بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيّدنا محمّد وعلى آلـه وأصحـابه أجمعـين.
އާދެ! މިރެއަކީ، ދިވެހިރާއްޖޭގެ ޤައުމީދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޚާއްޞަ ޖަލްސާ ބާއްވާ ރޭ. ޤައުމީދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތަކާއި މުބާރަކްބާދީ ރައްދުކުރަން. ޤައުމީދުވަސް، އެ ބަޠަލެއްގެ ނަންފުޅަށް ނިސްބަތްވެގެންވާ އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލްއަޢްޡަމް، އުތީމު މަހާރަދުންގެ ހަނދާން ދިރުވައި، އެ މާތް ޤައުމީ ބަޠަލު ދިވެހިރާއްޖެއަށްޓަކައި، ދިވެހިރާއްޖޭގެ މިނިވަންކަމަށްޓަކައި، ދިވެހިރާއްޖޭގެ މާތް ދީނަށްޓަކައި ކޮށްދެއްވި މަތިވެރި ޚިދުމަތްތަކުގެ އަގު، އަޅުގަނޑުމެން ވަޒަންކުރަންޖެހޭ. އެއާއެކު އެ މާތް ބަޠަލުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއީމި ނިޢުމަތް ދެއްވުން އެދި އަޅުގަނޑުމެން ދުޢާކުރަންޖެހޭ.
އާދެ! ރާއްޖެ އުފެއްދި އެންމެ އަގުހުރި ޤައުމީ ބަޠަލު އުތީމު މަހާރަދުންގެ އިތުރުން، ދިވެހިރާއްޖެއަށް އެކި ދައުރުތަކުގައި އެކިގޮތްގޮތުން މަތިވެރި ޚިދުމަތްތައް ކޮށްދެއްވާފައިވާ އަބުޠާލުންގެ މަތިންވެސް މިފަދަ މުނާސަބަތުތަކުގައި އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. އަދި އެ އަބުޠާލުންނަށް ޙައްޤުވެގެންވާ ޝުކުރުގެ ޖިޒީތައް ރައްދުކުރަންޖެހޭ. ހަމައެހެންމެ، އެ އަބުޠާލުން އެކުރެއްވި ޖިހާދުގެ ހެޔޮ ޖަޒާ މާތް اللّـه އެބޭފުޅުންނަށް ދެއްވުން އެދި އަޅުގަނޑުމެން ދުޢާކުރަންޖެހޭ.
އާދެ! މިރޭގެ މި ޖަލްސާގައި ދިވެހި ޤައުމާ މުޚާޠަބުކޮށް އަޅުގަނޑު ދެތިން ވާހަކައެއް ދަންނަވާލަން ބޭނުން. ފަހަރެއްގައި މިވާހަކަތަކުގެ ސަބަބުން، އަޅުގަނޑުގެ ވާހަކަ ތަންކޮޅެއް ދިގުވެދާނެހެންވެސް ހީވޭ. އެހެންނަމަވެސް، ތިޔަބޭފުޅުން އަޅުގަނޑާ އެކީގައި ކުޑަކޮށް ކެތްކޮށްލައްވާ ކަމަށްވަންޏާ، އެ ވާހަކައާއިގެން ކުރިޔަށްދާން އަޅުގަނޑު ގަސްދުކުރަން.
އާދެ! އަޅުގަނޑު ދަންނަވާލަން ބޭނުންވާ ފުރަތަމަ ވާހަކައަށް، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ ރައީސް އަލްފާޟިލް ޢައްބާސް އިބްރާހީމް އިޝާރާތް ކުރައްވައިފި. އާދެ، އެއީ ދުނިޔޭގެ ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތަކުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށާއި، ރާއްޖެފަދަ ފަސްގަނޑު ތިރި ޤައުމުތަކަށާއި، އަދި ޢާންމުކޮށް ދަންނަވަންޏާ މުޅި ދުނިޔެއަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ވާހަކަ.
އާދެ! ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތަކާއި، އަދި އެކަމުގެ ސަބަބުން މުސްތަޤްބަލުގައި އިންސާނިއްޔަތަށް ކުރިމަތިވެދާނެ ނުރައްކާތަކާ ދޭތެރޭގައި ދުނިޔޭގެ ސަމާލުކަން މިހާރުވަނީ ހުއްޓިފައި. ދުނިޔޭގެ ސަމާލުކަން މި މައްސަލައަށް ގެނައުމުގައި ރާއްޖޭގެ ފަރާތުންވަނީ މަސައްކަތްތަކެއް ކޮށްފައި. އާދެ، ޤައުމީ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ދިވެހިރާއްޖޭގެ ފަރާތުން މިވާހަކަ ބައިނަލްއަޤްވާމީ ދާއިރާގައި އެންމެ ފުރަތަމަ ދެއްކީ، މީގެ 10 އަހަރު ކުރިން. 1987 ވަނަ އަހަރު ވެންކޫވަރުގައި ބޭއްވުނު ކޮމަންވެލްތް ޤައުމުތަކުގެ ސަރުކާރު ހިންގަވާ ވެރިންގެ ޖަލްސާގައި.
1987 ވަނަ އަހަރަކީ، ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ ފަދައިން، ރާއްޖެއަށް ބޮޑުރާޅު އެރި އަހަރު. މާލެއަށާއި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ރާޅުއަރާ ފެންބޮޑުވެ، އެކަމުގެ ސަބަބުން ތަފާތު ގެއްލުންތަކެއް ލިބުނު އަހަރު. އެ އަހަރު ކެނެޑާގެ ވެންކޫވަރުގައި ބޭއްވުނު މިދެންނެވި ޖަލްސާއަށް އަޅުގަނޑު ދިޔައީ، ކުރިން މިދެންނެވި ބޮޑުރާޅު އެރުމުގެ ހާދިސާގެ ހޫނުކަންމަތީގައި. އެހެންވީމާ، އެފަހަރު އެލިބުނު ތަޖުރިބާގެ މައްޗަށް ބިނާކޮށް، މުސްތަޤްބަލުގައި ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން އެ ޖަލްސާގައި ވާހަކަދައްކަން އަޅުގަނޑަށް ޖެހުނު.
އާދެ! ކޮމަންވެލްތުގެ ޖަލްސާތައް ހިނގަމުންދަނީ އ.ދ. މަޖިލިސްގެ ޢާންމު ޖަލްސާތައް ހިނގަމުންދާ ގޮތަކަށްނޫން. ނުވަތަ އެހެންވެސް ބައިނަލްއަޤްވާމީ ނުވަތަ ސަރަޙައްދީ ޖަމާޢަތްތަކުގެ ޖަލްސާތައް ހިނގަމުންދާ ގޮތަކަށްވެސްނޫން. މިދެންނެވީ، އ.ދ. މަޖިލިސްގެ ޢާންމު ޖަލްސާތަކުގައިވެސް، އަދި އެހެނިހެން ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމާޢަތްތަކުގެ ޖަލްސާތަކުގައިވެސް، ބަޙުޘްކުރުން މިއޮންނަނީ، އެ ބައިވެރިވެވަޑައިގަންނަވާ މަންދޫބުންގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް ތެދުވެވަޑައިގެން ކުރިއްސުރެ ލިޔުއްވާފައި އޮންނަ ސްޕީޗެއް ވިދާޅުވާގޮތަށް.
ކޮމަންވެލްތު ޖަލްސާތަކުގައި އެކަން އޮންނަނީކީ އެހެނެއްނޫން. ފުރަތަމަ ޖަލްސާގައި، މިދެންނެވިގޮތަށް ކުރިން ތައްޔާރުކުރެވިފައިވާ ސްޕީޗްތައް ބޭފުޅުން ވިދާޅުވާގޮތަށް އޮވޭ. އެހެންނަމަވެސް، އޭގެ ޢަމަލީ ޖަލްސާތަކުގައި މި އޮންނަނީ އެފަހަރަކު އެވާހަކަ ދެކެވޭ މައުޟޫޢަކާ ބެހޭގޮތުން، އެތަނަށް ޙާޟިރުވެވަޑައިގެން ތިއްބަވާ ވެރިންގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް، އެބޭފުޅަކަށް ފެނިވަޑައިގަންނަވާ އެއްޗެއް ވިދާޅުވުން. އެގޮތުން، ކުރިން މިދެންނެވި ޖަލްސާގައި، އޭގެ ޢަމަލީ ބައިގައި، ނޫސްވެރިންނާއި ރިޕޯޓަރުން ނެތް ޖަލްސާއެއްގައި، ތިމާވެށީގެ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަން ފެށުނީމާ، އަޅުގަނޑު އަތް އުފުލާލާފައި، އަޅުގަނޑުވެސް އެއްޗެއް ދަންނަވާލަން ބޭނުމޭ ދެންނެވިން. ޖަލްސާގެ ރިޔާސަތުގައި އިންނެވީ، ކެނެޑާގެ އޭރުގެ ބޮޑުވަޒީރު މިސްޓަރ ބްރައިން މަލްރޯނީ. އަޅުގަނޑު ވާހަކަ ދެއްކުމަށް އޭނާ ހުއްދަ ދެއްވުމުން، ރާއްޖެއަށް މި ދިމާވި ހާދިސާގެ ވާހަކަ، އަޅުގަނޑަށް ވެވުނުވަރަކުން ކިޔައިދިނިން.
އެ ޖަލްސާގައި ތިއްބެވި ބޭފުޅުން އެ ވާހަކަ ވަރަށްބޮޑަށް ކަނުލާ އަޑުއެއްސެވި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އޭގެތެރެއިން ބައެއްބޭފުޅުން ފަހުން ވިދާޅުވި، ތިމާވެށީގެ މައްސަލަތަކާއި، އަދި ޖައްވު ހޫނުވުމުގެ މައްސަލައާއި، ޖައްވު ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ، މީގެކުރިން ތިމަންނާމެން އަޑުއައްސަވާފައިވާ މައްސަލައެއް ނޫނޭ. ދިވެހިރާއްޖޭގެ ރައީސް އެވާހަކަ ދެއްކުމުން ތިމަންނަމެންނަށް ލިބުނީ ވަރަށްބޮޑު ޙައިރާންކަމެކޭ.
އާދެ! އޭގެފަހުން، ބައިނަލްއަޤްވާމީ ތަފާތު ޖަލްސާތަކުގައި ތިމާވެށީގެ ވާހަކަ ދައްކަން އަޅުގަނޑުމެންނަށް ޖެހުނު. 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ކުދި ޤައުމުތަކުގެ ޚާއްޞަ ޖަލްސާގައި މިވާހަކަ ދެއްކުނު. މިދެންނެވި ޚާއްޞަ ޖަލްސާ ބޭއްވުނީ، ހަމަ މި މަޤްޞަދުގައި. އެޖަލްސާއަކީ، ރާއްޖެއިން މިކަމަށް ދޭ ސަމާލުކަމުގެ ސަބަބުން، ރާއްޖެފަދަ އެހެން ކުދިޤައުމުތަކަށް ދަޢުވަތުދީގެން، އެ ޤައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެން ރާއްޖޭގައި ބޭއްވި ޖަލްސާއެއް. އެހެންނަމަވެސް، ތިމާވެށްޓާބެހޭ ބައިނަލްއަޤްވާމީ ބައެއް މުހިންމު ފަރާތްތައް އެ ޖަލްސާއަށް ޙާޟިރުވެވަޑައިގެންނެވި. ސައިންޓިސްޓުން، ކަމުގެ މާހިރުން، މި ހުރިހާ ބޭފުޅުން ވަޑައިގެން، މި ޖަލްސާ ބާއްވައިގެން ޖަލްސާގައި އެވާހަކަ ދެއްކެވުމަށްފަހު "މާލޭ ޤަރާރު"ގެ ނަމުގައި ޤަރާރެއް ފާސްކުރެވުނު. އަދި މިދެންނެވި ޖަލްސާގެ ކުރިން، ތިމާވެށްޓާ ބެހޭގޮތުން އ.ދ. މަޖިލީހުގެ ޢާންމު ޖަލްސާއެއް 1987 ވަނަ އަހަރު ބޭއްވުނު. އެ ޖަލްސާގައިވެސް އަޅުގަނޑު ވާހަކަ ދެއްކިން.
މިދެންނެވި ކުދިޤައުމުތަކުގެ ޖަލްސާގައި ފާސްކުރެވުނު "މާލޭ ޤަރާރު"ގައި އޮވޭ، ކުދި ޤައުމުތަކުގެ ގްރޫޕެއް އުފެއްދުމުގެ ވާހަކަ. ކުދި ޤައުމުތަކުން، ތިމާވެށްޓާ ބެހޭގޮތުން ވަކާލާތުކުރާނެ ނިޒާމެއް ހަމަޖެއްސުމުގެ ވާހަކަ. އެ ގްރޫޕްގެ ފުރަތަމަ ބައްދަލުވުންވެސް ބޭއްވުނީ ރާއްޖޭގައި. އޭގެފަހުން އެ ގްރޫޕްގެ ވާހަކަ ދެއްކުމުގެ ނަތީޖާއެއްގެ ގޮތުން، މިހާރު އ.ދ. މަޖިލީހުގެ ތެރޭގައި އުފެދިފައިވާ އެއޯސިސް ގްރޫޕް ދުނިޔޭގެ ވުޖޫދަށް އައީ.
