ރިޕަބްލިކް އޮފް ކެންޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ހައި ކޮމިޝަނަރ، ހިޒް އެކްސަލަންސީ ޕީޓާ މުންޔެރީ މައިނާ، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ހައިކޮމިޝަނަރ ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

ކެންޔާގެ އައު ހައިކޮމިޝަނަރ، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ހައިކޮމިޝަނަރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ. ހައި ކޮމިޝަނަރ ވަނީ ކެންޔާގެ ރައީސް ވިލިއަމް ރޫޓޯގެ ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވައި، އެމަނިކުފާނަށް ރާއްޖެއިން އެރުވި މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖެއާ ކެންޔާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1995 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުގައެވެ.