بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العَـالَمِـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحـبه أجمعـين.

އާދެ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުން މާލޭގައި ހިނގަމުންދާ ހުރިހާ ކޯޓަކާއި އަދި އެ މިނިސްޓްރީ ހިނގަމުން ދިޔުމަށް ހަމަޖެހިފައިވާ، މި އަލަށް ބިނާކުރެވުނު ޢިމާރާތް ހުޅުވައިދިނުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. އަޅުގަނޑުމެންގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ، މިއަދުގެ މި ހެނދުނުގެ ހިތްގައިމު ވަގުތުގައި މި ހުޅުވައިދެވޭ، ޖަސްޓިސް މިނިސްޓްރީއާއި މާލޭގެ ކޯޓުތައް، އެއްފުރާޅެއްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޢިމާރާތް ހުޅުވައިދިނުން ކަމަށްވީކަމީ، އަޅުގަނޑު ހިތުން ވަރަށް މާނަހުރި ކަމެއް. ސަރުކާރުން ޢަދުލު އިންޞާފު ޤާއިމުކުރުމަށް ދޭ އަހަންމިއްޔަތު ހާމަވެގެންދާ ކަމެއް.

ޝައްކެއްނެތް، ޤައުމެއްގައި ޢަދުލު އިންޞާފު ޤާއިމުކުރުމަކީ، އެ ޤައުމެއްގައި ހަމަޖެހުން އުފެދުމަށް އަދި އެ ހަމަޖެހުން ހަރުދަނާވެ ދެމިއޮތުމަށް ވަރަށްވެސް ބޭނުންތެރި ކަމެއް. އެހެންކަމާއެކު، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގައި ކަންތައްތައް ހަލުވިކޮށް، އަވަސްކޮށް، އަދި އެ ދާއިރާއިން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ވީހާ ރަނގަޅަކަށް، ވީހާ އަމާނާތްތެރި، ތެދުވެރި، އިޚްލާޞްތެރި ގޮތަކަށް އެންމެންނަށް ވާޞިލްކޮށްދިނުމަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތަކީ ވަރަށްވެސް މުހިންމު މަސައްކަތެއް ކަމުގައި ނުވެއެއް ނުދާނެ.

އާދެ، އެގޮތުން، މާތްﷲގެ ވާގިފުޅާއެކު، މިއަދު މި ޢިމާރާތް މި ހުޅުވެނީ. ދެންމެ މިނިސްޓަރ އޮފް ޖަސްޓިސްގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ކިތަންމެ ފުރިހަމަ، ކިތަންމެ ބޮޑު ޢިމާރާތެއް ހެދުނުކަމުގައިވިޔަސް، އަދި އެކަމަކުން އެ ޢިމާރާތުގައި ހިނގާ އޮފީސްތަކުގެ ވާޖިބު އަދާކުރެވުނީ ކަމަކަށް ނުވާނެ. އެއީ، ވާންޖެހޭނީ ބިންގަލަކަށް. އެ ބިންގަލުގެ މަތީގައި އާރާސްތު ކުރެވެންޖެހޭނީ އެ ޚިދުމަތުގެ ޢިމާރާތް.

