بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيِّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ، މިއަދު އަޅުގަނޑުގެ އެންމެ ބޮޑު އުފަލަކީ، ބުޚާރީ ޕްރައިވެޓް ލިމިޓެޑުން ހިންގަވާ "ބިގްފިޝް ޕްރޮސެސިންގ ފެކްޓްރީ" ރަސްމީގޮތުން، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން އެކަލާނގެ ތައުފީޤަށް އެދިހުރެ، އިފްތިތާޙު ކޮށްދިނުން. މި މުހިންމު އަދި އުފާވެރި މުނާސަބަތުގައި، އެކުންފުނީގެ ޗެއަރމަން އަލްފާޟިލް އިބްރާހީމް ދާއޫދަށާއި، މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޔޫސުފް ރަފީޢަށާއި އަދި ކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ޑިރެކްޓަރު ކަމަށް އަޅުގަނޑު ދެކޭ، އަލްފާޟިލާ ޒަހަބް ޢަލީއަށާއި އަދި ކުންފުނީގެ ހީވާގި ވެރިންނަށާއި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

މިއަދުގެ މި އުފާވެރި ޙަފްލާގައި ބައިވެރިވުމަށްޓަކައި، އަޅުގަނޑު މާލެއަތޮޅު ހިންމަފުށްޓަށް އައުމުން، މި އަތޮޅު ހިންގެވުމާ މި ވަގުތު ޙަވާލުވެވަޑައިގެން ހުންނެވި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ އަތޮޅުވެރިޔާގެ ބަދަލު އަލްފާޟިލް މޫސާ ޙަސަނަށާއި، ހިންމަފުށީ ވެރިންނަށާއި، ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، އެބޭފުޅުން އެ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ޝުކުރު ދަންނަވަން.

އާދެ، ހިންމަފުށްޓަށް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މީގެކުރިންވެސް ތިންފަހަރެއްގެ މަތިން އަޅުގަނޑަށް މިރަށަށްވަނީ ޒިޔާރަތްކުރެވިފައި. މިރަށަކީ ވަރަށް ގިނަ ގޮތްގޮތުން ބަލާއިރު ޚާއްޞަ ރަށެއް. އެއްސަބަބަކީ، މިފަދަ މަސައްކަތްތައް މިތާނގައި ހިނގަމުންދާކަން. އަނެއް ސަބަބަކީ، އަޅުގަނޑުމެންގެ އިޖްތިމާޢީ ބައެއް ކަންތައްތަކުގައި ވަރަށް މުހިންމު ބައެއް އަދާކުރާ މަރްކަޒުތަކެއްވެސް މިތާނގައި ހިނގަމުންދާކަން. ހަމައެހެންމެ، މިރަށުގެ ރައްޔިތުންނަކީ ވަރަށް ހީވާގި މަސައްކަތްތެރި ބަޔަކަށްވާކަން. އެމީހުންގެ ޙިއްޞާ، އަޅުގަނޑުމެންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ހިމެނިފައިވާލެއް ބޮޑުކަން. މިކަންކަމަށްޓަކައި ހިންމަފުށްޓަށް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި ދަންނަވަން. އަދި އިރާދަކުރެއްވިއްޔާ މިއަދުގެ ތަންކޮޅެއް ފަހުގެ ވަގުތެއްގައި، ހިންމަފުށީ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުންވެސް އެބައޮތް. އެ ބައްދަލުކޮށްލުން ރޭވިފައި މި އޮންނަނީ ހަމަ ހިންމަފުށީ ކޮންމެ ބޭފުޅަކުވެސް އަޅުގަނޑުގެ ގާތަށް ވަޑައިގެން ވާހަކަފުޅު ދައްކަވާލެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާ ގޮތަށް. އެހެންވީމާ، އެ ފުރުޞަތަކީ މިއަދު ލިބޭނެކަމަށް އަޅުގަނޑު ވަރަށް ޝައުޤުވެރިކަމާއެކު އިންތިޒާރުގައި ހުންނަ ފުރުޞަތެއް ކަމުގައި ދަންނަވާލަން.

