بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربّ العـالمـين، والصّـلاة والسّـلام علٰـى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.
އާދެ، އަޅުގަނޑު ދަންނަވާލި ދަންނަވާލުމަކަށް، ތިޔަ ޢިއްޒަތްތެރި އަޚުންނާއި އުޚްތުން މި ބައްދަލުވުމަށް ވަޑައިގެންދެއްވިކަމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި، މަރްޙަބާ ދަންނަވަން.
އާދެ، މިރޭގެ މި ބައްދަލުވުމަށް ވަރަށް ގިނަ ޢަދަދެއްގެ ލޮބުވެތި އަޚުންނާއި އުޚްތުން ތިޔަ ތިއްބެވީ ވަޑައިގެން. ހަމައެޔާއެކީގައި، އަޅުގަނޑު ހިތުން މިރޭގެ މި ވަގުތުގައި އަޅުގަނޑު މި ދައްކާ ވާހަކަ، ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އިވިވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައި. ޓެލެވިޜަން މޯލްޑިވްސްއިން ވަގުތުން ދުރަށް ދައްކަވައި، އަދި ދިވެހިރާއްޖޭގެ އަޑުން ވަގުތުން ދުރަށް ފޮނުއްވައި އަދި ވެބްކާސްޓް އެބަ ކުރެވޭ. އެހެންވީމާ، މިތަނަށް ވަޑައިގެން ތިއްބެވި ޢިއްޒަތްތެރި އަޚުންނާއި އުޚުތުންނަށާއި، އަޅުގަނޑުގެ އަޑުއައްސަވާ އަދި މި ބައްދަލުވުމުގެ ކަންތައްތައް ހިނގަމުންދާ ގޮތް ބައްލަވަމުން ގެންދަވާ ހުރިހާ ޢިއްޒަތްތެރި ދިވެހި އަޚުންނާއި އުޚުތުންނަށް އަޅުގަނޑު ޝުކުރު ދަންނަވައި މަރްޙަބާ ދަންނަވަން.
ހަމައެޔާއެކީގައި، މިރޭގެ މި ބައްދަލުވުމަށް ވަޑައިގެންދެއްވި ބޭފުޅުންގެ ޢަދަދު ގިނަކަމުން، ބައެއް ބޭފުޅުންނަށް ޖަލްސާކުރާ މާލަމަށް ވެދެވަޑައިނުގެންނެވިވާތީ، އެކަމާ އަޅުގަނޑު ވަރަށް ހިތާމަކުރާ ވާހަކަ ދަންނަވާލަން. އަދި އަޅުގަނޑު ޖަލްސާގައި ބައިވެރިވުމަށް މި މާލަމަށް ވަދެގެންއައިއިރު، ބައެއް ބޭފުޅުން ބޭރުގައި ކޮއްޅަށް ތިއްބެވި މަންޒަރު ފެނިފައި، އަޅުގަނޑު ވަރަށްދެރަވި. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ލަފާވެސްނުކުރެވޭހާ ގިނަ ޢަދަދަކަށް ބޭފުޅުން ވަޑައިގެންދެއްވީތީ، އެކަން އެހެންދިމާވީ. އެހެންވީމާ، އެކަމަށްޓަކައި، ބޭރުގައި ތިއްބެވި ބޭފުޅުންގެ އަރިހުން އަޅުގަނޑު، ވަރަށް ދީލަތި މާފަކަށް އެދެން.
އާދެ، އަޅުގަނޑު މިރޭގެ ޖަލްސާއަށް މިއައީ، ވަރަށްބޮޑު ހިތްހަމަޖެހުމަކާއި، ވަރަށް ބޮޑު އުފަލަކާ އެކީގައި. އަދި ތިޔަބޭފުޅުންނާ ބައްދަލުކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކަތައް މި ދަންނަވާލަނީވެސް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި، ވަރަށް ބޮޑު އުފަލަކާ އެކީގައި. އަޅުގަނޑު އުންމީދުކުރަނީ، ތިޔަ ޢިއްޒަތްތެރި، ލޮބުވެތި އަޚުންނާއި އުޚްތުން، އަޅުގަނޑުގެ ވާހަކަ އެއްސެވުމަށްފަހު، ޖަލްސާއިން ނުކުމެވަޑައިގެން ވަޑައިގަންނަވާނީވެސް ވަރަށް ހިތްޕުޅުހަމަޖެހިގެން، ވަރަށް އުފާފުޅުގައި ތިއްބަވައިގެން ކަމަށް. އެކަން މާތްﷲ އެގޮތަށް އިރާދަކުރައްވައިފިއްޔާ، އަޅުގަނޑުގެ މަޤްޞަދު ހާސިލުވީ.
އާދެ، މިރޭގެ މި ބައްދަލުވުން މި ބޭއްވެނީ، ދެންމެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް އަލްފާޟިލް މުޙަންމަދު ޙުސައިން އެ ވިދާޅުވި ފަދައިން، 1998 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން މި އަންނަ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމާ ބެހޭގޮތުން އަޅުގަނޑަށް ފެންނަ ބައެއް ޚިޔާލުތައް، ތިޔަބޭފުޅުންނާ ޙިއްޞާކޮށްލުމަށްޓަކައި.
އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން ދަންނަވާލަން ބޭނުންވާ ދެ ވާހަކައެއް އެބައޮތް. އާދެ، އެއްވާހަކައަކީ، އަޅުގަނޑު މިރޭ ތިޔަބޭފުޅުންނާ އަދި ދިވެހި ރައްޔިތުންނާ މި ޙިއްޞާކުރާ ޚިޔާލުތަކަކީ، ވަކި ފަރާތެއްގެ ޚިޔާލުތަކެއް ނޫންކަމުގައި ދެންނެވުން. އެއީ، ވަކިބައެއްގެ ޚިޔާލެއްނޫން. އަދި ސަރުކާރުގެ ރަސްމީ ޚިޔާލެއްވެސް ނޫން. އެއީ، މިވޭތުވެދިޔަ 25 އަހަރުގެ ދިގު ތަޖުރިބާގެ މައްޗަށް ބިނާކޮށް، އަޅުގަނޑު ދަންނަވާލާ، އަޅުގަނޑުގެ އަމިއްލަ ޚިޔާލުތަކެއް. އެހެންވީމާ، މި ޚިޔާލުތަކުގައި ތިޔަބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ހިސާބަކަށްނަމަވެސް އިތުރަށް ވިސްނާވަޑައިގަތުން ބޭނުންފުޅުވާ ޚިޔާލުތަކެއް ހުރެދާނެ. ބައެއް ބޭފުޅުން ފުރިހަމައަށް ތާއީދުކުރައްވާ ޚިޔާލު ހުރެދާނެ. އަނެއްބައި ބޭފުޅުންނަށް، އެ ޚިޔާލުތަކަށް ތާއީދުކުރެއްވުމުގައި ހިސާބަކަށް ފަސްޖެހިވަޑައިގަންނަވާ ގޮތެއްވާކަހަލަ ޚިޔާލުތަކެއްވެސް ހުރެދާނެ. އެހެންނަމަވެސް، އަޅުގަނޑުގެ ހިތުގައި އޮތް ޚިޔާލުތައް ޞަރީޙަކޮށް، މިނިވަންކަމާއެކު ދަންނަވާލުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކޭތީ، އެ ވާހަކަ އަޅުގަނޑު އެގޮތަށް މި ދަންނަވާލަނީ.
އަޅުގަނޑުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމާބެހޭ ބަޙުޘެއް ފެށުން. ރައްޔިތުންގެ ޑިބޭޓެއް މިކަމަށް ފެށުން. އެއީ، ދިވެހިރާއްޖެއަކީ އަޅުގަނޑުމެންގެ މިހާރުގެ ތަނެއްނޫން. ދިވެހިރާއްޖެއަކީ، މުޅި ދިވެހި ރައްޔިތުންގެ ތަނެއް. ދިވެހި ރައްޔިތުންގެ ޤައުމު. މިހާރު ދުނިޔޭގައި މިތިބި މީހުންނާއި، އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެ ދަރިންނާއި، ކުރިއަށް އޮތް ޖީލުތައް ދިރިއުޅެން އޮތް ޤައުމު. އެހެންވީމާ، މި ޤައުމުގެ ކަންތައްތައް އަޅުގަނޑުމެން ބައްޓަންކުރަމުން ގެންދަންވާނީ، އަޅުގަނޑުމެންނަށާއި އަދި ކުރިއަށް އޮތް ޖީލުތަކަށް ލާބަޔާއި މަންފާ ލިބެނިވިގޮތެއްގެ މަތިން. އާދެ، އެހެންވީމާ، އަޅުގަނޑު ދަންނަވާލަން މިއުޅޭ ޚިޔާލުތަކަކީ، އަޅުގަނޑުގެ ހިތުގައި ކުރިއްސުރެ އެނބުރެމުން އަންނަ ޚިޔާލުތަކެކޭ ދަންނަވާލުމަށް އަޅުގަނޑު ބޭނުންވީ.
އާދެ، ދެވަނަ ވާހަކައަކަށް ދަންނަވާލަން އޮތީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިޒަމާނަކީ މަޢުލޫމާތު ފެތުރުމުގެ ޒަމާން. އެހެންވީމާ، އެކިއެކި ކަންތައްތައް ދަސްކޮށްދިނުމާ ބެހޭގޮތުންވެސް، އެކިއެކި ހުނަރުތައް ދަސްކޮށްދިނުމާ ބެހޭގޮތުންވެސް، ވަރަށް ގިނަ ޢަދަދަކަށް، ތަފާތު ބަސްބަހުން މިހާރު ފޮތްތައް ލިޔެވި، ޝާއިޢުކުރެވެމުންދޭ. ތިޔަބޭފުޅުން ވަޑައިގެންނެވި ކޮންމެ ބުކްޝޮޕަކުން، ކޮންމެ ފޮތްފިހާރައަކުން ނުވަތަ ލައިބްރަރީއަކުން މި ކަހަލަ ވަރަށް ގިނަ ފޮތްތައް ފެނިވަޑައިގަންނަވާނެ. އޮފީސް ހިންގުމުގެ ހުނަރުތައް ދަސްކޮށްދޭ ފޮތްތައް، ގޭތެރޭގައި ކަންތައްތައް ގެންދާނެގޮތް ދަސްކޮށްދޭ ފޮތްތައް، ކެއްކުމުގެ ހުނަރުތައް ދަސްކޮށްދޭ ފޮތްތައް، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދޭ ފޮތްތައް. އަދި ލަވަކިޔުމާއި މިޔުޒިކުގައި ކުރިއަށްދާނެ ގޮތާބެހޭ ފޮތްތައް، ކުޅިވަރުގައި ކާމިޔާބުކުރާނެ ގޮތް. މިސާލަކަށް، ގޯލްކީޕަރަށް މަތަނުކުރެވޭހާ ބާރަށް ގޯލަށް ބޯޅަޖަހާނީ ކިހިނެއްތޯ، މި ހުރިހާ އެއްޗެއް ދަސްކޮށްދޭ އެކިކަހަލަ ފޮތްތައްވެސް ވަރަށް ގިނައިން ހުރޭ.
އޭގެތެރެއިން ބައެއް ފޮތްތަކަކީ، ޢާންމު ތަންތާނގައި ތަޤްރީރުކުރުމާބެހޭ ހުނަރުތައް ދަސްކޮށްދޭ ފޮތްތައް. އަޅުގަނޑަކީ، އަޅުގަނޑުގެ މަގާމުގެ ގޮތުން ތަންކޮޅެއް ގިނައިން މިކަހަލަ ތަންތަނަށްއައިސް، ބޭފުޅުންނާ މުޚާޠަބުކުރަންޖެހޭ މީހަކަށްވާތީ، ކޮންމެވެސްވަރަކަށް އެކަހަލަ ވާހަކަތައް ހުންނަ ފޮތްތައް ބަލައިލެވޭތޯ އަޅުގަނޑު މަސައްކަތްކުރަން. އޭގެތެރެއިން އެއްފޮތެއްގައި އޮތް ވާހަކައެއް ދަންނަވާލާނަން.
އެ ފޮތުގައި މި ބުނަނީ، އަހާމީހުންގެ ޝައުޤުވެރިކަން ހުންނާނީ، ވަރަށް ކުޑަކުޑަ އިރުކޮޅަކަށޭ. އެހެންވީމާ، ބުނަން ބޭނުންވާ އެއްޗެއް ވަރަށް ސާފުކޮށް، ވަރަށް އަވަހަށް ބުނެ ނިންމާށޭ. އެހެންނޫނީވިއްޔާ، އަހާމީހުންގެ ޝައުޤުވެރިކަން ގެއްލިގެން ހިނގައިދާނެޔޭ. އަދި މީހަކާ ވާހަކައެއް ދައްކާއިރު، އަހާމީހާ އާނހޫނ ކީކަމުގައިވިޔަސް، އޭނާ ޚިޔާލުކުރަމުންދާނީ، މުޅިން އެހެން ކަމަކާ ބެހޭގޮތުންނޭ. އެ ދައްކާ ވާހަކައެއް ނާހާނެޔޭ. އަދި އެހެން ބުނެފައި މި ބުނަނީ ކީކޭތޯ؟ މި ބުނަނީ، އެހެންވީމާ، ބުނަން ބޭނުންވާ ވާހަކައެއް، ދޭން ބޭނުންވާ މެސެޖެއް، 30 ސިކުންތުގެ ތެރޭގައި ދޭށޭ. އިންސާނެއްގެ ޝައުޤުވެރިކަމުގެ ދިގުމިނަކީ، 30 ސިކުންތޭ. އާދެ، އެއީ ދެން ވަރަށް ދަތިކަމެއް. އެހެންނަމަވެސް، އަޅުގަނޑުގެ ހިތަށްއެރީ، އަޅުގަނޑުވެސް އެކަހަލަ މަސައްކަތެއް ކޮށްލާނަމޭ.
