بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدالأنبياء والمرسلين، وعلى آلـه وصحبـه أجمعـين.
ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި ރައީސް، މަޖިލިސްގެ ޢިއްޒަތްތެރި މެންބަރުން؛
السّــلام عليــكم ورحـمــة اللّـه وبـركاتـه.
ވޭތުވެދިޔަ އަހަރުތަކެކޭވެސް އެއްފަދައިން، 1991 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ޤާނޫނުގައިވާ ގޮތުގެ މަތީން، ވަޒީރުލްމާލިއްޔާގެ ޙައިޘިއްޔަތުން، ޚުދު އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ބަޖެޓަކީ، މިދިޔަ އަހަރު ރައްޔިތުންގެ މަޖިލިސް އަލަށް އިންތިޚާބުވުމަށްފަހު ހުށަހެޅޭ ފުރަތަމަ ބަޖެޓް ކަމަށްވާތީ، ޢިއްޒަތްތެރި މެންބަރުންނަށް، ރާއްޖޭގެ އިޤްތިޞާދީ ކަންތައްތައް ހިނގަމުންދާގޮތާއި، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ހާމަކޮށްދިނުމަށްޓަކައި މިލިބޭ ފުރުޞަތަކީ، އަގުހުރި ފުރުޞަތެއް ކަމުގައިވެސް އަޅުގަނޑު ދެކެން.
މެދުއިރުމަތީގެ ތެލުގެ ދުނިޔެއަށް ހަނގުރާމައިގެ ވިލާގަނޑެއްގެ ހިޔަނި އެޅިފައިވުމުގެ ސަބަބުން، ދުނިޔޭގެ އިޤްތިޞާދީ މަސްރަޙަށް ނޭދެވޭ ބަދަލުތަކެއް އައިސްފައިވާކަން، ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ. އެބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދިއްޔަތަށް ލިބެމުންދާ އަދި ލިބިދާނެ ގެއްލުމަކާމެދު މިވަގުތު ވަނީ ވަރަށް ބޮޑަށް ވިސްނަންޖެހިފައި.
ކަން މިހެން ހުރިކަމުގައިވިޔަސް، ޤައުމީ ތަރައްޤީއަށްޓަކައި ކުރެވިފައިވާ އަދި ކުރެވެމުންދާ މަސައްކަތްތަކަކީ، އެމަސައްކަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމުގެ އެންމެހާ ރައްޔިތުން، އޭގެ ލާބައާއި ފަސޭހަތައް މިހާރުވެސް އިޙްސާސް ކުރަމުންގެންދާ މަސައްކަތްތަކެއް. އެންމެންވެސް ޤަބޫލުކުރާ ގޮތުގައި، ޤައުމެއްގެ އިޤްތިޞާދީ ކުރިއެރުމަށްޓަކައި އެންމެބޭނުން ކަމަކީ، އެޤައުމެއްގައި ހަމަޖެހިގެން ހިނގާ ސަރުކާރެއް އޮތުން. ތަނުގެ އަމަންއަމާންކަމާއި، ސިޔާސީ ހަމަޖެހުން ހަރުދަނާގޮތެއްގައި ޤާއިމުކުރެވިފައި އޮތުން. އެހެންކަމުން، މިއަދު އަޅުގަނޑުމެންނަށް އެކަށީގެންވާ ގޮތެއްގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގެންދެވިފައިވާނަމަ، އެއީ މިދެންނެވި ސިޔާސީ ހަމަޖެހުން ލިބިފައިވާ ކަމުގެ ހެތްކެއް.
ވޭތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ އިޤްތިޞާދިއްޔަތު ކުރިއަށް ގެންދެވޭތޯ ސަރުކާރުން އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރަމުން މިއައީ، އަޅުގަނޑުމެންނަށް ލިބިފައިވާ ވަސީލަތްތަކުގެ މައްޗަށް ބަލައިގެން، އަދި ބޭރުންވެސް ލިބުނު އެހީއެއް ހޯދައިގެން، އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ވިސްނައި، އިސްކަންދޭން ފެންނަ ގޮތްތަކެއްގެ މައްޗަށް ބިނާކޮށްގެން. މިގޮތުން، ތަޢުލީމަށާއި ޞިއްޙަތަށް އަޅުގަނޑުމެން ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންޖެހުނު. ހަމައެއާއެކު، އިޤްތިޞާދީ މަސައްކަތްތަކަށްވެސް އެހާމެ ބޮޑު އަހަންމިއްޔަތެއް ދޭންޖެހުނު. އަޅުގަނޑުމެންނަށް އެންމެބޮޑު ފައިދާއެއް ޙާޞިލްކުރެވެން އޮތީ މަސްވެރިކަމާއި ޓޫރިޒަމުން ކަމަށްވުމާއެކު، މިމުހިންމު ދެމަސައްކަތަށް ދޭންވީ އިސްކަންވެސް ސަރުކާރުން މިއައީ ދެމުން.
އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންވަރު، ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް، މިހިނގާ އަހަރުވެސް ގާތްގަނޑަކަށް ސަތޭކައަކުން ދިހައެއް އިތުރުވާކަމަށް ހިސާބުތަކުން ދައްކާ. ވޭތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި، ޓޫރިޒަމްގެ ދާއިރާއިންނާއި، މަސްވެރިކަމުގެ ދާއިރާއިން އެކަނިވެސް ރާއްޖޭގެ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ލިބިފައިވާ ކަމަށް އަންދާޒާ ކުރެވިފައިވޭ. މިއިން ދައްކައިދެނީ، ރާއްޖޭގެ އިޤްތިޞާދިއްޔަތުގައި، މަސްވެރިކަމާއި ޓޫރިޒަމް ކުޅޭ މުހިންމު ރޯލު.
މަސްވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ދެމުން މިގެންދަނީ ވަރަށްބޮޑު އަހަންމިއްޔަތެއް. މަސްވެރިކަން ތަރައްޤީކުރުމުގެ ދައުރުތަކެއް ކަޑައްތު ކުރެވެމުން މިދަނީ، ފުރަތަމަ މަސްދޯނީގައި އިންޖީނު ބަހައްޓައިދިނުމުގެ މަޝްރޫޢުތަކެއް ހިންގައިގެން. އޭގެފަހުން، މަސް ފިނިކުރާ ކަހަލަ ބޯޓުފަހަރާއި، މަސް އެއްކުރާ ބޯޓުފަހަރު ހޯދައިގެން، އެތަކެތީގައި މަސް އެއްކޮށް، ބޭރަށް ފޮނުވައިގެން. އަދި ދަޅުގައި މަސް ބަންދުކުރާނޭ ވަސީލަތްތައްވެސް ހޯދައިގެން. މަސްދޯނިފަހަރު ބަނުމުގެ ތަޖުރިބާ ކުރެވެމުން މިދަނީ ފަހަރެއް ފަހަރަކަށްވުރެ، ބޭނޭ މަސް ގިނަކުރެވޭނެ އަދި ފަސޭހަގޮތެއްގައި މަސްވެރިކަން ކުރާނެ އުޅަނދު ބަނދެވޭތޯ. މަސް ފިނިކޮށް ރައްކާކުރެވޭނެ ތަންތަން، އެއްގަމުގައި ހެދުމާއެކު، އެކަމާ ގުޅޭ އެހެން ފަސޭހަތައް ހޯދައިދިނުމަށްވެސް މަސައްކަތް ކުރެވިފައިވޭ. މީގެއިތުރުން، މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެ ގޮތްތައް ހަމަޖައްސައިދިނުންވެސް މަސްވެރިކަމުގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ހިމެނިފައިވޭ.
އާދެ، ވޭތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި، އެވްރެޖް ގޮތެއްގައި އަޅުގަނޑުމެން ޤައުމީ އުފެއްދުންތެރިކަމުގެ ސަތޭކައަކުން 16 ހޯދައިދީފައި ވަނީ މަސްވެރިކަމުން. މިއަދު ރާއްޖޭގެ އުފެއްދުންތެރި ކަމުގައި، މަސްވެރިކަމުގެ ދާއިރާ ޙިއްޞާކުރަނީ ދެވަނައަށް ކަމުގައިވިޔަސް، އަދިވެސް މަސްވެރިކަމަކީ، ރާއްޖޭގެ އެންމެ ގިނަ ރައްޔިތުންނަށް، އެކަމުގެ ފައިދާ ލިބޭ މަސައްކަތް.
ޓޫރިޒަމަކީ، ފަހަކަށްއައިސް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ބޭރު ފައިސާ ލިބޭ ދާއިރާއޭ ދަންނަވާއިރު، އެއީ މިހާރު ޤައުމުގެ އުފެއްދުންތެރިކަމުގެ ސަތޭކައަކުން 18 ހޯދައިދޭ ދާއިރާ ކަމުގައިވެސް ދަންނަވަންޖެހޭ. އަދި އެއީ، ސަރުކާރުގެ ފަރާތުންނާއި، އަމިއްލަ ފަރާތްތަކުން ކުރި ބުރަ މަސައްކަތްތަކެއްގެ ނަތީޖާއޭވެސް ދަންނަވަންޖެހޭ.
އަޅުގަނޑުމެން ޓޫރިޒަމްގެ ދާއިރާ ފުޅާކޮށް، ކުރިއަށް ގެންދާއިރު، ޓޫރިޒަމަކީ ދުނިޔޭގެ ސިޔާސީ އަދި އިޤްތިޞާދީ އޮއިވަރުގެ ތެރޭގައި، ވަރަށް ނާޒުކު ފައްތަރެއްގެ މަތީގައިވާ ކަމެއްކަން ހަނދާންކުރަންޖެހޭ. މީގެއިތުރުން، ރާއްޖޭގެ ދާޚިލީ މަޞްލަޙަތަށާއި، މަސްވެރިކަމަށް އަޅުގަނޑުމެން އިސްކަން ދޭންވާ މިންވަރަށް ވިސްނައި، ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ޓޫރިޒަމްގެ ޚިދުމަތް ގެންދިޔުމުގެ ބަދަލުގައި، ރާއްޖޭގައި ޓޫރިޒަމް ތަރައްޤީ ކުރާނެ ޚާއްޞަ ސަރަޙައްދުތަކެއް އޮންނަންޖެހޭނެ ކަމަށް ސަރުކާރުން ދެކޭ. މިގޮތުން، ޓޫރިސްޓުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއެކު، އަރިއަތޮޅުގައި ފެންވަރު ރަނގަޅު ރިޒޯޓުތަކެއް ހެދުމަށް ސަރުކާރުން ހިތްވަރުދީފައި ވަނީ، ޓޫރިޒަމްގެ ދާއިރާއިން ލިބޭ އެއްޗެއް އިތުރުކުރުމަށްޓަކައި.
އަޅުގަނޑުމެންގެ އުފެއްދުންތެރިކަމުގެ އެންމެބޮޑު ބައެއް ލިބޭ ދާއިރާތަކުގެ ވާހަކަ ދައްކާއިރު، ވިޔަފާރީގެ ދާއިރާގެ ވާހަކަވެސް ދައްކަންޖެހޭ. ސަބަބަކީ، މަސްވެރިކަމާއި، ޓޫރިޒަމާއި، ވިޔަފާރީގެ ދާއިރާއިން ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ސަތޭކައަކުން 50 ހޯދޭ ކަމަށް އަންދާޒާ ކުރެވޭކަން. ވިޔަފާރީގައި އެންމެ މުހިންމު ރޯލެއް ކުޅެމުން ގެންދަނީ، އަމިއްލަ ފަރާތްތަކުންކަންވެސް މި ފުރުޞަތުގައި ފާހަގަކުރަންޖެހޭ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރުގެ ބަޖެޓުގެ ވަރަށްބޮޑު ބައެއް ޚަރަދުވަމުންދަނީ، ރައްޔިތުންނަށް ލިބިދޭންޖެހޭ ފަސޭހައާއި ލާބައަށްޓަކައި. މިގޮތުން، ރައްޔިތުންގެ އިޖްތިމާޢީ ތަރައްޤީއަށް ކުރެވޭ ޚަރަދަކީވެސް ވަރަށް މުހިންމު ޚަރަދެއް.
މިރޮނގުން ޚާއްޞަގޮތެއްގައި އަޅުގަނޑު ފާހަގަކުރަނީ، ތަޢުލީމަށް ކުރެވޭ ޚަރަދު. އަޅުގަނޑު ތިޔަ ޢިއްޒަތްތެރި މަޖިލިހަށް ހުށަހެޅި ކޮންމެ ބަޖެޓެއްގެ ބަޔާނުގައިވެސް، ތަޢުލީމަށްޓަކައި ސަރުކާރުންދޭ އަހަންމިއްޔަތު ދަންނަވާފައި ވާނެ. ފަށާ ތަޢުލީމުގެ ޢުމުރުގެ ހުރިހާ ކުދިންނަށް ފަށާ ތަޢުލީމު ދެވޭނެގޮތެއް ހަމަޖެއްސުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް. އެހެންނަމަވެސް، މިކަމަށްޓަކައި ކުރަންޖެހޭ ޚަރަދަކީ ވަރަށްބޮޑު ޚަރަދެއް. ހަމައެއާއެކު، ރާއްޖޭގެ އެކި ތަންތާނގައި ތަޢުލީމާބެހޭ ޢިމާރާތްތައް އުފެއްދުމަކީވެސް ވަރަށް ބޮޑެތި ޚަރަދުތަކެއް ހިނގާ ކަމެއް. ރާއްޖޭގެ ދަރިންނަށް މަތީ ތަޢްލީމު ޙާޞިލްކުރުމުގެ ފުރުޞަތު ހޯދައިދިނުމަށްވެސް ސަރުކާރުން މިގެންދަނީ މަސައްކަތް ކުރަމުން. އެއީ، އަޅުގަނޑުމެންނަށް މިހާރުވެސް ހިންގަން ފެށިފައިވާ އަދި ފަށަންވެފައިވާ މަޝްރޫޢުތަކަށްވެސް، ކަމަށް އެކަށީގެންވާ މީހުން ނުލިބުމުގެ ދަތިކަން އިޙްސާސް ކުރަން ޖެހިފައިވާލެއް ބޮޑުކަމުން. މީހުން ބިނާކުރަން ބޭނުންވަނީ، ހަމައެކަނި ސަރުކާރުގެ ބޭނުމަކަށް ނޫން. އަމިއްލަ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސްމެ.
އިޖްތިމާޢީ ޚިދުމަތަށް ހިނގާ ޚަރަދުގެ ތެރޭގައި، ވަރަށްމަތީ ޚަރަދެއް ހިންގަންޖެހޭ އަނެއް ދާއިރާއަކީ ޞިއްޙީ ދާއިރާ. ޞިއްޙީ ދާއިރާގެ ޚަރަދުތައްވެސް، އެއް އަހަރުން އަނެއް އަހަރަށް އަންނަނީ ބޮޑުވަމުން. އަޅުގަނޑުމެންގެ ފުދުންތެރިކަން ތަންދޭ އެންމެމަތީ ދަރަޖައަކަށް، އަދި ބޭރުން ލިބޭ އެހީއާވެސްއެކު، ޞިއްޙީ ޚިދުމަތްތައްވެސް، މާލެއާއި ރާއްޖެތެރޭގައި ކުރިއަށް އެބަ ގެންދެވޭ.
