بســم اللّـه الرّحمـن الرّحيــم
ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ. وَٱلْعَـٰقِبَةُ لِلْمُتَّقِينَ. وَلاَ عُدْوَانَ إِلَّا عَلَى ٱلظَّـٰلِمِينَ.
اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި، ތިޔަ އެންމެ ކަލުން اللّـه سبحـانـه وتعـالى އަށް ތަޤްވާވެރިވުމަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަން.
އާދެ، މީގެކުރިންވެސް ބައެއް ފަހަރު ފަހަރު، ހުކުރު ނަމާދަށްފަހުގައި ނަޞޭޙަތުގެ ގޮތުން ދެތިން ބަހެއް، އަޅުގަނޑު ދަންނަވާލަމުން ގެންގޮސްފައިވާނެ. އެގޮތުގެމަތިން މިއަދުވެސް ތިޔަބޭފުޅުންނަށް ނަޞޭޙަތުގެ ގޮތުން، އަދި އަޅުގަނޑު މިހުރި މަޤާމުގެ ގޮތުން ރައްޔިތުންނަށް ނަޞޭޙަތްތެރިވެ އިރުޝާދު ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށްވާތީ، އެގޮތުން މިއަދުވެސް އަޅުގަނޑު ޤަޞްދުކުރަނީ އެއްޗެއް ދަންނަވާލަން.
އާދެ، އަޅުގަނޑު މިއަދު މި ދަންނަވާ ވާހަކައަކީ، މީގެކުރިންވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް، އާދެ، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އެތައް ފަހަރެއްގެ މަތިން ދަންނަވާފައިވާ ވާހަކައެއް. އެހެންނަމަވެސް، މިކަހަލަ ވާހަކަތައް ތަކުރާރުކުރުމުން ފައިދާއެއް ލިބިދާނެކަމަށް ފެންނާތީ، އަދިވެސް އެއްފަހަރު ތަކުރާރުކޮށްލަނީ. ﷲ އަންގަވާފައިވަނީ މުއުމިނުންނަށް ހަނދާންކޮށްދޭށޭ، މުއުމިނުންނަށް ހަނދާންކޮށްދިނުމަކީ މަންފާލިބެނިވި ކަމެކޭ.
އާދެ، އަޅުގަނޑުގެ ވާހަކަ ބިނާކުރަން ޤަޞްދުކުރަނީ އަޅުގަނޑުމެން މުސްލިމުންގެ އެއްބައިވަންތަކަމާ ދޭތެރޭގައި. ޝައްކެއްނެތް، އިސްލާމީ އުންމަތަކީ އެއް އުންމަތެއް. اللّـه سبحـانـه وتعـالى ވަޙީކުރައްވާފައިވަނީ "إِنَّ هَـٰذِهِۦٓ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا۠ رَبُّكُمْ فَٱعْبُدُونِ." (الأنبياء 92) "ހަމަކަށަވަރުން ތިޔަބައިމީހުންގެ މި އުންމަތަކީ އެއް އުންމަތެކޭ. ތިމަންރަސްކަލާނގެއީ ތިޔަބައިމީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެއޭ. އެހެންވީމާ، ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާހުށިކަމެވެ!" ހަމައެފަދައިން، ﷲ ވަޙީކުރައްވާ، " وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ "(آل عمران 103) "ތިޔަބައިމީހުން ﷲގެ ތެދުމަގުގައި، ﷲގެ ހިދާޔަތުގައި، ﷲގެ ދީނުގައި، ﷲގެ ވާފަށުގައި ހިފަހައްޓައި، އޭގެ ރައްކާތެރިކަން ހޯދާށޭ! އަދި ތިޔަބައިމީހުން ބައިބައިވެ ވަކިވަކިވެގެން ނުދާށޭ!" އަދިވެސް ވަޙީކުރައްވާ، "وَلَا تَنَـٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ." (الأنفال 46) "ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އަރާރުންވެ ދެކޮޅުވެރިވެ ނަހަދާށޭ. އެހެން ހަދައިފިނަމަ ތިޔަބައިމީހުން ނާކާމިޔާބުވާހުށިކަމޭ. އަދި ތިޔަބައިމީހުންގެ ބާރުތައް ގެއްލި ހިނގައިދާހުށިކަމޭ."
