بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيِّدالمرسلين، سيِّدنا محـمَّدٍ وعلـى آلـه وأصـحابه أجمـعـين.

އާދެ، މިރޭ އަޅުގަނޑު މިތަނަށް އައުމުން، އަޅުގަނޑުގެ ހަނދާނަށް އަންނަނީ، މީގެ ފަސްދޮޅަހަކަށް އަހަރު ކުރީގެ ހަނދާންތަކެއް. އާދެ، އަޅުގަނޑު ކުޑައިރު، އަތޮޅުތަކުގެ ބައެއް ރަށްރަށަށް ބައްޕަގެ އަރިހުގައި ޒިޔާރަތްކުރިން. އެ ޒިޔާރަތް ކުރިކުރުމުގައި ފެނުނު ބައެއް މަންޒަރު މިރޭ އަޅުގަނޑަށް ފެނިގެންމިދަނީ. އާދެ، އޭރު ރާއްޖޭގައި އުޅެނީ މުޅިން ރިޔާދޯނިފަހަރު. ރިޔާތަކާއި އަދި ދަނޑިފަނުން ހަދާފައި ހުންނަ ގޭގެއާއި، އަދި ފަންގިން ހަދާފައި ހުންނަ މިކަހަލަ ތަކެއްޗާ މި އެއްޗެއްސަކީ އޭރު އަޅުގަނޑުމެންނަށް ފެންނަންހުރި މަންޒަރުތައް. އެހެންވީމާ، އަޅުގަނޑުގެ ހިތަށް ވަރަށްބޮޑު ފިނިކަމެއް މިރޭ ލިބިގެންއެބަދޭ، އަޅުގަނޑުމެންގެ މި ޘަޤާފަތު، ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިންވެސް ހިފެހެއްޓެމުން ދާތީ.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން އޮތީ، މީގެ ފަސްދޮޅަހަކަށް އަހަރު ކުރީގެ ވާހަކައެއްނޫން. އެހެންނަމަވެސް ތަންކޮޅެއް ކުރީގެ ވާހަކައެއް. އާދެ، މީގެ 38 އަހަރު ކުރީގެ ވާހަކައެއް. އާދެ، އެއީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުވުމުގެ 6 އަހަރު ކުރި. އެނގިވަޑައިގަންނަވާނެފަދައިން، ދެންމެ ވާހަކަފުޅު ދެއްކެވި، މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ މުޞްޠަފާ ލުޠުފީގެ ވާހަކަފުޅުގައިވެސް އަޅުގަނޑުމެންގެ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުވީ 1972 ވަނަ އަހަރު ކަމުގައި ވަނީ ވިދާޅުވެފައި. އެއީ ހަމަ ތެދުފުޅެއް. އޭގެ 6 އަހަރު ކުރިން އާދެ، 1966 ވަނަ އަހަރު، ރާއްޖެއިން ބޭރުގައި ހުންނެވި ދިވެހި ބޭފުޅަކު ލިޔުއްވި މަޒުމޫނެއްގެ ވާހަކަ މިރޭ އަޅުގަނޑުގެ ވާހަކަ ފަށަމުން ދަންނަވާލިއަދެއްވާނެ ކަމަށް ހީކުރަން.

އާދެ، އެ މަޒުމޫނުގައި އޭނާ ލިޔުއްވާފައިވާ ބައެއް ޢިބާރާތްތައް އަޅުގަނޑު ދަންނަވާލާނަން. އޭނާ ވިދާޅުވޭ. "އެއްވެސް އޮޅުމެއްނެތެވެ. އިޤްތިޞާދީ ނަޒަރަކުން ބަލާއިރު، ސައްޔާޙުން އެކިއެކި ޤައުމުތަކަށް ޒިޔާރަތްކުރުމަކީ، އެ ޤައުމުތަކަށް ލިބޭ ވަރަށްބޮޑު ފައިދާއެކެވެ. ސިޔާޙަތުގެ ނަޒަރަކުން ދިވެހިރާއްޖެއަށް ބެލުމުގެ ކުރިން، އަޅުގަނޑުމެން މިކަމަށް އަހަންމިއްޔަތުކަމެއް ދޭންޖެހިއްޖެކަމަށް ދިވެހިރާއްޖެއާމެދު ލިޔެފައިވާ މުއައްރިޚުންގެ ޢިބާރާތްތަކުންވެސް އެނގިފައިވެއެވެ. މީގެ ތިރީހަކަށް އަހަރު ކުރިން (އާދެ، އެއީ އަޅުގަނޑު މި ދަންނަވަނީ، 1966ގައި ބޭފުޅަކު ލިޔުއްވި މަޒުމޫނެއް. އޭގެ ތިރީހަކަށް އަހަރު ކުރިން) 1930ގެ އަހަރުތަކުގެ ކުރީކޮޅުގައި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވި މިޞްރުގެ ލިޔުންތެރިއެއް ކަމުގައިވާ، ޑޮކްޓަރ ޙުސައިން ފައުޒީގެ ޢިބާރާތުންނަމަ، "ދިވެހިރާއްޖެއަކީ، އިންޑިއަން އޯޝަންގައިވާ "ސުވަރުގެ" އެކެވެ. ރާއްޖެއަކީ، ޤުދުރަތީ މިޔުޒިއަމެކެވެ. ދިވެހިރާއްޖެއަކީ، މީހަކަށް ޚިޔާލީ ހުވަފެނެއްގައިވެސް ފެންނާނެ އެންމެ ރީތި ޤުދުރަތީ އެއް އަޖައިބެވެ. އެހެންކަމުގައި ވަނީނަމަ، އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށްލުމަށް އަންނާނެ މީހުން ދުނިޔޭގައި ތިބޭނެކަމާމެދު އެއްވެސް އޮޅުމެއްނެތެވެ. އެންމެ ފުރިހަމަގޮތުގައި އަރާމުކުރާ ޗުއްޓީއެއް، މަޑުމައިތިރި ޖައްވެއްގައި ހޭދަކުރުމަށްޓަކައެވެ. "ފެންމަތީގައިވާ ސުވަރުގޭގެ" ޤުދުރަތީ މަންޒަރުތައް ބެލުމަށްޓަކައެވެ. ދިވެހިރާއްޖޭގެ ހިތްފަސޭހަ ބީޗުތަކުގައި އަރާމުކުރުމަށްޓަކައެވެ."