މާލޭ ސެންޓްރަލް ހޮސްޕިޓަލަކީ، ރާއްޖޭގައި ހުރި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން އެންމެގިނަ ޚިދުމަތްތައް، އެންމެ ގިނަ ބަޔަކަށް ދޭ މަރުކަޒު. ވީމާ، އެތަނުން ދެވޭ ޚިދުމަތްތައް އިތުރުކުރުމަށާއި، އެޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ހޯދަންޖެހޭ އެއްޗެތި ހޯދައި، ހަދަންޖެހޭ ތަންތަން ހެދުމުގެ މަސައްކަތް، މެދުކެނޑުމެއްނެތި ސަރުކާރުން ކުރަމުން އެބަ ގެންދަން. ރީޖަނަލް ހޮސްޕިޓަލްތަކުގައި ކޮންމެހެން ކުރަންޖެހޭ ކުދި އޮޕަރޭޝަންތައް ކުރެވޭނެގޮތް ހަމަޖައްސައި، ހެލްތް ސެންޓަރުތަކުގައިވެސް ދެވެންހުރި ފަސޭހަތައް މިގެންދަނީ އިތުރުކުރަމުން. ރަޙްމަތްތެރި ޤައުމުތަކުގެ އެހީއާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އެހީއާއެކު، ނުރައްކާތެރި ބަލިތަކުން ދިފާޢުވުމުގެ ވެކްސިން ދިނުމުގެ ޕްރޮގްރާމްތަކާއި، މައިންނާއި ޅަކުދިންގެ ޞިއްޙަތާބެހޭ ކަންތައްތައް މުޅި ރާއްޖޭގައި ހިންގަމުން އެބަ ގެންދެވޭ. އަދި ބޭރުގެ އެހީ ހޯދައިގެން ޑަކްޓަރުންނާއި، ނަރުހުންނާއި، ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ ކަންތައްވެސް ކުރިއަށް އެބަ ގެންދެވޭ.
ޞިއްޙީ ދާއިރާގައި، ރައްކާތެރި ބޯފެނުގެ މައްސަލައަކީ، ވަރަށްބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމެއް. މާލޭގައި، ލޮނުފެން މީރުފެނަށް ހަދާ މެޝިނެއް މިހާރުވެސް ބެހެއްޓިފައި އެބަހުރި. ލޮނުފެން ބޭނުންކޮށްގެން، ބޯފެން އުފެއްދުމަށްޓަކައި އިތުރަށް މިހާރު ބެހެއްޓެމުންދާ ދެމެޝިންގެ މަސައްކަތް ނިމި، ކައިރި މުސްތަޤްބަލެއްގައި، އެ ދެމެޝިންވެސް ބޭނުންކުރަން ފެށޭނެ ކަމުގައި ފެނޭ. ހަމައެފަދައިން، ރާއްޖެތެރޭގެ ރަށްރަށުގައި ފެންތާނގީ ހެދުމާއި، ފާޚާނާލުމުގެ ކަންތައްވެސް ކުރިއަށް އެބަ ގެންދެވޭ.
މަޖިލިސްގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ސަރުކާރުގެ ބަޖެޓް ދައްކައިދެނީ، ރައްޔިތުންގެ ޚިދުމަތުގައި، އާދެ، އެންމެންގެ މަންފާއާއި ސަލާމަތަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ޚަރަދުތައް. މިގޮތުން، ރާއްޖޭގެ އަމަންއަމާންކަމާއި، އިޤްތިޞާދީ ކުރިއެރުން ދެމެހެއްޓުމަކީ، ވަރަށް މުހިންމު ކަމެއް. އަދި ބޭރުގެ ސިޔާސީ ނުވަތަ އިޤްތިޞާދީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވޭނަމަ، އެކަމަކަށް ތައްޔާރުވެގެން ތިބުމަކީވެސް ސަރުކާރުން ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އެހެންކަމުން، އަމަން ޤާއިމުކުރުމަށާއި، މަސްވެރިކަމުގެ ސަރަޙައްދު ބެލެހެއްޓުމަށް ހިނގާ ޚަރަދުވެސް މިހާރު ވަނީ ވަރަށްބޮޑުވެފައި.
މީގެ ދެއަހަރު ކުރިން، 3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައާ ގުޅިގެން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމަށްޓަކައި އަދި އެފަދަ ޙަމަލާއެއްގެ ނުރައްކާތަކުން ރާއްޖޭގެ ލޮބުވެތި ރައްޔިތުން ޙިމާޔަތް ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ސަރުކާރަށް ވަނީ މަޖުބޫރުވެފައި.
ރާއްޖެއަކީ މަދު ޢަދަދަކަށް، ކުދި ރަށްތަކެއްގައި މީހުން ދިރިއުޅޭ، ހިކިފަސްތަނަށްވުރެ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށް ވުމާއެކު، ރާއްޖޭގެ ރަށްތަކާއި، ރާއްޖޭގެ ސަރަޙައްދު، މިފަދަ ޙަމަލާއަކުން ރައްކާތެރިކޮށް ބެލެހެއްޓުން ވާނީ ވަރަށްބޮޑު ކަމަކަށް. ނަމަވެސް، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހަމަޖެހުމާއި، ރާއްޖޭގެ ރަށްތަކުގެ އަމަންއަމާންކަމާއި، އަދި ޚުދު ރާއްޖޭގެ މިނިވަންކަން ދެމިއޮތުންވެސް ވަނީ ޤައުމު ދިފާޢުކޮށް ބެލެހެއްޓުމާ ވަރަށް ބޮޑަށް ގުޅިފައި.
އެހެންވީމާ، ނޮވެމްބަރު 3ގެ ނުރައްކާތެރި ޢުދުވާނަށްފަހު، ރާއްޖޭގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށްޓަކައި ކުރަން ބޭނުންވާ ކަންތައްތައް، ސަރުކާރުން މިގެންދަނީ ކުރަމުން. މިގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ބޭނުންވާ ލާންޗުފަހަރު ހޯދުމާއި، ރާޑަރ ސިސްޓަމްތައް ބެހެއްޓުމާއި، ސިފައިންނަށް އިތުރު ތަމްރީނު ދިނުމުގެ މަސައްކަތް، ސަރުކާރަށް ވަނީ ކުރަން ޖެހިފައި. މިކަންތައްތައް ކުރަމުން މިގެންދަނީ، ރާއްޖޭގެ ރަޙްމަތްތެރި ޤައުމުތަކުގެ އެހީވެސް ހޯދައިގެން. ނަމަވެސް، މިކަމުގެ ބާވަތުން ސަރުކާރުގެ ބަޖެޓުންވެސް މިކަމަށް ޚަރަދުތަކެއް ހިނގާ.
ވޭތުވެދިޔަ އަހަރުތަކުގައި، އިޖްތިމާޢީ ދާއިރާގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް އަޅުގަނޑަށް ދަންނަވަންޖެހޭ. އަދި މިމަސައްކަތްތަކުގެ ފައިދާވެސް ރައްޔިތުންނަށް ލިބެމުންދާނޭކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން. އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ނަތީޖާވެސް އަޅުގަނޑުމެންނަށް މިހާރު ފެންނަމުންދޭ. މަސްވެރިކަމާއި، ޓޫރިޒަމްގެ ދާއިރާގެ މަސައްކަތަކީ، އަޅުގަނޑުމެން ކަހަލަ އެހެން ކުދި ޤައުމުތަކާ އަޅައިބަލާއިރު، އަޅުގަނޑުމެންނަށް ވަރަށް ކާމިޔާބުގޮތެއްގައި ކުރެވެމުންދާ މަސައްކަތްތަކެއް ކަމުގައި ބޭރުގެ ފަރާތްތަކުންވެސް ގަބޫލުކުރޭ.
ދުނިޔޭގެ އިޤްތިޞާދު އޮމާންކަމާއެކު ހިނގަމުންދާ އަހަރުތަކުގައިވެސް، ޞިނާޢީ ޤައުމުތަކުގެ އިޤްތިޞާދަށް އަންނަ ހެޔޮ ބަދަލުތަކުގެ އަސަރު، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފޯރާ. މީގެއިތުރުން، އެ އޮމާންކަމަށް ބުރޫއަރާ ވަގުތެއްގައި، ޞިނާޢީ ޤައުމުތަކުގެ އިޤްތިޞާދު ކުރިއެރުމުގެ މިންވަރު މަޑުޖެހިއްޖެނަމަ، އޭގެ އަސަރު، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މާބޮޑަށް ކުރޭ. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ރާއްޖެފަދަ، ހުރިހާ އެއްޗެއް ބޭރުން އެތެރެކުރަން ޖެހިފައިވާ ޤައުމެއްގައި، މިފަދަ ނޭދެވޭ އަސަރުތައް އިޤްތިޞާދަށް ފޯރާލެއް ވަރަށް އަވަސް. މެދުއިރުމަތީގައި ހަނގުރާމައެއް ފެށިދާނޭ ކަމުގެ ބިރުވެރިކަން ދުނިޔެ އިޙްސާސް ކުރަމުންދާއިރު، އޭގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދަށް މިހާރުވެސް ކުރަމުންދާ އަސަރު ވަރަށްބޮޑު.
އާދެ، ޤަލްފުގެ މައްސަލައިގެ ސަބަބުން، މިވޭތުވެދިޔަ ހަތަރުމަސް ދުވަހުގެ ތެރޭގައި، ތެލުގެ އަގު ވަރަށް ބޮޑަށް މައްޗަށް ހިނގައްޖެ. ތެލުގެ އަގު މައްޗަށްދިޔުމުގެ ސަބަބުން، އެތެރެކުރާ ހުރިހާ މުދަލެއްގެ އަގުވެސް ބޮޑުވެގެންދާނެ. އެތެރެކުރާ މުދަލުގެ ނާލުވެސް ބޮޑުވެގެންދާނެ. މި ހުރިހާ ކަމެއްގެ ސަބަބުން، ޓޫރިޒަމްގެ ދާއިރާއިންނާއި، މުދާ އެކްސްޕޯޓް ކޮށްގެން ލިބޭ އެއްޗެއްވެސް މަދުވެގެންދާނެ. ޤަލްފުގެ މައްސަލަ ކުރިމަތިވުމުގެ ކުރިން، ރާއްޖޭގައި ތެޔޮ ލިބެންހުރި އަގާއި، މިހާރު ރާއްޖޭގައި ތެޔޮ ލިބެންހުރި އަގާ އަޅައިބަލާއިރު، ޑީސަލް، ސަތޭކައަކުން 70 އިތުރުވެއްޖެ. ޕެޓްރޯލް، ސަތޭކައަކުން 29 އިތުރުވެއްޖެ. ޖެޓްފިއުލް، ސަތޭކައަކުން 95 އިތުރުވެއްޖެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެން އަހަރުދުވަހުގެ ތެރޭގައި އެތެރެކުރާ ތެލުގެ އަގަށް އެކަނިވެސް 7 މިލިއަން ޑޮލަރާއި، 10 މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދެއް ދައްކަންޖެހޭނެ ކަމަށް ފެނޭ. އާދެ، މިއީ މިއަދު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ ޙަޤީޤަތެއް. އަޅުގަނޑުމެންގެ ބެލެންސް އޮފް ޕޭމަންޓްސްގައި މިކަމުގެ ސަބަބުން ބޮޑު ޑެސިފިޓެއް ދެއްކުމަކީ އެކަށީގެންވާ ކަމެއް.
އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދަށް ކުރަމުންދަނީ، ހަމައެކަނި ތެލުގެ އަގު ބޮޑުވުމުން ކުރާނޭ އަސަރެއް ނޫން. އަޅުގަނޑުމެންގެ ޤައުމުގެ ކުޑަކަމާއި، އެކަހެރިވުމާއި، ޤުދުރަތީ މުއްސަނދިކަން ނެތުމާއި، އަދި އިޤްތިޞާދީ ރަނގަޅު އެއްވެސް މަސައްކަތެއް ކުރެވޭނެ ބިމުގެ ކުޑަކަން، އެއީ އަޅުގަނޑުމެންގެ ތަރައްޤީއަށް އެޅިފައިވާ ބޮޑެތި ހުރަސްތަކެއް.
ތިމާވެށީގެ މައްސަލައަކީވެސް ބޮޑު މައްސަލައެއް. ތިމާވެށްޓަށް ކުރިމަތިވާ މައްސަލަތަކުގެ ސަބަބުން، ޤައުމީ އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރޭ. ޠޫފާނެއް، ބިންހެލުމެއް، ނުވަތަ ރާޅުއެރުން ފަދަ ކަމެއް ދިމާވިޔަސް، އެކަމުން ލިބޭ ގެއްލުމެއް ފޫބެއްދުމަށް ޚަރަދުކުރަންޖެހެނީ، ތަރައްޤީގެ މަސައްކަތްތަކަށް ޚަރަދުކުރުމަށް ކަނޑައެޅިފައި ހުންނަ ފައިސާއިން.
މީގެއިތުރުން، އަޅުގަނޑުމެންނަށް ދިމާވާ އެންމެދަތި އެއް މައްސަލައަކީ، ގިނަ ޢަދަދެއްގެ ކުދިކުދި ރަށްތަކެއްގައި ދިރިއުޅެން ދިމާވުމުން، ރައްޔިތުންނަށް ބޭނުންވާ ހުރިހާ ފަސޭހަތަކެއް، ހުރިހާ ރަށަކަށް އެއްގޮތެއްގައި ދިނުމަކީ، ކުރެވޭވަރުގެ ކަމަކަށްނުވާކަން. ބިމުގެ ބޭނުމަށް ބަލާއިރުވެސް، ރަށް ގިރުމާއި، ފަސްގަނޑު ދެރަކަން ފާހަގަކުރެވޭ. އަދި ދަތުރުފަތުރު ކުރުމާއި، މުވާޞަލާތުގެ ދަތިކަން އަބަދުވެސް ރާއްޖޭގައި ވަނީ އިޙްސާސް ކުރަން ޖެހިފައި. އަޅުގަނޑުމެންގެ ޤައުމަކީ މަގު ހަދައިގެން، ނުވަތަ ރޭލުގައި އެހެން ރަށްރަށަށް ދެވޭނެ ތަނެއްނޫން. ނަތީޖާއެއްގެ ގޮތުން، އެހެން ޤައުމުތަކާ އަޅައިބަލާއިރު، ދަތުރުފަތުރުގެ ޚަރަދު އަޅުގަނޑުމެންނަށް މާބޮޑު.
މަޖިލިސްގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
1989 ވަނަ އަހަރަކީ، ރާއްޖޭގެ އިޤްތިޞާދިއްޔަތު އެކަށީގެންވާ ގޮތެއްގައި ކުރިއަށްދިޔަ އަހަރެއް. އުފެއްދުންތެރިކަމުގެ މިންވަރު، އެ އަހަރު 9.3 އިތުރުވެފައިވޭ. ރާއްޖެއަށް ޓުއަރިޒަމުން ލިބުނު އެއްޗެއްވެސް ވަނީ އިތުރުވެފައި. މަސްވެރިކަމަށް ބަލާއިރު، ކުރީ އަހަރަށްވުރެ ފައިސާއިން ސަތޭކައަކުން 40 އިތުރުވެފައިވޭ. ޚާއްޞަކޮށް، ދަޅުގައި ބަންދުކުރި މަހުން ލިބުނު އެއްޗެއް ޑަބަލްވެފައިވޭ. މަހުގެ އަގަށް ލިބުނު ފައިސާ، ސަތޭކައަކުން 11.6 އިތުރުވެފައިވޭ. އެހެންކަމުން، އަޅުގަނޑުމެންގެ ބެލެންސް އޮފް ޕޭމަންޓްސްއަށް މި ދެބައިގެ ފައިސާ، ކުރީ އަހަރަށްވުރެ އިތުރަށް ވަދެގެންދާނެ.
1989 ވަނަ އަހަރުގެ ހިނގާ ނިމުނު ބަޖެޓް
1989 ވަނަ އަހަރު ސަރުކާރުން ހިނގި ޚަރަދުގެ މުޅި ޖުމްލައަކީ، 653.2 މިލިއަން ރުފިޔާ. 1988 ވަނަ އަހަރު ހިނގި ޚަރަދުގެ ޖުމްލައަކީ، 441.6 މިލިއަން ރުފިޔާ. އެހެންކަމުން، 1989 ވަނަ އަހަރުގެ ޖުމްލަ ޚަރަދު، ކުރީ އަހަރުގެ ޚަރަދަށްވުރެ، ސަތޭކައަކުން 48 އިތުރުވެފައިވޭ. 1989 ވަނަ އަހަރު، އެކިގޮތްގޮތުން ސަރުކާރަށް ލިބިފައިވަނީ 674.1 މިލިއަން ރުފިޔާ. އެއީ، ކުރީ އަހަރު ލިބިފައިވާ 486.1 މިލިއަން ރުފިޔާއަށްވުރެ، ސަތޭކައަކުން 38.7 ގިނަ ޢަދަދެއް. 1987 ވަނަ އަހަރާއި، 1988 ވަނަ އަހަރެކޭ އެއްފަދައިން، 1989 ވަނަ އަހަރުގެ ބަޖެޓަކީވެސް ސަރޕްލަސް ބަޖެޓެއް. އާދެ، އެއަހަރު ކުރެވުނު ޚަރަދަށްވުރެ، ލިބުނު އާމްދަނީއާއި، އެހެން ގޮތްގޮތުން ލިބުނު ފައިސާވަނީ އިތުރުވެފައި.