އަޅުގަނޑުމެން ހިދާޔަތު ލިބިގަންނަންވީ ކީރިތި ޤުރްއާނުން، ކީރިތި ރަސޫލާގެ ސުންނަތުން. ރަސޫލާ ޙަދީޘްކުރައްވަނީ، "يَدُ اللهِ مَعَ الْجَاعَة" ﷲގެ ބާރު، ﷲގެ ކުޅަދުންވަންތަކަން، ﷲގެ ރަޙްމަތް، ﷲގެ ރުއްސަވާވޮޑިގަތުންވަނީ ޖަމާޢަތާއެކުގައޭ. ހަމައެފަދައިން، ކީރިތި ރަސޫލާ ޙަދީޘްކުރައްވާ، "مَنْ خَرَجَ عَنِ الطَّاعَةِ وَفَارَقَ الْجَمَاعَةَ وَمَاتَ فمِيْتَتُهُ مِيْتَةٌ جَاهِلِيَّةٌ." "ކިޔަމަންތެރިކަމުން ބޭރުވެ ޖަމާޢަތުން ވަކިވެހުރެ މަރުވާމީހާ، އެ މަރުވަނީ ޖާހިލިއްޔަ މަރެކޭ." ޖާހިލިއްޔަ ޒަމާނުގައި މީހުން މަރުވާ މަރުވުމަކީ ޝައްކެއްނެތްގޮތުގައި، ޝިރުކުގެ މަރެއް. ކުފުރުގެ މަރެއް. އެހެންވީމާ، ތިޔަބައިމީހުން ޖަމާޢަތުގައިވާ މީހަކު ކަމުގައި ވާހުށިކަމެވެ. ހަމައެފަދައިން، ވަރަށް ބަލާޣާތްތެރި މިސާލެއް، ރަސޫލާ އަޅުގަނޑުމެންނަށް ޖައްސަވައިދެއްވާ. "عَلَيْكُم بِالجَمَاعَةِ فَإِنَّمَا يَأكُلُ الذِّئْبُ مِنَ الْغَنَمِ القَاصِيَة. " "ތިޔަބައިމީހުން ޖަމާޢަތުގައި ތިބޭށޭ! އެކުވެރިވެ އެއްބައިވަންތަ ބައެއްގެ ގޮތުގައި ތިބޭށޭ! ވަކިވަކިނުވާށޭ! އެހެނީ ބަކަރިތަކުގެ ތެރެއިންވެސް މިނިކާވަގު ކައިއުޅެނީ ބަކަރިތަކާ ދުރުވެ ވަކިން ތިބޭ ވަކިވަކި ބަކަރިއޭ."
އެހެންވީމާ، ނުރައްކާތެރިކަން މިއަންނަނީ ވަކިވަކިވުމުގައިކަން، ޖަމާޢަތުގެ ތެރެއިން ނުކުމެގެން ވަކި ބަޔަކަށްވުމުގައިކަން އެނގޭ. އޭގައި ހުރި ނުރައްކާތެރިކަން އެއީ، ﷲގެ މާތް ފޮތުގައި، ކީރިތި ރަސޫލާގެ ސުންނަތުގައި އެއްވެސް ޝައްކެއް ނެތް ގޮތުގައި ޞަރީޙަ ބަހުން އަޅުގަނޑުމެންނަށް އަންގަވައިދެއްވާފައިވާ ކަންތައްތަކެއް. މިވާހަކަ އަޅުގަނޑު ދަންނަވަންޖެހެނީ، ބައެއްކަހަލަ ކުދިކުދި ކަންތައްތައް ދިމާވުމުން، އޭގެ ސަބަބުން މުޖުތަމަޢުގައި ޚިލާފު އުފެދޭގޮތް ދިމާވާތީ. ޚާއްޞަކޮށް، ދީނީ ކަންތައްތަކުގައި. ދީނީ ކަންތައްތަކުގައި ބައިބައިވުން އުފެދުމަކީ، ވަރަށް ނުރައްކާތެރި ކަމެއް. އެއީ ސިޔާސީ ކަންތައްތަކުގައި ބައިބައިވުން އުފެދުމަށްވުރެ، މާ ނުރައްކާތެރި ކަމެއް. އެއީ އެނގިވަޑައިގަންނަވާނެ ފަދައިން، ސިޔާސީ ކަންތައްތަކުގައި ގިނައިން ހުންނާނީ މީހުންގެ އަމިއްލަ މަޞްލަޙަތު. އެކިއެކި ސިޔާސީ ޕާޓީތައް، ސަރުކާރުގެ މަޤާމުތައް އަތުލުމަށްޓަކައި ކުރާ މަސައްކަތްތައް. މިއީ ދުނިޔަވީ ކަމެއް. އެހެންނަމަވެސް، ދީނީ ކަންތައްތަކުގައި ޚިލާފު އުފެދުމަކީ، އޭގެ އަސަރު އަޅުގަނޑުމެންގެ ޢަޤީދާއަށް ފޯރާފަދަ ކަމެއް. އެހެންވީމާ، ޢަޤީދާއަށް ނުބައި އަސަރު ކޮށްފިނަމަ، އެއިން ނުކުންނާނެ ނަތީޖާ މާހިތިވާނެ. އެއީ، އަދި މާނުރައްކާތެރި ކަމަކަށްވާނެ.
އެހެންވީމާ، ދިވެހި ހުރިހާ އަފްރާދުންނަށް، އަޅުގަނޑުގެ އަޚުންނަށް، އަޅުގަނޑުގެ ނަޞޭޙަތަކީ އަދި އިލްތިމާސަކީ، އިލްތިމާސްކުރަނީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ، އުޚުއްވަތްތެރިކަމުގެ ލޯތްބާއި އެކުވެރިކަމާއި ގުޅުމޭ. އެއްވެސް ކަމެއްގައި ބައިބައިވުމެއް، ވަކިވަކިވުމެއް އޮވެގެނެއް ނުވާނެއޭ. އަޅުގަނޑު ދެކެނީ، ދިވެހި އުންމަތުގެ އެންމެހާ އަފްރާދުންނަކީ އަޅުގަނޑުގެ އަޚުންތަކެއް ކަމުގައި. އަޅުގަނޑުމެން އެންމެންނަކީ އަޚުން. ﷲ ވަޙިކުރައްވަނީ "إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ" (الحجرات 10) "ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކޭ."
