بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيّدنا محمّد وعلى آلـه وأصحـابه أجمعـين.

އާދެ! ބަރަކާތްތެރި ރަބީޢުލްއައްވަލްމަސް އަޅުގަނޑުމެންނަށް ގެނެސްދެނީ، ވަރަށް މަތިވެރި ދެ މުނާސަބަތެއް. އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމުގައިވީހިނދު، އެ މަތިވެރި މާތް މައްސަރު އަޅުގަނޑުމެންނަށް ގެނެސްދޭ އެންމެ މުހިންމު، އެންމެ މަތިވެރި މުނާސަބަތަކީ ޝައްކެއްނެތްގޮތުގައި، މުޅި އިންސާނިއްޔަތަށް ރަޙްމަތެއްގެ ގޮތުގައި اللّـه سبحـانـه وتعـالى ފޮނުއްވި މި އުންމަތުގެ މާތް ނަބިއްޔާ محمّـد صلّى اللّـه عليـه وسلّم ދުނިޔެއަށް ވަޑައިގަތްކަމުގެ ޒިކުރާ އާކުރުމުގެ މުނާސަބަތު.

އެހެންކަމުން، މިރޭ އަޅުގަނޑުމެންގެ ހިތްތައް ފުރިގެން ގޮސްފައިވަނީ، ހަމައެކަނި ޤައުމީ ޝުޢޫރުތަކަކުންނެއް ނޫން. ޤައުމީ ޝުޢޫރުގެ ކުރިން އަޅުގަނޑުމެންގެ ހިތްތައް ފުރިފައިވަނީ، މަތިވެރި އިސްލާމީ ނޫރުގެ ޝުޢޫރުތަކުން. އިސްލާމީ ޢަޤީދާގެ ޝުޢޫރުތަކުން. އާދެ! ޝައްކެއްނެތް، މި މަހަކީ ދުނިޔޭގެ ކަންކޮޅުތަކުގައިވާ އެންމެހާ މުސްލިމުން ވަރަށް ޝައުޤުވެރިކަމާއެކުގައި އިންތިޒާރުކުރާ މަހެއް. އެއީ ކުރިންވެސް ދެންނެވި ފަދައިން، މި އުންމަތުގެ މާތް ނަބިއްޔާ މި ދުނިޔެއަށް ފޮނުއްވި މަހަކީ، މި މާތް މައްސަރު ކަމުގައިވާތީ.

އާދެ! އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ މުސްލިމް ރައްޔިތުންގެ ހެޔޮ ފާލެއް ކަމުގައި ވެފައިވަނީ، މި މާތް މައްސަރުގައި އަޅުގަނޑުމެންނަށް اللّـه سبحـانـه وتعـالىގެ މިންވަރާއި އިރާދަފުޅުން މިނިވަންކަން ލިބިފައިވުން. ޕޯޗުގީޒުންގެ އަތްދަށުގައި ދިވެހިރާއްޖެ، އަޅުވެތިކަމުގެ އަނދިރީގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު، މިނިވަންކަމުގެ އައްޔަށް، اللّـه ގެ ވާގިފުޅާއެކު ރާއްޖެ ނުކުތީ. އަދި ދިވެހި ރައްޔިތުން މިނިވަންކަމުގެ ރަހަ އެންމެ ފުރަތަމަ ދުށީ، ރަބީޢުލްއައްވަލް މަހެއްގެ ތެރޭގައި. މީގެ އެތައްސަތޭކަ އަހަރެއްގެ ކުރިން. އެހެންކަމުން، ރަބީޢުލްއައްވަލް މަހަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް، އަޅުގަނޑުމެންނަށް ވަރަށް ޚާއްޞަ މަހެއް ކަމުގައި ފާހަގަކުރަންޖެހޭ. ދީނީ ނަޒަރަކުން ވިސްނާއިރު، އެ މަހުގެ މާތްކަމާއި އަދި ޤައުމީ ނަޒަރަކުން ބަލާއިރު، އެ މަހުގެ މުހިންމުކަން ވަޒަންކުރަންޖެހޭ.

އާދެ! މިރެއަކީ އަޅުގަނޑުމެންގެ ޤައުމީ ރޭ. ޤައުމީދުވަހެއް ރާއްޖޭގައި މެދުނުކެނޑި ފާހަގަކުރެވެމުން އަންނަތާ 50 އަހަރު ހަމަވާ ރޭ. މި މުހިންމު މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ ފުރަތަމަ އަދި އެންމެ އިސް، އެންމެ އުފާވެރި ވާޖިބެއްކަމަށް ދެކެނީ، ރާއްޖޭގެ ޤައުމީދުވަހުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރި މަރުޙަބާއާއި ތަހުނިޔާ ރައްދުކުރުން.

ޝައްކެއްނެތް. މިއަދު ރާއްޖޭގެ ރައްޔިތުން އުފާކުރައްވަނީ، އަޅުގަނޑުމެންގެ ޤައުމީ އަބްޠާލުން ރާއްޖެއަށް ކޮށްދެއްވާފައިވާ އަގުހުރި ޖިހާދުގެ ފޮނި މޭވާއެއްގެ ގޮތުގައި، އަޅުގަނޑުމެންނަށް މިނިވަންކަމުގެ ނިޢުމަތް ލިބިފައިވާތީ. އެހެންކަމުން، މިއަދަކީ ނުވަތަ މިރެއަކީ، އަޅުގަނޑުމެން ދިވެހިން ނުހަނު ފަޚުރުވެރިކަމާއެކު އުފާކުރުން ޙައްޤު ރެއެއް. އަދި ދުވަހެއް.

އާދެ! އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން، ރާއްޖޭގެ ޤައުމީދުވަސް ފާހަގަކުރުމާ ބެހޭގޮތުން އަޅުގަނޑުމެންނަށް ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ދެއްވައިފި. އޭގެތެރޭގައި، ވަރަށް ޒުވާން ދެބޭފުޅަކުވެސް ހިމެނޭކަން އަޅުގަނޑު ފާހަގަކޮށްލަން. އެއްބޭފުޅަކީ، އަލްފާޟިލް ޢަބްދުاللّـه ޝާހިދު. އަނެއްބޭފުޅަކީ، އަލްފާޟިލް މުޙަންމަދު ޙަނީފް. އެ ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް، އަޅުގަނޑުމެންގެ ޤައުމީދުވަހު، އަޅުގަނޑުމެންގެ ހިތްތަކުގައި އާކުރަންޖެހޭ ޢަޒުމްތަކުގެ ވާހަކަ ވިދާޅުވެދެއްވި. ހަމައެއާއެކީގައި ދަންނަވަންޖެހެނީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް އަލްއުސްތާޛު ޢަބްދުاللّـه ޙަމީދުގެ ވާހަކަފުޅުގައިވެސް، އެ ވާހަކަ ވަނީ ވިދާޅުވެފައޭ. އެހެންކަމުން، އެ ހުރިހާ ބޭފުޅުންގެ ވާހަކަފުޅުންވެސް، އަގުހުރި މާނަތަކެއް އަޅުގަނޑުގެ ހިތަށް ގެންނަމު. މިރޭގެ މުނާސަބަތުގައި އަޅުގަނޑުމެންގެ ޤައުމީދުވަހާ ބެހޭގޮތުން، އަދި އަޅުގަނޑުމެންގެ ޤައުމީދުވަހު، އަޅުގަނޑުމެން އާކުރަންޖެހޭ ޢަޒުމްތަކަކާ ބެހޭގޮތުން އަޅުގަނޑުވެސް އެއްޗެއް ދަންނަވާލުމަކީ، އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން.

އާދެ! އެ ވާޖިބު، އެ އުފާ ހާސިލުކުރުމުގެ ކުރިން، އަޅުގަނޑުމެންގެ ޤައުމީދުވަހުގެ މުނާސަބަތުގައި، ބައެއް ފަރާތްތަކަށް ޙައްޤުވެގެންވާ ޝުކުރު، އަޅުގަނޑުވެސް އަދާކުރާހިތްވޭ. އެންމެ ފުރަތަމަ، އަޅުގަނޑުމެންނަށް މިނިވަންކަމުގެ ނިޢްމަތް ހޯއްދަވައިދެއްވި ޤައުމީ ބަޠަލް، އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލްއަޢްޡަމަށް. އާދެ، އެ ރަސްގެފާނަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ތާރީޚު ދުށް އެންމެ ހިތްވަރުގަދަ، އެންމެ އަގުހުރި ބަޠަލުކަމުގައި ދެންނެވުމަކީ، އަޅުގަނޑުމެންގެ އެހެން ޤައުމީ އަބްޠާލުންނަށް ކުރެވޭ ބޭއިންސާފެއް ނޫންކަމުގައި އަޅުގަނޑު ދެކެން.