އާދެ، މި ދަންނަވާލީ، މި ދެންނެވި ބޭފުޅަކު 1966 ވަނަ އަހަރު އާދެ، ރާއްޖެއަށް ޓޫރިޒަމް ތަޢާރުފްވުމުގެ 6 އަހަރު ކުރިން ލިޔުއްވާފައިވާ، މަޒުމޫނެއްގެ ތަންކޮޅެއް. އާދެ، އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، ރާއްޖެއަށް ފަތުރުވެރިކަން ނުވަތަ ޓޫރިޒަމް ތަޢާރުފުކުރުމުގެ ޚިޔާލު ގެންގުޅުނީކީ، ބިދޭސީންނެއްނޫނޭ. އަޅުގަނޑުމެންގެ ތެރޭގައިވެސް އެ ޚިޔާލު އުޅުނޭ. އަދި ރާއްޖޭގެ މީހުންގެ ތެރެއިން ރާއްޖޭގައި ތިބި މީހުން، އެ ޚިޔާލު ކުރި ކުރުމުގެ އިތުރަށް، ރާއްޖެއިން ބޭރުގައި އޭރު ކިޔަވަންތިބި ދިވެހި ޒުވާނުންވެސް ހަމަ އެ ޚިޔާލު ކުރަމުން ގެންދިޔައޭ. އެހެންވީމާ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކުރުމުގެ ޚިޔާލު ފުރަތަމަ ގެންގުޅުނީ ބިދޭސީއެކޭ ބުނާބުނުން އެއީ ޙަޤީޤަތަކަށް ނުވާހެން އަޅުގަނޑަށް ހީވަނީ. އެ ޚިޔާލު ރާއްޖޭގައިވެސް މިއޮތީ އުޅެފައި. އަދި ރާއްޖެއިން ބޭރުގައި ޝާއިޢުކުރެވުނު މަޖައްލާއެއްގައި، އާދެ، ދިވެހިބަހުން 1966 ވަނަ އަހަރު ޝާއިޢުކުރެވުނު މަޖައްލާއެއްގައި ކޮންމެވެސް ބޭފުޅަކު ވަނީ މި ދެންނެވި ޢިބާރާތްތައް ލިޔުއްވާފައި. އަދި ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީ ކުރެވިއްޖިއްޔާ، އޭގެ ސަބަބުން ރާއްޖެއަށް އަންނާނެ ކުރިއެރުމާ ދޭތެރޭގައިވެސް ވަރަށް މުހިންމު ޚިޔާލުފުޅުތަކެއް ހުށަހަޅުއްވާފައި. އާދެ، މި މަޒުމޫނު ލިޔުއްވި ބޭފުޅަކާއި، ލިޔުއްވި މަޖައްލާއެއްގެ ވާހަކަ، ފަހުން އަޅުގަނޑު ދަންނަވާލާނަން.

އާދެ، މިއަދަކީ، މި އަހަރުގެ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަސް. އެހެންވީމާ، މި މުނާސަބަތު ފާހަގަކުރެއްވުމުގެގޮތުން، މިނިސްޓްރީ އޮފް ޓޫރިޒަމާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑާއި، މަޓީއާ ގުޅިވަޑައިގެން، މިރޭ މި ބާއްވަވާ ޙަފްލާގައި ބައިވެރިވުމަކީ އަޅުގަނޑަށާއި، ނަސްރީނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މި މުނާސަބަތުގެ ތަހުނިޔާ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށާއި، ފަރާތްތަކަށާއި، މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށާއި، އެ މިނިސްޓްރީގެ ވެރިންނަށާއި، މުވައްޒަފުންނަށާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ ވެރިންނަށާއި، މުވައްޒަފުންނަށާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ މެންބަރުންނަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން.

އާދެ، މިރޭގެ މި ޙަފްލާގައި އަޅުގަނޑުގެ އެންމެއިސް އެއް ވާޖިބަކީ، އަޅުގަނޑުމެންގެ އާ މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް، ތަހުނިޔާ ދެންނެވުން. ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ، ސަރުކާރުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއް. ވަރަށް މަތީ ފެންވަރަކަށް ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅެއް. ވަރަށް ޤާބިލް ބޭފުޅެއް. މިފަދަ ބޭފުޅެއްގެ ތަޢުލީމާއި ތަޖުރިބާޔާ އެކީގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ތަރައްޤީއާއި، ކުރިއެރުން އަންނަމުން ދާނެކަމަށް އަޅުގަނޑު ޔަގީންކުރަން. އަދި އެ މަނިކުފާނުގެ މަސައްކަތްޕުޅަށް ފުރިހަމަ ކާމިޔާބީއަށް އެދެން.

