ނޮޅިވަރަންފަރުގައި މިހާރު އެޅިފައިވާ ގެތަކަށް މާވައިދުއާއި ކުނބުރުދުއާއި ފަރިދޫގައި ދިރިއުޅޭ މީހުން ވަރަށް އަވަހަށް ބަދަލުކުރައްވަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ނޮޅިވަރަންފަރަށް ވަޑައިގެން، މިއަދު މެންދުރުފަހު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނޮޅިވަރަންފަރުގައި ގެތައް އެޅުމުގެ މަސައްކަތް ވަރަށްބޮޑު ހިސާބަކަށް ކުރިއަށް ގެންދެވިފައިވާ ކަމަށާއި، އަދި އިތުރަށް 51ގެ އަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމާއެކު، މިހާރު ގެތައް ނިމެމުންދާއިރު، މީހުން ބަދަލުނުކޮށް ތިބުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށާއި، ގެތައް ނިމެމުންދިޔަ ވަރަކުން ބަދަލުކުރެވެން ތިބި މީހުން ވީހާވެސް އަވަހަކަށް ބަދަލުކުރެވޭނެ ގޮތެއް ހޯދުން އެއީ މުޅި މަޝްރޫޢަށް ލިބޭނެ ދިރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެތިންރަށުގައި ދިރިއުޅެމުން ގެންދާ މީހުންނަށް ނޮޅިވަރަންފަރުގައި މިހާރު ގެތައް އެޅިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އިތުރަށް އަޅަންޖެހޭ ގެތަކުގެ ބިންގާ އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި އެޅޭވަރުވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާވައިދުއާއި، ކުނބުރުދުއާއި، ފަރިދޫގައި ދިރިއުޅޭ މީހުން ނޮޅިވަރަންފަރަށް ބަދަލުކުރާއިރު، ކަރަންޓްގެ މައްސަލަވެސް ޙައްލުކުރަންޖެހޭ ކަމަށާއި، ނަރުދަމާގެ މައްސަލަވެސް ޙައްލުކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. ނަރުދަމާގެ މަސައްކަތް އަދި ފެށޭވަރުވާނީ ތިންމަސް ނުވަތަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައިކަން ބަޔާންކުރައްވަމުން، މީހުން ބަދަލުނުކުރައްވައި މިހާގިނަދުވަހު މަޑުނުކުރެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ވަގުތީ ނަރުދަމާއެއް ޤާއިމު ކުރެއްވުމަށް ވިސްނާވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ނޮޅިވަރަންފަރުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ އެހެން މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ނޮޅިވަރަންފަރު ސްކޫލްގައި އިތުރު ކްލާސްބަރިއެއް ހަދަން އެބަޖެހޭ ކަމަށާއި، މިނިސްޓްރީ އޮފް ފިނޭންސާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ވާހަކަފުޅު ދައްކަވައިގެން އެކަން ކުރެވޭނެ ގޮތެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ހިންގަވާ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަޅުގަނޑުމެން އެދޭގޮތަށް ބައެއްފަހަރު ކަންތައްތައްނުވެ، ބޭނުންވާ ތާރީޚަށް އެކަމެއް ނުނިމިދާ ކަމަށާއި، އެހެން ނަމަވެސް، އެއްވެސް ކަމެއް ހުއްޓަވާނުލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކަންކަން ނުވާނެ ކަމަށް ބައްލަވައި، އެއްވެސް ކަމެއް ދޫކޮށްނުލައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަންފަރަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި މީހުން ބަދަލުކުރުމަށް އަޅާ ނިމިފައިވާ ގެތަކާއި، އަދި އަޅަމުން ގެންދާ ގެތައް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށްޓަށާއި، ނޮޅިވަރަންފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.