بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى سَيِدِالأنبياء والمرسلين، وعلـى آلـه وَصَحْبِـهِ أجمـعـين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

1992 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ކުރިފުޅުމައްޗަށް އައުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ޝަރަފެއް. އަދި އުފަލެއް. މިބަޖެޓަކީ އަޅުގަނޑު ސަރުކާރު ހިންގުމާ ޙަވާލުވިފަހުން ހުށަހަޅާ 14 ވަނަ އަހަރީ ބަޖެޓް. ބަޖެޓާބެހޭ ބަޔާނެއް ދިނުމުގައި، ދުނިޔޭގެ އެހެން ޤައުމުތަކެކޭވެސް އެއްފަދައިން، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ހާމަކޮށްދީ، މާލީ ކަންތައްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުވައިދިނުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރަން. މިފުރުޞަތުގައި އަޅުގަނޑަށް ޚާއްޞަ ހިތްހަމަޖެހުމެއް ލިބެނީ، ވޭތުވެދިޔަ އަހަރުތަކުގައި، ދިވެހި ރައްޔިތުން ކުރި ބުރަ މަސައްކަތުންނާއި، އިޤްތިޞާދީ ގޮތުން ސަރުކާރުން ގެންގުޅުނު ހުޅުވާލެވިފައިވާ ސިޔާސަތެއްގެ ސަބަބުން، ޤައުމުގެ އިޤްތިޞާދީ ތަރައްޤީ ހުއްޓުމެއްނެތި ކުރިއަށް ގޮސްފައިވާތީ.

ތަރައްޤީއަކީ، ޞުލްޙައިގެ މައްޗަށް ބިނާވެފައިވާ ކަމެއް. އެއްވެސް ތަނެއްގައި ޞުލްޙަވެރިކަމާއި އަމާންކަން ނެތިއްޖެނަމަ، އެތަނެއްގެ ތަރައްޤީ މުޅިން ހުއްޓިގެން ހިނގައިދާނެ. މާތްﷲގެ ރަޙްމަތްފުޅުން، އަޅުގަނޑުމެންނަކީ މިރޮނގުން ވަރަށް ނަޞީބުގަދަ ބައެއް. އަޅުގަނޑުމެންގެ ތެރޭގައި ވަނީ، އިސްލާމީ އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމާއި، ޞުލްޙަވެރިކަމާއި، އަމާންކަން. އެހެންކަމުން، އަޅުގަނޑުމެންގެ ތަރައްޤީ އެކަށީގެންވާ ހަލުވިކަމާއެކު ކުރިއަށްގެންދިޔުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް އިރާދަކުރެއްވީތީ ލިބެމުން އެބަދޭ.

ނަމަވެސް، އަޅުގަނޑުމެންގެ ރާއްޖެއަކީ ކުޑަ ޤައުމަކަށްވެފައި، ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް ބިނާކުރެވިފައިވަނީ ބޭރާ ގުޅިގެން ކަމަށްވާތީ، އަޅުގަނޑުމެންނަށް މުސްތަޤްބަލުގައި ކުރިމަތިވެދާނެ މައްސަލަތަކަކީ، މިހާރު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ މައްސަލަތަކަށްވުރެ ދަތި މައްސަލަތަކަކަށް ވުމަކީ އެކަށީގެންވާ ކަމެއް.

1980ގެ އަހަރުތަކުގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގެ މިންވަރު ވަނީ ސަތޭއަކުން 10 ގައި ހިފެހެއްޓިފައި. އަޅުގަނޑުމެންގެ އިޤްތިޞާދީ އެންމެބޮޑު ދެ ވަސީލަތަކީ، މަސްވެރިކަމާއި ޓޫރިޒަމް. މަސްވެރިކަމަކީ، އަޅުގަނޑުމެންގެ އިޤްތިޞާދު އެހެން އަތަކަށް އަނބުރާނުލެވޭފަދަ ގޮތެއްގައި، އަޅުގަނޑުމެންގެ ރާއްޖޭގެ މީހުންގެ ދިރިއުޅުމާއި އަދި ދިރިތިބުމާ ލާމެހިފައިވާ ކަމެއް. މަސްވެރިކަން ކުރިއަށްގެންދިޔުމުގައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުކަމުގައިވިޔަސް، އަޅުގަނޑުމެން އާދައިގައި ކޮށްއުޅޭ މަސްވެރިކަމުގައި ވަކިވަރެއް ވުމަށްފަހު، މާބޮޑަށް ކުރިއަށް ނުގެންދެވޭގޮތް ވުމަކީ އެކަށީގެންވާ ކަމެއް. ވީމާ، އަޅުގަނޑުމެންނަށް ޖެހެނީ، ދެން މަސްވެރިކަމުގައި ކުރިއަށްދެވެން އޮތީ ކޮންގޮތަކަށްތޯ ބަލަން. ޢިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އަދި ބައެއް އެކުވެރި ޤައުމުތަކުގެ އެހީ ލިބިގެން، މަސްވެރިކަމުގެ މަޝްރޫޢުތަކެއް ހިންގުމުގައި ވަރަށް ބޮޑެތި ޚަރަދުތަކެއް މިހާރުވަނީ ކުރެވިފައި. ރާއްޖޭގެ މީހުން ބާނާ މަސް ގަނެ، ފިނިކޮށް، އަދި ދަޅުގައި ބަންދުކޮށްގެންވެސް ބޭރުކުރެވެމުންދޭ. ރާއްޖެއިން ބޭރުކުރެވުނު، ކަނޑުގައި އުފެދޭ ތަކެތީގެ ހިސާބު ދައްކާގޮތުން، 1985 ގައި ބޭރުކުރެވުނު މަހުގެ ބާވަތްތަކަށް ޖެހެނީ، 15.5 މިލިއަން އެމެރިކާ ޑޮލަރު. 1988 ގައި މަސް ބޭރުކޮށްގެން 30 މިލިއަން ޑޮލަރު ލިބުނު. އަދި މިޢަދަދު މިހާރުވަނީ 38 މިލިއަން ޑޮލަރަށް އަރާފައި. މަހަށް ލިބޭ އެއްޗެއް އިތުރުވެފައިވަނީ، ހަމައެކަނި މަސް ބޭރުކުރެވޭ ޢަދަދު މަތިވެގެންނެއް ނޫން. ދަޅުގައި މަސް ބަންދުކުރުމާއި، އަދި މަހުގެ ފެންވަރު ރަނގަޅުކުރުމުގެ ސަބަބުންވެސްމެ.

މަސްވެރިކަމުގެ ދާއިރާއަކީ، ރާއްޖޭގެ އެންމެގިނަ މީހުން މަސައްކަތްކުރާ ދާއިރާ. އަދި ލިބޭ އެއްޗެއް އެންމެ ބޮޑަށް ރައްޔިތުންގެ މެދުގައި ބެހިގެންދާ ދާއިރާއަކީވެސް ހަމަ އެއީ. ނަމަވެސް، ފަހަކަށްއައިސް މަސްވެރިކަމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން، ކުރިއަށްވުރެ، މަސްވެރިކަމުގައި މަސައްކަތްކުރާ މީހުންގެ ޢަދަދު މިހާރުވަނީ މަދުވެފައި. އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މަސްވެރިކަމުގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގިފައިވިޔަސް، މަސްވެރިކަން އިތުރަށް ތަރައްޤީކުރުމުގައި އިތުރު މަޝްރޫޢުތަކެއް މިހާރުވަނީ ހިންގަންޖެހިފައި. މަސްވެރިކަން ކުރުމުގެ އާގޮތްތައް ތަޢާރުފްކޮށް، ރާއްޖޭގެ ތަފާތު ހިސާބުތަކުގައި މަސްއެއްކޮށް، ފިނިކޮށް، ބޭރުކުރެވޭނޭގޮތް ހޯދުމަށްޓަކައި ސަރުކާރުން މިހާރުދަނީ މަޝްރޫޢެއް ރާވަމުން. މިމަޝްރޫޢުގައި ޤަޞްދުކުރެވިފައި ވަނީ، ބޯޓުފަހަރުގައި މަސް ފިނިކޮށް ބެހެއްޓުމުގެ އިތުރަށް، އެއްގަމުގައި މަސްފިނިކޮށް ބެހެއްޓުމުގެ އިންތިޒާމުވެސް ހަމަޖެއްސުމަށް. މިކަމަށްޓަކައި، ކުރީގައި ހިންގިފައިވާ މަސްވެރިކަމުގެ މަޝްރޫޢުތަކަށްވުރެ މިމަޝްރޫޢުގެ ޚަރަދުބޮޑުވާނެ.

އެންމެ ގިނައިން ރާއްޖެއަށް މިހާރު ބޭރުފައިސާ ލިބޭ އެއް ވަސީލަތަކީ ޓޫރިޒަމް. ޓޫރިޒަމް ކުރިއަށްގެންދިޔުމުގައި މިހާތަނަށް ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތަކީ، ޤައުމުގެ މުޅި އިޤްތިޞާދާއި ޘަޤާފަތާއި މާޙައުލަށް ބަލައިގެން ކުރިއަށްގެންދިޔުމުގެ ސިޔާސަތު. އެހެން ހަދަންޖެހޭ ކިތަންމެ ސަބަބުތަކެއް އެބަހުރި. ޓޫރިޒަމަށް ދުނިޔޭގެ އެތަންމިތާނގައި އަންނަ ކުއްލި ބަދަލުތަކުގެ މައްޗަށް ވިސްނަންޖެހޭ. ޚާއްޞަކޮށް، ޓޫރިސްޓުން އަންނަ ތަންތާނގައި ހިނގާ ހަމަނުޖެހުންތަކާއި، ކައިރި ޤައުމުތަކުގެ ހަމަނުޖެހުންތަކުގެ ސަބަބުން، ޓޫރިސްޓުން އައުމަށް ދިމާވާ ދަތިތަކާމެދުވެސް ޚިޔާލުކުރަންޖެހޭ. މިއަހަރުގެ ކުރީކޮޅު ޤަލްފުގައި ހިނގި ހަނގުރާމައާ ގުޅިގެން، ރާއްޖެއަށް އައި ޓޫރިސްޓުން މަދުވުމުގެ ސަބަބުން، ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއަށް އަހަރުން އަހަރަށް އިތުރުވާބައި މިއަހަރު ވަރަށްބޮޑުތަން މަދުވެގެން ހިނގައްޖެ. އެހެންކަމުން، ރާއްޖޭގައި ޓޫރިޒަމްގެ ދާއިރާ މިހާރަށްވުރެ ފުޅާކުރިކަމުގައިވިޔަސް، ރިޒޯޓްތަކުގައި ދެވޭ ޚިދުމަތް އިތުރުކޮށްގެންނާއި، ކުރިއްސުރެ ޚިޔާލުކުރެވެމުން އައިސްފައިވާގޮތަށް، ހުރިހާ ރިޒޯޓްތަކެއް ހަމަހަމަވާގޮތެއްގައި، އެތަންތަނުން ސަރުކާރަށް ލިބެންވީ އެއްޗެއް ހޯދައިގެންވެސް މިހާރަށްވުރެ ޓޫރިޒަމުން ލިބޭ އެއްޗެއްވަނީ އިތުރުކުރަންޖެހިފައި.

ރާއްޖޭގެ ޚިދުމަތުގެ ދާއިރާއަކީވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަންދޭންވެއްޖެ ދާއިރާއެއް. މި ދާއިރާ މިހާރަށްވުރެ ބޮޑަށް ފުޅާކުރުމުގެ ޖާގަ އަޅުގަނޑުމެންނަށް އެބައޮތް. މިހާރުވެސް ޤައުމުގެ މުޅި ދާޚިލީ އުފެއްދުމުގެ ސަތޭކައަކުން 17 ޙިއްޞާކުރަނީ މިބައިން. ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ބޮޑުކޮށް ފުރިހަމަކުރުމުންނާއި، ބައިނަލްއަޤްވާމީ މުވާޞަލާތުގެ ދާއިރާ ފުޅާކޮށްގެން، ވިޔަފާރިއާއި ބޭންކްގެ ޚިދްމަތް އިތުރުކުރުމުގެ ފުރުޞަތު ވަރަށްބޮޑު. އަދި ވިޔަފާރި ބަނދަރު ތަރައްޤީކުރުން ވާނީ، މިޚިދުމަތް އިތުރަށް ކުރިއެރުވުމަށް ލިބޭ ވަރަށްބޮޑު ބާރަކަށް.

މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެމްބަރުން؛

ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ ރާއްޖޭގެ ފުދުންތެރިކަމުގެ މައްޗަށް ރިޢާޔަތްކުރުމާއެކު، އަވަސްގޮތެއްގައި ކުރިއަށް ގެންދެވޭތޯ. މިގޮތުން، އެންމެ ކުރިއްސުރެ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތެއް ދެމުން މިއަންނަނީ ތަޢުލީމަށް. މާލޭގައި ކިޔަވާނެ ފުރުޞަތު ނުލިބިފައި ތިބި ކުދިން އޭރު ވަރަށްގިނަ. އަދި ރާއްޖެތެރޭގައި ތަޢުލީމުގެ ކަންތައް އޮތީ މުޅިންހެން ވަޅުޖަހާފައި. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެން މިދަނީ، ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ފަށާ ތަޢުލީމު ޙާޞިލްކުރެވޭނޭ ޖާގަ ހޯދައިދެމުން. އަދި މަތީ ސްކޫލްތަކުގެ ފެންވަރަށް ކިޔަވަން ޖާގަ ލިބޭނެގޮތް ހަދައިދިނުމުގެ މަސައްކަތްވެސް ކުރަމުން. ޝައްކެއްނެތް، އަޅުގަނޑުމެންގެ ތެރޭގައި އެކަށީގެންވާ ތަޢުލީމު ޙާޞިލްކޮށްގެން ތިބި މީހުން ގިނަވުމަކީ، ދުނިޔެއަށް އަންނަ އިޤްތިޞާދީ އަދި އިޖްތިމާޢީ ބަދަލުތަކަށް އިޖާބަދީ، ފަސޭހަކަމާއެކު ކަންތައްތައް ގެންދާނެގޮތް ހޯދައިގަތުމުގައި، ވަރަށްމަތީ ދަރަޖައަކަށް އެހީވެދޭނޭ ކަމެއް.