އާދެ، އަޅުގަނޑުމެންގެ އާ މިނިސްޓަރ އޮފް ޓޫރިޒަމުގެ ވާހަކަ ދަންނަވާއިރު، އަޅުގަނޑުމެންގެ ކުރީގެ މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް ޙަސަން ޞާބިރުގެ ވާހަކަވެސް ދަންނަވާލަންޖެހޭ. އާދެ، ޞާބިރަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރެއްވުމަށް، ވަރަށް ހީވާގިކަމާއެކު ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެއް. އެކަން މިތާނގައި މިތިބި، އަޅުގަނޑުމެން އެންމެންވެސް ރަނގަޅަށް ދަންނަން. ރާއްޖެއަކީ، މުޅި ދުނިޔޭގައިވާ، ފަތުރުވެރިކަމުގެ އެންމެ މަޤްބޫލު އެއްމަންޒިލްކަމަށް ހެއްދެވުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރެއްވުމަށް، އޭނާ ކުރެއްވި މަސައްކަތްޕުޅުތަކުގެ މަތިން ހަނދާންކޮށް، އޭނާއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިފަދަ އުފާވެރި މާޙައުލެއްގައި، މިފަދަ ހިތްފަސޭހަ ޖަލްސާއެއްގައި، އަޅުގަނޑުމެންގެ ހިތަށް ކުޑަކޮށް ނުތަނަވަސްކަން އަންނަކަހަލަ ވާހަކައެއް ދަންނަވާލުމަކީ އަޅުގަނޑު ވަރަށް ޖެހިލުންވާ ކަމެއް. ވަރަށް ހިތާމަވެސް ކުރާ ކަމެއް. އެހެންނަމަވެސް، ޙަޤީޤަތާ ކުރިމަތިލުމަކީ ކުރަންޖެހޭނެ ކަމެއްކަމަށްވާތީ، އަޅުގަނޑުގެ ހިތުގައި މިހާރު ހިނގަމުންދާ ބައެއް ކަންތައްތަކާ ބެހޭގޮތުން، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުވެގެން އަންނަ ބައެއް ކަންތައްތަކާ ބެހޭގޮތުން އެއްޗެއް ދަންނަވާލުމަކީ ހަމަ، ކުރަންވެއްޖެކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، ރާއްޖެއާ ބެހޭގޮތުން، ޙަޤީޤަތެއްނެތް ވާހަކަތައް ފަތުރައި، ރާއްޖޭގެ ފަތުރުވެރިކަން ފުނޑުފުނޑުކޮށްލުމަށް ބައެއް ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުން އެބަ ގެންދޭ. މިކަމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަމުންދަނީ، ދިވެހިންގެ ބަޔަކު ކަމަށްވާކަމީ، އަޅުގަނޑުމެން ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭ ކަމެއް. މިދިޔަ އޮގަސްޓުމަހުގެ 12 ވަނަ ދުވަހުގެރެޔާއި، 13 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާއާ ބެހޭގޮތުންވެސް ޙަޤީޤަތެއްނެތް މަޢުލޫމާތުތަކެއް، ކަނޑައެޅިގެން ދޮގު މަޢުލޫމާތުތަކެއް، މި ދެންނެވި މީހުން ރާއްޖެއިން ބޭރުގައި ފަތުރަމުން އެބަ ގެންދޭ. އަދި ރާއްޖެއަށް އެކިގޮތްގޮތުން ދަތިކުރުމަށް، ބޭރުގެ ފަރާތްތަކަށް ގޮވާލަމުންވެސް އެމީހުން އެބަ ގެންދޭ. އާދެ، ޝައްކެއްނެތް، މިއީ އަޅުގަނޑެކޭ އެއްފަދައިން، ތިޔަ ހުރިހާ ބޭފުޅުންވެސް އަދި ދިވެހިރާއްޖޭގެ ރައްޔިތުންވެސް ވަރަށްބޮޑަށް ހިތާމަކުރައްވާނެ ކަމެއް.

މި ދޭތެރެއިން، ޔޫރަޕިއަން ޕާލަމެންޓުގައި، ފާސްކުރި ޤަރާރެއް، ފާސްކޮށްފައި މިވަނީވެސް އަޅުގަނޑު މި ދެންނެވި ދިވެހިންގެ އޮޅުވާލުމާއި އެމީހުންގެ މަކަރުވެރި ރޭވުންތަކަށް، ޔޫރަޕިއަން ޕާލަމެންޓުގެ ބައެއް މެންބަރުން ހެއްލިގެން. އެކަން އަޅުގަނޑުމެންނަށް ރަނގަޅަށް ސާބިތުވާން އެބަހުރި. އަދި އެއީ، މި ދެންނެވި ދިވެހިން ރާއްޖެއާ ބެހޭގޮތުން، އަދި ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭގޮތުން، ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތަކެއް އެފަރާތްތަކަށް ދީގެން އެމީހުން ކުރި މަސައްކަތެއް. އެހެންނަމަވެސް، މިޔަކީ މިކަން މުޅިން ނިމިގެންދާނެ ގޮތެއްނޫން. ދިވެހި ސަރުކާރުވެސް ރާއްޖެއަށް ކުރިއެރުން ހޯދައިދޭން، ރާއްޖެއަށް ރީތިނަން ހޯދައިދޭން، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމަށްޓަކައި މަސައްކަތްކުރަމުން ގެންދާނެ. މިހާރުވެސް އެ މަސައްކަތް މިގެންދަނީ ކުރަމުން.