އެއޯސިސް ގްރޫޕަކީ، މިހާރު އ.ދ. މަޖިލީހުގެ ކަންތައްތަކުގައި، ނުވަތަ އ.ދ. މަޖިލީހުގައި ދެކެވޭ ވާހަކަތަކުގައި، ކުދިޤައުމުތަކުގެ ފަރާތުން ވަކާލާތުކުރާ ގްރޫޕެއް. މިދެންނެވި ޖަލްސާއަށްފަހުގައި، 1992 ވަނަ އަހަރު، ރިއޯޑި ޖެނެއިރޯގައި ބޭއްވުނީ "އާރތް ސަމިޓް"ގެ ނަމުން ނަން ދެވިފައިވާ ޚާއްޞަ ޖަލްސާއެއް. އެއީ، އ.ދ. މަޖިލީހުން ކަނޑައެޅި ޖަލްސާއެއް. އެ ޖަލްސާއަށް ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގެ ވެރިން ވަޑައިގެންނެވި. އަދި އެ ޖަލްސާއަކީ، އެ ޖަލްސާއެއްގައި ވަރަށް މުހިންމު ދެ މުޢާހަދާއެއްގައި ވަރަށްގިނަ ޤައުމުތަކުން ސޮއިކުރި ޖަލްސާވެސްމެ. އޭގެތެރެއިން އެއް މުޢާހަދާއަކީ، މޫސުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ. އަނެއް މުޢާހަދާއަކީ، ދިރޭ ތަކެތީގެ ނަސްލު ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ. އެ ދެ މުޢާހަދާގައި ސޮއިކުރި ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނުނު.
އޭގެފަހުން 1994 ވަނަ އަހަރު، ކުދިޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއާބެހޭ އ.ދ.ގެ ޖަލްސާއެއް ބާބޭޑޯސްގައި ބޭއްވުނު. މި ޖަލްސާގައި އަޅުގަނޑު ބައިވެރިވެ، ރާއްޖޭގެ ފަރާތުން ވާހަކަ ދެއްކިން. މި ޖަލްސާގައި ކުދިޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއާބެހޭ ޢަމަލީ މަޝްރޫޢެއް އެކުލަވާލައި، އެ މަޝްރޫޢު ފާސްކުރި. އޭގެފަހުން ބޭއްވުނު މުހިންމު ޖަލްސާއަކީ، މިއަހަރު އ.ދ. މަޖިލީހުގައި ބޭއްވުނު ޚާއްޞަ ޖަލްސާ. އާދެ! ރިއޯގެ ސަމިޓުން ފާސްކުރި ކަންތައްތަކާ ބެހޭގޮތުން މިހާތަނަށް އެޅިފައިވަނީ ކޮންފިޔަވަޅުތަކެއްތޯ ބެލުމުގެގޮތުން ބޭއްވުނު ޖަލްސާއެއް އެއީ. މި ޖަލްސާގައިވެސް ވަރަށްގިނަ ޤައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި. އަޅުގަނޑަށް އެނގިފައިވާގޮތުގައި، 60 ޤައުމުގެ ވެރިން ބައިވެރިވެވަޑައިގެންނެވި. އަދި މި ޖަލްސާގެ ކަންތައްތައް ދިޔަގޮތުގެމައްޗަށް ބަލައިލާއިރު، އަދި މި ޖަލްސާގައި އިންއިރު އަޅުގަނޑަށް އިޙްސާސްވަމުން ދިޔަގޮތުގައި، ތިމާވެށީގެ މައްސަލަ، މީގެ 10 އަހަރު ކުރިން ދުނިޔެ ދުށްގޮތާއި، މިހާރު އެ މައްސަލަ، ދުނިޔެ ދެކޭގޮތް، ވަރަށްބޮޑަށް ތަފާތުވެގެން ހިނގައްޖެ. ކުރިންވެސް އިޝާރާތްކުރިފަދައިން، 1987 ވަނަ އަހަރު ވެންކޫވަރުގައި އޮތް ޖަލްސާގައި ތިމާވެށީގެ ވާހަކަ އަޅުގަނޑު ދެއްކުމުން، އެކަންވީ ބައެއް ޤައުމުތަކުގެ ވެރިންނަށް އާކަމަކަށް. އަދި އެއީ، އޭގެކުރިން އަޑުނާއްސަވާ މައްސަލައެއްގެ ގޮތުގައި އެބޭފުޅުން އެކަމަށް ފަހުން އިޝާރާތްކުރެއްވި ކަމަށްވަނީ.
ހަމަ އެހެންމެ، 1992 ވަނަ އަހަރު އޮތް، ރިއޯޑި ޖެނެއިރޯގެ ޖަލްސާގައި ބައިވެރިވުމުގެ ތެރޭގައި އަޅުގަނޑަށް ލިބުނު ފުރުޞަތެއްގައި، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ތެރެއިން ބޮޑު ޤައުމެއްގެ ރައީސެއްގެ އަރިހުގައި އަޅުގަނޑަށް ދަންނަވާލަންޖެހުނު، ރާއްޖެއަށް ދިމާވެދާނެ ނުރައްކާތަކުގެ ވާހަކަ. އާދެ، ޖައްވު ހޫނުވަމުންދިޔުމާއި، އަދި އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިޔުމުން، ނުވަތަ އެގޮތަށް ކަނޑުގެ ލޮނުގަނޑު އުފުލެމުން ހިނގައްޖެނަމަ، ރާއްޖެއަށް ދިމާވާނެ ނުރައްކާތަކުގެ ވާހަކަ. އެވާހަކަ ދަންނަވާލީމާ އޭނާ އަޅުގަނޑު ގާތުގައި ވިދާޅުވި، "ތިޔަކަމާ ކަންބޮޑުނުވާށޭ، ތިމަންނަމެން ރާއްޖެއަށް ތިޔަކަހަލަ ކަމެއް ވިޔަކަނުދޭނަމޭ." އެހެން ވިދާޅުވި ވިދާޅުވުމުން އަޅުގަނޑަށް އެނގުނީ، ތިމާވެށީގެ މައްސަލައަކީ، އަދި ޚާއްޞަކޮށް، ފަސްގަނޑުތިރި ޤައުމުތަކަށް ދިމާވެދާނެ ކަމަށް ޢިލްމީ ހޯދުންތަކުން މި ދައްކާ މައްސަލައަކީ، މި ދެންނެވި ވެރިޔާގެ ހިތްޕުޅުގައި އެއްވެސް އަހަންމިއްޔަތެއް ދެއްވިފައިވާ މައްސަލައެއް ނޫންކަން. އެއީ، އޭނާ ޤަބޫލުކުރައްވާ މައްސަލައެއް ނޫންކަން.
އެއީ، މީގެ 10 އަހަރު ކުރިން އެކަން އޮތްގޮތް. އެހެންނަމަވެސް، އޭގެ 10 އަހަރު ފަހުން މިހާރު އެކަމަށް ވަރަށްބޮޑު ބަދަލެއް އަތުވެއްޖެ. މިހާރު ދުނިޔޭގައިވާ އެންމެ ބޮޑެތި ޤައުމުތަކުގެ ޒަޢީމުން ދައްކަވާ ވާހަކަފުޅުތަކުގައިވެސް ތިމާވެށީގެ މައްސަލަތައް ވަނީ ވަރަށްބޮޑު ބައެއް ޙިއްޞާކުރާ އެއްޗަކަށްވެފައި. އަދި މި ބޭއްވުނު އ.ދ. ގެ ޚާއްޞަ ޖަލްސާގައި، ހުޅަނގުގެ ބޮޑެތި ޤައުމުތަކުގެ ވެރިން ދެއްކެވި ވާހަކަފުޅުތަކުގައި، ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން އަޅުގަނޑުމެން މި ކަންބޮޑުވާ އެންމެބޮޑު މައްސަލަ ހިމެނުނު.
އާދެ، އެއީ ޖައްވު ހޫނުވުމުގެ މައްސަލަ. އަދި އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލަ. މިކަމަށް ހަމަ ހުރިހާ ބޭފުޅުންވެސް އިޝާރާތްކުރެއްވި. ހަމައެކަނި އިޝާރާތްކުރެއްވީކީ ނޫން. އެކަމާ ބެހޭގޮތުން އެބޭފުޅުންގެ ޤައުމުތަކުން އަޅަން ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ ވާހަކަވެސް ވިދާޅުވި. އޭގެތެރޭގައި، ޚުދު އެމެރިކާގެ ރައީސްވެސް ހިމެނޭ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރުވެސް ހިމެނޭ. ޖަޕާނުގެ ބޮޑުވަޒީރުވެސް ހިމެނޭ. ޖަރުމަނުވިލާތުގެ ޗާންސެލަރވެސް ހިމެނޭ. މިހެންގޮސް އެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ހުރިހާ ޒަޢީމުންވެސް، މިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަމާއި އަދި މިކަމަކީ މިހާރުއްސުރެން ފެށިގެން އެކަމާ ބެހޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅެންވެއްޖެ މައްސަލައެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި. އެހެންވީމާ، މިއައީ ވަރަށްބޮޑު ބަދަލެއް. މީގެކުރިން އަޅުގަނޑުމެން އެވާހަކަ ދެއްކީމާ ނުލިބޭ ކަހަލަ އިޖާބައެއް، މިހާރު ބައިނަލްއަޤްވާމީ ދާއިރާގައި، އަޅުގަނޑުމެން މިވާހަކަ ދެއްކީމާ އެބަލިބޭ.
އާދެ! ދުނިޔެ ހޫނުވުމުގެ މައްސަލައަކީ ކޮބައިކަން އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. ކުރުގޮތަކަށް ދަންނަވަންޏާ، ކަމާބެހޭ ބައިނަލްއަޤްވާމީ ޖަމާޢަތް، އައި.ޕީ.ސީ.ސީ.އިން މިހާރު ބުނާގޮތުގައި، އެމީހުން ބަލާގޮތުން، އެންމެފަހުގެ ޢިލްމީ އަންދާޒާތަކުގެ ތެރެއިން އެންމެ ރަނގަޅު އަންދާޒާއިން ދައްކަނީ، 2001 ވަނަ އަހަރާ ހަމައަށް ޖައްވުގެ އެވްރެޖް ހޫނުމިން މިހާރަށްވުރެ ދެ ޑިގްރީ ސެންޓިގްރޭޑް މައްޗަށްދާނެ ކަމަށް. އަދި އޭގެސަބަބުން ކަނޑުގެ ލޮނުގަނޑު މިހާރަށްވުރެ 50 ސެންޓިމީޓަރު (އެއީ ގާތްގަނޑަކަށް 1 ފޫޓު 8 އިންޗި) އުފުލިގެންދާނެ ކަމަށް. މިއީ، އެމީހުން ބުނާގޮތުގައި އެންމެ ރަނގަޅު އަންދާޒާ. އެހެންނަމަވެސް، މިއަށްވުރެ ބޮޑަށް މީގެ ދެގުނައަށްވެސް މިކަން އަންދާޒާކުރެވިފައި އެބައޮތް. 2001 ވަނަ އަހަރާ ހަމައަށް ކަނޑުގެ ލޮނުގަނޑު 100 ސެންޓިމީޓަރު އާދެ، 1 މީޓަރު، 3 ފޫޓު 3 އިންޗި، އެހާކަންހާވަރަށް އުފުލިގެންދާނެ ކަމަށްވެސް، ބައެއް އަންދާޒާތައް އެބަބުނޭ. އެހެންވީމާ، މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާކަހަލަ މައްސަލައެއް.
ރާއްޖެއަކީ، ވަރަށް ފަސްގަނޑު ތިރި ޤައުމެއް. ރާއްޖޭގެ ފަސްގަނޑުގެ އެވްރެޖް އުސްމިނަކީ ގާތްގަނޑަކަށް 3 ފޫޓު ނުވަތަ 4 ފޫޓު ކަމުގައި އަޅުގަނޑުމެން މިބަލަނީ. އެކަން އެހެންއޮއްވާ، ދޮޅުފޫޓަށް ނުވަތަ އެއަށްވުރެ މައްޗަށް ކަނޑުގެ ލޮނުގަނޑު އުސްވެއްޖެނަމަ، އަޅުގަނޑުމެންގެ މި ކުދިކުދި ޖަޒީރާތަކަށް ވާނެގޮތަކާ ދޭތެރޭގައި އަޅުގަނޑުމެން ފިކުރު ބޮޑުވާންޖެހޭ. އެހެންވީމާ، މިއީ ރާއްޖެއަށްވެސް އަދި ރާއްޖެފަދަ ފަސްގަނޑުތިރި އެހެން ޤައުމުތަކަށްވެސް ވަރަށް ނުރައްކާތެރި މައްސަލައެއް.
