޕޯޓް ހުޅުވި ތާނގައި ދެއްކި ވާހަކައިގައިވެސް ބުނި ފަދައިން، އަޅުގަނޑުމެން ޖެހޭނެ، ވަރަށް ރަނގަޅަށް އެއަރޕޯޓް ބަލަހައްޓަން. އެއީ، ވަރަށްބޮޑު ޚަރަދުކޮށްގެން އެތަން ހަދާފައި އެހެރީ. އެހެންވީމާ، އެތާނގެ ޢިމާރާތްތަކާއި، އެހެނިހެން ވަސީލަތްތަކާއި، ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް އަޅުގަނޑުމެން ބަލަހައްޓައި ހަދައިގެން ނޫނީ، އެކަން ރަނގަޅަކަށް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން އަހަންމިއްޔަތުކަން ދޭންޖެހޭނެ. އެހެން މިދެންނެވީ، މަސައްކަތު މީހުންވެސް ބޭނުންވާނެ. އެހެން މުވައްޒަފުންވެސް ބޭނުންވާނެ. ސަރުކާރުން އެތަނެއްގައި އެ ކުރާ ކަމަކަށްވިއްޔާ އެންމެ ފުރަތަމަ އެތަނަކަށް ބޭނުންވާނެ އަބަދުވެސް މަސައްކަތު މީހުން. އެހެންވީމާ، އެ އެއަރޕޯޓަށް ބޭނުންވާ މަސައްކަތު މީހުންވެސް ސަރުކާރުން ބޭނުންވާނީ، ހަނިމާދޫން ލިބެން ތިބިއްޔާ، ހަނިމާދޫން ފުރަތަމަ. އެހެން ނޫނީވިއްޔާ، ދެން ހދ. އަތޮޅުގެ އެހެން ރަށްރަށުން. އެހެންވީމާ، އެކަންކަމަށް ކުރިމަތިލާން ކެރޭ މީހުން، ހިތްވަރާއެކު އެކަންކަން ކުރިޔަށް ގެންދާނެ މީހުން ތިބުމަކީ ޝައްކެއްނެތްގޮތުގައި، އެމީހުންނަށްވެސް ލިބޭނެ ވަރަށްބޮޑު ދިރުމަކަށްވާނެ. ވަޒީފާއެއް ލިބުނީމާ، ލިބޭ އާމްދަނީވެސް އޮންނާނެ. އަދި އެކިގޮތްގޮތުން ލިބޭ ފަސޭހަތައްވެސް ހުންނާނެ. އެހެންވީމާ، އެކަމަށްވެސް އަޅުގަނޑުމެން ޖެހޭނެ ވަރަށްބޮޑަށް ވިސްނަން.
ދެން ހަނިމާދުއާ ބެހޭގޮތުން ދަންނަވާލަން އޮތީ، ކުރިން އަޅުގަނޑު އައިއިރު، ދުށް މަންޒަރެއް ނޫނޭ މިހާރު ފެންނަމުން މިދަނީކީ. އެންމެ ފުރަތަމަ އަޅުގަނޑު ހދ. އަތޮޅަށް ކުރި ދަތުރުގައި، ހަނިމާދުއަށް އައި އައުމުގައި އަޅުގަނޑަށް ފެނިގެންދިޔައީ، މިރަށުގެ ވަރަށްގިނަ ގޭގެ، ފަނުން ހެދިފައި ހުރިތަން. މިހާރު ވަރަށްބޮޑު ބަދަލު އަތުވެއްޖެ. ވަރަށްގިނަ ތަންތަން މިހިރީ ރާނައި ޢިމާރާތްކޮށްފައި. އެހެންވީމާ، މިރަށަށްވެސް ވަރަށްބޮޑު ކުރިއެރުމެއް، މިދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި އަތުވެއްޖެ ކަމަށް އަޅުގަނޑު ދެކެން.