އެހެންވީމާ، ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޔޫރަޕިއަން ޕާލަމެންޓުން، މި ދެންނެވިކަހަލަ ޤަރާރެއް ފާސްކުރިކަމުގައިވިޔަސް، އެއަކަށް ދުނިޔޭގެ އެއްވެސް ފަރާތަކުން މާބޮޑު ތަރުޙީބެއް ނުލިބުނު. އަޅުގަނޑު ހިތުން އެއީ އަޅުގަނޑުމެން އެންމެން ވަރަށް ބޮޑަށް އުފާކުރަންޖެހޭނެ ކަމެއް. ޔޫރަޕިއަން ޕާލަމެންޓުގައި، މި ދެންނެވި ވޯޓު ނެގުމާ ގުޅިގެން، އެފަދަ ފިޔަވަޅެއް އެޅުމަކީ ފެންނަކަމެއްނޫން ކަމަށް، އެދުވަހުގެ ބައްދަލުވުމުގައި، ޔޫރަޕިއަން ކޮމިޝަނުން ވަނީ ބުނެފައި. އެހެންވީމާ، އެއީ ދިވެހިރާއްޖެއަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް. އަދި ޔޫރަޕިއަން ޔޫނިއަންގެ އަސާސީ ތިން ތަނބުގެ ތެރެއިން އެންމެ ބާރުގަދަ ތަނބުކަމުގައިވާ، ޔޫރަޕިއަން ކައުންސިލުންވެސް މިފަދަ ފިޔަވަޅަކަށް މަރްޙަބާ ނުކިޔާނެކަމުގެ އިޝާރާތް މިހާރުވަނީ ސަރުކާރަށް ލިބިފައި. އެހެންވީމާ، މިގޮތުން އަޅުގަނޑުމެންނަށް އަދި ބޭރުގައި ތިބި ދިވެހިންގެ ބަޔަކު ރާއްޖޭގެ ފަތުރުވެރިކަން ހަލާކުކޮށްލުމަށް މަސައްކަތްކުރަމުން ގެންދިޔަޔަސް، ސަރުކާރުންނާއި، ދިވެހި ރައްޔިތުންނާއި އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނާ، މި އެންމެން އެކުވެގެން މިކުރާ މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވިއްޔާ މިދަނީ ފެންނަމުން.

އާދެ، ރާއްޖެ ބަދުނާމުކޮށް ވާހަކަދައްކާ ފަރާތްތަކުން، ރާއްޖޭގެ ފަތުރުވެރިކަމުގެ އަގު ވައްޓާލުމުގެ މަޤްޞަދުގައި ދައްކާ ވާހަކަތަކުގެ ތެރޭގައި، ރާއްޖޭގެ މޫދާއި، ހުދު ދޮންވެލީގެ ފަސްގަނޑަކީ، ލެއިން ފޯވެފައިވާ ގޮނޑުދޮށްތަކެއްކަމަށް ބުނުން ހިމެނޭ. ފަތުރުވެރިން ރާއްޖެ އައުމުގެ ސަބަބުން، ދިވެހިރައްޔިތުން ތިބެންޖެހެނީ ބަނޑަށްޖެހިފައިކަމަށް ބުނުން ހިމެނޭ. މިބާވަތުގެ ޙަޤީޤަތެއްނެތް ވާހަކަތައް އެމީހުން، އެމީހުންގެ އަމިއްލަ މަޤްޞަދުތަކެއް ޙާޞިލުކުރުމަށްޓަކައި ފަތުރަމުން އެ ގެންދަނީ. މިކަމަށް އަޅުގަނޑުމެން ދިވެހި ރައްޔިތުން ޖެހޭނެ ވަރަށް ބޮޑަށް ހޭލުންތެރިވާން.