އާދެ، އޭނާއަށް ނިސްބަތްވެގެންވާ މާތް މިސްކިތް "މަސްޖިދުއްސުލްޠާން މުޙަންމަދު ތަކުރުފާނުލް އަޢްޡަމް" ހިމެނިގެންވާ މި ޢިމާރާތުގައި އަޅުގަނޑުމެން މިރޭގެ މި އުފާވެރި ޖަލްސާ ކުރަމުންދާއިރު، އެ މާތް ބަޠަލުގެ ހަނދާން އާކޮށް، ދިވެހިންގެ ހިތްތަކުގައި އެ މާތް ބަޠަލަށް އުފެދިފައިވާ އަދި އުފެދޭނެ މަތިވެރި ޝުކުރުގެ ޝުޢޫރުތައް، ކޮންމެވެސް ސިފައެއްގައި ހާމަކުރުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

ހަމައެއާއެކީގައި، އަޅުގަނޑުމެންގެ މިނިވަންކަން ދިފާޢުކުރެއްވުމުގެ ގޮތުން، އެކިއެކި ޖިހާދުތައް ކުރެއްވި އަޅުގަނޑުމެންގެ ޤައުމީ އަބްޠާލުންނަށްވެސް، އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދިފައިވާ ޝުކުރުގެ ޝުޢޫރުތައް ރައްދުކުރުމަކީ، މިފަދަ މުނާސަބަތެއްގައި ކުރަންޖެހޭނެ ކަމެއް. އޭގެތެރެއިން އެއްބޭފުޅަކީ، މަޝްހޫރު ޢަލިރަސްގެފާނު، އައްސުލްޠާން ޢަލީ (ހަވަނަ). އޭނާ، އޭނާގެ ފުރާނަފުޅުން ޤުރްބާންވެވަޑައިގަތީ، ރާއްޖޭގެ މިނިވަންކަމަށްޓަކައި. އެހެންކަމުން، އެ ޤައުމީ ބަޠަލުގެ ހަނދާން އާކޮށް، އޭނާއަށްވެސް ޙައްޤުވެގެންވާ ޝުކުރާއި ތާރީފު ރައްދުކުރުމަކީ، އަޅުގަނޑުމެން މި މުނާސަބަތުގައި ކުރަންޖެހޭނެ ކަމެއް.

އަޅުގަނޑުމެންގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށްޓަކައި މަސައްކަތްކުރެއްވި މަތިވެރި އަބްޠާލުންތަކެއް އަދިވެސް އެބަތިއްބެވިކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. އޭގެތެރެއިން ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކޮށްލަންޖެހޭ އެއްބޭފުޅަކީ، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން، ދޮންބަންޑާރައިން. އާދެ! އޭނާއަކީވެސް، އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަމަށްޓަކައި ޖިހާދުކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަން ހޯއްދަވައިދެއްވުމުގެ މަތިވެރި ފަޚުރު ހާސިލުކުރައްވާފައިވާ ބޭފުޅެއް.

މިބޭބޭފުޅުންގެ އިތުރަށް، އަޅުގަނޑުމެންގެ މިޒަމާނުގެ ތާރީޚަށް ވިސްނާލިޔަސް، އަޅުގަނޑުމެން އެބަޔަކަށްޓަކައި ފަޚްރުވެރިވުން ޙައްޤު ކިތަންމެ ބައެއް އަޅުގަނޑުމެންގެ ހިތުގެ ސްކްރީނަށް ނުވަތަ އަޅުގަނޑުމެންގެ ހިތުތެރޭގައިވާ ތަޞައްވުރަށް ހާމަވެގެންދޭ. އާދެ! އެއީ އެންމެފަހުން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިގައި ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި ޝަހީދުވެގެންދިޔަ މަތިވެރި އަބްޠާލުން. އެމީހުން، އެމީހުންގެ ނަފްސުތަކުން އެމީހުންގެ ފުރާނަތަކުން ޤުރްބާންވެގެން އެދިޔައީ، ރާއްޖޭގެ މިނިވަންކަން ޙިމާޔަތްކުރުމަށްޓަކައި، ރާއްޖޭގެ ދީނާއި ޢަޤީދާ ރައްކާތެރިކުރުމަށްޓަކައި، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށްޓަކައި. އެހެންކަމުން، ނޮވެމްބަރު 3ގެ ހާދިސާގައި، މިދެންނެވި މަތިވެރި ޖިހާދުގެ ތެރޭގައި، އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ހުރިހާ ބަޠަލުންނަށްވެސް، އަޅުގަނޑުމެންގެ ޤައުމީދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުމެންގެ ހިތުގައި އުތުރިއަރާ ޝުކުރާއި ތަޢުރީފުގެ ޝުޢޫރުތައް ރައްދުކުރަންޖެހޭ.

އާދެ! ޤައުމީދުވަހަކީ، ޤައުމީ ކަންތައްތަކާމެދު ވިސްނައި، ޢަޒުމްތަކެއް ކަނޑައަޅަންޖެހޭނެ ދުވަހެއް. ޤައުމެއް ޤައުމަކަށްވަނީ، ފުރިހަމަ މިނިވަންކަން ލިބިފައިވުމުންކަން، އަޅުގަނޑުމެންނަށް އެނގޭ. ޤައުމެއް އެ ރުކުންތަކުގެ މައްޗަށް ބިނާވެގެންވާ ރުކުންތަކުގެ ތެރެއިން، އެންމެ މުހިންމު އެއް ރުކުނަކީ، މިނިވަންކަން ލިބިފައިވުންކަން އަޅުގަނޑުމެން ދަންނަން. އެހެންކަމުން، ޤައުމީދުވަހުގެ މުނާސަބަތުގައި އަޅުގަނޑުމެންގެ ހިތުގައި ޤައުމީ ޝުޢޫރު އާލާކުރަމުންދާއިރު، އަދި އަޅުގަނޑުމެންގެ ޤައުމަށްޓަކައި، ވަޠަނަށްޓަކައި، ޢަޒުމްތަކެއް ކަނޑައަޅަމުންދާއިރު، އަޅުގަނޑުމެން ކަނޑައަޅަންޖެހޭނެ އެންމެ ފުރަތަމަ ޢަޒުމަކީ، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން ޙިމާޔަތްކޮށް ދެމެހެއްޓުމުގެ ވަރުގަދަ އަދި މަތިވެރި ޢަޒުމްކަމާމެދަކު ޝައްކެއްނެތް.

ބައެއް ލިޔުންތެރިން އަދި ޤައުމީ ކަންތައްތަކާ ބެހޭގޮތުން ޚިޔާލުކުރައްވާ ބައެއް މުފައްކިރުން ވިދާޅުވާގޮތުގައި، މިނިވަންކަން ދެމެހެއްޓުމަކީ، މިނިވަންކަން ލިބިގަތުމަށްވުރެ މާ އުނދަގޫ ކަމެއް. އެކަން އެހެންވުމަކީ އެކަށީގެންވާ ކަމެއް. އެއީ، މިނިވަންކަން ހާސިލުކުރެވެނީ ޖިހާދެއް ކޮށްގެން ކަމުގައިވިޔަސް، ނުވަތަ އެނޫންގޮތަކުން ކަމުގައިވިޔަސް، އެ މިނިވަންކަމެއް ހާސިލުވުމުން، އެ މަސައްކަތް އެއޮތީ ނިމިފައި. މިނިވަންކަން ޙިމާޔަތްކޮށް ދެމެހެއްޓުމުގެ މަސައްކަތަކީ، ޤައުމެއް ދެމިއޮތްހާ ދުވަހަކު، ނިމިގެންދާނެ މަސައްކަތެއް ނޫން. އެއީ، އަބަދުވެސް އެ ޤައުމެއްގެ ރައްޔިތުން ކުރަމުން ގެންދަންޖެހޭނެ މަސައްކަތެއް. އެއީ މިނިވަންކަން ދެމެހެއްޓުން ހިމެނިފައިވަނީ، މިނިވަންކަން ލިބިގަތުމަށްވުރެ މާދަތި އުނދަގޫ ކަމެއް ކަމުގައިވާތީ.

ޝައްކެއްނެތް! އަޅުގަނޑުމެންގެ ރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވާއިރު، އަޅުގަނޑުމެންނަށް މިކަމުގައި ދިމާވާނެ ދަތިތައް، އެހެން ޤައުމުތަކަށްވުރެ މާގިނަވާނެ. އަޅުގަނޑުމެންގެ ޤާބިލިއްޔަތާއި ހުނަރުވެރިކަންހުރި މިންވަރުން އަޅުގަނޑުމެންގެ މިނިވަންކަން ދިފާޢުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، އެހެން ޤައުމުތަކުން ކުރަންޖެހޭ މަސައްކަތްތަކަށްވުރެ، މާއުނދަގޫވުމަކީ ވަރަށް އެކަށީގެންވާ ކަމެއް.