1989 ވަނަ އަހަރު ސަރުކާރަށް ލިބުނު އާމްދަނީ، އެއްތަނަކުން އެންމެ ގިނައިން ލިބިފައިވަނީ، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން، ކަސްޓަމުން. އެތަނުން ލިބިފައިވަނީ 157 މިލިއަން ރުފިޔާ. އެއީ، އެއަހަރު ލިބުނު އެއްޗެއްގެ (ލޯނަށް ލިބުނު އެއްޗަކާއެކު) ސަތޭކައަކުން 23. އިމްޕޯޓް ޑިއުޓީއަށް ލިބުނު ފައިސާ، ކުރީ އަހަރަށްވުރެ އިތުރުވެފައިވަނީ 16.5 މިލިއަން ރުފިޔާ.
މިނިސްޓްރީ އޮފް ޓޫރިޒަމުން، ޓުއަރިޒަމް ޓެކްސްގެ ގޮތުގައި 1989 ވަނަ އަހަރު ދައްކަވާފައިވަނީ، 78.3 މިލިއަން ރުފިޔާ. އެއީ، ކުރީ އަހަރު ލިބުނު ޢަދަދަށްވުރެ، ސަތޭކައަކުން 93 އިތުރު ޢަދަދެއް. އެއީ، ޖުމްލަކޮށް ސަރުކާރަށް ލިބުނު އެއްޗެއްގެ ސަތޭކައަކުން 12. ސަރުކާރުގެ ރިޒޯޓްތަކާއި، އަމިއްލަ ފަރާތްތަކުގެ ރިޒޯޓްތަކުގެ ބިމުގެ ކުއްޔަށް ލިބިފައިވަނީ، 33.4 މިލިއަން ރުފިޔާ. އެއީ، ކުރީ އަހަރު ލިބުނުވަރަށްވުރެ، ސަތޭކައަކުން 31 މަތީ ޢަދަދެއް. މަތިންދާބޯޓް ޖެއްސުމަށާއި، އަދި އެއަށް ދެވޭ ޚިދުމަތަށް ލިބިފައިވަނީ 16.9 މިލިއަން ރުފިޔާ. އެއީ، ކުރީ އަހަރު ލިބުނު 14.6 މިލިއަން ރުފިޔާއަށްވުރެ ސަތޭކައަކުން 16 ގިނަ ޢަދަދެއް.
ސަރުކާރުގެ ވިޔަފާރި ހިންގާ ތަންތަނުގެ ތެރެއިން އެންމެބޮޑު ފައިދާއެއް ދައްކާފައިވަނީ، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން 30.3 މިލިއަން ރުފިޔާ. އެއީ، ކުރީ އަހަރަށްވުރެ، ސަތޭކައަކުން 20 ގިނަ ޢަދަދެއް.
ބޭރުގެ އެހީ، ފައިސާއިންނާއި، ކާބޯތަކެތީގެ އެހީގެ ގޮތުގައި ލިބިފައިވަނީ 24.7 މިލިއަން ރުފިޔާ. އެއީ، ކުރީ އަހަރަށްވުރެ، ސަތޭކައަކުން 28 މަތީ ޢަދަދެއް. ތަރައްޤީގެ ޕްރޮޖެކްޓްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 141 މިލިއަން ރުފިޔާ. އެއީ، ކުރީ އަހަރަށްވުރެ ސަތޭކައަކުން 72 ގިނަ ޢަދަދެއް.
1989 ވަނަ އަހަރުގެ ޚަރަދަށް ބަލާއިރު، އިޖްތިމާޢީ ތަރައްޤީއަށް 240 މިލިއަން ރުފިޔާ ނުވަތަ މުޅި ބަޖެޓުގެ ސަތޭކައަކުން 37 ހިނގާފައިވޭ. މިބައިގެ ތެރެއިން އެންމެބޮޑު ޚަރަދެއް ހިނގާފައިވަނީ ތަޢުލީމަށް، 101 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓް ޚަރަދުގެ ސަތޭކައަކުން 15.5. ޖަމާޢަތުގެ ފައިދާއަށް ދެވޭ އެހެނިހެން ޚިދުމަތަށް ހިނގާފައިވަނީ، 79 މިލިއަން ރުފިޔާ، ނުވަތަ މުޅި ބަޖެޓުގެ ސަތޭކައަކުން 12. ޞިއްޙަތަށް ހިނގާފައިވަނީ 42 މިލިއަން ރުފިޔާ، ނުވަތަ މުޅި ބަޖެޓުގެ ސަތޭކައަކުން 6. ދެން އެންމެބޮޑު ޚަރަދެއް ހިނގާފައިވާ ބަޔަކީ، އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކުރެވޭ ޚަރަދު. މިބަޔަށް ހިނގާފައިވަނީ، މުޅި ބަޖެޓުގެ ސަތޭކައަކުން 29.
އަޅުގަނޑު މިދަންނަވާ މަޢުލޫމާތުތައް، ތިޔަބޭފުޅުންގެ އަތްޕުޅުގައިވާ ބަޖެޓް މަޢުލޫމާތު ކަރުދާސް ނަންބަރު 2 ން އޮޅުންފިލާވަޑައިގަންނަވާނެ.
އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކުރެވޭ ޚަރަދަށް، 1989 ގައި ހިނގާފައިވަނީ މުޅި ބަޖެޓުގެ ސަތޭކައަކުން 29. އެއީ، 190 މިލިއަން ރުފިޔާ. މީގެތެރެއިން، ދަތުރުފަތުރާ ބެހޭ ޚަރަދަށް ހިނގާފައިވަނީ 113 މިލިއަން ރުފިޔާ. ނުވަތަ މުޅި ބަޖެޓުގެ ސަތޭކައަކުން 17. މިބައި ބޮޑުވެފައިވާ ސަބަބަކީ، މީގެތެރޭގައި މަތިންދާބޯޓް ގަތުމާއި، ރާއްޖޭގެ އެއަރޕޯޓްތަކާ ބެހޭ ޚަރަދުތައް ހިމެނިފައިވާތީ. މުވާޞަލާތަށް ހިނގާފައިވަނީ 47.6 މިލިއަން ރުފިޔާ، ނުވަތަ މުޅި ބަޖެޓުގެ ސަތޭކައަކުން 7.
ރައްޔިތުންނަށް ދެވޭ ޢާންމު ޚިދުމަތަށް ހިނގާފައިވަނީ، މުޅި ބަޖެޓުގެ ސަތޭކައަކުން 28 ނުވަތަ 185 މިލިއަން ރުފިޔާ. މީގެތެރެއިން، ހިންގުމާބެހޭ ޚަރަދަށް ހިނގާފައިވަނީ 88 މިލިއަން ރުފިޔާ. އަދި އަމަން ޤާއިމުކުރުމަށާއި، މަސްވެރިކަމުގެ ސަރަޙައްދު ބެލެހެއްޓުމަށް ޚަރަދު ކުރެވިފައިވަނީ 86 މިލިއަން ރުފިޔާ. ނުވަތަ މުޅި ބަޖެޓް ޚަރަދުގެ ސަތޭކައަކުން 13.
ދަރަނީގެ ޚިދުމަތާއި، ދަރަނި އަދާކުރުމަށް ޚަރަދު ކުރެވިފައިވަނީ 38 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓުގެ ސަތޭކައަކުން 6.
ބޭރުގެ ދަރަނި އަދާކުރުމަށާއި، ދަރަނީގެ ޚިދުމަތުގެ އަގަށް ދެއްކިފައިވަނީ، އަޅުގަނޑުމެން ބޭރުކުރާ މުދަލުގެ އަގާއި، ޚިދުމަތަށް ލިބުނު އެއްޗެއްގެ ގާތްގަނޑަކަށް ސަތޭކައަކުން 5. އަޅުގަނޑުމެންގެ ސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ރާއްޖޭގެ ދަރަނީގެ ޢަދަދުގެ ނިސްބަތް ދައްކަނީ މާރަނގަޅަށް. އާދެ، އަޅުގަނޑުމެން ބޭރުކުރާ އެއްޗަކާއި، ޚިދުމަތަށް ލިބޭ އެއްޗެއްގެ ނިސްބަތުން، ބޭރުގެ ދަރަންޏަށް ދައްކަންޖެހޭ އެއްޗެއް، މި ސަރަޙައްދުގެ އެހެން ޤައުމުތަކަށްވުރެ މާކުޑަ. ހަމައެހެންމެ، އަޅުގަނޑުމެންގެ ޖީ.ޑީ.ޕީ.ގެ ނިސްބަތުން ދަރަނީގެ ބާކީއޮތް ޢަދަދުވެސް ކުޑަ. އެހެންކަމުން، ދަރަނީގެ ސަބަބުން މިހާރު އަޅުގަނޑުމެންނަށް އުފުލަންޖެހޭ ބުރަ، ރާއްޖޭގެ އިޤްތިޞާދު ކުރިއަށްދިޔުމުގެ ސަބަބުން، ކުރިއަށްވުރެ ލުއިވެގެން އަތުވެއްޖެ.
1990 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދިއްޔަތު ދައްކާގޮތް
ވޭތުވެދިޔަ 1989 ވަނަ އަހަރަކީ، ރާއްޖޭގެ އިޤްތިޞާދިއްޔަތަށް ވަރަށް ފަހި އަހަރެއް ކަމުގައި ދެންނެވިއްޖެ. މިހިނގާ 1990 ވަނަ އަހަރަކީވެސް، ރާއްޖޭގެ އިޤްތިޞާދިއްޔަތު، ކުރީ އަހަރާ އެއްބާރުމިނެއްގައި ކުރިއަށްދިޔަ އަހަރެއް ކަމުގައި ދަންނަވަންޖެހޭ. އުފެއްދުންތެރިކަމުގެ ތަފާސްހިސާބު ދައްކާގޮތުން، މިހިނގާ އަހަރުވެސް އުފެއްދުންތެރިކަން އިތުރުވާ މިންވަރު ގާތްގަނޑަކަށް ސަތޭކައަކުން 10 ގައި ހިފަހައްޓާނެ. ރާއްޖެއަށް އައި ޓޫރިސްޓުންގެ ޢަދަދު، މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށްވެސް، ކުރީ އަހަރުގެ ޖުމްލަ ޢަދަދަށްވުރެ ގިނަވެއްޖެ. އެހެންކަމުން، އަހަރު ނިމޭއިރު، މިއަހަރު ރާއްޖެ އައި ޓޫރިސްޓުންގެ ޢަދަދު، އެއްލައްކަ ނުވަދިހަހާހަށްވުރެ އިތުރުވާނޭކަމަށް ފެނޭ. މަސްވެރިކަމަށް ބަލާއިރުވެސް، މިހިނގާ އަހަރު ދައްކަނީ، ވަރަށް ރަނގަޅު އަހަރެއް ކަމުގައި. މަސް ބޭނުނު ޢަދަދު، 1989 އަށްވުރެ މި އަހަރު ސަތޭކައަކުން 15 އިތުރުވާނެ ކަމަށް ފެނޭ. މަސް ބޭރުކޮށްގެން ލިބުނު އެއްޗެއްވެސް، މިހިނގާ އަހަރުގެ ތެރޭގައި ކުރީ އަހަރަށްވުރެ ވަރަށްބޮޑުތަން ބޮޑުވެފައިވޭ.
ދެން އަޅުގަނޑު މިދަންނަވާލާނީ، 1990 ވަނަ އަހަރު، އާދެ، މިއަހަރު ހިނގަމުންދާ ބޮޑެތި މަޝްރޫޢުތަކުގެ ވާހަކަ.
މަސްވެރިކަން ތަރައްޤީކުރުން
ރާއްޖޭގެ މަސްވެރިކަން އިތުރަށް ކުރިއަށް ގެންދިޔުމަށްޓަކައި ވަރަށްބޮޑު މަޝްރޫޢެއް ރޭވި، ހަތަރު ފަރާތެއްގެ ބޭރުގެ އެހީ ލިބިގެން މިހާރުވަނީ ނިމެން ވަރަށް ކައިރިވެފައި. އެއީ، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން ނުވަތަ ވާރލްޑް ބޭންކްގެ ފަރާތުން ހިންގި މަސްވެރިކަމާބެހޭ ދެވަނަ މަޝްރޫޢު. މިމަޝްރޫޢަށް، މިއަހަރުގެ ތެރޭގައި 7 މިލިއަން ރުފިޔާ ޚަރަދުވެފައިވޭ. މަޝްރޫޢަށް ލޯނު ދޫކުރާ އަނެއް ފަރާތަކީ، އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް). މި ފަންޑުން ލިބޭ ފައިސާއިން، މިހާރު އަލިފުށީ ބޯޓުޔާޑުގައި ބަންނަމުން ގެންދަނީ، ދެވަނަ ޖީލުގެ މަސްދޯނިފަހަރު. މަސްވެރިކަމުގެ ދެވަނަ މަޝްރޫޢަށް ލޯނު ދޫކުރާ އަނެއް ފަރާތަކީ، އޯޕެކް ފަންޑް. މިގޮތުން، ރާއްޖެތެރޭގެ އެކި ހިސާބުގައި، މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެ ގޮތްތައް ތަނަވަސްކޮށްދިނުމަށްޓަކައި ތާނގީތަކެއް ހަދައި ބެހެއްޓުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ.
ބޯފެނާއި ފާޚާނާގެ މަޝްރޫޢު
މާލޭގެ ބޯފެނާއި ފާޚާނާގެ މަޝްރޫޢުގެ ދަށުން، ގޭގޭގެ ފާޚާނާގެ ނަރުދަމާ ހޮޅިތައްލައި، އެމަސައްކަތް މިހާރުވަނީ ނިމުމަކަށް އައިސްފައި. ނަމަވެސް، މިޕްރޮޖެކްޓާ ގުޅިފައިވާ، ލޮނުން ފެން ހެދުމުގެ ބައި އަދި ވަނީ ނިމުމަކަށް ނައިސް. ފަރަންސޭސި ސަރުކާރުގެ އެހީގައި ބަހައްޓާ ލޮނުން ފެންހަދާ އިންޖީނާއި، ޑެންމާކް ސަރުކާރުގެ އެހީގައި ބަހައްޓާ މިފަދަ ދެވަނަ އިންޖީނުގެ މަސައްކަތް މިހާރުދަނީ ހިނގަމުން. އަންނަ އަހަރުގެ ތެރޭގައި މިމަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ. މިއިންޖީނުތައް ބެހެއްޓުމުގައި، ޑެންމާކްގެ ހިލޭއެހީން 25 މިލިއަން ރުފިޔާ، އަދި ފަރަންސޭސިވިލާތުގެ ހިލޭއެހީން 8 މިލިއަން ރުފިޔާ، މިއަހަރު ޚަރަދުވާނެ ކަމަށް ލަފާކުރެވޭ. މިމަޝްރޫޢުގެ ދަށުން މިހާރުވެސް ހުޅަނގު ޖަރުމަނުންނާއި، އީ.އީ.ސީ.ގެ ފަރާތުން ފަންނީ އެހީ ލިބެމުންދޭ.
