بســم اللّـه الرّحمـن الرّحيــم

ރަބީޢުލްއައްވަލް މަހެއްގެ ތެރޭގައި އިންސާނިއްޔަތުގެ ނަބިއްޔާ، ރަޙްމަތުގެ ނަބިއްޔާ، މިނިވަންކަމާއި އިންސާނީ ކަރާމަތުގެ ނަބިއްޔާ، މި ދުނިޔެއަށް ފޮނުއްވި اللّـه سبحانه وتعالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މިނިވަންކަމުގެ މާނައާއި، އިންސާނީ ޢިއްޒަތުގެ މާނައާއި، ޤައުމިއްޔަތުގެ މާނަ އޮޅުންފިލުއްވައި ދެއްވި محمّد صلّى اللّـه عليه وسلّم މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަޖިލީހުގެ ރައީސް، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަޖިލީހުގެ ޑިރެކްޓަރ، އަދި އެ މަޖިލީހަށް ލަފާދެއްވާ މަޖިލީހުގެ މެންބަރުން، އެކުވެރި ޤައުމުތަކުގެ މަންދޫބުން، ސަރުކާރުގެ އެކިއެކި އޮފީސްތަކުގެ ވެރިން، އަދި މިރޭގެ މި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރި ޖަލީސުންނާއި ޖަލީސާއިން؛

السّلام عليكم ورحمة اللّـه وبركاته.

އަޅުގަނޑުމެން މިރޭ މި ފާހަގަކުރަނީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް ދެންމެ އެ ވިދާޅުވިފަދައިން، ރާއްޖޭގެ 39 ވަނަ ޤައުމީދުވަސް. އާދެ! މިފަހަރު އަޅުގަނޑުމެންގެ ޤައުމީދުވަސް މިއައީ ދާދިފަހުން ވަރަށް މުހިންމު މުނާސަބަތެއް ފާހަގަކުރުމާ ވިދިގެން. މީގެ އެއް ހަފްތާ ކުރިން އަޅުގަނޑުމެން ފާހަގަކުރީ، ދިވެހިރާއްޖޭގެ ދެވަނަ މަސްވެރިންގެ ދުވަސް. މަސްވެރިކަމާއި ދިވެހި ޤައުމިއްޔަތާ އޮތް ގުޅުން ތިޔަބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެ މުނާސަބަތު ފާހަގަކުރުމާ ވިދިގެން މި އަހަރު އަޅުގަނޑުމެން މިރޭ އަދި މާދަމާ މި ފާހަގަކުރަނީ ރާއްޖޭގެ 39 ވަނަ ޤައުމީދުވަސް.

މަހަކީ ޝައްކެއްނެތްގޮތުގައި ބަރަކާތްތެރި މަހެއް. އެމަހުގެ ތެރޭގައި މުޅި އިންސާނިއްޔަތަށް ހިދާޔަތެއްގެ ގޮތުގައި اللّـه سبحانه وتعالى އެކަލާނގެ ނަބިއްޔާ ފޮނުއްވި މަސް. ރެއަކީ ބަރަކާތްތެރި ރެއެއް. އާދެ! ބަރަކާތްތެރި ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ރޭ ކަމުގައި ހިމެނޭ ހުކުރުވިލޭރޭ. ޝައްކެއްނެތްގޮތުގައި، މިކަންކަން މިހެންދިމާވުން އެއީ، އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ވަރަށްވެސް ރަނގަޅު ފާލެކޭ ދެންނެވިދާނެ. މާތްވެގެންވާ އިސްލާމްދީން، އެ ދީނުގެ ނޫރު ދުނިޔެއަށް ގެނެސްދެއްވި ނަބިއްޔާ މިދުނިޔެއަށް ވަޑައިގެންނެވި މަހާ، ރާއްޖޭގެ ޤައުމީދުވަސް އެ މަހެއްގެ ތެރޭގައި ހިމެނިފައިވާ މަހާ މި ދެ މަސް، އެއް މަހަކަށްވީކަން އެއީ، އަޅުގަނޑު ދެކޭގޮތުގައި، ތާރީޚުގެ އިއްތިފާޤުން ދިމާވި ކަމެއްނޫން. އެހެން މިދަންނަވަނީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެއާއި މާތްވެގެންވާ އިސްލާމްދީނާ ދެމެދުގައިވާ ގުޅުމުގެ ވަރުގަދަކަމުން.

ރާއްޖެއަކީ، އަޅުގަނޑުމެން އެންމެންވެސް ފަޚުރުވެރިވާފަދައިން، ސަތޭކައިންސަތޭކަ މުސްލިމް ޤައުމެއް. މިއަދު ދުނިޔޭގައިވާ އިސްލާމީ ޤައުމުތަކުގެ ތެރެއިން މިދެންނެވި ގޮތުން ބަލާއިރު، ވަރަށް މަތިވެރި އެއްވަނައަކަށް އަންނަ ޤައުމެއް. އަޅުގަނޑުމެންގެ ދިވެހިރާއްޖެ އިސްލާމްވީއްސުރެ މިއަދާ ޖެހެންދެން މިވޭތުވެދިޔަ އަށްސަތޭކަ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި ނުވަތަ 9 ޤަރުނުގެ ތެރޭގައި ސަތޭކައިންސަތޭކަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮތް ޤައުމެއް. މިމަތިވެރި ކާމިޔާބީ މިހޯދީ އަދި މިމަތިވެރި ކާމިޔާބީ ހޯދުންމަތީގައި މި 9 ޤަރުނު މިވޭތުކުރީ ވަރަށްވެސް އާދަޔާ ޚިލާފު ކަންތައްތަކެއް އަޅުގަނޑުމެންގެ ކުރިމަތީގައި ވަމުން ދަނިކޮށް. އަދި އަޅުގަނޑުމެންގެ ވަށައިގެންވާ ޤައުމުތަކަކީ، ފަހަރެއްގައިވެސް އަޅުގަނޑުމެންނާ އެއް ޢަޤީދާއެއް ޤަބޫލުކުރާ ޤައުމުތަކަކަށް ނުވާކަންވެސް، އަޅުގަނޑުމެން މިމަގާމުގައި ފާހަގަކޮށްލުން އެކަށީގެންވޭ.

އާދެ! އެހެނިހެން ޤައުމުތަކުގެ މިނިވަންކަމާއި ޤައުމިއްޔަތު ރައްކާތެރިކުރުމުގައި އަދި އެބައެއްގެ ދީނާއި ޢަޤީދާ ރައްކާތެރިކުރުމުގައި ބޭރުގެ ޤައުމުތަކުގެ އެހީ ވަރަށް ބޮޑަށް ބޭނުންކޮށްފައިވޭ. ވަށައިގެންވާ ޤައުމުތަކުގެ އެހީ. އެ ޤައުމުތަކާއި އެ ޤައުމަކާ ދެމެދުގައި އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުންތައް އުފެދިފައިވާ ޤައުމުތަކުގެ އެހީ. އަޅުގަނޑުމެންގެ ތާރީޚަށް ވިސްނާއިރު، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ، މިދެންނެވި ގޮތުން އިސްތިސްނާވާ ތަނެކޭ ދެންނެވިދާނެ.