އާދެ! ކޮންމެއަކަސް ޤައުމީ މިނިވަންކަން ޙިމާޔަތްކޮށް ދެމެހެއްޓުމުގައި އެންމެ ބޮޑަށް ވިސްނަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ، އަދި އަޅުގަނޑު ހިތުން ތިޔަބޭފުޅުންވެސް ދެކެވަޑައިގަންނަވާނީ، ބޭރު ފަރާތެއްގެ ސިޔާސީ ނުފޫޒު، ރާއްޖޭގެ މައްޗަށް ފޯރިޔަނުދިނުން. މިޒަމާނަކީ، ދުނިޔޭގައިވާ ޤައުމުތައް ވަރަށްބޮޑަށް ގުޅިގެން މަސައްކަތްކުރާ ޒަމާނެއް. ވަރަށްގިނަ ކަންތައްތަކުގައި، އެއް ޤައުމެއް އަނެއް ޤައުމަކާ ވާހަކަ ދައްކައި، އެކިއެކި މުޢާހަދާތައްކޮށް، ނުވަތަ އެކިއެކި ޖަމާޢަތްތަކުގައި ބައިވެރިވެގެން ކަންތައްތައް ކުރަމުން ގެންދަނީ. ހަމައެހެންމެ، ދުނިޔޭގެ ބޮޑެތި ބާރުތަކަކީ، އަބަދުވެސް އެމީހުންގެ ބާރުތައް އެއިރަކު އޮތްވަރަށްވުރެ ގަދަކުރަން މަސައްކަތް ކުރަމުންދާ، އަދި މަސައްކަތް ކުރަމުންދާނެ ބާރުތަކެއް.

މިކަން މިހެން އޮތުމާއެކު، އަޅުގަނޑުމެންފަދަ ކުޑަކުޑަ ޤައުމެއްގެ މައްޗަށް ސިޔާސީ ނުފޫޒެއް ބަޔަކު ހިންގަން އުޅުމަކީ، އެކަމާމެދު އަޅުގަނޑުމެން ޣާފިލުވެގެން ތިބެވޭނެ ކަމެއްނޫން. އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް ވިސްނަންޖެހޭނީ، އެއްވެސްކަހަލަ ސިޔާސީ ނުފޫޒެއް، ބޭރުގެ ސިޔާސީ ނުފޫޒެއް އަޅުގަނޑުމެންގެ މައްޗަށް ފޯރިޔަނުދޭތޯ. އެފަދަ ނުފޫޒެއް ފޯރައިފިނަމަ، ދެން ކަންތައް ވާނެގޮތް އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ވަޒަންކުރަން ދައްޗެއް ނުވާނެ. ހަމައެހެންމެ، އަޅުގަނޑުމެންގެ ދީނާއި އަދި އަޅުގަނޑުމެންގެ އިޖުތިމާޢީ އުސޫލުތަކާ ނުގުޅޭ އުސޫލުތަކަކާއި ޚިޔާލުތަކެއް އަޅުގަނޑުމެންގެ ތެރެއަށް އައުމަކީވެސް، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަމަށް ނުރައްކަލެއް ކަމުގައި ވެދާނެ ކަމެއްކަން އަޅުގަނޑުމެން ދަންނަންޖެހޭނެ.

އާދެ! މިހެން ދަންނަވާއިރު އަޅުގަނޑަށް އެނގޭ، މިއީ މާފަސޭހަ ކަމަކަށް ނުވާނެކަން. ދުނިޔެއަކީ މިވަގުތު، މިޒަމާނުގައި ވަރަށް ބޮޑަށް ހުޅުވިފައިވާ ތަނެއް. ދިވެހިންވެސް ރާއްޖެއިން ބޭރަށް ދަތުރުކުރޭ. ބޭރުމީހުން ރާއްޖެއަށް އެހާގިނަ އަދަދަކަށް އާދޭ. އަޅުގަނޑުމެންގެ ޒުވާނުންނާއި ޅަދަރިން، ތަޢުލީމު ހާސިލުކުރަން ބޭރު ޤައުމުތަކަށްދޭ. އެކަން އެހެން އޮތުމުގެ ސަބަބުން، ބޭރުގެ ޚިޔާލުތަކާއި، އަޅުގަނޑުމެންގެ އިޖުތިމާޢީ އުސޫލުތަކާއި ނުވަތަ ދީނީ ޢަޤީދާތަކާ ނުގުޅޭ ކަންތައްތައް އަޅުގަނޑުމެންގެ ތެރެއަށް އައުމުގެ މަގު އޮންނަނީ ހުޅުވިފައި. އެކަން އެހެން އޮތްނަމަވެސް، އެކަމަށް އަޅުގަނޑުމެން ރައްކާތެރިވެގެން ތިބޭ ކަމުގައިވަނީނަމަ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަމަށް، އޭގެ ސަބަބުން ބުރުލެއްނާރާކަހަލަ ގޮތަކަށް އަޅުގަނޑުމެންނަށް އެކަންތައްތައް ކުރިޔަށް ގެންދެވިދާނެ.

ހަމައެފަދައިން، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން ދަމަހައްޓައި ޙިމާޔަތްކުރުމަށް ބޭނުންވާ އެންމެ މުހިންމު އަނެއްކަމަކީ، އަޅުގަނޑުމެންގެ އަތްމަތީގައި ހަރުދަނާ އިޤްތިޞާދެއް އޮތުން. އާދެ! ފަޤީރުކަމާއި ނުކުޅެދުން އެއީ، ވަރަށް ފަސޭހައިން ބޭރުމީހުންގެ އަތްމައްޗަށް، ބައެއްގެ ކަންތައްތައް ހިނގައިދާނެ ކަމެއް. އަޅުގަނޑުމެންގެ ޤައުމަކީ ކުޑަކުޑަ ޤައުމެއް. މީސްކޮޅު މަދު ޤައުމެއް. އަޅުގަނޑުމެންނަކީ، ދުނިޔޭގެ ނިސްބަތުގައި މުއްސަނދި ޤައުމެއް ނޫން. އެހެންކަމުން، އަޅުގަނޑުމެންގެ އަމިއްލަ އިޤްތިޞާދީ ފުދުންތެރިކަން ކުރިއަށް ގެންގޮސް، އަޅުގަނޑުމެންގެ ރާއްޖޭގައި ހަރުދަނާ އިޤްތިޞާދެއް ޤާއިމުވެފައި ނެތްނަމަ، އަޅުގަނޑުމެންނަކީ ފަހަރެއްގައި ބޭރު ބައެއްގެ ނުފޫޒުގެ ދަށަށް ދިޔުން އެކަށީގެންވާ ބައެއްކަން، އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ. ޤައުމެއްގެ އިޤްތިޞާދު ބިނާވާންޖެހޭނީ، އެ ޤައުމަކަށް މިނިވަންކަން ރައްކާތެރިކޮށްދޭ ކިއްލާއަކަށް.

އެހެންކަމުން، އެކަމަކީ އަޅުގަނޑުމެންގެ ވިސްނުމަށް އަބަދުވެސް ގެންނަންޖެހޭނެ އަދި އެއާދޭތެރޭގައި ޤައުމީގޮތުން ސަރުކާރުންނާއި، އަމިއްލަ ފަރާތްތަކުން، އަދި މުޅި ޤައުމުގެ ރައްޔިތުން އެކަމަށްޓަކައި މަސައްކަތްކުރަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. މިދެންނެވި ކަންތައްތަކުގެ އިތުރަށް، ޤައުމުގެ ދާޚިލީ ހަމަޖެހުން ހަރުދަނާކޮށް ދެމެހެއްޓުމަކީ، ޤައުމީ މިނިވަންކަން ޙިމާޔަތްކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އަދި އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރާއްޖޭގެ އެންމެހާ ރައްޔިތުންވެސް އެކަން އެގޮތަށް ދެކެވަޑައިގަންނަވާނެ.

ދުނިޔޭގެ ތާރީޚަށް ބަލާއިރު، އަދި މިޒަމާނުގައި ކަންތައްތައް ހިނގަމުންދާގޮތަށް ބަލާއިރުވެސް، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ވަރަށްބޮޑު ޙަޤީޤަތެއްވޭ. އެއީ ޤައުމުގައި ދާޚިލީ ހަމަނުޖެހުން އުފެދިއްޖެނަމަ، ޤައުމުގައި ފިތުނަވެރިކަމަކަށް ތަންދެވިއްޖެނަމަ، ޤައުމުގައި ބައިބައިވުން އުފެދިއްޖެނަމަ، އެކަންވާނީ ބޭރުގެ ފަރާތްތަކަށް އެ ޤައުމަކަށް ވަދެގަތުމަށް ދެވޭ ދަޢުވަތަކަށް. އެހެންކަމުން، ބޭރުގެ ފަރާތަކަށް އަޅުގަނޑުމެންގެ ރާއްޖެއަށް ވަދެގަތުމުގެ ދަޢުވަތު އަޅުގަނޑުމެން ދީގެނެއްނުވާނެ. އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް އޮންނަންޖެހޭނީ، ޤައުމީ އެކުވެރިކަން. އެ ޤައުމީ އެކުވެރިކަން އާލާކޮށް ވަރުގަދަކޮށް ދެމެހެއްޓޭތޯ މަސައްކަތް ކުރުމަކީ، ޤައުމުގެ މިނިވަންކަން ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ވަރަށް ބޭނުންތެރި މަސައްކަތެއް.