ހަމައެފަދައިން، މިރަށުގެ ރައްޔިތުން ތަރައްޤީއަށްޓަކައި ކުރައްވާ މަސައްކަތްތައްވެސް އެބަ ފެނޭ. މިހާރު އަޅުގަނޑުމެން މި މަކްތަބު، އާދެ، މަކްތަބަކީ، ކުރިއްސުރެ ހުރި ތަނެއް. ތަންކޮޅެއް އާދައިގެ ފެންވަރެއްގައި ހުރި ތަނެއް. ސަރުކާރުގެ ޚަރަދުގައި މިހާރު ހިޔާކުރެވިފައި މިހިރީ. މީގެއިތުރުން، މިތާނގައި ހަނިމާދޫގައި ސްކޫލެއް އެޅުމަށްވެސް ވަނީ ޚިޔާލުކުރެވިފައި. އެތަން (ބިންވެސް) އޮތީ ހަމަޖެހިފައި. ރުއްގަހަށް ބަދަލުދީވެސް ނިމިފައި. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އެ މަދަރުސާގެ މަސައްކަތްވެސް ފެށޭނެ. އަދި މިނޫނަސް، ކޮންމެވެސްވަރެއްގެ އެހީތަކެއް ސަރުކާރުން މިތަނަށް ލިބެމުންދޭ.
އެހެންނަމަވެސް، އެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އަދި ހަމަނުވާތީ، އެ މަސައްކަތް އަދި އޮތީ ނުފެށި. އިރާދަކުރެއްވިއްޔާ މުސްތަޤްބަލްގައި ފެށޭނެ. އަދި އެކަންތައް ކާމިޔާބުވުމުން، މިރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އަޅުގަނޑު އުންމީދު ކުރަން.
އާދެ، މިނޫނަސް ރާއްޖެތެރޭގެ ރައްޔިތުން ބޭނުންވާ، ވަރަށްގިނަ ކަންތައްތަކެއް ހުރޭ. އެކަންތައްތައް އަޅުގަނޑަށްވެސް އެނގޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ކަންތައް ކުރެވެން އޮންނާނީ ތަންކޮޅެއް ލަސްލަހުން. އެނގިވަޑައިގަންނަވާނެ، ރާއްޖެއަކީ މީސްކޮޅު މަދު ތަނަކަށްވިޔަސް، 200 ރަށް ރާއްޖޭގައި އޮވޭ. އެއިން ކޮންމެ ރަށަކަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަކީ، ސަރުކާރަށް އެއްފަހަރާ ކުރެވޭވަރުގެ ކަމަކަށްނުވޭ. ޚަރަދުގެ ގޮތުންވެސް އަދި މީހުންގެ ގޮތުންވެސް އަދި ސަރުކާރުގެ ޤާބިލިއްޔަތުގެ ގޮތުންވެސް. އެހެންވީމާ، ޕްރޮގްރާމެއް ހަދައިގެން، އެކިފަހަރު އެކި ތަންތަނަށް ކަންތައް ކޮށްދޭގޮތަށް ހަމަޖެހިފައި އޮންނަނީ. އެންމެ އަވަހަށް، އެންމެބޮޑަށް ބޭނުންވާ ކަންތައްތަކަށް އިސްކަންދޭ އުޞޫލެއް ހަމަޖައްސައިގެން، އެ އުޞޫލުގެ ދަށުން ކަންތައްތައް ކުރަމުން ގެންދަނީ. އެހެންވީމާ، ހަނިމާދުއަށް ސަރުކާރުން ލިބޭ އެހީ ނުވަތަ ޚިދުމަތްތައް ލިބުމުގައި ތަންކޮޅެއް ލަސްވިނަމަވެސް، އަޅުގަނޑު މި ދެންނެވި ނުކުތާއަށް ތިޔަބޭފުޅުން ވިސްނަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.
އާދެ، ސަރުކާރުން އަބަދުވެސް މި ބަލަނީ، ރާއްޖެތެރެއަށް ވެވުނުހާ އެހީއެއް ވެދެވޭތޯ. ރާއްޖެތެރޭގެ ރައްޔިތުންގެ ދިރިއުޅުން ތަރައްޤީކުރުމަށް ކުރެވެންއޮތްހާ މަސައްކަތެއް ކުރުމުގައި، ސަރުކާރުން ވެދެވެން އޮތް ހުރިހާ އެހީއެއް ވެދެވޭތޯ. ރައްޔިތުން ޖެހޭނެ، އެމަސައްކަތްތައް ކުރައްވަން. ރައްޔިތުން އެ ކުރައްވާ މަސައްކަތުގެ ފައިދާ ލިބޭނީ ހަމަ ރައްޔިތުންނަށް. މީހަކު ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތުން ލިބޭ އާމްދަނީ އެ ލިބެނީ އެމީހަކަށް. އެއިން ތަނަވަސްކަން ލިބެނީ އެމީހަކަށާއި، އެމީހެއްގެ ޢާއިލާއަށް.