ތަޢުލީމާއި މީހުން ތަމްރީނު ކުރުމާބެހޭ މަޝްރޫޢު
1989 ގައި ފެށުނު މި މަޝްރޫޢަށް ވާރލްޑް ބޭންކުން ކަނޑައަޅާފައިވަނީ، 6 މިލިއަން އެސް.ޑީ.އާރު. މިމަޝްރޫޢުގެ ދަށުން ރާއްޖެއިން ބޭރަށް މީހުން ފޮނުވައިގެން، މަތީ ތަޢުލީމް ޙާޞިލްކުރާ މީހުންނަށް ދަނީ ފުރުޞަތު ދެވެމުން. އަދި ސެކަންޑްރީ އެޑިޔުކޭޝަންގެ ފެންވަރު މަތިކުރުމުގެ މަގުވެސް، މިމަޝްރޫޢުގެ ދަށުން ފަހިވެފައިވޭ. މިއަހަރުގެ ތެރޭގައި، މި މަޝްރޫޢުގެ ދަށުން މަތީ ތަޢްލީމު ޙާޞިލްކުރުމަށާއި، އެކި ރޮނގުރޮނގުން ތަމްރީނު ލިބިގަތުމަށް 19 ކުދިން ރާއްޖެއިން ބޭރަށް ފޮނުވިފައިވޭ. އަދި ސައިންސް އެޑިޔުކޭޝަން ސެންޓަރަށް އެހީވުމާއި، ރާއްޖެތެރޭގައި ސެކަންޑްރީ ސްކޫލެއް ބިނާކުރުން ހިމެނޭ. މި ސެކަންޑްރީ ސްކޫލް ޢިމާރާތް ކުރުމުގެ މަސައްކަތް، އައްޑުއަތޮޅު ހިތަދޫގައި މިހާރުވަނީ ފެށިފައި. މި މަޝްރޫޢުގެ ދަށުން މިއަހަރު 6.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ފެނޭ.
މާލޭ ބަނދަރު ހެދުމުގެ މަޝްރޫޢު
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، ޔޫ.އެން.ސީ.ޑީ.އެފް. އާއި، އޯޕެކް ފަންޑުގެ އެހީގައި، މާލޭގެ ވިޔަފާރި ބަނދަރު އަލުން ބޮޑުކޮށް ހެދުމާއި، މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ދޯނިފަހަރު އެޅުމަށްޓަކައި ބަނދަރެއް ހެދުމުގެ މަޝްރޫޢު މިހާރުވަނީ ފެށިފައި. މިމަޝްރޫޢުގެ ދަށުން މާލޭގެ ފަޅުތެރެއިން ބާރަހާސް އަކަފޫޓުގެ ބިމެއް ހިއްކައި، އެތާނގައި ބަނދަރާބެހޭ ގުދަންތައް ހެދުމާއި، ބަނދަރަށް ބޭނުންވާ ވާރކްޝޮޕާއި، ޢިމާރާތްތައް ހެދުމާއި، މުދާ ބާލާނޭ ބަނޑުފަހަރު ޖައްސާނޭ ތަން ހެދުމާއި، އެހިސާބުގަނޑުގައި ތަޅުންއެޅުމާއި، މަގުހެދުމާއި، މިނޫން އެތައް ކަމެއް ހިމެނޭ. އަދި އުޅަނދުތައް މަރާމާތު ކުރާނޭ ތަނަކާއި، ބަނޑާއި ދޯނިފަހަރު މަރާމާތުކުރާނޭ ސްލިޕްވޭއެއްވެސް، މާލޭ ވިޔަފާރި ބަނދަރުގެ ސަރަޙައްދުގެ ތެރޭގައި ހެދުން، މި މަޝްރޫޢުގައި ހިމެނޭ. މި މަޝްރޫޢަށް އޭ.ޑީ.ބީ.ގެ ފަރާތުން މިއަހަރު 12.6 މިލިއަން ރުފިޔާ ޚަރަދުވާނޭ ކަމަށް ފެނޭ.
މާލޭގެ އާ އިންޖީނުގެ
މާލޭގައި އިލެކްޓްރިސިޓީ ބޭނުންވާ މިންވަރު، އެއްދުވަހުން އަނެއް ދުވަހަށް ވަރަށް ބާރަށް އިތުރުވަމުން ދިޔުމުގެ ސަބަބުން، އިލެކްޓްރިސިޓީގެ ކަންތައް މިހާރަށްވުރެ ރަނގަޅު ގޮތެއްގައި ހަމަޖެއްސުމަށްޓަކައި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އެހީގައި ހަމަޖެހުނު މަޝްރޫޢު ފެށިގެން މިހާރު ހިނގަމުން އެބަދޭ. މި މަޝްރޫޢުގެ ދަށުން ލިބޭ އިންޖީނުތައް ބަހައްޓާނެ ޢިމާރާތެއް އެޅުމާއި، އިންޖީނު ގެނެސް ބެހެއްޓުމުގެ ކަންތައް މިހާރުދަނީ ހިނގަމުން. އަންނަ އަހަރު މިއިންޖީނުތައް ބެހެއްޓި، އެއިންޖީނުތަކުން ކަރަންޓް ދޫކުރަން ފެށޭނެ ކަމަށް ލަފާކުރެވޭ. މިއަހަރުގެ ތެރޭގައި، މި މަޝްރޫޢުން ޚަރަދުވާނޭ ކަމަށް ފެންނަނީ 23.5 މިލިއަން ރުފިޔާ.
މަތިންދާބޯޓް ދަތުރުފަތުރާ ބެހޭ މަޝްރޫޢު
ދަތުރުފަތުރު ކުރުމުގެ ދަތިކަމަކީ، ކުރިންވެސް ދެންނެވި ފަދައިން، ރާއްޖެތެރޭގައި ދަތުރުކުރާ މީހުންނަށް ވަރަށް ޢާންމުގޮތެއްގައި އިޙްސާސް ކުރަން ޖެހިފައިވާ ކަމެއް. މިކަމަކީ ރާއްޖެތެރޭގެ ތަރައްޤީއަށްވެސް ވަރަށް ބޮޑެތި ހުރަސްތަކެއް އެޅޭ ކަމެއް. އެހެންކަމުން، ސަރުކާރުން މިހާރުވަނީ ކުޑަވަރެއްގެ ދެ މަތިންދާބޯޓް ގަނެފައި. ރާއްޖެތެރެއަށް ފަސިންޖަރުން ގޮވައިގެން ދަތުރުކުރުމުގެ އިތުރަށް، މަސްވެރިކަމުގެ ސަރަޙައްދު ބެލެހެއްޓޭނެ ވަސީލަތްތައް، މީގެތެރެއިން އެއް ބޯޓުގައި ހަމަޖެއްސިފައިވޭ. މި ދެބޯޓްގެ ތެރެއިން އެއްބޯޓް ގަނެވިފައިވަނީ މިއަހަރުގެ ތެރޭގައި. އެބޯޓަށް އަގު ދެއްކުމަށް ހުޅަނގު ޖަރުމަނުގެ ބޭންކެއް ކަމުގައިވާ، ކޭ.އެފް.ޑަބްލިޔޫ. އިން 40 މިލިއަން ރުފިޔާގެ ލޯނެއް ނެގިފައިވޭ.
މާލޭ ހައުސިންގ ސްކީމް
މާލޭގެ ދެކުނުފަރާތުގައި، ޗައިނާ ސަރުކާރުގެ އެހީގައި ހިނގަމުންދާ ހައުސިންގ ސްކީމްގެ ދަށުން އެޅުނު ފުރަތަމަ ޢިމާރާތް ބިނާކޮށް ނިމި، މިއަހަރުގެ ޖުލައި 26 ގައި ވަނީ، އެ ޢިމާރާތުގައިވާ 24 ފްލެޓް، އެކަމަށް ހޮވުނު މީހުންނާ ޙަވާލުކުރެވިފައި. ޗައިނާ ސަރުކާރުން މި ޢިމާރާތް ކޮށްދިނީ ހިލޭ އެހީއާއި ލޯނު އެހީގެ ދަށުން. އެއީ، ޢިމާރާތް ހެދުމަށްދިޔަ ޚަރަދުގެ ދެބައިކުޅަ އެއްބައި، ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ދީ، އަނެއްބައި، އެއްވެސް އިންޓްރެސްޓެއް، ނުވަތަ ޗާޖެއް ނެތި، ދިގު މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާގޮތަށް. މި އަހަރުގެ ތެރޭގައި މި ޢިމާރާތުގެ ލޯނުގެ ބަޔަށް ވަދެފައިވަނީ 6.4 މިލިއަން ރުފިޔާ. މި ސްކީމްގެ ދަށުން އެހެން ޢިމާރާތެއް ބިނާކުރުމުގެ މަސައްކަތްވެސް މިހާރު އެބަ ހިނގާ. މި މަޝްރޫޢަށްވެސް 10 މިލިއަން އާރު.އެމް.ބީ. ޔުއަން ޚަރަދުވާނެ ކަމަށް ލަފާކުރެވޭ.
ރާއްޖެތެރެއަށް ޓެލެފޯނުލުމުގެ މަޝްރޫޢު
ޖަޕާން ސަރުކާރުގެ އެހީގައި، މާލޭގައި ޑިޖިޓަލް ޓެލެފޯން ސިސްޓަމެއް ބަހައްޓައިދިނުމަށްފަހު، ޓެލެފޯނުގެ މުވާޞަލާތު ތަރައްޤީ ކުރުމުގެ ގޮތުން، އަރިއަތޮޅުގެ 9 ރަށެއްގައި ޓެލެފޯން ސިސްޓަމެއް ބަހައްޓާދީފައިވޭ. މި އެހީގެ ޖުމްލައަކީ 31.3 މިލިއަން ރުފިޔާ. ރާއްޖެތެރެއަށް ޓެލެފޯނުގެ ޚިދުމަތް އަވަސްގޮތަކަށް ހޯދައިދެވޭތޯ ސަރުކާރުން މިގެންދަނީ ބަލަމުން. މިގޮތުން، މާލެއިން ދެކުނުގެ އަތޮޅުތަކަށް، ހައްދުންމައްޗާ ހަމަޔަށް ޓެލެފޯނުގެ ޚިދުމަތް މިހާރުވަނީ ހަމަޖެހިފައި. މި މަޝްރޫޢު ހިނގާފައިވަނީ، ކޭބަލް އެންޑް ވަޔަރލެސް ލަންޑަނުން ލޯނެއް ނަގައިގެން. މިއީ 16.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގިފައިވާ މަޝްރޫޢެއް.
މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު
މާލޭ ބައިނަލްއަޤްވާމީ އެއަރޕޯޓުގައި ބޮޑެތި ގިނަ ބޯޓުފަހަރު ޖައްސަން ފެށުމުން، އެއަރޕޯޓް ކުޑަވެފައި، މަތިންދާބޯޓްތަކަށާއި ފަސިންޖަރުންނަށް ކޮންމެހެން ދޭންޖެހޭ ހުރިހާ ފަސޭހަތައް، އެތާނގައި ނެތުމުން، އެއަރޕޯޓް ބޮޑުކޮށް، ބައިނަލްއަޤްވާމީ އެއަރޕޯޓެއްގައި ހުންނަންޖެހޭ ވަސީލަތްތައް ޤާއިމްކުރުމަށްޓަކައި، ކުވައިތު ފަންޑާއި، އޯޕެކް ފަންޑާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި، ވާރލްޑް ބޭންކާ ގުޅިގެން، އެއަރޕޯޓް ހެދުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ކަންތައް، މިއަހަރުގެ ތެރޭގައި އިތުރަށް ކުރިއަށް ގެންދެވުނު. އަދި އޯޕެކް ފަންޑުގެ ލޯނު، މި އަހަރު ވަނީ ދޫކުރަން ފެށިފައި. މިގޮތުން،
2.5 މިލިއަން ރުފިޔާ، މި އަހަރުގެ ތެރޭގައި ލިބިފައިވޭ.
ރާއްޖެތެރޭގެ ފަޅު ފުންކުރުމުގެ މަޝްރޫޢު
ރާއްޖެތެރޭގެ ރަށްރަށުގެ ފަޅު ފުންކުރުމުގެ މަޝްރޫޢަކީ، މީގެ ދެތިން އަހަރު ކުރިން ފެށިފައިވާ މަޝްރޫޢެއް. މަސްވެރިކަންކުރާ ބައެއް ރަށްރަށާއި، އެނޫންވެސް ބައެއް ރަށްރަށުގެ ފަޅު ތިލަކަމުގެ ސަބަބުން، އެރަށްރަށުގެ މީހުންނަށް ދިރިއުޅުމަށް ބޭނުންވާ މަސައްކަތްތައް ކުރުމުގައި ނުކުންނަ ވަރަށްގިނަ ދަތިތަކެއް ހުރޭ. އެހެންކަމާއެކު، ފަޅު ފުންކުރުމުގައި، އެންމެ އިސްކަންދޭން ޖެހިފައިވާ ބައެއް ރަށްރަށުގެ ފަޅު ފުންކުރުމުގެ މަސައްކަތް ވަނީ ފެށިފައި. މި މަޝްރޫޢު ފަށައިގަތުމުގައި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އެހީ ލިބިފައިވޭ. އެހެންނަމަވެސް، މައިގަނޑު ގޮތެއްގައި މި މަސައްކަތް ހިންގަމުން މިގެންދަނީ، ސަރުކާރަށް ލިބޭ އެއްޗަކުން ޚަރަދުކޮށްގެންނާއި، އެކި ކަންކަމަށް ލިބޭ ބޭރުގެ އެހީގެ ކައުންޓަރޕާޓް ފަންޑުން ޚަރަދުކޮށްގެން.
މި ފުރުޞަތުގައި، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އަރިހުގައި އަޅުގަނޑު ދަންނަވަން ބޭނުންވާ އެއްޗަކީ، ކިތަންމެ ގިނަ ރަށެއްގެ ފަޅު ފުންކުރަން ޖެހިފައިވިޔަސް، އަދި އެކަން ކުރަން ސަރުކާރުން ބޭނުންވިޔަސް، އެއީ، ކުއްލިއަކަށް ވެވޭނެ ކަމެއް ނޫނޭ. އެހެންކަމުން، ސަރުކާރުން އެމަސައްކަތް ގެންދަންޖެހެނީ، ބަޖެޓާއި، ސަރުކާރަށް ލިބޭ އެހީ ތަންދޭ މިންވަރެއްގެ މަތިން، އަދި އިސްކަންދޭންވީ ރަށްރަށުގެ މައްޗަށް ނަޒަރު ހިންގައިގެންނޭ.
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
އިންޑިއާ ސަރުކާރުގެ އެހީގައި މާލޭގައި ޢިމާރާތް ކުރަން ފެށިފައިވާ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް މިހާރުވެސް ހިނގަމުން އެބަދޭ. މިމަޝްރޫޢަށް ކަނޑައެޅިފައި ވަނީ އިންޑިއާގެ 187 މިލިއަން ރުފިޔާ. މިއަހަރުގެ ތެރޭގައި، މިމަސައްކަތަށް 51.2 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނޭ ކަމަށް ލަފާކުރެވޭ.
ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު ހިންގުމަށްޓަކައި ސަރުކާރުން ހަދަމުން ގެންދިޔަ ޢިމާރާތް ނިމި، މިހިނގާ އަހަރުގެ ތެރޭގައި ވަނީ އެޢިމާރާތުގެ ބޭނުންކުރަން ފެށިފައި. ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު ޢިމާރާތް ކުރުމަށް އެހީ ހޯދާފައި ވަނީ ޔުނެސްކޯ މެދުވެރިވެގެން، ސަޢޫދީ ފަންޑް އިންޓްރެސްޓާއި، އެގް ފަންޑްގެ އެހީން. މިމަޝްރޫޢަށް މިއަހަރު ޚަރަދުވެފައި ވަނީ އެގް ފަންޑުން އެއް މިލިއަން ރުފިޔާއާއި، ސަޢޫދީ ފަންޑް އިންޓްރެސްޓުން 0.8 މިލިއަން ރުފިޔާ.