ރާއްޖެއަކީ، اللّـهގެ ވާގިފުޅާއެކު، އަމަންއަމާންކަން ލިބިގެންވާ ޤައުމެއް. ޞުލްޙަމަޞްލަޙަތު ރައްކާތެރިކުރެވިގެންވާ ތަނެއް. ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮތް ތަނެއް. ސަރުކާރާއި ރައްޔިތުންނާ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެފައިވާ ތަނެއް. އެހެންކަމުން، މިކަންކަން މިގޮތަށް ދެމެހެއްޓުމަކީ، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަން ރައްކާތެރިކުރުމަށްޓަކައި، ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ! 1965 ވަނަ އަހަރު އަޅުގަނޑުމެންގެ ރާއްޖެއަށް، ޤައުމީ މިނިވަންކަން ލިބުނުފަހުން، މި ވޭތުވެދިޔަ 28 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެ ވަނީ ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކޮށްފައި. އެއީ، ޝައްކެއްއޮތް ކަމެއްނޫން. އަޅުގަނޑުމެންގެ މިނިވަންކަން، އަޅުގަނޑުމެންނަށް ވަނީ ރައްކާތެރިކުރެވިފައި. ނޮވެމްބަރު 3ގެ ހާދިސާގައިވެސް، އަޅުގަނޑުމެންގެ މިނިވަންކަމަކަށް، اللّـهގެ ރަޙްމަތްފުޅުން ބުރުލެއްނާރާ. އަޅުގަނޑުމެންނަކީ މުސްތަޤިއްލު، މިނިވަން އަމިއްލަވަންތަކަން ލިބިގެންވާ ޤައުމެއް ކަމުގައި މުޅި ދުނިޔެ ޤަބޫލުކުރޭ. ރާއްޖެއާ ސިޔާސީގޮތުން ގުޅިފައިވާ ސަތޭކަ އެތައް ޤައުމެއް އެބައޮތް. ރާއްޖެއަކީ، އދ. މަޖިލީހުގެ މެންބަރެއް. އަދި އޭގެއިތުރުން، ދުނިޔޭގެ އެކިއެކި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެވެސް މެންބަރެއް. ހުރިހާ ޤައުމުތަކުން ޤަބޫލުކުރާގޮތުގައި، ރާއްޖެއަކީ، ކިތަންމެ ކުޑަކުޑަ އަދި ކިތަންމެ މީސްކޮޅު މަދު ރާއްޖެއެއް ކަމުގައިވިޔަސް، ރާއްޖެއަކީ މިނިވަން، މުސްތަޤިއްލު ތަނެއް. މިއީވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ހޯދިފައިވާ ވަރަށް ވަރުގަދަ، ވަރަށް ކުލަގަދަ ކާމިޔާބީއެކޭ.

ހަމައެއާއެކު ދަންނަވަންޖެހެނީ، އަޅުގަނޑުމެންގެ ދާޚިލީ ކަންތައްތަކަށްވެސް، މިވޭތުވެދިޔަ 28 އަހަރު ދުވަހުގެ ތެރޭގައިވަނީ އިޞްލާޙުތަކެއް އައިސްފައޭ. ބަދަލުތަކެއް އައިސްފައޭ. އޭގެތެރެއިން އެއްކަމަކީ، އަޅުގަނޑުމެންގެ ސިޔާސީ ނިޒާމަށް އައި ބަދަލު. އާދެ، 1968 ވަނަ އަހަރުގެ ކުރިން، އަޅުގަނޑުމެންގެ ރާއްޖެ އޮތީ ރަސްކަމެއްގެ ގޮތުގައި. 1968 ވަނަ އަހަރު، ރާއްޖެ ދެވަނަފަހަރަށް ޖުމްހޫރިއްޔަތަކަށް ބަދަލުވެގެންދިޔައީ. ޝައްކެއްނެތް، ޖުމްހޫރީ ވެރިކަމަކީ، ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި މަސައްކަތްކުރާ އަދި މަސައްކަތް ކުރުމުގެ ވަސީލަތްތައް ހިމެނިފައިވާ ނިޒާމެއް. އެހެންކަމުން، އަޅުގަނޑުމެންގެ ސިޔާސީ ނިޒާމަށް 1968 ވަނަ އަހަރު އެއައި ބަދަލަކީވެސް، ވަރަށް ހެޔޮ ބަދަލެއް ކަމުގައި، އަދި އަޅުގަނޑުމެންގެ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމުގައި އަޅުގަނޑުމެން ފާހަގަކުރަންޖެހޭ.

ހަމައެފަދައިން، ދިވެހިރާއްޖެ މިނިވަންވީ ދުވަހުން ފެށިގެން މިއަދާ ހަމައަށް، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގޮސްފައިވާގޮތް އެއީވެސް އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންނަށް ހާސިލުކުރެވިފައިވާ ކާމިޔާބީއެއް. މިވާހަކަ މާދިގުކޮށް ދަންނަވާކަށް ނުޖެހޭ. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، މިއަދު ރާއްޖެ އޮތްގޮތާ، މީގެ 28 އަހަރު ކުރިން ރާއްޖެ އޮތްގޮތާ ވަރަށް ތަފާތުކަން. އަޅުގަނޑުމެންގެ ރާއްޖެއަކީ، މިއަދު މާތް اللّـهގެ ވާގިފުޅާއެކު، މި ސަރަޙައްދުގައިވާ ޤައުމުތަކުގެ ތެރެއިން އަޅުގަނޑުމެންގެ ނިސްބަތުން ފުދުންތެރިކަން ރަނގަޅު ޤައުމެކޭ އަޅުގަނޑަށް ދަންނަވަންޖެހޭނީ. ބޭރުގެ ފަރާތްތަކުންވެސް އެކަން ޤަބޫލުކުރޭ. އަޅުގަނޑުމެންގެ ޤައުމީ އާމްދަނީގެ ތެރެއިން ބޮލަކަށްޖެހޭ މިންވަރުވެސް، ސާރކުގެ އެހެން ޤައުމުތަކަށްވުރެ ރަނގަޅު ކަމުގައި ދަންނަވަންޖެހޭ. އަދި ރާއްޖޭގެ ތަޢުލީމާއި ޞިއްޙަތާއި، އެނޫން ކަންތައްތައްވެސް ހުރިގޮތަކީ، އަޅުގަނޑުމެންފަދަ ކުޑަ ޤައުމަކަށް ފަޚުރުވެރިވުން ޙައްޤުގޮތެކޭ، އަޅުގަނޑަށް ދަންނަވަންޖެހޭ.

އާދެ! މި ކުރިއެރުންތައް އަޅުގަނޑުމެންނަށް ލިބިފައި މިވަނީ، ތަޢުލީމީ ރޮނގުންނާއި، ޞިއްޙީ ރޮނގުންނާއި، އަދި އިޤްތިޞާދީ ރޮނގުން ރައްޔިތުން ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވައިގެން. ރާއްޖޭގެ އިޤްތިޞާދާއި ވިޔަފާރިވެސް ވަނީ ކުރިޔާ އަޅައިބަލާއިރު، ވަރަށް ބޮޑުތަން ކުރިޔަށް ގޮސްފައި. އަޅުގަނޑުމެންގެ މަސްވެރިކަމާއި ޓޫރިޒަމް ކުރިޔަށް ގޮސްފައިވަނީ، އަޅުގަނޑުމެން އޭރު މީގެ 28 އަހަރު ކުރިން ތިބި ދިވެހިން އެއްގޮތަކަށްވެސް އުންމީދު ނުކުރާފަދަ ގޮތަކަށޭ އަޅުގަނޑަށް ދަންނަވަންޖެހޭ.

އާދެ! މިކަންކަން މިހެންވެފައި އޮތުމާއެކީގައި، މިދެންނެވި ރޮނގުރޮނގުންވެސް ރާއްޖެއަށް ލިބިފައިވާ ކުރިއެރުންތަކަކީ، މިއަދު އިންސާފު ޤަބޫލުކުރާ ކޮންމެ މީހަކު، ޤަބޫލުކުރަންޖެހޭނެ ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެން މިހިސާބުން ޖެހޭ ކުޑަކޮށް ހުއްޓިލާފައި، ފަހަތަށް ބަލައިލާފައި، ނުވަތަ މިހާރު އަޅުގަނޑުމެން މިތިބަ ހިސާބަށް ވިސްނާލާފައި، އަދި މުސްތަޤްބަލަށް ނަޒަރު ހިންގާލާފައި، ގޮތްތަކެއް ކަނޑައަޅަން.