މިދެންނެވުނީކީ މުޅިން ރަނގަޅަކަށްވެސް ނޫން. މިކަމުގެ ނުރައްކާ ކުރިމަތިވާނީ، ހަމައެކަނި ރާއްޖެފަދަ ފަސްގަނޑުތިރި ޤައުމުތަކަށް އެކަންޏެއްނޫން. އޭގެއިތުރުން، ވަރަށްބޮޑެތި ޤައުމުތަކަށްވެސް މިކަމުގެ ނުރައްކާ ކުރިމަތިވާނެ. ވަރަށްގިނަ ޤައުމުތަކުގެ ބިންތަކުގެ ތެރެއިން ވަރަށްބޮޑު ބައެއް ހަލާކުވެގެންދާނެ. އާދެ! އޭގެތެރޭގައި އަޅުގަނޑުމެންގެ ވަރަށްގާތް ޤައުމެއް ކަމުގައިވާ ބަންގްލަދޭޝްވެސް ހިމެނޭ. މިޞްރުވެސް ހިމެނޭ. ޔޫރަޕުގެ ބައެއް ޤައުމުތައްވެސް ހިމެނޭ. އަދި އެމެރިކާގެ އިރުމަތީ އައްސޭރިވެސް ހިމެނޭ.
އެހެންވީމާ، ޙަޤީޤަތުގައި ކަނޑުގެ ލޮނުގަނޑު އުފުލިގެންދިޔުމަކީ، މުސްތަޤްބަލުގައި މުޅި ދުނިޔެއަށް ކުރިމަތިވެދާނެ ވަރަށް ނުރައްކާތެރި މައްސަލައެއް. އެހެންވީމާ، އެ މައްސަލައާ ދޭތެރޭގައި މިހާރުއްސުރެ ފެށިގެން ފިޔަވަޅު އަޅަން އެބަޖެހޭ. ތެދުތެދަށް ދަންނަވަންޏާ މިހާރުވެސް ފިޔަވަޅުއެޅުން ލަސްވެއްޖެ. އެއީ، ސައިންޓިސްޓުން ބުނާގޮތުގައި، މިކަމަށް މެދުވެރިވާ އެންމެބޮޑު ސަބަބު ކަމުގައިވާ، ޖައްވުގެ ތެރެއަށް އެކި ވައްތަރުވައްތަރުގެ ގޭސްތައް ދިޔުން ކޮންޓްރޯލް ކުރެވުނުނަމަވެސް، އޭގެ އަސަރު ފެންނާނީ، މީގެ 20 އަހަރު ނުވަތަ 30 އަހަރު ފަހުން. މިހާރު މިވަމުންދާގޮތަށް ބަދަލެއް އަންނާނީ، އަޅުގަނޑުމެން މި ފިޔަވަޅު އަޅާތާ 20 އަހަރު ފަހުން ނުވަތަ 30 އަހަރު ފަހުން. އެހެންވީމާ، މިހާރުވެސް މިއޮތީ ފިޔަވަޅުއެޅުން ލަސްވެފައި. އެކަމަކު އަޅުގަނޑަށް ދަންނަވަންޖެހެނީ، މިފަހަރުގެ ޖަލްސާގައި މި ފެނުނުގޮތުން އަޅުގަނޑުމެންގެ އުންމީދުތައް އާވެގެން ހިނގައްޖެއޭ.
އާދެ! ތިމާވެށީގެ މައްސަލަތަކުން ދިމާވަނީކީ، ހަމައެކަނި ރާއްޖެއަށް މިކުރިމަތިވާ ކަހަލަ މައްސަލަތައް އެކަންޏެއް ނޫން. ދުނިޔޭގެ އެހެން ތަންތަނަށް އަދި ތަފާތު އެހެން މައްސަލަތައް ކުރިމަތިވެގެންދާނެ. މިދެންނެވީ މުޅިދުނިޔޭގެ ވާހަކަ. މިސާލަކަށް، ދިރޭތަކެތީގެ ނަސްލު މަދުވެގެންދިޔުން. ގަސްގަހާގެހި މަދުވުމާއި، ދުނިޔޭގެ ޖަންގަލިތައް ނެތިދިޔުން، އޯޒޯން ފަށަލަ ތުނިވުން، އެސިޑްވާރޭވެހުން. ބިމުއަޑީގައިވާ މީރު ފެންފަށަލަ ތުނިވުން. ތިމާވެށްޓަށް މިއަންނަ ބަދަލުތަކުގެ ސަބަބުން މިކަހަލަ ކިތަންމެ ކަންތައްތަކެއް ދުނިޔެއަށް ކުރިމަތިވެގެން ހިނގައިދާނެ.
އާދެ! ކޮންމެއަކަސް އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ނިމިގެން މިދިޔަ އ.ދ. މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ރާއްޖެއަށް ދެ ކާމިޔާބީއެއްވަނީ ހާސިލުކުރެވިފައޭ. އޭގެތެރެއިން އެއް ކާމިޔާބީއަކީ، ކުރިންވެސް ދެންނެވި ފަދައިން، އެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި، ބޮޑެތި ޤައުމުތަކުގެ ވެރިން މިކަމަށް ދެއްވި ސަމާލުކަން. އަދި އެ ސަމާލުކަމުގެ އިތުރުން، އަޅުގަނޑުމެންނަށް މި ކުރިމަތިވާ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި، އެބޭފުޅުން އަޅުއްވަން ޤަޞްދުކުރައްވާ ފިޔަވަޅުތަކުގެ ވާހަކަ ވިދާޅުވިކަން.
އާދެ! ދެވަނަ ކާމިޔާބީއަކީ، ރާއްޖެއިން މިކުރާ މަސައްކަތް ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކޮށް ބަލައިގެންފިކަން. އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ފަޚުރެއް. ރާއްޖެފަދަ ކުޑަ ޤައުމަކުން، ބައިނަލްއަޤްވާމީ ދާއިރާގައި މިވާހަކަ ދައްކައިގެން، 10 އަހަރު ފަހުން ނަތީޖާއެއް ފެނުނުކަމުގައިވިޔަސް، އެފަދަ ނަތީޖާއެއް ފެނިގެންދިޔަކަން އެއީ، އަޅުގަނޑު ހިތުން ރާއްޖެއަށް ލިބޭ ވަރަށްބޮޑު ޝަރަފެއް.
މިރޮނގުގައި ރާއްޖެ މިކުރާ މަސައްކަތް ބައިނަލްއަޤްވާމީ ދާއިރާގައި ގަބޫލުކޮށް، ބަލައިގެންފިކަން އެނގުނު ސަބަބަކީ، ޤައުމުތަކުގެ ވެރިންގެ ވާހަކަފުޅުގައި މިވާހަކަ ގެންނެވިގޮތް. އަދި ބައެއް ބޭފުޅުންގެ ވާހަކަފުޅުގައި، ސީދާ ރާއްޖެއަށް ނަމުން އިޝާރާތް ކުރެއްވިކަން. އާދެ! ޕްރެޒިޑެންޓް ކްލިންޓަން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ނަން ވިދާޅުވި. ދިވެހިރާއްޖޭގެ ނަން ވިދާޅުވެފައި، މިކަމުން ރާއްޖެފަދަ ޤައުމުތަކަށް ކުރިމަތިވެދާނެ ނުރައްކާތަކުގެ ވާހަކަ ވިދާޅުވި. ހަމައެހެންމެ، ދުނިޔޭގެ ޚަބަރުފަތުރާ ބޮޑެތި ވަސީލަތްތަކުން މީގެކުރިން ރާއްޖެއަށް ނުދޭފަދަ ސަމާލުކަމެއް މިފަހަރު ރާއްޖެއަށްދިން. ރާއްޖެއިން ދެއްކި ވާހަކަ ދުނިޔޭގެ އެތަންމިތާނގައި ޝާއިޢުކުރެވުނު. އަޅުގަނޑުމެން ވަރަށް ހީނުކުރާކަހަލަ ޤައުމުތަކުގެ ނޫސްތަކުގައި ޖަހާ، އެތަންތާނގެ ރޭޑިޔޯތަކުންނާއި، ޓީ.ވީ. ސްޓޭޝަންތަކުން މީގެ ޚަބަރުތައްދީ، އެކަމާބެހޭ ޑިސްކަޝަންތައް ބާއްވައި ހެދި. އެހެންވީމާ، މިގޮތުން ރާއްޖެއަށް ދުނިޔޭގެ ފެންވަރުގައި ވަރަށްބޮޑު މަޤްބޫލުކަމެއް ލިބިގެންދިޔަކަން އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންވެސް ވަރަށްބޮޑަށް އުފާކުރާނެ ކަމެއް.
އާދެ! ކޮންމެއަކަސް، މި ދެންނެވި ޖަލްސާ ނިމިގެން އަޅުގަނޑު ރާއްޖެއައުމާ ގުޅިގެން، ރާއްޖޭގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި މި ފުރުޞަތުގައިވެސް އަޅުގަނޑު ޝުކުރު ދަންނަވާލަން ބޭނުންވޭ. އާދެ! އެއިން އެނގޭ އެއްޗަކީ، ރާއްޖޭގެ ރައްޔިތުން، ރާއްޖޭގެ ތިމާވެށްޓަށް ދެއްވާ އަހަންމިއްޔަތުގެ ބޮޑުކަން. ރައްޔިތުން ތިއްބެވީ، ރާއްޖެ ސަލާމަތްކުރުމަށްޓަކައި ކުރައްވަންޖެހުނު ކޮންމެ މަސައްކަތެއް ކުރައްވަން ތައްޔާރަށްކަން. އާދެ! މިގޮތުން އަޅުގަނޑަށް ވަރަށްގިނަ އަދަދަކަށް މަރުޙަބާގެ މެސެޖްތައް، ސިޓީގެ ޛަރީޢާއިން، މެސެޖުން، ފެކްސްގެ ޛަރީޢާއިން، ތެލިފޯނުން، މާލެއިން، ރާއްޖެތެރެއިން، އަދި ރާއްޖެއިން ބޭރުންވެސް ލިބެމުން އައިސްފައިވޭ. އެހެންވީމާ، މިހުރިހާ ފަރާތްތަކަކަށް ޖުމްލަގޮތެއްގައި ޝުކުރު ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.
އާދެ! ރާއްޖެއަށް މިހާރުވަނީ ބައިނަލްއަޤްވާމީ ދާއިރާގެ ލޯތައް ހުއްޓިފައި. ތިމާވެށްޓާ ބެހޭގޮތުން ރާއްޖެ ކުރަމުންދާ މަސައްކަތްތަކަކީ ކޮބައިތޯ ބަލަން، އެ ލޯތައްވަނީ ރާއްޖެއާ ދިމާއަށް ހުއްޓިފައި. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ އެކަން ދަންނަން. އަޅުގަނޑުމެން އެބަޖެހޭ، ދުނިޔެ އަޅުގަނޑުމެންނާ ދޭތެރޭގައި ބަލަމުންގެންދާކަން ވަޒަންކޮށް، އަޅުގަނޑުމެން، އަޅުގަނޑުމެންގެ އަމިއްލަ ތިމާވެށި ސަލާމަތްކުރުމަށް މިހާރަށްވުރެ ބޮޑެތި މަސައްކަތްތަކެއް ކުރަން. ރާއްޖޭގައި ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން މިހާތަނަށްވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައި. އޭގެތެރޭގައި ހިމެނޭ ބައެއް ކަންތައްތައް ދަންނަވާލާނަން.
1989 ވަނަ އަހަރުވަނީ، ތިމާވެށްޓާބެހޭ ޢަމަލީ މަޝްރޫޢެއް ރާވައި، އެއަށް ޢަމަލުކުރަން ފަށާފައި. 1990 ވަނަ އަހަރުވަނީ، ތިމާވެށްޓާބެހޭ ދިރާސާކުރާ ޚާއްޞަ ޔުނިޓެއް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީގައި އުފައްދާފައި. 1993 ވަނަ އަހަރުވަނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނެއް ފާސްކޮށް، އެއަށް ޢަމަލުކުރަން ފަށާފައި. އަދި ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކެއްގައި، އެ މަޝްރޫޢެއްގެ ސަބަބުން ތިމާވެށްޓަށް އަސަރުކުރާނެ މިންވަރު ދެނެގަތުމުގެ ދިރާސާކުރާގޮތަށްވެސް ވަނީ ހަމަޖައްސާފައި. ގަސް އިންދުމާބެހޭ ތަފާތު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައި. މިހާރު އަޅުގަނޑުމެން ހިންގަމުން މިގެންދަނީ 2 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމެއް.
