بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربِّ العـالمـين، والصّـلاة والسّـلام علٰـى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، މިރޭ އަޅުގަނޑުމެން މިތާނގައި މި ބާއްވާ ބައްދަލުވުމަކީ، ދެންމެ ސަރުކާރު މުވައްޒަފުންގެ ނާދީގެ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް މުޙަންމަދު މަނިކު އެ ވިދާޅުވި ފަދައިން، ނާދީގެ ފަރާތުން ރަމަޟާންމަހަށް މަރްޙަބާ ކިޔުމަށްޓަކައި އަދި އެ މާތް މައްސަރުގެ ހެޔޮއެދުމާއި ތަހުނިޔާ އަޅުގަނޑުމެން އެކަކުއަނެކަކަށް ރައްދުކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެއް.

މި އުފާވެރި ބައްދަލުވުމަށް އަޅުގަނޑަށާއި ނަސްރީނާއަށް ދަޢުވަތު ދެއްވިކަމަށްޓަކައި، ނާދީގެ ވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ނަސްރީނާ ކޮންމެވެސްކަމަކާ މަޝްޣޫލުވެގެން އުޅޭތީ މިރޭ މިތަނަށް ނާދެވުނު ކަމުގައިވިޔަސް އަޅުގަނޑުމެން ދެމީހުންގެ ފަރާތުން ނާދީގެ ހުރިހާ މެންބަރުންނަށާއި، ނާދީގެ ވެރިންނަށާއި މުވައްޒަފުންނަށް މި ބަރަކާތްތެރި މައްސަރުގެ ހެޔޮއެދުމާއި ތަހުނިޔާ ރައްދުކުރަން.

އާދެ، ދެންމެ އެގްޒެކެޓިވް ޑިރެކްޓަރުގެ ވާހަކަފުޅުގައި އެދިވަޑައިގަތީ، އަޅުގަނޑު ޢިލްމީ އަދި ދީނީގޮތުން ވާހަކަދައްކަން. އެހެންނަމަވެސް، މިކަހަލަ ކުޑަކުޑަ ފުރުޞަތެއްގައި އެގޮތުން މާގިނަ ވާހަކަ ދެއްކޭނެކަމެއް ނޭނގެ. ދެން އަޅުގަނޑުގެ ޤާބިލިއްޔަތުވެސް އެވަރަކަށް ނެތް. އެހެންވީމާ، ކޮންމެހެން އަދި ޢިލްމީ، ދީނީ ނަޒަރަކުން ނޫންނަމަވެސް، ރަމަޟާންމަހާ ބެހޭގޮތުން ކޮންމެވެސް އެއްޗެއް ދަންނަވާލެވޭތޯ އަޅުގަނޑު ބަލާނަން.

އާދެ، އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާފަދައިން، ބަރަކާތްތެރި ރަމަޟާންމަހަކީ މާތްﷲ އަހަރަކު އެއްފަހަރު އަޅުގަނޑުމެންގެ މި އިސްލާމީ އުންމަތަށް ތަނަވަސްކޮށްދެއްވާ ރަނުގެ ފުރުޞަތެއް. އެ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ، އޭގެސަބަބުން އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށާއި، އަޅުގަނޑުމެންގެ މުޖުތަމަޢަށާއި، ޤައުމަށާއި އަދި އަޅުގަނޑުމެންގެ ޢާއިލާތަކަށް ވަރަށްބޮޑެތި ފައިދާތަކެއް ކުރާނެކަމެއް. އެހެންވީމާ އަޅުގަނޑު އެދެނީ اللهُ سُبْحَانَهُ وَتَعَالَى މި މާތް މައްސަރުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވުން. މި މަހުގެ ރޯދަ ހިފުމާއި އަދި ތަރާވީޙު ނަމާދުކުރުމާއި އަދި އެ ނޫންވެސް ހެޔޮޢަމަލުތައް ކުރުމުގެ މަގު އަޅުގަނޑުމެންނަށް ފަހިކޮށްދެއްވައި، އެކަންކުރުމުގެ ހިތްވަރާއި، ޤާބިލުކަމާއި، ކުޅަދާނަކަން އަޅުގަނޑުމެންނަށް ދެއްވުން.