އާދެ، ބުޚާރީ ޕްރައިވެޓް ލިމިޓެޑަކީ، ރާއްޖޭގައި މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި، ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރަމުންގެންދާ ކުންފުންޏެއް. އަޅުގަނޑުމެންނަށް އެކަމުގެ ތަފްޞީލުތައް ދެންމެ ވަރަށް ރަނގަޅަށް އިވިގެން ހިނގައްޖެ. އާދެ، އަލްފާޟިލް ޔޫސުފް ރަފީޢު ނުވަތަ އަޅުގަނޑުމެން އެންމެން ދަންނަގޮތުގައި ޔޫސޭ މިތާނގައި ދެއްކެވި ވާހަކަތަކުން ހަމަގައިމުވެސް އަޅުގަނޑު ނުދަންނަ، ވަރަށް ގިނަ މަޢުލޫމާތުތަކެއް އަޅުގަނޑަށް ލިބިއްޖެ.

އެހެންވީމާ، މި ކުންފުންޏަކީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށްބޮޑަށް މިކަމުގައި އިސްނަންގަވައިގެން ޙަރަކާތްތެރިވެވަޑައިގަންނަވާ ކުންފުންޏެއް. އޭނާ އެ ވިދާޅުވިގޮތުގައި، ރާއްޖެއިން އެންމެ ފުރަތަމަ ސޫފި ބޭރުކުރަންފެށީވެސް އެ ކުންފުނީގެ ފަރާތުން. އަދި ފަހުން މިހާރު އެހެން ބައެއް މަސައްކަތްތައްވެސް އެ ކުންފުނިން އެންމެ އިސްކަމެއްގެ ގޮތުގައި، ގާހަކަ ބޭރުކުރަންފެށީވެސް އެބޭފުޅުންނޭ ވިދާޅުވި. އެހެންވީމާ، މިކަންކަމުގައި ވަރަށް އިސްނަގައި ޙަރަކާތްތެރިވާ ފަރާތެއްގެ ގޮތުގައި، އެކުންފުނި އަޅުގަނޑުމެން މިއަދު ދެކެން އެބަޖެހޭ.

ހަމައެހެންމެ، މިހާރު އަލަށް މި ފެށްޓެވި "ބިގްފިޝް ޕްރޮސެސިންގ ފެކްޓްރީ" ބިގްފިޝްއޭ ކިޔާތީ، އެއީ ކީއްވެބާއޭ އަޅުގަނޑުވެސް ހިތަށްއަރާ. އެހެންނަމަވެސް، ދެންމެ އަޅުގަނޑަށް އޮޅުންފިލައިގެން ހިނގައްޖެ. ދެން ޔޫސޭއަކީ، އަޅުގަނޑުމެން އެންމެން ރައްޓެހި އަޅުގަނޑުމެން ގާތުގައި ވަރަށް މަޤްބޫލު ބޭފުޅެއް. އޭނާ އަޅުގަނޑުމެންނަށް ފެނިފައި މި އޮންނަނީ މުނިފޫހިފިލުވުމުގެ ދާއިރާއިން، ބޮޑަށް. އޭނާގެ ފިލްމުތަކާއި ތަމްސީލުތަކާ، މި ކަންތައްތަކުން އަޅުގަނޑުމެންނަށް އޭނާ އެނގިފައި މިއޮންނަނީ. އެހެންނަމަވެސް، މިއަދު އޭނާ މިތާނގައި ދެއްކެވި ވާހަކަފުޅު، އަޅުގަނޑަށް އަދި އޭނާގެ އެ ތަމްސީލު ކުޅުއްވުމަށްވުރެ މާ ފުރިހަމަ. އާދެ، އަޅުގަނޑު މާ އަހާހިތްވާގޮތަށް، މާ ރަނގަޅަށް ޙަޤީޤަތް ފިލާގޮތަކަށް ވާހަކަފުޅު ދެއްކެވީ، ވަރަށް ކުޅަދާނަކަމާއެކީގައި. އަދި އޭނާގެ ވާހަކަފުޅުގައި އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި އަޅުގަނޑު ވަރަށް ޝުކުރު އަދާކުރާ ވާހަކަ ދަންނަވާލަން.