އާދެ، އެހެންކަމާއެކު، އަޅުގަނޑުގެ އެދުމަކީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ވެރިންނާއި، މާލޭ ކޯޓުތައް ހިންގަވާ ޤާޟީންނާއި އަދި ރާއްޖެތެރޭގެ މެޖިސްޓްރޭޓުންނާއި އަދި އެނޫންވެސް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަކުންވެސް ޢަދުލު އިންޞާފު ޤާއިމުކުރުމުގައި މިހާރަށްވުރެ ހަރުދަނާ އަދި މިހާރަށްވުރެ ހަލުވި ޚިދުމަތްތަކެއް ޢާންމު ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދެވުން. އާދެ، ޢަދުލު އިންޞާފު ޤާއިމުކުރުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް މަތިވެރި އަހަންމިއްޔަތެއް ދެއްވާފައިވާ ކަމެއް. اللّـه سبحـانـه وتعـالـٰى ވަޙީކުރައްވަނީ، "إِنَّ ٱللَّهَ يَأْمُرُكُمْ أَن تُؤَدُّوا۟ ٱلْأَمَـٰنَـٰتِ إِلَىٰٓ أَهْلِهَا وَإِذَا حَكَمْتُم بَيْنَ ٱلنَّاسِ أَن تَحْكُمُوا۟ بِٱلْعَدْلِ ۚ إِنَّ ٱللَّهَ نِعِمَّا يَعِظُكُم بِهِۦٓ ۗ إِنَّ ٱللَّهَ كَانَ سَمِيعًۢا بَصِيرًا" [النساء- ٥٨] ﷲ ވަޙީކުރައްވަނީ، އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށް ހަމަކަށަވަރުން މާތްﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވައޭ. އަދި މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާނަމަ، ޢަދުލަށް ޙުކުމްކުރުމަށްވެސް އަމުރުކުރައްވައޭ. ހަމަކަށަވަރުން މާތްﷲ އެކަމަކާމެދު ތިޔަބައިމީހުންނަށް ވަޢުޡު އިއްވަވާ ކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން ﷲއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެޔޭ. އާދެ، މިއާޔަތުން ދޭހަވާގޮތުގައި ޢަދުލު އިންޞާފު ޤާއިމުކުރުމަކީ، އަދި މީސްތަކުންގެ މެދުގައި އުފެދޭ މައްސަލަތައް، ވަކިފަރާތަކަށް ނުޖެހި އެންމެ ޙައްޤުވެރި، އެންމެ ޢަދުލުވެރި، އިންޞާފުވެރި ގޮތުގައި ނިންމުމަކީ اللّـه سبحـانـه وتعـالـٰى މި އުންމަތުގެ މައްޗަށް ވާޖިބު ކުރައްވާފައިވާ، ވަރަށްވެސް ޚާއްޞަ އަމާނާތެއް. އެ އަމާނާތް ޙަވާލުކުރެވިފައިވާ ފަރާތްތަކުން އެ މަސައްކަތް ކުރަންޖެހޭނީ ވީހާވެސް ތެދުވެރިކަމަކާއި އިންޞާފުވެރިކަމަކާ އެކީގައި. އެހެންނޫންނަމަ އެ އަމާނާތް އަދާކުރެވުނީކަމަކަށް ނުވާނެ.

އާދެ، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީކުރެވޭގޮތުގައި ދައުލަތުގެ ބާރުތައް އޮންނަންޖެހޭނީ މުޅިން ވަކިވަކިވެފައި. ބާރުތައް ވަކިކުރުމުގެ ވާހަކައަކީ ބޭރު ދުނިޔޭގައި ދެކެވޭ ވާހަކައެއް. އެތަންތާނގެ ޤާނޫނުއަސާސީތަކުގައިވެސް ކޮންމެވެސްވަރަކަށް އޮންނަ ކަމެއް. މާތްވެގެންވާ އިސްލާމްދީނުގައި އެކަން އޮންނަގޮތާ ދޭތެރޭގައި ވިސްނާލައިފިނަމަ، އަޅުގަނޑުމެންނަށް އެނގޭނެ، އިސްލާމްދީނުގައި މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ މީސްތަކުންގެ ކަންތައްތަކާ ޙަވާލުވެހުރުމަށް ހަމަޖެހިފައިވަނީ ވަކި ފަރާތަކުންކަން. އާދެ، އެފަރާތަކަށް ވަލިއްޔުލްއަމްރޭވެސް ކިޔިދާނެ. ނުވަތަ އެކި ތަންތާނގައި ޤާނޫނީގޮތުން އެމަޤާމަށް ހަމަޖެހިފައިވާ ނަންވެސް ކިޔިދާނެ. މާތްﷲ އަޅުގަނޑުމެންގެ މުޅި މުޖުތަމަޢާ ޙަވާލުކުރައްވާފައިވާ ކޮންމެ ކަމެއް އިޞްލާޙުގެ މަގުން، އިންޞާފުގެ މަގުން ހިންގުމަކީ ވަލިއްޔުލްއަމްރުގެ ކަމެއް. އަޅުގަނޑުމެންގެ ޤާނޫނު ބުނާގޮތުންވެސް ދައުލަތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލައި އިޞްލާޙުކުރުމުގެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ. ދުނިޔޭގެ އެއްވެސް ތަނެއްގައި ޢަދުލު އިންޞާފު ޤާއިމުކުރާ މީހުންނަކީ ޢާންމު ރައްޔިތުން ހޮވާ ބައެއްނޫން. އިންތިޚާބުކުރާ ބައެއްނޫން. އެއީ، ދައުލަތުގެ ކަމާބެހޭ ފަރާތުން ޢައްޔަންކުރާ ބައެއް. އަދި އެމީހުންނަށް އެކިއެކި ތަރައްޤީދީ، މަޤާމު މަތިކޮށްދީ، އެބައިމީހުންގެ މުސާރަ ކަނޑައަޅައި މުސާރަދެނީވެސް ދައުލަތުގެ ފަރާތުން. އެމީހުންނަށް މުސާރަދެނީ ދައުލަތުގެ މާލިއްޔަތުން. އެމީހުން މަޤާމުން ވަކިކުރަނީވެސް ދައުލަތުގެ ކަމާބެހޭ ފަރާތުން. މި ރާއްޖޭގައިވެސް އެކަން އޮތީ އެހެން. އަދި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާއާއި ސަރުކާރުގެ އެހެން ދާއިރާތަކާ ދޭތެރޭގައި އޮންނަ ގުޅުމާ މެދުގައި ވިސްނާއިރުވެސް، ދުނިޔޭގެ އެއްވެސް ތަނެއްގައި މި ގުޅުންތައް މުޅިން ކަނޑާލެވިފައެއް ނޯވޭ. އޮންނަނީ އެއްބާރަކާއި އަނެއްބާރަކާ ގުޅޭގޮތަށް. ކުރިންވެސް ދެންނެވިފަދައިން، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގައި ހިމެނޭ މީހުން ނުވަތަ ފަނޑިޔާރުން ޢައްޔަންކޮށް، އެމީހުންނަށް ތަރައްޤީގެ މަގު ތަނަވަސްކޮށްދީ، އެމީހުންނަށް މުސާރަދީ، ވަޒީފާއިން ވަކިކޮށް ހަދަނީ ސަރުކާރުގެ ކަމާބެހޭ ފަރާތުން.

ހަމައެއާއެކު، ކޯޓުތައް ހިންގާނެ ޢިމާރާތްތައް ހަދައިދީ، އެކަމަށް ބޭނުންވާ އިދާރީ ޚަރަދުތަކާއި، މުވައްޒަފުންގެ މުސާރައާއި، މި ހުރިހާ ކަމެއްވެސް ކޮށްދެނީ، އެތަނެއްގައި އޮންނަ ސަރުކާރެއްގެ ފަރާތުން. އެއްބާރާ އަނެއްބާރާ ދޭތެރޭގައި އޮންނަ ގުޅުން ކަނޑާލަންޖެހޭ ނުވަތަ މި މައްސަލައިގައި ވަކިގޮތަކަށް ހަމަޖެހިފައި އޮންނަންޖެހޭ ސަބަބަކީ ވެރިކަމުގެ ފަރާތުގެ ނުފޫޒެއް ޝަރީޢަތުގެ މައްޗަށް ނުހިނގުން. ޝައްކެއްނެތް، އެއީ އެކަން އޮންނަންވީވެސް ގޮތް. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރި ކަމާއެކު ދަންނަވަން، ވެރިކަމުގެ ފަރާތުން ޝަރީޢަތުގެ ދާއިރާއަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާ. އަދި ހަމަޖެހިފައި އޮންނަނީވެސް އެއްވެސް ނުފޫޒެއް ފޯރުވާ ގޮތަކަށްނޫން. ޝަރީޢަތުގައި ހިނގަމުންދާ ކަމަކާ ދޭތެރޭގައި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން ވަކި އެއްޗެއް ނުބުނާނެ. ވަކި އެއްޗެއް ބުނާކަށްވެސް