އާދެ، ޝައްކެއްނެތްގޮތުގައި، މި މާތް ބަރަކާތްތެރި ރަމަޟާންމަހަކީ އަޅުގަނޑުމެން އެންމެންނަށް މާތްﷲ ލައްވާފައިވާ، ވަރަށް މަތިވެރި ރަޙްމަތެއް. އެ ރަޙްމަތް އަޅުގަނޑުމެންނަށް ލެއްވިކަމަށްޓަކައި އެކަލާނގެ ޙަޟްރަތަށް މިފަދަ ކޮންމެ ފުރުޞަތެއްގައި އަޅުގަނޑުމެން ޙަމްދާއި ޝުކުރު ދަންނަވަންޖެހޭނެ. ހަމަ އެއާއެކީގައި ކުރިންވެސް ދެންނެވިފަދައިން، މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފޭތޯ އަޅުގަނޑުމެން މަސައްކަތްކުރަންވާނެ.

އާދެ، ރަމަޟާންމަހަކީ މި ދެންނެވި ދީނީ ހެޔޮކަންތައްތައް، އާދެ، ނަމާދުކުރުމާއި، ޤުރްއާން ކިޔެވުމާއި، ގިނަގިނައިން ދުޢާކުރުމާއި އަދި މިނޫންވެސް ހެޔޮޢަމަލުތައް ކުރުމުގެ އިތުރުން، އަޅުގަނޑުމެންނަށް އިޖްތިމާޢީ ފައިދާތަކެއްވެސް ގެނެސްދޭ މަހެއް. އާދެ، މި މަހަކީ އަޅުގަނޑުމެންގެ އިޖްތިމާޢީ ގުޅުންތައް ބަދަހިކޮށް، އެކަކު އަނެކަކާ ދޭތެރޭގައި އަޅުގަނޑުމެންގެ ހިތުގައި އޮންނަ ޝުޢޫރު، އެއީ ހެޔޮ ޝުޢޫރަކަށް ހަދައި، ކޮންމެ މީހަކުވެސް އަނެކާއާމެދު ހިތްހެޔޮކޮށް، ރަޙްމަތްތެރިކަން ބަދަހިކޮށް، ހެޔޮގުޅުމުން ގުޅުމުގެ ފުރުޞަތެއް. އެހެންވީމާ، އަޅުގަނޑު ހިތުން ސަރުކާރު މުވައްޒަފުންގެ ނާދީގެވެސް ވަރަށްބޮޑު މަޤްޞަދެއް، އަޅުގަނޑުމެންގެ މެދުގައި މި އޮންނަ އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުން. އެ ގުޅުންތައް ދެމެހެއްޓުން. އަޅުގަނޑުމެންގެ މެދުގައި އޮންނަ ރަޙްމަތްތެރިކަމާއި އެކުވެރިކަން ވަރުގަދަކޮށް ހަރުދަނާކުރުން. އެހެންވީމާ، އަޅުގަނޑުހިތުން މި މާތް ރަމަޟާންމަހުގެ ފުރުޞަތު އެގޮތުންވެސް އަޅުގަނޑުމެންނަށް ބޭނުންކުރެވިދާނެ.

އާދެ، ސަރުކާރު މުވައްޒަފުންގެ ނާދީއަކީ މި ދެންނެވިފަދަ އިޖްތިމާޢީ ގުޅުންތައް މެންބަރުންގެ މެދުގައި ޤާއިމުކޮށް ހަރުދަނާކުރުމަށް އުފެދިފައިވާ ތަނެއް. އޭގެތެރޭގައި އެކި ބާވަތްބާވަތުގެ ކުޅިވަރުކުޅުންވެސް ހިމެނޭ. އާދެ، މި ކަންތައްތަކަކީވެސް އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ރަޙްމަތްތެރިކަމާއި އެކުވެރިކަން އިތުރުކޮށްދޭ ކަންތައްތަކެއް.

