بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين
އާދެ، މިއަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސް. ރާއްޖޭގައި ދެވަނަފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރެވުނުތާ 24 އަހަރުވެގެން، 25 ވަނަ އަހަރަކަށް ކުރިމަތިލާ ދުވަސް. އެހެންކަމުން، ޖުމްހޫރީ ދުވަހުގެ މުބާރަކްބާދީއާއި ހެޔޮއެދުންތައް، ޖުމްހޫރީ ނިޡާމުގެ ބާނީން ކަމުގައިވާ، އަދި ޖުމްހޫރީ ނިޡާމުގެ ފައިދާތައް ލިބިގަންނަން ތިބި އަދި ލިބިގަންނަމުންދާ، މިނިވަންކަމާއި އަމިއްލަވަންތަކަމަށް ލޯބިކުރާ، އަދި ޤައުމުގެ ތަރައްޤީއާއި ހަމަޖެހުމަށްޓަކައި ރެޔާއިދުވާލު މަސައްކަތް ކުރަމުންދާ ދިވެހި ރައްޔިތުންނަށް، ހިތުގެ ލޯތްބާއި އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ރައްދުކުރަން.
މި ވޭތުވެދިޔަ 24 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ވެރިކަމުގެ ނިޡާމު ވަނީ ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް ބިނާކުރެވިފައި. އިންސާނުން ޤާއިމުކުރާ އެއްވެސް ނިޡާމަކީ ހުރިހާގޮތަކުން ފުރިހަމަ، އޭގައި އެއްވެސް ކަހަލަ އުނިކަމެއް ނެތް، ނިޡާމަކަށްވުމަކީ މުސްތަޙީލު ކަމެއް. މިޙަޤީޤަތް ހިތުގެ އަޑިން ޤަބޫލުކުރުމާއެކު، އަޅުގަނޑަށް ދަންނަވަންޖެހެނީ، 1968 ވަނަ އަހަރުން ފެށިގެން، ރާއްޖޭގައި ހިނގަމުންމިދާ ޖުމްހޫރީ ވެރިކަމުގެ ނިޡާމަކީ، ޒަމާނުގެ އިމްތިޙާނުގެ ކުރިމަތީގައި ސާބިތުކަމާއެކު ކާމިޔާބުކޮށްފައިވާ އަދި ކާމިޔާބު ކުރަމުންދާ ނިޡާމެކޭ. ތުއްތުކުދިންގެ ޢުމުރުގެ އެންމެ ޅަފަތުގައި ދަތްފެޅުމުގެ ވޭނާ ކުރިމަތިލާންޖެހޭ ފަދައިން، އަޅުގަނޑުމެންގެ ޖުމްހޫރީ ނިޡާމުގެވެސް އެންމެ ފުރަތަމަ ހަތް އަހަރު ދުވަހުގެ ތެރޭގައި، ބައެއް ވޭންތަކާއި، ބައެއް ލޮޅުންތަކާ ކުރިމަތިލާން ޖެހުނު. އެކަމަކު އޭގެފަހުން މިހާތަނާ ޖެހެންދެންވެސް، އަޅުގަނޑުމެންގެ ޖުމްހޫރީ ވެރިކަމުގެ ނިޡާމު ވޭތުކޮށްފައިވަނީ ދުޅަހެޔޮކަމާއެކު. އެނިޡާމު ބޮޑުވެ، ތަޞައްރުފް ފުދި، ޒުވާންކަމުގެ އާރާއި ބާރުގައި ތަރައްޤީވަމުން އަންނަ އަހަރުތަކެއް.
އަޅުގަނޑުގެ މަޤްޞަދަކީ، ކުރިންވެސް ދެންނެވި ފަދައިން، އެ ނިޡާމެއްގެ ހިޔާވަހިކަމުގައި ގިނަ އަހަރުތަކެއް އަޅުގަނޑުމެން ވޭތުކުރަމުން މިގެންދާ ނިޡާމަކީ، ހުރިހާ ގޮތަކުން ފުރިހަމަ ނިޡާމެކޭ ދެންނެވުމެއް ނޫން. ތެދުތެދަށް ދަންނަވަންޏާ، އަޅުގަނޑުމެންގެ ދުސްތޫރީ އޮނިގަނޑުގައިވެސް އިޞްލާޙު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. ނުވަތަ ބަދަލުވަމުން، ކުރިއަރަމުން އަންނަ، ދިވެހިރާއްޖޭގެ މިއަދުގެ ޙާލަތާ ކޮންމެވެސްވަރަކަށް ނުގުޅޭ ބައެއް ކަންތައްތައް އެބަހުރި. އެކަންތައްތައް އިޞްލާޙުކޮށް، މިއަދުގެ ރާއްޖޭގެ ޙާލަތާ ގުޅޭ އަދި ރާއްޖެ ކަޑައްތުކުރަމުންމިދާ ތަރައްޤީގެ މަރުޙަލާތަކުގެ ބޭނުންތަކަށް ފުދޭ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު، އެގޮތުގެމަތިން ބަދަލުކުރުމުގެ މަސައްކަތްވަނީ، މީގެ އެތައް އަހަރެއް ކުރިން ފެށިފައި. ދިމާވި މުހިންމު ސަބަބުތަކާހުރެ، އެމަސައްކަތް އަޅުގަނޑުމެން އެދޭހާ ހަލުވިކޮށް ކުރިއަށް ގޮސްފައި ނުވިކަމުގައިވިޔަސް، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، އާ ހިތްވަރަކާއި، އާ ޢަޒުމަކާ އެކުގައި، އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅު ފެށުމަށްވަނީ ޤަޞްދުކުރެވިފައި. އަޅުގަނޑުމެން ފުރިހަމަކުރަން ބޭނުންވަނީ، ހަމައެކަނި އަޅުގަނޑުމެންގެ ދުސްތޫރީ އޮނިގަނޑެއް ނޫން. އޭގެއިތުރަށް، އަޅުގަނޑުމެންގެ ޤާނޫނީ އޮނިގަނޑުވެސް. އާދެ، ޤާނޫނުއަސާސީ ފިޔަވައި، ދެންހުރި ޤާނޫނުތަކުގެ އޮނިގަނޑުވެސް އަޅުގަނޑުމެން ޖެހޭ ފުރިހަމަކުރަން. އެ އޮނިގަނޑުގައި އަދިވެސް އަޅުގަނޑުމެންނަށް އެއާ ދޭތެރޭގައި ގޮތްތަކެއް ކަނޑަނޭޅޭ ކިތަންމެ ކަމެއް އެބަހުރި. އެމަސައްކަތްވެސް ދަނީ ކުރެވެމުން.
އާދެ، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ރާއްޖެއަށް ބޭނުންވާ ތަފާތު ޤާނޫނުތައް ވަނީ ފާސްކުރެވިފައި. އޭގެތެރޭގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު، ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ޤާނޫނު، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު، ދިވެހިރާއްޖޭގައި ކުރާ ފޮރިން އިންވެސްޓްމަންޓާ ބެހޭ ޤާނޫނު، ކޮންޓްރެކްޓާ ބެހޭ ޤާނޫނު، މުދާ ވިއްކުމާބެހޭ ޤާނޫނު، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނު. މިފަދަ ކިތަންމެ ޤާނޫނެއްވަނީ މިހާރު ފާސްކުރެވި، އެއަށް ޢަމަލުކުރަން ފެށިފައި. އަދި މީގެއިތުރުން، އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ތަފާތު ޤާނޫނުތައް ފާސްކުރުމުގެ މަސައްކަތްވެސް ދަނީ ހިނގަމުން. އޭގެތެރޭގައި، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބިލްތަކެއްވެސް އެބަހުރި. މިސާލެއް ދަންނަވަންޏާ، ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ބިލް. އެބިލް ވަނީ 1990 ވަނަ އަހަރުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި. ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ބިލް. އެ ބިލްވަނީ މިއަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި. އަދި ރައްޔިތުންގެ މަޖިލީހަށް ހުށަނޭޅި، އެބިލްތަކާ ދޭތެރޭގައި ސަރުކާރުން ފުންކޮށް ވިސްނަމުންގެންދާ އަދި އެކަމަށް ބޭނުންވާ ދިރާސާތައް ކުރަމުން، އެޤާނޫނުގެ ޑްރާފްޓްތައް ތައްޔާރުކުރަމުން ގެންދާ ކިތަންމެ ޤާނޫނެއްވެސް އެބަހުރި. މިދެންނެވި ގޮތުގެމަތިން، މިޤާނޫނުތައް ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެމަޖިލީހުން ފާސްކޮށް، އަދި ޤާނޫނީ ހަމަތަކުގެ މަތިން ތަޞްދީޤުކޮށް، އެއަށް ޢަމަލުކުރެވެމުންދިޔުމަކީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ތަރައްޤީއާއި ހަމަޖެހުމަށް ހަމަ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް.
އާދެ، އަޅުގަނޑުމެން ޖުމްހޫރީ ނިޡާމާ ދޭތެރޭގައި ވާހަކަ ދައްކާއިރު، އެ ނިޡާމުގައި ހަމަޖެހިފައިވާ ބައެއް އަސާސްތަކާ ދޭތެރޭގައިވެސް ޚިޔާލުކުރަންޖެހޭނެ. ޖުމްހޫރީ ނިޡާމުގެ މައިގަނޑު އެއް އަސާސަކީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުން. ޤާނޫނާއި ޤަވާޢިދުގެ ކުރިމަތީގައި ރައްޔިތުންނަކީ ހަމަހަމަ ބައެއްކަމުގައިވުން. ތަޢުލީމުގެ ފުރުޞަތާއި، ވަޒީފާ ލިބުމުގެ ފުރުޞަތާއި، ކުރިއެރުމުގެ ފުރުޞަތު، ވަކި ޢާއިލާތަކަކަށް ނުވަތަ މުޖުތަމަޢުގެ ވަކި ގިންތިއެއްގެ ތެރޭގައި ޚާއްޞަވެފައި އޮތުމުގެ ބަދަލުގައި، އެހުރިހާ ކަމަކީ ޢާންމު ރައްޔިތުންނަށް ހުޅުވާލެވިފައިވާ ކަމަކަށްވުން. ޤާނޫނީގޮތުން ރައްޔިތުންގެ މެދުގައި ތަފާތުތަކެއް ނެތުން. މިކަންކަން މިއީ، ޖުމްހޫރީ ވެރިކަމުގެ ނިޡާމުގެ އެންމެ މައިގަނޑު އެއް އަސާސް. އާދެ، އަޅުގަނޑުވެސް އެއްބަސް، މިފުރުޞަތުތައް މިގޮތަށް އެންމެންނަށް ހުޅުވާލެވިފައި އޮތް ކަމުގައިވިޔަސް، އެކި މީހުންނަށް ޤުދުރަތީ ގޮތުން ލިބިފައިވާ ތޫނުފިލިކަމާއި، ޤާބިލިއްޔަތަކީ ތަފާތު އެއްޗެއް. އަދި މުރާލިކަމާއި ހީވާގިކަމަށް ބަލާލިޔަސް، އެކި މީހުންނަކީ، އެކިގޮތްގޮތަށް މަސައްކަތްކުރަމުން ގެންދާ ބައެއް. ބައެއް މީހުންނަކީ ވަރަށް މުރާލި، ވަރަށް ހީވާގި ބައެއް. އަނެއްބައި މީހުންނަކީ، އެވަރުގެ މުރާލިކަމެއް ނުވަތަ ހީވާގިކަމެއް ލިބިފައިނުވާ ބައެއް. މިކަންތައްތައް މިހެން ހުރުމާއެކުގައި، ކުރިން ދެންނެވި ފުރުޞަތުތައް އެންމެންނަށް އެއްވަރަށް އޮތް ކަމުގައިވިޔަސް، ކުރިއަށްދިޔުމަކީ، އޭގައި ތަފާތުތަކެއް ހުންނާނެ ކަމެއްކަން އަޅުގަނޑުމެންނަށް ޤަބޫލުކުރަންޖެހޭ.