ނަމަވެސް، މި މައްސަލައިގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް އެބައޮތް. އެއީ، ތަޢުލީމާބެހޭ ކަންތައްތައް ފުރިހަމަކުރުމުގައި އަޅުގަނޑުމެން އުފުލަންޖެހޭ ބުރަ. މިހާރު ގިނަ ޢަދަދަކަށް މުދައްރިސުން ތަމްރީނު ކުރެވެމުންދިޔަކަމުގައިވިޔަސް، އަދިވެސް ރާއްޖެއަށް ބޭނުންވާވަރަށްވުރެ ތަމްރީނު ލިބިފައިވާ މުދައްރިސުން މާމަދު. އެހެންކަމުން، މި އުނިކަން ފޫބެއްދުމުގައި ބޭރުގެ މުދައްރިސުންވެސް އެއްއަހަރުން އަނެއްއަހަރަށް އޮންނަނީ އިތުރުކުރަންޖެހިފައި. މިކަމުގެ ސަބަބުންނާއި، އަދި އަބަދުވެސް އިތުރަށް މަދަރުސާތައް ހަދަންޖެހުމުގެ ސަބަބުން، އެހެން ކަންތައްތަކެކޭވެސް އެއްފަދައިން، ތަޢުލީމަށް ކުރަންޖެހޭ ޚަރަދުތައްވެސް ދަނީ އެއްއަހަރުން އަނެއްއަހަރަށް މަތިވަމުން. މިއަދު ބަޖެޓްގައި މިފަދަ ޚަރަދުތައް އަޅުގަނޑުމެން ހިމަނަންޖެހެނީ، ކުރިން ބައިނަލްއަޤްވާމީ އޭޖެންސީތަކުންނާއި، އެކުވެރި ބައެއް ޤައުމުތަކުން ދެމުންދިޔަ އެހީވެސް މިހާރު މަދުވެގެން ގޮސްފައިވާތީ. ވީމާ، އިތުރު އާމްދަނީ ހޯދޭނެގޮތް ތަނަވަސްކޮށްގެން ނޫނީ، ތަޢުލީމުގެ ދާއިރާއަކީވެސް، އަޅުގަނޑުމެންގެ ފުރިހަމަ މަޤްޞަދު ޙާޞިލްކުރެވޭނެ ދާއިރާއެއް ނޫން.

ޞިއްޙީ ދާއިރާއަށް ބަލައިލާއިރުވެސް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ބަދަލުތަކެއް އަތުވެއްޖެ. މިގޮތުން، ގައިންގަޔަށް އަރާ ބަލިތަކާއި، އެކިއެކި ރޯގާތައް، ރާއްޖޭގައި ކުރިއަށްވުރެ މިހާރުވަނީ ވަރަށްބޮޑުތަން މަދުވެފައި ކަމުގައިވިޔަސް، ޞިއްޙީ ދާއިރާގައި މިހާރުވެސް ކުރަންހުރި ކަންތައްތައް ވަރަށްގިނަ. މިގޮތުން، އަޅުގަނޑުމެން ހިންގާ ޞިއްޙީ ޕްރޮގްރާމްތަކުގެ ފެންވަރުވަނީ މަތިކުރަން ޖެހިފައި. ޚާއްޞަކޮށް، އަތޮޅުތަކަށް ޑޮކްޓަރުންނާއި، ތަމްރީނު ލިބިފައިވާ ޞިއްޙީ އެހީތެރިންނާއި، ބޭސްވަނީ ބޭނުންވެފައި. މާލޭގައި އަލަށް އެޅޭ ހޮސްޕިޓަލް ޢިމާރާތްކުރުމަށާއި، ރާއްޖެތެރޭގައި ހެދެމުންދާ ޞިއްޙީ މަރުކަޒުތައް ހެދުމަށާއި، އަދި މިހާރު ހުރި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި ދެވޭ ޚިދުމަތްތައް އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ޚަރަދު އެއީ، ބަޖެޓްގެ ވަރަށްބޮޑު ބަޔަކަށްވަނީ ވެފައި. އަޅުގަނޑުމެންނަށް އެންމެބޮޑު މައްސަލައަކަށްވާނީ، މާލިއްޔަތު ހޯދުމާއި، ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ހޯދުމާއި، އެމީހުން ތަމްރީނުކުރުން. މިދާއިރާއަކީ، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އެހީ ލިބޭ ދާއިރާއެއް ކަމުގައިވިޔަސް، މިހާރު ފުޅާވަމުންދާ ޚިދުމަތްތަކަށް އިތުރު ފައިސާ ބޭނުންވޭ. އަދި މިހާރު ދުނިޔެއަށް ވަރަށް ބާރަށް ފެތުރެމުންމިދާ އެއިޑްސް ބަލީގެ ނުރައްކާ އެއީވެސް އަޅުގަނޑުމެން މިކަމާ ދޭތެރޭގައި ވަރަށް ބޮޑަށް މިހާރު ސަމާލުވާން ޖެހިފައިވާ ކަމެއް. ރާއްޖޭގައިވެސް އެޗް.އައި.ވީ. ޕޮޒިޓިވް މީހަކު މިހާރުވަނީ ފެނިފައި. އެހެންކަމުން، މި ނުރައްކާތެރި ބަލިން ރާއްޖޭގެ ރައްޔިތުން ޙިމާޔަތްކޮށް ދިފާޢުކުރުމަށްޓަކައި ސަރުކާރުން ހިންގަންޖެހޭ ޕްރޮގްރާމްތައްވެސް މިހާރު އެބަހުރި. މިކަމަށްވެސް އިތުރު ފައިސާ ބޭނުންވާނެ.

ބޯފެނަކީ، މާލެއަށް ދިމާވެފައިވާ އެންމެބޮޑު އެއްމައްސަލަ. ލޮނުން ފެންހަދާ މެޝިންތަކެއް ހުރި ނަމަވެސް، މާލެއަށް ބޭނުންވާ ހުރިހާ ފެނެއް ނުއުފެއްދޭ. މާލޭގެ ބިމުގައިވާ ފެން ލޮނުވަމުން ގޮސް، މުޅި މާލޭގެ ފެން މިހާރު މިވަނީ ލޮނުވާ ހިސާބަށް ގޮސްފައި. ހަމައެއާއެކު، މާލޭގައި ހުރި ގަސްގަހާގެއްސަށް އޭގެ ނޭދެވޭ އަސަރު އެބަކުރޭ. މިކަމުގައި އޮތް އެންމެ ރަނގަޅު ޙައްލަކީ ކޮބައިތޯ، ސަރުކާރުން މިގެންދަނީ ވަރަށް ބޮޑަށް ވިސްނަމުން. ކުރެވެން އޮތް ކަމެއް ކުރަމުން. ރާއްޖެތެރޭގައިވެސް ބޯފެންތާނގީ ހަދައިދިނުމުގެ ކަންތައް ކުރިއަށް އެބަ ގެންދެވޭ.

ރާއްޖެތެރޭގައި މިހާތަނަށް 133 ރަށެއްގައި، 2583 ބޯފެންތާނގީ ހަދައިދެވިއްޖެ. އެތާނގީތަކުގެ ބޮޑުމިނަކީ 16041 ކޮޑިމީޓަރު. އަދި ކުރިއަށް އޮތް ތާނގައިވެސް، ރާއްޖެތެރޭގެ މީހުންއުޅޭ ރަށްރަށުގައި އިތުރު ފެންތާނގީތައް ހަދައިދިނުމަށް ވަނީ ހަމަޖެހިފައި.

މިގޮތުން، 1992 ވަނަ އަހަރުވެސް ގާތްގަނޑަކަށް ހާހެއްހާ ފެންތާނގީ ރާއްޖެތެރޭގެ ރަށްރަށުގައި ހަދައިދިނުމަށް ރޭވިފައިވޭ.

ސަރުކާރުގެ ބަޖެޓަކީ، ޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ޚަރަދުތައް އަންގައިދޭ ހިސާބެއް. ތަނުގެ އިޤްތިޞާދީ ކުރިއެރުމަށާއި، އިޖުތިމާޢީ ތަރައްޤީއަށާއި، ޤައުމު ދިފާޢުކުރުމަށާއި، އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ޚަރަދުތަކެއް ކުރަންޖެހޭ.

1990 ވަނަ އަހަރަކީވެސް ރާއްޖޭގެ އިޤްތިޞާދިއްޔަތު އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށްދިޔަ އަހަރެއް. އުފެއްދުންތެރިކަމުގެ މިންވަރު، އެ އަހަރުވެސް ސަތޭކައަކުން 10 އަށް އިތުރުވެފައިވޭ. ޓޫރިސްޓުން އައި ޢަދަދު، ކުރީ އަހަރަށްވުރެ، އާދެ! 1989 ވަނަ އަހަރަށްވުރެ، 1990 ވަނަ އަހަރު ވަނީ ސަތޭކައަކުން 23 އިތުރުވެފައި. ޓޫރިޒަމުން ސަރުކާރަށް ލިބުނު އެއްޗެއްވެސް ވަނީ ވަރަށްބޮޑުތަން އިތުރުވެފައި. މަސްވެރިކަމަށް ބަލާއިރު، ކުރީ އަހަރަށްވުރެ ފައިސާއިން ވަނީ ސަތޭކައަކުން 9 އިތުރުވެފައި.

ދެން އަޅުގަނޑު މި ދަންނަވާލަނީ، 1990 ވަނަ އަހަރުގެ ހިނގާ ނިމުނު ބަޖެޓާބެހޭ ބައެއް މަޢުލޫމާތު.

ވޭތުވެދިޔަ އަހަރު، އާދެ! 1990 ވަނަ އަހަރު ދައުލަތަށް ލިބުނު އެއްޗަކާއި ހިނގި ޚަރަދުގެ ހިސާބު، ތިޔަ ޢިއްޒަތްތެރި މެމްބަރުންނަށް މިހާރު ލިބިވަޑައިގެންފައިވާ ކަރުދާސްތަކުގައި ބަޔާންކުރެވިފައިވާނެ. މިހިސާބުތައް ދައްކާގޮތުން، 1990 ވަނަ އަހަރު ސަރުކާރުން ހިނގި ޚަރަދުގެ މުޅި ޖުމްލައަކީ، 778.6 މިލިއަން ރުފިޔާ. 1990 ވަނަ އަހަރުގެ ޖުމްލަ ޚަރަދު، ކުރީ އަހަރުގެ ޖުމްލަ ޚަރަދަށްވުރެ ސަތޭކައަކުން 19 ވަނީ އިތުރުވެފައި. 1990 ވަނަ އަހަރު، އެކިގޮތްގޮތުން ސަރުކާރަށް ލިބިފައިވަނީ ޖުމްލަ 702.3 މިލިއަން ރުފިޔާ. އެއީ، ކުރީ އަހަރު ލިބިފައިވާ ވަރަށްވުރެ، ސަތޭކައަކުން 4 ގިނަ ޢަދަދެއް. ނަމަވެސް، ވޭތުވެދިޔަ 3 އަހަރާ ޚިލާފަށް، 1990 ވަނަ އަހަރުގެ ހިސާބުތައް ދައްކާގޮތުން، އެ އަހަރު ލިބުނު އެއްޗަކަށްވުރެ އިތުރަށް، 76.3 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވޭ. ވީމާ، 1990 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅިއިރު، ބަޖެޓް ޑެފިސިޓްވާނެ ކަމަށް އަންދާޒާ ކުރެވިފައިވަނީ، 96.3 މިލިއަން ރުފިޔާ ކަމުގައިވިޔަސް، އަހަރު ނިމުނުއިރު ދެއްކީ އެއަށްވުރެ ކުޑަ ޑެފިސިޓެއް.

1990 ވަނަ އަހަރު ސަރުކާރަށް ލިބުނު އާމްދަނީ، އެއްތަނަކުން އެންމެ ގިނައިން ލިބިފައިވަނީ، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން، ކަސްޓަމުން. އެތަނުން ލިބިފައިވަނީ 163.1 މިލިއަން ރުފިޔާ. އެއީ، އެ އަހަރު ލިބުނު އެއްޗެއްގެ ސަތޭކައަކުން 23.

ޓޫރިޒަމް ޓެކްސްގެ ގޮތުގައި، 1990 ވަނަ އަހަރު ލިބިފައިވަނީ 95.1 މިލިއަން ރުފިޔާ. އެއީ، ކުރީ އަހަރު ލިބުނު ޢަދަދަށްވުރެ، ސަތޭކައަކުން 21 ގިނަ ޢަދަދެއް. އެއީ، ޖުމްލަކޮށް ސަރުކާރަށް ލިބުނު އެއްޗެއްގެ ސަތޭކައަކުން 13.6. އަޅުގަނޑު މިދަންނަވާ މަޢުލޫމާތު، ބަޖެޓް މަޢުލޫމާތު، ކަރުދާސް ނަންބަރު 3 ގައި ވާނެ.

ސަރުކާރުގެ ރިޒޯޓްތަކާއި އަމިއްލަ ފަރާތްތަކުގެ ރިޒޯޓްތަކުގެ ބިމުގެ ކުއްޔަށް 1990 ގައި ލިބިފައިވަނީ 42.2 މިލިއަން ރުފިޔާ. އެއީ ކުރީ އަހަރު ލިބުނުވަރަށްވުރެ، ސަތޭކައަކުން 26 މަތީ ޢަދަދެއް. މަތިންދާބޯޓު ޖެއްސުމަށާއި، އަދި އެއަށްދެވޭ ޚިދުމަތަށް ލިބިފައިވަނީ 18.6 މިލިއަން ރުފިޔާ. އެއީ ކުރީ އަހަރު ލިބުނުވަރަށްވުރެ، ސަތޭކައަކުން 10 ގިނަ ޢަދަދެއް.

ސަރުކާރުގެ ވިޔަފާރި ހިންގާ ތަންތަނުގެ ތެރެއިން، އެންމެބޮޑު ފައިދާއެއް ދައްކާފައިވަނީ، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން 35 މިލިއަން ރުފިޔާ. އެއީ، 1989 ވަނަ އަހަރު އެތަނުން ދެއްކެވިވަރަށްވުރެ، ސަތޭކައަކުން 15.5 ގިނަ ޢަދަދެއް. މި މަޢުލޫމާތުތައް، ބަޖެޓް މަޢުލޫމާތު ކަރުދާސް ނަންބަރު 6 ގައި ވާނެ.

ބޭރުގެ އެހީ، ފައިސާއިންނާއި ކާބޯތަކެތީގެ ގޮތުން ލިބިފައިވަނީ 17.7 މިލިއަން ރުފިޔާ. އެއީ، ކުރީ އަހަރަށްވުރެ، ސަތޭކައަކުން 28 މަދު ޢަދަދެއް. ތަރައްޤީގެ ޕްރޮޖެކްޓްތަކަށް، ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 67.3 މިލިއަން ރުފިޔާ. އެއީ، ކުރީ އަހަރަށްވުރެ، ސަތޭކައަކުން 52 މަދު ޢަދަދެއް.