އެހެންވީމާ، އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކަ، އޭގެ ޖުމްލަގޮތެއްގައި، 30 ސިކުންތުގެ ތެރޭގައި މިހާރު ދެންނެވޭތޯ ބަލާނަން. އަޅުގަނޑު މިއައީ އެކަން ބެލުމަށް އިތުރު ގަޑިއެއްވެސް ހިފައިގެން. އާދެ، 30 ސިކުންތުގެ ތެރޭގައި އެވާހަކަ ބުނެވޭތޯ. ތިޔަބޭފުޅުންވެސް އެކަން ބެއްލެވިޔަސް އެންމެ ރަނގަޅު. އާދެ، އަޅުގަނޑު މިހާރު މި ފަށަނީ އިނގޭތޯ.
އަޅުގަނޑު ބޭނުންވަނީ މާތްﷲގެ ވާގިފުޅާއެކު، ރާއްޖޭގެ ރައްޔިތުންގެ ހަމަޖެހުމާއި ތަރައްޤީއަށްޓަކައި، ރާއްޖެއަށް ބޭނުންވާ އިޞްލާޙީ ބޮޑެތި ބަދަލުތައް ގެނައުމަށް. އަދި މި އިޞްލާޙީ ބަދަލުތަކަކީ، އަޅުގަނޑުމެން އެންމެންނަށް ފެނިގެން، އެންމެން ބޭނުންވެގެން ގެންނަ ބަދަލުތަކަކަށް ވުމަށް.......22 ސިކުންތު. އާދެ، އެ ވާހަކަ މިހެން ކުރުކޮށް، 22 ސިކުންތުގެ ތެރޭގައި ދަންނަވާލެވުނަސް، ދެން އަޅުގަނޑު ދަންނަވާލަން ހުރި ވާހަކަ އެއަށްވުރެ ތަންކޮޅެއް ދިގުވާނެ. އެހެންވީމާ، ތިޔަބޭފުޅުންގެ ކެތްތެރިކަމަށް ވަރަށްބޮޑަށް އެދެމުން، އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދާނަން.
އާދެ، އެންމެ ފުރަތަމަ ދަންނަވާލަން ބޭނުންވަނީ، ޤާނޫނުއަސާސީ އިޞްލާޙުކުރަން ބޭނުންވަނީ ކީއްވެގެންތޯ. އާދެ، ހުރިހާ ބޭފުޅުންނަށްވެސް ގަބޫލުކުރެއްވޭނެ، ދުނިޔެ މިދަނީ ބަދަލުވަމުން. ދިވެހިރާއްޖެވެސް މިދަނީ ބަދަލުވަމުން. ތަރައްޤީވަމުން. އަޅުގަނޑުމެންގެ ޚިޔާލާއި ވިސްނުމާވެސް މިދަނީ ބަދަލުވަމުން. ވަސީލަތްތައްވެސް މިދަނީ ބަދަލުވަމުން. އަޅުގަނޑުމެންގެ ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ވަރަށް ދުރުގައި، އެހެން ޤައުމުތަކާ ވަކިންއޮތް ތަނެއްކަމަށް ދެކެމުންއައި ޒަމާން މިހާރު ފާއިތުވެގެން ހިނގައްޖެ. މިހާރު ރާއްޖެއަކީ، މުޅި ދުނިޔެއަށް ހުށަހެޅިފައިވާ ޤައުމެއް. ދުނިޔޭގެ ހުރިހާ ތަނަކުން މީހުން އަންނަ ޤައުމެއް. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވިޔަސް ނުވިޔަސް، އަޅުގަނޑުމެންގެ ތެރެއަށް ބަދަލުތަކެއް އަންނާނެ. އަންނަންވެސް ޖެހޭނެ.
ހަމައެހެންމެ، އަޅުގަނޑުމެން ވަނީ، ވިހިވިހީގެ ތަޞައްވުރެއް އެކަށައަޅާފައި. ވިހިވިހީގެ ތަޞައްވުރަކީ، ސަރުކާރުން އިސްވެ ހުށަހެޅި ތަޞައްވުރަކަށްވިޔަސް، އެއަށް ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ތާއީދު ލިބިފައި. މިހެން މި ދެންނެވީ، ވިހިވިހީގެ ތަޞައްވުރު ފާސްކުރުމުގައި، މާލެއާއި އަތޮޅުތަކުގައި ވަރަށްގިނަ ޢަދަދެއްގެ ބައްދަލުވުންތައް ބާއްވައި، ވަރަށް ގިނަ މަޝްވަރާތައް ވަނީ ކުރެވިފައި. އެ ހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން، ވިހިވިހީގެ ތަޞައްވުރު އެކުލެވިފައި މިވަނީ. އަދި ޚާއްޞަކޮށް، އޭގެ މާރެސް މިވަނީ، އޭގެފަހުން ތަފްޞީލުކޮށް ޝާއިޢުކުރެވިފައި.
ވިހިވިހީގެ ތަޞައްވުރުގައިވެސް އެބަހުރި ލަނޑުދަނޑިތަކެއް. އާދެ، އަޅުގަނޑުމެން ޙާޞިލްކުރަންޖެހޭ އިޖްތިމާޢީ، އިޤްތިޞާދީ، ޤައުމީ ލަނޑުދަނޑިތަކެއް އޭގައި ބަޔާންކޮށްދީފައި އެބަހުރި. އެހެންވީމާ، އެ ލަނޑުދަނޑިތަކަށް ވާޞިލްވުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެން އެންމެން އެއްބަސްވެފައިވާ ކަމެއް. އެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށްޓަކައިވެސް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި، އަޅުގަނޑުމެންގެ މި ސިޔާސީ ނިޒާމަށް ބަދަލުތަކެއް ގެންނަން އެބަޖެހޭ. އަޅުގަނޑުމެންގެ ދީމުޤްރާޠީ ނިޒާމު މިހާރު މިއޮތް ފެންވަރަށްވުރެ މަތީ ފެންވަރަކަށް ގެންދަންޖެހޭ. ދުނިޔޭގެ އެހެން ތަންތާނގައިވެސް ކަންތައްތައް ހިނގަމުންދާ ގޮތަށް ބަލާފައި، އަޅުގަނޑުމެންގެ ދައުލަތް ހިންގުމާއި، ދައުލަތުގެ ބާރުތައް ބެހިފައިވާ ގޮތާއި، ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ، ކަންތައްތަކުގައި ލިބޭނީ ކިހިނެއްތޯއާއި، ރައްޔިތުން ބޭނުންވާގޮތަށް ކަންތައްތައް ބައްޓަންކޮށްގެން ހިންގާނީ ކިހިނެއްތޯއާއި، މިކަހަލަ ކަންތައްތަކަށް އަޅުގަނޑުމެން ޒަމާނާ އެކަށީގެންވާ ބަދަލުތަކެއް ގެންނަން އެބަޖެހޭ. އެހެންވީމާ، 1998 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު، އަޅުގަނޑުމެން ޢަމަލުކުރަން ފެށި ޤާނޫނުއަސާސީއަށް މިހާރު ބަދަލުގެންނަންވެއްޖެ ކަމަށް އަޅުގަނޑަށް ފެންނަނީ.
ޙަޤީޤަތުގައި މިރޭ އަޅުގަނޑު މި ޙިއްޞާކޮށްލާ ބައެއް ޚިޔާލުތަކަކީ، 1980 ވަނަ އަހަރުން ފެށިގެން ޤާނޫނުއަސާސީ އިޞްލާޙުކުރުމުގައި ހުށަހެޅުނު ބައެއް ޚިޔާލުތައް. އޭގެތެރެއިން ބައެއް ޚިޔާލުތަކަކީ، އަޅުގަނޑު ބައެއް ބޭފުޅުންނާ ޙިއްޞާކުރި ޚިޔާލުތަކެއް. އަނެއްބައި ޚިޔާލުތަކަކީ، ބައެއް އެހެން ބޭފުޅުން ހުށަހެޅުއްވި ޚިޔާލުތަކެއް. އެހެންނަމަވެސް، އޭރު އަޅުގަނޑުމެންގެ ވިސްނުމާއި، ރާއްޖޭގެ ކަންތައްތައް ހުރިގޮތާއި، ރާއްޖޭގެ ސިޔާސީ މާޙައުލު އޮތްގޮތާ، މި ކަންތައްތަކަށް ރިޢާޔަތްކުރައްވާފައި، ޚާއްޞަ މަޖިލީހުން އެ ޚިޔާލުތަކަށް މާބޮޑު ތަރުޙީބެއް ނުދެއްވި. އެއީ، އޭރުގެ ޙާލަތާ، މީގެ ބައެއް ޚިޔާލާ ނުގުޅޭކަމަށް ޤަބޫލުކުރެއްވިގެން. އެހެންވީމާ، މިރޭ އަޅުގަނޑު މި ދަންނަވާ ބައެއް ޚިޔާލަކީ، އޭރުން ފެށިގެން ހިނގަމުން އަންނަ ޚިޔާލުތަކެއް ކަމުގައި ދަންނަވާލަން އަޅުގަނޑު ބޭނުންވޭ.
ރާއްޖޭގައި މިހާރު ހިނގަމުންމިދާ ޤާނޫނުއަސާސީ، އިޞްލާޙުކުރުމާ ބެހޭގޮތުން އިސްކަންދޭން އަޅުގަނޑު ވިސްނާފައިވާ މައިގަނޑު ދާއިރާތައް ދެން ދަންނަވާލާނަން.
އޭގެތެރެއިން އެއްކަމަކީ، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރުމުގައި ރައްޔިތުންނަށް އޮންނަ އިޚްތިޔާރު މިހާރަށްވުރެ ފުޅާކުރުން. މިހާރަށްވުރެ ބޮޑުކުރުން. މީގެ ތަފްޞީލު، ފަހުން އަޅުގަނޑު ދަންނަވާނަން.
ދެވަނަކަމަކީ، ދައުލަތް ހިންގުމުގެ ތިންބާރު ކަމަށްވާ، ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޢަދްލުއިންޞާފު ޤާއިމުކުރުމުގެ ބާރު މިހާރަށްވުރެ ވަކިކޮށް، އެއްބާރެއްގެ ނުފޫޒު، އަނެއްބާރެއްގެ މައްޗަށް ވީހާވެސް ނުފޯރާގޮތަކަށް ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮތުން.
އަނެއްކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުޅާކުރުން.
އަނެއްކަމަކީ، ޤާނޫނުއަސާސީގައިވާ ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ބައި އިތުރަށް ހަރުދަނާކުރުން.
އަނެއްކަމަކީ، އަންހެނުންނާއި ފިރިހެނުންނަކީ، ޤައުމުގެ ތަރައްޤީގައި އެއްވަރަށް ޙިއްޞާކުރާ އަދި ޤާނޫނުގެ ކުރިމަތީގަޔާއި، ސިޔާސީ ޙަޔާތުގައި ހަމަހަމަ ފުރުޞަތުތަކެއް ލިބިގެންވާ ބަޔަކަށް ހެދުން.
އަނެއްކަމަކީ، ޒަމާނީ ދީމުޤްރާޠީ ނިޒާމުތަކާ އެއްގޮތަށް، ރާއްޖޭގެ ސިޔާސީ ނިޒާމު ބައްޓަންކުރުން.
އަނެއްކަމަކީ، މިހާރަށްވުރެ ތަންކޮޅެއް ފަސޭހަ އަދި ރައްޔިތުންގެ ޚިޔާލާއެކު، ޤާނޫނުއަސާސީ އިޞްލާޙުކުރެވޭ ގޮތެއް ރޭވުން.
މި ދެންނެވީ، އަޅުގަނޑު ވިސްނާފައި ހުރި މައިގަނޑު ދާއިރާތައް. ދެން އޭގެތެރެއިން އަޅުގަނޑު ބައެއް ކަންތައްތަކުގެ ތަފްޞީލު ދަންނަވާލަން ބޭނުންވޭ. އާދެ، މި ދެންނެވި ދާއިރާތަކުގައި، ޤާނޫނުއަސާސީއަށް ހުށަހަޅަން އަޅުގަނޑަށް ފެންނަ ބައެއް މުހިންމު އިޞްލާޙުތައް، ދެން މިހާރު މި ދަންނަވާލަނީ.