އާދެ، އަޅުގަނޑުމެންގެ ތެރޭގައި މިހިނގާ ކަންތައްތަކުގައި، ހިތާމައަކީ އެއްވެސްކަހަލަ ތަޢުލީމެއް ލިބިފައިނުވާ މީހުން، ދީނުގެ ކަންތައްތަކާ ދޭތެރޭގައި މީހުންގެ މެދުގައި ވާހަކަދައްކައި، ދީނުގައި އޮތީ މިވެނިހެންނޭ، އެވެނިހެންނޭ ބުނެ ފަތުވާދީ ހަދާކަން. އެއީ އެއްގޮތަކަށްވެސް ހެޔޮވާނެ ކަމެއް ނޫން. ދީނުގައި ފަތުވާދެވޭނީ ހަމައެކަނި އެކަމުގެ އާލަތްތައް، އެކަމުގެ ވަސީލަތްތައް ޙާޞިލްކޮށްގެން ތިބި މީހުންނަށް. ކީރިތި ޤުރްއާން ދަންނަ މީހުންނަށް. މާތް ރަސޫލާގެ ސުންނަތް ދަންނަ މީހުންނަށް. ޢަރަބިބަސް ދަންނަ މީހުންނަށް. ޝައްކެއް ނެތް ގޮތުގައި، ޢަރަބިބަހަކީ އިސްލާމްދީނުގެ ބަސް. ﷲގެ ކަލާމްފުޅު އެބަހަކުން ބާވާލެއްވި ބަސް. ކީރިތި ރަސޫލާގެ ހަދީޘްތަކާއި ސުންނަތްތައް، އެބަހަކުން ވާރިދުވެފައިވާ ބަސް. އެހެންވީމާ، ޢަރަބިބަސް ނުދަންނަ މީހަކަށް، ދީނުގައި ކަންއޮތީ މިވެނިހެންނޭ، އެވެނިހެންނޭ ބުނެ ވާހަކަދެއްކުމުގެ އެއްވެސް ޖާގައެއް، ޙައްޤެއް ނޯންނާނެ. އެފަދަ މީހުން އަޅުގަނޑުމެންގެ ތެރޭގައި އެބަ ހިނގާ، މީހުންގެ ތެރޭގައި ވާހަކަ ދައްކަމުން، ދީނުގައި މިވެނިކަމެއް އޮތީ މިވެނިހެނޭ، އެވެނިހެނޭ ބުނަމުން.
ދީނަކީ ވަރަށް ފަސޭހަ ދީނެއް. ދީނަކީ އެއްވެސްކަހަލަ ދަތިކަމެއް، އުނދަގޫ ކަމެއް ﷲ ލައްވާފައިވާ ދީނެއް ނޫން. އަޅުގަނޑުމެން ޤަބޫލުކުރާ ހުރިހާ އިމާމުން، އެބޭފުޅުންގެ މަޛްހަބުތައް ބިނާކުރައްވާފައިވަނީ ޝަރުޢީ ދަލީލުތަކުގެ މައްޗަށް. އާދެ، އަލްއިމާމް އަބޫޙަނީފާ، އަލްއިމާމް އައްޝާފިޢީ، އަލްއިމާމް މާލިކު ބިން އަނަސް، އަލްއިމާމް އަޙްމަދު ބިން ޙަންބަލް. މިއީ އެންމެ މަޝްހޫރު ހަތަރު މަޛްހަބުގެ ވެރިންނަކީ، އިމާމުންނަކީ. މިހުރިހާ އިމާމުންވެސް ދީނުގެ ކަންތައްތަކުގައި އެއްވެސް ބޭފުޅަކު، އެބޭފުޅެއްގެ ހިތްޕުޅަށްއެރިގޮތަކަށް، ދަލީލަކާނުލައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނެތް. ޢަމުދުން ޢިބާދާތުގެ ކަންތައްތަކުގައި. ނަމާދު، ރޯދަ، އަދި ޒަކާތް، މިކަންކަމުގައި އެއްވެސް ޢިލްމުވެރިޔަކު، އޭނާގެ ހިތަށްއެރިގޮތަކަށް އެއްޗެއް ބުނެފައެއް ނެތް. އެއްވެސް ފޮތެއްގައި އެކަހަލަ ބަހެއްވެސް ނެތް. ކޮންމެ އިމާމަކުވެސް ވިދާޅުވާ ބަސްފުޅުގެ ދަލީލު، ފޮތްފޮތުގައި އެބަހުރި. އަޅުގަނޑުމެންނަށް އެކަން ނޭނގުމުން، އޭގެ މާނައަކީ ދަލީލު ނެތީއެކޭ ނޫން. ހުރިހާ ކަމެއްގެ ދަލީލު އަޅުގަނޑުމެން ޢާއްމުންނަކަށް ނޭނގޭނެ. އެހެންނަމަވެސް، އެފޮތްތައް ކިޔާ މީހުންނަށް، އެބޭފުޅުން ކީއްވެގެންކަން އެހެން އެވިދާޅުވަނީ އެނގޭނެ. މިސާލަކަށް، ޤުނޫތު ކިޔުމުގެ މައްސަލަ، ފަތިސްނަމާދުގެ ދެވަނަ ރަކްޢަތުގައި ރުކޫޢަށްފަހު، އިޢުތިދާލުގައި ޤުނޫތު ކިޔުމުގެ މައްސަލަ، ޙަދީޘުން ސާބިތުވާން އެބައޮތް. އަޅުގަނޑު އަތުގައި އެފޮތްތައް އެބަހުރި. އަޅުގަނޑު އަތުގައި އެކަންޏެއްނޫން. ދުނިޔޭގައި ވާ ހުރިހާ އިސްލާމީ މަކްތަބާތަކުގައި، ހުރިހާ އިސްލާމީ މަރްކަޒުތަކުގައި ހުރި މަކްތަބާތަކުގައި، މިތާ މިހިރަ ލައިބްރަރީގައި، ހުރިހާ ތަންތާނގެ ފޮތްތަކުގައި އެބަހުރި، އެތައް ޞަޙާބީންނެއް އެހެން ވިދާޅުވި ކަމަށް. އެތައް ތާބިޢީންނެއް އެހެން ވިދާޅުވި ކަމަށް. ކީރިތި ރަސޫލާ މިދުނިޔެ ދޫކުރައްވައި ވަޑައިގެންފުމަށް ދާންދެން ޤުނޫތު ވިދާޅުވި ކަމަށް، ޙަދީޘް އެބަހުރި. ދެން ކީއްވެތޯ އަޅުގަނޑުމެން ބުނަންވީ ޤުނޫތު ކިޔުމަކީ ބިދުޢައެކޭ.