އާދެ، މީހުންގެ މެދުގައި އޮންނަ އިޖުތިމާޢީ ތަފާތު ކުޑަކުރުމަށް ބާރުއެޅުމަކީ، ޖުމްހޫރީ ނިޡާމުގެ މަޤްޞަދެއް ކަމުގައިވާއިރު، އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ފިކުރުކުރަންޖެހޭ، ޚިޔާލުކުރަންޖެހޭ. އަދި އަޅަންހުރި ފިޔަވަޅުތައް އަޅަންޖެހޭ. އާދެ، އަޅުގަނޑުމެންގެ ކަންތައްތައް ހުރި، ނެތްގޮތުގެ މައްޗަށް ވިސްނާލާއިރު، އަދިވެސް އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ކުރީގެ ވެރިކަމުގެ ނިޡާމާބެހޭ ބައެއް ކަންތައްތައް، އާދެ، ޝާހީ ވެރިކަމުގެ ނިޡާމާ ގުޅޭގޮތުން އުފެދިފައިވާ ބައެއް ކަންތައްތައް އަދިވެސް އެބަހުރިކަން ފާހަގަކޮށްލަންޖެހޭ. އެކަންތައްތައް އެހެން ހުރުމަކީ، އަޅުގަނޑުމެން މިހާރު މިހިންގަމުން ގެންދާ ޖުމްހޫރީ ވެރިކަމުގެ އުޞޫލާ ގުޅޭ ކަމަކަށްނުވާތީ، އޭގެ ސަބަބުން މުޖުތަމަޢަށް މާބޮޑު ލޮޅުމެއްނާރާގޮތަށް، ހަމަޖެހޭ ރަނގަޅު މައިތިރި ގޮތަކަށް، މަޑުމަޑުން ނަމަވެސް އެކަންތައްތައް ބަދަލުކުރަމުން ގެންދިޔުމަކީ، އަޅުގަނޑުހިތުން ޖުމްހޫރީ ވެރިކަމުގެ ނިޡާމުގެ ދަށުގައި ދިރިއުޅެމުން ގެންދާ ބަޔަކު ކުރަންޖެހޭނެ ކަމެއް.
އާދެ، ސަރުކާރުގެ ދާއިރާގައިވެސް ކޮންމެވެސްވަރަކަށް މިކަހަލަ ކަންތައް ހުރިކަން ފާހަގަކުރެވޭ. ޢާންމުކޮށް ދަންނަވަންޏާ، މުޅި އިޖްތިމާޢީ ޙަޔާތުގެ ދާއިރާގައިވެސް މީހުންގެ މެދުގައި ތަފާތުތަކެއް ހުރިކަމަށް ޤަބޫލުކުރެވި، އެތަފާތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެކި މީސްމީހުންނާ އެކިގޮތަށް މުޢާމަލާތް ކުރެވޭ، އަދި މުޚާޠަބު ކުރެވޭ ތަން އެބަ އާދޭ. އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އެމީހެއްގެ އަމިއްލަ މަސައްކަތާއި ހިންމަތުން، އެމީހަކަށް ލިބިފައިވާ ޤާބިލިއްޔަތެއްގެ ބޭނުންކޮށްގެން ކުރިއަށްދާ މީހުން ތިބޭނެ. އެމީހުންނަށް ޙައްޤުވެގެންވާ މަޤާމު އަޅުގަނޑުމެން ދޭންޖެހޭނެ. އެއާ ޚިލާފަށް، މީހެއްގެ ނަޞްލަށް ބަލާފައި، ނުވަތަ އެމީހާގެ ޢާއިލާއަށް ބަލާފައި، ނުވަތަ މީހާ ކުރިއްސުރެ ހިމެނިފައިވާ އިޖްތިމާޢީ ގިންތިއަށް ބަލާފައި، ވަކިމީހަކަށް ވަކިގޮތެއް ހެދުމަކީ، ވަކިގޮތަކަށް މުޢާމަލާތްކުރުމަކީ، ވަކިގޮތަކަށް މުޚާތަބު ކުރުމަކީ، އަޅުގަނޑުހިތުން އަޅުގަނޑުމެން މިހާރު މިހިނގަމުންދާ ރައްޔިތުންގެ ވެރިކަމާ، އާދެ، ޖުމްހޫރީ ވެރިކަމާ މާބޮޑަށް ގުޅޭކަމެއް ނޫން. އެހެންވީމާ، އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ތެރޭގައި ހުރި މިބާވަތުގެ ކަންތައްތައް، މަޑުމައިތިރިކަމާއި ޞުލްޙަމަސްލަޙަތާ އެކީގައި ބަދަލުކުރަމުން ގެންދިޔުމުގެ ޢަޒުމް އަޅުގަނޑުމެންގެ ހިތުގައި ކަނޑައަޅައި، އެގޮތުގެމަތިން ޢަމަލުކުރަމުން ގެންދިޔުން.
އާދެ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މާތްﷲގެ ހެޔޮރަޙްމަތްފުޅުން، ރާއްޖޭގައި ވެރިވެފައި އޮތީ އަމަންއަމާންކަމާއި، ސިޔާސީ ހަމަޖެހުމާއި، ޞުލްޙަމަޞްލަޙަތު. މި ކަންތައްތައް މިއީ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ބޮޑަށް އެހީތެރިވެދީފައިވާ ކަންތައްތަކެއް. އާދެ، ރާއްޖޭގެ އަމަންއަމާންކަމާއި، ޞުލްޙަމަޞްލަޙަތަށް ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ލޮޅުންއެރީ ނުވަތަ އަރަންއުޅުނީ، ހަމައެކަނި ދެފަހަރު. އެއްފަހަރަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ބަޣާވާތް، ނުވަތަ ޢުދުވާނީ ޙަމަލާ. އެހެންނަމަވެސް، ﷲގެ ރަޙްމަތްފުޅުން އެކަންތައްވެސް އެންމެ 24 ގަޑިއިރުގެ ތެރޭގައި ހަމަޖެހިގެން ހިނގައްޖެ. އޭގެ ސަބަބުން، އަޅުގަނޑުމެންގެ އިޤްތިޞާދީ ކުރިއެރުމަށް ނުވަތަ އިޖްތިމާޢީ ތަރައްޤީއަށް މާބޮޑު ހުރަސްތަކެއް އެޅޭގޮތެއްނުވި.
ދެވަނަ ކަމަކަށް ދިމާވީ، 1990 ވަނަ އަހަރުގެ ތެރޭގައި، މާލޭގައި ހިނގި ޓެރަރިޒަމްގެ ބައެއް ޙާދިޘާތައް. އާދެ، ބައެއް ތަންތާނގައި މީހުން ރޯކޮށް، އަދި އޭގެ އިތުރުން، ގޮވާކަހަލަ ބައެއް އެއްޗެތި ތައްޔާރުކޮށް، އެ ތަޖްރިބާކޮށް، ބައެއް ތަންތާނގައި ގޮއްވުމުގެ ޙާދިޘާތައް. ޝައްކެއްނެތް، އެއީ ރާއްޖޭގެ އަމަންއަމާންކަމަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް. އެހެންނަމަވެސް، އެކަންވެސް ﷲގެ ވާގިފުޅާއި ހެޔޮ ރަޙްމަތްފުޅުން ވަރަށް އަވަހަށް ކޮންޓްރޯލް ކުރެވި، އެކަން ކުރި މީހުން ހިފި، އެމީހުންނާ މެދު ޢަދާލަތުގެ ފިޔަވަޅުތައް އެޅި، އެކަންވަނީ ހަމަޖެހުމަކަށް އައިސްފައި. މިކަންތައްތައް ފިޔަވައި، އަޅުގަނޑުމެންގެ ރާއްޖެ ވޭތުކުރަމުން މިދަނީ ވަރަށް ޞުލްޙަވެރި، ވަރަށް އަމަންއަމާންކަން ފެތުރިފައިވާ އެކުވެރި ޖައްވެއްގައި.
އާދެ، މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ތަރައްޤީގެ ދުވެއްޔަށް ވަރަށްބޮޑު ހަލުވިކަމެއް ލިބިގެންދިޔަ. އާދެ، އަޅުގަނޑު ދަންނަވާލަން މިއުޅެނީ، އަޅުގަނޑުމެންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި، އަޅުގަނޑުމެންގެ ރާއްޖެ މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވޭތުކުރަމުންދިޔަގޮތުގެ މައްޗަށް އިޝާރާތްކުރާ ބައެއް ކަންތައްތަކުގެ ވާހަކަ. އާދެ، ފަހަރެއްގައިވެސް މާދިގު ވާހަކަތަކެއް އެރޮނގުން ދައްކާކަށެއް ނޫން. އެހެންނަމަވެސް، ތަރައްޤީއަށް އިޝާރާތްކޮށްދޭ ޢަލާމާތްތަކެއްގެ ވާހަކަ، ވަރަށް ކުރުކުރުގޮތެއްގައި ތިޔަބޭފުޅުންނަށް ދަންނަވާލަން އަޅުގަނޑު ޤަޞްދުކުރަން.
އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގައި އެންމެ ބޮޑު ބައެއް އަދާކުރާ ކަމަކީ، މަސްވެރިކަމާއި ޓޫރިޒަމް. 1979 ވަނަ އަހަރު އަޅުގަނޑުމެން އެކްސްޕޯޓް ކުރި މަހަށް ލިބުނީ ހަމައެކަނި 18 މިލިއަން ރުފިޔާ. 1991 ގައި މިޢަދަދު ވަނީ 379 މިލިއަން ރުފިޔާއަށް ބަދަލުވެފައި. އެއިން އެބަ ދައްކާ، އަޅުގަނޑުމެންނަށް މަސްވެރިކަމުގައި ކުރިއަށް ދެވިފައިވާ މިންވަރު. ޓޫރިޒަމްގެ ދާއިރާއަށް ބަލައިލާއިރު، 1978 ގައި ރާއްޖެއަށް އައި 29,000 ޓޫރިސްޓުންގެ ޢަދަދު، 1991 ގައި ވަނީ 196,000 އަށް އިތުރުވެގެން ގޮސްފައި. އަދި މީގެ އެންމެ 9 ދުވަސް ކުރިން، އާދެ، މި ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު، މިއަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ ޢަދަދު ވަނީ 200,000 އަށް އަރާފައި. 1981 ގައި ޓޫރިޒަމުން ޤައުމަށް ލިބުނު ބޭރުފައިސާގެ ގޮތުގައި ލަފާކުރެވިފައިވާ 15.1 މިލިއަން އެމެރިކާ ޑޮލަރު، 1991 ވަނަ އަހަރު ވަނީ 94 މިލިއަން ޑޮލަރަށް ބަދަލުވެފައި. ރާއްޖޭގެ ވިޔަފާރިވެސް ވަނީ ވަރަށް ބޮޑަށް ކުރިއަރައި ތަރައްޤީވެފައި. މާލޭގައި ވިޔަފާރި ބޭންކްތައް ހުޅުވި، ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް އެތައް ގުނައަކަށް ވަނީ އިތުރުވެފައި. މާލޭގައި ބޮޑެތި ޢިމާރާތްތައް ހެދި، ގެދޮރުއެޅުމުގެ ޙަރަކާތްތައް ވަނީ ވަރަށް ބޮޑަށް ތަރައްޤީވެފައި. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވުމުގެ ސަބަބުން، ރާއްޖޭގެ ޓޫރިޒަމަށާއި، ރާއްޖޭގެ ކުރިއެރުމަށް ވަރަށްބޮޑު ބާރެއް ލިބުނު. އަދި ދިވެހިރާއްޖެއާއި ބޭރުދުނިޔެއާ ދޭތެރޭގައި އޮތް ގުޅުމަށް ވަރަށްބޮޑު ބަދަހިކަމެއް އައި.