އާދެ، ދެންމެ ޔޫސޭގެ ވާހަކައިގައި އެ ވިދާޅުވިފަދައިން، މި ބިގްފިޝް ޕްރޮސެސިންގ ފެކްޓްރީއަކީ، މިހާރު ޔޫރަޕިއަން ޔޫނިއަން ޤަބޫލުކުރާ ފެންވަރަށް މަސްތައްޔާރުކުރާ ކާރުޚާނާއެއް. އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ވަރަށް ބޮޑު ފަޚުރެއް. ރާއްޖޭގައި ތައްޔާރުކުރާ ތަފާތު ބާވަތްތަކުގެ އުފެއްދުންތައް، އެއީ ދުނިޔެ ޤަބޫލުކުރާ ފެންވަރަކަށް އުފެއްދޭ އުފެއްދުންތަކެއް ކަމަށްވާނަމަ، ޝައްކެއްނެތް، އެއީ މުޅި ޤައުމަށް ލިބޭ ރީތިނަމެއް. ފަޚުރެއް. އަދި އޭގެ ސަބަބުން، އަޅުގަނޑުމެންގެ އިޤްތިޞާދަށާއި، އެހެން ކަންކަމަށްވެސް ވަރަށް ބޮޑަށް ފައިދާކުރަމުންދާނެ ކަމެއް. އެހެންވީމާ، މި ފެންވަރަށް މި ފެކްޓްރީ ތައްޔާރުކުރައްވައި، މިހާބޮޑު ހޭދައެއް ކުރައްވައިގެން މިކަން ކުރިޔަށް ގެންދަވާތީ، އަދި އޭނާ އެ ވިދާޅުވިގޮތުގައި، ވަރަށް ގިނަ ޢަދަދެއްގެ ދިވެހިންނަށް ވަޒީފާ ލިބޭގޮތަށް މިކަން ރާއްވަވައިގެން ހިންގަވާކަމީ، އަޅުގަނޑު ހަމަގައިމުވެސް ވަރަށް ބޮޑަށް އުފާކުރާ ކަމެއް.

ދިވެހިންނަށް ވަޒީފާ ލިބުމަކީ، މިއަދު ވަރަށް މުހިންމު ކަމަކަށްވެފައި އޮތް ކަމެއް. ސަރުކާރުންވެސް ދިވެހިންނަށް ވަޒީފާ ހޯދައިދެވޭތޯ ވަރަށް ގިނަ މަސައްކަތްތައް ކުރަމުން މިގެންދަނީ. އެހެންވީމާ، މި އަމިއްލަ ފަރާތްތަކުން މި ކުރައްވާ މަސައްކަތްތަކުގައި، ދިވެހިންނަށް އިތުރު ވަޒީފާ ލިބޭގޮތްވުމަކީ، ޝައްކެއްނެތްގޮތުގައި، މުޅި ރާއްޖެއަށް ލިބޭ ކުރިއެރުމެއް. ދިވެހި ރައްޔިތުންނަށް ލިބޭ ތަރައްޤީއެއް. އަދި އަޅުގަނޑުމެންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންތައްތަކަށް ލިބޭ، ހަމަ ވަރަށް ބޮޑު ކުރިއެރުމަކާއި ތަރައްޤީއެއް ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ. އެހެންވީމާ، އެކަމަށްޓަކައިވެސް އަޅުގަނޑު މި ކުންފުނީގެ ވެރިންނަށާއި ހިންގުންތެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ސާބަސް ރައްދުކުރަން.