އާދެ! އަޅުގަނޑުމެންގެ ވަށައިގެންވަނީ މުސްލިމް ޤައުމުތަކެއް ނޫން. އިސްލާމީ ޤައުމުތަކެއް ނޫން. އަޅުގަނޑުމެންނަކީ، ދުނިޔޭގެ ނިސްބަތުގައި އެއްވެސް އާރެއް ބާރެއް ނެތް، އެކަނިވެރި ޤައުމެއް. އެކަން އޮތީ އެހެންކަމުގައިވިޔަސް، މި ވޭތުވެދިޔަ 900 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ މާތް ޢަޤީދާ، އަޅުގަނޑުމެންގެ ކާބަފައިން ހިފަހައްޓަވާފައި ވަނީ ވަރަށް ވަރުގަދަ އީމާނަކާއި ޢަޒުމަކާއި އެކުގައި. މިއަދުވެސް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން އެ ޢަޤީދާގައި ހިފަހައްޓަމުން ގެންދަނީ، ހަމަ އެހާމެ ވަރުގަދަ އީމާނަކާއި، އެހާމެ ވަރުގަދަ ޢަޒުމަކާއި އެކުގައި. ދިވެހިރާއްޖެއާއި އިސްލާމްދީނާ ދެމެދުގައިވާ ގުޅުމަކީ އަޅުގަނޑު ހިތުން ވަރަށް ޚާއްޞަ، ވަރަށް ވަރުގަދަ، ވަރަށް ބޮޑު ގުޅުމެއް. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންގެ މާތް ނަބިއްޔާ މިދުނިޔެއަށް ވަޑައިގެންނެވި މަހާ، ދިވެހިރާއްޖޭގެ ޤައުމީދުވަސް، އެމަހެއްގެ ތެރޭގައި ހިމެނިފައިވާ މަހާ މި ދެމަސް މީ އެއް މަހަކަށްވިކަން އެއީ ތާރީޚީގޮތުން ދިމާވެފައިވާ އިއްތިފާޤެއް ނޫނޭ.

އާދެ! ދިވެހިރާއްޖެއަށް މާތްވެގެންވާ އިސްލާމްދީނުގެ ނޫރު އައީ ރަބީޢުލްއައްވަލް މަހެއްގެ ތެރޭގައި. އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަން އަޅުގަނޑުމެންގެ އަތަށް އެނބުރި އައީވެސް ރަބީޢުލްއައްވަލް މަހެއްގެ ތެރޭގައި. މިއަދުގެ ބަޠަލު އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލްއަޢުޡަމް ކުރެއްވި މަތިވެރި ޖިހާދެއްގެ ސަބަބުން. އެހެންވީމާ، ރަބީޢުލްއައްވަލް މަހާއި އަޅުގަނޑުމެންގެ ތާރީޚާ، ރަބީޢުލްއައްވަލް މަހާއި އަޅުގަނޑުމެންގެ މިނިވަންކަމާ، ރަބީޢުލްއައްވަލް މަހާއި އަޅުގަނޑުމެންގެ ދިވެހި ޤައުމިއްޔަތާ ގުޅިފައިވާ ގުޅުމުގެ ބޮޑުކަން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް ވަޒަންކުރެއްވޭނެ.

އާދެ! މި ޙަޤީޤަތްތަކުގެ މައްޗަށް ވިސްނާއިރު، ދިވެހި ޤައުމިއްޔަތާއި އިސްލާމްދީނާ އޮތް ގުޅުން އެއީވެސް، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެތެރެއިން ހަމަ އެކަކަށްވެސް ވަންހަނާވެގެންވާނެ ގުޅުމެއް ނޫން. އަޅުގަނޑަށް ޚިޔާލުކުރެވޭ ގޮތުގައި، ދިވެހި ޤައުމިއްޔަތު ބިނާވެފައިވަނީ، ދެ ރުކުނެއްގެ މައްޗަށް. ވަރަށް މުހިންމު ދެ ބައެއްގެ މައްޗަށް. އޭގެތެރެއިން އެއް ރުކުނަކީ ނުވަތަ އެއްބަޔަކީ، ދިވެހިވަންތަކަން. އަނެއް ރުކުނަކީ، ނުވަތަ އަނެއްބަޔަކީ މާތްވެގެންވާ އިސްލާމްދީން.

އާދެ! ދިވެހިވަންތަކަމާ ދޭތެރޭގައި ބަލާލާއިރު، ދިވެހިވަންތަކަންވެސް ބިނާވެފައި އޮންނަނީ އެތަކެއް ޙަޤީޤަތްތަކެއްގެ މައްޗަށް. އޭގެތެރެއިން އެންމެ ފުރަތަމަ ޙަޤީޤަތަކީ، އަޅުގަނޑުމެންނަކީ އެއް ނަސްލަކުން އައިސްފައި ތިބި ބައެއްކަން. އަނެއް ޙަޤީޤަތަކީ، އަޅުގަނޑުމެންނަކީ އެއްބަހަކުން ވާހަކަދައްކާ ބަޔަކަށްވާކަން. އަނެއް ޙަޤީޤަތަކީ، އަޅުގަނޑުމެންނަކީ އެއް ތާރީޚެއް ޙިއްޞާކުރާ، އެއް ޘަޤާފަތެއްގެވެރި ބައެއްކަން. އަނެއް ޙަޤީޤަތަކީ، އަޅުގަނޑުމެންނަކީ އެއްފަސްގަނޑެއްގައި ދިރިއުޅޭ ބަޔަކަށްވާކަން.

އާދެ! ދިވެހިވަންތަކަން ބިނާވެފައިވަނީ، މިދެންނެވި ކަންތައްތަކުގެ މައްޗަށްކަމަށްވާނަމަ، އަޅުގަނޑުމެންގެ ޤައުމިއްޔަތު ބިނާވެފައިވަނީ، ދިވެހިވަންތަކަމާއި އިސްލާމްދީނާ، މި މުހިންމު ދެ ރުކުނުގެ މައްޗަށޭ ދެންނެވިދާނެ. އާދެ! އެހެން ދަންނަވަންޖެހޭ ސަބަބަކީ، ޙަޤީޤަތުގައި ދިވެހިރައްޔިތުންގެ އެއްބައިވަންތަކަން، 9 ޤަރުނު ވަންދެން ހިފަހައްޓާފައި ވަނީ މި މާތް ދީނުގެ ޢަޤީދާ ކަމަށްވާކަން. މި ބާރު، މި ޢަޤީދާ ނެތްނަމަ، ދިވެހިރާއްޖެއަކީ އެއްބައިވަންތަކަމުގެ މަތިވެރި ރޫޙެއް އަޅުގަނޑުމެންގެ މެދުގައި އުފެދިފައިވާ ޤައުމެކޭ ދެންނެވޭކަށް ނޯންނާނެ. އެއީ ތާރީޚީގޮތުން ބަލާއިރު، އެކިއެކި ޖަމާޢަތްތަކަށް ވަމުންގޮސްފައިވާގޮތަށް ވިސްނާއިރު ދަންނަވަންޖެހޭ ޙަޤީޤަތެއް. ޢަޤީދާ ތަފާތުވެއްޖިއްޔާ، ޖަމާޢަތުގެ މެދުގައި ތަފާތު ބައިތައް އުފެދޭނެ. މިދެންނެވީ، ސިޔާސީގޮތުން ތަފާތު ސިޔާސީ މަޒުހަބުތައް، ތަފާތު އިޤްތިޞާދީ މަޒުހަބުތައް، އެ ޖަމާޢަތެއްގެތެރޭގައި އުފެދިގެންދާނެ. ނަތީޖާއަކަށްވާނީ، އެބައެއްގެ މެދުގައި އޮތް އެއްބައިވަންތަކަން ހަލާކުވެގެން ފުނޑުފުނޑުވެގެން ދިޔުން. އެއާޚިލާފަށް، އަޅުގަނޑުމެންގެ ރާއްޖޭގައި މި އޮތް މާތް ޢަޤީދާގެ ސަބަބުން، އެއްބައިވަންތަ ބައެއްގެ ގޮތުގައި 900 އަހަރުވަންދެން އަޅުގަނޑުމެން ޤާއިމްވެ ތިބެއްޖައީމު.