ދިރިއުޅުމުގެ ބޭނުންތަކަށާއި، އެކިއެކި މަސައްކަތްތެރިކަން ކުރިއަށް ގެންދިޔުމަށް، ރާއްޖޭގައި އުފެއްދޭ އަދި ބޭނުންކުރަމުން ގެންދާ އިލެކްޓްރިސިޓީގެ މިންވަރަށް ބަލައިލިޔަސް، އަޅުގަނޑުމެންގެ ރާއްޖެ ކުރިއަށްދާ މިންވަރު ފާހަގަކޮށްލެވޭނެ. އާދެ، 1980 ވަނަ އަހަރު އިލެކްޓްރިކް ކަރަންޓް ރާއްޖޭގައި ބޭނުންކުރެވިފައި ވަނީ ހަމައެކަނި 1.9 މިލިއަން ކިލޯވޮޓް. 1991 ގައި މިދެންނެވި ޢަދަދުވަނީ، 23.6 މިލިއަން ކިލޯވޮޓަށް ބަދަލުވެފައި. ތަޢުލީމުގެ ދާއިރާއަށް ވިސްނާލިޔަސް، ރާއްޖެ ދަތުރުކުރަމުންދާ މިޞްރާބާއި މިންވަރު ފާހަގަކޮށްލެވޭ. 1977 ގައި އަޅުގަނޑުމެންގެ ރާއްޖޭގައި ތިބި ކަމަށް ފާހަގަކުރެވޭ ލިޔަންކިޔަން ނުދަންނަ މީހުންގެ ޢަދަދަކީ، ސަތޭކައަކުން 77. މިއަދު އެ ޢަދަދު ވަނީ، ﷲގެ ރަޙްމަތްފުޅުން، ސަތޭކައަކުން 98 އަށް ބަދަލުވެފައި. 1978 ގައި ތިބި ކިޔަވާކުދިންގެ ޢަދަދު 15,000 ން މިއަދު ވަނީ، 68,000 އަށް އިތުރުވެގެން ގޮސްފައި. 1982 ގައި، އާދެ، މީގެ އެންމެ 10 އަހަރު ކުރިން، ތަޢުލީމަށް ސަރުކާރުން ކުރި ޚަރަދުގެ ޢަދަދު 12 މިލިއަން ރުފިޔާ، 1991ގައި ވަނީ އޭގެ 13 ގުނައަށްވުރެ އިތުރަށް ޖެހިލާފައި. ޔުނިވަރސިޓީން ޑިގްރީ ޙާޞިލްކޮށްފައިވާ މީހުންގެ ޢަދަދު، 1978 ގައި އޮތް 34 ން މިއަދުވަނީ، 234 އަށް ބަދަލުވެފައި. އަދި މިހާރުވެސް ޑިގްރީ ޙާޞިލްކުރުމަށްޓަކައި ރާއްޖެއިން ބޭރުގައި މަސައްކަތް ކުރަމުންދާ ވަރަށްގިނަ ޢަދަދެއްގެ ދިވެހި ކިޔަވާކުދިން އެބަތިބި. 1978 ވަނަ އަހަރާ ހަމައަށް ޖީ.ސީ.އީ. އޯ ލެވެލް ޙާޞިލްކުރި ކުދިންގެ ޢަދަދު ކަމުގައިވާ، 483 މިހާރުވަނީ 3900 އަށްވުރެ އިތުރަށް ބަދަލުވެފައި. އިތުރުވެފައި. އަދި މިހާރުވެސް ރާއްޖޭގެ ތަޢްލީމީ ކަންތައްތައް ކުރިއަށްދިޔުމާއެކު، އެ ފެންވަރަށް ކިޔަވަމުންގެންދާ ކުދިންގެ ޢަދަދު، އެއް އަހަރުން އަނެއް އަހަރަށް ދަނީ ވަރަށް ބޮޑުތަން އިތުރުވަމުން. ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޚިޔާލުކޮށްލި ކަމުގައިވިޔަސް، 1978 ގައި ދިވެއްސެއްގެ މެދުމިން ޢުމުރު ކަމުގައި ބެލިފައިވާ، 47.6 އަހަރު މިއަދުވަނީ މާތްﷲގެ ރަޙްމަތާއި ވާގިފުޅާއެކު، 65.8 އަހަރަށް ބަދަލުވެފައި. ޅަފަތުގައި މަރުވާ ކުދިންގެ ޢަދަދުވެސް 1978 ގައި އޮތް 120 އިން މިހާރު ވަނީ 38 އަށް ތިރިވެފައި. އަދި ރާއްޖޭގައި ޒަމާނުއްސުރެ ފެތުރި، އޭގެ ނުރައްކާތައް އަޅުގަނޑުމެންގެ ޅަކުދިންނަށާއި، ޒުވާނުންނަށާއި، ބޮޑެތި މީހުންނަށް ކުރިމަތިވަމުންދިޔަ، ވަރަށް ނުރައްކާތެރި ބަލިތަކެއް ވަނީ، އޭގެތެރެއިން، އެއްބައި ބަލި ރާއްޖެއިން މުޅިން ނެތިކުރެވިފައި. އަނެއްބައި ބަލި، ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި. މިހާރު ރާއްޖެއަކު މެލޭރިޔާއެއް ނެތް. ލެޕްރަސީވެސް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި. އަދި އެންމެ ގިނައިން ކުޑަކުދިން މަރުވާ ބަލި ކަމުގައިވާ، ބޭރަށް ހިންގުމުގެ ރޯގާތައްވެސް މިހާރު ރާއްޖޭގައި ދަނީ ވަރަށް ބޮޑަށް މަދުވަމުން. ސަބަބަކީ، ސާފު ބޯފެން ލިބުމުގެ އިންތިޒާމު ހަމަޖެހިފައިވުމާއި، އަދި ރަނގަޅު ޞިއްޙީ ކާނާ އެންމެންގެ އަތްފޯރާ ހިސާބުގައި އިތުރުވަމުންދިޔުން. އާދެ، ކާޑުގެ ތަކެއްޗާއި، ޞިއްޙަތަށް ފައިދާހުރި ކާބޯތަކެތި ވަނީ، ގާތްގަނޑަކަށް އެންމެންގެ އަތްފޯރާ ހިސާބުގައި.
އަޅުގަނޑުމެންގެ ރާއްޖެ ކުރިއަށްދާ ދިޔުމުގައި، މާލެއާއި ރާއްޖެތެރެއާ ދޭތެރޭގައި އޮތް، ތަފާތު ކުޑަކުރުމަށް މަސައްކަތްކުރުމަކީވެސް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއް ދީފައިވާ ކަމެއް. އަދި އެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރެވެމުން އެބަދާކަން، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. ރާއްޖެތެރޭގައި ގިނަ ޢަދަދަކަށް މަދަރުސާތައް ޢިމާރާތްކޮށް، އެތަންތާނގައި ކިޔަވައިދެވޭނެ އިންތިޒާމު މިހާރުވަނީ ހަމަޖެއްސިފައި. ރީޖަނަލް ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތައް ވަނީ ޤާއިމުކުރެވިފައި. ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިންނާއި، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން، ގިނަ ޢަދަދަކަށް އުފައްދައި، އެމީހުންގެ ޚިދުމަތް ރާއްޖެތެރެއަށް ލިބެމުންދާގޮތަށް ވަނީ ހަމަޖެއްސިފައި. ގިނަ ޢަދަދެއްގެ މަސްދޯނިފަހަރުގައި ވަނީ އިންޖީނު ބަހައްޓައިދެވިފައި. އަދި އެދޯނިފަހަރު ވަނީ ރާއްޖެތެރެއަށް ދޫކުރެވިފައި. ރާއްޖޭގެ ބައެއް ހިސާބުތަކުގައި، ސަރަޙައްދީ ވައިގެ ބަނދަރުތައް އުފެދި، މާލެއާއި ރާއްޖެތެރޭގެ މުވާޞަލާތު ވަނީ އިތުރަށް ތަރައްޤީކުރެވިފައި. ރަށު އޮފީސްތަކާއި، ރަށުކޯޓުތަކާއި، މިސްކިތްތައް ވަނީ ޢިމާރާތްކުރެވިފައި. އަދި އެމަސައްކަތް މިހާރުވެސް ވަރަށް ހަލުވިކޮށް ކުރިއަށް އެބަދޭ. ރާއްޖެތެރޭގެ ބައެއް ހިސާބުހިސާބަށް، ޓެލެފޯނާއި ކަރަންޓުގެ ޚިދުމަތް ވާޞިލްކޮށް، އިތުރު ތަންތާނގައި ވަނީ މިހާރު އެމަސައްކަތް ފެށިފައި. ބައެއް ރަށްރަށުގެ ފަޅުފުންކޮށް، އިތުރު ރަށްރަށުގައި މި މަސައްކަތް ހިންގުމަށް ވަނީ ހަމަޖެހިފައި. މި ހުރިހާ މަސައްކަތްތަކަކީވެސް، މިހާރުވެސް ހުއްޓުމެއްނެތި ކުރެވެމުންދާ އަދި މުސްތަޤްބަލްގައިވެސް އިރާދަކުރެއްވިއްޔާ ކުރެވެމުންދާނެ މަސައްކަތްތަކެއް.
މިދެންނެވި ކަންތައްތައް ރާއްޖެތެރެއަށް މިގޮތަށް ކުރެވެމުންދާއިރު، މާލެއަށް ބޭނުންވާ ބޮޑެތި މަސައްކަތްތައްވެސް ދަނީ ހަލުވިކަމާއެކު ކުރެވެމުން. އާދެ، މާލޭގެ ފަޅުންވަނީ ބިން ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް ބިން ހިއްކިފައި. މާލެއަށް ބޭނުންވާ މަދަރުސާތަކާއި، ހޮސްޕިޓަލާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަން ވަނީ އުފެއްދިފައި. ނުވަތަ އެކަންތައްތައް ދަނީ އުފެއްދެމުން. މާލޭގެ މަގުތަކުގެ ތެރެއިން، ވަރަށްބޮޑު ބައެއް ވަނީ ރަނގަޅު ފެންވަރަކަށް ހެދިފައި. އެމަސައްކަތްވެސް މިހާރު ދަނީ ކުރިއަށް. މާލެއަށް ބޭނުންވާ ކަރަންޓް، އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދިޔުމާއެކު، އިންޖީނުގެ ވަނީ ބޮޑުކުރެވިފައި. އާ އިންޖީނުގެއެއް އުފެއްދިފައި. އާ ކަރަންޓް އުފައްދައިދޭނެ އިންޖީނުތައް ގެނެވިފައި. އަދި އެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށް. އަދި މުސްތަޤްބަލްގައި އިތުރަށް އެމަސައްކަތް ކުރާގޮތަށްވެސް ވަނީ ހަމަޖެހިފައި. މާލޭގެ ބަނދަރުވެސް ވަނީ މިވަގުތަށް ފުދޭނެކަމަށް ލަފާކުރެވޭ މިންވަރަކަށް ހެދިފައި. އެމަޝްރޫޢުގެ ބޮޑުބައި ވަނީ މިހާރު ނިންމިފައި. މާލެއަށް ބޭނުންވާ އިޖުތިމާޢީ ޚިދުމަތްތަކުގެ މަރުކަޒުތައްވެސް ވަނީ އުފެއްދިފައި. އޭގެތެރެއިން، އެންމެ ފާހަގަކޮށްލެވޭ އެއްތަނަކީ އިސްލާމީ މަރްކަޒު. އަދި މިހާރު މާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރެވޭތޯވެސް، ސަރުކާރުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. އޭގެތެރެއިން، އެންމެބޮޑު އެއް މައްސަލައަކީ، މާލޭގެ ބޯފެނުގެ މައްސަލަ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މާލޭގައި ދިރިއުޅޭ މީހުންގެ ޢަދަދު، އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންގޮސް، މާލޭގައި ހުރި މީރުފެންފޮދު މިހާރުވަނީ ބޭނުންކުރެވި، މުޅިން ހުސްވެފައި. އަޅުގަނޑުމެންނަށް ޖެހިފައިވަނީ، ވާރޭފެން ބޭނުންކުރަން. ނުވަތަ ކަނޑުގެ ލޮނުގަނޑު މީރުފެނަށް ހަދައިގެން، އެބޭނުން ކުރަމުން ގެންދިޔުމަށް. އާދެ، މި ދެ މަސައްކަތްވެސް ދަނީ ކުރެވެމުން. މިހާރު މާލޭގައި ހުރި ބޯފެންއަޅާ ތާނގީތަކުގެ ޢަދަދު މަދުކަމާއި، މާލޭގެ ރައްޔިތުންނަށް އެއިން ނުފުދޭތީ، އިތުރު ތާނގީތައް ހެދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުން. މީގެއިތުރުން، ރާއްޖެއަށް ނުވަތަ މާލެއަށް ވެހޭ ވާރެއިން، މާލޭގެ ރައްޔިތުންނަށް ބޭނުންވާ ބޯފެނާއި އަދި ފެނުގެ އެހެން ބޭނުންތަކަށް، ފުދޭވަރަށް ފެން ތައްޔާރުކޮށްފައި ބެހެއްޓުން އެއީ އެކަށީގެންވާ ކަމަކަށް ނުވާތީ، ލޮނު ފެނަށް ހަދާ އިތުރު މެޝިންވެސް ބެހެއްޓުމަކީ، ކޮންމެހެން ބޭނުންކަމެއް ކަމުގައި މިހާރުވަނީ ފާހަގަކުރެވިފައި. އެރޮނގުންވެސް ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުން. އަދި ހަމަ މިހާރުވެސް މާލޭގައި އެކަމާބެހޭ ބޭރުގެ ބައެއް މާހިރުންނާއި، މިކަމަށް ޝައުޤުވެރިކަން ހުރި ބޭރުގެ ބައެއް ފަރާތްތައް އެބަތިބި. ދެފަރާތަކުން އައިސް، އެކަމުގެ ދިރާސާތައް ކޮށް، އަދި އެމީހުންގެ ހުށަހެޅުންތަކެއް ސަރުކާރަށް ކުރިއަށް އޮތް، ތިން ހަތަރު ހަފްތާގެ ތެރޭގައި ހުށަހެޅޭނެ ކަމަށް ވަނީ އެނގިފައި.