އާދެ، ޔޫސޭގެ ވާހަކަ އަޅުގަނޑަށް ކޮންމެވެސްވަރަކަށް ދަންނަވާލެވިއްޖެ. އެހެންނަމަވެސް، އަދި އެއް ވާހަކަ ދަންނަވާލަން ބޭނުންވޭ. އޭނާއަކީ ކުރިންވެސް މި ދެންނެވިހެން، ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރު ބޭފުޅަކަށްވާތީ، އެ ދާއިރާއިން އޭނާއަށް މިއޮތީ، ސަރުކާރުން 1989 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު އަރުވާފައި. އެހެންވީމާ، އެއީވެސް އަޅުގަނޑު ހިތުން އަޅުގަނޑުމެން މިއަދު ހަމަ ހަނދާންކޮށްލަންޖެހޭ ކަމެއް. ޔޫސޭއަކީ ހަމައެކަނި މި ދާއިރާގައި ޚިދުމަތްކުރައްވާ ބޭފުޅެއްނޫންކަން. އޭނާގެ ޚިދުމަތް މިއީ އެހެން ދާއިރާތަކުގައިވެސް އަޅުގަނޑުމެންނަށް ފެނިފައިވާ، އަދި ވަރަށް ގިނަ މީހުންގެ ގާތުގައި މަޤްބޫލު ޚިދުމަތެއްކަން އަޅުގަނޑު މި ފުރުޞަތުގައި ހަމަ ބުނެލަން ބޭނުންވީ.

އާދެ، ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް، އެކަމުގެ ފައިދާ މުޅި ރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ލިބިދެވޭނެ ގޮތްތައް ހޯދުމަކީ، ސަރުކާރުން އަބަދުވެސް ވަރަށްބޮޑު އިސްކަމެއް ދެމުންއަންނަ ކަމެއް. ޒަމާނުއްސުރެ އަޅުގަނޑުމެންގެ ރާއްޖޭގައި މި އޮންނަނީ ކަޅުބިލަމަހުގެ މަދު އުފެއްދުންތަކެއް. އޭގެމައްޗަށް ރާއްޖޭގެ އިޤްތިޞާދު ކުރިއްސުރެ ބިނާވެގެން އައިސްފައި މިއޮތީ. އެހެންނަމަވެސް، މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އެ މަސައްކަތުގެ ދާއިރާވެސް ފުޅާވެގެން ހިނގައްޖެ. އަދި އާ އުފެއްދުންތަކެއް މިހާރު އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ފޮނުވަން ފަށައިފީމު. އޭގެތެރޭގައި، މިހާރު ބާނާމަހުގެ ގާތްގަނޑަކަށް 15 އިންސައްތައަކީ، ބޮޑުކަންނެލި ކަމުގައި ވެގެން ހިނގައްޖެ. އެހެންވީމާ، މަސްވެރިކަމަށް މި އަންނަ ބަދަލު، މަސްވެރިކަން ކުރުމަށާއި އަދި އެ ލިބޭ މަސް ތައްޔާރުކުރުމަށާއި، އެކްސްޕޯޓް ކުރުމުގައި އިތުރު ގޮތްތަކެއް ފެނިގެންދިޔުމަކީ، އަޅުގަނޑުމެންގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަން ކަށަވަރު. އެގޮތަށް މި ކުންފުނިންވެސް މަސައްކަތް ކުރައްވާތީ. އަދި މި ކުންފުނި ނޫނަސް، ރާއްޖޭގެ އެހެން ކުންފުނިތަކުންވެސް މި މަސައްކަތް ކުރައްވާތީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން.

އެހެންވީމާ، ބުޚާރީ ޕްރައިވެޓް ލިމިޓެޑަށާއި އަދި މި ދާއިރާގައި މަސައްކަތް ކުރައްވާ، ސަރުކާރުގެ މިފްކޯއަށާއި އަދި ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރައްވާ ހުރިހާ ކުންފުނިތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ، އެ މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން މިއަދު އަޅުގަނޑުމެންގެ ޖަލްސާގައި ވަޑައިގެން އެބަ ތިއްބެވި. އެއީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ދެންމެ ޔޫސޭ އެ ވިދާޅުވިފަދައިން، މީގެ ދުވަސްކޮޅެއް ކުރިން، އަޅުގަނޑު ހަނދާންވާގޮތުގައި، މި މަހުގެ 3 ވަނަ ދުވަހު މާންދޫގައި އަމިއްލަ ފަރާތަކުން ހިންގަވާ، އާ ފެކްޓްރީގެ ބިންގާ އަޅައިދިނުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ މަސްވެރިކަމަށް މިކަމުން ލިބޭނެ ކުރިއެރުންތައް ވަރަށް ބޮޑެތި. ވަރަށް ފައިދާހުރި ކަންތައްތަކެއް ވެގެންދާނެ. ވަރަށް ގިނަ ބަޔަކަށް ވަޒީފާ ލިބޭނެ. ވަރަށް ގިނަ ބައެއްގެ އާމްދަނީ އިތުރުވެގެންދާނެ. އަދި މުޅި ޤައުމުގެ އިޤްތިޞާދަށްވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ.