1990 ވަނަ އަހަރުގެ ޚަރަދަށް ބަލާއިރު، އިޖްތިމާޢީ ތަރައްޤީއަށް، 243.6 މިލިއަން ރުފިޔާ، އެހެން ގޮތަކަށް ދަންނަވާނަމަ، މުޅި ބަޖެޓްގެ ސަތޭކައަކުން 31 ހިނގާފައިވޭ. މިބައިގެ ތެރެއިން އެންމެބޮޑު ޚަރަދެއް ހިނގާފައިވަނީ، ޞިއްޙަތަށް. އެއީ، 114.2 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓްގެ ސަތޭއަކުން 15. ތަޢުލީމަށް ހިނގާފައިވަނީ، 78.8 މިލިއަން ރުފިޔާ. މުޅި ބަޖެޓްގެ ސަތޭކައަކުން 10. ޖަމާޢަތުގެ ފައިދާއަށް ދެވޭ އެހެނިހެން ޚިދުމަތަށް ޚަރަދުވެފައިވަނީ، 36.8 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓްގެ ސަތޭކައަކުން 5. މިދަންނަވާ މަޢުލޫމާތު ފެނިވަޑައިގަންނަވާނީ، ބަޖެޓް މަޢުލޫމާތު ކަރުދާސް ނަންބަރު 2 ން.

ބަޖެޓްގެ އެންމެބޮޑު ޚަރަދު ހިނގާފައިވަނީ ރައްޔިތުންނަށް ދެވޭ ޢާންމު ޚިދުމަތަށް. އެއީ 254.3 މިލިއަން ރުފިޔާ. އެހެންގޮތަކަށް ދަންނަވަންޏާ، އެއީ މުޅި ބަޖެޓްގެ ސަތޭކައަކުން 33. މީގެތެރެއިން ހިންގުމާބެހޭ ޚަރަދަށް ހިނގާފައިވަނީ، 126.6 މިލިއަން ރުފިޔާ. އަދި މަސްވެރިކަމުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، އަމަން ޤާއިމުކުރުމަށް ހިނގާފައިވަނީ، 111.4 މިލިއަން ރުފިޔާ ނުވަތަ މުޅި ބަޖެޓް ޚަރަދުގެ ސަތޭކައަކުން 14.

އަޅުގަނޑު މިދަންނަވާ މަޢުލޫމާތު، ތިޔަބޭފުޅުންގެ އަތްޕުޅުގައިވާ ބަޖެޓް މަޢުލޫމާތު ކަރުދާސް ނަންބަރު 2ން ފިލާވަޑައިގަންނަވާނެ. އިޤްތިޞާދީ ތަރައްޤީއަށް ހިނގާފައިވާ ޚަރަދުގެ ޖުމްލައަކީ، 228 މިލިއަން ރުފިޔާ. އެއީ މުޅި ބަޖެޓްގެ ސަތޭކައަކުން 29. މީގެތެރެއިން، އެއަރޕޯޓާއި ބަނދަރާބެހޭ ޚަރަދަށް ހިނގާފައިވަނީ 179 މިލިއަން ރުފިޔާ ނުވަތަ މުޅި ބަޖެޓްގެ ސަތޭކައަކުން 23.

ބޭރުގެ ދަރަނީގެ ޚިދުމަތަށާއި ދަރަނި އަދާކުރުމަށް ޚަރަދުކުރެވިފައިވަނީ، 52.7 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓްގެ ސަތޭކައަކުން 7. އަދި އެއީ، އަޅުގަނޑުމެން ބޭރުކުރާ މުދަލުގެ އަގާއި، ޚިދުމަތުގެ އަގަށް ލިބުނު އެއްޗެއްގެ ގާތްގަނޑަކަށް ސަތޭކައަކުން 4. މިނުކުތާގައި އަޅުގަނޑުމެން ފާހަގަކޮށްލަންޖެހެނީ އަޅުގަނޑުމެންގެ ސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ރާއްޖޭގެ ދަރަނީގެ ޢަދަދުގެ ނިސްބަތް ދައްކަނީ މި ސަރަޙައްދުގެ އެހެން ޤައުމުތަކަށްވުރެ ރަނގަޅުކޮށް ކަމުގައި. ހަމައެހެންމެ، އަޅުގަނޑުމެންގެ މުޅި ދާޚިލީ އުފެއްދުމުގެ ނިސްބަތުން، ދަރަނީގެ ބާކީއޮތް ޢަދަދުވެސް ކުޑަ. އެހެންކަމުން، ބޭރުގެ ދަރަނީގެ ސަބަބުން މިހާރު އަޅުގަނޑުމެންނަށް އުފުލަންޖެހޭ ބުރަ، ރާއްޖޭގެ އިޤްތިޞާދިއްޔަތު ކުރިއަށްދިޔުމުގެ ސަބަބުން، މިހާރު މިވަނީ ކުރިއަށްވުރެ ލުއިވެފައި.

1991 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދިއްޔަތު ދައްކާގޮތް

ވޭތުވެދިޔަ 1990 ވަނަ އަހަރަކީ، ރާއްޖޭގެ އިޤްތިޞާދިއްޔަތު ޢާންމުގޮތެއްގައި ރަނގަޅު އަހަރެއް. ކުރިންވެސް ދެންނެވި ފަދައިން، އެއަހަރުގެ ތެރޭގައި ޓޫރިޒަމް ވަނީ ކުރިއަށް ގޮސްފައި އަދި މަސްވެރިކަންވެސް ދަށަށްނުގޮސް ވަނީ ހިފެހެއްޓިފައި. އެހެންނަމަވެސް، މިހިނގާ 1991 ވަނަ އަހަރަކީ، އިޤްތިޞާދީ ބައެއް ދަތިތަކާ ކުރިމަތިލާން ޖެހުނު އަހަރެއް. ޢިއްޒަތްތެރި މެމްބަރުން ހަނދުމަފުޅު ހުންނާނެ ފަދައިން، މި އަހަރު ފެށުނުތާ ކުރީކޮޅު ޤަލްފުގައި ހަނގުރާމައެއް ހިނގި. މި ހަނގުރާމައިގެ ނޭދެވޭ އަސަރުތައް ރާއްޖޭގެ އިޤްތިޞާދިއްޔަތަށް ކޮށްފާނެތީ، އެވަގުތު ސަރުކާރުން ވަރަށްގިނަ ފިޔަވަޅުތަކެއް އަޅަންޖެހުނު. ކާޑުގެ ތަކެއްޗާއި، ތެލުގެ އަގު ކޮންޓްރޯލް ކުރަންޖެހުނު. އަދި ބޭނުންކުރެވޭ ތެޔޮ މަދުކުރުމުގެ ގޮތުން، ތަފާތު ގަޑިގަޑީގައި، މާލޭގައި އެކި ހިސާބުން ކަރަންޓް ކަނޑާލާގޮތަށްވެސް ހަމަޖެއްސުނު. އަދި މިނޫން ފިޔަވަޅުތައްވެސް އެޅުނު. މިދެންނެވި ފިޔަވަޅުތައް ސަރުކާރުން އެޅިކަމުގައިވިޔަސް، އެހެންގޮތްގޮތުން މި ހަނގުރާމައިގެ އަސަރުތައް ވަރަށް އަވަހަށް ރާއްޖެއަށްވެސް ފޯރި. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ޢަދަދު ކުއްލިއަކަށް މަދުވެގެންދިޔަ. ތެލުގެ އަގު ކުއްލިއަކަށް މައްޗަށްދިޔަ. އަދި އެހެން ތަކެތީގެ އަގުވެސް ބޮޑުވެގެންދިޔަ. އެހެންނަމަވެސް، މި ހަނގުރާމަ ހުއްޓުމަށްފަހު، އަނެއްކާވެސް ޓޫރިސްޓުން އަންނަ ޢަދަދު ގިނަވަމުންދިޔަ. އެހެންކަމުން، މިއަހަރު އަންނަ ޓޫރިސްޓުންގެ ޢަދަދު، ކުރީ އަހަރަށްވުރެ މާބޮޑުތަން މަދުވާނެކަމަކަށް ލަފައެއްނުކުރެވޭ.

މަސްވެރިކަމަށް ބަލާއިރު، މަސްބޭރުކޮށްގެން ލިބޭ އެއްޗެއް، މިއަހަރު މާބޮޑަށް އިތުރުވެގެންދާނެ ކަމަކަށްވެސް ނުދައްކާ. ނަމަވެސް، އެތެރެކުރެވޭ މުދާ، ކުރީ އަހަރަށްވުރެ ވަނީ ސަތޭކައަކުން 41 އިތުރުވެފައި. އެހެންކަމުން، ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓަށް މިއަހަރު ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ފެނޭ.

ދެން އަޅުގަނޑު މި ދަންނަވާލަނީ، މިއަހަރު އާދެ! 1991 ވަނަ އަހަރު ހިނގަމުންދާ ބޮޑެތި މަޝްރޫޢުތަކާބެހޭ މަޢުލޫމާތުކޮޅެއް.

މަސްވެރިކަން ތަރައްޤީކުރުން

ރާއްޖޭގެ މަސްވެރިކަން އިތުރަށް ކުރިއަށް ގެންދިޔުމަށްޓަކައި ވަރަށް ބޮޑު އިތުރު މަޝްރޫޢެއް ރޭވި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެވި، މި އަންނަ އަހަރުގެ ކުރީކޮޅުގައި މަޝްރޫޢާބެހޭ އެގްރީމަންޓްގައި ސޮއިކުރެވޭވަރުވާނެ ކަމަށް ފެނޭ. އެއީ، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަނާއި އަދި އެހެން ބައެއް މާލީ އިދާރާތަކާ ގުޅިގެން ދޫކުރާ ލޯނު އެހީގައި ހިންގާ "މަސްވެރިކަމުގެ 3 ވަނަ މަޝްރޫޢު". މިމަޝްރޫޢު ހިންގުމަށް ރޭވިފައިވަނީ ގއ. ކޫއްޑޫގައި. މިމަޝްރޫޢުގައި، އެއްގަމުގައި މަސް ފިނިކުރާ ޕްލާންޓާއި، ބަނދަރާއި އަދި ރަށުގެ ބައެއް މުހިންމު ތަންތަން ހެދުން ހިމެނޭ. ވާރލްޑް ބޭންކްގެ 2 ވަނަ މަޝްރޫޢު މިހާރުވަނީ ގާތްގަނޑަކަށް ނިމޭ ހިސާބުގައި. މިހާރު މަސައްކަތް ކުރެވެމުންދަނީ، ބަންނަން ފަށާފައި ހުރި ބައެއް ދޯނި ނިންމުމާއި، ބައެއް ރަށްރަށުގައި ތެޔޮތާނގީ ބެހެއްޓުމުގެ ކަންތައް ނިމުމަކަށް ގެނައުމަށްޓަކައި.

ތަޢުލީމު ކުރިއެރުވުމާއި، މީހުން ތަމްރީނުކުރުމާބެހޭ މަޝްރޫޢު

ރާއްޖޭގެ ތަޢުލީމު ކުރިއެރުވުމަށާއި، ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމު ޙާޞިލްކޮށްދިނުމަށްޓަކައި، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ ފަރާތުން ލޯނުގެ އެހީ ލިބިގެން، 1989 ވަނަ އަހަރު ފެށި މަޝްރޫޢު މިހާރުވެސް ހިނގަމުން އެބަދޭ. މިމަޝްރޫޢުގެ ދަށުން، އައްޑުއަތޮޅު ހިތަދޫގައި ހަދާ ސެކަންޑަރީ ސްކޫލްގެ މަސައްކަތް ވަރަށް އަވަހަށް ނިމި، އަންނަ އަހަރުގެ ކުރީކޮޅު އެސްކޫލްގައި ކިޔަވައިދޭން ފަށައިގަތުމުގެ އިންތިޒާމު މިހާރުދަނީ ހަމަޖެހެމުން. މިމަޝްރޫޢުގެ މަސައްކަތަށް، ގާތްގަނޑަކަށް 17 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ދައްކާ. މީގެއިތުރުން، މިމަޝްރޫޢުގެ ދަށުން މަތީ ތަޢުލީމު ޙާޞިލްކުރުމަށްޓަކައި ރާއްޖޭގެ ދަރިވަރުން ބޭރު ޤައުމުތަކަށް ފޮނުވަމުންވެސް ގެންދެވޭ.

މާލޭގައި ބަނދަރު ހެދުމުގެ މަޝްރޫޢު

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، ޔޫ.އެން.ސީ.ޑީ.އެފް.، އޯޕެކް ފަންޑް، މިތަންތާނގެ އެހީގައި، މާލޭގެ ވިޔަފާރި ބަނދަރު އަލުން ބޮޑުކޮށް ހެދުމާއި، މާލޭގެ ހުޅަނގު ދެކުނުފަރާތުގައި ދޯނިފަހަރު އެޅުމަށްޓަކައި ބަނދަރެއް ހެދުމުގެ މަޝްރޫޢު ފެށިގެން ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަދޭ. މިމަޝްރޫޢަށް މި ހިނގާ އަހަރުގެ ތެރޭގައި، ގާތްގަނޑަކަށް 70 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭ.

މާލޭގެ އާ އިންޖީނުގެ

މާލެއަށް އިލެކްޓްރިސިޓީ ބޭނުންވާ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް ވަރަށްބޮޑުތަން އިތުރުވަމުންދާތީ، ކަރަންޓްގެ ކަންތައް ރަނގަޅު ފެންވަރެއްގައި ބެހެއްޓުމަށްޓަކައި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ މަޝްވަރާކުރެވި، މާލޭގައި އާ އިންޖީނުގެއެއް ހަދައި، އިންޖީނު ބެހެއްޓުމަށްޓަކައި އެފަރާތުން ލޯނުގެ އެހީވަނީ ދީފައި. މިމަޝްރޫޢުގެ ދަށުން ޢިމާރާތްކުރާ އާ އިންޖީނުގެ ޢިމާރާތްކޮށް މުޅިންނިމި، އާ އިންޖީނުތައް ގެނެސް ބަހައްޓައި ނިމިގެން، މާލެއަށް މިހާރު ކަރަންޓް ދެމުންގެންދަނީ މި އިންޖީނުތަކުން. މިއަހަރުގެ ތެރޭގައި މި ލޯނުން ގާތްގަނޑަކަށް 19 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ.