އާދެ! އަޅުގަނޑުމެންނަށް ކާމިޔާބީތަކެއް ހާސިލުކުރެވިފައިވި ކަމުގައިވިޔަސް، މިހިސާބުން އަޅުގަނޑުމެންނަށް ފުދޭނެތޯ؟ އަޅުގަނޑުމެންނަށް މިތިބެވެނީ، އަޅުގަނޑުމެން ދާން ބޭނުންވާ މަންޒިލް މަޤްޞޫދަށް އާދެވިފައިތޯ؟ މިއީ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން ކުރަންޖެހޭނެ ސުވާލެއް. އެ ސުވާލުގެ ޖަވާބު އަޅުގަނޑު ހިތުން ވަރަށް ސާފު. އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް، އެ ސުވާލުގެ ޖަވާބާ ދޭތެރޭގައި ޚިލާފެއް ނުވާނެ.

އާދެ! އަޅުގަނޑުމެންނަކަށް އަދި އެއްގޮތަކަށްވެސް އަޅުގަނޑުމެން ބޭނުންވާ މަންޒިލް މަޤްޞޫދާ ހަމައަކަށް ނުދެވޭ. އަޅުގަނޑުމެންގެ ކުރިއެރުންތަކެއް ހުރިކަމުގައިވިޔަސް، އެ ކުރިއެރުންތަކަކީ އެހިސާބުން އަޅުގަނޑުމެން ފުއްދާލައިގެން ފަރުޖެހޭނެ ކުރިއެރުންތަކެއް ނޫން. އަޅުގަނޑުމެން ވަނީ ވަރަށްގިނަ ކަންތައްތަކެއް ކުރަންވެފައި. ވަރަށްގިނަ އިޞްލާޙުތަކެއް ޤައުމަށް ގެންނަންވެފައި.

މިގޮތުން ވިސްނާއިރު، މުސްތަޤްބަލާ ދޭތެރޭގައި އަޅުގަނޑަށް ވިސްނެނީ، ރާއްޖެއަށް ވަރަށްގިނަ އިޞްލާޙުތަކެއް އަންނަންޖެހޭނެ ކަމަށް. އިޞްލާޙުގެ މަގަކީ ވަރަށް ދިގު މަގެއް. އެއީ، އަހަރަކުން، ދެއަހަރަކުން، ދިހަ އަހަރަކުން ނުވަތަ ވިހި އަހަރަކުން ކަޑައްތުކުރެވޭނެ މަގެއްނޫން. ދުނިޔޭގައި އިންސާނުން ދިރިތިބިހާ ހިނދަކު، އެބައެއްގެ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް އިޞްލާޙުކުރެވޭތޯ މަސައްކަތް ކުރުމަކީ، އެބަޔަކު ކުރަންޖެހޭނެ ކަމެއް. އެހެންކަމުން، ރާއްޖޭގެ ކަންތައްތައްވެސް އިޞްލާޙުކޮށް ތަރައްޤީކުރުމަކީ، އަބަދުވެސް ރާއްޖޭގެ ރައްޔިތުން ހުއްޓުމެއްނެތި ކުރަމުން ގެންދަންޖެހޭނެ ކަމެއް.

މިގޮތުން، މުސްތަޤްބަލާ ދޭތެރޭގައި ވިސްނާލާއިރު، ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭނެ ކަމަށް އަޅުގަނޑަށް ތަޞައްވުރު ކުރެވޭ. އާދެ! އެންމެ ފުރަތަމަ، ރާއްޖޭގައި ހަމަޖެހިފައި އޮންނަ ސިޔާސީ ނިޒާމާ ބެހޭގޮތުންވެސް އަޅުގަނޑުމެން ޚިޔާލުކޮށް، ރާއްޖެއަށް އެންމެ އެކަށީގެންވާ، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ނިޒާމެއް އަޅުގަނޑުމެން އެކަށައަޅަންޖެހޭ. އާދެ! އެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުން. ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް ހިނގަމުންދާތާ މިހާރު 12 އަހަރު ވެއްޖެ. ޤާނޫނުއަސާސީއަކީ ކޮންމެ ތަނެއްގައިވެސް އޮންނަ އެންމެ ބާރުގަދަ ޤާނޫނު. ރައްޔިތުންގެ އަސާސީ ޙައްޤުތައް ބަޔާންކުރެވިފައި އޮންނަނީ، ޤާނޫނުއަސާސީގައި. ދައުލަތުގެ ބާރުތައް ކަނޑައެޅިފައިވަނީ، ޤާނޫނުއަސާސީގައި. އެ ބާރުތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން އޮންނަންވީ މިންވަރާއި، އޮންނަންވީގޮތް ކަނޑައެޅިފައި އޮންނަނީ ޤާނޫނުއަސާސީގައި. އެކަންކަން އެހެން އޮތުމާއެކީގައި، އެ ޤައުމަކަށް ކަމުދާ ފުރިހަމަ ޤާނޫނުއަސާސީއެއް އޮތުމަކީ، ހަމަ ކޮންމެހެން ބޭނުން ކަމެއް.

އާދެ! ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މި މަސައްކަތް ކުރެވެމުންދާތާ ދުވަސްތަކެއް ވެއްޖެ. މި މަސައްކަތް އެކަމަށް ކަނޑައެޅިފައިވާ މަޖިލީހުން، އާދެ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މި މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާކަން، އަޅުގަނޑު ފާހަގަކުރަން. އާދެ! ވަރަށްގިނަ ބަޔަކު ދެކޭގޮތުގައި، އެ މަސައްކަތް ތަންކޮޅެއް ދިގުލައިފި. އަޅުގަނޑުވެސް އެއްބަސް. އެހެންނަމަވެސް، މަސައްކަތަކީ ވަރަށް މުހިންމު ބޮޑު މަސައްކަތެއް ކަމަށްވާތީ، އަޅުގަނޑަށް ދަންނަވަންޖެހެނީ، އަޅުގަނޑުމެންގެ ރާއްޖޭގައި، ދުނިޔޭގެ ބައެއް އެހެން ޤައުމުތަކާ ޚިލާފަށް، ކަމާބެހޭ މާހިރުންވެސް މަދުކަމާއެކީގައި، އެކަން އެހެންވުމަކީ ހަމަ ވެދާނެ ގޮތެކޭ.

އާދެ! ޤާނޫނުއަސާސީއާ ބެހޭ ޢިލްމަކީ ނުވަތަ ކޮންސްޓިޓިއުޝަނަލް ލޯ އެއީ، ވަރަށް މުހިންމު ޢިލްމެއް. އޭގެ މާހިރުންތަކެއް އަޅުގަނޑުމެންގެ ރާއްޖެއަކު އަދި ތިއްބެކޭ އަޅުގަނޑަކަށް ހިޔެއްނުވޭ. ދުނިޔޭގެ އެހެން ތަންތާނގައި އަޅުގަނޑުމެންނަށްވުރެ އަވަހަށް ޤާނޫނުއަސާސީތައް ހަދައި ނިންމާލާ. އެތަންތާނގައި މިދެންނެވި ކަހަލަ ޤާބިލް ޢިލްމުވެރިންނާއި މާހިރުންވެސް ތިއްބެވުމާ އެކީގައި ކަމަށްވުން އެކަށީގެންވޭ.

ކޮންމެއަކަސް، އަޅުގަނޑުމެންގެ ރާއްޖޭގައި މި މަސައްކަތް ކުރެވޭތާ ގިނަ ދުވަސްތަކެއްވީއިރު، ވަރަށްގިނަ ބުރަ މަސައްކަތްތަކެއް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކުރައްވަމުން ގެންދަވާފައިވާކަން، އަޅުގަނޑު ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަން. ހަމައެކަނި އެ މަޖިލީހުން މިހާތަނަށް ކުރައްވާފައިވާ ޖަލްސާތަކުގެ އަދަދު ދަންނަވާލިޔަސް، އެކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ޚާއްޞަ މަޖިލީހުން ޤާނޫނުއަސާސީ އިޞްލާޙު ކުރައްވަން ފުރަތަމަ ފެށްޓެވުމުގެ ކުރިން، ޤާނޫނުއަސާސީގެ ނަމޫނާއާ ދޭތެރޭގައި ނުރަސްމީ ޖަލްސާތަކެއްގައި ވާހަކަފުޅު ދައްކަވައި ހެއްދެވި. އޭގެ 17 ޖަލްސާ އޮތީ ބޭއްވިފައި. ޚާއްޞަ މަޖިލީހުގެ ރަސްމީ 58 ޖަލްސާ މިހާތަނަށް ވަނީ ބޭއްވިފައި. ޚާއްޞަ މަޖިލީހުން ޢައްޔަންކުރެއްވި ޑްރާފްޓިންގ ކޮމިޓީގެ ޖަލްސާތައްވެސް ވަރަށް ގިނަ އަދަދަކަށް ވަނީ ބޭއްވިފައި. މިހާރުވެސް 155 ޖަލްސާ ވަނީ ބޭއްވިފައި.