އެހެންވީމާ، އެކަމަށް ބަލާފައި ސަރުކާރުން މަސްވެރިކަމުގެ ދާއިރާވެސް މިހާރު މިއޮތީ މުޅިން މިނިވަންކޮށްފައި. މަސްވެރިކަމުގެ ކޮންމެ ދާއިރާއެއްގައިވެސް ވަކިކަހަލަ އުޞޫލުތަކެއް އޮންނަންޖެހޭނެތީ، އަޅުގަނޑުމެންގެ މަސްވެރިކަމުގެ ދާއިރާގައިވެސް، ކަމާބެހޭ ޤާނޫނެއްވެސް އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދެއްވެސް އޮވޭ. ކަނަޑައެޅިފައިވާ އުޞޫލުތަކެއް އޮވޭ. އެ ކަންތައްތަކަށް ރިޢާޔަތްކުރުމާއެކީގައި މަސްވެރިކަން މުޅިން މިނިވަންކޮށް، ހުރިހާ ފަރާތްތަކަކުން އޭގައި ޙިއްޞާކުރެވޭގޮތަށް އޮތުމަކީ، ވަރަށް ބޭނުންތެރި ކަމެއް ކަމަށް ފެންނާތީ، އެގޮތަށް ސަރުކާރުން މަސައްކަތްކުރަމުން މިހާރު މިގެންދަނީ.

އާދެ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެކްސްޕޯޓް މާރުކޭޓްތަކަށް އަމާޒުކޮށްގެން ބޮޑުކަންނެލީގެ މަސްވެރިކަން ފެށުމަށްފަހު، މި ހިނގައިދިޔަ އަށެއްކަ އަހަރު ދުވަހުގެތެރޭގައި މަސްވެރިކަމުގެ ޞިނާޢަތުގައި، ބޮޑުކަންނެލީގެ މަސްވެރިކަމުގެ ޙިއްޞާ އަހަރުން އަހަރަށް ދިޔައީ އިތުރުވަމުން. "ބިގްފިޝް ޕްރޮސެސިންގ ފެކްޓްރީ" އިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރައްވަނީވެސް ބޮޑުކަންނެލީގެ ބާވަތްތައް ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ. ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެން ބާނާމަހުގެ ބާވަތްތައް އިތުރުކޮށް، ބާނާމަހުން، މަތީއަގު ލިބޭ އިތުރު ބާވަތްތައް އުފެއްދުމަކީ، މަސްވެރިކަމުގެ ޞިނާޢަތު ހަރުދަނާކޮށްދޭ މުހިންމު ކުރިއެރުމެއް ކަމަށް އަޅުގަނޑުމެން އެންމެން ޤަބޫލުކުރަންޖެހޭ.