އާދެ، ރާއްޖޭގެ ފަތުރުވެރިކަން ފުނޑުފުނޑުކޮށްލުމަކީ، ރާއްޖޭގެ އިޤްތިޞާދު ހަލާކުކޮށްލުން. އެއީ، ރާއްޖޭގެ ކުރިމަގު ބަނަކޮށްލުން. ރާއްޖޭގެ ތަރައްޤީއަށް ހުރަސްއެޅުން. އަޅުގަނޑުމެންގެ ޅަދަރިންގެ ތަޢުލީމަށް ހުރަސްއެޅުން. އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތައް ހުއްޓާލުމަށް މަސައްކަތްކުރުން. އެންމެފަހުކަމަކަށް ވާނީ، ދިވެހި ރައްޔިތުން ވަރަށް ނިކަމެތި ޙާލެއްގައިޖެހުން. އާދެ، މީގެ 50 އަހަރު، 60 އަހަރު ކުރިން ރާއްޖެ ދުށްކަހަލަ ބަނޑުހައިހޫނުކަމުގެ ދުވަހެއް ފެނިގެންދިއުން. އެއީ، އެހެން މި ދެންނެވީ، ކޮންމެބަޔަކު ކުރާ މަސައްކަތެއްގެ ސަބަބުން ނަމަވެސް ބޭރު ދުނިޔޭގައި ރާއްޖޭގެ ތަޞައްވުރު އެކަށީގެންނުވާ ދަރަޖައަކަށް ގޯސްވެއްޖިއްޔާ، ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވެގެންދާނެ. ރާއްޖެއަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ ހުއްޓިގެންދާނެ. ރާއްޖެ މިހާރު ކުރިޔަށްމިދާ ދިޔުން މަޑުޖެހުމަކަށް އަންނާނެ. އަޅުގަނޑު މި ދެންނެވިކަހަލަ ހިތި ނަތީޖާތަކެއް އެދުވަހުން، އަޅުގަނޑުމެންނަށްޖެހޭނީ ކުރިމަތިލާން. އެހެންވީމާ، އެފަދަ ނަތީޖާތަކަކާ އަޅުގަނޑުމެން ޖެހޭނީ ކުރިމަތިލާން. އެހެންނަމަވެސް މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުގެ ހިތުގައި ވަރަށްބޮޑު ޔަގީންކަމެއް އެބައޮތް، ދިވެހިރައްޔިތުން، ދިވެހިރާއްޖެއަށް މިފަދަ ހިތާމަވެރި ދުވަހެއް އަންނާކަށް ބޭނުންފުޅެއްނުވާނެ. ދިވެހިރައްޔިތުން އެކަމަކަށް ފުރުޞަތެއް ނުދެއްވާނެ. ދިވެހިރައްޔިތުން ސާބިތުކަމާއި، ޢަޒުމާއެކީގައި މަސައްކަތްކުރައްވާނީ، ރާއްޖެ އިތުރަށް ތަރައްޤީކުރެއްވުމަށް. ރާއްޖެއަށް ހުރިހާ ރޮނގަކުންވެސް ކާމިޔާބީތަކާއި، އުސްމިންތައް ޙާޞިލްކުރެވޭތޯ ބެއްލެވުމަށް. ރާއްޖޭގެ ރައްޔިތުންނަށް ފަހިގޮތްތައް ހޯއްދަވައިދެއްވުމަށް. ރާއްޖޭގެ އިޤްތިޞާދު އެއްދުވަހުން އަނެއްދުވަހަށް މަތިކުރައްވައި، އަޅުގަނޑުމެން އުންމީދުކުރާ ލަނޑުދަނޑިތަކާ ހަމައަށް ރާއްޖެ ގެންދެވުމަށް. މިކަން މިއީ، ޝައްކެއްނެތްގޮތެއްގައި ދިވެހި ރައްޔިތުން ކަންތައް ކުރައްވާނެގޮތް. އެހެންވީމާ، މަދުބަޔަކު އެބައެއްގެ އަމިއްލަ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ރާއްޖެއިންބޭރުގައި ކިތަންމެ ނޭދެވޭ މަސައްކަތްތަކެއް ކުރިޔަސް އަދި ބޭރުގެ ޖަމާޢަތްތަކެއްގެ ހިޔާވަހިކަމުގައި ތިބެގެން މިފަދަ މަސައްކަތްތަކެއް ކުރިކަމުގައިވިޔަސް، އެމީހުންނަށް ހަމަ ވާނީ ނާކާމިޔާބު. މިއީ އެއްވެސް ޝައްކެއްއޮތް ކަމެއްނޫން. މާތްﷲގެ ވާގިފުޅާއެކު ނަޞްރު ލިބޭނީ، ޙައްޤުގައި ތިބި ބަޔަކަށް. ނަޞްރުލިބޭނީ، އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް.

އާދެ، ފަތުރުވެރިކަން މިއަދު ހިމެނިފައި މިވަނީ، ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް ތަނބު ކަމުގައި. މި ވޭތުވެދިޔަ ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ކުރިއެރުންތަކުގައި އެންމެ ބޮޑު ޙިއްޞާއެއް ކޮށްފައިވަނީ ފަތުރުވެރިކަމުން. ރާއްޖޭގެ އިޖުތިމާޢީ، އިޤްތިޞާދީ ދާއިރާތަކަށް ބަލާއިރުވެސް އަދި ވަޒީފާގެ ބާޒާރަށް ބަލާއިރުވެސް، މިކަމުގެ ހެކިތައް އެހެރީ ފެންނަން. ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް، އެކަމުގެ ފައިދާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިދިނުމަށް ސަރުކާރުން މިގެންދަނީ މަސައްކަތްކުރަމުން. އެގޮތުން ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފަތުރުވެރިކަން ތަޢާރުފުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު މިވަނީ ފަށާފައި. އާދެ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، މިހާރު ބިޑަށް ހުށަހެޅިފައިވާ ރަށްތަކުގެ ކަންތައްތައް މުޅިން ނިމުމުން، އިތުރު 11 ރިޒޯޓު ރާއްޖޭގައި އިރާދަކުރެއްވިއްޔާ ހުޅުވިގެންދާނެ. އެހެންވީމާ، އޭގެ ސަބަބުން ރާއްޖޭގެ ހުރިހާ އަތޮޅަކަށްވެސް މިހާރަށްވުރެ ބޮޑަށް ފަތުރުވެރިކަމުގެ ފައިދާ ކުރަމުންދާނެ.

