ކާބޯތަކެތީގެ ރައްކާތެރިކަމަކީ ޢާންމު ޞިއްޙަތާއި އިޤްތިޞާދީ ވިލުންތެރިކަމުގެ ބިންގާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރެއްވުމަށް ސާބިތު ޢަޒުމެއްގައި ހުންނެވިކަން ހާމަކުރައްވާފައެވެ.

މި އަހަރުގެ ޝިޢާރު، "ފުޑް ސޭފްޓީ: ސައިންސް އިން އެކްޝަން" އަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިބަލިން ރައްކާތެރިވުމުގައްޔާއި ޢާންމު ދުޅަހެޔޮކަން ޤާއިމުކުރުމުގައި އަދި އިޤްތިޞާދު ހަރުދަނާ ކުރުމުގައި ސައިންސާއި އެވިޑެންސް-ބޭސްޑް ދިރާސާ އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

ޢާންމުން ބޭނުންކުރާ ހުރިހާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެތަކެއްޗަކީ ހަށިގަނޑަށް ފައިދާހުރި، އަދި އިތުބާރުކުރުވޭ މިންގަނޑުތަކަށް އުފައްދާ ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރުން ދެއްވާ އަހުމިޔަތުކަން ތަކުރާރުކުރައްވައި، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ އެޖެންޑާއަށް ހުރިހާ ފެންވަރެއްގައި އެއްބާރުލުން ދިނުމުގައި އެކުގައި މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ކަމާ ގުޅޭ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ވަނީ ވަކި މެސެޖެއްވެސް ފޮނުއްވާފައެވެ. އެ މެސެޖުގައި އެމަނިކުފާނު ވަނީ، 2024 ވަނަ އަހަރު ތަންފީޒުކުރި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަކީ، ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެ ޤާނޫނުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ ޒިންމާތައް އިތުރުކޮށް، ރާއްޖޭގެ ކާބޯތަކެތީގެ އޮނިގަނޑުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގައި އިސް ދައުރެއް އަދާކުރާނޭ ފުރުޞަތު އެ އިދާރާއަށް ލިބިގެންދިޔައެވެ.

މިއަދުގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.އެފް.ޑީ.އޭ އިން ހިންގާ މީސްމީޑިއާ ކެމްޕެއިން "މުކައްބަ" އަކީ ޢާންމުންގެ ޚިޔާލު ހޯދުމަށް ހިންގާ ކާމިޔާބު، އުފެއްދުންތެރި، އަދި ދުރުވިސްނުން ފެންނަ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި އެ މަސައްކަތައް ތަޢުރީފުކުރައްވާފައެވެ. މީގެ އިތުރުން، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ކާބޯތަކެތީގެ ވިޔަފާރިވެރީންނަށް އަމާޒުކޮށްގެން ހިންގާ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. އަދި، އެއީ ޖަވާބުދާރީކުރެވޭ މިންވަރު އިތުރުކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ މާހައުލެއް އުފެއްދުމަށް މުހިއްމު މަސައްކަތްތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގައްޔާއި ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް މި ސަރުކާރުން އެއްބާރުލުން ދެއްވާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.