އެންމެ ފުރަތަމަ، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރުން. އާދެ، މިހާރު ޤާނޫނުއަސާސީގައި މި އޮންނަގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވީމާ ނުވަތަ މަގާމުގެ މުއްދަތު ހަމަވާން ކައިރިވީމާ، ވަކި މުއްދަތެއްގެ ތެރޭގައި، ކޮމިޝަނަރ އޮފް އިލެކްޝަންސް، އެ މަގާމަށް ކުރިމަތިލާން އެދޭ މީހުން ކުރިމަތިލުމަށް އިޢުލާނެއް ކުރައްވާނެ. އެ އިޢުލާނަށް އިޖާބަދޭ މީހުންގެ ތެރެއިން، ޤާނޫނުއަސާސީގައި ބުނާ، ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހާގައި ހުރުން ލާޒިމުވާ ސިފަތައްހުރި މީހުންގެ ނަންތައް، ކޮމިޝަނަރ އޮފް އިލެކްޝަންސް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ. އެ ނަންތައް ފޮނުއްވީމާ، ރައްޔިތުންގެ މަޖިލީހުން އެކަމަށް ބާއްވަވާ ޚާއްޞަ ޖަލްސާއެއްގައި، މަޖިލީހުގެ މެންބަރުންގެ ސިއްރު ވޯޓުން، އެ މަގާމަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ކޮންމެވެސް އެކަކު ހޮއްވަވަނީ. އެއަށްފަހުގައި މި އޮންނަނީ، ރައްޔިތުންގެ މަޖިލީހުން އެ ހޮއްވެވި މީހާގެ ނަން، ރައްޔިތުންގެ ޢާންމު ސިއްރު ވޯޓަށް ހުށަހެޅުން. ރައްޔިތުންގެ ޢާންމު ސިއްރު ވޯޓުން އެމީހާއަށް އަޣްލަބިއްޔަތު ލިބިއްޖިއްޔާ، އެމީހަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިޚާބުވީ. މިގޮތަށް 1998 ވަނަ އަހަރާއި، 2003 ވަނަ އަހަރުގެ އިންތިޚާބު ހިނގައިދިޔައީ. 1998 ވަނަ އަހަރުވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެކަކަށްވުރެ ގިނަމީހުން ކުރިމަތިލި. އެހެންނަމަވެސް، ޤާނޫނު ބުނާގޮތުން، ރައްޔިތުންގެ މަޖިލީހުން އެކެއްގެ ނަން އިޚްތިޔާރުކުރެއްވީ. ހަމައެހެންމެ، 2003 ވަނަ އަހަރުވެސް އެކަކަށްވުރެ ގިނަމީހުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލި. އެހެންނަމަވެސް އެފަހަރުވެސް ޤާނޫނު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުން އެކެއްގެ ނަން އިޚްތިޔާރުކުރެއްވީ. އިޚްތިޔާރުކުރައްވާފައި، އެ ނަން ރައްޔިތުންގެ ޢާންމު ސިއްރު ވޯޓަށް ހުށަހެޅުއްވީ. ހުށަހެޅުއްވީމާ، ރައްޔިތުންގެ ޢާންމު ސިއްރު ވޯޓުން އެ މީހަކަށް އަޣްލަބިއްޔަތު ލިބިގެން، ރައީސްގެ މަގާމުގައި އެމީހަކު ހުރީ.
އަޅުގަނޑު މި ހުށަހަޅާ ބަދަލަކީ، މިހާރު ޤާނޫނުއަސާސީގައި މިއޮތްގޮތަށް އޮތީމާ، ރައްޔިތުންގެ ކުރިމަތީގައިވާ އިޚްތިޔާރު ކުޑަކަމަށް ފެންނާތީ، ހުށަހަޅާ ބަދަލެއް. މިހާރު އޮންނަގޮތުން، ރައްޔިތުންގެ މަޖިލީހުން އެބަ އިޚްތިޔާރުކުރައްވާ، އެ މަގާމަށް ކުރިމަތިލާ ހަތަރު ފަސްމީހުންގެ ތެރެއިން ނުވަތަ އެއަށްވުރެ ގިނަމީހުންގެ ތެރެއިން އެކަކު. އެހެންވީމާ، އެބޭފުޅުންނަށް އެކަމުގައި ކޮންމެވެސްވަރެއްގެ އިޚްތިޔާރެއް އެބައޮތް. އެކަމަކު ރައްޔިތުންނާ ހަމައަށް މިދަނީ، އެންމެ މީހެއްގެ ނަން. އެހެންވީމާ، ޢާންމު ރައްޔިތުންނަކަށް އިތުރު އިޚްތިޔާރެއް ނެތް. އަޅުގަނޑަށް ހީވާގޮތުގައި، އެގޮތް މިހާރު ބަދަލުވާންވެއްޖެ. އެހެންވީމާ، އަޅުގަނޑުގެ ހިތަށްވަންނަ ދެގޮތެއް ދަންނަވާލާނަން. އެ ދެގޮތުންކުރެ ކޮންމެ އެއްގޮތެއް އިޚްތިޔާރު ކުރެވިދާނެކަންނޭނގެ. ނުވަތަ އެނޫންގޮތަކުން ނަމަވެސް، އަޅުގަނޑު މި ދެންނެވި މަޤްޞަދު ޙާޞިލްކުރެވިދާނެކަންނޭނގެ.
އެއްގޮތަކީ، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއްނެތި، ސީދާ ރައްޔިތުންގެ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރުން. އޭރުން ވާނެގޮތަކީ، ކޮމިޝަނަރ އޮފް އިލެކްޝަންސް އިޢުލާނުކުރެއްވީމާ، އެކަމަށް އެދޭ މީހުން ސިޓީލާނީ. އޭގެތެރެއިން، ޤާނޫނުގައި ބުނާ ސިފަތައް ފުރިހަމަވާ މީހުންގެ ނަންތައް، ކޮމިޝަނަރ އޮފް އިލެކްޝަންސް އިޢުލާނު ކުރައްވާނެ. އަދި އެމީހުންގެ ނަންތައް ލިސްޓްކުރައްވައި، ބެލަޓް ޕޭޕަރ ނުވަތަ ވޯޓުލާ ކަރުދާހުގައި ޗާޕުކުރައްވާފައި އެއޮންނަ ގޮތެއްގެމަތިން އިންތިޚާބު ގެންދަވާނީ. އޭރުން އެމީހަކަށް ފެންނަ ނަމަކާ ދިމާގައި، ފާހަގަލާން އޮންނަ ގޮޅީގައި އެމީހަކު ފާހަގަލީމާ އެ ނިމުނީ. އޭރުން އެ ހުރިހާ ވޯޓުކަރުދާސްތައް ގެނެސްގެން، ގުނައިގެން، އެންމެ ގިނަ ވޯޓު ލިބޭ މީހަކު، ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވޭނީ. އެއީ އެއްގޮތް.
އަނެއްގޮތަކީ، ރައްޔިތުންގެ މަޖިލީހުގެ ދައުރެއް މިކަމުގައި ބާއްވަން ބޭނުންވަންޏާ، ރައްޔިތުންގެ މަޖިލީހުން ހޮއްވަވާ މީހުންގެ ޢަދަދު އެކަކަށްވުރެ ގިނަކުރެއްވުން. މިސާލަކަށް، ތިންމީހުން، ހަތަރު މީހުން ނުވަތަ ފަސްމީހުން. އާދެ، ކުރިމަތިލާ މީހުންގެ ޢަދަދަށް ބައްލަވައިގެން، ވަރެއް ކަނޑައަޅުއްވާނީ. އެވަރަށް ކުރިމަތިނުލަންޏާ، ކޮންމެވެސް އެހެންގޮތެއް ހޯއްދަވާނީ. ކުރިމަތިލާ މީހުންގެ ތެރެއިން އެކަކަށްވުރެ ގިނަ މީހުންގެ ނަން ރައްޔިތުންގެ މަޖިލީހުން ހޮއްވަވާފައި، ރައްޔިތުންގެ ޢާންމު ސިއްރު ވޯޓަށް ހުށަހަޅުއްވާނީ. އޭރުންވެސް ރައްޔިތުންގެ ޢާންމު ސިއްރު ވޯޓުން އެންމެ މަތީ ޢަދަދަކަށް ވޯޓުހޯދާ މީހަކު، ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ކުރެވިދާނެ. އެއީވެސް ގޮތެއް. މިކަހަލަ ކޮންމެވެސްގޮތަކުން ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރުމުގައި ރައްޔިތުންނަށް މި އޮންނަ އިޚްތިޔާރު، މި އޮންނަ ފުރުޞަތު، މިހާރަށްވުރެ ފުޅާކުރަންވެއްޖެ ކަމަށް އަޅުގަނޑަށް ފެންނަނީ.
ދެވަނަ ކަމަކަށް އަޅުގަނޑަށް ފެންނަނީ، އެކަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު ފުރޭނީ، ގިނަވެގެން ވަކި މުއްދަތަކަށްކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތުން. މިސާލަކަށް، ދުނިޔޭގެ ބައެއް ތަންތާނގައި އޮންނަހެން 5 އަހަރުގެ ދެ ދައުރަށް، ބައެއް ތަންތާނގައި 6 އަހަރު އޮވޭކަންނޭނގެ، 7 އަހަރު އޮވޭކަންނޭނގެ. ކޮންމެއަކަސް ދެ ދައުރަށް. އެކަހަލަ ގޮތަކަށް އެކަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު ފުރޭނެ މުއްދަތު، ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތުން. އަޅުގަނޑަށް ހީވަނީ، އެއީ މިހާރުގެ ދީމުޤްރާޠީ ނިޒާމާ ވަރަށް ބޮޑަށް ގުޅޭކަމެއްހެން. މީގެކުރިން އެކަހަލަ ގޮތަކަށް ނެތީމާ، މިހާރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި މިހުރި މީހާ މިތާ ހުންނަތާ (އަޅުގަނޑު މި ދެންނެވީ، ކޮންމެހެން މި ފިޔަވަޅުމައްޗަކު ނޫން. އެކަމަކު، މި މަގާމުގައި ހުންނަތާ) 25 އަހަރު ވެއްޖެ. އެކަމަކު ކުރިއަށް އޮތް ތާނގައި މިކަހަލަ ގޮތަކަށް މިކަން އޮތުމަކީ، އަޅުގަނޑު ހިތުން މިހާރުގެ ދީމުޤްރާތީ ނިޒާމާ ގުޅޭގޮތެއްނޫން.
އާދެ، ދެން އަނެއްކަމަކަށް ދަންނަވާލަން އޮތީ، މިހާރުގެ ޤާނޫނުއަސާސީގައި، ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހުންގައި ހުންނަ ސިފަތައް ބަޔާންކުރާއިރު އެބައޮވޭ، ފިރިހެނަކަށްވުން. އެކަމަކު މިހާރު އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތަކީވެސް، ހުރިހާ ކަމެއްގައިވެސް ދެ ޖިންސަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުން. އަންހެނަކަށްވިޔަސް، ފިރިހެނަކަށްވިޔަސް، އެއީ ދިވެހި ރައްޔިތެއް. ދިވެހި ރައްޔިތަކަށް ލިބެންޖެހޭ ޙައްޤު، ޖިންސުގެ ތަފާތުކުރުމެއްނެތި، ކޮންމެ މީހަކަށްވެސް ލިބެންވާނެ. އެހެންވީމާ، އަޅުގަނޑު މި ހުށަހަޅަނީ ނުވަތަ ހުށަހަޅަން ގަސްތުކުރާ ޚިޔާލަކީ، ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހުންގައި ހުންނަންޖެހޭކަމަށް އޮންނަ ފިރިހެނަކަށްވުމުގެ ސިފަ، އެ މާއްދާއިން އުނިކޮށްލުން. އޭރުން، ޝަރްޠު ހަމަވާ ފިރިހެނަކަށްވިޔަސް، އަންހެނަކަށްވިޔަސް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިގެންދާނެ.
އާދެ، ދެން ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާ ބެހޭގޮތުން ދަންނަވާލަން އޮތް އަނެއްކަމަކީ، މިހާރު ޤާނޫނުއަސާސީގައި މި އޮންނަނީ، ޢަދްލުއިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް. އެކަމަކު އަޅުގަނޑު ކުރިން ދަންނަވާލިން، އަޅުގަނޑު މިހާރު މި ހުށަހަޅަން ގަސްތުކުރަނީ، ދައުލަތުގެ ބާރުތައް ވީހާބޮޑަކަށް ވަކިކުރާގޮތަކަށް ހަމަޖެއްސުމަށޭ. އެހެންވީމާ، ދައުލަތް ހިންގާ އެންމެ އިސްވެރިޔާއަކީ، ޢަދްލުއިންޞާފު ޤާއިމުކުރާވެސް އެންމެ އިސްވެރިޔާކަމަށް ވުމަކުން، އަޅުގަނޑު މި ދެންނެވި މަޤްޞަދެއް ޙާޞިލެއްނުވޭ. އެހެންވީމާ، އަޅުގަނޑު ހުށަހަޅަން މި ގަސްތުކުރަނީ، ޢަދްލުއިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ޤާނޫނުއަސާސީގައި އޮންނަ މާއްދާ އުނިކޮށްލައި، ޢަދްލުއިންޞާފު ޤާއިމުކުރުމުގެ ބާރު ލިބިގެންވާ ފަރާތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރު އުނިކޮށްލުމަށް.
ދެން ދަންނަވާލަން މިއުޅޭ ވާހަކައަކީ، ބައެއް ބޭފުޅުންގެ ހިތްޕުޅުގައި ހިސާބަކަށް ސުވާލު އުފެދޭނެ ކަމަކަށްވެދާނެ. އެއީ، ދައުލަތުގެ ބާރުތައް ވަކިކޮށްލުމުގެ ވާހަކަ ދައްކާއިރު، އެކެއްގެ އަތްމަތީގައި މާގިނަ ބާރުތައް އޮތުމަކީ ރަނގަޅުގޮތަކަށް ނުވާނެކަމަށް އަޅުގަނޑު ފެންނަނީ. އެހެންވީމާ، ކުރިން ދެންނެވިހެން، ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރުވެސް މުޅިން ވަކިކޮށްލައި، އެއީ ދެބަޔަކު ކުރާ ކަމެއްގެ ގޮތުގައި އޮތުމަށް ހުށަހަޅަން އަޅުގަނޑު ޚިޔާލުކުރަނީ.
