بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وعلى آلـه وصحـبه أجمعـين.
އާދެ، ރާއްޖޭގައި ފުރަތަމަފަހަރަށް ފާހަގަކުރެވޭ ޒުވާނުންގެ އަހަރުގެ ތެރޭގައި ހިންގޭ ކަންތައްތަކުގެ ތެރެއިން، ޒުވާނުންނާބެހޭ ޤައުމީ ޖަލްސާ "ދިވެހި ޒުވާނުން-92" މި ޖަލްސާ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި، އަޅުގަނޑުގެ އެންމެ އިސް އަދި އެންމެ އުފާވެރި ވާޖިބެއް ކަމުގައި ދެކެނީ، އެބަޔަކަށްޓަކައި މިޖަލްސާ ބޭއްވޭ، އަދި އެބަޔަކަށްޓަކައި މިއަހަރު ފާހަގަކުރެވޭ ރާއްޖޭގެ ލޮބުވެތި ޒުވާނުންނަށް އަޅުގަނޑުގެ ހިތުގެ ލޯތްބާއި އިޚްލާޞްތެރިކަމާއެކު މަރްޙަބާ ކިޔުން. އަޅުގަނޑުގެ މި މަރްޙަބާގައި، މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ވަޑައިގެން ތިއްބެވި މާލެއާއި ރާއްޖެތެރޭގެ ޒުވާނުންގެ މަންދޫބުންނާއި، މި ޖަލްސާގައި ތިއްބެވި ޒުވާން އެހެން ބޭފުޅުންނާއި، އަދި ދިވެހިރާއްޖޭގެ ހިޔާވަހިކަމުގެ ދަށުގައި ދިރިއުޅެމުންގެންދާ އެންމެހާ ޒުވާނުން ޝާމިލްކުރަން.
އާދެ، އެއަށްފަހުގައި، މިއަހަރުގެ ކަންތައްތައް ރާއްވަވައި ހިންގަވައިދެއްވާ ފަރާތްތަކަށްވެސް ޚާއްޞަ ޝުކުރެއް ދަންނަވާލަންޖެހޭ. އާދެ، އޭގެތެރޭގައި، ޒުވާނުންގެ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އަލްފާޟިލް އިސްމާޢީލް ޝަފީޢުގެ ނަންފުޅު ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހޭ. އަދި މިއަހަރުގެ ކަންތައްތައް ފުރަތަމަ ރޭވިގެން އައިއިރު، އަދި މިއަހަރުގެ ކުރީކޮޅު އެކަންތައްތައް ހިންގަވަމުން ގެންދެވި އޭރުގެ ޒުވާނުންގެ މަރުކަޒުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޖަމީލްގެ ނަންފުޅުވެސް ވަރަށް ޚާއްޞަގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން. އަޅުގަނޑުގެ މި ޝުކުރުގައި، ޒުވާނުންގެ އަހަރު ފާހަގަކުރުމާބެހޭ އިސްކޮމިޓީގެ ބޭފުޅުން، އާދެ، އެއީ ހަތަރު މިނިސްޓަރަކު. އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، އަލްފާޟިލް އިލްޔާސް އިބްރާހީމް، އަލްފާޟިލް ޢުމަރު ޒާހިރު، އަދި އަލްފާޟިލް އިސްމާޢީލް ޝަފީޢުވެސް ވަރަށް ޚާއްޞަގޮތެއްގައި ހިމަނަން. ހަމައެއާއެކީގައި، ޒުވާނުންގެ މަރުކަޒުގެ ހިންގުމުގެ ކަންތައްތަކާ ޙަވާލުވެވަޑައިގެން ތިއްބަވާ ބޭފުޅުން. އާދެ، އެމަރުކަޒުގެ ރައީސް އަދި އެމަރުކަޒުގެ ރައީސްގެ އެހީތެރިޔާ އަލްފާޟިލް އިސްމާޢީލް ޢަބްދުލްޤާދިރު އަދި އެމަރުކަޒުގެ އެޑްމިނިސްޓްރޭޓަރ އަލްފާޟިލް ޢަބްދުއްލަޠީފް މަޙްމޫދު، މި ހުރިހާ ބޭފުޅުންވެސް ވަރަށް އުފަލާއެކު މި ޝުކުރުގައި އަޅުގަނޑު ހިމަނަން.
މީގެއިތުރުން، ޒުވާނުންގެ މަޖްލިސްގެ މެންބަރުންނާއި، ޒުވާނުންގެ އަހަރުގެ ކަންތައްތައް ކޯޑިނޭޓް ކުރައްވާ ކޮމިޓީގެ މެންބަރުންނާއި، އަދި މިކަންކަމުގައި ބައިވެރިވެވަޑައިގެންދެއްވާ ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާއި، އަމިއްލަ ޖަމާޢަތްތަކާއި، ކުލަބްތަކާއި، ރާއްޖެތެރޭގެ ރަށްރަށުގެ ވެރިންނާއި، ރަށްކުރިއަރުވާ ކޮމިޓީތަކާއި، ޒުވާނުންގެ މަރުކަޒާ ގުޅިފައިވާ މެންބަރުންނާއި، ރަށްރަށުގެ ކުލަބްތަކާއި، ޖަމްޢިއްޔާތައްވެސް، އަޅުގަނޑުގެ މި ޝުކުރުގައި ހިމަނަން. ހަމައެއާއެކު، ޒުވާނުންގެ އަހަރު ފާހަގަކުރުމުގެ ގޮތުން މިކުރެވޭ ކަންތައްތަކުގައި، ސަރުކާރުން ކުރަމުން އައި މަސައްކަތްތައް ފާހަގަކުރައްވައި، ސަރުކާރަށް ނިސްބަތްވާ ގޮތަށް ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަލްފާޟިލް އިސްމާޢީލް ޝަފީޢު، އަލްފާޟިލް އިލްޔާސް އިބްރާހީމް، އަލްފާޟިލް އިސްމާޢީލް ޢަބްދުލްޤާދިރު. އަދި ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ އެ ޒުވާން އަޑުގެ ވެރިޔާ އާދެ، ދިވެހި ޒުވާނުންގެ ފަރާތުން މި ޖަލްސާގައި ވާހަކަފުޅު ދެއްކެވި މަންދޫބު. އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ދަރާފައިވާ ދަރަނި ބޮޑުކަމުގައި ދަންނަވަންޖެހޭ. އެއީ، ދިވެހި ޒުވާނުންނަށްޓަކައި ސަރުކާރުން މިކުރާ ކަންތައްތައް ފާހަގަކުރައްވައި، އެކަންތައްތަކާ ބެހޭގޮތުން ހިތްޕުޅުހެޔޮކަމާއެކު ވާހަކަފުޅު ދެއްކެވީތީ.
އާދެ، ޒުވާނުންނާބެހޭ ކަންތައްތައް ސަރުކާރުން ފަށާފައި ވަނީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، 1980 ވަނަ އަހަރުގެ ތެރޭގައި. އެއަހަރުގެ ތެރޭގައި ވަނީ ޒުވާނުންގެ މަޖިލީހުގެ ނަމުގައި މަޖިލީހެއް އުފެއްދިފައި. އަދި ޒުވާނުންނާބެހޭ ސިޔާސަތުގެ ޢާންމު އުޞޫލުތައް ކަނޑައެޅިފައި. ޒުވާނުންނަކީ، ޢުމުރުގެ ގޮތުން ކޮންބައެއްކަން އަދި ޒުވާނުންނާއި އެހެން މީހުންނާ ދޭތެރޭގައި އޮންނަންޖެހޭނީ ކޮންކަހަލަ ގުޅުމެއްކަން. އާދެ، މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓް އަދި ޒުވާނުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ޒުވާނުންނާއި އެނޫން މީހުންނާ ދޭތެރޭގައި އޮންނަންޖެހޭނެ ގުޅުމެއް ކަމަށް ޚިޔާލުކުރެވި އެއްބަސްވެވިފައި ވަނީ، އެއީ، ޚިޔާލު ބަދަލުކުރުމުގެ ކަންތައްތައް ދެކޮޅަށް ހިނގާ މުވާޞަލާތުގެ ހަރުދަނާ ގުޅުމެއް ކަމުގައި އެގުޅުން އެގޮތަށް ޤާއިމުކުރުމާއި، އަދި ޒުވާނުން ކުރިއަށްދިޔުމަށްޓަކައި ބޭނުންވާ ތަޢުލީމީ ފުރުޞަތުތައް އެމީހުންނަށް ހޯދައިދިނުމާއި، ޒުވާނުންނަށް ބޭނުންވާ ޞިއްޙީ އިރުޝާދުތައް ހޯދައިދިނުމާއި، އެމީހުންގެ ޖިސްމާނީ ތަރައްޤީއަށް މަސައްކަތްކުރުމާއި، އަދި ފައިދާހުރިގޮތުގައި ހުސްވަގުތުގެ ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން. މި ހުރިހާ ކަންތައްތައް ވަނީ ޒުވާނުންގެ ސިޔާސަތުގެ މައިގަނޑު އުޞޫލުތަކުގެ ތެރޭގައި ހިމެނިފައި. އެ އުޞޫލުތަކުގެ މައްޗަށް ބިނާކުރައްވައި، ޒުވާނުންގެ މަރުކަޒުން މިހާތަނަށް ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި.
