މަތީ ޘާނަވީއާއި، ޘާނަވީ އިމްތިޙާނުތަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންގެ އަގު ވަޒަންކޮށް އިނާމު ދިނުމަށް މިއަދު ކުރިއަށްގެންދިޔަ "މަތީ އަރުތަވެރިންގެ އިނާމު 2024" ގެ ފަސްވަނަ ދަންފަޅި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ޒުވާނުންގެ މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތުގައި، މަތީ ޘާނަވީ އިމްތިޙާނުން އެންމެ ރަނގަޅު ދިހަ ނަތީޖާ ހޯދި ދަރިވަރުންނާއި، ޘާނަވީ އިމްތިޙާނުތަކުން އެއްވަނަ ނަތީޖާ ހޯދި ދަރިވަރުންނާއި މި ދެ އިމްތިޙާނުން ދުނިޔޭގެ ފެންވަރުގެ އެވޯޑުތައް ހޯދި ދަރިވަރުންގެ އަގުވަޒަންކޮށް، އިނާމު ހަވާލުކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މަތީ ޘާނަވީ އިމްތިޙާނުން ދުނިޔެއިން އެއްވަނަ ހޯދައިގެން "އައުޓްސްޑޭންޑިންގ ޕިއަރސަން ލަރނަރ އެވޯޑް،" ހާސިލުކުރި 2 ދަރިވަރުންނަށް، އެވޯޑް ހަވާލުކޮށްދެއްވައި، ޘާނަވީ އިމްތިޙާނުން ވަކި ވަކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދި 57 ދަރިވަރުންނަށާއި، ޘާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ 1 ވަނަ ނަތީޖާ ހޯދި 21 ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވައި، މަތީ ޘާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ 1 ވަނަ ނަތީޖާ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބޭ 11 ދަރިވަރުންނަށް، އިނާމާއި ސްކޮލަރޝިޕް ލިޔުން ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޒުވާނުންގެ މަރުކަޒަށް ވަޑައިގެންނެވުމުން ތާޖުއްދީން ސްކޫލްގެ ދަރިވަރުން ވަނީ، އެމަނިކުފާނަށް ޝަރަފުގެ ސަލާމަކުން އިސްތިޤުބާލުކޮށް، ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.

ހުރިހައި ޢުމުރުފުރާއެއްގައިވެސް ދިވެހި ދަރިވަރުންނަށް ލިބޭ ތަޢުލީމުގެ ފެންވަރު މަތިކުރެއްވުމަށާއި، ތަޢުލީމީ ބިނާރު ހަރުދަނާކުރެއްވުމަށާއި، ޒުވާނުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މި ސަރުކާރުން ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.