ޒަމާނުއްސުރެ ދިވެހިން ޝާފިޢީ މަޛްހަބަށް ތަބަޢަވެގެން މިއަންނަނީ. ޝާފިޢީގެފާނު، ޢިބާދާތުގެ އެއްވެސް ކަމެއްގައި ޤުރްއާނުން ނުވަތަ ޙަދީޘުން ދަލީލު ނުދައްކަވާ އެއްވެސް ކަމެއްނެތް. ފޮތްތައް އެހެރީ، ބައްލަވާ! ޝާފީޢީގެފާނު ހެއްދެވި "الأم" މިނަން ކިޔާ ފޮތުގައި އެބަހުރި. "المزفى" އޭގައި އެބަހުރި. "المجموع شرح المهذّب" އޭގައި އެބަހުރި، ކޮންމެ ކަމެއްވެސް. ނަމާދުކުރާއިރު، ފުރަތަމަ، ނިޔަތްގަތުމަށް ދާންދެން، ޙަރަމް ބަން ތަކުބީރު ކިޔުން، الحمد ގެ ކުރިން بسم ކިޔުން، ރުކޫޢަށް ދިޔުން، އިޢްތިދާލް، ސުޖޫދު، ކިޔާ ހުރިހާ އެއްޗެއް، ކުރާ ހުރިހާ ކަމެއް، ތަފްޞީލަށް ދާންދެން ދަލީލާއެކުގައި ދައްކަވާފައި އެބަހުރި. އެއީ، އެއްވެސް ޙާލެއްގައި ދަލީލު ނެތް ކަމެއްނޫން. އެހެންވީމާ، އަޅުގަނޑުމެންނަކަށް ނުބުނެވޭނެ، ޤުނޫތު ކިއުމަކީ ބިދުޢައެކޭ.
އެހެންވީމާ، އަޅުގަނޑުގެ ވާހަކައަކީ މަޛްހަބުތަކުގައި ތަފާތު އެބަހުއްޓޭ. އެއް އިމާމަކު ޤަބޫލުކުރައްވާ ހަދީޘެއް، އަނެއް އިމާމަކު ޤަބޫލުނުކުރައްވާ ހުރެދާނެ. އެއީ ޖާއިޒްކަމެއް. އެއީ، އަޅުގަނޑުމެން އިންސާނުންގެ ބުއްދިއަކީ، ތަފާތު އެއްޗެއް. އެކަކަށް ފެންނަގޮތް ނޫން އެހެންގޮތެއް އަނެކަކަށް ފެނިދާނެ. އެހެންނަމަވެސް، އަނެއްމީހާ ދެކޭގޮތް އެއީ ނުބައިގޮތެކޭ ބުނުމުގެ އެއްވެސް ޙައްޤެއް އަޅުގަނޑުމެންނަކަށް ނޯންނާނެ. ألإمام احمد بن حنبل، ވަރަށް މަޝްހޫރު މާތް އިމާމެއް. އެންމެން ޤަދަރުކުރާ އިމާމެއް. ވަރަށް ތަޤްވާވެރި، ވަރަޢަވެރި އިމާމެއް. އޭނާގެ މަޛްހަބަކީ އެހާ މާތް މޮޅު މަޛްހަބެއް. އެހެންނަމަވެސް، އެ މަޛްހަބުގައި ވާގޮތް އެކަނި އެއީ ކަމަށް ޞައްޙަގޮތަކީ، އެނޫން މަޛްހަބުތަކުގައިވާ ގޮތް އެއީ ބިދުޢަކަމަށް ނުވަތަ އެއީ ގޯސްގޮތް ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއްނެތް.