އާ އިންޖީނުގެއިން ކަރަންޓް ދޫކުރެވޭނެވަރަށް ބަލާއިރު، މާލެއަށް ބޭނުންވާވަރަށްވުރެ އެތަނުން ލިބޭ ކަރަންޓް އަދިވެސް މަދުވާނެތީއާއި، އަލަށް ކުރެވެމުންދާ ޢިމާރާތްތަކަށް ދެވޭވަރަށް ކަރަންޓް ނުއުފެއްދޭނެތީ، މިމަޝްރޫޢުގެ ދެވަނަ ބަޔަކާމެދު އޭ.ޑީ.ބީ.އާ އިތުރު މަޝްވަރާތަކެއް ވަނީ ކުރެވިފައި. އެމަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، އިންޖީނު އިތުރުކޮށް، ކަރަންޓް ދޫކުރެވޭވަރު އިތުރުކުރުމަށް މިހާރުވަނީ ހަމަޖެހިފައި. މިކަމަށްޓަކައި، އޭ.ޑީ.ބީ.ގެ ފަރާތުން 6.7 މިލިއަން އެސް.ޑީ.އާރު.ގެ ލޯނެއް ދޫކުރާގޮތަށްވެސް ވަނީ ހަމަޖެހިފައި.

މާލޭގައި ދެވޭ ކަރަންޓްގެ ޚިދުމަތަށް ހިނގާ ޚަރަދު، މިހާރު ލިބޭ އެއްޗަކުން ދެކޮޅުނުޖެއްސޭތީ، އަންނަ އަހަރުން ފެށިގެން ކަރަންޓްގެ އަގުބޮޑުކުރާގޮތަށް މިހާރުވަނީ ހަމަޖެހިފައި. ރާއްޖެތެރޭގައިވެސް ކަރަންޓް ދެވޭ ފަރާތްތަކުން، ލިބޭ އެއްޗަކުން ޚަރަދު ހަމަނުޖެހޭތީ، އެތަންތަނުންވެސް ވަމުންދަނީ ގެއްލުން. ރާއްޖޭގައި އިލެކްޓްރިސިޓީއަކީ ތެލުން ހިންގާ އިންޖީނުތަކަކުން އުފައްދާ އެއްޗަކަށްވާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކުގެ އަސަރު، ކަރަންޓްގެ ޚިދުމަތްދޭ ފަރާތްތަކަށާއި، ކަރަންޓްގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ސީދާގޮތެއްގައި ކުރާނެ.

މާލޭ ހައުސިންގ ސްކީމް

މާލޭގައި ޗައިނާ ސަރުކާރުގެ އެހީގައި ޢިމާރާތް ކުރެވެމުންދާ އާ ޢިމާރާތް ވަރަށް އަވަހަށް ނިމޭނެކަމަށް ލަފާކުރެވޭ. މި ޢިމާރާތްކުރުމަށް ދޭ އެހީއަކީވެސް، ޗައިނާ ސަރުކާރުގެ ފަރާތުން އެއްބައި ހިލޭއެހީގެ ގޮތުގައި، އަނެއްބައި އިންޓްރެސްޓެއް ނެތް ލޯނުގެ ގޮތުގައި ދޭ އެހީއެއް. މިއަހަރުގެ ތެރޭގައި މިޢިމާރާތުގެ ޚަރަދަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ހިނގާނެކަމަށް ދައްކާ.

މާލޭ ބައިނަލްއަޤްވާމީ އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު

މާލޭ ބައިނަލްއަޤްވާމީ އެއަރޕޯޓުގައި ބޮޑެތި ގިނަ ބޯޓުފަހަރު ޖައްސަން ފެށުމުން، އެއަރޕޯޓް ކުޑަވެފައި، މަތިންދާބޯޓުތަކަށާއި ފަސިންޖަރުންނަށް ކޮންމެހެން ލިބެންޖެހޭ ފަސޭހަތައް މިހާރަށް އެކަށީގެންވާވަރަށް ނެތުމާއެކު، އެ އެއަރޕޯޓް ބޮޑުކޮށް، އެއަރޕޯޓެއްގައި ހުންނަންޖެހޭ ވަސީލަތްތައް ފުރިހަމަކުރުމަށް ފަށައިގަނެވުނީ މިދިޔަ އަހަރުގެ ތެރޭގައި. މިމަޝްރޫޢަށް ލޯނުގެ އެހީދޭ ފަރާތްތަކަކީ، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން. ކުވައިތު ފަންޑް، އޯޕެކް ފަންޑް، ސަޢޫދީ ފަންޑް އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް. މިއަހަރުގެ ތެރޭގައި މި މަޝްރޫޢަށް ޚަރަދުވާނޭކަމަށް ފެންނަނީ ގާތްގަނޑަކަށް 84 މިލިއަން ރުފިޔާ.

ރާއްޖެތެރޭގެ ރަށްރަށުގެ ފަޅުފުންކުރުމުގެ މަޝްރޫޢު

ރާއްޖެތެރޭގެ ރަށްރަށުގެ ފަޅުގެ ދަތިކަމުގެ މައްސަލައަކީ، ވަރަށްގިނަ ރަށްރަށަށް ކުރިމަތިވެފައިވާ މައްސަލައެއް. މި މައްސަލަ ޙައްލުކުރުމަށްޓަކައި، 1985 ވަނަ އަހަރު، ބައެއް ރަށްރަށުގެ ފަޅުފުންކުރުމާއި ނެރުގޮއްވުމުގެ މަސައްކަތް ވަނީ ފަށައިގަނެވިފައި. މިކަން ފަށައިގަތީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އެހީގައި ކަމަށްވިޔަސް، މިކަމުގައި ބޮޑުޚަރަދު ހިނގަމުންދަނީ ސަރުކާރަށް ލިބޭ އެއްޗަކުން ޚަރަދުކޮށްގެންނާއި، އެކިއެކި ލޯނުގެ ކައުންޓަރޕާޓް ފަންޑް ބޭނުންކޮށްގެން. ރާއްޖޭގެ ވަރަށްގިނަ ރަށްރަށަކީ، ފަޅުފުންކުރަން ބޭނުންވެފައިވާ ރަށްރަށް ކަމަށްވާތީ، ބަޖެޓް ތަންދޭވަރަކާއި، މިމަސައްކަތުގައި ބޭނުންކުރަންޖެހޭ ސާމާނު ހުރިވަރެއްގެ މަތިން، ރަށްރަށުގެ ފަޅުކޮންނަމުން ގެންދަން ޖެހިފައިވަނީ، ފަހަރަކު ވަކި ޢަދަދަކަށް.

އެހެންކަމުން، މިމަސައްކަތް މިހާރަށްވުރެ އަވަސްކުރުމަށްޓަކައި މިހާރުވަނީ ރަނގަޅު ފެންވަރެއްގެ އިތުރު ކޮންނަ ބޯޓަކަށް އޯޑަރުދެވިފައި. މިބޯޓު ލިބި، މިބޯޓުން ކޮންނަން ފެށުމުން، ބޮޑެތި ތަންތަން ކޮނުމުގައި މިހާރަށްވުރެ މާއަވަހަށް އެތަންތަން ކޮނެ ނިންމާލެވޭނެ ކަމަށް ފެނޭ. މިބޯޓަކީ ވަރަށް އަގުބޮޑު ބޯޓެއް. ބޯޓުގެ އަގަކީ، ގާތްގަނޑަކަށް 2.9 މިލިއަން އެމެރިކާ ޑޮލަރު. މީގެ، މިޢަދަދުގެ ސަތޭކައަކުން 15 މިހާރުވަނީ ދައްކައި ނިމިފައި. ބާކީބައި ހަމަޖައްސަނީ، ސަޕްލަޔަރސް ކްރެޑިޓްގެ ގޮތުގައި. އެއީވެސް ސަރުކާރަށް ނަގާ ލޯނެއް. ފަހުން އެލޯނު، ހަމަޖެހޭ އުޞޫލެއްގެ މަތިން އަދާކުރަމުން ގެންދަންޖެހޭނެ.

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް

އިންޑިއާ ސަރުކާރުގެ އެހީގައި މާލޭގައި ޢިމާރާތް ކުރަމުންގެންދާ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ މަސައްކަތް މިއަހަރުވެސް ވަރަށް ހަލުވިކޮށް ހިނގަމުން އެބަދޭ. މިމަޝްރޫޢަށް ކަނޑައެޅިފައިވަނީ، އިންޑިއާގެ 187 މިލިއަން ރުފިޔާ. ހޮސްޕިޓަލްގެ މަސައްކަތް ނިމޭނެކަމަށްވަނީ އަންނަ އަހަރުގެ ފަހުކޮޅު. މިއަހަރު ހޮސްޕިޓަލަށް ހިނގާނެކަމަށް ލަފާކުރެވިފައިވަނީ، ގާތްގަނޑަކަށް 37 މިލިއަން ރުފިޔާ.

ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަން

ރާއްޖޭގެ ޒުވާނުންނަށް ތަމްރީނުދިނުމުގެ ކަންތައް ސަރުކާރުގެ ފަރާތުން ހިންގަމުން ގެންދަނީ ހަމައެކަނި ސްކޫލްތަކުގައެއް ނޫން. ތަފާތު ކަންތައްތަކަށް ހާނުވަމުން ގެންދަންޖެހެނީ ތަފާތު މަރުކަޒުތަކުގައި. މިގޮތުން، ނިމިގެންދިޔަ ރާއްޖޭގެ ތަރައްޤީގެ ދެވަނަ މަޝްރޫޢުގައި، ޒުވާނުންނަށް ތަފާތު ރޮނގުރޮނގުން ތަމްރީނު ދެވޭނޭ މަރުކަޒެއް އުފެއްދުމަށްޓަކައި ރޭވި، އެމަޝްރޫޢަށް ޖަޕާން ސަރުކާރުގެ ފަރާތުން ވަނީ ވަރަށްދީލަތި އެހީއެއް ލިބިފައި. ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަން އެއީ، މިދެންނެވި މަޤްޞަދުގައި ޢިމާރާތް ކުރެވެމުންދާ މަރުކަޒެއް. މިމަރުކަޒު ވަރަށް އަވަހަށް ނިމޭނެކަމަށް ލަފާކުރެވޭ. މިމަރުކަޒަކީ ތަފާތު ކުޅިވަރުތަކާއި، ފޮޓޮގްރަފީއާއި، ސެމިނާރތަކާއި ވާރކްޝޮޕްތައް ހިންގޭނެގޮތަށް ތައްޔާރުކުރެވިފައިވާ ތަނެއް. ޖަޕާން ސަރުކާރުގެ ހިލޭއެހީގެ ގޮތުގައި މި ސެންޓަރ ހެދުމަށް ކަނޑައެޅުނު ފައިސާގެ ޢަދަދަކީ 1106 މިލިއަން ޖަޕަނީޒް ޔެން.

ސަރުކާރުގެ ވިޔަފާރިއާބެހޭ ދާއިރާތައް

ސަރުކާރުގެ ބަޖެޓްގައި ހިމެނިގެން ހިނގަމުންދާ ބޮޑެތި މަޝްރޫޢުތަކާބެހޭ މަޢުލޫމާތު، ތިޔަ ޢިއްޒަތްތެރި މެމްބަރުންނަށް އަޅުގަނޑު މި އެރުވީ. ދެން އަޅުގަނޑު ޤަޞްދުކުރަނީ، ސަރުކާރުގެ ބަޖެޓްގައި ނުހިމެނި ކުރެވޭ އިތުރު މަސައްކަތްތަކެއްވެސް ހުރުމާއެކު، އެކަމާބެހޭ މަޢުލޫމާތު އެރުވުމަށް.

އާދެ، ސަރުކާރުގެ ވިޔަފާރިއާބެހޭ ދާއިރާތަކާ ބެހޭގޮތުން އެއްޗެއް ދަންނަވާލުމަށް. މިދާއިރާތަކުގެ ތެރެއިން އެއްތަނަކީ، އެސް.ޓީ.އޯ. އެސް.ޓީ.އޯ. އިން ހިންގަވާ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި، ރާއްޖެއަށް ބޭނުންވާ ކާޑުގެތަކެތި އެތެރެކުރުމާއި، އެކަށީގެންވާ އަގެއްގައި ރައްޔިތުންނަށް އެތަކެތި ލިބޭނެގޮތް ހަމަޖެއްސުމާއި، ރާއްޖޭގެ މަސްވެރިން ބާނާމަސް ގަތުމާއި، ފެލިވަރުގައި ހިންގާ ދަޅުގައި މަސްބަންދުކުރާ ކާރުޚާނާ ހިންގުމާއި، ދަޅުގައި ބަންދުކުރި މަހާއި، ފިނިކުރިމަހާއި، މަހުގެ އެހެނިހެން ބާވަތްތައް އެކްސްޕޯޓް ކުރުން ހިމެނޭ. އަދި ރާއްޖޭގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި އެސް.ޓީ.އޯ.ގެ ޚިދުމަތް ސަރުކާރަށް ލިބެމުންވެސްދޭ. އެސް.ޓީ.އޯ.ގެ ބައެއްގެ ގޮތުން ހިނގަމުންދާ ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓްގެ މާލީ ކަންތައްތައް، އެޑިޕާޓްމަންޓުން އަމިއްލައަށް ގެންދާގޮތަށް މިހާރުވަނީ ހަމަޖެހިފައި. މިހެން ހެދުމުން، އޮޅުންކުޑަވެފައި، އެތަނުގެ ހިންގުން ހަލުވިކުރެވޭނެ ކަމަށް ފެނޭ. އެނގިވަޑައިގަންނަވާނޭ ފަދައިން، މަސްވެރިކަމާބެހޭ ހުރިހާ ބޮޑެތި މަޝްރޫޢުތައް ހިންގަމުން ގެންދަނީ، އެފް.ޕީ.އައި.ޑީ. އިން. މިހާރު ދެކުނުގައި ފެށެންވެފައިވާ މަސްވެރިކަމުގެ ތިންވަނަ މަޝްރޫޢުވެސް ހިނގަމުންދާނީ އެގޮތުގެ މަތިން.

ސަރުކާރާއި އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަރލެސްއާ ގުޅިގެން އުފައްދާފައިވާ ދިރާގު ކުންފުންޏަކީ، ރާއްޖޭގެ ރައްޔިތުންނަށް ކޮމިއުނިކޭޝަންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިދިނުމަށް އުފެއްދިފައިވާ ކުންފުންޏެއް. ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ޓެލެފޯނާއި، ޓެލެކްސްއާއި ޓެލެފެކްސްގެ ޚިދުމަތް ދިނުމާއި، މިފަދަ ވަސީލަތްތަކުން ރާއްޖެއާ ބޭރާ ގުޅައިދިނުމުގެ ޚިދުމަތްދެނީ މި ކުންފުނިން. ރާއްޖެއިން މިހާރު ލިބެންހުރި މިދެންނެވި ޚިދުމަތްތަކަކީ، މިސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ވަރަށް ރަނގަޅު ފެންވަރެއްގައި ދެވޭ ޚިދުމަތްތަކެއް ކަމަށް ފާހަގަކުރެވޭ.

މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމަންޓް ލިމިޓެޑަކީ، ބޯޓުފަހަރު ދުއްވާ، ސަރުކާރުގެ ކުންފުނި. 1980ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ބައިނަލްއަޤްވާމީ ޝިޕިންގ ދާއިރާއަށް އައި އަޑިގަނޑުން ލިބުނު ގެއްލުންތަކާއި، ކުންފުނީގެ ބޮލުގައި އެޅުނު ދަރަނިތަކުން ސަލާމަތްވުމަށް، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އެކުންފުނިން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި. ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން، ބާ ބޯޓުފަހަރު ވިއްކަވާލައްވައި، ވަޒީފާ ދެވިފައިވާ މީހުން މަދުކުރެއްވި. ނަތީޖާއަކަށްވީ، ބޯޓުފަހަރު ދުއްވުމުން ލިބޭ އެއްޗެއް މަދުވުން. އެހެންނަމަވެސް، ޚަރަދުތައް ކުޑަވުމުގެ ސަބަބުން، ގެއްލުންވުމުގެ ނުރައްކާ މިހާރުވަނީ ކުޑަވެގެން ގޮސްފައި.

ސަރުކާރުގެ ވިޔަފާރި ދާއިރާތަކުގެ ތެރެއިން، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީއަކީވެސް، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާ ގުޅޭ މުހިންމު މަސައްކަތްތަކެއް ކުރާ ތަނެއް. ކަނޑުމަގުން ރާއްޖެއަށް ގެނެވޭ، ގާތްގަނޑަކަށް ހުރިހާ މުދަލެއް ބާލާ ތަނަކީ، މާލެ. އެހެންކަމުން، ބޯޓުފަހަރުން މުދާ ބޭލުމާއި، ބޯޓުފަހަރަށް މުދާއެރުވުމުގެ ކަންތައް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ހިންގޭތޯ ބެލުމަށްޓަކައި، ސަރުކާރުން ވަނީ މާލޭގެ ވިޔަފާރި ބަނދަރު ހަދާފައި. އެތަން ހެދިފަހުން، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ރާއްޖެއަށް މުދާ އެތެރެކުރުން ވަރަށްބޮޑުތަން އިތުރުވެގެންދިޔުމުގެ ސަބަބުން، ވިޔަފާރި ބަނދަރު މިހާރުވަނީ ކުޑަވެފައި. ބޯޓުފަހަރުގެ މަސައްކަތް ކުރުމަށް ބޭނުންވާ އުޅަނދުތަކާއި އިކްވިޕްމަންޓްވެސް މިހާރު ކުރަންޖެހޭ މަސައްކަތަށް ފުދޭވަރަކަށް އެތާކު ނެތް. އެހެންވީމާ، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީން މިހާރު ގެންދަވަނީ، އެތަނުގެ މަސައްކަތަށް ކޮންމެހެން ބޭނުންވާ ތަކެއްޗާއި، ބޮޑެތި އިކްވިޕްމަންޓް ހޯއްދަވަމުން. އޭގެތެރޭގައި، ހެވީލިފްޓް ކޮންޓެއިނަރު އުފުލާ ކްރޭނެއް ހިމެނޭ. އޭގެ އަގަކީ ގާތްގަނޑަކަށް 8 ލައްކަ އެމެރިކާ ޑޮލަރު.

ވިޔަފާރި ބަނދަރު ބޮޑުކޮށް، އެތަނުގެ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށްޓަކައި، ވިޔަފާރި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވައްސެއް ފެށިގެން މިހާރު އެބަ ހިނގާ. މިމަޝްރޫޢު ހިންގުމަށް ބޭނުންވާ ޚަރަދުގެ ބޮޑުބައެއް ލިބެނީ އޭ.ޑީ.ބީ.ގެ ލޯނުން. އަންނަ އަހަރުގެ ތެރޭގައި މިމަޝްރޫޢު މުޅިން ނިމޭނެކަމަށް ލަފާކުރެވޭ.

އެއަރ މޯލްޑިވްސް އަދި މޯލްޑިވްސް އެއަރ ސަރވިސަސް ލިމިޓެޑް

އެއަރ މޯލްޑިވްސްގެ ފަރާތުން އެއަރލައިންތަކުގެ އޭޖެންސީއެއްގެ ގޮތުގައި ޚިދުމަތް ދެމުންގެންދާތާ އެތައް އަހަރެއް ވެއްޖެ. ހުޅުލޭ އެއަރޕޯޓްގައި ޖައްސާ މަތިންދާބޯޓުތަކަށް ދޭންޖެހޭ ޚިދުމަތް ދެމުން ގެންދަނީވެސް އެއަރ މޯލްޑިވްސްއިން. އެހެންކަމުން، މައިގަނޑު އާމްދަނީއަކަށް އެއަރ މޯލްޑިވްސްއަށް ލިބެނީ އެތަނުން ވިއްކާ ޓިކެޓްގެ ސަތޭކައަކުން 10 އާއި، އެއަރޕޯޓްގެ ހޭންޑްލިންގ ޗާޖްގެ ސަތޭކައަކުން 40. މިތަނުން ކޮންމެ އަހަރަކުވެސް އެކަށީގެންވާ ފައިދާއެއް ސަރުކާރުގެ ބަޖެޓަށް ދައްކާ.

މޯލްޑިވްސް އެއަރ ސަރވިސަސް ލިމިޓެޑަކީ ރާއްޖެތެރެއަށް ވައިގެ ދަތުރުފަތުރު ކުރުމުގެ ޚިދުމަތް ދިނުމަށް، މީގެ ދެއަހަރެއްހާ ދުވަސް ކުރިން އުފެއްދި ތަނެއް. މިއީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް އިތުރުކުރުމުގެ ގޮތުން، ރާއްޖެތެރޭގެ އެކިހިސާބުގައި ހުޅުވިފައިވާ އެއަރޕޯޓްތަކަށް ވައިގެ ދަތުރުފަތުރުކޮށް، މީހުންނާއި ތަކެތި އުފުލައިދިނުމުގެ ޚިދުމަތްދޭ ތަން. މި ޚިދުމަތަކީ މިވަގުތު ސަރުކާރަށް އެއްވެސް މާލީ ފައިދާއެއް ލިބޭ ޚިދުމަތެއް ކަމުގައިނުވިޔަސް، މުސްތަޤްބަލުގައި މިތަނުން ފައިދާއެއްވާނީވެސް މިކަން ދަމަހައްޓައިގެން ކަމަށް ފެނޭ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީ.އަކީ، ސަރުކާރާއި ރައްޔިތުން ބައިވެރިވެގެން އުފައްދާފައިވާ ކުންފުންޏެއް. ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއަށް ބަލާއިރު، އެމް.ޓީ.ސީ.ސީ.ގެ މަސައްކަތްތަކަށް، އާ ދިރުމެއް ގެންނަން ޖެހިފައިވާ ކަމަށް ފެންނާތީ، މިހާރުވަނީ އެތަނުގެ ވިޔަފާރިއަށް ބަދަލުތަކެއް ގެނެވިފައި. ސަރުކާރުގެ ފަރާތުން ކުރާ ޢިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ބޮޑެތި ބައެއް މަސައްކަތް މިހާރުވަނީ އެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރެވިފައި. މީގެއިތުރަށް، މިހާރު އަލަށް ތަރައްޤީކުރެވެމުންދާ އަރިއަތޮޅު ޓުއަރިޒަމް ޒޯނުގައި، އެކުންފުނީގެ ފަރާތުން ޓުއަރިސްޓް ރިޒޯޓެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައި.

1991 ވަނަ އަހަރުގެ ބަޖެޓް

1991 ވަނަ އަހަރު ސަރުކާރަށް ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީއަށް ބަލާއިރު، ކުރީ އަހަރުގެ ނިސްބަތުން އެކަށީގެންވާވަރެއް އިތުރުވާނެކަމަށް ފެނޭ. މިހާރު މި ހިނގަމުންދަނީ 1991. އެހެންކަމުން، އަޅުގަނޑު މިދަންނަވާ ޢަދަދުތައް އެއީ، އަހަރު ނިމޭއިރަށް ލިބޭނެކަމަށް ލަފާކުރެވޭ ޢަދަދުތަކާއި އަދި ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ޢަދަދުތައް. އަހަރުގެ ހިސާބުތައް މުޅިން ނިމިގެން ނޫނީ، ފުރިހަމަ ހިސާބެއް ނެހެދޭނެކަން ތިޔަބޭފުޅުންނަށްވެސް ޤަބޫލުކުރެއްވޭނެ.

މި ހިނގާ އަހަރު ނިމޭއިރު ލިބޭނެކަމަށް ދައްކާ މުޅި ޖުމްލައަކީ، ގާތްގަނޑަކަށް 965 މިލިއަން ރުފިޔާ. މިމަޢުލޫމާތު، ބަޖެޓް މަޢުލޫމާތު ކަރުދާސް ނަންބަރު (1) ގައި ވާނެ. މިއަހަރު ލިބޭނެކަމަށް ލަފާކުރެވޭ، 965 މިލިއަން ރުފިޔާއަކީ، 1990 ވަނަ އަހަރު ލިބުނު 702.3 މިލިއަން ރުފިޔާއަށްވުރެ، ސަތޭކައަކުން 37 އިތުރު ޢަދަދެއް. ތަރައްޤީގެ މަޝްރޫޢުތަކަށް ލިބޭ ހިލޭއެހީގެ ގޮތުގައި، ގާތްގަނޑަކަށް 165 މިލިއަން ރުފިޔާ ލިބޭނެކަމަށް ފެނޭ. 1990 ގައި ލިބިފައިވަނީ 67.3 މިލިއަން ރުފިޔާ. މާލޭ ހުޅަނގު ދެކުނު ބަނދަރާއި، ސޯޝަލް އެޑިޔުކޭޝަން ސެންޓަރ ފަދަ ބޮޑެތި ޕްރޮޖެކްޓްތައް މިއަހަރު ފެށުމުގެ ސަބަބުން، ގްރާންޓްގެ ގޮތުގައި އާދެ! ހިލޭއެހީގެ ގޮތުގައި ލިބޭ އެއްޗެއް މިއަހަރުވަނީ އިތުރުވެފައި. ޕްރޮޖެކްޓް ލޯނުގެ ގޮތުގައި މިއަހަރު ލިބޭނެކަމަށް ދައްކަނީ، ގާތްގަނޑަކަށް 185 މިލިއަން ރުފިޔާ. މިބަޔަށް ކުރީ އަހަރު ލިބިފައިވަނީ 113.7 މިލިއަން ރުފިޔާ.

ސަރުކާރުގެ އާމްދަނީއަށް ބަލާއިރު، އެއްތަނަކުން އެންމެ މައްޗަށް މިއަހަރުވެސް ލިބޭނެކަމަށް ދައްކަނީ ކަސްޓަމުން. މިދަންނަވާ މަޢުލޫމާތު ފެނިވަޑައިގަންނަވާނީ، ބަޖެޓް މަޢުލޫމާތު ކަރުދާސް ނަންބަރު (6) ން. އިމްޕޯޓް ޑިއުޓީއަށް މިއަހަރު ގާތްގަނޑަކަށް 211 މިލިއަން ރުފިޔާ ލިބޭނެކަމަށް ދައްކާ. އެއީ، ކުރީ އަހަރު ލިބުނުވަރަށްވުރެ، ސަތޭކައަކުން 30 ގިނަ ޢަދަދެއް. މިއަހަރު އިމްޕޯޓް ޑިއުޓީއަށް ލިބޭ އެއްޗެއް މައްޗަށްދާ ސަބަބެއް ކަމަށް ފެންނަނީ، އެތެރެކުރެވުނު މުދާ ގިނަވުމާއި، ކަސްޓަމްގެ ތެރޭގައި އެޅުނު ބައެއް އިޞްލާޙީ ފިޔަވަޅުތައް.

ހިނގާ ޚަރަދަށް ބަލާއިރު، ބަޖެޓްގެ ޖުމްލަ ޚަރަދު، މިއަހަރު ގާތްގަނޑަކަށް 1024 މިލިއަން ރުފިޔާވަރު ވާނޭކަމަށް ފެނޭ. އެއީ، ކުރީ އަހަރު ޚަރަދުވިވަރަށްވުރެ، ގާތްގަނޑަކަށް ސަތޭކައަކުން 31 ގިނަ ޢަދަދެއް. މިމަޢުލޫމާތު ފެނިވަޑައިގަންނަވާނީ، ބަޖެޓް މަޢުލޫމާތު ކަރުދާސް ނަންބަރު (1) ން. ވީމާ، ލިބުނު އެއްޗަކަށްވުރެ ޚަރަދުވިވަރު އިތުރުވަނީ، ގާތްގަނޑަކަށް 59 މިލިއަން ރުފިޔާ. މިދެންނެވީ މިއަހަރު، މި ހިނގާ 1991 ވަނަ އަހަރު ލިބޭ އެއްޗަކަށްވުރެ މިއަހަރުގެ ޖުމްލަ ޚަރަދު އިތުރުވާނެ ކަމަށް މިހާތަނަށް ހިސާބުތަކުން ދައްކަނީ، 59 މިލިއަން ރުފިޔާއޭ. އެހެންކަމުން، މިބަޖެޓް މިދިޔަ އަހަރު އަޅުގަނޑު ހުށަހެޅިއިރު، ޑެފިސިޓްވާނެ ކަމަށް ލަފާކުރެވުނު 77.9 މިލިއަން ރުފިޔާއަށްވުރެ، މި ޢަދަދު މާކުޑަ. އާދެ! ގާތްގަނޑަކަށް ވިއްސަކަށް މިލިއަން ރުފިޔާ ކުޑަ، ޑެފިސިޓް. މިއަހަރަށް ލަފާކުރެވޭ ޑެފިސިޓަކީ، ޚަރަދުގެ ނިސްބަތުން ބަލާއިރު، ގާތްގަނޑަކަށް ސަތޭކައަކުން 6.