އާދެ، އެ މަސައްކަތްތަކުގެ ތަފްޞީލް، އަޅުގަނޑު ނުދެންނެވި ކަމުގައިވިޔަސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ޒުވާނުންނަށް އާމްދަނީ ހޯދޭނެ މަގު ތަނަވަސްކޮށްދެއްވުމުގެ ގޮތުން، އެމަރުކަޒުން ތަފާތު ކޯސްތައް ހިންގަވާފައިވާކަން. އަދި އޭގެއިތުރުން، ބޭރުބަސް ދަސްކޮށްދިނުމާއި، ކުޅިވަރު ދަސްކޮށްދިނުމާއި، ޒުވާނުންގެ ކޭމްޕްތައް ބޭއްވުމާއި، ރާއްޖޭގެ ޒުވާނުންނާއި، ބޭރު ޤައުމުތަކުގެ ޒުވާނުންނާ ދެމެދުގައި އެކްސްޗޭންޖް ޕްރޮގްރާމްތަކެއް ހިންގެވުމާއި، އަދި ޒުވާނުންނަކީ، ވަރަށް ޚާއްޞަ ގޮތެއްގައި މުނިފޫހިފިލުވަން ބޭނުންވާ ބަޔަކަށްވާތީ، އެފަދަ ޕްރޮގްރާމްތަކެއް ހިންގެވުމާއި، މިފަދަ ވަރަށް ގިނަ ޙަރަކާތްތައް ވަނީ މި ވޭތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ޒުވާނުންގެ މަރުކަޒުން ހިންގަވާފައި.
އާދެ، އެމަސައްކަތްތައް ހިންގެވުމުގައި، ޒުވާނުންގެ މަރުކަޒު އެންމެ ފުރަތަމަ އުފެދުނުއިރު، އެތަން ހިންގަމުންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ކަމުގައިވިޔަސް، އޭގެފަހުން ބަދަލުވެގެންދިޔައީ، އެހެން ބޭފުޅެއްގެ ބެއްލެވުމުގެ ދަށަށް. އާދެ، އެބޭފުޅަކު ވަރަށް ހީވާގިކަމާއި އިޚްލާޞްތެރިކަމާއެކު، 7 އަހަރު ދުވަހަށްވުރެ ގިނަދުވަހު ޒުވާނުންގެ މަރުކަޒުގެ ރައީސްގެ ގޮތުގައި، ދިވެހި ޒުވާނުންނަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވޭ. އެހެންކަމުން، އެ މަޤާމުގައި އޭރު ހުންނަވައިގެން، ވަރަށް ވަފާތެރި އަދި ބިނާކުރަނިވި ޚިދުމަތްތަކެއް ދިވެހި ޒުވާނުންނަށް ކޮށްދެއްވި އަލްއުސްތާޛު މުޙަންމަދު ޒާހިރު ޙުސައިނަށްވެސް މި ފުރުޞަތުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، ޒުވާނުންގެ މަރުކަޒު އުފެދިފައި ވަނީ ޒުވާނުންނަށް ޚިދުމަތް ކުރުމަށްޓަކައި. އަޅުގަނޑުމެންގެ ރާއްޖޭގެ ކޮންމެ ކަމެއްހެން، މިކަންވެސް ފެށިފައި އޮތީ ވަރަށް ކުޑަގޮތަކަށް. އެކަންތައް ދަނީ މިހާރު ތަރައްޤީ ކުރެވެމުން. މިހާރުވެސް ޒުވާނުންގެ މަރުކަޒުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ސަރުކާރުން މިގެންދަނީ ކުރަމުން. އޭގެތެރޭގައި، އެތަނުގެ ފެންވަރު މަތިކުރުން، އެއީވެސް ދިވެހި ސަރުކާރުން ވަރަށްބޮޑަށް ޚިޔާލުކުރާ ކަމެއް. އާދެ، މިހާރު އެ ހުންނަނީ ޒުވާނުންގެ މަރުކަޒުގެ ނަމުގައި. އެހެންނަމަވެސް، މުސްތަޤްބަލްގައި ހުންނަންޖެހޭނީ އެ ނަމުގައިތޯ، ނުވަތަ ޑިޕާޓްމަންޓަކަށް އެތަން ބަދަލުވާންތޯ ޖެހޭނީ ނުވަތަ އެނޫންގޮތަކަށް ބަދަލުވުން އެއީ، ޒުވާނުންނަށް ފައިދާކުރާނެ ކަމެއްތޯ، މިކަމާ ދޭތެރޭގައި ވިސްނާފައި، ތަނުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން މިހާރު ދަނީ ޚިޔާލުތަކެއް ކުރަމުން. ހަމައެއާއެކުގައި، އެތާނގެ އޮނިގަނޑު އާދެ، ކޮންމެ ތަނެއްވެސް ހިންގޭނީ އެތަން ހިންގުމަށް އެކަށީގެންވާ ޤާބިލް ބަޔަކު، ހަމަޖެހޭ ރަނގަޅު އޮނިގަނޑެއްގެ ތެރެއިން މަސައްކަތް ކުރަމުން ގެންދާގޮތަށް ހަމަޖެހިފައި އޮވެގެން. އެހެންކަމުން، ޒުވާނުންގެ މަރުކަޒުގެ އޮނިގަނޑު މިހާރަށްވުރެ ހަރުދަނާކޮށް ވަރުގަދަކުރުމަށްވެސް ސަރުކާރުން މިހާރު ގެންދަނީ ޚިޔާލުކުރަމުން.
އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އެއީ، އަޅުގަނޑުމެން އަބަދުވެސް އެންމެ ފުރަތަމަ ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ. އިސްލާމްދީނުގައި ޒުވާނުންނަށް ދެއްވާފައި ވަނީ ކޮން ދަރަޖައެއްތޯ، އަޅުގަނޑު ހިތުން މިއީ އަޅުގަނޑުމެން ބަލައިލަންޖެހޭނެ އެއްޗެއް. އާދެ، މާބޮޑު ތަފްޞީލަކަށް ނުދިޔަކަމުގައިވިޔަސް، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މާތްވެގެންވާ އިސްލާމްދީނުގައި ޒުވާނުންނަށް ދެއްވާފައި ވަނީ ވަރަށްވެސް މަތިވެރި ޤަދަރެއް. ޒުވާނުންނަކީ ދީން ދިފާޢުކުރާ، ދީނަށްޓަކައި ޖިހާދުކުރާ، ދީނުގެ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތާ ބަޔަކު ކަމުގައި ހެއްދެވުމަށް ވަނީ ދީނުގައި މަތިވެރި އިރުޝާދުތަކެއް ދެއްވާފައި. ޒަކަރިއްޔާ ޢަލައިހިއްސަލާމް ކުރެއްވި ދުޢާއެއްގައި، އެކަލޭގެފާނު ވިދާޅުވި ކަމަށް ޤުރްއާނުގައި ވާރިދުވެފައިވޭ. "قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ." (سورة آل عمران 38) އާދެ، މާނައަކީ، "އެކަލޭގެފާނު ވިދާޅުވިއޭ، އަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއޭ! އިބަރަސްކަލާނގެ މިއަޅާއަށް ހެޔޮލަފާ ދަރިންތަކެއް އިބަރަސްކަލާނގެ ޙަޟްރަތުން ދެއްވާފާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އެންމެ މޮޅަށް ދުޢާ އައްސަވާވޮޑިގެންވާ ރަސްކަލާނގެއޭ." އާދެ، ކޮންމެ ނަބީބޭކަލެއްގެވެސް އަދި ކޮންމެ އިންސާނެއްގެވެސް އެންމެ ފޮނި އުންމީދަކީ، އެމީހަކަށް ހެޔޮލަފާ ރަނގަޅު ދަރިންތަކެއް ލިބުން. އެ ދަރިންގެ ސަބަބުން، އެމީހަކު މުސްކުޅިވާ ދުވަހު އެމީހަކަށްވެސް އަދި އެމީހެއްގެ ޢާއިލާއަށްވެސް އަދި އެމީހަކު އެ ހިމެނޭ ޖަމާޢަތަކަށްވެސް ފައިދާތަކެއް ކުރާނެ ޞާލިޙް ދަރިންތަކެއް ލިބުން. މި އުންމީދު، ޒަކަރިއްޔާ ޢަލައިހިއްސަލާމް ފާޅުކުރެއްވި ކަމުގައިވިޔަސް، އެ އުންމީދަކީ، ނުވަތަ އެ އެދުމަކީ އިންސާނަކަށްވީތީ، ކޮންމެ އިންސާނެއްގެ ހިތުގައިވެސް އަބަދުވެސް އޮންނާނެ އުންމީދެއް. އާދެ، އެއިން ދައްކާ އެއްޗަކީ، ދަރިންގެ މުހިންމުކަމާއި، ދަރިންގެ ތެރޭގައި ހިމެނޭ ޒުވާނުން، އެމީހުންނަށް ލިބެންޖެހޭ ޤަދަރާއި، މަޤާމާއި، އަދި އެމީހުންގެ ފަރާތުން މައިންބަފައިންނާއި، މުޅި މުޖުތަމަޢު އިންތިޒާރުކުރާ ޚިދުމަތްތަކާއި، މި ކަންތައްތަކަށް މައިންބަފައިންގެ ހިތުގައި ދެވިފައިވާ ލޯތްބާއި ޤަދަރު. އާދެ، އެއީ އިސްލާމްދީނުގައި ދަރިންނަށް އަދި ޒުވާނުންނަށް ދެއްވާފައިވާ ޤަދަރަކީ.