އެހުރިހާ އިމާމުންވެސް، ކުރިންވެސް ދެންނެވިފަދައިން، ޚާއްޞަކޮށް ޢިބާދާތުގެ ކަންތަކުގައި ޙުކުމް ދެއްވާފައި ހުރީ ޤުރްއާނާއި ސުންނަތާއި އަދި އެނޫންވެސް ޝަރްޢީ ދަލީލުތަކުން ހެކި ދައްކަވައިގެން. ألإمام احمد بن حنبل ގެ އެންމެ އިސް އުސްތާޛަކީ ކާކުތޯ؟ ألإمام الشَّافعي رضي الله عنه. شَافعيގެފާނުގެ އަރިހުން احمد بن حنبل ކިޔަވާވިދާޅުވި. شَافعيގެފާނުގެ އަރިހުން احمد بن حنبل ޙަދީޘް ކިޔަވައިވިދާޅުވީ. ފިޤްހު ކިޔަވައިވިދާޅުވީ. އަދި އެހެން މީސްމީހުންގެ ޙަލްޤާތައް ދޫކޮށްލައްވާފައި، ޝާފިޢީގެފާނުގެ ޙަލްޤާއަށް ألإمام احمد ވަޑައިގެން ކިޔަވައިވިދާޅުވެފައި، شَافعيގެފާނާ ދޭތެރޭގައި ދައްކަވާފައި ހުރި ވާހަކަފުޅުތަކަކީ، މިކަހަލަ މަޤާމެއްގައި އަޅުގަނޑަށް ދެންނެވޭވަރަށްވުރެ ދިގު، މާ ތަފްޞީލާއެކު، މާ ބަލާޣާތްތެރިކަމާއެކު ދައްކަވާފައި ހުރި ވާހަކަފުޅުތަކެއް. އޭގެތެރެއިން އެންމެ ދެކަމެއް އަޅުގަނޑު ދަންނަވާލާނަން. އޭނާ ވިދާޅުވި، "ތިމަންނާ شَافعيގެފާނުގެ ޙަލްޤާގައި އިންނަވާއިރު، އެންމެބޮޑަށް ތިމަންނާއަށް އަސަރުކުރާކަމަކީ شَافعيގެފާނު ބަސް ދެނެވަޑައިގަންނަވާލެއް މޮޅުކަމާއި، ބަލާޣާތްތެރިކަމާއި، ޤުރްއާން ދެނެވަޑައިގަންނަވާލެއް މޮޅުކަމާއި، ޙަދީޘް ދެނެވަޑައިގަންނަވާލެއް މޮޅުކަމާއި އަދި ޙުއްޖަތް ދައްކަވާލެއް މޮޅުކަމޭ." شَافعيގެފާނަށް އެޒަމާނުގައި ލަޤަބް ލިބިފައިވަނީ "نا صر السنَّة" މި ލަޤަބުން. އޭގެ މާނައަކީ، އޭނާއަކީ ކީރިތި ރަސޫލާގެ ސުންނަތަށް ނަޞްރު ދެއްވާ ޢިލްމުވެރިއެކޭ. އެހެންވީމާ، شَافعيގެފާނުގެ މަޛްހަބުގައި ހުންނަ ކަންތައްތައް އެއީ ބިދުޢަތަކެކޭ، އެހެން ބުނާ ބުނުން އެއީ އެއްގޮތަކަށްވެސް ހަމަބުއްދީގެ އަލީގައި ޤަބޫލުކުރެވޭނެ އެއްޗެއް ނޫން. ދީނީގޮތުންވެސް ޤަބޫލުކުރެވޭނެ ވާހަކައެއް ނޫން.
އަދި ހަމައެފަދައިން، إبن حنبل ވިދާޅުވެފައި އެބައޮތް، "شَافعيގެފާނުގެ ފަހުން ފޮތް ލިޔުމުގައި محبرة އެއް، އާދެ، ދަވާދެއް، ދެލިފުޅިއެއްގެ ބޭނުންކޮށްފި ކޮންމެ މީހަކީ، އެމީހެއްގެ ކަރުގައި شَافعيގެފާނަށް ދަރަންޏެއް އޮތް މީހެކޭ." ކޮބައިތޯ މާނައަކީ؟ މާނައަކީ ދެން އައި ހުރިހާ ޢިލްމުވެރިން، އެމީހުންގެ ޢިލްމުގެ އެއްބައި ބިނާވެފައިވަނީ شَافعيގެފާނުގެ ޢިލްމުވެރިކަމުގެ މައްޗަށޭ. ހަމައެފަދައިން، ألإمام احمد بن حنبل ވިދާޅުވެފައި އެބައޮތް، "ކޮންމެ ފަރްޟު ނަމާދެއްގެ ފަހުގައި ތިމަންކަލޭގެފާނު ފަސް މީހެއްގެ މައްޗަށް ﷲ ރަޙްމަތްލެއްވުން އެދި ދުޢާކުރައްވަމޭ." އެ ފަސް މީހުންގެ ތެރެއިން ވިދާޅުވި، "އެކަކީ ތިމަންގެ ބައްޕައޭ. އަނެކަކީ ތިމަންގެ މަންމައޭ. އަނެކަކީ شَافعي ގެފާނޭ." އެހެންވީމާ، ألإمام احمدވެސް شَافعيގެފާނަށް އެހާ ޙުރްމަތްތެރިކޮށްހިތްތަވައި، އެހާ ޤަދަރުކުރައްވައި، މިހާ މަތިވެރި ތަޢުރީފުގެ ބަސްތައް ވިދާޅުވެފައި އެބަހުރި.
އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި، ދެން ދަންނަވަންޖެހޭނީ ތަންދޮރު ނުދަންނަ މީހުންނޭ. ތަންދޮރު ނުދަންނަ އަޅުގަނޑުމެންގެ އަޚުން، (އަޅުގަނޑު އެގޮތް ޤަބޫލުކުރަން. އަޅުގަނޑުމެންގެ އަޚުން، އެމީހުންނަށް އަޅުގަނޑުމެން އޮޅުންފިލުވައިދޭންވެފައި ތިބި ބައެއް.) ތަންދޮރު ނުދަންނަ އަޚުންތަކެއް، މީހުންގެ ތެރޭގައި ހިނގަނީ، شَافعيގެފާނު އެއީ ކާކުހޭ، ކޯއްޗެއް ދަންނަ މީހެއްހޭ ކިޔަމުން. މިހިރަ ބަސްބަސް މިއީ އެއްގޮތަކަށްވެސް އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ތިބެގެން ބުނެގެންވާނެ އެއްޗެއް ނޫން. ކޮންމެ އިމާމަކުވެސް، އެހެން އިމާމުންނަށް ނުހަނު ޤަދަރުކުރައްވާ. ނުހަނު އިޙްތިރާމް ކުރައްވާ. އެއްވެސް އިމާމަކު، އެހެން އިމާމަކާ ދޭތެރޭގައި އެއްވެސްކަހަލަ ކުޑައިމީސްބަހެއް ދުވަހަކުވެސް ވިދާޅުވެފައެއް ނެތް. ވިދާޅުވަނީ މިއީ ތިމަންނާ އިޖްތިހާދު ކުރެއްވި ގޮތޭ. އެއީ އެކަލޭގެފާނު އިޖްތިހާދު ކުރެއްވި ގޮތޭ. އެދެގޮތްވެސް ޞައްޙައޭ. އަޅުގަނޑުގެ ވާހަކައަކީ ހުރިހާ މަޛްހަބުތައް ޞައްޙައޭ. شَافعي މަޛްހަބުވެސް ޞައްޙައޭ. حنفى މަޛްހަބުވެސް ޞައްޙައޭ. حنبلى މަޛްހަބުވެސް ޞައްޙައޭ. مالكى މަޛްހަބުވެސް ޞައްޙައޭ. އެހެންވީމާ، އެއްވެސް މަޛްހަބެއް އެއީ ދީނާ ޚިލާފު، ޝަރީޢަތާ ޚިލާފު، ސުންނަތާ ޚިލާފު މަޛްހަބެކޭ ބުނެވޭކަށް ނެތޭ. ނުވެސް އޮންނާނެއޭ. އެއީ އެހުރިހާ ބޭފުޅުންވެސް ދަލީލު ނަންގަވާފައިވަނީ ޤުރްއާނާއި ސުންނަތުން ކަމަށްވާތީ.
އާދެ، ދުނިޔަވީ ކަންތައްތަކުގައި، (އަޅުގަނޑު މި ދެންނެވީ، ޢިބާދާތުގެ ކަންތައްތަކުގައި ކޮންމެ ކަމެއްގައިވެސް އެބޭކަލުން އެއޮތީ ޤުރްއާނުން، ސުންނަތުން ނަންގަވާފައޭ.) ﷲ އަޅުގަނޑުމެންނަށް އިޖްތިހާދު ކުރުމުގެ ޙައްޤު ދެއްވާފައި އެބައޮތް. ދުނިޔަވީ ކަންތައްތަކުގައި، ވިޔަފާރީގެ ކަންތައްތަކުގައި، އަދި އެނޫންވެސް ދުނިޔަވީ ކަންތައްތަކުގައި، މުޢާމަލާތުގެ ދާއިރާގައި ހިމެނޭ ކަންތައްތަކުގައި، ދީނުގައި ވަކި އުޞޫލުތަކެއް ކަނޑައަޅުއްވާފައި އެބައޮތް. އެ އުޞޫލުތަކާ ޚިލާފުނުވާ ގޮތުގެ މަތިން ކަންތައް ކުރުމުގެ، އިޖްތިހާދު ކުރުމުގެ އިޚްތިޔާރު، ޢިލްމުވެރިންނަށް ދެއްވާފައި އެބައޮތް.
އެހެންވީމާ، އެކަހަލަ މައްސަލަތަކުގައި ބައެއް ބޭފުޅުން، އެބޭފުޅުންގެ ބުއްދިއަށް ފެނިވަޑައިގަންނަވާ ގޮތަށް ވިދާޅުވެފައި އެބަހުރި. އެހެންނަމަވެސް، އެއީވެސް ކޮންމެވެސް އަޞްލަކަށް ރުޖޫޢަ ކުރައްވައިގެން. ޤުރްއާނުގެ އަޞްލަކަށް ނުވަތަ ސުންނަތުގެ އަޞްލަކަށް ނުވަތަ އެނޫންވެސް ޝަރްޢީގޮތުން ޤަބޫލުކުރެވޭ އަޞްލަކަށް ރުޖޫޢަ ކުރައްވައިގެން، އެވިދާޅުވާ ވިދާޅުވުންވެސް ވިދާޅުވެފައި އޮތީ. އެހެންވީމާ، އަޅުގަނޑުމެން ވެއްޖެ، ﷲގެ ޙަޟްރަތަށް ތަޤްވާވެރިވާން. އަޅުގަނޑުމެން ވެއްޖެ، ދީނީ ކަންތައްތަކުގައި ތަޤްވާވެރިވާން. އެއްބައިވަންތަ ބަޔަކަށްވާން. އެހެންނޫންނަމަ، އަޅުގަނޑުމެންގެ މުސްތަޤްބަލް ވަރަށް ނުރައްކާތެރިވެދާނެ.