މީގެ ދެއަހަރެއްގެ ކުރިން، ވިދިވިދިގެން އެތައް އަހަރަކު، ސަރުކާރަށް ލިބޭ އެއްޗަކުން ބަޖެޓް ޚަރަދު ދެކޮޅުޖެއްސި އިތުރުވާގޮތްވި. ނަތީޖާއެއްގެ ގޮތުން، ދިވެހިފައިސާގެ އަގު ހަރުދަނާވެ، ތަކެތީގެ އަގު މައްޗަށްދިޔުން ލަސްވި. އެހެންނަމަވެސް، މިހިނގާ އަހަރާއި، ވޭތުވެދިޔަ އަހަރު ބަޖެޓް ޑެފިސިޓްވުމުގެ ސަބަބުން، ބޭރުފައިސާއަށް ބާރުބޮޑުވެ، ތަކެތީގެ އަގު މައްޗަށްދިޔުމަކީ އެކަށީގެންވާ ކަމެއް.

ބޭރުފައިސާގެ މުޢާމަލާތުގެ ހިސާބުތައް ދައްކާގޮތުން، މި ހިނގާ އަހަރު އިމްޕޯޓް ކުރެވޭ މުދަލުގެ ޖުމްލަ އަގު، ކުރީ އަހަރަށްވުރެ، ސަތޭކައަކުން 40 މައްޗަށްދޭ. އެހެންވުމުގެ ސަބަބުން އަޅުގަނޑުމެންގެ ކަރަންޓް އެކައުންޓް ބާކީ ދައްކަނީ އަޅުގަނޑުމެންނަށް ފަހިނޫންގޮތެއްގައި.

މުސާރަތައް ބޮޑުވުމާއި، ފަސޭހައިން ފައިސާ ލިބޭގޮތްތައް ތަނަވަސްވުމުގެ ސަބަބުން، މުދަލަށް ބޭނުންވާ މިންވަރު އިތުރުވެގެންދޭ. މިކަމުގެ ސަބަބުން، މުދާ އެތެރެކުރުން ގިނަކުރަންޖެހޭ. އަޅުގަނޑުމެންނަކީ ބޭރުފައިސާ ހޯދުމުގެ މާގިނަ ރޮނގުތަކެއް ފެނިފައިވާ ބައެއްނޫންކަމުން، އަޅުގަނޑުމެން އިމްޕޯޓްކުރާ މުދަލަށް އަގު ދައްކަންޖެހެނީ، ޢާންމުގޮތެއްގައި ޓޫރިޒަމާއި މަސްވެރިކަމުން ލިބޭ އެއްޗަކުން. މިއީ އަޅުގަނޑުމެން އަބަދުވެސް ވިސްނަންޖެހޭނެ ކަމެއް.

1991 ވަނަ އަހަރަކީ، ޤައުމަށް ލިބޭ ބޭރުފައިސާއަށް ބަލާއިރު، މާފަހި އަހަރެކޭ ދެންނެވޭކަށް ނެތް. ޤަލްފު ހަނގުރާމައިގެ ސަބަބުން ޓޫރިސްޓުން އައުން މަދުވިތަން، އަހަރު ނިމޭއިރު ފޫބެއްދޭނެ ކަމަށް ލަފާކުރެވެނީ ހަމަ ކިރިޔާ. އަޅުގަނޑުމެން އެކްސްޕޯޓްކުރާ މުދަލަށް ލިބޭ އަގާއި، މުދާ އިމްޕޯޓް ކުރުމުން ބޭރުވާ ފައިސާގެ އަގާ ދެމެދު ވަރަށްބޮޑު ތަފާތެއް އެބަހުރި. ގިނަ އަހަރުތަކެއް ވަންދެން، ބެލެންސް އޮފް ޕޭމަންޓްސް ޤައުމަކަށް ފަހިވާގޮތަށް ނުދާނަމަ، އިޤްތިޞާދީ ބޮޑެތި ދަތިތަކަކާ އެޤައުމަކުން ކުރިމަތިލާން ޖެހިދާނެ. ވީމާ، މިފަދަ ދަތިތަކާ ކުރިމަތިލުމުގެ ބަދަލުގައި، ކުރިން ފިޔަވަޅު އަޅައި، މައްސަލަ ޙައްލުކުރުމަކީ، އެޤައުމަކުން ކުރަންޖެހޭނެ ކަމެއް.

ބޭރުފައިސާގެ އަގު މައްޗަށްގޮސް، ޢާންމުގޮތެއްގައި ބާޒާރުގައި ހުރި ތަކެތީގެ އަގު، އެއްދުވަހުން އަނެއް ދުވަހަށް މައްޗަށްދިޔަ ކަމުގައިވިޔަސް، ކާޑުގެތަކެތި އެއުޞޫލުން ބޮޑުވަމުންނުދާކަން މިފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. ކާޑުގެތަކެތި ރާއްޖެއަށް އެތެރެކޮށް، ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސަނީ ސަރުކާރުން. މިދެންނެވީ ކާޑުގެތަކެތީގެ ބޮޑުބައި. މިހާރަކަށްއައިސް ބައެއް އަމިއްލަ ފަރާތްތަކަށް ހުއްދަދީގެން ކާޑުގެ ބައެއް ތަކެތި އެފަރާތްތަކުން އެތެރެކުރައްވާ. އެހެންނަމަވެސް، އެއީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ނިސްބަތަށް ބަލާއިރު، ވަރަށްކުޑަ މިންވަރެއް. ދުނިޔޭގެ ބާޒާރުގައި ކާޑުގެ ތަކެތީގެ އަގު މައްޗަށްދިޔުމާއި އަދި ބޭރުފައިސާގެ އަގު މައްޗަށްދިޔުމާ، މިކަންތައްތަކުގެ ސަބަބުން، ރާއްޖެއަށް އެތެރެކުރާ ކާޑުގެ ތަކެތީގެ އަގުވެސް މަޑުމަޑުން ނަމަވެސް ދަނީ މައްޗަށް. އެހެންނަމަވެސް، އަގު މައްޗަށްދާ ފަހުން، ކާޑުގެ އަގަށް ބޭރުގެ ބާޒާރުގައި ހެޔޮ ބަދަލެއް އަތުވެއްޖެނަމަ، މާނައަކީ، އެ ލިބެން ހުންނަ އަގަށްވުރެ ކުޑައަގަކަށް ލިބޭގޮތް ވެއްޖެނަމަ، ރާއްޖެއަށް އެތެރެކުރާ ކާޑުގެ ތަކެތީގެ އަގު، ރައްޔިތުންނަށް ލިބޭ އަގުވެސް ސަރުކާރުން ގެންދަނީ ދަށްކުރަމުން. އޭގެ މިސާލެއް، ކުޑަކުޑަ މިސާލެއް ދަންނަވާލާހިތްވޭ. އާދެ! 1989 ވަނަ އަހަރުގެ ފަހުކޮޅު، ގާތްގަނޑަކަށް އޮކްޓޯބަރު، ނޮވެމްބަރުހާ ހިސާބުގައި ކާޑުގެތަކެތީގެ އަގުހުރިވަރަށްވުރެ، މިހާރު އާދެ! 1991 ވަނަ އަހަރުގެ މިހާރު ބާޒާރުގައި އަދި އެސް.ޓީ.އޯ.އިން ކާޑުގެ ތަކެތި ލިބެންހުރި އަގު މާކުޑަ.

1992 ވަނަ އަހަރުގެ ބަޖެޓް

މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެމްބަރުން؛

އަޅުގަނޑު ދެން މިދަންނަވާލަނީ، 1992 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓްގެ ޖުމްލަތައް. ތިޔަބޭފުޅުންގެ އަރިހަށް ފޮނުވިފައިވާނީ، ޤާނޫނުގައިވާ ގޮތުގެ މަތިން، ވޭތުވެދިޔަ އަހަރު ދައުލަތަށް ލިބުނު އެއްޗަކާއި، ވީޚަރަދުގެ ހިސާބާއި، ކުރިއަށް އޮތް އަހަރުގެ ބަޖެޓް ޚަރަދު. ތިޔަބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ކަރުދާހުގައި އިތުރު ކޮލަމެއް އޮންނާނެ. އެއީ، 1991 ވަނަ އަހަރަށް ހިނގާނެ ކަމަށް ލަފާކުރާ ޚަރަދުގެ ކޮލަމެއް. އެއީ، ހަމައެކަނި ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި އިތުރުކުރެވިފައިވާ ކޮލަމެއް. ޤާނޫނުގައިވާ ގޮތުން ކޮންމެހެން މަޖިލީހަށް ހުށަހަޅަންޖެހޭ ޢަދަދުތަކެއް ނޫން އެއީކީ.

1992 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ޖުމްލައަކީ، 1,512,364,751 ރުފިޔާ. އެއީ، މި ހިނގާ 1991 ވަނަ އަހަރަށް އަންދާޒާކުރި ބަޖެޓަށްވުރެ، ގާތްގަނޑަކަށް ސަތޭކައަކުން 39 ބޮޑު ބަޖެޓެއް. މިޢަދަދުގެ ތެރޭގައި، ޕްރޮޖެކްޓް ލޯނުން ޚަރަދުކުރެވޭނެ ކަމަށް ލަފާކޮށްފައިވަނީ، 203 މިލިއަން ރުފިޔާ. ބޭރުގެ ހިލޭއެހީގެ ޕްރޮޖެކްޓްތަކުން ކުރެވޭނެ ކަމަށް ފެންނަ ޚަރަދުގެ ޖުމްލައަކީ، ގާތްގަނޑަކަށް 152 މިލިއަން ރުފިޔާ.

މިހާރު މިދަންނަވާލަނީ، ލޯނުތަކާއި ހިލޭއެހީ ވަދެގެން އަންނަ ބަޖެޓްގެ ޚުލާޞާ ހިސާބެއް. މިހިސާބު، ބަޖެޓް މަޢުލޫމާތު ކަރުދާސް ނަންބަރު (1)ން ފެނިވަޑައިގަންނަވާނެ.

1992 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓްގެ ޖުމްލައަކީ، ކުރިން ދެންނެވި، އާދެ! އެއީ، 1,512.3 މިލިއަން ރުފިޔާ. އޭގެތެރެއިން ކަނޑަން، އަހަރު ނިމޭއިރު ޚަރަދުނުވާނޭ ކަމަށް ލަފާކުރާ 286.8 މިލިއަން ރުފިޔާ ކެނޑީމަ، ހިނގާނެކަމަށް ފެންނަ ޖުމްލައަކީ، 1,225.5 މިލިއަން ރުފިޔާ. އޭގެތެރެއިން ކަނޑަން، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭ 654.5 ކެނޑީމަ، ބާކީ އޮންނަނީ 571 މިލިއަން. ފައިސާ ހޯދާގޮތް، ޕްރޮޖެކްޓް ލޯނުން ލިބޭނެކަމަށް ފެންނަ 203 މިލިއަން ރުފިޔާ، ޕްރޮޖެކްޓް ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ފެންނަ 152.2 މިލިއަން ރުފިޔާ، ފައިސާއާއި ތަކެތީގެ އެހީގެ ގޮތުގައި ލިބޭނެކަމަށް ފެންނަ 12 މިލިއަން ރުފިޔާ. މިޢަދަދުތަކުގެ ޖުމްލައަކީ، 367.2 މިލިއަން ރުފިޔާ. ބާކީ އިތުރަށް ހޯދަން ބޭނުންވާ ފައިސާ 203.8 މިލިއަން ރުފިޔާ.

އެހެން ޢިބާރާތަކުން ދަންނަވަންޏާ، 1992 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް ދައްކާ ޢަދަދަކީ 203.8 މިލިއަން ރުފިޔާ.

އަޅުގަނޑު މިދެންނެވީ، 1992 ވަނަ އަހަރަށް އަންދާޒާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓް އޮތްގޮތް. މި ބަޖެޓަކީ، އަޅުގަނޑުމެން 1979 ވަނަ އަހަރަށް ފާސްކުރި 23.9 މިލިއަން ރުފިޔާގެ ބަޖެޓަށް ބަލާއިރު، ގާތްގަނޑަކަށް އޭގެ 63 ގުނަ ވަރުގެ ބޮޑު ބަޖެޓެއް. މިއިން ދައްކައިދެނީ، މިހާރު އަޅުގަނޑުމެންގެ އިޤްތިޞާދިއްޔަތު، ކުރިއާ އަޅައިބަލާއިރު ފުޅާވެފައިވާލެއް ބޮޑުކަން.

1992 ވަނަ އަހަރުގެ ބަޖެޓަކީ ވަރަށްބޮޑު ބަޖެޓެއް ކަމަށްވާތީ، ބަޖެޓް ޚަރަދުތައް ކޮންޓްރޯލްކޮށް ހިފެހެއްޓުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ.

ތިޔަބޭފުޅުންގެ އަތްޕުޅުގައިވާ މަޢުލޫމާތު ކަރުދާސް ނަންބަރު 2 އަށް ބައްލަވާއިރު، 1992 ވަނަ އަހަރު، އެންމެބޮޑު ޚަރަދު ހިނގާނެ މައިގަނޑު ބަޔަކީ، އިޖުތިމާޢީ ތަރައްޤީއަށް ކުރެވޭ ޚަރަދުކަން އެނގިވަޑައިގަންނަވާނެ. މުޅި ބަޖެޓްގެ ގާތްގަނޑަކަށް ސަތޭކައަކުން 34 ނުވަތަ 419 މިލިއަން ރުފިޔާ ޚަރަދުވާނޭ ކަމަށް އަންދާޒާކޮށްފައި ވަނީ މިބަޔަށް. މީގެތެރެއިން، އެންމެމަތީ ޚަރަދެއް ހިނގާނޭ ކަމަށް މިއަހަރުވެސް ދައްކަނީ، ތަޢުލީމަށް. އެއީ، ގާތްގަނޑަކަށް 223 މިލިއަން ރުފިޔާ. ނުވަތަ މުޅި ބަޖެޓްގެ ސަތޭކައަކުން 18. ޞިއްޙަތަށް ޚަރަދުވާނެ ކަމަށް ލަފާކުރެވިފައިވަނީ 115 މިލިއަން ރުފިޔާ، ނުވަތަ މުޅި ބަޖެޓްގެ ސަތޭކައަކުން 9.