އެހެންވީމާ، މި ޞިނާޢަތު، މި މަސައްކަތް، ދިވެހިންނަށް ފައިދާކުރަނިވި ގޮތެއްގައި ތަރައްޤީކުރުމުގައި، އަޅުގަނޑުމެން އެންމެބޮޑު ސަމާލުކަމެއް ދޭންވީ އެއްކަމަކީ، ބާނާ ބޮޑުކަންނެލީގެ ބާވަތްތަކުން އަގު ރަނގަޅު އުފެއްދުންތައް ރާއްޖޭގައި އުފެއްދުމަށް. ހަމަ އެހެންމެ، އެ އުފައްދާ ބާވަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ސީދާ ރާއްޖޭގެ އުފެއްދުންތަކެއްގެ ގޮތުގައި، މަތީއަގު ލިބޭ މާރުކޭޓްތަކަށް އެކްސްޕޯޓް ކުރަމުން ގެންދިޔުން. އާދެ، ދެންމެ އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ، މިހާރު އެތަން ހިނގަނީ އެގޮތަށް ކަމަށް. ކުރިން ރާއްޖޭގެމަސް، އޮޅުދޫކަރަ ފިޔަވައި، އެހެން ތަންތަނަށް މިދަނީ އޮޅުދޫކަރައިގެ ތެރެއިންލާފައި. މެދުވެރިންތަކެއްގެ ތެރެއިންލާފައި. އެހެންނަމަވެސް، ފަހަކަށްއައިސް މިހާރު އަޅުގަނޑުމެންގެ މަހުގެ އުފެއްދުންތައްވެސް ސީދާ ރާއްޖެއިން، އެ ބޭނުންވާ ފަރާތްތަކަށް، ބޭނުންވާ ބާޒާރުތަކަށް ދާކަން އެއީ ޝައްކެއްނެތް، އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެއް. އެ ކުރިއެރުން އެގޮތަށް އަޅުގަނޑުމެން ދަމަހައްޓަންޖެހޭ. އެކަމަކު އެހެން ދެމެހެއްޓުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ. އަޅުގަނޑުމެން މި އުފައްދާ އުފެއްދުމަކީ ފެންވަރު ރަނގަޅު އުފެއްދުންތަކެއް ކަމަށް ހެދުމަށް. ޚާއްޞަކޮށް، ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކަށް ބޭރުކުރާ އެކި އުފެއްދުންތަކަކީ، އޭގެ ފެންވަރު ރަނގަޅުގޮތެއްގައި ހިފެހެއްޓިފައިނުވާ އުފެއްދުންތަކެއް ކަމަށްވަންޏާ، އެތަންތަނަކުން އެއެއް ޤަބޫލެއްނުކުރާނެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި، އެ ތަންތަނަށް ވައްދާ އުފެއްދުންތަކުގެ ފެންވަރާ ބެހޭގޮތުން ވަރަށް ހަރުކަށި ޤަވާޢިދުތަކެއް ހެދިފައި ހުރޭ. އެހެންވީމާ، އެ ފެންވަރަށް އަޅުގަނޑުމެން ކަންތައްތައް ތައްޔާރުކުރަންޖެހޭނެ. އަދި ޚާއްޞަކޮށް، މީހުން ކާ އެއްޗެހި.