އާދެ، ފަތުރުވެރިކަމުގެ ފައިދާއަކީ، މިހާރުވެސް ރާއްޖޭގެ ހުރިހާ ކަމަކަށްވެސް ލިބެމުންދާ ފައިދާއެއް. އަޅުގަނޑުމެންގެ އިޖުތިމާޢީ ކުރިއެރުމަށްވެސް އޭގެ ފައިދާ އެބަ ލިބޭ. އަޅުގަނޑުމެންނަށް މަދަރުސާތައް އަޅައި، މަދަރުސާތައް މިހިންގެނީ، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތައް އަޅައި، އެ ތަންތަން މި ހިންގެނީ، އަދި އެނޫންވެސް އަޅުގަނޑުމެންގެ ތަރައްޤީއަށް ބޭނުންވާ އިޖުތިމާޢީ އެކިއެކި ކަންތައްތަކާއި އަދި އިޤްތިޞާދީ ޕްރޮގްރާމްތަކާއި، މަޝްރޫޢުތައް މިހިންގެނީ ފަތުރުވެރިކަމުން ވަރަށް ބޮޑު ފައިދާއެއް ވަމުންދާތީ. ފަތުރުވެރިކަމަށް ހުއްޓުމެއް އަތުވެއްޖެއްޔާ، އަޅުގަނޑު މި ދެންނެވި އެހެން ކުރިއެރުންތަކަށްވެސް ވަރަށްބޮޑު ހުއްޓުމެއް ނައިހެއް ނުދާނެ. އެހެންވީމާ، މި މަސައްކަތް އާދެ، ފަތުރުވެރިކަމުގެ ފައިދާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިދެވޭތޯ ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތް އިރާދަކުރެއްވިއްޔާ މިހާރުވެސް މިކުރަމުން ދާގޮތަށް އަދި އެއަށްވުރެވެސް މާބޮޑަށް އިރާދަކުރެއްވިއްޔާ ކުރިޔަށްއޮތްތާނގައި ސަރުކާރުން ކުރަމުންގެންދާނެ. އާދެ، އެކަމުގެ ސަބަބުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމާމެދަކު ޝައްކެއްނެތް.

ފަތުރުވެރިކަމަކީ، ވަރަށް ވާދަވެރި މަސައްކަތެއް. ވަރަށް ވާދަވެރި މަސްރަޙެއްގައި، ޖައްވެއްގައި ކާމިޔާބުކުރަންޖެހޭ މަސައްކަތެއް. ރާއްޖެއާ އަވަށްޓެރި ޤައުމުތަކުގައިވެސް ފަތުރުވެރިކަމުގެ މަސައްކަތް ތަރައްޤީކުރަމުން އެބަ ގެންދޭ. އެހެންވީމާ، އަޅުގަނޑުމެން ރާއްޖޭގެ ފަތުރުވެރިކަން އިތުރު މަންޒިލްތަކަކަށް ގެންދިއުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުން މިހާރަށްވުރެ ހަރުދަނާކުރަންވެއްޖެ. އިޝްތިހާރުކުރުން އިތުރުކުރަންވެއްޖެ. މިހާރުވެސް އަޅުގަނޑުމެން މިދަނީ އިޝްތިހާރުކުރަމުން. މިކަމުގައި ޓޫރިޒަމް ޕްރޮމޯޝަން ބޯޑާއި، މަޓީއާއި އަދި އެ ޓޫރިޒަމުގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް ވަރަށް ބޮޑު ޙިއްޞާއެއް ކުރައްވަމުން އެބަގެންދަވާ. އެހެންވީމާ، މިކަމަކީ އަޅުގަނޑު ހިތުން ކުރިޔަށް އޮތްތާނގައި އަދި މިހާރަށްވުރެވެސް ބޮޑަށް ކުރަމުންގެންދަންޖެހޭނެ ކަމެއް. އާދެ، ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ ނިސްބަތާ ގުޅޭގޮތުން އިސްކަންދޭންޖެހޭ ކަންތައްތަކެއްވެސް އެބަހުރި. އެ ކަންތައްތަކަށް އަޅުގަނޑުމެން އިސްކަންދޭންޖެހޭނެ. އޭގެތެރޭގައި، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، އަޅުގަނޑުމެންގެ ޤުދްރަތީ ވެށްޓާއި، އިޖްތިމާޢީ ވެށީގެ އަމިއްލަވަންތަކަން އަޅުގަނޑުމެން ދަމަހައްޓަން އެބަޖެހޭ. ރާއްޖޭގައި މިއޮތް އަމަންއަމާންކަމާއި، ޞުލްޙަ މަޞްލަޙަތާއި، ސިޔާސީ އަދި އިޖްތިމާޢީ ހަމަޖެހުން ބަދަހިކޮށް ދަމަހައްޓަންޖެހޭ. މީހުން ބިނާކުރުމުގައި ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ސަމާލުކަމެއްދޭން އެބަޖެހޭ. މި ހުރިހާ ކަމަކީ އަޅުގަނޑުމެންގެ ރާއްޖޭގެ ފަތުރުވެރިކަން ކުރިޔަށް ގެންދިއުމަށްޓަކައި، އަދި ޚާއްޞަކޮށް މިފަދަ ވާދަވެރި މާޙައުލެއްގައި މަސައްކަތް ކުރަމުންގެންދާއިރު، އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭނެ ކަންތައްތަކެއް.

އާދެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދެވަނަ ޤައުމީ މަޝްރޫޢު މި އަންނަ އަހަރު، 2005 ވަނަ އަހަރު ނިމޭނެ. ތިންވަނަ މަޝްރޫޢެއް އެކުލަވާލުމުގެ މަސައްކަތް މިހާރު މިވަނީ ފަށަންޖެހިފައި. ފަތުރުވެރިކަމުގެ ތިންވަނަ ޤައުމީ މަޝްރޫޢު ހިންގުމުގައި، އަޅުގަނޑުމެން ވިސްނަންވީ މުހިންމު ދާއިރާތައް ކަނޑައަޅައި، އެ ދާއިރާތަކަށް އަމާޒުކޮށްގެން މިމަޝްރޫޢު އެކުލަވާލުމަކީ، ވަރަށް ބޭނުންތެރިކަމެއް. އާދެ، އަޅުގަނޑުމެންގެ ވިހިވިހީގެ ތަޞައްވުރުގައިވެސް، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގެ ވާހަކަ ވަރަށް ރަނގަޅަށް ބުނެފައިވާނެ. އޭގައި ލަނޑުތަކެއް ކަނޑައެޅިފައިވޭ. އެހެންވީމާ، އަޅުގަނޑުމެންގެ ވިހިވިހީގެ ތަޞައްވުރުގައިވާ ލަނޑުދަނޑިތަކާއި، އަދި އެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރަންޖެހޭ މަސައްކަތްތައް އެކުލެވޭގޮތުން، ފަތުރުވެރިކަމުގެ ރޮނގުން އަޅުގަނޑުމެން ކުރިޔަށް މިހާރު މި ތައްޔާރުކުރަމުންދާ މާސްޓަރ ޕްލޭނުގައި އެ ކަންތައްތައް އެގޮތަށް އެކަށައެޅިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް.

