ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ހިންގެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުން ހިންގަވަމުން ގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ކުޅުދުއްފުށްޓަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުޅުއްވަމުން މިއަދު އެމަނިކުފާނު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ސަރުކާރު ހިންގެވުމާ ހަވާލުވެވަޑައިގަތީއްސުރެ، ރާއްޖެއަށް މިހާރުން މިހާރަށް ބޭނުންވާ ޢުމްރާނީ ބައެއް މަސައްކަތްތައް އަވަހަށް ފެށޭނެގޮތަކީ ކޮބައިތޯ ބައްލަވަމުން ގެންދެވިކަން ހާމަކުރެއްވިއެވެ. އަދި ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި، ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތައް ފެށޭގޮތަށް ކަންކަން ރޭވި އިންތިޒާމް ކުރެވިފައިވާ ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ހަމައެކަނި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މިކަންކަން ހިންގަވާންވެއްޖެނަމަ، ވަރަށްދިގު މުއްދަތެއްގެ ތެރޭގައި ނޫނީ ރައްޔިތުންނަށް މިކަންކަން ފުރިހަމަގޮތުގައި ފޯރުއްވައިދެއްވެން ނެތް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިބާވަތުގެ ކަންކަންކުރާ އުޞޫލުން، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ނުވަތަ ސަރުކާރާއި ޢާންމު ވިޔަފާރިއާ ގުޅިގެން ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނޭ އުޞޫލުތަކެއް ހޯއްދެވުމަށް ނިންމެވީކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި މި އުޞޫލުން ވަރަށްގިނަ މަސައްކަތް މިހާރު މިވަނީ ހިންގަން ފެށިފައި ކަމާއި، ޚާއްޞަކޮށް، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ ފެނާއި، ނަރުދަމައާއި އަދި މަގުތައް ހެދުމާއި، ކަރަންޓްގެ ނިޒާމާ، މިކަންކަން ސީދާގޮތުގައި ފެށޭނެ މަގު ސަރުކާރަށް މިހާރު މިވަނީ ފަހިވެފައިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މިގޮތުން ފަށްޓަވާފައިވާ ބައެއް މަޝްރޫޢުތަކަށާއި އަދި ފަށްޓަވަން ނިންމަވާފައިވާ ބައެއް މަޝްރޫޢުތަކަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، މި މަސައްކަތްތައް ބާރު ސްޕީޑްގައި ހިންގެވެން އެބައޮތް ކަމުގައި ވިދާޅުވިއެވެ. "މިރާއްޖެއަށް، މިރާއްޖޭގެ ރައްޔިތުންނަށް މިފައިދާތަކާއި ފަސޭހަތައް، މިޚިދްމަތްތައް ފޯރުކޮށްދިނުމަކީ މިއަދުގެ ސަރުކާރަށް ކޮށްދެވެން އޮތް ކަމެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ހިންގުމަށް. ގެދޮރު ޢިމާރާތް ކުރުމުގެ ކަންތައް ފަހިކަމާއެކީގައި ގެންދެވޭނޭ އުޞޫލުތައް ހޯދަމުން. އަދި މަގުތައް ހެދޭނޭ ގޮތްތަކާއި، މުނިފޫހިފިލުވުމާއި، ކުޅިވަރުގެ ޙަރަކާތްތައް ހިންގޭނެ ގޮތްތަކާއި، މިހާރަށްވުރެ ރަނގަޅަށް އަޅުގަނޑުމެންގެ ދަރީންނަށް ތަޢްލީމު ދެވޭނެގޮތް ހޯދުމާއި، އަދި ހަމައެހެންމެ ރަނގަޅު ޞިއްޙަތެއް ފޯރުކޮށްދިނުމާއި އަދި އާމްދަނީ މަދު ނިކަމެތިންނަށް އަޅާލެވޭނެ ގޮތްތައް ސަރުކާރުން މިހާރު މިއޮތީ އިންތިޒާމް ކޮށްފައި. އަޅުގަނޑުމެންނަށް އޮތީ މިމަސައްކަތްތައް ބާރަށް ހިންގޭނެ ގޮތް ވެފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙްގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙް ވަރަށް ބޮޑަށް ކިލަނބުވެގެން ދިޔަ ދިޔުމުގެ ތެރޭގައި، ޙައްލެއް ހޯދުމަށް ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރާން ފެށުމާ ގުޅިގެން، ވަރަށް އުޖާލާ މަންޒަރެއް މިހާރު ފެނިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "އަޅުގަނޑު މި އުންމީދު ކުރަނީ، ޑީ.އާރު.ޕީ އާއި އެމް.ޑީ.ޕީ، މިދެޕާޓީގެ މަޝްވަރާތަކުން އަޅުގަނޑުމެންނަށް ރަނގަޅު ނަތީޖާ ފެންނާނެ ކަމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އިތުރު އިންތިޚާބެއް ބާއްވަވައިގެންވެސް ރާއްޖޭގެ ރައްޔިތުން ސީދާ އެދޭގޮތަށް ކަންތައްތައް ހިންގެވުމަށްޓަކައި ކުރައްވަން އޮތްކަމެއް ކުރައްވަން ތައްޔާރަށް ހުންނެވިކަންވެސް ހާމަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކަށްފަހު، ރިޔާސީ އިންތިޚާބަކަށް ވަޑައިގަތުމަށް ވަރަށްބޮޑަށް ތައްޔާރަށް ހުންނެވިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަމާޒަކީ މައިގަނޑު ގޮތެއްގައި ދެކަމެއް. އެއްކަމަކީ ރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމެއް އަށަގެންނެވުން. ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަމާއެކީގައި ބިރުގަތުމެއްނެތި އަދި އަރާމުކަމާއެކީގައި އުޅެވޭނޭ ގޮތެއް ހޯދޭތޯ މަސައްކަތް ކުރުން. ހަމައެއާއެކު، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ، ރާއްޖޭގެ ސީދާ މުއްސަނދިކަން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަމާޒު ކޮށްގެން ކުރާ މަސައްކަތްތައް ކުރިއަށް ގެންދިޔުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.