ސަރުކާރުގެ ވިޔަފާރިއާބެހޭ ދާއިރާތައް
އަޅުގަނޑު މީގެކުރިން މިދަންނަވާލީ، ސަރުކާރުގެ ބަޖެޓްގައި ހިމެނިގެން ކުރެވެމުންދާ ބޮޑެތި މަސައްކަތްތަކާއި، ހިނގަމުންގެންދާ މަޝްރޫޢުތަކުގެ ވާހަކަ. ސަރުކާރުގެ ބަޖެޓްގައި ހިމެނިގެން ކުރެވޭ މަސައްކަތްތަކުގެ އިތުރު ކަންތައްތަކެއްވެސް، ރައްޔިތުންގެ ފަސޭހައާއި، ޤައުމުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ހިންގަމުން ގެންދޭ. އެކަންތައްތައް ހިންގަނީ ސަރުކާރުގެ ވިޔަފާރިއާބެހޭ ދާއިރާތަކުން.
ސަރުކާރުގެ ވިޔަފާރިއާބެހޭ ދާއިރާތަކުގެ ތެރެއިން އެންމެގިނަ މަސައްކަތްތަކެއް ހިންގާ ފަރާތަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން. އާދެ، އެސް.ޓީ.އޯ. އެސް.ޓީ.އޯ. އިން ހިންގަވާ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި، ރާއްޖެއަށް ބޭނުންވާ ކާޑުގެ ތަކެތި އެތެރެކުރުމާއި، އެކަށީގެންވާ އަގެއްގައި ރައްޔިތުންނަށް އެތަކެތި ލިބޭނެގޮތް ހަމަޖެއްސުމާއި، ރާއްޖޭގެ މަސްވެރިން ބާނާ މަސް، އެމީހުންގެ އަތުން ގަތުމާއި، ސަރުކާރުން ފެލިވަރުގައި ހިންގާ، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާ ހިންގުމާއި، ދަޅުގައި ބަންދުކުރި މަހާއި، ފިނިކުރި މަހާއި، މަހުގެ އެހެނިހެން ބާވަތްތައް އެކްސްޕޯޓް ކުރުން ހިމެނޭ. އަދި ރާއްޖޭގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގައިވެސް އެސް.ޓީ.އޯ.ގެ ޚިދުމަތް ސަރުކާރަށް ލިބެމުންދޭ. ރާއްޖޭގެ އިޤްތިޞާދު ކުރިއަށްދާ ގޮތުގެ މައްޗަށް ވިސްނައި، ރާއްޖޭގެ އިޤްތިޞާދުގައި، އަމިއްލަ ފަރާތްތަކުން އަދާކުރާ ރޯލު ބޮޑުކުރުމަށްޓަކައި ރާއްޖޭގެ ޢާންމު ވިޔަފާރީގައި، އެސް.ޓީ.އޯ. އަދާކުރާ ދައުރަށް މިހާރު ދަނީ ބަދަލުތަކެއް އަންނަމުން.
ސަރުކާރާއި އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަރލެސްއާ ގުޅިގެން އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ދިރާގަކީވެސް ވަރަށް މުހިންމު ޚިދުމަތްތަކެއް ދޭ ކުންފުންޏެއް. ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ޓެލެފޯނާއި، ޓެލެކްސްއާއި، ޓެލެ ފެކްސް ފަދަ މުވާޞަލާތުގެ ޚިދުމަތްތައް ދިނުމާއި، މިފަދަ ވަސީލަތްތަކުން ރާއްޖެއާއި ބޭރާ ގުޅައިދިނުމުގެ ޚިދުމަތް ދެނީ މިކުންފުނިން. ރާއްޖެއިން މިހާރު ލިބެންހުރި މިދެންނެވި ޚިދުމަތްތަކަކީ، މިސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ވަރަށްމަތީ ފެންވަރެއްގައި ދެވޭ ޚިދުމަތްތަކެއް. މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، ރާއްޖޭގައި ބޭއްވުނު ސާރކް ސަމިޓަށް ރާއްޖެއިން ބޭރުން ވަޑައިގެންނެވި މެހްމާނުންވެސް ވަނީ މިކަން ފާހަގަކުރައްވާފައި. ދިރާގުގެ ފައިދާގެ ތެރެއިން، 1989 ވަނަ އަހަރު 2.8 މިލިއަން ރުފިޔާ، ސަރުކާރަށް ލިބިފައިވޭ.
މާލޭގެ ކަރަންޓްގެ ކަންތަކާއި، ރާއްޖެތެރޭގެ ރަށްރަށަށް ކަރަންޓްލުމުގެ ކަންތައް ހިންގާ ފަރާތަކީ، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑު. މާލޭގައި މިހާރު ހުރި އިންޖީނުގެއިން އުފެއްދޭ ކަރަންޓުން މާލެއަށް އެއްގޮތަކަށްވެސް ފުދޭވަރު ނުވާތީ، މާލޭގެ އިލެކްޓްރިސިޓީގެ ކަންތައް ތަރައްޤީކުރުމަށް ރޭވިފައިވާ މަޝްރޫޢެއްގެ ދަށުން އައު އިންޖީނުތަކެއް ބެހެއްޓުމުގެ މަސައްކަތް، އޭ.ޑީ.ބީ.ގެ އެހީގައި މިހާރު ހިނގަމުންދާ ކަމަށް، އަޅުގަނޑު ވާނީ ކުރިންވެސް ދަންނަވާފައި. މީގެއިތުރަށް، ރާއްޖެތެރޭގައި ކަރަންޓްގެ ޚިދުމަތް ދިނުމުގެ މަސައްކަތްވެސް މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުން ހިންގަވަމުން އެބަ ގެންދަވާ. މާލޭގައި ދެވޭ ކަރަންޓުގެ ޚިދުމަތްތައް، ލިބޭ އެއްޗަކުން ދެކޮޅުޖެއްސެމުންދިޔަ ކަމުގައިވިޔަސް، އެތަނުގެ ފަރާތުން ރާއްޖެތެރޭގައި ހިންގަވާ އިންޖީނުގެތަކުން އަދި ވަނީ ގެއްލުން. ރާއްޖޭގައި އިލެކްޓްރިސިޓީއަކީ ތެލުން ހިންގާ އިންޖީނުތަކަކުން އުފައްދާ އެއްޗަކަށްވާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލުގެ އަސަރުތައް، ކަރަންޓްގެ ޚިދުމަތްދޭ ފަރާތަށާއި، ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތަށް ސީދާގޮތެއްގައި ކުރާނެ. 1989 ވަނަ އަހަރު، އިލެކްޓްރިސިޓީ ބޯޑުގެ ފައިދާއަށް ސަރުކާރަށް ދައްކާފައިވަނީ އެއް މިލިއަން ރުފިޔާ.
މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމަންޓް ލިމިޓެޑަކީ، ބޯޓްފަހަރު ދުއްވާ، ސަރުކާރުގެ ކުންފުނި. 1980ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ބައިނަލްއަޤްވާމީ ޝިޕިންގ ދާއިރާއަށް އައި އަޑިގަނޑުން ލިބުނު ގެއްލުންތަކާއި، ކުންފުނީގެ ބޮލުގައި އެޅުނު ދަރަނިތަކުން ސަލާމަތްވުމަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އެ ކުންފުނިން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި. އަދި މިހާރުވަނީ އެކުންފުނީގެ ވިޔަފާރި ހަމަޔަކަށް އަޅުއްވާފައި. ނަމަވެސް، ދުނިޔެ އަނެއްކާވެސް ކުރިމަތިލަމުން މިދަނީ ބައިނަލްއަޤްވާމީ ޝިޕިންގގެ ދާއިރާއަށް ވަރަށްވެސް ނޭދެވޭގޮތެއްގައި އަސަރުކުރުވާނޭ މަރުޙަލާއަކަށް. ބޯޓުފަހަރުން އުފުލާ މުދަލަށް ނާލުދޭ ރޭޓް، 1989ގެ ތެރޭގައި ވަނީ ދަށަށް ގޮސްފައި. އެކަމުގެ ސަބަބުން ޝިޕިންގގެ ދާއިރާއަށް ލިބުނު ހީނަރުކަން އެގޮތުގައި އޮއްވައި، މިއަހަރުގެ އޯގަސްޓްގައި ކުރިމަތިލާން މިޖެހުނީ ޤަލްފުގެ މައްސަލައާ. އެހެންވީމާ، ޝިޕިންގގެ ދާއިރާގެ މުސްތަޤްބަލް އަދިވެސް އޮތީ ވަރަށް ބަނަކޮށް ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ.
ސަރުކާރުގެ ވިޔަފާރި ދާއިރާތަކުގެ ތެރެއިން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީއަކީވެސް ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާ ގުޅޭ މުހިންމު މަސައްކަތްތަކެއް ކުރާ ތަނެއް. މާލޭގެ ވިޔަފާރި ބަނދަރު ހިންގަނީ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީން. ކަނޑުމަގުން ރާއްޖެއަށް ގެނެވޭ ގާތްގަނޑަކަށް ހުރިހާ މުދަލެއް ބާލާ ތަނަކީ މާލެ. އެހެންކަމުން، ބޯޓުފަހަރުން މުދާ ބޭލުމާއި، ބޯޓުފަހަރަށް މުދާ އެރުވުމުގެ ކަންތައް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ހިންގޭތޯ ބެލުމަށްޓަކައި ސަރުކާރުން ވަނީ މާލޭގެ ވިޔަފާރި ބަނދަރު ހަދާފައި. އެތަން ހެދިފަހުން އަދި މާގިނަ ދުވަސްތަކެއް ނުވޭ. ނަމަވެސް، ވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭގައި، ރާއްޖެއަށް މުދާ އެތެރެކުރުން ވަރަށްބޮޑުތަން އިތުރުވެގެންދިޔުމުގެ ސަބަބުން، ވިޔަފާރި ބަނދަރު މިހާރުވަނީ ކުޑަވެފައި. ބޯޓުފަހަރުގެ މަސައްކަތް ކުރުމަށް ބޭނުންވާ އުޅަނދުތަކާއި އިކްވިޕްމަންޓްވެސް މިހާރު ކުރަންޖެހޭ މަސައްކަތަށް ފުދޭވަރަކަށް އެތާކު ނެތް. ވީމާ، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީން މިހާރު ގެންދަވަނީ އެތަނުގެ މަސައްކަތަށް ކޮންމެހެން ބޭނުންވާނެ ތަކެއްޗާއި، ބޮޑެތި އިކްވިޕްމަންޓް ހޯއްދަވަމުން.
ވިޔަފާރި ބަނދަރު ބޮޑުކޮށް، އެތަނުގެ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ވިޔަފާރި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވައްސެއް ހިންގާގޮތަށް ސަރުކާރުން މިހާރުވަނީ ހަމަޖައްސާފައި. މި މަޝްރޫޢު ހިންގުމަށް ބޭނުންވާ ޚަރަދުގެ ބައެއް، ބޭރުގެ ހިލޭ އެހީން ލިބޭގޮތަށް ވަނީ ހަމަޖެހިފައި. ދެން އޮތް ބައިގެ ޚަރަދުތައް ކުރުމަށް، ދިގު މުއްދަތެއްގައި އަދާކުރާގޮތަށް، ބޭރުގެ ދެފަރާތަކުން ލޯނު ލިބޭގޮތަށްވެސް މިހާރުވަނީ ހަމަޖެހިފައި.
އަޅުގަނޑު ދެން އެއްޗެއް ދަންނަވާލާނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އާ ބެހޭގޮތުން. އެމް.ޓީ.ސީ.ސީ. އަކީ ސަރުކާރާއި ރައްޔިތުން ބައިވެރިވެގެން އުފައްދާފައިވާ ކުންފުންޏެއް. އެމް.ޓީ.ސީ.ސީ. އުފައްދާފައިވަނީ، ދަތުރުފަތުރު ކުރުމާއި، ޢިމާރާތް ކުރުމާއި، މިނޫންވެސް ވިޔަފާރީގެ ދާއިރާގައި ހިމެނޭ ބޮޑެތި މަސައްކަތްތައް ކޮންޓްރެކްޓަށް ހިފައިގެން ކުރުމަށްޓަކައި. ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއަށް ބަލާއިރު، އެމް.ޓީ.ސީ.ސީ.ގެ މަސައްކަތްތަކަށް އައު ދިރުމެއް ގެންނަން ޖެހިފައިވާ ކަމަށް ފެންނާތީ، ސަރުކާރުން އިސްނަގައިގެން، އެތަނުގެ ވިޔަފާރިއަށް ބަދަލުތަކެއް މިދަނީ ގެންނަމުން. ރާއްޖޭގައި ސަރުކާރުގެ ފަރާތުން ކުރާ ޢިމާރާތް ކުރުމުގެ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން ވަރަށްގިނަ މަސައްކަތްތަކެއް މިހާރުވަނީ އެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރެވިފައި. މީގެއިތުރަށް، މިހާރު އަލަށް ތަރައްޤީ ކުރެވެމުންދާ އަރިއަތޮޅު ޓޫރިޒަމް ޒޯންގައި، އެކުންފުނީގެ ފަރާތުން ޓޫރިސްޓް ރިޒޯޓެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައި.
މަޖިލިސްގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ސަރުކާރުގެ ބަޖެޓަކީ، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ޚަރަދުކުރާ ބަޖެޓްވެސްމެ. އެހެންކަމުން، ސަރުކާރުގެ ހުރިހާ ދާއިރާތަކުންވެސް މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކައި ހިންގެވުމަށް ހަމަޖެހޭ ޕްރޮޖެކްޓްތަކުން އެއަހަރަކަށް ކަނޑައެޅިފައިވާ ބައި އަންނަނީ ބަޖެޓްގައި ހިމަނަމުން. އެހެންނަމަވެސް، އަޅުގަނޑުމެން ހަނދާންކޮށްލަންވީ، ކިތަންމެ ގިނަ ކަންތައްތަކެއް ކުރަން ރޭވިޔަސް، އަޅުގަނޑުމެންނަށް އެކަންތައްތައް ހިންގޭނީ، ވަރަށްގިނަ ހަރުފަތްތަކެއް ގިރާކޮށްގެންކަން. ކުރަން ބޭނުންވެފައިވާ ކަންތައްތަކަށް ބޭނުންވާ ފައިސާ ހޯދުމަކީ، އެއް މައްސަލަ. އޭގެއިތުރަށް، އެހެން ކިތަންމެ މައްސަލަތަކެއްވެސް އަޅުގަނޑުމެންނަށް ޙައްލުކުރަންޖެހޭ. އެހެންކަމުން، ބޭރުގެ އެހީއަކުން ނަމަވެސް، ފައިސާ ލިބޭނޭގޮތެއް ފެންނަން އޮތަސް، މީހުން ނެތުމުގެ ސަބަބުންނާއި، ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުމަށް ވަގުތު ބޭނުންވާތީ، މަސައްކަތް ނުފެށި ލަސްވާގޮތްވޭ.
1990 ވަނަ އަހަރުގެ ބަޖެޓް
ހިނގަމުން މިދާ އަހަރަކީ، ސަރުކާރުން ކުރަންޖެހުނު ޚަރަދުތައް އިތުރުވި އަހަރެއް. އެކަން އެހެންވެފައިވަނީ، ސަރުކާރުގެ ފަރާތުން ކޮންމެހެން ކުރަންޖެހުނު ބޮޑެތި ކަންތައްތަކެއް، މިއަހަރުގެ ތެރޭގައި ކުރަންޖެހުމާވެސް އެކުގައި. އެނގިވަޑައިގަންނަވާނޭ ފަދައިން، މިއަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުނު އަހަރު. އެހެންކަމުން، މިއަހަރު ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ޚާއްޞަ ކަންތައްތަކެއް ވަނީ ބޭއްވިފައި. މިކަންތައްތައް ބޭއްވުމުގެ އެންމެބޮޑު މަޤްޞަދަކީ، މިނިވަންކަމުގެ ޤަދަރު އުފުލައި، އަޅުގަނޑުމެންގެ ތެރޭގައި ޤައުމީ ރޫޙު އާލާކުރުން. އަދި އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން ޙިމާޔަތްކޮށް ދެމެހެއްޓުމުގެ ޢަޒުމް އާކޮށް އާލާކުރުން.