އަނެއްކަމަކީ، މިހާރު މި އޮންނަގޮތުން، ދައުލަތުގެ އިސްވެރިޔާއާއި، ސަރުކާރު ހިންގާ އިސްވެރިޔާއާ އެއީ އެކެއް. ހެޑް އޮފް ސްޓޭޓާއި ހެޑް އޮފް ގަވަރންމަންޓާ މިހާރު އެއީ އެކެއް. އަޅުގަނޑުމެންގެ ޤާނޫނު އޮންނަގޮތުން، މިހާރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަ މީހަކީ، ދައުލަތުގެ އެންމެ އިސްވެރިޔާ. އަދި ސަރުކާރު ހިންގާ އެންމެ އިސްވެރިޔާ. އެކަމަކު، ދުނިޔޭގެ އެހެން ތަންތަނަށް ވިސްނާއިރު، ވަރަށްގިނަ ތަންތާނގައި އެ ދެބައި އޮވޭ ވަކިކޮށްފައި. ދައުލަތް ހިންގާ އެންމެ އިސްވެރިޔާއަކީ ހެޑް އޮފް ސްޓޭޓް. އެއީ، ރަސްކަލަކަށްވިޔަސް ނުވަތަ ރައީސަކަށްވިޔަސް، އެއީ ވަކި މަގާމެއް. ދެން އޭގެދަށުން ވަރަށްގިނަ ތަންތާނގައި ބޮޑުވަޒީރަކު އެބަ ހުންނަވާ. އިނގިރޭސިވިލާތުގައި އެހެން. ފަރަންސޭސިވިލާތުގައި އެހެން. އިންޑިޔާގައި އެހެން. ޕާކިސްތާނުގައި އެހެން. ޝްރީލަންކާގައި އެހެން. ސިންގަޕޫރުގައި އެހެން. މެލޭޝިޔާގައި އެހެން. މިޞްރުގައިވެސް އެހެން. މިހެންގޮސް، ބައްލަވައިލެއްވި ކޮންމެ ދިމާއެއްގައިހެން ވަރަށް ގިނައިން އޮންނަ ނިޒާމެއް މިއީ. އެހެންވީމާ، އަޅުގަނޑުގެ ހިތަށްއެރީ، ރާއްޖޭގައި އަނެއްކާވެސް ބޮޑުވަޒީރަކު ހުންނަވާގޮތަށް ހަމަޖެއްސުން ކިހިނެއްވާނެބާއޭ. އެ ޚިޔާލަކީ، ކުރިން ދެންނެވި މަޤްޞަދު ޙާޞިލްވާ ޚިޔާލަކަށްވާތީ، މި ޚިޔާލު ހުށަހަޅަން އަޅުގަނޑު ގަސްތުކުރަނީ. އާދެ، އެކެއްގެ އަތުގައި މާގިނަ ބާރު ނޯވެ، ބާރުތައް ވަކިކޮށްލެވިފައި އޮތުން.
މި ޚިޔާލު ދަންނަވާލީމާ، ބައެއް ބޭފުޅުންގެ މޫނުފުޅުމަތިން އެބަފެނޭ ސުވާލުމާކެއް. އާދެ، އަޅުގަނޑަށް ހީވަނީ، އެބޭފުޅުންގެ ހިތްޕުޅަށް އެ އަރަނީ، ރަނގަޅު ވާހަކައެއްހެން. އެ ވިދާޅުވާ ވާހަކައަކީ ނުވަތަ މޫނުފުޅުން އެ ފެންނަ އިޝާރާތަކީ، މީގެ ތިރީހަކަށް އަހަރު ކުރިން، ރާއްޖޭގައި މިކަން ވަނީ ތަޖުރިބާކޮށްފައޭ. އާދެ، ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި ދުވަސްކޮޅެއް ވަންދެން ރައީސުލްޖުމްހޫރިއްޔާއަކާއި ވަޒީރުލްއަޢްޡަމަކާ ތިއްބެވި. އެކަން ނިމިގެންދިޔައިއްޔަކީ މާ ރަނގަޅު ގޮތަކަށްނޫން. ވަރަށް ބޮޑު ސިޔާސީ މައްސަލައަކަށްވެގެން އެކަން ނިމިގެންދިޔައީ. އެހެންވީމާ، އެއީ ވަރަށް ދެރަގޮތެއް. އަޅުގަނޑަށް ހީވަނީ، ބައެއް ބޭފުޅުންގެ މޫނުފުޅުމަތިން އެ ފެންނަނީ، އެ ޝުޢޫރުހެން. އާދެ، މިހެން ހަދައިގެން އަނެއްކާ ކިހިނެއްހޭވާނީ. ހަމަ އޭރުވީގޮތަށް ކަންތައްތައް ނުވާނެބާއޭ. އަޅުގަނޑު ހިތުން އެއީ ހަމަ އަޅުގަނޑުމެން ވިސްނާލުން ވަރަށް ރަނގަޅު ކަމެއް. ވިސްނަންވެސްޖެހޭނެ. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އޭރުގެ ދިވެހިރާއްޖެއާއި، މިހާރުގެ ދިވެހިރާއްޖެއާ ވަރަށް ތަފާތޭ. އޭރުގެ ތަޢުލީމާއި، މީހުންގެ ވިސްނުމުގެ ފެންވަރާއި، ތަރައްޤީވެސް، އޭރާ މިހާރާ ވަރަށް ތަފާތޭ. އާދެ، މީގެ 30 އަހަރު ކުރިއާ މިހާރާ ވަރަށް ތަފާތޭ. އަދި އަޅުގަނޑުމެންގެ ދީމުޤްރާޠީ ތަޞައްރުފު ފުދުން، ކުރިއަށްވުރެ މިހާރު ވަރަށް ބޮޑުތަން އިތުރުވެއްޖެއޭ. އެހެންވީމާ، މީގެ 30 އަހަރު ކުރިން ނާކާމިޔާބުވި ކަމެއް، ކޮންމެހެން މިހާރަކު ނާކާމިޔާބުވާކަށް ނުޖެހޭނެޔޭ. މިހާރު ފަހަރެއްގައި ކާމިޔާބުވެސްވެދާނެޔޭ. އެހެންވީމާ، މިއީ އަޅުގަނޑު ދިވެހި ރައްޔިތުންގެ ޚިޔާލުފުޅަށް ދޫކޮށްލާ ކަމެއް. މިކަމުގައި ބަޙުޘެއް ކުރައްވަން، ޑިބޭޓެއް ކުރައްވަން ދޫކޮށްލާ ކަމެއް. އާދެ، ކޮބައިތޯ ރާއްޖެއަށް ފައިދާހުރި ގޮތަކީ ބެއްލެވުމަށް.
އަޅުގަނޑު އެހެން މި ދަންނަވާ ސަބަބަކީ، ކުރިން އެކަން މެދުވެރިވާން ދިމާވި އެއްސަބަބަކަށް ވެދާނެކަމަށް އަޅުގަނޑަށް ވިސްނެނީ، އޭރުގެ ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި ވާޖިބުތަކާއި، މަސްއޫލިއްޔަތުތަކާއި އަދި ވަޒީރުލްއަޢްޡަމުގެ ބާރުތަކާއި، ވާޖިބުތަކާއި، މަސްއޫލިއްޔަތުތަކާ ރީތިކޮށް ކަނޑައެޅިފައި ނެތުން. އާދެ، އަޅުގަނޑުމެން ފާސްކުރާ ޤާނޫނުއަސާސީއެއްގައި، ދެބައި ރީތިކޮށް ކަނޑައެޅިފައި އޮވެއްޖިއްޔާ، އަޅުގަނޑު ހިތުން އެކަހަލަ މައްސަލަތައް ދިމާވުމުގެ ފުރުޞަތު އޭރަށްވުރެ ކުޑަވެގެންދާނެ.
އާދެ، ދެން އުފެދިދާނެ އެއް ސުވާލަކީ، ބޮޑުވަޒީރަކު ހުންނަވަންޏާ، ބޮޑުވަޒީރު ހޮވާނީ، ޢައްޔަންކުރާނީ ކިހިނެއްތޯ، މި ސުވާލު. އެކަމާ ބެހޭގޮތުން އަޅުގަނޑު ޚިޔާލުކޮށްފައި މިއޮތީ، ބޮޑުވަޒީރު ޢައްޔަންކުރެވެންވާނީ، އިޚްތިޔާރުކުރެވެންވާނީ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންކަމަށް. ރައްޔިތުންގެ މަޖިލީހުން ބޮޑުވަޒީރަކު ވަކިމުއްދަތަކަށް ބެހެއްޓުމުގެ މަޝްވަރާ، ރައީސުލްޖުމްހޫރިއްޔާއަށް ދެއްވީމާ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ބޮޑުވަޒީރަކު ޢައްޔަންކުރާނީ. އެކަމަކު އެކަމުގެ ބާރުހުރި ފަރާތަކީ، ރައްޔިތުންގެ މަޖިލިސް. ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބޭ ބޭފުޅަކު، ބޮޑުވަޒީރަކަށް ހޮވޭނީ. އެބޭފުޅަކު އެ މަގާމުގައި ހުންނަވާނީ، ވަކިމުއްދަތަކަށް. އާދެ، އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ފެންނަ މުއްދަތަކަށް. ފަސްއަހަރުވިއްޔާ ފަސްއަހަރު، ހަތަރެއްވިއްޔާ ހަތަރެއް، ތިނެއް، ދޭއް. ބޭނުންފުޅު ޢަދަދަކަށް އެ ޢަދަދު ހެދިދާނެ. އޭގެފަހުން އަނެއްކާ ރައްޔިތުންގެ މަޖިލީހުގެ ލަފާގެމަތިން ބޮޑުވަޒީރަކު އިންތިޚާބުކުރާގޮތަށް.
ދެން، އެ ހުންނަވާ ބޮޑުވަޒީރު ކަމުނުދާކަމަށްވަންޏާ، ރައްޔިތުންގެ މަޖިލީހުން އެކަންވެސް ފާސްކުރެއްވިދާނެ. ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދެއްވިދާނެ، މިހާރު ހުންނެވި ބޮޑުވަޒީރާމެދު އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، އޭނާއަކަށް، އޭނާގެ މަގާމުގެ ވާޖިބުތައް އެހާ ފުރިހަމަކޮށެއް އަދައެއްނުކުރެއްވެޔޭ. އެހެންވީމާ، ބަދަލުކުރަން ފެނެޔޭ. އެހެންވެއްޖިއްޔާ ބަދަލުކުރެއްވިދާނެ. ކޮންމެއަކަސް، ބޮޑުވަޒީރު ޢައްޔަންކުރުމާއި ވަކިކުރުމާ އެއީ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެމަތިން ކުރާ ކަމެއްގެ ގޮތުގައި އޮތުން އެއީވެސް އަޅުގަނޑު ހިތުން މުހިންމު ކަމެއް. އެއީ، ކުރީފަހަރު އެކަން ހިނގައިދިޔަގޮތުގައި، އެހެނެއްނޫން އެކަން ހިނގާފައި އޮތިއްޔަކީ. ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެމަތިން ބޮޑުވަޒީރު ޢައްޔަންކުރެއްވީ. އެކަމަކު ވަކިކުރެއްވީ އެހެނެއްނޫން.
އާދެ، ދެން ދަންނަވާލަން އޮތީ، ރައްޔިތުންގެ މަޖިލީހުގެ ވާހަކަ. އަޅުގަނޑު ދެންމެ ދަންނަވާލައިފިން، އަޅުގަނޑު މި ޚިޔާލުކުރާ އެންމެ މުހިންމު އެއް ދާއިރާއަކީ، ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުޅާކުރުމޭ. އާދެ، ރައްޔިތުންގެ މަޖިލީހަކީ، ޤާނޫނުހަދާ މަޖިލިސް. އަދި ސަރުކާރުން ކަންތައްތައް ކުރަމުންގެންދާގޮތް ބަލާ މަޖިލިސް. ރައްޔިތުންގެ މަޖިލީހުގެ ޙައްޤުތަކުގެ ތެރޭގައި އޮވޭ، ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުން ފާސްކުރާ ޤަރާރެއް ފާސްކުރުން. މިހާރުވެސް އިމްޕީޗްކުރުން އޮވޭ. ވަކިކަހަލަ ކުށެއް ރައީސުލްޖުމްހޫރިއްޔާ ކޮށްފީވިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ވަކި އަޣްލަބިއްޔަތަކުން ވަކިގޮތެއް ކަނޑައަޅައި ފާސްކުރުން އޮވޭ. ޤާނޫނުއަސާސީގައި ކަންތައް ކުރަންވީގޮތް ލިޔެފައި އޮންނާނެ. މިވެނިގޮތަކުން މިހެން ހަދައިގެން، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން ވަކިކުރެވިދާނެޔޭ. ހަމައެހެންމެ، ޤާނޫނުއަސާސީގައި އޮވޭ، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓުވެސް ރައްޔިތުންގެ މަޖިލީހަށް ނެގިދާނެޔޭ. ހަމައެހެންމެ، ވަޒީރުންނާ ސުވާލުކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ކުރެވިދާނެ ކަމެއްކަމަށްވެސް އޮވޭ.
ރައްޔިތުންގެ މަޖިލީހަކީ، ޤާނޫނުއަސާސީގައި މި ދެންނެވިފަދަ ބާރުތައް ދީފައިވާ މަޖިލީހެއްކަމުން، ސަރުކާރުން ކަންތައްކުރާގޮތް ރައްޔިތުންގެ ފަރާތުން ބަލަހައްޓާ، ވަރަށް ބާރުހުރި މަޖިލީހަކަށްވާން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑު ހުށަހަޅަން ގަސްތުކުރާ ޚިޔާލަކީ، ރައްޔިތުންގެ މަޖިލީހުގައި ހިމެނިގެންވާނީ އެކިއެކި ދާއިރާތަކުން ރައްޔިތުން އިންތިޚާބުކުރާ މެންބަރުން އެކަނިކަމަށް އޮތުން. އާދެ، މިހާރު މި އޮންނަގޮތުން، 20 އަތޮޅުން ކޮންމެ އަތޮޅަކުން 2 މެންބަރުން އިންތިޚާބުކުރީމާ ވަނީ، 40 މެންބަރުން. މާލެއިން ދެ މެންބަރުން އިންތިޚާބުކުރީމާ ވަނީ، 42 މެންބަރުން. ދެން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ 8 މެންބަރުންލީމާ، މެންބަރުންގެ ޢަދަދު 50 ހަމަވަނީ. އާދެ، އެއީ މިހާރު އޮންނަގޮތް. އަޅުގަނޑު މި ހުށަހަޅަނީ، ހަމައެކަނި އެކި ދާއިރާތަކުން އިންތިޚާބުވާ މެންބަރުން އެކަނި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާގޮތަށް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެންބަރުން، އެއްވެސް ޢަދަދަކަށް ނުތިއްބެވުމަށް.