އެހެންވީމާ، މަސައްކަތް ކުރެވެމުން އެބަދޭ. އެހެންނަމަވެސް، އަޅުގަނޑުމެން އަދި އުންމީދުކުރާ ހިސާބަކަށް އެ މަސައްކަތް ނިމުމަކަށް ނާދޭ. އާދެ! އެއީ ސަބަބުތަކެއް ހުރެގެން. ފަހަރެއްގައިވެސް އެއީ ވަކިފަރާތެއްގެ ސަބަބުން ވީކަމެއް ކަމުގައި އަޅުގަނޑު ދަންނަވާކަށް ނެތިން. އަޅުގަނޑު ހިތުން އިންސާފުވެރި ނަޒަރަކުން ބަލައި، ކޮންމެ މީހަކަށް ޤަބޫލުކުރަން ޖެހެނީ، އެ މަސައްކަތުގެ ބުރަކަމާއި، އަދި ތެދުތެދަށް ދަންނަވަންޏާ، ބައެއް މުހިންމު ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލު ތަފާތުވުން ހުރިވަރުންނާ އެކީގައި ވާކަމެކޭ އަޅުގަނޑަށް ދަންނަވަން ޖެހެނީ.

އާދެ! ޝައްކެއްނެތް. ޤާނޫނުއަސާސީ ފަދަ މުހިންމު ޤާނޫނެއް ފާސްކުރާއިރު، މިނިވަންކަމާ އެކީގައި ޚިޔާލު ފާޅުކުރެވެންޖެހޭ. ޤައުމުގެ ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ މަޝްވަރާ އެކަމަށް ވަރަށް ރަނގަޅަށް ލިބެންޖެހޭނެ. އެހެންވީމާ، އެކަން ލަސްވުމަކީ ހަމަ ވެދާނެގޮތެއް. ޚާއްޞަކޮށް، އަޅުގަނޑު މިދަންނަވާހެން، އަޅުގަނޑުމެންގެ މެދުގައި އޮންނަ ޚިޔާލު ތަފާތުވުމުގެ ދާއިރާ ތަންކޮޅެއް ފުޅާކަމުގައިވަނީނަމަ.

އާދެ! އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް. އެއީ، އެންމެ ކަމަކާ ބެހޭގޮތުންވެސް އަޅުގަނޑުމެންނަށް ވާހަކަދައްކައި ގޮތެއް ނުނިންމިގެން އެތައް ޖަލްސާތަކެއް ކުރަން ޖެހިދާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް މި ލިބޭ ތަޖުރިބާއިން އެނގެންޖެހެނީ، މިނިވަން ޚިޔާލު އެއީ، ބޭނުން އެއްޗެއް ކަމުގައިވިޔަސް، ކޮންމެވެސް އުޞޫލަކުން އަޅުގަނޑުމެންނަށް އެ ޚިޔާލުތައް އެއްގޮތްކުރެވޭ ތަން އަންނަންޖެހޭނެ ކަމަށް އަޅުގަނޑު ހިތުން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. އެއީ، ދުނިޔޭގެ އެހެން ތަންތާނގައިވެސް އެކަން ވާގޮތް. ކޮންމެ ފަރާތަކަށް ފެންނަ ޚިޔާލުގައި، އެއްވެސްކަހަލަ ދޫދިނުމެއްނެތި ހިފަހައްޓާ ކަމަށްވަންޏާ، ދުވަހަކުވެސް އެއްބަސްވުމަކަށް ނާދެވޭނެ.

އެހެންނަމަވެސް، ޚިޔާލު ތަފާތުވާ ކަންތައްތަކުގައި، ޤައުމީ މަޞްލަޙަތަށް ވިސްނާފައި، ކޮންމެ ފަރާތަކުންވެސް ހިސާބަކަށް ދޫދީގެން، އެންމެންނަށް އެއްބަސްވެވޭ ކޮމަން ގްރައުންޑެއް ނުވަތަ އެއްބަސްވެވޭ ވަކިހިސާބެއް ކަނޑައަޅައި، އެހިސާބު އެއީ މިވަގުތު ދެވެންއޮތް ހިސާބު ކަމުގައި ޤަބޫލުކުރެވިއްޖެނަމަ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ކުރާ މަސައްކަތްތައް މިހާރަށްވުރެ އަވަހަށް ކާމިޔާބުވެގެންދާނެ.

އަޅުގަނޑުމެންގެ ސިޔާސީ ޙަޔާތަށް އަންނަންޖެހޭނެ ކަމަށް އަޅުގަނޑަށް ވިސްނާލެވޭ ކަންތައްތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ޙިއްޞާ އަޅުގަނޑުމެންގެ ޤައުމީ ޙަޔާތުގައި މިހާރަށްވުރެ ބޮޑުވުން، އެއީވެސް ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. ރައްޔިތުންގެ މަޖިލީހުގެ ވާޖިބަކީ، ހަމައެކަނި ޤާނޫނުތައް ހެއްދެވުން ކަމަށް އޮވެގެން، އެ މަޖިލީހުގެ ފުރިހަމަ ޙިއްޞާ އަޅުގަނޑު ހިތުން އަޅުގަނޑުމެންނަކަށް ނުލިބޭނެ. އޭގެއިތުރުން، ސަރުކާރުން ކަންތައްތައް ކުރަމުން ގެންދާގޮތް ބަލައި، އެކަމާ ބެހޭގޮތުން ކަންތައްތައް އޮޅުންފިލުއްވައި ހެއްދެވުން އެއީވެސް، އަޅުގަނޑު ހިތުން ރައްޔިތުންގެ މަޖިލީހުގެ ކަމަކަށް ވާންޖެހޭނެ. ދުނިޔޭގެ އެހެން ތަންތާނގައިވެސް އެކަން އޮންނަނީ އެހެން. އަދި އަޅުގަނޑުމެންގެ މިހާރުގެ ޤާނޫނުއަސާސީގައިވެސް ކޮންމެވެސްވަރަކަށް އެކަން ހަމަޖެހިފައިވެސް އޮވޭ.

އާދެ! ވަޒީރުންނާ ސުވާލު ކުރެވިދާނެކަމުގެ ވާހަކަވެސް، ޤާނޫނުއަސާސީގައި އޮވޭ. ވަޒީރުންނާ ސުވާލުކުރުމަކީ، ރައްޔިތުންގެ މަޖިލީހުގެ ޙައްޤެއް ކަމުގައި އޮވޭ. އެހެންނަމަވެސް، މިހާތަނަށް ޢަމަލީގޮތުން އެކަން މާބޮޑަކަށް ހިނގާފައިވާ ކަމަކަށް ދެންނެވޭކަށް ނެތް. ތަންކޮޅެއް ކުރިން މިފަދަ ޖަލްސާއެއްގައި އަޅުގަނޑު ދެއްކި ވާހަކައެއްގައިވެސް، އަޅުގަނޑު ހިތުން މިކަމަށް އިޝާރާތް ކުރެވިފައިވާނެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަޅުގަނޑު ހިތްވަރު ދެނީ، ސަރުކާރުން ކަންތައްތައް ކުރާގޮތާ ދޭތެރޭގައި މަޢުލޫމާތު އޮޅުންފިލުއްވެވުމަށް. ކަންތައްތައް ވަމުންދާގޮތް އެބޭފުޅުންވެސް ބައްލަވައި ހެއްދެވުމަށް. އަދި ސުވާލުކުރައްވަންޖެހޭ ފަރާތަކާ ސުވާލު ކުރެއްވުމަށް. އެފަރާތަކީ، ސަރުކާރުގެ އޮފީހެއްގެ ވެރިއެއް ކަމުގައިވިޔަސް، ނުވަތަ އޮފީހެއް ކަމުގައިވިޔަސް، ނުވަތަ ވަޒީރެއް ކަމުގައިވިޔަސް، އެ ސުވާލު އަޅުގަނޑު ހިތުން ކުރެވެންވާނެ. އަދި މިހާރު ޤާނޫނުއަސާސީގައި އެއޮންނަ ގޮތަށްވުރެ، މުސްތަޤްބަލުގައި ދެން ހެދޭ ޤާނޫނުއަސާސީއެއްގައި އެކަން މިހާރަށްވުރެ ފުޅާކޮށް އޮތުމަކީ، އަޅުގަނޑު ހިތުން އެކަން އޮންނަން ޖެހޭނެގޮތް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ދުނިޔޭގެ އެހެން ތަންތާނގައިވެސް، އެތަންތާނގެ ޕާލަމެންޓްގެ ޖަލްސާތަކުގައި ސުވާލުކުރާނެ ގަޑިއެއް، ވަކި ވަގުތެއް ކަނޑައެޅިފައި އޮވޭ. އެވަގުތުގެ ތެރޭގައި މެންބަރުންގެ ހިތްޕުޅަށްއަރާ ނުވަތަ މެންބަރުން މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ސުވާލުތައް، ވަޒީރުންނާ ކުރައްވާނެ. ވަޒީރުން ވަގުތުން ޖަވާބު ދެއްވާ. ރާއްޖޭގައި އަދި އެގޮތަކަށް އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި ހަމަޖެހިފައެއް ނެތް. އެހެންނަމަވެސް، މުސްތަޤްބަލަށް ވިސްނާއިރު، އަޅުގަނޑު ހިތުން އެއީވެސް، އަޅުގަނޑުމެން އެއާދޭތެރޭގައި ވިސްނާފައި، ގޮތެއް ނިންމުން އެކަށީގެންވާ ކަމެއް.