މިއަހަރު ރާއްޖޭގައި ބޭއްވުނު އެންމެބޮޑު ކަމަކީ، 5 ވަނަ ސާރކް ސަމިޓް. މި ސަމިޓް ހިމެނުނީ ސަރަޙައްދީ އެއްބާރުލުމުގެ ދާއިރާގައި ކުރިއަށްއެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި. އަދި ސަމިޓްގެ ކަންތައްތައް ވަރަށް ރީތިކޮށް، އޮމާންކޮށް އަދި ފުރިހަމައަށް ދިޔުމުގެ ސަބަބުން، މި ސަމިޓުން ރާއްޖެއަށް ވަނީ ވަރަށް ރީތި ނަމެއް ލިބިފައި. މި ސަމިޓް ބޭއްވުމަށް ސާރކްގެ ޤައުމުތަކުންނާއި، ރާއްޖެއާ އެކުވެރި ބައެއް ޤައުމުތަކުން އެތައް އެހީއެއް ލިބިފައިވޭ. އޭގެއިތުރުން، ސަރުކާރުގެ ބަޖެޓުންވެސް މިކަމަށް ޚަރަދުތަކެއް ކުރަންޖެހުނު.
1990 ވަނަ އަހަރު ސަރުކާރަށް ލިބޭނެ އެއްޗެއް އަންދާޒާކުރާއިރު، ކުރީ އަހަރަށްވުރެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރެވޭ. މިހިނގާ އަހަރު ލިބޭނޭ ކަމަށް ދައްކާ މުޅި ޖުމްލައަކީ، 711.5 މިލިއަން ރުފިޔާ. އެއީ، 1989 ގައި ލިބުނު އާމްދަނީއަށްވުރެ ސަތޭކައަކުން 6 ގިނަ ޢަދަދެއް. މިއަހަރު ތަރައްޤީގެ މަޝްރޫޢުތަކަށް ލިބޭ ހިލޭ އެހީގެ ގޮތުގައި، 87.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފެނޭ. ވީމާ، ހިލޭ އެހީ، ކުރީ އަހަރަށްވުރެ ސަތޭކައަކުން 38 ދަށް. އެކަން އެހެންވެފައިވަނީ، ހިލޭ އެހީގެ ވަރަށް ބޮޑެތި މަޝްރޫޢުތަކެއް، 1989 ގައި ނިމިފައިވާތީ. ނިމުނު ކަންތައްތަކުގެ ތެރޭގައި، ޖަޕާން ސަރުކާރުގެ އެހީގައި މާލޭގައި ޢިމާރާތް ކުރެވުނު ކަލާފާނު ސްކޫލާއި، މާލޭގެ ދެކުނުފަރާތުގެ ކަނޑުތޮށިލުމާއި، އަރިއަތޮޅުގައި ޓެލެފޯން ސިސްޓަމެއް ބެހެއްޓުން ހިމެނޭ. ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް ލޯނުގެ ގޮތުގައި މިއަހަރު ލިބުނު އެހީ ވަނީ ސަތޭކައަކުން 61 އިތުރުވެފައި. މިއަހަރު ލިބިފައިވަނީ، 117.5 މިލިއަން ރުފިޔާ. ކުރީ އަހަރު ލިބުނީ، 72.9 މިލިއަން ރުފިޔާ.
މިދަންނަވާ މަޢުލޫމާތުތައް، ބަޖެޓް މަޢުލޫމާތު ކަރުދާސް ނަންބަރު 6 ގައި ހުންނާނެ.
ކަސްޓަމަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި، މިއަހަރު ލިބޭނެކަމަށް ދައްކަނީ، 150 މިލިއަން ރުފިޔާ. ހަނދުމަފުޅު ހުންނާނެ، 1989 ގައި ލިބިފައިވަނީ، 153.8 މިލިއަން ރުފިޔާ. މިއަހަރު ޑިއުޓީއަށް ލިބުނު އެއްޗެއް، ކުރީ އަހަރަށްވުރެ މަދުވެފައިވާ އެންމެބޮޑު ސަބަބަކީ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކާޑުގެ ތަކެތިން ޑިއުޓީ ނުނަގާގޮތަށް ހަމަޖެއްސި ހަމަޖެއްސުމާއި، މިއަހަރުގެ ތެރޭގައި ބައެއް މުދަލުން ޑިއުޓީ ނަގާ މިންވަރު ދަށަށް ގެނައި ގެނައުން.
މިހިނގާ 1990 ވަނަ އަހަރުގެ ޚަރަދަށް ބަލާއިރު، ބަޖެޓުން ޖުމްލަ ޚަރަދުވާނެ ކަމަށް މިހާތަނަށް ހިސާބުތަކުން ދައްކަނީ، 807.7 މިލިއަން ރުފިޔާ. ޖުމްލަ ލިބޭނެކަމަށް (ލޯނާއި ހިލޭ އެހީއާއެކު) ދައްކަނީ 711.5 މިލިއަން ރުފިޔާ. އެހެންކަމުން، މިއަހަރު ލިބޭ އެއްޗަކަށްވުރެ އިތުރަށް ގާތްގަނޑަކަށް 96 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ. އާދެ، މިއަހަރު ހިމެނޭނީ، ވިދިވިދިގެން ތިން އަހަރު ސަރޕްލަސް ވުމަށްފަހު، ޑެފިސިޓް ބަޖެޓެއް ދައްކާ އަހަރެއް ކަމުގައި.
ޢިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމައްޗަށް މިދިޔަ އަހަރު ބަޖެޓް ހުށަހެޅިއިރުވެސް، 1990 ވަނަ އަހަރުގެ ބަޖެޓަކީ، ޑެފިސިޓް ބަޖެޓަކަށްވާނެ ކަމުގައި އަޅުގަނޑު ވާނީ ދަންނަވާފައި. އަހަރު ނިމޭއިރަށް، ބަޖެޓް ޑެފިސިޓްވާނެ ކަމަށް މިހާރު ލަފާކުރެވޭވަރަކީ، ބަޖެޓުގެ ޖުމްލަ ޚަރަދުގެ ނިސްބަތުން ސަތޭކައަކުން 12.
ޢިއްޒަތްތެރި މެންބަރުންގެ އަތްޕުޅުގައިވާ ބަޖެޓް މަޢުލޫމާތު ކަރުދާސް ނަންބަރު 8 ން، އެކި އަހަރު ސަރުކާރަށް ލިބުނު ފައިސާގެ ޖުމްލައާއި، ސަރުކާރުން ޚަރަދުވި ފައިސާގެ ޖުމްލަ ފެނިވަޑައިގަންނަވާނެ. އެކަރުދާހުގައިވާ މަޢުލޫމާތުތަކުގެ ތެރެއިން، 1983 ވަނަ އަހަރުގެ މަޢުލޫމާތު ބައްލަވާލައްވައިފިނަމަ، އެނގިވަޑައިގަންނަވާނެ ފަދައިން، އެއަހަރުގެ ޑެފިސިޓް 26 މިލިއަން ރުފިޔާއަށް އެރި. އެޢަދަދަކީ، އެއަހަރުގެ ޚަރަދުގެ ނިސްބަތުން ބަލާއިރު، ސަތޭކައަކުން 12.6. އެހެންވީމާ، އާމްދަނީއާއި ޚަރަދުގެ ނިސްބަތަށް ބައްލަވައިފިނަމަ، މިއަހަރުގެ ބަޖެޓް ޑެފިސިޓަކީ، މީގެކުރިން އަޅުގަނޑުމެން ތަޖުރިބާކޮށްފައި ނުވާވަރުގެ ބޮޑު ޑެފިސިޓެއް ނޫންކަން އެނގިވަޑައިގަންނަވާނެ. 1990 ވަނަ އަހަރު އަދި ނުނިމޭތީ، މިއަހަރުގެ އާމްދަނީއާއި ޚަރަދުތައް އަދި ނިމުމަކަށް ނާދޭ. އަހަރު ނިމޭއިރު ޚަރަދުގެ ޖުމްލައަށާއި، ލިބޭ ފައިސާގެ ޖުމްލައަށް ކޮންމެވެސްވަރަކަށް ބަދަލު އަންނާނެ.
ކުރިންވެސް ދެންނެވި ފަދައިން، ވޭތުވެދިޔަ 1989 ވަނަ އަހަރަކީ، އިޤްތިޞާދީ ގޮތުން ރަނގަޅު އަހަރެއް. އަދި އޭގެކުރިން ވޭތުވެދިޔަ ދެތިން އަހަރަކީވެސް އިޤްތިޞާދީ ގޮތުން ރަނގަޅު އަހަރުތަކެއް. އެހެންކަމުން، އަޅުގަނޑުމެންގެ ބެލެންސް އޮފް ޕޭމަންޓްސް ރަނގަޅުވަމުން ދިޔުމާއެކު، ޓުއަރިޒަމްގެ ދާއިރާގެ އިންވެސްޓްމަންޓަށް ލުޔެއް ދިނުމުގެ ގޮތުން، ބޭންކްތަކުން ކްރެޑިޓް ދޫކުރުމަށް ކުރިން އެޅިފައިވާ ހުރަސް، 1989 ގައި ވަނީ ނައްތާލެވިފައި. އަދި މުދާ އެތެރެކުރުމަށް ވަކި ޢަދަދެއް ހަމަޖައްސާ އުޞޫލުވެސް ވަނީ އުވާލެވިފައި. ހަމައެފަދައިން، ފައިސާއާބެހޭ ސިޔާސަތަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ވިޔަފާރި ބޭންކްތަކުން އެމް.އެމް.އޭ.ގައި ބަހައްޓަންޖެހޭ ޤާނޫނީ ރިޒަރވް، ސަތޭކައަކުން 35 ން، ސަތޭކައަކުން 25 އަށް ތިރިކުރެވިފައިވޭ. އަދި ލޯނުތަކަށް ބޭންކްތަކުން ނަގަމުންގެންދާ އިންޓްރެސްޓް، ނިއުޔޯރކް ޕްރައިމް ރޭޓްގެ މައްޗަށް، ސަތޭކައަކުން 5 އިތުރުވާގޮތަށް ނަގާނެގުން، ނިއުޔޯރކް ޕްރައިމް ރޭޓްގެ މައްޗަށް، ސަތޭކައަކުން 3.5 ނަގާގޮތަށް، އެ ނިސްބަތް ވަނީ ތިރިކުރެވިފައި. މިގޮތުން، ފައިސާއާބެހޭ ސިޔާސަތަށް ދޫދިނުމާއި، މުދާ އެތެރެކުރުމުގައި އެޅިފައިވާ ހުރަސްތައް ނައްތާލުމުގެ ސަބަބުން، ބޭންކްތަކުން ލޯނުދިނުން ވަރަށް ބޮޑަށް އިތުރުވެގެންދިޔަ. އެހެންނަމަވެސް، ވިޔަފާރި ތަރައްޤީކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އެޅުނު މިދެންނެވި ފިޔަވަޅުތަކާ ގުޅިގެން، ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއަށް ނޭދެވޭގޮތެއްގައި އަސަރުކުރަން ފެށި. އެހެންކަމުން، އެމް.އެމް.އޭ. އިން މިހާރުވަނީ، ބޭންކްތަކުން ބަހައްޓަންޖެހޭ ޤާނޫނީ ރިޒަރވް، ސަތޭކައަކުން 25 ން، ސަތޭކައަކުން 30 އަށް މަތިކޮށްފައި. އަދި 15,000 އެމެރިކާ ޑޮލަރަށްވުރެ މަތީ ޢަދަދެއްގެ މުދާ، އެއްބޯޓަކުން އެތެރެކުރާނަމަ، ވިޔަފާރި ބޭންކްތަކުގައި ލެޓަރ އޮފް ކްރެޑިޓް ނުހުޅުވައި، މުދާ އެތެރެނުކުރެވޭ ގޮތަށް ހަމަޖައްސައި، އެލް.ސީ. އަގުގެ ދެބައިކުޅައެއްބައި ފައިސާއިން ބޭންކްގައި ބަހައްޓަންޖެހޭގޮތަށް ހަމަޖެއްސުނު. މި ފިޔަވަޅުތައް މިއެޅުނީ، ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ރަނގަޅުކުރުމަށްޓަކައި.
ވިޔަފާރި މުދާ އެތެރެކުރުން ގިނަވަމުންދިޔުމާއި، އަޅުގަނޑުމެން ބޭރު ފައިސާއިން ކުރަންޖެހޭ ޚަރަދުތައް އިތުރުވުމުގެ ސަބަބުން، ބޭރުފައިސާއަށް ބޭނުންވާ މިންވަރު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން. ބޭރުފައިސާ ހޯދޭނެ މާގިނަ ރޮނގުތަކެއް އަދި އަޅުގަނޑުމެންނަށް ފެނިފައި ނެތުމާއެކު، އަޅުގަނޑުމެން ބޭރުފައިސާއިން ކުރަންޖެހޭ ޚަރަދުތައް، މައިގަނޑު ގޮތެއްގައި މިކުރަނީ، ޓުއަރިޒަމާއި، މަސްވެރިކަމުން ލިބޭ އެއްޗަކުން. އެހެންވީމާ، މިއީ އަޅުގަނޑުމެން އެންމެންވެސް އެކަމާ ދޭތެރޭގައި ޚިޔާލުކުރަން ޖެހިފައިވާ ކަމެއް.
އަޅުގަނޑުމެންގެ ދިރިއުޅުން ބިނާކުރަން ޖެހިފައިވަނީ، މުޅިންހެން ބޭރުން އެތެރެކުރެވޭ ތަކެތީގެ މައްޗަށް ކަމަށްވާއިރު، އެތަކެއްޗަށް އަގު ދެއްކޭނެގޮތެއް ހޯދަންޖެހޭ. އަޅުގަނޑުމެން ގަންނަ ތަކެއްޗަށް އަގު ނުދެއްކޭނަމަ، އެއްވެސް ބަޔަކު އަޅުގަނޑުމެންނަކަށް އިތުބާރެއް ނުކުރާނެ. އޭރުން ފަހުން އަގުދޭން މުދާ ލިބޭނެގޮތެއްވެސް ނޯންނާނެ. އެހެންކަމުން، ބޭރު ފައިސާ ލިބޭވަރެއްގެ މައްޗަށް ބިނާކޮށް މުދާ އެތެރެކުރުމަކީ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެން ހޯދާ ބޭރުފައިސާއިން ހަމަޖެއްސޭވަރަށްވުރެ ގިނައިން ތަކެތި އެތެރެކުރާނަމަ، އަޅުގަނޑުމެންގެ ބެލެންސް އޮފް ޕޭމަންޓްސް ދެކޮޅުޖެއްސޭކަށެއް ނޯންނާނެ.
1991 ވަނަ އަހަރުގެ ބަޖެޓް
1991 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ޚަރަދުގެ ޖުމްލައަކީ، 1,086,826,436 ރުފިޔާ. (އެއް ބިލިއަން އަށްޑިހަ ހަ މިލިއަން އަށްސަތޭކަ ސައްބީސް ހާސް ހަތަރުސަތޭކަ ތިރީސް ހަރުފިޔާ. އެހެންގޮތަކަށް ދަންނަވާނަމަ، އެއްހާސް އަށްޑިހަ ހަ މިލިއަން އަށްސޭތަކަ ސައްބީސްހާސް ހަތަރުސަތޭކަ ތިރީސް ހަރުފިޔާ.) އެއީ، މިހިނގާ 1990 ވަނަ އަހަރަށް އަންދާޒާ ކުރެވުނު ބަޖެޓަށްވުރެ، ސަތޭކައަކުން 20 އިތުރު ބަޖެޓެއް. މިޢަދަދުގެ ތެރޭގައި، ޕްރޮޖެކްޓް ލޯނުން ޚަރަދުކުރެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 172.6 މިލިއަން ރުފިޔާ. ބޭރުގެ ހިލޭ އެހީގެ ޕްރޮޖެކްޓްތަކުން ޚަރަދުކުރެވޭނެ ކަމަށް ފެންނަ ޚަރަދުގެ ޖުމްލައަކީ، 172.2 މިލިއަން ރުފިޔާ.