ދުނިޔޭގެ ބައެއް ޤައުމުތަކުގައި އެތަންތާނގެ ވަޙްދަތާއި އެއްބައިވަންތަކަން ހިފެހެއްޓުމަށްޓަކައި (މިދެންނެވީ އިސްލާމީ ޤައުމުތަކުގެ ތެރެއިން ބައެއް ޤައުމުތަކުގައި) ވަކި މަޛްހަބެއް އެކަނި ކިޔަވައިދޭ، އެބަހުރި. އެއީ ކީއްވެތޯ؟ އެއީ ހަމައެކަނި އެ މަޛްހަބު ޞައްޙަވީމާތޯ؟ އެހެނެއްނޫން. އެއީ އެމީހުން ދެކޭގޮތުގައި އެއް މަޛްހަބަކަށް އެންމެން ތަބަޢަވެގެން ތިބީމާ، އެމީހުންގެ މެދުގައި އޮމާންކޮށް އުޚުއްވަތްތެރިކަން، އެއްބައިވަންތަކަން އޮންނާނެތީ. ތަފާތު މަޛްހަބުތަކެއް އެމީހުންގެ މެދުގައި އުފެދިއްޖެ ކަމަށްވަންޏާ، ބައިބައިވުން އުފެދި، އެއްބަޔަކު އަނެއްބަޔަކާ ދެކޮޅުވެ، އަރައިރުންވެ، ފިތުނަ އުފެދިދާނެތީ. އެހެންވީމާ، ބައެއް އިސްލާމީ ޤައުމުތަކުގެ ސަރުކާރުން އެހެން ހައްދަވާފައި އެ އޮންނަނީ. އެކަމަކު އަޅުގަނޑުމެންނަކަށް އެކަމެއް ނުވިސްނޭ. އަޅުގަނޑުމެންގެ ރާއްޖެއަށް އަންނަންވެއްޖެ ހުރިހާ މަޛްހަބުތަކެއް. ހުރިހާގޮތަކަށް ވާހަކަދައްކަން ވެއްޖެ. ދެން ވާނީ ކިހިނެއްތޯ؟
މިނުކުތާ މިއީ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވާ ނުކުތާއަކީ. އެތައްފަހަރެއްގެމަތިން، އަޅުގަނޑު މިވާހަކަ ދައްކައި ނަޞޭޙަތްތެރިވެ، އިލްތިމާސްކޮށް ހަދައިފިން. އޭގެ އިތުރު ނަޞޭޙަތެއް، އިތުރު އިލްތިމާސެއް އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް މިކުރަނީ. ތިޔަ ހުރިހާ ބޭފުޅުންނަށޭ މިދަންނަވަނީ، މިތާނގައި ތިއްބެވި އެންމެހާ ބޭފުޅުންނާއި އަދި އަޅުގަނޑުގެ އަޑު މިވަގުތު އައްސަވަން ތިއްބެވި ހުރިހާ ބޭފުޅުންނާއި، ރާއްޖޭގެ އެންމެހާ ރައްޔިތުން. އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި އޮތް ބޮޑު އަމާނާތެއް، އެންމެންގެ ބޮލުގައި އެޅިފައި އޮތް ބޮޑު އަމާނާތެއް، އަޅުގަނޑުމެންގެ ވަޙްދަތު، އަޅުގަނޑުމެންގެ އެއްބައިވަންތަކަން، ދީނީ އުޚުއްވަތްތެރިކަން ހިފެހެއްޓުން އެއީ. ކޮންމެހެން އެކަކު ބުނާ އެއްޗަކަށް އަނެކަކު ތަބަޢަވުމެއް ލާޒިމެއް ނޫން. އެހެންނަމަވެސް، "ކަލޭ ތިޔަ ބުނަނީ ނުބައިކޮށޭ، ކަލޭ ތިޔަހުރީ ބިދުޢައިގެ މަގުގައޭ. ކަލޭ ތިޔަ ކުރަނީ ގޯސް ކަމެކޭ." އެހެން ބުނާނެ ތަނެއް ނެތް، އޭގެ ޝަރުޢީ ދަލީލު އޮތްހާ ހިނދަކު. އެއީ އަޅުގަނޑުގެ ވާހަކައަކީ.