ރާއްޖޭގެ ތަރައްޤީގައި ޚާއްޞަގޮތެއްގައި ސަމާލުކަން ދޭންޖެހޭ ފަރާތްތަކަށްވެސް ދަނީ ސަމާލުކަން ދެވެމުން. އޭގެތެރެއިން، އެންމެ މުހިންމު އެއް ފަރާތަކީ، ރާއްޖޭގެ އަންހެނުން. އަންހެނުންނަކީ މުޖުތަމަޢުގެ ދެބައިކުޅަ އެއްބައި ކަމަށްވެފައި، ރާއްޖޭގެ ތަރައްޤީގައި އަންހެނުންނަށް ކުޅެވެން އޮތް ދައުރުގެ މުހިންމުކަމާ އެކީގައި، އަންހެނުންނަށް އެމީހުންނަށް ޙައްޤުވެގެންވާ މަޤާމު ހޯދައިދިނުމަށާއި، އާމްދަނީ ހޯދުމަށާއި، ދިރިއުޅުން ތަނަވަސްކުރުމަށާއި، ތަރައްޤީގައި އަންހެނުންނަށް ފުރިހަމައަށް ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށް، ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުން. އެކަމާބެހޭ ސަރުކާރުގެ ޑިޕާޓްމަންޓެއް އުފެދި އަދި އެޑިޕާޓްމަންޓަށް ލަފާދޭ ޤައުމީ މަޖިލީހެއްވެސް އުފެދި، އެ މަސައްކަތްތައް ދަނީ ހަލުވިކަމާއެކު ކުރިއަށް. އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ އަނެއްބަޔަކީ، ކުޑަކުދިން. ރާއްޖޭގެ ކުޑަކުދިންނަކީ ވަރަށްގިނަ ޢަދަދެއްގެ ބައެއް. ކުޑަކުދިންގެ އަތްމަތީގައި ރާއްޖޭގެ މުސްތަޤްބަލު އޮތީ. އެހެންކަމުން، ކުޑަކުދިންނަށް ބޭނުންވާ ތަޢުލީމު ދިނުމާއި، އެކުދިންގެ ޞިއްޙަތު ސަލާމަތުން ބައިތިއްބުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެކުދިންގެ ދިރިދެމިތިބުމާއި، ޙިމާޔަތަށް ބޭނުންވާ ހުރިހާ ކަމެއް ކުރުމަށްޓަކައި، ރާއްޖޭގައި ވަނީ ކުޑަކުދިންނާބެހޭ ޤާނޫނެއް ފާސްކުރެވި، އެއަށް ޢަމަލުކުރަން ފެށިފައި.
ޒުވާނުންނަކީ ރާއްޖޭގެ ތަރައްޤީގައި، ރާއްޖޭގެ ހަމަޖެހުމުގައި ވަރަށްބޮޑު ބައެއް އަދާކުރާނެ ބައެއް. އެހެންކަމުން، ޒުވާނުންނަށްވެސް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ދީ، އެމީހުންނަކީ ޤައުމަށް ފައިދާހުރި، ހުރިހާ ގޮތަކުންވެސް އެމީހުންގެ ޙިއްޞާ، ޤައުމުގެ ތަރައްޤީގައި ލިބޭނެ ބަޔަކަށް ހެދުމަށްޓަކައި، ޒުވާނުންނާ ބެހޭ އަހަރެއް މިހާރު ދަނީ ފާހަގަކުރެވެމުން. އަދި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި، އާދެ، މިމަހުގެ 16 ވަނަ ދުވަހު، ޒުވާނުންނާ ބެހޭ ޤައުމީ މަޖިލިސް އެއްވާނެ. އެމަޖިލީހުން ޒުވާނުންނާ ބެހޭގޮތުން، ޤައުމީ ޤަރާރެއް ފާސްކުރައްވައި، އަދި ޒުވާނުންގެ ކަންތައްތައް ތަރައްޤީކުރުމަށް ބޭނުންވާ ޢަމަލީ ފިޔަވަޅުތަކުގެ މަޝްރޫޢެއްވެސް އެކަށައަޅުއްވާނެ. އަދި ޒުވާނުންނާ ބެހޭގޮތުން ސަރަޙައްދީ ދާއިރާގައިވެސް، އިތުރަށް ކަންތައްތައް ކުރަން ބޭނުންވެފައިވާތީ، އެކަންވެސް ދަނީ އަޅުގަނޑުމެން އެ ޖަމާޢަތަކަށް ނިސްބަތްވާ ސާރކްގެ ދާއިރާގައި ހިނގަމުން.
ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ކުރިއަށްދާއިރު، އަޅުގަނޑުމެންނަށް ދިމާވާ ތަފާތު ނުރައްކާތައް އެބަހުރި. އޭގެތެރެއިން، އެންމެ ބޮޑު އެއް ނުރައްކަލަކީ، މިއަދު ދުނިޔޭގެ ކަންތައްތައް ހުރިގޮތުން، ރާއްޖޭގެ އަމަންއަމާންކަމަށް، ނުވަތަ ރާއްޖޭގެ މިނިވަންކަމަށް ކުރިމަތިވެދާނެ ނުރައްކާ. އާދެ، ދުނިޔޭގައި ސިޔާސީ އޮއިވަރު ދާގޮތުންނާއި، ހީވެސްނުކުރާކަހަލަ ބައެއް ގޮތްގޮތަށް ދުނިޔޭގެ ބައެއް މަސްރަޙްތަކުގައި ކަންތައްތައް ހިނގަމުންދާތީ، އަޅުގަނޑުމެން ތިބެންޖެހެނީ އެކަންކަމަށް ލޯހުޅުވައިގެން. އެހެންކަމުން، ރާއްޖޭގެ ދިފާޢީ ބާރުތައް ވަރުގަދަކޮށް، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ ކަންތައްތައްވެސް އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި، ޞުލްޙަމަޞްލަޙަތު މިހާރު އެއޮތްގޮތުގައި، އަދި މުސްތަޤްބަލްގައިވެސް ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެންގެ އަމަންއަމާންކަން ބެލެހެއްޓުމުގެ ދާއިރާވެސް ވަނީ، ވަރަށްބޮޑަށް ވަރުގަދަކުރެވިފައި.
އަޅުގަނޑުމެންނަށް ދިމާވެދާނެ އަނެއް ނުރައްކަލަކީ، ތިމާވެށީގެ ނުރައްކާ. އެނުރައްކަލުން ސަލާމަތްވުމަށްވެސް އެޅެންހުރި ހުރިހާ ފިޔަވަޅެއް ދަނީ އެޅެމުން. ރާއްޖެއަކީ ފަސްގަނޑު ތިރި ޤައުމަކަށްވާތީ، މުސްތަޤްބަލްގައި ދިމާވެދާނެ، ކަނޑުގެ ލޮނުގަނޑު އުސްވުމުގެ މައްސަލައާއި، އަދި ޖައްވު ހޫނުވުމުގެ މައްސަލައާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައާ، މިހުރިހާ ކަމަކީ މިއަދު އެކަންކަން ޙައްލުކުރުމަށްޓަކައި، އަޅުގަނޑުމެން މުހިންމު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ މައްސަލަތަކެއް. އެހެންކަމުން، މި މައްސަލަ ވަނީ، ބައިނަލްއަޤްވާމީ ދާއިރާއަށް ރާއްޖޭގެ ފަރާތުން ހުށަހަޅައި، އަދި ބައިނަލްއަޤްވާމީ ގޮތުން ރާއްޖެއަށް ލިބެންވާ ތާއީދު، އެކަމުގައި ލިބިފައި. އިރާދަކުރެއްވިއްޔާ، މުސްތަޤްބަލްގައި ރާއްޖެއަށް ފައިދާހުރި ގޮތެއްގައި އެކަންތައްތައްވެސް އަޅުގަނޑުމެންނަށް ޙައްލު ކުރެވެމުންދާނެ.
އާދެ، މިދެންނެވި ގޮތުގެ މަތިން، އަޅުގަނޑުމެންގެ އެތެރޭގެ ކަންކަން ކުރިއަށްދާއިރު، ރާއްޖޭގެ ޚާރިޖީ ދާއިރާގެ ކަންތައްތައްވެސް ކުރިއަށްދަނީ، ވަރަށް ހިތްހަމަޖެހޭފަދަ ގޮތަކަށޭ އަޅުގަނޑަށް ދަންނަވަންޖެހޭ. އާދެ، ރާއްޖެއާއި ބޭރުދުނިޔެއާ އޮންނަ ގުޅުންވަނީ، މިވޭތުވެދިޔަ 14 އަހަރު ދުވަހުގެ ތެރޭގައި، ވަރަށް ބޮޑަށް ތަރައްޤީކުރެވިފައި. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގުމުގައި ސަމާލުކަން ދެވިފައިވަނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމާއި، ރާއްޖޭގެ ތަރައްޤީއަށް މަގުފަހިކުރުމާއި، އެކިއެކި ޤައުމުތަކާއެކު ރަޙްމަތްތެރިކަމުގެ ގުޅުން އުފައްދައި، ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ ޞުލްޙައާއި ސަލާމަތްކަން ދިރުވައި ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ މައްޗަށް. ނަތީޖާއެއްގެ ގޮތުން، ބޭރުދުނިޔޭގައި ރާއްޖޭގެ ޢިއްޒަތާއި ޤަދަރު އުފުލި، ބައިނަލްއަޤްވާމީ މަސްރަޙުގައި ހަރުދަނާކަމާއެކު ޙަރަކާތްތެރިވަމުންދާ ޤައުމެއްގެ ގޮތުގައި ރާއްޖެވަނީ މިހާރު ހިމެނިފައި.