ދެން އަޅުގަނޑު މިދަންނަވާލަނީ، ލޯނުތަކާއި، ހިލޭ އެހީވެސް ހިމަނައިގެން ތައްޔާރުކޮށްފައިވާ ބަޖެޓުގެ، 1991 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޚުލާޞާ ހިސާބެއް.
މަޖިލީހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓް ޚަރަދުގެ ޖުމްލަ، ދެންމެ ދެންނެވި ފަދައިން، އެއް ބިލިއަން، 86.8 މިލިއަން ރުފިޔާ. އެއިން ކަނޑަނީ، އަހަރު ނިމޭއިރު ޚަރަދުނުވާނެ ކަމަށް ލަފާކުރާ 105.8 މިލިއަން ރުފިޔާ. ދެން ކަނޑަނީ، އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 531.4 މިލިއަން ރުފިޔާ. ކެނޑީމާ، ޚަރަދުކުރުމަށް ފައިސާ ހޯދަން ބޭނުންވާ ކަމަށް ދައްކަނީ، 449.6 މިލިއަން ރުފިޔާ. މިފައިސާ ހޯދާނެ ގޮތަކީ، ޕްރޮޖެކްޓް ލޯނުން 172.6 މިލިއަން ރުފިޔާ. ޕްރޮޖެކްޓް އެހީން 172.1 މިލިއަން ރުފިޔާ. ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއާއި، ތަކެތި ވިއްކައިގެން ލިބޭ 20 މިލިއަން ރުފިޔާ. އެކިއެކި ބޭރުގެ އެހީގެ ކައުންޓަރޕާޓް ފަންޑުން 7 މިލިއަން. އެއީ، ޖުމްލަ 371.7 މިލިއަން. މިބައި، ފައިސާ ހޯދަން ބޭނުންވާ ކަމަށް ދެންނެވި 449.6 މިލިއަން ރުފިޔާއިން ކެނޑީމާ، ބާކީ އިތުރަށް ހޯދަންޖެހޭ ކަމަށް ދައްކަނީ 77.9 މިލިއަން ރުފިޔާ. މާނައަކީ، 77.9 މިލިއަން ރުފިޔާ ހިމެނިގެންދާނީ، 1991 ވަނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް ކަމުގައި. އެއީ، ލަފާކުރެވިފައިވާވަރަށް ޚަރަދުކުރެވި އަދި ލަފާކުރެވޭވަރަށް އާމްދަނީ ލިބޭކަމުގައިވަންޏާ. އެހެންނަމަވެސް، އަހަރުގެ ތެރޭގައި ޚަރަދުކުރުމަށް ބަދަލެއް އަތުވެއްޖިއްޔާ ނުވަތަ ލިބޭ އެއްޗަކަށް ބަދަލެއް އަތުވެއްޖިއްޔާ، މިދެންނެވި ޑެފިސިޓް، އެއަށް ބަދަލުއައުން އެކަށީގެންވޭ.
އާދެ، ތިޔަބޭފުޅުންގެ އަތްޕުޅުގައިވާ މަޢުލޫމާތު ކަރުދާސް ނަންބަރު 2 އަށް ބައްލަވާއިރު، 1991 ވަނަ އަހަރު އެންމެބޮޑު ޚަރަދެއް ހިނގާ މައިގަނޑު ބަޔަކީ، އިޖުތިމާޢީ ތަރައްޤީއަށް ކުރެވޭ ޚަރަދުކަން އެނގިވަޑައިގަންނަވާނެ. މުޅި ބަޖެޓުގެ ސަތޭކައަކުން 36 ނުވަތަ 351.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކޮށްފައި ވަނީ މިބަޔަށް. މީގެތެރެއިން، ތަޢުލީމަށާއި، ޞިއްޙަތަށް ޚަރަދު ހިނގާނޭ ކަމަށް ބެލިފައިވަނީ ދާދި އެއްވަރަކަށް. އެއީ، އެއިން ކޮންމެ ބަޔަކަށްވެސް މުޅި ބަޖެޓުގެ ގާތްގަނޑަކަށް ސަތޭކައަކުން 13. އެއީ، ތަޢުލީމަށް 131.5 މިލިއަން ރުފިޔާއާއި، ޞިއްޙަތަށް 129.8 މިލިއަން ރުފިޔާ.
ދެން އެންމެ ބޮޑު ޚަރަދެއް ލަފާކުރެވިފައިވަނީ، ރައްޔިތުންނަށް ދެވޭ ޢާންމު ޚިދުމަތުގެ ބަޔަށް. އެބަޔަށް މުޅި ބަޖެޓުގެ ގާތްގަނޑަކަށް ސަތޭކައަކުން 29 ހިނގާނެ ކަމަށް ލަފާކުރެވޭ. އެއީ، 282.2 މިލިއަން ރުފިޔާ. މީގެތެރެއިން ހިންގުމާބެހޭ ބަޔަށް ޚަރަދުވާނެ ކަމަށް ލަފާކުރެވެނީ، 142 މިލިއަން ރުފިޔާ، ނުވަތަ މުޅި ބަޖެޓުގެ ސަތޭކައަކުން 14. އަމަން ޤާއިމުކުރުމާއި، މަސްވެރިކަމުގެ ސަރަޙައްދު ބެލެހެއްޓުމަށް ޚަރަދުވާނޭ ކަމަށް ބެލިފައިވަނީ، 123 މިލިއަން ރުފިޔާ، ނުވަތަ މުޅި ބަޖެޓުގެ ސަތޭކައަކުން 12.5.
އިޤްތިޞާދީ ތަރައްޤީއަށްޓަކައި ހިނގާނޭ ކަމަށް ލަފާކުރެވިފައި ވަނީ، 263.3 މިލިއަން ރުފިޔާ، ނުވަތަ މުޅި ބަޖެޓުގެ ސަތޭކައަކުން 27. މީގެތެރެއިން އެންމެބޮޑު ޚަރަދެއް ހިނގާނޭ ކަމަށް ބެލިފައިވަނީ، ދަތުރުފަތުރާބެހޭ ޚަރަދަށް 175.8 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓުގެ ސަތޭކައަކުން 18. މިބައި މިހާބޮޑުކޮށް މިދައްކަނީ، މިބައިގެ ތެރޭގައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓާއި،
ހދ. ހަނިމާދޫއާއި، ކައްދޫގައި ހަދާފައިވާ އެއަރޕޯޓްގެ ޚަރަދާއި، މަތިންދާބޯޓް ގަތުމަށް ހިނގި ޚަރަދުވެސް ހިމެނިފައިވާތީ.
ބޭރުގެ ދަރަނީގެ ޚިދުމަތާއި، ދަރަނި އަނބުރާ ދެއްކުމަށް، 1991 ގައި ދާނެ ކަމަށް ލަފާކުރެވިފައި ވަނީ، 84 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓުގެ ސަތޭކައަކުން 8.6. މީގެތެރެއިން، ބޭރުގެ ދަރަނި އަނބުރާ ދައްކަން ޚަރަދުވާނޭ ކަމަށް ލަފާކުރެވިފައި ވަނީ، މުޅި ބަޖެޓުގެ ސަތޭކައަކުން 6 ނުވަތަ 60 މިލިއަން ރުފިޔާ.
މަޢުލޫމާތު ކަރުދާސް ނަންބަރު 6 ގައި، 1991 ވަނަ އަހަރުގެ ޚަރަދުތައް ހިންގުމަށްޓަކައި ލިބޭ ފައިސާ، އަންނަ ފަރާތްތައް އެނގިވަޑައިގަންނަވާ ގޮތަށް އޮންނާނެ. އެކަރުދާހުން އެނގިވަޑައިގަންނަވާނޭ ފަދައިން، އާމްދަނީގެ ގޮތުގައި މިއަންނަ އަހަރު ސަރުކާރަށް ލިބޭނެކަމަށް ލަފާކުރެވެނީ، 531.4 މިލިއަން ރުފިޔާ. ބޭރު ފައިސާއާއި، ކާބޯތަކެތީގެ އެހީގެ ގޮތުގައި ލިބޭ ތަކެތި ވިއްކައިގެން ލިބޭނެކަމަށް ލަފާކުރެވިފައި ވަނީ، 20 މިލިއަން ރުފިޔާ. ބޭރުގެ އެހީގެ ގޮތުގައި، ބޮޑެތި ޕްރޮޖެކްޓްތަކަށް ލިބޭނެކަމަށް ލަފާކުރެވޭވަރާއި، ތަރައްޤީގެ ޕްރޮޖެކްޓްތަކަށް ލިބޭނެކަމަށް ލަފާކުރެވޭ ހިލޭއެހީއާ ދާދި އެއްވަރު. އެއީ، އެއިން ކޮންމެ ބަޔަކަށް، ކުރިންވެސް ދެންނެވި ފަދައިން، 172 މިލިއަން ރުފިޔާ.
ބަޖެޓް މަޢުލޫމާތު ކަރުދާސް ނަންބަރު 9ން ދައުލަތަށް ލިބޭ ޖުމްލަ ފައިސާ، އެކި އަހަރުތަކުގެ މައްޗަށް ބަލާއިރު، ލިބޭވަރު ދައްކައިދޭ ޗާޓަށް ބައްލަވައިލެއްވުމުން، ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ އެނގިވަޑައިގަންނަވާނެ. 1980ގެ ކުރީގެ އަހަރުތަކުގެ ތެރޭގައި، އާމްދަނީ ލިބިފައިވަނީ ވަރަށްމަދުން. އޭގެފަހުން، ވަރަށް ހަލުއިކޮށް އާމްދަނީ އިތުރުވަމުން އައިސްފައި ހުރިކަން މިޗާޓުން ދައްކައިދޭ. ބޭރުގެ އެހީ ހިމެނިފައިވާވަރުވެސް އެއިން ފެނިވަޑައިގަންނަވާނެ.
1991 ވަނަ އަހަރު ޚަރަދުކުރެވޭނެ ކަމަށް ލަފާކުރެވިފައި ވަނީ، 981 މިލިއަން ރުފިޔާ. އަދި ހުރިހާގޮތަކުން ދައުލަތަށް ލިބޭނެކަމަށް ބެލިފައިވަނީ، 903.2 މިލިއަން ރުފިޔާ. މި ދެޢަދަދުގެ ތަފާތު ކަމުގައިވާ 77.9 މިލިއަން ރުފިޔާއަކީ، 1991 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް ކަމުގައި މިހާރު ދައްކާވަރު. ސަރުކާރުގެ އޮފީސްތަކުން 1991 އަށް ލަފާކުރެއްވި ބަޖެޓް، މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅުއްވިއިރު، ސަރުކާރަށް ލިބޭ އެއްޗަކަށްވުރެ، ސަރުކާރުގެ ޚަރަދު، 257 މިލިއަން ރުފިޔާ އިތުރުވޭ. މިނިސްޓްރީތަކުންނާއި، އޮފީސްތަކުން ބަޖެޓް ހުށަހެޅުއްވިއިރު، ލިބޭ އެއްޗަކަށްވުރެ ޚަރަދު ގިނަވާނެ ކަމަށް ހިސާބުތަކުން ދައްކަނީ، 257 މިލިއަން ރުފިޔާ. އެއީ، ބަޖެޓް ޑެފިސިޓްވާނެ ކަމަށް. އެހެންވީމާ، އެވަރުގެ ބޮޑު ޑެފިސިޓެއް އޮތުމަކީ، ހަމަޖެހޭކަމަކަށް ނުވާތީ، މިނިސްޓްރީ އޮފް ފިނޭންސުންނާއި، ބަޖެޓް ކޮމިޓީން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި، އެބަޖެޓް ޑެފިސިޓް ކުޑަކުރެއްވުމަށް. ޚާއްޞަކޮށް، އަލަށް ފަށާ ކަންތައްތައް ވެވުނުވަރަކުން މަދުކުރުމަށް ބައްލަވައިގެން، ޢިމާރާތްކުރުމުގެ ޚަރަދުވެސް ވަރަށްބޮޑުތަން ކުޑަކުރެއްވި. ޢިމާރާތް ކުރުމުގެ ޚަރަދަށް 181 މިލިއަން ރުފިޔާ އޮތް، މިނިސްޓްރީތަކުން އައިސްފައި. އެ ބައިން ގާތްގަނޑަކަށް 100 ވަރަކަށް މިލިއަން ރުފިޔާ މިހާރުވަނީ ކެނޑިފައި. އަދި ރިކަރެންޓް ޚަރަދުގެ ތެރެއިންވެސް ވަރަށްބޮޑު ބައެއް، ހަމަ ހުރިހާ އޮފީސްތަކަކުން ވަނީ އުނިކުރެވިފައި. އެހެންވީމާ، މިކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އެއްކަލަ 257 މިލިއަން ރުފިޔާގެ ޑެފިސިޓް މިހާރު މިއޮތީ އަޅުގަނޑު މިހުށަހަޅާ ބަޖެޓުގައި، 77.9 މިލިއަން ރުފިޔާއަށް ތިރިކުރެވިފައި.
ސަރުކާރުގެ ބަޖެޓުގެ ޑެފިސިޓްވާ ބައި ހަމަޖައްސަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސަރުކާރަށް ނަގާ ދަރަންޏަކުން. އެއީ، ސަރުކާރަށް ފައިސާ މަދުވެއްޖެ ހިނދެއްގައި ވަގުތީ ލޯނު ދޫކުރުމަށް، ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ދެމެދު އޮންނަ އެއްބަސްވުމެއްގެ ދަށުން.
ސަރުކާރަށް ލިބޭ ފައިސާއާއި ޚަރަދު، ދެކޮޅުނުޖެހި އޮންނަ ބައި ކޮންމެވެސްގޮތަކުން ހޯދޭތޯ ބެލުމަކީ ކުރަންޖެހޭނެ ކަމެއް. އެހެންކަމުން، ކުރިން ދެންނެވި ފަދައިން، ޚަރަދު ކުޑަކުރެވޭތޯ، 1991 ވަނަ އަހަރުގެ ޚަރަދު ކުޑަކުރެވޭތޯ ވަރަށްގިނަ މަސައްކަތްތަކެއް މިހާރުވެސް ވަނީ ކުރެވިފައި. އަދި 1991 ވަނަ އަހަރު ހިނގަމުންދާއިރުވެސް އިރާދަކުރެއްވިއްޔާ މިހާރުވެސް ކަންތައް ގެންދާގޮތަށް، އެއަހަރުގެ ޚަރަދުތައް ކުޑަކުރެވޭތޯ ވަރަށް ބޮޑަށް ސަރުކާރުން މަސައްކަތް ކުރާނެ.
އޭގެއިތުރަށް، ސަރުކާރަށް ލިބޭ އާމްދަނީ ހޯދުމުގެ ގޮތުންވެސް ބައެއް ފިޔަވަޅު އަޅަންޖެހޭ. މިކަމާ ގުޅިގެން ހުށަހަޅަންޖެހޭ ބިލްތައް، ލަހެއްނުވެ ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅޭނެ. ސަރުކާރަށް އާމްދަނީ ހޯދުމުގެ ގޮތުން މިވަގުތު ކުރަން ފެންނަ އެއްކަމަކީ، މަގުމަތީގައި ދުއްވާ އިންޖީނުލީ އެއްޗެތިން މިހާރު ނަގަމުންދާ ފީ ބޮޑުކުރުން. މިހެން ހަދަން ފެންނަ ސަބަބަކީ، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ވަރަށްބޮޑު ޚަރަދެއް ހިނގާތީއާއި، މާލެފަދަ ކުޑަ ރަށަކަށް އެކަށީގެންވާވަރަށްވުރެ އިންޖީނުލީ ދުއްވާ އެއްޗެތި މާބޮޑަށް ގިނަވަމުންދާތީ. އާމްދަނީ އިތުރުކުރުމުގެ ގޮތުން އަޅަން ފެންނަ އަނެއް ފިޔަވަޅަކީ، ވިޔަފާރި ބޭންކްތަކުން މިހާރު ނަގަމުންދާ ފައިސާގެ ޓެކްސް، ސަތޭކައަކުން 25 އަށް ހެދުން. މިހާރު އޮންނަނީ ސަތޭކައަކުން 20. އެ ސަތޭކައަކުން 25 އަށް ބަދަލުކުރުން. މީގެއިތުރުން، އިމްޕޯޓް ޑިއުޓީ މިހާރު ނަގަމުންދާގޮތަށް ބަދަލުގެނެސް، މިހާރަށްވުރެ ފަސޭހަގޮތަކަށް ޑިއުޓީ ނެގުމަށްވެސް ޚިޔާލުކުރެވިފައިވޭ.