ކީރިތި ރަސޫލާގެ ޙަޔާތްޕުޅަށް ނަޒަރު ހިންގާލާއިރުވެސް، އެކަލޭގެފާނު ޒުވާނުންނަށް ވަރަށް މަތިވެރި އަހަންމިއްޔަތެއް ދެއްވިކަން އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެންނަށް އެނގެން އެބަހުރި. ކީރިތި ރަސޫލާ ވަނީ ޒުވާނުން ތަރުބިއްޔަތު ކުރުމަށް ވަރަށް މާތް އުޞޫލުތަކެއް ކަނޑައަޅުއްވައި، ވަރަށް އަގުހުރި އިރުޝާދުތަކެއް ދެއްވާފައި. އަދި އޭގެއިތުރުން، އެކަލޭގެފާނު ވަނީ އެޒަމާނުގެ ޒުވާނުންނަކީ، މާތްﷲއަށް ތަޤްވާވެރިވާ، ދީނުގެ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތާ، އިސްލާމްދީނުގެ ދިފާޢުގައި ޖިހާދުކުރަން ޖެހިއްޖެނަމަ ޖިހާދުކޮށް، ޤުރްބާންވާން ކެރޭ ބަޔަކު ކަމުގައި ހައްދަވާފައި. އެހެންކަމުން، މާތްވެގެންވާ އިސްލާމްދީނުން އަޅުގަނޑުމެންނަށް ޒުވާނުން ތަރުބިއްޔަތު ކުރުމާއި، އެމީހުންގެ ބޭނުންހިފުމާ ބެހޭގޮތުން ވަރަށް މަތިވެރި އިރުޝާދުތަކެއް ވަނީ ލިބިފައިކަން، މި ފުރުޞަތުގައި އަޅުގަނޑުމެން ހަނދާންކުރަންޖެހޭ.
އާދެ، ޒުވާނުންނަކީ ކޮންބައެއްތޯ؟ ޒުވާނުންނަކީ ޤައުމު ބިނާކުރުމުގެ މަސައްކަތުގައި ވަރަށް ބޮޑު ޙިއްޞާއެއް އަދާކުރަންޖެހޭ ބައެއް. ޤައުމު ބިނާކުރުމަކީ ކުޑަކަމެއްނޫން. އެއީ، ވަރަށް ބުރަ މަސައްކަތެއް. އެ މަސައްކަތުގައި އެންމެ ޙަރަކާތްތެރިކޮށް އުޅެވޭނީ، ޒުވާން ޢުމުރުގެ މީހުންނަށް. އާދެ، އެހެންކަމުން، ޒުވާނުން އެ މަތިވެރި ޚިދުމަތަށް ތައްޔާރުކުރުމަށްޓަކައި މުޖުތަމަޢުގެ ފަރާތުން އެބައިމީހުންނަށް ކަންތައްތަކެއް ކޮށްދޭންޖެހޭ. އެންމެ ފުރަތަމަ ކޮށްދޭންޖެހޭ ކަމަކީ، އެކަށީގެންވާ ތަޢުލީމެއް ޙާޞިލްކޮށްދިނުން. އާދެ، ތަޢުލީމު ޙާޞިލްކުރުމުގެ އެންމެ ކުރީ މަރުޙަލާގައި އުޅެނީ ޒުވާނުންގެ ދައުރަށް އައުމުގެ ކުރިން ތިބޭ ޅަޢުމުރުގެ ކުދިން. އެހެންނަމަވެސް، އެކުދިން ވާންތިބީ ޒުވާނުންނަށް. އެހެންކަމާއެކު، އެކުދިންނަށް، ޅަކުދިންނަށް ރަނގަޅު ތަޢުލީމެއްދީ، ހަރުދަނާގޮތެއްގައި ތަރުބިއްޔަތު ކުރުމަކީ، އެކުދިން ޒުވާނުންނަށްވެގެން އަންނަ ދުވަހު، އެކުދިންގެ ވާޖިބުތައް އަދާކުރުމުގައި ވަރަށްބޮޑު ބައެއް ކުޅޭނެ ކަމެއް. އާދެ، އަޅުގަނޑުމެންގެ ތަޢުލީމީ ކަންތައްތައް ރޭވިފައިވާ ގޮތުންވެސް ޒުވާނުންގެ ޢުމުރަށް، އާދެ، އަޅުގަނޑުމެން މިހާރު މި ރާއްޖޭގައި ޤަބޫލުކުރާ ޒުވާނުންގެ ޢުމުރަށް ކުދިންދާއިރު، އެކުދިންނަށް ތިބެވޭނީ ތަޢުލީމުގެ ހަރުފަތްތަކެއް ގިރާކުރެވިފައި. އެހެންނަމަވެސް، އޭގެފަހުންވެސް މަތީ ތަޢުލީމުގެ ކަންތައްތައް އޮންނާނީ އެކުދިންގެ ކުރިމަތީގައި. އެހެންވީމާ، މަތީ ތަޢުލީމު ޙާޞިލްކުރުމާއި އަދި ޔުނިވަރސިޓީ ތަޢުލީމު ކަމުގައި ނުވިޔަސް، އެކުދިންނަކީ، ޚިދުމަތްތެރި، އުފެއްދުންތެރި ބައެއް ކަމުގައި ހެދުމަށްޓަކައި ބޭނުންވާ އެކިއެކި ކަންތައްތައް އުނގަންނައިދިނުމުގެ ފުރުޞަތު ޒުވާނުންނަށް ލިބިދޭންޖެހޭ.
މިދެންނެވި ގޮތުގެ މަތިން ޒުވާނުން، އެމީހުންގެ ވާޖިބު އަދާކުރުމަށް ތައްޔާރުކުރުމަށްފަހުގައި، އެމީހުންނަށް ހަމަޖައްސައިދޭންޖެހޭ ވަރަށް މުހިންމު އެހެން ކަމެއް އެބައޮތް. އާދެ، މިދެންނެވީ، މުޅި މުޖުތަމަޢުގެ ފަރާތުން ޒުވާނުންނަށް ކޮށްދޭންޖެހޭ އެހެން ޚިދުމަތެއް އޮތް ވާހަކަ. އާދެ، އެއީ، ވަޒީފާ އަދާކުރުމުގެ ފުރުޞަތު ހޯދައިދިނުން. އާދެ، ވަޒީފާއޭ އަޅުގަނޑު މި ދަންނަވަނީ، އާމްދަނީއެއް ލިބޭކަހަލަ ބޭނުންތެރި ކޮންމެ މަސައްކަތަކަސް، އެމަސައްކަތަކީ ސަރުކާރުގެ ވަޒީފާ ކަމުގައިވިޔަސް، ނުވަތަ އަމިއްލަ މަސައްކަތެއް ކަމުގައިވިޔަސް ތަފާތެއް ނެތް. އެމަސައްކަތަކީ އޭގެ ސަބަބުން އެމީހަކަށް އާމްދަނީ ލިބޭ އަދި އެމީހަކީ އުފެއްދުންތެރި، ޤައުމަށް ފައިދާހުރި މީހެއް ކަމުގައިވުމުގެ ފުރުޞަތު ލިބޭ ކޮންމެ ކަމަކީ ވަޒީފާއެއް. އެގޮތުގެމަތިން، ވަޒީފާއެއް ލިބިދިނުމަކީ ޒުވާނުންނަށް އޮންނަންޖެހޭ ޙައްޤެއް. އާދެ، މި ރާއްޖޭގައި އަދި އެކަން މާދަތި ހިސާބަކަށް ދިޔަހެނެއް ހިއެއްނުވޭ. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް ފާހަގަކުރެއްވި ފަދައިން، މިއަދު ރާއްޖޭގައި ވަޒީފާ ލިބުމުގެ ދަތިކަން އަދުގެ ޒުވާނުން އިޙްސާސްކުރަން ޖެހިފައެއް އަދިއެއް ނެތް. އޭގެ އަނެއްކޮޅު އޮތީ.
އާދެ، ސަރުކާރަށް ބޭނުންވާ މަޤާމުތަކަށް މީހުން ނުލިބުމާއި، އަދި އަމިއްލަ މަސައްކަތްތެރިކަމުގެ ދާއިރާއަށް، އަމިއްލަ މަސައްކަތްތަކާއި، އިޤްތިޞާދީގެ މަސައްކަތްތަކާއި، ވިޔަފާރީގެ މަސައްކަތްތަކާއި، އެނޫންވެސް މަސައްކަތްތަކަށް ބޭނުންވާވަރަށް އަދި އޮތީ ރާއްޖެއިން މީހުން ނުލިބިފައި. އާދެ، ކޮންމެއަކަސް، ޒުވާނުންނަށް ލިބިދެވޭ މަސައްކަތަކީ، އެކަށީގެންވާ އާމްދަނީއެއް ލިބޭ އަދި އެމީހަކު ކުރާހިތްވާ، އެމީހެއްގެ ހިތުގައި އެ ރޮނގަކުން ކުރިއަށްދިޔުމުގެ ޝައުޤުވެރިކަން އުފެދިފައިވާ އަދި އެކަމެއްގައި ކުރިއަށްދިޔުމުގެ ޤާބިލިއްޔަތު، އެމީހެއްގައި ހުރި ވަޒީފާއަކަށްވުމަކީ، ވަރަށް ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން. މިކަން މިހެން އޮތް ކަމުގައިވިޔަސް، ހަމަ ކޮންމެ ޒުވާނަކަށް އެފަދަ މަސައްކަތެއް ނުލިބި ދިޔުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެންގެ ޒުވާނުން އާދަކުރަންޖެހޭނީ އެމީހަކަށް ލިބުނު ވަޒީފާއެއްގައި ދެމިހުރުމުގެ ކެތްތެރިކަން އެމީހެއްގެ ހިތުގައި އުފެދޭތޯ. ކެތްތެރިކަމާއެކު މަސައްކަތްކޮށްފިނަމަ، އެމީހަކު ބޭނުންވާ ރޮނގަކަށް ބަދަލުވުމުގެ ފުރުޞަތު އެމީހަކަށް ލިބޭނެ. އަދި އެމީހަކު އެކުރާ މަސައްކަތެއްގައި އިތުރު ޝައުޤުވެރިކަމެއް އުފެދިއްޖެނަމަ، އެ ރޮނގުގައި ކުރިއަށްދިޔުމުގެ ފުރުޞަތުވެސް ލިބޭނެ.