ދެން އަޅުގަނޑު ހުށަހަޅާ ޚިޔާލަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން އިންތިޚާބުކުރާ ބަޔަކުކަމުގައި ހަމަޖެއްސުމަށް. އާދެ، މިހާރު މި އޮންނަގޮތަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހެއް. އެކަމަކު އެހެން އޮތުމަށްވުރެ، ދީމުޤްރާޠީ ނިޒާމާ ބޮޑަށް ގުޅެނީ، ދުނިޔޭގެ އެހެން ތަންތާނގައިވެސް އޮންނަހެން، މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުން އިންތިޚާބުކުރާ ބޭފުޅަކު، މަޖިލީހުގެ ރައީސްކަން ކުރެއްވުން ކަމަށްވާތީ، އެގޮތަށް އަޅުގަނޑު ހުށަހަޅަން ޚިޔާލުކުރަނީ.
ދެން އަޅުގަނޑު ރައްޔިތުންގެ މަޖިލީހާ ބެހޭގޮތުން ހުށަހަޅަން ޚިޔާލުކުރާ ކަމަކީ، އެކަށީގެންވާ ގޮތެއްގައި އެކި އިންތިޚާބީ ދާއިރާތަކުގެ ރައްޔިތުން ތަމްސީލުކުރެވޭނެ ގޮތަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ބަދަލުކުރުން. މިހާރު މި އޮންނަނީ، ކޮންމެ ދާއިރާއަކުން ދެ މެންބަރުން ތިއްބަވާގޮތަށް. އާދެ، އަޅުގަނޑުމެންގެ ރާއްޖޭގެ އަތޮޅުތައް ޖުޣުރާފީގޮތުން ބެހިފައިވާގޮތުން، އާބާދީގެ ޢަދަދު ވަރަށްބޮޑަށް އެއްއަތޮޅަކާ އަނެއްއަތޮޅަކާ މި އޮންނަނީ ތަފާތުވެފައި. ވަރަށް މަދު އާބާދީއެއް އޮންނަ އަތޮޅުތައްވެސް އެބަހުރޭ. ވަރަށް ގިނަ އާބާދީ އޮންނަ އަތޮޅުވެސް އެބަހުރޭ. އަދި މާލެއަށް ވިސްނައިފިއްޔާ، މާލެއަކީ އެންމެ ރަށެއް. އާދެ، އެއްދާއިރާ. މާލޭގައި ހަތްދިހަހާހަށްވުރެ ގިނަމީހުން ދިރިއުޅެމުންގެންދޭ. އެކަމަކު މާލެއަށްވެސް އިންތިޚާބު މިކުރަނީ 2 މެންބަރުން. ކޮންމެ އަތޮޅަކުންވެސް 2 މެންބަރުން. ދުނިޔޭގެ އެހެން ތަންތާނގައި އާބާދީ ބެހިފައިވާގޮތަށް ކޮންމެވެސްވަރަކަށް ބަލާފައި، މަޖިލީހުގެ މެންބަރުންގެ ޢަދަދު ހަމަޖައްސާގޮތަކަށް އޮންނަކަމަށް އަޅުގަނޑަށް އެނގިފައި އޮންނަނީ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ، މިއީވެސް ބަދަލުވާންޖެހޭ ގޮތެއްކަމަށް. އާދެ، ޤާނޫނުއަސާސީއަށް އިޞްލާޙު އަންނައިރު އެކަށީގެންވާގޮތެއްގައި އެކި ދާއިރާތަކުގެ ރައްޔިތުން ތަމްސީލު ކުރެވޭގޮތަކަށް، މެންބަރުންގެ ޢަދަދަށް ބަދަލު އަންނަންޖެހޭނެކަމަށް.
އާދެ، ދެންއޮތީ ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ވާހަކަ. އާދެ، މިހާރުވެސް ރާއްޖޭގައި ވަނީ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނެއް އުފެއްދިފައި. އަދި އެ ކޮމިޝަނަކީ ޤާނޫނެއްގެ ދަށުން ހިނގަމުންދާންޖެހޭނެ ތަނެއްކަމަށް ފެންނާތީ، އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަންގެ ކަންތައް ކުރަންވާނެގޮތުގެ ޤާނޫނެއްގެ ބިލް މިހާރުވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. ރައްޔިތުންގެ މަޖިލީހުން އެ ބިލް ފާސްކުރެއްވީމާ، އިރާދަކުރެއްވިއްޔާ ކައިރި މުސްތަޤްބަލެއްގައި އެ ކޮމިޝަން ހިނގަމުންދާނީ އެ ޤާނޫނުގައިވާ ގޮތުގެމަތިން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޤާނޫނުއަސާސީއަކު އަދި ނެތް އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނެއްގެ ވާހަކައެއް. އެހެންވީމާ، އަޅުގަނޑަށް ވިސްނެނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި، ރާއްޖޭގައި އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނެއް އޮންނަންވާނެ ކަމަށާއި، އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެވޭގޮތާއި، އެ ކޮމިޝަންގެ ބާރުތައް، ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނަންވާނެ ކަމަށް.
ދެން ދަންނަވާލަން އޮތީ، އަނެއްކާވެސް ބައެއް ބޭފުޅުންގެ ހިތްޕުޅުގައި ކޮންމެވެސްވަރެއްގެ ސުވާލެއް އުފެދޭނެ ކަމެއްގެ ވާހަކަ. އާދެ، އެއީ، ސިޔާސީ ޕާޓީތަކުގެ ވާހަކަ. އާދެ، އަޅުގަނޑު ހުށަހަޅަން ގަސްތުކުރަނީ، ޤާނޫނުގައިވާ ގޮތުގެމަތިން، ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމާއި ހިންގުމަކީ، މިނިވަންކަން ލިބިގެންވާ ކަމެއްކަމުގައި ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮންނަން. އާދެ، އެހެން މި ދެންނެވީ، މިހާރު އަޅުގަނޑުމެންގެ ޤާނޫނުއަސާސީ އޮންނަގޮތުން، ވަކި މާއްދާއެއްނޫން، ޤާނޫނުއަސާސީގެ ވަކި މާއްދާއަކާއި އަދި އިތުރުން ބައެއް މާއްދާތައް ހުރިގޮތުން، އަޅުގަނޑަށް ޤާނޫނީ ލަފާ ލިބިފައިވަނީ، މިހާރު ޤާނޫނުއަސާސީ މިއޮތްގޮތުން، ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފައްދާކަށް ޖާގައެއް ނެތް ކަމަށް. ޤާނޫނުއަސާސީގެ އެކިއެކި މާއްދާތައް ހުރިގޮތުން، ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފައްދައި ހިންގުމަކަށް ފުރުޞަތެއް ނެތޭ. އެހެންވީމާ، އެކަމުގައި ޤާނޫނީ ހުރަހެއް އޮތްކަމަށް އަޅުގަނޑަށް ރަސްމީގޮތުން މީގެކުރިން ޤާނޫނީ ލަފާ ވަނީ ލިބިފައި. އަދި ހަނދުމަފުޅު ހުންނާނެފަދައިން، މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި ބަޙުޘްކުރައްވައި ނިންމަވާފައި އޮތީ، އެ ޤާނޫނީ ލަފާގެ މަތިން ރާއްޖޭގައި ސިޔާސީ ޕާޓީއެއް ހިންގޭކަށް ނޯންނާނެ ކަމަށް. އެހެންވީމާ، މިހާތަނަށް ކަންތައް ގޮސްފައި އެއޮތީ ގަވާއިދުން، ޤާނޫނުގައިވާ ގޮތަށް. އެހެންވީމާ، އަޅުގަނޑުގެ ހިތަށްއަރަނީ، އެ ހުރަސް އެގޮތަށް އޮތް ކަމަށްވަންޏާ، މިހާރުގެ ދީމުޤްރާޠީ ނިޒާމާ ގުޅޭގޮތަކީ، އެ ހުރަސް ނައްތާލުމޭ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދައި ހިންގުމަކީ، މިނިވަންކަން ލިބިގެންވާ ކަމެއްކަމުގައި ޤާނޫނުއަސާސީގައި ޞަރީޙަކޮށް ބަޔާންކޮށްފައި އޮވެއްޖެނަމަ، ދެން އެ ހުރަހެއް ނޯންނާނެޔޭ.
އާދެ، ސިޔާސީ ޕާޓީ އުފެއްދުމާ ބެހޭގޮތުން އަޅުގަނޑު ހިތުން ބައެއް ބޭފުޅުންގެ ޚިޔާލު ތަފާތުވެދާނެ. އާދެ، މިއީ ރާއްޖެއަށް އާކަމެއް. އެހެންވީމާ، މިކަންވެސް މިއީ، ރައްޔިތުންގެ ޑިބޭޓަކަށް އާދެ، ބަޙުޘަކަށް ދޫކޮށްލަން އަޅުގަނޑު ބޭނުންވާ ކަމެއް. މިކަމާ ދޭތެރޭގައި ރައްޔިތުން ޚިޔާލުކުރައްވައި، ރައްޔިތުންގެ ގިނަ ބަޔަކަށް ފެންނަގޮތް، ކަމާބެހޭ ފަރާތްތަކުގައި ދަންނަވައި ނުވަތަ ބަޙުޘްކުރައްވަން ދޫކޮށްލަން ބޭނުންވާ ކަމެއް.
އެހެން މި ދެންނެވީ، ކުރީގައި މި މައްސަލައާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަޙުޘްކުރެވުނުއިރުވެސް ދެކެވުނު ވާހަކަތަކުގެ ތެރޭގައި، ރާއްޖެކަހަލަ ކުޑަކުޑަ ޤައުމެއްގައި، މީސްކޮޅުމަދު އަދި އެއްބަޔަކު އަނެއްބަޔަކާ މިހާބޮޑަށް ގުޅިފައި އޮތް ޤައުމެއްގައި، ސިޔާސީ ޕާޓީތަކެއް ޙަރަކާތްތެރިވާ ކަމަށްވަންޏާ، ވާނީ ކިހިނެއްހޭ؟ ރާއްޖޭގައި ހަމަނުޖެހުން އުފެދޭގޮތެއް ނުވާނެހޭ؟ މިފަދަ ސުވާލުތައް ކުރައްވައި އަދި ދުނިޔޭގެ ބައެއް އެހެން ތަންތާނގައި ކަންތައްތައް ހިނގަމުންދާގޮތުގެ މިސާލުވެސް ބައެއް ފަރާތްތަކުން ދެއްކެވި. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައިވެސް ކަންއޮތީ މިހެންނޭ. މިވެނި ތަނެއްގައިވެސް ކަންއޮތީ މިހެންނޭ. އެހެންވީމާ، އަދި ރާއްޖެކަހަލަ ކުޑަކުޑަ ތަނެއްގައި މިހެން ހަދައިފިއްޔާ އަދި ކަންތައް މާ ގޯސްވާނެޔޭ. މިހިރީ ހައްތާވެސް އޭރު އުޅުނު ޚިޔާލު. އެހެންވީމާ، އެއީވެސް އަޅުގަނޑުމެން ހަނދާންނައްތާލަންވީ ކަމެއްނޫން. އެހެންނަމަވެސް، މި ކަންތައް ޑިބޭޓަކަށް، އާދެ ބަޙުޘަކަށް ވާންޖެހޭނީ. ކޮންމެއަކަސް، އަޅުގަނޑު މި ޚިޔާލު މި ހުށަހަޅަނީ. މި ޚިޔާލު ހުށަހެޅީމާ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މިކަމާ ދޭތެރޭގައި ވިސްނަވާފައި، މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތަކަށް އެކަން ނިންމެވީމާ ރަނގަޅުވާނެ. އަޅުގަނޑު މި ހުށަހަޅަނީ، ސިޔާސީ ޕާޓީތައް އުފެއްދުމާއި ހިންގުމަކީ މިނިވަންކަން ލިބިގެންވާ ކަމެއްކަމުގައި، ޤާނޫނުއަސާސީގައި އޮތުމަށް.
އާދެ، މިކަމާބެހޭ އެސް.އެމް.އެސް.އެއް، ވަރަށްގިނަ ބޭފުޅުންނަށް ލިބިވަޑައިގެންފައި އޮތުން އެކަށީގެންވޭ. އަޅުގަނޑަށްވެސް ލިބުނު. އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، މި ދެންނެވި އެސް.އެމް.އެސް. ފޮނުވިއްޔަކީ އަޅުގަނޑެއް ނޫނޭ.
އާދެ، ދެންއޮތީ، ޢަދްލުއިންޞާފު ޤާއިމުކުރުމުގެ ކަންތައް. އަޅުގަނޑު ޚިޔާލުކުރަނީ، ޢަދްލުއިންޞާފު ޤާއިމުކުރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި އުއްތަމަ ފަނޑިޔާރަށާއި، ރާއްޖޭގެ ޝަރްޢީ ކޯޓުތަކަށް ކަމަށް ޤާނޫނުއަސާސީގައި އޮންނަން. ކުރިން ދެންނެވިހެން، މިހާރު މި އޮންނަނީ، ރައީސުލްޖުމްހޫރިއްޔާއަކީވެސް އޭގެ މީހެއްގެ ގޮތުގައި. އެކަމަކު އެއީ ރަނގަޅު ގޮތެއްކަމަށް ނުފެންނާތީ، އެބައި ވަކިކޮށްލާފައި، އަޅުގަނޑު މި ހުށަހަޅަނީ، ޢަދްލުއިންޞާފު ޤާއިމުކުރުމުގެ ބާރު އޮންނާނީ ހަމައެކަނި ޖުޑީޝރީއަށް ކަމަށް. އެ ބާރު ލިބިގެންވާ ފަރާތަށް ކަމަށް. އޭގެ އެންމެ އިސްވެރިޔަކީ އުއްތަމަ ފަނޑިޔާރު. ދެން ޝަރްޢީ ކޯޓުތަކުގެ ފަނޑިޔާރުން.