ރާއްޖޭގެ ތަރައްޤީއަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި، ބައިނަލްއަޤްވާމީ އެކިއެކި ޖަމާޢަތްތަކުގައި ރާއްޖެ އަންނަނީ ބައިވެރިވަމުން. އޭގެތެރޭގައި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ސިޔާސީ ޖަމާޢަތްތަކާއި، އެކިއެކި ޚާއްޞަ ރޮނގުރޮނގުގައި ޙަރަކާތްތެރިވާ ޖަމާޢަތްތައް ހިމެނޭ. ރާއްޖޭގެ މަޞްލަޙަތު ރައްކާތެރިކޮށްދޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ރާއްޖެ އަންނަނީ ސޮއިކުރަމުން. ބައިނަލްއަޤްވަމީ ޖަމާޢަތްތަކުން އިންތިޒާމުކުރާ އެކި ފެންވަރުގެ ޖަލްސާތަކުގައި ރާއްޖެ ބައިވެރިވެ، ރާއްޖެ ގެންދަނީ ވަކާލާތު ކުރަމުން. އޭގެތެރޭގައި، ޤައުމުތަކުގެ އެންމެ އިސްވެރިންގެ ފެންވަރުގައި ބޭއްވޭ ޖަލްސާތަކާއި، ވަޒީރުންގެ ފެންވަރުގައި ބޭއްވޭ ޖަލްސާތަކާއި، އެނޫން ޖަލްސާތައްވެސް ހިމެނޭ. ބޭރު ޤައުމުތަކުގެ އެންމެ އިސްވެރިން އަދި އެޤައުމުތަކުގެ މަތީ ފެންވަރުގެ ވަފްދުތައް ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާފައިވޭ. އަދި ރާއްޖޭގެ މަތީ ފެންވަރުގެ ވަފްދުތައްވެސް އެކިއެކި ޤައުމުތަކަށް ޒިޔާރަތްކުރަމުން ގެންގޮސްފައިވޭ. ރާއްޖޭގައި އިންތިޒާމު ކުރެވޭ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޖަލްސާތައް، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަނީ ވަރަށްބޮޑަށް އިތުރުވެގެން ގޮސްފައި. ޚާރިޖީ ދާއިރާގައި ރާއްޖެ ގެންގުޅޭ ސިޔާސަތާއި، އެ ދާއިރާގައި ރާއްޖެ ޙަރަކާތްތެރިވަމުންދާ ގޮތުން ރާއްޖެއާމެދު ތަޢުރީފުގެ ބަސްތައް ބޭރު ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމާޢަތްތަކުން ބުނެ ފާޅުކުރަމުން ގެންދާކަން އެއީ، އަޅުގަނޑުހިތުން ރާއްޖެއަށް ލިބޭ ވަރަށްބޮޑު ރީތި ނަމެއް. އަދި ފަޚުރެއް.
އާދެ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަރައްޤީގެ މަގުގައި ރާއްޖެ ދަތުރުކުރަމުންދާ މިޞްރާބާއި، ރާއްޖެ ދަތުރުކުރަމުންދާ ހަލުވިމިނާއި، އަޅުގަނޑުމެންނަށް ކުރިމަތިލާންޖެހޭ މައްސަލަތަކާއި، މިކަންތައްތަކާ ދޭތެރޭގައި ވިސްނައި، މަޝްވަރާކޮށް، ކުރިއަށްދާނެ ގޮތްތަކެއް ރާވާއިރު، އަޅުގަނޑުމެން ފިކުރުކޮށް، އަދި އެއާ ދޭތެރޭގައި ފިޔަވަޅުތަކެއް އަޅަންޖެހޭ، ވަރަށް މުހިންމު ކަމެއްވެސް އެބައޮތް. އާދެ، އެކަމަކީ، ޖަމާޢަތަށް ފައިދާހުރި މަސައްކަތްތަކުގައި، ޖަމާޢަތުގެ ބައިވެރިވުމާއި ޙިއްޞާކުރުން ތަރައްޤީކުރެވޭތޯ މަސައްކަތް ކުރުން.
އާދެ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ޢާންމު ޚިދުމަތުގެ އިނާމު، މުޖުތަމަޢުގެ ޢާންމު ފައިދާއަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް ސަރުކާރުން މިގެންދަނީ އަރުވަމުން. އޭގެ ބޭނުމަކީ، ޖަމާޢަތުގެ ފައިދާއަށް މަސައްކަތްކުރުމަށް ހިތްވަރު ދިނުން. އެކަން ތަރައްޤީ ކުރެވޭތޯ ބެލުން. މިއަހަރުވެސް އިރާދަކުރެއްވިއްޔާ ހަމަ މިޖަލްސާގައި، މިއަހަރު ޢާންމު ޚިދުމަތުގެ އިނާމު ޙައްޤުވާކަމަށް ސަރުކާރަށް ފެންނަ ބޭފުޅުންނަށް އެއިނާމު އެރުވުން އޮންނާނެ. އާދެ، އަޅުގަނޑުގެ ވާހަކަ މެދުކަނޑާލާފައި ނަމަވެސް، މިއަދުގެ ޖަލްސާގައި އެއިނާމު ލިބިވަޑައިގަންނަވާ ފަރާތްތަކަށް ޙައްޤުވެގެންވާ ތަހުނިޔާއާއި މުބާރަކްބާދީ އެފަރާތްތަކަށް ރައްދުކުރަން. އެއީ، އަދި ކޮން ފަރާތްތަކެއްކަން އަޅުގަނޑުމެންނަށް ނޭނގުނު ކަމުގައިވިޔަސް، އެއިން ކޮންމެ ފަރާތަކީ ޝައްކެއްނެތްގޮތުގައި، ޖަމާޢަތަށް ފައިދާހުރި ޚިދުމަތެއް ކުރައްވާފައިވާ ފަރާތެއް. އަދި މިއަހަރު އެކަން ކުރެވިފައި މިވަނީ، އެހެން އަހަރުތަކަށްވުރެ ހަރުދަނާގޮތެއްގައޭވެސް އަޅުގަނޑަށް ދަންނަވާލަންޖެހޭ. އާދެ، އެއީ މިއަހަރު ސަރުކާރުން ވަނީ ސަރުކާރުގެ ހުރިހާ ދާއިރާތަކަކަށް އަންގާފައި، އެދާއިރާތަކާ ގުޅޭގޮތުން ޖަމާޢަތުގެ ފައިދާއަށް ޙަރަކާތްތެރިވާ ފަރާތްތަކުގެ ނަމާއި، އެފަރާތްތަކުން ކުރަމުންގެންދާ މަސައްކަތާއި، ޚިދުމަތުގެ ފެންވަރާއި، މިކަންކަން ބަޔާންކުރައްވައި، އެފަރާތްތަކަށް ފެނިވަޑައިގަންނަވާ ބަޔަކު ހުށަހެޅުއްވުމަށް. އެހެންކަމުން، ސަރުކާރުގެ ހުރިހާ ދާއިރާތަކުންވެސް ނުވަތަ ގިނަ ދާއިރާތަކުން ވަނީ، އެދާއިރާތަކާ ގުޅޭ ކަންތައްތައް ކުރެއްވުމުގައި އިސްނަންގަވައިގެން އުޅުއްވާ، އަދި ޤައުމަށް، ޖަމާޢަތަށް ފައިދާހުރި މަސައްކަތް ކުރައްވާ ފަރާތްތަކެއްގެ ނަންތައް ސަރުކާރަށް ހުށަހަޅުއްވާފައި. އެނަންތަކުގެ ތެރެއިން ސަރުކާރަށް ފާހަގަކުރެވުނު ބައެއް ބޭފުޅުންނަށް މިއަދު އިނާމު އަރުވަނީ. އެހެންވީމާ، މިއަހަރު އެކަންތައް އެކުރެވުނީ، މީގެކުރީގެ އަހަރުތަކަށްވުރެ ތަންކޮޅެއް ހަރުދަނާގޮތެއްގައޭ އަޅުގަނޑަށް ދަންނަވަންޖެހޭ. އަދި އިރާދަކުރެއްވިއްޔާ މުސްތަޤްބަލްގައި، ހަމަ މިގޮތަށް ނުވަތަ މިއަށްވުރެވެސް ރަނގަޅު ގޮތަކަށް އެމަސައްކަތް ކުރެވޭތޯ ސަރުކާރުން ބަލަމުން ގެންދާނަން.
އާދެ، އަޅުގަނޑު މި ދަންނަވަން މިއުޅޭ ވާހަކައަކީ، ޖަމާޢަތުގެ ޢާންމު ފައިދާއަށް މަސައްކަތް ކުރުމުގައި، ޖަމާޢަތުގައި ހިމެނޭ މެންބަރުން، ޖަމާޢަތުގައި ހިމެނޭ އަފްރާދުންގެ ޚިދުމަތް ވަރަށް ބޮޑަށް ލިބެން ބޭނުންވެއޭ. ބޭރު ދުނިޔޭގައި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި އަދި ތަރައްޤީވެފައިވާ ޤައުމުތަކުގައި މިކަންތައް އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ފެންނަމުންދޭ. އަޅުގަނޑުމެންނަށް ޓީ.ވީ.ގެ ޛަރީޢާއިން ފެންނަ ޚަބަރުތަކުގައިވެސް، ރޭޑިޔޯއިން އިވޭ ޚަބަރުތަކުގައިވެސް، ނޫހުގައި ހުންނަ ވާހަކަތަކުންވެސް، އަޅުގަނޑުމެންނަށް އެނގޭ، ބޭރު ތަންތާނގައި ޖަމާޢަތަށް ބޭނުންވާ އެކިއެކި މަސައްކަތްކުރުމުގައި އެޖަމާޢަތުގެ މީހުން، ޖަމާޢަތުގެ އަފްރާދުން އަމިއްލަގޮތުން ވަރަށްބޮޑު ޙިއްޞާއެއް އަދާކުރާކަން. އެރޫޙު ރާއްޖޭގައި އުފެއްދުމަކީ، އަޅުގަނޑުހިތުން ވަރަށްބޮޑަށް ބޭނުންކަމެއް. އެރޫޙު ނެތެކޭ އަޅުގަނޑު ނުދަންނަވަން. ރާއްޖޭގައިވެސް އެރޫޙު އެބަހުރި. އަޅުގަނޑުމެން ކުރާ ބައެއް މަސައްކަތްތަކުގައި އެކަންތައް ފެނިގެންދޭ. އެހެންނަމަވެސް، ދާއިމީގޮތެއްގައި ހުއްޓުމެއްނައިސް، މީހުންގެ ޝައުޤުވެރިކަމަށް ބަދަލެއްނައިސް، އެފަދަ ކަންތައްތައް ޖަމާޢަތުގެ ފައިދާއަށް، އެންމެން ބައިވެރިވެގެން ކުރާ ކަންތައްތައް އިތުރުވަމުންދިޔުމަކީ، އަޅުގަނޑު ދަންނަވަން މިއުޅެނީ ރާއްޖޭގެ ތަރައްޤީއަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ކަމެކޭ.
އާދެ، ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދިޔުމަށްޓަކައި، އެމީހަކަށް ލިބޭ އާމްދަނީ އިތުރުކޮށް، އެމީހުންގެ އަނބިދަރިންނަށް ލިބޭ ތަނަވަސްކަންވެސް އިތުރުކުރުމަށްޓަކައި، ހީވާގިކަމާއި، މުރާލިކަމާއެކު މަސައްކަތް ކުރާތަން އަޅުގަނޑުމެންނަށް ފެނޭ. އެކަމަކު، އެމީހުންވެސް މުޅި ޖަމާޢަތުގެ ފައިދާއަކަށް ކަމެއް ކުރުމަށް ގޮވާލެވިއްޖެ ހިނދެއްގައި، އެހުރިހާ އެންމެން އެކަމަކަށް އިޖާބައެއްނުދޭ. އިޖާބަދެނީ ވަރަށް މަދު ބައެކޭވެސް ހިތާމައާއެކު އަޅުގަނޑަށް ދަންނަވަންޖެހޭ. މިކަން އެންމެބޮޑަށް ފާހަގަކުރެވިގެންދަނީ، އެކިއެކި ޤައުމީ މުނާސަބަތުތަކުގައި. އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި، އަޅުގަނޑުމެންގެ މިނިވަންކަމާއި، ދިވެހިވަންތަކަން ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ބައިވެރިވާ މީހުންގެ ޢަދަދު ވަރަށްވެސް މަދު. އެކަން އެހެން އޮވެގެން، އަޅުގަނޑުހިތުން އަޅުގަނޑުމެންނަށް މިބޭނުންވާ ގޮތަކަށް ތަރައްޤީގެ މަގުގައި ކުރިއަކަށް ނުދެވޭނެ. އަޅުގަނޑުމެންގެ ތެރޭގައި އުފައްދަންވީ ރޫޙަކީ، ހަމަ ކޮންމެ މީހަކުވެސް އެމީހެއްގެ ޖަމާޢަތަށް ފައިދާހުރި ކަމެއްގައި، އެމީހަކު އެމީހެއްގެ ހިތުންރުހުމުން، އެމީހަކު އަމިއްލައަށް އެހެން މީހަކު ނުބުނިކަމުގައިވިޔަސް ބައިވެރިވުމުގެ ރޫޙު އަވަށުގެ ކަންތައްތަކުގައިވެސް، ރަށުގެ ކަންތައްތަކުގައިވެސް، އަތޮޅުގެ ކަންތައްތަކުގައިވެސް، މުޅި ރާއްޖޭގެ ކަންތައްތަކުގައިވެސް އާދެ، އެރޫޙު އުފައްދައި، އެގޮތުގެމަތިން އެންމެން މަސައްކަތްކުރަމުން ގެންދިޔުމަކީ، އަޅުގަނޑަށް ދަންނަވަންޖެހެނީ، ރާއްޖޭގެ ހަމަޖެހުމާއި، ރާއްޖޭގެ ކުރިއެރުމަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ކަމެކޭ.