އާދެ! އަޅުގަނޑު 900 އަހަރޭ މިދަންނަވަނީ، އޭގެ ކުރިން ރާއްޖޭގައި ތާރީޚެއް ނެތީމައެއްނޫން. އެހެންނަމަވެސް، ރާއްޖެ އިސްލާމްވި ފަހުން އަޅުގަނޑުމެން އަދި މި ވޭތުކުރީ ގާތްގަނޑަކަށް 9 ޤަރުނު ކަމަށްވާތީ. އޭގެކުރިންވެސް، ރާއްޖެއަކީ ރާއްޖޭގައި ކޮންމެވެސް ބަޔަކު ދިރިއުޅެމުން ގޮސްފައިވާ ތަނެއްކަން މިހާރު އަޅުގަނޑުމެންނަށް އެބަ އެނގޭ. އަޅުގަނޑުމެން ކުރިން ހީކޮށްގެން ތިބީ ރާއްޖޭގައި މީހުން އުޅޭތާ މިވީ ގާތްގަނޑަކަށް 2500 އަހަރު ކަމަށް. އެހެންނަމަވެސް، ދާދިފަހުން އަޅުގަނޑުމެންގެ ރާއްޖެއަށް ޒިޔާރަތް ކުރެއްވި މަޝްހޫރު ހޯދުންތެރިޔާ ތޯހައިދާލް އަޅުގަނޑުމެންނަށް ހާމަކޮށްދެއްވި ގޮތުގައި ރާއްޖޭގެ ތާރީޚަކީ އަދި އެއަށްވުރެ މާ ކުރީ ޒަމާނަކަށް ރައްދުވާ ތާރީޚެއް.

އާދެ! އެހެންކަމުން އެނގޭ އެއްޗަކީ، ދިވެހިރާއްޖެއަކީ ތާރީޚީގޮތުން ބަލާއިރު، އެއްގޮތަކަށްވެސް ޒުވާން ޅަ ޤައުމެއް ނޫންކަން. ވަރަށްދޮށި ޤައުމެއްކަން. މި ދުނިޔޭގައި ޒަމާންތަކެއް ވޭތުކޮށްފައިވާ ޤައުމެއްކަން. އާދެ! އެކަން އޮތީ އެހެންކަމުގައިވިޔަސް، އެ ޒަމާނުގައި ޤައުމިއްޔަތެއް އޮތޭ ދެންނެވުމަކީ، އަޅުގަނޑު ހިތުން އަދި މިވަގުތު އަޅުގަނޑުމެންނަށް ވެވޭނެ ކަމެއްނޫން. އެއީ، ބަޔަކު މީހުން ތަނެއްގައި ދިރިއުޅެމުން ދިޔަކަމުގައިވިޔަސް، އެބައިމީހުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރާ، އެއްބައިވަންތަކަން އުފައްދާ، އެހުރިހާ އެންމެން ޤަބޫލުކުރާ، އެ އެންމެން ޙިއްޞާކުރާ ކަންތައްތަކެއް ނެތްނަމަ، އެބަޔަކީ އެއް ޤައުމިއްޔަތެއްގެ އަހުލުވެރި ބައެކޭ ނުދެންނެވޭނެ. މާތްވެގެންވާ އިސްލާމްދީން އައުމަށްފަހު، އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަން މި އުފެދުނީ. އަޅުގަނޑުމެން އެންމެން ޤަބޫލުކުރާގޮތުގައި އަޅުގަނޑުމެންނަކީ ވަކި ޚާއްޞަ ޢަޤީދާއަކަށް ނިސްބަތްވާ ބަޔަކަށްވީ. ފަޚުރުވެރި ތާރީޚަކަށް ނިސްބަތްވާ ބަޔަކަށްވީ. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ރުކުނަކީ މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާއޭ.

އާދެ! ތާރީޚީގޮތުން އަޅުގަނޑުމެންނާ ދިމާވި ޙާދިޘާތަކަށް ވިސްނާއިރު، އަދި އެ ޙާދިޘާތަކުން ޢިބްރަތްތަކެއް ލިބިގަންނަކަމުގައިވާނަމަ، މުސްތަޤްބަލްގައިވެސް އެއްބައިވަންތަ ޤައުމެއް ކަމުގައި ދިވެހިރާއްޖެއަށް ދެމިއޮވެވޭނީ، މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާގައި ހިފަހައްޓައިގެންކަން ކަށަވަރު. އެއީ، އެއްވެސް ޝައްކެއްނެތި އަޅުގަނޑުމެން އެންމެންނަށް ހާމަވެގެންދާނެ ޙަޤީޤަތެއް. އަޅުގަނޑުމެންނަކީ، މިމާތް ޢަޤީދާއަށް ތަބާވާ ބަޔަކަށް ނުވާނަމަ، އަޅުގަނޑުމެންގެ މެދުގައި މިއަދުވެސް ތަފާތު ސިޔާސީ އަދި އިޤްތިޞާދީ މަޒުހަބުތައް އުފެދިގެންދާނެ. އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކީ ކޮމިޔުނިސްޓުންނަށް ވާނެ. އަނެއްބަޔަކީ ކޮންމެވެސް އެހެން މަޒްހަބަކަށް ތަބާވާ ބަޔަކަށްވާނެ. އެއާ ޚިލާފަށް، އަޅުގަނޑުމެންގެ މެދުގައި އެކަހަލަ ސިޔާސީ އިޤްތިޞާދީ އެއްވެސް އޮއިވަރުތަކެއް ނައިސް، އެންމެންނަކީ އެއް ޖަމާޢަތެއްގެ އަހުލުވެރިންގެ ގޮތުގައި، އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި، އަޅުގަނޑުމެން ދުނިޔޭގައި މި ތިބެނީ އަޅުގަނޑު މިދަންނަވަނީ މާތްވެގެންވާ އިސްލާމްދީނަށް އަޅުގަނޑުމެން ޙުރްމަތްތެރިކޮށްހިތައި، އެދީނުގެ މާތް ޢަޤީދާ އަޅުގަނޑުމެން ޤަބޫލުކުރާތީއޭ.

އާދެ! ޝައްކެއްނެތް. ޤައުމީ މުނާސަބަތުތަކުގައި ޤައުމީ ކަންތައްތަކާ ދޭތެރޭގައި ވިސްނަންވާނެ. އެހެންނޫނީ، މިމުނާސަބަތުތައް ފާހަގަކުރުމުގެ ގޮތުން އަޅުގަނޑުމެން ބާއްވާ އެކިއެކި އިޙްތިފާލުތަކުގެ މާބޮޑު ބޭނުމެއް ނޯންނާނެ. ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ ކަންތައްތަކާ ދޭތެރޭގައި ޤައުމީގޮތުން، ޤައުމީ ނަޒަރަކުން، އަޅުގަނޑުމެން ބަލައިލާއިރު، މިއަދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ވަރަށް މުހިންމު ޙަޤީޤަތެއް އެބައޮތް. އާދެ! އެއީ މިދިޔަ މަސްވެރިންގެ ދުވަހުގެ ޖަލްސާގައިވެސް އަޅުގަނޑު ދެންނެވިފަދައިން، އަޅުގަނޑުމެންގެ އިޤްތިޞާދު އެކަށީގެންވާ ގޮތަކަށް ކުރިއަށްނުދާކަން. ޤައުމުގެ އިޤްތިޞާދާ ދޭތެރޭގައި މިހާ ގިނަގިނައިން ވާހަކަ ދައްކަންޖެހޭ ކަމަށްޓަކައި ތިޔަބޭފުޅުންގެ އަރިހުން މަޢާފަށްވެސް އެދެން. އެހެންނަމަވެސް، ޤައުމުގެ ކުރިއެރުން ބިނާވެފައި އޮންނާނީ، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމުގެ މައްޗަށް ކަމަށްވާތީ، މިވާހަކައަކީ ތަކުރާރުކޮށްވެސް އަޅުގަނޑުމެން ދައްކަންޖެހޭ ވާހަކައަކަށް މިއަދުވެއްޖެ.

އާދެ! މަދަރުސާތަކެއް އުފެއްދޭނީވެސް އެ މަދަރުސާތައް އުފެއްދުމަށް ބޭނުންވާ ފައިސާ ހުރެގެން. ބަލިވާ މީހުންނަށް ބޭސްކުރުމަށް ބޭނުންވާ ޚިދުމަތްތައް އަޅުގަނޑުމެންނަށް ދެވޭނީވެސް އެޚިދުމަތްތަކަށް ޚަރަދުކުރަންޖެހޭ ފައިސާ ހުރެގެން. ތަރައްޤީގެ މަގުގައި ކުރިއަށް އަޅަން ބޭނުންވާ ކޮންމެ ފިޔަވަޅެއް އެޅެނީވެސް، އެފިޔަވަޅެއް އެޅުމަށް ބޭނުންވާ ފައިސާ، ބޭނުންވާ ޚަރަދު ހުރެގެން. އެހެންވީމާ، އިޤްތިޞާދީ ކުރިއެރުމަކީ އޭގެ ޒާތުގައި އަޅުގަނޑުމެން މާބޮޑު އަހަންމިއްޔަތެއް ދޭ އެއްޗެއް ކަމުގައި ނުވިނަމަވެސް، އިޤްތިޞާދީ ކުރިއެރުމަކީ އެހެން ހުރިހާ ކުރިއެރުމެއްގެ އަޞްލު ކަމަށްވާތީ، އެގޮތުން އިޤްތިޞާދީ ކުރިއެރުމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް، އަޅުގަނޑުމެން ޤައުމީ ފެންވަރުގައި ދޭންޖެހޭނެ.

އާދެ! ޤައުމީ ފެންވަރުގައި އަޅުގަނޑުމެންގެ އިޤްތިޞާދު އޮތްގޮތާ ދޭތެރޭގައި ވިސްނާއިރު، އަޅުގަނޑުމެން މި ވޭތުކުރާ އަހަރަކީ، އިޤްތިޞާދީ ގޮތުން މާ ރަނގަޅު އަހަރަކަށް ނުވާކަން، މިހާރު އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ވިސްނިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ ރާއްޖޭގައި ކުރާ މުހިންމު އިޤްތިޞާދީ މަސައްކަތްތަކަށް މިއަހަރުގެ ތެރޭގައި ތަފާތު ކަންތައްތައް ދިމާވެފައިވޭ. އޭގެ ސަބަބުން ކުރީ އަހަރުތަކާ އަޅައިބަލާއިރު، މި އަހަރަކީ މާރަނގަޅު އަހަރަކަށް ނުވޭ. ދުނިޔޭގެ ބާޒާރުތަކުގައި މަހުގެ އަގު ދަށަށް ދިޔުމުގެ ސަބަބުން، އަދި އަޅުގަނޑުމެންނަށް ބޭނޭ މަހުގެ ޢަދަދުވެސް މަދުވުމުގެ ސަބަބުން ދައުލަތަށް، މަހުން ލިބޭ އެއްޗެއް މިއަހަރުވަނީ ވަރަށް ބޮޑުތަން މަދުވެފައި.

ބޯޓުފަހަރު ދުއްވުމުގެ ކަންތަކަށް ވިސްނާއިރުވެސް، މިހާރު ވިޔަފާރީގެ ގޮތުން ދުނިޔޭގެ ޤައުމުތަކާ ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކެއްގެ ސަބަބުން، ބޯޓުފަހަރު ދުއްވުމުންވެސް، ކުރިން ލިބެމުންއައި އާމްދަނީއެއް މިހާރު ލިބެމުންނެއް ނުދޭ. 1980 ވަނަ އަހަރަކީ ބޯޓުފަހަރު ދުއްވުމުގެ ގޮތުން ދިވެހިރާއްޖެއަށް ވަރަށް މަތިވެރި ކާމިޔާބީއެއް ލިބުނު އަހަރެއް. 1981 ވަނަ އަހަރު ހިމެނުނީ އެއަށްވުރެ ތަންކޮޅެއް ދަށް އަހަރެއް ކަމުގައި. 1982 ވަނަ އަހަރު ހިމެނުނީ އަދި އެއަށްވުރެވެސް ކުޑަ ތަންކޮޅެއް ދަށަށް ޖެހިފައިވާ އަހަރެއް ކަމުގައި. އެއީ، މުޅި ދުނިޔޭގެ ވިޔަފާރިއަށް މިއަދު އައިސްފައިވާ ބަދަލެއްގެ ސަބަބުން ނުކުތް ނަތީޖާއެއް. މި ދެންނެވި ވިޔަފާރީގެ ބަދަލުތަކަކީ، ނުވަތަ މައްސަލަތަކަކީ، މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ކަމެއް. ދުނިޔޭގެ އެންމެ ބާރުގަދަ، އެންމެ މުއްސަނދި، އެންމެ ކުރިއަރާފައިވާ ޤައުމުތަކަށްވެސް މިއަދު ދިމާވެފައިވާ މައްސަލައެއް. އޭގެ ސަބަބުން، އަޅުގަނޑުމެންގެ ރާއްޖެއަށްވެސް އޭގެ އަސަރުތައް މިހާރު ދަނީ ފޯރަމުން.

އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ފަށައިގެން ހިންގަމުން މިގެންދާ ޓޫރިޒަމްގެ މަސައްކަތަށްވެސް، ދުނިޔޭގެ އިޤްތިޞާދީ ޙާލަތަށް މި ދޭތެރެއިން މިއައި ނޭދެވޭ ބަދަލުތަކުގެ ސަބަބުން އުނިކަން ލިބޭނެކަން މިހާރު އަޅުގަނޑުމެންނަށް ވަޒަންކުރެވެމުން އެބަދޭ. އެހެންވީމާ، މިހުރިހާ ގޮތަކުން ބަލާއިރުވެސް މިއަހަރު މި ހިމެނުނީ، ހިމެނިގެންދަނީ އަޅުގަނޑުމެންގެ އިޤްތިޞާދީ ކަންތައްތަކުގައި މާ ކުރިއަރާފައިވާ އަހަރެއް ނޫންކަމުގައި.