އެހެންވީމާ، އެއީ އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނަންޖެހޭނެ ތަންކޮޅަކީ. އަޅުގަނޑުމެން ކުރާ މަސައްކަތަކީ ކޮންމެކަހަލަ މަސައްކަތެއް ކަމުގައިވިޔަސް. އެއީ، މަސްވެރިކަން ކަމުގައިވިޔަސް، ނުވަތަ އެނޫން މަސައްކަތެއް ކަމުގައިވިޔަސް، އެމަސައްކަތެއް އަޅުގަނޑުމެން ޖެހޭނެ، ވީހާ ރަނގަޅަކަށް ކުރެވޭތޯ ބަލަން. އަދި ވީހާގިނަ ވަގުތު މަސައްކަތުގައި ހޭދަކޮށްގެން، އަޅުގަނޑުމެންނަށް ލިބޭ ލާރި އިތުރުކުރެވޭތޯ ބަލަންޖެހޭނެ. އެއިން އަޅުގަނޑުމެން ކުރަންޖެހޭ ކިތަންމެ ކަމެއް ކުރެވޭނެ. އާދެ، އަޅުގަނޑުމެންގެ ކުއްޖަކު ބަލިވިޔަސް، ނުވަތަ ކުދިން ސްކޫލަށް ފޮނުވަންވިޔަސް، އަދި ގެދޮރުހަދަން ބޭނުންވިޔަސް، ކޮންމެ ކަމެއް ކުރަންވިޔަސް، އަޅުގަނޑުމެން ފައިސާ ބޭނުންވޭ. އެފައިސާ ލިބޭނީ އަޅުގަނޑުމެން އަމިއްލައަށް ކުރާ މަސައްކަތަކުން. އެހެންވީމާ، މިރަށުގެ ރައްޔިތުންވެސް މިކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން، ރައްޔިތުން ކުރާ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވުން އަޅުގަނޑު އެދެން.
ހަމަ އެއާއެކުގައި، ދެންމެ އަތޮޅުވެރިން އިޝާރާތް ކުރެއްވި ފަދައިން، އަޅުގަނޑަށްވެސް ދަންނަވަންޖެހެނީ، ރައްޔިތުންގެ މެދުގައި އެކުވެރިކަން އޮތުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް. ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ނެތްނަމަ، ރައްޔިތުން ކުރާ އެއްވެސް މަސައްކަތެއްގެ ފައިދާއެއް ނުފެންނާނެ. ކިތަންމެ ބޮޑު މަސައްކަތެއް ކުރި ނަމަވެސް، އޭގެ ފައިދާ ފެންނާނީ، އެކަންތައް ކުރަން އުޅޭ ބައެއްގެ މެދުގައި އެކުވެރިކަން އޮވެގެން. އެހެންވީމާ، ފުރަތަމަ، ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އޮންނަންޖެހޭނެ. ރައްޔިތުންނާއި ވެރިންނާ ދޭތެރޭގައި އެކުވެރިކަން އޮންނަންޖެހޭނެ. އަދި އަތޮޅުގެ ހުރިހާ އެންމެންގެ މެދުގައިވެސް، އެކުވެރިކަން އޮންނަންޖެހޭނެ. ޢާންމުކޮށް ދަންނަވަންޏާ، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މެދުގައިވެސް އެކުވެރިކަން އޮންނަންވާނެ. އެއްވެސްކަހަލަ ދެކޮޅުވެރިކަމެއް އޮވެގެނެއް ނުވާނެ. އެއީ، އެކަހަލަ ދެކޮޅުވެރިކަން ނުވަތަ ފިތުނަތައް ރައްޔިތުންގެ މެދުގައި އުފެދޭ ކަމަށްވަންޏާ، ވަރަށް ބޮޑެތި ނުރައްކާތަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހިދާނެ.