ހަމައެފަދައިން، އަޅުގަނޑުމެން ދިރިއުޅުން ތަރައްޤީކޮށް، ކުރިއަށް ގެންދިޔުމުގައި ހަރުދަނާ ރީތި އުޅުމެއް އުޅުމުގެ މުހިންމުކަންވެސް އަޅުގަނޑުމެން ޤަބޫލުކުރަން އެބަޖެހޭ. އާދެ، މިއީ އަޅުގަނޑަށް ދައްކަން މާފަސޭހަ ވާހަކައެއްނޫން. އެހެންނަމަވެސް، އަޅުގަނޑުހިތުން މިފަދަ މަޤާމެއްގައި ހުންނަ މީހަކު ދަންނަވާލަންވެސް ޖެހޭކަހަލަ ވާހަކައެއް. އަޅުގަނޑުމެންގެ ތެރެއިން، ބައެއް މީހުންނަށް މަސައްކަތް ކުރެވެނީ ތަނަވަސްކަން ހޯދުމުގެ ގޮތުން، ހަމަ ކޮންމެ ކަމެއްވެސް ކުރުން އެއީ، އެންމެ ރަނގަޅު ކަމެއް ކަމުގައި ދެކިގެން. އެކަމަކީ އަޅުގަނޑުމެންގެ މާތްވެގެންވާ ދީން ހުއްދަކުރާ ކަމެއް ކަމުގައިވިޔަސް، ނުވިޔަސް ނުވަތަ އަޅުގަނޑުމެންގެ ޤާނޫނުތައް ހުއްދަކުރާ ކަމެއް ކަމުގައިވިޔަސް، ނުވިޔަސް ނުވަތަ އަޅުގަނޑުމެންގެ އިޖުތިމާޢީ ރީތި އާދަކާދަތައް ތަންދޭ ކަމެއް ކަމުގައިވިޔަސް، ނުވިޔަސް، އެމީހަކަށް އެއިން ފައިދާއެއް ލިބޭ ކަމެއްވިއްޔާ، އެމީހަކު ކުރަމުން ގެންދާތަން، ވަރަށް ހިތާމަޔާއެކު އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ. ވިޔަފާރީގައި މަކަރު ހެދުމާއި، މީސްމީހުންނަށް އޮޅުވާލުމާއި، އެގްރީމަންޓްތަކާ ޚިލާފަށް ޢަމަލުކުރުމާއި، މުދަލަށް ކުރިން ފައިސާ އަތުލާފައި، މުދާ ޙަވާލުނުކުރުމާއި، ދަރަންޏަށް ފައިސާ ނަގާފައި، އެދަރަނި އަދާނުކުރެވޭތޯ ތަފާތު ބަހަނާތައް ދައްކަމުން ގެންދިޔުމާއި، މިހެންގޮސް ވަރަށް ނޭދެވޭ ކަންތައްތަކެއް ވަރަށް ގިނައިން ފެންނަމުންދޭ. އަދި އެފަދަ މައްސަލަތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ވަރަށް ގިނަގިނައިން ހުށަހެޅެމުންދޭ. އެ ކަންތައްތައް ޙައްލުކުރުމުގައި ސަރުކާރަށް ވަރަށް ދަތިވެސްވޭ. ފުލުސް އޮފީހަށްވެސް އޭގެ ވަރަށްގިނަ މައްސަލަ ހުށަހެޅޭ، ޝަރީޢަތަށް ހުށަހެޅޭ، ސަރުކާރުގެ އެހެން އޮފީސްތަކަށް ހުށަހެޅޭ. އެހެންނަމަވެސް، ބަޔަކުމީހުން ޤަޞްދުގައި އެފަދަ ކަންތައްތަކެއް ކުރަމުންގެންދާ ކަމަށްވަންޏާ، ސަރުކާރުން އެކަމަށް ޙައްލެއް ހޯދައިދިނުން އޮންނާނީ ވަރަށް ދަތިކަމަކަށްވެފައި.
އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ދިރިއުޅުން ތަރައްޤީކުރުމަކީ، ހަމަ އެންމެ ރަނގަޅު ކަމެކޭ. ކުރަންވެސް ޖެހޭނެ ކަމެކޭ. ތިމާއަށް ލިބޭ އާމްދަނީ އިތުރުކުރެވޭތޯ މަސައްކަތްކުރުމާއި، ތިމާގެ އަނބިދަރިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދެވޭތޯ މަސައްކަތްކުރުމަކީ ދީނީގޮތުންވެސް އަދި އިޖްތިމާޢީ ގޮތުންވެސް ކުރަންޖެހޭނެ ކަމެކޭ. އެހެންނަމަވެސް، އެކަން ކުރާއިރު، އެކަން ކުރަންވާނީ، އެކަން ކުރަން އޮންނަ ހަރުދަނާ، ރީތި އުޞޫލަށޭ. އަޅުގަނޑުމެންގެ އަގު ހިފެހެއްޓޭފަދަ ގޮތަކަށޭ. އާދެ، މިކަން ފާހަގަކުރެވެނީ ހަމައެކަނި ރާއްޖޭގައި ހިނގާ މުޢާމަލާތުގައެއް ނޫން. ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ މުޢާމަލާތުތަކުގައި، އަދި އުޅޭގޮތުގައިވެސް މިކަހަލަ ނޭދެވޭ ވަރަށްގިނަ ކަންތައްތައް މިހާރު ދަނީ ފާހަގަކުރެވެމުން. އެކަންތައްތަކުގެ މަޢުލޫމާތު ސަރުކާރަށް ދަނީ ލިބެމުން. ޝައްކެއްނެތް، އަޅުގަނޑުމެންގެ ތަނަވަސްކަން ހުރިގޮތުން، މިހާރު ވަރަށްގިނަ ޢަދަދަކަށް ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކޮށްހަދާ. ބޭހަށްދާ މީހުންވެސް ވަރަށްގިނަ. ވިޔަފާރިއަށްދާ މީހުން އަދި އެއަށްވުރެ ގިނަ. ޗުއްޓީ ހޭދަކުރަންދާ މީހުންވެސް ބައިވަރު. އެމީހުންގެ ދަރިންނަށް ތަޢުލީމު ހޯދައިދިނުމަށްޓަކައި ބޭރަށްދާ މީހުންވެސް، ޢަދަދުނުކުރެވޭހާ ގިނަ. މިހުރިހާ ސަބަބުތަކަށްޓަކައި، އަޅުގަނޑުމެންގެ އަތްމަތީގައި ތަންކޮޅެއް ތަނަވަސްކޮށް ފައިސާހުރީމާ، އެކަންތައްތައް އަޅުގަނޑުމެން މިގެންދަނީ ކުރަމުން.
އަޅުގަނޑު ބަލައިލިއިރު، ހަމައެކަނި 1991 ވަނަ އަހަރުވެސް ރާއްޖެއިން ބޭރަށް ބާވީސްހާސް ދުއިސައްތައަށްވުރެ ގިނަ ދިވެހިން ދަތުރުކޮށްފައިވޭ. އަޅުގަނޑުހިތުން މިއީ ވިސްނަވައިލެއްވުން އެކަށީގެންވާ ޢަދަދެއް. ރާއްޖޭގެ ރައްޔިތުންގެ ގާތްގަނޑަކަށް ދިހަބައިކުޅަ އެއްބައި، ރާއްޖެއިން ބޭރަށް ގޮސްފައިވާކަން، އެއް އަހަރުދުވަހުގެ ތެރޭގައި. އަޅުގަނޑު ހިތަކަށް ނުގެނެވޭ. އަދި އެކަމާބެހޭ ތަފާސްހިސާބުތައް ނުބެލުނު ކަމުގައިވިޔަސް، އަޅުގަނޑު ހިތަކަށް އެއްގޮތަކަށްވެސް ނުގެނެވޭ، ދުނިޔޭގެ އެހެން ޤައުމުތަކުގައި މިހާގިނަ ޢަދަދަކަށް އެތަންތަނުގެ ރައްޔިތުން އެޤައުމުތައް ދޫކޮށްފައި އެކިއެކި ބޭނުންތަކުގައި ބޭރަށް ދަތުރުކުރާނެއެކޭ.
އާދެ، ކޮންމެއަކަސް މިކަން މިކުރެވެނީ އަޅުގަނޑުމެންނަށް އެކަން ކުރެވެން އޮތީމާ. އެކަމަކު އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެން ރާއްޖެއިން ބޭރަށްގޮސް، ތަފާތު ބޭނުންތަކުގައި، ބޭރު ޤައުމުތަކުގައި ދުވަސްތައް ހޭދަކުރަމުންދާއިރު، އަޅުގަނޑުމެން ކަންތައްތައް ކުރަންވާނީ، ރާއްޖެއަށް އެއްވެސްކަހަލަ ހުތުރުނަމެއް ނުލިބޭގޮތަކަށޭ. މިހާރު ކަންތައްވަނީކީ އެހެނެއްނޫން. ރާއްޖެއިން ބޭރުގައި ދިވެހިން ދިރިއުޅޭ އުޅުމުގައި، އެތަންތާނގެ މީހުންވެސް ޙައިރާންވާފަދަ ގޮތަކަށް، ވަރަށް ނޭދެވޭކަހަލަ ކަންތައްތައް ދިވެހިން ކުރަމުންގެންދާ ކަމުގެ މަޢުލޫމާތު، ވަރަށް ގިނައިން ސަރުކާރަށް ލިބެމުންދޭ. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައި ތިބޭ މީހުން އާދެ، ޝްރީލަންކާ މީހުން، ނުވަތަ އިންޑިޔާ މީހުންނަކީ، އަޅުގަނޑުމެން ފަދައިން، މާތްވެގެންވާ އިސްލާމްދީނަށް ބޯލަނބައިގެން ތިބޭ ބައެއްވެސް ނޫން. މުސްލިމުންނެއް ނޫން ގިނަ މީހުންނަކީ. އެހެންނަމަވެސް، އެމީހުންގެ ތެރޭގައިވެސް ނުހުންނަ ދަރަޖައަށް، ނޭދެވޭ ޢަމަލުތައް އަޅުގަނޑުމެން މުސްލިމުން، ދިވެހިން ބޭރުދުނިޔޭގައި ހިންގަމުން އެބަގެންދަމު. ޝައްކެއްނެތް، އެއީ ވަރަށް ދެރަ ކަމެއް. ވަރަށް ހިތާމަހުރި ކަމެއް. ޤައުމަށްވެސް އެކަމުން ލިބޭ ބަދުނާމަކީ އަޅުގަނޑުހިތުން، އަޅުގަނޑުމެން އެންމެންވެސް އެބަދުނާމުން ރައްކާތެރިވެވޭތޯ މަސައްކަތް ކުރަންޖެހޭނެ ކަމެއް. ރާއްޖެއިން ބޭރުގައި ކުރާ މުޢާމަލާތުތަކުގައި މަކަރުހެދުމާއި، އޮޅުވާލުމާއި، މިހެންގޮސް ދަންނަވަން ނުކެރޭފަދަ ކަންތައްތައްވެސް މިހާރު ކުރަމުންދޭ. ބަދުއަޚްލާޤީ އެކިއެކި ޢަމަލުތައް، ދިވެހިން އެކަންތައް ކުރަނީ. އެތަންތާނގެ މީހުންނެއްވެސް ނުކުރޭ. ދެން އެއީ އަޅުގަނޑަށް އެންމެބޮޑަށް އަސަރުކުރާ ކަމަކީ. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ދިރިއުޅުން ތަރައްޤީކޮށް، ހަރުދަނާކޮށް، ކުރިއަށް ގެންދިޔުމުގައިވެސް އަޅުގަނޑުމެން ހަރުދަނާ، ރީތި ދިރިއުޅުމެއް އުޅުމުގެ މުހިންމުކަން، އެންމެންވެސް ވާނެއޭ އިޙްސާސްކުރަން. އަދި އެމީހެއްގެ އަގުވެއްޓޭގޮތަށް ނުވަތަ އެމީހަކު އެނިސްބަތްވާ ޤައުމުގެ އަގުވެއްޓޭގޮތަށް، އެއްވެސް ކަމެއް ކޮށްގެނެއް ނުވާނެއޭ.