އާދެ! ރާއްޖޭގެ އިޤްތިޞާދަށް ބަލާއިރު، މި ވޭތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި ނުރަނގަޅު ގޮތެއްގައި ހިނގާފައި ހުރި ބައެއް ކަންތައްތައް ހުރިކަމަށް ފެނޭ. ނުރަނގަޅު ގޮތަކަށް އަޅުގަނޑުމެންގެ ޚިޔާލުދާކަންވެސް ފާހަގަކުރެވޭ. މީގެކުރިން އަޅުގަނޑުމެން ނުކުރާ ބައެއް ކަންތައްތައް ކުރަން ފެށިއްޖެކަން ފާހަގަކުރެވޭ. އާދެ! އޭގެ ތެރެއިން އެއް މިސާލެއް ދަންނަވަންޏާ އެއީ، ރާއްޖޭގައި އުފެއްދޭ ބާވަތުގެ ތަކެތި އަޅުގަނޑުމެން ރާއްޖެއިން ބޭރުން އެތެރެކުރަން ފެށިކަން. ރާއްޖޭގައި ޒަމާނުއްސުރެ އުފައްދަމުން ގެންދާ ތަކެތި، ބޭރު ފައިސާ ދީފައި، މިވޭތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖެއަށް އެތެރެކުރަން ފަށައިފީމު. މިސާލަކަށް، ރޯމިރުސް އެއީ، ޒަމާނުއްސުރެ ރާއްޖޭގައި ހައްދަމުން އަންނަ އެއްޗެއް. އަދި މިހާރުވެސް ރާއްޖޭގައި އެކަށީގެންވާ ފެންވަރަކަށް ހެދެމުންދާ އެއްޗެއް. އެހެންނަމަވެސް، ރޯމިރުސްވެސް މިހާރު އަޅުގަނޑުމެން ބޭރުން ރާއްޖެއަށް ގެންނަން ފަށައިފީމު. ފަޅޯ، ރާއްޖޭގައި އުފެދޭ އެންމެ އާދައިގެ މޭވާއެއް. ފަޅޯވެސް އަޅުގަނޑުމެން މިހާރު ރާއްޖެއަށް އެތެރެކުރަން ފަށައިފީމު. ދޮންކެޔޮ، މުރަނގަތޮޅި، ބިލެތް، މިހެން ދަންނަވާ ކަމަށްވަންޏާ ވަރަށް ދިގު ލިސްޓެއް ދަންނަވަން ޖެހިދާނެ. މި އެއްޗެތި މިއީ އަޅުގަނޑުމެންގެ ރާއްޖޭގައި ޒަމާނުއްސުރެ އުފައްދަމުން އަންނަ އެއްޗެތި. ދުވަހެއްގައިވެސް އަޅުގަނޑުމެން ރާއްޖެއިން ބޭރުން އެތެރެކޮށްފައިވާ ތަކެއްޗެއްނޫން. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެން ކުރިމަތިލާންޖެހޭ ހިތާމަހުރި ޙަޤީޤަތަކީ، މި އެއްޗެތި މިހާރު އަޅުގަނޑުމެން އެތެރެކުރަން ފަށައިފިކަން. އާދެ! ސަބަބަކީ ކޮބައިތޯ؟ ސަބަބަކީ، އަޅުގަނޑުމެންގެ ރާއްޖެއަށް ބޭނުންވާވަރަށް އެތަކެތި، ރާއްޖޭގައި މިހާރު އުފެއްދެމުން ނުދާކަން. ނުވަތަ އެތަކެތި އުފެއްދުމަށް އަޅުގަނޑުމެން ކުރަންވީ މަސައްކަތްތައް އެއްގޮތަކަށްވެސް ނުކުރެވޭކަން. އެހެންނޫނީ، ދުވަހެއްގައިވެސް ރޯމިރުސް، ފަޅޯ، ދޮންކެޔޮ، މުރަނގަތޮޅި ފަދަ އެއްޗެތި ރާއްޖެއަށް އެތެރެކުރާކަށް ނުޖެހޭނެ.

އާދެ! މިގޮތަށް ކަންތައްތައް ހިނގަމުންދާ ކަމަށްވަންޏާ، އަޅުގަނޑުހިތުން ކާށިވެސް ރާއްޖެއަށް އެތެރެކުރަން ފަށަންޖެހިދާނެ. އެންމެފަހުންގޮސް އަޅުގަނޑުމެންގެ ރާއްޖެ، އެ އެއްޗެއްގެ ސަބަބުން މަޝްހޫރުވެފައިވާ ކަނޑުމަސްވެސް ރާއްޖެއަށް އެތެރެކުރަން ޖެހިދާނެ. އެހެންވީމާ، މިއީ އަޅުގަނޑު ހިތުން މިއަދު ޤައުމީ ފެންވަރުގައި އަޅުގަނޑުމެން ހުރިހާ އެންމެންވެސް ވަރަށް ބޮޑަށް ވިސްނަންވެއްޖެ ކަމެއް. ރާއްޖޭގައި އުފެއްދެންހުރި ތަކެތި ރާއްޖޭގައި އުފައްދައި، އެފަދަ ތަކެތި ބޭރުން އެތެރެނުކުރުމަށް.

އާދެ! ފިޔާ އެއީވެސް ރާއްޖޭގައި އުފައްދާ އެއްޗެއް. އެކަށީގެންވާ ފެންވަރަކަށް ނުއުފެއްދުނު ކަމުގައިވިޔަސް، ބައެއް އަތޮޅުތަކުގައި ބައެއް ރަށްރަށުގައި ފިޔާ އުފައްދާ. ހަމައެކަނި ފިޔާ އެތެރެކުރެވުނު އަދަދަށް ވިސްނާލިޔަސް، ވަރަށް ބޮޑު އަދަދެއް އަޅުގަނޑުމެންގެ ކުރިމައްޗަށް އާދޭ. އާދެ! 1981 ވަނަ އަހަރު ދިވެހިރާއްޖެއަށް ތިން މިލިޔަން ދުއިސައްތަ ފަސްދޮޅަސް ދެހާސް ދުއިސައްތަ އަށްޑިހަ ތިން ރުފިޔާގެ ފިޔާ އެތެރެކުރެވިފައިވާކަން ފާހަގަކޮށްލެވޭ. ކުކުޅުބިސް، އެއީ މިހާރަކަށްއައިސް އަޅުގަނޑުމެންގެ ރާއްޖޭގައި އެކަށީގެންވާ ފެންވަރަކަށް އުފައްދަމުން ގެންދާ އެއްޗެއް. މީގެ ކުރިން، ޓޫރިޒަމް ފެށުމުގެ ކުރިން ރާއްޖޭގައި އެހާބޮޑަށް އެމަސައްކަތް ކުރެވިފައެއް ނުވޭ. އެ މަސައްކަތް ކުރުމުގެ ބޭނުމެއްވެސް އޭރަކުނެތް. އެހެންނަމަވެސް، މިހާރު އެކަށީގެންވާ ފެންވަރެއްގައި ބައެއް ފަރާތްތަކުން އެ މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އެއީ، އަޅުގަނޑުމެން އުފަލާއެކު ފާހަގަކޮށްލަން ޖެހޭނެ ކަމެއް.

ބިސް އުފެއްދުނު ނިސްބަތަށް ވިސްނާއިރު، ކަނޑުއޮތްގިރި ޕޯލްޓްރީ ފާމުން މިއަހަރު ގާތްގަނޑަކަށް އެއް މިލިޔަން ހަތަރުސަތޭކަ ފަންސާސް ހާސް ބިސް އުފައްދާނެ ކަމަށް ހިސާބުތަކުން ދައްކާ. މިހާރު ބެލިފައި އޮތީ 10 ވަރަކަށް މަސްދުވަހުގެ ހިސާބު. އެހެންނަމަވެސް، އެމަސްތަކުގައި ކަނޑުއޮތްގިރީގައި އުފެދުނު ނުވަތަ އުފެއްދުނު ބިހުގެ އަދަދަށް ބަލައި، މުޅި އަހަރަށް ނިސްބަތްކުރާއިރު، މި ދެންނެވި އަދަދުގެ ބިސް، އެ ފާމުގެ ފަރާތުން ރާއްޖޭގައި އުފައްދަވާނެ ކަމަށް ލަފާކުރެވޭ. މީރުފެންފުށީގައިވެސް އެކަށީގެންވާ ގޮތަކަށް ޕޯލްޓްރީ ފާމެއް ހިންގަވަމުން އެބަ ގެންދަވާ. އެތަނުން ގާތްގަނޑަކަށް ފަސްލައްކަ ސާޅީސްހާސް ބިސް މިއަހަރު އުފެއްދޭނެ ކަމަށް ލަފާކުރެވޭ. މާލޭ ޕޯލްޓްރީގައިވެސް އެ މަސައްކަތް ވަރަށް އެކަށީގެންވާ ގޮތަކަށް ހިންގަވަމުން އެބަ ގެންދަވާ. އެތަނުން 1982 ވަނަ އަހަރު ތިންލައްކަ ފަސްދޮޅަސްހާސް ބިސް އުފެއްދޭނެ ކަމަށް ލަފާކުރެވޭ.

އެހެންވީމާ، ބިހުގެ އަދަދަށް ވިސްނާއިރު، 1982 ވަނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ މި ދެންނެވި ތިންފަރާތުން ދެ މިލިޔަން ތިންސަތޭކަ ފަންސާސްހާސް ބިސް، ރާއްޖޭގައި އުފެއްދޭނެ ކަމަށްވޭ. މި ތިންފަރާތުގެ އިތުރަށް، މި ދަރަޖައަށް ނޫންކަމުގައިވިޔަސް، އެނޫން ފަރާތްތަކުންވެސް މިމަސައްކަތް ކުރައްވަމުން ގެންދަވާކަން އަޅުގަނޑަށް އެނގޭ. އެއީ، އަޅުގަނޑުމެންގެ ރާއްޖެއަށް ފުދޭވަރެއް ނޫން. ސަބަބަކީ، އޭގެ އިތުރަށް އަޅުގަނޑުމެންގެ ރާއްޖެއަށް ބިސް އެތެރެކުރަންޖެހޭތީ، ޚާއްޞަކޮށް، ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، ޓޫރިޒަމްގެ މަސައްކަތް ކުރަމުން ގެންދާތީ، ވަރަށްމަތީ އަދަދަކަށް އެކި ބާވަތްތަކުގެ އެއްޗެތި އަޅުގަނޑުމެންނަށް އެތެރެކުރަން ޖެހިފައިވުމުގެ ސަބަބުން.

ކޮންމެއަކަސް އަޅުގަނޑުގެ ވާހަކައަކީ، އެއްފަރާތަކުން ބަލާއިރު، ނޭދެވޭ ކަންތައްތަކެއް ފެނުނުކަމުގައިވިޔަސް، އަނެއްފަރާތަކުން ބަލާއިރު، ވަރަށް އެދެވޭ، ވަރަށް އުފާވެރި ކަންތައްތަކެއްވެސް ވަމުން އެބަދެއޭ. މިދެންނެވި ތިން ފަރާތަށް އިޚްލާޞްތެރިކަމާއެކު ޝުކުރާއި ތަޢުރީފު ރައްދުކުރުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ހަމަ އެފަދައިން، ތަރުކާރީ އުފެއްދުން، ތަރުކާރީއާއި މޭވާ އުފެއްދުން އެއީވެސް ރާއްޖޭގައި އެކަށީގެންވާ ދަރަޖައަކަށް ކުރެވިދާނެ ކަމެއް. އެކަންވެސް އަޅުގަނޑުމެން މިއަދު މިއޮތީ ހަނދާންނައްތާލާފައި. އެއްވެސް ފަރާތަކުން އެކަށީގެންވާ އަހަންމިއްޔަތެއް އެކަމަށް ދެއްވާ ކަމަކަށް ނުފެނޭ. ބިދޭސީންގެ ބަޔަކު ރާއްޖެ އައިސް، އެމީހުން ޓޫރިޒަމްގެ މަސައްކަތް ކުރަމުންދާ ރަށެއްގައި އެ މަސައްކަތް މިހާރު އެދެވޭ ދަރަޖައަކަށް ފަށައިގެން ކުރިއަށްގެންދާ ކަމަށް ފާހަގަކުރެވޭ. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ދޮގުކަމުގައިނުވާނަމަ، ވިލާތުބަށި، ތޮރާ، މިރުސް، މިބާވަތުގެ އެއްޗެތިން ދުވާލަކު 5 ކިލޯ އެފަރާތުން އެބަ އުފައްދާ. އެއީ، ޙަޤީޤަތެއް ކަމުގައިވަންޏާ އެއީ، ވަރަށްބޮޑު އެއްޗެއް. އެއިން އަޅުގަނޑުމެންނަށް ހާމަވެގެންދާ އެއްޗަކީ، އެކަން އެއީވެސް މާބޮޑު ޚަރަދެއް ނުކޮށް އަޅުގަނޑުމެންނަށް އެކަށީގެންވާ ދަރަޖައަކަށް ކުރެވިދާނެ ކަމެއްކަން. އެހެންނަމަވެސް، މިޒަމާނާ އެކަށީގެންވާ، ތަރައްޤީވެފައިވާ ގޮތްތަކެއް ބޭނުންކޮށްގެން، އެފަރާތުން ތަރުކާރީގެ ބާވަތްތައް އުފައްދަމުން ގެންދަނީ. އެހެންވީމާ، އެކަމަކީ ބިދޭސީންނަށް ކުރެވިގެންވާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ރާއްޖެއަކީ ދިވެހިންގެ ރާއްޖެއެއް. ދިވެހިންގެ ފަސްގަނޑު މިއީ. އެހެންވީމާ، އަޅުގަނޑުމެންގެ ފަސްގަނޑުގައި ދިވެހިންނަށް މިތަކެތި ނުއުފެއްދެންވީ އެއްވެސް ސަބަބެއް ނެތް.