ނުޖެހޭ. ޝަރީޢަތް ހިންގަވާ ފަރާތުން، އެ ފަރާތަކަށް ފެނިވަޑައިގަންނަވާ އެންމެ ޢަދުލުވެރި އިންޞާފުވެރި ގޮތަކަށް ރާއްޖޭގެ ޤާނޫނާއި އިސްލާމީ ޝަރީޢަތާ އެއްގޮތްވާގޮތުގެ މަތިން މައްސަލަތައް ނިންމެވުމުގެ ފުރިހަމަ އިޚްތިޔާރު އޮންނާނީ ހުރިހާ ޤާޟީންނާއި މެޖިސްޓްރޭޓުންނަށް އަރުވާފައި. އެހެންކަމުން، ސަރުކާރުގެ ފަރާތުން، ޝަރީޢަތެއް ވަކިގޮތަކަށް ގެންދިޔުމަށް ބާރުއެޅުމެއް ނޯންނާނެ. އެއީ، އެއްގޮތަކަށްވެސް ވެގެންވާނެ ކަމެއްނޫން. އެގޮތުން، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ވެރިކަން ހިންގާ ފަރާތާއި ޝަރީޢަތްކުރާ ފަރާތާ ދޭތެރޭގައި އޮންނަ ގުޅުން އޮންނަނީ މި ދެންނެވި އުސޫލުން. ދުނިޔޭގެ އެހެން ތަންތާނގައިވެސް އޮންނަގޮތަށް ޢަދުލު އިންޞާފު ޤާއިމުކުރުމަށް ވެރިން އިސްކުރުމަކީ ރާއްޖޭގައިނަމަ، ރައީސުލްޖުމްހޫރިއްޔާއަށް އިޚްތިޔާރު އޮންނަ ކަމެއް. އެމީހުން މަޤާމުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އިޚްތިޔާރު އޮންނަ ކަމެއް. އެމީހުންގެ މުސާރަ ކަނޑައެޅުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ކަމެއް. އެހެންނަމަވެސް، ޝަރީޢަތާ ދޭތެރޭގައި ގޮތްކިޔައި، މިވެނިގޮތަކަށް ޝަރީޢަތް ނިންމަވަން ދެންނެވުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ކަމެއް ނޫން. އެއީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި އެއްވެސް މީހަކު ހުރިކަމުގައިވިޔަސް، އެކަން ކޮށްގެންވާނެ ގޮތެއްވެސް ނޫން. އަޅުގަނޑު ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މި ދަންނަވަނީ، ހަމަ ޔަޤީނުންވެސް އެއީ އަޅުގަނޑު ކަންކުރާ ގޮތެއް ނޫނޭ. އަދި އިރާދަކުރެއްވިއްޔާ މުސްތަޤްބަލްގައިވެސް އެގޮތަކަށް ކަންތަކެއް ނުކުރާނަމޭ.

އާދެ، އެހެންނަމަވެސް، ވަލިއްޔުލްއަމްރުގެ ބެއްލެވުމުގެ ދަށުގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ކަންތައް އޮންނަންޖެހޭ ސަބަބަކީ، ދައުލަތުގެ އެންމެހާ ކަންތައްތައް ހިނގާނުހިނގާގޮތް ބަލައި އިޞްލާޙު ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ޤައުމުގެ ވަލިއްޔުލްއަމްރުގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތަކަށްވާކަން. ކޯޓުތައް ހިންގަވަން ތިއްބަވަނީވެސް އިންސާނުން. އިންސާނުންނަކީ ކުށަށް ހުށަހެޅޭ ބައެއް. އެހެންކަމުން، ބައެއް ކަންތައްތައް ޤާޟީންގެ ފަރާތުން، މެޖިސްޓްރޭޓުންގެ ފަރާތުން އެކަށީގެންނުވާ ގޮތަކަށްދިޔުމަކީވެސް އެކަށީގެންވާ ކަމެއް. އެކަން އެހެން އޮތުމާއެކު، އެއަށްވުރެ މަތީފަރާތަކުން އެކަންތައްތައް ބަލައި، ނޭދެވޭގޮތަކަށް ކަމެއްދާކަމަށްވަނީނަމަ، އެކަމެއް އިޞްލާޙުކުރުމަކީ، އެފަރާތުގެ ވާޖިބެއްކަމުގައި އޮންނަނީވެފައި. އެގޮތުން ސަރުކާރަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް އެ ބާރު އޮންނަނީ.