އޭގެ މާކުރިން އާދެ! 1983 ވަނަ އަހަރު ރާއްޖޭގައި ފާހަގަކުރީ، ގަސް އިންދުމާއި ދަނޑުވެރިކަމުގެ އަހަރުގެ ގޮތުގައި. މީގެ 14 އަހަރު ކުރިން. އަދި މި ދެންނެވި އަހަރުގެވެސް 3 އަހަރު ކުރިން، 1980 ވަނަ އަހަރު، ރާއްޖޭގެ ރައްޔިތުންކުރެ ކޮންމެ މީހަކު ރުކެއް އިންދުމަށް ވަނީ ސަރުކާރުން އިލްތިމާސްކޮށްފައި. އެ އިލްތިމާސަށްވެސް ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ފުރިހަމަ އިޖާބައެއް ލިބިފައި. އަދި ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން ސަރުކާރުން ހަދާފައިވާ ގަވާއިދުތަކުގެ ތެރޭގައި ވެލާ، ކަހަނބު، ކޯމަސް، ބޮޑުމަހުގެ ބާވަތްތައް، ބަނޑުދޮށުގައި ބިސް ހުންނަ އިއްސާއި، ބޮލުން ފެށިގެން ނިގުލަށް 25 ސެންޓިމީޓަރު ހަމަނުވާ އިހި، ސަންގު، ގާހަކަ، ފެހުރިއްސާއި، މާހުޅުނބުލަނޑައާއި، އެފަދަ އެއްޗެހި ރާއްޖޭގައި ހިފުމާއި އެކްސްޕޯޓް ކުރުން މިހާރުވަނީ މަނާކޮށްފައި. ބައެއް ފަރުތައް ވަނީ ރައްކާތެރި ކުރެވިފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި އިޢްލާނުކޮށްފައި. މިކަހަލަ ވަރަށްގިނަ ކަންތައްތަކެއް ސަރުކާރުން މިހާރު މިގެންދަނީ ކުރަމުން. އަދި މުސްތަޤްބަލުގައި އިތުރު ކަންތައްތައް ކުރަންވެސް ޖެހޭނެ.
އަޅުގަނޑުގެ އެދުމަކީ، ސަރުކާރުން މިކުރާ ކަންތައްތަކުގައި، ރާއްޖޭގެ ރައްޔިތުން އެއްބާރުލެއްވުން. މިހާރުވެސް ރައްޔިތުންގެ ފަރާތުން މިކަމަށް އެއްބާރުލުން ލިބޭތީ، އަޅުގަނޑު ވަރަށްބޮޑަށް އުފާކުރަން. ސަރުކާރުން ކުރި ކޮންމެ އިލްތިމާސަކަށް، ކުރިންވެސް ދެންނެވި ފަދައިން، ރައްޔިތުން ދެއްވާފައިވަނީ ވަރަށް ފުރިހަމަ އިޖާބައެއް. އަދި އޭގެއިތުރުން، މިހާރު މުޅި ދުނިޔޭގެ ލޯތައް ރާއްޖެއާ ދިމާއަށް ހުއްޓިފައިވާތީ، އަޅުގަނޑުމެންގެ މަސައްކަތް އިތުރަށް ހަރުދަނާކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީވެސް، އެމީހެއްގެ ދާއިރާގެ ތިމާވެށީގެ ޙާލަތު ރަނގަޅަށް ދަންނަ، ތިމާވެށްޓަށް ޙުރްމަތްތެރިކޮށްހިތާ، އަދި ތިމާވެށްޓަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރާ މީހަކު ކަމުގައި ވާންއެބަޖެހޭ. އަޅުގަނޑުމެން އެންމެން މި މަސައްކަތް ކޮށްފީވިއްޔާ، އޭގެ ނަތީޖާ ވަރަށް ރަނގަޅުވާނެ. އެންމެންގެ މަސައްކަތުގެ ނަތީޖާ ޝައްކެއްނެތް، ޤައުމީ ފެންވަރެއްގައި ފެނިގެންދާނެ.
އާދެ! ބައިނަލްއަޤްވާމީ ދާއިރާގައި ތިމާވެށީގެ ރޮނގުން ރާއްޖެއަށް މި ހާސިލުކުރެވުނު ކާމިޔާބީގެ ވާހަކަ ދައްކާއިރު، ހަމަ އެ ދާއިރާގައި ރާއްޖެއަށް ކުރެވުނު އެހެން ކާމިޔާބީއެއްގެ ވާހަކަވެސް، މިފަދަ މުނާސަބަތެއްގައި ދަންނަވާލުމަކީ ނެތްކަމެއްނޫންކަންނޭނގެ. އާދެ! އަޅުގަނޑު ދަންނަވާލަން މިއުޅެނީ ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން އ.ދ. މަޖިލީހުގައި ރާއްޖެއިން ކުރި މަސައްކަތް. އަދި އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އ.ދ. މަޖިލީހުން ތިން ޤަރާރެއް ފާސްކޮށްފައިވާކަން.
1989 ވަނަ އަހަރު އ.ދ. މަޖިލީހުން ފާސްކުރި ޤަރާރު ނަންބަރު 44/51 އެއީ، ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ޤަރާރެއް، ރާއްޖެއިން ހުށަހަޅައިގެން މަޖިލީހުގެ އިއްތިފާޤުން ފާސްވި ޤަރާރެއް. 1991 ވަނަ އަހަރު އ.ދ. އިން ފާސްކުރި ހަމަ އެފަދަ އަނެއް ޤަރާރު. އެއީ، ޤަރާރު ނަންބަރު 46/43. އެ ޤަރާރުވެސް ފާސްވީ މަޖިލީހުގެ އިއްތިފާޤުން. އަދި 1994 ވަނަ އަހަރު އ.ދ. އިން ފާސްކުރި އެފަދަ އަނެއް ޤަރާރަކީ، ޤަރާރު ނަންބަރު 49/31. މި ޤަރާރުވެސް ފާސްވީ މަޖިލީހުގެ އިއްތިފާޤުން.
އެހެންވީމާ، ރާއްޖެފަދަ ކުޑަ ޤައުމަކުން އިސްނަގައިގެން މިކުރާ މަސައްކަތްތަކުގެ ނަތީޖާ ހެޔޮގޮތުގައި ބައިނަލްއަޤްވާމީ ދާއިރާގައި ފެންނަމުންދާކަން އެއީ، އަޅުގަނޑުމެން މިފަދަ މުނާސަބަތެއްގައި ހަނދާންކޮށްލުން އެކަށީގެންވާ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އަދި ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްސަލަ މިހިސާބުން ނިމުނީކީނޫން. މިހާރު އ.ދ.ގެ މަސައްކަތްތައް އަލުން ރާވާ ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރޭގައި، މި މައްސަލައަށް މިހާރުވަނީ ޚާއްޞަ ސަމާލުކަމެއް ދިނުމަށް ނިންމާފައި.
ދެން އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ދެންނެވި ތިން ވާހަކައިގެ ތެރެއިން ދެވަނަ ވާހަކައާ ބެހޭގޮތުން. ދެވަނަ ވާހަކައަކީވެސް ވަރަށްބޮޑު ވާހަކައެއް. އެވާހަކައަކީ، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުން އިތުރުވަމުންދާ ވާހަކަ. މި މައްސަލައަކީ އަޅުގަނޑުމެން މިހާރު ވަރަށް ފިކުރުކުރަން ޖެހިފައި އޮތް މައްސަލައެއް. ވަރަށް ކަންބޮޑުވާންޖެހޭ ހިސާބުގައި އޮތް މައްސަލައެއް. އެ މައްސަލައަށް އެކަށީގެންވާ ރަނގަޅު ޙައްލެއް ނުފެނިއްޖެނަމަ، މުޅި ރާއްޖެ ހަލާކުގެތެރެއަށް ހިނގައިދާނެ މައްސަލައެއް.
މަސްތުވާތަކެތީގެ މައްސަލަތައް، ފަހަކަށްއައިސް އިތުރުވަމުން ގޮސްފައިވަނީ ވަރަށް މަތީ ދަރަޖައަކަށް. ބައެއް އަދަދުތައް ދަންނަވާލާނަން. އަޅުގަނޑަށް އެނގޭ، ގިނަ އަދަދު ކިޔުމަކީ، ގިނަ ބޭފުޅުން މާ ޝައުޤުވެރިވެވަޑައިގަންނަވާނެ ކަމެއްނޫންކަން. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ، މިކަހަލަ މައްސަލައެއްގައި އަދަދުތައް ދަންނަވާލީމާ، ވަމުން މިދާގޮތް އިތުރަށް އޮޅުންފިލާވަޑައިގަންނަވާނެހެން.
މަސްތުވާތަކެތީގެ މައްސަލައިގައި، ހައްޔަރުކުރެވުނު މީހުންގެ އަދަދުތަކަށް ބަލައިލާއިރު، 1977 ވަނަ އަހަރު، އާދެ! މީގެ 20 އަހަރުކުރިން އެކަހަލަ މައްސަލަތަކުގައި ހައްޔަރުކުރެވިފައި ތިބީ 3 މީހުން. އޭގެ 3 އަހަރު ފަހުން 1980 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި 44 މީހުން ހައްޔަރުކުރެވުނު. ދެން މައްސަލައަށް ކޮންމެވެސްވަރެއްގެ ހުއްޓުމެއް ނުވަތަ ހަމަޖެހުމެއް ލިބެމުންދިޔަ. އެއީ، 1983 ވަނަ އަހަރު ހައްޔަރުކުރެވުނީ 18 މީހުން. 1986 ވަނަ އަހަރު 5 މީހުން. 1992 ވަނަ އަހަރު 22 މީހުން. 1993ން ފެށިގެން މިހާރު މިދަނީ ވަރަށްބޮޑަށް މައްޗަށް. 1993 ވަނަ އަހަރު ހައްޔަރުކުރެވުނު މީހުންގެ އަދަދަކީ 162. 1994 ވަނަ އަހަރު 141. 1995 ވަނަ އަހަރު 209. 1996 ވަނަ އަހަރު 241. މި ދެންނެވުނީ އަލަށް މި މައްސަލައިގައި ހައްޔަރުކުރެވޭ މީހުންގެ އަދަދު. 1997 ވަނަ އަހަރު، އާދެ! މިއަހަރުގެ މިހާތަނަށް 159 މީހުން. މި ނިސްބަތުން ދާކަމަށްވަންޏާ މިއަހަރު ނިމޭއިރު 300 މީހުންނަށްވުރެ މައްޗަށްދާނެ. ރާއްޖޭގެ ކުޑަކުޑަ އާބާދީގެ ނިސްބަތުގައި މިދެންނެވުނީ ވަރަށްބޮޑެތި އަދަދުތަކެއް.
މިމައްސަލައިގައި ހައްޔަރުކުރެވޭ މީހުންގެ ޢުމުރަށް ބަލައިލާއިރު، އެންމެގިނައީ ޒުވާނުން. 16 އަހަރާއި 25 އަހަރާ ދޭތެރޭގެ މީހުން. މި ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި، 16 އަހަރާއި 25 އަހަރާ ދޭތެރޭގެ މީހުންގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި، 747 މީހުން ހައްޔަރުކުރެވިފައިވޭ. އެއީ، ހައްޔަރުކުރެވުނު މީހުންގެ މުޅި އަދަދުގެ ގާތްގަނޑަކަށް ސަތޭކައަކުން 59. ދެން އެންމެ ގިނައިން ހައްޔަރުކުރެވިފައިވަނީ، 25 އަހަރާއި 40 އަހަރާ ދެމެދުގެ މީހުން. އެ ޢުމުރުފުރާގެ 399 މީހުން ވަނީ ހައްޔަރުކުރެވިފައި. އެއީ، މުޅި އަދަދުގެ ގާތްގަނޑަކަށް %31.5.
އެހެންވީމާ، މިއީ އަޅުގަނޑު ހިތުން މުޅި ޤައުމު އެކަމަށްޓަކައި ވަރަށްބޮޑު ސަމާލުކަމެއް ދޭންވެއްޖެ ކަމެއް. މިކަމަކީ ހަމައެކަނި ސަރުކާރުން ޙައްލުކުރެވޭނެ ކަމެއް ނޫން. ޤައުމީ ކޮންމެ މައްސަލައަކީ، އެ މައްސަލައިގައި ޤައުމުގެ ހުރިހާ އަފްރާދުން ބައިވެރިވާންޖެހޭނެ މައްސަލައެއް. ކޮންމެ ފަރުދެއްގެ މަސްއޫލިއްޔަތެއް ހިމެނިގެންވާ، ކޮންމެ ފަރުދަކު އަދާކުރަންޖެހޭ ވާޖިބުތަކެއްވާ މައްސަލައެއް.
މިހާތަނާ ޖެހެންދެން ސަރުކާރުން ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ވާހަކަވެސް ދަންނަވާލާނަން. އެއީ، 1970ގެ އަހަރުތަކުގެ ތެރޭގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނެއް ވަނީ ރާއްޖޭގައި ފުރަތަމަފަހަރަށް ފާސްކޮށްފައި. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މައްސަލަތައް ބަލައި، އެޤާނޫނުގެ ދަށުން ތަޙުޤީޤުކޮށް، ޝަރީޢަތަށް ފޮނުވައި، އަދަބު ދިނުމުގެ ކަންތައް ދަނީ ހިނގަމުން. އެޤާނޫނަކީ މިހާރާ އެކަށީގެންނުވާ ޤާނޫނެއް ކަމަށް ފެންނާތީ، އެ ޤާނޫނަށް ވަނީ 1995 ވަނަ އަހަރު، އާދެ! މީގެ ދެ އަހަރު ކުރިން އިޞްލާޙުތަކެއް ގެނެވިފައި. މި ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި ހިމެނޭ ފުރަތަމަ ކަމަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ ފުރުޞަތު ހޯދައިދިނުން. އެމީހުންނަށް ފަރުވާދީގެން، މަސްތުވާތަކެތީގެ ވަބާއިން އެމީހުން ސަލާމަތްކޮށްދީ، އަދި އެމީހުންގެ ފައިދާ މުޖުތަމަޢަށް ލިބޭގޮތަށް ފުރުޞަތު ހޯދައިދިނުމަށްޓަކައި ޤާނޫނުގައި ހިމެނިފައިވާ ބައި. އަނެއްބަޔަކީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން، ނުވަތަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް، އޭގެ ވިޔަފާރިކުރާ މީހުންގެ އަދަބު ބޮޑުކުރުން.