އެހެންވީމާ، އަޅުގަނޑު އެދެން، ހަނިމާދޫގެ ރައްޔިތުންވެސް މިނުކުތާއަށް ވަރަށްބޮޑަށް ސަމާލުވެ ތިއްބަވަން. ތިޔަބޭފުޅުންގެ މެދުގައި އެއްވެސްކަހަލަ ދެކޮޅުވެރިކަމެއް އުފެދުނަ ނުދެއްވަން. ހުރިހާ އެންމެންވެސް މަސައްކަތްކޮށްގެން، އެންމެންވެސް އެކުވެރި ބަޔަކަށްވެވޭތޯ ބަލަން. އެންމެން އެކުވެރިވެގެން، އެކަތިގަނޑަކަށްވެގެން އަޅުގަނޑުމެންނަށް ތަރައްޤީގެ މަގުގައި ކުރިޔަށްދެވޭނީ. اللهُ سُبْحَانَهُ وَتَعَالَى އަންގަވަނީވެސް އެހެން. "إِنَّمَا الْمُؤْمِنُونَ إِخْوَةٌ." "ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކޭ." އެއީ، އަޅުގަނޑުމެންގެ އެންމެ މަތިވެރި ޤާނޫނު. ކީރިތި ޤުރްއާނުގެ ޤާނޫނު. މާތްވެގެންވާ އިސްލާމްދީނުގެ ޤާނޫނު. އެ ޤާނޫނުގައި އަންގަވާފައިވާ ގޮތަށް އަޅުގަނޑުމެން ޢަމަލުކުރަންވާނީ. އަޅުގަނޑުމެންނަކީ، އެއްބަނޑުއެއްބަފާ ބައެއް.
އެހެންވީމާ، އެއީ އެންމެ ފުރަތަމަ އަޅުގަނޑުމެން ދަންނަންވީ އުޞޫލަކީ. އެންމެ ފުރަތަމަ ޤަބޫލުކުރަންވީ އުޞޫލަކީ. އެންމެންނަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ތިބެގެން، އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްކުރުމަށް ކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވާނެ. އޭގެ ފައިދާ ވަރަށް އަވަހަށް އަޅުގަނޑުމެންނަށް ފެނިގެންދާނެ.
އާދެ، މިއަދުގެ ޕްރޮގްރާމް ހަމަޖެހިފައިވާ ގޮތުން، މާގިނައިރު މިތާ އަޅުގަނޑަށް ހުރެވޭކަށް ނެތް. އެހެންނަމަވެސް، އަދިވެސް އެއްފަހަރު، ހަނިމާދޫގެ ރައްޔިތުންނަށް މަރްޙަބާ ދަންނަވަން. އާދެ، އަޅުގަނޑަށް މިރަށަށް އާދެވުނީތީ ވަރަށް އުފާކޮށް، އަޅުގަނޑާ އަޅުގަނޑުގެ އަންހެނުންނަށް ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި މިރަށުގެ ވެރިންނަށާއި، ރަށުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެފަދައިން، އަޅުގަނޑުމެންނާ ބައްދަލުކުރެއްވުމަށްޓަކައި މިތަނަށް ވަޑައިގެން ތިއްބެވި ހދ. އަތޮޅުގެ ރަށްރަށުގެ ވެރިންނަށާއި، އިސްބޭފުޅުންނަށްވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ވަކިން ޚާއްޞަކޮށް، ހދ.އަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް އަޙްމަދު ސަމީރަށްވެސް އުފަލާއެކު ޝުކުރު ދަންނަވަން.
އާދެ، އެއަށްފަހު އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑުމެން އެންމެންނަށް اللهُ سُبْحَانَهُ وَتَعَالَى މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްދެއްވުން އެދި ދުޢާކުރަމުން، ދިވެހިރާއްޖެއަށް ހުރިހާ ގޮތަކުންވެސް ތަނަވަސް، ބާއްޖަވެރި މުސްތަޤްބަލެއް ދެއްކެވުން އެދި އެކަލާނގެ ޙަޟްރަތަށް ދަންނަވަމުން.
والسّــلام عليــكم ورحـمــة اللّـه وبـركاتـه.