އާދެ، މުނާސަބަތަކީ މާދިގު ވާހަކަތަކެއް ދައްކަން އޮތް މުނާސަބަތެއް ނޫން. އެހެންނަމަވެސް، އަޅުގަނޑު މިވާހަކަ މި ދަންނަވާލީ އަޅުގަނޑުމެންގެ މެދުގައި ދެކެވޭ ވާހަކަތަކުގައި، އަޅުގަނޑުމެންނަށް ތަފާތު ގޮތްގޮތަށް ޚިޔާލުކުރެވޭތީ. އަދި އަޅުގަނޑުމެންނަށް ހީކުރެވެނީ ބޭރު ދުނިޔޭގައި ކަންތައްތައް އޮންނަނީ މުޅިން ތަފާތު ގޮތަކަށް ކަމަށް. އެހެންނަމަވެސް، އަޅުގަނޑު މި ދަންނަވަނީ އެތަންތާނގައިވެސް ކަންތައްތައް އޮންނަނީ ހަމަ މިކަހަލަ ގޮތަކަށޭ. ބޭނުމަކީ ވެރިކަމުގެ ފަރާތުން ޝަރީޢަތަށް ބާރެއް ނުފޯރުވުމޭ. އެނޫން ގޮތްގޮތުން ވެރިކަމުގެ ފަރާތާއި ޝަރީޢަތް ހިންގާ ފަރާތާ އޮންނަނީ ވަރަށްބޮޑަށް ގުޅިލާމެހިފައޭ. އަދި އެހެން ތަންތަނާ ދޭތެރޭގައި ވިސްނާއިރު، ޝަރީޢަތުން ކުރާ ޙުކުމަކަށް ލުޔެއްދިނުން އެއީވެސް ދައުލަތުގެ ކަމާބެހޭ ފަރާތަށް އޮންނަ ކަމެއް. ބައެއް ތަންތާނގައި އެކަންތައް އޮންނަނީ ދައުލަތުގެ އެންމެމަތީ ވެރިޔާއަށް. ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ އެއީ ޝާހީވެރިކަމެއް އޮންނަ ތަނެއް ކަމުގައިވަނީނަމަ، އެތަނެއްގައި ހުންނަވާ ރަސްކަލަކަށް، ނޫންނަމަ އެތަނެއްގައި ހުންނަވާ ދާޚިލީ ވަޒީރަށް، ނޫނީ އެމެރިކާގައި ނަމަ، ބައެއް ސްޓޭޓްތަކުގައި އެތަންތާނގެ ގަވަރުނަރުންނަށް. ކޮންމެއަކަސް، އަދަބަށް ލުއިދިނުމާއި، ޚާއްޞަކޮށް، މަރުގެ ނިޔާ ކަނޑައެޅޭ މީހުންގެ މަރުގެ އަދަބު، އެނޫންގޮތަކަށް ބަދަލުކޮށްދިނުމާއި، މި ކަންތައްތައް މިއީ ކޮންމެ ތަނެއްގައިވެސް މި ދެންނެވި އުޞޫލުން ހަމަޖެހިފައި އޮންނަ، ވެރިކަމުގެ ދާއިރާގެ ފަރާތަކަށް އޮންނަ ކަމެއް. އިނގިރޭސިވިލާތުގައި އިސްތިއުނާފުގެ އެންމެމަތީ ކޯޓަކީ، ހައުސްއޮފް ލޯރޑްސް. އެތާނގެ ރައްޔިތުންގެ މަޖިލީހުގެ ދެ މަޖިލީހުންކުރެ މަތީ މަޖިލިސް. އެތަނަށް މި އޮންނަނީ އިސްތިއުނާފުގެ އެންމެމަތީ ބާރު. އެހެންކަމުން، އެކަމުންވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ، ދައުލަތުގެ ބާރުތައް ވަކިކުރިކަމުގައިވިޔަސް، އެ ވަކިކުރުން އޮންނާނީ، ވަކި ދާއިރާއެއްގެ ތެރޭގައިކަން. އެއީ، ސާފުސީދާ ވަކިކުރުމަކަށް ނުވާނެކަން. އަދި އެއީ، ޢަމަލީގޮތުން އެއްވެސް ތަނެއްގައި އެކަން ހިންގަންޖެހޭނެ ނުވަތަ ހިންގޭނެ ގޮތެއްނޫންކަން.