އާދެ! އެނގިވަޑައިގަންނަވާނެ، މީގައި މިއުޅޭ ދެފަރާތަކީ އެއީ. އެއްބަޔަކީ ފައިސާގެ ދަހިވެތިކަމުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން. އެމީހުންނަކީ މިކަމުގެތެރޭގައި ހިމެނޭ އެންމެ ވަރުގަދަ މުޖުރިމުން. އެ މީހުން އެއުޅެނީ ފައިސާގެ ދަހިވެތިކަމުގައި ޤައުމު ހަލާކުކޮށްލަން. އެހެންވީމާ، އެމީހުންނަށް ދޭންޖެހޭ އަދަބަކީ، ބޮޑު އަދަބަކަށް ވާންޖެހޭނެ. އާދެ! ކުރީގެ ޤާނޫނުގައި ނުވާކަހަލަ ބޮޑެތި އަދަބު، ފަހުން ފާސްވި ޤާނޫނުގައި އޮންނާނެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް، އެކަމުގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންގެ އަދަބަކަށް މިހާރު މިއޮތީ ޢުމުރަށް ޖަލަށްލުން.
ޝައްކެއްނެތް. މަސްތުވާތަކެތި ބޭނުންކުރުމަކީ ބޮޑުކުށެއް. އެހެންނަމަވެސް، އެމީހުންނަށް އެކަން ކުރަން މަގުފަހިކޮށްދިން ބައެއް އެބަތިބި. އެއްގޮތަކުން ބަލަންޏާ، މި މީހުން ބެލިދާނެ، އެމީހުންގެ ދަލުގައިޖެހުނު މީހުންކަމަށް. އެހެންވީމާ، އެފަދަ މީހުން ސަލާމަތްކުރުމަކީ ވަރަށް މުހިންމު ކަމެއް. ޚާއްޞަކޮށް، މަސްތުވާތަކެތީގެ ދަލުގައިޖެހޭ ގިނަ މީހުންނަކީ، ޒުވާނުން ކަމަށްވާއިރު، އެ ޒުވާނުންގެ އުފެއްދުންތެރިކަމާއި، ޤައުމު ބިނާކުރުމުގައި އެމީހުން ޙިއްޞާކުރަންޖެހޭ ޙިއްޞާ، ޤައުމަށް ލިބިދިނުމަށްޓަކައި އެމީހުން އަނބުރާ މުޖުތަމަޢަށް ގެންނަން އެބަޖެހޭ. އެހެންވީމާ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީގެން، އެމީހުންނަށް ޖެހިފައިވާ ބަލި ފަސޭހަކޮށްދިނުމަށްފަހުގައި އަނބުރާ މުޖުތަމަޢަށް ގެނައުމުގެ ވަސީލަތް، މިދެންނެވި ޤާނޫނުގައި ހިމެނިފައިވަނީ.
މިހާރު އެ މަސައްކަތް ސަރުކާރުންވަނީ ފަށާފައި. ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ. އެންމެ ފުރަތަމަ އެތަނަށް މީހަކު ގެންދެވުނީ، މި ވޭތުވެދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހު. މިހާރު އެތާނގައި 5 މީހަކަށް ފަރުވާދެމުން އެބަގެންދެވޭ. އަދި އެގޮތަށް ޝަރީޢަތުން ޙުކުމްކުރައްވާފައި ތިބި މީހުންގެ އަދަދަކީ މިހާރު 7. އެހެންވީމާ، އިރާދަކުރެއްވީތީ މިމަސައްކަތް މިހާރު މިއޮތީ ފެށިފައި. އެހެންނަމަވެސް، މިމަސައްކަތަކީ ވަރަށްބުރަ އަދި އެކަމަށް ތައްޔާރުތަކެއް ވާންޖެހޭނެ މަސައްކަތެއް ކަމަށްވާތީ، މިވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި އެހާ އަވަހަށް އެކަން ކުރިޔަށް ގެންދެވިފައިނެތީ. ނަމަވެސް، އަދި ސަރުކާރުން ޤަޞްދުކުރަނީ މިހާރުން ފެށިގެން ކުރިޔަށްއޮތްތާނގައި މިކަން ވަރަށް ހަލުވިކޮށް ކުރިޔަށް ގެންދަން.
އާދެ! ކުރިންވެސް ދެންނެވިފަދައިން، މަސްތުވާތަކެތީގެ ކުށުގައި ހިމެނޭ އެންމެބޮޑެތި މުޖުރިމުންނަކީ، އޭގެ ވިޔަފާރިކުރާ މީހުން. އެމީހުންނަށް ހަރުކަށި އަދަބުދޭގޮތަށްވަނީ ހަމަޖެހިފައި.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މާފުދިނުމުގައި ސަރުކާރުން ގެންގުޅޭ އުޞޫލުވެސް ދަންނަވާލުމަކީ ބޭނުންކަމެއް ކަމަށް އަޅުގަނޑު ދެކެން. އޭގެތެރެއިން އެންމެ މުހިންމު އެއް އުޞޫލަކީ، މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އެއްވެސް ލުޔެއް ނުދިނުން. މިހާތަނަށް ސަރުކާރުން ޢަމަލުކޮށްފައިވަނީވެސް އެހެން. މުސްތަޤްބަލުގައި ޢަމަލުކުރަން ޤަޞްދުކުރަނީވެސް އެހެން. ދެވަނަ ކަމަކީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ ތެރެއިން، އެ ކުށްކުރުމުގެ ސަބަބުން ބޮޑު އަދަބެއް ނުވަތަ ބޮޑު ޙުކުމެއް އައިކަމުގައިވިޔަސް، އެއަދަބުގެ ތެރެއިން ނުވަތަ އެޙުކުމުގެ ތެރެއިން ވަކި މުއްދަތެއް ހޭދަކޮށް، އަދި އެމުއްދަތުގެ ތެރޭގައި އެމީހުންނަކީ ރަނގަޅަށް އުޅޭ ބަޔަކުކަމުގައި ވެފައި، އިޞްލާޙުވާން އެދޭކަމުގެ ދަލީލުތައް، އެމީހުންގެ ބަހާއި ޢަމަލުން ފެންނަކަމަށްވަނީވިއްޔާ، އެމީހުންނަށް ލުއިދިނުން. ލުއިދީފައި އަނބުރާ މުޖުތަމަޢަށް އައުމުގެ ފުރުޞަތު އެމީހުންނަށް ލިބިދިނުން.
މަސްތުވާތަކެތީގެ ކުށްވެރިންނަށް ކަނޑައެޅިފައިވާ އަދަބާ ބެހޭގޮތުން ސަރުކާރުން ޢަމަލުކުރަމުންދާ އުޞޫލަކީ މިދެންނެވީ. މިވާހަކަ މިދެންނެވީ، ބައެއް ފަރާތްތަކަށް ކޮންމެވެސްވަރަކަށް މިކަން އޮޅިފައި އޮންނާތީ. ބައެއް މީހުން ބުނޭ. ކިހިނެއްހޭ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރާނީ؟ ބޭނުންކުރާ މީހުން އެއްއަހަރު، ދެއަހަރު ފަހުން ސަރުކާރުން އެބަ ދޫކޮށްލައޭ. އެކަމަކު މިދޫކުރަނީ، މިދެންނެވިކަހަލަ މީހުން. އެމީހުންނަށް ދެވަނަ ފުރުޞަތެއް ލިބިދޭން ބޭނުންވާ މީހުން. އެމީހުންނަކީ، އެމީހުންގެ ސަބަބުން މުޖުތަމަޢަށް ފައިދާތަކެއް ކޮށްފާނެ މީހުން. އެއްވެސް ހާލެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަކަށް، ސަރުކާރުން ލުޔެއް ދީފައި ނޯންނާނެ. އަދި ކުރިން ދެންނެވިފަދައިން، ލުޔެއްދޭކަށް ޤަޞްދެއްވެސް ނުކުރަން.
އާދެ! ތިޔަބޭފުޅުންވެސް ޚަބަރުން އައްސަވާނެކަންނޭނގެ. މި މައްސަލަ މިހާބޮޑުވަމުން ގޮސްފައި އޮތީމާ، ވަޒީރުންގެ މަޖިލީހުގައި މިކަމާ ބެހޭގޮތުން ވަރަށް ތަފުޞީލުކޮށް މިހާރުވަނީ ވާހަކަފުޅު ދައްކަވާފައި. ވާހަކަފުޅު ދައްކަވާފައި، ވަޒީރުންގެ މަޖިލީހުން ނިންމެވީ، މަސްތުވާތަކެތި ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމާ ބެހޭގޮތުން ސަރުކާރުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކޮށް، އެ ފިޔަވަޅުތައް ދެނެގަތުމަށްޓަކައި ވަޒީރުންގެ ކޮމިޓީއެއް ހޮއްވަވަން. މިހާރުވަނީ އެކޮމިޓީ ހޮއްވަވާފައި. އެކޮމިޓީން މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުން. އެއީ މިކަމާ ބެހޭގޮތުން ސަރުކާރުން ގެންގުޅޭނެ ސިޔާސަތަކާއި، އަދި އެ ޚާއްޞަ ސިޔާސަތުގެ ދަށުން ޢަމަލުކުރާނެ އުޞޫލުތަކެއް ނިންމެވުމަށް. އެކޮމިޓީން ނިންމަވާފައި، ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނީމާ، ވަޒީރުންގެ މަޖިލީހުން އެސިޔާސަތާއި އުޞޫލުތައް ފާސްކޮށްފައި، އެއާ އެއްގޮތަށް ޢަމަލުކުރަމުން ގެންދިޔުމަށްވަނީ ޤަޞްދުކޮށްފައި.
ކުރިންވެސް ދެންނެވިފަދައިން، އެންމެންގެ އެއްބާރުލުން މިކަމުގައި ބޭނުން. މައިންބަފައިންގެ އެއްބާރުލުން ބޭނުން. ބެލެނިވެރިންގެ އެއްބާރުލުން ބޭނުން. ޓީޗަރުންގެ އެއްބާރުލުން ބޭނުން. މުޖުތަމަޢުގެ އެހެން ހުރިހާ އަފްރާދުންގެ އެއްބާރުލުން ބޭނުން. ޒުވާނުންގެ އެއްބާރުލުން، ކުޑަކުދިންގެ އެއްބާރުލުން، އަމިއްލަ ޖަމާޢަތްތަކުގެ އެއްބާރުލުން ބޭނުން. އަޅުގަނޑުމެންނަށް މިހާރު މި ކުރިމަތިވެފައިވާ ނުރައްކާތެރި މައްސަލައިން އަޅުގަނޑުމެންނަށް ސަލާމަތްވެވޭނީ، މި ހުރިހާ ފަރާތެއް އެއްބާރުލައިގެން.
އާދެ! އެއްބާރުލުމުގެ ތެރޭގައި، ކަމާބެހޭ ޤާނޫނީ ފިޔަވަޅު އެޅުން ހިމެނޭ. މަސްތުވާތަކެތީގެ ކުށެއްކުރާކަން އެއްވެސް ދިވެއްސަކަށް އެނގިއްޖެނަމަ، ވަގުތުން އަންގަންޖެހޭ ފަރާތަށް އެމީހަކު އެކަމެއް އަންގަންޖެހޭނެ. އެއީ، ކޮންމެ ދިވެއްސެއްގެވެސް ޤާނޫނީ މަސްއޫލިއްޔަތެއް. އެ މަސްއޫލިއްޔަތު އަޅުގަނޑުމެން އަދާކުރަންޖެހޭނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެތެރެއިން ބައެއް މީހުންނަށް ހީވަނީ ނުވަތަ ވާގޮތަކީ، އެކަހަލަ ކަމެއް އެނގުނަސް، އަންގަންޖެހޭ ފަރާތަށް އަންގަން ޖެހިލުންވަނީ. އެއީ، އެ އެންގުމުގެ ސަބަބުން ކޮންމެވެސް ބަޔަކަށް އަދަބެއް ލިބިދާނެތީ. އެކަމަކު އެއެއްނޫން، ކަންކުރަންވީ ގޮތަކީ. ކުށްކުރުން ހުއްޓުވޭނީ، ކުށްކުރާ މީހުންނާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅިގެން. ފިޔަވަޅު އެޅޭނީ، އެކަން އެނގޭ މީހުން އަންގަންޖެހޭ ފަރާތަށް އަންގައިގެން. އަދި ހެކި ދޭންޖެހިއްޖެ ހިނދެއްގައި، ހެކިވެސް ދީގެން. މިއީ، ހަމައެކަނި އަޅުގަނޑުމެންގެ މަދަނީ ޤާނޫނުތަކުގައި އޮންނަ ގޮތެއް ނޫން. މިއީ، ދީނުގައިވެސް އޮންނަ ގޮތް. އިސްލާމީ ޝަރީޢަތުގައިވެސް އޮންނަ ގޮތް. މީހަކު ކުށެއް ކޮށްފިކަން އެނގިއްޖިއްޔާ، އެކަމެއް ވާނެ އަންގަން. އަދި އެމީހެއްގެ ހެކިބަހަށް ބޭނުންވެއްޖެ ހިނދެއްގައި، ކޮންމެ ނަތީޖާއެއް ނުކުތްކަމުގައިވިޔަސް، ތެދުވެރިކަމާއެކީގައި އަމާނާތްތެރިކަމާއެކީގައި، އެ ހެކިބަސް އަދާކުރަންޖެހޭނެ. އޭރުން ކުށްކުރުން މަދުކުރެވޭނީ. ޢަދުލު އިންޞާފު ޤާއިމުކުރެވޭނީ.