އާދެ، އަޅުގަނޑުމެން މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހާ ކުރިމަތިލާއިރު އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ޤައުމީ ހަދިޔާއެއް ވަނީ ލިބިފައި. އެ ވާހަކަ އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވޭ. އާދެ، އެ އުފާވެރި ޤައުމީ ހަދިޔާއަކީ މިއަދު ދިވެހި ޤައުމީ ފުޓްބޯޅަޓީމު އަޅުގަނޑުމެންނަށް އެ ގެނެސްދިން މަތިވެރި ކާމިޔާބީ. އެކަމަށްޓަކައި ދިވެހި ޤައުމީ ފުޓްބޯޅަޓީމުގެ ހުރިހާ ކުޅުންތެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކޮށް، މަރްޙަބާކިޔައި، ޝުކުރު އަދާކުރަން.

އާދެ، އަޅުގަނޑުހިތުން މިއަދުގެ މެޗް ހިމެނިގެންދާނީ، އަޅުގަނޑުމެންގެ ކުޅިވަރުގެ ތާރީޚުގައި ވަރަށް މުހިންމު މެޗެއްގެ ގޮތުގައި. އަޅުގަނޑުގެ ބައެއް ކަންތައްތައް ހުރިގޮތުން ދަނޑަށް ނުދެވުނު ކަމުގައިވިޔަސް، ހަމަ މެޗް ފެށުނީއްސުރެ ނިމެންދެން އަޅުގަނޑު ޓީ.ވީ.ގެ ޒަރިއްޔާއިން ބަލަން އިނީމޭ ދެންނެވުމަކީ ދޮގަކަށްނުވާނެ. ހަމަ ކޮންމެ ލަނޑެއްޖެހީމާވެސް އަޅުގަނޑުގެ ހިތަށް ވެރިވެގެންދިޔަ، ޤައުމީ ޝުޢޫރާއި އުފާވެރިކަމަކީ ދަންނަވަން އެނގޭ ވަރަށްވުރެވެސް މާ މަތިވެރި ޝުޢޫރެއް. އާދެ، އަދި އަޅުގަނޑު ދުށްގޮތުގައި މިއަދު އަޅުގަނޑުމެންގެ ޤައުމީޓީމު ކާމިޔާބުކުރި ކުރުމުގައި ފަހުހާފުގައި އެ ޖެހި ދެގޯލަކީ، ވަރަށް މޮޅު ދެ ގޯލު. އެހެންވީމާ، އެކަންވެސް އަޅުގަނޑުމެން ޖެހޭނެކަންނޭނގެ ހަނދާންކުރަން. އަޅުގަނޑުމެންގެ ކުޅުންތެރިއެއް، އާދެ، އަޝްފާޤު، އޭނަ ދެވަނަ ގޯލުވެސްޖެހީ ވަރަށް މޮޅަށް ކުޅެފައި. އެއީ އަޅުގަނޑު ދަންނަވާނީ ޓީމުގެ ކުޅުންތެރިން އެކުލަވާލައިގެން ކުޅެމުންދިޔަ ކުޅުމެއްގެ ވަރަށް މޮޅު ނިމުމެކޭ. އޭނާ ޖެހި ދެވަނަ ގޯލު، އަޅުގަނޑުމެންގެ ޓީމުގެ ތިންވަނަ ގޯލަކީ ވަރަށްމޮޅު ގޯލެއް. އޭނަގެ އަމިއްލަ ކުޅަދާނަކަމާއި ހުނަރުވެރިކަން ވަރަށްބޮޑަށް ފެނިގެންދިޔަ ގޯލެއް. އަޅުގަނޑު ދަންނަވާނީ އެއީ ހަމަ ދުނިޔޭގެ ފެންވަރުގެ ގޯލެކޭ. އާދެ، އެކަމަށްޓަކައި އަޝްފާޤަށް، ޚާއްޞަ ގޮތެއްގައި އަޅުގަނޑު ވަރަށްބޮޑަށް ތަހުނިޔާކިޔައި މުބާރަކްބާދީ އަދާކުރަން. އަޅުގަނޑު އެދެނީ އޭނާއަކީ، އަދި އޭނާއާ އެކީގައި އެ ކުޅޭ ދިވެހި ޤައުމީ ޓީމުގެ ކުޅުންތެރިންނަކީ ކުރިޔަށްއޮތްތާނގައިވެސް އަޅުގަނޑުމެންނަށް އިތުރު އުފާތައް ގެނެސްދޭނެ ކުޅުންތެރިންކަމުގައިވުން.