އާދެ، މިވާހަކަ އަޅުގަނޑު މި ދަންނަވާލީ، ކުރިންވެސް ދެންނެވިފަދައިން، މިކަމަކީ އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލުތަފާތުވެ، ނުވަތަ ތަފާތުގޮތްގޮތަށް ޚިޔާލުކުރެވޭ ކަމަކަށްވާތީ، އެކަން އަޅުގަނޑަށް ފެންނަގޮތް. އެއީ، އަޅުގަނޑަށް ހީވާގޮތުގައި، މާތްވެގެންވާ އިސްލާމްދީނުގައި އޮންނަގޮތް ދަންނަވާލުމަށްޓަކައި. މި މުނާސަބަތުގައި އަޅުގަނޑު އިތުރަށް އެއްޗެއް ދަންނަވާލަން ބޭނުންވޭ. އެއީ، ރާއްޖޭގެ ހުރިހާ ކަމެއް ތަރައްޤީގެ މަގުގައި، އިޞްލާޙުގެ މަގުގައި ކުރިއަށްދާއިރު، ޝަރީޢަތް ހިންގުމުގެ ދާއިރާގެ ކަންތައްތައްވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް ކުރިޔަށޭ ދަންނަވާލަން. އާދެ، ރާއްޖެތެރޭގައިވެސް އިތުރަށް ކޯޓުތައް ދަނީ ޢިމާރާތް ކުރެވެމުން. ކޯޓުތަކަށް ދަނީ ޤާޟީން ނުވަތަ މެޖިސްޓްރޭޓުން ލެއްވެމުން. ޤާޟީންނަށް ބޭނުންވާ ތަމްރީނުތައް ދަނީ ހަމަޖައްސައިދެވެމުން. އެންމެންނަށް ބޭނުންވާ މަޢުލޫމާތާއި ތަޖުރިބާ ދަނީ އިތުރުކޮށްދެވެމުން. ހަމައެފަދައިން، ޝަރީޢަތް ހިންގުމުގެ ދާއިރާގައި ހަމަޖެހިފައިވާ ޤަވާޢިދުތައް އިޞްލާޙުކޮށް، އެކަންތައްތައްވެސް ދަނީ އިތުރަށް ހަރުދަނާކުރެވެމުން. މި ހުރިހާ ކަމެއް މިގޮތަށް ގެންދެވުމުގައި އަޅުގަނޑަށް ވަރަށް ޚާއްޞަ އެހީތެރިކަމެއް ބަހައްޓަވައިދެއްވައި އަދި ވަރަށް އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަމާއެކު، މި މަސައްކަތް ކުރިއަށް ގެންގޮސްދެއްވާ، އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ޖަސްޓިސް އަލްއުސްތާޛު މުޙައްމަދު ރަޝީދު އިބްރާހީމަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދެންނެވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. އާދެ، އޭނާއަކީ ކަމަށް ވަރަށް ޤާބިލް، ޢިލްމުވެރި، އަމާނާތްތެރި، އިޚްލާޞްތެރި ބޭފުޅެއް. އޭނާ އެ އަދާކުރައްވާ ޚިދުމަތުގެ އަގު އަޅުގަނޑެކޭ އެއްފަދައިން، އަޅުގަނޑު ހިތުން ދިވެހި ރައްޔިތުންވެސް ވަޒަންކުރައްވާނެ. އަދި އޭނާގެ ބެއްލެވުމުގެ ދަށުން މިނިސްޓްރީ އޮފް ޖަސްޓިސްގެ އިސްވެރިންނާއި އަދި މާލޭ ކޯޓުތަކުގެ ޤާޟީންނާއި އަދި ރާއްޖެތެރޭގައި ތިއްބަވާ މެޖިސްޓްރޭޓުންނާއި އަދި ކޯޓުތަކުގެ އެހެން މުވައްޒަފުން އެ ކުރައްވާ ޚިދުމަތަކީވެސް އަޅުގަނޑުމެން އެންމެން ފާހަގަކުރަންޖެހޭނެ ޚިދުމަތެއް.