މައިންބަފައިންގެ އެއްބާރުލުން ވަރަށްބޮޑަށް ބޭނުންވާ ސަބަބަކީ، ދަރިން އުޅޭގޮތް ބެއްލެވުމަކީ މައިންބަފައިންގެ ވާޖިބަކަށްވާތީ. ކުދިން އުޅޭނެގޮތަކަށް އުޅެން ދޫކޮށްލުން އެއީ، މިނިވަންކަމުގެ ނަމުގައިވެސް، ކުރިއެރުމުގެ ނަމުގައިވެސް، މައިންބަފައިން ކުރައްވައިގެންވާނެ ކަމެއްނޫން. ދަރިން އުޅޭގޮތް ބައްލަވަންވާނެ. އުޅެނީ ކޮންބަޔަކާ އެކީގައިތޯ ބައްލަވަންވާނެ. ކޮޓަރި ލައްޕައިގެން ތަޅުލައިގެން އުޅެންޏާ، އެ ކުރަނީ ކީއްތޯވެސް ބައްލަވަންވާނެ. އެއީކީ އެމީހުންގެ އަމިއްލަ ޙަޔާތާ ބެހެވެނީކީނޫން. އަދި ބޭރަށްގޮސް މާގިނައިރުވަންޏާ، ދަންވަރު ގެޔަށްނައިސް ލަސްވަންޏާ އެއީ، ކީއްވެގެންތޯވެސް ބައްލަވަންވާނެ.
ހިތާމައާއެކު އަޅުގަނޑަށް ދަންނަވަންޖެހެނީ، ގިނަ މައިންބަފައިންނަށް މި ދެންނެވި ވާޖިބު، މިދެންނެވި މަސްއޫލިއްޔަތު އެގޮތަށް އަދާނުކުރެއްވޭތީއޭ، މިހިސާބަށް ދާން މިޖެހުނީ. ކުދިން އުޅޭނެގޮތަކަށް އުޅެން ދޫކޮށްލައްވާފައި ތިބެނީ. ކޮންމެތާކަށް ދިޔަޔަސް އަޅުއްވައެއްނުލައްވާ. ކޮންމެގޮތަކަށް އުޅުނަސް، އުޅެނީ ކޮންގޮތަކަށްތޯ ބައްލަވައެއްނުލައްވާ. އިރުޝާދެއް ނުދެއްވާ. ނަސޭހަތެއް ނުދެއްވާ. އެއީ ކީއްވެތޯ؟ އެއީ، ކުދިން ނަފްރަތުވެދާނެތީ. އެކުދިން އެކަމާ ނުޤަބޫލުވެދާނެތީ. އަޅުގަނޑު ހިތުން އެއީ ވަރަށް މޮޔަ ކަމެއް.
މައިންބަފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރައްވަންޖެހޭނެ. މައިންބަފައިންގެ ޝަޚްޞިއްޔަތު ދަރިން ކުރިމަތީގައި ސާބިތުކުރައްވަންޖެހޭނެ. އެއީ، މުޖުތަމަޢު މައިންބަފައިންނާ ޙަވާލުކޮށްފައި އޮތް މަސްއޫލިއްޔަތެއް. އަދި އޭގެއިތުރުން، ދީން އަޅުގަނޑުމެންނާ ޙަވާލުކޮށްފައި އޮތް މަސްއޫލިއްޔަތެއް. އެހެންވީމާ، އަޅުގަނޑު އެދެނީ، ދިވެހި ހުރިހާ މައިންބަފައިންވެސް، ބެލެނިވެރިންވެސް އެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް. އަދި ތަރުބިޔަތުގެ މައިދާނުގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކާއި، ސްކޫލްތަކުގެ އިދާރާއިންނާއި، މުދައްރިސުންނާއި، އިރުޝާދު ދެއްވާ ބޭފުޅުންނާއި، މުޖުތަމަޢުގައި ހިމެނޭ އެހެން އަފުރާދުންނާއި، އަމިއްލަ ޖަމާޢަތްތަކާ، މިހުރިހާ ފަރާތަކުންވެސް ވާނެ މިކަމާ ދޭތެރޭގައި ފިޔަވަޅުއަޅަން. އެބައެއްގެ މަސްއޫލިއްޔަތު އަދާކުރަން.
މައިންބަފައިންގެ ލޯބި ދަރިންނަށް ލިބުމަކީ ވަރަށް މުހިންމު ކަމެއް. މައިންބަފައިން ދަރިންދެކެ ލޯބިވާކަން ދަރިންނަށް އެނގެންޖެހޭނެ. އެއީ، މައިންބަފައިންގެ ލޯތްބަކީ، ދަރިން ތަރުބިޔަތު ކުރުމުގައި ވަރަށް މުހިންމު ބައެއް އަދާކުރާ ބައެއް ކަމަށްވާތީ. އެކަމަކު މައިންބަފައިން ދަރިންދެކެ ލޯބިވާންޖެހޭނީ، އެކަމުގެ ފައިދާ ދަރިންނަށް ލިބޭގޮތަށް. އެހެން ދަންނަވަން މިޖެހެނީ، ކުށެއްގެ އަދަބުގައި ކުއްޖަކު ހައްޔަރުވާއިރަށް، އާދޭސްކުރައްވައިގެން އެކުއްޖާ ސަލާމަތްކުރެއްވުމަށް މަސައްކަތްކުރެއްވުމަކީ، ދަރިންދެކެ ލޯބިވާ ލޯބިވުމެއްކަމުގައި ބައެއް މައިންބަފައިންނަށް ހީވާތީ. ޙަޤީޤަތުގައި އެއީ ކުދިން އިޞްލާޙުވުމަށް މައިންބަފައިންނަށް އެޅުއްވޭ ހުރަހެއް. ކުށެއް ކޮށްފި ކުއްޖަކަށް އަދަބު ލިބެންޖެހޭނެ. އޭރުން އެކަމުން ޢިބްރަތެއް ޙާޞިލްވާނީ. އެހެންނަމަވެސް، ހަމަ ބަންދުވާއިރަށް، އަނެއްދުވަހު އާދޭހުގެ ސިޓީތައް ކަމާބެހޭ ފަރާތްތަކަށް ފޮނުއްވައި، ތަކުރާރުކޮށް އެ މަސައްކަތް އެގޮތަށް ކުރައްވައިގެން، އެ ދަރިފުޅަށް ލިބެންޖެހޭ އަދަބު ލިބުމުގެ ކުރިން ސަލާމަތް ކުރައްވައިފިއްޔާ، އެ ދަރިފުޅާ ދޭތެރޭގައި އެ ޢަމަލުކުރެއްވެނީ، ވަރަށް ބޭއިންސާފު ގޮތަކަށް. ދަރިފުޅުގެ މަޞްލަޙަތަށްޓަކައި ޢަމަލުކުރެއްވުމުގެ ބަދަލުގައި، އެ ޢަމަލުކުރެއްވެނީ އެ ދަރިފުޅުގެ ހަލާކަށް. އެހެންވީމާ، ކުދިންދެކެ މައިންބަފައިންވާ ލޯބި ވާންޖެހޭނީ ޙަޤީޤަތުގައިވެސް އޭގެ ފައިދާ ކުދިންނަށް ޙާޞިލްވާގޮތަށް.
އާދެ! ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުގެ ވާހަކަ ތަންކޮޅެއް ދިގުވެދާނެހެން ހީވާ ވާހަކަ ދެންނެވިން. މިހާރުވެސް ދިގުވެއްޖެ. އެހެންނަމަވެސް، އަދިވެސް އެބައޮތް ތިންވަނަ ވާހަކައެއް. އެހެންވީމާ، ތިންވަނަ ވާހަކަވެސް ދަންނަވާލާފައި ނިންމާލަން އަޅުގަނޑު ޤަޞްދުކުރަނީ.
ތިންވަނަ ވާހަކައަކީ، މިދެންނެވި ދެވަނަ ވާހަކައާ ގުޅުންހުރި ވާހަކައެއް. އެއީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ވާހަކަ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، މުޅިދުނިޔެ ޤަބޫލުކުރާގޮތުގައި، އިންސާނުންގެ ޞިއްޙަތަށް ވަރަށްބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެއް. މުޅި ދުނިޔެ މިހާރު އެކަން ޤަބޫލުކުރޭ. އަދި އެކަން ދުންފަތުގެ ބާވަތްތައް އުފައްދާ ކުންފުނިތަކުންވެސް މިހާރު ޤަބޫލުކުރޭ.
ދުންފަތުގެ އިސްތިޢުމާލުކުރުމުން ޖެހޭ ނުރައްކާތެރި ބަލިބަލީގެ ތެރޭގައި، އަޅުގަނޑަށް ކަމާބެހޭ ފަރާތްތަކުން އެނގިފައިވާގޮތުގައި، ފުއްޕާމެއާއި ނޭވާހޮޅިއަށްޖެހޭ ކެންސަރު ހިމެނޭ. އަނގައިގެ ކެންސަރު ހިމެނޭ. ނޭވާލާ ނިޒާމަށްޖެހޭ ތަފާތު ބަލިތައް ހިމެނޭ. ލޭ ދައުރުކުރާ ނިޒާމާއި، ހިތަށްޖެހޭ ބަލިތައް ހިމެނޭ. ހާޓްއެޓޭކް ހިމެނޭ. ވާގިނެތޭބަލި ނުވަތަ ސްޓްރޯކް ހިމެނޭ. މައިދާއާއި ގޮހޮރުގައި ފާރު އުފެދުން ހިމެނޭ. އަދި އެފާރު ފަސޭހަވުން ލަސްވުން ހިމެނޭ. މިކަހަލަ ވަރަށްގިނަ ބަލިތަކެއް ޖެހުމުގެ އެންމެބޮޑު ސަބަބެއް ކަމުގައި ޢިލްމީ ތަޙުލީލުތަކުން މިހާރު ސާބިތުވަނީ، ދުންފަތުގެ އިސްތިޢުމާލު ކުރުން. އެހެންވީމާ، އެއީ މިވަގުތު އިންސާނިއްޔަތަށް ކުރިމަތިވެފައި އޮތް ވަރަށްބޮޑު ނުރައްކަލެއް.
އެހެންނަމަވެސް، ދުނިޔޭގެ އެހެން ޤައުމުތަކުން، އެ ޤައުމުތަކުގައި ދުންފަތުގެ އިސްތިޢުމާލު ކުރާވަރު މަދުކުރުމަށްޓަކައި، ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް މިހާރު ދަނީ އަޅަމުން. އޭގެ ބައެއް ފިޔަވަޅުގެ ވާހަކަ އަޅުގަނޑު ދަންނަވާލާހިތްވޭ. މިސާލަކަށް، ދުނިޔޭގައި އޮތް އެންމެބޮޑު ޤައުމު. އެންމެބޮޑޭ މިދެންނެވީ އެންމެ ބާރުގަދަ، އެންމެ ނުފޫޒުގަދަ، އެންމެ މުއްސަނދި ޤައުމު. ކޮންމެހެން އެއީ، އެމެރިކާއޭ ނުދެންނެވިޔަސް އެނގިވަޑައިގަންނަވާނެ. ކުރިންވެސް ދެންނެވިފަދައިން، އެމެރިކާގައި ދުންފަތުގެ ބާވަތްތައް އުފައްދާ ކުންފުނިތަކުންވެސް މިގޮތް ޤަބޫލުކުރާތީ، އެމެރިކާ ސަރުކާރާ ދުންފަތުގެ ބާވަތްތައް އުފައްދާ ކުންފުނިތަކާ މިހާރު އެގްރީމެންޓެއް ކޮށްފި. އެއްބަސްވުމަކަށް އަތުވެއްޖެ. އެ އެއްބަސްވުމުގައިވާ ގޮތުން، ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމުގެ މަސައްކަތަށާއި، ބަލިޖެހޭ މީހުންނަށް އޭގެ އަގު ދިނުމަށްޓަކައި އެކުންފުނިތަކުން ވަރަށް ގިނަ އަދަދަކަށް ފައިސާ ޚަރަދުކުރަން ވަނީ އެއްބަސްވެފައި.