އާދެ، މިހާރު ރާއްޖޭގެ ޒުވާނުން ތިބި ގޮތުގެ މައްޗަށް ބަލައިލާއިރު، ފާހަގަކޮށްލަންޖެހޭ ނުކުތާތަކެއް އެބަހުރި. އޭގެތެރެއިން ވަރަށް ގިނަ ކަންތައްތަކަކީ، މީގެކުރީގައި ވާހަކަފުޅު ދެއްކެވި ބޭފުޅުން ފާހަގަކުރައްވާފައިވާ ކަންތައްތަކެއް. އެހެންނަމަވެސް، އަޅުގަނޑުވެސް ކޮންމެވެސްވަރަކަށް އެކަމަށް އިޝާރަތް ކޮށްލުމަކީ ބޭނުންކަމެއް ކަމުގައި އަޅުގަނޑު ދެކެން.
އާދެ، އަޅުގަނޑު ދަންނަވާލާނީ، ސަރުކާރަށް ބަލާއިރު، މުޅި ސަރުކާރަށް ބަލާއިރު، ޢުމުރުން 35 އަހަރަށްވުރެ ދަށުގެ މުވައްޒަފުން ހިމެނޭ ނިސްބަތަކީ ސަތޭކައަކުން 62 އޭ. އާދެ، އެއީ ވަރަށް ބޮޑު ޢަދަދެއް. ސަރުކާރުގެ ވަރަށް ގިނަ ދާއިރާތަކުގައި ޒުވާނުން ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ޙަރަކާތްތެރިވަމުން އެބަދޭ. އެކަން އަޅުގަނޑުމެން ފާހަގަކުރަންޖެހޭނެ. ޒުވާނުންގެ ވާހަކަ ދައްކާއިރު، އޭގެތެރެއިން ބޭނުންތެރި، އުފެއްދުންތެރި، ޤައުމަށް ފައިދާހުރި ޒުވާނުންގެ ވާހަކައަށް އިސްކަންދޭންޖެހޭނެ. އެއީ ގިނަ ބަޔަކީ. ގޯޅިއަޅައިގެން ނުސީދާމަގުން ދަތުރުކުރާ މީހުންނަކީ، ޒުވާނުންގެ ތެރެއިން މަދު ބަޔެއް. އެމީހުންގެ ވާހަކަވެސް ކޮންމެވެސްވަރަކަށް ދައްކަންޖެހޭ. އެއީ، އެކަންތައްތައް އިޞްލާޙު ކުރުމަށްޓަކައި.
އާދެ، މުޅި ސަރުކާރަށް ބަލާއިރު، މި ދެންނެވި މަތީ ނިސްބަތް އެއީ، ޒުވާނުންގެ ނުވަތަ 35 އަހަރުން ދަށުގެ މީހުން ކަމުގައި ވަނީ ހިމެނިފައި. ވަރަށް ޚާއްޞަ ދާއިރާތަކުގައިވެސް ގިނައިން ތިބީ ޒުވާނުން. އާދެ، ސިފައިންގެ ދާއިރާއަށް ވިސްނާލިޔަސް، ސިފައިންނަކީ ޤައުމު ދިފާޢުކުރުމުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގައި އެންމެ ބުރަ މަސައްކަތް ކުރަންޖެހޭ މީހުން. އެ މީހުންގެ ސަފުތަކުގައިވެސް ގިނަ ޢަދަދަކަށް ތިބީ ޒުވާނުންކަން އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާގައިވެސް ޒުވާނުން ތިބިލެއް ގިނަކަން އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އަލްފާޟިލް އިލްޔާސް އިބްރާހީމްގެ ވާހަކަފުޅުގައި ބަޔާންކުރެއްވި. އާދެ، އޭނާ އެ ވިދާޅުވި ވާހަކައަށް އަޅުގަނޑު ތާއީދުކުރަން. މަސްވެރިކަމުގެ ދާއިރާގައި ވަރަށް ގިނަ ޢަދަދަކަށް މިހާރުވަނީ ޒުވާނުން ހިމެނިފައި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މަސްވެރިންގެ ތެރެއިން ސަތޭކައަކުން 46 އެއީ ޒުވާނުން، ނުވަތަ ޒުވާން ޢުމުރު ކަމުގައި އަޅުގަނޑުމެން ބަލާ މީހުން. އަދި ވިޔަފާރީގެ ދާއިރާ، އާދެ، ހޯލްސޭލް ކުރުމާއި، ގަނެވިއްކުމުގެ ދާއިރާއަށް ބަލާއިރު، ޒުވާނުންގެ ނިސްބަތް އެއަށްވުރެވެސް މާމަތި. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވަނީނަމަ، އެއީ ސަތޭކައަކުން 67. އަދި މަސައްކަތްތެރިކަން، އާދެ، އެކިއެކި އުފެއްދުންތެރި މަސައްކަތްކުރާ މީހުންގެ ނިސްބަތަށް ބަލާއިރުވެސް، އޭގެތެރޭގައި ހިމެނޭ ޒުވާނުންގެ ނިސްބަތަކީ، ސަތޭކައަކުން 53. އާދެ، މިގޮތަށް ކަންތައްތައް ހުރިއިރު، ދިވެހި ޒުވާނުންނަކީ ޤައުމަށް ފައިދާހުރި، ހަރުދަނާ އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކުރާ ބައެއްކަން އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ.
އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިއަދު 11:55 ގައި މެންދުރު ނަމާދަށް ބަންގިގޮވާ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު މިހިސާބުން ކުޑަކޮށް މެދުކަނޑާލާނަން. މެދުކަނޑާލާފައި، އިރާދަކުރެއްވިއްޔާ ހަތަރު ފަސް މިނިޓެއްގެއިރު ފަހުން އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދާނަން.
އާދެ، ކުޑަވަގުތުކޮޅަކަށް އަޅުގަނޑުގެ ވާހަކަ މެދުކަނޑާލުމަށްފަހު، ވާހަކައާއިގެން ކުރިއަށްދަނީ.
އިންސާނުންގެ ޢުމުރުގެ މަރްޙަލާތަކަކީ، އެއް މަރްޙަލާއާއި އަނެއް މަރްޙަލާއާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ މަރްޙަލާއެއް. އެހެންކަމުން، ޒުވާނުންނަކީވެސް ކުރީގެ ދައުރެއް ފުރިހަމަކުރުމަށްފަހު، ޢުމުރުގެ ވަކި މަރްޙަލާއެއް ކަޑައްތު ކުރަމުންދާ ބައެއް. އަދި އެ މަރްޙަލާ ނިމުމުން، ޢުމުރުގެ އެހެން މަރްޙަލާއަކަށް ބަދަލުވެގެންދާނެ ބައެއް. މިގޮތުން ވިސްނާއިރު، ޒުވާނުން އެމީހުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ތައްޔާރުކުރާއިރު، އަދި އެމީހުންގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރާއިރު، ނުވަތަ އެ ޚިޔާލުގައި އަޅުގަނޑުމެން ކަންތައްތައް ކުރާއިރު، ކުޑަކުދިންނަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ހަމަ ކޮންމެހެން ބޭނުންތެރި ކަމެކޭ އަޅުގަނޑަށް ދަންނަވަންޖެހޭ.
ކުދިންގެ ޅަޢުމުރުގައި އެކުދިންނަށް މަގުދައްކައިދިނުމަކީ، ވަރަށް މުހިންމު ކަމެއް. މިކަމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު އެޅޭ ފަރާތަކީ، މައިންބަފައިންނާއި، ބެލެނިވެރިންނާއި، ޢާއިލާގެ މީހުން. ގާތްތިމާގެ މީހުން. ކުޑަކުއްޖަކަށް، އޭނާގެ އެންމެ ޅަޢުމުރުގައި ހަރުދަނާ ގޮތްތަކެއް ދަސްކޮށްދެވިއްޖެނަމަ، ޝައްކެއްނެތް، އެކުއްޖާ ބޮޑުވެގެން ޒުވާނަކަށްވާއިރުވެސް، އަދި ޒުވާންކަމުގެ ދައުރު ފާއިތުކޮށް، ހަރުމީހަކަށްވާއިރުވެސް، އެމީހަކު ހުންނާނީ، ހަރުދަނާ، ފައިދާހުރި މުވާޠިނެއްގެ ގޮތުގައި. އެހެންކަމުން، ޒުވާނުން އެމީހުންގެ ދައުރު ފުރިހަމައަށް އަދާކުރުމަށްޓަކައި، އަދި އެމީހުންގެ ތަރައްޤީއަށާއި ކުރިއެރުމަށް އަޅުގަނޑުމެން މަސައްކަތްކުރާއިރު، އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ، އަޅުގަނޑުމެންގެ ކުދިންނަށް ރީތި ގޮތްތަކެއް ދަސްކޮށްދިނުން. ހަރުދަނާގޮތެއްގައި ތަރުބިއްޔަތު ކުރުން. އެންމެ ޅަޢުމުރުއްސުރެ އެކުއްޖެއްގެ ވާޖިބު އަދާކުރުމަށް އެކުއްޖަކަށް އިރުޝާދު ދިނުން. އާދެ، އެކުއްޖަކަށް ކުރެވޭ ޒާތުގެ މަސައްކަތްތައް، އެކުއްޖަކާ ޙަވާލުކޮށްގެން، އެކުއްޖަކު ލައްވައި ކުރުވުން.