ޝަރީޢަތް ކުރުމަކީ ނުވަތަ ޝަރީޢަތުގައި ގޮތެއް ނިންމުމަކީ، ގިނަ ފަރާތެއްގެ ޝުކުރު އެކަމަށް ލިބޭނެ ކަމެއްނޫން. އެކަން ވާނީވެސް އެހެން. މައްސަލައެއް އުފެދޭނީ ދެ ޚަޞްމުންގެ ތެރޭގައި. މައްސަލައެއް ނިންމޭނީ ކޮންމެވެސް އެއްކޮޅަކަށް. އަނެއްކޮޅުގައި ހުންނަ މީހާ، އެ ނިމުނު ގޮތަކާ ދޭތެރެއަކު ނުރުހޭނެ. އޭނާ އެކަމާ ނަފުރަތުކުރާނެ. އެހެންވީމާ، އަބަދުވެސް އަޅުގަނޑުމެންނަށް ގިނައިން އިވޭނީ ހިތްހަމަނުޖެހޭ މީހުންގެ ވާހަކަ. ހިތްހަމަޖެހޭ މީހަކު އެވާހަކަ ދައްކަމަކުންނުދާނެ. އެއީ އިންސާނީ ޠަބީޢަތް. ހިތްހަމަނުޖެހޭ ކަމެއް އޮވެއްޖެނަމަ، އެވާހަކަ އެމީހަކަށް ދެއްކޭނެ. އެއީވެސް އިންސާނީ ޠަބީޢަތް. އެހެންވީމާ، ގިނައިން އަޅުގަނޑުމެންނަށް އިވޭ، ޝަރީޢަތުގެ ކަންތައްތައް ގޯސްކޮށްދާ ވާހަކަ ނުވަތަ ނުބައިކޮށްދާ ވާހަކަ. އެހެންނަމަވެސް، އެއީ ޙަޤީޤަތެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ.