ދެން އުއްތަމަ ފަނޑިޔާރު އިސްކުރުމާއި ވަކިކުރުން. އެކަން އޮންނަން އަޅުގަނޑަށް ފެންނަގޮތަކީ، އުއްތަމަ ފަނޑިޔާރު އިސްކުރާނީ އަދި މަގާމުން ވަކިކުރާނީ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންކަމަށް އޮތުން.
ދެން އަނެއްކާވެސް ރާއްޖޭގައި އާކަމެއްގެ ވާހަކަ ދަންނަވާލަން ބޭނުންވަނީ. އެއީ ރާއްޖޭގައި މިހާތަނަށް ސުޕްރީމް ކޯޓެއް ނެތް. އެކަމަކު އަޅުގަނޑަށް ޚިޔާލުކުރެވެނީ، މިހާރު ރާއްޖޭގެ ކަންތައްތައް ހުރިގޮތުން، ސުޕްރީމް ކޯޓެއްގެ ބޭނުންތެރިކަން ވަރަށް ބޮޑުވެއްޖެ ކަމަށް. މިހާރު ކަންތައްތައް ހިނގަމުންދާގޮތް ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަންނޭނގެ. އެއީ، ޖަސްޓިސް މިނިސްޓްރީގެ ކޯޓަކުން މައްސަލަ ނިންމަވާގޮތާ ދޭތެރޭގައި ދެ ޚަޞްމުންކުރެ ޚަޞްމަކު ހިތްހަމަނުޖެހިއްޖިއްޔާ، އިސްތިއުނާފަށް މި ހުށަހަޅަނީ ހައިކޯޓަށް. ހައިކޯޓުން މައްސަލަ ނިންމަވާގޮތާ ދޭތެރޭގައިވެސް ހިތްހަމަނުޖެހިއްޖިއްޔާ، ދެން ތިންވަނަ މަރްޙަލާއަކަށް މި އޮންނަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުން. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުމުން،
އެ މައްސަލަ ބައްލަވާނީ، އެ އޮފީހުގައި އޮންނަ ކަމާބެހޭ ކޮމިޓީއަކުން. އެ ކޮމިޓީއަށް ޢައްޔަންކޮށްފައި މި ތިއްބަވަނީ، ރާއްޖޭގައި ޝަރްޢީ އަދި ޤާނޫނީ މަޢުލޫމާތާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންކޮޅެއް. އެބޭފުޅުން އެއްތަނެއްގައި ތިއްބަވައިގެން، މައްސަލަ ބައްލަވާފައި، ވަކިގޮތަކަށް ނިންމެވީމާ، އެގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވާގޮތަކަށް މި އޮންނަނީ. ޙަޤީޤަތަށް ދަންނަވަންޏާ، އެ ކަންތައްތައް ނިންމަނިއްޔަކީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން. ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނަ މި ދަންނަވާ ކޮމިޓީ ނުވަތަ މަޖިލީހުން. އެހެންނަމަވެސް، އެހެން އޮތީމާ މިވާގޮތަކީ، އެކަންތައް ނިންމާ ފަރާތަކީ، ރައީސުލްޖުމްހޫރިއްޔާކަމަށް ހީކުރެވޭގޮތްވަނީ. ޙަޤީޤަތަކަށްވިޔަސް، ޙަޤީޤަތަކަށްނުވިޔަސް، ގިނަ މީހުންނަށް ފެންނާނީ އެގޮތަށް. އެހެންވީމާ، އެހެން އެއްގޮތަކަށްވެސް ނޯވެ، ޝަރްޢީ ކަންތައްތަކާ ރައީސުލްޖުމްހޫރިއްޔާ ނުބެހި، އެކަންތައްތަކަކީ ވަކި ދާއިރާއަކުން ހިންގަވާ ކަންތައްތަކެއް ކަމުގައި ހަމަޖެއްސުން، އަޅުގަނޑު ހިތުން އެއީ، ހަމަ ވަރަށް މުހިންމު ކަމެއް. އެހެންވީމާ، ސުޕްރީމް ކޯޓެއް ހުންނަން އަޅުގަނޑު މި ޚިޔާލުކުރަނީ. އޭރުން ދަށުކޯޓުން ނިމިގެން، ހައިކޯޓުން ނިމިގެން، ދެންދާނީ ސުޕްރީމް ކޯޓަށް. ސުޕްރީމް ކޯޓުން ނިމުނީމާ، އޭގެ ޝަރްޢީ ހުރިހާ މަރްޙަލާއެއް ނިމުނީ. ދެން އެ މައްސަލައާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަކަށްވެސް އަދި އެހެން މީހަކަށްވެސް، އިލްތިމާސްކުރާނެ ޖާގައެއް ނުއެއް އޮންނާނެ.
އާދެ، ދެން ސުޕްރީމް ކޯޓެއް ހުންނަކަމަށްވަންޏާ، ސުޕްރީމް ކޯޓުގައި ފަނޑިޔާރުންވެސް ތިއްބަވަން އެބަޖެހޭ. އަޅުގަނޑު މި ހުށަހަޅަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިސްކޮށް، މަގާމުން ވަކިކުރާނީ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންކަމަށް އޮންނަން. އެއީ، އެ މަގާމުތަކަށް މީހުން އިސްކުރާނީ އަދި ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އެކަން ކުރާނީ، ރައްޔިތުންގެ މަޖިލީހުން ލަފާދެއްވާ ގޮތެއްގެމަތިން. އޭގެ މާނައަކީ، ރައީސުލްޖުމްހޫރިއްޔާ ހިތްހަމަނުޖެހޭ ފަނޑިޔާރެއް ހުރީމާ ވަކިކޮށްލެވޭގޮތަކަށް ނޯންނާނެ. އެކަން އަންނަންޖެހޭނީ ރައްޔިތުންގެ މަޖިލީހުން.
މީގެއިތުރަށް ހުށަހަޅަން އަޅުގަނޑު ދެން ޚިޔާލުކުރަނީ، ރާއްޖޭގައި ޝަރީޢަތާބެހޭ އިސް މަޖިލީހެއް އޮންނާނެ ކަމަށް ޤާނޫނުއަސާސީގައި ބަޔާންކުރުން. އާދެ، ދުނިޔޭގެ ބައެއް ތަންތާނގައި ހުރޭ މިކަހަލަ ގޮތްގޮތަށް. އަޅުގަނޑު ބަލައިލި ބައެއް ޤާނޫނުއަސާސީތަކުގައި، ސުޕްރީމް ޖުޑީޝަލް ކައުންސިލް ނުވަތަ އެކަހަލަ ކޮންމެވެސް ނަމެއްގައި އޮންނަ ޝަރީޢަތާބެހޭ އިސް މަޖިލީހެއް، ބައެއް ތަންތާނގައި އޮވޭ. އެ މަޖިލީހަށް މެންބަރުން ޢައްޔަންކުރާނެގޮތާއި، މެންބަރުން، މެންބަރުކަމުން ވަކިކުރާނެގޮތާއި، އެ މަޖިލީހަށް އޮންނަ ބާރުތައް ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮވޭ.
ދެން ދަންނަވާލަން އޮތީ ހައިކޯޓުގެ ވާހަކަ. ހައިކޯޓު އަދިވެސް ހުންނާނެތީ، އަދި މި ދެންނެވި ގޮތަށް ކަންތައްތައް ގެންދިޔަނަމަވެސް، ހައިކޯޓުގެ ފަނޑިޔާރުންނާއި، ކޯޓުތަކުގެ ފަނޑިޔާރުން އިސްކުރާނީ އަދި މަގާމުން ވަކިކުރާނީ، ޝަރީޢަތާބެހޭ އިސް މަޖިލީހުގެ މަޝްވަރާގެމަތިން، އުއްތަމަ ފަނޑިޔާރުކަމަށް އޮތުންވެސް އަޅުގަނޑަށް ފެނޭ. އެހެންވީމާ، ޝަރީޢަތާބެހޭ އިސްމަޖިލީހުން ދެއްވާ ލަފާގެމަތިން، ފަނޑިޔާރުން އިސްކުރައްވައި، ވަކިކުރައްވާނީ އުއްތަމަ ފަނޑިޔާރު.
މިގޮތަށް ކަންތައް ހަމަޖެހޭއިރު، ޝަރީޢަތާބެހޭ އިސްމަޖިލީހަށް މެންބަރުން ހޮވޭނެގޮތްވެސް ޤާނޫނުއަސާސީގައި އޮންނަންވާނެ ކަމަށް އަޅުގަނޑަށް ފެނޭ. ދުނިޔޭގެ ބައެއް ތަންތާނގައި އޮންނަނީ، ރައްޔިތުންގެ މަޖިލީހުން މިވެނި ޢަދަދަކަށް މެންބަރުން ހޮވުން. ދެން އެ ޕްރޮފެޝަންގެ މީހުން އާދެ، ހުރިހާ ޤާޟީން، އެމީހުންގެ ފަރާތުން ހޮވާ ދެމީހަކު ނުވަތަ ތިންމީހަކު ނުވަތަ ހަތަރު މީހަކު އެ މަޖިލީހުގައި ތިބުން. މިކަހަލަ ގޮތަކަށް މި އޮންނަނީ. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެއަށް އެންމެ ކަމުދާކަހަލަ ގޮތަކަށް އެކަން އަޅުގަނޑުމެންނަށް ބައްޓަންކުރެވިދާނެ.
ދެން އަދި ވަރަށް މުހިންމު އުޞޫލެއް ޤާނޫނުއަސާސީގައި އޮންނަންވާނެ ކަމަށް އަޅުގަނޑަށް ފެނޭ. އެއީ ޢަދްލުއިންޞާފު ޤާއިމުކުރުމާ ބެހޭގޮތުން ހަމަޖެހިފައި އޮންނަންވާނެ އުޞޫލެއް. އެ އުޞޫލަކީ، ކޯޓުތަކުގެ ފަނޑިޔާރުން އާދެ، އެއީ ސުޕްރީމް ކޯޓު ކަމަށްވިޔަސް، ހައިކޯޓު ކަމަށްވިޔަސް އަދި ދަށުކޯޓެއް ކަމަށްވިޔަސް، އެ ތަންތާނގައި ތިއްބަވާ ފަނޑިޔާރުން އާދެ، ކޯޓުތަކުގެ ފަނޑިޔާރުން، މައްސަލަތައް ނިންމަވަމުން ގެންދަވަންވާނީ، އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ކަމަށާއި، އެއްވެސް ފަރާތަކުން ފަނޑިޔާރުންގެ މައްޗަށް ނުފޫޒެއް ފޯރުވައިގެން ނުވާނެކަމަށް، ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮތުން.
އާދެ، މީގެއިތުރުން މިހާރުވެސް ޤާނޫނުއަސާސީގައި ހުންނަ ބައެއް މުހިންމު މަގާމުތަކުގެ ވާހަކަ ދަންނަވާލަން އެބަހުރި. މިހާރު މިއުޅެނީ، އޭގެތެރެއިން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ދެ މަގާމެއްގެ ވާހަކަ ދަންނަވާލަން. އެއީ، އޮޑިޓަރ ޖެނެރަލްގެ މަގާމާއި، ކޮމިޝަނަރ އޮފް އިލެކްޝަންސްގެ މަގާމު. އާދެ، މިހާރު މި އޮންނަނީ، އޮޑިޓަރ ޖެނެރަލްވެސް އަދި ކޮމިޝަނަރ އޮފް އިލެކްޝަންސްވެސް، ރައީސުލްޖުމްހޫރިއްޔާ އިސްކުރާގޮތަށް އަދި މަގާމުން ވަކިކުރާގޮތަށް. އެހެންނަމަވެސް، އެ ދެ މަގާމަކީވެސް ވަރަށް މުހިންމު ދެ މަގާމު. އެއީ، ސަރުކާރުން ކުރާ ވަރަށް މުހިންމު ކަންތައްތަކެއް ބަލާ ދެ މަގާމު. އެހެން މި ދެންނެވީ، އޮޑިޓަރ ޖެނެރަލް ބައްލަވާ ކަންތައްތަކުގެ ތެރޭގައި، ސަރުކާރުގެ މުދަލާއި ފައިސާއާއި، އެތަކެތި ބޭނުންކުރެވޭގޮތާ، މި ކަންތައްތައް ބައްލަވަން އެބަޖެހޭ. އެހެންވީމާ، އެ މަގާމުގައި ހުންނަ މީހަކު ރައީސުލްޖުމްހޫރިއްޔާ އިސްކުރާ އަދި ވަކިކުރާ މީހަކުކަމުގައި ވެއްޖިއްޔާ، ފަހަރެއްގައި އެހެން ބައެއް ގޮތްގޮތަށް ކަންތައް ދިމާވުމަކީ އެކަށީގެންވާ ކަމެއް.