އާދެ! މިކަންކަން މިހެން ހުރުމާއެކު، އަޅުގަނޑު ހިތުން މިވަގުތު އަޅުގަނޑުމެން އެންމެން އެންމެ ބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެ ކަމަކީ، ރާއްޖޭގައި އުފެއްދޭ ތަކެތި ވީހާވެސް ގިނަ އަދަދަކަށް އުފެއްދޭތޯ ބެލުން. ކިތަންމެ ކުޑަމިންވަރަކަށް ނަމަވެސް، ޤައުމީ ފުދުންތެރިކަމެއް އުފެއްދޭތޯ ބެލުން. ނުވަތަ ޤައުމީ ފުދުންތެރިކަމަކާ ހަމައަށް ދިޔުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ހަމަ މިހާރުން ފެށިގެން އަޅަމުން ގެންދިޔުން. މިދެންނެވި ބާވަތްތައް އަޅުގަނޑުމެންނަށް ރާއްޖޭގައި އެކަށީގެންވާ އަދަދަކަށް އުފެއްދެމުންދާ ކަމަށްވަންޏާ، މިހާރު އަޅުގަނޑުމެން ބޭރުފައިސާއިން ކުރަންޖެހޭ ވަރަށްބޮޑެތި ޚަރަދުތަކެއް ނުކޮށް ފަރުޖެހޭނެ. ޓޫރިޒަމްގެ ދާއިރާއަށް ބޭނުންވާ ހުރިހާ ތަރުކާރީއެއް، ހުރިހާ މޭވާއެއް، ގާތްގަނޑަކަށް ހުރިހާ ކާނާއެއް، އެތެރެކުރަމުން މިގެންދަނީ، އަޅުގަނޑުމެންނަށް ލިބޭ ބޭރުފައިސާއިން. އެއީ ސަރުކާރަށް، ދައުލަތަށް، މުޅި ޤައުމަށް ލިބޭ ވަރަށްބޮޑު އުނިކަމެއް. ވަރަށްބޮޑު ގެއްލުމެއް.

އެހެންވީމާ، އެ ގެއްލުން ފޫބެއްދުމަށްޓަކައި އަޅުގަނޑުމެންގެ ރާއްޖޭގައި ކުރެވެންހުރި މަސައްކަތްތައް މިހާރު ކުރަން ފެށުމަށް ޤައުމީ ފެންވަރުގައި އަޅުގަނޑުމެން އެންމެން ވަރަށް ބޮޑަށް ވިސްނަންވެއްޖެ. މިއީ، ސަރުކާރުންވެސް ވިސްނަންވެއްޖެ ކަމެއް. އަމިއްލަ ފަރާތްތަކުންވެސް ވިސްނަންވެއްޖެ ކަމެއް. އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، ބައެއް އަމިއްލަ ފަރާތްތަކުން އެކަންތައްތައް ކުރައްވަމުން ގެންދަވާކަން އެއީ، އަޅުގަނޑުމެން އުފަލާއި، ތަޢުރީފާއި، ސާބަހާއެކު މިރޭ ފާހަގަކުރަންޖެހޭނެ ކަމެއް. އެހެން ފަރާތްތަކުންވެސް އެފަދަ މަސައްކަތްތައް ފެށްޓެވުން އެއީ، އަޅުގަނޑު ހިތުން މިވަގުތު ހަމަ ކޮންމެހެން ކުރަންވެއްޖެ ކަމެއް. އެގޮތަށް މަސައްކަތްތައް ފަށްޓަވައިގެން އެކަށީގެންވާ ދަރަޖައަކަށް ހިންގަވާ ފަރާތްތަކަށް ސަރުކާރުން ވެވެން އޮތް ކޮންމެ އެހީއެއް ވެދޭނެކަމުގެ ޔަޤީންކަން، އެހުރިހާ ފަރާތްތަކަކަށް އަޅުގަނޑު އަރުވަން.

އާދެ! އެހެންވީމާ، މިރޭ އަޅުގަނޑުމެންގެ 39 ވަނަ ޤައުމީދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ކުރާ އެންމެ ޚާއްޞަ އިލްތިމާސަކީ، އަޅުގަނޑުމެން މި ކުރިމަތިލާ އަހަރަކީ އާދެ! 1983 ވަނަ އަހަރަކީ، ދަނޑުވެރިކަމުގެ އަހަރެއް ކަމުގައި ހެއްދެވުމަށް. އާދެ! މީގެކުރިން މިފަދަ އެހެން މުނާސަބަތެއްގައި، ހިޖުރީގޮތުން ބަލާނަމަ، މީގެ ތިން އަހަރު ކުރިން އުތީމުގައި ޤައުމީދުވަސް ފާހަގަކުރެވުނު ދުވަހު އަޅުގަނޑު ދެއްކި ވާހަކައިގައި، މުޅި ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރިން، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކު ރުކެއް އިންދުމަށް. އާދެ! އެ އިލްތިމާސަށް ވަރަށް އެކަށީގެންވާ އިޖާބައެއް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ލިބެމުންދިޔަ. އެ މަސައްކަތް ވަރަށް ވަރުގަދަ ހިތްވަރަކާއި، ފޯރިއަކާއެކުގައި ހުރިހާ ފަރާތްތަކަކުން ކުރައްވަމުން ގެންދެވި. އެހެންވީމާ، އެމަސައްކަތުގެ ނަތީޖާވެސް އަޅުގަނޑުމެންނަށް ލަސްތަކެއްނުވެ ފެންނާނެ. އެފަދަ އެހެން މުނާސަބަތެއްގައި، އާދެ! މިއަހަރުގެ ޤައުމީދުވަހުގެ މުނާސަބަތުގައި އަޅުގަނޑު މި ގޮވާލަނީ، ހަމައެކަނި ރުއް އިންދުމަކަށް ނޫން. ރުއް އިންދަން، ކާބޯތަކެތި އަޅާ ގަސްއިންދަން. ތަރުކާރީ، މޭވާ، ކުކުޅުބިސް، ރާއްޖޭގައި އުފެއްދެންހުރި މިފަދަ ހުރިހާ ތަކެއްޗެއް އުފެއްދުމަށް އެންމެން އެއްބާރުލައިގެން، އާ މަސައްކަތްތަކެއް ފެށުމަށް. އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ފެންނަށް މިހިރަ ހުސްބިންތައް ރޯދި ބަރަކާތާއި، ރިޒްޤު ލިބިދޭ ފެހި ދަނޑުތަކަކަށް ބަދަލުކޮށްލުމަށް.

ޝައްކެއްނެތް. އަޅުގަނޑުމެންގެ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އެއްވެސް ކަމެއް ނުކުރެވި އޮތް ހުސްބިންތަކެއް އެބަހުރި. މަތިންދާބޯޓުން ދަތުރުކުރާ މީހުންނަށް މިކަން ވަރަށް ފަސޭހައިން ފާހަގަކޮށްލެވޭނެ. މިހާރު އައްޑުއަތޮޅު ގަމަށް އަޅުގަނޑުމެންގެ މަތިންދާބޯޓުގެ ޚިދުމަތް ފޯރާ. މާލެއިން އައްޑުއަށް، ނުވަތަ އައްޑޫއިން މާލެއަށް މަތިންދާބޯޓުން އަންނަ ކޮންމެ މީހަކަށް، އެހިސާބުގަނޑުގައި ހުރި ރަށްތަކުގެ ބޮޑުކަމާއި، އެ ރަށްރަށުގައި ހުރި ހުސްބިންތަކުގެ ބޮޑުކަން، އެއްވެސް ހުރަހެއްނެތި ވަރަށް ސާފުކޮށް ފެންނަމުންދޭ. ޚުދު އަޅުގަނޑުވެސް އެ މަންޒަރު ދެކެފިން. އެއީ، ހިތާމަކުރުން އެކަށީގެންވާ މަންޒަރެއް. ރުކާއި އެކި ބާވަތްބާވަތުގެ ގަސްގަހާގެހި އިންދޭނެ، އަދި ތަރުކާރީއާއި މޭވާއާއި، އެހެނިހެންވެސް ކާބޯތަކެތި އުފެއްދޭނެ، ގަސްތައް އިންދާނެ ބިންތައް އަޅުގަނޑުމެންގެ ރާއްޖޭގައި ބައިވަރު އެބައޮތް. އޭގެ ބޭނުން މިހާތަނަށް އޮތީ ނުކުރެވިފައި.