އޭގެތެރެއިން ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ޖެހޭ ބަލިތަކަށް ފަރުވާދިނުމަށް ސިނގިރޭޓް އުފައްދާ އެމެރިކާގެ ކުންފުނިތަކުން އެކަނި، ކުރިޔަށް އޮތް 25 އަހަރުގެ ތެރޭގައި ތިންސަތޭކަ ފަސްދޮޅަސް އަށްހާސް މިލިއަން ޑޮލަރު، ނުވަތަ ތިންސަތޭކަ ފަސްދޮޅަސް އަށްބިލިޔަން ޑޮލަރު ޚަރަދުކުރުމަށް މިހާރު ވަނީ ކުންފުނިތަކުން އެއްބަސްވެފައި. ދުންފަތުގެ އިސްތިޢުމާލުކުރުމުން ޖެހޭ ބަލިތަކަށް ފަރުވާކުރުމަށާއި، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް 2022 ވަނަ އަހަރާ ޖެހެންދެން، އަހަރަކު ފަނަރަހާސް މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ އަހަރަކު ފަނަރަ ބިލިޔަން ޑޮލަރު ދިނުމަށް ވަނީ އެއްބަސްވެފައި. ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން އެކިއެކި ބަލިޖެހިފައިވާ ނުވަތަ މަރުވެފައިވާ މީހުންގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅާ ކޮންމެ ފަރާތަކަށް، އެއްމިލިޔަން އެމެރިކާ ޑޮލަރަށްވުރެ ބޮޑުނޫން އަދަދެއް ދޭންވަނީ އެއްބަސްވެފައި. ބޭސްފަރުވާކުރުމުގެ ފީއަށް، މިއެއްބަސްވުމުގައި ބައިވެރިވި އެމެރިކާގެ 40 ސްޓޭޓަށް، ޖުމްލަ ފަސްހާސް މިލިޔަން ޑޮލަރު އަހަރަކު ދޭންވަނީ އެއްބަސްވެފައި. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ކުރާ މަސައްކަތަށާއި ދިރާސާތަކަށް، އަދި އިޝްތިހާރުކުރުން މަނާކުރުމުން ކުޅިވަރު ޙަރަކާތްތައް ހިންގާ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ފަނަރަހާސް މިލިޔަން ޑޮލަރު ދޭންވަނީ އެއްބަސްވެފައި.
އެނގިވަޑައިގަންނަވާނެ، ސިނގިރޭޓް އުފައްދާ ބައެއް ކުންފުނިތަކުން ކުޅިވަރު މުބާރާތްތައް ސްޕޮންސަރ ކުރޭ. އެމީހުންގެ ނަމުގައި ކުޅިވަރު މުބާރާތްތައް ކުޅެމުން ގެންދޭ. އެއީވެސް ސިނގިރޭޓް އިޝްތިހާރުކުރުމުގެ ބޭނުމުގައި ކުރަމުން ގެންދިޔަ ކަމެއް. ނަމަވެސް، މިހާރު މިކަން މިއަންނަނީ ހުއްޓުމަކަށް. އެހެންވީމާ، އެ ކުޅިވަރު ހިންގާ ފަރާތްތަކަށް އޭގެ ސަބަބުން ގެއްލުން އެބަ ލިބޭ. އެއީ ކުޅިވަރު ހިންގާ ފަރާތްތަކަށް، ކުންފުނިތަކުން އެތައް މިލިޔަން ޑޮލަރެއް ނުވަތަ ވަރަށްގިނަ އަދަދަކަށް ފައިސާ ދީގެން މުބާރާތްތައް މި ހިންގަނީ. އެހެންވީމާ، އޭގެ ބަދަލުދިނުމުގެ ގޮތުން، ކޮންމެ އަހަރަކު ފަނަރަހާސް މިލިޔަން ޑޮލަރު ކުންފުނިތަކުން ދޭން މިހާރު ވަނީ އެއްބަސްވެފައި. ދުންފަތުގެ އިސްތިޢުމާލުކުރުމުން މީހުން ދުރުހެލިކުރުވުމަށް ކުރެވޭ މަސައްކަތްތަކަށް ފަނަރަހާސް މިލިޔަން އެމެރިކާ ޑޮލަރު އަހަރަކު ޚަރަދުކުރުމަށްވަނީ އެއްބަސްވެފައި.
ޒުވާނުންގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް އެހީވާން ކުންފުނިތަކުން މިހާރު އެއްބަސްވެފައިވާކަން އެއީވެސް ވަރަށް މުހިންމު ޕޮއިންޓެއް. މިގޮތުން އަމާޒުތަކެއް ވަނީ ކަނޑައަޅާފައި. ފަސްއަހަރުގެ ތެރޭގައި ތިރީސް ޕަސެންޓް މަދުކުރަން. ހަތްއަހަރުގެ ތެރޭގައި ފަންސާސް ޕަސެންޓް މަދުކުރަން. ދިހަ އަހަރުގެތެރޭގައި ފަސްދޮޅަސް ޕަސެންޓް މަދުކުރަން. މިއަދަދުތަކަށް މަދުނުކުރެވިއްޖިއްޔާ ހަދަންޖެހޭ ގޮތްވެސް އެބައޮތް. އެއީ 2002 ވަނަ އަހަރުން ފެށިގެން މި އަމާޒުން މަދުވާ ކޮންމެ ޕޮއިންޓަކަށް އަށްޑިހަ މިލިޔަން ޑޮލަރުން ކުންފުނިތައް ޖޫރިމަނާކުރުން. މިހިރީ އެމެރިކާގައި އަޅާ ފިޔަވަޅުތައް.
ދެން އިނިގިރޭސިވިލާތަށް ބަލައިލާއިރު، އިނގިރޭސިވިލާތުގައި އާބާދީގައި ހިމެނޭ ބޮޑެތިމީހުންގެ ނިސްބަތުން، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އަދަދުވަނީ މިވޭތުވެދިޔަ 25 އަހަރުދުވަހުގެ ތެރޭގައި ވަރަށްބޮޑުތަން މަދުވެފައި. 1970 ވަނަ އަހަރު، ބޮޑެތިމީހުންގެ ތެރެއިން ދުންފަތުގެ އިސްތިޢުމާލުކުރާ ކަމަށް ވަނީ، ސަތޭކައަކުން ސާޅީސް ދެމީހުން. 1980 ވަނަ އަހަރު އެ އަދަދުވަނީ ސަތޭކައަކުން ތިރީސް އަށަކަށް ތިރިވެފައި. 1990 ވަނަ އަހަރު އެއަދަދު ވަނީ ސަތޭކައަކުން ތިރީހަށް ތިރިވެފައި. 1995 ވަނަ އަހަރު އެއަދަދުވަނީ ސަތޭކައަކުން ސައްބީހަށް ތިރިވެފައި. ގާތްގަނޑަކަށް ބޮޑެތިމީހުންގެ ހަތަރުބައިކުޅަ އެއްބައި މީހުން އިނގިރޭސިވިލާތުގައި މިހާރު ސިގިރޭޓް ބޮނީ. އެމެރިކާއާއި އިނގިރޭސިވިލާތުގައިވެސް ދުންފަތުގެ އިޝްތިހާރުކުރުން މުޅިން މަނާކުރުމަށް މިހާރުދަނީ ފިޔަވަޅުތައް އަޅަމުން.
ދެން އޮތީ އަޅުގަނޑުމެން ކަންބޮޑުވާންވީ މައްސަލަ. އެއީ، މިހާރު ހުޅަނގުގެ ޤައުމުތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަދުވުމުން، ކުންފުނިތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި އެމީހުން ހަދާގޮތަކީ، ހުރިހާ ސިނގިރޭޓެއް، ދުންފަތުގެ ހުރިހާ އެއްޗެއް، އޭޝިޔާގެ ޤައުމުތަކަށް ނުވަތަ ޔޫރަޕާއި އެމެރިކާ ނޫން އެހެން ޤައުމުތަކަށް އެކްސްޕޯޓް ކުރަނީ. އަދި އެތަންތާނގައި ކުރާ އިޝްތިހާރުތައް ވަރުގަދަކޮށްގެން، ވީހާ ގިނަބަޔަކު ލައްވާ ދުންފަތުގެ އިސްތިޢުމާލު ކުރުވަނީ. ފައިސާގެ ދަހިވެތިކަމުގައި، މުއްސަނދިކަމުގެ ދަހިވެތިކަމުގައި، ސިނގިރޭޓް އުފައްދާ ކުންފުނިތަކުން ޢަމަލުކުރާގޮތް އެއީ. އިންސާނީ ޙައްޤުތަކާބެހޭ މިކަހަލަ ވާހަކަ ދެއްކޭ ޒަމާނެއްގައި ހިތަށް ގެންނަންވެސް ދަތިކަމެއް. އެއްބައިމީހުން އެކަމުން ސަލާމަތްވެ ތިބެ، އަނެއްބައިމީހުން ދަލުގައިޖައްސާކަން. އެހެން ބައެއްގެ ޞިއްޙަތަށް ގެއްލުމެއް ލިބުނަސް، އެހެންބަޔަކު މަރުވެދިޔަޔަސް ވަރިހަމަކަމުގެ އުޞޫލަކުން ޢަމަލުކުރާކަން. ކާކުތޯ މިކަން ޤަބޫލުކުރާނީ. އެކަމަކު އެގޮތަށް ޢަމަލުކުރަމުން ދަނީ. އޭގެ އެންމެ އަދަދެއް ދަންނަވާލާނަން. އޭޝިޔާއާއި އޭޝިޔާ ނޫން ދެންހުރި ދުނިޔޭގެ ހުރިހާ ސަރަޙައްދުތަކާ އަޅާބަލާއިރު، ދުނިޔޭގެ އެހެން ހުރިހާ ސަރަޙައްދުތަކުގައި ބޭނުންކުރާ ސިނގިރޭޓަށްވުރެ، އޭޝިޔާގައި އެކަނި ބޭނުންކުރާ ސިނގިރޭޓުގެ އަދަދު ގިނަ.
އަޅުގަނޑުމެންގެ ރާއްޖެ މިއޮންނަނީ އޭޝިޔާގައި. އެހެންވީމާ މިހާރު ދުންފަތުގެ ބާވަތްތައް އުފައްދާ ކުންފުނިތަކުގެ ސަމާލުކަން މިއޮތީ އަޅުގަނޑުމެންނަށް ކުރިމަތިކޮށްފައި. ރާއްޖެއަށާއި ރާއްޖެފަދަ އެހެން ޤައުމުތަކަށް. އަދި އޭޝިޔާގެ ގިނަ ޤައުމުތަކަކީ ވަރަށް މީސްގިނަ ޤައުމުތަކެއް. ޗައިނާ، އިންޑިޔާ، އިންޑޮނޭޝިޔާ، އަދި އެނޫންވެސް މީސްގިނަ އާބާދީ ބޮޑު ޤައުމުތަކަށް. އެތަންތާނގެ މީހުން ހަލާކުކުރުމަށް މަސައްކަތް މި ކުރަނީ. ހަލާކުކޮށްގެން އޭގެ ބަދަލު މިހޯދަނީ ފައިސާއިން. މިއީ އަޅުގަނޑުމެން ދަންނަންވެއްޖެ ޙަޤީޤަތެއް. ބަޔަކު މިކުރާ މަސައްކަތުން އަޅުގަނޑުމެންގެ މުޖުތަމަޢު ހަލާކުވަމުންދާތީ، އެކަމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަންވެއްޖެ.
ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރެވޭތޯ ސަރުކާރުން ވަރަށްގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުން. ޙަޤީޤަތުގައި މިފިޔަވަޅުތައް އަޅަންފެށީކީ މިހާރަކު ނޫން. ރާއްޖޭގެ ސަރުކާރުން ވަރަށް ކުރިއްސުރެ އަޅުއްވަން ފަށްޓަވައިފި. 1940ގެ އަހަރުތަކުގެ ތެރޭގައި އެބަހުރި، ބައެއް ޤާނޫނު ފާސްކުރައްވާފައި. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ނުވަތަ މަނާކުރެއްވުމަށް ނުވަތަ މަދުކުރެއްވުމަށް، މީގެ ފަންސާސް އެތައް އަހަރެއްގެ ކުރިން އެބަހުރި، ދިވެހި ސަރުކާރުން ޤާނޫނު ހައްދަވާފައި، ގަވާއިދު ހައްދަވާފައި. އެ މަސައްކަތަކީ، އާ މަސައްކަތެއް ނޫން. އެހެންނަމަވެސް، މެދުތެރޭގައި އެ މަސައްކަތްތައް ނުކުރެވި ދުވަސްތަކެއް ދިޔައިމާ، އަޅުގަނޑު ހިތުން މިހާ މަތީ ދަރަޖައަކަށް މިކަން މިދިޔައީ.