ޢިއްޒަތްތެރި މެންބަރުން، ބަޖެޓާ ބެހޭގޮތުން މިދިޔަ އަހަރު ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި، ފަޅުރަށްރަށުންނާއި، ޓޫރިޒަމް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހުރި، ފަޅުރަށްރަށާ އެއްގޮތަށް ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުން ސަރުކާރަށް އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ހޯދޭނެ އުޞޫލެއް ރޭވުމުގެ ބޭނުންތެރިކަމުގެ މައްޗަށް ވަނީ ވާހަކަފުޅު ދައްކަވާފައި. ރާއްޖޭގައި ގާތްގަނޑަކަށް 990 ފަޅުރަށް އެބައޮތް. އޭގެތެރެއިން 76 ރަށް މިހާރުވަނީ ޓޫރިޒަމް ތަރައްޤީ ކުރުމަށް ދޫކުރެވިފައި. ދެންހުރި އެހެން ފަޅުރަށްރަށް ތަރައްޤީކުރުމަށްޓަކައި އުޞޫލެއް ހަމަޖައްސާއިރު، އެރަށްރަށް ހުރި ސަރަޙައްދުތަކުގެ ރައްޔިތުންނަށް މިހާރު އެރަށްރަށުން ލިބެމުންދާ ފަސޭހަތައް ނުލިބޭގޮތަކަށް ހަމަޖެހިއްޖެނަމަ، ދެން ވާނެ ގޮތަކާ ދޭތެރޭގައިވެސް ވިސްނަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. އެރަށްރަށުގައި ކުރަން ފަށާ މަސައްކަތްތަކަށް، ރާއްޖެއިން ބޭރުން މީހުން ގެންނަން ވެއްޖެނަމަ، ނުކުންނާނެ ތަފާތު މައްސަލަތަކުގެ މައްޗަށްވެސް ޚިޔާލުކުރަންޖެހޭ.
މިކަންކަން މިހެން ހުރުމާއެކު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފަރާތުން، ކަމާބެހޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން، މިކަމާބެހޭ ރިޕޯޓެއް ތައްޔާރުކުރެއްވުމުގެ މަސައްކަތް މިހާރު އެބަ ކުރައްވާ. އެ ރިޕޯޓް ލިބުމަށްފަހު، ސަރުކާރުން ފަޅުރަށްތަކާ ދޭތެރޭގައި މިހާރަށްވުރެ ރަނގަޅު އުޞޫލެއް ކަނޑައެޅިދާނެ ކަމަށް އަޅުގަނޑު ދެކެން. މިފަދަ ކަމެއް ހަމަޖެހިގެންދިޔުމަށް ވަގުތު ބޭނުންވާނެ. އެހެންކަމުން، އެފަދަ ފިޔަވަޅެއް އެޅޭނެ މަގު ތަނަވަސްވަންދެންވެސް، ފަޅުރަށްރަށުން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވާނެ ގޮތްތަކާމެދު ސަރުކާރުން މިގެންދަނީ ވިސްނަމުން.
ރާއްޖޭގައި ސަރުކާރަށް އެންމެބޮޑު އާމްދަނީއެއް ލިބޭ އެއް ދާއިރާއަކީ ޓޫރިޒަމް. އެހެންކަމާއެކު، ޓޫރިސްޓް ރިޒޯޓްތައް ހަދާފައިވާ ރަށްރަށުން ސަރުކާރަށް ނެގޭ ކުލީގެ މައްސަލައިގައިވެސް ސަރުކާރުން މިހާރު މިގެންދަނީ ވިސްނަމުން. ޓޫރިސްޓް ރިޒޯޓް ހަދާފައިވާ ހުރިހާ ރަށްތަކަކުންވެސް، އެއް އުޞޫލަކުން ސަރުކާރަށް ކުލި ލިބޭނޭގޮތަކާމެދު ވިސްނާވަޑައިގެން، ރިޕޯޓެއް ހުށަހެޅުއްވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރައްވަމުން މިހާރު އެބަ ގެންދަވާ. އަވަސް މުސްތަޤްބަލެއްގައި އެކަމަށްވެސް މިހާރަށްވުރެ ހަމަޖެހޭ އުޞޫލެއް ކަނޑައެޅޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.
ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގެ ތަރައްޤީގައި އިޖްތިމާޢީ ކަންތައްތަކާއި، އިޤްތިޞާދީ ކަންތައްތައް، އެކަންކަމަށް ދޭންވީ އެންމެބޮޑު އަހަންމިއްޔަތެއް ދީގެން ކުރިއަށް ގެންދެވޭތޯ ސަރުކާރުން މިގެންދަނީ މަސައްކަތް ކުރަމުން. ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަކީ، ތަނުގައި އުފެދޭ ތަކެއްޗާއި ފައިސާ ލިބެންހުރިވަރަކުން އަދި މާޙައުލު ތަންދިން މިންވަރަކުން ކުރިއަށް ގެންދެވޭނެ ކަމެއް. އަޅުގަނޑުމެން ފަދަ ކުދި ޤައުމުތަކުގައި، ފައިސާ ލިބުމުގެ ފުރުޞަތު ތަނަވަސްވާ ގޮތެއްގެ ސަބަބުން، ވަކި އަހަރެއްގައި ވަކި ދާއިރާއެއްގެ ޚަރަދު ބޮޑުކޮށް ދައްކަފާނެ. އެކަމަކަށް ފައިސާ ލިބެނީ ބޭރުގެ އެހީއެއްގެ ދަށުން ކަމަށްވެސް ވެދާނެ. އެޚަރަދުވެސް އަޅުގަނޑުމެން ބަޖެޓުގައި މިގެންދަނީ ހިމަނަމުން. އެހެންކަމުން، ސަރުކާރުގެ ބަޖެޓުގައި ވަކި އަހަރަކު، ވަކި ދާއިރާއެއްގެ ޚަރަދު ބޮޑުވުމަކީ، ސަރުކާރުން ވަކިކަމަކަށް މާބޮޑު އަހަންމިއްޔަތެއްދޭތީ ވާކަމެއް ކަމަށް ނިންމުމަކީ، އިންޞާފުވެރި ގޮތެއް ކަމަކަށް ނުވާނެ. އެހެން މިދެންނެވީ، މިއަހަރު ނުވަތަ 1991 ވަނަ އަހަރު، މިސާލަކަށް، ޞިއްޙަތާއި ތަޢުލީމަށް ވާނެ ޚަރަދު ކަމަށް އަޅުގަނޑު މިދެންނެވީ، ބަޖެޓުގެ ސަތޭކައަކުން 13. މީގެ ކުރީ އަހަރެއްގައި ހިނގައްޖެ، ތަޢުލީމަށް ސަތޭކައަކުން 13 އަށްވުރެ އިތުރަށް ޚަރަދުވެފައި. ޞިއްޙަތަށް ސަތޭކައަކުން 6 ޚަރަދުވެފައި. އޭގެ މާނައަކީ، ސަރުކާރުން ޞިއްޙީ ދާއިރާއަށް އިސްކަންނުދޭ ވާހަކައެއް ނޫން. ނުދޭކަމެއް ނޫން، އެއިން ދައްކާ އެއްޗަކީ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދެވެނީ، އޭގެ ވަރަށްބޮޑު ބައެއް، ބޭރުގެ އެހީ ލިބިގެން ކަމަށްވާތީ، އެފަހަރަކު އެހީ ލިބޭ ބަޔަކަށް، ބަޖެޓުގެ އެބަޔަކަށް އޮންނާނީ އެފައިސާ ވަދެފައި. އެހެންވީމާ، އެއަހަރު ކުރެވޭ ޚަރަދު ބޮޑުކޮށް ދައްކާނެ. ސްކޫލްތަކެއް ހަދާ އަހަރެއްގައިވިއްޔާ، ތަޢުލީމާބެހޭ ބައިގެ ޚަރަދު ބޮޑުކޮށް ދައްކާނެ. އެހެންވީމާ، އެކި އަހަރު، އެކި ދާއިރާއަށް ބަޖެޓުގެ ނިސްބަތް، ސަތޭކައަކުން ޖެހޭވަރު ތަފާތުކޮށް ދެއްކި ނަމަވެސް، އެއިން އެ ދައްކަނީކީ، އެއް އަހަރަކު ސަރުކާރުން އެއް ދާއިރާއެއް އިހްމާލުކޮށްފައި، އަނެއް ދާއިރާއަކަށް މާބޮޑު އަހަންމިއްޔަތެއްދޭ ގޮތަކަށް ނޫން. މިދެންނެވި ގޮތަށް، ބަޖެޓް ހަމަޖައްސަންޖެހޭތީ، އެކި އަހަރު ތަފާތުގޮތަށް އެނިސްބަތް ދައްކަނީ.
މަޖިލިސްގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ރާއްޖޭގެ އިޤްތިޞާދުގައި އަމިއްލަ ފަރާތްތަކުގެ ރޯލު ވަރަށްބޮޑު. އަދި ދުވަހެއް ދުވަހަކަށް އެބައި ދަނީ ފުޅާވަމުން، ބޮޑުވަމުން. އަމިއްލަ ފަރާތްތަކުން ބޮޑެތި ބައެއް މަސައްކަތް ހިންގަވަމުން ގެންދަވަނީ ތަޢުރީފް ޙައްޤުވާފަދަ ގޮތެއްގައި.
ހިކި ކަނޑުމަސް އެކްސްޕޯޓް ކުރުން، މިއަހަރު ވަނީ އަމިއްލަ ފަރާތްތަކަށްވެސް ދޫކޮށްލެވިފައި. އަދި ކާޑުގެ ތަކެއްޗާއި ބޭސް އެތެރެކުރުމަށްވެސް ވަނީ އަމިއްލަ ފަރާތްތަކަށް ފުރުޞަތު ދެވިފައި. މިކަންކަމުގެ ފުރިހަމަ ނަތީޖާ އަދި އެނގޭވަރެއްނުވޭ. އަޅުގަނޑުމެން ބަލަންޖެހޭނީ، ރައްޔިތުންނަށް މިކަމުގެ ސަބަބުން ލިބޭނެ ފައިދާއަކީ ކޮބައިތޯ. އަދި ޖުމްލަކޮށް، ޤައުމަށް ލިބޭނީ ކިހާވަރެއްގެ ފައިދާއެއްތޯ.
އަމިއްލަ ފަރާތްތަކުން ކުރާ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި، ޓޫރިސްޓް ރިޒޯޓްތައް ތަރައްޤީކޮށްގެން ހިންގުމުގެ އިތުރަށް، ވިޔަފާރިއާއި، މަސްވެރިކަމުގެ މަސައްކަތްތަކާއި، ބޯޓްފަހަރު ދުއްވުމާއި، ފެކްޓްރީ ފަދަ ތަންތަން ހަދައިގެން، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުން ހިމެނޭކަން އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން.
މަޖިލިސްގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މަޖިލިހަށް އަޅުގަނޑު މި ހުށަހެޅީ، ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދިޔުމަށާއި، އިޖްތިމާޢީ ކަންތައްތައް ހެޔޮގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ ކަންތައްތައް ހިމެނޭގޮތުން ތައްޔާރުކޮށްފައިވާ، 1991 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް. އަހަރީ ބަޖެޓަކީ، އެއް އަހަރު ދުވަހަށް ރޭވޭ ކުރު މުއްދަތެއްގެ ބަޖެޓެއް ކަމުގައިވިޔަސް، މިކަން ކުރެވެމުން މިދަނީ ދިގު މުއްދަތެއްގެ މަޤްޞަދުތަކެއް ޙާޞިލްކުރުމަށްޓަކައި.
ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމައްޗަށް އަޅުގަނޑު މި ބަޖެޓް މި ހުށަހަޅަނީ، ތަރައްޤީގެ މަގުގައި ޤައުމު ކުރިއަށް ގެންދިޔުމުގައި، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބޭނޭކަމުގެ ފުރިހަމަ ޔަޤީންކަމާއެކު. އާދެ، ސަރުކާރުގެ މަޤްޞަދަކީވެސް، އަދި ތިޔަ ޢިއްޒަތްތެރި މަޖިލިސްގެ މަޤްޞަދަކީވެސް، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް އިތުރު ލާބައާއި މަންފާ ހޯދައިދިނުން. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު ދަމަހައްޓައި، ރައްޔިތުންނާއިގެން ތަރައްޤީއާއި ތަހުޒީބުގެ މަގުގައި ކުރިއަށްދިޔުން.
އަޅުގަނޑުގެ މި ވާހަކަކޮޅު ފަރުވާތެރިކަމާއެކު އެއްސެވިކަމަށްޓަކައި، ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް ޝުކުރު ދަންނަވަން. ތިޔަބޭފުޅުންގެ ޚިދުމަތް އަޅުގަނޑު ވަޒަންކުރަނީ، އުފަލާއި ހިތްހަމަޖެހުމާއެކު.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ޝުކުރު އަދާކުރަންޖެހޭ ފަރާތްތަކެއްވާކަން ފާހަގަކޮށްލަން. އާދެ، ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓް ތައްޔާރުކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ވަރަށްގިނަ، ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވައިގެން. އެތައް ހިސާބުތަކެއް ހޯއްދަވައިގެން. އެހެންކަމާއެކު، މި މަސައްކަތް، އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ވަރަށް އިޚްލާޞްތެރިކަމާއެކު ކުރެއްވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަލްފާޟިލް އިސްމާޢީލް ފަތުޙީއަށް އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރު ދަންނަވަން. އަދި އޭނާގެ ބެއްލެވުމުގެ ދަށުން އެ މިނިސްޓްރީގައި ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރެއްވި އެހެން ވެރިންނާއި މުވައްޒަފުންވެސް އަޅުގަނޑުގެ ޝުކުރުގައި ޝާމިލްކުރަން. ހަމައެއާއެކު، ބަޖެޓް ކޮމިޓީގެ މެންބަރުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަނީ، އެބޭފުޅުން ކޮށްދެއްވި ބުރަ މަސައްކަތުގެ އަގުވަޒަންކުރަމުން. އަޅުގަނޑުގެ މި ޝުކުރު ނިންމާލާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފައިސާއާއި ބަޖެޓާބެހޭ ބައިގެ މުވައްޒަފުންގެ ފަރާތުން، ބަޖެޓާބެހޭ މަޢުލޫމާތުތައް ހޯދުމުގައި އަޅުގަނޑަށް ލިބިފައިވާ ގިނަގުނަ އެހީތަކަށްޓަކައި އެފަރާތްތަކަށްވެސް ޝުކުރު ދަންނަވަމުން.
ދިވެހިރާއްޖެ، ތަރައްޤީގެ މަގުގައި އަމާންކަމާއި ހަމަޖެހުމާއި ހަލުއިކަމާއެކު ކުރިއަށް ގެންދިޔުމުގެ މަގު اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ފަހިކޮށްދެއްވާށި! ޤައުމާއި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި، ސަރުކާރުންނާއި ރައްޔިތުން ކުރާ އިޚްލާޞްތެރި މަސައްކަތްތަކުގައި ބަރަކާތް ލައްވައި، އެމަސައްކަތްތަކުގެ ފައިދާ އެކަލާނގެ ތަނަވަސް ރަޙްމަތްފުޅުން އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! އާމީން.
والسّــلام عليــكم ورحـمــة اللّـه وبـركاتـه.