ކޮންމެއަކަސް، ކުރިންވެސް ދެންނެވިފަދައިން، އެބޭފުޅުން އެ އަދާކުރައްވާ ވާޖިބަކީ، މީހުން ވަރަށް ޝުކުރުނުކުރާ، އެކަމުގެ އަގު ވަޒަންނުކުރާ ކަމެއް. އެކަން އެހެން އޮތް ކަމުގައިވިޔަސް، އެބޭފުޅުން އެ އަދާކުރައްވާ ވާޖިބަކީ، ޝައްކެއްނެތްގޮތުގައި، ވަރަށްވެސް މުހިންމު ވާޖިބެއް. އެބޭފުޅުން އެ އުފުއްލަވަނީ ވަރަށްވެސް ބުރަ މަސްއޫލިއްޔަތެއް. އެހެންކަމުން، އެކަން އަޅުގަނޑު ވަޒަންކޮށް، ހުރިހާ ކޯޓުތަކުގެ ޤާޟީންނަށާއި، މެޖިސްޓްރޭޓުންނަށާއި، އަދި ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވާ އެހެން ހުރިހާ ބޭފުޅުންނަށްވެސް އާދެ، ޝަރުޢީ ދާއިރާއޭ ދަންނަވާއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި އޮތް އެންމެ މަތީ ކޯޓު އާދެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ވާހަކަވެސް ދަންނަވަންޖެހޭ. އެހެންވީމާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މޫސާ ފަތުޙީ ކުރައްވާ މަތިވެރި ޚިދުމަތާއި އަދި ހައިކޯޓުގެ ފަނޑިޔާރުންވެސް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ރޮނގުގައި ކުރައްވާ، ވަފާތެރި މަތިވެރި ޚިދުމަތްތައް ފާހަގަކޮށް، އެ ހުރިހާ ބޭފުޅުންނަށް މިއަދުގެ މުނާސަބަތުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މި ޢިމާރާތް މިހާ ފުރިހަމަކޮށް، ކޮށްދެއްވި ފަރާތް ކަމުގައިވާ މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރުގެ މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނަށާއި، އެ މިނިސްޓްރީގެ އިސްވެރިންނަށާއި ހުރިހާ މުވައްޒަފުންނަށްވެސް މިއަދުގެ މުނާސަބަތުގައި އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ބަންދު ނިމިގެން އަލަށް ސަރުކާރުގެ އޮފީސްތައް ހުޅުވޭއިރު، މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުން މާލޭގައި ހިނގަމުންދާ ކޯޓުތައް އެހެން ނިޡާމަކަށް އޮންނާނީ، އިރާދަކުރެއްވިއްޔާ ބަދަލުވެފައި. މިހާރު ހުރި ކޯޓުތަކުގެ ބަދަލުގައި އެއަށްވުރެ މަދު ޢަދަދެއްގެ ކޯޓުތައް ހިންގާގޮތަށް މިހާރުވަނީ ހަމަޖެހިފައި. އަޅުގަނޑުމެން މިއަދު މި ހުޅުވާ ޢިމާރާތުގައި މަސައްކަތް ހަމަޖެހިގެންދާއިރު، މި ދެންނެވި އުޞޫލުން އެ ނިޒާމަށް އޮންނާނީ ބަދަލެއް އައިސްފައި. މަޤްޞަދަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތް ހަލުވިކުރުން. އަވަސްކުރުން. ވީހާ އަވަހަށް ހަރުދަނާ ގޮތެއްގައި މަސައްކަތް ނިންމޭތޯ ބެލުން. އެކަމަށްޓަކައި، މި ބަދަލު މާލޭގެ ކޯޓުތަކަށް މި ގެނެވެނީ. އަޅުގަނޑު އުންމީދުކުރަނީ، އެ ބަދަލުގެ ސަބަބުން ރައްޔިތުންނަށް ޢަދުލު އިންޞާފުގެ ދާއިރާގައި ލިބެމުންދާ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާވެ، ހަލުވިވެ، އަވަސްވާނެކަމަށް.

އާދެ، އެ ވާހަކަ ދަންނަވާލުމާއެކު، އަދި اللّـه سبحـانـه وتعـالـٰى އަޅުގަނޑުމެން އެންމެންނަށް މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު ދެއްވައި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށްޓަކައި، ސަރުކާރާއި އަދި ކަމާބެހޭ ހުރިހާ ފަރާތްތަކަކުން ކުރަމުންގެންދާ މަސައްކަތުގައި ހެޔޮ ތައުފީޤު ލެއްވުން އެދި ދުޢާކުރަމުން، މާލޭގައި އަލަށް މި ޢިމާރާތް ކުރެވުނު ޖަސްޓިސް ބިލްޑިންގ ހުޅުވައިދިނުމުގެ އުފަލާއި ޝަރަފް އަޅުގަނޑު ލިބިގަންނަން.

بســم اللّـه الرّحمـن الرّحيــم.

والسّلام عليكم ورحمـة اللّـه وبركاته.