އާދެ! މިހެން ދަންނަވާއިރު، މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ ފަރާތުން އެކަށީގެންވާ މަތިވެރި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މި ޖަލްސާގައި އަޅުގަނޑު ފާހަގަކޮށްލަން. ޚުދު މިނިސްޓަރ އޮފް އެގްރިކަލްޗަރ، ދޭތެރެދޭތެރެއިން ރާއްޖެތެރެއަށް ދަތުރުފުޅު ކުރައްވައި އަދި އެ ދަތުރުފުޅުތަކުގައި، ރާއްޖެތެރޭގެ ރައްޔިތުންނަށް ދަނޑުވެރިކަމާ ބެހޭގޮތުން އިރުޝާދު ދެއްވާ. ރުއް އިންދުމަށާއި، ގަސް އިންދުމަށާއި، ތަރުކާރީ ހެއްދުމަށާއި، އަދި ރާއްޖޭގައި އުފެއްދެން ހުރި އެބާވަތުގެ ހުރިހާ ތަކެތި އުފެއްދުމަށް އިލްތިމާސް ކުރައްވައި ނަސޭހަތް ދެއްވަމުން ގެންދަވާ. އަދި އެ މިނިސްޓްރީގެ އެހެން ބޭފުޅުންވެސް އެމަސައްކަތުގައި ކެނޑިނޭޅި އުޅުއްވަމުން ގެންދަވާ. އެ މިނިސްޓްރީން އެކުރައްވާ މަސައްކަތުގެ އިތުރަށް، މުޅި ސަރުކާރުގެ ތާއީދާއި އެއްބާރުލުން އެ ރޮނގަށް ދާންވެއްޖެކަމަށް އަޅުގަނޑު މިރޭ ދެކެން. މިއަދު ޤަބޫލުކުރަން.

އެހެންވީމާ، މިއަންނަ އަހަރަކީ، ވަރަށް ޚާއްޞަގޮތެއްގައި ރާއްޖޭގައި ދަނޑުވެރިކަން އާލާކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާނެ އަހަރެއްކަން އަޅުގަނޑު މިތާނގައި ފާހަގަކޮށްލަން. އިރާދަކުރެއްވިއްޔާ، ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް މިއަންނަ އަހަރު އެކަމަށް ދެވޭނެ. އެ އަހަންމިއްޔަތު ދިނުމުން، އެ ކުރިއަށް ގެންދެވޭ މަސައްކަތްތަކުގެ ސަބަބުން އެދެވޭ ނަތީޖާއެއް ލިބޭނީ ޝައްކެއްނެތްގޮތުގައި، ރައްޔިތުންގެ އެއްބާރުލެއްވުން ލިބުނު މިންވަރަކުން. އާދައިގެ ރައްޔިތުން، އެކިއެކި އިޤްތިޞާދީ މަސައްކަތް ކުރައްވާ ފަރާތްތައް، މިހުރިހާ ފަރާތަކުން އެކަށީގެންވާ ތަރުޙީބާއި އެއްބާރުލުން މި މަސައްކަތުގައި ލިބިއްޖެ ކަމަށްވަންޏާ ޝައްކެއްނެތްގޮތުގައި، މާ ލަސްތަކެއްނުވެ އަޅުގަނޑުމެންގެ ރާއްޖޭގައި އަމިއްލަ ފުދުންތެރިކަމަށް ވާޞިލުވެވޭނެ މަގެއް ކޮށިގެންދާނެ.

އެހެންވީމާ، މިރޭގެ ވާހަކަކޮޅު އަޅުގަނޑު ނިންމާލާނީވެސް، މި އިލްތިމާސް އާކުރަމުން. އަޅުގަނޑުމެންގެ ހުސް ބިންތައް ފެހި ދަނޑުތަކަކުން ފުރާލަމާތޯއޭ! އަޅުގަނޑުމެންގެ ރާއްޖޭގައި ރުއް އިންދާ، ލަކުޑި އުފެދޭ ގަސް އިންދާ، އަޅުގަނޑުމެންނަށް ވެވުނުވަރަކުން ތަރުކާރީއާއި މޭވާ އިންދާ، މި ގޮތްގޮތުން ރާއްޖެ މުއްސަނދިކުރަމާ ހިންގަވާށޭ. އެއީ، އަޅުގަނޑުގެ އިލްތިމާސަކީ.

ހަމައެކަނި ރާއްޖެ މުއްސަނދިވަނީ އަޅުގަނޑުމެންގެ ރާއްޖެއަށް ބޭނުންވާ މިބާވަތުގެ ތަކެތި ރާއްޖޭގައި އުފެދުމަކުންނެއް ނޫން. އެތަކެތިން އަޅުގަނޑުމެންގެ ޞިއްޙަތަށްވެސް ލިބޭ ފައިދާއަކުންވެސްމެ.

ކުރީ ދުވަހު އާދެ! މަސްވެރިންގެ ދުވަހުގެ ދެއްކި ވާހަކައިގައި އަޅުގަނޑު ފާހަގަކޮށްލިން، މަސްވެރިކަމުން އަޅުގަނޑުމެންނަށް ލިބޭ ޞިއްޙީ ފައިދާތައް. ހަމަ އެފަދައިން، މިރޭ އަޅުގަނޑު ދަންނަވަން މިއޮތީ ދަނޑުވެރިކަން އާލާކުރުމުން އަޅުގަނޑުމެންގެ ޞިއްޙަތަށް ހަމަ އެހާމެ ބޮޑު ފައިދާތަކެއް ލިބިގެންދާނެއޭ. އަޅުގަނޑުމެން ރާއްޖޭގެ މީހުންނަށް، އެމީހުންގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި، އެމީހުންގެ ހަށިތައް ބަލިތަކުން ސަލާމަތްކުރުމަށްޓަކައި ބޭނުންވާ ތަރުކާރީއާއި މޭވާއާއި އަދި އެނޫންވެސް ދަނޑުވެރިކަމާ ގުޅިފައިވާ ތަކެތި އެއްގޮތަކަށްވެސް މިހާރު ލިބޭކަށެއް ނެތް. ދަނޑުވެރިކަން އާލާކުރެވިއްޖިއްޔާ، އަޅުގަނޑު ކުރިންވެސް މި އިޝާރާތްކުރި ތަކެތި އެކަށީގެންވާ ފެންވަރަކަށް ރާއްޖޭގައި އުފެއްދިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންގެ ޞިއްޙަތަށް، އަދި އެއަށްވުރެ ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޅަދަރީންގެ ޞިއްޙަތަށް ވަރަށް އެދެވޭ ބަދަލުތަކެއް އަންނާނެކަން ކަށަވަރު.

އެހެންވީމާ، ޤައުމީ ފެންވަރުގައި މި މައްސަލައާ ދޭތެރޭގައި ވިސްނަވާ، ސަރުކާރުން އަޅަން ޤަޞްދުކުރާ ފިޔަވަޅުތަކުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި ތާއީދު ލިބޭނެކަމަށް އުންމީދު ކުރަމުން، އަދި އަޅުގަނޑުމެން ރާއްޖެއަށް އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން އެކިއެކި ފައިދާތައް ހޯދުމަށްޓަކައި ސަރުކާރުންނާއި، އަމިއްލަ ފަރާތްތަކުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށްވެސް ކާމިޔާބީއާއި ނަޞްރަށް އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّـلام عليـكم ورحمـة اللّـه وبركاتـه.