ހަމައެހެންމެ، ކޮމިޝަނަރ އޮފް އިލެކްޝަންސަކީވެސް މިކަހަލަ މަގާމެއްގައި ހުންނަ މީހެއް. އޭނާގެ ވާޖިބުތަކުގެ ތެރޭގައި މި އޮންނަނީ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު ހުސްވާތީ ނުވަތަ އެ މަގާމަށް ކުރިމަތިލާ މީހުންނަށް އެކަން އެންގެވުމާބެހޭ އިޢުލާނުކުރެއްވުމާއި އަދި އިންތިޚާބުގެ ހުރިހާ ކަމެއް ހިންގެވުން. އަދި ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އިންތިޚާބާބެހޭ ހުރިހާ ކަމެއް ހިންގެވުން. އަދި ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖިއްޔާ، ކަމާބެހޭގޮތުން ރައްޔިތުންނަށް ފެންނަ ނުފެންނަގޮތުގެ ވޯޓުގެ ކަންތައް ހިންގެވުމާ، މިކަހަލަ ކަންތައްތައް ކުރައްވާ ފަރާތަކީވެސް ކޮމިޝަނަރ އޮފް އިލެކްޝަންސް ކަމަށް މި އޮންނަނީ. އެހެންވީމާ، މި ކަންތައްތައް އެހެން އޮއްވާ، ކޮމިޝަނަރ އޮފް އިލެކްޝަންސަކީ، ރައީސުލްޖުމްހޫރިއްޔާ ބޭނުންވީމާ މަގާމަށް އިސްކުރާ، ބޭނުންވީމާ މަގާމުން ވަކިކުރާ މީހަކުކަމުގައި އޮވެއްޖިއްޔާ، ކުޑަކޮށް ހަމަނުޖެހޭގޮތެއް ދިމާވެދާނެ. އެހެންވީމާ، އެކަންވެސް އެންމެ ހަމަޖެހޭ ރަނގަޅު ގޮތަކަށްވާނީ، އޮޑިޓަރ ޖެނެރަލާއި، ކޮމިޝަނަރ އޮފް އިލެކްޝަންސަކީ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެމަތިން، ރައީސުލްޖުމްހޫރިއްޔާ މަގާމަށް އިސްކޮށް، މަގާމުން ވަކިކުރާ ބަޔަކުކަމުގައި ވެގެން. އެހެންވީމާ، މި ދެންނެވި ހުރިހާ ކަމަކުން ރައްޔިތުންގެ މަޖިލީހަށް އޮންނަ ބާރުތައް ފުޅާވެ، ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތާއި ވާޖިބު އިތުރުވެގެން އެބަދޭ.
އާދެ، ދެން އަޅުގަނޑު ދަންނަވާލަން މިއުޅެނީ، އަޅުގަނޑުގެ ފަހު ޕޮއިންޓް. އާދެ، މިރޭގެ ފަހު ޕޮއިންޓް. އެއީ، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުން. މިހާރު ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް މި އޮންނަނީ، ވަރަށް އުނދަގޫގޮތެއް. އެއީ، އެކަމަށްޓަކައި ޚާއްޞަކޮށް، މުޅި ރާއްޖޭގައި އިންތިޚާބެއް ބާއްވަން އެބަޖެހޭ. އެއީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އިންތިޚާބު. އާދެ، ދާދިފަހުން މި ބޭއްވުނު އިންތިޚާބުކަހަލަ އިންތިޚާބެއް ބާއްވަން އެބަޖެހޭ.
ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ބާރު މިހާރު މި އޮންނަނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް. ރައްޔިތުންގެ ޚާއްޞަ މަޖިލީހަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް އެކި ދާއިރާތަކުން ހޮވޭ މެންބަރުންނާއި، އަދި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ 8 މެންބަރަކާ، މި ހުރިހާ މެންބަރުން ހިމެނޭ މަޖިލީހެއް. އަދި މިދެންނެވި ބައިގެ އިތުރަށް، ޚާއްޞަ މަޖިލީހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވާ. އެހެންވީމާ، މިހާރުގެ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ޢަދަދަކީ 108. އާދެ، މިހުރިހާ މެންބަރުން ހަމަވީމާ، 108 ވާނެ. އެހެން މި ދެންނެވީ، ރައްޔިތުންގެ އެކި ދާއިރާތަކުން އިންތިޚާބުކުރެއްވި 42 މެންބަރުން މިހާރު މިތިބީ އިންތިޚާބުވެފައި. ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންޖެހޭ 8 މެންބަރުން އަދި ޢައްޔަނެއް ނުކުރެވޭ. އެ މަސައްކަތުގައި އަޅުގަނޑު ބޭނުންވެގެން މިއުޅެނީ، ރާއްޖޭގެ ތަފާތު ރޮނގުރޮނގުން މަޢުލޫމާތާއި ތަޖުރިބާހުރި ބޭފުޅުންކޮޅެއް ހޮވޭތޯ. އެހެންވީމާ، އެ މަސައްކަތުގައި އަޅުގަނޑު މިހާރު އުޅެމުން މިގެންދަނީ. އެ މަސައްކަތް ނިމުނީމާ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 50 މެންބަރުން
އެ ހަމަވީ. ދެން އަދި ރައްޔިތުންގެ މަޖިލީހުގެ 50 މެންބަރުން ތިއްބަވާނެ. އަދި ވަޒީރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިނުގަންނަވާ 8 ބޭފުޅަކު އެބަ ތިއްބެވި. އެބޭފުޅުންވެސް ޚާއްޞަ މަޖިލީހުގައި ހިމެނޭނެ. އެ 8 ބޭފުޅުން ހިމެނުނީމާ ޖުމްލަ 108 މެންބަރުން ޚާއްޞަ މަޖިލީހުގައި ތިއްބަވާނެ.
އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅެނީ، ޤާނޫނުއަސާސީ އިޞްލާޙުކުރަން ވެއްޖިއްޔާ، ޚާއްޞަ މަޖިލީހެއް އިންތިޚާބުކުރަން މިހާރު އެބަޖެހެޔޭ. ޤާނޫނުއަސާސީ އިޞްލާޙު މި ކުރެވެނީ، އެ މަޖިލިސް އިންތިޚާބުކޮށްފައި، އެ މަޖިލީހުގެ ޖަލްސާތަކެއް ބާއްވައިގެން، ބަޙުޘްކޮށްގެން ވަކިގޮތަކުން. އެހެންވީމާ، އެއަށްވުރެ ފަސޭހަގޮތެއް އޮތުމަކީ، ރަނގަޅުގޮތަކަށް ވެދާނެކަމަށް އަޅުގަނޑުގެ ހިތަށް ފެންނަނީ. އެހެންނަމަވެސް، ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. އާދެ، އެ ވާހަކައަކީ ޤާނޫނުއަސާސީއަކީ އިރުއިރުކޮޅުން ބަދަލުކުރާ އެއްޗަކަށްވެސް ވެގެނެއްނުވާނެޔޭ. އާދެ، ޤާނޫނުއަސާސީގައި ހުންނަން މިޖެހެނީ، މުޅި ޤައުމު ގަބޫލުކުރާ މުހިންމު އަސާސީ ކަންތައްތަކެއް. އެ ޤައުމެއްގެ ސިޔާސީ ނިޒާމު ހަމަޖެހިފައިވާގޮތާއި، އެއްބާރަކާ އަނެއްބާރަކާ ދޭތެރޭގައި އޮންނަ ގުޅުމާއި، ރައްޔިތުންގެ އަސާސީ ޙައްޤުތަކާ، މިހެންގޮސް ރައްޔިތުން ކޮންމެހެން ރައްކާތެރިކުރަންޖެހޭ އުޞޫލީ ކަންތައްތަކެއް ޤާނޫނުއަސާސީގައި މި ހުންނަނީ. އެއީ އިރުއިރުކޮޅުން ބަދަލުކުރެވިގެންވާނެ އެއްޗެއްނޫން. އެހެންނަމަވެސް، ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީވެސް މުޅިން މުސްތަޙީލު ކަމަކަށް ވެގެނެއްނުވާނެ، ނުވަތަ ވަރަށް ދަތި އުނދަގޫ ކަމަކަށްވެސް ވެގެނެއްނުވާނެ. އެ ދޭތެރޭގައި ތިލަފަތް ހަމަވާގޮތަކަށް ކަންތައްތައް ރޭވެންވާނެކަމަށް އަޅުގަނޑަށް ފެންނަނީ.
އެހެންވީމާ، އަޅުގަނޑުގެ ހިތަށްއަރައިގެން މިއުޅެނީ، މިކަން ރޭވިދާނެ ގޮތްތަކެއް ހުރެދާނެއޭ. އޭގެތެރެއިން އެއްގޮތަކީ، ރައްޔިތުންގެ މަޖިލީހާއި އަދި އެނޫން މަޖިލީހަކާ، މިސާލަކަށް، ސެނެޓް ނުވަތަ ސެނެޓް ނޫން އެހެން ނަމެއްގައި ނަމަވެސް އޮންނަ މަޖިލީހަކާ، ދެ މަޖިލީހެއްގެ މެންބަރުންގެ ގުޅިފައިވާ ޖަލްސާއެއްގައި، ދެ މަޖިލީހުގެ މެންބަރުންގެ އަޣްލަބިއްޔަތުން
އެ އިޞްލާޙުތައް ފާސްކުރުންކަމަށް. އާދެ، މިއީވެސް ވިސްނާލަންޖެހޭ ނުކުތާއެއް.
އާދެ، ދުނިޔޭގެ ބައެއް ތަންތާގައި ދެ މަޖިލިސް އޮވޭ. އެއީ، ރައްޔިތުންގެ މަޖިލީހާއި، ސެނެޓް ނުވަތަ އެނޫން ނަމެއްގައި އޮންނަ އެހެން މަޖިލީހަކާ ދެ މަޖިލިސް، ބައެއް ތަންތާނގައި އޮވޭ. އެހެންވީމާ، ރާއްޖޭގައި އެކަހަލަ ދެ މަޖިލީހެއް އޮތުން ބޭނުންތޯ ނުވަތަ ނޫންތޯ މިއީ އަޅުގަނޑުމެން ބަޙުޘްކުރަންވެއްޖެ ކަމެއް. އާދެ، ދެ މަޖިލީހެއް އޮންނަންޏާ، އެ ދެ މަޖިލީހުގެ ގުޅިފައިވާ ޖަލްސާއެއްގައި ވާހަކަ ދައްކައިގެން ފާސްވާގޮތަކަށް ޤާނޫނުއަސާސީ ބަދަލުކުރެވިދާނެ. އެހެންނޫނީވިއްޔާ، އާދެ، ދެވަނަ މަޖިލީހެއް ނެތްކަމަށްވަންޏާ، ރައްޔިތުންގެ މަޖިލީހުގެ ވަކި އަޣްލަބިއްޔަތަކުން ޤާނޫނުއަސާސީ ފާސްވީމާ، މިސާލަކަށް، ތިންބައިކުޅަދެބައިގެ އަޣްލަބިއްޔަތަކުން ފާސްވީމާ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމުގެ ކުރިން އަދި އިތުރު މަރްޙަލާއެއް ބާއްވައިގެން އެކަން ހަމަޖެއްސިދާނެކަންނޭނގެ. އެ މަރްޙަލާއަކީ ރައްޔިތުންގެ ޢާންމު ވޯޓަކަށް އެހުން.
އާދެ، ދުނިޔޭގެ ބައެއް ތަންތާނގައި އޮންނަގޮތެއް، ޤާނޫނުއަސާސީ އެ މަޖިލީހަކުން ފާސްކުރީމާ، ރައްޔިތުންގެ ވޯޓަކަށް އެހުމަކީ. އެފަދަ ވޯޓުގައި އެ އަހަނީ، މި ޤާނޫނުއަސާސީ ކަމުދޭތޯ ނުވަތަ ނޫންތޯ. މި ޤާނޫނުއަސާސީއާމެދު ރައްޔިތުން ޤަބޫލުތޯ ނުވަތަ ނޫންތޯ. ކޮންމެއަކަސް އެ ވޯޓަކުން، ރައްޔިތުންގެ އަޣްލަބިއްޔަތު ޤާނޫނުއަސާސީއަށް ލިބިއްޖިއްޔާ، އެ ޤާނޫނުއަސާސީ، ޤާނޫނުއަސާސީއަކަށްވަނީ. ރާއްޖޭގައި މިހާރު އޮތް ޤާނޫނުއަސާސީގައި އެބައެއް ނެތް. އެހެންވީމާ، އަޅުގަނޑުގެ ހިތަށްއަރަނީ، މިއީވެސް ހެދިދާނެގޮތެކޭ. އާދެ، ރައްޔިތުންގެ މަޖިލީހުގެ ވަކި އަޣްލަބިއްޔަތަކުން ޤާނޫނުއަސާސީ ފާސްކުރައްވާފައި، ދެން ރައްޔިތުންގެ ވޯޓަކަށް އަހާނީ. އާދެ، ޚާއްޞަ މަޖިލީހުން އެ ފާސްކުރެއްވި ފާސްކުރެއްވުން ރައްޔިތުން ޤަބޫލުތޯ އަހާނީ. އާދެ، މި ވޯޓަށް އެހުމުން، ރައްޔިތުންގެ އަޣްލަބިއްޔަތު ލިބިއްޖިއްޔާ، ދެން އެ ޤާނޫނުއަސާސީ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރީމާ، ޤާނޫނުއަސާސީއަށް ގެނައުމަށް ފާސްކުރި ބަދަލު އެއައީ. އާދެ، އެއީވެސް ހެދިދާނެ ގޮތެއް.
އާދެ، މިއިން ކޮންމެ ގޮތެއްގައިވެސް އަޅުގަނޑުގެ ހިތަށް ވަންނަނީ، ރައްޔިތުންގެ ޚިޔާލު ހޯދުން ރަނގަޅޭ. އެއީ، ޤާނޫނުއަސާސީގައި ވަނީ މުޅި ޤައުމުގެ ކަންތައްތައް. އޭގައި ހުންނަނީ މުޅި ޤައުމާބެހޭ، ވަރަށް މުހިންމު ކަންތައްތަކެއް. އެ ޤާނޫނުއަސާސީ ފާސްކުރަނީ ހަމައެކަނި ވަކި މަޖިލީހަކުން ކަމަށް ކަނޑައަޅާފައި އޮތުމަށްވުރެ، އެ ފާސްކުރާ ފާސްކުރުމަކީ، ރައްޔިތުން ބޭނުންވާ އަދި ރައްޔިތުން އެދޭ ގޮތެއްތޯ ބަލައިލުމަކީ، ދީމުޤްރާޠީ އުޞޫލުންވިއްޔާ ހަމަ، ކުރަންވާނެ ކަމެއްކަމަށް އަޅުގަނޑަށް ހީވޭ. އެހެންވީމާ، އެކަހަލަ ގޮތަކަށް ހުށަހަޅަން އަޅުގަނޑު ޚިޔާލުކުރަން.