އާދެ، އަޅުގަނޑުމެންނަށް އެނޫން ގޮތްގޮތަށް ޢަމަލުކުރެވިދާނެ. މައިންބަފައިން ދަރިންދެކެވާ ލޯބިން. މަންމަ ނުވަތަ ބައްޕަ އެކުއްޖެއްގެ ކޮންމެ ކަމެއް ކޮށްދޭގޮތް އައުމަކީ ވަރަށް ކައިރީގައި އޮންނަ ކަމެއް. އެކަމަކު އެހެން ހެދުމުން ކުއްޖާގެ ތަރުބިއްޔަތަށް ވަރަށްބޮޑު އުނިކަމެއް ލިބޭނެކަމާމެދަކު ޝައްކެއްނެތް. އެކުއްޖަކަށް ކުރެވޭ ޒާތުގެ ކަމެއްވިއްޔާ އެކުއްޖަކު ލައްވައި ކުރުވުމަކީ ބޭނުންތެރި ކަމެއް. ގަޑިއަށް ޙުރްމަތްތެރިކޮށްހިތުމާއި، އެކުއްޖެއްގެ މަސައްކަތް ރަނގަޅަށް ކުރުމާއި އަދި އެހެން މީހުންނަށް ކަމޭހިތުމާއި، މިކަންތައްތައް ވާނެ، އެންމެ ޅަދުވަސްވަރު ކުދިންނަށް ދަސްކޮށްދޭން. އެކުއްޖެއްގެ އަމިއްލަ ސާފުތާހިރުކަމާއި، އެކުއްޖެއްގެ ތަކެތި އަމިއްލައަށް ރައްކާކޮށް ބެލެހެއްޓުމާއި، އާދެ، ސްކޫލަށްދާ ކުއްޖަކުނަމަ، އެކުއްޖެއްގެ ފޮތް ފަންސުރު، އަދި ކިޔެވުމުގެ އެހެނިހެން އަދަވާތު. އެތަކެތި އެކުއްޖަކު އަމިއްލައަށް ތަރުތީބުކޮށް ބަލަހައްޓައި ރައްކާތެރިކުރަން ދަސްކޮށްދޭންވާނެ. އަދި އެކުއްޖެއްގެ އަމިއްލަ ސާފުތާހިރުކަމާއި، އެކުއްޖެއްގެ ކޮޓަރީގެ ކަންތައްތައްވެސް އެކުއްޖަކު އަމިއްލައަށް ކުރާގޮތަކަށް، މައިންބަފައިންގެ އިރުޝާދުގެ ދަށުން އެކަންތައް ދަސްކޮށްދޭންޖެހޭނެ. އެގޮތަށް މަސްއޫލިއްޔަތު އުފުލަން އެންމެ ޅަޢުމުރުގައި އާދަކޮށްދެވިއްޖެނަމަ، ކުއްޖާ ފުރާވަރަށް އަރައި، ޒުވާންކަމުގެ ދައުރަށް ކުރިމަތިލާއިރު، އޭނާ ހުންނާނީ އޭނާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަން ތައްޔާރުވެފައި.
އާދެ، ކުޑަކުދިންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި، ޒުވާންކަމުގެ ޢުމުރުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާ ތަފާތުވާނެ. އެހެންނަމަވެސް، އެ ބަދަލުވާ ބަދަލުވުން، އެއް މަރުޙަލާއަކުން އަނެއް މަރުޙަލާއަކަށް ބަދަލުވާ ބަދަލުވުން، އޭރަކު އެއީ މާދަތިކަމަކަށް ނުވާނެ. އާދެ، ހަމައެއާއެކީގައި، ކުދިންނަށް މަގުދައްކައިދިނުމުގައި، ކުށް ކުރުމުން ދުރުހެލިވުމަށް ބާރުއަޅައި، ކުދިންނަކީ ކުށްނުކުރާ ބައެއްގެ ގޮތުގައި ދެމިތިބެވޭތޯ މަސައްކަތް ކުރުމަކީވެސް މައިންބަފައިންނާއި، ބެލެނިވެރިންނާއި، ޢާއިލާގެ އެހެން މީހުން ކުރަންޖެހޭނެ ކަމެއް.
އާދެ، މިވާހަކަ ދެންނެވުމަކީ، އަޅުގަނޑަށް މާފަސޭހަ ކަމަކަށްނުވޭ. އާދެ، އެއީ ޒުވާނުންގެ ވާހަކަ ދައްކާއިރު، އޭގެތެރެއިން ކުށްކުރާ މީހުންގެ ވާހަކަ ދެއްކުމަކީ، ތިޔަބޭފުޅުން އައްސަވާހިތްޕުޅުވާ ވާހަކައަކަށްވެސް ނުވާނެ. އަޅުގަނޑުމެން ހިތްހަމަޖެހޭ ވާހަކައަކަށްވެސް ނުވާނެ. އެހެންނަމަވެސް، ޑަކްޓަރުވެސް ބަލިމީހާގެ ގައިގެ ތަދުވާ ތަންތަނަށް ފިތައި، އެބަލީގެ ޙަޤީޤަތް ބަލިމީހާއަށް އޮޅުންފިލުވައިދޭ ފަދައިން، އަޅުގަނޑުމެން ޒުވާނުންގެ ކަންތަކާ ބެހޭގޮތުން ވާހަކަ ދައްކާއިރުވެސް، ޒުވާނުންގައި އުނިކަމެއް ހުރިނަމަ، އެކަމެއް ފާހަގަކޮށް، އެކަމެއް އިޞްލާޙުކުރުމަށް ބާރުއެޅުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އާދެ، އެގޮތުން އަޅުގަނޑު މިވާހަކަ މި ދަންނަވާލަނީ.
ބައެއް މައިންބަފައިންނަށް ވާގޮތަކީ، ކުދިންދެކެވާ ލޯބިން، އެކުދިން ބޭނުންވާ ހުރިހާ ކަމެއް ކޮށްދެނީ. އެކަމަކީ ކޮށްދޭންޖެހޭ ކަމެއް ކަމުގައިވިޔަސް، ކޮށްދޭންނުޖެހޭ ކަމެއް ކަމުގައިވިޔަސް، ކޮށްދެމުން ގެންދަނީ. ނަތީޖާއަކީ، އެކުދިން ހޭނެނީ ވަރަށް އެހެންކަހަލަ އާދަތަކަކަށް. ބޮޑެތިވެގެން އަންނައިރު، ޒުވާންކަމުގެ ދައުރުގައި އެކުދިންނަށް އެ އާދަތަކުން އޮންނަނީ އެއްކިބާނުވެވިފައި. ވަކި ޢުމުރަކަށް އައުމަށްފަހުގައި، އަޅުގަނޑުމެންގެ މިހާރުގެ ތަނަވަސްކަން ހުރިގޮތުންނާ އެކީގައި، ބައެއް މައިންބަފައިންނަށް ވާގޮތަކީ، ކުދިންނަށް ވަކި ކޮޓަރިކޮޓަރި ހަދައިދީ، ޢުމުރުން 13، 14، 15 އަހަރުގެ ކުދިން ވަކިން ކޮޓަރީގައި ތިބޭގޮތަށް، ކޮންމެ ކުއްޖަކަށް ކޮޓަރިއެއް ހަދައިދީ، އެކޮޓަރީގެ ތަޅުދަނޑިވެސް އެ ކުއްޖާގެ އަތަށްދީ، މުޅިން ވަކިން ދިރިއުޅެވޭގޮތަކަށް ހަމަޖައްސައިދޭ، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން. އެކޮޓަރިއަށް އެހެން މީހަކަށް ނުވަދެވޭގޮތަށް. އެކަން އެހާ ޅަޢުމުރުގައި ހެދުމަކީ އަޅުގަނޑަށް ދަންނަވަންޖެހެނީ ބުއްދިވެރިކަމެއް ނޫނޭ. އެކުދިން އުޅޭނޫޅޭގޮތް ބެލުމަކީ، ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެކޭ. އެ ޢުމުރަކީ ވަރަށް ފަސޭހައިން ގޯޅިއަޅާފާނެ ޢުމުރެއް. އޭނާގެ ބައިވެރިންނާ އެކީގައި އަދި ޚާއްޞަކޮށް، އޭގެތެރޭގައި ވިޔާނުދާ ކުދިން ތިބި ކަމުގައިވާނަމަ، އެކުދިންނާ އެކީގައި އެކޮޓަރިތެރޭގައި އުޅޭ އުޅުމުގައި ނުވަތަ ބޭރަށްދާ ދިޔުމުގައި ނުބައިމަގަށް ޒުވާންކުދިން ނުވަތަ ޒުވާނުންނަށްވާން ތިބި ޅަކުދިން ލެނބުން އޮންނާނީ ވަރަށް ކައިރީގައި. އާދެ، ނަތީޖާއަކަށް ވަނީ ޒުވާންކަމުގެ ދައުރަށް އަންނައިރު، ނުސީދާމަގަކުން ދެވޭ ކުދިން ގިނަވުން. އޭގެތެރޭގައި، ތަފާތު އެކި ބާވަތްބާވަތުގެ ކުށްކުރާ ކުދިން ގިނަވަމުންދިޔުން.