ޒަމާނުއްސުރެ އަޅުގަނޑުމެން ނަމާދުކޮށް، ރޯދަހިފަމުން މިއައީ. އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ މުސްކުޅިންގެ ތެރޭގައި 70 އަހަރު، 80 އަހަރު، 90 އަހަރު ވެފައި ތިބި މީހުން އެބަތިބި. އެމީހުން ކުއްލިއަކަށް މިހާރު އައިސް އަޅުގަނޑު ކުރެން މިއަހަނީ، މިއޮތް ހުރިހާ ދުވަހު ތިމަންނާ ކުރި ނަމާދު ބާޠިލުހޭ؟ ތިމަންނައަށް ޤުނޫތު ކިޔިފައޭ އޮތީ. މިހުންނަނީ ކިހާދެރަ ކަންތައްތޯ؟ މިކަހަލަ ވާހަކަތައް އަޅުގަނޑުމެންގެ ތެރޭގައި ދައްކާ ދެއްކުމަކީ ކިހާ ހިތާމަހުރި ކަމެއްތޯ؟ ޚާއްޞަކޮށް، އަޅުގަނޑުމެންގެ ދިވެހިންނަކީ، އަދި މިވަގުތު ކަންތައް އޮތްގޮތުން ދީނީ ތަޢުލީމުގެ ގޮތުން ވަރަށް އާދައިގެ ފެންވަރެއްގައި ތިބި ބައެއް. އަޅުގަނޑުމެން އެންމެންނަކަށް ނޭނގޭ، ޤުރްއާނުގައި އޮތީ ކޮން އެއްޗެއް ކަމެއް. ޙަދީޘުގައި އޮތީ ކޮން އެއްޗެއް ކަމެއް. ފިޤްހުވެރިން ވިދާޅުވެފައި އޮތީ ކޮން އެއްޗެއް ކަމެއް، ގިނަ މީހުންނަކަށް ނޭނގޭ. ގިނަ މީހުން ޢަރަބިބަސް ނުވެސްދަނޭ. އެހެންވީއިރު ކިހިނެއްތޯ މިކަހަލަ ކަންތައް ޞައްޙަވާނީ، ހެޔޮވާނީ.
އެހެންވީމާ ދީނުގެ ނަމުގައި، ﷲގެ ނަމުގައި އަޅުގަނޑު ތިޔަ ހުރިހާ ކަލުންނަށް މިގޮވާލަނީ ތަޤްވާވެރިވުމަށް. ﷲ އަށް ތަޤްވާވެރިވުމަކީ ﷲ އެންގެވިގޮތުގައި ހިފެހެއްޓުން. ﷲ އަންގަވަނީ، " وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ " (آل عمران 103). އަންގަވަނީ " وَلَا تَنَـٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ."(الأنفال46). ރަސޫލާ އަންގަވަނީ، "يَدُالله مَعَ الْجَمَاعة" އަދި ރަސޫލާ ޙަދީޘް ކުރެއްވި ބައެއް ޙަދީޘް އަޅުގަނޑު ކިޔައިދީފިން. ކޮންމެހެން އިތުރުކުރާކަށް ބޭނުމެއްނޫން. އަދިވެސް ﷲ އަންގަވާ، "أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ.." (النساء 59) "ތިޔަބައިމީހުން ﷲއަށް ކިޔަމަންވާށޭ. ރަސޫލާއަށް ކިޔަމަންވާށޭ. ތިޔަބައިމީހުންގެ ވަލީއަމުރުންނަށް، ތިޔަބައިމީހުންގެ ކަންކަމާ ޙަވާލުވެގެން ތިބޭ މީހުންގެ އަމުރަށް ކިޔަމަންވާށޭ." އެއީ އަޅުގަނޑު ބުނާ ބަހެއް ނޫން. އެހެން ޢިލްމުވެރިން ވިދާޅުވާ ބަސްފުޅެއް ނޫން. އެއީ ﷲގެ ބަސްފުޅު. އެހެންވީމާ، އެބަސްފުޅަށް އަޅުގަނޑުމެން ޖެހޭނެ، އެންމެން ތަބަޢަވާން، އީމާންވާން. އެހެންނޫނީވިއްޔާ، އަޅުގަނޑުމެން ކިހިނެއްތޯ މުސްލިމުންގެ ގޮތުގައި ތިބޭނީ؟
އާދެ، އަޅުގަނޑު މިދެންނެވިފަދައިން، އެންމެންވެސް އަޚުން ކަމުގައިވާންވީ. އެއްބަނޑު އެއްބަފާ ބައެއް ކަމުގައިވާންވީ. އެހެން މީހަކު އަޅުގަނޑުމެންނާ އެއްވެސް މައްސަލައެއްގައި ޚިޔާލު ތަފާތުވިޔަސް، އެއީވެސް އަޅުގަނޑުމެންގެ އަޚެއް ކަމުގައި ބަލަންވީ. އަޅުގަނޑުމެންގެ ތެރެއިން އެކަކީވެސް ދީނުން އެއްކިބާވެފައި ހުރި، ބިދުޢައަށް ޢަމަލުކުރާ މީހެއް ކަމުގައި އަޅުގަނޑުމެން ނުދެކެންވީ. އެންމެންނަކީ އެއްބަނޑު އެއްބަފާ ފުރިހަމަ އަޚުންގެ ގޮތުގައި ތިބެންވީ. އޭރުން ﷲގެ ރަޙްމަތް އަޅުގަނޑުމެންނަށް ލިބޭނެކަމާމެދަކު ޝައްކެއްނެތް.
އާދެ، އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى އަޅުގަނޑަށާއި ތިޔަ އެންމެ ކަލުންނަށް، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ހިދާޔަތު ދެއްވުން. އަޅުގަނޑަށާއި ތިޔަ އެންމެ ކަލުން ތަޤްވާވެރިވުމުގެ މަގު އެކަލާނގެ ފަހިކޮށްދެއްވުން. އަޅުގަނޑަށާއި ތިޔަ އެންމެ ކަލުންނަށް، އެކަލާނގެ ރަޙްމަތާއި، ޘަވާބާއި، މަޣްފިރަތު މިންވަރު ކުރެއްވުން.
والسّــلام عليكم ورحمـة اللّـه وبركاته.