އާދެ، މިރޭގެ މި އުފާވެރި ޙަފްލާގައި، ސަރުކާރުން އެކިއެކި އިނާމުދޭ ކަންތައްތަކަށް، އިނާމު ދިނުމުގެ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އާދެ، އެ އިނާމުތައް، އެ އިނާމުތައް ޙައްޤުވާ ފަރާތްތަކަށް ހަވާލުކުރުމުގެ އުފަލާއި ޝަރަފް އަޅުގަނޑަށް ވަނީ ލިބިފައި. އެހެންވީމާ، ފަތުރުވެރިކަމުގެ ދާއިރާގައި މީހުން ބިނާކުރުމަށް މިދިޔަ އަހަރު އެންމެބޮޑަށް މަސައްކަތްކޮށްފައިވާ ރިޒޯޓުކަމަށް ހޮވުނު ކުޑަހުރާގައި ހިނގަމުންދާ ފޯރ ސީޒަންސް ރިޒޯޓަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު މުބާރަކްބާދީ އަދާކުރަން. އަދި މިދިޔަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށީގެ ރޮނގުން އެންމެ ބޮޑަށް މަސައްކަތްކޮށްފައިވާ ރިޒޯޓަކަށް ސަރުކާރުންދޭ ފެހިރިޒޯޓު އިނާމު ލިބުނު ބެނިޔަންޓްރީ މޯލްޑިވްސްއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކުރަން. މީގެއިތުރުން، މިއަހަރު ރާއްޖެއިން ބޭރުން އެކިއެކި އެވޯޑާއި، ސެޓްފިކެޓާއި، އިނާމު ޙާޞިލުކުރި ހުރިހާ ރިޒޯޓް، ހޮޓާތަކަށްވެސް އަޅުގަނޑު ތަހުނިޔާ އަދާކުރަން.

އާދެ، އަޅުގަނޑުގެ ވާހަކަ ފަށަމުން ދަންނަވާލިން، މީގެ 38 އަހަރު ކުރިން ބޭފުޅަކު ލިޔުއްވި މަޒުމޫނެއްގެ ވާހަކަ. އަދި އެއީ، ކޮން މަޖައްލާއެއްގައި ޝާއިޢުކުރެވުނު އެއްޗެއްކަމަށް ދަންނަވާލާނެ ކަމަށްވެސް، އަޅުގަނޑު މި ވާހަކަ ފަށަމުން ދަންނަވާލާފައިވާނެ. އެހެންވީމާ، އެވާހަކަ ދެން ދަންނަވާލަންކަމަށް. އާދެ، އަޅުގަނޑު މިދެންނެވި މަޒުމޫނު ޝާއިޢުކުރެވުނީ، ދިވެހި ކިޔަވާކުދިންގެ ބަޔަކު ދިވެހި ބަހުން 1966 ވަނަ އަހަރު ނެރުނު މަޖައްލާއެއްގައި. އެ މަޖައްލާއަށް ކިޔަނީ "ރޭނީސް". އޭގެ ފުރަތަމަ އަދަދުގައި، މި ވާހަކަ ވަނީ ބޭފުޅަކު ލިޔުއްވާފައި. އާދެ، އެ މަޒުމޫނު ލިޔުއްވި ބޭފުޅަކީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅެއްނޫން. އެހެންނަމަވެސް އޭނާގެ ޚިދުމަތްތައް ތަފާތު ރޮނގުރޮނގުން ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ވަނީ ލިބިފައި. އަދި މިހާރުވެސް ލިބެމުން އެބަދޭ. އާދެ، އެބޭފުޅަކީ އަޅުގަނޑުމެންގެ ތަޢުލީމާބެހޭ ވުޒާރާގައި ވަރަށްގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ، އަދި މިހާރު އަނެއްކާވެސް ތަޢުލީމާބެހޭ ކަމެއްގައި މަސައްކަތްޕުޅު ފަށްޓަވާފައިވާ ބޭފުޅެއް. އަދި ދިވެހި ޒުވާނުންނާއި، ކުޅިވަރު ތަރައްޤީކުރުމަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް މީގެކުރިން ކުރައްވާފައިވާ ބޭފުޅެއް. އާދެ، އަޅުގަނޑުގެ ޢިއްޒަތްތެރި އަޚް ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން.