އެނގިވަޑައިގަންނާނެ، ކާނާއަކީ ވަރަށް މުހިންމު އެއްޗެއް، ކޮންމެ އިންސާނަކަށްވެސް އަދި ކޮންމެ ޤައުމަކަށްވެސް. އެ ކާނާ ހުންނަން މިޖެހެނީ ޞިއްޙީގޮތުން ރައްކާތެރި އަދި އޭގެ ފައިދާ، އެ ކާ ބަޔަކަށް ލިބޭގޮތަކަށް. އެއްވެސްކަހަލަ ނުރައްކަލެއް އެއަކު ހުރެގެނެއްނުވޭ. ހުރެގެން ނުވެސްވާނެ. ފެންވަރު ދަށްވެގެން، އެ ކާ ބަޔަކަށް، އޭގެ ސަބަބުން ގެއްލުމެއް ލިބޭގޮތަކަށް ހުރެއްޖިއްޔާ އެއީ، އެމީހުންގެ ގާތުގައި މަޤްބޫލު އެއްޗަކަށް ނުވާނެ. ހަމައެހެންމެ، އޭގެފަހުން އަޅުގަނޑުމެންނަށް އެ ފުރުޞަތުވެސް ދާނީ ގެއްލިގެން. އެހެންވީމާ، އެންމެ ކުރިއްސުރެވެސް އަޅުގަނޑުމެން ވިސްނަންވެފައި އޮތް ނުކުތާއެއް، ކުރިންވެސް ވިސްނަމުން ގެންގޮސްފައި އޮންނާނެކަން އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، ތަރައްޤީވަމުންދާވަރަކަށް މި ކަންތައްތައްވެސް އަޅުގަނޑުމެން އެބަޖެހޭ އިތުރަށް ތަރައްޤީކުރަން. އެހެންވީމާ، ކުރިން އަޅުގަނޑުމެން މަސްބޭރުކުރަމުން އައިއިރު، އޭރު މަސް ތައްޔާރުކުރި ފެންވަރަކަށް ނޫން، މިހާރު އަޅުގަނޑުމެން މަސް ތައްޔާރުކުރަން ޖެހޭނީކީ. މިހާރު ދުނިޔެ ޤަބޫލުކުރާ ފެންވަރަށް އެކަން ކުރަން އެބަޖެހޭ. އެއީ، ކިތަންމެ ޚަރަދެއްކޮށްގެން ކުރަންޖެހުނު ކަމެއް ކަމުގައިވިޔަސް، އެކަން އެހެން ކުރަންޖެހޭ. އޭރުން އަޅުގަނޑުމެންގެ އުފެއްދުމަކީ، ބޭރު ދުނިޔޭގައި މަޤްބޫލު އެއްޗެއް ކަމުގައި ވެގެންދާނީ. އަދި އެއަށް ބާޒާރެއް ލިބޭނީ. އެއިން ފައިސާ އަޅުގަނޑުމެންނަށް ލިބޭނީ. އެހެންވީމާ، މިހިރީ މިކަހަލަ ޞިނާޢަތުތައް ތަރައްޤީކުރުމުގައި އަޅުގަނޑުމެން ވަރަށް ވިސްނަންޖެހޭނެ، ވަރަށް މުހިންމު ނުކުތާތަކެއް.

އާދެ، އަޅުގަނޑުމެންގެ އެންމެބޮޑު އަނެއް މަސައްކަތަކީ، ފަތުރުވެރިކަމުގެ މަސައްކަތް. އެ މަސައްކަތުގައިވެސް އަޅުގަނޑުމެން މި އުފައްދާ އުފެއްދުމަކީ ދުނިޔެ ޤަބޫލުކުރާ ފެންވަރަށް އުފައްދާ އުފެއްދުމަކަށް ވާންޖެހޭ. އެހެންވީމާ، އެގޮތަށް އެކަން ވެއްޖިއްޔާ، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނީ. ރާއްޖޭގައި ހޭދަކުރާނީ. އަދި ރާއްޖޭގެ އިޤްތިޞާދުގައި ފަތުރުވެރިކަން އެކަށީގެންވާ މަގާމެއް ފުރަމުންދާނީ. އެހެންވީމާ، މިހިރަ ކަންތައްތަކާ ދޭތެރޭގައި، އަޅުގަނޑުމެން މިކަހަލަ ކޮންމެ މުނާސަބަތެއްގައި ވިސްނަން އެބަޖެހޭ. ވިސްނާފައި، އެގޮތުގެމަތިން ކަންތައް ކޮށްފިއްޔާ، ޝައްކެއްނެތް، މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ދާނީ އެއްދުވަހުން އަނެއް ދުވަހަށް ކުރިޔަށް.

އާދެ، އަޅުގަނޑުމެން މިއަދު މިތިބީ މަސްވެރިކަމުގެ ދާއިރާއާބެހޭ ފެކްޓްރީއެއް ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ކަމަށްވާތީ، މަސްވެރިކަމުގެ ޞިނާޢަތު ތަރައްޤީ ކުރެއްވުމަށް، މި ޞިނާޢަތުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކުންވެސް ސާބިތުކަމާއެކު އެ މައިދާނުގައި ކުރިޔަށް ވަޑައިގަތުމަށް އަޅުގަނޑު ވަރަށް ބޮޑަށް ހިތްވަރު އަރުވަން. އެހެން މިދެންނެވީ، މަސްވެރިކަމުގެ ބާޒާރަކީވެސް ނުވަތަ މަސްވެރިކަމުގެ އުފެއްދުންތަކުގެ ބާޒާރަކީވެސް ވަރަށް ވާދަވެރި މާޙައުލެއްގައި ބައިނަލްއަޤްވާމީ މަޝްރަޙުގައި ހިނގަމުންދާ ވިޔަފާރިއެއް. އަޅުގަނޑުމެންވެސް ވާދަވެރިވެގެން ނޫނީ، އެ ބާޒާރުގައި އަޅުގަނޑުމެންނަކަށް ފައިތިލަ ސާބިތެއް ނުކުރެވޭނެ. މިއަދު މިއޮތީ ދުނިޔެ މުޅިން ހުޅުވާލެވިފައި އޮތް ޒަމާނެއް.