ރައްޔިތުންނަށް ދެވޭ ޢާންމު ޚިދުމަތްތަކަށް ޚަރަދުވާނެ ކަމަށް ދައްކަނީ، ބަޖެޓްގެ ސަތޭކައަކުން 29 ނުވަތަ 350.9 މިލިއަން ރުފިޔާ. މީގެތެރެއިން، ހިންގުމާބެހޭ ޚަރަދަށް ޖެހެނީ 216.2 މިލިއަން ރުފިޔާ، ނުވަތަ ބަޖެޓްގެ ސަތޭކައަކުން 18. އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކުރުމަށާއި، އަމަން ރައްކާތެރިކޮށް ބެލެހެއްޓުމަށް ހިނގާނެ ކަމަށް ލަފާކުރެވިފައިވަނީ، 117.7 މިލިއަން ރުފިޔާ. އެއީ މުޅި ބަޖެޓްގެ ސަތޭކައަކުން 10.

އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކުރެވޭ ޚަރަދަށް ލަފާކުރާ 362 މިލިއަން ރުފިޔާއަކީ، މުޅި ބަޖެޓްގެ ގާތްގަނޑަކަށް ސަތޭކައަކުން 30. މިބައިން އެންމެބޮޑު ޚަރަދެއް ހިނގާނޭ ކަމަށް ދައްކަނީ، އެއަރޕޯޓްތަކާއި ބަނދަރު ހެދުމަށް. އޭގެތެރެއިން، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް، ގާތްގަނޑަކަށް 222 މިލިއަން ރުފިޔާ ނުވަތަ މުޅި ބަޖެޓްގެ ސަތޭކައަކުން 18 ޚަރަދުވާނެ ކަމަށް ލަފާކުރެވޭ. ބޭރުގެ ދަރަނީގެ ޚިދުމަތާއި، ދަރަނި އަދާކުރުމަށް ދަނީ 93.8 މިލިއަން ރުފިޔާ ނުވަތަ މުޅި ބަޖެޓްގެ ސަތޭކައަކުން 7.7.

ރާއްޖޭގެ ރައްޔިތުންގެ ބޮޑުބައި ދިރިއުޅެނީ ރާއްޖެތެރޭގައި ކަމަށްވެފައި، މާލެއާއި ރާއްޖެތެރެއާ ދެމެދު ތަރައްޤީގެ ގޮތުން އަދިވެސް ބޮޑު ތަފާތެއް ހުރުމާއެކު، އެތަފާތު ކުޑަކުރުމަށްޓަކައި، ރާއްޖޭގެ ޤައުމީ ތަރައްޤީގައި ސަރުކާރުން ގެންދަނީ ރާއްޖެތެރެއަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދެމުން. ރާއްޖެތެރެ އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ކުރިއަށް ގެންދެވޭނީ، ތަރައްޤީވުމަށް ފަހިކޮށްދޭ މައިގަނޑު ވަސީލަތްތައް ރާއްޖެތެރޭގައިވެސް އުފައްދައިގެން. ވީމާ، ތަރައްޤީއަށް މަގުފަހިކޮށްދޭ ތަންތަނާއި، ޚިދުމަތްތައް ދެވޭ ތަންތަން ރާއްޖެތެރޭގައި އުފެއްދުމަށްޓަކައި، ކޮންމެ އަހަރަކުވެސް ސަރުކާރުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކުރެވޭ. މިގޮތުން، 1992 ވަނަ އަހަރަށް ލަފާކުރެވިފައިވާ ބަޖެޓްގައި، ސީދާ ރާއްޖެތެރެއަށް ކުރެވޭ ޚަރަދުތަކަށް 326.6 މިލިއަން ރުފިޔާ ހިމެނިފައިވޭ. ޢިއްޒަތްތެރި މެމްބަރުންނަށް މިހާރު ލިބިވަޑައިގެންފައިވާ، ބަޖެޓާބެހޭ ހިސާބުތަކުގެ ތެރޭގައި، މި ޚަރަދުތަކާބެހޭ މައުލޫމާތު ކަރުދާހެއް އޮންނާނެ. އެ ކަރުދާހުގެ ނަންބަރަކީ 15.

މިދެންނެވި ޚަރަދުތަކުގެ ތެރޭގައި، އާދެ! މިދެންނެވި 326.6 މިލިއަން ރުފިޔާގެ ތެރޭގައި، ރާއްޖެތެރޭގައި ސަރަޙައްދީ ވައިގެ ބަނދަރެއް އިތުރަށް ހެދުމާއި، މިހާރު ހުރި ތަންތަން ތަރައްޤީކުރުމާއި، ރާއްޖެތެރޭގައި މަދަރުސާތައް ޢިމާރާތްކުރުމާއި، މިހާރު ހުރި ބައެއް މަދަރުސާތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ޞިއްޙީ މަރުކަޒުތައް ޢިމާރާތްކުރުމާއި، އަތޮޅުއޮފީސްތަކާއި، ރަށުއޮފީސްތަކާއި، ރަށްވެހިގެފަދަ ތަންތަން ހެދުމާއި، ރަށުކޯޓުތަކާއި، މިސްކިތްތައް ޢިމާރާތްކޮށްދިނުމާއި، ފާލަންއެޅުމުގެ ޚަރަދު ހިމެނިފައިވޭ. އަދި ބައެއް ރަށްރަށުގެ ފަޅުފުންކުރުމާއި، ބަނދަރު ހަދައިދިނުމާއި، ނެރުގޮއްވުމުގެ މަސައްކަތް ހިންގުމުގެ ޚަރަދުވެސް ހިމެނިފައިވޭ. ރާއްޖެތެރެއަށް ފެނާއި، ފާޚާނާގެ ޚިދުމަތް ދިނުމާއި، ރާއްޖެތެރޭގައި ކުރުމަށް ހަމަޖެހިފައިވާ އެހެނިހެން ބޮޑެތި ބައެއް މަސައްކަތްތަކުގެ ޚަރަދުވެސް އޭގެތެރޭގައި ހިމެނޭ.

މީގެތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމުގެ ގޮތުން ކުރެވޭ ޚަރަދުތައްވެސް ހިމެނިފައިވާނެ. މީގެއިތުރުން، ސަރުކާރުން ބެލި ބެލުމުގައި، ރާއްޖެތެރޭގައި ހުރި މީސްކޮޅު މަދު ނުވަތަ ދިރިއުޅުން ދަތި ރަށްރަށުގެ ތެރެއިން، ބައެއް ރަށްރަށުގެ ރައްޔިތުން، ދިރިއުޅުމަށް ފަސޭހަ ބޮޑެތި ރަށްރަށަށް ބަދަލުވުމަށް އެދޭތީ، އެފަދަ ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިގަތުމުގެ ޚަރަދުވެސް ހިމެނިފައިވާނެ. ބަޖެޓް މަޢުލޫމާތު ކަރުދާސް ނަންބަރު (6)، އެކަރުދާހުގައި 1992 ވަނަ އަހަރުގެ ޚަރަދުތައް ހިންގުމަށްޓަކައި ލިބޭ ފައިސާ އަންނަ ފަރާތްތައް އަންދާޒާ ކުރެވިފައިވާނެ. އެކަރުދާހުން އެނގިވަޑައިގަންނަވާނެ ފަދައިން، އާމްދަނީގެ ގޮތުގައި މި އަންނަ އަހަރު ސަރުކާރަށް ލިބޭނެކަމަށް ލަފާކުރެވެނީ، ގާތްގަނޑަކަށް 654 މިލިއަން ރުފިޔާ. ސަރުކާރަށް ލިބޭ ބޭރުގެ އެހީގެ ތެރެއިން، ފައިސާއިންނާއި މުދަލުން ލިބޭނެކަމަށް ލަފާކުރެވިފައިވަނީ، 12 މިލިއަން ރުފިޔާ. ބޭރުގެ އެހީގެ ގޮތުގައި ބޮޑެތި ޕްރޮޖެކްޓްތަކަށް ހިލޭ ލިބޭނެކަމަށް ލަފާކުރެވިފައިވަނީ، ގާތްގަނޑަކަށް 152 މިލިއަން ރުފިޔާ. ލޯނުއެހީގެ ގޮތުގައި ބޮޑެތި ޕްރޮޖެކްޓްތަކަށް ލިބޭނެކަމަށް ލަފާކުރެވެނީ، ގާތްގަނޑަކަށް 203 މިލިއަން ރުފިޔާ.

ޢިއްޒަތްތެރި މެމްބަރުންގެ އަތްޕުޅުގައިވާ ކަރުދާސްތަކުގެ ތެރޭގައި، ދައުލަތަށް ލިބޭ ޖުމްލަ ފައިސާ، އެކި އަހަރުތަކުގެ މައްޗަށް ބަލާއިރު ލިބޭވަރު ދައްކައިދޭ ޗާޓެއްވާނެ. އެކަރުދާހަށް ބައްލަވައިލެއްވުމުން، އަހަރުން އަހަރަށް އާމްދަނީ އިތުރުވަމުން ގޮސްފައިވާ ގޮތް އެނގިވަޑައިގަންނަވާނެ.

1992 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މުޅި ޖުމްލައަކީ 1,512.3 މިލިއަން ރުފިޔާ ކަމުގައިވިޔަސް، އެއަހަރުގެ ތެރޭގައި ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ، 1,225.6 މިލިއަން ރުފިޔާ. އަދި ހުރިހާގޮތަކުން ލިބޭނެކަމަށް ބަލާފައިވަނީ، 1,021.8 މިލިއަން ރުފިޔާ. މި ދެޢަދަދުގެ ތަފާތު، އާދެ! 203.8 މިލިއަން ރުފިޔާ އެއީ، ބަޖެޓްގެ ޑެފިސިޓް، ލިބުނު އެއްޗަކަށްވުރެ ޚަރަދު ބޮޑުވެގެންދާ ތަން.

ސަރުކާރުގެ ބަޖެޓް ޑެފިސިޓްވާ ބައި ޚަރަދުކުރަން ފައިސާ ހޯދަންޖެހޭ. އެއްގޮތަކީ އިތުރު އާމްދަނީ ހޯދުން، ނުވަތަ ހިލޭއެހީ ހޯދުން، ނުވަތަ ދަރަންޏަށް ނެގުން. އެހެންކަމުން، ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ޤަޞްދުކުރެވިފައި. މީގެތެރެއިން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ މައްސަލަތަކުގެ ތެރެއިން ދެކަމަކާ ބެހޭ ބިލް މިހާރުވާނީ މަޖިލީހަށް ހުށަހެޅިފައި. މީގެއިތުރުން، ހުށަހަޅަންޖެހޭ ކަންތައް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅުމަށް އަޅުގަނޑު ޤަޞްދުކުރަން.

މިދެންނެވި ކަންތައްތައް ހަމަޖެހިއްޖެނަމަ، މިދެންނެވީ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ދެބިލްގެ މައްސަލައާއި އަދި އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ މަޖިލީހަށް ހުށަހަޅަން ޤަޞްދުކުރާ ކަންތައްތަކާއި، މިހުރިހާ ކަމެއް ހުށަހެޅިފައިވާ ގޮތަށް ހަމަޖެހިއްޖެނަމަ، އަންނަ އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އިތުރަށް ލިބޭނެކަމަށް ލަފާކުރެވޭ. އަދި ޚަރަދުކުޑަކުރުމަށްޓަކައި އެޅޭ ފިޔަވަޅުތަކުގެ ސަބަބުން، ބައެއް ޚަރަދުތައް ނުކޮށް ހިފެހެއްޓޭނެ ކަމުގައި ފެނޭ. އެހެންކަމުން، 1992 ވަނަ އަހަރު ނިމޭއިރުވެސް، ކުރީ އަހަރުތަކެކޭ އެއްފަދައިން، ޑެފިސިޓް ދައްކާ ޢަދަދު ވަރަށްބޮޑުތަން ކުޑަކުރެވޭނެ ކަމަށް ފެނޭ.

ކޮންމެ އަހަރަކުވެސް ބަޖެޓް ޚަރަދުތައް ކުޑަކުރުމަށްޓަކައި ވަރަށްގިނަ ފިޔަވަޅުތަކެއް އަޅަމުން ގެންދެވޭ. އޭގެތެރޭގައި، ކެޕިޓަލް ޚަރަދުތައް އޮފީސްއޮފީހުގެ ބަޖެޓްގައި ނުބަހައްޓައި، ވަކި އެކައުންޓަކަށް ޖަމާކުރުން ހިމެނޭ. އަދި ކަމާބެހޭ އޮފީސްތަކުން އަލުން ރައީސް އޮފީހަށް ލިޔުއްވައިގެން، ހުއްދަ ހޯއްދަވައިގެން ނޫނީ، އެޚަރަދުތައް ނުކުރެއްވޭގޮތަށް ހަމަޖެއްސޭ. މިހެން ހެދުމުން، ކޮންމެ އަހަރަކުވެސް ސަރުކާރުގެ ޚަރަދުތައް ވަރަށްބޮޑުތަން ކުޑަކުރެވޭކަން ވަނީ މިހާރު ތަޖުރިބާކުރެވިފައި. އެހެންވީމާ، މިފަހަރުވެސް ބަޖެޓް ކޮންޓްރޯލް ކުރުމުގެ ގޮތުން މިފިޔަވަޅުތައް އެޅޭނެ. އަދި މީގެއިތުރުންވެސް، ބައެއް ފިޔަވަޅު އެޅުމާމެދު އަޅުގަނޑު މިގެންދަނީ ވިސްނަމުން. މިހެން މިދެންނެވީ، 1992 ވަނަ އަހަރުގެ ބަޖެޓަކީ ވަރަށްބޮޑު ބަޖެޓަކަށްވުމާއެކު، ކުރީ އަހަރުތަކަށްވުރެވެސް ބޮޑަށް ޚަރަދު ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކެއް އަޅަން ބޭނުންވާ ކަމަށް އަޅުގަނޑު ދެކޭތީ.

ސަރުކާރުގެ ބަޖެޓް އަޅުގަނޑު މިހުށަހަޅަނީ، އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީއަށްޓަކައި، ޤައުމުގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް ކުރިއަށް ގެންދެވޭތޯ. ނަމަވެސް، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މަސައްކަތްތަކެއް ކުރަން ރޭވުމަކީ، ވަރަށް ވިސްނައިގެން ކުރަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. ސަރުކާރުން ކަންތައްތަކެއް ކުރަން ރާވާއިރު، އެކަންކަމަށް ހޭދަކުރާނެ ފައިސާ ހޯދާނެ ގޮތެއްވެސް ރާވަންޖެހޭނެ.