އާދެ، އަދިވެސް އަޅުގަނޑުމެންގެ މުޖްތަމަޢާ ބެހޭ އެހެން ވާހަކައެއް ދަންނަވާލަން އަޅުގަނޑު ބޭނުން. އެއީ، އަޅުގަނޑުމެންގެ މުޖްތަމަޢުގައި ކަންތައްތައް ހުރިގޮތުގެ މައްޗަށް ވިސްނާލާއިރު، ބައެއް އެހެން ކަންތައްތަކުގައިވެސް ފެންނަނީ، މާހިތްހަމަޖެހޭ މަންޒަރުތަކެއް ނޫނޭ ދަންނަވަން އަޅުގަނޑު އެބަޖެހޭ. ވަރަށްބޮޑަށް މަޢާފުކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަން. އެހެންނަމަވެސް، މިވާހަކަވެސް ދަންނަވާލުމަކީ، އޭގެ ސަބަބުން ފަހަރެއްގައިވެސް ފައިދާކޮށްފާނެ ކަމެއްކަމަށް ހީވާތީ، އަޅުގަނޑު މިވާހަކަ މިދަންނަވާލަނީ.
އަޅުގަނޑުމެން ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ހިތްހަމަނުޖެހުމާއި، ހަމަނުޖެހުމާއި، އަރާރުމޭ ދަންނަވާލަންޖެހޭ. ޢާއިލާގެ ތެރޭގައިވެސް، ދެމަފިރިންގެ ދޭތެރޭގައިވެސް، ކުދިންނާއި، އެކުދިންގެ މައިންބަފައިންނާ ދޭތެރޭގައިވެސް، އެއްބަނޑު އެއްބަފާ މީހުންގެ ތެރޭގައިވެސް، އަދި ޖަމާޢަތުގެ ތެރޭގައިވެސް، މަސައްކަތުގެ ދާއިރާގައިވެސް، ގިނައިން ފެންނަނީ ހަމަނުޖެހުންތައް، އަރާރުންތައް. އިޖްތިމާޢީ އަދި ޤައުމީ ކަންތައްތަކުގައިވެސް ފެންނަނީ ހަމަ އެފަދަ މަންޒަރުތަކެއް. އަދި ދީނީ ކަންތައްތަކުގައިވެސް ފެންނަނީ ހަމަ އެފަދަ ހިތާމަހުރި ކަންތައްތަކެއް. އަޅުގަނޑުހިތުން މިއީ ކުޑަ މައްސަލައެއް ނޫން. މިގޮތަށް ކަންތައްތައް ދޫކޮށްލައިގެން، އަޅުގަނޑުމެންނަކަށް ސަލާމަތުގެ އައްސޭރިއަކަށް ދަތުރެއް ނުކުރެވޭނެ. އެކަންތައްތަކާ ދޭތެރޭގައި މިހާރުން މިހާރަށްވެސް އަޅަންޖެހޭ ފިޔަވަޅުތައް ޖެހޭނެ އަޅުގަނޑުމެން އަޅަން. މިފަދަ މައްސަލަތައް ނުއުފެދޭގޮތަކަށް ޢަމަލުކުރުމުގެ ޢަޒުމް އަޅުގަނޑުމެން ކަނޑައަޅަންޖެހޭނެ. މިދެންނެވި ކަހަލަ ކަންތައްތަކަކީ، ސަރުކާރުން ޤާނޫނެއް ފާސްކޮށްގެން، ނުވަތަ ވަކިގޮތަކަށް ޢަމަލުކޮށްގެން ޙައްލުކުރެވޭނެ ކަންތައްތަކެއް ނޫން. މިދެންނެވި ކަންތައްތަކަކީ، މީހުންގެ އަމިއްލަ ދިރިއުޅުމާބެހޭ ކަންތައްތައް. އެކަންތައްތައް އިޞްލާޙުވާނީ، އެބަޔަކު އެކަންތައްތަކެއް އިޞްލާޙުކުރަން ތިބިއްޔާ. އެކަންތައްތައް އިޞްލާޙުކުރަން މަސައްކަތްކުރިއްޔާ.
އެހެންވީމާ، އަޅުގަނޑުގެ ހަމައެކަނި ވާހަކައަކީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މިފަދަ ކަންތައްތަކާ ދޭތެރޭގައި ވިސްނަމާތޯއޭ. ކީއްވެތޯއޭ ތިމާ ހިމެނޭ ޖަމާޢަތުގެ ތެރޭގައި އެފަދަ އަރާރުމެއް، ދެބަސްވުމެއް ނުވަތަ ޚިލާފެއް ނުވަތަ ހަމަނުޖެހުމެއް މިއުފެދެނީ؟ އޭގައި ތިމާއަށް ކުރެވިދާނެ ކަމެއް އެބައޮތްތޯ. އެމައްސަލަ ހަމަޖެއްސުމަށްޓަކައި، ނުވަތަ އެމައްސަލައެއް އެއުފެދެނީ، ތިމާ ޢަމަލުކުރި ގޮތަކުންތޯ، ވަރަށް ރަނގަޅަށް ތިމާގެ ޢަމަލުތަކާއި، ބަސްތަކާ ވަޒަންކޮށްފައި، ތިމާއަށް ނޭދެވޭގޮތަކަށް ޢަމަލުކުރެވޭ ކަމުގައިވަނީނަމަ، އެކަމެއް އިޞްލާޙުކުރުމުން ނޫނީ، މިދެންނެވި މައްސަލަތަކަށް ޙައްލެއް ނާންނާނެ. ޢާއިލާގެ ހަމަނުޖެހުންތަކަށްވެސް، ގޯތިގެދޮރާ ބެހޭގޮތުން މިއުފެދޭ މައްސަލަތަކާއި، ފުލުސް އޮފީހަށާއި ކޯޓުތަކަށްދާ މައްސަލަތަކާ، މިކަންތައްތައް ޙައްލަކަށް ނާންނާނެ، ކޮންމެ މީހަކުވެސް އެމީހަކަށް ޙައްޤުވާ މިންވަރު އެކަނި ޤަބޫލުކޮށްފައި، އެމީހަކަށް ޙައްޤުނުވާ އެއްޗެއް ދޫކޮށްލާ ޚިޔާލު ނެތްކަމުގައިވަންޏަކާ. ކޮންމެ އިންސާނަކަށްވެސް ޙައްޤުވެގެންވާ ކަންތައްތަކެއް އެބަހުރި. އެކަންތައްތައް ހިފެހެއްޓުމުގެ ޙައްޤު އޭނާއަށް އެބައޮތް. އެހެންނަމަވެސް، ތިމާއަށް އެނގިގެން، ތިމާއަށް ޙައްޤުނުވާކަން އެނގޭ ކަމަކަށް މުޠާލަބާ ކުރުމަކީ، ޑިމާންޑް ކުރުމަކީ، ނުވަތަ އެ ހޯދަން މަސައްކަތްކުރުމަކީ، އެއީ މިކަހަލަ ކަންތައްތަކުގެ ފެށުމަކަށް ވެފައި އޮންނަ ކަމަކީ.
އެހެންވީމާ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ޤައުމުގެ ހަމަޖެހުމާއި އިޞްލާޙަށްޓަކައި، އަޅުގަނޑުމެން ޚިޔާލުކޮށް، ވާހަކަދައްކާ ހަދާއިރު، މިނުކުތާއަށް ދިވެހި ރައްޔިތުންގެ ސަމާލުކަމަށް އަޅުގަނޑު ދަންނަވަން. ހަމަ ކޮންމެ މީހަކުވެސް އެމީހެއްގެ ދާއިރާގައި ހަމަޖެހުން އުފެއްދޭތޯ މަސައްކަތްކުރަމާ ހިންގަވާށޭ. އެކުވެރިކަން އުފެދޭތޯ މަސައްކަތްކުރަމާ ހިންގަވާށޭ. އޭރުންނޭ އަޅުގަނޑުމެންނަށް ސަލާމަތްކަންމަތީގައި ތިބެގެން، އަޅުގަނޑުމެން ބޭނުންވާ ގޮތަށް އުފާވެރި، ބާއްޖަވެރި ޙަޔާތެއް ވޭތުކުރެވޭނީ.