އާދެ، އަޝްފާޤުގެ ގޯލުގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ، އެއީ ބޭރު ތަންތާނގައިވެސް އެ ޤައުމެއްގެ ކުޅުންތެރިޔަކު މޮޅު ގޯލެއް ޖަހައިފިއްޔާ އެ ވާހަކަ ވަރަށް ގިނައިން ދައްކާނެ. ޑޭވިޑް ބެކަމް ގޯލެއް ޖަހައިފިއްޔާ އެ ނިމުނީ ކަންތައް. އެވާހަކައެއް ނުހުއްޓޭނެ. އެހެންވީމާ، އަޅުގަނޑުމެންގެ ކުޅުންތެރިއަކުވެސް މިވަރު މޮޅު ގޯލެއްޖެހީމާ އެ ވާހަކަ އަޅުގަނޑުމެން ދައްކަންޖެހޭނެ. އަޅުގަނޑުމެންގެ ނޫސްތަކުގައިވެސް ލިޔަންޖެހޭނެ. ޓީ.ވީ.އިންވެސް، ރޭޑިޔޯއިންވެސް ކިޔަންޖެހޭނެ. އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ފަޚުރެއް. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ ހަމަ އަޅުގަނޑު އިސްވެ އެވާހަކަ މިރޭ މިތާނގައި ދަންނަވާލާނަމޭ.

އާދެ، ކޮންމެއަކަސް އެއީ އަޅުގަނޑު ދެންނެވިފަދައިން، އަޅުގަނޑުމެންނަށް މިއަދު ލިބިގެންދިޔަ ވަރަށް މަތިވެރި ޤައުމީ ހަދިޔާއެއް. އެކަމަށްޓަކައި އަދިވެސް އެއްފަހަރު ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އަޅުގަނޑުގެ އިޚްލާޞްތެރި މަރްޙަބާއާއި ތަހުނިޔާ އަދާކުރަން. އަދި ޓީމުގެ މެނޭޖްމަންޓަށާއި، ކޯޗަށްވެސް މި މުނާސަބަތުގައި އަޅުގަނޑު ޝުކުރު އަދާކުރަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ މާތް اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން މި ކުރިމަތިލާ ބަރަކާތްތެރި ރަމަޟާންމަހުގެ ދަރުމަޔާއި، ޘަވާބާއި، މަޣްފިރަތު، އަޅުގަނޑުމެން އެންމެންނަށް ތަނަވަސްކޮށްދެއްވުން އެދި ދުޢާކުރަމުން. އަދި އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވުންއެދި އެކަލާނގެ ޙަޟްރަތުގައި އިބްތިހާލުވަމުން. ހަމައެއާއެކު، އަޅުގަނޑުމެންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙު ވަރުގަދަކުރުމުގެ ތައުފީޤާއި، ވިސްނުން އަޅުގަނޑުމެންނަށް ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވަމުން.

والسّلام عليكم ورحمـة اللّـه وبركاته.