މިހާތަނަށް އަޅުގަނޑުމެން ގެންގުޅުނު ސިޔާސަތަކީ، ބައެއްކަހަލަ ބޮޑެތި މަޝްރޫޢުތައް އަޅުގަނޑުމެންނަށް ފައިސާ ލިބޭނެގޮތެއް ހަމަޖެހެންދެން ލަސްކުރުން. މިއުޞޫލު އަދިވެސް އަޅުގަނޑުމެން ހިފަހައްޓަންޖެހޭނެ ކަމުގައި އަޅުގަނޑު ޤަބޫލުކުރަން. އަޅުގަނޑުވެސް އެއްބަސް، ކޮންމެހެން ކުރަންޖެހިއްޖެ ކަމެއް ނުކޮށްވާކަށް ނޯންނާނެ. އެހެންނަމަވެސް، ޚަރަދުގެ ކުޑަބޮޑުމިނަށް ބަލައި، އިސްކަންދެވޭ ތަރުތީބަކަށް، ހުރިހާ ފަރާތްތަކަކުންވެސް ޢަމަލުކުރުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި އަޅުގަނޑު ދެކެން.

މިނުކުތާގައި އަޅުގަނޑު ވާހަކަ ދައްކާއިރު، މިއަހަރުގެ ބަޖެޓް ހެދުމުގެ މައްޗަށް ހިސާބަކަށް ނަޒަރު ހިންގާލަންޖެހޭ. މިނިސްޓްރީ އޮފް ފިނޭންސަށް ސަރުކާރުގެ އޮފީސްތަކުން ބަޖެޓްގެ ހުށަހެޅުންތައް ލިބުނުއިރު، ޖުމްލަ ޚަރަދާއި، ލިބޭނެ އާމްދަނީއަށް ބަލައިލިއިރު، ފައިސާ ލިބެން އަންނަނީ، މުޅި ބަޖެޓްގެ ތިންބައިކުޅަ ދެބަޔަށްވުރެ ކުޑަ މިންވަރަކަށް. އާދެ! ފުރަތަމަ ސަރުކާރުގެ އޮފީސްތަކުން ބަޖެޓްގެ ހުށަހެޅުންތައް، މިނިސްޓްރީ އޮފް ފިނޭންސަށް ލިބިވަޑައިގެންނެވިއިރު، ސަރުކާރަށް 1992 ވަނަ އަހަރު ލިބޭނެކަމަށް ބެލޭ ޢަދަދަށްވުރެ، އޮފީސްތަކުގެ ޚަރަދުގެ ޖުމްލަ، 400 އެތައް މިލިއަނެއް އޮތީ އިތުރަށް. ފުރަތަމަ ބަޖެޓްގެ ހުށަހެޅުންތައް އައިއިރު، ޑެފިސިޓް ދައްކަނީ، 400 މިލިއަނަށްވުރެވެސް މަތީ ޢަދަދެއް. މިނިސްޓްރީ އޮފް ފިނޭންސުންނާއި، ބަޖެޓް ކޮމިޓީން ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިގެންވެސް، ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީއަށް ޚަރަދު ފެއްތޭވަރަކަށް ބަޖެޓް ކުޑައެއްނުކުރެއްވުނު. އާދެ! ޑެފިސިޓް ގާތްގަނޑަކަށް ކުރިން އޮތްވަރަށްވުރެ ދެބައިކުޅައެއްބަޔަށްވުރެވެސް ކުޑަކުރެއްވިއްޖެ. އެއީ 400 އެތައް މިލިއަނެއް އޮތްތަން 203 މިލިއަނަށް ކުޑަކުރެއްވުނު. އެހެންނަމަވެސް، އެއަށްވުރެ ބޮޑުތަން ކުޑަކުރެއްވޭގޮތެއްނުވި. ސަބަބަކީ، އޮފީސްތަކުން ހިންގެވުމަށް ޤަޞްދުކުރައްވާފައިވާ ޕްރޮގްރާމްތައް ބަޖެޓުން އުނިކޮށްލައިފިނަމަ، އިޖްތިމާޢީ ތަރައްޤީއަށް ރޭވިފައި ހުރި ކަންތައްތަކުގެ ތެރެއިން، އެއްކަމެއް ނުވެވިގެން އަނެއްކަމަކަށް ބުރޫއަރާގޮތް މެދުވެރިވުން އެކަށީގެންވާތީ.

އަޅުގަނޑުގެ މި ބަޔާން ނިންމާލުމުގެ ކުރިން، ރާއްޖޭގެ އިޤްތިޞާދީ ދާއިރާގެ މުޙައްރިކުންނާމެދު އެއްޗެއް ދަންނަވާލަންޖެހޭ. ދިވެހިރާއްޖެ އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ވަރަށްބާރަށް ކުރިއަށްދާ ކަމުގައި ބައިނަލްއަޤްވާމީ މާލީ އަދި އިޤްތިޞާދީ ޖަމާޢަތްތަކުން ޤަބޫލުކުރޭ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކާ އަޅުގަނޑުމެން ފަދަ ކުދި އެހެން ޤައުމުތަކާ އަޅައިބަލާއިރު، ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކަށް އެފަރާތްތަކުން ތަރުޙީބުދީ ތަޢުރީފުކުރޭ. ރާއްޖޭގެ އިޤްތިޞާދިއްޔަތުގެ ވަރުގަދަ ކުރިއެރުމާ އެއްވަރަށް، ރާއްޖޭގެ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުކުރެވޭކަމާއި، އެފަރާތްތަކަށް ލާބައާއި މަންފާދެވޭ ކަމުގައި ބޭރުގެ މާހިރުންގެ ރިޕޯޓުތަކުގައި ހާމަކުރޭ.

ޙަޤީޤަތުގައި ރާއްޖޭގެ އިޤްތިޞާދީ މުޙައްރިކުންނަކީ ދިވެހި ރައްޔިތުން. އިޤްތިޞާދު ބިނާކުރަނީ އެމީހުން. މަސްވެރިންނަކީ އެމީހުން. ދަނޑުވެރިންނަކީ އެމީހުން. ޓޫރިޒަމްގެ ދާއިރާގައި އަވަދިނެތި މަސައްކަތް ކުރަނީ އެމީހުން. އަދި ޚިދުމަތުގެ ދާއިރާގައި ވަޒީފާ އަދާކުރަނީވެސް ހަމަ އެމީހުން. އެހެންކަމުން، ރާއްޖޭގެ އިޤްތިޞާދިއްޔަތު ކުރިއަށްދާނަމަ، އެކަމުގެ ތަޢުރީފާއި ޝުކުރު ރައްދުވާންވީ ފަރާތްތަކަކީ ހަމަ އެއީ. އަދި ފައިދާ ލިބިގަންނަންވީ ފަރާތްތަކަކީވެސް އެއީ. އާދެ! ރާއްޖޭގެ ހީވާގި ރައްޔިތުން.

ސަރުކާރުން ކޮށްދޭ ކަމަކީ، ހަރުދަނާ އިޤްތިޞާދީ ސިޔާސަތެއް ކަނޑައަޅައި، އެކަމަށް މަގުފަހިކޮށްދިނުން. އަދި އެކަން ކުރިއަށް ގެންދެވޭނެ ވަސީލަތްތައް އުފައްދައިދިނުން. އެހެންކަމުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ރާއްޖޭގެ އިޤްތިޞާދީ މަރުކަޒުތަކުގައި މަސައްކަތް ކުރަމުންދާ ހިއްމަތްތެރިންނަށް، އާދެ! ރާއްޖޭގެ އިޤްތިޞާދީ މުޙައްރިކުންނަށް، މިފުރުޞަތުގައި ޝުކުރު އަދާކުރުމަކީ އަޅުގަނޑުގެ ވާޖިބެއް، އަދި އުފަލެއް.

މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެމްބަރުން؛

1992 ވަނަ އަހަރަށް އަންދާޒާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގައި އަޅުގަނޑު ދެއްކި ވާހަކަ އެއްސެވިކަމަށްޓަކައި، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ރާއްޖޭގެ އިޤްތިޞާދު ބިނާކުރުމުގެ ސިޔާސަތު ރޭވުމުގައި، ތިޔަ ޢިއްޒަތްތެރި މެމްބަރުންގެ ޙިއްޞާ ވަރަށް މުހިންމު. އަދި އެ މުހިންމު ޙިއްޞާ މެމްބަރުން އަދާކުރައްވަމުން ގެންދަވަނީ، ހެޔޮނިޔަތުގައި އިޚްލާޞްތެރިކަމާއެކުގައިކަން އަޅުގަނޑު ޤަބޫލުކުރަން. މެމްބަރުންގެ ފަރާތްޕުޅުން މިކަމުގައި އަޅުގަނޑަށް ލިބޭ އެހީއާއި ތާއީދަށް އަބަދުވެސް އަޅުގަނޑު ޝުކުރުވެރިވާ ވާހަކަ މިފުރުޞަތުގައިވެސް ދަންނަވާލަން.

ދައުލަތުގެ ބަޖެޓް ތައްޔާރުކުރުމަކީ، ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިގެން ކޮންމެ އަހަރަކުވެސް ކުރެވޭ ވަރަށްބުރަ މަސައްކަތެއް. މިއަހަރުވެސް އެކަން ހިނގާފައިވަނީ އެގޮތަށް. ވީމާ، އެފަރާތްތަކަށް މިފުރުޞަތުގައި ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން. މިގޮތުން، އަޅުގަނޑު ފުރަތަމަ ޝުކުރު ދަންނަވާނީ، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް. ކުރިންވެސް ދެންނެވިފައިވާ ފަދައިން، ބަޖެޓްގެ ޖުމްލަ ހިސާބުތައް ފުރަތަމަ ލިބުނުއިރު، ބަޖެޓްގެ ޑެފިސިޓް އޮތީ މިހާރު އޮތްވަރުގެ ދެގުނައަށްވުރެވެސް ބޮޑުކޮށް. އެހެންކަމާއެކު، ބަޖެޓް ކުޑަކުރުމާ ބެހޭގޮތުންނާއި، ދައުލަތުގެ އާމްދަނީ އިތުރުކުރުމާ ބެހޭގޮތުން ވަޒީރުންގެ މަޖލީހުގައި ވަނީ އެތައްފަހަރަކު މަޝްވަރާކުރެވިފައި. ވަޒީރުންގެ މަޖިލީހުން ދެއްވި ޚިޔާލުފުޅުތަކާ އެއްގޮތަށް ގެންނަންޖެހުނު ބަދަލުތައް މިހާރުވަނީ ބަޖެޓަށް ގެނެވިފައި. މިކަމުގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ފަރާތްޕުޅުން ލިބިފައިވާ ޚިޔާލުފުޅުތަކާއި އެހީތެރިކަމަށްޓަކައި، އެބޭފުޅުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިއަހަރުވެސް ބަޖެޓް ތައްޔާރުކުރައްވާފައި ވަނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން، މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ވަރަށްގިނަ ހިސާބުތަކެއް ހޯއްދަވައި، ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވައިގެން. އެހެންކަމާއެކު، މިމަސައްކަތް އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ވަރަށް އިޚްލާޞްތެރިކަމާއެކު ކުރެއްވި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަލްފާޟިލް އިސްމާޢީލް ފަތުޙީއަށް އަޅުގަނޑު ހިތުގެއަޑިން ޝުކުރު ދަންނަވަން. އަދި އޭނާގެ ބެއްލެވުމުގެ ދަށުން އެމިނިސްޓްރީގައި ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރެއްވި އެހެން ވެރިންނާއި މުވައްޒަފުންވެސް އަޅުގަނޑުގެ މި ޝުކުރުގައި ޝާމިލްކުރަން.

ބަޖެޓް ތައްޔާރުކުރެއްވުމުގައި މިނިސްޓްރީ އޮފް ފިނޭންސްއިން ކުރައްވާ މަސައްކަތް ވަކިހިސާބަކަށް ދިޔުމުން، ކޮންމެ އަހަރަކުވެސް ބަޖެޓް ކޮމިޓީން ކޮށްދެއްވާ މަސައްކަތްތަކަކީވެސް ވަރަށްބުރަ މަސައްކަތްތަކެއް. ބަޖެޓް ކޮމިޓީގެ މެމްބަރުން ކޮށްދެއްވާފައިވާ މަސައްކަތްތަކަށްޓަކައި، އެބޭފުޅުންނަށްވެސް ވަރަށް ޚާއްޞަގޮތެއްގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ މިޝުކުރު ނިންމާލާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި އަދި އޮފީހުގެ ފައިސާއާއި ބަޖެޓާބެހޭ ބައިގެ މުވައްޒަފުންގެ ފަރާތުން، ބަޖެޓާބެހޭ މަޢުލޫމާތުތައް ހޯދުމުގައި އަޅުގަނޑަށް ލިބިފައިވާ ގިނަގުނަ އެހީތަކަށްޓަކައި އެފަރާތްތަކަށްވެސް ޝުކުރު ދަންނަވަމުން.

މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެމްބަރުން؛

ވިހިވަނަ ޤަރުނުގެ އެންމެފަހު ދިހައިގެ ތެރޭގައި، އަޅުގަނޑުމެން ތަރައްޤީގެ މަގުގައި މަސައްކަތް ކުރާއިރު، ވަރަށްގިނަ މުހިންމު ބަދަލުތަކާ ކުރިމަތިލާންޖެހޭނެ. އެބަދަލުތަކާ ކުރިމަތިލާ ކުރިމަތިލުމަކީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ޖިހާދު. މި ޖިހާދުގައި އަޅުގަނޑުމެން އެންމެ ތަންކޮޅެއްވެސް ފަހަށްޖެހިގެނެއް ނުވާނެ. މާދަމާގެ ދިވެހިރާއްޖެއަކީ، މިއަދު އަޅުގަނޑުމެންގެ މަސައްކަތުން އުފައްދާ ރާއްޖެއެއް. އަޅުގަނޑުމެން ދިވެހި ރައްޔިތުން މިމަސައްކަތް މިކުރަނީ، ނުހަނު މާތް މަޤްޞަދެއްގައި. އަދި ނުހަނު ހެޔޮނިޔަތުގައި. މާތްﷲގެ ވާގިފުޅާލައިގެން، ޒަމާން ތަންދޭ ގޮތެއްގެ މަތިން، މިމަޤްޞަދުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޙާޞިލްކުރާނަން.

އަޅުގަނޑު އެދެނީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން، ޒަމާނާ އެއްގޮތްވާ ގޮތުގެ މަތިން އަންނަންޖެހޭ ބަދަލާއެކު، އަވަސް ބާރުމިނެއްގައި ކުރިއަށްދިޔުން. އިޤްތިޞާދީ މަސައްކަތުގެ މޭވާ އަޅުގަނޑުމެންނަށް، މާތްﷲގެ ވާގިފުޅާއެކު ލިބޭނެގޮތް މެދުވެރިވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.