އާދެ، އަޅުގަނޑު ކުރިންވެސް ދަންނަވާލިފަދައިން، އަޅުގަނޑުގެ ބޭނުމަކީ، މިކަހަލަ ޚިޔާލުކުރުމަކީ ހަމައެކަނި ބިދޭސީން ކުރާ ކަމެއްނޫނޭ. އަޅުގަނޑުމެންގެ ރާއްޖެއަކީ، އަޅުގަނޑުމެންގެ ރާއްޖެ. އަޅުގަނޑުމެންގެ ރާއްޖޭގެ ކުރިއެރުމަށް އެންމެ ބޮޑަށް ވިސްނަންވީބަޔަކީ އަޅުގަނޑުމެން ދިވެހިންނޭ. އެހެންވީމާ، މިކަހަލަ އުފެއްދުންތެރި، ބިނާކުރަނިވި ޚިޔާލުތައް، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތްތަކުގައިވެސް ހަމަ އުތުރިއަރައޭ. އަޅުގަނޑުމެންނަށް އޭރު ނުވެއޮތްކަމަކީ، އެކަންކުރުމުގެ ވަސީލަތްތައްނެތީ. އެހެންވީމާ، އެކަމަށް ކުޑަކޮށް އަޅުގަނޑުމެން ތައްޔާރުވާން ވަގުތުކޮޅެއް ދިޔައީ. އެއީ، ރާއްޖެއަކީ، ކުރިން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މާއްދީ މާބޮޑެތި ވަސީލަތްތަކެއް ހުރި ޤައުމެއްނޫން. މިކަހަލަ ކަމެއް ފެށުމަށް، އާދެ، ފަތުރުވެރިކަން ކަހަލަ ޞިނާޢަތެއް ފެށުމަށް އެކަށީގެންވާ ފައިސާ ހޯދުމަކީ، އޭރު އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ކުރެވޭ ޒާތުގެ ކަމަކަށްނުވޭ. އެކަން އެހެންއޮއްވާ، އެހެންނަމަވެސް، އެ ޚިޔާލު އަޅުގަނޑުމެންގެ ތެރޭގައި ހުރި. އަޅުގަނޑަށް ޔަގީން، އަޅުގަނޑު މި ދެންނެވި ބޭފުޅެއްގެ އިތުރުން، ރާއްޖޭގައި ތިބި ދިވެހިންގެ ކިތަންމެ ބަޔަކުވެސް މި ޚިޔާލު އޮންނާނީ ކޮށްފައި. އަދި ކިތަންމެ ބައެއްގެ ހުވަފެނަކަށް މިކަން އޮންނާނީ ވެފައި. އެހެން އޮތްނަމަވެސް، މާތްﷲގެ ވާގިފުޅާއެކު، މިކަން ޙަޤީޤަތަކަށް މިވީ، ބޭރުން ބަޔަކު އައިސްގެން ރާއްޖެ ދެކެފައި. ރާއްޖޭގައި މިކަން ކުރެވިދާނެކަމަށް އެމީހުންނަށްވެސް ޔަގީންވެގެން. އެ މީހުންގެ ފައިސާއިން، އެމީހުންގެ އެހީތެރިކަމާއެކީގައި. އެހެންވީމާ، ކޮންމެގޮތެއްގައިވެސް މިއިންވެސް އަޅުގަނޑުމެންނަށް މި ދައްކައިދެނީ، އަޅުގަނޑުމެންގެ ކުރިއެރުން މިއީ އަޅުގަނޑުމެންގެ ތެރެއިން ފެށިގެން އަންނަ ކަމެއްކަމުގައިވިޔަސް، އަޅުގަނޑުމެންގެ ޚިޔާލާއި އަޅުގަނޑުމެންގެ ޘަޤާފަތާއި، އަޅުގަނޑުމެންގެ އުސޫލުތަކާއި، އާދަކާދައާ އެއްގޮތްވާގޮތުގެމަތިން ކުރިޔަށް ގެންދެވޭ ކަމެއް ކަމުގައިވިޔަސް، މިކަމުގައި ބޭރުގެ އެހީތެރިކަމާއި އެއްބާރުލުންވެސް ވަރަށް ބޮޑަށް ބޭނުމޭ. އެއީ އަޅުގަނޑުމެންނަށް މިއިން މިލިބޭ ފިލާވަޅަކީ، މިހާރުވެސް ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވަމުން މިދަނީ، މި ދެންނެވި ހުރިހާ ފަރާތެއްގެ އެއްބާރުލުމާއި، ގުޅުން އޮވެގެން. ބައިވެރިވުން އޮވެގެން. މުސްތަޤްބަލުގައިވެސް އެކަންވާނީ އެހެން.

އެހެންވީމާ، އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ފަތުރުވެރިކަން އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވުމުގެ މަގު މާތްﷲ އަޅުގަނޑުމެންނަށް ފަހިކޮށްދެއްވުން. އަޅުގަނޑުމެންގެ ރާއްޖެ، އަބަދުވެސް ތަރައްޤީގެ މަގުގައި ކުރިޔަށްދެވޭނެ މަގު އެކަލާނގެ ތަނަވަސްކޮށްދެއްވުން. ބާޣީންނާއި، ދުޝްމަނުންގެ ނުރައްކާތަކުން ރާއްޖެ ސަލާމަތްކުރައްވައި، ރާއްޖޭގެ ރައްޔިތުން އަމަންއަމާންކަމާއި، ޞުލްޙަ މަސަލަސްކަމާއި، އެކުވެރިކަމާ އެކީގައި އުޅެވޭނެ މަގު އެކަލާނގެ ތަނަވަސްކޮށްދެއްވުން. އަދި އަޅުގަނޑުމެންގެ ދީނާއި، ޘަޤާފަތާއި، މާދަރީބަހާއި، އަޅުގަނޑުމެންގެ ދިވެހިވަންތަކަން ރައްކާތެރިކުރެވޭނެ ގޮތެއްގެމަތިން އަޅުގަނޑުމެންގެ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގެ ހެޔޮ ތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.