ކޮންމެއަކަސް، އަޅުގަނޑަށް ދަންނަވަންޖެހެނީ، އަޅުގަނޑުމެންގެ ޤައުމީ ސިޔާސީ ޙަޔާތުގައި އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުން ކުޅުއްވާ ބައި މިހާރަށްވުރެ ބޮޑުވުމަކީ، އަޅުގަނޑު ހިތުން ޤައުމަށާއި ރައްޔިތުންނަށް މުސްތަޤްބަލުގައި ވަރަށް ބޮޑަށް ފައިދާކުރާނެ ކަމެކޭ.

ހަމައެއާއެކީގައި ދަންނަވަން ޖެހެނީ، އަޅުގަނޑުމެންގެ ޝަރުޢީ ނިޒާމަށްވެސް އެކަށީގެންވާ ބަދަލުތަކެއް އޮތީ އަންނަންޖެހިފައޭ. ޝައްކެއްނެތް، އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮންނަ ނިޒާމަކީ، އަޅުގަނޑުމެންގެ ވަށައިގެންވާ އެހެން ޤައުމުތަކުގައި އޮންނަ ނިޒާމާ ތަފާތު ނިޒާމެއް. އެކަން އެހެންވާންވެސްޖެހޭ. އެއީ، އަޅުގަނޑުމެންގެ ޝަރްޢީ ނިޒާމު ބިނާވެފައިވަނީ، އިސްލާމީ ޝަރީޢަތުގެ މައްޗަށް ކަމަށްވާތީ. އިސްލާމީ ޝަރުޢީ ނިޒާމާއި، މުސްލިމް ނޫން ޤައުމުތަކުގައި އޮންނަ ކޯޓުތަކުގެ ނިޒާމާ، ޢަދުލުއިންސާފުގެ ނިޒާމާ ވަރަށް ބޮޑަށް ތަފާތު.

އެކަން އަޅުގަނޑުމެން ޤަބޫލުކުރިކަމުގައިވިޔަސް، މިހާރާ އެކަށީގެންވާ ގޮތަކަށް އަޅުގަނޑުމެންގެ ނިޒާމަށްވެސް ހެޔޮ ބަދަލުތަކެއް އައުމަކީ، އަޅުގަނޑު ހިތުން ރައްޔިތުން ވަރަށް ބޮޑަށް އެދޭނެ ކަމެއް. މައްސަލަތައް ބެލުން އަވަސްވުމާއި، އަދި މިހާރު އެކަން އޮންނަ ގޮތަށްވުރެ ހަރުދަނާގޮތެއްގައި އެކަންތައްވުމާއި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިވެގެންދިޔުމާއި، މިކަންތައްތައް މިހާރަށްވުރެ ހަލުވިގޮތެއްގައި ހަރުދަނާގޮތެއްގައި ވުމަކީ، އަޅުގަނޑު ހިތުން އާންމު ރައްޔިތުންގެ އެންމެން ހަމަ އެދޭނެ ކަމެއް. އެއީ، އަޅުގަނޑު ވިސްނާލާއިރު، މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ޤައުމަށް އަންނަންޖެހޭނެ ހެޔޮ ބަދަލެއް ކަމުގައި އަޅުގަނޑަށް ފާހަގަކުރެވޭ.

ހަމައެހެންމެ، ސަރުކާރު ހިންގުމުގެ ދާއިރާއަށްވެސް އަންނަންޖެހޭ ބަދަލުތަކެއް ވާކަމަށް، އަބަދުވެސް އަންނަންޖެހޭނެ ބަދަލުތަކެއް ހުންނާނެ ކަމަށް އަޅުގަނޑު ދެކެން. އެއީ، މިހާރުވެސް އިޞްލާޙުކުރެވޭތޯ މަސައްކަތްކުރަމުން ގެންދާ ކަންތައްތަކެއް. އެހެންނަމަވެސް، މުސްތަޤްބަލުގައި އަދި އެއަށްވުރެ ބޮޑެތި އިޞްލާޙުތަކެއް އަންނަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން.

މިސާލެއް ދަންނަވަންޏާ، ސަރުކާރުގެ މަސައްކަތު ގަޑިއަކީ، އުފެއްދުންތެރި ގޮތެއްގައި އެންމެން ބޭނުންކުރާ ގަޑިއަކަށްވެފައި، އަމިއްލަ ކަންތަކަށާއި، އަރާމުކުރުމަށް ހަފްތާގެ ތެރޭގައި ވަގުތު ލިބޭގޮތަށް ހަމަޖެހިފައިވާ މަސައްކަތު ގަޑިއަކަށް ހެދުން އެއީ، އަޅުގަނޑު ހިތުން މުހިންމު ކަމެއް. އަދި މުވައްޒަފުން، އެމީހުންގެ ވާޖިބު އަދާކުރުމަށް އިތުރަށް ހޭލުންތެރިކުރުވުމާއި، އެމީހުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު ދެނެގަތުމަށްޓަކައި، އަދި އެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް މިހާރަށްވުރެ ފުރިހަމައަށް އަދާކުރުމަށްޓަކައި، އެކަށީގެންވާ ތަމްރީނުތަކަކާއި ހުނަރުވެރިކަމެއް އެމީހުންނަށް ގެނެސްދިނުމަކީވެސް، އަޅުގަނޑު ހިތުން މުހިންމު ކަމެއް.

ހަމަ އެއާއެކީގައި، މުވައްޒަފުން ކުރަނީ ކިހާވަރެއްގެ މަސައްކަތެއްތޯ ބައްލަވައި، އޭގެ އަގު ވަޒަންކުރައްވައި، މައްޗަށް ތިބޭ ވެރިންނަށް މިހާރަށްވުރެ ހަރުދަނާގޮތެއްގައި އެކަން ބެއްލެވޭނެ ނިޒާމެއް ހަމަޖެހިފައި އޮތުމަކީވެސް ބޭނުންތެރި ކަމެއް. އަދި މުވައްޒަފުންގެ ތެރެއިން، އެކަށީގެންވާ ގޮތެއްގައި ވަޒީފާ އަދާކުރާ މީހުންނަށް ކުރިއެރުން ލިބުމުގައި ފަސޭހަ ގޮތްތަކެއް އޮވެފައި، ފަރުވާކުޑަކުރާ މީހުންނާ ދޭތެރޭގައި އެޅެންޖެހޭ އެކަށީގެންވާ ފިޔަވަޅުތަކެއްވެސް އޮންނަންޖެހޭނެ.

ހަމައެއާއެކީގައި، ސަރުކާރުގެ އޮނިގަނޑު އަލުން ބަލައި، މަސައްކަތުގެ ފުށުއެރުންތަކާއި ތަކުރާރުވުންތައް ކުޑަކުރުމަށްޓަކައި، އެކިއެކި މިނިސްޓްރީތަކަށާއި، ޑިޕާޓްމަންޓްތަކަށާއި، އޮފީސްތަކަށް އެވަގުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނައުން އެއީވެސް، އަޅުގަނޑު ހިތުން މުހިންމު ކަމެއް. އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ ވަސީލަތްތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ބޭނުންކުރެވޭތޯ އަބަދުވެސް ބަލަންޖެހޭނެތީ. ވަސީލަތްތަކުގެ މުއްސަނދިކަން ހުރިވަރާއި، އެ ވަސީލަތްތަކުގެ މިންވަރާއި، އަޅުގަނޑުމެން އެ ވަސީލަތްތައް ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތްތަކާ، މި އެއްޗެހި އަޅައިބަލާފައި އެވަގުތަކަށް އެންމެ އެކަށީގެންވާ، އިޤްތިޞާދީ ގޮތުން ފައިދާހުރިގޮތަކަށް އެންމެ މަދު މަސައްކަތެއް ކޮށްގެން، އެންމެގިނަ ޚިދުމަތެއް އަދާކުރެވޭގޮތަކަށް ކަންތައް ކުރުމަކީ، އަޅުގަނޑު ހިތުން އަބަދުވެސް ކުރަންޖެހޭނެ ކަމެއް.