އާދެ، މިހާރު 30 ސިކުންތަށްވުރެ އިތުރުވެއްޖެތޯ؟ އާދެ، ދެން އެހެންވިއްޔާ މާގިނައިރެއްނުކުރާނަން އިނގޭތޯ. އާދެ، އަޅުގަނޑު ތިޔަބޭފުޅުންނާ މި ޙިއްޞާކޮށްލީ، ޤާނޫނުއަސާސީ އިޞްލާޙުކުރުމާ ބެހޭގޮތުން އަޅުގަނޑަށް ފެންނަ ބައެއް ޚިޔާލުތައް. ކުރިންވެސް ދެންނެވިހެން، މިއީ ވަކިފަރާތެއްގެ ޚިޔާލެއްނޫން. މި ޚިޔާލުތައް މި ދެންނެވީ މިއީ ވަކި ސަރުކާރުގެ ޚިޔާލެކޭ ދަންނަވާފައެއްވެސް ނޫން. ހަމައެކަނި އަޅުގަނޑަށް ފެންނަ ޚިޔާލުތަކެއް މި ހުށަހެޅީ.
އާދެ، އަޅުގަނޑުގެ ބޭނުމަކީ، މިކަމުގެ ޑިބޭޓެއް ފެށުން. ބަޙުޘެއް ފެށުން. ތިޔަބޭފުޅުންވެސް އެއްބޭފުޅަކު އަނެއްބޭފުޅަކާ މަޝްވަރާކުރެއްވުން. އާދެ، ހުރިހާ ދާއިރާއެއްގައި. ދިވެހިރައްޔިތުން، ގޭގޭގައިވެސް މި ވާހަކަ ދައްކަންވީ. ޢާންމު ބައްދަލުވުންތަކުގައިވެސް މި ވާހަކަ ދައްކަންވީ. ނޫސްތަކުގައިވެސް ލިޔަންވީ. ޓީ.ވީ.ގައިވެސް، ރޭޑިޔޯގައިވެސް މި ވާހަކަ ދައްކަންވީ. މިގޮތަށް ވާހަކަ ދައްކައިގެން، މީގެތެރެއިން ރައްޔިތުން ބޭނުންވާގޮތްތަކަކީ ކޮބައިތޯ ބަލަންވީ. އެގޮތަށް ކަންތައް ގެންދިޔައިމާކަންނޭނގެ، އަޅުގަނޑުމެން އެންމެން ބޭނުންވާގޮތަކަށް ކަންތައްތައް ގެންދެވޭނީ. އާދެ، އެކަން އެހެން ގެންދަވާއިރު ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް އާދެ، މިތާނގައި ތިއްބެވި ބޭފުޅުންނާ، އަޅުގަނޑުގެ ވާހަކައައްސަވާ ދިވެހިރައްޔިތުންގެ ޚިޔާލުފުޅަށް އަޅުގަނޑު އެދެން. އެއްވެސް ބޭފުޅަކު އަޅުގަނޑު މިދެއްކި ވާހަކަޔާ ބެހޭގޮތުން ދެއްވަން ބޭނުންފުޅުވާ ޚިޔާލުފުޅެއް އޮތީވިއްޔާ، ލިޔުއްވާލައްވާފައި އަޅުގަނޑަށް ފޮނުއްވާލަދެއްވައިފިއްޔާ، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވާނަން. މިހާރުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިޢުލާނެއް ކޮށްފައި އޮންނާނެ، ޤާނޫނުއަސާސީއާ ބެހޭގޮތުން ރައްޔިތުންނަށް ފެންނަ ޚިޔާލުތައް، މި ޖޫންމަހުގެ 1 ވަނަ ދުވަހުން 30 ވަނަ ދުވަހަށް ހުށަހެޅުއްވުމަށް. ބައެއް ބޭފުޅުން ޚިޔާލުފުޅުތައް ހުށަހަޅުއްވަމުން އެބަ ގެންދަވާ. އެ ފުރުޞަތު އަދިވެސް އެބައޮތް. އާދެ، މި ޖޫންމަހުގެ ނިޔަލަށް އެބައޮތް. އެހެންވީމާ، އެ މުއްދަތުގެ ތެރޭގައި ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތަކެއް ހުށަހަޅުއްވައިފިއްޔާ، އެއަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ކިޔާނަން.
އާދެ، ނިންމާލުމުގެ ގޮތުން، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. އެ ވާހަކައަކީ، މިއީ ކުރިންވެސް ދެންނެވިހެން އެންމެންގެ ރާއްޖެއެއް. ހުރިހާ ދިވެހިރައްޔިތުންގެ ރާއްޖެއެއް. އެހެންވީމާ، މި ދިވެހިރާއްޖެއަކީ މާތްﷲގެ ވާގިފުޅާއެކު، އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމާއެކު، ރައްޔިތުން އުފަލުން ދިރިއުޅޭ ސުވަރުގެއަކަށް ހެދުމަކީ، އަޅުގަނޑުމެންގެ އަތްމަތީގައި އޮތްކަމެއް. އަދި ރާއްޖޭގެ ކަންތައްތައް އެނޫންގޮތަކަށް ބަދަލުކޮށްލުމަކީވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. އެކަމަކު އަޅުގަނޑު ހިތުން ސަލާމަތް ބުއްދިހުރި އެކަކުވެސް، ފަހުން މި ދެންނެވި ގޮތަކަށް ތާއީދެއް ނުކުރާނެ.
އެހެންވީމާ، އަޅުގަނޑު މި ހުށަހެޅި ޚިޔާލުތައް އެއީ، ރަނގަޅު ޚިޔާލުތަކަކަށް ވެއްޖިއްޔާ އަދި އެއަށް ބަދަލެއްގެނެސްގެން ނަމަވެސް މި އަންނަ ބަދަލުތައް ވާންޖެހޭނީ، އޮމާންކަމާއި، އަމާންކަމާއި، ހަމަޖެހުމާއެކީގައި އަންނަ ބަދަލުތަކަކަށް. އަޅުގަނޑުމެން އެންމެން ވާހަކަ ދައްކައިގެން، އެންމެން ބޭނުންވާގޮތަކަށް، އާދެ، އެންމެންނެކޭ ނުދެންނެވޭނެކަންނޭނގެ. އެހެންވީމާ، އަޣްލަބިއްޔަތުގައި ހިމެނޭ އެންމެން ބޭނުންވާގޮތަކަށް، އޮމާންކަމާއި، އަމާންކަމާއި، ހަމަޖެހުމާއެކީގައި ބަދަލުވާ ބަދަލުވުމަކަށް އަޅުގަނޑު މި ގޮވާލަނީ. އަޅުގަނޑު ހިތުން ދިވެހިރައްޔިތުންގެ ހުރިހާ ބޭފުޅުންވެސް އެކަމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާނެ. އެއީ، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ރާއްޖެ މި ޙާޞިލްކުރި އިޖްތިމާޢީ ތަރައްޤީއާއި، އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓުމަށްޓަކައި، އަދި އެ ތަރައްޤީ އިތުރު އުދަރެސްތަކަކަށް ގެންދިޔުމަށްޓަކައި ކަންތައް ކުރަންޖެހޭނެގޮތް. އަޅުގަނޑުމެންގެ ތެރޭގައި، ހަމަނުޖެހުންތަކާއި ޚިލާފުތައް އުފެދިގެން، މައްސަލަތަކެއް ކުރިމަތިވެއްޖިއްޔާ، އަޅުގަނޑުމެން މިތިބަ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމުގައެއް އަޅުގަނޑުމެންނަކަށް ނުތިބެވޭނެ. ރާއްޖޭގައި އެހެންކަހަލަ ކަންތައްތަކެއް ވަމުން ހިނގައިދާނެ.
އެހެންވީމާ، އަޅުގަނޑު މި ދެންނެވީ، މާތްﷲގެ ވާގިފުޅާ އެކީގައި، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ މިހާރު މި ރާއްޖޭގައި ދިރިއުޅޭ މީހުންނާއި އަދި މުސްތަޤްބަލުގައި ރާއްޖޭގައި އުޅެންތިބި މީހުން އުފަލާއި ހިތްހަމަޖެހުމާއެކީގައި، އަމާންކަމާއެކީގައި އުޅޭނެ ސުވަރުގެއަކަށް ހެދުމަކީ، އަޅުގަނޑުމެންގެ ކަމެކޭ. އެނޫންގޮތަކަށް ބަދަލުކޮށްލުން އެއީވެސް ހަމަ އަޅުގަނޑުމެންގެ ކަމެކޭ. އެހެންވީމާ، މިކަމަކީ އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނާފައި، އެންމެން އެއްބަސްވާންޖެހޭނެ ކަމެއްކަމަށް އަޅުގަނޑު ދެކެނީ.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު 30 ސިކުންތަށްވުރެ އިތުރުވިކަމަށްޓަކައި ވަރަށްބޮޑަށް މާފަށް އެދެން. އެހެންނަމަވެސް، ތިޔަ ހުރިހާ ބޭފުޅުން ވަރަށް ޝައުޤުވެރިކަމާއެކީގައި އަޅުގަނޑުގެ ވާހަކަތައް އަޑުއައްސަވަން ތިއްބެވި ކަމަށްޓަކައި، ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ކުރިންވެސް ދެންނެވިހެން އަޅުގަނޑު އެދެނީ، މި ޑިބޭޓުގައި އާދެ، މި ބަޙުޘްގައި ތިޔަ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވައި، ރާއްޖެއަށް ރަނގަޅު ގޮތްތަކެއް ހޯއްދަވައިދެއްވުން. ރާއްޖެއަށް އަންނަ ބަދަލުތަކަކީ، އަޅުގަނޑުމެންގެ ތެރެއިން އެންމެން ނުވަތަ ގިނަބަޔަކު ޤަބޫލުކުރާ، ގިނަބަޔަކު އެދޭ، ގިނަބަޔަކު ބޭނުންވާ، އެންމެންނަށް ފައިދާހުރި، މުޅި ޤައުމަށް ފައިދާހުރި ބަދަލުތަކަކަށްވުން.
އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން އަދި މަޢުލޫމާތެއް ދަންނަވާލަން ބޭނުން. އެއީ މިހާރު ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް އިންތިޚާބުކުރެވޭ މެންބަރުން އިންތިޚާބުކޮށް ނިމިފައިވާ ވާހަކަ އަޅުގަނޑަށް ދަންނަވާލެވިއްޖެ. ދެން އިތުރަށް 8 މެންބަރުން ޢައްޔަންކުރުމުގެ މަސައްކަތް އަޅުގަނޑު ކުރަމުންގެންދާ ވާހަކަވެސް ދަންނަވާލެވިއްޖެ. ދެން މިހާރު އޮތީ ޚާއްޞަ މަޖިލީހުގެ މެންބަރުން ޤާނޫނީ ހުވާކުރެއްވުމުގެ ކަންތައް. އާދެ، ޤާނޫނުއަސާސީގައި ބުނާގޮތުން، ޚާއްޞަ މަޖިލީހުގެ މެންބަރުންނަށް މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފެށްޓެވޭނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި ހުވާކުރެއްވުމުން. އެހެންވީމާ، އެ ހުވާކުރެއްވުމުގެ ކަންތައް އިރާދަކުރެއްވިއްޔާ، މި ޖޫންމަހުގެ 15 ވަނަ ދުވަހު ބާއްވާގޮތަށް މިހާރުވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ، އެކަން އެގޮތަށް ހިނގާނެ. ދެން އޮންނާނީ ޚާއްޞަ މަޖިލީހުގެ ޖަލްސާތައް ފެށުން. އަޅުގަނޑަށް ހީވާގޮތުން ޖަލްސާތައް ފެށޭވަރުވާނީ، އަންނަ ޖުލައިމަހުގެ ތެރޭގައި. އެހެން މި ދެންނެވީ، ރައްޔިތުންނަށް ފެންނަ ޚިޔާލުތައް އަޅުގަނޑަށް ހުށަހެޅުމުގެ ފުރުޞަތު މިއޮތީ، މި ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް. އާދެ، ރައްޔިތުން ފޮނުވާ ކޮންމެ ޚިޔާލަކީ، އެއްވެސްކަހަލަ ސެންސަރުކުރުމެއް، ބަދަލުކުރުމެއްނެތި އަޅުގަނޑު ސީދާ ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ފޮނުވާނެ ޚިޔާލެއްކަމުގައި އޮންނާނީ ދަންނަވާފައި. އެހެންވީމާ، އެ ހުރިހާ ޚިޔާލުތަކެއް ލިބުނީމާ، އެ ޚިޔާލުތައް ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ފޮނުވުމަށް ފުރުޞަތު ބޭނުންވާތީ، އަޅުގަނޑުގެ ހިތަށް ފެންނަނީ، ޚާއްޞަ މަޖިލީހުގެ ޖަލްސާތައް ފެށޭނީ ޖުލައިމަހުގެ ތެރޭގައިކަމަށް.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު އެއްސެވިކަމަށްޓަކައި، ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ، މާތްﷲގެ ހެޔޮ ރަޙްމަތާއި ވާގިފުޅާއެކީގައި އަޅުގަނޑުމެން އެންމެން ބޭނުންވާގޮތަކަށް، އަޅުގަނޑުމެންގެ އެންމެންނަށް ހިތްހަމަޖެހުން ލިބޭފަދަ ގޮތަކަށް، ރާއްޖެއަށް ގެންނަންވާ އިޞްލާޙީ ބަދަލުތައް ގެނައުމުގެ ތައުފީޤު މާތްﷲ އަޅުގަނޑުމެން އެންމެންނަށް ދެއްވާނެ.
والسّلام عليكم ورحمـة اللّـه وبركاته.