އެހެންވީމާ، ދުނިޔޭގެ ބާޒާރުގައި އަޅުގަނޑުމެން އުފައްދާ އެއްޗެއް ވިއްކަން މަސައްކަތްކުރަންޏާ، އެއީ ވަރަށް ވާދަވެރިކޮށް ހިނގަމުންދާ ކަމެއްކަން ޤަބޫލުކޮށް، އެފެންވަރަށް އަޅުގަނޑުމެންގެ އުފެއްދުން ގެންދަންޖެހޭނެ. އެއީ، އަދި މަސްވެރިކަމުގެ އުފެއްދުމެއް ކަމުގައިވިޔަސް، ފަތުރުވެރިކަމުގެ އުފެއްދުމެއް ކަމުގައިވިޔަސް، ނުވަތަ އެނޫން އެހެން އެއްޗެއް ކަމުގައިވިޔަސް، އެއީ، މި ޒަމާނުގެ ކަންތައް އޮތްގޮތަކީ. އެގޮތަށް އަޅުގަނޑުމެން ކަންތައް ކޮށްފިއްޔާ، ޝައްކެއްނެތް، އަޅުގަނޑުމެން ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންގެ އަމިއްލަ ޢާއިލާތަކަށާއި، މުޅި ޤައުމަށް ފެނިގެންދާނެ.

އާދެ، މިއަދުގެ މި އުފާވެރި ޙަފްލާގައި، އަޅުގަނޑުގެ ވާހަކައަށްފަހުގައި އަދި ބައެއް އެހެން ކަންތައްތައްވެސް ހުރިކަމަށް އަޅުގަނޑަށް ޕްރޮގްރާމުން އެނގިފައިވާތީ، އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވޭ.

އާދެ، މި މުނާސަބަތުގައި މިއަދު އަޅުގަނޑަށް ހަނދާނީ ފިލައެއް ދެއްވުމަށް ހަމަޖައްސަވާފައިވާތީ، އެކަމަށްޓަކައި ކުންފުނީގެ ޗެއަރމަނަށާއި، މެނޭޖިންގ ޑިރެކްޓަރަށާއި އަދި އިސް ޑިރެކްޓަރ އަލްފާޟިލާ ޒަހަބް ޢަލީއަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެހެންމެ، މި ކާރުޚާނާއަށް އެންމެ ގިނަ ޢަދަދަކަށް މަސްކިރުވައިގެން، މިއަދު އިނާމާއި ހަނދާނީ ލިޔުން ލިބޭ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކުރަން.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް އަބަދުވެސް އެކަލާނގެ މުޅި އިންސާނިއްޔަތަށް ހަދިޔާކުރައްވާފައިވާ މާތް ދީނުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން. އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލެއްވުން. ދިވެހިރާއްޖެއަކީ އަމަންއަމާން އަދި ޞުލްޙަމަޞްލަޙަތު ހަމަޖެހިފައިވާ އެކުވެރި ރައްޔިތަކު ދިރިއުޅޭ ޤައުމެއް ކަމުގައި އެކަލާނގެ ލެހެއްޓެވުން. ހަމަ އެހެންމެ، އަޅުގަނޑުމެން ކުރަމުންގެންދާ މަސައްކަތްތަކުގައި ބަރަކާތްލައްވައި، ދިވެހިރާއްޖެއަށް ތަނަވަސްކަމާއި ބާއްޖަވެރިކަމާއި އުފާފާގަތިކަން އަބަދުވެސް މާތްﷲ ދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.