އަޅުގަނޑު ކުޑަކުޑަ ތަފާސްހިސާބެއް ބަލައިލިން. ބަލައިލިއިރު 1990 ވަނަ އަހަރާއި، 1991 ވަނަ އަހަރާ ދެއަހަރުގެ ހިސާބުތަކަށް ބަލައިލީ. އެއީ، ކުށްކުރާ މީހުންގެ ހިސާބުތައް. އެކިއެކި ކުށްކުށް ޝަރީޢަތަށް ސާބިތުވެފައި ތިބި މީހުން ބަލައިލިއިރު، ވަރަށް ހިތާމަހުރި ނަތީޖާއެއް ފެނުނީ. އާދެ، ޢުމުރުން 15 އަހަރާއި 34 އަހަރާ ދެމެދުގެ ޢުމުރުގެ މީހުން. އެމީހުންނަކީ، ކުށްކުރާ މީހުންގެ މުޅި ޖުމްލައިގެ ސަތޭކައަކުން 83. އެހެންވީމާ، އެއީ، އަޅުގަނޑުމެން ވަރަށް ބޮޑަށް ފިކުރުކުރަން ޖެހިއްޖެ ކަމެއް. މިއިން އެނގޭގޮތުގައި، އެންމެ ގިނައިން ކުށްކުރެވޭ ޢުމުރަކީ، 15 އަހަރާއި 34 އަހަރާ ދޭތެރޭގެ ޢުމުރު. ޒުވާންކަމުގެ ޢުމުރު.
އާދެ، ކުށްކުރުމުގެ ވާހަކަ ދައްކާއިރު، ޒުވާނުންނަށް ކުރިމަތިވެފައިވާ ވަރަށްބޮޑު އެހެން ކަމެއްގެ ވާހަކަވެސް ދަންނަވާލަންޖެހޭ. އާދެ، އެއީ މަސްތުވާތަކެތި ބޭނުންކުރުމުގެ ވާހަކަ. މިއީ އަޅުގަނޑުމެން ދައްކަންވެއްޖެ ވާހަކައެއް. ޤައުމީ ފެންވަރުގައި، އެކަމާ ދޭތެރޭގައި ވަރަށްބޮޑަށް ޚިޔާލުކޮށް، މުޅި މުޖުތަމަޢުގެ އެންމެން ބައިވެރިވެގެން ވަރަށް ޚާއްޞަ މަސައްކަތްތަކެއް ކުރަންވެއްޖެ ކަމެއް. އެއީ، މި ނުރައްކާތެރި ވަބާއިން އަޅުގަނޑުމެންގެ ޅަކުދިންނާއި ޒުވާނުންނާއި އަދި ހަރުމީހުންވެސް ސަލާމަތް ކުރުމަށްޓަކައި.
ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މަސްތުވާތަކެތީގެ ބޭނުންކުރުމުގެ ކަންތައް ކޮންޓްރޯލް ކުރެވޭތޯ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. ޚާއްޞަކޮށް، މިއަހަރުގެ ތެރޭގައި ތަފާތު ގިނަ މަސައްކަތްތައް ކުރެވިއްޖެ. އެފަދަ ނޭދެވޭ ޢަމަލުކުރާ މީހުން، ޤާނޫނުގައިވާ ގޮތުގެ މަތިން ހިފައި ހައްޔަރުކޮށް، އެމީހުންނާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން މިގެންދަނީ އަޅަމުން. މިކަމަކީ، އަޅުގަނޑުގެ އަމިއްލަ ނަފްސަށްވެސް ވަރަށް ބޮޑު ހިތާމައެއް އިޙްސާސް ކުރަންޖެހޭ ކަމެއް. އަޅުގަނޑުގެ ހިތުގައި ރާއްޖޭގެ ހުރިހާ ޒުވާނުންނާ ދޭތެރޭގައި ވަނީ ވަރަށް އިޚްލާޞްތެރި ތެދުވެރި ލޯތްބެއް. އަދި ޒުވާނުންނަށް ކުރިމަތިވާ ކޮންމެ ހިތާމައަކީ، އަޅުގަނޑުގެ އަމިއްލަ ނަފްސަށް ދިމާވާ ހިތާމައެއް ކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވޭ. އެހެންނަމަވެސް، ކުދިން އިޞްލާޙުކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލުމަކީ، ފަހުން ނަތީޖާ މާނުބައި ދަރަޖައަކަށް ހިނގައިދާނެ ކަމެއްކަން ރަނގަޅަށް ޤަބޫލުކުރެވޭތީ، އެ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ގެންދަނީ. އާދެ، ތިޔަބޭފުޅުންވެސް ޤަބޫލުފުޅު ކުރައްވާނޭ ފަދައިން، މީގެތެރޭގައި އެންމެގޯސް ބަޔަކީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން. އެމީހުންނާ ދޭތެރޭގައި ސަރުކާރުން ފިޔަވަޅެއްނާޅައޭ ބައެއް މީހުންނަށް ހީވެދާނެ. އެއީ، ޙަޤީޤަތާ މުޅިން ޚިލާފަށް ހީވާ ހީވުމެއް. މިހާރު މި މައްސަލަ ބަލަމުންދާ ދިޔުމުގައިވެސް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމަށް އެއްބަސްވާ، އިޢުތިރާފްވާ 6 މީހުން ހައްޔަރުކުރެވިފައި އެބަތިބި. އަދި މަސްތުވާތަކެތި ވިއްކާކަމަށް އިޢުތިރާފްވެފައި ތިބި 15 މީހުން އެބަތިބި. ހިތާމަހުރި ކަމަކީ، މި ދެބައިގައިވެސް އެންމެ ގިނައީ ޒުވާނުން ކަމަށްވާކަން. އާދެ، ކުރިން ދެންނެވި ފަދައިން، 15 އަހަރާއި 35 އަހަރާ ދޭތެރޭގެ މީހުން. އަދި މިކަމުގެ އާދަ އެންމެ ފުރަތަމަ ފަށާއިރު، ބައެއް ކުދިންގެ ޢުމުރު 15 އަހަރަށްވުރެވެސް މާހަގު. އެއީވެސް ވަރަށް ހިތާމަހުރި ކަމެއް. 12، 13 އަހަރުގެ ކުދިން އެކަން ފަށާ ކަމަށް މިހާރު ބުނެފައި އެބަވޭ. މިކަމަކީ އަޅުގަނޑަށް ދަންނަވަންޖެހެނީ އަޅުގަނޑުމެން ލޯމަރާލައިގެން ތިބެގެންވީ ކަމެކޭ. އަޅުގަނޑުމެން މައިންބަފައިންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢު އެކަމާ ދޭތެރޭގައި އަޅާނުލައި އޮވެގެން މިހިސާބަށް ގޮސްފައިވާ ކަމެކޭ.
އާދެ، މައިންބަފައިންނަށް ކޮންމެވެސްވަރަކަށް އެނގޭނެ، ކުދިން ނުބައި މަގަކުންދަންޏާ. މާގިނައިރު ރޭގަނޑު ހޭލާތިބެ ނުވަތަ ބޭރުގައި މާގިނައިރު ހޭދަކޮށް، ވިޔާނުދާ ކުދިންނާ އެކީގައި އުޅެންޏާ، މައިންބަފައިންނަށް އެކަން ނޭނގިއެއް ނުހުންނާނެ. އެހެންނަމަވެސް، އޮންނަނީ ކުދިން ނުރުހިދާނެތީ ފިޔަވަޅެއް އަޅަން ނުކެރިފައި. އެއީ، އަޅުގަނޑު ހިތުން ވަރަށްދެރަ ކަމެއް. އެ ފިޔަވަޅު އަޅަންޖެހޭ ވަގުތުގައި އެޅިއްޖެނަމަ، މިހާރު މައިންބަފައިން ކުރަންޖެހޭ ހިތާމަތަކުން ޝައްކެއްނެތްގޮތުގައި، އޭރުން އޮންނާނީ ސަލާމަތްވެވިފައި. އަދި މިހާރުވެސް އަޅުގަނޑަށް ދަންނަވަންޖެހެނީ، އަޅުގަނޑުމެންނަށް މި މައްސަލައިގައި ގެންނަންޖެހުނު ކުދިން ގެނެސްގެން، އެކުދިން ބަންދުގައި ބައިތިއްބީމާ ވެފައިވަނީ އެކުދިންނަށްވެސް ރަނގަޅެކޭ. މިހާރު އޭގެތެރެއިން ގިނަ ކުދިންނަކީ، ޞިއްޙަތު ރަނގަޅަށް ހުރި އަދި ފަސްވަގުތު ނަމާދުކުރާ، ޤުރްއާން ކިޔަވާ ރަނގަޅު ބަޔަކަށްވެއްޖެ. ޝައްކެއްނެތް، ބަންދުކުރުމުގެ ބޭނުމަކީ އިޞްލާޙުކުރުން. ފަހަރެއްގައިވެސް އަނިޔާއެއް ކުރުމެއްނޫން. އެހެންވީމާ، އެގޮތުން ބަލާއިރުވެސް އަޅުގަނޑަށް ދަންނަވަންޖެހެނީ، ސަރުކާރުން މިހާރު މިއަޅާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަން ފަށައިފިއޭ. އިރާދަކުރެއްވިއްޔާ މުސްތަޤްބަލްގައިވެސް ދާނީ އެކަން އެހެންނޭ.
އާދެ، މިއަދު މި ޖަލްސާގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މި ނުރައްކާތެރި ވަބާއިން މުޅި ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން ވެއްޖެއޭ ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރަން. އާދެ، މިކަމުގެ ހޭލުންތެރިކަން ވެއްޖެ މިހާރަށްވުރެ ބޮޑަށް އުފައްދަން. ވަރަށް ބޮޑަށް ރާވައިގެން، ސަރުކާރުންނާއި، އަމިއްލަ ފަރާތްތަކުންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢުގެ ހުރިހާ އަފްރާދުން އަތުގުޅާލައިގެން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރަންވެއްޖެ. އާދެ، މި މައްސަލައިގައި ސަރުކާރުގެ ބައެއް އޮފީސްއޮފީހުން އިތުރަށް މަސައްކަތް ކުރައްވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައި. އޭގެތެރޭގައި، ޒުވާނުންގެ މަރުކަޒު ހިމެނޭ. މިނިސްޓްރީ އޮފް އެޑިޔުކޭޝަން ހިމެނޭ. މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ހިމެނޭ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ހިމެނޭ. އަދި މަސްތުވާތަކެތި ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް މަސައްކަތްކުރައްވާ ކޮމިޓީވެސް ހިމެނޭ. މި ހުރިހާ ފަރާތެއްގެ އެއްބާރުލެއްވުމާ އެކީގައި، އިތުރު މަސައްކަތްތަކެއް މިއަދުވަނީ އަޅުގަނޑުމެންނަށް ފަށަން މަޖުބޫރުވެފައި.