އަޅުގަނޑު ދަންނަވާލި ފަދައިން، ތަރައްޤީގެ ތަފާތު ދާއިރާތަކުގައި އަޅުގަނޑުމެންނަށް ވަނީ މަސައްކަތްތަކެއް ކުރެވިފައި. އޭގެ ނަތީޖާތަކެއްވެސް ދަނީ ފެންނަމުން. އެކަމުގެ ނަތީޖާއެއްގެ ގޮތުން، މިއަދު ރާއްޖެވަނީ އެއް ޙާލަތަކުން އަނެއް ޙާލަތަކަށް ބަދަލުވުމުގެ މަގުމަތީގައި. އެކަމަކު މިހާތަނުން ކުޑަކޮށް މަޑުކޮށްލައި، ފަހަތަށާއި ކުރިއަށް ބަލައިލައިފިނަމަ، ހަމައެކަނި ފެންނަން އޮތީކީ، އަޅުގަނޑުމެންނަށް ކާމިޔާބުކުރެވުނު ކަންތައްތަކެއް ނޫން. އަޅުގަނޑުމެންނަށް ކާމިޔާބު ނުކުރެވި ހުރި ވަރަށްގިނަ ކަންތައްތައްވެސް އަޅުގަނޑުމެންނަށް ފެނޭ. އެ ކަންތައްތަކުގެ މައްޗަށް ބާރުނުފޯރުވޭ ފަދަ ޠަބީޢީ ޙައްދުތަކެއް އަބަދުވެސް އޮވޭ. ރާއްޖޭގެ ކުޑަކަމާއި، ރާއްޖޭގެ ޖަޒީރާތައް ހިމެނިފައި އޮންނަ ގޮތާއި، މީސްކޮޅު މަދު ޖަމާޢަތްތަކެއްގެ ގޮތުގައި އަޅުގަނޑުމެން ދިރިއުޅެން ޖެހުމާއި، މުވާޞަލާތުގެ ދަތިތަކާއި، ރާއްޖޭގައި ހުރި މުއްސަނދިކަމުގެ ވަސީލަތްތައް މަދުކަމާއި، ދަތުރުފަތުރު ކުރުމުގެ އުނދަގޫކަމާއި، މި ކަންތައްތައް މިއީ އަޅުގަނޑުމެންނަށް އޭގެ މައްޗަށް މާބޮޑު ބާރެއް އަދި ނުފޯރުވި ހުރި އަދި ބައެއް ކަންތައްތަކަކީ، އޭގެ މައްޗަށް އަޅުގަނޑުމެންނަށް މުސްތަޤްބަލުގައިވެސް ބާރެއް ނުފޯރުވޭ ފަދަ ކަންތައްތައް. މަދު ރަށްތަކެއްގައި ނަމަވެސް، އެތަންތަނަށް އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބައިބޯވެ، ބޯފެނާއި ގެދޮރުގެ ދަތިކަންވެސް ވަނީ އިންތިހާއަށް އިޙްސާސް ކުރަންޖެހިފައި. މިދަތިތައް މިހެން ހުރުމާއެކުވެސް، ދިވެހިރާއްޖެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މަގުގައި އަޅަންފަށާފައިވާ ފިޔަވަޅުތަކަށް އިތުރު ހަލުވިކަމެއް ގެނެސްދީފާނެ ކަންތައްތަކެއްވެސް އެބަހުރި. ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަމާއި، ރާއްޖެ އޮންނަ ތަނާއި، ރާއްޖޭގެ ކަނޑުތަކުގައިވާ މުއްސަނދިކަމާއި، ދިވެހިންގައި ހުރި ތޫނުކަމުގެ ސަބަބުން، އަޅުގަނޑު ކުރިން ދެންނެވި ފަދަ ހުރަސްތައް ގިރާކޮށް، ކުރިއަށް ނުކުމެވިދާނެކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ. އެހެންކަމުން، އާ ވިސްނުމަކާއެކު ރާއްޖޭގެ ތަރައްޤީގެ ކަންތައްތައް ކުރިއަށް ގެންދަންޖެހޭ ސަބަބުތައް މުހިންމުވެފައި، ގިނަ. މި ސަބަބުތަކަށްޓަކައި، ދުވަހުން ދުވަހަށް ނިންމޭ ނިންމުންތައް، ދުރު މުސްތަޤްބަލަކަށް ރޭވިފައިވާ އޮނިގަނޑަކާ އެއްގޮތަށް ނިންމަން ފަށަންވެއްޖެކަމަށް އަޅުގަނޑު ދެކެން. މިއަދު ނިންމޭ ކޮންމެ ކަމެއްގެ އަސަރު މާދަމާއަށް ފޯރާނެތީ، މާދަމާ އަޅުގަނޑުމެން ތިބެންވީ ތަނަކާއި، ތިބެންވީ ގޮތަކާ، މިއަދު އަޅުގަނޑުމެން ދެނެގަނެ، އެއްބަސްވެ، އެކަށައަޅަންވެއްޖެ. އަދި އެތަނަށް އަޅުގަނޑުމެން ވާޞިލްވާން ކުރަންޖެހޭނޭ މަސައްކަތުގެ ބާވަތާއި، މިންވަރާއި، މި ކަންތައްތައްވެސް އަޅުގަނޑުމެން ޤަބޫލުކޮށް، އެއްބަސްވާން ޖެހިއްޖެ. މިސާލަކަށް ދަންނަވަންޏާ، 2000 ވަނަ އަހަރު ރާއްޖެ އޮންނާނެ ގޮތަކާ، ނުވަތަ 2005 ވަނަ އަހަރު ރާއްޖޭގައި ކަންތައްތައް ހުންނާނެ ގޮތަކާއި، އެކަންކަމުގެ ތަޞައްވުރު މިހާރުއްސުރެ ލިޔެވި، ހަމަ ކޮންމެ މީހަކަށްވެސް ފެންނާނެ ސިފައެއްގައި ބާއްވަންވެއްޖެ ކަމަށް އަޅުގަނޑު ދެކެން. އަދި އެހިސާބަށް ވާޞިލްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު ވަރަށް ރަނގަޅަށް ވިސްނައި، ބަޙުޘްކުރުމަށްފަހު، އެފަދަ ތަޞައްވުރެއް އަޅުގަނޑުމެން މިއަދު ވެއްޖެ އެކުލަވައިލަން. ރާއްޖޭގެ މުސްތަޤްބަލް ބައްޓަންވެގެންދާނީ، މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތަކާ އެއްގޮތަށް. ދިވެހިރައްޔިތުން މާދަމާ ހިނގަމުންދާނީ އެމީހުންނަށްޓަކައި މިއަދު އަޅުގަނޑުމެން ކޮށައިދިން މަގަކުން. އެހެންވެ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންތައްތައް ރާވައި، ހިންގުމަށް މިއަދު ތިބި ބަޔަކު މި ވާޖިބު އަދާކުރުމަށް އަޅުގަނޑު ދެކޭގޮތުގައި އަތުކުރި އޮޅާލަންވެއްޖެ.
އާދެ، މިދެންނެވި ރާއްޖޭގެ މުސްތަޤްބަލްގެ ތަޞައްވުރު، 2004 ވަނަ އަހަރު ރާއްޖެ އޮންނާނެ ގޮތުގެ ތަޞައްވުރު. އެކަމާ ދޭތެރޭގައި ދިރާސާތައްކޮށް، އެތަޞައްވުރު އެކަށައެޅުމަށްޓަކައި ސަރުކާރުން މިހާރުވަނީ މަސައްކަތްތަކެއް ކުރަން ގަޞްދުކޮށްފައި. އިރާދަކުރެއްވިއްޔާ، 1993 ވަނަ އަހަރުގެ ތެރޭގައި މި މަސައްކަތް ފެށޭނެ. މި މަސައްކަތަށް ވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން ފަންނީ އެހީވެސް ލިބޭގޮތަށް ހަމަޖެހިފައި. އެހެންކަމުން، އެ މަސައްކަތް އިރާދަކުރެއްވިއްޔާ މިހާރު ލަފާކުރެވޭ ގޮތުގައި ނިމޭނީ، 1993 ވަނަ އަހަރުގެ ފަހުކޮޅު. އެނިމޭއިރު އަޅުގަނޑުމެންނަށް އެނގެން އެބަޖެހޭ، 2005 ވަނަ އަހަރު ރާއްޖެ އޮންނާނެ ގޮތް. އަޅުގަނޑުމެން ތިބޭނެ ތަން. އަޅުގަނޑުމެން ކުރާނެ މަސައްކަތް. އަޅުގަނޑުމެންގެ ރާއްޖޭގައި އެކިއެކި ކަންތައްތައް ހުންނާނެގޮތް. އިރާދަކުރެއްވިއްޔާ، އެމަޝްރޫޢު އެއީ، ވަރަށް މުހިންމު މަޝްރޫޢަކަށްވާނެ. އެމަޝްރޫޢު ރޭވި، އޭގައި ހުރި ކަންތައްތައް އެންމެންނަށް އެނގުމުން، ކޮންމެ މީހަކުވެސް އެމީހަކު ހިނގަންވީ މަގަކާއި، ދާންވީ ބާރުމިނެއް، އިރާދަކުރެއްވިއްޔާ އެނގޭނެ.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް މުހިންމު ވާހަކެއް ދަންނަވާލަން އެބައޮތް. މިވާހަކަ ދަންނަވާލުމަކީ އަޅުގަނޑަށް މާފަސޭހަ ކަމެއްވެސް ނޫން. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ ކޮންމެވެސްވަރަކަށް މިކަންވެސް ޢާންމު ރައްޔިތުންނަށް އެނގެންވެއްޖެހެން. އާދެ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރެގެން، ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ޝަރަފް، ދިވެހިރައްޔިތުން އަޅުގަނޑަށް ދެއްވިތާ މިއަދަށް މި ހަމަވީ 14 އަހަރު. ރާއްޖޭގެ ލޮބުވެތި ރައްޔިތުން ވަނީ، ތިންފަހަރު މަތިން، އަޅުގަނޑު ހީވެސްނުކުރާހާ ބޮޑު އަޣްލަބިއްޔަތަކުން އަޚުގަނޑު މި މަޤާމަށް ހޮއްވަވާފައި. އެކަމަށްޓަކައި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އަދާކުރަންޖެހޭ ޝުކުރަކީ، އަޅުގަނޑުގެ މުޅި ޢުމުރުގައިވެސް އަދާނުކުރެވޭނެހާ މަތިވެރި ޝުކުރެއް. އަންނަ އަހަރަކީ ރިޔާސީ އިންތިޚާބު ބޭއްވޭ އަހަރު ކަމަށްވާތީ، އަޅުގަނޑު ޤަޞްދުކުރާ ގޮތަކާ ދޭތެރޭގައި ވަރަށްގިނަ ފަރާތްތަކަކުން އަޅުގަނޑާ ސުވާލުކުރަމުން ގެންދޭ. އޭގެތެރޭގައި، އަޅުގަނޑުގެ އަމިއްލަ ޢާއިލާގެ މެންބަރުންނާއި، ގާތް ރަޙްމަތްތެރިންނާއި، ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި، ޢާންމު ރައްޔިތުންގެ ގިނަ ބަޔަކާއި އަދި ރާއްޖެއަށް ހެޔޮއެދޭ ބޭރުގެ ބައެއް ފަރާތްތައްވެސް ހިމެނޭ. އެހެންކަމުން، އަޅުގަނޑަށް ޖެހިފައިވަނީ މިކަމާ ދޭތެރޭގައި އަޅުގަނޑުގެ ޚިޔާލަށް އައިސްފައި އޮތްގޮތް ހާމަކުރަން.
އާދެ، ރާއްޖޭގެ ޤާނޫނުއަސާސީއާއި، ސިޔާސީ ނިޡާމު ހަމަޖެހިފައިވާ ގޮތުން، ދުނިޔޭގެ އެހެން ޤައުމުތަކުގައި ކަން ހިނގާގޮތަށް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޤާނޫނީގޮތުން އެއްވެސް މީހަކު ކުރިމަތިލާ އުޞޫލެއް ހަމަޖެހިފައެއް ރާއްޖެއަކު ނޯވޭ. ރާއްޖޭގައި އެކަން އޮންނަގޮތް، ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެހެންކަމުން، މި މައްސަލައިގައި އަޅުގަނޑުގެ ޚިޔާލަށް އަންނަގޮތް ދަންނަވާލުމަކީ، ކުރިންވެސް ދެންނެވިފަދައިން، މާފަސޭހަ ކަމަކަށެއް ނުވޭ. މިކަން މިހެން އޮތުމާއެކު، އަޅުގަނޑަށް ދެންނެވެން އޮތްހާވެސް އެއްޗަކީ، އަޅުގަނޑު މި މަޤާމުގައި ހުރެގެން އިތުރަށް ޚިދުމަތް ކުރަމުން ގެންދިޔުމަކީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތް ކަމުގައިވާނަމަ، އަދި މިހާތަނާޖެހެންދެންވެސް ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރުން، އަޅުގަނޑަށް ދެއްވާފައިވާ މަތިވެރި އިތުބާރާއި ތާއީދު، އެގޮތަށް އޮތްނަމަ، އަޅުގަނޑު ޤަޞްދުކުރަނީ، މާތްﷲގެ ވާގިފުޅާއި ތައުފީޤާއެކު، ކުރިޔަށް އޮތް ތާނގައިވެސް މިހާރުވެސް މިހުރި ފަދައިން، ރައްޔިތުންގެ ޚިދުމަތުގައި ދެމިހުރުމަށޭ.
އާދެ، އަޅުގަނޑުގެ ވާހަކަ އަޅުގަނޑު ޤަޞްދުކުރިވަރަށްވުރެ މާބޮޑުތަން އިތުރުވެގެން ހިނގައްޖެ. އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންގެ އަރިހުން މަޢާފަށް އެދެން. އެހެންނަމަވެސް، މިފަދަ މުހިންމު މުނާސަބަތެއްގައި ވާހަކަ ދައްކާއިރު، މިފަދަ މަޤާމެއްގައި ހުންނަ މީހަކު ރައްޔިތުންނާ މުޚާޠަބުކޮށް، ރައްޔިތުންނަށް ދަންނަވަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް ހުންނާނެކަން، ތިޔަބޭފުޅުންނަށް ތަޞައްވުރު ކުރެއްވޭނެ. އެހެންވީމާ، އެގޮތުގެމަތިން، އަޅުގަނޑު މި ވަގުތުކޮޅު މިބޭނުން ކުރަމުން މިގެންދިޔައީ.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑުމެންގެ ރާއްޖެއަށް އިތުރު ތަނަވަސްކަމާއި ބާއްޖަވެރިކަން ދެއްވުން އެދި ﷲގެ ޙަޟްރަތަށް ދުޢާ ދަންނަވަމުން. ރާއްޖެއަކީ އަމަންއަމާންކަން ފެތުރިފައިވާ، ޞުލްޙަމަޞްލަޙަތު ހަމަޖެހިފައިވާ، ރައްޔިތުންނާއި ސަރުކާރާ ގުޅިގެން، އެކުވެރިކަމާއި އެއްބާރުލުމުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުންދާ ޤައުމެއް ކަމުގައި ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވަމުން. މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި އަޅުގަނޑުމެން ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވައި، ދެދުނިޔޭގެ ބާއްޖަވެރިކަން ދިވެހި ރައްޔިތުންނަށް މިންވަރުކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އިބްތިހާލު ކުރަމުން.
والسّلام عليكم ورحمـة اللّـه وبركاته.