ސަރުކާރުން މިހާރު އަޅަމުންގެންދާ ފިޔަވަޅުތަކުގެތެރޭގައި، 16 އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މަނާކުރުން ހިމެނޭ. ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގައި އިޝްތިހާރުކުރުން މަނާކުރުން ހިމެނޭ. ސަރުކާރުގެ އޮފީސް އިމާރާތްތަކުގައާއި، ސްކޫލްތަކުގައާއި، ސަރުކާރުން ބާއްވާ ޕާޓީތަކާއި ޙަފްލާތަކުގައި، ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުން ހިމެނޭ. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލާފައިވާ ރަށްރަށަށް، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ތަށްޓާއި އިނާމުދިނުން ހިމެނޭ. ޚާއްޞަކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް. މިނޫންވެސް ވަރަށްގިނަ ފިޔަވަޅުތައް އެބައަޅާ. އެއީ އެންމެބޮޑު މަސައްކަތަކީ. މީހުންނަށް ކަމުގެ ނުރައްކާތެރިކަން އަންގައިދިނުން. ޓީވީ.އާއި ރޭޑިޔޯއާއި، ނޫސްތަކާއި އަދި އެނޫންވެސް ވަސީލަތްތައް މެދުވެރިކޮށް، ރާއްޖޭގެ ޢާންމުންނަށް، ދުންފަތުގެ އިސްތިޢުމާލުކުރުމުގައި ހުރި ނުރައްކާތެރިކަން ވިސްނައިދެވޭތޯ ސަރުކާރުން ވަރަށްބޮޑަށް އެބަ މަސައްކަތްކުރޭ.
މި އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަދުވަމުންދާ ކަމަށް، ކަމާބެހޭ ބައެއް ފަރާތްތަކުން ވިދާޅުވޭ. ވަރަށްބޮޑު ކަމެއް މިއީ. އެކަމަކު އަޅުގަނޑުމެން އުންމީދުކުރާވަރަކަށް މިކަން ކާމިޔާބުވަމުން ދާކަމަކަށް އަޅުގަނޑުގެ ހިތެއް ނުބުނޭ. އެއީ، ވަރަށްގިނަ އަދަދަކަށް ކުޑަކުދިން ސިނގިރޭޓް ބޮމުންދާތަން ފެންނާތީ. މާލޭގައި އެކަންޏެއްނޫން. ރާއްޖެތެރޭގައިވެސް ކުޑަކުދިން ސިނގިރޭޓް ބޮމުންދާތަން ފެނޭ. ކުޑަކުދިން ސިނގިރޭޓް ބޭނުންކުރާ ކަމަށްވަންޏާ، މީގެތެރެއަށް އިތުރަށް ބަޔަކު ވަންނަނީ. ފަހަރެއްގައި ހޭލުންތެރިކަން އިތުރުވުމުގެ ސަބަބުން، ބޮޑެތިމީހުންގެ ތެރެއިން ބަޔަކު ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަފާނެ. އެހެންނަމަވެސް، އެ ހުއްޓާލާވަރަށްވުރެ، އަލަށް ބޮޑެތިވަމުން އަންނަ ކުޑަކުދިން ބޭނުންކުރާލެއް ގިނަވަންޏާ، އޭގެތެރެއަށް ވަންނަ ކުދިންގެ އަދަދު ގިނަވަންޏާ، ނަތީޖާ ދައްކާނީ ގޯސްކޮށް. އެކަހަލަ ކަމެއް ވަމުންދާކަމަށް އަޅުގަނޑުގެ ހިތަށްވަދޭ. އެހެންވީމާ، މިއީވެސް އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެން ވިސްނަންވެއްޖެ ކަމެއް. ހަމައެކަނި ވިސްނަންވީކީ ނޫން. ފިޔަވަޅު އަޅަންވީ. އަޅުގަނޑުމެން އެންމެން ފިޔަވަޅު އަޅަންވީ ކަމެއް. މިދެންނެވީ ކޮންމެހެން އަދަބުދޭ ވާހަކައެއް ނޫން. ޤާނޫނެއް ހަދާ ވާހަކައެއް ނޫން. މިއީ އެހެންވާނެ ކަމެއްނޫން. ޖެހޭނީ ހޭލުންތެރިކަން އުފައްދައިގެން، އަޅުގަނޑުމެން އަމިއްލައަށް މިކަމުން ދުރުހެލިވާން.
ކުރިން ދެންނެވިފަދައިން، ދެން ދަންނަވާލަން ޖެހެނީ، 1940ގެ އަހަރުތަކުން ފެށިގެން ސަރުކާރުން މިކަން ހުއްޓުވުމަށް ނުވަތަ ކޮންޓްރޯލް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާފައިވާކަން. އެކަމަކު އޭރު ސަރުކާރުން ނުކުރައްވާ ކަމެއް މިހާރު ސަރުކާރުން އެބަކުރޭ. އެހެންވީމާ، މިއީ ކިހާދެކޮޅުޖެހޭ ކަމެއްތޯވެސް ބަލާލަން އެބަޖެހޭ.
އެއީ، މިހާރު ވަރަށްގިނަ ބަލިމީހުންނަށް ސަރުކާރުގެ ޚަރަދުގައި ބޭސްކޮށްދޭ. އަމިއްލަ ޚަރަދުގައި ބޭސްކުރުމުގެ ތަނަވަސްކަން ނެތް ވަރަށްގިނަ މީހުންނަށް، މާލޭގައިވެސް އަދި ރާއްޖެއިން ބޭރަށް ފޮނުވައިގެންވެސް ސަރުކާރުން ބޭސްކޮށްދޭ. މީގެތެރޭގައި، އެމީހުންނަށް ޖެހިފައިވާ ބަލީގެ އަޞްލަކީ ދުންފަތުގެ އިސްތިޢްމާލު ކުރުން ކަމުގައި ހިމެނޭ އެތައް ބަޔަކުވެސްވާނެ. އެހެންވީމާ، މިއީ ކިހާވަރެއްގެ ހަމަޖެހޭ ކަމެއްތޯ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި ސިނގިރޭޓް ބޮއިގެން، ދުންފަތުގެ އިސްތިޢުމާލުކޮށްގެން، އެކި ނުރައްކާތެރި ބަލިޖެހޭ މީހުންނަށް، ސަރުކާރުގެ ޚަރަދުގައި ބޭސްކޮށްދިނުމަކީ، އަޅުގަނޑު ހިތުން މާދެކޮޅުޖެހޭ ކަމެއްނޫން. އެހެންވީމާ، މިކަމާ ދޭތެރޭގައި ވިސްނަން ޤަޞްދުކުރާ ވާހަކަ ދަންނަވާލަން. މުސްތަޤްބަލުގައި އަޅުގަނޑަށް ހީވަނީ ހަދަންޖެހޭނެ ގޮތަކީ، އެކަހަލަ މީހުންނަށް ސަރުކާރުގެ ޚަރަދުގައި ބޭސްކޮށް ނުދިނުންހެން. ސަރުކާރުގެ ޚަރަދުގައި ބޭސްކުރަން އެދޭ މީހުންނަށް ޖެހިފައި ހުންނަ ބަލީގެ ބާވަތަށް ބަލާފައި، އަދި އެއީ ސިނގިރޭޓް ބޯ ނުވަތަ ދުންފަތުގެ އިސްތިޢުމާލުކުރާ ބައެއްތޯ ބަލާފައި، އެފަދަ ކަމެއްކުރާ ކަމަށްވަންޏާ، އެމީހުންނަށް ސަރުކާރުން އެހީވެދޭނެ ކަމެއްނެތް. އަޅުގަނޑަށް ހިތަށް ފެންނަގޮތް މިދެންނެވީ. އެހެންވީމާ، މިކަހަލަގޮތަކަށް ވިސްނާފައި، މުސްތަޤްބަލުގައި ޢަމަލުކުރަން ޖެހިދާނެ. އެއީ ކުރިންވެސް ދެންނެވި ފަދައިން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް މިހާބޮޑު މަސައްކަތެއް ކުރާއިރު، އެކަންކުރާ މީހުންނަށްޖެހޭ ބަލިން އެމީހުން ދިފާޢުކޮށްދޭން، އެމީހުން ސަލާމަތްކޮށްދޭން، ސަރުކާރުގެ ބަޖެޓުން ކޮންމެ އަހަރަކު އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކުރުމަކީ ދެކޮޅުޖެހޭ ކަމަކަށްނުވާތީ.
އާދެ، މިހާރު އަޅުގަނޑު ފެށިތާ ގަޑިއެއްގެއިރަށްވުރެ ގިނައިރުވެއްޖެހެން ހީވަނީ. އެހެންވީމާ، ދެން މިހިސާބުން ތިންވަނަ ވާހަކަވެސް ނިންމާލަން ކަމަށް އަޅުގަނޑު ޤަޞްދުކުރަނީ. އެކަމަކު ތިންވަނަ ވާހަކަ ނިންމާލަމުން، އަޅުގަނޑު އެދޭ އެދުމެއްގެ ވާހަކަ ދަންނަވާލާނަން. އެއީ، ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށް ނުވަތަ ކޮންޓްރޯލްކުރުމަށް ނުވަތަ ހުއްޓުވުމަށް ސަރުކާރުން އަޅަމުންމިދާ ފިޔަވަޅުތަކުން، އަދި އަޅުގަނޑުގެ ހިތް ގަބޫލުކުރާގޮތުގައި، އެންމެ އެދެވޭ ނަތީޖާ ނުފެންނާތީ، އެފަދަ ނަތީޖާއަކާ ހަމައަށް ވާސިލުވެވޭނީ، ކިހިނަކުން ޢަމަލުކޮށްގެންތޯ ރައްޔިތުން އަޅުގަނޑަށް ވިދާޅުވެދެއްވަންވީ. އަޅުގަނޑު އެދެނީ، ދިވެހި ރައްޔިތުން އަޅުގަނޑަށް ވިދާޅުވެދެއްވަން. ކިހިނެއްތޯ ދެން ހަދަންވީ. އިތުރަށް އަޅަންވީ ކޮންކަހަލަ ފިޔަވަޅުތަކެއްތޯ، ކިހިނެއް ހަދައިގެންތޯ، ރާއްޖޭގެ ރައްޔިތުން މި ނުރައްކާތެރި ވަބާއިން ސަލާމަތްކުރެވޭނީ.
އެހެންވީމާ، އަޅުގަނޑު އެދެނީ، ތިޔައިގެތެރެއިން ހަމަ ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ޚިޔާލު އަޅުގަނޑަށް ލިޔުއްވަން. ކިހިނެއްތޯ ހަދަންވީ. އަންހެން ބޭފުޅުންވެސް، ފިރިހެން ބޭފުޅުންވެސް، ސަރުކާރުގެ ތަފާތު ދާއިރާތަކުގައި އުޅުއްވާ ބޭފުޅުންވެސް، ރާއްޖެތެރޭގެ ލޮބުވެތި ރައްޔިތުންވެސް، ސްކޫލްތައް ހިންގަވާ ފަރާތްތަކުންވެސް، ޓީޗަރުންވެސް، ކިޔަވާކުދިންވެސް، އަދި އަމިއްލަ ޖަމާޢަތްތަކުންވެސް، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތެއް އަޅުގަނޑަށް ވިދާޅުވެދެއްވުން އަޅުގަނޑު ވަރަށްބޮޑަށް އެދެން. އޭރުން ތިޔަބޭފުޅުން ތިޔަ ހުށަހަޅުއްވާ ނުވަތަ ހުށަހަޅުއްވާނެ ކަމަށް އަޅުގަނޑު އުންމީދުކުރާ ޚިޔާލުތަކުގެ ތެރޭގައި، އޮއްޓަރުހުރި ފައިދާހުރި ޚިޔާލުތަކެއް ހުންނާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އޭރުން އެޚިޔާލުތަކާ އެއްގޮތަށް ޢަމަލުކޮށްފީވިއްޔާ، މިހާރު އަޅުގަނޑުމެން މިކުރަމުންދާ މަސައްކަތުން ލިބޭ ފައިދާއަށްވުރެ ބޮޑުފައިދާއެއް ލިބިދާނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެންވީމާ، އަޅުގަނޑު މިދެންނެވި ދެންނެވުމަށް ހުރިހާ ބޭފުޅުންވެސް ވަރަށް ހަލުވިކަމާއެކު އިޖާބަ ދެއްވާނެކަމުގެ އުންމީދުގައި އަޅުގަނޑުގެ ވާހަކަ މިރޭ ކުރުކޮށްލަނީ.
އަޅުގަނޑު އެދެނީ، اللّه سبحانه وتعالى އަޅުގަނޑުމެންގެ ރާއްޖެއަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރުކޮށްދެއްވުން. އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ ހިތްވަރާއި ބާރާއި ޢަޒުމް އަޅުގަނޑުމެންނަށް ދެއްވުން. ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ޤައުމުގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަދި ރާއްޖޭގެ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލައްވައި، އަޅުގަނޑުމެންގެ ރާއްޖެއަށް އަބަދުވެސް އުފާވެރިކަމާއި ބާއްޖަވެރިކަމާއި، އަމަންއަމާންކަމާއި ސުލްޙަމަސްލަޙަތު މިންވަރުކޮށްދެއްވުން.
والسّـلام عليـكم ورحـمة اللّـه وبـركاتـه.