ހަމައެއާއެކީގައި، އަޅުގަނޑުމެންގެ ޤާނޫނަށްވެސް ބަދަލުތަކެއް ގެނައުމުގެ މައްސަލަ އެއީވެސް އަޅުގަނޑު ހިތުން އަޅުގަނޑުމެން ވިސްނަންވެއްޖެ ކަމެއް. މިހާރު ޤާނޫނު އޮންނަގޮތުން، މަސްތުވާތަކެތި ބޭނުންކުރާ ކުއްޖަކާއި، އެ ތަކެތި އަތުގައި ބަހައްޓައި ނުވަތަ އޭގެ ބޭނުންކުރާ ކުއްޖަކާއި، އެތަކެތި ރާއްޖެއަށް އެތެރެކުރާ ނުވަތަ ވިއްކާ މީހަކާ ތަފާތެއް ނެތް. އެއީ، އެކަން އޮންނަންވީ ގޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އަޅުގަނޑަށް ހީވާގޮތުގައި، ޙަޤީޤީ ގޯސްހަދާ މީހުންނަކީ، ކުރިންވެސް ދެންނެވި ފަދައިން، އެ އެއްޗެތި ރާއްޖެއަށް އެތެރެކުރާ މީހުންނާއި، ވިޔަފާރީގެ ގޮތުގައި، ވިޔަފާރީގެ ފައިދާއަށްޓަކައި އޭގެ ވިޔަފާރިކުރާ މީހުން. އެހެންވީމާ، އެމީހުންނަށް އޮންނަންޖެހޭ އަދަބު އެއީ، އަޅުގަނޑު ހިތުން އާދައިގައި މި ދަލުގައި ޖެހޭ ކުދިންނަށްވުރެ ބޮޑު އަދަބަކަށް ވާންޖެހޭނެ.
އާދެ، މިވާހަކަ އަޅުގަނޑު މި ދަންނަވާލީ، ކުރިންވެސް ދެންނެވި ފަދައިން، ކަމުގެ ޚުޠޫރަތްތެރިކަން މިހާރު އިޙްސާސްކުރަން ޖެހިފައިވާލެއް ބޮޑުކަމުން. އަޅުގަނޑު އެދެނީ، ޤައުމުގެ ހުރިހާ ރައްޔިތުން މިކަމުގައި ސަރުކާރާ އެއްބާރުލައްވައިގެން، އަޅުގަނޑުމެންގެ މުޖުތަމަޢު އަބަދަށްޓަކައި މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރުން.
އާދެ، ޒުވާނުންނަށް ދިމާވާ ނުރައްކާތަކާ ދޭތެރޭގައި ވާހަކަ ދައްކާއިރު، މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެއިޑްސް ބަލީގެ ވާހަކަވެސް ބުނަންޖެހޭ. އޭގެތެރެއިން އެ ބަލި އެންމެ ގިނައިން ޖެހިދާނެ ކަމަށް ބެލޭ މީހުންނަކީވެސް ޒުވާނުން ކަމަށްވާތީ. މާތްﷲގެ ރަޙްމަތްފުޅުން އަދި ރާއްޖޭގައި މިހާތަނަށް ފާހަގަކުރެވިފައި އޮތީ އެ ބަލީގެ ޖަރާސީމު ހުރި އެންމެ މީހެއް. ނަމަވެސް، އެކަން އެގޮތަށް އޮންނާނެއެކޭ އަޅުގަނޑުމެން ހީކުރާކަށް ނުވާނެ. އެހެންވީމާ، ޒުވާނުން، އެއިޑްސް ބައްޔާއި އަދި އެނޫންވެސް ނުރައްކާތެރި އެފަދަ ބަލިތަކުން ރައްކާތެރިކުރުމުގެ ކަންތައްތައްވެސް މުޅި މުޖުތަމަޢު އެއްބައިވެގެން ކުރަމުން ގެންދަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން.
އާދެ، އަޅުގަނޑުމެން މިތާނގައި މި ޤަބޫލުކުރާ ފަދައިން، ރާއްޖޭގެ ޒުވާނުންގެ ތެރެއިން ވަރަށް ގިނަ ބަޔަކީ، ރަނގަޅު މީހުން. ޤައުމަށް ފައިދާހުރި މަސައްކަތްކުރާ މީހުން. ޓޫރިޒަމްގެ ދާއިރާގައި، މަސްވެރިކަމުގެ ދާއިރާގައި، ސަރުކާރުގެ ދާއިރާގައި، ވިޔަފާރީގެ ދާއިރާގައި، އަދި އެނޫން ދާއިރާތަކުގައިވެސް މުޖްތަމަޢަށް ފައިދާހުރި، އުފެއްދުންތެރި މަސައްކަތްތަކެއް ކުރާ ބައެއް. އެހެންނަމަވެސް، ޒުވާން ޢުމުރަށް ދާއިރު، މަދު ޢަދަދަކަށް ނަމަވެސް މަސައްކަތްނުކުރާ ބަޔަކު ތިބިކަންވެސް އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ. އާދެ، އެހެންވާންޖެހެނީ، އަޅުގަނޑުމެންގެ ފޯރުންތެރިކަން، ކުރިއަށްވުރެ މައްޗަށް ގޮސްގެން، ޢާއިލާގެ ތެރޭގައި މަސައްކަތް ނުކޮށް ތިބޭ ބަޔަކު ތިބި ކަމުގައިވިޔަސް، އެމީހުންނަށް ބޭނުންވާ ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ހަމަޖައްސައިދެވޭތީ. އެމީހުންގެ ކެއިންބުއިމާއި، އެމީހުން ބޭނުންކުރާ ހެދުމާއި، އަދި ދަތުރުތަކާއި، މުނިފޫހިފިލުވުމަށް ބޭނުންވާ ފައިސާއާއި، އެމީހުންގެ އުފާތަކަށް ބޭނުންވާ ކޮންމެ ކަމެއް އަޅުގަނޑުމެން މިގެންދަނީ ކޮށްދެމުން. އޭގެ ނަތީޖާއަކަށްވަނީ އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް މަސައްކަތެއް ނުކޮށްތިބި ޒުވާނުންތަކެއް ތިބުން. އާދެ، އެއީ މުސްތަޤްބަލަށް ވިސްނާއިރު، ވަރަށް ނުރައްކާތެރި ކަމެއް. އަދި މިހާރުވެސް އެކަމުގެ ނުރައްކާތައް އަޅުގަނޑުމެންނަށް ދަނީ އިޙްސާސްވަމުން.
އެހެންވީމާ، އެމީހުން އެގޮތަށް ނުތިބެ، މަސައްކަތަށް އެނބުރި ގެނައުމަކީ ނުވަތަ އެމީހުންގެ ފަރާތުންވެސް އެމީހުންގެ އަމިއްލަ ނަފްސުތަކަށް ނުވަތަ އެމީހުންގެ ޢާއިލާއަށް ނުވަތަ މުޖްތަމަޢަށް ފައިދާކުރާނެ މަސައްކަތެއް އެމީހުން ލައްވައި ކުރުވުމަށް ބާރުއެޅުމަކީވެސް އަޅުގަނޑު ހިތުން އަޅުގަނޑުމެން ކުރަންވެއްޖެ ކަމެއް. އާދެ، ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވޭ، "نِعْمَتانِ مَغْبُونٌ فِيهِما كَثِيرٌمِنَ النَّاسِ الصِّحَّةُ والفَرَاغُ." ވަރަށް ގިނަ މީހުންނަށް އެ ދެ ނިޢުމަތެއް އޮޅިފައިވާ ނުވަތަ އެ ދެ ނިޢުމަތެއްގެ އަގު ވަޒަން ނުކުރެވޭ ދެ ނިޢުމަތެއްވެއޭ. އެއީ، "ޞިއްޙަތު ސަލާމަތުން ހުރުމާއި، ހުސްކޮށްހުރުމާއެވެ. ހުސްވަގުތު ލިބުމާއެވެ." އާދެ، ޝައްކެއްނެތް، މިކަން އެންމެ ބޮޑަށް ދިމާވާނީ ޒުވާނުންނަށް. އެއީ، ޞިއްޙަތު ސަލާމަތުން ތިބޭ މީހުންގެ ތެރެއިން ގިނަވާނީ ޒުވާނުން. ޒުވާނުން ޞިއްޙަތު ސަލާމަތުން ތިބެމެ، އެމީހުން ކުރާނެ މަސައްކަތެއްނެތި ނުވަތަ އެއްވެސް މަސައްކަތެއްނުކޮށް ހުސްކޮށް ތިބުމަކީ ވަރަށް ގެއްލުންހުރި ކަމެއް ކަމުގައި އަޅުގަނޑުމެންނަށް މި ޙަދީޘްފުޅުން ދޭހަވޭ. ހަމައެފަދައިން، ޢަރަބިންގެ ޝާޢިރަކު ވިދާޅުވެފައިވާ ބަސްފުޅެއްވެސް އަޅުގަނޑުގެ ހަނދާނަށް އާދޭ. އޭނާ ވިދާޅުވަނީ، "ޒުވާންކަމާއި، ހުސްކޮށްހުރުމާއި، ތަނަވަސްކަމަކީ، އިންސާނާއަށް ހުރި ކޮންފަދަ ހަލާކެއްހޭ؟" އަދި އެއްފަހަރު ދަންނަވާލާނަން. "ޒުވާންކަމާއި ހުސްކޮށްހުރުމާއި، ތަނަވަސްކަމަކީ، އިންސާނާއަށް ހުރި ކޮންފަދަ ހަލާކެއްހޭ؟" ޝައްކެއްނެތް، އެބަހުގެ ތެދު އަޅުގަނޑުމެންނަށް މިއަދު ވަނީ ޤަބޫލުކުރަން ޖެހިފައި.