ހަމައެއާއެކީގައި، ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށްވެސް މުސްތަޤްބަލުގައި ހެޔޮބަދަލުތަކެއް އަންނަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. އާދެ، އެއީ ޝައްކެއްނެތް، މިހާރުވެސް އޮންނަނީ މައްސަލައަކަށްވެފައި. ސަރުކާރުގެ މުވައްޒަފުންގެ އަދަދު މަދުވެގެންނަމަވެސް، ނުވަތަ އެނޫންގޮތަކުން ސަރުކާރުގެ ބަޖެޓުން އެކަމަށް ހަމަޖެހޭ އަދަދު އިތުރުކުރެވިގެންނަމަވެސް، މުވައްޒަފުންނަށް އެމީހުންގެ އަސާސީ ބޭނުންތައް ފުއްދޭވަރަށް މުސާރައިގެ ކަންތައް ހަމަޖެހިފައި އޮތުމަކީ، މުޅި ސަރުކާރުގެ ހިނގުމަށާއި އަދި ޚާއްޞަކޮށް، މަގާމުގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމަށް އެޅޭ ހުރަހަކަށްވާނެކަމަށް އަޅުގަނޑު ދެކެން.

އާދެ! މި ވާހަކަ ދައްކާއިރު، ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބޭ މީހުން، އެމީހުން އެ ޒިންމާވާ ޒިންމާވުން މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި، ކުރަންޖެހޭ ކަންތައްތަކެއްވެސް ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. އެއީ އެ މުވައްޒަފުން، އެ ވެރިން ލެއްވިފައި އެތިބެނީ، ވަކި މަސްއޫލިއްޔަތުތަކެއް އަދާކުރުމަށްޓަކައި ކަމަށްވާތީ. އެބަޔަކު އެ އަދާކުރާ މަސްއޫލިއްޔަތު އަދާކުރަނީ ކިހާވަރަކަށްތޯ! އަދި އެ މަސްއޫލިއްޔަތު އަދާކުރުމުގައި ގަވާއިދާ ޚިލާފު އެއްވެސްކަހަލަ ކަމެއް ކުރޭތޯ! އެމީހެއްގެ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދާތޯ! މިކަންތައްތައް ޖެހޭނެ، ވަރަށް ހަރުދަނާ ގޮތެއްގައި ބެލެން.

އަޅުގަނޑުމެންގެ ރާއްޖެއަކީ، ސަރުކާރު ހިންގުމުގެ ދާއިރާގެ ގޮތުން ބަލާއިރު، އަދި ޢުމުރުން މާ ދުވަސްވީ ތަނެއް ކަމުގައި ނުވިޔަސް، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިހާރު، ދުނިޔޭގެ ބައެއް އެހެން ތަންތާނގައި އޮންނަ ފަދައިން، ސަރުކާރުގެ ދާއިރާގައި ރިޝްވަތުގެ ބޭނުންކުރުމާއި، ނާޖާއިޒު ފައިދާ ނެގުން އަށަގަންނަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދޭ. ޝައްކެއްނެތްގޮތުގައި، އެއީ ވަރަށް ހިތާމަހުރި ކަމެއް. އެހެންކަމުން، މުސްތަޤްބަލަށް ވިސްނާއިރު، މިކަންތައްތަކާ ދޭތެރޭގައިވެސް ވަރަށް ހަރުދަނާ ރޭވުންތަކެއް ރޭވިގެން، މިދެންނެވި ބަލި އަޅުގަނޑުމެންގެ މުޖްތަމަޢުން މުޅިން ނައްތާލެވޭތޯ އަޅުގަނޑު ހިތުން ވަރަށް ބުރަ މަސައްކަތްތަކެއް، ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ކުރަންޖެހޭނެ.

އެހެން މިދެންނެވީ، މިކަހަލަ ކަންތައްތައް ފެތުރިގެން އެ އަންނަނީ، ކޮންމެވެސް ދެފަރާތެއްގެ ގުޅުމެއް އޮވެގެން. އެއްފަރާތަކުން ހިތްވަރު ދީގެން، އަނެއް ފަރާތަކުން އެކަންތައް ކުރަނީ. އެއްފަރާތަކުން މަގުފަހިކޮށްދީގެން، އަނެއްފަރާތަކުން އޭގެ ބޭނުން ހާސިލުކުރަނީ. އެހެންވީމާ، އެއީ ހަމައެކަނި ސަރުކާރުގެ މުވައްޒަފުން އެކަނި، އެމީހުންގެ އަމިއްލަ މަސައްކަތުން ޙައްލެއް ގެނެވޭނެ ކަމަކަށްނުވެ ހިނގައިދާނެ. މުޖުތަމަޢަކީ މިކަހަލަ ކަންތައްތައް ޤަބޫލުނުކުރާ މުޖުތަމަޢެއް ކަމުގައިވުމަކީ، އަޅުގަނޑު ހިތުން މިދެންނެވި ބާވަތުގެ ނޭދެވޭ ޢަމަލުތައް މުޅިން ނައްތާލުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށްވާނެ.

އާދެ! މިހެން ދަންނަވާއިރު، އަދިވެސް އަޅުގަނޑުމެން ވިސްނަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. މިސާލަކަށް، ރާއްޖޭގެ މުއްސަނދިކަމާއި ފުދުންތެރިކަން މިހާރަށްވުރެ ޢަދުލުވެރި ނުވަތަ ހަމަހަމަގޮތެއްގައި ރައްޔިތުންގެ މައްޗަށް ބެހިގެންދާނެ ގޮތްތަކެއް ރޭވުން، އެއީވެސް އަޅުގަނޑުމެންނަށް މިހާރު މި އާދެވިފައި ތިބި ހިސާބުން، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. މިކަމަށްޓަކައި، ޚިޔާލުތަކެއްވެސް ކުރެވޭ. އެހެންނަމަވެސް، މުސްތަޤްބަލުގައި އަޅުގަނޑު ހިތުން މިއަށްވުރެ ބޮޑަށް މިކަމާ ދޭތެރޭގައި ވިސްނާފައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ހަމަ ކޮންމެހެން ބޭނުން ކަމެއް.

އާދެ! ޤައުމީދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކާއިރު، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް ވިދާޅުވިފަދައިން، ޤައުމީދުވަހުގެ މުނާސަބަތަކީ، އަޅުގަނޑުމެންނަށް މާޒީގައި ކުރެވިފައިވާ ތަޖުރިބާތަކާއި، މިހާރު އަޅުގަނޑުމެންގެ ކަންތައްތައް ހުރިގޮތާ ދޭތެރޭގައި ވިސްނާފައި، މުސްތަޤްބަލުގައި އަޅުގަނޑުމެން ދާންވީ ރާސްތާ ނުވަތަ ދާންވީ ދިމާ، ދާންވީ މިސްރާބު ކަނޑައަޅަންޖެހޭ މުނާސަބަތެއް. އެހެންކަމުން، އަޅުގަނޑަށް މި ވާހަކަތައް މިހެން މިދެންނެވުނީ. މިފަދަ މުނާސަބަތުތަކުގައި މުސްތަޤްބަލާ ދޭތެރޭގައި ވިސްނައި، އަޅުގަނޑުމެންގެ ތެރޭގައިވާ އުނި ކަންތައްތައް ހޯދައި، ދެނެގަނެ، އެކަންތައްތައް ނައްތާލެވޭނީ ކިހިނެއްތޯ ބަލައި، ޢަޒުމްތަކެއް ކަނޑައެޅުމަކީ، ޤައުމީދުވަހެއްގެ މުނާސަބަތުގައި އަޅުގަނޑު ހިތުން، އަޅުގަނޑުމެން އެންމެން ކުރަންޖެހޭނެ ކަމެއް.

އާދެ! އަޅުގަނޑު އެދެނީ، ޤައުމީދުވަހުގެ މުނާސަބަތުގައި އަޅުގަނޑުމެން މި އާކުރާ ޝުޢޫރުތަކާއި، އަދި އަޅުގަނޑުމެންގެ ހިތުގައި މި އުފައްދާ އާ ޢަޒުމްތައް ހާސިލުވުމުގެ މަގު، اللّـه سبحـانـه وتعـالى ތަނަވަސްކޮށްދެއްވުން. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ މިނިވަންކަން ދިފާޢުކުރާ، އަޅުގަނޑުމެންގެ ޤައުމިއްޔަތު ދިރުވައި، ދަމަހައްޓައި، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ޙިމާޔަތްކުރާ، ރައްޔިތަކާއި ސަރުކާރެއް ޤާއިމުވެފައިވާ ރާއްޖެއެއް ކަމުގައި އެކަލާނގެ ލެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ހިޔާވަހިކަމުގައި ތިބެގެން، އެ ދީނުގެ މަތިވެރި އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތައިގެން، އަޅުގަނޑުމެންގެ ޤައުމީ ކަންތައްތައް، އެއްދުވަހުން އަނެއް ދުވަހަށް އިޞްލާޙުކުރުމުގެ މަތިވެރި ތައުފީޤު، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ދެއްވުން. އަދި ރާއްޖެއަކީ، އަބަދުގެ އަބަދަށް މިނިވަން، މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އެކަލާނގެ ލެހެއްޓެވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.