އެހެންކަމުން، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ޒުވާންކަމުގެ ދައުރަށް ޒުވާނުން ކުރިމަތިލުމުގެ ކުރިން، ކުޑަކުދިންގެ ގޮތުގައި އެމީހުން ތިބޭއިރު، އެކުދިން ވާނެއޭ ރަނގަޅު ގޮތަކަށް ތަރުބިއްޔަތު ކުރެވޭތޯ ބަލަން. އެކުދިންގައި އެއްވެސްކަހަލަ ޢައިބެއްވާނަމަ، އެކަން އިޞްލާޙު ކުރެވޭތޯ ބަލަންވާނޭ. ހަމައެފަދައިން، އެކުދިން ބޮޑެތިވެގެން އަންނައިރު، ނުސީދާމަގަކުން ކުދިންދާ ކަމުގައިވަނީނަމަ، މައިންބަފައިންނަށް ޖެހޭނޭ އެކުދިން މަގަށްއަޅުވަން. ފަހަރެއްގައިވެސް ކުއްޖާ ނުރުހިދާނެތީ، އެކަހަލަ ޢަމަލެއްނުކޮށް ހުރުމަކީ، އޭގެ ސަބަބުން މުސްތަޤްބަލްގައި މާބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހިދާނެ ކަމަކަށް ވެދާނެއޭ.
އާދެ، އެހެންކަމުން، އަޅުގަނޑުމެންގެ ޒުވާނުންނާއި ކުދިން ޙިމާޔަތްކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އެ ކަންތައްތަކުން އެކުދިން ޙިމާޔަތްކޮށް އަދި ޒުވާންކަމުގެ ދައުރަށް އައުމަށްފަހުގައި، އެ ޒުވާނުންގެ ޙިއްޞާ، ޤައުމު ބިނާކުރުމުގައި އެންމެ ބޮޑަށް ލިބޭ ގޮތެއްގެމަތިން މަސައްކަތްކުރުމަކީ، އަޅުގަނޑު ދަންނަވާނީ މުޅި މުޖުތަމަޢުގެ މަސްއޫލިއްޔަތެކޭ. އާދެ، އޭގެތެރޭގައި ސަރުކާރުވެސް ހިމެނޭ. ސަރުކާރުގެ ފަރާތްތަކުން ކުރަންޖެހޭ ކަންތައްތައް ކުރަންޖެހޭނެ. ހަމައެއާއެކީގައި، މައިންބަފައިންނާއި ޢާއިލާގެ އެހެން މީހުންވެސް، ކޮންމެ މީހަކުވެސް އެމީހަކު އަދާކުރަންޖެހޭ ވާޖިބެއް އަދާކުރަންޖެހޭނެ. އަދި މުޖުތަމަޢުގެ އެންމެހާ އަފްރާދުންވެސް، އެ ވާޖިބު އަދާކުރުމުގައި ފަސްޖެހިގެނެއް ނުވާނެ.
އާދެ، ކުރީ މުނާސަބަތެއްގައި އަޅުގަނޑު ދަންނަވާލި ހަނދާންވޭ. ޤައުމެއްގެ އެންމެ އަގުހުރި ރައުސްމާލަކީ، އެ ޤައުމެއްގެ ޒުވާނުންނޭ. ޤައުމަށް ބޭނުންވަނީ ޒުވާނުންގެ ހިތްވަރާއި ޢަޒުމޭ. ޤައުމަށް ބޭނުންވަނީ ޒުވާނުންގެ ފޯރިއާއި ޙަރަކާތްތެރިކަމޭ. ޤައުމަށް ބޭނުންވަނީ ޒުވާނުންގެ ހޫނުކަމާއި ކެރުމޭ. އާދެ، އަޅުގަނޑުގެ މަޤްޞަދަކީ، ހަމައެކަނި ޒުވާނުންނަށް ޤައުމުގެ ހުރިހާ ކަންތައްތަކެއް ދޫކޮށްލުމެއް ނޫން. އާދެ، ޤައުމުގެ އެންމެހާ އަފްރާދުންގެ ބޭނުން އަޅުގަނޑުމެން ހިފަންޖެހޭނެ. ޤައުމުގެ އެންމެހާ ރައްޔިތުންގެ ޚިދުމަތަށް ޤައުމުވަނީ ބޭނުންވެފައި. އެމީހުންނަކީ ޒުވާނުން ކަމުގައިވިޔަސް، ހަރުމީހުން ކަމުގައިވިޔަސް، މުސްކުޅިން ކަމުގައިވިޔަސް، ހުރިހާ ރައްޔިތުންގެ ޚިދުމަތް ޤައުމަށް ވަނީ ބޭނުންވެފައި. އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތެރޭގައި ތިބޭ މުސްކުޅިންނާއި ހަރުމީހުންނަށް ލިބިފައިވާ ތަޖްރިބާގެ މުއްސަނދިކަމުން އަޅުގަނޑުމެން ފައިދާ ލިބިގަންނަންވާނެ. އާދެ، އަޅުގަނޑުގެ މަޤްޞަދަކީ، މި ހުރިހާ ކަމަކާ އެކުގައި، އަޅުގަނޑުމެންގެ ޒުވާނުންގެ ޙަރަކާތްތެރިކަމާއި، އެމީހުންގެ ހިތްވަރާއި ފަންވަރުން އަޅުގަނޑުމެންނަށް އިތުރު ބާރުތަކެއް ލިބެންވާނެއޭ ދެންނެވުން.
އާދެ، މި މުހިންމު ޖަލްސާ، ޒުވާނުންނާބެހޭ ޤައުމީ ޖަލްސާ، ނުވަތަ "ދިވެހި ޒުވާނުން 92." މި ޖަލްސާގެ ބައިވެރިންނަށް ކާމިޔާބީއަށް އެދެމުން، އާދެ، ޖަލްސާގައި ބިނާކުރަނިވި ޚިޔާލުތަކެއް ހުށަހަޅުއްވައި، ފައިދާހުރިގޮތެއްގައި މަޝްވަރާކުރެވި، ޤައުމަށް ފައިދާހުރި އަދި ޚާއްޞަކޮށް، ދިވެހި ޒުވާނުންނަށް ފައިދާހުރި ނިންމުންތަކެއް ނިންމުމުގެ ހެޔޮ ތައުފީޤު މާތް اللّـه سبحانه وتعالى ޖަލްސާގެ ބައިވެރިންނަށް ދެއްވުން އެދެމުން، ޒުވާނުންނަކީ ކޮންބައެއްކަން، އާދެ، އެމީހުން ހިމެނިފައިވާ މަޤާމާއި، އެމީހުންނާ ދޭތެރޭގައި އަޅުގަނޑުމެން، ބޮޑެތި މީހުންގެ ހިތްތަކުގައިވާ ލޯތްބާއި، އަދި މުސްތަޤްބަލްގައި އެޒުވާނުން އަދާކުރާނެ މަސްއޫލިއްޔަތާއި، ވާޖިބާއި، މި ކަންތައްތަކަށް ބަލައިލާފައި އަޅުގަނޑު ހިތަށްއަރާ އެއްޗެއް ދަންނަވާލާނަން.
އާދެ، ޒުވާނުންނަކީ އަޅުގަނޑުމެންގެ ޙަޔާތުގެ ޢަބީރު. އަޅުގަނޑުމެންގެ ހިތްތަކުގެ މޭވާ. އަޅުގަނޑުމެންގެ ދިރިދިރި ތިބި އުންމީދުތައް. ޤައުމަށް ފައިދާހުރި ގޮތެއްގައި އަޅުގަނޑުމެންގެ މުސްތަޤްބަލް ބައްޓަންކުރާނެ މޭސްތިރިން. މުސްތަޤްބަލްގެ ޢިލްމުވެރިންނަކީ، މުސްތަޤްބަލްގެ މުފައްކިރުންނަކީ، މުސްތަޤްބަލްގެ ޒަޢީމުންނަކީ އަދުގެ ޒުވާނުން. މުސްތަޤްބަލްގައި އަޅުގަނޑުމެންގެ ޤައުމާއި ދީން ދިފާޢުކޮށް، އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ޤައުމަށް ބޭނުންވާ ކުރިއެރުންތައް ހޯދައިދޭނީ ހަމަ އެމީހުން.
މާތްﷲ، މި ޖަލްސާގެ ބައިވެރިންނަށް، އެބޭފުޅުންގެ ވާޖިބު އަދާކުރެއްވުމުގައި ތައުފީޤު ދެއްވާށި! ދިވެހި ޒުވާނުންނަށާއި، ދިވެހިރާއްޖެއަށް، ފައިދާހުރި ނިންމުންތަކެއް ނިންމުމުގައި، ޖަލްސާގެ ބައިވެރިންނަށް ވާގިދެއްވާށި! އަޅުގަނޑުމެން ދިވެހި ޒުވާނުންނަށްޓަކައި މިކުރާ މަސައްކަތްތަކަކީ، ފައިދާހުރި، ބަރަކާތްތެރި މަސައްކަތްތަކެއް ކަމުގައި އެކަލާނގެ ލައްވާށި! އާމީން!
والسّلام عليكم ورحمـة اللّـه وبركاته.